ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/28ސުޕްރީމް ކޯޓު · 28 އޮކްޓޫބަރު 2019

—

ސުޕްރީމް ކޯޓު
19 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޮކްޓޫބަރު 2019ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/28

ދަޢުވާކުރާ ފަރާތް: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ލިބޭ ފަރާތް: ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 03 ޖޫން 2013

ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޖޫން 2013

ނިމުނު ތާރީޚް: 28 އޮކްޓޫބަރު 2019

މައްސަލަ ނިންމި ގަޑި: 14:00

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިލްތިމާސް ކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/178

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 11 ޖުލައި 2011

ނިމުނު ތާރީޚް: 27 ޖެނުއަރީ 2013

މައްސަލައިގެ ޚުލާޞާ:

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާ އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވެފައިވަނީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް އަށެވެ.

އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 (1924/MC/2010)ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް އެވެ.

ފާހަގަކުރެވުނު ނުކުތާތައް:

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ 17 ސެޕްޓެމްބަރ 2009 ވަނަ ދުވަހު US$40,000/- (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނެގޭގޮތަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޫކޮށްފައިވާ އެސް.ބީ.އައި ގެ ނަންބަރު: 591371 ޗެކުގައިވާ US$40,000/- (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ދީފައިނުވާތީ، މި ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާއެއްކަން އެ ދަޢުވާގެ ޚުލާޞާއިން އެނގެއެވެ.

ސިވިލް ކޯޓުން އެ ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގައި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ނަންބަރު: 1260 އެކައުންޓުން 17 ސެޕްޓެމްބަރ 2009 ގައި US$40,000/- (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ނެގޭގޮތަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނަންބަރު: 591371 ޗެކު ދޫކޮށްފައިވާކަމާއި، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ މި ޗެކަށް ފައިސާ ދޫނުކުރުމަށް 01 އޮކްޓޯބަރ 2009 ގެ ތާރީޚުގެ ސިޓީން ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް އަންގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގޭހިނދު،

ދަޢުވާލިބޭ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްވެސް ފައިސާގެ މުޢާމަލާތެއް ހިނގާފައި ނުވާނެކަމަށް ދަޢުވާލިބޭ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ހިނދު، ދަޢުވާލިބޭ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު މި މައްސަލައިގައި އިޝާރާތްކުރެވޭ ފައިސާގެ މުޢާމަލާތާ ގުޅޭގޮތުން، ދަޢުވާއާއެކު ހުށަހެޅިފައިވާ ޗެކުގެ އިތުރުން، އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައި ނުވާކަމާއި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު މި މައްސަލައިގެ މަޤްޞަދަށްޓަކައި އޮތް ގުޅުމެއް އަދި މި ޗެކުގައިވާ ފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޤާނޫނީ ސަބަބެއް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ސާފުކޮށްދެވިފައި ނުވާކަމާއި،

ޗެކު ދޫކުރި ފަރާތުން އެ ޗެކަށް ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ބޭންކަށް އަންގާފައިވާހިނދު، އެ ޗެކު ލިބުނު ފަރާތަށް އެ ޗެކުގައިވާ ފައިސާ ލިބެންޖެހޭ ސަބަބު އެއީ އެފަރާތަކުން ޘާބިތުކޮށްދޭންޖެހޭ ކަމެއްކަމާއި،

ޤާނޫނު ނަންބަރު 95/16 ( ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި މާއްދާގައި "ޗެކް" ގެ ތަޢުރީފުކަމުގައި ބަޔާންކުރި ތަޢުރީފުން އެ ޗެކުގައިވާ ޢަދަދަށް އެ ޗެކުގައިވާ ފަރާތަށް އެއްވެސް ޝަރުޠަކާ ނުލައި ފައިސާ ދޫކުރުމަށް އޮތް އަމުރު ރައްދުވަނީ ބޭންކްތަކަށް ނުވަތަ އެފަދަ މާލީ އިދާރާއަށްކަމާއި، މިގޮތުން ބޭންކަކަށް ޗެކެއް ލިބި ބޭންކްގެ އަމިއްލަ އިޚްތިޔާރުން އެ ޗެކަށް ފައިސާ ދޫނުކޮށް ނުހިފޭއްޓޭނެކަމާއި، މި ޤާނޫނުގެ 29 ވަނަ މާއްދާގައި ބޭންކެއްގައި ފައިސާ ބަހައްޓާފައިވާ މީހަކު އެ ބޭންކް އަކަށް ފައިސާ ނެގުމަށް ލިޔާ ޗެކަކަށް ފައިސާ ދިނުމަށް ބޭންކް އަކަށް ކޮށްފައިވާ އަމުރަށް ފައިސާ ދޫކުރުމަށް ބޭންކް އަށް ލިބިފައިވާ ބާރު ނެތިގެންދާނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އެކަންކަމުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ޗެކު ލިޔުނު މީހާ އެ ޗެކަށް ފައިސާ ނުދޭން ބޭންކް އަށް އެންގުން، މިފަދައިން ބަޔާންކޮށްފައި އޮތްއޮތުމުން، ޗެކު ދޫކުރާ ފަރާތަށް އެ ޗެކަށް ފައިސާ ދޫނުކުރުމަށް ބޭންކް އަށް އެންގުމުގެ ބާރު ލިބިގެންވާ ކަމުގައިވާކަމާއި، ޗެކު ދޫކުރި ފަރާތަށް މި ބާރު ލިބިގެންވާކަމުގައިވަނީނަމަ، ޗެކު ދޫކުރި ފަރާތުން ޗެކު ދޫކުރި ހިސާބުން ފެށިގެން އެ ޗެކުގެ މައްޗަށް އޮތް އެ ފަރާތުގެ ބާރު ނެތިގެން ދިޔައީކަމަށް އަދި އެ ޗެކަށް ފައިސާ ދޫކުރުން ފިޔަވައި އެހެން ގޮތެއް ޗެކު ދޫކުރި ފަރާތަށް ނެތް ކަމަށް ބެލޭނެ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަމާއި،

