އަޙްމަދު އިމްތިޔާޒް ޒުކާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2023/79، 95-CR/INDIV/2023/423، 616/HMC/2021
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 616/HMC/2021 ގައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ އެކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުކޮށް ޙުކުމްކުރިއެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2023/423 ގައި ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބަލައިނުގަނެ، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/79 ގައި އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- އިމްތިޔާޒް 31 އޮކްޓޫބަރު 2023 ގައި ހައިކޯޓަށް އިސްތިއުނާފު ހުށަހެޅިއިރު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ އިތުރު ފުރުޞަތަކަށް އެދުނެވެ. ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން 7 ދުވަހުގެ މުހުލަތު ދިނުމަށްފަހު، 15 ނޮވެންބަރު 2023 ގައިވެސް ރިޕޯޓު ނުލިބި ފޯމު ފުރިހަމަނުވުމުން އަނެއްކާވެސް ފުރުޞަތަށް އެދުނެވެ. މުހުލަތު ދިގުކުރުމުގެ އިޚްތިޔާރެއް ނެތްކަމަށް ބުނެ ރަޖިސްޓްރާރ މައްސަލަ ބަލައިނުގަތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބުމުން ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން ދެވުނު 7 ދުވަހުގެ މުހުލަތުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހަޅާފައި ނުވާ ޙާލަތުގައި، އެ ޤަވާޢިދުގެ 31 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފު ބަލައިނުގަތުމަށް ބަދަލުގެންނަންޖެހޭތޯއާއި، ރިޕޯޓު ނުލިބުމަކީ އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިމްތިޔާޒް ބުނީ، ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބުމުން ހައިކޯޓަށް އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ހުރަސް އެޅުނު ކަމަށާއި، ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަންކުރަންޖެހޭ މިންގަނޑުން ހެކި ވަޒަންކޮށްފައި ނުވާ ކަމަށާއި، މި ކަންކަމުގެ ތަފުޞީލު ހުށަހެޅެން އޮތީ ރިޕޯޓު ލިބިގެން ކަމުން، ފުރަތަމަ ހުށަހެޅި އިސްތިއުނާފު ފޯމުގައި އިސްތިއުނާފީ ނުކުތާތަކެއް ބަޔާންކޮށްފައިވާނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހައިކޯޓުން އިތުރު މުހުލަތު ދިނީ ރިޕޯޓު ނުލިބުމާއި ފޯމު އިޞްލާޙުކުރުމަށް ކަމަށާއި، ރިޕޯޓު ނުލިބުނުކަން ފުރަތަމަ ފޯމުން ފެށިގެން ބަޔާންކޮށްފައިވާ ކަމަށެވެ. އިސްތިއުނާފު ބަރޯސާވާ ހެކިބަހާއި މަޙުޟަރު ބަޔާންތައް ހިމެނެނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ކަމުން، އެ ލިޔެކިޔުން ނެތި އިސްތިއުނާފު ބިނާކުރުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޙައްޤަށް ހުރަސްއެޅޭ ކަމެކެވެ (2020/SC-HCL/07، 2020/SC-HCL/09). ރިޕޯޓު ލިބުނުކަމާމެދު ހައިކޯޓުން އެއްޗެއް ފާހަގަ ނުކުރާތީ ނުލިބުނުކަމަށް ބުނާ ބުނުން ރަނގަޅުކަމަށް ބަލައި، ފޯމު ފުރިހަމަނުވީ އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބަކާހުރެ ކަމަށް ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ HC-RM/2023/79 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ބާޠިލުކޮށް، 14 އޭޕްރިލް 2024 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އަޙްމަދު އިމްތިޔާޒް ޒުކާއަށް ދިނުމާއެކު، އެ ހުށަހެޅުމަށް ރިޢާޔަތްކޮށް މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ހައިކޯޓުގެ ރަޖިސްޓްރާރއަށް ލިބިގެންވާ ކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މައްސަލައެއްގެ އިސްތިއުނާފު ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކީ މައްސަލައިގެ ދެ ފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކެވެ. މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭނެ ކަމެކެވެ.
HN2 ދެ ފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭ ލިޔެކިޔުންތައް ކަމުން، ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކީ އިސްތިއުނާފު ބިނާކުރުމަށް ބަރޯސާވާ މުހިންމު ލިޔެކިޔުމެކެވެ.
