ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/630

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުރުޝިދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 337/Cr-C/2017ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 337/Cr-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ދުއްވަން އިން ސައިކަލުން ފެނުނު ކެނެބިސްއަށް އެހެން މީހަކު ޒިންމާ ނަގައި، ދިފާޢީ ހެކިން އެކަމަށް ބާރުދީ، ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާ ޙާލަތުގައި، ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ ޤާނޫނުއަސާސީގެ 51 (އ) ގެ މިންގަނޑަށް ހެކި ލިބިފައިވާއިރުތޯ (ދައުލަތުގެ އިސްތިއުނާފު).

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް (ދަޢުވާ ސާބިތުނުވުން) ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގައިވާ 'ޤާނޫނު ޤަބޫލުކުރާ ގޮތް' (legal presumption) އަކީ 'އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު' ކަމަށް ބަޔާންކޮށްފައިވާތީ ތަޢުނުކުރެވޭ އިފްތިރާޟެއް (rebuttable legal presumption) އެވެ؛ މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނުމުން ކޮންމެ ޙާލަތެއްގައި މުޠުލަޤު މަސްއޫލިއްޔަތެއް ނާންނާނެއެވެ.

HN2 މަސްތުވާތަކެތި އަތުގައި ހުރުމަށް ޙަޤީޤީ ހިޔާޒަތާއި (actual possession) މައުނަވީ ހިޔާޒަތު (constructive possession) ހިމެނެއެވެ. ދަޢުވާއަށް އިންކާރުކުރާނަމަ، ހިޔާޒަތުގެ މާއްދީ ރުކުނާއި، އެ އެއްޗެއް ހުރިކަމާއި އެއީ މަސްތުވާއެއްޗެއްކަން އެނގުމުގެ (knowledge) މައުނަވީ ރުކުން، އެކަށީގެންވާ ޝައްކެއްނެތި ސާބިތުކުރުމުގެ ބުރަ އޮންނަނީ ދައުލަތުގެ މައްޗަށެވެ.

HN3 ގިނަ މީހުން އުޅޭ ނުވަތަ ހުރި ތަނަކުން މަސްތުވާތަކެތި ފެނިއްޖެނަމަ، އެއީ ވަކި މީހެއްގެ އަތުގައި ހުރި ތަކެތިކަމަށް ބެލުމަށް، އެ މީހާއަށް އެކަން އެނގޭކަމާއި ކޮންޓްރޯލް އޮތްކަން ދައްކާ އިތުރު ޤަރީނާ ހުންނަންޖެހޭނެއެވެ.

HN4 ތުހުމަތުކުރެވޭ ފަރާތަށް ދިފާޢު ހުށަހަޅައި، މަސްތުވާތަކެތި އޭނާގެ ހިޔާޒަތުގައި ހުރި ސަބަބު ނުވަތަ އެތަނަށް އައި ގޮތް މަދަނީ މިންގަނޑުން (ބޮޑަށް ބުރަވެވޭ މިންގަނޑުން) ސާބިތުކޮށް، މަސްތުވާތަކެތި އޭނާއާ ދުރުކޮށްދޭ ހެއްކެއް ނުވަތަ ޤަރީނާއެއް ދައްކައިފިނަމަ، ދައުލަތުން އެ ހެކި އެކަށީގެންވާ ޝައްކެއްނެތި ނަފީނުކުރެވިއްޖެނަމަ ތުހުމަތުކުރެވޭ ފަރާތް ދޫކޮށްލަންވާނެއެވެ.

HN5 މަސްތުވާތަކެއްޗަށް އެހެން މީހަކު ޒިންމާ ނެގުމުން އެކަނި ހިޔާޒަތުގައި ތަކެތި ފެނުނު މީހާ ޒިންމާއިން ބަރީއަ ނުވާނެ ނަމަވެސް، ޒިންމާ ނަގާ ބަސް، ވަގުތާއި ޙާލަތާއި ވަށައިގެންވާ ކަންކަމާއި އެހެން ހެކިތަކުން ބާރުލިބިއްޖެނަމަ (މިސާލު: އާންމު މަގުމަތީގައި ހުރި ސައިކަލެއްގައި އެހެން މީހަކު ކޮތަޅު ބަހައްޓާ ތަން ދުށް ހެއްކެއް، ފިންގަރޕްރިންޓް ދިމާނުވުން) އުފެދޭ ޝައްކުގެ މަންފާ ދިނުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގެ ދަށުން ލިބެންވާނެއެވެ.

HN6 ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރުމަކީ ގަވާއިދު ނަންބަރު 2015/R-230 ގެ 23 ވަނަ މާއްދާގެ ދަށުން ލާޒިމު ކަމެކެވެ. ތަޙުލީލު ރިޕޯޓުގައިވާ މަސްތުވާތަކެތި ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުން އަތުލައިގަނެވުނު ތަކެތިކަން ކަށަވަރުވާނީ، ކުށުގެ ވެށިން ނެގުމުގެ ފެށިގެން ލެބޯޓަރީއަށް ފޮނުވައި ތަޙުލީލުކޮށް ނިމެންދެން ޙަވާލުކުރާ ފަރާތާއި ޙަވާލުވާ ފަރާތާއި ގަޑި ހިމެނޭގޮތަށް ޗެއިން މެދުނުކެނޑި ގުޅިފައިވާނަމައެވެ؛ ލެބޯޓަރީއަށް ޙަވާލުކުރި ފަރާތާއި ޙަވާލުވި ފަރާތް ނޭނގޭނަމަ ތަޙުލީލުކުރި ތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ ތަކެތިކަން ކަށަވަރު ނުވާނެއެވެ.

