ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 48 · 2022/SC-A/12ސުޕްރީމް ކޯޓު · 28 އޮގަސްޓް 2022

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޮގަސްޓް 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާ ނިންމާފައިވާގޮތް ރަނގަޅުނޫން ކަމަށް ބުނެ، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފު ކުރި ފަރާތަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) (މީގެ ފަހުން: "އެސްބީއައި' ނުވަތަ 'އިސްތިއުނާފު ކުރާ ފަރާތް') އެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: 'ޕްލެޓިނަމް ކެޕިޓަލް' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އެސްބީއައިގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: "ކްރިސްޓަލް ލެގޫން") އަށް 2 ލޯނެއް ދިނެވެ. ފުރަތަމަ ލޯނަކީ USD 10,000,000.00 (ދިހަ މިލިޔަން އެމެރިކާ ޑޮލަރު) ގެ ޓަރމް ލޯނެކެވެ. މި ލޯނު ދީފައިވަނީ 16 ފެބުރުވަރީ 2006 ގައެވެ. ދެވަނަ ލޯނަކީ 64,000,000.00ރ. (ފަސްދޮޅަސް ހަތަރު މިލިއަން ރުފިޔާ) ގެ ޓަރމް ލޯނެކެވެ. މި ލޯނު ދީފައިވަނީ 18 ޖޫން 2008 ގައެވެ. މި ދެ ލޯނަށް ޔަޤީންކަންދިން ފަރާތްތަކުގެ ތެރޭގައި މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ޕްލެޓިނަމް ކެޕިޓަލް އަދި އިތުރު ފަރާތްތަކެއް ހިމެނެއެވެ.

ކްރިސްޓަލް ލެގޫންގެ ފަރާތުން ލޯނު އަނބުރާ ދެއްކުމުގައި ޑިފޯލްޓް (default) ވެފައިވާކަމަށް ބުނެ، އެސްބީއައިގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓަށް ހަށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގައި ވަނީ "... މިއެންމެހައި ފައިސާ ]ލޯނު އަދި އަރަމުންދާ އިންޓްރެސްޓް ޖޫރިމަނާއާއެކު[ މިއަދު 29 އޮކްޓޯބަރ 2015 ވަނަ ދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ މަދުވެގެން އެ މަހަކަށް ޖެހޭވަރު ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް ދައްކަމުންގޮސް، މި ފައިސާ މި މުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ]ދަޢުވާލިބޭ ފަރާތްތަކަށް[ އަންގައި އަދި މި ފައިސާ ދެއްކުމަށް މިދެންނެވުނު 08 (އަށެއް) މަސްދުވަހުގެ މުއްދަތު ހަމަވާއިރު، މި ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރެވިފައިނުވާނަމަ، މި މުޢާމަލާތުގައި ރަހުނު ކުރެވިފައިވާ ކޮނޮއްޓާ ރިސޯޓް މިހާރު ވިއްކާލާފައިވާތީ، އެ ރިސޯޓު ނުހިމަނާ، އެ ރިސޯޓުގެ އިތުރުން ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ އެރިޔަދޫ އައިލެންޑް ރިޒޯޓް އާއި މާފުށި ޕިކްނިކް އައިލެންޑް ވިކްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އެސްބީއައިގެ ފަރާތުން 11 ޖުލައި 2021 ގައި އެރިޔަދޫ އައިލެންޑް ރިޒޯޓް ވިއްކާލުމަށް އިޢުލާނު ކުރިއެވެ. މި އިޢުލާނާގުޅިގެން، 'އެރިޔަދޫ އައިލެންޑް ރިޒޯޓް' އަކީ މިހާރު ހިނގަމުންދާ ރިޒޯޓެއް ކަމަށާއި އެރިޔަދޫ އައިލެންޑް ރިޒޯޓް ވިއްކާލުމުގެ ކަންކަން އެސްބީއައިއިން ކުރަންޖެހޭނީ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާގައި ބުނާ ރަހުނުކުރެވޭ މުދާ ވިއްކުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްލެޓިނަމް ކެޕިޓަލް އިން އެސްބީއައިގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލަމުންދަނީ އެ ކޯޓުގެ ނަންބަރު 2551/Cv-C/2021 ޤަޟިއްޔާއިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު 2551/Cv-C/2021 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އެ ކޯޓަށް ހުށަހެޅި ޕްލެޓިނަމް ކެޕިޓަލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނެވެ. ވަގުތީ އަމުރަކަށް އެދިފައިވަނީ މައްސަލައިގެ މައުޟޫޢުގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންދެން ލޯނާ ގުޅިގެން އަމުރަށް އެދޭ ފަރާތުން ރަހުނުކޮށްފައިވާ އެއްވެސް މުދަލެއް ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށާއި، އެރިޔަދޫ އައިލެންޑް ރިޒޯޓް ވިއްކުމުގެ ގޮތުން 11 ޖުލައި 2021 ގައި ކޮށްފައިވާ އިޢުލާނަށް ޢަމަލުކުރުން ފަސްކުރުމަށް އެސްބީއައިގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދިއެވެ.

