ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 43 · 2021/SC-A/89

ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް އަދި މުޙައްމަދު އަޙްމަދުދީދީ ވ. ހަބީބް ބޭންކް ލިމިޓެޑް

ސުޕްރީމް ކޯޓުހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް…
8 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ޖުލައި 2022ދަށު ކޯޓު: ހައިކޯޓު 2018/HC-A/398ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/398، 3288/Cv-C/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ލޯނުގެ ފައިސާ ދައްކައި، ނުދައްކައިފިނަމަ ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބޭނެކަމަށް ސިވިލް ކޯޓުން 3288/Cv-C/2017 ޤަޟިއްޔާއިން ޙުކުމްކުރިއެވެ. ހައިކޯޓުން 2018/HC-A/398 ޤަޟިއްޔާއިން އެ ޙުކުމަށް ތާއީދުކުރުމުން ދަރަނިވެރިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
1998 ގައި ސޮއިކުރި ލޯނު އެއްބަސްވުމެއްގެ ދަށުން ކުންފުންޏަކަށް ދިން ލޯނަށް ދިވެހި ރައްޔިތަކު ގެރެންޓީ ދީ، ދެ ގޯއްޗެއް ރަހުނުކުރިއެވެ. އެއްބަސްވި މުއްދަތުގައި ފައިސާ ނުދެއްކުމުން ޕްރިންސިޕަލް އަދި އިންޓްރެސްޓް ހޯދުމަށް ބޭންކުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. 7 މަހުގެ ތެރޭ ފައިސާ ދައްކައި، ނުދައްކައިފިނަމަ ރަހުނު ވިއްކާލުމުގެ ހުއްދަ ބޭންކަށް ސިވިލް ކޯޓުން ދިނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ހައިކޯޓުގައި ފާހަގަނުކޮށް، ބިމާބެހޭ ޤާނޫނާއި ރަހުނުކުރުމާބެހޭ ގަވާއިދަށް ބިނާކޮށް ސުޕްރީމް ކޯޓުގައި އަލަށް ހުށަހަޅާ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަނެވޭނެތޯއާއި، ލޯނުގެ ޢަދަދު ހިސާބުކުރި ގޮތުގެ ތަފްޞީލު ނުފެނޭކަމަށް ހަމައެކަނި ބުނުމުން ހައިކޯޓުގެ ޙުކުމަށް ބަދަލު ގެނެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރަހުނު ވިއްކާލުމުގެ ހުއްދަ ދިނީ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި ރަހުނުކުރުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، ލޯނުގެ ސްޓޭޓްމަންޓްތަކުގައި ޢަދަދު ހިސާބުކުރި ގޮތުގެ ތަފްޞީލު ނެތްކަމަށް ދަރަނިވެރިން ބުންޏެވެ. އެއީ ހައިކޯޓަށް ހުށަނާޅާ ނުކުތާއެއްކަމަށާއި، ޢަދަދުތަކުގެ ތަފްޞީލު ހެކި ލިސްޓުގައިވާކަމަށާއި، ޢަދަދަށް އިޢުތިރާޟު ނުކުރާކަމަށް ބޭންކުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފީ ކޯޓުތަކުން ބަލާނީ ދަށުކޯޓުގައި ހުށަހެޅުނު ނުކުތާތަކެވެ. ހައިކޯޓުގައި ދަރަނިވެރިން އިޢުތިރާޟުކުރީ ސިވިލް ކޯޓުގެ އަމުރަކަށް ބިނާކޮށް ކަމުން، ޤާނޫނާއި ގަވާއިދަށް ބިނާކުރި ނުކުތާއަކީ އައު ނުކުތާއެކެވެ. ކަޕޫރުﷲ ޔޫސުފް މައްސަލައިގެ އިސްތިސްނާއަށް ނުފެތޭތީ އެ ނުކުތާ ބަލައިނުގަތެވެ. ޢަދަދަށް އިންކާރުނުކޮށް ތަފްޞީލު ނުފެނޭކަމަށް ހަމައެކަނި ބުނުމަކީ ބުރަދަނެއް ހުރި ބުނުމެއް ނޫނެވެ.

ނިންމުން

ހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް…

ހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ފަނޑިޔާރުންގެ އިއްތިފާޤުން އެ ޙުކުމް ދެމެހެއްޓުނެވެ. ފުރަތަމަ ދެ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓަށް ހުށަނޭޅޭ އައު ނުކުތާތަކެއްކަމުން އެ ނުކުތާތައް ބަލައިނުގަނެ، ލޯނުގެ ޢަދަދާ ގުޅޭ ތިންވަނަ ނުކުތާއަކީ ބުރަދަނެއް ހުރި ބުނުމެއް ނޫންކަމަށް ކަނޑައެޅުނެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ މައިގަނޑު ދެ ޙާލަތަކީ، އެ ޙުކުމެއް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފު ސަބަބުތަކެއްގެ މައްޗަށް ކަމުގައިވުން، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުމާއި، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުގެ ތެރެއިން އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި ބާޠިލު އިޖުރާއަތެއް ކަމުގައިވުމެވެ.

