ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/09, 2019/SC-A/87, 2020/SC-L/131

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު އިބްރާހީމް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ސެޕްޓެމްބަރު 2020ދަށު ކޯޓު: ހައިކޯޓު HC-IH/2019/45ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2019/45، 1255/Cr-C/2016
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުޑަކުއްޖަކާމެދު ބަދު އަޚްލާޤީ ޢަމަލެއް ހިންގުމުގެ ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެކި ހުށަނާޅާތީ ދަޢުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން 1255/Cr-C/2016 ގައި ޙުކުމްކުރިއެވެ. މުއްދަތު ހަމަވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އެދުނު އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން HC-IH/2019/45 ގައި ނުދިނެވެ.
ވާޤިޢާ
ޙުކުމްކުރިތާ ފަސް ދުވަސް ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި، ރިޕޯޓު ލިބުމުން އިސްތިއުނާފުކުރާނެކަން ހައިކޯޓަށް އެންގިއެވެ. ރިޕޯޓާއި ޝަރީޢަތުގެ މަޖިލީހުގެ ބަޔާންތައް ލިބުނީ 21 މާރިޗް 2019 ގައެވެ. 08 އޭޕްރިލް 2019 ގައި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ބަޔާންތައް ލިބުން ލަސްވުމަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުން ކަމަށާއި، އެ ސަބަބު މަޤުބޫލު ސަބަބެއްކަމަށް ބަލައިނުގަނެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ޖަވާބުދާރީވާ ފަރާތުގެ ހުށަހެޅުމެއް ނިންމުމުގައި ނެތެވެ.
ކޯޓުގެ ސަބަބުތައް
ހެކި ނުފުދޭކަމަށް ބުނެ ނިންމާ މައްސަލައެއްގެ އިސްތިއުނާފު ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކީ ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކެވެ. އެ ލިޔެކިޔުން ނެތި އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ކަމަކަށްވާތީ، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްކަމަށް ކޯޓު ދެކެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ކުރިމިނަލް ކޯޓުގެ 1255/Cr-C/2016 ގެ ޙުކުމް މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެވުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބަކާހުރެ ކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުނު ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެންއޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެކެވެ.

HN2 އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މިފަދަ ލިޔެކިޔުން ލިބުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/09

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2019/SC-A/87) 2020/SC-L/131

ހުށަހެޅުނު ތާރީޚު:

16 ޖުލައި 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޢާންމު ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދާއިމީ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

މިހާރުގެ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-IH/2019/45

ހުށަހެޅުނު ތާރީޚު:

08 އޭޕްރިލް 2019ނިމުނު ތާރީޚު:

08 މެއި 2019

ހުށަހެޅިފައިވާ މައްސަލަ

[1]ކުރިމިނަލް ކޯޓުގެ ނަންބަރު 1255/Cr-C/2016 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޅ. ނައިފަރު، މިސްކިތްދޮށުގެ، އަޙްމަދު އިބްރާހީމްގެ މައްޗަށް ކުޑަކުއްޖަކާމެދު ބަދު އަޚްލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާކުރިއެވެ. އެ ޤަޟިއްޔާގައި ކުރިމިނަލް ކޯޓުން 30 ޖަނަވަރީ 2019 ގައި ޙުކުމްކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދަޢުވާ ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިނުވާތީ، އެ ދަޢުވާ ސާބިތުނުވާކަމަށެވެ.

[2]04 ފެބްރުވަރީ 2019 ގައި އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި އެދުނެވެ. އަދި ހަމަ އެދުވަހުގައި، މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އޭރު ލިބިފައިނުވާކަމަށާއި، ނަމަވެސް މައްސަލައިގައި އެހާތަނަށް ފާހަގަކުރެވިފައިވާ ކަންކަމަށް ބަލައި، އެ މައްސަލައިގެ ޙުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގަސްދުކުރާކަމަށާއި، އަދި އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން މައްސަލަ އިސްތިއުނާފަށް ހުށަހަޅާނެކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓަށް ސިޓީ ފޮނުވާފައިވާކަން އެނގެންއޮވެއެވެ.

[3]ކުރިމިނަލް ކޯޓުގެ ނަންބަރު 1255/Cr-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާންތަކުގެ ކޮޕީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވަނީ 21 މާރިޗް 2019 ގަ އެވެ.

[4]އަދި 08 އެޕްރީލް 2019 ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، އެ އޮފީހުގެ ނަންބަރު 196-A1/95/2019/86 (04 ފެބުރުއަރީ 2019) ސިޓީ އަށް ޙަވާލާދީ، ކުރިމިނަލް ކޯޓުގެ ނަންބަރު 1255/Cr-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު 21 މާރޗް 2019 ގައި ލިބިފައިވާކަމަށް ބުނެ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވެއެވެ.

[5]ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރުމުގެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބެއްކަމުގައި މައްސަލައިގެ ރިޕޯޓު ލިބުން ލަސްވެފައިވާކަމަށް ބުނެ ހުށަހެޅި މި ސަބަބަކީ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ބެލެވެންކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2019/45 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ނިންމުމުން ނިންމާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ހައިކޯޓުގެ ނަންބަރު HC-IH/2019/45 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ނިންމުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ކަނޑައަޅައި، މައްސަލަ ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓުގެ ނަންބަރު 2020/SC-HCL/09 ފޯމުން ހުށަހެޅުމުން ބެލުނު މައްސަލައެވެ.

[6]މި މައްސަލައިގައި ކަންހިންގާދިޔަގޮތަށާއި މައްސަލައިގެ ބާވަތަށް ރިޢާޔަތްކުރާއިރު، މި މައްސަލައަކީ ދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ ކުރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވާއިރު، މައްސަލައިގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެންއޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެއްކަމަށް ދެކެމެވެ.

ނިންމުން

[7]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ކުރިމިނަލް ކޯޓުގެ ނަންބަރު 1255/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުސްނުއްސުޢޫދު

21 މުޙައްރަމް 1442

9 ސެޕްޓެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