ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުނީރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-IH/2019/48، 13/NIC/2016
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ތުހުމަތުކުރެވުނު ފަރާތުގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށް މެޖިސްޓްރޭޓް ކޯޓުން ޙުކުމްކުރުމުން، އިސްތިއުނާފުގެ މުއްދަތު ފާއިތުވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓުގައި ހުއްދައަށް އެދުނެވެ. ރިޕޯޓު ލަސްވުމަކީ މަޤުބޫލު ސަބަބެއް ނޫންކަމަށް ބުނެ ހައިކޯޓުން ހުއްދަ ނުދިނެވެ.
- ވާޤިޢާ
- އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާގައި، ބާޠިލު ބަޔާންތަކުގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަމަށް 23 ޖަނަވަރީ 2019 ގައި ޙުކުމްކުރިއެވެ. އިސްތިއުނާފުކުރާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓަށް އެންގިއެވެ. ރިޕޯޓު ލިބުނީ 19 މާރޗް 2019 ގައެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ހެކިބަހާއި މަޙުޟަރު ބަޔާންތައް ލިބުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުން އިސްތިއުނާފުގެ މުއްދަތުގައި ހުށަނޭޅުނު ކަމަށާއި، ރިޕޯޓު ލިބުމުން އިސްތިއުނާފުކުރާނެކަން މުއްދަތުގެ ތެރޭގައި ހައިކޯޓަށް އަންގާފައިވާ ކަމަށާއި، ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ރެސްޕޮންޑެންޓުގެ ހުށަހެޅުމެއް ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ދަށު ކޯޓުން ހެކިބަސް ބާޠިލުކަމަށް ކަނޑައަޅާފައިވާ މައްސަލައެއްގައި އިސްތިއުނާފު ބިނާވާ އެންމެ މުހިންމު ލިޔެކިޔުމަކީ ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކެވެ. އެ ލިޔެކިޔުން ނެތި އިސްތިއުނާފު ބިނާކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން، ރިޕޯޓު ލަސްވުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދޭންޖެހޭ، އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެކެވެ.
ނިންމުން
ހައިކޯޓުގެ HC-IH/2019/48 ނިންމުމާ ޚިލާފަށް، މައްސަލަ…ހައިކޯޓުގެ HC-IH/2019/48 ނިންމުމާ ޚިލާފަށް، މައްސަލަ އިސްތިއުނާފުކުރުމުގެ މުއްދަތުގައި ހުށަނޭޅުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމަށް ކަނޑައަޅައި، މި މައްސަލައަކީ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުމުގެ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައިފި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުން ހެކިބަހަކީ ބާޠިލު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނަގާފައިވާ ހެކިބަސްކަމަށް ކަނޑައަޅާފައިވާ މައްސަލައެއްގައި، މައްސަލައިގެ އިސްތިއުނާފު އެމައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައް ކަމުގައިވާއިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެކެވެ.
HN2 އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، ހެކިބަހާއި މަޙުޟަރު ބަޔާންތައް ހިމެނޭ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު:
2020/SC-HCL/18
މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު:
(2020/SC-A/31) 2019/SC-L/160
ހުށަހެޅުނު ތާރީޚު:
05 ސެޕްޓެމްބަރ 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޢާންމު ނަން:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
ހ. ވެލާނާގެ / ކ.މާލެ
މިހާރުގެ އެޑްރެސް:
ހ. ވެލާނާގެ / ކ.މާލެ
ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު:
HC-IH/2019/48
ހުށަހެޅުނު ތާރީޚު:
26 މާރޗް 2019ނިމުނު ތާރީޚު:
16 މެއި 2019
ހުށަހެޅިފައިވާ މައްސަލަ
[1]ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/NIC/2016 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތ. ބުރުނީ، ވެނޯސް، އަޙްމަދު މުނީރުގެ މައްޗަށް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. އެ ޤަޟިއްޔާގައި ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓުން 23 ޖަނަވަރީ 2019 ގައި ޙުކުމްކޮށްފައިވަނީ ތ. ބުރުނީ، ވެނޯސް އަޙްމަދު މުނީރުގެ މައްޗަށް ކުރި ދަޢުވާގެ އަޞްލު ބިނާވެފައިވަނީ ޝަރުޢީ އަދި ޤާނޫނީގޮތުން ބާޠިލު ހެކިތަކެއްގެ މައްޗަށްކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ލިބިފައިވާ ޤަޟައީ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، ބާޠިލު އިޖުރާޢާތެއްގެ މައްޗަށް ބިނާކޮށް ހޯދާ ހެކި ޤަރީނާގެ މައްޗަށް ދަޢުވާ ނުކުރެވޭނެކަން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާތީ، ކޯޓުއަމުރެއްނެތި، ޤާނޫނާއި ޚިލާފަށް މީހަކު ބަންދުކޮށްގެން ހޯދާފައިވާ ބާޠިލު ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް، ތ. ބުރުނީ ވެނޯސް، އަޙްމަދު މުނީރުގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށެވެ. އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުންނެވެ.
[2]27 ޖަނަވަރީ 2019 ގައި އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓުގައި އެދުނެވެ. އަދި 29 ޖަނަވަރީ 2019 ވަނަ ދުވަހު، އިސްތިއުނާފުކުރަން ގަސްތުކުރާ ވާހަކަ ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީއަކުން އަންގާފައިވެއެވެ. ހައިކޯޓަށް ފޮނުވި ސިޓީގައި، 23 ޖަނަވަރީ 2019 ގައި ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/NIC/2016 ޤަޟިއްޔާގައި ޙުކުމް ކުރިނަމަވެސް، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީއާ، އަދި މައްސަލާގައި މިހާތަނަށް ފާހަގަކުރެވިފައި ހުރި ކަންކަމަށް ބަލައި، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ އެ ކޯޓުން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވެއެވެ.
[3]ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/NIC/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާންތަކުގެ ކޮޕީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވަނީ 19 މާރޗް 2019 ގައެވެ.
[4]އޭގެ 7 (ހަތެއް) ދުވަސްފަހުން 26 މާރޗް 2019 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، އެ އޮފީހުގެ ނަންބަރު 196-A2/95/2019/59 (29 ޖަނަވަރީ 2019) ސިޓީއާ ޙަވާލާދީ، 19 މާރޗް 2019 ގައި ކޮޅުމަޑުލު ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/NIC/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވާކަމަށް ބުނެ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވެއެވެ.
[5]ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މައްސަލައިގެ ރިޕޯޓު ލިބުން ލަސްވެފައިވާކަމަށް ބުނެ ހުށަހެޅި ސަބަބަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ބެލެވެން ނެތް ކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2019/48 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ގައި ކަނޑައަޅާފައިއެވެ.
[6]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2019/48 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" އަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މައްސަލަ ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓުގެ ނަންބަރު 2019/SC-L/160 ފޯމުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.
[7]މި މައްސަލައަކީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށަކާ ގުޅޭ މައްސަލައެއް ކަމުގައިވާއިރު، އަދި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިބަހަކީ ބާޠިލު އިޖުރާޢާތެއްގެ މައްޗަށް ބިނާކޮށް ނަގާފައިވާ ހެކިބަސްކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާއިރު، މައްސަލައިގެ އިސްތިއުނާފު އެމައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެން އޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި، މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެއްކަމަށް ދެކެމެވެ.
ނިންމުން
[8]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ތ. ބުރުނީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 13/NIC/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިނުވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)
ޢަލީ ރަޝީދު ޙުސައިން
ޑރ. މުޙައްމަދު އިބްރާހީމް
12 ޞަފަރު 1442
29 ސެޕްޓެމްބަރ 2020
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.