މަރްޔަމް ޢަލީ ވ. އަޙްމަދު ނަދީމް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން އެއްބަސްވުމެއް އޮތްކަމަށް ނިންމައި، ސީދާ ގެއްލުމާއި ނުސީދާ ގެއްލުމުގެ ބަދަލު ނަގައިދިނެވެ. ހައިކޯޓުން އެ ނިންމުމަށް ތާއީދުކޮށް، ނުސީދާ ގެއްލުމުގެ ބަދަލުގެ ޢަދަދު އުނިކުރިއެވެ.
- ވާޤިޢާ
- ބިމުގެ ވެރިފަރާތާއި ދެވަނަ ފަރާތާ ދެމެދު، ދެވަނަ ފަރާތުގެ ޚަރަދުގައި 4 ބުރީގެ ޢިމާރާތެއްކޮށް، ވަކި ފަންގިފިލާތަކެއް ވަކި މުއްދަތަކަށް އޭނާއަށް ދިނުމަށް އަނގަބަހުން އެއްބަސްވިއެވެ. ދެ ޝީޓު އެޅުމަށްފަހު ދެބަސްވުން އުފެދި މަސައްކަތް ހުއްޓުމުން ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ލިޔުމުން އެއްބަސްވުމެއް ނެތްއިރު ޢިމާރާތްކުރުމަށް ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނެތޯ؛ އަދި ދަށު ކޯޓަށް ހުށަނާޅާ އިންޖިނިއަރުންގެ ރިޕޯޓުތައް ހައިކޯޓުން އައު ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނު ޤަބޫލުކުރާ ފަދަ އެއްބަސްވުމެއް ނެތްކަމަށާއި، އިންޖިނިއަރުންގެ ދެ ރިޕޯޓު ހުށަހެޅުމުގެ ފުރުޞަތު ހައިކޯޓުން ނުދިނީ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ ޚިލާފަށް ކަމަށެވެ. ރައްދުވާ ފަރާތުން ބުނީ މަސައްކަތް ކުރީ ބިމުގެ ވެރިފަރާތުގެ ރުހުމާއި އެނގުމުގެ ތެރެއިން ކަމަށާއި، ރިޕޯޓުތަކަކީ ދަށު ކޯޓަށް ހުށަނާޅާ އައު ހެކި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ހުއްދައަށް އެދުމާއި ކުރެހުމުގައި ސޮއިކުރުމުން ފެންނަ ގޮތުން، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތް އެއްބަސްވެ ޢަމަލުކޮށްފައިވާތީ އަނގަބަހުން ވެވުނު އެއްބަސްވުމެއް އޮތްކަމުގައި ބަލަންޖެހެއެވެ. ރިޕޯޓުތަކަކީ ދަށު ކޯޓުގައި ހުށަހެޅިދާނެ ރިޕޯޓުތަކެއް ކަމުން، އައު ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެއެވެ. ހައިކޯޓުގައި ނުދެކެވޭ އައު އެދުމެއް ބަލައިނުގަނެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/525
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާއަށް ބެލުމުން، އެއްބަސްވުމަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ.
ލިޔުމުން އެއްބަސްވުމެއް ވެވިފައި ނުވިޔަސް، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއްވިސްނުމެއްގައި މުޢާމަލާތު ފުރިހަމަކުރުމަށްޓަކައި ޢަމަލުކޮށްފައިވާކަން އެނގެންއޮތްނަމަ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމުގައި ބަލަންޖެހެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
ހައިކޯޓުން އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަތުމާމެދު ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި، ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ބަޔާންވެފައިވާ އުސޫލުތައްވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަދަ ސުޕްރީމް ކޯޓުގެ ފަހުގެ ޤަޟިއްޔާތަކުގައި މުރާޖަޢާކުރެވި ބަދަލު ގެނެވިފައެވެ.
ދަށު ކޯޓަށް ހުށަހެޅިފައިނުވާ، އަދި ދަށު ކޯޓުގެ މަރުޙަލާ ހިނގަމުންދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ރިޕޯޓުތަކަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ކަމާބެހޭ އުސޫލުތަކަށް ބަލާއިރު، އައު ހެއްކެއްގެ ގޮތުގައި ހައިކޯޓުން ބަލައިގަނެވިދާނެ ރިޕޯޓުތަކެއް ނޫނެވެ.
އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ޤަޟިއްޔާގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިނުވާ މުޅިން އައު ކަމެއްގައި މި މަރުޙަލާގައި ގޮތެއް ކަނޑައެޅިއްޖެނަމަ، އެ ކަނޑައެޅޭ ގޮތާމެދު އިސްތިއުނާފީ އިތުރު މަރުޙަލާތަކެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެއެވެ؛ އަދި އެއީ ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން އިސްތިއުނާފީ އަޑުއެހުމެއްގައި ގޮތެއް ނިންމިދާނެ ކަމެއް ނޫނެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- 2010/SC-A/02 (ސުޕްރީމް ކޯޓު)
- 2012/SC-A/27 (ސުޕްރީމް ކޯޓު)
- މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސުޕްރީމް ކޯޓު)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
މައްސަލައިގެ ފަސްފަހަތް
ހުޅުމާލެ ލޮޓް ނަންބަރު 11212 ގައި […] އަޙްމަދު ނަދީމްގެ ޚަރަދުގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއްކޮށް އެ ޢިމާރާތުގެ ވަކި ފަންގިފިލާތަކެއް ވަކި މުއްދަތަކަށް އަޙްމަދު ނަދީމްއަށް ދިނުމަށް ހުޅުމާލެ. ގޯތި 11212، މަރްޔަމް ޢަލީ އެއްބަސްވިއެވެ. މިފަދައިން އެއްބަސްވެފައިވަނީ އަނގަބަހުންނެވެ. އެއްބަސްވުމާ އެއްގޮތަށް ޢިމާރާތުގެ މަސައްކަތް ފަށައި ޢިމާރާތުގެ ދެ ޝީޓު އެޅިފަހުން ދެ ފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދި މަސައްކަތް ހުއްޓުނެވެ.
ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރަމުން އައި މަސައްކަތް ހުއްޓުމުން، މަރްޔަމް ޢަލީ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އަޙްމަދު ނަދީމް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުގައި މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1811/Cv-C/2015 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުގައި މަރްޔަމް ޢަލީ ދަޢުވާއަށް އިންކާރު ކުރަމުން ބުނެފައިވަނީ ދެ ފަރާތުގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވޭފަދަ އެއްބަސްވުމެއް ނެތްކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް އައުމަށް ދަޢުވަތެއް ލިބިފައިވާކަމަށް ޤަބޫލު ކުރާ ކަމަށެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް ނިންމާފައިވެއެވެ. މި ނަތީޖާއަށް ވާސިލުވުމަށް ފާހަގަކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ލިޔެފައިވާ އެއްބަސްވުމެއް ނެތްނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ޢިމާރާތްކުރުމާމެދު މުޢާމަލާތުތަކެއް ހިނގާފައިވާކަމާއި، މި މުޢާމަލާތުގެ ތެރެއިން އަޙްމަދު ނަދީމްގެ ޚަރަދުގައި ހުޅުމާލޭ ލޮޓް ނަންބަރު 11212 ގައި އަޙްމަދު ނަދީމްގެ ޚަރަދުގައި 04 (ހަތަރެއް) ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި ވާހަކަ ދެކެވި ފައުންޑޭޝަން އަޅައި ދެ ޝީޓް އަޅާފައިވާކަން ދެ ފަރާތުގެ ވާހަކަ ތަކުން އެނގެން އޮންނަ ކަމަށެވެ. އަދި މިކަމަކީ ތަބައްރުޢުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ނުބެލެވޭ ކަމަށާއި، އާދައިގެ މީހެއްގެ ވިސްނުމުން ވިސްނާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިގެން މެނުވީ މި މިންވަރަށް މަސައްކަތް ކޮށްފާނެ ކަމަށް ޤަބޫލުކުރުމަކީ މުސްތަޙީލު ކަމެއްކަން އެނގޭ ކަމަށެވެ.
މި މައްސަލައިގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އަޙްމަދު ނަދީމް ހުށަހަޅާފައިވަނީ 1,000,000/-ރ. (އެއް މިލިޔަން ރުފިޔާ) އެވެ. އަޙްމަދު ނަދީމް މި ޢަދަދަށް އެދިފައިވީނަމަވެސް، މި ގެއްލުން ޝަރީޢަތުން ޝަރުޢީ އަގު ކޮމިޓީ މެދުވެރިކޮށް ވަޒަންކޮށްފައިވެއެވެ. ޝަރުޢީ އަގު ކޮމިޓީން ނިންމާފައިވަނީ އަޙްމަދު ނަދީމް ކޮށްފައިވާ ޢިމާރާތުގެ އަގަކީ 696,388/-ރ. (ހަލައްކަ ނުވަދިހަ ހަހާސް ތިންސަތޭކަ އަށްޑިހަ އަށެއް ރުފިޔާ) ކަމަށެވެ. ޝަރީޢަތުން މި ޢަދަދަކީ އަޙްމަދު ނަދީމަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު ކަމަށް ނިންމާފައިވެއެވެ.
އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އަޙްމަދު ނަދީމަށް ލިބިފައިވާ ނުސީދާ ގެއްލުމުގެ ބަދަލެއްގެ ގޮތުން އަޙްމަދު ނަދީމް ހުށަހެޅި 1,000,000/-ރ. (އެއް މިލިޔަން ރުފިޔާ) ގެ %15 (ފަނަރަ އިންސައްތަ) ކަމުގައިވާ 104,458/20ރ. (އެއްލައްކަ ހަތަރު ހާސް ހަތަރު ސަތޭކަ ފަންސާސް އަށްރުފިޔާ ވިހިލާރި) ޝަރީޢަތުން ނަގައިދީފައިވެއެވެ. މި ޢަދަދަށް ވާސިލުވެފައިވަނީ ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން ޢާންމު ގޮތެއްގައި މަސައްކަތުގެ ފައިދާގެ ގޮތުގައި ލައި އުޅެނީ އެ މިންވަރު ކަމުގައި ބަލައި އެ ފަދައިންނެވެ.
ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ސިވިލް ކޯޓުން އަޙްމަދު ނަދީމަށް ނަގައިދީފައިވަނީ ޖުމުލަ 800,846/20ރ. (އަށްލައްކަ އަށްސަތޭކަ ސާޅީސް ހަ ރުފިޔާ ވިހިލާރި) އެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމި ގޮތް
ސިވިލް ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން މަރްޔަމް ޢަލީގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާއިންނެވެ.
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. ނަމަވެސް މި މައްސަލައިގައި ސިވިލް ކޯޓުން އެއްބަސްވުމާ އެއްގޮތަށް ޢަމަލު ނުކުރުމުގެ ސަބަބުން އަޙްމަދު ނަދީމަށް ލިބިފައިވާ ނުސީދާ ގެއްލުމުގެ ބަދަލެއްގެ ގޮތުން ނަގައިދީފައިވާ 104,458/20ރ. (އެއްލައްކަ ހަތަރު ހާސް ހަތަރު ސަތޭކަ ފަންސާސް އަށްރުފިޔާ ވިހިލާރި) ޝަރީޢަތުން ނަގައިދީފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫންކަމުގައިވާތީ އެ ޢަދަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި އަޙްމަދު ނަދީމަށް ނަގައިދީފައިވާ ޖުމުލަ ފައިސާގެ ޢަދަދުން އުނި ކުރުމަށް ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި، އެ ނުކުތާތަކުގެ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކިގެން މަރްޔަމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ދެ ސަބަބެވެ.
ފުރަތަމަ ސަބަބަކީ، މި މައްސަލައިގައި މަރްޔަމް ޢަލީއާއި، އަޙްމަދު ނަދީމްއާ ދެމެދު ކޮންޓްރެކްޓާބެހޭ ޤާނޫނު ޤަބޫލުކުރާ ފަދަ އެއްބަސްވުމެއް ވެފައިނުވާއިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ފާހަގަ ކުރި ސަބަބެވެ.
ދެވަނަ ސަބަބަކީ، މަރްޔަމް ޢަލީގެ ފަރާތުން ހުޅުމާލޭ ލޮޓް ނަންބަރު 11212 ގައި ކޮށްފައިވާ ޢިމާރާތަކީ ބޭނުންކުރެވޭނެ ޢިމާރާތެއް ނޫންކަމަށް މިނިވަން ސިވިލް އިންޖިނިއަރުން ތައްޔާރުކޮށްފައިވާ ދެ ރިޕޯޓު ހުށަހެޅުމުގެ ފުރުސަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުމުން އެ ފުރުސަތު ދިނުމަކާ ނުލައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމާބެހޭ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މަރްޔަމް ޢަލީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން އަޙްމަދު ނަދީމްގެ ފަރާތުން އަންނަވި ކަންކަން ހުށަހަޅާފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތްކަމުގައި މަރްޔަމް ޢަލީ ބުނިނަމަވެސް، ހުޅުމާލޭ ލޮޓް ނަންބަރު 11212 ގައި އަޙްމަދު ނަދީމް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި އެއްބަސްވެވިގެން، މަރްޔަމް ޢަލީގެ ރުހުމާއި ފެނުމާއި އެނގުމުގެ ތެރެއިންކަން.