ޕްލެޓިނަމް ކެޕިޓަލް އިން އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދިނެވެ. ވަގުތީ އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 "ވަގުތީ އަމުރު" އިންނެވެ. ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ: "... އެރިޔަދޫ އައިލެންޑް ރިޒޯޓް ވިއްކާލުމަށް 11 ޖުލައި 2021 މި ތާރީޚުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ކޮށްފައިވާ އިޢުލާނަށް ޢަމަލުކުރުން ސިވިލް ކޯޓުގެ ނަންބަރު 2551/Cv-C/2021 ޤަޟިއްޔާގެ މައުޟޫޢުގައި ވަކިގޮތެއް ކަނޑައެޅެންދެން ފަސްކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އަށާއި އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ." މިފަދައިންނެވެ.

ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރު އެސްބީއައިގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި އަމުރުގެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާ އިންނެވެ. ހައިކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާގެ ޙުކުމްގައި ވަނީ "... ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

ހައިކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅުނޫންކަމަށް ބުނެ އެސްބީއައިގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ފާހަގަކުރި ކަންކަން

ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރަށް ބަލާއިރު އެ އަމުރުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ކަމަކީ، ހުށަހެޅިފައިވާ މައްސަލައެއްގައި ވަގުތީ އަމުރެއް އޮންނަ ޙާލަތުގައި އެކަމުގެ މައްޗަށް ޝަރީޢަތުން އިސްކަންދޭންޖެހެނީ މައިގަނޑު 3 ކަމެއްގެ މައްޗަށް ބެލެވިގެންކަމަށް ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާކަމެވެ. އެ 03 (ތިނެއް) ކަމަކީ،

ފުރަތަމަކަމަކީ، އެ މައްސަލައިގެ ޙާލަތު ނުވަތަ ހާދިސާ ހިނގާފައި ވާގޮތުގެ މައްޗަށް ދަޢުވާގެ މައުޟޫޢުއާއި ވަގުތީ އަމުރަށް އެދިފައިވާ ކަންކަމުގެ މައްޗަށް ބެލެވިގެން އޮންނަ އޮތުމެވެ.

ދެވަނަކަމަކީ، ވަގުތުގެ ގޮތުން އެމައްސަލައިގެ މައުޟޫޢުގައި ބެލެވޭ ބެލުމެއް އާއްމު އިޖުރާއާތުގެ ތެރެއިން ގެންގޮސްނިންމާ ޙާލަތުގައި ވަގުތީ އަމުރުގައި އެދިފައިވާ އެކަމެއް ހިނގާފާނެކަމަށް ބަޔާންކޮށްފައިވާ އެވަގުތު އައުމުގެކުރިން އެކަމަކަށް ޝަރީޢަތުގެ ފަރާތުން އިސްވެ ފިޔަވަޅެއް ނާޅައިފިނަމަ ޙުކުމުގެ ނަތީޖާ ގެއްލި ހިނގައިދާނެ ކަމަށް ބެލެވޭ ގޮތުގައި އޮންނަ ވަގުތުގެ މައްޗަށް ބެލޭ ބެލުމެވެ.

ތިންވަނަކަމަކީ، ސަބަބުގެ މައްޗަށް ބަލާއިރު ވަގުތީ އަމުރު ނެރެންޖެހޭ ސަބަބު ވުޖޫދުގައި ދެމިއޮތްކަމަށް ބެލެވޭ ބެލެވުމެވެ.

މި ތިންކަމަކީ ނެރެފައިވާ ވަގުތީ އަމުރު މުރާޖަޢާކުރުމުގައިވެސް ރިޢާޔަތްކުރާ ކަންތައްތައްކަމަށާއި، ފަނޑިޔާރުން އިސްކަންދިނުމަށް ވަގުތުގެ ތަނަވަސްކަން ދެނެގަތުމަށް ބަލަނީ ބުނެވުނު ގޮތުގެ މައްޗަށް ކަމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ދެވަނަ ކަމަކީ، ވަގުތީ އަމުރެއް ނެރުމުގައި ޝަރީޢަތުގެ ފަރާތުން ޢަމަލުކުރުމުގައި ގެންގުޅެނީ މައިގަނޑު 3 ގޮތެއްކަމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާކަމެވެ. އެ 03 (ތިނެއް) ގޮތަކީ،

