ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2018/SC-A/24ސުޕްރީމް ކޯޓު · 25 ޖޫން 2020 · ޖިނާއީ – ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހެކި

މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ޖޫން 2020ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ސާބިތުކޮށް 10 އަހަރު ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް މެޖިސްޓްރޭޓް ކޯޓެއްގައި ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގެ ހެކީގެ މިންގަނޑާއި ޤާނޫނުއަސާސީގެ 51 (އ) ގެ މިންގަނޑުގެ ގުޅުމާއި، ކުއްޖާގެ ހެކިބަސް ނެގުމާއި، ޑީއެންއޭ ސާމްޕަލާއި މެޑިކޯ ލީގަލް ރިޕޯޓު ހެކީގެ ގޮތުގައި ބަލައިގަނެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުއްޖާގެ ހެކިބަސް ނެގީ 48 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އިންޞާފުވެރި ޝަރީޢަތެއް ނުހިނގާކަމަށާއި، ޑީއެންއޭ ސާމްޕަލް ނެގީ ކޯޓު އަމުރެއް ނެތި ޤަވާޢިދާ ޚިލާފަށް ކަމަށާއި، މެޑިކޯ ލީގަލް ރިޕޯޓަކީ ޝައްކު އެކުލެވޭ ހެއްކެއް ކަމަށާއި، 47 ވަނަ މާއްދާގެ މިންވަރަށް ހެކި ހަމަނުވާކަމަށާއި، ޙުކުމް ސާފުނޫންކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކުއްޖާގެ ހެކިބަސް ނެގީ 48 ވަނަ މާއްދާގައިވާ ގޮތަށް ކަމާއި، ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްވެ ޑީއެންއޭ ރިޕޯޓުން ތާއީދުވާކަމާއި، ނިޔަފަތި ދަށުން ނެގީ ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެއްކަމާއި، މެޑިކޯ ލީގަލް ރިޕޯޓަކީ ޤަބޫލުކުރެވޭ ހެއްކެއްކަމާއި، ދިފާޢަށް ފުރުޞަތު ލިބިފައިވާކަން ކޯޓުން ފާހަގަކުރިއެވެ. ކަނޑައެޅި އަދަބަކީ 3 ވަނަ މާއްދާގެ (ނ) ގެ ތެރޭގައިވާ އަދަބެކެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-A/388
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުން، ޢާއްމުކޮށް ޝަރީޢަތުގެ މަޖިލީހުން ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއިއެކު ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާފަދައިން މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބަލަންވާނެއެވެ. އެއަށްވުރެ މަދުން ހެކި ހުރިކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ޝަރީޢަތަށް ސާބިތުވާނަމަ އެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް އެ ޤާނޫނު ހުރަހެއްނާޅައެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ޝަރީޢަތަށް ސާބިތު ވެއްޖެކަމަށް ބެލެނީ، އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތު ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތްތަކެއްގެ ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އަދި އެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަޤިއްލު ހެކިތަކެއްގެ ގޮތުގައި ނޫނެވެ.

އަނިޔާލިބުނު ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، ސުޕްރީމް ކޯޓުގެ 2019/SC-A/77 ގައި ބުނެދީފައިވާ ފަދައިން، ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ ބެލުމާއި، ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި އަނިޔާލިބުނު ކުއްޖާގެ އުޅުންހުންނަ ގޮތާއި، މުއްތަހަމާ ބެހޭގޮތުން ޝަކުވާ ކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ފަނޑިޔާރު ވިސްނާ ބަލަންޖެހެއެވެ. މި 3 (ތިނެއް) ކަމަކީ "އެކްސޯސްޓިވް" ނުވަތަ ސީދާ އިން ކަނޑައެޅިފައިވާ ތިން ކަމެއް ނޫނެވެ. އެ ތިންކަމަކީ ހުށަހެޅޭ މައްސަލައިގެ ހާދިސާ އާއި ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބަލައި، އިންޞާފު ޤާއިމު ކުރުމުގައި، މައްސަލަ ބަލާ ފަނޑިޔާރު ވިސްނާ ބަލައި އެ މައްޗަށް ގޮތެއް ބުނަންޖެހޭނަމަ ބުނަން ޖެހޭ ތިން ކަމެވެ.

ކުއްޖާގެ ހެކިބަސް ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުއްޖާއާ އިންޓަވިއުކޮށް، ކުއްޖާއަށް ފަރިތަ މާޙައުލެއްގައި، ކުއްޖާގެ ބެލެނިވެރިޔާ އާއި ޓީޗަރެއްގެ ޙާޟިރުގައި ނެގުމަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބަޔާން ނެގުމެވެ.

ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ޅ) އާއި (ކ) ގައި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް އަދި ހަށިގަނޑުން ބޭރުން ނެގޭ ސާމްޕަލް އަކީ ކޮބައިކަން ބުނެދީފައިވާއިރު، ނިޔަފަތި ދަށުން ނެގުނު ސާމްޕަލަކީ އެ މާއްދާގެ (ކ) ގައި ބުނާ ހަށިގަނޑުގެ ބޭރުން ނެގުނު ސާމްޕަލްއެކެވެ.

މެޑިކޯ ލީގަލް ރިޕޯޓަކީ މިފަދަ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގެ ހުއްދަ އޮތް ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވެފައި، ރިޕޯޓް ތައްޔާރު ކުރިފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވަނީނަމަ އެ ފަރާތެއް ޝަރީޢަތަށް ޙާޟިރުކުރަން ނުޖެހޭނެއެވެ.

މެޑިކޯ ލީގަލް ރިޕޯޓް ދޫކޮށްފައިވަނީ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން އޮންނަ ޙާލަތުގައި، އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ޝަރީޢަތުން ބަލަންޖެހޭނެއެވެ. އަދި، އޭގައިވާ ކަންތައްތަކަކީވެސް ތެދު ޙަޤީޤަތްކަމަށް ބަލަންޖެހޭނެއެވެ.

އަނިޔާލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ހެކިތަކުގެ ތެރޭގައި ޤަބޫލު ކުރެވޭނެ ހެއްކެކެވެ.

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ޝަރީޢަތަށް ސާބިތުވާނަމަ، އަދަބު ދެވޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ އަދަބެވެ. އެ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އަދި (ނ)
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަދި (ބ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ
  • ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ނ)، (ޅ) އަދި (ކ)
  • ކުޑަކުދިންގެ ހެކިބަސް ނެގުމާބެހޭގޮތުން ސުޕްރީމް ކޯޓުން ކޯޓުތަކަށް ފޮނުވާފައިވާ ޢާންމު ސަރކިއުލަރ
  • 2019/SC-A/77 (ސުޕްރީމް ކޯޓު)
  • 2016/HC-A/33 (ހައިކޯޓު)
  • 01/DM-HC/2014 (ހައިކޯޓު)

ފަނޑިޔާރުން

ބެންޗު
އަޙްމަދު މުޢުތަޞިމް ޢަދުނާން، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ރައުޔު ލިޔުނު ފަނޑިޔާރު
އަޙްމަދު މުޢުތަޞިމް ޢަދުނާން
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުއްސުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރަފް

2011 މާރިޗު 31 ވަނަ ދުވަހު، ގަޑިން 18:04 އެހައިކަންހާއިރު، ޢުމުރުން 12 އަހަރުގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގާފައިވާތީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 03 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، […]، މޫސާ ރަޝީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ގެ މައްޗަށް، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ (ށ. މިލަންދޫ) މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. މި މައްސަލަ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވަނީ އެ ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާ އިންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖަކާއިއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން މޫސާ ރަޝީދު، ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މޫސާ ރަޝީދު، ޖަލަށްލުމަށް ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވެއެވެ.

ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާއިން މޫސާ ރަޝީދު 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، މޫސާ ރަޝީދުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައިވެއެވެ. މޫސާ ރަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 388/A-HC/2016 ޤަޟިއްޔާ އިންނެވެ.

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން މޫސާ ރަޝީދުގެ މައްޗަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މޫސާ ރަޝީދު ޖަލަށްލުމަށް، ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު2013/C-16-C/54 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ.

ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ހައިކޯޓުގެ ނަންބަރު 388/A-HC/2016 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މޫސާ ރަޝީދު އިސްތިއުނާފު ކޮށްފައިވެއެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/388 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫންކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މޫސާ ރަޝީދު އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ނިޔާ ކަނޑައެޅި ޤަޟިއްޔާއެވެ.

