ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 36 · 2021/SC-A/41ސުޕްރީމް ކޯޓު · 16 ޖޫން 2022

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 ޖޫން 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/56 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-0838/2014) (މީގެ ފަހުން "އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް") ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-0028/1987) (މީގެ ފަހުން "އެމް.ވީ.ކޭ މޯލްޑިވްސް") ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތް

28 ސެޕްޓެމްބަރު 2012 ގައި އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިޓްސުބިޝީ އެލެވޭޓަރާއި، އެސްކަލޭޓަރުގެ ޚިދުމަތް ދިވެހިރާއްޖޭގައި ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ވިއެވެ.

28 ސެޕްޓެމްބަރު 2012 ގައި ވެވުނު އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2014 ގެ ނިޔަލަށް އިތުރު ކުރުމަށް އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގގެ ފަރާތުން 28 ސެޕްޓެމްބަރ 2013 ގައި އެމް.ވީ.ކޭ މޯލްޑިވްސްއަށް ހުށަހަޅައި އެ މުއްދަތަށް އެގްރިމެންޓްގެ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. މިފަދައިން މުއްދަތު އިތުރު ކުރުމުގެ އެއްބަސްވުމުގައި އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ 05 މެއި 2014 ގައެވެ. މި އެއްބަސްވުމުގެ 14 ވަނަ މާއްދާގެ ދަށުން، އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދޭ މުވައްޒަފުންގެ އެކޮމަޑޭޝަނާއި، އޮފީސް ޖާގަ ފޯރުކޮށްދިނުމާއި، މުދާ ގުދަން ކުރުމަށްޓަކައި ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ މުޤާބިލުގައި، އެ ކުންފުނިން ކުލީގެ ގޮތުގައި މަހަކު US$4,000.00 (ހަތަރު ހާސް ޔޫ.އެސް ޑޮލަރު) އެމް.ވީ.ކޭ މޯލްޑިވްސް އަށް ދެއްކުމަށް އެއްބަސްވެފައި ވެއެވެ.

ބަޔާންވެދިޔަ ގޮތަށް ކުލި ލިބެންޖެހޭ މުއްދަތުގައި އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގގެ (ސްރީލަންކާގެ ކުންފުނިން) ފަރާތުން ކުލި ދައްކަމުން ނުދާތީ، ކުލި ނުދައްކާ ފާއިތުވި ދުވަސްތަކަށް ކުލި ހޯދުމަށް އެމް.ވީ.ކޭ މޯލްޑިވްސްއިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި ދަޢުވާ ކޮށްފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި ކުންފުނީގެ ނަން ފަހުންވަނީ، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލު ކުރެވިފައެވެ.

މި މައްސަލަ ސިވިލް ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، އެމް.ވީ.ކޭ މޯލްޑިވްސް އިން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$176,000.00 (އެއްލައްކަ ހަތްދިހަ ހަހާސް ޔޫ.އެސް ޑޮލަރު) އަކީ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގގެ ފަރާތުން (ދިވެހި ކުންފުނީގެ ފަރާތުން) އަދާކުރަންޖެހި އަދާކޮށްފައިނުވާ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ މި ފައިސާ 30 ސެޕްޓެމްބަރު 2017 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ ނިމުނު ގޮތާމެދު ހިތްހަމަނުޖެހިގެން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން އެ މައްސަލަ ބެލި އެ ކޯޓުގެ ނަންބަރު 2018/HC-A/56 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން US$176,000.00 (އެއްލައްކަ ހަތްދިހަ ހަހާސް އެމެރިކާ ޑޮލަރު) އަކީ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގގެ (އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްގެ) ފަރާތުން އެމް.ވީ.ކޭ މޯލްޑިވްސްއަށް އަދާކުރަންޖެހި އަދާކޮށްފައި ނުވާ ފައިސާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލު ކަމަށް ކަނޑައަޅައި، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގގެ (އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް) އިން އެމް.ވީ.ކޭ މޯލްޑިވްސް އަށް ދައްކަންޖެހި ނުދައްކާވަނީ US$116,00.00 (އެއްލައްކަ ސޯޅަހާސް އެމެރިކާ ޑޮލަރު) ކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ. އަދި މި ފައިސާ 29 މާރޗް 2021 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ

މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ފާހަގަ ކޮށްފައިވަނީ އަންނަނިވި 2 (ދޭއް) ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއާއި، އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ގުޅުމެއް (Privity off Contract) ނެތް ހިނދު، އެ ކަމަށް ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، 28 ސެޕްޓެންބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން 15 (ފަނަރަ) މަސް ދުވަހަށް ކުއްޔަށް ދިން ތަންތަން ބޭނުންކުރި ކަމަށް ކަނޑައަޅާފައިވަނީ ނުބައިކޮށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން އެމް.ވީ.ކޭ މޯލްޑިވްސް އިން ފާހަގަ ކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް ނެތްކަމުގައި ފާހަގަ ކުރިނަމަވެސް، އެކަމަކީ އެ ފަރާތުން މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު މައްސަލައިގެ މަޢުޟޫއަށް ޖަވާބުދާރީވެ ދެއްކި އެއްވެސް ވާހަކައެއްގައި ފާހަގަ ކުރި ކަމެއް ނޫންކަން.

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއިން ދަށު ކޯޓުގައި ފާހަގަ ކޮށްފައިނުވާ ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުގައި ފާހަގަކުރި ނަމަވެސް އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުގައި ހުށަނާޅާކަމެއް ފަހުން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެކަމުގެ މައްޗަށް ރިޢާޔަތް ނުކުރާނެކަން.

އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި، އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ކުލީގެ އެންމެ ފަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 31 ޖުލައި 2014 ދުވަހުގެ ނިޔަލަށްކަމާއި، އަދި އެ ތާރީޚުގެ ފަހުން އެއްބަސްވުން އާކޮށްފައި ނުވާތީ، ކުލީގެ ފައިސާ ދެއްކުމަށާއި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއިން ކުއްޔަށްހިފައި ބޭނުންކުރަމުންދިޔަ ތަންތަން ހުސްކުރުމަށާއި 31 ޖުލައި 2014 ގެ ފަހުން ކުލި ބޮޑުކޮށް އެމް.ވީ.ކޭ މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި، ކުލި ނުދައްކާ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް %10 (ދިހައެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަންގައި 11 އޮގަސްޓް 2015 އެމް.ވީ.ކޭ މޯލްޑިވްސްއިން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއަށް ލިޔުމުން އެންގި އެންގުމަށް އެ ކުންފުނީގެ ފަރާތުން ދަށު ކޯޓާއި ހައިކޯޓުގައި ވެސް އިންކާރު ކޮށްފައިނުވާ ކަން.

ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ފުރަތަމަ ބަލަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ ފުރަތަމަ ނުކުތާގައި ފާހަގަ ކޮށްފައިވާ ފަދައިން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި، އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް (Privity of Contract) އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

އިސްތިއުނާފީ ފުރަތަމަ ނުކުތާއާ މެދު ގޮތެއް ނިންމުމުގައި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއާ އެއްކޮޅަށް އެ ނުކުތާ ނިމިއްޖެ ނަމަ، އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅަން ގަސްދު ނުކުރަމެވެ. ސަބަބަކީ، އެ ހާލަތުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ ކުލީގެ ފައިސާ ހޯދުމާއި މައްސަލައިގެ މައުޟޫޢާ ގުޅޭ އެހެން ކަންކަމާ މެދު އަލުން ޝަރީޢަތުން ކަންކަން ނިންމުމުގެ ފުރުސަތު އެ ހިސާބުން ހުޅުވިގެން ދިއުމުގެ ފުރުސަތު އޮތުމެވެ.

ޕްރިވިޓީ އޮފް ކޮންޓްރެކްޓް

އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އިން ފާހަގަ ކޮށްފައިވަނީ، އެ ކުންފުންޏާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް (Privity of contract) ނެތްކަމަށާއި، ހައިކޯޓުން މައްސަލަ ނިންމުމުގައި ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަބްދައަށް ރިއާޔަތް ކޮށްފައި ނުވާކަމަށެވެ.