HN2 ޢާންމު އުސޫލެއްގެ ގޮތުން ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ހައިކޯޓުގެ ފަނޑިޔާރުން ބަލައި ގޮތް ނިންމާނީ، އެ މައްސަލަތައް ދަށު މަރުޙަލާއިން ނިންމުމުގައި ޤާނޫނީ ގޮތުން ހެދި ގޯހަކީ ނުވަތަ އައިބަކީ ކޮބައިކަން ބަޔާންކޮށް ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ޤާނޫނީ ނުކުތާތަކުގެ މައްޗަށެވެ. މިއީ އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ސުޕްރީމް ކޯޓުގައިވެސް ޢަމަލުކުރާ ޢާންމު އުސޫލެވެ. ދަށު ކޯޓުގައި ފާހަގަ ނުކުރާކަމެއް ހައިކޯޓުގައި ޢާންމު އުސޫލެއްގެ ގޮތުން ފާހަގަ ކޮށްފިނަމަ، އެކަމެއް އެ ކޯޓުން ނުބަލާނެއެވެ. އަދި ހައިކޯޓުގައި ފާހަގަ ނުކުރާކަމެއް ސުޕްރީމް ކޯޓުގައި ފާހަގަކުރި ނަމަވެސް އެކަމެއް ސުޕްރީމް ކޯޓުން ވެސް ނުބަލާނެއެވެ.

HN3 ހައިކޯޓުގައި ފާހަގަ ނުކުރާ ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމުން އެކަމަށް ސުޕްރީމް ކޯޓުން އިސްތިސްނާއީ ގޮތެއްގައި ހުއްދަ ދެވިދާނެ ހާލަތްތަކެއް ޝަރުޠުތަކަކާއެކު ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުޠުތަކުގެ ތެރޭގައި ޤާނޫނީ ނުކުތާ ހައިކޯޓަށް ހުށަނޭޅުނު ސަބަބާއި، އެ ނުކުތައާ ގުޅިގެން އިތުރު ވާޤިޢާއެއް ކަށަވަރު ކުރަން ނުޖެހުމާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުން ހިމެނެއެވެ.

HN4 ޤާނޫނާއި ޤަވާޢިދަކީ، ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުން އެއަށް ޢަމަލު ކުރުން ލާޒިމު ތަކެއްޗެވެ. ނަމަވެސް، ސިވިލް ކޯޓުގެ އަމުރަކީ، އެ އަމުރަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ޢަމަލު ކުރުން ލާޒިމު އެއްޗެއް ނޫނެވެ.

HN5 ހައިކޯޓުގައި އިޢުތިރާޟެއް ބިނާކުރި އަސާސް އާއި ސުޕްރީމް ކޯޓުގައި އެ އިޢުތިރާޟު ބިނާކުރި އަސާސް ތަފާތުވެފައިވާނަމަ، ސުޕްރީމް ކޯޓުން އެ އިޢުތިރާޟާމެދު ގޮތެއް ކަނޑައެޅުން ވެގެންދާނީ ހައިކޯޓުގައި ގޮތެއް ކަނޑައެޅިފައިނުވާ، ހައިކޯޓުގެ ފަނޑިޔާރުންނަށް އެކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމެއްގައި ގޮތެއް ކަނޑައެޅުންފަދަ އިސްތިއުނާފީ އުސޫލުތަކާ ޚިލާފު ކަމަކަށެވެ.

HN6 ލޯން ސްޓޭޓްމަންޓްތަކުން އިންޓްރެސްޓާއި ޖޫރިމަނާ އަދި ރީޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ބޭންކުން ހިސާބުކޮށް ބަލާފައިވާގޮތުގެ ތަފުސީލު ފެންނަންނެތްކަމުގައި ހަމައެކަނި ބުނާ ބުނުމަކީ ބުރަދަނެއް ހުރި ބުނުމެއް ނޫނެވެ. އަދި ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ފަދައަކުން އޮތް ބުނުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޝިފާޒް އެންޑް ޕާޓްނަރސް އެލްއެލްޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު މުރާދު، މަޒްލާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-64/94) (މީގެ ފަހުން "ވާދީ ޓްރޭޑަރސް") އާއި މުޙައްމަދު އަޙްމަދުދީދީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A034858) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.

2މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ހަބީބް ބޭންކް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރީ ނަންބަރު FC-0016/2015) (މީގެ ފަހުން "ހަބީބް ބޭންކް") ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތް

3ހަބީބް ބޭންކާއި، ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު 27 ސެޕްޓެމްބަރު 1998 ގައި ލެޓަރ އޮފް މޯގޭޖް އެންޑް ލޯން އެގްރިމެންޓެއްގައި ސޮއިކުރިއެވެ.

