ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/46ސުޕްރީމް ކޯޓު · 17 އޭޕްރީލް 2019

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 17 އޭޕްރީލް 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2018/SC-A/46

ދަޢުވާކުރާ ފަރާތް: ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 19 ސެޕްޓެންބަރު 2018

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 އޮކްޓޫބަރު 2018

ނިމުނު ތާރީޚް: 17 އެޕްރީލް 2019

މައްސަލަ ނިންމި ގަޑި: 11:05

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 271/HC-A/2015

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 22 ޖުލައި 2015

ނިމުނު ތާރީޚް: 26 ޖޫން 2018

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/HC-A/2015 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އެވެ.

ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/HC-A/2015 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 271/HC-A/2015 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/HC-A/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކުގައި ތަޠްބީޤުކުރެވޭ ޤާނޫނީ ޢާންމު މަބްދައުތަކާއި އުޞޫލުތަކުގެ މައްޗަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައި ވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 2010 ފެބުރުވަރީ 01 ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސް (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރު ޚިދުމަތްދިނުމުގެ އެންމެހާ ކަންކަން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ މި އެއްބަސްވުމުގެ ދަށުން ޙަވާލުކޮށް، މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއަށް ލާޒިމްވެގެންވާ އިލްތިޒާމްތައް ފުރިހަމަނުކޮށް، މި އެއްބަސްވުން ބާޠިލްކޮށްފައިވާތީ، އެއްބަސްވުން ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، މި އެއްބަސްވުން ބާޠިލްކުރުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ސީދާ މާލީ ގެއްލުންކަމަށްވާ 2,410,343,581/-ރ. (ދެ ބިލިއަން ހަތަރުސަތޭކަ ދިހަމިލިއަން ތިންސަތޭކަ ސެޔާޅީސްހާސް ފަސްސަތޭކަ އެކާހި ރުފިޔާ) އެކީ އެއްފަހަރާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ނަގައިދިނުމަށް އެދި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، އެ ޤަޟިއްޔާގެ ޙުކުމުގައި "....... ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި އަމިއްލަ ފަރާތްތަކާ ޙަވާލުކުރުމަށް ސަރުކާރުގެ ފަރާތުން، ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް (މިހާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) އިން 16 އެޕްރީލް 2009 ވަނަ ދުވަހު ހުޅުވާލި އިންޓެގްރޭޓެޑް ޕަބްލިކް ޓްރާންސްޕޮޓޭޝަން ނެޓްވޯކް ޕްރޮޖެކްޓްގެ ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރ.އެފް.ޕީ) ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އުތުރު ޕްރޮވިންސް ސަރަޙައްދު (ނ، ރ، ބ އަދި ޅ އަތޮޅު) ގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމުގެ މަޝްރޫޢު ކާމިޔާބުކުރުމާ ގުޅިގެން ނ، ރ، ބ އަދި ޅ އަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާއި ދައުލަތާ ދެމެދު01 ފެބުރުވަރީ 2010 ދުވަހު ޓްރާންސްޕޯޓް ސާވިސް އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމާއި، މި އެއްބަސްވުމުގެ މަޤްޞަދަކީ މި އެއްބަސްވުމުގެ ދަށުން ޢާއްމުންނަށް ދަތުރުފަތުރުގެ ޚިދުމަތް ކުޑައަގެއްގައި ދިނުންކަމަށްވާތީ އެކަމުގެ ސަބަބުން ޚިދުމަތްދޭ ފަރާތަށް މާލީގޮތުން ލިބިދާނެ ގެއްލުންތައް ފޫބެއްދުމުގެ ގޮތުން "ކްރޮސް ސަބްސިޑީ" ގެ ގޮތުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ކޮންމެ ރަށަކުން ފެރީ ޓާމިނަލް އެޅުމަށް ބިންދޫކުރަން އެއްބަސްވެ، ފެރީ ޓާމިނަލް ތަރައްޤީކުރުމަށް ދޫކުރާ ކޮންމެ ބިމެއްގައިވެސް އެންމެ ކުޑަ ޓެކްސް ސްކީމެއްގެ ދަށުން ހޮޓާ ނުވަތަ ގެސްޓްހައުސްފަދަ ސިނާއީ މަސައްކަތެއް ކުރުމުގެ ހުއްދަ ދޫކުރުމާއި، ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް 15 ހެކްޓަރުގެ ބިން ދިނުމަށް އެއްބަސްވެފައިވާކަމާއި، މިގޮތުން ދެފަރާތުގެ އެއްބަސްވުމުގައިވާ ޝަރްޠުތަކާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވެފައިވާކަމަށް ބުނެ 30 މޭ 2013 ވަނަ ދުވަހު އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) އާ ޙަވާލާދީ ދައުލަތުން އެއްބަސްވުން ބާޠިލްކޮށްފައިވާކަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަންބަރު 69-A/PRIV/2013/58 ސިޓީއިން އެނގެން އޮންނަކަމާއި، އަދި އިންފިރާދީ ގޮތެއްގައި އެއްބަސްވުން ބާޠިލްކުރިކުރުމަކީ ޤާނޫނާ ޚިލާފަށް (Ultra Vires) ކޮށްފައިވާ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް US$ 156,312,813 (އެއްސަތޭކަ ސަވަންނަ މިލިއަން ތިންސަތޭކަ ބާރަހާސް އަށްސަތޭކަ ތޭރަ އެމެރިކާ ޑޮލަރު) ގެ ގެއްލުންވާނެކަމަށް 30 މޭ 2013 ގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ދައުލަތަށް އަންގާފައިވާކަން އެ ކުންފުނީގެ ނަންބަރު DBJ-0013-GoM-006 (30 މޭ 2013) ސިޓީއިން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން އެއްބަސްވުން ބާޠިލްކުރެވޭނީ ފޯސްމޭޖަރ (އަމިއްލަ އިޚްތިޔާރުގައި ނުވާކަމެއް މެދުވެރިވުން) ޙާލަތެއް މެދުވެރިނުވެ، އެއްބަސްވުމުގެ ދަށުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ފޯރުކޮށްދޭންޖެހޭ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްނުދެވި ވިދިވިދިގެން 5 (ފަހެއް) ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސްވެއްޖެ ހިނދެއްގައި ކަމާއި، އަދި އެފަދަ ޙާލަތުގައި ލިޔުމުން ފޮނުވޭ ނޯޓިސްއަކުން އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވިއަސް މިގޮތުން އެއްބަސްވުން ބާޠިލްކުރުމަށް ދައުލަތަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ކުރެވޭނީ އެއްބަސްވުމުގެ ދަށުން ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއާތު ފުރިހަމަކޮށްގެންކަމާއި، 29 މޭ 2013 ވަނަ ދުވަހު ބ. ފުޅަދޫއާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީ އެ ދެ ރަށުގެ ޚިދުމަތް ކުރިއަށް ގެންގޮސްގެން މެނުވީ އެ ސަރަޙައްދުގެ ފެރީގެ ޚިދުމަތް ފުރިހަމަވީކަމަށް ބެލެވެން ނެތްކަމަށާއި ވީއެންމެ އަވަހަކަށް އެ ދެ ރަށަށް ޚިދުމަތް ފައްޓައި ދިނުން އެދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަންބަރު 69/PRIV/2013/65 (29 މޭ 2013) ސިޓީއިން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގަވާފައި އޮތް އެންގެވުމަށް ބަލާއިރު، ޚިދުމަތް މެދުކެނޑުނު ދުވަސްކަމަށްވާ 29 މޭ 2013 ވަނަ ދުވަހާއި އެއްބަސްވުން ބާޠިލްކުރިކަން ދައުލަތުން އެންގި 30 މޭ 2013 ވަނަ ދުވަހާއި ދެމެދަށް 5 (ފަހެއް) ދުވަސްވެފައި ނުވާކަމާއި، އެހެންކަމުން އެއްބަސްވުން ބާޠިލްކޮށްފައިވަނީ އެއްބަސްވުމުގެ 6.32.1 ވަނަ މާއްދާގެ (ޑީ) އާ ޚިލާފަށްކަމާއި، އެއްބަސްވުމާ ގުޅިގެން ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ މުޅި ޖައުހަރަކީ (އެސެންސްއަކީ) ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރ.އެފް.ޕީ) އާ އެއްގޮތްވާ ގޮތުގެމަތިން ރިސޯޓް ތަރައްޤީކުރުމަށާއި ފެރީ ޓާމިނަލް / ގެސްޓްހައުސް އެޅުމަށް ޙަވާލުކުރަންޖެހޭ ބިންތައް ޙަވާލުކުރުން ކަމަށްވާއިރު، ދީބާޖާ އިންވެސްޓްމަންޓްއާ ޙަވާލުކުރަންޖެހޭ 47 (ސާޅީސް ހަތެއް) ބިމުގެ ތެރެއިން30 ޖޫން 2010 ގައި 17 (ސަތާރަ) ބިން އަދި 18 ޖަނަވަރީ 2011 ގައި 9 (ނުވައެއް) ބިމުގެ ރަޖިސްޓްރީ (އެކުޖުމްލަ 26 (ސައްބީސް) ރަޖިސްޓްރީ) ޙަވާލުކުރިކަމަށް ދައުލަތުން ބުނެފައިވާ ބުނުމާމެދު ތަޢުނުކޮށް، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، އެފަރާތުގެ ނަމުގައި ދައުލަތުން ހަދާދީފައިވާ އެއްވެސް ރަޖިސްޓްރީއެއްވާނަމަ، އެ ރަޖިސްޓްރީއެއް ޝަރީޢަތަށް ހުށަހެޅުމަށް އެދި ދައުލަތާ ކުރިމަތިކުރި "ދަފްޢު" (plea) ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، ދައުލަތުގެ ފަރާތުން ބިންތައް ޙަވާލުކުރުމުގެ އިލްތިޒާމް ފުރިހަމަކުރި ކަމުގައި ބެލެވޭނީ ބިންތަކުގެ ރަޖިސްޓްރީ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހަދައި ދިނުމުން ނުވަތަ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދައުލަތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ބިންތަކުގެ މަންފާލިބުމަށް ހުރަސްނޭޅޭ ގޮތަށް ދީބާޖާ އިންވެސްޓްމަންޓްއާ ބިންތައް ޙަވާލުކުރުމުން ކަމަށްވާއިރު، ބަޔާންވެދިޔަ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދީބާޖާ އިންވެސްޓްމަންޓްއާ ބިންތައް ޙަވާލުކުރެވިފައި ނުވާކަން އެނގެން އޮތުމުން، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލުކުރުމަށް ހުރަސްއެޅިފައިވާކަމާ، އެހެންކަމުން، އެއްބަސްވުމުގެ ދަށުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދައުލަތުން ޙަވާލުކުރަންޖެހޭ ބިންތައް ޙަވާލުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރެވުމަކީ، ދައުލަތުން މި އެއްބަސްވުމާ ޚިލާފުވުންކަމާއި އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބޭ ގެއްލުމުގެ ބަދަލު އެފަރާތަކުން ދޭންޖެހޭނެކަމަށް ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، ދެ ފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުގެ ފަރާތުން އަމިއްލައަށް ބާޠިލްކުރުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވާ މާލީ ގެއްލުމުގެ ގޮތުގައި ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހިސާބުތަކަކީ ބައިނަލްއަޤްވާމީ އޮޑިޓް ފާމަކުން ހަދާފައިވާ ހިސާބުތަކެއްކަމާއި އަދި މި ހިސާބުތަކަކީ ކުރިން ދައުލަތަށް ހުށަހެޅި ދައުލަތުންވެސް ބަލައިގެންފައިވާކަން އެނގެން އޮންނަ ހިސާބުތަކެއްކަމާއި، އަދި ސީދާ ގެއްލުމުގެ ގޮތުގައްޔާއި ނުސީދާ ގެއްލުމުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދުތަކަކީ އެއްބަސްވުން ދެމިއޮންނަ ޙާލަތުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބޭނެ މާލީ މަންފާތަކެއްކަމަށް ދައުލަތުންވެސް ބަލައިގެންފައިވާކަމާއި، މި ހިސާބުތައް ހަދާފައިވަނީ މިފަދަ ކަންކަމުގައި ގެންގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށްގެން ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރާއި ދެ ފައިސާއިން ވަކިވަކިންކަން މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، މިގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,410,343,581/-ރ. (ދެ ބިލިއަން ހަތަރު ސަތޭކަ ދިހަ މިލިއަން ތިންސަތޭކަ ތެޔާޅީސްހާސް ފަސްސަތޭކަ އެކާހި ރުފިޔާ) ނަގައިދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އެދިފައިވާކަމާއި، މި ޢަދަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އެދިފައިވާއިރު، އެއްބަސްވުމުގެ ދެވަނަ ވޮލިޔުމަކީ، މި އެއްބަސްވުމުގެ ދަށުން މުސްތަޤްބަލުގައި ލިބޭނެ މާލީ މަންފާ ލަފާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއްކަމާއި، އަދި މި ހިސާބުތަކާއެކު ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ ހިސާބުތަކަކީ "ޓޫރިޒަމް ޤާނޫނު" އަށް ބަދަލު އައިސް ޓޫރިސްޓް ރިސޯޓުގެ ބިމު ކުލި އެ ޤާނޫނުން ކަނޑައެޅުމާ ގުޅިގެން އެ ރަށްރަށުގެ ބިމު ކުއްޔަށް ބަދަލުއައުމާއި، އޭގެ އިތުރުން ތެލާއި ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުވެސް ބޮޑުވެފައިވުމާ ގުޅިގެން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އަންދާޒާކުރި ފައިނޭންޝަލް ޕްރޮޖެކްޝަން ބަދަލުވެފައި ހުންނާނެކަން ފާހަގަކުރެވިފައިވުމާއެކު ސަރުކާރުން ދަތުރުފަތުރަށް ކަނޑައަޅާ ސަބްސިޑީގެ މިންވަރު ނިންމުމަށްޓަކައި، އުތުރު ސަރަޙައްދުގެ ފެރީ ދަތުރުތައް ކުރުމަށް އަހަރަކު ޚަރަދުވާނޭކަމަށް މިހާރު އަންދާޒާކުރާ ޢަދަދު ހިސާބުކުރުމަށްފަހު އެ ޢަދަދު ހިސާބުކުރި ގޮތުގެ ތަފްޞީލު (އާމްދަނީއާއި ޚަރަދު ވަކިން) ފެންނަން އޮންނަ ގޮތަށް 12 ޖޫން 2012 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ފޮނުވައިދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނަންބަރު 69-A/PRIV/2012/98 (05 ޖޫން 2012) ސިޓީއިން އަންގަވާފައިވާތީ، އެގޮތުގެމަތިން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު DBJ/0012/GoM/009 (12 ޖޫން 2012) ސިޓީއާއެކު ހުށަހަޅާފައިވާ ހިސާބުތަކެއްކަމާއި، އަދި މި ހިސާބުތަކަކީ، އެއްބަސްވުމުގެ ބައެއްކަމަށްވުމުން މިހިސާބުތަކަކީ އެއާމެދު އިންކާރުކޮށް އިޢުތިރާޒުކުރުމަކާ ނުލައި ދެފަރާތުން ރުހި ޤަބޫލުވެފައިވާ ހިސާބުތަކެއް ކަމާއި، މި ހިސާބުތައް ތައްޔާރުކުރެވުނުއިރު ހުރި އަގު (ނެޓް ޕްރެޒެންޓް ވެލިއު) އަކީ އަހަރަކަށް 6,979,903.092ރ. (ހަ މިލިއަން ނުވަލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ތިން ރުފިޔާ ނުވަދިހަ ދެ ލާރި) ކަމާއި މި ޢަދަދު އެއްބަސްވުމުގެ މުއްދަތާއި ގުނަކުރުމުން ޖެހޭ 348,995,154.60ރ. (ތިންސަތޭކަ ސާޅީސް އަށް މިލިއަން ނުވަލައްކަ ނުވަދިހަ ފަސްހާސް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަކީ މުސްތަޤްބަލުގައި ލިބޭނެ މާލީ މަންފާ ލަފާކޮށް ހިސާބުތައް ހެދުމުގައި ގެންގުޅޭ ބައިނަލްއަޤްވާމީ މިންގަނޑެއް ކަމުގައިވާ "ވެއިޓެޑް އެވްރެޖް ކޮސްޓް އޮފް ކެޕިޓަލް" (Weighted Average Cost of Capital) އަށް ރިޢާޔަތްކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ދައުލަތުން ދައްކަންޖެހޭ މިންވަރުކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް ލިބިދިނުމުގެ ގޮތުން 23 އޮކްޓޫބަރު 2014 މި ދުވަހުން ފެށިގެން މަދުވެގެން އެ މަހަކަށްޖެހޭވަރު އެ މަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި 348,995,154.60ރ. (ތިންސަތޭކަ ސާޅީސް އަށް މިލިއަން ނުވަލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) ދައްކާ ދަރަނި ޚަލާޞްކުރުމަށް ދައުލަތް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަސްއޫލިއްޔަތު މިހާރު ޙަވާލުވެފައިވާ ދައުލަތުގެ މުއައްސަސާގެ މައްޗަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިން ކަނޑައަޅައިފައިވާކަން ސިވިލް ކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2015/HC-A/271 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ގެންދިއުން ބިނާވެގެންދާނީ، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެފައިވާ އިޖުރާއާތު ރަނގަޅު ނޫންކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ އިޖްރާއީ ނުކުތާއާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މައްޗަށްކަމަށް ބުނެ، އެ ނުކުތާތަކާމެދު ގޮތެއް ނިންމައިދިނުމަށް މި މައްސަލައިގައި21 ޖަނަވަރީ 2019 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި އިލްތިމާސްކުރާ ފަރާތުން އެދިފައިވާކަމާ، މިގޮތުން، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 2015/HC-A/271 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެފައިވާ އިޖުރާއާތު ރަނގަޅު ނޫންކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތަކަކީ؛

އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް މައްސަލައިގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ހައިކޯޓުގެ ޤަވާޢިދުގެ 70 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިޖުރާއަތު ފުރިހަމަނުކޮށް "އަމިއްލަ ބާރު ނުފޯރާ ކަންކަން" މާނަކޮށް، މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ސަބަބާއި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC/06 ސަރކިއުލަރއިން ޤާއިމްކޮށްފައިވާ އުޞޫލުތަކާއި ހަމަތަކުގެ މަޤްޞަދާއި ޣާޔަތު މުގުރިގެންދާ ގޮތަށް މައްސަލައިގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ، މައްސަލަ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ސަބަބާއި،

މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާ ގުޅިގެން މި މައްސަލަ އިލްތިމާސްކުރާ ފަރާތުންނާއި އިލްތިމާސް ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިއުންތަކުގެ މައްޗަށް ޤާނޫނީގޮތުން ނަޒަރުކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓަށް ހުށަހެޅުނީ 21 މޭ 2014 ގައި ކަމާއި، އަދި އެ މައްސަލަ އެ ކޯޓުން ބަލައި ނިންމާފައިވަނީ 23 އޮކްޓޫބަރު 2014 ގައިކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފުކުރެވިފައިނުވާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އެޓާރނީ ޖެނެރަލްގެ އޮފީހަށް05 ފެބުރުވަރީ 2015 ގައި ލިބިފައިވުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން އޭގައި މަޙްޟަރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ އިސްތިއުނާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މައްސަލަ ޙަވާލުކޮށްފައިވާ އެ އޮފީހުގެ ވަކީލަށް އިރުޝާދުދީފައި ވީނަމަވެސް، އެ ވަކީލުގެ އިޙްމާލުން، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް މި މައްސަލަ އިސްތިއުނާފުކުރެވިފައި ނުވުމާއި، މިކަންކަން ފާހަގަކޮށް، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުޞަތު ދައުލަތަށް ދިނުމަށް އެޓާރނީ ޖެނަރަލްގެ އޮފީހުގެ ނަންބަރު32-B/95/2015/38 ސިޓީއިން 17 މޭ 2015 ގައި ހައިކޯޓުގައި އެދިފައިވާކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ ޤަޟިއްޔާ އެ ކޯޓުގައި ރަޖިސްޓަރީކުރެވުނީ 22 ޖުލައި 2015 ގައި ކަމާއި، އަދި އެ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 26 ޖޫން 2018 ގައިކަން ހައިކޯޓުގެ އިޝާރާތްކުރެވުނު ނަންބަރު 2015/HC-A/271 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަ ކަމެވެ.

