ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/253، 206/Cv-C/2018
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރެޑިޓް ފެސިލިޓީގެ ދަރަނި ހޯދުމަށް ބޭންކުން ކުރި ދަޢުވާގައި، ކުންފުންޏާއި ޔަޤީންކަންދިން ފަރާތްތަކުން ފައިސާ ދައްކަންޖެހޭ ކަމަށާއި، ނުދައްކައިފިނަމަ ރަހުނުކުރި ގޯތިއާއި ސްޓޮކް ވިއްކުމުގެ ހުއްދަ ލިބޭ ކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ބޭންކުން ކުންފުންޏަކަށް ލެޓަރ އޮފް ކްރެޑިޓް އަދި އޯވަރޑްރާފްޓް ހިމެނޭ 11 މިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް ދޫކުރީ ސްޓޮކް އިން ޓްރޭޑާއި ގޯތިތައް ރަހުނުކޮށް، ކޯޕަރޭޓް އަދި ޕަރސަނަލް ގެރެންޓީ ހޯދައިގެންނެވެ. ކުންފުނިން ފެސިލިޓީ ލެޓަރގައި read and approved ލިޔެ ސޮއިކުރިއެވެ. އެކައުންޓް ސްޓޭޓްމަންޓް ބަލާއިރު 2017 ސެޕްޓެންބަރާ ހަމައަށް 14.17 މިލިއަން ރުފިޔާ ދައްކަން ބާކީ އޮތެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފެސިލިޓީ އެގްރީމަންޓެއް ހުށަހަޅާފައި ނުވާއިރު އޯވަރޑްރާފްޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަމާއި ފައިސާ ބޭނުންކޮށްފައިވާކަން ސާބިތުވޭތޯ، ދަށު ކޯޓުތަކުން ހެކިތަކަށް ރިޢާޔަތްކޮށްފައިވޭތޯ، އަދި ދަށު ކޯޓުތަކުގައި ނުދެއްކި ބޭންކިންގއާބެހޭ ޤާނޫނާ ގުޅޭ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިގަނެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ ފެސިލިޓީ އެގްރީމަންޓެއް ހުށަހަޅާފައި ނުވާ ކަމަށާއި، ސޮއިކުރީ ސިޓީ ލިބުނުކަން އަންގަން ކަމަށާއި، ފައިސާ ބޭނުންކުރިކަން ބޭންކުން ސާބިތުނުކުރާ ކަމަށާއި، ހެކިތަކަށް ރިޢާޔަތްނުކޮށް ބޭންކިންގ ޤާނޫނާ ޚިލާފަށް ނިންމި ކަމަށެވެ. ބޭންކުން ބުނީ ލިޔުންތަކުގެ ޞައްޙަކަމަށް ޢިތުރާޟުކުރާ ފަރާތުން ދަފްޢު ސާބިތުކުރަންޖެހޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ބޭންކުގެ ސިޓީއަކީ ހުށަހެޅުމެއް ކަމަށާއި، read and approved ލިޔެ ތައްގަނޑު ޖަހައި ސޮއިކުރުމުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއާ އެއްގޮތަށް އެއްބަސްވުން ވުޖޫދުވި ކަމަށް ކޯޓުން ދެކުނެވެ. ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންވާނީ ދަފްޢު ކުރިމަތިކުރާ ފަރާތުން ކަމަށާއި، ބޭންކުގެ ލިޔުންތައް އެއްފަރާތްކުރެވޭ ހެކި ނުހުށަހެޅޭކަމަށް ފާހަގަކުރިއެވެ. ބޭންކިންގ ޤާނޫނާ ގުޅޭ ނުކުތާއަކީ ދަށު ކޯޓުތަކުގައި ނުދެއްކި، އިސްތިސްނާއީ ހާލަތެއް ނެތް އައު ނުކުތާއެކެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2019/HC-A/253 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެ ޙުކުމް ޤާއިމްކުރި. މިގޮތުން، ގްލޯބަލް ލިންކްސްއިން 25 ސެޕްޓެންބަރު 2017 ހަމައަށް ދައްކަންޖެހޭ 14,174,328.96 ރުފިޔާއާއި އިންޓަރެސްޓާއި ޖޫރިމަނާއާއި ޤާނޫނީ ޚަރަދު ކުންފުންޏާއި ޔަޤީންކަންދިން ފަރާތްތަކުން ދައްކަންޖެހޭނެ ކަމަށާއި، މުއްދަތުގައި ނުދައްކައިފިނަމަ ރަހުނުކުރެވިފައިވާ ގ.ހޯޕް އާއި ސްޓޮކް އިން ޓްރޭޑް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބޭނެ ކަމަށް ސިވިލް ކޯޓުގެ 206/Cv-C/2018 ގައި ކުރި ޙުކުމް ދެމިހުރި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ކޮންޓްރެކްޓް ކުރެވޭ ގޮތެވެ. އެގޮތުން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީ ކަމުގައި އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ.
HN2 ހުށަހެޅުން ފޮނުވި ސިޓީގެ އިބާރާތަށް ބެލުމުން ސިޓީގައި ސޮއިކޮށް އަނބުރާ ރައްދުކުރުމުން ހުށަހެޅުން ޤަބޫލުކުރީކަމުގައި ބެލެވޭނެ ކަމުގައި ބަޔާންކޮށްފައިވާއިރު، ސިޓީގައި ސޮއިކޮށް އަނބުރާ ރައްދުކޮށްފައިވަނީ އެ ލިޔުން ލިބުނުކަމުގައި އެންގުމުގެ ގޮތުން ކަމުގައި ބުނާނަމަވެސް، ސިޓީގައި ސޮއިކުރަން އޮތް ދިމާލުގައި read and approved ލިޔެ، ތައްގަނޑު ޖަހައި ސޮއިކުރުމުން، ހުށަހެޅުން ޤަބޫލުކުރީކަމުގައި ބަލަންޖެހެއެވެ.
HN3 ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރައަކީ (burden of proof) ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައާއި، ދަޢުވާގެ ދިފާޢުގައި ކުރިމަތިކުރާ ދަފްޢުތަކަކީ ދަޢުވާ ލިބޭ ފަރާތުން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭ ދަފްޢުތަކެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ އުސޫލު ނަގަހައްޓާފައިވެއެވެ.