މަރްޔަމް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ސިވިލް އިންޖިނިއަރުން ތައްޔާރުކޮށްފައިވާކަމަށް ބުނާ ދެ ރިޕޯޓަކީ ސިވިލް ކޯޓަށް ހުށަހެޅުނު ދެ ރިޕޯޓެއް ނޫންކަމާއި، އެ ދެ ރިޕޯޓަކީ، މި މައްސަލަ ނިމުނު ފަހުން އަދި މި މައްސަލައިގެ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުން ދަނިކޮށް ތައްޔާރުކޮށްފައިވާ ދެ ރިޕޯޓުކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، އެ ރިޕޯޓުތައް ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަން.
އެއްބަސްވުމެއް އޮތްކަން ނުވަތަ ނޫންކަން
މި މައްސަލައިގައި މަރްޔަމް ޢަލީ ބުނާ ގޮތުން އޭނާއާއި އަޙްމަދު ނަދީމްއާ ދެމެދު ހުޅުމާލެ ލޮޓް ނަންބަރު 11212 ގައި ޢިމާރާތް ކުރުމަށްޓަކައި އެއްބަސްވުމެއް ވެވިފައިނުވެއެވެ. އަދި ޢިމާރާތުގެ މަސައްކަތް ފަށަންވާނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ލިޔެ، ސޮއިކޮށް ޢިމާރާތް ކުރުމާގުޅޭ އެންމެހައި ތަފުސީލުތައް އެ އެއްބަސްވުމުގައި ބަޔާންކުރުމަށްފަހުގައި ކަމަށް މަރްޔަމް ޢަލީ ބުނެއެވެ. އަދި މި ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަ ކުރިނަމަވެސް މިކަމަށް ނުބަލައި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަމުގައި މަރްޔަމް ޢަލީ ދެކެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދެ ފަރާތުގެ ދެމެދުގައި ހުޅުމާލެ ލޮޓް ނަންބަރު 11212 ގައި އަޙްމަދު ނަދީމްގެ ޚަރަދުގައި ޢިމާރާތް ކުރުމާމެދު ވާހަކަ ދެކެވިފައިވާ ކަމަށާއި، މި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުމެއްގެ ތިން ދެލިކޮޕީ އެކުލަވާލެވުނުކަން ދެ ފަރާތުގެ ބަހުން އެނގޭކަން.
ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހިފައިވަނީ ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްފަހު ދެވަނަ ޝީޓް އެޅުމުގެ ފަހުންކަން.
ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 04 ވަނަ މާއްދާއަށް ބެލުމުން އެނގޭކަން.
ޢިމާރާތް ކުރުމަށްޓަކައި ފައުންޑޭޝަން އެޅުމުގެ ހުއްދައަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހުއްދައަށް އެދި ހުށަހެޅި "ފައުންޑޭޝަން އެޅުމުގެ ހުއްދައަށް އެދޭ ފޯމު" ގައި ސޮއިކޮށްފައިވަނީ މަރްޔަމް ޢަލީކަން އެނގެން އޮތުމާއި، ޢިމާރާތް ކުރަން ފެށިފަހުން މަސައްކަތުގެ ފެންވަރާމެދު ޝަކުވާ ކުރިކަން މަރްޔަމް ޢަލީގެ ބަހުން އެނގެން އޮތުމުން ދެ ފަރާތުގެ ދެމެދުގައި ޢިމާރާތްކުރުމާމެދު ލިޔެފައިވާ އެއްބަސްވުމެއް ނެތްނަމަވެސް، އަނގަބަހުން ވެފައިވާ އެއްބަސްވުމެއް އޮތްކަމުގައި ބަލަން ޖެހޭކަން.
މަސައްކަތުގެ ފެންވަރާ މެދުގައްޔާއި، ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް އެކުލަވާލުމަށްޓަކައި ވާހަކަ ދެކެވިފައިވާކަން އެނގެން އޮތުމުން މަރްޔަމް ޢަލީ މި މުޢާމަލާތުގައި ބައިވެރިވެފައިވަނީ ނުރަނގަޅު ނުފޫޒެއް ނުވަތަ މަޖުބޫރުކަމެއް އޮވެގެން ކަމުގައި ބެލެވެން ނެތްކަން.
އެއްބަސްވުމަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. މި މައްސަލައަށް ބަލާއިރު، ދެ ފަރާތުގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ވެވިފައި ނުވެއެވެ. ނަމަވެސް ޢިމާރާތް ކުރުމަށްޓަކައި ގިނަ މުޢާމަލާތުތަކެއް ކޮށްފައިވާކަން އެނގެއެވެ. މި ކަންކަމުގެ ތެރޭގައި ޢިމާރާތްކުރަނީ ކޮންތަނެއްގައިކަމާއި، ޢިމާރާތުގައި ހުންނާނީ ކިތައް ފަންގިފިލާކަމާއި، ޢިމާރާތް ކުރުމަށް ޚަރަދު ކުރާނީ ކޮން ފަރާތަކުންކަމާއި، ޢިމާރާތް ކުރުމަށްފަހު، ޢިމާރާތް ކުރުމަށް ޚަރަދު ކުރާ ފަރާތުންނާއި، ޢިމާރާތުގެ ވެރިފަރާތުން، ޢިމާރާތުން ބޭނުންކުރާނީ ކޮން ފަންގިފިލާތަކެއްކަން ފަދަ ކަންކަމާމެދު ދެ ފަރާތުގެ ދެމެދުގައި ޚުޞޫމަތެއް ނެތެވެ. ދެ ފަރާތުގެ ދެމެދުގައި މައްސަލަ ޖެހިފައިވަނީ ދެ ފަރާތުގެ ދެމެދުގައި މުޢާމަލާތުތަކެއް ކުރެވި، އެކަންކަމުގެ މައްޗަށް ދެ ފަރާތުންމެ ޢަމަލުކޮށް، ޢިމާރާތުގެ ދެވަނަ ޝީޓް އެޅުމުގެ ފަހުންނެވެ.
ދެ ފަރާތުގެ ދެމެދުގައި ޢިމާރާތް ކުރުމާމެދު އެއްބަސްވުމެއް އޮތްކަމަށް ހެކިދޭ އެހެނިހެން ކަންކަމުގެ ތެރޭގައި ޢިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ފައުންޑޭޝަން އެޅުމުގެ ހުއްދައަށް މަރްޔަމް ޢަލީ އެދިފައިވުމާއި، ޢިމާރާތުގެ ކުރެހުން މަރްޔަމް ޢަލީ ބަލައިގަނެ ސޮއިކޮށްފައިވުން ހިމެނެއެވެ. މި ކަންކަމަށް ބަލާއިރު، މި މުޢާމަލާތުގެ މައިގަނޑު ކަންކަމަށް، ދެ ފަރާތުން އެއްބަސްވެ، އެއްވިސްނުމެއްގައި މުޢާމަލާތު ފުރިހަމަކުރުމަށްޓަކައި ޢަމަލުކޮށްފައިވާކަން އެނގެއެވެ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމުގައި ބަލަންޖެހެއެވެ. އަދި މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމުގައި ބަލަންޖެހެއެވެ.
އިންޖިނިއަރުންގެ ރިޕޯޓުތައް ހައިކޯޓުން ބަލައި ނުގަތުން
މަރްޔަމް ޢަލީ ބުނާ ގޮތުން ހުޅުމާލޭ ލޮޓް ނަންބަރު 11212 ގައި ކޮށްފައިވާ ޢިމާރާތަކީ ބޭނުންކުރެވޭނެ ޢިމާރާތެއް ނޫންކަމަށް މިނިވަން ސިވިލް އިންޖިނިއަރުން ތައްޔާރުކޮށްފައިވާ ދެ ރިޕޯޓު ހުށަހެޅުމުގެ ފުރުސަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނެއެވެ. ނަމަވެސް އެ ފުރުސަތު ދިނުމަކާ ނުލައި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި، ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމާބެހޭ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައި މަރްޔަމް ޢަލީ ދެކެއެވެ.
