ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/HC-A/379

ޙުސައިން ޠާއިލް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 4 ޖަނަވަރީ 2027ޙުކުމުގެ ހާލަތު
ހައިކޯޓު · 5 ނޮވެމްބަރު 2026ދަށު ކޯޓު: ކްރިމިނަލް ކޯޓު 239/Cr-C/2019ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 239/Cr-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން މައުނަވީ ހިޔާޒަތާއި އެނގުން ސާބިތުވާތީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ)، 138 ވަނަ މާއްދާގެ (ބ) އަދި 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގައި ކުށްވެރިކޮށް، އުމުރަށް ޖަލަށްލުމާއި 100،000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިއެވެ. އެކުގައި ދަޢުވާކުރެވުނު އަނެއް ފަރާތުގެ މައްޗަށް ދަޢުވާ ސާބިތު ނުވިއެވެ.
ވާޤިޢާ
ބަލައި ފާސްކުރުމުގެ އަމުރަކާއެކު ފުލުހުން ތަޅުލާފައި ހުރި ކޮޓަރިއަކަށް ބާރުގެ ބޭނުންކޮށްގެން ވަނުމުން، ހަމައެކަނި ތުހުމަތުކުރެވޭ ފަރާތް ހުރި އެ ކޮޓަރިން 30.8634 ގްރާމް ކެނެބިސް ހުރި 73 ޕެކެޓް ފެނުނެވެ. ބަންދާމެދު ގޮތެއް ކަނޑައެޅި މަޖިލީހުގައި އެއީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށް އޭނާ ބުނި ނަމަވެސް، ފަހުން އެ ބަޔާނުން ރުޖޫޢަވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަޅުލާފައިވާ ކޮޓަރިއެއްގައި ހަމައެކަނި ތުހުމަތުކުރެވޭ ފަރާތް ހުއްޓާ އެ ކޮޓަރިން ފެނުނު ކެނެބިސްގެ މައުނަވީ ހިޔާޒަތާއި އެނގުން ސާބިތުވޭތޯ، ބަންދާމެދު ގޮތެއް ކަނޑައެޅި މަޖިލީހުގައި ވި އިޢުތިރާފުން ރުޖޫޢަވުމުގެ ހުކުމް، އަދި ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޒިރުނުކުރުމާއި ޗެއިން އޮފް ކަސްޓަޑީއާ ބެހޭ ގޮތުން ދަށުކޯޓުގައި ނުނަގާ ނުކުތާ އިސްތިއުނާފުގައި ބެލޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކޮޓަރިއަކީ އޭނާގެ ތަނެއް ނޫން ކަމަށާއި، މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި، އިޢުތިރާފަކީ ކޮއްކޮ ސަލާމަތްކުރުމަށް ވި އިޢުތިރާފެއް ކަމަށާއި، ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުގެ ފުރުޞަތު ނުލިބޭ ކަމަށާއި، ޗެއިން އޮފް ކަސްޓަޑީ ޞައްޙަ ނޫން ކަމަށެވެ. ދައުލަތުން ބުނީ ކޮޓަރީގެ ކޮންޓްރޯލް އޮތީ އޭނާގެ ކިބައިގައި ކަމަށާއި، އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި ވި އިޢުތިރާފެއް ކަމަށާއި، ރިޕޯޓާމެދު ދަށުކޯޓުގައި ސުވާލު ނުއުފައްދާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ތަޅުލާފައިވާ ކޮޓަރީގައި އެކަނި ހުރުމުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ (ރ) ގެ ހާލަތު ވުޖޫދުވެ ހިޔާޒަތު ސާބިތުވާކަމާއި، ފަނޑިޔާރެއްގެ ކުރިމަތީގައި ވި އިޢުތިރާފުން ރުޖޫޢަވާ ސަބަބު ސާބިތުނުކުރާތީ އެ އިޢުތިރާފުން އެނގުން ސާބިތުވާކަމާއި، 14 ގްރާމަށްވުރެ ގިނަ ކެނެބިސްގެ ބޭނުންކުރުމަށް ވި އިޢުތިރާފަކީ ޓްރެފިކްކުރުމަށް ވި އިޢުތިރާފެއް ކަމާއި، ތަޙުލީލު ރިޕޯޓާއި ޗެއިން އޮފް ކަސްޓަޑީގެ ނުކުތާ ދަށުކޯޓުގައި ނުނަގާތީ އަދި ބޭއިންޞާފެއް ނުފެންނާތީ ބަލައިނުގަނެވޭނެކަމަށް ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައުނަވީ ހިޔާޒަތުން މަސްތުވާތަކެތި ފެނުނުކަން ކަނޑައެޅުމުގައި ކުށް ސާބިތުވާނީ އެ މަސްތުވާއެއްޗަކާ އެމީހާއާ ގުޅުވާދޭ އިތުރު ހެކި ގަރީނާ ނުވަތަ އޭނާގެ އަތުގައި އެ މަސްތުވާތަކެތި ބެހެއްޓުމުގެ ނިޔަތެއް ނުވަތަ މޯޓިވްއެއް އޮތްކަން ދަލާލާތުކޮށްދޭ ހެކި ހުށަހެޅުމުންނެވެ.

HN2 ކޮޓަރިއެއް ތަޅުލައިގެން އެ ކޮޓަރީގައި ހުރީ ތުހުމަތުކުރެވޭ މީހާ އެކަނި ނަމަ، އެ ކޮޓަރީގައި ހުރީ ކޮން އެއްޗެއްކަން އޭނާއަށް ފެންނާނެއެވެ. އެ ކޮޓަރީގައި ހުރި އެއްޗެއްގެ މައްޗަށް އޭނާއަށް ބާރު ފޯރުވޭނެއެވެ. އެ ކޮޓަރިން އެއްޗެއް ނަގަން ބޭނުންނަމަ، ނުވަތަ ބޭރުކުރަން ބޭނުންނަމަ، އެ އިޚްތިޔާރު އޭނާއަށް އޮތްކަން ސާފެވެ. މި ހާލަތަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ ހާލަތެކެވެ.

HN3 ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފަކީ މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ވަސީލަތެކެވެ. ހެއްކާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވާހަކައާ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވާހަކައަކީ އުޞޫލެއްގެ ގޮތުން އެއް ވާހަކައެކެވެ.

HN4 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 138 އަދި 139 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، މީހެއްގެ އަތުގައި ހުރި ކެނެބިސް ހުރީ ބޭނުންކުރަން ކަމަށް ވީނަމަވެސް 14 (ސާދަ) ގްރާމް ނުވަތަ އެއަށްވުރެ އިތުރަށް ކެނެބިސް އޭނާގެ އަތުގައި ހުރެއްޖެނަމަ، އެ ތަކެތި އޭނާގެ އަތުގައި ހުރީ ޓްރެފިކްކުރުމަށްކަމަށް މި ޤާނޫނު އިފްތިރާޟު ކުރެއެވެ. އެހެންކަމުން، ކެނެބިސް ބޭނުންކުރާކަމަށް ވީ އިޢުތިރާފުގެ ސަބަބުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށަށް އިޢުތިރާފްވެވެއެވެ.

HN5 ފަނޑިޔާރެއްގެ ކުރިމަތީގައި ބުއްދި ސަލާމަތުން ހުރެ ކުށަކާ ގުޅިގެން ވާ އިޢުތިރާފުން ރުޖޫޢަވުމަށް ހަމައެކަނި ބުނެލާ ބުނެލުމަކުން އިޢުތިރާފުން ރުޖޫޢަވީ ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތެވެ. ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިޢުތިރާފުން ރުޖޫޢަވާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް، އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ މިންވަރަކަށް ސާބިތުކޮށް ދޭންޖެހެއެވެ. ހަމައެކަނި ބުނެލާ ބުނެލުމަކުން އިޢުތިރާފުން ރުޖޫޢަވީކަމަށް ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާ ފުށުއަރާ ކަމެކެވެ.