HN4 ސާބިތު ކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production) އަދި، (2) ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން (burden of persuasion) އެވެ.
HN5 ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކުރާ އެ މާއްދާގެ އަކުރެވެ.
HN6 ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތުގައި، އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައިވާ ޤާނޫނީ ބަހުސަކަށްވުމަކީ އިސްތިއުނާފު ކުރުމުގެ އާންމު އުސޫލެވެ. އަދި އައު ނުކުތާއެއް އިސްތިއުނާފު ކުރުމުގެ ތެރެއިން ހުށަހެޅޭނީ އިސްތިސްނާއީ ހާލަތެއް ގައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ.
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 43 2022/SC-A/60 ޝަރީޢަތް ނިމުނުގޮތް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 11 އޮގަސްޓް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/253 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް 1. ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް
2މުޙައްމަދު ޖުނައިދު، މ.ރީފްވިލާ، ކ.މާލެ
3އަޙްމަދު މުޙައްމަދު، ގ.ހޯޕް، ކ.މާލެ
4ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދު، ހ.ކޯލްފީލްޑް،ކ.މާލެ ޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ. ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު،
ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
މަދަނީ - ރަހުނު ހިމެނޭ ކްރެޑިޓް ފެސިލިޓީ - ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ - އައު އިސްތިއުނާފީ ނުކުތާ ހުށަހެޅުން - ދަފްޢު ސާބިތު ކުރުމުގެ ބުރަ( Burden of proof) ދަފްޢު ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production) - އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން (burden of persuasion)
ފިހުރިސްތު
ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު 3 ފަރާތެއް ވ. ދަ މޮރިޝަސް ކޮމާރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް SC 43 [2024] ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދުކުރައްވާފައި) ތަޢާރުފު
11. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑް1 (މީގެ ފަހުން " ގްލޯބަލް ލިންކްސް") އާއި، މ.ރީފްވިލާ، ކ.މާލެ، މުޙައްމަދު ޖުނައިދު2 (މީގެ ފަހުން "މުޙައްމަދު ޖުނައިދު") އާއި
ގ.ހޯޕް، ކ.މާލެ، އަޙްމަދު މުޙައްމަދު3 (މީގެ ފަހުން " އަޙްމަދު މުޙައްމަދު") އަދި ހ.ކޯލްފީލްޑް، ކ.މާލެ، ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދު4 (މީގެ ފަހުން "ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދު") (މީގެ ފަހުން މި ހުރިހާ ފަރާތްތަކެއް އެކުގައި "އިސްތިއުނާފު ކުރާ ފަރާތްތައް") ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/60 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް5 (މީގެ ފަހުން "އެމްސީބީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2އެމްސީބީއިން ދޫކޮށްފައިވާ ފެސިލިޓީ ލެޓަރ6 ގެ ދަށުން، އެމްސީބީގެ ފަރާތުން ގްލޯބަލް ލިންކްސް އަށް 11,000,000/-ރ. (އެގާރަ މިލިއަން ރުފިޔާ) ގެ ކެރްޑިޓް ފެސިލިޓީއެއް ދޫކޮށްފައިވެއެވެ.
މި ކްރެޑިޓް ފެސިލިޓީއަކީ ލެޓަރ އޮފް ކްރެޑިޓް އަދި އޯވަރޑްރާފްޓް ފެސިލިޓީއެއް އެކުލެވޭ ގޮތަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއެކެވެ.
3އެމްސީބީގެ ފަރާތުން މި ކްރެޑިޓް ފެސިލިޓީ ދޫކޮށްފައިވަނީ ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑްއާއި، ހުޅުމާލެ ސިލްވަރ ސީ7 އެވެ ކިޔާ ގޯއްޗާއި، ގ. ހޯޕް8 އެވެ ކިޔާ ގޯތި ރަހުނުކޮށް، ގްލޯބަލް ލިންކްސްގެ ފަރާތުން ކޯޕަރޭޓް ގެރެންޓީ، އަދި މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދު އާއި، ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދުގެ ފަރާތުން ޕަރސަނަލް ގެރެންޓީ ދީގެންކަމަށް އެ ބޭންކުން ބުނެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2018 ޤަޟިއްޔާ
4ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީއަށް 25 ސެޕްޓެންބަރު 2017 ވަނަ ދުވަހާ ހަމައަށް 14,174,328.96ރ. (ސާދަމިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހަލާރި) ދައްކަންޖެހި ނުދައްކާ އޮތް ކަމުގައި ބުނެ، އެ ފައިސާ ހޯދުމަށާއި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާއާއި ޤާނޫނީ ފީގެ ގޮތުގައި ހޭދަވި 20,000/-ރ. (ވިހިހާސް ރުފިޔާ) އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އަންގައިދިނުމަށް އެދި ގްލޯބަލް ލިންކްސް އާއި، ފާތިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި އަޙްމަދު މުޙައްމަދުގެ މައްޗަށް އެމްސީބީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
5ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2018 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ ދަޢުވާގައި ބުނާ ލޯނު ދޫކުރުމާ ގުޅޭގޮތުން ވެފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑް އާއި އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.ހޯޕް އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާ ކަމާއި، މި ރަހުނުތަކުގެ އިތުރުން ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސިލްވަރ ސީ އެވެ ކިޔާ ގޯތި ރަހުނު ކޮށްފައިވާ ކަމަށް އެމްސީބީގެ ފަރާތުން ބުނެފައިވިއަސް، އެ ގޯތި ރަހުނުކުރުމަށް ވެފައިވާ ރަހުނު އެއްބަސްވުން މައްސަލައާ ގުޅިގެން ހުށަހަޅާފައިނުވާތީ، އެ ރަހުނުގެ ނަތީޖާއާއި އިލްތިޒާމްތައް ދެނެގަނެވެން ނެތް ހާލަތުގައި، އެ ރަހުނާމެދު މި މައްސަލައިގައި ގޮތެއް ކަނޑައަޅައި ދެވެން ނެތް ކަމާއި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގްލޯބަލް ލިންކްސްއިން ފައިސާ ދައްކައިފައިނުވާތީ 25 ސެޕްޓެންބަރު 2017 ވަނަ ދުވަހާ ހަމައަށް 14,174,328.96ރ. (ސާދަމިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހަލާރި) ދައްކަންޖެހި ނުދައްކާވާ ކަމާއި، މި އެއްބަސްވުމުގެ ދަށުން އެމްސީބީ ކުރަންޖެހުނު ޤާނޫނީ ޚަރަދަށް ގްލޯބަލް ލިންކްސް އާއި، ފާތިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދު ޒިންމާވާން ޖެހޭނެކަމާއި، މި މުއާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާއާއެކު މި އެންމެހައި ފައިސާ އެމްސީބީއަށް ލިބިދިނުމަށްޓަކައި 21 މާރިޗް 2019 އިން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް މަދުވެގެން އެ މަހަކަށް ޖެހޭވަރު ދައްކާ ޚަލާސްކުރުމަށް ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑާއި މި ލޯނަށް ޔަޤީންކަންދިން ފަރާތްތަކަށް އަންގައި، އެ މުއްދަތު ހަމަވާއިރު ފައިސާ ދައްކާ އެއްކޮށް ޚަލާޞްކޮށްފައި ނުވާނަމަ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން މި ލޯނާ ގުޅިގެން ރަހުނުކުރެވިފައިވާ ގ.ހޯޕްއެވެ ކިޔާ ގޯއްޗާއި ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑް ވިއްކާލުމުގެ ހުއްދަ އެމްސީބީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައެވެ.