4މި ލޯނު އެގްރިމެންޓްގައި ސޮއިކުރި އިރު ލޯނު އެގްރިމެންޓްގެ ގެރެންޓީގެ ގޮތުގައި މުޙައްމަދު އަޙްމަދުދީދީ އަދި ވާދީ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި ސޮއިކޮށްފައިވެއެވެ. އަދި ވާދީ ޓްރޭޑް ސެންޓަރުގެ ނަމުގައިވާ ބީ.އައި.އެފް ނަންބަރު 1 ގޯއްޗާއި، މ. ވާދީ ވިއު އެވެކިޔާ ގޯތި ރަހުނު ކޮށްފައިވެއެވެ.

5ލޯނާ ގުޅިގެން ދެފަރާތުން އެއްބަސްވެފައިވާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އާއި، ފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ މުއްދަތު ހަމަވުމުން އިތުރަށް ދެވުނު މުއްދަތުގައި ވެސް ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ހަބީބް ބޭންކަށް ފައިސާ ދައްކަމުން ގޮސްފައި ނުވާކަމުގައި ޙަބީބު ބޭންކުގެ ފަރާތުން ބުނެއެވެ.

6ހަބީބް ބޭންކާއި، ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީއާ ދެމެދު އޯވަރ ޑްރާފްޓް ފެސިލިޓީ އަކާއި ޓްރަސްޓް ރިސިޓް އަދި ޓަރމް ލޯން އެގްރިމެންޓްގެ ޕްރިންސިޕަލް ޢަދަދުގެ ގޮތުގައި ދައްކަންޖެހޭ 20,914,084/03ރ (ވިހި މިލިއަން ނުވަލައްކަ ސާދަހާސް އަށްޑިހަ ހަތަރު ރުފިޔާ ތިން ލާރި) އާއި ޕްރިންސިޕަލް ޢަދަދުގެ އިންޓަރެސްޓްގެ ގޮތުގައި 30 ނޮވެންބަރު 2016 ވަނަ ދުވަހާ ހަމައަށް ދައްކަންޖެހޭ 1,924,528/78ރ (އެއްމިލިއަން ނުވަލައްކަ ސައުވީސްހާސް ފަސްސަތޭކަ އަށާވީސް ރުފިޔާ ހަތްދިހައަށް ލާރި) އާއި އެކުޖުމްލަ 22,838,612/81ރ (ބާވީސް މިލިއަން އަށްލައްކަ ތިރީސްއަށް ހާސް ހަސަތޭކަ ބާރަ ރުފިޔާ އަށްޑިހައެއް ލާރި) ގަވާއިދުން ހަބީބް ބޭންކަށް ދައްކަމުން ނުދާތީ މި ފައިސާ ހޯދުމަށް ހަބީބް ބޭންކުން ކުރަންޖެހޭ އެންމެހައި ޚަރަދަކާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހަބީބް ބޭންކްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ އިންނެވެ.

7ހަބީބް ބޭންކްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް އެ ކޯޓުގައި ޖަވާބުދާރީވަމުން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ބުނެފައިވަނީ، ސިވިލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ދެފަރާތުގެ ދެމެދުގައި ސެޓްލްމެންޓަކަށް އައުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށްވާތީ އެ ފަރާތްތަކުން ބޭނުންވަނީ މި މައްސަލަ ކޯޓުން ބޭރުގައި ޙައްލު ކުރުމަށްޓަކައި ދެފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށް ކަމަށެވެ.

8މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

27 ސެޕްޓެންބަރު 1998 ގައި ހަބީބް ބޭންކާއި ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އެއްބަސްވެފައިވާ ގޮތުގެމަތިން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން 27 ފެބްރުވަރީ 2018 ދުވަހުގެ ނިޔަލަށް އެކުޖުމްލަ 25,906,606/75ރ (ފަންސަވީސް މިލިޔަން ނުވަލައްކަ ހަހާސް ހަސަތޭކަހަ ރުފިޔާ ހަތްދިހަފަސް ލާރި) ހަބީބް ބޭންކަށް ދައްކާފައި ނުވާކަން.

ލޯނާ ގުޅިގެން މުޙައްމަދު އަޙްމަދުދީދީގެ ނަމުގައިވާ "ބީ.އައި.އެފް ނަންބަރު 1" އަދި "މ. ވާދީ ވިއު" އެވެ ކިޔާ ގޯއްޗާއި ޢިމާރާތްތައް ރަހުނު ކުރެވިފައިވާކަން ޝަރީޢަތަށް ސާބިތުވާކަން.

އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން އެހައިތަނަށް ހަބީބް ބޭންކްގެ ޤާނޫނީ ވަކީލުންގެ ފީގެ ގޮތުގައި ޚަރަދު ކުރަން ޖެހުނު 21,200/-ރ (އެކާވީސްހާސް ދުއިސައްތަ ރުފިޔާ) އަކީ މި ލޯނަށް ގެރެންޓީ ދީފައިވާ ފަރާތްތަކުގެ ހައިސިއްޔަތުން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ދައްކަންޖެހޭ ފައިސާއެއްކަން.

ލޯނުގެ މުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ 30 އޯގަސްޓް 2018 އިން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ދައްކަން ޖެހޭވަރު ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރަންޖެހޭކަން.

