ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/21، 95-CR/PRIV/2024/08، 2187/Cv-C/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 2187/Cv-C/2021 ޤަޟިއްޔާގެ އިސްތިއުނާފު، ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ފުރާފައިވާ ފޯމެއްކަމަށް ބުނެ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/PRIV/2024/08 ގައި ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2024/21 ގައި އެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑް އިން ނެކްސަރ ކޮމްޕެނީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި 11 ޖަނަވަރީ 2024 ގައި ޙުކުމްކުރިއެވެ. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގައި އެއް ނުކުތާ ހިމަނައި، ތަފްޞީލުގެ ބަދަލުގައި ލިޔެކިޔުންތައް ދިރާސާކޮށް ނުކުތާތަކާއި ތަފްޞީލު އިސްލާޙުކުރުމުގެ ފުރުޞަތަކަށް އެދުނެވެ. ވަކީލު ޢައްޔަންކުރެވުން ލަސްވީތީ އިތުރު ފުރުޞަތު ބޭނުންވާ ކަމަށް ފޯމުގައި ބުނެފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުނާފީ ނުކުތާ ހިމަނައި އޭގެ ތަފްޞީލު ހިމަނާފައިނުވާ އިސްތިއުނާފު ފޯމެއްގައި، ވަކީލު ޢައްޔަންކުރެވުން ލަސްވުމުގެ ސަބަބުން މައްސަލަ ދިރާސާކޮށް ނިމިފައިނުވާތީ ތަފްޞީލު ހުށަހެޅުމަށް އިތުރު ފުރުޞަތަކަށް އެދުމަކީ، ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ ދަށުން ފޯމު އިސްލާޙުކުރުމުގެ ފުރުޞަތު ދޭންޖެހޭ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ނެކްސަރ ކޮމްޕެނީ ބުނީ، ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރު ރަޖިސްޓްރާރ މިހާތަނަށް މާނަކުރަމުން އައީ، ނުކުތާތައް ހިމަނައި ތަފްޞީލު ނުހިމަނާނަމަ ފޯމު އިސްލާޙުކުރުމަށް 7 ދުވަހުގެ ފުރުޞަތު ދޭ ގޮތަށް ކަމަށާއި، ރަޖިސްޓްރާރ ޙަވާލާދިން HC-RM/2023/79 ނިންމުމުންވެސް އެކަން އެނގޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- HC-RM/2023/79 ގައި 31 ވަނަ މާއްދާގެ (ބ) ގެ ދަށުން 7 ދުވަހުގެ ފުރުޞަތު ދީފައިވީނަމަވެސް ތަފްޞީލު ނުހުށަހަޅާތީ (ޅ) ގެ ދަށުން ބަލައިނުގަތެވެ. 2024/SC-HCL/04 ގައި ހުއްދަ ދިނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބުމަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމަށް ބަލައިގެންނެވެ. ހެކި ނެތި ހަމައެކަނި ވަކީލު ޢައްޔަންކުރުން ލަސްވުމަކީ އެފަދަ ސަބަބެއް ނޫނެވެ. އެ ސަބަބަށް މުއްދަތު އިތުރުކުރުމަކީ ބަންދުކުރުން އުނދަގޫ ދޮރެއް ހުޅުވިދާނެ ކަމެއްކަމަށް ހައިކޯޓުން ފާހަގަކުރީ ރަނގަޅަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 2187/Cv-C/2021 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/PRIV/2024/08 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/21 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަކީލު ޢައްޔަންކުރުން ލަސްވުމުގައި އަމިއްލަ ބާރު ނުފޯރުވޭ މަޤުބޫލު ސަބަބުތަކެއް ކުރިމަތިވިކަން އެނގޭނެ ހެކިތަކެއް ނެތި، ހަމައެކަނި ވަކީލު ޢައްޔަންކުރުން ލަސްވުމަކީ، އިސްތިއުނާފުގެ ތަފްޞީލު ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށްޓަކައި އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތެވެ.
HN2 އިސްތިއުނާފީ ނުކުތާ ހިމަނައި ތަފްޞީލު ހިމަނާފައި ނުވާ އިސްތިއުނާފެއްގައި، ވަކީލު ޢައްޔަންކުރުން ލަސްވުމުގެ ސަބަބަކަށްޓަކައި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ދިނުމަކީ ބަންދުކުރުން އުނދަގޫ ދޮރެއް ހުޅުވިދާނެ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/10
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/51
ހުށަހެޅުނު ތާރީޚު: 07 އޮގަސްޓު 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޢާންމު ނަން: _
ދާއިމީ އެޑްރެސް: މއ. މަލާޒް، މާލެ
މިހާރުގެ އެޑްރެސް: މއ. މަލާޒް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/21
ހުށަހެޅުނު ތާރީޚު: 04 މާރިޗު 2024
ނިމުނު ތާރީޚު: 24 އެޕްރިލް 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]1. ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ ދެކޮޅަށް އޭ.ޑީ.ކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުގެ ނަންބަރު 2187/Cv-C/2021 ޤަޟިއްޔާއިން ބަލައި ޙުކުމްކޮށްފައިވަނީ 11 ޖަނަވަރީ 2024 ގައެވެ.
