ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/SC-HCL/07, 2019/SC-A/78, 2019/SC-L/126

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ތަސްލީމް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ސެޕްޓެމްބަރު 2020ދަށު ކޯޓު: ހައިކޯޓު HC-IH/2019/41ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2019/41، 1324/Cr-C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކެނަބިސް ބޭނުންކުރުމުގެ ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެކި ނުލިބޭތީ ދަޢުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން 1324/Cr-C/2017 ގައި ޙުކުމްކުރިއެވެ. މުއްދަތު ހަމަވުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލް އެދުނު އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން HC-IH/2019/41 ގައި ނުދިނެވެ.
ވާޤިޢާ
ޙުކުމްކުރިތާ ދެ ދުވަސް ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދި، އިސްތިއުނާފުކުރަން ގަސްދުކުރާކަން ހައިކޯޓަށް އެންގިއެވެ. ރިޕޯޓާއި ޝަރީޢަތުގެ މަޖިލީހުގެ ބަޔާންތައް ލިބުނީ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޭގެ ފަސް ދުވަސް ފަހުން ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ބަޔާންތައް ލިބުން ލަސްވުމަކީ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ދަށު ކޯޓުގެ ޙުކުމް ބިނާވި ތަފްޞީލީ ސަބަބުތައް ނޭނގި އިސްތިއުނާފުގެ ނުކުތާތައް ބިނާނުކުރެވޭތީ ރިޕޯޓު ލަސްވުމަކީ މަޤުބޫލު ސަބަބެއް ކަމަށާއި، އެ ސަބަބު ބަލައިނުގަނެ ހުއްދަ ނުދިން ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށެވެ. ޖަވާބުދާރީވާ ފަރާތުގެ ހުށަހެޅުމެއް ނިންމުމުގައި ނެތެވެ.
ކޯޓުގެ ސަބަބުތައް
ހެކި ނުފުދޭކަމަށް ބުނެ ނިންމާ މައްސަލައެއްގެ އިސްތިއުނާފު ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކީ ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތަކެވެ. އެ ލިޔެކިޔުން ނެތި އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ކަމަކަށްވާތީ، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުއްދަ ދޭންޖެހޭ މަޤުބޫލު ސަބަބެއްކަމަށް ކޯޓު ދެކެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ނިންމުން ބާޠިލު: ކުރިމިނަލް ކޯޓުގެ 1324/Cr-C/2017 ގެ ޙުކުމް މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެވުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބަކާހުރެ ކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ނިންމައި، ނިންމުނު ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެންއޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެކެވެ.

HN2 އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މިފަދަ ލިޔެކިޔުން ލިބުން ލަސްވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޑރ. އަޒްމިރާލްދާ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު:

2020/SC-HCL/07

މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު:

(2019/SC-A/78) 2019/SC-L/126

ހުށަހެޅުނު ތާރީޚު:

18 ޖުލައި 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޢާންމު ނަން:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދާއިމީ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

މިހާރުގެ އެޑްރެސް:

ހ. ވެލާނާގެ / ކ.މާލެ

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު:

HC-IH/2019/41

ހުށަހެޅުނު ތާރީޚު:

28 މާރޗް 2019ނިމުނު ތާރީޚު:

25 އޭޕްރިލް 2019

ހުށަހެޅިފައިވާ މައްސަލަ

[1]ކުރިމިނަލް ކޯޓުގެ ނަންބަރު 1324/Cr-C/2017 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މާލެ/ ދަފްތަރު ނަންބަރު ރސ 7881، ޢަބްދުﷲ ތަސްލީމްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކުރިއެވެ. އެ ޤަޟިއްޔާގައި ކުރިމިނަލް ކޯޓުން 19 ފެބްރުއަރީ 2019 ގައި ޙުކުމްކޮށްފައިވަނީ ދަޢުވާ ސާބިތުކުރުމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ޝަރީޢަތަށް ހެކިބަސް ލިބިފައިނުވާތީ، އެ ދަޢުވާ ސާބިތުނުވާކަމަށެވެ. އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފުގެ މުއްދަތު ފާއިތުވި ފަހުންނެވެ.