6ސިވިލް ކޯޓުން އިސްވެ ބަޔާންކުރެވުނު ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
6.1. ލޯނާ ގުޅިގެން ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑްއާއި އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގ.ހޯޕް އެވެ ކިޔާ ގޯތި ރަހުނުކުރުމަށް މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ކޯޓުގައި ސޮއިކުރުމަށްފަހު، އެ ބިން ދޫކޮށްފައިވާ އޮފީހުގައި އެ ރަހުނު ރަޖިސްޓްރީކުރެވިފައި ނެތުމަކީ، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުވެ އޮތުންކަމާއި، އެކަން ފުރިހަމަނުވުމުގެ ނަތީޖާއަކީ ކޯޓުގައި މި ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަން.
6.2. މި ލޯނާ ގުޅިގެން ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ، ސިލްވަރ ސީ އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާ ކަމަށް އެމްސީބީ ބުނި ނަމަވެސް އެ ގޯތި ރަހުނު ކުރުމަށް ވެފައިވާ އެއްބަސްވުން މި މައްސަލައިގައި ހުށަހަޅާފައި ނުވާކަން.
6.3. އެމްސީބީން ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ފެސިލިޓީއަކީ އޯވަރޑްރާފްޓް ފެސިލިޓީއެއް ކަމާއި، ގްލޯބަލް ލިންކްސްގެ އެކައުންޓް ސްޓޭޓްމަންޓަށް ބަލާއިރު އެކައުންޓް އޯވަރ ޑްރޯ ކޮށްފައިވުމުގެ ސަބަބުން 25 ސެޕްޓެންބަރު 2017 ވަނަ ދުވަހާ ހަމައަށް 14,174,328.96ރ. (ސާދަމިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ އަށާވީސް ރުފިޔާ ނުވަދިހަ ހަލާރި) ދައްކަންޖެހި ނުދައްކާވާކަން އެކައުންޓް ސްޓޭޓްމަންޓުން އެނގޭކަން.
ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާ
7ސިވިލް ކޯޓުގެ ނަންބަރު 206/Cv-C/2018 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ގްލޯބަލް ލިންކްސް އާއި، ފާތިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. ހައިކޯޓުން އިސްވެ ބަޔާންކުރެވުނު ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ނުކުތާގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
7.1. މައްސަލައިގައި ހުށަހަޅާފައިވާ "ކްރެޑިޓް ފެސިލިޓީ" އާ ގުޅޭ ލިޔުމަކީ ސްޓޭންޑަރޑް ފޯމް ކޮންޓްރެކްޓެއްކަން ސާފުވާކަމާއި މި އެއްބަސްވުމުގެ ދަށުން އެމްސީބީ އާއި ގްލޯބަލް ލިންކްސް އާއި، ފާތިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދުއާ ދެމެދު އެއްބަސްވުމެއްވެ، އޯވަރޑްރާފްޓް ފެސިލިޓީއެއް ހަމަޖެހިގެން ގޮސްފައިވާކަން ސާބިތުވާކަން.
7.2. ކަރަންޓް އެކައުންޓު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެހެން ވަޞީލަތްތައް ހުރުމާއެކު ގްލޯބަލް ލިންކްސްގެ ޗެކް ފޮތްތައް ބޭންކާ ހަވާލުކުރި ކަމަށް ބެލިނަމަވެސް، އެއީ ބޭންކް ސްޓޭޓްމަންޓުން ދައްކާ ޓްރާންސެކްޝަންތައް ނަފީކުރެވޭނެ ސަބަބެއް ނޫންކަން.
7.3. ދަޢުވާ ހުށަހެޅިފައިވަނީ ގްލޯބަލް ލިންކްސްގެ ފަރާތުން ފައިސާ ދައްކަމުން ނުދާތީކަން އެނގޭއިރު މި ލޯނަށް ޕާރސަނަލް ގެރެންޓީ ދީފައިވާ ފަރާތްތައް ޒިންމާވާންޖެހޭ ގޮތަށް ފައިސާ ދެއްކުމަށް ޙުކުމްކުރެވޭނެކަން ޕާރސަނަލް ގެރެންޓީ އެންޑް އިންޑެމްނިޓީން އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ގްލޯބަލް ލިންކްސް އާއި، ފާތިމަތު ސުދުނާ މުޞްތަފާ ވަޙީދު އާއި، މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދުގެ ފަރާތުން މައިގަނޑު 02 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
8.1. ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގައި ފައިސަލާކުރަނިވި ޙުކުމެއް ކޯޓަކުން ކުރަންވާނީ
އެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު ހެއްކާއި ޤަރީނާ އާއި ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައި ކަމާއި، ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނަށް ކަމަށާއި، ޤާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންކަމުގައި ރިޢާޔަތްކުރަންވާނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ކަމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާގެ ނިންމުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަން.