ޢާންމު އުޞޫލެއްގެ ގޮތުން އެއްބަސްވުމެއްގެ ދަށުން ޙައްޤުތަކެއް ލިބިގެންދާނީ އަދި ޒިންމާތަކެއް މަތިވެގެންދާނީ އެ ކޮންޓްރެކްޓެއްގެ ބައިވެރިންގެ މައްޗަށެވެ. މި އުސޫލުގެ މައްޗަށް ތަރުތީބުވެގެން އަންނަ އަނެއް އުސޫލަކީ،

ކޮންޓްރެކްޓެއްގެ ބައިވެރިއެއް ކަމުގައި ނުވާ ފަރާތަކަށް، އެ ފަރާތާ ގުޅުމެއް ނެތް ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް އެ ކޮންޓެރެކްޓާ ގުޅިގެން ދަޢުވާ ނުކުރެވުމާއި،

ކޮންޓްރެކްޓަކާ ގުޅިގެން، ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް، ކޮންޓްރެކްޓާ ގުޅުމެއް ނެތް ފަރާތެއްގެ މައްޗަށް ދަޢުވާ ނުކުރެވުމުގެ އުސޫލެވެ.

މި މަފްހޫމަކީ ދިވެހިރާއްޖޭ ކޯޓުތަކުގައި ބަލައިގަނެފައިވާ އަދި މި މަފްހޫމާ ގުޅޭގޮތުން އެކި މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވާ މަފްހޫމެކެވެ. މި މަފްހޫމުގެ ދަށުން މައިގަނޑު ގޮތެއްގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކުގައި ބަހުސް ކުރެވިފައިވަނީ ތިންވަނަ ފަރާތަކީ އެއްބަސްވުމުގެ ބައިވެރިއެއް ނޫންނަމަ އެ އެއްބަސްވުމުގެ ދަށުން އެ ފަރާތް އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިޒާމެއް ނޯންނާނެ ކަމަށެވެ. މިކަން މި މޭރުމުން ހައިކޯޓުން ނިންމާފައިވާ މުޙައްމަދު އަސްލަމް ވ. ރަޟިއްޔާ މޫސާ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް އޮތްކަން ނުވަތަ ނޫންކަން

ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމަށް ބަލާއިރު، އެއްބަސްވުމަކާއި ގުޅިގެން އުފަންވާ އެންމެހައި ޙައްޤުތަކާއި އިލްތިޒާމުތަކެއް ލިބިގެންވާނީ، އެއްބަސްވުމުގައި ހިމެނޭ ބައިވެރިންނަށެވެ.

އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ދެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށާއި ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، މި މައްސަލައިގެ ދެ ބައިވެރިންގެ ދެމެދުގައި ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ތިރީގައިވާ ކަންކަން އަހުރެން ފާހަގަ ކުރަމެވެ.

28 ސެޕްޓެމްބަރު 2012 ގައި އެމް.ވީ.ކޭ މޯލްޑިވްސް އާއި އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ (ސްރީލަންކާ ކުންފުނި) އާ ދެމެދު ވެވުނު އެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2014 ގެ ނިޔަލަށް އިތުރު ކުރުމަށް އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ (ސްރީލަންކާގެ ކުންފުނި) ގެ ފަރާތުން 28 ސެޕްޓެމްބަރ 2013 ގައި އެމް.ވީ.ކޭ މޯލްޑިވްސްއަށް ހުށަހަޅައި އެ މުއްދަތަށް އެގްރިމެންޓްގެ މުއްދަތު އިތުރު ކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. މިފަދައިން މުއްދަތު އިތުރު ކުރުމުގެ އެއްބަސްވުމުގައި އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ 05 މެއި 2014 ގައެވެ.

ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔަ އިރު، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ (ފަހުން އޭ.ޖީ. މެލްކޯ މޯލްޑިވްސް) އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ތަޢާޤުދީ ގުޅުމެއް، (Contractual relationship) އޮތްކަން ސާބިތު ކުރުމަށް މި އެއްބަސްވުން ޝަރީޢަތުގެ މަޖިލިހަށް އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވެއެވެ.

28 ސެޕްޓެމްބަރ 2012 އިން ފެށިގެން އެމް.ވީ.ކޭ މޯލްޑިވްސް އާއި އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ (ސްރީލަންކާ ކުންފުނި) އާ ދެމެދު މުޢާމަލާތް ކުރެވުނު އިރު، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ (ރާއްޖޭގެ ކުންފުނި) ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ނޫނެވެ. މި ކުންފުނި ރާއްޖޭގައި ރަޖިސްޓްރީ ވެފައިވަނީ 15 އޮކްޓޯބަރ 2014 ގައެވެ.