ޗެކަކީ އޭގެ ޒާތުގައި ޙާދިޘާ ޘާބިތުކޮށްދޭ ހެއްކަކަށްނުވާކަމުން، ޙާދިޘާ ޘާބިތުކޮށްނުދޭ ހެއްކަކުން މައްސަލަ ޘާބިތުކުރެވޭނީ އެ ޙާދިޘާއެއް ޘާބިތުވުމުން ކަމާއި، ޙާދިޘާ ޘާބިތުވާންނެތް ޙާލަތުގައި، ޗެކެއް އޮތް އޮތުމަކީ އޭގެ އަޞްލުން މަދަނީ ޙައްޤެއް އުފެދޭނެ ކަމެއްކަމުގައި ނުވާކަމުންނާއި،

ދަޢުވާގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދަން އެދިފައިވާ ފައިސާއަކީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ޙުކުމް ކޮށްގެންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް ނޫންކަމަށް ބުނެ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ކަނޑައަޅައި، ބުނެވިދިޔަ ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް އެ ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައިވާކަން އެނގެން އޮވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއަށް މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން:

ފުރަތަމަ ސަބަބަކީ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން، އެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމާފައިވާއިރު، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދޫކުރީ ކޮން ސަބަބަކާހުރެކަން އަދި ކީއްކުރަންކަން ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި ސުވާލުކޮށްފައި ނުވާކަމަށާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޤަބޫލުކުރާ ގޮތުގައި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުން ސޮއިކޮށް ތައްގަނޑާއި، ވަކި ފަރާތެއްގެ ނަން ޖަހާ އެ ކުންފުނީގެ ޗެކެއް ދޫކުރާއިރު، އެއީ ކީއްކުރަން ދޫކުރާ އެއްޗެއްކަން އެނގެންވާނެކަމާއި، އަދި އެއްވެސް ސަބަބެއްނެތި، ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކޮށް ތައްގަނޑު ޖަހާފައި އަދި ޗެކް ލިބެންވާ ފަރާތުގެ ނަންޖަހާފައި ޗެކެއް ނުވަތަ ޗެކްތަކެއް ދޫނުކުރާނެކަމަށާއި ނަމަވެސް މި ވާހަކަތަކަށް ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދެވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި "ޗެކް" އަކީ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް އެ ހިފައިގެން ދިއުމުން ޝަރުތަކާ ނުލައި އޭގައި ކަނޑައެޅިފައިވާ ޢަދަދެއްގެ ފައިސާދިނުމަށް ބޭންކް ވިޔަފާރިކުރާ ފަރާތްތަކަށް ލިޔުމުންކުރެވޭ އަމުރެއް ކަމުގައި ބަޔާންކޮށްފައިވާތީ، ޗެކެއް މީހަކަށް ދީފިނަމަ، އެ ޗެކުގައިވާ ފައިސާ އެއްވެސް ޝަރުތަކާ ނުލައި ފައިސާ ލިބެންވާ ފަރާތަށް ލިބިދޭންޖެހޭނެކަމުގައާއި، އެހެންނަމަވެސް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކުރި ފައިސާ އެއީ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް، އެ މާއްދާ ރަނގަޅަށް މާނަ ނުކޮށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ތިންވަނަ ސަބަބަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ނ) ގައި ބިލް އޮފް އެކްސްޗޭންޖް އެންޑޯސްކުރާ ފަރާތުން އެ ބިލް އެންޑޯސްކުރުމުން އެ ބިލް އެންޑޯސްކޮށްދޭ ފަރާތަށާއި އޭގެފަހުން އެ ބިލް އެންޑޯސްކޮށްދެވޭ ހުރިހާ ފަރާތްތަކަށް އޭނާ އެ ޔަޤީންކަންދެނީ، އޭނާ އެ ބިލް އެންޑޯސްކުރިއިރު، އެ ބިލަކީ ޞައްޙަ ބިލެއްކަމަށާއި، އެ ބިލް އޭނާ އެންޑޯސްކުރިއިރު އެ ބިލްގައިވާ ފައިސާ ހަޤީޤަތުގައި ލިބެންވާ ފަރާތަކީ އެފަރާތްކަމުގައި ބަޔާންކޮށްފައި އޮތުމުން، އަދި ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކުގެ މައްޗަށްވެސް ހިނގާނެ ކަމުގައި ބަޔާންކޮށްފައި އޮތުމުން، ޗެކްގައިވާ ފައިސާ ލިބެންޖެހޭ ފަރާތަށް ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޒިންމާއެއްކަމުގައިވާހިނދު، އިސްވެ ބަޔާންކުރެވުނު މާއްދާތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 4 (ހަތަރު) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން:-