8.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ކަމަށް ބުނާ އޯވަރޑްރާފްޓް ފެސިލިޓީ އެ ކުންފުންޏަށް ދޫކޮށްފައި ނުވާކަމާއި، އެ އޯވަރޑްރާފްޓް ފެސިލިޓީ ބޭނުންކޮށްފައިނުވާ ކަމަށް ބުނެ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 24، 27 އަދި 36 ވަނަ މާއްދާ ނުރަނގަޅު ގޮތަކަށް ތަޠުބީޤުކޮށްގެން ކަމަށް ބުނެ ހުށަހެޅި ސަބަބު.
ފުރަތަމަ ނުކުތާ - ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވުން
9ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާގެ ނިންމުމުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައި ނުކުތާގެ ތަފްސީލުގައި އެފަރާތްތަކުން މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެއެވެ.
(ހ) ފެސިލިޓީ އެގްރީމަންޓެއް ކޯޓަށް ހުށަހަޅާފައި ނެތުން
10އެމްސީބީއިން ގްލޯބަލް ލިންކްސް އަށް ދޫކޮށްފައިވާ ކަމަށް ބުނާ އޯވަރޑްރާފްޓް ފެސިލިޓީއަކީ
އެ ބޭންކުގެ ފަރާތުން ދޫކޮށްފައިވާ އޯވަރޑްރާފްޓް ފެސިލިޓީއެއް ނޫންކަމުގަ އާއި، ސިވިލް ކޯޓަށް އަދި ހައިކޯޓަށްވެސް އެމްސީބީގެ ފަރާތުން ފެސިލިޓީ އެގްރީމަންޓެއް ހުށަހަޅާފައި ނުވާކަމުގަ އާއި،9 ހައިކޯޓުގެ ނިންމުމަކީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެއެވެ.10
11HN1ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ކޮންޓްރެކްޓް ކުރެވޭ ގޮތެވެ. އެގޮތުން، އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލުކުރުމުން ކޮންޓްރެކްޓެއް ކުރެވުނީ ކަމުގައި އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ.
12ހައިކޯޓުން ފެސިލިޓީ އެގްރީމަންޓެއް ވުޖޫދުގައި އޮތްކަން ކަނޑައެޅުމުގައި މިކަން ކަމަށް ރިޢާޔަތްކޮށްފައިވާ ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:
12.1. ހައިކޯޓުގެ ނިންމުމުގެ 2 ވަނަ ޕްރެގްރާފްގައި،11 ލިޔެކިޔުމަށް ހަވާލާދީ، ގްލޯބަލް ލިންކްސްއިން ކްރެޑިޓް ފެސިލިޓީއަށް އެދުނު (request) ކަމާއި؛
12.2. ހައިކޯޓުގެ ނިންމުމުގެ 3 ވަނަ ޕްރެގްރާފްގައި،12 ލިޔެކިޔުމަށް ހަވާލާދީ، ގްލޯބަލް ލިންކްސްގެ އެދުމާ އެއްގޮތަށް އެމްސީބީ އިން ކްރެޑިޓް ފެސިލިޓީ ދޫކުރުމަށް ހުށަހެޅުމެއް (offer) ހުށަހެޅި ކަމާއި؛
12.3. ހައިކޯޓުގެ ނިންމުމުގެ 4 ވަނަ ޕްރެގްރާފްގައި،13 ލިޔެކިޔުމަށް ހަވާލާދީ، އެމްސީބީގެ
އެ ހުށަހެޅުން ޤަބޫލު (acceptance) ކޮށްފައިވާކަމުގައި ބަޔާންކޮށްފައިވެއެވެ.
13ހައިކޯޓުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ކަން ކަމަށް ހަވާލާދީ، އެމްސީބީއިން ގްލޯބަލް ލިންކްސްއަށް ފޮނުވާފައިވާ ހުށަހެޅުމުގައި ގްލޯބަލް ލިންކްސްގެ ފަރާތުން ސޮއިކޮށް އަނބުރާ ރައްދުކޮށްފައިވަނީ އެ ލިޔެކިޔުން ލިބުނުކަމުގައި ބޭންކަށް އެންގުމުގެ ގޮތުން ކަމުގައާއި، އެ އޮފަރ ލެޓްރގައި ބުނާ ފައިނަލް ޑޮކިއުމަންޓްތަކުގައި ސޮއިކުރުމުން މެނުވީ އެއްބަސްވުމެއް ވުޖޫދު ނުވާނެކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެއެވެ.
14ގްލޯބަލް ލިންކްސްގެ ފަރާތުން މިފަދައިން ބަޔާންކޮށްފައިވާއިރު، ގްލޯބަލް ލިންކްސްއިން ކްރެޑިޓް ފެސިލިޓީއަށް އެދުނު އެދުމާއި ހަވާލާދީ އެމްސީބީގެ ފަރާތުން ފޮނުވި ސިޓީއަކީ14 (މީގެ ފަހުން "ސިޓީ" ގެ ގޮތުގައި ހަވާލާދީފައި) އޭގެ ޒާތުގައި ހުށަހެޅުމެއްކަން ސިޓީގެ ފުރަތަމަ ޕެރެގްރާފުންނާއި15 ސިޓީގެ އެންމެ ފަހު ސަފުހާގައި ބަޔާންކޮށްފައިވާ ކަންކަމުން16 އެނގެން އޮވެއެވެ. އެ ހުށަހެޅުމުގައި (އިތުރު ކަންކަން ހިމެނޭގޮތުން) ފެސިލިޓީގެ ބާވަތާއި، ލިމިޓާއި، އިންޓަރަސްޓާއި، ސެކިއުރިޓީގެ ގޮތުގައި ބޭނުންވާ ކަންކަމާއި، ފެސިލިޓީ ދޫކުރާނެ މައިގަނޑު ޝަރުތުތަކާއި، އެއްބަސްވާގޮތަށް ފައިސާ ނުދައްކާނަމަ ކަންކުރާނެ ގޮތް ހިމެނޭހެން، އެމްސީބީގެ ފަރާތުން ހުށަހަޅާ ކަންކަމުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.
