ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/14, 2020/SC-A/24, 2019/SC-L/167

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އާދަމް އަބޫބަކުރު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ސެޕްޓެމްބަރު 2020ދަށު ކޯޓު: ހައިކޯޓު HC-N-IH/2019/04ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-N-IH/2019/04، 80/B12C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ ސާބިތުނުވާކަމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން 80/B12C/2017 ގައި ނިންމިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އެދުނު އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން HC-N-IH/2019/04 ގައި ނުދިނެވެ.
ވާޤިޢާ
ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތުގައި އިސްތިއުނާފު ނުކުރެވުނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުން ކަމަށް ބުނިއެވެ. ރިޕޯޓު ލިބުނީ އެދުނުތާ 114 ދުވަސް ފަހުންނެވެ. ރިޕޯޓު ލަސްވުމަކީ އޭގެ ޒާތުގައި މަޤުބޫލު އުޒުރެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ 2018/SC-A/46 ގައި ނިންމާފައިވާތީ، ހައިކޯޓުން ހުއްދަ ނުދިނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ ކުރިން އެދުނު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަބްދައަށް ތަބާވާން ޖެހެނީ އެއް ބާވަތެއްގެ މައްސަލައިގައި ކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 163 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު ރިޕޯޓު ނުލިބުމަކީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ މަޤުބޫލު ސަބަބެއް ކަމަށާއި، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. ޖަވާބުދާރީވާ ފަރާތުން ޖަވާބެއް ނުދެއެވެ.
ކޯޓުގެ ސަބަބުތައް
ޙުކުމް ބިނާކޮށްފައިވާ ސަބަބު ނޭނގި އެކަށީގެންވާ ގޮތެއްގައި އިސްތިއުނާފުކުރުމަކީ މުސްތަޙީލު ކަމެކެވެ. މުއްދަތު ހަމަވުމުގެ ކުރިން އެދުނު ރިޕޯޓު ނުލިބުމަކީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް އުފަންވާ ޙާލަތެކެވެ. އެ ޙާލަތުގައި އިސްތިއުނާފު ބަލައިނުގަތުމަކީ އިސްތިއުނާފުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. މައުޟޫޢީ ނުކުތާތަކަށް އިދާރީ ނިންމުމުން ގޮތެއް ނުނިންމެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ 80/B12C/2017 ގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން HC-N-IH/2019/04 ގައި ނިންމި އިޖުރާއީ ނިންމުން ރަނގަޅު ނޫންކަމަށާއި، މުއްދަތުގައި އިސްތިއުނާފު ނުކުރެވޭފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެފައިވާތީ، ނިންމުނު ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފު ހުށަހަޅައިފިނަމަ، އިސްތިއުނާފު ޤަބޫލުކުރުމާމެދު ގޮތެއް ނިންމަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި. ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި މައުޟޫޢީ ނުކުތާތަކަށް މި އިދާރީ ނިންމުމުން ގޮތެއް ނުނިންމެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމް ކުރުމުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅައި، އެ ރިޕޯޓު ލިބިފައިނުވާ ޙާލަތުގައި، ޙުކުމް ބިނާކޮށްފައިވާ ސަބަބު އެނގުމަކާއި ނުލައި، އެކަށީގެންވާ ގޮތެއްގައި އެ ޙުކުމެއް ނުވަތަ ޙުކުމަށް ވާޞިލުވީ ސަބަބެއް އިސްތިއުނާފުކުރުމަކީ މުސްތަޙީލު ކަމެކެވެ.

HN2 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ މައްސަލަ ނިންމި ކޯޓުން އެކުލަވާލާ ދޫކުރާ ލިޔުމެއް ކަމުގައިވެފައި، އެ ރިޕޯޓު ހޯދުމަށް އެދި، އިސްތިއުނާފު މުއްދަތު ހަމަވުމުގެ ކުރިން ރިޕޯޓަށް އެދުނު ފަރާތަށް ރިޕޯޓު ލިބިފައިނުވުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ އަމިއްލަ ބާރު ނުފޯރުވޭ މަޤުބޫލު ސަބަބެއް އުފަންވާ ޙާލަތެކެވެ.