HN6 ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވީ އިޢުތިރާފުން ރުޖޫޢަވާ ސަބަބު ބަޔާންކޮށް، އެފަދައިން ބުނާ ސަބަބު ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ އިޢުތިރާފުވާ ފަރާތުގެ މައްޗަށެވެ.

HN7 ދަށު ކޯޓު މަރުޙަލާގައި ޚަބީރަކު ތައްޔާރުކުރާ މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަކާ މެދު ދަޢުވާލިބޭ މީހާ ސުވާލު އުފައްދާފައި ނުވާ ހާލަތެއްގައި، އެ ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ކޮންމެހެން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް ހެކިބަސް ނެގުން ލާޒިމު ފަރާތެއް ނޫނެވެ. ނަމަވެސް، އެ ރިޕޯޓާ މެދު ސުވާލު އުފައްދާ، ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރަން ދަޢުވާލިބޭ މީހާ އެދޭނަމަ، އެ ފުރުޞަތު އޭނާއަށް ފޯރުކޮށްދޭންޖެހޭނެއެވެ.

HN8 ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސްލުކަމުގައި ބަލައިގެން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ދަށު ކޯޓުގައި ހުށަހަޅާފައިނުވާ ނުކުތާތަކެއްގެ މައްޗަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓުގައި ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ނޫނެވެ. ނަމަވެސް، ލެބޯޓަރީއަށް ހުށަހެޅުނު ތަކެއްޗަކީ ހާދިސާ ހިނގި ތަނުން ފެނުނު ތަކެތިކަން އަންގައިދޭ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާ ހާލަތެއްގައި، ބޮޑު ބޭއިންޞާފެއްގެ ސަބަބުން އެ ނުކުތާ ދަށު ކޯޓުގައި ނަގާފައި ނުވިޔަސް ހުށަހަޅައިފިނަމަ، އެ ނުކުތާ ނުބެލޭނެކަމަށް ބުނުމަކީ އިންޞާފުވެރި ގޮތެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އިބްރާހީމް ރަމީޒު
ބެންޗު
އިސްމާޢީލް ޝަފީޢު، ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
އިސްމާޢީލް ޝަފީޢު · ތާއީދުކުރެއްވީ: ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު

ތއާރަފަ

1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2019 ގަޒިއްޔާ (މީގެ ފަހުން "ކްރިމިނަލް ކޯޓުގެ ނިންމުން" ނުވަތަ "ދަށު ކޯޓުގެ ނިންމުން") އެ ކޯޓުން ނިންމާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ބުނެ، ޙުސައިން ޠާއިލު (މީގެ ފަހުން "ޙުސައިން ޠާއިލު") ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ގަޒީއްޔާއެކެވެ. މި ގަޒީއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2މާލެ، […] ޙުސައިން ޠާއިލު މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނެވެ. ފުލުހުންނަށް މި ލިބުނު މައުލޫމާތާ ގުޅިގެން 26 ފެބްރުވަރީ 2019 ދުވަހުގެ 11:30 ގައި ބަލައި ފާސްކުރުމުގެ އަމުރަކާއެކު ފުލުހުން […] ދިޔައެވެ. […] ހަވަނަ ފަންގިފިލާގައި ޙުސައިން ޠާއިލު ދިރިއުޅޭ އެޕާޓްމަންޓްގެ އެންމެ އެތެރޭގައި ހުރި ކޮޓަރީގައި ފުލުހުން ޓަކި ޖެހުމުން ވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން އެ ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އެތަނަށް ވަނެވެ.

3ފުލުހުން އެ ކޮޓަރިއަށް ވަތްއިރު، އެ ކޮޓަރި ތެރޭގައި މީހަކު ހުއްޓެވެ. އެ މީހާއާ ސުވާލުކުރުމުން އެއީ ޙުސައިން ޠާއިލުކަމަށް ފުލުހުން ގާތު އޭނާ ބުންޏެވެ. އެ ގޭގައި މަސްތުވާތަކެއްޗާއި އެ ތަކެއްޗާ ގުޅުން ހުރި އެއްވެސް އެއްޗެއް ހުންނާނެތޯ ފުލުހުން ސުވާލުކުރުމުން، އެފަދަ އެއްވެސް އެއްޗެއް ނުހުންނާނެކަމަށް ޙުސައިން ޠާއިލު ބުނިކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އެ ކޮޓަރި ބަލައި ފާސްކުރަމުން ދަނިކޮށް އެ ވަގުތު އައި.ޑީ.ކަރޑް ނަންބަރު: އެ ކޮޓަރިއަށް އިތުރު މީހަކު އައިކަމަށާއި، އެމީހާއާ ސުވާލުކުރުމުން އެއީ މަޙްމޫދު ޢަބްދުﷲ (މީގެ ފަހުން "މަޙްމޫދު ޢަބްދުﷲ") ކަން އެނގުނުކަމަށް ފުލުހުން ބުނެފައި ވެއެވެ.

4މި ދެ މީހުންގެ ހާޒިރުގައި ފުލުހުން އެ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރެއިން އެ ކޮޓަރީގައި އޮތް ގޮދަޑިއެއް މަތިން ފެނުނު ކައްޓާއާ ގުޅިގެން މި ދެ މީހުންނާ ސުވާލުކުރުމުން އެއީ ޙުސައިން ޠާއިލުގެ އެއްޗެއްކަމަށް އޭނާ ބުނިކަމަށް ފުލުހުން ބުނެއެވެ. އަދި އެ ކޮޓަރީގެ ތެރޭގައި ހުރި ސައިޑް ޓޭބަލްގެ މަތީ ދަމާ ވަތްގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 73 (ހަތްދިހަ ތިނެއް) ރަބަރު ޕެކެޓު އޮތްކަމާއި އެ 73 (ހަތްދިހަ ތިނެއް) ރަބަރު ޕެކެޓު ތަހުލީލުކޮށް ބެލިއިރު، އެއީ ކެނެބިސްކަމަށް ދައްކާކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 30.8634 ގްރާމް ކެނެބިސް ހުރިކަމަށް މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

5މި ވާގިއާތަކުގެ މައްޗަށް ބިނާކޮށް ޙުސައިން ޠާއިލު އަދި މަހްމޫދު ޢަބްދުﷲ ގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 108 ވަނަ މާއްދާގެ (ހ) އާއި، 138 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ 108 ވަނަ މާއްދާގެ

(ނ) ގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓނު މައްސަލަ ނިންމި ގޮތް

6ކްރިމިނަލް ކޯޓުގެ ނިންމުމުގައި ހުކުމްކޮށްފައިވަނީ މަޙްމޫދު ޢަބްދުﷲގެ މައްޗަށް އެ ދައުވާ ސާބިތުނުވާކަމަށެވެ. ނަމަވެސް ޙުސައިން ޠާއިލުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކޮށްފައި ވެއެވެ.

7ކްރިމިނަލް ކޯޓު ގެ ހުކުމްގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން،

1. މަޙްމޫދު ޢަބްދުﷲގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއަށް މަޙްމޫދު ޢަބްދުﷲ އިންކާރުކޮށްފައިވާތީއާ، […] ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި ކޮޓަރީގައި ހުރި ސައިޑް ޓޭބަލްގެ މަތީ ދަމާ ވަތްގަނޑު ތެރޭގައި މަސްތުވާތަކެތި ބަހައްޓާފައިހުރީ މަޙްމޫދު ޢަބްދު ﷲގެ އެނގުމުގެ ތެރެއިންކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތިކޮށްދެވިފައި ނުވާތީ، ދައުލަތުން މަޙްމޫދު ޢަބްދުﷲގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށް،

2. ޙުސައިން ޠާއިލް ގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް ޙުސައިން ޠާއިލު އިންކާރުކޮށްފައިވީނަމަވެސް، […] ގޭގެ 6 ވަނަ ފަންގިފިލާގައި ހުރި ކޮޓަރީގައި ހުރި ސައިޑް ޓޭބަލްގެ މަތީ ދަމާ ވަތްގަނޑު ތެރޭގައި ހުރި މަސްތުވާތަކެތީގެ މައުނަވީ ހިޔާޒަތު ޙުސައިން ޠާއިލުއަށް ލިބިގެންވާކަމާއި، އެތަކެތި ބަހައްޓާފައިހުރީ ޙުސައިން ޠާއިލްގެ އެނގުމުގެ ތެރެއިންކަން އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުން، ޙުސައިން ޠާއިލް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،

3. މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާ، އެ ޤާނޫނުގެ 138 ވަނަ މާއްދާގެ (ބ) އާއި އެ ޤާނޫނުގެ 108 ވަނަ މާއްދާގެ

(ނ) ގެ ދަށުން، ޙުސައިން ޠާއިލް އުމުރަށް ޖަލަށްލުމާއެކު، -/100،000ރ. (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާކުރުމަށް ޙުކުމްކޮށް،

4. މި ފައިސާ މިއަދުން (25 ސެޕްޓެމްބަރ 2023) ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޙުސައިން ޠާއިލްއަށް އަންގައި،

5. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 186 ވަނަ މާއްދާއަށާއި މި މައްސަލައިގެ ތަޙްޤީޤް މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާގައި ޙުސައިން ޠާއިލް ބަންދުގައި ހޭދަކުރި މުއްދަތަށް ރިޢާޔަތްކުރާއިރު، ޙުސައިން ޠާއިލްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 08 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަމަށް ކަނޑައަޅައި، މި ގޮތުގެ މަތިން ޙުކުމްކޮށް، މި ގަޒިއްޔާ ނިންމީއެވެ." އިސްތިއުނާފީ ނުކުތާތައް

8ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަމަށް ބަޔާންކޮށް، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުސައިން ޠާއިލު އިސްތިއުނާފު ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާގެ މައްޗަށް ބިނާކޮށެވެ.

1.8. ޙުސައިން ޠާއިލުގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައި ނުވާއިރު، ޙުސައިން ޠާއިލުގެ މައްޗަށް ކުށް ސާބިތުވާކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާޙީމް ނާފިޛް ގަޒިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓު ގެ މުޙައްމަދު ޒަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް ކަމަށެވެ.

2.8. މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ގާނޫނުއަސާސީގެ 42 ވަނަ މައްދާގެ (ހ) އާއި (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު އާދަމް ހަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދު ގެ 11 ވަނަ މާއްދާގެ (ށ) އާއި ހިލާފަށް ކަމަށެވެ.

ޙުސައިން ޠާއިލުގެ ބަހުސް އަދި އެދޭ ގޮތް

9ޙުސައިން ޠާއިލު ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ތަފްސީލުކޮށް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައި ވެއެވެ. މި ނުކުތާތަކުގެ ތަފްސީލު ޝަރީއަތުގައި ހުށަހަޅާފައިވާއިރު އެ ނުކުތާތަކުގެ ހުލާސާއެއް ތިރީގައި ބަޔާންކުރަމެވެ.

1.9.ގ. ވަށަފަރުގޭގެ 6 ވަނަ ފަންގިފިލާގައި ހުސައިން ޠާއިލު ހުރިކަމުގައި ޕްރޮސިކިއުޝަނުން ބުނާ ކޮޓަރިއަކީ ޙުސައިން ޠާއިލު ދިރިއުޅޭ ކޮޓަރި ނޫންކަމަށާއި، އެ ކޮޓަރިން ފެނުނުކަމުގައި ބުނާ މަސްތުވާތަކެއްޗަކީ، ޙުސައިން ޠާއިލުގެ ހިޔާޒަތުގައި ހުރި ތަކެތި ނޫން ކަމަށެވެ. އެ ކޮޓަރިއަކީ ޙުސައިން ޠާއިލު ގެ ރައްޓެއްސެއްކަމުގައިވާ ވަނަމަކަށް "އައްޔަ" ކިޔާ މީހެއްގެ ތަނެއްކަމަށާއި، އައްޔަގެ ފުރިހަމަ މައުލޫމާތު ޙުސައިން ޠާއިލުއަށް ނޭނގޭ ކަމަށެވެ. ޙުސައިން ޠާއިލުގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް ބުނާ މައިގަނޑު ސަބަބަކީ މަސްތުވާތަކެތި އެތަނުގައި ހުރިކަމުގެ މައުލޫމާތު ޙުސައިން ޠާއިލުއަށް އެއްވެސް މިންވަރަކަށް ގަވާއިދު ނަންބަރު 106-2023/R އެނގިފައި ނުވުމާއި، އެ ކޮޓަރިން ފެނުނުކަމުގައި ބުނާ މަސްތުވާތަކެތި ހުރީ ވެސް ހާމައަށް ނޫންކަމުގައި ވާތީއެވެ. އަދި، އެ ތަކެތި ހުރީ ވަރަށް ބޮޑަށް ޕެކްކޮށްފައިކަން ފުލުހުންގެ ބަޔާންތަކުން އެނގޭކަމަށެވެ. އެ ދުވަހު ފުލުހުން އައަ އިރު ހުސައިން ޠާއިލުއަށް އޮތީ ނިދިފައި ކަމަށާއި، ފުލުހުން އައިސް ޓަކި ޖެހިކަމެއް ހުސައިން ޠާއިލު އަށް ނޭނގޭކަމަށެވެ.

2.9.ޙު ސައިން ޠާއިލު ގެ ބަންދާމެދު ގޮތެއް ކަނޑައެޅި މަޖިލީހުގައި ޙުސައިން ޠާއިލު ދީފައިވާ އިއުތިރާފު ބަޔާނަކީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމުގައި ކަނޑައެޅިދާނެ ބަޔާނެއް ނޫންކަމަށް މި ނުކުތާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. އެ ދުވަހު އެފަދައިން ޙުސައިން ޠާއިލު ބުނެފައިވަނީ އޭނާގެ ކޮއްކޮ ސަލާމަތްކުރުމުގެ ނިޔަތުގައި ކަމަށާއި، މީހަކު ހުރި ތަނަކުން ނުވަތަ މީހަކު ނިދާފައި އޮތް ތަނަކުން ފުލުހުން ހޯދާ މަސްތުވަތަކެތީގެ ހިޔާޒަތު އެ މީހެއްގެ މައްޗަށް އޮތުމުގައި އެ ތަކެއްޗާ އެމީހައާ ގުޅުވާލެވޭނެ ހަރުދަނާ ސަބަބެއް ނެތި ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޒަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ވެސް ފެނުނުކަމުގައި ބަޔާންކުރާ މަސްތުވާތަކެއްޗާ ޙުސައިން ޠާއިލުއާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ހޯދިފައި ނެތްކަމަށެވެ.

3.9.އިސްތިއުނާފީ ދެވަނަ ނުކުތާގައި ޙުސައިން ޠާއިލު ފާހަގަކޮށްފައިވަނީ މަސްތުވާތަކެތީގެ ތަހްލީލު ރިޕޯޓާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. މަސްތުވާތަކެތީގެ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅޭނީ މަސްތުވާތަކެތި ތަހްލީލުކުރެވުނު ގޮތާއި ފެނުނުކަމުގައި ބުނާ މަސްތުވާތަކެތީގެ ނަތީޖާ ހޯދުނު އިޖުރާއަތު ސައްހަވެގެންކަމަށާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ހަބީރެއްގެ ގޮތުގައި ޕްރޮސިކިއުޝަނުން ހުށަހަޅާފައި ނުވާކަމަށެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅިގެން ހުސައިން ޠާއިލު ވާނީ ސުވާލު އުފައްދާފައި ކަމަށާއި، ޗެއިން އޮފް ކަސްޓަޑީ ކާޑުތަކުގައި ކަނޑާ އިސްލާހު ކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ މަސްތުވާތަކެތި ތަހުލީލު ކުރުމުގެ ކުރިންކަން ނުވަތަ ފަހުންކަން އެނގެން ނެތްކަމަށެވެ.

10އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގއަ އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2019 ގަޒިއްޔާގައި ޙުސައިން ޠާއިލު ގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމުގައި ކަނޑައަޅާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ މުޅިން ހިލާފަށްކަމުގައި ކަނޑައަޅައި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ހުސައިން ޠާއިލު މިނިވަންކޮށްދެއްވުމަށެވެ.