15HN2އެމްސީބީގެ ހުށަހެޅުން ފޮނުވި ސިޓީގެ އެންމެ ފަހު ސަފުހާގައި ހިމަނާފައިވާ ކަންކަމުގެ17 އިބާރާތަށް ބެލުމުން ސިޓީގައި ސޮއިކޮށް އަނބުރާ އެމްސީބީއަށް ރައްދުކުރުމުން އެ ބޭންކުގެ ހުށަހެޅުން ޤަބޫލުކުރީކަމުގައި ބެލެވޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި 20 ޖެނުއަރީ 2012 ގެ ކުރިން އެމްސީބީގެ ހުށަހެޅުން ޤަބޫލު ނުކޮށްފިނަމަ، އެ ހުށަހެޅުން އެ ތާރީޚުގައި އެސްޕަޔަރ ވާނެ ކަމުގައާއި، ސިޓީގައި ބަޔާންކޮށްފައިވާ ތާރީޚުގެ ފަހުން ހުށަހެޅުން ގަބޫލުކޮށްފިނަމަ، އިތުރު މުއްދަތެއް ދިނުމަކީ އެމްސީބީގެ އިޚްތިޔާރެއް ކަމުގައި ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ގްލޯބަލް ލިންކްސްގެ ފަރާތުން ސިޓީގައި ސޮއިކޮށް އަނބުރާ ރައްދުކޮށްފައިވަނީ އެ ލިޔުން ލިބުނުކަމުގައި ބޭންކަށް އެންގުމުގެ ގޮތުން ކަމުގައި ގްލޯބަލް ލިންކްސްއިން ބުނާނަމަވެސް، ސިޓީގައި ސޮއިކުރަން އޮތް ދިމާލުގައި read and approved ލިޔެ، ގްލޯބަލް ލިންކްސްގެ ތައްގަނޑު ޖަހައި ސޮއިކުރުމުން، އެމްސީބީގެ ހުށަހެޅުން ގްލޯބަލް ލިންކްސްގެ ފަރާތުން ޤަބޫލުކުރީކަމުގައި ބަލަންޖެހެއެވެ.
16އެމްސީބީއިން ފޮނުވި ސިޓީގައި ބުނާ ފައިނަލް ޑޮކިއުމަންޓްތަކުގައި ސޮއިކުރުމުން މެނުވީ އެއްބަސްވުމެއް ވުޖޫދު ނުވާނެކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނާ ބުނުމަށް ބަލާއިރު، އެ ސިޓީގައި ހަވާލާދީފައިވަނީ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށާއި ސިޓީގައި ހަވާލާދީފައިވާ ލިޔުންތަކުގައި އެމްސީބީގެ ފަރާތުން ހުށަހަޅާ އަދި އެ ބޭންކަށް ގަބޫލުކުރެވޭ މިންގަނޑަކާ އެއްގޮތަށް އެއްބަސްވެ ސޮއި ކުރުމަށް ކަމުގައި ސިޓީގައި ބޭނުންކޮށްފައިވާ އިބާރާތްތަކަށް ބެލުމުން އަހުރެންނަށް ބުރަވެވެއެވެ. މިކަމަށް ބާރުދެނީ ސިޓީގެ 9 ވަނަ ނަންބަރުގައި ބޭންކުގެ ފަރާތުން ސެކިއުރިޓީގެ ގޮތުގައި ބޭނުންވާ ކަންކަން ހިމަނާފައި އޮތުމުގެ އިތުރުން، ސަރީހަ ބަހުން އެ ސިޓީއަށް ހަވާލާދީ (ސިޓީގެ 9 ވަނަ ނަންބަރުގެ (g) ގައި ބުނާ) ގްލޯބަލް ލިންކްސްގެ ސްޓޮކް އިން ޓްރޭޑް ރަހުނުކޮށްފައިވާތީ އާއި، (ސިޓީގެ 9 ވަނަ ނަންބަރުގެ (e) ގައި ބުނާ) އަޙްމަދު މުޙައްމަދުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގ. ހޯޕް އެވެ ކިޔާ ގޯތި ރަހުނުކޮށްފައިވާތީ އާއި، (ސިޓީގެ 9 ވަނަ ނަންބަރުގެ (i)، (j) އަދި (k) ގައި ބުނާ) މުޙައްމަދު ޖުނައިދު އާއި، އަޙްމަދު މުޙައްމަދު އާއި، ފާޠިމަތު ސުދުނާ މުޞްތަފާ ވަޙީދުގެ ފަރާތުން ޕަރސަނަލް ގެރެންޓީ ދީފައިވާތީއެވެ.
17އެމްސީބީއިން ފޮނުވި ސިޓީގައި ގްލޯބަލް ލިންކްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެފަރާތުން ބުނާ ފަދައިން ސިޓީ ލިބުނުކަން ބޭންކަށް އެންގުމުގެ ގޮތުން ކަމުގައިވާނަމަ، އަދި ސިޓީގައި ބުނާ ފައިނަލް ޑޮކިއުމަންޓްތަކުގައި ސޮއިކުރުމުން މެނުވީ އެއްބަސްވުމެއް ވުޖޫދު ނުވާނެކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެ ހަމަ ހަޤީޤަތުގައިވެސް އެއީ ކަން އޮތް ގޮތް ކަމުގައި އެފަރާތްތަކުން ޤަބޫލުކުރާނަމަ، ސިޓީގެ ތާރީޚާއި ރިފަރެންސް ނަންބަރު ޖަހައި، އެއީ ފެސިލިޓީ ލެޓަރ ކަމުގައި ބަޔާންކޮށް ތައްޔާރުކޮށްފައިވާ ރަހުނު އެއްބަސްވުންތަކުގައާއި ޕަރސަނަލް ގެރެންޓީގައި އެފަރާތްތަކުން ސޮއިކުރަންވީ ސަބަބެއް އަދި އެ ހުރިހާ އެއްބަސްވުމެއް އެފަރާތްތަކުން ސިވިލް ކޯޓުގައި ރަޖިސްޓަރީ ކުރަންޖެހޭ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
18މީގެ އިތުރުން، އެމްސީބީއިން ގްލޯބަލް ލިންކްސްއަށް އޯވަރޑްރާފްޓް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމަށް ކަނޑައަޅާފައިވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބެލުމެއް ނެތިކަމުގައިވެސް ގްލޯބަލް ލިންކްސްއިން ބުނެއެވެ. އެހެންނަމަވެސް، އެއީ ކޮން ހެކިތަކެއްކަން ސާފެއް ނުވެއެވެ. ޝަރީޢަތަށް ހުށަހަޅާފައިވާ ހެއްކަށް ބަލައި އެ ހެކިތައް ވަޒަންކުރުމުން، އެއްބަސްވުން ވުޖޫދުގައި އޮތްކަމާމެދު ގްލޯބަލް ލިންކްސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގައި އަހުރެން ބުރަވާ ގޮތް، (މި ސުރުހީގެ ދަށުން) އިސްވެ ދިޔަ ޕެރެގްރާފްތަކުގައި ބަޔާންކޮށްފައި އެވަނީއެވެ.