އަދި މި ފައިސާ ދެއްކުމަށް ދީފައިވާ 07 (ހަތެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު މި ފައިސާ އެއްކޮށް ދައްކާ ޚަލާސް ކޮށްފައި ނުވާނަމަ މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ "ބީ.އައި.އެފް ނަންބަރު 1" އާއި، "މ. ވާދީވިއު" އެވެ ކިޔާ ގޯއްޗާއި އިމާރާތް ވިއްކާލުމުގެ ހުއްދަ ހަބީބް ބޭންކަށް ލިބިގެންވާކަން.

9ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާ ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ އިސްތިއުނާފީ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

10މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވަނީ އަންނަނިވި 03 (ތިނެއް) ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، ހަބީބް ބޭންކްގެ ފަރާތުން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ އަށް ދޫކޮށްފައިވާ ލޯނާއި ގުޅިގެން ރަހުނު ކުރެވިފައިވާ ގޯތިތައް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުގެ ނަންބަރު 3288/Cv-C/2017 ޤަޟިއްޔާއިން ދީފައިވަނީ ރަހުނާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ބިން ބިމާއި ގުޅިގެން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ޙާއްޞަ ޤާނޫނު ކަމުގައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާ އާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނީ އަސާސްތައް ތަންފީޒުކޮށް، އެ ގޮތުގެމަތިން ރަހުނު ތަންފީޒު ކުރުމުގެ ހުއްދަ ދިނުމާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރުB5-CRI/CA/2016/16 ކޯޓު އަމުރުގެ ޒަރީޢާއިން ޤާއިމު ކޮށްފައިވާ ޤާނޫނީ އުސޫލުތައް ތަތުބީޤު ކުރެވޭނީ ރަހުނު ކުރެވިފައިވާ މުދަލެއް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ރަހުނު ކުރެވިފައިވާ ހާލަތްތަކުގައި އެކަނިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ، އެ އަމުރާއި، އެ އަމުރު ބިނާވާ ބަޔާންވެދިޔަ ޤާނޫނީ މާއްދާތަކުން ޤާއިމްކޮށްފައިވާ ޤާނޫނީ އުޞޫލުތަކުން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީއަށް ލިބިދެވޭ ޙައްޤުތައް ގެއްލޭ ގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ހަބީބް ބޭންކްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސްޓޭޓްމަންޓްތަކަކީ، އެ ސްޓޭޓްމަންޓްތަކުން އިންޓްރެސްޓާއި ޖޫރިމަނާ އަދި ރީޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހިސާބުކޮށް، ބަލާފައިވާގޮތުގެ ތަފުސީލު ފެންނަން ނެތް ލިޔެކިޔުންތަކެއް ކަމުގައިވާއިރު އެކަމަށް ރިޢާޔަތް ނުކޮށް ހައިކޯޓުން ހުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދު

11ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން ހަބީބް ބޭންކްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ރަހުނު ކުރެވިފައިވާ ބިމެއް ނުވަތަ ބިމަކުން ބައެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލުމަށްޓަކައި ހުއްދައަށް އެދި ޝަރީޢަތަށް ހުށަހެޅޭނީ ލޯނު އެއްބަސްވުމުގެ ދަށުން ފައިސާ ނުދައްކައިގެން ކުރި ދައުވާގައި ފައިސާ ދެއްކުމަށް ޝަރީޢަތުން ހުކުމްކޮށް އެ ހުކުމަށް ޢަމަލު ކޮށްފައިނުވާ ނަމަ ކަމަށް ބަޔާން ކޮށްފައިވާތީ އާއި ބިމާ ގުޅޭ ރަހުނު ވިއްކާލުމުގެ ހުއްދަ ދެވޭނީ ހުކުމް ތަންފީޒުކުރާ މައްސަލައެއްގެ ތެރެއިންކަން އެނގެން އޮންނާތީ، ރަހުނު ވިއްކާލުމަށްޓަކައި ހަބީބް ބޭންކުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި ހަބީބް ބޭންކުންވަނީ ތަންފީޒީ މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިކަން.

28 ފެބްރުއަރީ 2018 ގައި ހަބީބް ބޭންކުން "އެގްޒިބިޓް-3" ގެ ގޮތުގައި ހުށަހަޅާފައިވާ "ހެކި ލިސްޓް" ގައި ލޯނާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ތަފުސީލުތައް ހިމަނާފައިވާކަން. އަދި އެ ފައިސާގެ ޢަދަދާ މެދު އިސްތިއުނާފު ކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި އިޢުތިރާޟު ކޮށްފައި ނުވާކަން.

ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު

12އިސްތިއުނާފީ މި މައްސަލައާ ގުޅިގެން އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ އެ ކޯޓުގެ ނަންބަރު 3288/Cv-C/398 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް މި މައްސަލަ އިސްތިއުނާފު ކުރި ފަރާތްތަކުން އެދިފައިވެއެވެ.