ކުއްޖާއަށް ޖިންސީ އަނިޔާލިބުނު ކަމަށް ބުނާ ހާދިސާ

2011 މާރިޗު 31 ވަނަ ދުވަހު 18:04 ހާއިރު، އަނިޔާލިބުނު ކުއްޖާ ހުރިގޭގައި އަނިޔާލިބުނު ކުއްޖާ ޓީވީ ބަލަން އިންދާ، މޫސާ ރަޝީދު އައިސް އެ ކުއްޖާ އިންތަނުން ތެދުވުމަށް އަންގައި، އިންތަނުން ނުތެދުވުމުން، އަނިޔާލިބުނު ކުއްޖާގެ އަތުގައިހިފައި، ޖެހިގެންހުރި ކޮޓަރިއަށް ގަދަކަމުން ވައްދައި، އަނިޔާލިބުނު ކުއްޖާ ލައިގެންހުރި އެއްޗެހި ބާލަން އެންގިއެވެ. އަނިޔާލިބުނު ކުއްޖާ ލައިގެންހުރި އެއްޗެހި ނުބޭލުމުން، އަނިޔާލިބުނު ކުއްޖާ ލައިގެންހުރި ބެލްސާއި ޖަނގިޔާ، އެ ކުއްޖާގެ ކަކުލާ ހަމަޔަށް ގަދަކަމުން ތިރިކޮށް، އެ ކުއްޖާގެ ކުރިމަތިފަރާތަށް (ޖިންސީ ގުނަވަނުގެ ތެރެއަށް) މޫސާ ރަޝީދުގެ އިނގިލި ކޮށްޕިކަމަށް އަނިޔާލިބުނު ކުއްޖާ ބުނެއެވެ.

އަނިޔާލިބުނު ކުއްޖާއާއެކު މޫސާ ރަޝީދު ބަދުއަޚުލާޤީ އަމަލު ހިންގަމުން ދަނިކޮށް، މީހަކު އަންނައަޑު އިވުނުކަމަށް ވެއެވެ. އަދި އެމީހަކު އަންނައަޑު އިވުމުން، މޫސާ ރަޝީދު ހިންގަމުންއައި ބަދުއަޚުލާޤީ އަމަލު ހުއްޓާލައި ކޮޓަރިން ބޭރަށް ނިކުތެވެ. މޫސާ ރަޝީދާއި އެކު އަނިޔާލިބުނު ކުއްޖާވެސް ކޮޓަރިން ބޭރަށް ނިކުތެވެ.

ބޭރުން އައިސް ވަތް މީހަކީ އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާއެވެ. އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާ ގެއަށް ވަތްއިރު، އަނިޔާލިބުނު ކުއްޖާއާއި މޫސާ ރަޝީދު، ދެމީހުންގެ މޫނު ދިމާވާގޮތަށް ކޮޓަރި ދޮރުމަތީގައި (ކޮޅަށް) ތިބިތަން ފެނުނުކަމަށް އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާބުނެއެވެ. މިހެން ތިބެފައި އަނިޔާލިބުނު ކުއްޖާ ވަނީ ފާޚާނާއަށް ކަމަށްވެއެވެ.

މޫސާ ރަޝީދުއާ އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާ ސުވާލުކުރުމުން، މޫސާ ރަޝީދު ބުނެފައިވަނީ އޭނާ އައީ ކޮޕީފަތްކޮޅެއް ބަލައި ކަމަށެވެ.

އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާއަށް ކަމެއްވެގެން އުޅޭކަމަށް ޝައްކުކުރެވިގެން އެ ކުއްޖާގާތު އެހުމުން، އެ ކުއްޖާއާއެކު މޫސާ ރަޝީދު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ބުނެ، ކަންހިނގިގޮތް ކިޔައިދިންކަމަށް އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާ ބުނެއެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކުރުމާއި ގުޅިގެން، އެރޭ (31 މާރިޗް 2011) ގެ 18:40 ހާއިރު (ހާދިސާ ހިނގިތާ 35 މިނެއްޓެއް ހާއިރުގެ ތެރޭގައި) ޕޮލިސް ސްޓޭޝަނަށް މޫސާ ރަޝީދު ހާޒިރު ކުރެވުނެވެ. މޫސާ ރަޝީދު ބަލައި ފާސް ކުރުމުގައި އޭނާގެ ކަނާއަތު މެދުއިނގިލީގެ ނިޔަފަތިގަނޑުގެ ކައިރިން ރަތްކުލައިގެ އެއްޗެއް ފެނުމުން، އަދި އެއީ ލޭ ކަމަށް ފުލުހުންނަށް ޝައްކު ކުރެވޭތީ، އެތަން އޭނާއަށް ދައްކައި، އެ ނިޔަފަތިގަނޑުގެ ދަށުން ޓެސްޓުކުރުމަށް، ފުލުހުން ސްވޮބް އެއް ނެގިއެވެ.

އަނިޔާލިބުނު ކުޑަކުއްޖާގެ ބަކަލް ސްވޮބްއަކާއި ވެޖައިނަލް ސްވޮބްއެއް ނަގައި، މޫސާ ރަޝީދުގެ ނިޔަފަތިގަނޑު ދަށުން ނެގި ސްވޮބް އާއި ޑީއެންއޭ ދިމާވޭތޯބަލާ ތަޙްލީލު ކުރިއެވެ.

އަނިޔާލިބުނު ކުއްޖާ ށ. މިލަންދޫ ހެލްތް ސެންޓަރަށް އެރޭގެ 07:15 ހާއިރު ގެންދެވުނެވެ. އަދި، ޑޮކްޓަރަށް ދެއްކުމަށްފަހު އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓެއް ހެދިއެވެ.

ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންނި ގޮތް

ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/C-16-C/2013 ޤަޟިއްޔާއިން މޫސާ ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާ، އަންނަނިވި ކަންކަމުގެ މައްޗަށް ބަލައި މޫސާ ރަޝީދުގެ މައްޗަށް ސާބިތުވާކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.

(ހ) އަނިޔާލިބުނު ކުއްޖާ، ކަންހިނގާދިޔަ ގޮތް ކަމަށް ތަޙުޤީޤުގައާއި ޝަރީޢަތުގައި ކިޔާދީފައިވާ ގޮތާއި ބެލެނިވެރިޔާއަށް ކިޔާދީފައިވާ ގޮތާއި ބައްޕައަށް ކިޔާދީފައިވާގޮތަށް ބަލާއިރު އަނިޔާލިބުނު ކުއްޖާ ޙާދިޘާ އެއްގޮތަށް ކިޔައިދީފައިވާކަން.

(ށ) އަނިޔާލިބުނު ކުއްޖާގެ ޑީއެންއޭ ޕްރޮފައިލް އާއި މޫސާ ރަޝީދުގެ ކަނާއަތު މެދުއިނގިލީގެ ނިޔަފަތި ދަށުން ނެގުނު ސްވޮބްއިން ލިބިފައިވާ ޑީއެންއޭ ޕްރޮފައިލް ދިމާވާކަން.

(ނ) އަނިޔާލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު އެ ކުއްޖާގެ ޖިންސީ ގުނަވަނާއި ދެފައިގެ ފަލަ މަސްގަނޑުގައި އަތްލުމުން ތަދުވާކަމަށާއި ޖިންސީ ގުނަވަނާއި ދެފައި ފަލަމަސްގަނޑުގައި (ޙައިޟު) ގެ ލޭ އުނގުޅިފައިވާކަން.

(ރ) ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިތަކެއްގައިވެސް މި ހާދިސާ ހިނގާފައިވާ ގޮތާއި އަނިޔާލިބުނު ކުޑަކުއްޖާ ޝަރީޢަތާއި ތަޙްޤީޤުގައި ކިޔައިދީފައިވާ ގޮތަށް ބަލާއިރު ވަކިތަފާތެއް ނެތްކަމާއި ދަޢުވާއަށް އިންކާރުކުރުން ފިޔަވައި މޫސާ ރަޝީދުގެ ދިފާޢުގައި ހެއްކެއްވިޔަސް އަދި ޤަރީނާއެއް ވިޔަސް ހުށަހަޅާފައިނުވާކަން.

(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަންތައްތަކުގެ ތެރެއިން އެ މާއްދާގެ (ޅ)، (ކ)، (އ)، (ވ)، އަދި (ދ) ގައިވާ ކަންކަން ފުރިހަމަވެފައިވާކަން އެނގެން އޮންނަކަން.

ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ 54/C-16-C/2013 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އަނިޔާލިބުނު ކުއްޖާގެ ނުރުހުމުގައި އަނިޔާލިބުނު ކުއްޖާގެ ކުރިމަތިފަރާތަށް (ޖިންސީ ގުނަވަނުގެ ތެރެއަށް) މޫސާ ރަޝީދު އަތްކޮށްޕިކަމަށް ތަޙްޤީޤާއި ޝަރީޢަތުގެ މަޖިލީހުގައި އަނިޔާލިބުނު ކުއްޖާ ބުނެފައިވުމާއި؛ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއްކަމަށާއި، އަނިޔާލިބުނު ކުއްޖާގެ ކުރިމަތިފަރާތަށް މޫސާ ރަޝީދު އިނގިލި ކޮށްޕިކަމަށް އަނިޔާލިބުނު ކުއްޖާ ބުނެފައިވާކަމަށް ށ. މިލަންދޫގައިހުރި އެ ކުއްޖާގެ ބެލެނިވެރިޔާ ތަޙްޤީޤުގައި ބުނެފައިވުމާއި؛ އަނިޔާލިބުނު ކުއްޖާއާމެދު މޫސާ ރަޝީދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް އަނިޔާލިބުނު ކުއްޖާގެ ބައްޕަ ތަޙްޤީޤުގައި ބުނެފައިވުމާއި؛ އަނިޔާލިބުނު ކުއްޖާގެ ޖިންސީ ގުނަވަނާއި ދެފައިގެ ފަލަމަސްގަނޑުގައި އަތްލުމުން ތަދުވިކަން ށ. މިލަންދޫ ހެލްތު ސެންޓަރުގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމާއި؛ މޫސާ ރަޝީދުގެ ކަނާއަތު މެދުއިނގިލީގެ ނިޔަފަތިދަށުން ނެގި ޑީއެންއޭގެ ޕްރޮފައިލްއާ އަނިޔާލިބުނު ކުއްޖާގެ ހަށިގަނޑުން ނެގުނު ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން ޑީއެންއޭ ތަޙްލީލު ރިޕޯޓުން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 03 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، މޫސާ ރަޝީދު ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާ 10 (ދިހައެއް) އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް

ށ. މިލަންދު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާ އެ ކޯޓުން ބަލާ ނިންމާފައި ވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް 4 (ހަތަރެއް) ނުކުތާއެއް މޫސާ ރަޝީދު ހުށަހެޅިއެވެ. އެއީ:

1ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑަށް ހެކި ވަޒަންކުރުމަކާ ނުލާ ކަމަށާއި މައްސަލަ ނިންމުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބުނާ ހެކީގެ މިންވަރަށް ހެކި ހަމަވުމެއްނެތި އަދި އެ މިންގަނޑަށް ހެކި ވަޒަން ނުކޮށް އަދި ހެއްކާއި ޤަރީނާގެ ޞައްޙަކަން ކަށަވަރުނުކޮށް މައްސަލަ ނިންމާފައިވުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މައްސަލަ ނިންމުމުގައި ބަލަންޖެހޭ މިންގަނޑުކަމުގައިވާ "އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑަށް" ހެކި ހަމަކޮށް ކުށް ސާބިތުވޭތޯ ބެލުމެއްނެތި މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

2ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ކުޑަކުދިންގެ ހެކިބަސް ނެގުމަށް ކަނޑައެޅިފައިވާ އުޞޫލާއި ޚިލާފަށް އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާ ޝަރީޢަތުގެ މަޖިލީހަށް ގެނެސް ކުއްޖާގެ އުމުރާ ނުގުޅޭ ސުވާލުތަކެއްކޮށް ހެކިބަސް ނަގައި މައްސަލަ ނިންމާފައިވުމާއި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ހެދި ފަރާތްތަކުގެ ބަހެއް ނެތި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެކަނި ބަލައިގެން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛

3ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އިންޞާފުވެރި ކަމާއި ހާމަކަމާއި އެކު ޝަރީޢަތް ކުރުމަކާ ނުލައި އަދި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި، ދެފަރާތުން ޝަރީޢަތަށް ހާޒިރުކުރި ހެކިންގެ ހެކިބަހާމެދު ވާހަކަ ދެއްކުމުގެ ފުރުޞަތުދިނުމެއްނެތި، އަދި މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހެޅުމުގެ ފުރުސަތު ނުވަތަ ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު ކުއްލި ގޮތަކަށް މައްސަލަ ނިންމަވާފައިވުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ކަށަވަރުކޮށްދީފައިވާ ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަސީލަތް ޝަރީޢަތުން ފަހިކޮށްނުދީ މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ؛ އަދި

4"ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާ ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) ގައި ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާތަކެތި ފިޔަވައި އެހެން ސާމްޕަލްއެއް ނެގުމަށް ބޭނުންވާ މީހާ އެފަދަ ސާމްޕަލްއެއް ދިނުމަށް އިންކާރުކޮށްފި ނަމަ އެފަދަ ސާމްޕަލްއެއް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ބަޔާން ކޮށްފައި ވަނިކޮށް، ކޯޓު އަމުރެއް ނެތި މޫސާ ރަޝީދުގެ ރުހުމެއް ހޯދުމާ ނުލައި މޫސާ ރަޝީދުގެ ކަނާއަތުގެ މެދުއިނގިލީގެ ނިޔަފަތިގަނޑުގެ ދަށުން ބަކަލް ސްވޮބް އެއް ނަގައި ތަޙްޤީޤުގައި ބޭނުންކުރި އެ ސްވޮބްއަކީ މައްސަލަ ނިންމުގައި މުހިންމު ޤަރީނާއެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ހެއްކެއް ނަމަވެސް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތުން ބަލައިގެނެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވުމާއި، އެކުވެސް ޢައިރު ޤާނޫނީ ހެކި ހިމަނައިގެން މައްސަލައިގައި މޫސާ ރަޝީދުގެ މައްޗަށް ތުހުމަތުކޮށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، މި މައްސަލައިގައި މޫސާ ރަޝީދުގެ ކަނާއަތު އިނގިލީގައި ލޭ ހޭކިފައި ހުރުމުން އޭގެ ސާމްޕަލް ނެގުމަށްޓަކައި ފުލުހުން އެދުމުން އެކަމާމެދު މޫސާ ރަޝީދު އިޢުތިރާޟުކޮށްފައިވާކަން އެނގެން ނެތްކަމަށާއި މީހެއްގެ ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާތަކެތި ފިޔަވައި އެހެން ސާމްޕަލްއެއް ނެގުމަށް ކޯޓު އަމުރެއް އޮންނަންޖެހެނީ އެމީހާ އެފަދަ ސާމްޕަލްއެއް ދިނުމަށް އިންކާރުކޮށްފިނަމަކަމަށާއި މި މައްސަލައިގައި ދެންނެވުނު ސާމްޕަލް ނަގާފައިވަނީ މޫސާ ރަޝީދުގެ ރުހުން ނެތިކަން އެނގޭނެ އެއްވެސް ސަބަބެއް ދެއްކިފައިނުވާކަމަށާއި، އެހެންކަމުން ދެންނެވުނު ސާމްޕަލް ނަގާފައިވަނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ނުބެލެވޭކަމަށާއި، އަދި އެ ހެއްކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމަށް ނުބެލެވޭކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވަނީ، 13 ނޮވެންބަރ 2013 ވަނަ ދުވަހު މޫސާ ރަޝީދު ޝަރީޢަތަށް ދީފައިވާ ބަޔާނުން މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުން، މޫސާ ރަޝީދު ކުރިކަމަށް ބުނާ ކަންތައްތަކަކީ އޭނާ ނުކުރާކަމެއްކަމަށް ސާބިތުކުރުމަށްޓަކައި އޭނާ ހުށަހަޅާނެ ހެއްކެއް އަދި ޤަރީނާއެއްވެސް ނެތްކަމުގައި ބުނެފައިވުމުން މި މައްސަލައިގައި މޫސާ ރަޝީދުގެ ދިފާޢުގައި ހެކި ހުށަހެޅުމާއި ދިފާޢު ތައްޔާރުކުރުމަށް ވަސީލަތްތައް ދީފައިނުވާކަމަށް މޫސާ ރަޝީދުގެ ފަރާތުން ބުނާ ބުނުމުގައި އެކަށީގެންވާ އަސާސެއް ނެތްކަމަށެވެ.