HN3 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދުނު ފަރާތަށް އިސްތިއުނާފު މުއްދަތު ހަމަވުމުގެ ކުރިން ރިޕޯޓު ނުލިބުމުގެ ސަބަބުން އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމުގައި ބުނެ، އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނުގަތުމަކީ އިސްތިއުނާފު ކުރުމުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

HN4 ހައިކޯޓުގެ އިޖުރާއީ ނިންމުމެއް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އެ ނުކުތާތަކުގެ މައްޗަށް ޤަޟާއީ ގޮތުން ގޮތް ނިންމަންޖެހޭ މައުޟޫޢީ ނުކުތާތަކެއް ކަމުގައިވެފައި، އެ ނިންމުން މުރާޖަޢާކުރުމަކީ އިދާރީ ގޮތުން ނިންމާ ނިންމުމެއް ކަމުގައިވާތީ، އެ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް އެ ނިންމުމުގެ ތެރެއިން ގޮތެއް ކަނޑައަޅައެއް ނުދެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/14

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

2019/SC-L/167

ހުށަހެޅުނު ތާރީޚު:

30 ސެޕްޓެމްބަރ 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޢާންމު ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދާއިމީ އެޑްރެސް:

ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު، މާލެ

މިހާރުގެ އެޑްރެސް:

ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު، މާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-N-IH/2019/04

ހުށަހެޅުނު ތާރީޚު:

20 ޖަނަވަރީ 2019ނިމުނު ތާރީޚު:

27 ޖޫން 2019

ހުށަހެޅިފައިވާ މައްސަލަ

[1]ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅާފައިވާ މައްސަލައަކީ ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 80/B12C/2017ގަޟިއްޔާގައި ދައުލަތުގެ ފަރާތުން ހދ.ކުޅުދުއްފިށި / ހަތިހާ، އާދަމް އަބޫބަކުރު (ދ.ރ. ކާޑު ނަންބަރު A129016) ގެ މައްޗަށް ކުރި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ މައްސަލައެވެ.

[2]ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 80/B12C/2017ގަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، އެކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" ގައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމުގައި ނިންމާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެފަދައިން ނިންމާފައިވަނީ ކަނޑައަޅާފައިވާ އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅިފައިނުވަނީ ދަށުކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުން ކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމަކީ އޭގެ ޒާތުގައި މައްސަލަ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރުމަށް އޮތް މަޤުބޫލު އުޒުރެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/46 ޤަޟިއްޔާއިން ނިންމާފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ސަބަބަކީ މަޤުބޫލު ސަބަބެއްކަމުގައި ބަލައިގަނެވެން ނެތުމުން ކަމުގައި އޮވެއެވެ.

[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

[4]ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަބްދައުއަށް ތަބާވުން ލާޒިމުވާނީ އެއް ބާވަތެއްގެ މައްސަލައިގައި ކަން؛ އަދި

[5]ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 163 ވަނަ މާއްދާގެ (ހ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 4/2010 ޢާންމު ސިޓީ (21 މާރޗް 2010) ގެ 3 ވަނަ ނަންބަރަށާއި، ރިޕޯޓު ލިބިގަތުމަށް ކޮށްފައިވާ މަސައްކަތަށް ބެލުމުން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 80/B12C/2017 ގަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވަނީ އެ ރިޕޯޓަށް އެދުނުތާ 114 (ސަތޭކަ ސާދަ) ދުވަސް ފަހުން ކަމުގައިވާތީ، އަދި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ އަމިއްލަ ބާރު ނުފޯރުވޭ މަޤުބޫލު ސަބަބެއް ކަމުގައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، 268 ވަނަ މާއްދާގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ އެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަން.

[6]ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ޖަވާބު، 10 އޯގަސްޓް 2020 ގެ 12:00 ގެ ކުރިން ހުށަހެޅުމަށް އާދަމް އަބޫބަކުރަށް 22 ޖުލައި 2020 ގައި އަންގާފައިވާހިނދު، އާދަމް އަބޫބަކުރުގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވެއެވެ.