މި ނުކުތާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، މަރްޔަމް ޢަލީގެ ފަރާތުން އެ ކޯޓަށް ހުށަހެޅުނު ސިވިލް އިންޖިނިއަރުންގެ ރިޕޯޓުތަކެއް ބަލައި ގަތުމާމެދު ވަކި ގޮތެއް ޝަރީޢަތުން ނިންމާފައިވާކަން އެ ރިޕޯޓުން ފެންނަން ނެތެވެ. ނަމަވެސް، އެ ރިޕޯޓުތައް ހުށަހެޅުނު ކަމާއި، އަދި ހުށަހެޅިފައިވަނީ ޝަރުޢީ އަގު ކޮމިޓީން އަގު ކަނޑައަޅާފައިވާ އުސޫލު ރަނގަޅު ނޫންކަމުގައި ބުނެ މަރްޔަމް ޢަލީގެ ފަރާތުން އެ ކޯޓުގައި ފާހަގަ ކުރި ނުކުތާއާ ގުޅިގެންކަން މަރްޔަމް ޢަލީގެ ފަރާތުން އެ ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަން އެނގެއެވެ. ހައިކޯޓުން އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަތުމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކެއް ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާއާއި، ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ބަޔާންވެފައި ވީނަމަވެސް، އެ އުސޫލުތައްވަނީ ސުޕްރީމް ކޯޓުގެ ފަހުގެ ޤަޟިއްޔާތަކުގައި މުރާޖަޢާކުރެވި ބަދަލު ގެނެވިފައެވެ. މި ގޮތުން ފާހަގަ ކުރެވޭ އެއް ޤަޟިއްޔާއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ.
ބަހުސްގެ ބޭނުމަށްޓަކައި، އެ ދެ ރިޕޯޓު ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިކަމުގައި ބެލި ނަމަވެސް، އެ ދެ ރިޕޯޓަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ދެ ރިޕޯޓެއް ނޫނެވެ. އަދި އެއީ ސިވިލް ކޯޓުގެ މަރުޙަލާ ހިނގަމުންދިޔައިރު، އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުސަތު މަރްޔަމް ޢަލީއަށް ލިބޭނެ ރިޕޯޓުތަކެކެވެ. ކަން މިހެން ހުރުމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކަށް ބަލާއިރު، މަރްޔަމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ދެ ރިޕޯޓަކީ އައު ހެއްކެއްގެ ގޮތުގައި ހައިކޯޓުން ބަލައިގަނެވިދާނެ ރިޕޯޓުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.
ވުމާއެކު، މަރްޔަމް ޢަލީގެ ފަރާތުން ފާހަގަ ކުރި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
މުޅިން އައު ހުށަހެޅުމެއް
މި މައްސަލައިގެ އިސްތިއުނާފު ކުރަމުން މަރްޔަމް ޢަލީގެ ފަރާތުން މުޅިން އައު ކަމަކަށް އެދިފައިވެއެވެ. އެއީ މި މައްސަލައިގައި ވާހަކަދެކެވޭ ޢިމާރާތް ތަޅާލުމުގެ ޚަރަދު އަޙްމަދު ނަދީމްގެ ފަރާތުން މަރްޔަމް ޢަލީއަށް ދޭންޖެހޭނެކަމަށް ކަނޑައެޅުން ނުވަތަ އެ ޢިމާރާތް ތަޅާލައި ބިން ހުސްކުރުމުގެ އަމުރެއް އަޙްމަދު ނަދީމްގެ މައްޗަށް ނެރެދިނުމަށެވެ. އަދި މިފަދައިން އެދެނީ މި ޢިމާރާތަކީ ބޭނުން ކުރެވޭނެ ޢިމާރާތެއް ނޫންކަމުގައި ޚަބީރުން ތައްޔާރުކޮށްފައިވާ ރިޕޯޓުން ސާބިތުވާތީ ކަމުގައިވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.
މަރްޔަމް ޢަލީގެ މި ހުށަހެޅުމަށް ބަލާއިރު، މިއީ އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިވާ ކަމެއް ނޫނެވެ. ކަންމިހެން އޮތުމުން މި ކަމުގައި މި މަރުޙަލާގައި ގޮތެއް ކަނޑައެޅިއްޖެނަމަ، އެ ކަނޑައެޅޭ ގޮތާމެދު އިސްތިއުނާފީ އިތުރު މަރުޙަލާތަކެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެއެވެ. މީގެ އިތުރުން މި ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން އިސްތިއުނާފީ އަޑުއެހުމެއްގައި ގޮތެއް ނިންމިދާނެ ކަމެއްވެސް ނޫނެވެ. ވުމާއެކު މަރްޔަމް ޢަލީގެ މި ހުށަހެޅުން އަހުރެން ބަލައި ނުގަންނަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/525 ޤަޟިއްޔާގެ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.