މީގެ އިތުރަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތަކުގެ ތެރެއިން 5 ބާވަތުގެ ހެކި ހުށަހެޅިފައި ނެތަސް ނުވަތަ އެއަށްވުރެން މަދުން ހެކި ހުށަހެޅިފައި ވިއަސް، އެ މައްސަލައެއްގެ ދަޢުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާނަމަ ދަޢުވާ ސާބިތު ކުރެވިދާނެކަމަށެވެ. އަދި، އަނިޔާލިބުނު ކުއްޖާއާ މެދު ޖިންސީ ގޯނާ ކުރިކަން ޤާނޫނުއަސާސީގެ 51 (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް މޫސާ ރަޝީދުގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ މޫސާ ރަޝީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި 06 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

1- ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/33 ޤަޟިއްޔާގައި ނިންމާފައިވާ އިޖުރާއާތާއި ކުޑަކުދިންގެ ހެކިބަސް ނެގުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފޮނުވާފައިވާ ޢާންމު ސަރކިއުލަރ ގައި ޝަރީޢަތަށް ޙާޟިރުކޮށް ކުޑަކުދިންގެ ހެކިބަސް ނުނެގޭނެކަމަށް ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް މި މައްސަލައިގައި އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާ 12 ނޮވެންބަރު 2013 ވަނަ ދުވަހު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖުލީހަށް ޙާޟިރުކޮށް އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާގެ ބަޔާން ޝަރީޢަތުން ނަގައި މައްސަލަ ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.

2- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި އިންޞާފުވެރި ޝަރީޢަތެއް ހިންގުން އަސާސީ ޙައްޤެއް ގޮތުގައި ކަށަވަރުކޮށްދީފައި ވީނަމަވެސް، ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/C-16-C/2013 ޤަޟިއްޔާ ނިންމުމުގައި ޝަރީޢަތް ހިންގުމާއި ގުޅޭ އެންމެ އަސާސީ ހަމަތައް ހިފަހައްޓާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.

3- "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) ގައި ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާތަކެތި ފިޔަވާ އެހެން ސާމްޕަލްއެއް ނެގުމަށް ބޭނުންވާމީހާ އެފަދަ ސާމްޕަލްއެއް ދިނުމަށް އިންކާރުކޮށްފިނަމަ އެފަދަ ސާމްޕަލްއެއް ނެގޭނީ ކޯޓު އަމުރެއް ނަގައިގެން ކަމަށް އެ ޤަވާޢިދުގައި ކަނޑައަޅާފައިވީނަމަވެސް މި މައްސަލައިގައި ތަޙްޤީޤު ކުރި ފަރާތުން ޢަމަލުކޮށްފައިވަނީ އެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމާއި، ބުނެވިދިޔަ ސާމްޕަލްއަކީ މޫސާ ރަޝީދުގެ ނިޔަފަތި ކަނޑައިގެން ނަގާފައިވާ ސާމްޕަލްއެއް ނަމަވެސް މޫސާ ރަޝީދުގެ ނުރުހުމުގައި މި ސާމްޕަލް ނެގުމުގައި ފުލުހުން ކޯޓުއަމުރެއް ނަގާފައިވާކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްއިރު ޝަރީޢަތް ނިންމުމުގައި މި ނުކުތާއަށްވެސް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާ؛

4- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބާވަތްތަކުގެ ހެކި ހަމަކުރުމުގެ ގޮތުން މި މައްސަލައިގައި އަނިޔާ ލިބިފައިވާކަމަށް ބުނާ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ވަރުގެ ޤަރީނާއެއް ކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވަނީ 31 މާރިޗް 2011 ގައި މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ހެލްތް ސެންޓަރުން ތައްޔާރުކޮށްފައިވާ "މެޑިކޯ ލީގަލް ރިޕޯޓް" ގެ ޖެނެރަލް އެގްޒެމިނޭޝަން ގައި ނޫފައި ގަތްފައިވާ ތަނެއް، ހަންމަށައިގެން ގޮސްފައިވާތަނެއް، ކަނޑައިގެން ގޮސްފައިވާތަނެއް، ދަތްއަޅާފައިވާ ތަނެއް، ވަކިއެޅިފައިވާ ތަނެއް، ފެންނަން ނެތްކަމަށް ބަޔާންކޮށްފައި ވަނިކޮށްކަމަށާއި ކުއްޖާ ތަޙްލީލު ކުރި ޑޮކްޓަރ، ޑރ. މުޙައްމަދު އަރީފުއްރަޙުމާން ގެ މެޑިކަލް ތަޙުލީލުންވެސް ޖިންސީ ގުޅުން ހިންގާފައިވާކަން އެނގެން ނެތްކަމަށް ބުނެފައިވާއިރު، ކުއްޖާ ބުނާގޮތުންނަމަ ކުރިމަތި ފަރާތަށް އިނގިލި ކޮށްޕާފައި ވެދާނެކަމަށް ޑރ. މުޙައްމަދު އަރީފުއްރަޙުމާން ބުނާ ބުނުމަކީ ޝައްކުގެ މަތިން ބުނާ ބުނުމެއްކަމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ކުށް ސާބިތުކުރެވޭ މިންގަނޑަކީ "އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވުން" ކަމުގައިވާއިރު ޑޮކްޓަރަށް ލަފާކުރެވޭ ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ތައްޔާރު ކުރެވޭ "މެޑިކޯ ލީގަލް ރިޕޯޓް" އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި އަނިޔާލިބުނު ކުއްޖާއަށް ޖިންސީ ހާނީއްކަ ވެފައިވާ ކަމަށް ބުނެވޭނެ ހެއްކެއްކަމުގައި ވާނެކަމަށް ނުދެކޭކަމަށާއި، 31 ޖޫން ގައި ށ. މިލަންދޫ ހެލްތު ސެންޓަރުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި ޑޮކްޓަރު ބަލާ ޗެކްކުރުމުގެ ގޮތުން އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާގެ ޖިންސީ ގުނަވަނާއި ދެފަލަ މަސްގަނޑުގައި އަތްލުމުން ތަދުވާކަމަށް އަނިޔާލިބުނު ކުއްޖާ ބުނެފައިވާކަމަށް ބުނެފައިވާއިރު، އަނިޔާލިބުނު ކުއްޖާ އެވަގުތު ހުރީ މައްސަރުކަންތައް ޖެހިފައިކަމާއި، އަންހެނަކަށް ޠަބީޢީ ގޮތުން މައްސަރު ކަންތައް ޖެހުމުން ޖިންސީ ގުނަވަނާއި ދެފައިގެ ފަލަމަސްގަނޑަށް ތަދުވުމަކީ ތަބީޢީ ގޮތުން އަންހެނުންނަށް ތަދު އިޙްސާސް ކުރެވޭ ކަމެއްކަމުން، މި ޙާލަތުގައި ޖިންސީގުނަވަނުން އިތުރު އަނިޔާއެއް ފެންނަން ނެތުމަކީ މޫސާ ރަޝީދު ކުއްޖާއަށް ޖިންސީ އަނިޔާކުރުމުން ވެފައިވާ ތަދެއްކަމުގައި ބެލުމަކީ އެ ބުނުމުގައި ޔަޤީން ކަމެއް ނުލިބޭ އަދި ޝައްކާއި ވަހުމް އެކުލެވޭ ބުނުމެއްކަމަށް ވީނަމަވެސް ޝަރީޢަތުން މައްސަލަ ނިންމުމުގައި މިކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.

5ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބުނާ ބާވަތްތަކުގެ ހެކިތަކުގެ ތެރެއިން މަދުވެގެން 5 ބާވަތެއްގެ ހެކި ހުރެއްޖެނަމަ އެ ހެކިތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުވާ މިންގަނޑުކަމުގައި ކަނޑައަޅަފައިވީނަމަވެސް ހައިކޯޓުގެ ނަންބަރު 2016/HC-A/388 ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކިހަމަވެފައިވޭތޯ ޝަރީޢަތުން ބައްލަވާފައި ނުވާކަމަށްބުނެ ފާހަގަކުރި ނުކުތާ.

6މި މައްސަލާގައި ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމުމުގައި ޙުކުމް ކުރައްވާފައިވަނީ މޫސާ ރަޝީދު 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކަމަށްވާއިރު، އެ ޙުކުމުގައި 10 އަހަރު ގުނުމުގައި ބަލަންޖެހޭ މިންގަނޑެއްވެސް ބަޔާންކޮށްފައިނުވާތީ، މޫސާ ރަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޞައްޙަ ޞަރީޙަ ބަހުން ސާފުވާން ނެތް ޙުކުމެއްކަމަށްބުނެ ފާހަގަކުރި ނުކުތާ.

ކުޑަކުދިންނަށް ކުރާ ޖިންސީގޯނާއާ ގުޅޭ ހެކި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުން، ޢާއްމުކޮށް ޝަރީޢަތުގެ މަޖިލީހުން ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަކުރުމާއިއެކު ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކޮށްފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާ ބުނަނީ އެހެން ޤާނޫނެއްގައި، ޖިނާއީކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑު ކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެ ކަމަށް ވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީ ގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭ ކަމަށެވެ. އެ ބާވަތްތަކުގެ ހެކިތަކަކީ:

(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.

(ށ) ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ.

(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.

(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި.

(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.

(ޅ) އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.

(ކ) އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.

(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުޑަކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް.

(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާން ހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާން ހުރި ކަންކަން ދިމާވުން.

(މ) އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން

(ފ) މާއްދީ ހެކި.

(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއުކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާފަދައިން މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބަލަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެއަށްވުރެ މަދުން (5 (ފަހެއް) ހެއްކަށްވުރެ މަދުން) ހެކި ހުރިކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ޝަރީޢަތަށް ސާބިތުވާނަމަ އެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ހުރަހެއްނާޅައެވެ.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށެއް ޝަރީޢަތަށް ސާބިތު ވެއްޖެކަމަށް ބެލެނީ، އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތު ހެކި ވަކިވަކިން ލިސްޓުކޮށްފައި އެވަނީ އެ ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދުކަމަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމުގެ ގޮތުން ފަނޑިޔާރުންނަށް ބޭނުންކުރެވިދާނޭ ވަސީލަތްތަކެއްގެ ގޮތުގައެވެ. ނުވަތަ ކުޑަކުއްޖާ ދީފައިވާ ހެކިބަސް ކޮރޮބޮރޭޓް ކުރުމުގެ ވަސީލަތްތަކެއްގެ ގޮތުގައެވެ. އަދި އެ ހެއްކަކީ އެކަތި އަނެކައްޗާ މުޅިން ވަކިވެފައިވާ މުސްތަޤިއްލު ހެކިތަކެއްގެ ގޮތުގައި ނޫނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 77/SC-A/2019 ގައި، އަނިޔާލިބުނު ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ޤަބޫލު ކުރެވޭ ހެކިބަހެއްތޯ ނުވަނަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރަށް ބެލިދާނެ (ފަނޑިޔާރު ވިސްނާ ބަލަންޖެހޭ) 3 (ތިނެއް) ކަމެއް ބުނެދީފައިވެއެވެ. އެއީ،

ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްތޯ ބެލުމާއި

ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި ޢަމަލުތަކާއި، އަނިޔާލިބުނު ކުއްޖާގެ އުޅުންހުންނަ ގޮތާއި،

އަނިޔާލިބުނު ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާ ކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯއެވެ.

މަތީގައިވާ ޕެރަގްރާފް 27 ގައި ބުނާ 3 (ތިނެއް) ކަމަކީ "އެކްސޯސްޓިވް" ނުވަތަ ސީދާ އިން ކަނޑައެޅިފައިވާ ތިން ކަމެއް ނޫނެވެ. އެ ތިންކަމަކީ ހުށަހެޅޭ މައްސަލައިގެ ހާދިސާ އާއި ހުށަހެޅޭ ހެކިތަކުގެ މައްޗަށް ބަލައި، އިންޞާފު ޤާއިމު ކުރުމުގައި، މައްސަލަ ބަލާ ފަނޑިޔާރު ވިސްނާ ބަލައި އެ މައްޗަށް ގޮތެއް ބުނަންޖެހޭނަމަ ބުނަން ޖެހޭ ތިން ކަމެވެ.

އިސްތިއުނާފުކުރެވުނު ނުކުތާތަކާތަކަށް ޤާނޫނު ތަޠުބީޤުކުރުން

މޫސާ ރަޝީދު އިސްތިއުނާފުކުރި ފުރަތަމަ ނުކުތާ (މަތީގައިވާ ޕެރަގްރާފް 21(1)) ގައި ބުނަނީ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 48 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/33 ޤަޟިއްޔާގައި ބުނާ އިޖުރާއަތާއި ކުޑަކުދިންގެ ހެކިބަސް ނެގުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފޮނުވާފައިވާ ޢާންމު ސަރކިއުލަރ ގައި ކުޑަކުދިންގެ ހެކިބަސް ޝަރީޢަތަށް ޙާޟިރުކޮށް ނުނެގޭނެކަމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކުއްޖާގެ ބަޔާން ނަގާފައިވާ ކަމަށެވެ. މިބުނާ ބުނުމާ ގުޅިގެން އަހުރެން ބެލިބެލުމުން އެނގުނީ، އަނިޔާލިބުނު ކުއްޖާގެ ހެކިބަސް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުއްޖާއާ އިންޓަވިއުކޮށްގެން ކަމާއި ކުއްޖާގެ ބަޔާން ނަގާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކުއްޖާއަށް ފަރިތަ މާޙައުލެއް ކަމަށްވާ، އަނިޔާލިބުނު ކުއްޖާ ކިޔަވާ ސްކޫލް، ގައެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާ އާއި ޓީޗަރެއްގެ ޙާޟިރުގައެވެ.

އަނިޔާލިބުނު ކުއްޖާ ދިން ބަޔާނާއި ގުޅިގެން މޫސާ ރަޝީދު ކުރާ ހަމައެކަނި އިއުތިރާޟަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 48 އާއި ޚިލާފަށް އެ ބަޔާން ނަގާފައިވާކަމެވެ.

އަނިޔާލިބުނު ކުއްޖާގެ ހެކިބަހުގެ އެތެރެފުށަށް ބަލާއިރު، އެ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނެ ފަދަ ތަފްޞީލްތައް އެބަހުއްޓެވެ. އެގޮތުން، މޫސާ ރަޝީދުއާއި އަނިޔާލިބުނު ކުއްޖާ، އެ ދުވަހު ބައްދަލުވި ހިސާބުން ފެށިގެން އެ ކުއްޖާގެ ބެލެނިވެރިޔާ ގެއަށް އައުމާ ހަމަޔަށް ހިނގި ހުރިހާ ކަމެއްގެ ތަފްޞީލު ކިޔައިދީފައި އެބަހުއްޓެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް ފުރަތަމަ ދިން ބަޔާނާއި 2013 ނޮވެމްބަރ 13 ވަނަ ދުވަހު، ޝަރީޢަތުގެ ބޭނުމަށް، ނެގި ބަޔާނުގަ ތަޢާރުޟެއްނެތެވެ. އަނިޔާލިބުނު ކުއްޖާގެ ބަޔާން ބޭރުފުށުން އެއްގޮތްތޯ ބަލާއިރު، އަނިޔާލިބުނު ކުއްޖާގެ ބަޔާނާއި ހާދިސާ ހިނގި ވަގުތު އެކުއްޖާގެ ބެލެނިވެރިޔާއަށް ކިޔައިދިން ކިޔައިދިނުމާއި، އެ ފަހުން، އެ ކުއްޖާގެ ބައްޕައަށް ކިޔައިދިން ކިޔައިދިނުމުގައި ތަފާތެއް ނެތެވެ. މޫސާ ރަޝީދުގެ ކަނާއަތު މެދުއިނގިލީގެ ނިޔަފަތިދަށުން ނެގުނު ޑީއެންއޭ ޕްރޮފައިލްއާ އަނިޔާލިބުނު ކުއްޖާގެ ހަށިގަނޑުން ނެގުނު ޑީއެންއޭ ޕްރޮފައިލްއާ ދިމާވާކަން ޑީއެންއޭ ތަޙްލީލު ރިޕޯޓުން އެނގެން އޮތަތީ، އަދި ޑީއެންއޭ ރިޕޯޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކޮށްފައިވާ ތަޙުލީލު ރިޕޯޓަކަށްވެފައި، މޫސާ ރަޝީދުގެ ފަރާތުން އެ ރިޕޯޓުގެ ޞައްޙަކަމާ މެދު ސުވާލެއް އުފައްދާފައި ނުވާތީ އަނިޔާލިބުނު ކުއްޖާ އެކިޔައިދޭ ހާދިސާ ހިނގިކަން ޤަބޫލު ކުރެވެއެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މޫސާ ރަޝީދުއާ މެދު އަނިޔާލިބުނު ކުއްޖާ ނުނިޔަތެއް އޮވެގެން މޫސާ ރަޝީދުގެ ބޮލުގައި ތުހުމަތެއް އެޅުވުމަށްޓަކައި ހަދަހަދައިގެން ވާހަކައެއް ދައްކަންވީ ސަބަބެއް އޮތްކަމަށް މޫސާ ރަޝީދުގެ ފަރާތުން ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ބުނެފައެއް ނެތެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި ދެވަނަ ނުކުތާ (މަތީގައިވާ ޕެރަގްރާފް 21(2)) ގައި ބުނަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި އިންޞާފުވެރި ޝަރީޢަތެއް ހިންގުން އަސާސީ ޙައްޤެއް ގޮތުގައި ކަށަވަރުކޮށްދީފައި ވީނަމަވެސް، ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 54/C-16-C/2013 ޤަޟިއްޔާ ނިންމުމުގައި ޝަރީޢަތް ހިންގުމާއި ގުޅޭ އެންމެ އަސާސީ ހަމަތައް ހިފަހައްޓާފައި ނުވާކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާއަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.