(ށ) ދެވަނަ ކަމަކީ، ދަށު މަރްޙަލާގެ ކޯޓުގެ ނިންމުން ކަމާބެހޭ އިސްތިއުނާފީ ކޯޓެއްގައި އިސްތިއުނާފުކުރެވުމުގެ ޙައްޤަކީ ދުނިޔޭގެ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަމާއި، މި މަބްދައު ކަށަވަރުކުރަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައި އޮންނަހިނދު، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ޙުކުމްތަކާއި އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤު މިޒަމާނުގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި ޤާނޫނީގޮތުން ތަންޒީމުކުރެވިފައިވަނީ ދަށު މަރްޙަލާގެ ކޯޓުގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ކަނޑައެޅިގެންވާ ވަކި މުއްދަތެއް ފާއިތުވުމުގެ ކުރިން އެ ޙައްޤުގެ ބޭނުންހިފުން ލާޒިމުވެގެންވާ އުޞޫލަކުން ކަމާއި، މިގޮތުން ކޯޓުތަކުންނާއި، ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތު މިޒަމާނުގެ ޤާނޫނީ ނިޒާމުތަކުގައި ކަނޑައަޅަނީ އުޞޫލީ ދެކަމެއްގެ މެދުގައި ވަޒަންކުރުމަށްފަހު ކަމާއި؛ ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ ޚުޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަން ކަމާ، އަދި ދެވަނަ ކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރްޙަލާގެ ކޯޓުގައި ހުށަނޭޅި ފާއިތުވެފައި އޮވެދާނެ ދިފާޢީ ޙުއްޖަތްތަކާއި ދަލީލުތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts) ތަކްޔީފު ކުރުމުގައްޔާއި، ޤާނޫނު މާނަކުރުމުގައްޔާއި، ޤާނޫނު ތަޠްބީޤުކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ފުރަތަމަ މަރްޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓެއްގެ ކުރިމަތީގައި ޠަޢުނުކޮށް އަލުން ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޟަރޫރަތްތެރިކަން ކަމާއި، މި ދެކަމުގެ މެދުގައި ވަޒަންކޮށް މިޒަމާނުގެ ޤާނޫނީ ނިޒާމްތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވާކަމާއި، ޚާއްޞަ ޤާނޫނަކުން އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ ކަމާބެހޭ އިޖްރާއާތުގެ ޤާނޫނުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާންމު މުއްދަތުކަން އެނގެން އޮންނައިރު، 15 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ކުރިން ފުރަތަމަ މަރްޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައި ބަޔާންވެގެންވާ މުއްދަތުތަކުގެ ތެރޭގައި ކަމާއި؛ މިގޮތުން، މާލޭގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާ މައްސަލައެއް، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅަންޖެހޭކަމާއި، އަދި މާލެ ފިޔަވައި އެހެން ރަށެއްގައި ޤާއިމުވެފައިވާ ދަށު ކޯޓަކުން ނިންމާ މައްސަލައެއް، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 180 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭކަމާއި، އަދި ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް، އެ މައްސަލައެއް ނިންމި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އިޝާރާތްކުރެވުނު 42 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރއިން ފުރަތަމަ މަރްޙަލާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކާ ސުޕީރިއަރ ކޯޓުތަކާއި އަދި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށް ކަނޑައަޅާފައިވާ ކަމާއި، އަދި މި އުޞޫލުގެ މަތިން ޢަމަލުކުރެވޭނީ މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަތަމަ މަރްޙަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތަކުގެ މައްޗަށް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2015/SC-RU/01 ރޫލިންގއިން ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާ އެ ރޫލިންގގެ ދަށުން ބާޠިލުކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ އިސްވެ ޙަވާލާދެވުނު ނަންބަރު1124/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ 23 އޮކްޓޫބަރު 2014 ގައި ކަމަށްވާތީ އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިންކަމާ، މިގޮތުން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 23 އޮކްޓޫބަރު 2014 އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭގޮތުން 90 ދުވަހުގެ ތެރޭގައި އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންޖެހޭނެ ކަމާއި، އޭގެ މާނަޔަކީ އެ ޤަޟިއްޔާ އިސްތިއުނާފާކުރުމަށް ހައިކޯޓަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 12 މާރިޗު 2015 ކަމާއި، އެހެންނަމަވެސް، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވެދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފުނުކުރެވުނު ބައެއް ސަބަބުތައް ފާހަގަކޮށް، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުޞަތު ދައުލަތަށް ދިނުމަށް އެޓާރނީ ޖެނަރަލްގެ އޮފީހުގެ ނަންބަރު 32-B/95/2015/38 ސިޓީއިން ހައިކޯޓުގައި އެދިފައިވަނީ 17 މޭ 2015 ގައި ކަމާއި، އަދި ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުން އެ ޤަޟިއްޔާ އެ ކޯޓުގައި ރަޖިސްޓްރީ ކުރެވުނީ 22 ޖުލައި 2015 ގައިކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިއުންތަކުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނީ އަދި ޝަޚްޞީ ޙައްޤެއްކަމަށް ވީހިނދު، އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޝަޚްޞީގޮތުން ލިބިގެންވާ ފަރާތަށް އުޞޫލެއްގެ ގޮތުން ޤާނޫނުގައި އެ ޙައްޤު ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޝަރްޠުތަކާއި އިޖްރާއާތުތައް ފަހަނައަޅައި ނުދެވޭނެކަމާއި، އެހެންކަމުން ޤާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިއުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ގެއްލޭނެކަމާއި، އެ މުއްދަތު ފަހަނައަޅައިދާފަހުން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އިޖުރާއީގޮތުން ބަލައިނުގަތުމަކީ ޚަޞްމެއްގެ ހުށަހެޅުމަކާ ނުލައިވެސް އިސްތިއުނާފީ ކޯޓުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމާއި، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ޤާނޫނީ ނަތީޖާއަކީ ފުރަތަމަ މަރްޙަލާގެ އިބްތިދާއީ ޙުކުމަށް ކަނޑައެޅިނިޔާގެ ބާރު ( res judicata) ލިބި، އެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެންދިއުންކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި ތަޠްބީޤުކުރެވޭ މަދަނީ އިޖްރާއާތުގެ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ޚަޞްމުންގެ މެދުގައި އުފެދޭ ޚުޞޫމަތްތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ ތެރެއިން ޤަޟާއީ ޙިމާޔަތް ލިބި، އެފަރާތްތަކުގެ ޙައްޤުތަކާއި ޤާނޫނީ މަރްކަޒުތައް އިސްތިޤްރާރުވެގެންދިއުމުގެ ޟަރޫރަތްތެރިކަމަށްޓަކައި، އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ސަބަބުން ޤަޟާއީ "ޙުއްޖިއްޔަތު" ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިގެންވާ ޙުކުމްތައް އިސްތިއުނާފަށް ހުށަހެޅުން މަނާކުރާ މަބްދައަކީ ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު މަބްދައެއްކަން އެނގެން އޮންނަ ކަމެވެ.

(ބ) ފަސްވަނަ ކަމަކީ، ޤާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައިދިއުމުން އިސްތިއުނާފަށް ހުށަހެޅުން މަނާކުރާ ބަޔާންވެދިޔަ ޢާންމު އުޞޫލަކީ އެއްވެސް އިސްތިޘްނާއެއްނެތި މުޠްލަޤު ގޮތެއްގައި ތަޠްބީޤުކުރެވޭ އުޞޫލެއް ނޫންކަމާއި، އެހެންކަމުން، ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ޢުޒުރެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވާފަހުންވެސް އެ މައްސަލަ އިސްތިއުނާފަށް ބަލައިގަތުމުގެ ބާރު ކަމާބެހޭ އިސްތިއުނާފީ ކޯޓަށް ލިބިގެންވާކަން ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިޤުރާރުވެފައިވާ އިސްތިއުނާފުގެ ޙައްޤު ތަންޒީމުކުރާ ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، އަމިއްލަ ބާރު ނުފޯރާފަދަކަމެއް މެދުވެރިވެގެން، އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަނޭޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ހައިކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ، އެ މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ރ) އާއި، 01 މާރިޗު 2011 ގައި ޢަމަލުކުރަން ފެށި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.