[2]2. ސިވިލް ކޯޓުގެ މި ޤަޟިއްޔާ ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވަނީ، 11 ފެބުރުއަރީ 2024 ގައެވެ. މިގޮތުން ހުށަހެޅި ފޯމުގައި އެއް އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވާއިރު، އެ ނުކުތާގެ ތަފްޞީލު ހިމަނަން އޮންނަ ބައިގައި، ތަފްޞީލު ބަޔާންކުރުމުގެ ބަދަލުގައި ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންކޮށްފައިވަނީ، މައްސަލައިގެ ހުރިހާ ލިޔެކިޔުންތަކާއެކު މައްސަލަ ދިރާސާކޮށް މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކާއި އެ ނުކުތާތަކުގެ ތަފްޞީލު އިސްލާޙުކުރުމުގެ ފުރުޞަތެއް ދިނުމަށް އެދޭކަމަށެވެ.
[3]3. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު 95-CR/PRIV/2024/08 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، އެ އިސްތިއުނާފު ފޯމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އެ ޤަވާޢިދާ ޚިލާފަށް ފުރާފައިވާ ފޯމަކަށް ވާތީ، އެ ނަންބަރާއި، އަދި ހައިކޯޓުގެ ނަންބަރު HC-RM/2023/79 ނިންމުމާ ޙަވާލާދީ ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު ކޯޓަށް ބަލައިގަނެވެގެން ނެތްކަމަށެވެ.
[4]4. ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން އެކޯޓުގެ ނަންބަރު HC-RM/2024/21 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އިން ރަޖިސްޓްރާރ ގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
[5]5. މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2024/21 ނިންމުން ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މި ކޯޓުން އެ މައްސަލަ ބަލައި ނިމުނުގޮތެވެ.
[6]6. ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް އެ ކޯޓުގެ ފަނޑިޔާރުން ނިންމެވި ނިންމެވުން އިސްތިއުނާފު ކުރަމުން ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރު މިހާތަނަށް ހައިކޯޓުގެ ރަޖިސްޓްރާރ މާނަކުރަމުން އައި ގޮތަކީ، އިސްތިއުނާފީ ނުކުތާތައް ހިމަނައި ތަފްޞީލު ހިމަނާފައި ނުވާނަމަ، އެ އިސްތިއުނާފެއް އިސްލާޙުކުރުމުގެ ފުރުޞަތު ދިނުން ކަމާއި، މިގޮތުން 7 ދުވަހުގެ ފުރުޞަތެއް ރަޖިސްޓްރާރ ދޭ ކަމަށެވެ. އަދި މި މައްސަލައިގެ ނިންމުމުގައި ރަޖިސްޓްރާރ ޙަވާލާދީފައިވާ ހައިކޯޓުގެ ނަންބަރު HC-RM/2023/79 ނިންމުމުންވެސް އެކަން އެނގޭ ކަމަށެވެ.
[7]7. ހައިކޯޓުގެ ނަންބަރު HC-RM/2023/79 ނިންމުން ބިނާވި މައްސަލައިގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު ހުށަހަޅާފައި ނުވާތީ، ފޯމު އިސްލާޙު ކުރުމުގެ 7 ދުވަހުގެ ފުރުޞަތެއް ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން ދީފައިވެއެވެ. އެ ފުރުޞަތުގައި ވެސް އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމާފައިވަނީ އެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ޅ) ގެ ދަށުންނެވެ. އެ މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން އިތުރު ފުރުޞަތަކަށް އެދިފައިވަނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ ކަން ފާހަގަކުރެވެއެވެ. އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވާކަން ދަލާލަތު ކޮށްދޭ އެއްވެސް ލިޔުމެއް އެ މައްސަލައިގައި ހުށަހެޅިފައި ނުވާތީ، އެއީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމަށް ބަލައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.
[8]8. ހުށަހެޅިފައިވާ މި މައްސަލައިގައި ނެކްސަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވަނީ، ވަކީލު ޢައްޔަން ކުރެވުން ލަސްވުމުގެ ސަބަބުން މައްސަލަ ދިރާސާކޮށް ނިމިފައި ނުވާތީ އިސްތިއުނާފުގެ ތަފްޞީލު ހުށަހެޅުމަށް އިތުރު ފުރުޞަތު ބޭނުންވާކަމަށެވެ. ވަކީލު ޢައްޔަން ކުރުން ލަސްވުމުގައި އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބުތަކެއް ކުރިމަތިވިކަން އެނގޭނެ ހެކިތަކެއް ނެތި، ހަމައެކަނި ވަކީލު ޢައްޔަން ކުރުން ލަސްވުމަކީ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތެވެ. އަދި މި ސަބަބަކަށްޓަކައި އިސްތިއުނާފީ ނުކުތާ ހިމަނައި ތަފްޞީލު ހިމަނާފައި ނުވާނަމަ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު ދިނުމަކީ ބަންދުކުރުން އުނދަގޫ ދޮރެއް ހުޅުވިދާނެ ކަމެއްކަމުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ ރަނގަޅަށް ކަމަށް ފެނެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/21 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
ޢަލީ ރަޝީދު ޙުސައިން
މަޙާޒު ޢަލީ ޒާހިރު
30 ޞަފަރު 1446
03 ސެޕްޓެމްބަރ 2024
ފުޓްނޯޓު
- ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-HCL/04 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ރ) ގެ (2)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ބ)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ޅ)
- ސުޕްރީމް ކޯޓުގެ 2024/SC-HCL/04
- ހައިކޯޓުގެ HC-RM/2023/79
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.