ފުރަތަމަ ނުކުތާއަކީ، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި އެއްވެސް ޤާނޫނީ ވާހަކައެއް ނުވަތަ ބުރަދަނެއް ނެތްކަމަށާއި، މުޅި ދަޢުވާގައިވެސް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކަންޖެހޭ ސަބަބެއް ނުވަތަ ކުރެވުނު ވިޔަފާރިއެއް ސާފުކޮށްދީފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކުރާ އަމުރުކުރާ ފަރާތަށް އެ އަމުރު ބާޠިލުކުރުމުގެ ބާރުވެސް ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ނުދެކޭ ކަމަށާއި، ޗެކެއް އޮތުމަކީ އޭގެ ޒާތުގައި ދެފަރާތުގެ މެދުގައި ކުރެވުނު މުޢާމަލާތް ސާބިތުވެ، އެ މައްޗަށް ކަންތައްތައް ލާޒިމުވާ ޙާލަތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ މާނަކޮށްފައިވަނީ ޗެކެއް ދީފިނަމަ އެ ޗެކު ދިން ފަރާތުން ޗެކުގައިވާ ޢަދަދަށް ފައިސާ ދޭންޖެހޭނެކަމަށް ކަމަށާއި، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ ގެ (ހ) ގައި ޗެކަށް ފައިސާ ދޭން ނުޖެހޭ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބަޔާންކުރާ ފަދައިން ކޮންމެ ޙާލަތެއްގައިވެސް ފައިސާ ދޭންޖެހޭ ލިޔުމެއްގެ ގޮތުގައި ޗެކު މާނަކޮށްފައި އޮތްއޮތުން، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) އިން ޤައިދުކުރެވޭކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދޭންޖެހޭކަމަށް އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެ ފައިސާގެ މުޤާބިލުގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮށްދީފައިވާ ކަމެއް އެފަރާތުން ބަޔާންކޮށްދީފައި ނުވާކަމާއި، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައި ނުވާތީ، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2011/HC-A/178 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، އެ ކޯޓުގައި އެކަންކަން ފާހަގަކުރެވި، އެކަންކަމުގެ މައްޗަށް ބަހުސްކުރެވި، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަންކަމުގެ މައްޗަށް ގޮތް ނިންމާފައިވާ ކަންކަން ކަމުގައިވާތީ، ހަމަ އެ ނުކުތާތައް އަލުން އިސްތިއުނާފު ކުރެވޭނެކަމަށް ނުދެކޭ ކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކުގެ މައްޗަށާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެވުނު ޤަޟިއްޔާގެ ދަށުން އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ޤާނޫނީ މަބްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި "ޗެކް" އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ ހިފައިގެން ދިއުމުން ޝަރުޠަކާ ނުލައި އޭގައި ކަނޑައެޅިގެންވާ ޢަދަދުގެ ފައިސާ ދިނުމަށް، ބޭންކް ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަމަށް ބަޔާންކޮށްފައި އޮތުމުން، އަދި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ޗެކް ދޫކުރުމުގެ މާނައަކީ، އެ ޗެކްގައިވާ ޢަދަދަށް ފައިސާ ލިބިދޭންޖެހޭކަމަށް ޗެކް ދޫކުރާ ފަރާތުން އިޤުރާރުވަނީ ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ (ހ) ގައި، ޗެކެއް ދޫކޮށްފައިވަނީ އެ ޗެކް ދޫކުރާ ފަރާތުގެ ރުހުމާއި ޤަބޫލުގައި އެ ޗެކެއްގައި ފައިސާގެ ޢަދަދު ޖަހައި ސޮއިކޮށް ޤާނޫނީ ގޮތުން ޗެކެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ އުންޞުރުތަކެއް ފުރިހަމަކުރުމަށްފަހުގައި ކަމަށްވާނަމަ، އެގޮތުގެމަތިން ޗެކް ދޫކުރާ ފަރާތުން، އެ ޗެކް އެ ދޫކުރަނީ އެ ޗެކްގައިވާ ފައިސާ، އެ ޗެކް ދޫކުރެވުނު ފަރާތުން، އިތުރު އެއްވެސް ޝަރުޠަކާނުލައި ލިބިދިނުމުގެ އިލްތިޒާމު ފުރިހަމައަށް އަދާކުރާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ކަމުގައި ބަޔާން ކޮށްފައިވާކަމާއި،