(ޅ) ހަވަނަ ކަމަކީ، ކޯޓަކުން މައްސަލައެއް މައުޟޫޢީގޮތުން ބެލުމުގެ ކުރިން އެ މައްސަލަ މައުޟޫޢީގޮތުން ބެލުމަށް އެއްވެސް އިޖްރާއީ ހުރަހެއް އޮތްތޯ ބެލުމަކީ މިޒަމާނުގެ ޤާނޫނީ ނިޒާމުތަކުގެ މަދަނީ އިޖްރާއާތުގެ ޤާނޫނުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު އުޞޫލެއްކަމާއި، މިގޮތުން މައްސަލައިގެ ޚަޞްމުންގެ ފަރާތުން އުފުލާ އިޖްރާއީ ދަފްޢުތަކަކީ ޢާންމު އުޞޫލެއްގެ ގޮތުން މައްސަލަ މައުޟޫޢީގޮތުން ބެލުމުގެ ކުރިން އެ ދަފްޢުތަކާ މެދު ކޯޓުން ގޮތެއް ނިންމަންޖެހޭ ދަފްޢުތަކެއްކަން އިސްތިޤުރާރުވެފައިވާ އިޖްރާއީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، ހައިކޯޓުގެ ބުނެވުނު ނަންބަރު 2015/HC-A/271 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލައަކީ އިސްތިއުނާފުގެ މުއްދަތުހަމަވެ އެތައް ދުވަހެއް ފަހުން ދިވެހި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއްކަން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށް އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެކަން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައި އެކަމާ ބެހޭގޮތުން ހައިކޯޓުން ގޮތެއް ނިންމައިދިނުމަށް އެދިފައިވީނަމަވެސް، އެ ނުކުތާއާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޙުކުމްކުރާއިރުކަމަށް އަންގާފައިވާކަމަށް މި މައްސަލަ އިލްތިމާސްކުރާ ފަރާތުން ބުނެފައިވާކަމާއި، ހައިކޯޓުގެ ޙަވާލާދެވުނު ޤަޟިއްޔާއިން ބެލުނު މައްސަލައަކީ، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ މައްސަލައެއްކަމަށްވާތީ، އެ މައްސަލައަކީ ހައިކޯޓަށް ބަލައި ނުގަނެވޭނެ މައްސަލައެއްކަމަށް ބުނެ އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކޮށްފައިވާ އިޢުތިރާޟާ ގުޅިގެން، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި އަމިއްލަ ބާރު ނުފޯރާ ކަންކަން ވަކި ބާވަތަކަށް ނުވަތަ ވަކި ކަންތައްތަކަކަށް މަޙުދޫދުކޮށްފައި ނެތުމުން އަމިއްލަ ބާރު ނުފޯރާ ކަންކަމުގެ ގޮތުގައި ހިމެނިގެންދާނީ ހަމައެކަނި އިސްތިއުނާފު ރައްދުވާ ފަރާތުން ބަޔާންކުރާ ބާވަތުގެ ކަންކަން އެކަނިކަމަށް ބަލަންޖެހޭ ހަމައެއް ނެތްކަމަށާއި، އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ގޮތުގައި ބަޔާންކޮށް ހުށަހަޅާ ކަމަކީ ހައިކޯޓަށް ޤަބޫލުކުރެވޭ މަޤުބޫލު ސަބަބެއްނަމަ ޤާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން ކުރެވިދާނެކަމަށާއި، މިގޮތުން މި މައްސަލައަކީ ހައިކޯޓުގެ ފަނޑިޔާރުން ބަލައިގަނެ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލެއްކަމަށް ހައިކޯޓުގެ ބުނެވުނު ނަންބަރު 2015/HC-A/271 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި އޮންނަ އޮތުމަށް ޤާނޫނީގޮތުން ނަޒަރުކުރާއިރު، އިސްތިއުނާފުގެ މުއްދަތު ފަހަނައަޅައިދާފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލައެއް އިސްތިއުނާފަށް ހުށަހަޅަންޖެހޭ ޤާނޫނީ މުއްދަތުގައި ހުށަނޭޅުނީ އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެންތޯ ކަނޑައެޅުމުގެ އިޚްތިޔާރީ ބާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ޤާނޫނީގޮތުން ލިބިގެންވީ ނަމަވެސް، އެކަން ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅަންވާނީ ޤާނޫނީ މަންޠިޤު ޤަބޫލުކުރާ ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމާއި، މިގޮތުން ބަލާއިރު، އިސްތިއުނާފުކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިގެންވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްތޯ ބަލައި ވަޒަންކުރުމުގައި މިޒަމާނުގެ ޤަޟާއީ ނިޒާމުތަކުން ބަލައިގެންފައިވާ އަމިއްލަ ބާރު ނުފޯރާ ކަންކަމުގެ ތެރޭގައި؛ ކުރިމަތިވާ ތަފާތު ޠަބީޢީ ކާރިޘާ ތަކާއި، ހަނގުރާމައިގެ ޙާލަތު ފަދަ "ޤުއްވާ ޤާހިރާ" (قوة قاهرة) ނުވަތަ "ފޯރސް މެޖަރ" (force majeure) ގެ ޙާލަތުތަކާއި، އިސްތިއުނާފުކުރާ ފަރާތަށް ދަށު ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީގޮތުން އެނގިފައި ނުވުމާއި، އިސްތިއުނާފުކުރާ ފަރާތުގެ ބަލި ޙާލަތުގެ ސަބަބުން ބޭސްފަރުވާޔަށް ރަށުން ބޭރުގައި ހުރުމުގެ ސަބަބުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނުވުން ފަދަ މަޤުބޫލު ޢުޒުރުތައް ޝާމިލުވެގެންވާކަމާއި، މީގެ އިތުރުން، ފުރަތަމަ މަރްޙަލާގެ ކޯޓުގެ ޙުކުމް ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންޞާފަށް ހުރަސްއެޅޭގޮތަކަށް ކަމުގައިވާނަމަ، އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ފެށުން ބައެއް ޖުރިސްޑިކްޝަންތަކުގެ އިޖްރާއީ ޤާނޫނުތަކުގައި ފަސްކުރެވިފައިވާކަމާއި، މިގޮތުން ފުރަތަމަ މަރްޙަލާގެ ކޯޓުގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރަކާއި ޙީލަތެއްގެ މައްޗަށް ނަމަ، ނުވަތަ ހުށަހެޅި ދޮގު ލިއުމެއް ނުވަތަ މުސްތަނަދެއްގެ މައްޗަށް ނަމަ، ނުވަތަ ދޮގު ހެއްކެއްގެ މައްޗަށް ނަމަ، ނުވަތަ ކަނޑައެޅިގެން ދަޢުވާ ޘާބިތުކުރަނިވި ލިއުމެއް ހިފެހެއްޓުމުގެ ސަބަބުން ކަމަށްވާނަމަ، އެފަދަ ސަބަބުތަކަކީ ބާރު ނުފޯރާފަދަ މަޤްބޫލު ޢުޒުރުތަކެއްކަމަށް ބަލައި އެފަދަ ޙުކުމްތައް އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ބައެއް ޤާނޫނީ ނިޒާމުތަކުގައި ފެށެނީ، އިޝާރާތްކުރެވުނު މަކަރާއި ޙީލަތް ފާޅުވި ދުވަހުން ފެށިގެން، ނުވަތަ ހުށަހެޅުނު ލިއުމަކީ ދޮގު ލިއުމެއްކަން ޘާބިތުވި ދުވަހުން ފެށިގެން، ނުވަތަ ދޮގު ހެކިވެރިޔާގެ މައްޗަށް ޙުކުމް ކުރެވުނު ދުވަހުން ފެށިގެން، ނުވަތަ ދަޢުވާ ޘާބިތުކުރަނިވި ލިއުމެއް ހިފެހެއްޓުމުގެ ސަބަބުން ހުށަނޭޅުނު އެ ލިއުން ފާޅުވި ދުވަހުން ފެށިގެންކަން އެނގެން އޮންނަ ކަމެވެ.