ދައުލަތުގެ ޖަވާބު އަދި އެދޭ ގޮތް

11އިސްތިއުނާފީ ނުކުތތަކުގާ ޖަވާބު ތަފްސީލުކޮށް ދައުލަތުން ހުށަހަޅާފައި ވެއެވެ. އަދި މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ވެސް އެ ނުކުތާތަކާ ގުޅިގެން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައި ވެއެވެ. އެ ވާހަކަ ތައް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނޭނެތީ، ހުލާސާ ގޮތެއްގައި އެކަންކަން ފާހަގަކުރަމެވެ.

1.11. ފުރަތަމަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ޙުސައިން ޠާއިލު މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ހުސައިން ޠާއިލުގެ ހިޔާޒަތުގައި ހުރި އެއްޗެއް ނޫންކަމަށާއި، ހުސައިން ޠާއިލު މިހެން ބުނާ މައިގަނޑު ސަބަބަކީ މަސްތުވާތަކެތި ފެނުނު ގެއަކީ އޭނާ ދިރިއުޅޭ ތަނަކަށް ނުވާތީ ކަމަށާއި ނަމަވެސް އެއީ ދިފާއެއް ނޫން ކަމަށެވެ. ސަބަބަކީ ދައުވާކޮށްފައިވާ ކުށް ސާބިތުކުރުމަށްޓަކައި މަސްތުވާތަކެތި ފެނުނީ އެމީހަކު ކުއްޔަށް ހިފާފައިވާ އެމީހަކު ދިރިއުޅޭ ތަނަކަށް ވުން ލާޒިމް ނުވާތީ ކަމަށެވެ. ޕްރޮސިކިއުޝަނުން ސާބިތުކޮށްދޭންޖެހޭނީ މަސްތުވާތަކެއްޗާއި ހުސައިން ޠާއިލުއާ އޮތް ގުޅުމާއި، އެތަކެތި ހުސައިން ޠާއިލުގެ ހިޔާޒަތުން ފެނިފައިވާކަން ނުވަތަ ނޫންކަމެވެ. މީގެ އިތުރުން "އައްޔަ" އަކީ ކާކުކަން ފުލުހުން ހޯދާފައި ނުވާކަމަށް ޙުސައިން ޠާއިލު ބުނާ ވާހަކަތަކަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށާއި، އެ ތަނަކީ އެހެން މީހެއްގެ ތަނެއްކަމުގައި ބުނާނަމަ އެކަން ސާފުކޮށްދިނުމަކީ އެހެން ބުނާ މީހެއްގެ ޒިއްމާއެއް ކަމަށެވެ.

2.11. ހާދިސާ ހިނގި ތަނުން ހުސައިން ޠާއިލު ފެނުނުއިރު ހުރި ހާލަތާއި، ހުސައިން ޠާއިލުގެ ކުޑަކަމުދާތަކެތި، ހާދިސާ ހިނގި ތަނުން ފެނުނު މަސްތުވާތަކެއްޗަށް ފައްސިވުމާއި، އެ ވަގުތު ޙުސައިން ޠާއިލު ފިޔަވައި އިތުރު އެއްވެސް މީހެއް އެ ތަނުގައި ނެތްއިރު، ހުސައިން ޠާއިލު އެ ކޮޓަރި ތަޅުލައިގެން އެތެރޭގައި ހުރުމުން އެ ތަނުގެ ކޮންޓްރޯލް އެ ވަގުތު ހުސައިން ޠާއިލުގެ އޮތުމާއި، އެ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ ޙުސައިން ޠާއިލު ބޭނުންކުރަން ގެންގުޅުނު މަސްތުވާތަކެތިކަމަށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޙުސައިން ޠާއިލު ބުނެފައިވުމާއި، އެ ކޮޓަރިން މަސްތުވާތަކެތި ކިރަން ގެންގުޅޭ ބާވަތުގެ ކައްޓާއެއް ފެންނަން އޮތުމުން ޙުސައިން ޠާއިލުގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ރަނގަޅުކަމަށް ދައުލަތުން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، ޙުސައިން ޠާއިލުގެ ބަންދާ މެދު ގޮތެއު ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި އިތުރު ނުފޫޒެއް ނެތި ވެފައިވާ އިއުތިރާފެއްކަމަށާއި އެ އިއުތިރާފުން ރުޖޫއަވެވޭނެ ގާނޫނީ ސަބަބެއް ބަޔާންކޮށްދީފައި ނުވާކަމަށެވެ.

3.11. އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ މަސްތުވާތަކެތީގެ ތަހުލީލް ރިޕޯޓަކީ އެކަމުގެ ތަޖުރިބާ ލިބިފައި ހުރި ހަބީރަކު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށާއި މި ރިޕޯޓާ މެދު ޙުސައިން ޠާއިލު ސުވާލު އުފައްދާފައި ނުވާ ކަމަށެވެ. ހަބީރެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެއް ރޭންކެއްގެ އެކްސްޕާޓެއް ކަމަށާއި، މަސްތުވާތަކެތި ތަހްލީލުކުރިއިރު އޭނާ ހާޒިރުގައި ހުރި ކަމަށެވެ. ހެކިބަސް ދޭން އޭނާ ހާޒިރުކުރުމުން އެއީ ރިޕޯޓު ތައްޔާރުކުރި މީހާ ނޫންކަން ހާމަވުމުން ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޒިރުކޮށް ހެކިބަސް ނެގުމަށް އެދުމުން، އެކަމަށް ޙުސައިން ޠާއިލު އިންކާރު ކޮށްފައިވާކަމަށާއި، އެހެންކަމުން މިއީ މިހާރު ހުށަހެޅޭނެ ޝަކުވާއެއް ނޫންކަމަށެވެ.

12ދައުލަތުން އެދިފައިވަނީ އިސްތިއުނާފު ފޯމުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލައި، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ދެއްވުމަށ ވެ. ޝަރީޢަތުން ފާހަގަކުރާ ކަންކަން ފުރަތަމަ އިސްތިއުނާފީ ނުކުތާ

13HN1ޙުސައިން ޠާއިލު ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ބަހުސަކީ އޭނާގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައި ނުވާއިރު ވެސް އޭނާގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ކަނޑައަޅާފައި ވުމެވެ. މި ނުކުތާގައި ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާޙީމް 9 8 ނާފިޛް ގަޒިއްޔާ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ މުޙައްމަދު ޒަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށެވެ. މި ނިންމުންތަކަށް ބަލާއިރު، މައުނަވީ ހިޔާޒަތުން މަސްތުވާތަކެތި ފެނުނުކަން ކަނޑައެޅުމުގައި ކުށް ސާބިތުވާނީ އެ މަސްތުވާއެއްޗަކާ އެމީހާއާ ގުޅުވާދޭ އިތުރު ހެކި ގަރީނާ ނުވަތަ އޭނގާ އަތުގައި އެ މަސްތުވާތަކެތި ބެހެއްޓުމުގެ ނިޔަތެއް ނުވަތަ މޯޓިވްއެއް އޮތްކަން ދަލާލާތުކޮށްދޭ ހެކި ހުށަހެޅުމުންނެވެ.