13މި ހުށަހެޅުމާ ގުޅިގެން ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު އަޙްމަދުދީދީ ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގެންދިއުމަށާއި، އެ ފައިސާއާމެދު ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް، ސިވިލް ކޯޓުގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ވާދީ ޓްރޭޑަރސް ޕްރައިވެޓް ލިމިޓެޑާއި، މުޙައްމަދު އަޙްމަދުދީދީއަށް އަންގައި އަމުރު ކޮށްފައިވާނެއެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

14މި މައްސަލައިގައި ދެ ފަރާތުން ޝަރީޢަތުގައި ދެއްކި ވާހަކަތަކަށާއި، ހުށަހެޅި ހުށަހެޅުންތަކަށް ބަލާއިރު، ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ދެ ކަމެއް ފާހަގަ ކުރެވެއެވެ.

ފުރަތަމަ ކަމަކީ، ހަބީބް ބޭންކްގެ ފަރާތުން ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ އަށް ދޫކޮށްފައިވާ ލޯނާއި ގުޅިގެން ރަހުނު ކުރެވިފައިވާ ގޯތިތައް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ހައިކޯޓުން ނިންމާފައިވަނީ ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ޚިލާފަށްކަން ނުވަތަ ނޫންކަމެވެ.

ދެވަނަ ކަމަކީ، ހަބީބް ބޭންކްގެ ފަރާތުން ލޯނުގެ ފައިސާއާއި ލޯނު އިންޓަރެސްޓްގެ ގޮތުގައި އަރާފައިވާކަމަށް ބުނެފައިވާ ޢަދަދުތައް ސިވިލް ކޯޓުން ހިސާބު ކޮށްފައިވަނީ ފެންނަން ނެތް ތަފުސީލުތަކެއްގެ މައްޗަށް ކަމުގައި ހައިކޯޓުގައި އިސްތިއުނާފު ކުރާފަރާތްތަކުން ފާހަގަ ކުރިނަމަވެސް، އެކަމަށް ހައިކޯޓުން ރިޢާޔަތް ކުރިކަން ނުވަތަ ނޫންކަމެވެ.

15ޝަރީޢަތުން ގޮތެއް ކަނޑައަޅަން ގަސްދުކުރި ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާފަރާތުން ޙަވާލާ ދީފައިވާ ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ޚިލާފަށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމުގައި ސުޕްރީމް ކޯޓުގައި ފާހަގަ ކުރި ނުކުތާއަކީ، އެ ފަރާތުން އެ ފަދައިން ހައިކޯޓުގައި ފާހަގަ ކޮށްފައިނުވާ ނުކުތާއެއް ކަމުގައްޔާއި، އެ ނުކުތާ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވަނީ، ހައިކޯޓުގެ އަގައްލިއްޔަ ރައުޔުގައި އެކަން އެ މޭރުމުން ފާހަގަ ކޮށްފައި އޮތުމުގެ ސަބަބުންކަމުގައި ހަބީބް ބޭންކްގެ ފަރާތުން ބުނެފައިވާތީ، އެ ނުކުތާގެ ތަފުސީލަށް ދިއުމުގެ ކުރިން އެއީ ހައިކޯޓަށް ހުށަހެޅުނު ޤާނޫނީ ނުކުތާއެއްކަން ނުވަތަ ނޫންކަން ބެލުން މުހިންމު ކަމުގައި ދެކެމެވެ.

އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅުން

16މި މައްސަލައިގައި ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަކޮށްފައިވާ އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ބިމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާއާއި އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދު" ގެ 10 ވަނަ މާއްދާއާ ޚިލާފަށްކަމަށް މި މައްސަލަ ހައިކޯޓުން ނިންމާފައިވާ ކަމުގައި ބުނެއެވެ. މި ނުކުތާއަށް ބަލާއިރު، ބިމާބެހޭ ޤާނޫނާއި، އެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ހަވާލާދީ ހައިކޯޓުގައި މައްސަލައިގެ އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައި ނުވެއެވެ. ވުމާއެކު، މި ޤާނޫނީ ނުކުތާއަކީ ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅިފައިވާ ޤާނޫނީ ނުކުތާއެއް ކަމުގައިވާތީ، މި ނުކުތާއަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅޭނެ ނުކުތާއެއްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމަންޖެހެއެވެ.

17HN1ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ މައިގަނޑު ދެ ޙާލަތެއްވާކަމާއި، އެ ދެ ޙާލަތަކީ؛

އެ ޙުކުމެއް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފު ސަބަބުތަކެއްގެ މައްޗަށް ކަމުގައިވުން، ނުވަތަ ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.

ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުގެ ތެރެއިން އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން. މިއެވެ.

18ބަޔާންކުރެވިދިޔަ މާއްދާތަކުގެ އިތުރަށް، ހައިކޯޓުގައި ފާހަގަ ކޮށްފައިނުވާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ޙާލަތްތައް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް[2021] SC 75 މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައި ވެއެވެ. އެ ހާލަތްތައް ތިރީގައި މިވަނީއެވެ.

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ ނުކުތާއަކަށްވުން ނުވަތަ،

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ،

އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން.

19މި ހާލަތްތައް ބަޔާން ކުރެއްވުމަށްފަހު، އެ މައްސަލައިގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ،

"އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަމެވެ."

މި ފަދައިންނެވެ.