(ކ) ހަތްވަނަ ކަމަކީ، ސިވިލް ކޯޓުގެ ޙަވާލާދެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަނޭޅުނު ސަބަބުތައް ބަޔާންކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ފުރުޞަތު ދައުލަތަށް ދިނުމަށް އެދި އެޓާރނީ ޖެނެރަލްގެ ފަރާތުން، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ނަންބަރު 32-B/95/2015/38 ސިޓީއިން 17 މޭ 2015 ގައި ހައިކޯޓުގައި އެދުމުން، އެ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތަކެއް ކަމަށް ބަލައި ހައިކޯޓުން ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބަލައިގެންފައިވާކަން އެނގެން އޮންނައިރު، އެޓާރނީ ޖެނެރަލްގެ އޮފީހުގެ އިޝާރާތްކުރެވުނު ސިޓީގައި ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވެގެންދިޔައިރުވެސް އިސްތިއުނާފުކުރުމަށް ހުށަނޭޅުނު މައިގަނޑު ދެ ސަބަބެއް ބަޔާންކޮށްފައިވާ ކަމާއި، ފުރަތަމަ ސަބަބަކީ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އެޓާރނީ ޖެނެރަލްގެ އޮފީހަށް ނުލިބި ލަސްވެފައިވުން ކަމަށް ބުނާ ސަބަބުކަމާއި، އަދި ދެވަނަ ސަބަބަކީ ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން އޭގައި މަޙްޟަރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ އިސްތިއުނާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މައްސަލަ ޙަވާލުކޮށްފައިވާ އެ އޮފީހުގެ ވަކީލަށް އިރުޝާދުދީފައި ވީނަމަވެސް، އެ ވަކީލުގެ އިޙްމާލުން، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފުކުރެވިފައި ނުވުންކަމަށް ބުނާ ސަބަބުކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އެޓާރނީ ޖެނެރަލްގެ އޮފީހަށް ލިބިފައިވަނީ 05 ފެބުރުވަރީ 2015 ގައި ކަމާއި، އެ ތާރީޚަކީ ޙަޤީޤަތުގައި، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާ އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވުމުގެ އެއްމަސް ދުވަހަށްވުރެ ކުރީގެ ތާރީޚެއްކަމާއި، އެހެނީ އެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 12 މާރިޗު 2015 ކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން، ދަށު ކޯޓުން މައްސަލަ ނިންމުމަށްފަހު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބި ލަސްވުމަކީ އޭގެޒާތުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް މަޤުބޫލު ޢުޒުރެއް ނޫންކަމާއި، އެހެނީ ތަފާތު ޤާނޫނީ ނިޒާމުތަކުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ އިޖްރާއާތު ކަނޑައެޅިފައިވަނީ އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސްނޭޅޭފަދަ ގޮތަކަށް ކަމާއި، މިގޮތުން އިސްތިއުނާފަށް ހުށަހަޅާ ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރުމުން އިސްތިއުނާފީ ދަޢުވާ ރަޖިސްޓްރީކުރެވޭނެ ކަމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ އިސްތިއުނާފީ ދަޢުވާ ރަޖިސްޓްރީކުރާ ފަހުންވެސް ހުށަހެޅިދާނެ އެއްޗެއްކަމާއި، ބައެއް ޖުރިސްޑިކްޝަންތަކުގައި އެ ރިޕޯޓު ހިމެނޭ މައްސަލައިގެ ފައިލަކީ ސީދާ ދަށު ކޯޓުން އިސްތިއުނާފީ ކޯޓަށް، އިސްތިއުނާފުކުރުމަށް ހުށަހަޅާތާ ވަކި މުއްދަތެއްގެ ތެރޭގައި ފޮނުވަންޖެހޭ އެއްޗެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީ ނަންބަރު 4/2010 ގެ 1 ވަނަ މާއްދާގެ (ހ) ގައި " ކޮންމެ ކޯޓަކުންވެސް އެ ކޯޓަކުން ނިންމާ މައްސަލައިގެ ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެ މައްސަލައެއްގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާޞާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގައި ޙުކުމް ކުރާ ދުވަހު ދޫކުރަންވާނެއެވެ." މިހެން ބުނުމަށްފަހު ހަމަ އެ މާއްދާގެ (ށ) ގައި "މި މާއްދާގެ (ހ) ގައި ބުނެފައިވާ ޚުލާޞާ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިނަމަ ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް ހުށަހެޅުނު މަތީ މަރްޙަލާގެ ކޯޓަކުން އެ ރިޕޯޓާއެކު އެ މައްސަލައެއް ބަލައިގަންނަންވާނެއެވެ." މިހެން ކަނޑައަޅައި ޤާއިމުކޮށްފައިވާ އުޞޫލަކީ ޚަޞްމުންނަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ އަސާސީ ޙައްޤަށް ހުރަސްނޭޅޭނެހެން ޤާއިމުކޮށްފައިވާ އުޞޫލެއްކަން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އެޓާރނީ ޖެނެރަލްގެ އޮފީހަށް 05 ފެބުރުވަރީ 2015 ގައި ލިބިފައިވުމަކީ އޭގެޒާތުގައި އެ މައްސަލައެއް އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ނުކުރުމަށް އޮތް މަޤުބޫލު ޢުޒުރެއް ނޫންކަމާއި، އަދި މީގެ އިތުރުން، ސިވިލް ކޯޓުގެ ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން އޭގައި މަޙްޟަރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް މައްސަލަ އިސްތިއުނާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މައްސަލަ ޙަވާލުކޮށްފައިވާ އެޓާރނީ ޖެނެރަލްގެ އޮފީހުގެ ވަކީލަށް އިރުޝާދުދީފައި ވީނަމަވެސް، އެ ވަކީލުގެ އިޙްމާލުން، އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެގެންދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފުކޮށްފައި ނުވުމަކީވެސް އޭގެޒާތުގައި އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފުނުކޮށް ލަސްކުރުމަށް އޮތް މަޤުބޫލު ޢުޒުރެއް ނޫންކަމާ، އެހެނީ، އެޓާރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަކީ ސީދާ އެޓާރނީ ޖެނެރަލްގެ ބެލުމާއި އިރުޝާދުގެ ދަށުން މަސައްކަތްކުރާ، އެޓާރނީ ޖެނެރަލްގެ ފުރިހަމަ އޮތޯރިޓީ އެބައެއްގެ މައްޗަށް ހިނގާ އަދި އެޓާރނީ ޖެނެރަލްއަށް ޖަވާބުދާރީވާންޖެހޭ ބަޔެއްކަމުގައިވާއިރު، އެފަރާތްތަކުގެ އިޙްމާލުން އިސްތިއުނާފަށް ހުށަހެޅުން ލަސްވުމަކީ އެޓާރނީ ޖެނެރަލްއަށް ބާރު ނުފޯރާ ސަބަބެއްކަމަށް ބަލަންޖެހޭ ޝަރްޢީ އަދި ޤާނޫނީ އެއްވެސް އަސާސެއް ނެތްކަން އެނގެން އޮންނަ ކަމެވެ.

އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ ޤަޟިއްޔާ އިސްތިއުނާފަށް ހުށަނޭޅުނު ސަބަބުތައް ކަމަށް ބަޔާންކޮށް އެޓާރނީ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގައި ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ރ) އާއި، 01 މާރިޗު 2011 ގައި ޢަމަލުކުރަން ފެށި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބުތަކެއްކަމަށް ބަލަންޖެހޭ ޝަރްޢީ އަދި ޤާނޫނީ އަސާސެއް ނެތީސް، އެ ސަބަބުތަކަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބުތަކެއް ކަމަށް ބަލައި ސިވިލް ކޯޓުގެ ބުނެވުނު ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ އެ ކޯޓުން އެ މައްސަލަ މައުޟޫޢީގޮތުން ބަލައި ފައިޞަލާކޮށްފައިވަނީ އިސްތިޤުރާރުވެފައިވާ އިޖްރާއީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްވާތީ، ސިވިލް ކޯޓުގެ ނަންބަރު1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅިފައި ނުވުމުގެ ސަބަބުން އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤަޟާއީ "ޙުއްޖިއްޔަތު" ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިގެންވާ ނިހާއީ ޙުކުމެއްކަން އިސްވެ ބަޔާންވެދިޔަ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމުގެ ސަބަބުން، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ އެއަށް ޤަޟާއީ "ޙުއްޖިއްޔަތު" ލިބި، ކަނޑައެޅިނިޔާގެ ބާރު ލިބިގެންވާ ނިހާއީ ޙުކުމެއްކަން އެނގެން އޮންނަ ހިނދު،

ސިވިލް ކޯޓުގެ ނަންބަރު 1124/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޤާނޫނީގޮތުން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވެދިޔަފަހުން، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ، އެ ޤަޟިއްޔާގައި މައުޟޫޢީގޮތުން ފައިޞަލާކޮށްފައިވަނީ އިސްތިޤުރާރުވެފައިވާ އިޖްރާއީ އުޞޫލުތަކާއި، ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ނުވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/271 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