އަދި އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ (ށ) ގައި، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެ ޤާނޫނުގެ ޗެޕްޓަރ 3 ގެ ދަށުން ތަންޛީމް ކޮށްފައިވާ ޗެކާބެހޭ އަޙްކާމްތަކުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، އެ ޤާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިންގޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ 19 ވަނަ މާއްދާގައި ބިލް އޮފް އެކްސްޗޭންޖް ދޫކުރާ ފަރާތުން އެ ބިލެއް ދޫކުރުމުން އެ ޔަޤީންކޮށްދެނީ ފައިސާ ލިބިގަތުމަށް އެދި ހުށަހެޅުމުން އެ ބިލް ޤަބޫލުކުރެވޭނެކަމަށާއި، އެ ބިލްގައިވާ ގޮތުގެމަތިން ފައިސާ ލިބޭނެކަމަށްކަން އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަކަމުން، މި މާއްދާގެ މި އަކުރަކީ، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ އަޙްކާމްތައް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ މައްޗަށް ތަޠްބީޤު ނުކުރެވޭނެ އަކުރެއްކަމަށް، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ އަޙްކާމްތައް ބަޔާންކުރާ މާއްދާތަކުގައި ކަނޑައަޅާފައިނުވާކަމުން، އެފަރާތެއްގެ ރުހުމާއި ޤަބޫލުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު (formalities) ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުޠަކާ ނުލައި އެ ޗެކްގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު، އެ ޗެކް ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެ ޗެކް ދޫކުރި ފަރާތުން އުފުލަންޖެހޭކަން ބުނެވުނު ޤާނޫނުގެ މި ބަޔާންކުރެވުނު މާއްދާތަކަށް ބެލުމުންވެސް އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާކަމާއި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާއަކީ މިހިނގާ ޤަޟިއްޔާ ފަދަ ދަޢުވާއަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުން ހިންގާފައިވާ ޤަޟިއްޔާއެއްކަމުގައި ވީނަމަވެސް، އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޗެކުތަކަށް ފައިސާ ލިބިފައި ނުވަނީ ބައުންސްވުމުގެ ސަބަބުންކަމުގައިވާތީ އާއި މިހިނގާ ޤަޟިއްޔާގައި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބިފައި ނުވަނީ ޗެކު ދޫކުރި ފަރާތުން އެ ޗެކަށް ފައިސާ ނުދިނުމަށް ބޭންކަށް އެންގުމުން ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާއާއި މިހިނގާ ޤަޟިއްޔާގައި ތަފާތުތަކެއް ހުރިކަމާއި،

ޤާނޫނީ އުޞޫލުތަކަށް ބަލާއިރު، ޢާންމު ޙާލަތުގައި ވަކި ފަރާތަކުން އުފުލަންޖެހޭ އިލްތިޒާމެއް ފިލާގޮސްފިކަމުގައި ބަލާނީ އެ އިލްތިޒާމެއްގެ ދަށުން އެފަރާތަކުން އަދާކުރަން އެއްބަސްވިކަމެއް ކޮށް ނިމުމުން (performance) ކަމާއި، ހަމަ އެ އުޞޫލުގެ ދަށުން މާލީ އިލްތިޒާމެއް ފިލާދާނީ، ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރުމުން ކަމާއި،

ޢާންމު އުޞޫލުންނަމަ، އެއް ފަރާތުން އަނެއް ފަރާތަށް ޗެކެއް ދޫކުރާނީ އަދާކުރަންޖެހޭ އިލްތިޒާމެއްގެ ސަބަބުންކަމާއި، މި ޙާލަތުގައި އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފައިސާއެއް ރައްދުކުރުމުގެ ގޮތުން ޗެކެއް ދޫކުރުމުގެ ސަބަބުން، (އެނޫންގޮތަކަށް ދެފަރާތުން ސާފުކޮށް އެއްބަސްވާ ޙާލަތެއްގައި ނުވަތަ އެފަރާތްތަކުގެ ޢަމަލުން އެފަދަ އެއްބަސްވުމަކަށް ވާޞިލުވެފައިވާކަމަށް ބެލެވޭ ޙާލަތްތަކުގައި މެނުވީ) އެ ދަރަނި ޚަލާސްވީކަމުގައި ނުވަތަ އަދާކުރަންޖެހޭ ފައިސާ ރައްދުކުރެވުނީކަމުގައި ބަލައި، އެ އިލްތިޒާމު (underlying obligation) އަދާކޮށް ނިމުނީކަމުގައި ނުބެލެވޭކަމުގައާއި، އެފަދަ ޙާލަތެއްގައި ޗެކެއް ދޫކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާއެކުގައި އުފުލަންޖެހޭ އިތުރު (auxiliary/collateral) އިލްތިޒާމެއް އުފެދި، އެއްބަސްވެފައިވާގޮތަށް އަދާކުރަންޖެހޭ އިލްތިޒާމަށް އިތުރު ބާރެއް ނުވަތަ ބުރަދަނެއް ލިބުންކަމާއި، ޗެކު ދޫކުރުމުގެ ޢަމަލަކީ، އެ ޗެކު ބައުންސްވުމާއި ހަމައަށް، އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމު (underlying obligation) އަދާކުރުމުގެ ގޮތުން އިތުރު ފިޔަވަޅެއް އެޅުމަށް ހުއްޓުމެއް ގެންނަ ޢަމަލެއްކަމާއި، މިހެންކަމަށްވުމާއެކު ޗެކަށް ފައިސާ ދޫކުރުމާއެކު އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމަށް ނިމުމެއް އައިސް، އެ އިލްތިޒާމު އަދާކޮށް ފުރިހަމަކުރެވުނީ ކަމާއި،