ހުށަހެޅިފައިވާ ޤަޟިއްޔާގެ ސީޣާއަށާއި ވަގުތީ އަމުރަށް އެދިފައިވާ ސަބަބަށާއި ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަކާނުލައި ވަގުތުން ވަގުތީއަމުރެއް ނެރުން؛

ދެ ޚަޞްމުންކުރެ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ބަޔާނެއް ހޯދުން ނުވަތަ ޝަރީޢަތުގެ އަޑުއެހުމަކަށްފަހު، ޝަރީޢަތަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރުން؛

ދެ ޚަޞްމުންކުރެ ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ބަޔާނެއް ހޯދުން ނުވަތަ ޝަރީޢަތުގެ އަޑުއެހުމަކަށްފަހުގައިވެސް ވަގުތީއަމުރެއް ނެރެންޖެހޭފަދަ ހާލަތާއި ވަގުތާއި ސަބަބެއް ނެތްކަމަށް ޝަރީޢަތަށް ބުރަވެވިއްޖެނަމަ އެ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި އެންގުމެވެ.

އަދި ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަކާނުލައި ވަގުތުން ވަގުތީ އަމުރެއް ނެރުމަށްފަހު، މައްސަލައިގައި ދެން ހިންގޭ ޝަރީޢަތުގެ އަޑުއެހުންތަކުގައި، ދަޢުވާ ކުރާ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް ކުރިން ނެރެފައި އޮތް ވަގުތީ އަމުރު އެގޮތުގައި ދަމަހައްޓަންޖެހޭ ގޮތަށް އެ އަމުރު ނެރުމުގައި ރިޢާޔަތްކުރި ޙާލަތާއި ވަގުތާއި ސަބަބު ދެމިއޮތްނަމަ އެ ވަގުތީ އަމުރު ދަމަހައްޓަންޖެހޭނެ ކަމާއި، އަދި އެ ޙާލަތާއި ސަބަބު ފިލައި ހިނގައްޖެނަމަ ވަގުތީގޮތުން ނެރުނު އެ އަމުރު އެހިސާބުން ނިމުމަކަށް ގެންނަންޖެހޭނެކަމަށެވެ.

މީގެ އިތުރަށް ސިވިލް ކޯޓުން ނެރުނު އެ ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރުގައި ބުނަނީ ޝަރީޢަތުގެ ފަރާތުން ވަގުތީއަމުރެއް ނެރުމުގައި ބަލަންޖެހެނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ އަސާސީ މަބްދައުގެ އުޞޫލާއި ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 295 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތަކާއި އަދާލަތުގެ ހަމަ (އިކުއިޓީ) ގެ ގޮތްތަކުގެ މައްޗަށް ކަމަށްވާތީ، މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކުރާއިރު ޙާލަތާއި ވަގުތާއި ސަބަބުގެ މައްޗަށް ޝަރީޢަތުން ނަޒަރުކުރުމުން ވަގުތީ އަމުރެއް ނެރުމުގެ އުންސުރުތައް ފުރިހަމަވާކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް

އެސްބީއައިގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މި މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާ އިންނެވެ. ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރަށް ބަދަލުގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ އެއްވެސް ސަބަބެއް ނެތްކަމަށް ނިންމަވަމުން މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުން އަންނަނިވި ކަންކަން ފާހަގަކުރެއްވިއެވެ.

އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގައި ބަލަމުންދާ އެ ކޯޓުގެ ނަންބަރު 2551/Cv-C/2021 ޤަޟިއްޔާގެ މައުޟޫޢާ ގުޅޭ ކަންތައްތަކެއް ކަމަށްވާއިރު އިސްތިއުނާފު ކުރެވިފައި ވަނީ ހުށަހެޅިފައިވާ ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގެ މައްސަލައެއް ކަމަށްވުމުން، މި ޙާލަތުގައި މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭކަން.

ވަގުތީ އަމުރަކީ އެވަގުތީ އަމުރަށް އެދިފައިވާ ޤަޟިއްޔާގެ މައުޟޫޢުގައި ބެލެވޭ ކަމަކާމެދުގައި ނިޔާއެއް ކުރުމުގެ ކުރިން އެ ދަޢުވާގައި ހިމެނޭ ފަރާތުންކުރެ ފަރާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ކަމެއްގައި އެކަމެއް ހުއްޓުވުމަށް ވަގުތީ ގޮތުން އަޅާ ފިޔަވަޅެއްކަމަށްވެފައި، އަދި އެފިޔަވަޅަކީ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަކާނުލައި ވެސް އެފިޔަވަޅު އެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ފިޔަވަޅެއްކަމަށްވާތީ، ސިވިލް ކޯޓުގެ އަމުރު ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަމާއްދާގެ (ހ) އާ ޚިލާފުކަމަށް ނުދެކޭކަން.