14މި ނުކުތާއާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ފުރަތަމަ ބަލަންޖެހޭ އެއްކަމަކީ ޙުސައިން ޠާއިލުގެ ހިޔާޒަތުން މަސްތުވާތަކެތި ފެނުނުކަމަށް ފަނޑިޔާރު ނިންމާފައިވަނީ ކޮން ވާގިއާތަކަކަށް ރިއާޔަތްކުރުމަށްފަހު ކަމެވެ. ފުރަތަމަ ކަމަކީ، ޙުސައިން ޠާއިލު ހުރި ކޮޓަރީގައި ހުރި ވަތްގަނޑަކުން މަސްތުވާތަކެތި ފެނިފައިވުމެވެ. އެ ކޮޓަރީގައި އޮތް ވޮލެޓަކުން ޙުސައިން ޠާއިލުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފެނިފައި ވެއެވެ. ފުލުހުން އެ ކޮޓަރި ބަލައިފާސްކުރަން ދިޔަ ވަގުތު އެ ކޮޓަރީގައި ހުރީ ޙުސައިން ޠާއިލު އެކަންޏެވެ. އަދި، ފުލުހުން އެ ކޮޓަރީގައި ޓަކި ޖަހައި ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން އެ ކޮޓަރިއަށް ފުލުހުން ވަދެފައި ވެއެވެ. އެހެންކަމުން، މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 143 ވަނަ މާއްދާގެ (ޅ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްމާޢީލް ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި މައުނަވީ ހިޔާޒަތުން މަސްތުވާތަކެތި ފެނުނުކަން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަމާ ހަވާލާދީ މަސްތުވާތަކެތި ހުރީ ޙުސައިން ޠާއިލުގެ ހިޔާޒަތުގައި ކަމަށް ކަނޑައަޅާފައި ވެއެވެ.

15މައުނަވީ ރުކުން ސާބިތުވޭތޯ ބެލުމުގައި ފަނޑިޔާރު ރިއާޔަތްކޮށްފައިވަނީ ދެ ކަމަކަށެވެ. ފުރަތަމަކަމަކީ މި މައްސަލައާ ގުޅިގެން މަސްތުވާތަކެތި ހުރި ކޮޓަރި ބަލައި ފާސްކުރި ފުލުހުން އެ ކޮޓަރީގައި ޓަކި ޖަހައި ހުޅުވަން އެންގުމުން ވެސް އެ ކޮޓަރި ހުޅުވާފައި ނުވުމެވެ. އަދި، ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ކޮޓަރިއަށް ވަންނަންޖެހުމެވެ. ފަނޑިޔާރު މި ނުކުތާގައި ފާހަގަކުރައްވާފައިވާ ކަމަކީ، ކުށް ނުކުރާ މީހެއްނަމަ، އެ ހާލަތުގައި އެގޮތަށް އަމަލުކުރާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އެންމެ މުހިއްމު ނުކުތާއަކީ، ޙުސައިން ޠާއިލު ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރުމުން، އެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށާއި އެއީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށް ބުނެ އެ ތަކެތި އެ ކޮޓަރީގައި ހުރިކަން އޭނާއަށް އެނގޭކަމަށް ވެފައިވާ އިގުރާރެވެ. އެހެންކަމުން، މަސްތުވާތަކެތި އެ ކޮޓަރީގައި ހުރިކަން ޙުސައިން ޠާއިލުއަށް އެނގޭކަމަށް ފަނޑިޔާރު ކަނޑައަޅާފައިވަނީ މި ކަންކަމަށް ރިއާޔަތް ކޮށެވެ.

16HN2ޙުސައިން ޠާއިލު ހުރި ކޮޓަރި ބަލައި ފާސްކުރަން ފުލުހުން ދިޔައިރު، އެ ކޮޓަރީގައި ހުރީ ޙުސައިން ޠާއިލު އެކަންޏެވެ. އެ ކޮޓަރި ހުރީ ތަޅުލާފައެވެ. އެ ކޮޓަރިއަކީ އޭނާ ދިރިއުޅޭ ކޮޓަރި ނޫންކަމަށް ބުނާ ބުނުން ފިޔަވައި އެއްވެސް އިތުރު ކަމެއް އެ ބުނުމަށް ބާރުދިނުމަށް ޙުސައިން ޠާއިލު ހުށަހަޅާފައެއް ނުވެއެވެ. އަދި އެގޮތުގެ މަތިން ކަން ހިނގިކަމަށް ބެލިޔަސް ވެސް އެ ގަޑީގައި އެ ކޮޓަރި ތަޅުލައިގެން ހުރީ ޙުސައިން ޠާއިލު އެކަންޏެވެ. އެ ކޮޓަރީގައި ހުރީ ކޮން އެއްޗެއްކަން އޭނާއަށް ފެންނާނެއެވެ. އެ ކޮޓަރީގައި ހުރި އެއްޗެއްގެ މައްޗަށް އޭނާއަށް ބާރު ފޯރުވޭނެއެވެ. އެ ކޮޓަރިން އެއްޗެއް ނަގަން ބޭނުންނަމަ، ނުވަތަ އެ ކޮޓަރިން އެއްޗެއް ބޭރުކުރަން ބޭނުންނަމަ، އެ އިހުތިޔާރު އޭނާއަށް އޮތްކަން ސާފެވެ. މި ހާލަތަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ ހާލަތެކެވެ. އެހެންކަމުން، ކުށުގެ މާއްދީ ރުކުނުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތަކެތި ހުރީ ޙުސައިން ޠާއިލުގެ ހިޔާޒަތުގައިކަން ސާބިތުވާކަމަށް ކަނޑައެޅުމުގައި ދަށު ކޯޓުގެ ފަނޑިޔާރުގެ ނިންމުން ބަދަލގެންނަންޖެހު ސަބަބެއް އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

17ދެވަނަ ކަމަކީ ކުށުގެ މައުނަވީ ރުކުނެވެ. ޙުސައިން ޠާއިލުގެ ބަހުސަކީ އެ ކޮޓަރީގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އެފަދައިން ކަން ހިނގާފައިވާއިރު އޭނާގެ ހިޔާޒަތުން މަސްތުވާތަކެތި ފެނިފައިވާކަމަށް ކަނޑައަޅާފައިވަނީ އިސްވެ ހަވާލާދީފައިވާ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް ކަމަށެވެ. ކުރިން ވެސް ފާހަގަކުރި ފަދައިން، އެ ކޮޓަރިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ކޮޓަރީގައި ހުރިކަން ޙުސައިން ޠާއިލުއަށް އެނގޭކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވުމުގައި ރިއާޔަތްކޮށްފައިވާ އެންމެ މުހިއްމު ހެއްކަކީ މި މައްސަލައާ ގުޅިގެން ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިގުރާރެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ޙުސައިން ޠާއިލު ބުނެފައިވާ ގޮތުގައި އެ ކޮޓަރިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކެ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށެވެ.

18HN3ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފަކީ މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ ވަސީލަތެކެވެ. މި މައްސަލަ ދަށު ކޯޓުގއަ ކުރިއަށް ދިޔައިރު ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައި ނުވި ނަމަވެސް، މިހާރު އަމަލުކުރަމުންދާ ހެއްކާބެހޭ ގާނޫނު ގެ 73 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވާހަކައާ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވާހަކައަކީ އުސޫލެއްގެ ގޮތުން އެއް ވާހަކައެއް ކަމުގައި އަހުރެން ދެކެމެވެ. ހެއްކާބެހޭ ގާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް، ފަނޑިޔާރެއްގެ ކުރިމަތީގައިވާ އާއި ތިރާފަކީ މ ގާނޫނުގައި، ނުވަތަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހަމައެކަނި އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، އެ އިއުތިރާފުވި މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭނެ ކާފީ ހެއްކެކެވެ.