ޗެކުގެ މުޢާމަލާތްތައް ހިނގާގޮތަށާއި ދުނިޔޭގައި ދީމިޤްރާތީ މުޖްތަމަޢުތަކުގައި އެފަދަ މުޢާމަލާތްތަކާގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، ޢާންމު ޤާނޫނީ ހަމައަކީ، ޗެކެއް ދޫކުރުމަކީ އޭގެ ޒާތުން ކޮންޑިޝަނަލް ޕޭމަންޓް (conditional payment) އެއް ހެދުން ކަމާއި، ބޭންކުން ޗެކުގައިވާ ޢަދަދަށް ފައިސާ ލިބުމަކީ އެ ޗެކު ދޫކުރުމުގެ ކޮންޑިޝަން ސަބްސީކުއެންޓް (condition subsequent) އެއް ކަމާއި،

ޗެކު ބޭންކަށް ހުށަހެޅުމުން، އޭގައިވާ ޢަދަދަށް ބޭންކުން ފައިސާ ދޫކުރުމުން ބެލޭނީ އެ ފައިސާއަކީ ޗެކު ދޫކުރި ދުވަހު ދީފައިވާ ފައިސާގެ ގޮތުގައި ކަން އެނގެން އޮންނަކަމާއި، ޗެކެއް ބައުންސްވެއްޖެނަމަ، ނުވަތަ ދޫކޮށްފައިވާ ޗެކަށް ފައިސާ ނެގުމަށް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކަށް ފައިސާ ނުނެގުނުނަމަ، މި ޙާލަތަށް ބަދަލު އަންނަކަމާއި، މިގޮތުން، ޗެކު ބޭންކަށް ހުށަހަޅާ އެކައުންޓްގައި ފައިސާ ނެތްކަމަށް ފައިސާ ލިބެންވާ ފަރާތަށް ބޭންކުން އެންގުމާއެކު، އެ ފައިސާއަކީ ދޭންޖެހޭ ފައިސާއެއްކަމަށް ބަދަލުވެގެންދާކަމާއި، ޗެކު ބައުންސްވުމުގެ ސަބަބުން، ނިޔަތް ނެތްނަމަވެސް، ހަމައެކަނި ކުޅަ ކަމެއްގެ ސަބަބުން ޤާނޫނީ ކުށެއް އުފަންވެ، މުޠުލަޤު މަސްޢޫލިއްޔަތެއް (strict liability) އުފުލަންޖެހޭކަމާއި، މިފަދަ ޙާލަތެއްގައި، ފައިސާ ލިބެންޖެހޭ ފަރާތަށް އެފަރާތުގެ ޙައްޤު ހޯދުމަށްޓަކައި އެފަރާތަށް ދެ ގޮތަކަށް ކުރިއަށް ދެވިދާނެކަމާއި، އެއީ (1) ފައިސާ ދިނުމުގެ އިލްތިޒާމު އަދާކުރަން އެއްބަސްވެފައިވާ ފަރާތުން އެފަރާތުގެ ޒިންމާ (underlying obligation) އުފުލާފައި ނުވާތީ، ނުވަތަ (2) ޗެކު ބައުންސްވެފައިވާތީ އެކަން މަތިކޮށް، ޤާނޫނީ ފިޔަވަޅު އެޅުންކަމާއި،

ޗެކު ބައުންސްވާ ޙާލަތާއި ޚިލާފަށް، ޗެކެއް ދޫކުރުމަށްފަހު، އެ ޗެކުގައިވާ ތާރީޚް އައުމުގެ ކުރިން، ނުވަތަ އެ ޗެކަށް ފައިސާ ނެގުމަށް ބޭންކަށް ހުށަހެޅުމުގެ ކުރިން، ޗެކަށް ފައިސާ ދޫނުކުރުމަށް ޗެކު ދޫކުރި ފަރާތުން ބޭންކަށް އަންގައިފިނަމަ (countermand)، އެކަމުގެ ޤާނޫނީ ނަތީޖާ ތަފާތުކަމާއި، ފައިސާ ދިނުމުގެ އިލްތިޒާމު އަދާކުރަން އެއްބަސްވެފައިވާ ފަރާތަކުން އެފަރާތުގެ ޒިންމާ އަދާކުރުމުގެ ގޮތުން ޗެކެއް ދޫކޮށް، އެ ޗެކުގައިވާ ތާރީޚް އައުމުގެ ކުރިން، ނުވަތަ އެ ޗެކަށް ފައިސާ ނެގުމަށް ބޭންކަށް ހުށަހެޅުމުގެ ކުރިން، ޗެކަށް ފައިސާ ދޫނުކުރުމަށް ބޭންކަށް އެންގުމުގެ ޙައްޤު އޮންނަކަމާއި، މިފަދައިން ފައިސާ ދޫނުކުރުމަށް އަންގައިފިނަމަ، ޗެކު ދޫކުރާ ފަރާތުން ޗެކު ދޫކުރުމުގެ ޢަމަލުން އެކުރާ އަމުރަށް ޢަމަލުކުރުން ލާޒިމުނުވާކަމާއި، ޗެކަކަށް ފައިސާ ދޫނުކުރުމަށް އަންގާފައިވާ ނުވަތަ ޗެކެއް ކައުންޓަރމާންޑް ކޮށްފައިވާ ޙާލަތުގައި އެ ޗެކަށް ފައިސާ ދޫކޮށްފިނަމަ، އެކަމުގެ ޒިންމާ އާއި ބުރަ އުފުލަންޖެހޭނީ ބޭންކުގެ ފަރާތުންކަމާއި، އެކަމުގެ މައްޗަށް ޗެކު ދޫކުރި ފަރާތް ޒިންމާ ނުކުރެވޭނެކަމާއި، މިކަން ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) އަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަމާއި، އެހެންކަމުން، ޗެކެއް ކައުންޓަރމާންޑް ކުރުމުގެ ނަތީޖާއަކީ އެ ޗެކެއް ދޫކޮށްފައި ނުވާކަމުގައި ބަލަންޖެހުންކަމާއި،