ވަގުތީ އަމުރުގެ މައްސަލަތަކަކީ އޭގެ ޒާތުގައި އަވަސް ޙައްލެއް ހޯދަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށްވާއިރު، މި މައްސަލަ އޮތް ޑިވިޝަންގެ އެއް ސެކްޝަންގެ މައްސަލަ ބަލާ ޤާޟީ މައްސަލައިން ތަނާޒުލުވެ، ދެން މައްސަލަ ފޮނުވި ސެކްޝަންގެ ޤާޟީ ޗުއްޓީގައި ހުރި ޙާލަތެއްގައި، ސިވިލް ކޯޓުގެ އިސް ޤާޟީ މި މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމަށްޓަކައި 15 ޖުލައި 2021 ގައި ސިވިލް ކޯޓުން ޑިވިޜަންތަކުގެ ޤާޟީންނަށް މައްސަލަ ހަވާލުކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީ، ވަގުތީ އަމުރު ނެރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަމަށް ނުބެލެވޭކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އެސްބީއައިގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 ނުކުތާއެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރުB2-CR1/VA/2021/02 ވަގުތީ އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 57 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވާއިރު، އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކޮށްފައިވާ ވަގުތީ އަމުރު ނެރެފައިވަނީ "ޤާޟީން ޗުއްޓީއާއި ރަސްމީ ދަތުރުތަކުގައި އަދި ސަލާމުގައި ތިއްބަވާ މުއްދަތުގައި އެ ޤާޟީއެއްގެ ސެކްޝަން އެހެން ޤާޟީއަކާއި ވަގުތީ ގޮތުން ޙަވާލު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާއިރު އެކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއާގުޅޭ ނުކުތާ ހައިކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމަށެވެ. އަދި މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު އިޢުތިރާޟް ކުރާކަމަށެވެ. ވަގުތީ އަމުރަކީ އޭގެ ޒާތުގައި އަވަސް ޙައްލެއް ހޯދަންޖެހޭ ކަމަކަށްވާއިރު، އިސް ޤާޟީ މައްސަލައާ ޙަވާލުވެގެން ވަގުތީ އަމުރާމެދު ގޮތެއް ނިންމުން އެއީ އޭގައި ނުރަނގަޅު ކަމެއް ހިނގާފައިވާ ކަމެއްކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ސިވިލް ކޯޓުން މިކަމުގައި ނުރަނގަޅު ކަމަކަށް ހިންގާފައިވަނީ ކޮންކަމެއްކަން ސާފުނުވާކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު ފުރަތަމަ އިސްތިއުނާފީ ނުކުތާއާމެދު އަހަރެން ދެކޭގޮތްދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 މާއްދާއަކީ ސުޕީރިއަރ ކޯޓުގެ އިޚްތިޞާޞް ކަނޑައެޅި މާއްދާއެވެ. ސިވިލް ކޯޓުގެ އިޚްތިޞާޞް ބަޔާންކުރަނީ އެ ޤާނޫނުގެ ޖަދުވަލު 1 ގައެވެ. އެސްބީއައި އިން ބުނަނީ ސިވިލް ކޯޓުގެ ނަންބަރު B2-CR1/VA/2021/02 ވަގުތީ އަމުރުގެ ނަތީޖާއަކީ އެ ކޯޓުގެ ނަންބަރު 1542/Cv-C/2012 ޤަޟިއްޔާގެ ޙުކުމުގެ ބާރު، އިސްތިއުނާފު މަރުހަލާއެއް ނެތި ކަނޑުވާލުން ކަމަށެވެ. މިއީ އެ ކޯޓަށް ކުރެވޭނެކަމެއްނޫން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާއަކީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއެއް ނޫނެވެ. މި ނުކުތާއަކީ އޭރު "ކޮންސިޑަރ" ކުރެވިފައިވާ ނުކުތާއަކަށް ނުވާތީ މި ނުކުތާ ހައިކޯޓަށް ހުށަހެޅިފައި ނުވަނީކަމަށް އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

ޕްލެޓިނަމް ކެޕިޓަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 103 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ބުނަނީ، މި ނުކުތާއަކީ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަކަށް ނުވާތީ، މި ނުކުތާ ބަލައި ނުގަތުމަށް އެދޭކަމަށެވެ. އަދި މިކަން ފާހަގަކޮށް ޝަރީޢަތުގެ މަޖިލީހުގައި އިޖުރާއީ ގޮތުން އިޢުތިރާޟްކުރިއެވެ.

ދަށު ކޯޓާއި ހައިކޯޓުގައި ފާހަގަ ނުކުރާ އައު ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި ނަމަ އެ ނުކުތާއަކާމެދު ޝަރީޢަތުން ޢަމަލުކުރާ ޢާންމު އުސޫލަކީ، އެ މައްސަލައެއްގެ ޙުކުމް ކުރާއިރު އެ ނުކުތާއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވުމެވެ.