މޫސާ ރަޝީދުގެ މި ބުނުމާ ގުޅިގެން ބެލިބެލުމުން އެނގުނީ، 2013 ނޮވެމްބަރު 12 ވަނަ ދުވަހު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި މޫސާ ރަޝީދު ދިން ބަޔާނުގައި އޭނާއަށް ދަޢުވާ ވަރަށް ރަނގަޅަށް ސާފުވެއްޖެ ކަމަށާއި ދަޢުވާ އަށް އިންކާރު ކުރާކަމަށާއި ދަޢުވާއަށް އިންކާރު ކުރުން ފިޔަވާ ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެފައިވާކަމެވެ. އަދި، 2016 އެޕްރީލް 14 ވަނަ ދުވަހު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި މޫސާ ރަޝީދު ހެކި ހުށަހަޅަން ބޭނުންކަމަށް އެދުނުކަމާއި އެ ފުރުޞަތު ދެވިފައިވާކަމެވެ. ހެއްކެއްގެ ގޮތުގައި މޫސާ ރަޝީދު ހުށަހެޅީ […]، އަޙްމަދު ރިޔާޟް ކަމެވެ. އަޙްމަދު ރިޔާޟްގެ ހެކިބަސް 2016 މޭ 09 ވަނަ ދުވަހު ނަގާފައިވާކަން އެނގެއެވެ. އަދި، 2020 ފެބްރުއަރީ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މޫސާ ރަޝީދުގެ ވަކީލު ވިދާޅުވީ، ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުޞަތު އެ ކޯޓުން މޫސާ ރަޝީދަށް ދީފައިވާ ކަމަށެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި ތިންވަނަ ނުކުތާ )މަތީގައިވާ ޕެރަގްރާފް 21(3)) ގައި ބުނަނީ، "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) ގައި ހަށިގަނޑުގެ އެތެރެއިން ކުޑަކަމުދާތަކެތި ފިޔަވާ އެހެން ސާމްޕަލްއެއް ނެގުމަށް ބޭނުންވާމީހާ އެފަދަ ސާމްޕަލްއެއް ދިނުމަށް އިންކާރުކޮށްފިނަމަ އެފަދަ ސާމްޕަލްއެއް ނެގޭނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށް އެ ޤަވާޢިދުގައި ކަނޑައަޅާފައި ވީނަމަވެސް މި މައްސަލައިގައި، ތަޙްޤީޤުކުރި ފަރާތުން ޢަމަލުކޮށްފައިވަނީ އެ ޤަވާޢިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި އެ ސާމްޕަލްއަކީ މޫސާ ރަޝީދުގެ ނިޔަފަތި ކަނޑައިގެން ނަގާފައިވާ ސާމްޕަލްއެއް ނަމަވެސް މޫސާ ރަޝީދުގެ ނުރުހުމުގައި މި ސާމްޕަލް ނެގުމުގައި ފުލުހުން ކޯޓުއަމުރެއް ހޯދައިފައިވާކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްއިރު، ޝަރީޢަތް ނިންމުމުގައި މި ނުކުތާއަށްވެސް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި 3 (ތިނެއް) ވަނަ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ، ވަރަށް ތަފްޞީލުކޮށް ބައްލަވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ: "މި މައްސަލައިގެ ތަޙްޤީޤުގައި މޫސާ ރަޝީދުގެ ކަނާއަތު އިނގިލީގައި ލޭ ހޭކިފައިހުރެގެން އެ ތަޙްލީލުކުރުމަށްޓަކައި އޭގެ ސާމްޕަލް ނެގުމަށް ފުލުހުން އެދުމުން އެކަމާމެދު މޫސާ ރަޝީދު އިޢުތިރާޟުކޮށްފައިވާކަން އެނގެން ނެތްކަމާއި، މި މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މޫސާ ރަޝީދުގެ ކަނާއަތު އިނގިލީގެ ނިޔަފަތި ދަށުން ނެގުނު ޑީއެންއޭ ޕްރޮފައިލް އާއި (އަނިޔާލިބުނު ކުއްޖާގެ ނަން) ގެ ޑީއެންއޭ ދިމާވާކަން އެނގޭ ރިޕޯޓު ހުށަހަޅާފައިވާއިރު، އެ ޓެސްޓް ހެދުމަށްޓަކައި މޫސާ ރަޝީދުގެ އަތުން ސާމްޕަލް ނެގުނީ އޭނާގެ ނުރުހުމުގައި ކަމަށް މޫސާ ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ނުވާއިރު، މީހެއްގެ ހަށިގަނޑުގެ ތެރެއިން ކުޑަކަމުދާތަކެތި ފިޔަވާ އެހެން ސާމްޕަލްއެއް ނެގުމަށް ކޯޓުއަމުރެއް އޮންނަންޖެހެނީ، އެމީހަކު އެފަދަ ސާމްޕަލްއެއް ދިނުމަށް އިންކާރުކޮށްފި ހާލަތުގައިކަން "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) އިން އެނގޭއިރު، މި މައްސަލަ ތަޙްޤީޤް ކުރި ފަރާތުން މި މައްސަލައިގައި މޫސާ ރަޝީދުގެ ކަނާއަތުގެ މެދުއިނގިލީގެ ނިޔަފަތި ގަނޑުގެ ދަށުން ބަކަލް ސްވޮބް ނެގުމަށް ރުހުން ނެތިކަން އެނގޭނެ އެއްވެސް ސަބަބެއް މޫސާ ރަޝީދުގެ ފަރާތުން ދެއްކިފައިނުވާތީ، މުސާ ރަޝީދުގެ ކަނާއަތުގެ މެދުއިނގިލީގެ ނިޔަފަތިގަނޑުގެ ދަށުން ބަކަލް ސްވޮބް ނަގާފައިވަނީ "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް ނުބެލެވޭކަމާއި އެ ހެއްކަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ކަމުގައި ނުބެލެވޭ" ކަމަށެވެ.

"ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާގައި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލް އަދި ހަށިގަނޑުން ބޭރުންނެގޭ ސާމްޕަލް އަކީ ކޮބައިކަން ބުނެދީފައިވެއެވެ. މިގޮތުން އެ ޤަވާޢިދުގެ 44 ވަނަ މާއްދާގެ (ޅ) ގައިބުނަނީ: "ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލް ކަމަށް ބުނެފައި އެވަނީ ދަތްޕިލައިގެ ނިޝާނެއް، ލޭ، ޕިއުބިކް ހެއަރ (ޖިންސީ ގުނަވަނާއި އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދުގައި ހުންނަ އިސްތަށި) އަދި ހަށިގަނޑުގެ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލްއެވެ. މީގެ ތެރޭގައި އަނގައިން ނެގޭ ސާމްޕަލް ނުހިމެނެއެވެ." އަދި އެ މާއްދާގެ (ކ) ގައި ބުނަނީ: "ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލް ކަމަށް ބުނެފައިވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަހައްދު ނޫން ތަނަކުން ނެގޭ އިސްތަށި، ނިޔަފަތި ދަށުން ނެގޭ ސާމްޕަލް، އަނގައިންނާއި ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވޮބް ސާމްޕަލްތަކެވެ. މީގެ ތެރޭގައި އަނގަ ފިޔަވާ ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލްތައް ނުހިމެނެއެވެ."

މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހެއްދެވި މޫސާ ރަޝީދުގެ "ޑީއެންއޭ ތަޙްލީލް ރިޕޯޓް" (05 ޖޫން 2011) އިން އެނގެނީ މޫސާ ރަޝީދުގެ ޑީއެންއޭ ޕްރޮފައިލް ހަދާފައިވަނީ "[…] މޫސާ ރަޝީދުގެ ކަނާއަތުގެ މެދު އިނގިލީގެ ނިޔަފަތިދަށުން ނެގުނު ސްވޮބް" އިން ކަމެވެ. މިއީ، "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާޢިދު" ގެ 44 ވަނަ މާއްދާ (ކ) ގައި ބުނާ ހަށިގަނޑުގެ ބޭރުން، ނިޔަފަތި ދަށުން، ނެގުނު ސާމްޕަލް އެއްކަން އެނގެއެވެ.