28 ސެޕްޓެންބަރު 2013 ގައި ދެ ފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުން ހެދިފައިވަނީ ސްރީލަންކާގެ ކުންފުންޏަކުންކަން އެ އެއްބަސްވުން އެމް.ވީ.ކޭ މޯލްޑިވްސްއަށް ފޮނުވި ލިޔުމުގައިވާ ލެޓަރ ހެޑުން އެނގެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ފައިސާގެ މުޢާމަލާތު ކުރުމަށް އެއްބަސްވެވިފައިވަނީ އެއްބަސްވުމުގައި ބަޔާންވެފައިވާ ސްރީލަންކާގައި ގާއިމުވެފައިވާ އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ ކުންފުންނާއެކުގައި ކަމަށާއި، އީ.ޓީ.އޭ މެލްކޯ ކުންފުނީގެ ރަޖިސްޓްރޭޝަން މި އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ފައިނަލް ވެފައި ނުވާކަން އެ އެއްބަސްވުމުގައި ބަޔާންވެފައިވެއެވެ. އަދި މި ކަންކަމަކީ، އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ޝަރުޢީ މަރުޙަލާތަކުގައި ދެ ބަސްވާ ކަންކަމެއް ނޫނެވެ.

ކޮންމެ ކުންފުންޏަކީ، އެ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއް ކަމުގައި ބަލަންޖެހޭއިރު، 28 ސެޕްޓެންބަރު 2013 ގެ އެއްބަސްވުމުގެ ދަށުން، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ (ސްރީލަންކާ ކުންފުނި) ގެ ޒިންމާތަކާއި އިލްތިޒާމްތައް އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްއަށް ބަދަލު ކުރެވިފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް އެއްވެސް މަރުޙަލާއެއްގައި ހުށަހެޅިފައިވާކަން އެނގެން ނެތެވެ. އަދި މި ފަދައިން ބަދަލު ކުރެވިފައިވާ ކަމުގައި ނުވަތަ ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމުން އިސްތިސްނާ ލިބިގެންވާ ހާލަތެއް އުފަންވެފައިވާކަން ފާހަގަކޮށް އެ ފަދަ ހާލަތެއްގެ މަންފާ ލިބެންޖެހޭނެކަން ފާހަގަކޮށް އެ މޭރުމުން އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ވާހަކަ ދައްކާފައި ނުވެއެވެ.

މިހެންކަމުން، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް ނެތުމާއެކު އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްގެ މައްޗަށް މި ދަޢުވާ ކުރެވޭނެ ޤާނޫނީ އުސޫލެއް އޮތްކަމުގައި ނުދެކެމެވެ. އަދި މި މައްސަލަ ނިމުނު ކަމުގައި ވީނަމަވެސް، އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން މި ފައިސާ ހޯދުމަށްޓަކައި، އެ ކުންފުންޏާއެކު މި މުޢާމަލާތުގައި ބައިވެރިވެފައިވާ ކުންފުނީގެ މައްޗަށް ދަޢުވާކުރަން ބޭނުންވާނަމަ، އެކަމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމުގައި ވެސް އަހުރެން ނުދެކެމެވެ.

ދަށުކޯޓަށް ހުށަހަޅާފައިނުވާ ނުކުތާއެއް ހައިކޯޓަށް ހުށަހެޅުން

މި މައްސަލަ ކުރިއަށް ގެންދިޔައިރު އެމް.ވީ.ކޭ މޯލްޑިވްސްއިން ފާހަގަކުރި އެއްކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާ އެ ކޯޓުގައި ކުރިއަށް ގެންދިޔައިރު، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއް ނެތްކަމަށް ނުވަތަ އެ ދެ ކުންފުނީގެ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް ނެތްކަމަށް ފާހަގަކޮށް އެކަމާ ބަހުސް ކުރެވިފައި ނުވާކަމުގައެވެ. ކަންމިހެން އޮތުމުން މި ނުކުތާއަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ނުކުތާއަކަށް ނުވާތީ އެ ނުކުތާއާ ގުޅިގެން އިސްތިއުނާފީ މަރުހަލާގައި އަލަށް ބަހުސް ނުކުރެވޭނެކަމަށެވެ. މިއީ ޕްރިވިޓީ އޮފް ކޮންޓްރެކްޓާ ގުޅިގެން ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ ހައިކޯޓުން ފާހަގަ ކޮށްފައިވާ ގޮތް ވެސް މެއެވެ.