19HN4ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޙުސައިން ޠާއިލު އިއުތިރާފުވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށަށެވެ. ނަމަވެސް، މިކަމުގެ ގާނޫނީ ނަތީޖާއަށް ވިސްނާލާއިރު، ކެނެބިސް ބޭނުންކުރާކަމަށް ވީ އިއުތިރާފުގެ ސަބަބުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށަށް އިއުތިރާފްވެވޭކަން ފާހަގަކުރެވެއެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 138 އަދި 139 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި 14 (ސާދަ) ގްރާމް ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް އަތުގައި ކެނެބިސް ހުރެއްޖެ ނަމަ އެ މީހަކު ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއެވެ. ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކެނެބިސް ބޭނުންކުރުމުގެ ކުށަށް އިއުތިރާފްވަމުން ޙުސައިން ޠާއިލު ފާހަގަކޮށްފައިވަނީ އެ ކޮޓަރިން ފެނުނު ތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށެވެ. އެހެންކަމުން، އެ ކޮޓަރީގައި ހުރީ މަސްތުވާތަކެތިކަން ޙުސައިން ޠާއިލުއަށް އެނގޭކަން ސާފެވެ. މި ތަކެއްޗަކީ ކެނެބިސްކަމަށް ވާއިރު، އޭގެ ބަރުދަނުގައި 14 (ސާދަ) ގްރާމް ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ހުރެއްޖެނަމަ، އެއީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމުގައި ވީނަމަވެސެ އެ ތަކެތި ހުރީ އޭނާގެ ހިޔާޒަތުގައި ކަމަށް ވެފައި އެ ތަކެތި އޭނާގެ ހިޔާޒަތުގައި ހުރިކަން އެނގޭނަމަ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ރުކުންތައް ފުރިހަމަވާނެއެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 138 އަދި 139 ވަނަ މާއްދާ ބަޔާންކުރާ ގޮތުން އެ މީހެއްގެ އަތުގައި ހުރި ކެނެބިސް ހުރީ ބޭނުންކުރަން ކަމަށް ވީނަމަވެސް 14 (ސާދަ) ގްރާމް ނުވަތަ އެއަށްވުރެ އިތުރަށް ކެނެބިސް އޭނާގެ އަތުގައި ހުރެއްޖެނަމަ އެ ތަކެތި އޭނާގެ އަތުގައި ހުރީ ޓްރެފިކްކުރުމަށްކަމަށް މި ގާނޫނު އިފްތިރާލު ކުރެއެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން ޙުސައިން ޠާއިލުގެ ބަންދާމެދު ގޮތެއް ކަނޑައެޅި ޝަރީއަތުގެ މަޖިލީހުގައި ޙުސައިން ޠާއިލު މަސްތުވާތަކެތި ބޭނުން ކުރާކަމަށް ބަޔާންކޮށް ދައްކާފައިވާ ވާހަކަތަކުގެ ނަތީޖާއަކީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށަށް ވެސް އިއުތިރާފްވެވުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

20HN5މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކުގައި ޙުސައިން ޠާއިލު މި ބަޔާންކުރެވުނު އިއުތިރާފުން ރުޖޫއަވެފައި ވެއެވެ. އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭރު އެގޮތަށް ބުނެފައިވަނީ، އޭނާގެ ކޮއްކޮ މަޙްމޫދު ޢަބްދުهللا ސަލާމަތްކުރުމުގެ ގޮތުން، އެ މަސްތުވާތަކެއްޗާ ހަވާލުވުމަށެވެ. މި މައްސަލަ ދަށު ކޯޓުގައި 22 21 ކުރިއަށްދިޔައިރު ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައި ނުވާތީ، ހެއްކާބެހޭ ގާނޫނު ގައި އިއުތިރާފުން ރުޖޫއަވުމާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ އުސޫލުތައް މި މައްސަލައަށް ތަތުބީގުކުރެވޭނެ ކަމަކަށް ނުދެކެމެވެ. ނަމަވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބުއްދި ސަލާމަތުން ހުރެ ކުށަކާ ގުޅިގެން ވާ އިއުތިރާފުން ރުޖޫއަވުމަށް ހަމައެކަނި ބުނެލާ ބުނެލުމަކުން އިއުތިރާފުން ރުޖޫއަވީ ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތެވެ. ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިއުތިރާފުން ރުޖޫއަވާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށް ޝަރީއަތަށް ގަބޫލުކުރެވޭ ފަދަ މިންވަރަކަށް ސާބިތުކޮށް ދޭންޖެހެއެވެ. އެކަން ވާންޖެހޭނީ ވެސް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް، ފަނޑިޔާރަށް ގަބޫލުކުރެވޭ ފަދަ މިންވަރަކަށް ބަޔާންކުރެވޭ ސަބަބަކަށެވެ. ހަމައެކަނި، ބުނެލާ ބުނެލުމަކުން އެ މީހަކު ފަނޑިޔާރެއްގެ ކުރިމަތީ ވެފައިވާ އިއުތިރާފުން ރުޖޫއަވީކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ފުށޫއަރާ ކަމެއްކަމަށް އަހުރެން ދެކެމެވެ.

21HN6ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވީ އިއުތިރާފުން ރުޖޫއަވާ ސަބަބު ބަޔާންކޮށް އެފަދައިން ބުނާ ސަބަބު ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ އިއުތިރާފުވާ ފަރާތުގެ މައްޗަށެވެ. ނަމަވެސް، ދަށު ކޯޓުގައި މި އިއުތިރާފުން ރުޖޫއަވާ ސަބަބު ބަޔާންކޮށްދިނުމުގެ ގޮތުން ޙުސައިން ޠާއިލު އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަން ސާފުކޮށް ފާހަގަކުރެވެއެވެ. އެހެންކަމުން، ފަނޑިޔާރެއްގެ ކުރިމަތީގައި ޙުސައިން ޠާއިލު ވެފައިވާ އިއުތިރާފުން ރުޖޫއަވެފައިވާކަމަށް ބެލެވޭނެ ހާލަތެއް ނެތެވެ. މި ހާލަތުގައި، ޙުސައިން ޠާއިލުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު އަޑުއެހުމުގައި ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ޙުސައިން ޠާއިލު ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ބަލައި، އެ އިއުތިރާފުގެ މައްޗަށް ބުރަވެ ކުށުގެ މައުނަވީ ރުކުން ސާބިތުވާކަމަށް ފަނޑިޔާރު ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތެވެ.

22މި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ދަށު ކޯޓަށް ހުށަހެޅުނު ދައުވާގައި ބަޔާންކުރާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ޙުސައިން ޠާއިލުގެ ހިޔާޒަތުގައި ހުރިކަމާއި އެ ތަކެތި އެ ތަނުގައި ހުރިކަން އޭނާއަށް އެނގޭކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް އަހުރެންނަށް ފާހަގަކުރެވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

23އިސްތިއުނާފީ ދެވަނަ ނުކުތާގައި ޙުސައިން ޠާއިލު އުފައްދާ ބަހުސަކީ މި މައްސަލައިގެ އެންމެ މުހިއްމު އެއް ހެކި ކަމަށްވާ މަސްތުވާތަކެއްޗާބެހޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާތީ އާއި އެ ހެއްކާ ސުވާލުކޮށް މުނާގަޝާކުރުމުގެ ފުރުސަތު ލިބިފައި ނުވާއިރު، އެ ހެކީގެ މައްޗަށް ބަރޯސާވެ އެ ހެއްކަށް ބުރަދަންދީ މައްސަލައިގެ ހުކުމް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

24މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުން ހުށަހެޅި ހެކި ލިސްޓުގައި މަސްތުވާތަކެތި ތަހުލީލުކުރި ފަރާތް ހިމަނާފައެއް ނެތެވެ. މަސްތުވާކެތި ތަހުލީލުކުރެއްވި ސިވިލް އޮފިސަރ އާމިނަތު ޝަމާ (ސ.ނ. C1700) ގެ ބަދަލުގައި ހެކި ލިސްޓުގައި އޮތީ ޑެޕިއުޓީ ޗީފް ސިވިލް އޮފިސަރ މަރްޔަމް ސިނާނާ (ސ.ނ. 1772C) ގެ ނަމެވެ. މިކަން ފާހަގަވެފައިވަނީ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާ ގުޅިގެން މަރްޔަމް ސިނާނާގެ ހެކިބަސް ނެގުމަށްޓަކައި 25 ސެޕްޓެންބަރު 2022 ދުވަހު ބޭއްވި އަޑުއެހުމުގައެވެ. މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ބަދަލުގައި އެ ރިޕޯޓު ތައްޔާރުކުރިއިރު ހާޒިރުވެ ހުރި ފަރާތް ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވަނީ މި އަޑުއެހުމުގައެވެ. މި މައްސަލައިގެ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތަކީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތެއް ނޫނެވެ. މިކަން ދައުލަތުގެ ސަމާލުކަމަށް ވެސް އައީ ހެކިބަސް ނެގުމުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު އެކަން ފާހަގަ ކުރެއްވުމުންނެވެ. އެކަން ފަނޑިޔާރު ފާހަގަ ކުރެއްވުމުން އެ ހެކި ހުށަހެޅުމުގެ ފުރުސަތަކަށް ދައުލަތުން އެދުނެވެ. ނަމަވެސް، މައްސަލަ ބައްލަވާ ފަނޑިޔާރު އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.