19އެހެންކަމުން، މި މައްސަލައާ ގުޅިގެން ފެސިލިޓީ އެގްރީމަންޓެއް ހުށަހަޅާފައި ނުވާކަމުގައި ބުނެ އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއަށް އެއްވެސް ޤާނޫނީ ބުރަދަނެއް ދެވެން އޮތްކަމުގައި ނުދެކެމެވެ.
(ށ) ފައިސާ ބޭނުންކޮށްފައިވާކަން ކަށަވަރު ކޮށްފައި ނުވުން
20ގްލޯބަލް ލިންކްސްގެ ފަރާތުން އޯވަރޑްރާފްޓް ފައިސާ ބޭނުންކޮށްފައިވާ ކަމަށް އެމްސީބީ އިން ބުނާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އެމްސީބީގެ ޒިންމާއެއްކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން:
20.1. އެމްސީބީ އިން ކްރެޑިޓް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވަނީ ގްލޯބަލް ލިންކްސްއިން އެ ފައިސާ ބޭނުންކޮށްފައިވާކަން ކަށަވަރުކުރުމަކާއި ނުލައި ކަމުގައާއި؛
20.2. މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމުގެ ސައްހަކަމާމެދު އިންސިތުނާފުކުރާ ފަރާތްތަކުން ސުވާލު އުފައްދާފައިވާއިރު، އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށްޓަކައި އެމްސީބީއިން ލިޔެކިޔުން ހުށަހަޅާފައި ނުވާކަމުގައާއި؛
20.3. 2013 އޮގަސްޓު މަހުގައި ގްލޯބަލް ލިންކްސްގެ ހުރިހާ ޗެކު ފޮތްތަކެއް އެމްސީބީއާ ހަވާލުކޮށްފައިވާކަން ލިޔެކިޔުމުން ފެންނަން އޮތް ކަމަށާއި، އެއިގެ ފަހުން ބޭންކުން ގްލޯބަލް ލިންކްސްއަށް ޗެކް ފޮތް ދޫކޮށްފައިނުވާއިރު، ބޭންކް ސްޓޭޓްމަންޓްތަކުން ޗެކު ފޮތް އިޝޫކުރުމުގެ ޗާޖު ހިމަނާފައިވުމަކީ އެފަދައިން ޗެކުފޮތްތަކެއް އެމްސީބީ އިން ގްލޯބަލް ލިންކްސްއާ ހަވާލުކޮށްފައިވާކަން ދައްކުވާދޭ ކަމެއް ނޫން ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެއެވެ.
21މި ނުކުތާއަށް ރައްދު ދެމުން، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުމަކީ ސައްޚަ ލިޔުން ނޫންކަމުގައި ގްލޯބަލް ލިންކްސްއިން ބުނާނަމަ، ގްލޯބަލް ލިންކްސްއިން ހުށަހަޅާ ދަފްޢު ސާބިތުކުރުމަކީ އެ ފަރަތުގެ ޒިންމާއެއްކަމުގައި އެމްސީބީ އިން ބަޔާންކުރެއެވެ. އަދި ގްލޯބަލް ލިންކްސްގެ ޗެކް ފޮތްތައް އެމްސީބީއާ ހަވާލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނާއިރު، ޗެކް ބޭނުންކުރުމުގެ އިތުރުން ކަރަންޓް އެކައުންޓް ބޭނުންކޮށްގެން އެކައުންޓްގައިވާ ފައިސާ ބޭނުންކުރެވޭނެ އެހެން ވަސީލަތްތައްވެސް ހުރުމާއެކު، ޗެކް ފޮތްތައް ހަވާލުކުރި ކަމަށް ބެލި ނަމަވެސް، އެއީ ބޭންކް ސްޓޭޓްމަންޓުން ދައްކާ ޓްރާންސެކްޝަންތައް ނަފީކުރެވޭނެ ސަބަބެއް ނޫންކަމުގައިވެސް އެމްސީބީއިން ބުނެއެވެ.