HN3 ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ އިސްތިއުނާފީ ނުކުތާތައް ތަފުޞީލުކޮށްދެވިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައި ބުނާއިރު، އެ ރިޕޯޓު ލިބިފައިވާކަން ނުވަތަ ނޫންކަމާމެދު ހައިކޯޓުން ވަކި އެއްޗެއް ފާހަގަކޮށްފައި ނުވާނަމަ، އެންމެ މަޞްލަޙަތު ހުރި ގޮތަކީ ރިޕޯޓު ލިބިފައި ނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ކަމުގައި ބެލުމެވެ.
HN4 ދަށު ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވުމުން އިސްތިއުނާފު މުއްދަތުގައި އިސްތިއުނާފު ފޯމު ފުރިހަމަކޮށް ހުށަހެޅިފައި ނުވަނީ، އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/04
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/23
ހުށަހެޅުނު ތާރީޚު: 10 މާރޗް 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: އަޙްމަދު އިމްތިޔާޒް ޒުކާ
ޢާންމު ނަން: އިމްތިޔާޒް
ދާއިމީ އެޑްރެސް: ރުވާމާގެ، ޅ. ހިންނަވަރު
މިހާރުގެ އެޑްރެސް: ރުވާމާގެ، ޅ. ހިންނަވަރު
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2023/79
ހުށަހެޅުނު ތާރީޚު: 03 ޑިސެމްބަރ 2023
ނިމުނު ތާރީޚު: 05 ފެބްރުއަރީ 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ، އަޙްމަދު އިމްތިޔާޒު ޒުކާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 616/HMC/2021 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި، އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން 31 އޮކްޓޫބަރު 2023 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
[2]4.2. އަޙްމަދު އިމްތިޔާޒު ޒުކާ މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި އިރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ އިތުރު ފުރުޞަތަކަށް އެކޯޓުގައި އެދިފައިވެއެވެ. އަޙްމަދު އިމްތިޔާޒު ޒުކާ މިފަދައިން އެދިފައިވާތީ އާއި، އިސްތިއުނާފު ފޯމުގައި އިސްލާޙު ކުރަންޖެހޭ އެހެނިހެން ކަންކަން އިސްލާޙުކުރުމަށް، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ) ގެ ދަށުން، 15 ނޮވެންބަރު 2023 ގެ ނިޔަލަށް 7 ދުވަހުގެ މުހުލަތެއް އަޙްމަދު އިމްތިޔާޒު ޒުކާއަށް ހައިކޯޓުގެ ރަޖިސްޓްރާރ ދީފައިވެއެވެ.
[3]4.3. 15 ނޮވެންބަރު 2023 ގައި ހައިކޯޓަށް އިސްތިއުނާފު ފޯމު ހުށަހެޅިއިރުވެސް، އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމު ފުރިހަމަ ކުރެވިފައި ނުވެއެވެ. އަދި އެ ދުވަހާ ހަމައަށްވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ އިތުރު ފުރުޞަތަކަށް އަނެއްކާވެސް ހައިކޯޓުގައި އެދިފައިވެއެވެ.
[4]4.4. އެހެންނަމަވެސް، ހައިކޯޓުގެ ނަންބަރު 95-CR/INDIV/2023/423 "ރަޖިސްޓްރާރގެ ނިންމުން" އިން ނިންމާފައިވަނީ، ހައިކޯޓުގެ ޤަވާޢިދުގެ ދަށުން ރަޖިސްޓްރާރ އަށް ލިބިގެންވަނީ 7 ދުވަހުގެ އިޚްތިޔާރެއް ކަމާއި، މި މުއްދަތު ކުރު ކުރުމުގެ ނުވަތަ ދިގު ކުރުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އަށް ލިބިގެން ނުވާތީއާއި، ފޯމު އިސްލާޙު ކުރުމަށް ދެވުނު 7 ދުވަހުގެ މުހުލަތު 23 ނޮވެންބަރ 2023 އާ ހަމައަށް ހަމަވެފައިވާއިރު، އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލު ހުށަހަޅާފައި ނުވާތީ، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފީ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.
[5]4.5 ބަޔާންވެދިޔަ ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ހައިކޯޓުގެ ނަންބަރު HC-RM/2023/79 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" އިން ނިންމާފައިވަނީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށެވެ.
[6]4.6 މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2023/79 ނިންމުން އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ނިމުނުގޮތެވެ.