މި މައްސަލައަކީ ވަގުތީ އަމުރަކާ ގުޅޭ މައްސަލައަކަށްވެފައި، ސުޕްރީމް ކޯޓުގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ، ޕްލެޓިނަން ކޮޕިޓަލްގެ ފަރާތުން މި ނުކުތާ ބަލައިގަތުމާ މެދު އިޖުރާއީ ގޮތުން އިޢުތިރާޟް ކުރާކަމަށް ބުނި ބުނުމަށާއި، ދެފަރާތުން ދެއްކި ވާހަކަ ތަކަށާއި، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކުރައްވައި، މި ނުކުތާއަކީ ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާއަކަށްވެފައި، ސުޕްރީމް ކޯޓުން ބަލާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްނަމަ، އެ މައްސަލައިގައި ރިޢާޔަތްކުރާނީ އެ މައްސަލައަކާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ޤާނޫނީ ނުކުތާތަކާއި، ލިޔުންތަކާއި ހެކިތަކަށް ކަމަށާއި ބުނެވިދިޔަ ހެކިތަކުގެ އިތުރުން މައްސަލައާ ގުޅިގެން ދަށު ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހެޅިފައިނުވާ އިތުރު/އައު ޤާނޫނީ ނުކުތާއެއް ނުވަތަ ހެއްކެއް ނުވަތަ ލިޔުމެއް ހުށަހެޅޭނީ، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާއެކުގައި ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 103 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތަތީ، އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ބޭނުމެއް އޮތްކަމަކަށް ފެނިވަޑައިނުގަންނަވާކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުން ބުރަވެވަޑައިގެންފައިވާތީ މިނުކުތާ ބަލައި ނުގަތުމަށް ނިންމުނެވެ.

ޝަރީޢަތުގެ މަޖިލީހުގައި މި ނުކުތާ ބަލައި ނުގަތުމަށް ނިންމި ނަމަވެސް، މި ނުކުތާ ބަލައި ނުގަންނަން ނިންމި ސަބަބު ތަފްސީލުކުރުން މުހިއްމު ކަމުގައި އަހުރެން ދެކެމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ސުޕްރީމް ކޯޓުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބުނެވުނު ދެމާއްދާއާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައި ވަނީ:

"ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާނީ ހައިކޯޓުގައި ނިންމި ނިންމުން އަސާސްކަމުގައި ބަލައިގެންނެވެ. ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ އިބާރާތުން އިޝާރާތްކުރަނީ މައްސަލައެއްގައި ކަންހިނގާދިޔަ ގޮތަށް ނުވަތަ ވާޤިއާއަށްކަމަށް ބެލެވެއެވެ. މައްސަލައެއްގައި ކަން ހިނގާދިޔަ ގޮތް ކަށަވަރުކުރުމާއި، ކަން ހިނގާދިޔަ ގޮތާ މެދު ޚިލާފުވުންތަކެއް ނެތް ނަމަވެސް އެ މައްސަލާގައި އައު ޤާނޫނީ ބަހުސެއް ހުށަހެޅުމަށް ފުރުސަތު ދެވުމަކީ ތަފާތު ދެކަމެކެވެ. ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ސާފު އިބާރާތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވާންވާނީ އެ ކޯޓުން ގޮތް ކަނޑައަޅާފައިވާ ކަމެއް، ނުވަތަ ޢަމަލުކޮށްފައިވާ ގޮތެއްގެ މައްޗަށްކަން އެނގެއެވެ. އެހެނީ، އިސްތިއުނާފީ މަރުހަލާއެއް އޮތުމުގެ މަޤުސަދަކީ އެއަށްވުރެ ދަށު މަރުހަލާއަށް ގޯހެއް ހެދިފައިވާނަމަ، އެކަމެއް އިސްލާޙުކުރުމުގެ ފުރުސަތު އޮތުމެވެ. އިސްލާޙުކުރަންޖެހޭ ވަކި ކަމެއް ފާހަގަކުރުމަކާ ނުލައި، މުޅިން އައު ޤާނޫނީ ނުކުތާތަކަކަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުމަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާނެ ކަމެއްނޫނެވެ."

މިފަދައިންނެވެ.

ބަޔާންކުރެވުނު ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި، ހައިކޯޓުގައި ފާހަގަ ނުކުރާ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ޙާލަތްތަކުގެ ގޮތުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވަނީ:

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ

ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވުން؛ ނުވަތަ

އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން.

މިއެވެ.