22މި ނުކުތާއާ ގުޅިގެން ހައިކޯޓުން ފާހަގަކޮށްފައިވާ ކަން ކަމަށް ބަލާއިރު:
22.1. މި ހުސޫމާތުގައި ހިމެނޭ އޯވަރޑްރާފްޓަކީ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސާފައިވާ (authorized) އޯވަރޑްރާފްޓެއް ކަމަށާއި؛18
22.2. އެމްސީބީއިން އޯވަރޑްރާފްޓް ހަމަޖެއްސުމާއެކު، ގްލޯބަލް ލިންކްސްގެ ނަންބަރު 9229 އެކައުންޓުން އެ ފެސިލިޓީގެ ބޭނުންކޮށްފައިވާކަން ހުށަހެޅިފައިވާ ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އޮންނަ ކަމަށާއި؛19
22.3. އޯވަރޑްރާފްޓަކީ ލޯނާއި ޚިލާފަށް ވަކި ޢަދަދެއްގެ ފައިސާ ލޯނު ނަގާ ފަރާތަށް ދޭ ބާވަތުގެ ކްރެޑިޓް ފެސިލިޓީއެއް ނޫންކަމުގައާއި، (މި ބާވަތުގެ) އޯވަރޑްރާފްޓަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ޚިދުމަތަކީ ކަސްޓަމަރުގެ އެކައުންޓްގައި ނެތް މިންވަރެއްގެ ފައިސާ އެއްބަސްވެފައިވާ ޢަދަދާ އެއްވަރަށް ފައިސާ ނެގުމުގެ ހުއްދަދީ އެ ފައިސާ ދޫކުރުން ކަމުގައާއި؛20
22.4. ގްލޯބަލް ލިންކްސްގެ ޗެކް ފޮތްތައް 25 އޮގަސްޓު 2013 ގައި އެމްސީބީއާ ހަވާލުކޮށްފައިވާ ކަމަށް ގްލޯބަލް ލިންކްސްއިން ބުނާއިރު، ގްލޯބަލް ލިންކްސްގެ ޗެކް ފޮތްތައް 25 އޮގަސްޓު 2013 ގައި އެމްސީބީއާ ހަވާލުކުރުމަށް ފޮނުވި ސިޓީގައި ހަވާލާދީފައިވަނީ ގްލޯބަލް ލިންކްސްގެ ނަންބަރު 9229 އެކައުންޓް އަދި އެހެން އެކައުންޓެއްގެ ޗެކް ފޮތަށް ކަމުގައާއި، ޗެކް ފޮތުގައި ހުރި ޗެކްތަކުގެ ޢަދަދު ބަޔާންކުރަން އޮތް ގޮޅި އޮތީ ހުސްކޮށް ކަމާއި، ގްލޯބަލް ލިންކްސްގެ ބޭންކް ސްޓޭޓްމަންޓުން 11 އޮގަސްޓު 2014 ގައި އެމްސީބީއިން އެފަރާތަށް ޗެކް ފޮތެއް ދޫކޮށް ޗާޖްކޮށްފައިވާ ކަން އެނގެން އޮންނަ ކަމުގައާއި؛21
22.5. ޗެކު ބޭނުންކުރުމުގެ އިތުރުން، އެކައުންޓެއްގައިވާ ފައިސާ ބޭނުންކުރެވޭނެ އިތުރު ވަސީލަތްތައް ހުރުމުން، ޗެކު ފޮތްތައް ބޭންކާއި ހަވާލުކޮށްފައިވާކަމުގައި ބެލި ނަމަވެސް، އެއީ ބޭންކް އެކައުންޓުން ކޮށްފައިވާ ކަމަށް އެކައުންޓް ސްޓޭޓްމަންޓުން ފެންނަން ހުރި ޓްރާންސްއެކްޝަންތައް ނަފީ ކުރެވޭނެ ސަބަބެއް ނޫންކަމުގައި22 ހައިކޯޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
23މި ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަކީ އެފަރާތްތަކުން ހައިކޯޓުގައިވެސް ހުށަހެޅި ހުށަހެޅުންތައްކަމުގައި ވާއިރު، ހައިކޯޓުން އެކަންކަމާ ގުޅިގެން ނިންމާފައިވާ ގޮތް ޤާނޫނީ ގޮތުން ރަނގަޅުނުވަނީ ކޮން ސަބަބަކާ ހުރެކަން ފާހަގަކޮށްފައި ނުވާކަން ފާހަގަވެއެވެ.
24HN3މީގެ އިތުރުން، އެމްސީބީއިން ދޫކުރި އޯވަރޑްރާފްޓް ގްލޯބަލް ލިންކްސްގެ ފަރާތުން ބޭނުންކޮށްފައިވާ ކަމަށް އެމްސީބީ އިން ބުނާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އެމްސީބީގެ ޒިންމާއެއްކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާ ބުނުމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ23 މައްސަލައިން ފެށިގެން ގިނަ ނިންމުންތަކެއްގައި24 ކޯޓުގެ ކުރިމައްޗަށް ހުށަހަޅާ ދަޢުވާ ނުވަތަ ދަފްޢު ސާބިތު ކުރުމުގެ ބުރައަކީ (burden of proof) ޢާންމު އުސޫލުން އަބަދުވެސް އެ ހުށަހެޅުމެއް ހުށަހަޅާ ފަރާތުން އުފުލަންޖެހޭ ބުރައެއް ކަމުގައާއި، ދަޢުވާގެ ދިފާޢުގައި ކުރިމަތިކުރާ ދަފްޢުތަކަކީ ދަޢުވާ ލިބޭ ފަރާތުން ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭ ދަފްޢުތަކެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ އުސޫލު ނަގަހައްޓާފައިވާކަން ފާހަގަކުރަމެވެ.
25HN4ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް25 މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން ސާބިތު ކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ، (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production) އަދި، (2) ހުށަހަޅާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން (burden of persuasion) އެވެ.
26އެމްސީބީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ސާބިތުކުރުމަށްޓަކައި އެފަރާތުން ލިޔެކިޔުން ހުށަހަޅާފައިވާއިރު،26 އެ ލިޔެކިޔުންތައް ތައުނު ކޮށް އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް (ނުވަތަ ކުރިމަތި ކުރާ ދަފްޢު) ސާބިތުކުރުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ހެއްކަކީ27 އެމްސީބީއިން ހުށަހަޅާފައިވާ ހެކި އެއްފަރާތް ކުރުމަށްޓަކައި އެކަށީގެންވާ ބުރަދަން ދެވޭފަދަ ހެއްކެއް ނޫނެވެ.
27އެހެންކަމުން، އެމްސީބީގެ ފަރާތުން ހޯދުމަށް ހުށަހަޅާފައިވާ ފައިސާ ގްލޯބަލް ލިންކްސްއިން ބޭނުންކޮށްފައިވާކަން ސާބިތު ކޮށްދީފައި ނުވާކަމުގައި ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއަށްވެސް ޤާނޫނީ ބުރަދަނެއް ދެވެން އޮތްކަމުގައި އަހުރެން ނުދެކެމެވެ.
(ނ) ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފުވުން
28އެމްސީބީގެ ފަރާތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި، ސިވިލް ކޯޓު އަދި ހައިކޯޓުގެ ނިންމުމުގައި އެ ލިޔެކިޔުންތަކަށް ކޯޓުން ރިޢާޔަތްކޮށް ފާހަގަކޮށްފައިވާ ނުކުތާތަކުން،28 އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާގޮތާއި ޚިލާފަށް ކޯޓުން މައްސަލަ ނިންމާފައިވަނީ ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކުރުމަށް ފަހު ނޫންކަމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކޯޓުން އަމަލުކޮށްފައިވުން ކަމުގައިވެސް އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކުރެވެއެވެ.