މި ނުކުތާއަށް ބަލާއިރު، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. މިއީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސް ބަޔާންކޮށްދީފައިވާ ގޮތެވެ. މި އަކުރަށް ބަލާއިރު، ހައިކޯޓުން މައްސަލަ ބެލުމުގައި ބަރޯސާ ވާންޖެހޭނީ ދެ ކަމަކަށެވެ. އެއީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި، ދިފާޢު ތަކަށެވެ.

މި އުސޫލު މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ތަޠުބީޤު ކުރާއިރު، 28 ސެޕްޓެމްބަރ 2013 ގައި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ނުވަތަ މި މައްސަލަ ހިނގަމުން ދިޔައިރު، އީ.ޓީ.އޭ މެލްކޯ އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ވިޔަފާރީގެ ގުޅުމެއް އޮތްކަން ސާބިތު ކުރުމަށްޓަކައި "އެގްޒިބިޓް 2" ގެ ނަމުގައި ސިވިލް ކޯޓަށް އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކަކީ 28 ސެޕްޓެމްބަރ 2013 ގައި އެމް.ވީ.ކޭ މޯލްޑިވްސް އާއި ސްރީލަންކާގެ ކުންފުނި، އީ.ޓީ.އޭ މެލްކޯ އިންޖިނިއަރިންގ އާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުމެވެ. މިއީ މި މައްސަލައިގައި ކޮންޓްރެކްޓެއް ވުޖޫދުވި ކަމުގައި ސިވިލް ކޯޓުން ނިންމާފައިވާ އަސާސް ވެސް މެއެވެ.

ކަންމިހެން އޮތުމުން، ކޯޓުތަކާބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ސިވިލް ކޯޓަށް ހުށަހެޅުނު، އަދި އެ ހެއްކަކަށް ޝަރީޢަތުން ބުރަދަނެއް ދީފައިވާ ހެއްކަކާބެހޭ ގޮތުން ހައިކޯޓުގެ އިސްތިއުނާފީ މަރުޙަލާގައި ކަންކަން ފާހަގަކޮށް ވާހަކަ ދެއްކުމަކީ، ހައިކޯޓުގެ މައްސަލަ ބެލުމަށް ޤާނޫނުގައި ބަޔާންވެފައިވާ އުސޫލާ ޚިލާފު ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. މި ސަބަބަށްޓަކައި، މި މައްސަލައިގައި ޕްރިވިޓީ އޮފް ކޮންޓްރެކްޓެއް ނެތް ކަމުގައި ބުނެ އޭ.ޖީ މެލްކޯ އެލެވޭޓަރސް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކުރި ނުކުތާއާ ގުޅިގެން، އެ ނުކުތާ އެ ގޮތަށް ހައިކޯޓުގައި ފާހަގަ ކުރުމުގެ ފުރުސަތެއް އެ ކުންފުންޏަށް ލިބިގެން ނުވާކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި އަހުރެން ދެކެވެ.

ކުލީގެ މުއްދަތާމެދު ހައިކޯޓުން ނިންމި ގޮތް

ކުރިން ތަފުސީލުކޮށް ފާހަގަ ކުރިފަދައިން މި މައްސަލައިގައި އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް ނެތެވެ. ކަންމިހެން އޮތުމުން މައްސަލައިގައި ވާހަކަ ދެކެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވިފަހުން އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސްގެ ފަރާތުން، ކުއްޔަށް ދީފައިވާ ތަންތަން ބޭނުންކުރި ކަމަށް ބުނާ މުއްދަތު ހައިކޯޓުން ކަނޑައަޅާފައި ވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ އެ ކުންފުނީގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތް ކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމާއެކު، އޭ.ޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް އާއި އެމް.ވީ.ކޭ މޯލްޑިވްސްއާ ދެމެދު ޤާނޫނީ ގޮތުން ބަނދެވޭނެ ހަމައެއް ނެތުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2673/Cv-C/2016 ޤަޟިއްޔާގައި ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/56 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު2673/Cv-C/2016 ޤަޟިއްޔާގައި ޙުކުމާއި، ހައިކޯޓުގެ ނަންބަރު 2018/HC-A/56ޤަޟިއްޔާގެ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ދެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިންމަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