ޢާންމު އުޞޫލަށް ބަލާއިރު، މުޢާމަލާތްތަކާއި ގުޅިގެން ޗެކެއް ދޫކުރުމުން އުފެދޭ އިލްތިޒާމަކީ އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަށް ބާރުވެރިކަމެއް ގެނެސްދޭ ކަމެއް(auxiliary to the underlying obligation) ކަމުގައިވާހިނދު، ޗެކެއް ކައުންޓަރމާންޑް ކުރުމުން، ނުވަތަ އެއަށް ފައިސާ ދޫނުކުރުމަށް ބޭންކަށް އެންގުމުގެ ނަތީޖާއަކީ އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަށް ރުޖޫޢަވުންކަމާއި، އެފަދައިން ޗެކެއް ކައުންޓަރމާންޑް ކުރުމަކީ ޗެކު ދޫކުރި ފަރާތުން އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާއި (underlying obligation) ޚިލާފަށް ކުރި ޢަމަލެއް ކަމުގައި ބެލެވިދާނެކަމާއި، އެ ޙާލަތުގައި ފައިސާ ލިބެންޖެހޭ ފަރާތުން ބަރޯސާ ވާންޖެހޭނީ ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ފައިސާ ދޭންޖެހޭ ފަރާތުން ފުރަތަމަވެސް އުފުލަން އެއްބަސްވި އިލްތިޒާމުގެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރުންކަމެވެ.

(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއަށް ޙަވާލާދީ، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ބިލް އޮފް އެކްސްޗޭންޖް އިންޑޯސްކުރާ ފަރާތުން އެ ބިލް އިންޑޯސްކުރުމުން އެ ބިލް އިންޑޯސްކޮށްދޭ ފަރާތަށާއި އޭގެފަހުން އެ ބިލް އިންޑޯސްކޮށްދެވޭ ހުރިހާ ފަރާތްތަކަށް އޭނާ އެ ޔަޤީންކަންދެނީ، އޭނާ އެ އިންޑޯސްކުރިއިރު، އެ ބިލަކީ ޞައްޙަ ބިލެއްކަމަށާއި، އެ ބިލް އޭނާ އިންޑޯސްކުރިއިރު އެ ބިލްގައިވާ ފައިސާ ހަޤީޤަތުގައި ލިބެންވާ ފަރާތަކީ އެ ފަރާތްކަމުގައި ބަޔާންކޮށްފައި އޮތުމުން، ޗެކްގައިވާ ފައިސާ ލިބެންޖެހޭ ފަރާތަށް ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ މައްޗަށް އޮންނަ މުޠުލަޤު ޒިންމާއެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު،

ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗެކު ލިޔުނު ނުވަތަ ދޫކުރި ފަރާތުން އެ ޗެކަށް ފައިސާ ނުދޭން ބޭންކަށް އެންގުމަކީ އެ ޤާނޫނުގެ ޙުދޫދުގެ ތެރެއިން ކުރެވެން އޮންނަކަމެއްކަން ސާފުކޮށް އެނގެން އޮންނަކަމާއި،

މިހެންކަމާއެކު، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އެ ޤާނޫނުގެ ޗެޕްޓަރ 3 ގެ ދަށުން ޗެކާބެހޭ އަޙްކާމްތަކުގައި އެހެން ގޮތަކަށް ބުނެފައި ނުވާހާ ހިނދަކު، އެ ޤާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިންގޭނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައި އޮތް އޮތުމުގެ ދާއިރާ، ޗެކާއި ބެހޭ މުޢާމަލާތްތަކަށް ޚާއްޞަވާގޮތަށް އޮތް އެ ޤާނޫނުގެ 29 ވަނަ މާއްދާއިން ހަނިކުރާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނެއެވެ.

(ނ) ތިންވަނަ ކަމަކީ، ޗެކު ދޫކުރީ ކޮން ސަބަބަކާ ހުރެކަން އަދި ކީއްކުރަންކަން ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި ސުވާލުކޮށްފައި ނުވާކަމަށާއި، ވަކި ފަރާތެއްގެ ނަން ޖަހާ ޗެކެއް ދޫކުރާއިރު، އެއީ ކީއްކުރަން ދޫކުރާ އެއްޗެއްކަން އެނގެންވާނެކަމުގައި ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،

ސިވިލް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، ޗެކު ދޫކުރެވުނު ޙާލަތާއި ސަބަބާއިމެދު ވާހަކަ ދެކެވިފައިވާކަން އެނގެން އޮންނަކަމާއި،