20މި ނުކުތާއާ ގުޅިގެން ޝަރީޢަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ހަބީބް ބޭންކްގެ ފަރާތުން ބުނެފައިވަނީ، ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ހަވާލާދީ ވާދީ ޓްރޭޑަރސް އާއި، މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ހައިކޯޓުގައި ވަކި ކަމެއް ފާހަގަ ނުކުރާ ކަމުގައެވެ. އަދި މި ސުވާލު ވާދީ ޓްރޭޑަރސް އާއި، މުޙައްމަދު އަޙްމަދުދީދީއަށް ކުރިމަތިކުރުމުން އެ ފަރާތުން ބުނެފައިވަނީ މިއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ ފަރާތުން ސިވިލް ކޯޓާއި، ހައިކޯޓުގައި ފާހަގަ ކުރި ނުކުތާއެއް ކަމުގައްޔާއި، ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދުގައިވާ އުސޫލުތަކަކީ، ސިވިލް ކޯޓުގެ ނަންބަރު B5-CRI/CA/2016/16 ކޯޓު އަމުރުގައި ވެސް ބަޔާންވެފައިވާ އުސޫލުތައް ކަމުގައެވެ.

21މި ނުކުތާއާ ގުޅިގެން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު ދިރާސާ ކުރުމުން އެނގިގެން ދިޔައީ، ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ހަވާލާދީ ވާދީ ޓްރޭޑަރސް އާއި، މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން އެ ކޯޓުގައި އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނުވާކަމެވެ. އެހެން ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު B5-CRI/CA/2016/16 ކޯޓު އަމުރާ ގުޅިގެން އެ ކޯޓުގައި އެ ފަރާތުން ތަފުސީލުކޮށް ވާހަކަ ދައްކާފައިވެއެވެ.

22HN2ޢާންމު އުސޫލެއްގެ ގޮތުން ހައިކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ހައިކޯޓުގެ ފަނޑިޔާރުން ބަލައި ގޮތް ނިންމާނީ، އެ މައްސަލަތައް ދަށު މަރުޙަލާއިން ނިންމުމުގައި ޤާނޫނީ ގޮތުން ހެދި ގޯހަކީ ނުވަތަ އައިބަކީ ކޮބައިކަން ބަޔާންކޮށް ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ޤާނޫނީ ނުކުތާތަކުގެ މައްޗަށެވެ. މިއީ އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ސުޕްރީމް ކޯޓުގައިވެސް ޢަމަލުކުރާ ޢާންމު އުސޫލެވެ. މިއީ، ޝަރީޢަތް ކުރާ ކޯޓުތަކާއި، (Trial Courts) އިސްތިއުނާފީ ކޯޓުތަކުގެ (appellate courts) ތަފާތު އެންމެ ބޮޑަށް ފާހަގަވާ އުސޫލު ވެސް މެއެވެ. މި އުސޫލާ ޚިލާފުވެ، ދަށު ކޯޓުގައި ފާހަގަ ނުކުރާކަމެއް ހައިކޯޓުގައި ޢާންމު އުސޫލެއްގެ ގޮތުން ފާހަގަ ކޮށްފިނަމަ، އެކަމެއް އެ ކޯޓުން ނުބަލާނެއެވެ. އަދި ހައިކޯޓުގައި ފާހަގަ ނުކުރާކަމެއް ސުޕްރީމް ކޯޓުގައި ފާހަގަކުރި ނަމަވެސް އެކަމެއް ސުޕްރީމް ކޯޓުން ވެސް ނުބަލާނެއެވެ.

23HN3އަހުރެންވެސް އެއްބަހެވެ. މި ޢާންމު އުސޫލުތަކަށް އިސްތިސްނާ ތަކެއް ވެއެވެ. ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް[2021] SC 75 މައްސަލައަކީ، ހައިކޯޓުގައި ފާހަގަ ނުކުރާ ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުގައި ފާހަގަ ކުރުމުން އެކަމަށް ސުޕްރީމް ކޯޓުން އިސްތިސްނާއީ ގޮތެއްގައި ހުއްދަ ދެވިދާނެ ހާލަތްތަކެއް ޝަރުޠުތަކަކާއެކު ބަޔާންކޮށްފައިވާ މައްސަލައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި ޤާނޫނީ ނުކުތާ ހައިކޯޓަށް ހުށަނޭޅުނު ސަބަބާއި، އެ ނުކުތައާ ގުޅިގެން އިތުރު ވާޤިޢާއެއް ކަށަވަރު ކުރަން ނުޖެހުމާއި، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުން ހިމެނެއެވެ.

24މި ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގެ މަރުހަލާއިން ފެށިގެން އިސްތިއުނާފު ކުރާ ފަރާތްތަކުން ފާހަގަ ކުރަމުން އައި އިއުތިރާޟަކީ އެއް އިއުތިރާޟެއް ކަމުގައްޔާއި، އެއީ ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދުގައި ވެސް ބަޔާންވެފައިވާ ފަދައިން ލޯނަކާ ގުޅިގެން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ރަހުނެއްގެ ގޮތުގައި ވިއްކާލުމުގެ ކުރިން ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޙުކުމެއް ކޮށް، އެ ޙުކުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަން ކަނޑައެޅިފައި އޮންނަން އޮތުން ކަމުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.