29HN5ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކުރާ އެ މާއްދާގެ އަކުރެވެ.
30މި މައްސަލައަށް ބަލާއިރު، މައްސަލަ ބެލުމުގައި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ފަނޑިޔާރު ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއާ ގުޅިގެން އަހުރެން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ 'ފެސިލިޓީ އެގްރީމަންޓެއް ކޯޓަށް ހުށަހަޅާފައި ނުވުން' އަދި 'ފައިސާ ބޭނުންކޮށްފައިވާކަން ކަށަވަރު ކޮށްފައި ނުވުން' މި ދެ ސުރުޚީގެ ދަށުގައި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައިވާ ކަންކަމާމެދު އަހުރެންގެ ރައުޔު ހާމަކޮށްފައިވާނެއެވެ. އަދި އެހެންކަމުން މި ނުކުތާއާ ގުޅިގެން އިތުރު ކަމެއް ފާހަގަކުރަން އޮތް ކަމުގައި ނުދެކެމެވެ.
ދެވަނަ ނުކުތާ - ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވުން
31އިސްތިއުނާފީ ދެވަނަ ނުކުތާގެ އަސާސަކީ އެމްސީބީން ގްލޯބަލް ލިންކްސްއަށް ލޯނު ފެސިލިޓީ ދޫކުރުމުގައި އަދި ލޯނާއި ގުޅޭ ލިޔެކިޔުންތައް ރިކޯޑުކުރުމުގައި އަދި އެމްސީބީގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ޓްރާންސްފަރ ކުރުމުގައި ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ
24، 27 އަދި 36 މާއްދާގައި ބަޔާންކުރާ މިންގަނޑާއި އުސޫލުތަކާއި ޚިލާފުވެފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާ ބުނުމަށް ބަލާއިރު، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް ހަވާލާދީ އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާއަކީ ސިވިލް ކޯޓު އަދި ހައިކޯޓަށްވެސް ހުށަހެޅި، އެ މައްޗަށް ބަހުސުކޮށްފައިވާ ނުކުތާއަކަށް ނުވުމުގެ އިތުރުން، ހައިކޯޓުގެ ނިންމުން އެ މައްޗަށް ބިނާވި އަސާސެއް ކަމުގައި ނުވާ، މުޅިން އައު ޤާނޫނީ ނުކުތާއެކެވެ.
32HN6ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 7529 ގައި ކަނޑައަޅާފައިވާ ފަދައިން، ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހާލަތުގައި، އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައިވާ ޤާނޫނީ ބަހުސަކަށްވުމަކީ އިސްތިއުނާފު ކުރުމުގެ އާންމު އުސޫލެވެ. އަދި އެ މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން އައު ނުކުތާއެއް އިސްތިއުނާފު ކުރުމުގެ ތެރެއިން ހުށަހެޅޭނީ އިސްތިސްނާއީ ހާލަތެއް ގައެވެ. މި މައްސަލައަށް ބަލާއިރު، ކަޕޫރުﷲ ޔޫސުފް މައްސަލައިގައި ފާހަގަކޮށްފައިވާފަދަ އިސްތިސްނާ ހާލަތެއް ވުޖޫދުވެފައިވާކަން އިސްތިއުނާފުކުރާ ފަރާތްތަކުން ބަޔާންކޮށްފައި ނުވެއެވެ.
33އެހެންކަމުން، ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް ހަވާލާދީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ނުކުތާ ބަލައިގަނެ އެ ނުކުތާގެ މައްޗަށް ގޮތެއް ކަނޑައެޅުމަކީ އެކަށިގެންވާ ގޮތެއްކަމުގައި އަހުރެން ނުދެކެމެވެ.
ނިންމަން ފެންނަގޮތް
34އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަހުރެން އިސްވެ ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ބަހުސްތަކަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އަދި އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާގެ ނިންމުމަށް ތާއީދުކޮށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
35މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
36މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޢަލީ ރަޝީދު ޙުސައިން
ފުޓްނޯޓު
- ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު SDW11/000601 (20 ޑިސެމްބަރ 2011) ސިޓީ.
- ރަޖިސްޓަރީ ނަންބަރު GA 501 H
- ރަޖިސްޓަރީ ނަންބަރު B16468
- ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ގެ 7 ވަނަ ނަންބަރުގެ ދަށުގައި ހިމަނާފައިވާ 1.2
- އބމ 9
- ހައިކޯޓުގެ ނަންބަރު 2019/HC-A/253 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 6 ވަނަ ސަފުހާ
- އބމ
- އބމ ގެ 7 ވަނަ ސަފުހާ
- އބމ 6
- އބމ 6 ގެ ފުރަތަމަ ޕެރެގްރާފްގައި ބަޔާންކޮށްފައި އޮންނަނީ އަންނިވި ފަދައިންނެވެ. “With reference to your request of Letter of Credit cum Overdraft facility (“Credit Facility”), The Mauritius Commercial Bank (Maldives) Private Limited (“MCB Maldives”) is pleased to offer the following Credit Facility, subject to the terms and conditions mentioned below, and listed in the facility and security documentation to be executed.”
- އބމ 6 ގެ ފަހު ސަފުހާގެ 4 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައި އޮންނަނީ އަންނިވި ފަދައިންނެވެ. “Please sign and return the enclosed copy of this offer letter by 20 January 2012, otherwise this offer will stand as expired. Notwithstanding the acceptance of this letter on or before the expiry date specified above, this offer shall stand terminated unless the documents referred above have been duly executed and delivered on or before 20th January 2012. Should this date expire, MCB Maldives may at its sole discretion extend the said date to a later specified date.” އބމ 6 ގެ ފަހު ސަފުހާގެ 5 ވަނަ ޕެރެގްރާފްގައި "އިމްޕޯޓަންޓް ނޯޓް" ގެ ސުރުޚީގެ ދަށުގައި ބަޔާންކޮށްފައި އޮންނަނީ އަންނިވި ފަދައިންނެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
- ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ 24، 27 އަދި 36 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ
- ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް
- ސުޕްރީމް ކޯޓުގެ [2021] SC 75 (ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.