25މި ނުކުތާއާ ގުޅިގެން ދައުލަތުން ފާހަގަ ކޮށްފައިވާ ފުރަތަމަ ކަމަކީ ކިތާބީ ހެއްކެއްގެ ސައްހަކަމާމެދު ސުވާލު އުފައްދާފައި ނުވާނަމަ އެ ހެއްކަކީ ސައްހަ ހެއްކެއް ކަމުގައި ބަލަންޖެހޭނެ ކަމަށެވެ. ދައުލަތުން ހަވާލާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުهللا ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށެވެ. މި މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ މަސްތުވާތަކެއްޗާބެހޭ ތަހުލީލު ރިޕޯޓުގެ ސައްހަކަމާމެދު ޙުސައިން ޠާއިލު ސުވާލު އުފައްދާފައި ނުވާތީ މި ހެކީގެ ސައްހަކަމާމެދު ސުވާލު އުފެދޭ ހާލަތެއް މެދުވެރިވެފައި ނުވާކަމަށް ދައުލަތުން ފާހަގަކޮށްފައި ވެއެވެ.

26މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު، ކިތާބީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވެއެވެ. ނަމަވެސް، އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެއް ނުވެއެވެ. މި މައްސަލައިގެ ޝަރީއަތް ފެށިގެން ހުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް ވެސް ޙުސައިން ޠާއިލުގެ ދިފާއަކީ މަސްތުވާތަކެތި ހުރި ކޮޓަރިއަކީ އޭނާ ދިރިއުޅޭ ތަން ނޫންކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ކޮޓަރިއެއް ކަމަށެވެ. އެ ކޮޓަރިން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި ކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/40 ގަޒިއްޔާ އެއްވެސް އިރެއްގައި ޙުސައިން ޠާއިލު ސުވާލު އުފައްދާފައެއް ނުވެއެވެ. ނުވަތަ އެކަމާ ގުޅުންހުރި އެއްވެސް ވާހަކައެއް ތަހުގީގުއާއި ޝަރީއަތުގައި ވެސް ފާހަގަކޮށްފައެއް ނުވެއެވެ. ހުލާސާ ބަޔާނުގައި ޙުސައިން ޠާއިލުގެ ދިފާއު ބަޔާންކުރުމުގެ ގޮތުން ދައްކާފައިވާ ވާހަކަ ތިރީގައި ނަކަލު ކޮށްލާނަމަވެ. "އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަންތައްތަކަކީ […] އެއީ އަޅުގަނޑުގެ ރައްޓެއްސަކު އުޅުނު ގެއެއް. އަޅުގަނޑު އެ ގެއަށް ދަނީ އެ ގޭގައި ޕީއެސްއެއް ހުންނާތީ ޕީއެސް ކުޅެންވެގެން. އަބަދުވެސް އެ ގެއަށް ގޮސް އެހެން ވަރަށް ގިނަ ވަގުތު އެ ގޭތެރޭގައި ހޭދަކުރާ މީހެއް. ދެން އަޅުގަނޑު ދިރިއުޅޭ ތަނެއްކަން ހަމައެކަނި ދައުލަތުން ބުނާ ބުނުމަކީ އަޅުގަނޑުގެ ވޮލެޓެއް...އަޅުގަނޑުގެ ވޮލެޓު އަޅުގަނޑު މިތަނަށްވެސް ގެނައިން. އޭގެ މާނައަކީ އަޅުގަނޑުގެ ތަނެއް ކޯޓަކީ. އެހެނެއް ނުބުނެވޭނެއެއްނުން. ދެން ފެނުނު އެއްޗެހި، އެބުނާ މަސްތުވާތަކެތި އެއްވެސް އެއްޗަކުން އަޅުގަނޑުގެ ފިންގަރޕްރިންޓެއް ޑީ.އެން.އޭ އެއްވެސް ދައުލަތަކުން ދެއްކިފައެއް ނެތް. އަދި، ދައުލަތުން އެބުނާ އަޅުގަނޑުގެ ކައްޓާއެކޭ ބުނާ ކައްޓާއެއް ވެސް ދައުލަތުން ކޯޓަށް ދެއްކިފައެއް ނުވޭ. އެ ބުނާ ކައްޓާއަކި ހަމަ ކަނޑައެޅިގެން ދޮގެއްކަން އަޅުގަނޑު ފާހަގަކޮށްލަން. އެއީ އެއްވެސް ކައްޓާއެއް އެ ތަނަކުން ނުފެނޭ. އަދި ކައްޓާއެއް ދައުލަތުން ދެއްކުނީކީ ވެސް ނޫން. ދެން ހައްޔަރުކުރެވުނުއިރު އަޅުގަނޑު އެން.ޑީ.އޭގައި އުޅުނު މީހެއް މިއީ. އަޅުގަނޑު އެން.ޑީ.އޭގައި އިން މައްސަލަ އަދި އޭރުގައި ނުނިމޭ. އަޅުގަނޑުގެ ކުޑަކަމުދާތަކެތީގެ އެއިންނަ އެއްޗަކީ އަޅުގަނޑު އެން.ޑީ.އޭ އަދި ނުނިންމާ އުޅެނިކޮށް އަޅުގަނޑު އެ މައްސަލާގައި ގޮއްސަ އިންނަނީ. އަޅުގަނޑުގެ ކުޑަކަމުދާތަކެތީގައި ހުރެދާނެ ހަމަ ޕޮޒިޓިވް ވެދާނެ އެއީ އަޅުގަނޑު، އެއީ ހަމަ އެން.ޑީ.އޭ ފެއްޓިތާ ފުރަތަމަ ދުވަސްކޮޅު އެއީ. އަޅުގަނޑުގެ ކޮއްކޮ ވެސް ހަމަ ފެއްޓިތާ ފުރަތަމަ ދުވަސްކޮޅު. ޝުކުރިއްޔާ."

27މަތީގައި ބަޔާންކުރެވިފައިވަނީ ޙުސައިން ޠާއިލުގެ ހުލާސާ ބަޔާނުގައި އޭނާގެ ދިފާއު ހުށަހެޅަމުން ދެއްކި ވާހަކަތަކެވެ. ތަހުގީގުގަ އާއި ޝަރީއަތުގައި ޙުސައިން ޠާއިލުގެ ދިފާއު ހުށަހެޅިއިރު، ދައުވާގައި ބަޔާންކުރާ ކޮޓަރިން ފެނުނު ތަކެއްޗަކީ މަސްތުވާތަކެތި ކަމާމެދު ސުވާލެއް ޝައްކެއް އުފައްދާފައެއް ނުވެއެވެ. އަދި، މި ދެންނެވުނު މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާ ގުޅިގެން އެއްވެސް މިންވަރަކަށް ސުވާލެއް ޝަކުވާއެއް ނެތްކަން ސާފުކޮށް އެނގެއެވެ. މައްސަލައިގެ މަހުލަރު ބަޔާންތަކުން ސާފުވާ ހަގީގަތަކީ މި ބަހުސަކީ ދަށު ކޯޓުގައި ޙުސައިން ޠާއިލު އުފައްދާފައިވާ ބަހުސެއް ނޫންކަމެވެ. ޙުސައިން ޠާއިލުގެ ހުސޫމާތް އޮތީ، ދައުވާގައި ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2019 ގަޒިއްޔާއާއި ގުޅިގެން 2 މެއި 2023 ގައި ބޭއްވުނު ޝަރީޢަތުގެ މަހުލަރު ބަޔާން ބަޔާންކުރި ކޮޓަރިން ފެނުނު މަސްތުވާތަކެތި ހުރީ ޙުސައިން ޠާއިލުގެ ހިޔާޒަތުގައި ނޫންކަމުގެ މައްޗަށު ކުރި ބަހުސެވެ.