ޑީއެންއޭ ޕްރޮފައިލް ހެދުމަށް ފުލުހުން ސާމްޕަލް ނެގިނެގުމާ މެދު ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ހިންގި އެ ކޯޓުގެ ނަންބަރު 54/C-16-C/2013 ޤަޟިއްޔާގެ ޝަރީޢަތުގައި މޫސާ ރަޝީދު ސުވާލު އުފައްދާފައެއް ނުވެއެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި ހަތަރުވަނަ ނުކުތާ )މަތީގައިވާ ޕެރަގްރާފް 21(4)) ގައި ބުނަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބާވަތްތަކުގެ ހެކި ހަމަކުރުމުގެ ގޮތުން މި މައްސަލައިގައި އަނިޔާ ލިބިފައިވާކަމަށް ބުނާ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ މައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ވަރުގެ ޤަރީނާއެއްކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވަނީ 31 މާރިޗް 2011 ގައި މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ހެލްތް ސެންޓަރުން ތައްޔާރުކޮށްފައިވާ "މެޑިކޯ ލީގަލް ރިޕޯޓް" ގެ ޖެނެރަލް އެގްޒެމިނޭޝަން ގައި ނޫފައި ގަތްފައިވާ ތަނެއް، ހަންމަށައިގެން ގޮސްފައިވާ ތަނެއް، ކަނޑައިގެން ގޮސްފައިވާ ތަނެއް، ދަތްއަޅާފައިވާ ތަނެއް، ވަކިއެޅިފައިވާ ތަނެއް، ފެންނަން ނެތްކަމަށް ބަޔާންކޮށްފައި ވަނިކޮށްކަމަށާއި ކުއްޖާ ތަޙްލީލު ކުރި ޑރ. މުޙައްމަދު އަރީފުއްރަޙުމާންގެ މެޑިކަލް ތަޙުލީލުންވެސް ޖިންސީ ގުޅުން ހިންގާފައިވާކަން އެނގެން ނެތްކަމަށް ބުނެފައިވާއިރު، ކުއްޖާ ބުނާގޮތުންނަމަ ކުރިމަތި ފަރާތަށް އިނގިލި ކޮށްޕާފައިވެދާނެކަމަށް، ޑރ. މުޙައްމަދު އަރީފުއްރަޙުމާން ބުނާ ބުނުމަކީ ޝައްކުގެ މަތިން ބުނާ ބުނުމެއްކަމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ކުށް ސާބިތުކުރެވޭ މިންގަނޑަކީ "އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވުން" ކަމުގައިވާއިރު ޑޮކްޓަރަށް ލަފާކުރެވޭ ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ތައްޔާރު ކުރެވޭ "މެޑިކޯ ލީގަލް ރިޕޯޓް" އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި އަނިޔާލިބުނު ކުއްޖާއަށް ޖިންސީ ހާނީއްކަ ވެފައިވާ ކަމަށް ބުނެވޭނެ ހެއްކެއްކަމުގައި ވާނެކަމަށް ނުދެކޭކަމަށާއި، 31 ޖޫން ގައި ށ. މިލަންދޫ ހެލްތު ސެންޓަރުން ތައްޔާރުކޮށްފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި ޑޮކްޓަރު ބަލާ ޗެކްކުރުމުގެ ގޮތުން އަނިޔާލިބުނު ކަމަށް ބުނާ ކުއްޖާގެ ޖިންސީ ގުނަވަނާއި ދެފަލަ މަސްގަނޑުގައި އަތްލުމުން ތަދުވާކަމަށް އަނިޔާލިބުނު ކުއްޖާ ބުނެފައިވާކަމަށް ބުނެފައިވާއިރު، އަނިޔާލިބުނު ކުއްޖާ އެވަގުތު ހުރީ މައްސަރުކަންތައް ޖެހިފައިކަމާއި، އަންހެނަކަށް ޠަބީޢީ ގޮތުން މައްސަރު ކަންތައް ޖެހުމުން ޖިންސީ ގުނަވަނާއި ދެފައިގެ ފަލަމަސްގަނޑަށް ތަދުވުމަކީ ތަބީޢީ ގޮތުން އަންހެނުންނަށް ތަދު އިޙްސާސް ކުރެވޭ ކަމެއްކަމުން، މި ޙާލަތުގައި ޖިންސީގުނަވަނުން އިތުރު އަނިޔާއެއް ފެންނަން ނެތުމަކީ މޫސާ ރަޝީދު ކުއްޖާއަށް ޖިންސީ އަނިޔާކުރުމުން ވެފައިވާ ތަދެއްކަމުގައި ބެލުމަކީ އެ ބުނުމުގައި ޔަޤީން ކަމެއް ނުލިބޭ އަދި ޝައްކާއި ވަހުމް އެކުލެވޭ ބުނުމެއްކަމަށް ވީނަމަވެސް ޝަރީޢަތުން މައްސަލަ ނިންމުމުގައި މިކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ.

ށ. މިލަންދޫ ހެލްތު ސެންޓަރުން ދޫކޮށްފައިވާ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގެ ޞައްޙަކަމާ މެދު މޫސާ ރަޝީދުގެ ފަރާތުން ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ސުވާލު އުފައްދާފައެއް ނުވެއެވެ. އަނިޔާލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އަނިޔާލިބުނު ކުއްޖާގެ ޖިންސީ ގުނަވަނަށާއި ފައިގެ ފަލަމަސްގަނޑަށް ތަދު އިހުސާސް ކުރެވޭކަމަށް، އެ ރިޕޯރޓުގައި، ވަރަށް ސާފު ބަހުން ބުނެއެވެ.

އަނިޔާލިބުނު ކުއްޖާ ށ. މިލަނދޫ ހެލްތް ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވަނީ ހާދިސާ ހިނގިތާ އެއްގަޑި ދިހަމިނެއްޓެއް ހާއިރުގެ ތެރޭގައެވެ. މި ރިޕޯޓަކީ މިފަދަ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގެ ހުއްދަ އޮތް ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވެފައި، އަދި ރިޕޯޓް ތައްޔާރު ކުރިފަރާތް ޝަރީޢަތަށް ޙާޟިރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވަނީނަމަ އެ ފަރާތެއް ޝަރީޢަތަށް ޙާޟިރުކުރަން ނުޖެހޭނެއެވެ. ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް ދޫކޮށްފައިވަނީ ރިޕޯޓު ތައްޔާރުކޮށް ދޫކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުންކަން އެނގެން އޮންނަ މިފަދަ ޙާލަތުގައި، އެ ރިޕޯޓަކީ ޞައްޙަ ރިޕޯޓެއްކަމަށް ޝަރީޢަތުން ބަލަންޖެހޭނެއެވެ. އަދި، އޭގައިވާ ކަންތައްތަކަކީވެސް ތެދު ޙަޤީޤަތްކަމަށް ބަލަންޖެހޭނެވެ.

ށ. މިލަންދޫ ހެލްތު ސެންޓަރުން ދޫކޮށްފައިވާ އަނިޔާލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ހެކިތަކުގެ ތެރޭގައި ޤަބޫލު ކުރެވޭނެ ހެއްކެކެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި ފަސްވަނަ ނުކުތާ )މަތީގައިވާ ޕެރަގްރާފް 21(5)) ގައި ބުނަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބުނާ ބާވަތްތަކުގެ ހެކިތަކުގެ ތެރެއިން މަދުވެގެން 5 ބާވަތެއްގެ ހެކި ހުރެއްޖެ ނަމަ، އެ ހެކިތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންގަނޑު ކަމުގައި ކަނޑައަޅަފައި ވީނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/388 ޤަޟިއްޔާގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު ގެ 47 ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކިހަމަވެފައިވޭތޯ ޝަރީޢަތުން ބައްލަވާފައި ނުވާކަމަށެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި 5 (ފަހެއް) ވަނަ ނުކުތާއަށް ވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ވަރަށް ތަފްޞީލުކޮށް ބައްލަވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ:

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/12) ގެ ދަށުން ދަޢުވާކުރެވޭ މައްސަލަތައް ސާބިތު ކުރުމުގަ އާއި، ހެކި ވަޒަން ކުރުމުގައި ޝަރީޢަތުން ބަލާނެ މިންގަނޑެއް އެޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި އެގޮތުން އެ މާއްދާގައި ބަޔާންކޮށްފައިވާ ހެކީގެ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 (ފަހެއް) ބާވަތެއްގެ ހެކި ހުރެއްޖެނަމަ، މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ބަލައި، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަންޖެހޭކަމާއި، އަދި އެ މާއްދާގައި ބުނެފައިވާ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ނަމަވެސް، މައްސަލައެއްގައި ހުށަހެޅިފައިވާ ހެކިތަކުން ދަޢުވާ ހުށަހެޅިފައިވާ މީހެއްގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ކުށް ޝަރީޢަތަށް ސާބިތު ކުރެވިއްޖެ ނަމަ، އެމީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމާއި،