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މީސްމީހުންގެ މެދުގައި ހިނގާ އެކިއެކި މާލީ މުޢާމަލާތްތައް ޢަމަލީގޮތުން ހިންގަމުންދާގޮތުގެ މައްޗަށް ބަލާއިރު، ނަގުދު ފައިސާ އާއި ފައިސާ ރަމްޒުކޮށްދޭ ޗެކްފަދަ ވަޞީލަތްތައް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ތަފާތު ގޮތްތަކެއް ހުންނަކަމާއި، އޭގެ ތެރޭގައި އެކަކު އަނެކަކަށް ދަރައި އޮވެގެން އެ ދަރަނި އަދާކުރުމަށްޓަކައި ނުވަތަ ކުރީގައި ލިބިގެންފައިވާ މަންފާއެއް ނުވަތަ ޚިދުމަތެއްގެ ބަދަލުގައި ފައިސާ އާއި ޗެކްފަދަ ވަޞީލަތްތައް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމާއި، ދަރަނީގެ ގޮތުގައި އެފަދަ ވަޞީލަތެއް އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރުމާއި، އެއްވެސް ބަދަލަކާ ނުލައި ހިބައެއްގެ ގޮތުގައި ނުވަތަ ހަދިޔާއެއްގެ ގޮތުގައި ނުވަތަ އެހެންވެސް އެފަދަ ގޮތެއްގައި އެފަދަ ވަޞީލަތެއް އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ޙާލަތްތަކެއްވެސް ހުންނަކަމާއި، އެއް ފަރާތުން އަނެއް ފަރާތަށް ދޫކޮށްފައިވާ ފައިސާ ނުވަތަ ފައިސާގެ ގޮތުގައި ގެންގުޅޭ ލިޔުމަކީ ހުރިހާ ޙާލަތެއްގައި އިތުރު ގަރީނާތަކަކާ ނުލައި، ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ދަރަނި ޘާބިތުވާ ފަދަ ހެއްކަކަށް ބެލެވިއްޖެނަމަ ޢާންމު ޚިދުމަތްތަކާއި މަންފާތަކުގެ އަގު އަދާކުރުމުގެ ގޮތުން ދޭ ޗެކްތަކާއި، ހަދިޔާ، ހިބަ އާއި ވަޞިއްޔަތްފަދަ އިޙްސާންތެރި މުޢާމަލާތްތަކާ ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް ބަދަލުކުރުވޭ ޗެކްތައް ފަދަ ވަޞީލަތްތަކަކީ ވެސް އެފަދަ ވަޞީލަތެއް ދޭފަރާތުން އަނެއް ފަރާތަށް ދަރައިއޮތް ދަރަންޏެއް އަދާކުރުމުގެ ގޮތުން ދީފައިވާ އެއްޗެއްކަމަށް ބެލެވުމުގެ ފުރުޞަތު އޮންނާނެތީ އާއި މީސްމީހުންގެ މެދުގައި ހިނގާ ދަރަނީގެ މުޢާމަލާތްތައް ހިންގަންވާނީ އެކަން ފަހުން ޘާބިތު ކުރަންޖެހިއްޖެ ޙާލަތެއްގައި ޘާބިތުކުރެވޭ ފަދަ ހަރުދަނާ ގޮތްތަކެއްގެ މައްޗަށް ކަމަށްވުމަކީ މީސްމީހުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގެ އިތުބާރު ދެމެހެއްޓުމަށާއި އަދި އެއީ އެ މުޢާމަލާތުގެ ދެފަރާތުގެ ޙައްޤުގައިވެސް އެންމެ މަޞްލަޙަތު ބޮޑުގޮތްކަމަށް ވުމާއެކު، އެއާޚިލާފަށް ޝަރީޢަތަށް ކަމެއް ޘާބިތުކުރަންޖެހިއްޖެ ޙާލަތެއްގައި ޘާބިތުކުރެވޭފަދަ ހަރުދަނާ ގޮތްތަކެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާފައިވާ މާލީ މުޢާމަލާތްތައް ޝަރީޢަތަށް ޘާބިތުކުރުމަށް ބޭނުންވާ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައި ނެތީސް ޚުޞޫމަތްތެރި ދަޢުވާއެއްގެ ދެ ފަރާތެއްގެ ދެމެދު، އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށްފައިވާކަން ޘާބިތުވާ ފައިސާ ނުވަތަ ފައިސާ ރަމްޒުކޮށްދޭ ޗެކް ފަދަ ވަޞީލަތްތަކުގެ ތެރެއިން އެއްވެސް ވަޞީލަތަކީ، ވަކި މިވެނި މަޤްޞަދެއްގައި އެއްފަރާތުން އަނެއްފަރާތަށް ބަދަލުކޮށްފައިވާ ފައިސާ ނުވަތަ ޗެކްތަކެއް ކަމަށްވެސް ބެލެވެންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއްނެތްކަމާއި، އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ނުވަތަ ފައިސާ ރަމްޒުކޮށްދޭ ޗެކް ފަދަ ވަޞީލަތްތައް ބަދަލުކުރެވޭ ތަފާތު ގޮތްތަކެއް މީސްތަކުންގެ މެދުގައި ތަޢާރަފްވެ މަދަނީ އަދި މާލީ މުޢާމަލާތްތަކުގައި ޢުރުފަކަށްވާ މިންވަރަށް ފުޅާ ދާއިރާއެއްގައި މުޖުތަމަޢުގައި ބޭނުންކުރެވެމުންދާއިރު، އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ނުވަތަ ޗެކެއް ދީފައިވާކަން ޘާބިތުވާ ކޮންމެ ޙާލަތަކީ އިތުރު އެހެނިހެން ޤަރީނާތަކާ ނުލައި އެ ޗެކަކީ ދަރަންޏެއްގެ ގޮތުގައި ދީފައިވާ ޗެކެއްކަމަށްވެސް އަދި ހަމަ އެފަދައިންމެ އެއީ އިތުރު ޤަރީނާތަކާ ނުލައި އެ ޗެކް ލިބުނު ފަރާތުގެ މައްޗަށް އެ ޗެކްގައިވާ ޢަދަދަށް ދަރަނި ޘާބިތުވެއްޖެކަމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ބެލެވެންޖެހޭ ފަދަ ހަރުދަނާ އަސާސެއްކަމަށް ނުފެންނަކަމަށް ބަޔާންކޮށް ފައިވާކަމާއި،