28މި މައްސަލައާ ގުޅިގެން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، ކިތާބީ ހެއްކެއްގެ ގޮތުގައި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ހުށަހަޅާފައި ވެއެވެ. ޙުސައިން ޠާއިލު ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާގެ ބަހުސް ބިނާވެފައިވަނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ، ދައުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމުގެ ހައްގާ ގުޅިގެންނެވެ. މި ނުކުތާއާ ގުޅިގެން އަހުރެންނަށް ދެ ކަމެއް ފާހަގަކުރެވެއެވެ.

29HN7ފުރަތަމަ ކަމަކީ، މަސްތުވާތަކެތި ތަހުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަފަހީ ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނެތްއިރު، މި ރިޕޯޓާ މެދު ޙުސައިން ޠާއިލު ސުވާލު އުފައްދާ ކަމަށްވާނަމަ، އެ ދިފާއު އިބްތިދާއީ އަޑުއެހުމުން ފެށިގެން ހުށަހަޅައި، ހެކި ހުށަހެޅުމަށް ލިބުނު ފުރުސަތުގައި މި ރިޕޯޓު ތައްޔާރުކުރި ފަރާތް ހާޒިރުކޮށްދިނުމަށް އެދުމުގެ ހައްގު ލިބިފައި ވާއިރު، އެ ހައްގު ބޭނުންކޮށްފައި ނެތުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޫސާ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 40 އަދި 41 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ފަދައިން، ދަށު ކޯޓު މަރުހަލާގައި ހަބީރަކު ތައްޔާރުކުރާ މިފަދަ ރިޕޯޓަކާ މެދު ދައުވާލިބޭ މީހާ ސުވާލު އުފައްދާފައި ނުވާ ހާލަތެއްގައި، އެފަދަ ރިޕޯޓެއް ތައްޔާރުކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާ ހާލަތުގައި، ރިޕޯޓު ތައްޔާރުކުރި ފަރާތް ޝަރީއަތަށް ހާޒިރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ނުފެންނަނަމަ އެ ފަރާތެއް ޝަރީއަތަށް ހާޒިރުކުރަން ނުޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު ގަޒިއްޔާގެ 30 ވަނަ ނުކުތާގައި ފަނޑިޔާރު މުޙައްމަދު ނިޔާޒު ފާހަގަކުރައްވާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ހާލަތުގައި އެ ރިޕޯޓާމެދު ދިފާއުން ސުވާލެއް ނުއުފައްދާ ހާލަތުގައި އެ ރިޕޯޓެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު A/21,22-2020/HC ގަޒިއްޔާ ތައްޔާރުކުރި ފަރާތަކީ ކޮންމެހެން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ހެކިބަސް ނެގުން ލާޒިމު ފަރާތެއް ނޫންކަން އެނގެއެވެ. ނަމަވެސް، އެ ރިޕޯޓާ މެދު ސުވާލު އުފައްދާ އެ ރިޕޯޓާ ގުޅިގެން ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރަން ދައުވާލިބޭ މީހާ އެދޭނަމަ، އެ ފުރުސަތު އޭނާއަށް ފޯރުކޮށްދޭންޖެހޭނެއެވެ.

30HN8ދެވަނަ ކަމަކީ، މި ބަހުސަކީ ދަށު ކޯޓުގައި އެއްވެސް މިންވަރަކަށް ޙުސައިން ޠާއިލު ހުށަހަޅާފައި ނުވާ ބަހުސެއްކަމެވެ. ކުރިން ވެސް ބަޔާންކުރި ފަދައިން މި މައްސަލައާ ގުޅިގެން ޙުސައިން ޠާއިލުގެ ބަހުސް ބިނާކޮށްފައިވަނީ މަސްތުވާކެތި ހުރީ އޭނާގެ ހިޔާޒަތުގައި ނޫންކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. ހަމަ އެގޮތުގެ މަތިން ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަމާމެދު ޙުސައިން ޠާއިލު މި އިސްތިއުނާފީ ނުކުތާގައި ސުވާލު އުފައްދާފައިވާއިރު، އެއީވެސް ދަށު ކޯޓުގައި ޙުސައިން ޠާއިލު އެއްވެސް މިންވަރަކަށް ދައްކާފައިވާ ވާހަކައެއް ނޫނެވެ. ޙުސައިން ޠާއިލު ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގެ (ޅ) ގައާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީއާމެދު ދަށު ކޯޓުގައި ސުވާލު އުފައްދާފައިވާކަމަށް ބަޔާންކޮށްފައިވާއިރު، މިއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެކެވެ. ޙުސައިން ޠާއިލު އެފަދަ އެއްވެސް ވާހަކައެއް މި މައްސަލައިގައި ބަޔާންކޮށްފައި ނުވާއިރު، އެ ފަދައިން ފާހަގަކޮށްފައިވާ ކަންކަން ފާހަގަކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ދެން ދައުވަ ލިބާ މަޙްމޫދު ޢަބްދުﷲ ގެ ވަކީލެވެ. މިއީ ދަށު ކޯޓުގައި ޙުސައިން ޠާއިލު އުފެއްދި ސުވާލެއް ނުވަތަ ކުރި ބަހުސެއް ނޫންކަން ދަށު ކޯޓުގެ މަހުލަރު ބަޔާންތަކުން ސާފު ވެއެވެ. ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާއުތަކަކީ އަސްލުކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި އެ ކަމާމެދު ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއްކަމަށް އަހުރެން ނުދެކެމެވެ. ނަމަވެސް، މަސްތުވާތަކެތި ތަހުލީލުކުރުމަށް ލެބޯޓަރީއަށް ހުށަހެޅުނު ތަކެއްޗަކީ ހަމަ ހަގީގަތުގައި ވެސް މައްސަލައިގެ ހާދިސާ ހިނގި ތަނުން ފެނުނު ތަކެތިކަން އަންގައިދޭ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާ ހާލަތެއްގައި އެ ނުކުތާ ދަށު ކޯޓުގައި ނަގާފައި ނުވާ ހާލަތުގައި ވެސް އެ މީހަކަށް ކުރިމަތިވެދާނެ ބޮޑު ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2019 ގަޒިއްޔާއާއި ގުޅިގެން 25 ސެޕްޓެންބަރު 2022 ގައި ބޭއްވުނު ޝަރީޢަތުގެ މަހުލަރު ބަޔާން ބޭއިންސާފެއްގެ ސަބަބުން އެ ނުކުތާ ހުށަހަޅައިފިނަމަ، އެ ނުކުތާ ނުބެލޭނެކަމަށް ބުނުމަކީ ވެސް އިންސާފުވެރި ގޮތެއްކަމަށް އަހުރެން ނުދެކެމެވެ. ނަމަވެސް، މި މައްސަލައިގައި ޙުސައިން ޠާއިލުއަށް އެ ފަދަ ބޭއިންސާފެއް ކުރިމަތިވެދާނެ ފަދަ އެއްވެސް ކަމެއް މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޗެއިން އޮފް ކަސްޓަޑީއިން ފެންނަން ނެތްކަން ފާހަގަކުރެވެއެވެ.

31ޙުސައިން ޠާއިލު ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ ދަށު ކޯޓުގައި ހުށަހަޅާފައިނުވާ ނުކުތާތަކެއްގެ މައްޗަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްކަމުގައިވާތީ، މި އިސްތިއުނާފީ ނުކުތާ ބަލައިގަންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް އަހުރެންނަށް ބުރަވެވެއެވެ.

ނިންމުން

32މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް ޙުސައިން ޠާއިލުއަށް ބަޔާންކޮށްދެވިފައި ނުވާތީ، ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލުކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢގު ރައުޔު

33މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު

34މިމައްސަލައިގައި ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ހުކުމް

ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 239/Cr-C/2019 ގަޒީއްޔާ އިސްތިއުނާފުކުރުމަށް ޙުސައިން ޠާއިލު ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެގަޒީއްޔާގެ ހުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް މި ގަޒީއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

މި ގަޒީއްޔާ ބަލައި ޙުކުމް ކުރީ

ފަނޑިޔާރު އިސްމާޢީލް ޝަފީޢު

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