25HN4HN5މި ކަމުގެ ތަފުސީލަށް ބަލާއިރު، މި އިޢުތިރާޟު ސިވިލް ކޯޓާއި ހައިކޯޓުގައި އެ ފަރާތްތަކުން ފާހަގަ ކޮށްފައިވަނީ ސިވިލް ކޯޓުގެ އަމުރަކާ ޙަވާލާދީއެވެ. ސުޕްރީމް ކޯޓުގައި މި އިޢުތިރާޟު ފާހަގަ ކޮށްފައިވަނީ، ބިމާބެހޭ ޤާނޫނާއި، ބިމާއި އިމާރާތް އަދި ފްލެޓް ރަހުނު ކުރުމާބެހޭ ގަވާއިދާ ޙަވާލާދީއެވެ. އިޢުތިރާޟުގެ އަސާސްތަކަށް ބަލާއިރު، ޤާނޫނާއި ޤަވާޢިދަކީ، ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުން އެއަށް ޢަމަލު ކުރުން ލާޒިމު ތަކެއްޗެވެ. ނަމަވެސް، ސިވިލް ކޯޓުގެ އަމުރަކީ، އެ އަމުރަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ޢަމަލު ކުރުން ލާޒިމު އެއްޗެއް ނޫނެވެ. ކަންމިހެން އޮތުމުން ހައިކޯޓުގައި މި އިޢުތިރާޟު ބިނާކުރި އަސާސް އާއި ސުޕްރީމް ކޯޓުގައި މި އިޢުތިރާޟު ބިނާކުރި އަސާސް ތަފާތުވެފައި ވުމުގެ ސަބަބުން ސުޕްރީމް ކޯޓުން މި އިޢުތިރާޟާމެދު ގޮތެއް ކަނޑައެޅުން ވެގެންދާނީ ހައިކޯޓުގައި ގޮތެއް ކަނޑައެޅިފައިނުވާ، ހައިކޯޓުގެ ފަނޑިޔާރުންނަށް އެކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމެއްގައި ގޮތެއް ކަނޑައެޅުންފަދަ އިސްތިއުނާފީ އުސޫލުތަކާ ޚިލާފު ކަމެއްކަމުގައެވެ.

26މީގެ އިތުރަށް މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ރަހުނާމެދު ޢަމަލު ކުރުމަށް ލޯނު އެއްބަސްވުމުގައި ދެ ފަރާތުން ވަނީ ވަކި ގޮތަކަށް އެއްބަސްވެފައެވެ. މި ގޮތުން ލޯނު އެއްބަސްވުމުގެ 04 ވަނަ މާއްދާއާއި 06 ވަނަ މާއްދާއަށް ބަލާއިރު، އެއްބަސްވުމާ އެއްގޮތަށް ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި، ލޯނު ނަގާ ފަރާތުންނާއި، ލޯނަށް ގެރެންޓީ ދީފައިވާ ފަރާތުން މި ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ މުދާ އެއްވެސް ޝަރުޠެއް ނެތި ބެންކާ ހަވާލު ކުރުމަށް އެއްބަސްވެފައިވެއެވެ. އަދި ރަހުނު ކުރެވިފައިވާ މުދާ ބޭންކްގެ ބާރުގެ ދަށަށް ގެނައުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމުގައި ލޯނު ނެގި ފަރާތުންނާއި، ލޯނަށް ގެރެންޓީ ދީފައިވާ ފަރާތުން އެއްބަސްވެފައިވެއެވެ.

27މީގެ އިތުރަށް، ބަހުސްގެ ބޭނުމަށްޓަކައި ބެލިނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުގައި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާއިރު، ފައިސާ އެއްކޮށް ދައްކައި ޚަލާޞްކޮށްފައި ނުވާނަމަ، ރަހުނު ވިއްކާލުމުގެ ހުއްދަ ދީފައި އޮތް އޮތުމަކީ، އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ ހުއްދައެއް ނޫނެވެ. އެ ހުއްދައިގެ ދަށުން ރަހުނު ވިއްކާލުމަށްޓަކައި ފައިސާ ދައްކާ ޚަލާޞްކޮށްފައި ނުވާކަން، ނުވަތަ ފައިސާ ދެއްކުމަށް ކުރި ޙުކުމަށް ޢަމަލު ކޮށްފައިނުވާކަން ކަނޑައެޅުމަށްފަހު މެނުވީ ރަހުނު ވިއްކާ ނުލެވޭނެއެވެ. އެހެން ކަމުން ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ވާފަދައިން "ފައިސާ ދެއްކުމަށް ޝަރީޢަތުން ޙުކުމްކޮށް، އެ ޙުކުމަށް ޢަމަލުކޮށްފައި ނުވާކަން" ވަޒަންކުރުމަށް، އަދި އިސްތިއުނާފު ކުރާ ފަރާތްތަކުން ޙަވާލާދޭ އަމުރާ އެއްގޮތަށް "ފައިސާ ދައްކާފައިނުވާކަން ކަށަވަރު ކުރުމަށް އެ ޙުކުމުގައި ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމުގައި، އަދި ތަންފީޒީ މަރުޙަލާގައި އެ ޙުކުމުގެ ސަބަބުން ކުރިމަތިވާނެ އިތުރު އިޖުރާއީ އައިބެއް އޮތްކަމުގައިވެސް ނުދެކެމެވެ.