މި ޙާލަތްތައް ބަޔާންކުރެއްވުމަށްފަހު، އިތުރަށް ފާހަގަކުރައްވާފައިވަނީ، އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަންކަމަށެވެ.

ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި، ކަނޑައަޅުއްވާފައިވާ، ސުޕްރީމް ކޯޓުގައި ފާހަގަކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަނޭޝަނަލް (ލަބުއާން) ލިމިޓެޑް، މި ދެ ޤަޟިއްޔާގައި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވިދާޅުވަނީ، ކަޕޫރުﷲ ޔޫސުފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ ޢާންމު އުސޫލުތަކެއް ނޫންކަމަށެވެ. އެއީ އިސްތިސްނާތަކެއްކަމަށެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާންވެފައި ވަނީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. މި ޢާންމު އުސޫލުތަކުގެ ޚުލާސާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތި ވުމެވެ. މި އިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ.

ބަޔާންކުރެވުނު ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި އައު ނުކުތާއަކީ ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ނުކުތާ އެއް ތޯ ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުން ވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ މި ނުކުތާ ހައިކޯޓަށް ހުށަހެޅިފައިނުވާނެ ކަމަށެވެ. ހައިކޯޓަށް މި ނުކުތާ ހުށަހެޅިފައި ނުވިނަމަވެސް މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއްކަމަށް އެފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވަނީ، މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަންނަން ނިންމި މައްސަލައަކަށްވެފައި، ރަޖިސްޓްރާރގެ އެ ނިންމުން މުރާޖަޢާ ކުރަން ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ ނިންމުން މުރާޖަޢާކޮށް މައްސަލަ ބެލި ފަނޑިޔާރުން އެސްބީއައިގެ އިސްތިއުނާފު ބަލައިގަންނަން ނިންމާފައިވުމެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 57 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅުނު ނުކުތާ ހައިކޯޓަށް ހުށަނާޅާއިރު، ހައިކޯޓުގެ ފަނޑިޔާރުން އެ ނުކުތާއަށް ރިޢާޔަތް ނުކުރައްވާނެކަމަށެވެ. އެހެންކަމުން ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކުރައްވައިގެން ކަމަށެވެ.

މި އިސްތިއުނާފީ ނުކުތާ ބަލައިގަންނަން ޖެހޭ ސަބަބެއްކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި ސަބަބަށްބަލާއިރު، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު ކަމުގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށްވެސް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) އަދި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާ ހިނދަކު، މި ފަދަ މައްސަލަތައް ބަލާނީ 3 ފަނޑިޔާރުން ހިމެނޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. އަދި މި މާއްދާގެ (ކ) ގައި މައްސަލަ ހުށަހެޅުމުގެ ހުއްދަ ދިނުމަށް ނިންމައިފިނަމަ، އެ މައްސަލައެއްގައި ފައިޞަލާކުރާނީ އެ ހުއްދަ ދިން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ނުލިބޭގޮތަށް އެކުލަވާލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށް ބަޔާންކުރެއެވެ. އަދި ސުޕްރީމް ކޯޓުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ބުނެވުނު މާއްދާގެ (ކ) ގެ ފަހަތައް އަކުރެއް އިތުރު ކުރެވިފައިވެއެވެ. މި އަކުރުގައި، މައްސަލަ ހުށަހެޅުމުގެ ހުއްދަ ދިން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ނުލިބޭގޮތަށް ފަނޑިޔާރުންގެ މަޖިލީހެއް އެކުލަވާލެވެން ނެތްނަމަ އެ ހުއްދަ ދިން ފަނޑިޔާރުން ހިމެނޭ ގޮތަށް، ފަނޑިޔާރުންގެ މަޖިލީހެއް އެކުލަވާލުމަށް މި މާއްދާ ހުރަސް ނާޅާކަމަށް ބަޔާންކޮށްފައިވެއެވެ.

މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ މަރުޙަލާގައި ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އިސްތިއުނާފު ބަލައިގަތުމަށް ފަނޑިޔާރުން ނިންމާ ނިންމުންތަކަކީ ހަމައެކަނި އެ އިސްތިއުނާފު ބަލައިގަތުމާމެދު ނިންމާ ނިންމުންތަކަށްވާތީ މައްސަލަ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށްފަހު، މައުޟޫޢީގޮތުން އެ މައްސަލަ ބަލާ ފަނޑިޔާރުން އެ ނިންމުމަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކުރާ އެއްވެސް މާއްދާއެއް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަދި މި ފަދަ އުސޫލެއް ކަނޑައެޅިފައިވާ ޝަރުޢީ ނިންމުމެއްވެސް ނެތެވެ.