[7]4.7 ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަމުން އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުން ދޭހަވަނީ، އެފަރާތަށް ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، ހައިކޯޓަށް އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ހުރަސްތަކެއް އެޅުނުކަމަށާއި، ދަށުކޯޓުގެ ފަނޑިޔާރު ހެކި ވަޒަންކުރަންޖެހޭ މިންގަނޑުން ހެކި ވަޒަންކޮށްފައި ނުވާކަން ފާހަގަވާ ކަމަށާއި، މި ކަންކަމުގެ ތަފުޞީލު ހުށަހެޅެން އޮތީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިގެން ކަމުގައިވާތީ، ހައިކޯޓަށް ފުރަތަމަ ހުށަހެޅި އިސްތިއުނާފު ފޯމުގައި އިސްތިއުނާފީ ނުކުތާތަކެއް ބަޔާންކޮށްފައިވާނެ ކަމަށެވެ.
[8]4.8 މައްސަލަ ހުށަހެޅުމާ ގުޅިގެން އަޙްމަދު އިމްތިޔާޒު ޒުކާއަށް ހައިކޯޓުން އިތުރު ފުރުޞަތެއް ދިނީ ދެކަމަކާ ގުޅިގެންނެވެ. ފުރަތަމަ ކަމަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ނުވުމެވެ. ދެވަނަ ކަމަކީ ފޯމުގައި އިޞްލާޙު ކުރަން ހުރި އެނޫން ކަންކަން އިޞްލާޙު ކުރުމެވެ. ރަޖިސްޓްރާރ މައްސަލަ ބަލައި ނުގަންނަން ނިންމާފައިވަނީ 07 ދުވަހުގެ އިތުރަށް އިތުރު މުހުލަތެއް ދެވެން ނެތްއިރު، ދެވުނު މުހުލަތުގައި އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހަޅާފައި ނުވާތީއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހުށަހެޅިފައިނުވަނީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައިނުވާތީކަން ހައިކޯޓަށް އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފޯމުން ފެށިގެން ހުރިހާ ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ.
[9]4.9. މައްސަލައެއްގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ، މައްސަލައިގެ ދެ ފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެން އޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވެއެވެ. ދެ ފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭ ލިޔެކިޔުންތަކެވެ.
[10]4.10. ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ތަފުޞީލު ކޮށްދެވިފައި ނުވަނީ، ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައި ނުވާތީ ކަމުގައި އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ހައިކޯޓުގައި ބުނެފައިވީ ނަމަވެސް، އަޙްމަދު އިމްތިޔާޒު ޒުކާއަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވާކަން ނުވަތަ ނޫންކަމާމެދު ހައިކޯޓުން ވަކި އެއްޗެއް ފާހަގަކޮށްފައި ނުވެއެވެ. އެހެންކަމުން މި މައްސަލައިގައި އެންމެ މަޞްލަޙަތު ހުރި ގޮތަކީ، ދަށުކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އަޙްމަދު އިމްތިޔާޒު ޒުކާގެ ފަރާތުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ކަމުގައި ބެލުމެވެ.
[11]4.11. ނަތީޖާއެއްގެ ގޮތުން އަޙްމަދު އިމްތިޔާޒު ޒުކާއަށް އިސްތިއުނާފު މުއްދަތުގައި އިސްތިއުނާފު ފޯމު ފުރިހަމަކޮށް ހުށަހެޅިފައި ނުވަނީ، އަމިއްލަ ބާރުނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަން އެނގެއެވެ.
5. ނިންމުން
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު HC-RM/2023/79 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ބާޠިލުކޮށް، 14 އޭޕްރިލް 2024 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު އިސްތިއުނާފީ ނުކުތާތަކުގެ ތަފުޞީލު ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އަޙްމަދު އިމްތިޔާޒު ޒުކާއަށް ދިނުމާއެކު، އެ ހުށަހެޅުމަށް ރިއާޔަތްކޮށް، މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ހައިކޯޓުގެ ރަޖިސްޓްރާރ އަށް ލިބިގެންވާ ކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މަޙާޒު ޢަލީ ޒާހިރު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
މުޙައްމަދު އިބްރާހީމް
29 ރަމަޟާން 1445
08 އޭޕްރިލް 2024
ފުޓްނޯޓު
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-HCL/07 އާއި ނަންބަރު 2020/SC-HCL/09 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ބ)
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 31 ވަނަ މާއްދާގެ (ޅ)
- ސުޕްރީމް ކޯޓުގެ 2020/SC-HCL/07 ("އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް")
- ސުޕްރީމް ކޯޓުގެ 2020/SC-HCL/09 ("އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް")
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.