[7]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިސްތިއުނާފު ކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކުރުމުން އަންނަނިވި ކަންކަން ފާހަގަވެއެވެ.

[8]މައްސަލައިގެ ޙުކުމް ކުރުމުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި ހުށަހަޅައި، އެ ރިޕޯޓު ލިބިފައިނުވާ ޙާލަތުގައި، ޙުކުމް ބިނާކޮށްފައިވާ ސަބަބު އެނގުމަކާއި ނުލައި، އެކަށީގެންވާ ގޮތެއްގައި އެ ޙުކުމެއް ނުވަތަ ޙުކުމަށް ވާޞިލުވީ ސަބަބެއް އިސްތިއުނާފުކުރުމަކީ މުސްތަޙީލު ކަމެއްކަން؛

[9]ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ މައްސަލަ ނިންމި ކޯޓުން އެކުލަވާލާ ދޫކުރާ ލިޔުމެއް ކަމުގައިވެފައި، އެ ރިޕޯޓު ހޯދުމަށް އެދި، އިސްތިއުނާފު މުއްދަތު ހަމަވުމުގެ ކުރިން ރިޕޯޓަށް އެދުނު ފަރާތަށް ރިޕޯޓު ލިބިފައިނުވުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ އަމިއްލަ ބާރު ނުފޯރުވޭ މަޤުބޫލު ސަބަބެއް އުފަންވާ ޙާލަތެއްކަން؛

[10]ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް އެދުނު ފަރާތަށް އިސްތިއުނާފު މުއްދަތު ހަމަވުމުގެ ކުރިން ރިޕޯޓު ނުލިބުމުގެ ސަބަބުން އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ ކަމުގައި ބުނެ، އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނުގަތުމަކީ އިންސާފުގެ ހަމައިން އަދި ބުއްދީގެ ހަމައިން ބަލާއިރުވެސް ދެކޮޅުޖެހޭ ކަމެއް ކަމުގައި ނުވުމުގެ އިތުރުން، އެ ނިންމުމުގެ ސަބަބުން އިސްތިއުނާފު ކުރުމުގެ ޙައްޤަށް ނޭދެވޭ އަސަރުކުރާ ކަމެއްކަން.

[11]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ (މި ނިންމުމުގެ 4.3 ގެ ދަށުން ފާހަގަކޮށްފައިވާ) ނުކުތާތަކަކީ އެ ނުކުތާތަކުގެ މައްޗަށް ޤަޟާއީ ގޮތުން ގޮތް ނިންމަންޖެހޭ މައުޟޫޢީ ނުކުތާތަކެއް ކަމުގައިވެފައި، މި ނިންމުމަކީ އިދާރީ ގޮތުން ނިންމާ ނިންމުމެއް ކަމުގައިވާތީ، އެ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް މި ނިންމުމުގެ ތެރެއިން ގޮތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރަމެވެ.

[12]މި ނިންމުމުގެ 4.5 ގައި ފާހަގަކޮށްފައިވާ ސަބަބުތައް އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފު ކުރި ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 80/B12C/2017 ގަޟިއްޔާގެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިން ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ބެލެވޭން ނެތެވެ.

ނިންމުން

[13]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-N-IH/2019/04 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" އިން ނިންމާފައިވާ އިޖުރާއީ ނިންމުން ނިންމާފައިވަނީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރެވޭފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެފައިވާތީ ކަމުގައި ބުރަވެވޭތީ، މި ނިންމުމުގެ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 80/B12C/2017 ގަޟިއްޔާގެ މައްސަލަ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅައިފިނަމަ، އިސްތިއުނާފު ޤަބޫލުކުރުމާމެދު ގޮތެއް ނިންމަންޖެހޭ މައްސަލައެއްކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

މަޙާޒު ޢަލީ ޒާހިރު

ޙުސްނުއްސުޢޫދު

21 މުޙައްރަމް 1442

09 ސެޕްޓެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ)
  • ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގެ 163 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 4/2010 ޢާންމު ސިޓީ (21 މާރޗް 2010) ގެ 3 ވަނަ ނަންބަރު
  • ސުޕްރީމް ކޯޓުގެ 2018/SC-A/46

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