މިހެންކަމުން، ޤާނޫނެއްގައި އެނޫންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ޘާބިތުކުރުމުގެ ބުރަ (onus probandi / burden of proof) އަކީ އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަން ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ދަޢުވާ ޘާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި (burden of production) ، (2) ހުށަހަޅާފައިވާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ޘާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށްވުން (burden of persuasion) ކަމާއި،

ހުށަހަޅާފައި މިވާ ޤަޟިއްޔާގައި ފައިސާ ހޯދުމަށް އެދެނީ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމުގައިވާތީ، ފައިސާ ލިބިދޭންޖެހޭ ސަބަބު ޝަރީޢަތަށް ޘާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ އެފަރާތުންކަމާއި،

ޗެކެއް ދޫކޮށް، އެ ޗެކަށް ފައިސާ ދޫކުރުން ހުއްޓުވުމުގެ ސަބަބުން އުފެދޭ އިލްތިޒާމަކީ ދެ ފަރާތުގެ މެދުގައި އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަށް (underlying obligation) ބާރުވެރިކަމެއް ގެނެސްދޭ (auxilliary) ކަމަކަށްވާހިނދު، ޗެކަކަށް ފައިސާ ދޫނުކުރުމަށް ބޭންކަށް އެންގުމުގެ ނަތީޖާއަކީ އުފުލަން އެއްބަސްވެފައިވާ އިލްތިޒާމަށް (underlying obligation) ރުޖޫޢަވުންކަމުން، ޗެކެއް ކައުންޓަރމާންޑް ކުރުމަކީ ދެފަރާތުގެ މެދުގައި ފައިސާ ދިނުމާބެހޭގޮތުން ވެފައިވާ އެއްބަސްވުމުގެ ނުވަތަ މުޢާމަލާތުގެ ދަށުން އަދާކުރަން އެއްބަސްވެފައިވާ އިލްތިޒާމާއި ޚިލާފަށް ޗެކު ދޫކުރި ފަރާތުން ކުރި ޢަމަލެއް ކަމުގައި ބެލެވިދާނެކަމާއި، އެ ޙާލަތުގައި ފައިސާ ލިބެންޖެހޭ ފަރާތުން ބަރޯސާ ވާންޖެހޭނީ ދެ ފަރާތުން އެއްބަސްވެފައިވާ ފަދައިން ފައިސާ ދޭންޖެހޭ ފަރާތުން ފުރަތަމަވެސް އުފުލަން އެއްބަސްވި އިލްތިޒާމުގެ މައްޗަށްކަމާއި،

ޗެކަށް ފައިސާދިނުން ހުއްޓުވުމަށް ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުޅަ ޢަމަލުގެ ނަތީޖާއަކީ އެ ކުންފުނީގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް ބުނާ ފައިސާ، ދެފަރާތުން އެއްބަސްވެފައިވާ ފަދައިން ދިނުންކަމުގައިވާހިނދު، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ފައިސާގެ މުޢާމަލާތެއް ކުރެވިފައިވާކަން އަދި ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދަޢުވާގައި ހިމެނޭ US$40,000/- (ސާޅީސްހާސް ޔޫ.އެސް ޑޮލަރު) ރައްދުކުރުން ލާޒިމުކުރާ ޤާނޫނީ ބަނދެވުމެއް ނުވަތަ މުޢާމަލާތެއް އޮތްކަން އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްކިފައިނުވާކަމާއި،

ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޗެކު ދޫކޮށްފައިވަނީ، އަދި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފައިސާ ހަވާލުކޮށްފައިވަނީ ތިންވަނަ ފަރާތަކަށްކަމާއި، މިގޮތުން ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޗެކު ދޫކޮށްފައިވަނީ ޏ.ފޯއްމުލައް، މުބާޙު މަންޒިލް، އިބްރާހީމް ޢަލީ އެ ކުންފުންޏާ ޙަވާލުކޮށްފައިވާ ޗެކެއްގެ ބަދަލުގައި، އިބްރާހީމް ޢަލީގެ އެދުމުގެ މަތިން ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ޗެކުގައި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޖެހުމަށްފަހު، އިބްރާހީމް ޢަލީއަށް ކަމާއި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ފައިސާ ދޫކޮށްފައިވަނީ އިބްރާހީމް ޢަލީގެ ބަހަށް، ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑްގެ ޗެކުން ފައިސާލިބޭނެ ކަމުގައި ދެކިގެން ކަމުގައިވާހިނދު، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ޢަލީއާ ޙަވާލުކުރި ފައިސާ ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެނގޭނެ ހެއްކެތް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.

ޙުކުމް:

ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 947/Cv-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި، އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/178 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