ބަޔާންކުރެވުނު ސުޕްރީމް ކޯޓުގެ ގަވާއިދުގެ13 ވަނަ މާއްދާއަށް ބެލުމުން އަހުރެންނަށް ގަބޫލުކުރެވެނީ، ރަޖިސްޓްރާރގެ ނިންމުން އަލުން ބެލުމަށް އެކުލަވާލެވޭ ފަނޑިޔާރުންގެ މަޖިލީހުން އިސްތިއުނާފު ބަލައިގަތުމުގެ ހުއްދަ ދިނުމާމެދު ނިންމާ ނިންމުންތަކަކީ، އެ މައްސަލަ ޤަޟިއްޔާ އެއްގޮތުގައި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު ފަނޑިޔާރުން ނިންމާ ނިންމުމެއް ކަމަށެވެ.

އެސްބީއައި އިން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ނުކުތާއަކަށްވެފައި އިސްތިއުނާފު ކުރާ ފަރާތަށް ލިބުނު ފުރުސަތުގައި މިނުކުތާ ހައިކޯޓަށް ހުށަހަޅާފައި ނުވާތީ އަދި މަތީގައި ބަޔާންކުރި ސަބަބުތަށް އެގޮތަށް ހުރުމުން، މި ނުކުތާއަކީ ސުޕްރީމް ކޯޓަށް އަލަށް ބަލައިގަނެވޭނެ ނުކުތާއެއް ކަމަކަށް އަހުރެން ނުދެކެމެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު ދެވަނަ އިސްތިއުނާފީ ނުކުތާއާމެދު ދެކޭގޮތްމި މައްސަލައިގައި އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތަކުގެ ތެރެއިން ދެވަނަ ނުކުތާއަކީ "ޤާޟީން ޗުއްޓީއާއި ރަސްމީ ދަތުރުތަކުގައި އަދި ސަލާމުގައި ތިއްބަވާ މުއްދަތުގައި އެ ޤާޟީއެއްގެ ސެކްޝަން އެހެން ޤާޟީއަކާއި ވަގުތީ ގޮތުން ޙަވާލު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ  6 ވަނަ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޤާޟީން ޗުއްޓީއާއި ރަސްމީ ދަތުރުތަކުގައި އަދި ސަލާމުގައި ތިއްބަވާ މުއްދަތުގައި އެ ޤާޟީއެއްގެ ސެކްޝަން އެހެން ޤާޟީއަކާއި ވަގުތީ ގޮތުން ޙަވާލު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 6 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވަނީ؛

"މިޤަވާޢިދުގައިވާ ގޮތުގެ މަތިން ސެކްޝަނެއް ވަގުތީގޮތުން ޤާޟީއަކާއި ޙަވާލުކުރަންޖެހިއްޖެނަމަ، ޙަވާލުކުރާނީ ކޯޓުގެ އިސް ޤާޟީ ނުވަތަ ކޯޓު އެވަގުތަކު ހިންގެވުމާއި ޙަވާލުވެ ހުރި ޤާޟީއެކެވެ. އެގޮތުން ސެކްޝަންތައް ޤާޟީންނާއި ވަގުތީގޮތުން ޙަވާލުކުރާނީ ޤާޟީންގެ ނަންތައް ގުރުއަތުން ތަރުތީބުކުރެވިފައިވާ ގޮތަށް ދައުރުވާ އުޞޫލުންނެވެ."

މިފަދައިންނެވެ.

މި ނުކުތާއަކީ ހައިކޯޓަށްވެސް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ނުކުތާއެކެވެ. މިނުކުތާ އާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ، ވަގުތީ އަމުރުގެ މައްސަލަތަކަކީ އޭގެ ޒާތުގައި އަވަސް ޙައްލެއް ހޯދަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށްވާއިރު، މި މައްސަލަ އޮތް ޑިވިޝަންގެ އެއް ސެކްޝަންގެ މައްސަލަ ބައްލަވާ ޤާޟީ މައްސަލައިން ތަނާޒުލުވެ، ދެން މައްސަލަ ފޮނުވި ސެކްޝަންގެ ޤާޟީ ޗުއްޓީގައި ހުންނެވި ޙާލަތެއްގައި، ސިވިލް ކޯޓުގެ އިސް ޤާޟީ މި މައްސަލައިގައި ވަކިގޮތެއް ކަނޑައެޅުމަށްޓަކައި 15 ޖުލައި 2021 ގައި ސިވިލް ކޯޓުން ޑިވިޜަންތަކުގެ ޤާޟީންނަށް މައްސަލަ ހަވާލުކުރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ އެފަރާތަށް ހީވާހީވުމެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއްކަމާއި، އަދި އެކަންކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހަޅާފައިނުވާތީ، ވަގުތީ އަމުރު ނެރުމުގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާކަމަށް ނުބެލެވޭ ކަމަށެވެ.