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާއިވާ ހެކި ޠަޤްޔީމްކޮށް ތަޠުބީޤު ކުރާއިރު، މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ، މި މައްސަލައިގައި އަނިޔާލިބުނު ކަމަށް ބުނާ (ކުއްޖާގެ ނަން) ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ އެ މާއްދާގެ (ކ) ގައި ބަޔާންކުރާ ބާވަތުގެ ހެއްކެއްކަމާއި،

މި މައްސަލައިގައި އަނިޔާލިބުނު ކަމަށް ބުނާ (ކުއްޖާގެ ނަން) އޭނާއާ މެދު ކަންވީ ގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަ ގޮތްކަމަށް އޭނާގެ ބެލެނިވެރިޔާ އާއި ބައްޕަގެ ގާތުގައި ބުނެފައިވާކަމަށް އެދެމީހުން ބުނާބުނުމަކީ އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކިކަން އެ އަކުރުތަކަށް ބެލުމުން އެނގޭކަމާއި،

މި ކޯޓުގެ (ހައިކޯޓުގެ) ނަންބަރު 01/DM-HC/2014 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުގެ މައްޗަށް ބަލާއިރު، އިސްވެ ބަޔާންވެދިޔަ ހެކިތަކަކީ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ބޭނުމަށް ވަކިވަކި ބާވަތްތަކެއްގެ ހެކިތަކެއް ކަމުގައި މާނަ ނުކުރެވޭނެކަން އެނގޭއިރު،

(އަނިޔާލިބުނު ކުއްޖާގެ ނަން) މީހަކާ ބެހޭ ގޮތުން ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައި ދިނުންކަމަށް ބެލެވޭފަދަ ސަބަބުތަކެއް ހުރިކަން (ގުޅުން ބަޔާންކުރުމަށް)،

އަދި އޭނާގެ އެ ވާހަކަތައް ކިޔައިދީފައިވަނީވެސް އެ ހާދިސާ ހިނގިކަމަށް (އަނިޔާލިބުނު ކުއްޖާގެ ނަން) ބުނާ ވަގުތާއި މާދިގު މުއްދަތެއް ނުވަނީސްކަން އެނގެން އޮތުމުން އެކަމަކީ އެމާއްދާގެ (އ) ގައި ބަޔާންކުރާ ބާވަތުގެ ހެއްކެއް ކަމާއި،

މި މައްސަލާގައި (އަނިޔާލިބުނު ކުއްޖާގެ ނަން) ގެ މެޑިކޯ ލީގަލް ރިފޯޓުގައި އޭނާއަށް ޖިންސީ ޢަމަލެއް ހިންގާފައިވާ ކަމަށް ބެލެވޭނެ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަން އެނގެން އޮތުމުން އެއީ އެމާއްދާގެ (ވ) ގައި ބުނާ ބާވަތުގެ ހެއްކެއްކަމާއި،

އަދި ޑީއެންއޭ ރިޕޯޓަކީ އެމާއްދާގެ (ށ) ގައި ބުނާ ބާވަތުގެ ހެއްކެއްކަން އެނގެން އޮންނަކަމާއި،

މި މައްސަލައިގެ ހާދިސާ ހިނގިކަމަށް ބުނާ ވަގުތު މޫސާ ރަޝީދު (އަނިޔާލިބުނު ކުއްޖާ ދިރިއުޅެމުން އައި ގެ އަށް) ދިޔަކަމަށް މޫސާ ރަޝީދު އެއްބަސްވެފައިވުމާއި އަދި އޭނާ އެގޭގައި ހުއްޓާ ދުށްކަމަށް އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާ ބުނެފައިވުމާއި،

އަދި މޫސާ ރަޝީދު ފެނުނުއިރު، އޭނާ ހުރީ އަނިޔާލިބުނު ކުއްޖާއާ ވަރަށް ކައިރީގައިކަމަށް އަނިޔާލިބުނު ކުއްޖާގެ ބެލެނިވެރިޔާ ބުނެފައިވުމުން ލިބޭ ހަރުދަނާ ޤަރީނާއަކީ އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެއްކަމާއި،

އެހެންނަމަވެސް މި މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މެޑިކޯ ލީގަލް ރިޕޯޓުގައި (އަނިޔާލިބުނު ކުއްޖާގެ ނަން) އަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ލަފާކުރެވޭކަން ފާހަގަ ކުރެވިފައިވާތީ އެއީ އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެއްކެއް ކަން އެނގެން އޮތުމުން މި މައްސަލާގައި

ދައުލަތުގެ ފަރާތުން އެ ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން މައްސަލަ ސާބިތުކުރުމަށް ޝަރީޢަތަށް ލިބިފައިވަނީ 5 (ފަހެއް) ބާވަތެއްގެ ހެކިކަން އެނގެން އޮންނަކަމާއި،" މިފަދައިންނެވެ.

މޫސާ ރަޝީދު އިސްތިއުނާފުކުރި ހަވަނަ ނުކުތާ )މަތީގައިވާ ޕެރަގްރާފް 21(6)) ގައި ބުނަނީ، މި މައްސަލާގައި ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމުމުގައި ޙުކުމް ކުރައްވާފައިވަނީ މޫސާ ރަޝީދު 10 އަހަރު ދުވަހަށް ޖަލަށް ލުމަށްކަމަށްވާއިރު، އެ ޙުކުމުގައި 10 އަހަރު ގުނުމުގައި ބަލަންޖެހޭ މިންގަނޑެއްވެސް ބަޔާންކޮށްފައިނުވާތީ، މޫސާ ރަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ޞައްޙަ ޞަރީޙަ ބަހުން ސާފުވާން ނެތް ޙުކުމެއްކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. މޫސާ ރަޝީދު ފާހަގަ ކުރި މި ނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވަނީ އެ ޤަޟިއްޔާ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި، ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާގައި މޫސާ ރަޝީދުގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގައިފިކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން މޫސާ ރަޝީދުގެ 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުފެންނަކަމަށެވެ.

މޫސާ ރަޝީދުގެ މައްޗަން ދިވެހިރާއްޖޭގެ ހައިކޯޓުން، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރައްވާފައިވާ ޙުކުމަކީ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާގައި މޫސާ ރަޝީދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ކުރައްވާފއިވާ ޙުކުމެއްކަން އެނގޭއިރު، އަދި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް އަދި ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުންވެސް ވިދާޅުވަނީ މޫސާ ރަޝީދު ކުރި ކުށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގައި ބުނާ ލުއި މިންގަނޑުންވެސް އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންގަނޑުން ވެސް ޝަރީޢަތަށް ސާބިތުވާކަމަށެވެ. މި ކުށް ޝަރީޢަތަށް ސާބިތުވާނަމަ، އަދަބު ދެވޭނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ އަދަބެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު 3 ވަނަ މާއްދާގެ (ނ) ގައި ކަނޑައެޅިފައިވާ އަދަބަކީ 10 (ދިހައެއް) އަހަރާއި 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މޫސާ ރަޝީދުގެ މައްޗަށް ކަނޑައެޅުއްވި އުޤޫބާތަކީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ވީމާ، އިސްވެބަޔާންކުރި ނުކުތާތަކުގައި ބުނެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 388/A-HC/2016 ޤަޒިއްޔާއިން […]، މޫސާ ރަޝީދު ގެ މައްޗަށްކުރެއްވި ޙުކުމް އަދި ކަނޑައެޅުއްވި އުޤޫބާތް، ކަމާބެހޭ ޤާނޫނުތަކާއި އެއްގޮތް ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެބުނެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، މޫސާ ރަޝީދުގެ މައްޗަށް ކުޑަކުއްޖަކާއިއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް މޫސާ ރަޝީދު ޖަލަށް ލުމަށް ށ. މިލަންދޫ ކޯޓުގެ ނަންބަރު 2013/C-16-C/54 ޤަޟިއްޔާއިންކޮށްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/388 ޤަޟިއްޔާ އިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން، މޫސާ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:

އަޒްމިރާލްދާ ޒާހިރު

އަޙްމަދު މުޢުތަޞިމް ޢަދްނާން

ޙުސްނުއް ސުޢޫދު

(ފަނޑިޔާރު)

(އުއްތަމަ ފަނޑިޔާރު)

(ފަނޑިޔާރު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