[2]21 ފެބްރުވަރީ 2019 ގައި އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި އެދުނެވެ. އަދި ހަމަ އެދުވަހު އިސްތިއުނާފުކުރަން ގަސްތުކުރާ ވާހަކަ ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވެއެވެ. ހައިކޯޓަށް ފޮނުވި ސިޓީގައި، 19 ފެބުރުވަރީ 2019 ގައި ކުރިމިނަލް ކޯޓުގެ ނަންބަރު 1324/Cr-C/2017 ޤަޟިއްޔާގައި ޙުކުމް ކުރިނަމަވެސް، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިނުވާތީ، އަދި އެ މައްސަލައަކީ މައްސަލައިގެ ބާވަތުން ދަށު ކޯޓު ޙުކުމް އެ މައްޗަށް ކަނޑައެޅިގެންދިޔަ ތަފްޞީލީ ސަބަބުތައް އެނގިގެން މެނުވީ އިސްތިއުނާފު ނުކުތާތައް ބިނާކުރަންވީ ގޮތް ދެނެގަނެވިދާނެ ބާވަތުގެ މައްސަލައަކަށް ނުވާތީ، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުމުން، ހައިކޯޓު ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ އެ ކޯޓުން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވެއެވެ.

[3]ކުރިމިނަލް ކޯޓުގެ ނަންބަރު 1324/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާންތަކުގެ ކޮޕީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވަނީ 21 މާރޗް 2019 ގަ އެވެ.

[4]އޭގެ 5 (ފަހެއް) ދުވަސްފަހުން 27 މާރޗް 2019 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، އެ އޮފީހުގެ ނަންބަރު 196-A1/95/2019/135 (21 ފެބުރުއަރީ 2019) ސިޓީ އަށް ޙަވާލާދީ، 21 މާރޗް 2019 ގައި ކުރިމިނަލް ކޯޓުގެ ނަންބަރު 1324/Cr-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބިފައިވާކަމަށް ބުނެ، ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް އެދިފައިވެއެވެ.

[5]ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި މައްސަލައިގެ ރިޕޯޓު ލިބުން ލަސްވެފައިވާކަމަށް ބުނެ ހުށަހެޅި މި ސަބަބަކީ އެކަށީގެންވާ މަޤުބޫލު ސަބަބެއްކަމަށް ބެލެވެންނެތް ކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު HC-IH/2019/41 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" ގައި ކަނޑައަޅާފައިއެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2019/41 "އިސްތިއުނާފު ކުރުުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމިގޮތް" އަކީ ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ކަނޑައަޅައި، މައްސަލަ ބަލައިގަތުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ކޯޓުގެ ނަންބަރު 2020/SC-HCL/07 ފޯމުން ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

[6]މި މައްސަލައަކީ ދަޢުވާ ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ބުނެ ކުރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމުގައިވާއިރު، މައްސަލައިގެ އިސްތިއުނާފު އެ މައްޗަށް ބަރޯސާވާ އެންމެ މުހިންމު ލިޔެކިޔުމަކަށްވާނީ މައްސަލައިގައި ދެފަރާތުން ދީފައިވާ ހެކިބަހާއި މަޙުޟަރު ބަޔާންތައްކަން އެނގެންއޮންނައިރު، މިފަދަ މުހިންމު ލިޔެކިޔުން ނެތި މައްސަލައިގެ އިސްތިއުނާފު ބިނާކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން، އިސްތިއުނާފުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ ގޮތުން، މި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ ފަދަ މަޤުބޫލު ސަބަބެއްކަމަށް ދެކެމެވެ.

ނިންމުން

[7]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ކުރިމިނަލް ކޯޓުގެ ނަންބަރު 1324/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިނުވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ އަމިއްލަ ބާރު ނުފޯރާ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވާތީ، މި މައްސަލައަކީ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:

ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

21 މުޙައްރަމް 1442

09 ސެޕްޓެމްބަރ 2020

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