މި ނުކުތާގައި ހައިކޯޓުން ނިންމި އިސްވެ ބަޔާންކުރެވުނު ނިންމުމާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، ބޭންކުން އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކަކީ ހީވާހީވުމެއްގެ މައްޗަށް ހުށަހަޅާފައިވާ ކަންކަމެއް ނޫންކަމަށެވެ. އެކަންކަން ބަޔާންކޮށްފައިވާ ގަވާއިދާއި ގަވާއިދުގެ މާއްދާއަށްވެސް ރިޢާޔަތްކޮށްފައިވާނެ ކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ އިސްވެ ބަޔާންކުރެވުނު ނުކުތާއާ ގުޅިގެން، 22 ސެޕްޓެންބަރު 2021 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، މި މައްސަލަ އޮތް ސެކްޝަންގެ މައްސަލަ ބަލާ ޤާޟީ މައްސަލައިން ތަނާޒުލުވެ، ދެން މައްސަލަ ފޮނުވި ސެކްޝަންގެ ޤާޟީ ޗުއްޓީގައި ހުރި ޙާލަތެއްގައި، ޤާޟީން ޗުއްޓީއާއި ރަސްމީ ދަތުރުތަކުގައި އަދި ސަލާމުގައި ތިއްބަވާ މުއްދަތުގައި އެ ޤާޟީއެއްގެ ސެކްޝަން އެހެން ޤާޟީއަކާ ވަގުތީ ގޮތުން ޙަވާލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 6 ވަނަ މާއްދާގައި ބަޔާންވެފައިވާގޮތަށް ގުރު ލައިގެންވިޔަސް ހަވާލުވާނެ އިތުރު ބޭފުޅަކު ހުރިތޯ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ސުވާލު ކުރައްވާފައިވާ ކަން އެނގެން އޮވެއެވެ.

ހައިކޯޓުގެ ޝަރީއަތުން ކުރެއްވި މި ސުވާލާ ގުޅިގެން، އިސްތިއުނާފު ކުރާ، އެސްބީއައިގެ ފަރާތުން ބުނެފައިވަނީ ގަވާއިދުގައި އެކަމާގުޅިގެން ވަކިއެއްޗެއް ބުނެފައި ނުވާކަމަށެވެ.

މަތީގައި ބަޔާންކުރެވުނު ގަވާއިދާއި، ގަވާއިދުގެ މާއްދާ ހައިކޯޓުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށް އެސްބީއައިގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، ގަވާއިދުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކުރުމަށްފަހު، އެނޫން ޙާލަތެއްގައި އަމަލު ކުރާނެ ގޮތެއް ގަވާއިދުގައި ބަޔާންވެފައިނެތް ޙާލަތުގައި، ކޯޓަކުން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން، އެކަމެއް ކުރުމަކީ ކޮންމެހެން ޟަރޫރަތްތެރި ކަމެއް ކަމުގައިވާ ޙާލަތުގައި އެކުރާކަމެއް އެއީ ގަވާއިދާ ޚިލާފުކަމެއްކަމަށް ބެލެވޭނެ ކަމަކަށް އަހުރެން ނުދެކެމެވެ. އެހެނީ، މި މައްސަލައަކީ ވަގުތީ އަމުރެއްގެ މައްސަލައަށްވެފައި، ވަގުތީ އަމުރު ނެރުމަށް އެދުނު މައްސަލަ އިން އެއް ޤާޟީ ތަނާޒުލުވެ، ދެން މައްސަލަ ބެލުން ހަވާލުކުރެވުނު ސެކްޝަންގެ ޤާޟީ ޗުއްޓީގައި ހުންނެވިކަމަށް އިސްތިއުނާފުކުރާ ފަރާތުންވެސް ހައިކޯޓުގައި ބުނެފައިވެއެވެ. މި ޙާލަތުގައި ވީހާވެސް އަވަހަކަށް އެފަދަ އަމުރަކާމެދު ގޮތެއް ކަނޑައެޅުމަކީ ވަގުތީ އަމުރު ނެރޭ ބޭނުމާއި ޙާލަތަށް ބަލާއިރުވެސް މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

އެހެންކަމުން، މިނުކުތާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކަށާއި ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތް އަށް ރިޢާޔަތްކުރާއިރު، ޤާޟީން ޗުއްޓީއާއި ރަސްމީ ދަތުރުތަކުގައި އަދި ސަލާމުގައި ތިއްބަވާ މުއްދަތުގައި އެ ޤާޟީއެއްގެ ސެކްޝަން އެހެން ޤާޟީއަކާއި ވަގުތީ ގޮތުން ޙަވާލު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 6 ވަނަ މާއްދާ ހައިކޯޓަށް ހުށަހެޅުމުން އެ މާއްދާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތްމަތީގައި އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު2021/HC-A/263 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/263 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