28މިކަންކަން މިހެން ހުރިއިރު، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް[2021] SC 75 މައްސަލައިގައިވާ އުސޫލުން އައު ޤާނޫނީ ނުކުތާއެއް ހުށަހެޅުމަށް ހުއްދަދެވޭނެ ހާލަތެއް މި މައްސަލައިގައި އޮތްކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު، އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި، ދެވަނަ ނުކުތާއަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅޭނެ ފަދައަކުން އޮތް ނުކުތާތަކެއް ކަމުގައިނުވާތީ އެދެ ނުކުތާ އަހުރެން ބަލައި ނުގަންނަމެވެ.

ލޯނުގެ ޢަދަދާއި ލޯނު އިންޓްރެސްޓް ޢަދަދު

29އިސްތިއުނާފީ ތިންވަނަ ނުކުތާގައި ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީ ބުނެފައިވަނީ، ލޯން ސްޓޭޓްމަންޓްތަކުން އިންޓްރެސްޓާއި ޖޫރިމަނާ އަދި ރީޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހަބީބް ބޭންކުން ހިސާބުކޮށް ބަލާފައިވާގޮތުގެ ތަފުސީލު ފެންނަންނެތް އިރު، އެކަމަށް ރިޢާޔަތްކޮށްފައިނުކޮށް ހައިކޯޓުން ޙުކުމްކޮށްފައިވާކަމަށެވެ.

30މި ނުކުތާއަށް ބަލާއިރު، ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ހަބީބް ބޭންކްގެ ފަރާތުން 28 ފެބުރުއަރީ 2018 ގައި "ހެކި ލިސްޓް" ގެ އެގްޒިބިޓް-3 ގައި ލޯނާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ތަފުސީލު ހިމަނާފައިވާ ލިޔުމެއް ހުށަހަޅާފައިވެއެވެ. އަދި މި ހެކި ލިސްޓާއެކު އޯވަޑްރާފްޓް ޓަރމްލޯނު އަދި ޓްރަސްޓް ރިސިޓްގެ ޕްރިންސިޕަލް އަދަދާއި އިންޓްރަސްޓް އަދި ޖުމްލަ ޢަދަދުތައް ޝަރީޢަތަށް ހުށަހަޅާފައިވެއެވެ. މިކަމުގެ ތަފުސީލުތައް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ 30 ވަނަ ޕެރެގްރާފުގައި ބަޔާން ވެފައިވެއެވެ. އަދި ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާން ކޮށްފައިވާ ފައިސާގެ ޢަދަދަކީ ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ދައްކަންޖެހޭ ޢަދަދެއް ނޫންކަމުގައި ބުނެ އެ ޢަދަދަށް ޝަރުޢީ އެއްވެސް މަރުހަލާއެއްގައި އެ ފަރާތްތަކުން އިންކާރު ކޮށްފައި ވެސް ނުވެއެވެ.

31HN6ކަންމިހެން އޮތްއިރު، ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ލޯން ސްޓޭޓްމަންޓްތަކުން އިންޓްރެސްޓާއި ޖޫރިމަނާ އަދި ރީޕޭމެންޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ހަބީބް ބޭންކުން ހިސާބުކޮށް ބަލާފައިވާގޮތުގެ ތަފުސީލު ފެންނަންނެތްކަމުގައި ހަމައެކަނި ބުނާ ބުނުމަކީ ބުރަދަނެއް ހުރި ބުނުމެއްކަމުގައި އަދި ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ފަދައަކުން އޮތް ބުނުމެއްކަމުގައި އަހުރެން ނުދެކެމެވެ. މި ބުނުމުގައި އެ ފަރާތްތަކުން ފާހަގަ ކުރާ ކަންކަމުގެ ތަފުސީލުގައި އެ ފަރާތްތަކުން ބެންކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުމުގައި ވަކި ހެއްކަކަށް ރިޢާޔަތް ކޮށްފައިނުވާކަމުގައި ފާހަގަ ކުރިނަމަ، ނުވަތަ އެއްބަސްވުމާ ޚިލާފަށް އެ ޢަދަދު ހިސާބު ކުރިކަމުގައި ބުނެ ބުނެ އެފަދައިން ކަމެއް ފާހަގަ ކުރިނަމަ، އަހުރެން މި ނުކުތާއާމެދު އިތުރު ގޮތަކަށް ވިސްނީމުހެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

32މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމާއެކު، ވާދީ ޓްރޭޑަރސް އާއި މުޙައްމަދު އަޙްމަދުދީދީގެ ފަރާތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/398 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

ޑރ. މުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