ޖިނާއީ › ކެނެބިސް ޓްރެފިކް ކުރުން

HN7 ދަށުކޯޓުން ކުރީގެ ޤަޟިއްޔާއެއްގެ އުޞޫލު އެއްގޮތް ޙަޤީޤަތްތަކަށް ތަޠުބީޤުކޮށްފައިވާނަމަ، އެ ނަތީޖާ ޤާނޫނާ ޚިލާފުވާ ގޮތް ދައުލަތުން ތަބްރީރުކޮށްނުދެވޭހާ ހިނދަކު އެއީ ޤާނޫނީ ގޯހެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުޒައިފާ މުޙައްމަދު، ދީބާނާޒް ފަހުމީ، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

2މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ނ. ވެލިދޫ، […] އަޙްމަދު މުރުޝިދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު މުރުޝިދު") ގެ މައްޗަށެވެ.

މައްސަލައިގައި ކަންހިނގާފައިވާގޮތް

3ދައުލަތުގެ ފަރާތުން އަޙްމަދު މުރުޝިދުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލިއެވެ. މި ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) (މީގެ ފަހުން "މަސްތުވާތަކެއްޗާބެހޭ ޤާނޫނު") ގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

4މި ދަޢުވާ އަޙްމަދު މުރުޝިދުގެ މައްޗަށް އުފުލާފައިވަނީ، 17 ޖަނަވަރީ 2017 ގެ 16:00 ހާއިރު، އަޙްމަދު މުރުޝިދު ނ. ވެލިދޫއަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމަށާއި، އެތަކެތި ހިފައިގެން ނޯތު ހާބަރ ސަރަހައްދަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އަޙްމަދު މުރުޝިދު އެސް.ޓީ.އޯ ސަރވިސް ސެންޓަރު ކައިރީގައި ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ފުލުހުން ދިޔައިރު ރަޖިސްޓްރީ ނަންބަރު AA0G-P9844 ސައިކަލުގައި އަޙްމަދު މުރުޝިދު އިންދައި ފެނިގެން، ފުލުހުންގެ ބެލުމުގެ ދަށަށް އަޙްމަދު މުރުޝިދު ގެންގޮސް، އަޙްމަދު މުރުޝިދުގެ ހަށިގަނޑު ބަލާ ފާސްކުރިއިރު، އަޙްމަދު މުރުޝިދު ލައިގެން ހުރި ޖިންސުގެ ވައަތްފަރާތު ކުރިމަތީ ޖީބުގެ ތެރެއިން ނެގި ކެމަލް ބްރޭންޑުގެ ސިނގިރޭޓު ފޮއްޓެއްގެ ތެރެއިން ފެނުނު ބިޑިބުރީގައި 0.2056 ގްރާމް ކެނެބިސް ހުރިކަމަށާއި، އަޙްމަދު މުރުޝިދު އިން ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި އިން ކަރުދާސް ކޮތަޅުގައި ވަށައިގެން ޓޭޕްއޮޅާފައި އޮތް ކަރުދާސް ފޮށީގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި 02 (ދޭއް) ދަޅުގައި 58.1263 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ ކަމުގައި ދައުލަތުން ބަޔާންކޮށްފައިވެއެވެ.

5މި ދަޢުވާގެ ޖަވާބުގައި އަޙްމަދު މުރުޝިދު ބުނެފައިވަނީ ދަޢުވާ ސާފުވެއްޖެކަމަށާއި، އަދި ދައުލަތުން ކުޅަ ދަޢުވާއަށް އިންކާރުކުރާކަމުގައެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމިގޮތް

6ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާއިން އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.

6.1 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު މުރުޝިދުގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް އަޙްމަދު މުރުޝިދު އިންކާރުކޮށްފައިވާތީ އާއި ހާދިސާގައި ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ ހަމައަށް ވާސިލުވުމުގައި އެތަކެތި ދައުރުވަމުންގޮސްފައިވާ ގޮތް އަންގައިދޭ ޗެއިން އޮފް ކަސްޓަޑީ ފޯމަށާއި، ކޮންޓިނިއުޓީ ލިޔުމަށް ބަލާއިރު، ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފަރާތާއި އެބަލައި ޗެކްކުރި ފަރާތުގެ ނަން އެލިޔުންތަކުން ފެންނަން ނެތްހިނދު އެކަން އެގޮތަށް ދިމާވެފައިވާ ސަބަބެއް ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާ ކަމަށާއި،

6.2 މި މައްސަލައިގެ ދިފާޢުން ހުށަހެޅި ހެކިންގެ ބަސް ޝަރީޢަތުން ބަލައި ވަޒަންކުރިއިރު، ދިފާޢީ ހެކިންގެ ގޮތުގައި ޙާޟިރުވެ ހެކިބަސްދިން ފަރާތްތަކުގެ ބަހަށް ޝަރީޢަތުން ބުރަދަނެއް ދެވިދާނެ މިންވަރަށް އެއް ފަރާތުން ދައްކާފައިވާ ވާހަކަތައް އަނެއް ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެންދާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން އަޙްމަދު މުރުޝިދު ހައްޔަރުކުރެވުނީ އެސްޓީއޯ ސަރވިސް ސެންޓަރު ކައިރިން 15:30 އެހައިކަށްހާއިރުގެ ވަގުތެއްގައިކަން ފުލުހުންގެ ބަހުންވެސް އެނގެން އޮންނައިރު، އެވަގުތު އެ ސަރަހައްދަށް އަޙްމަދު މުރުޝިދު ދިޔައީ އަނބިމީހާ އުޅޭ އޮފީހުން ބަލައިކަމަށް އަޙްމަދު މުރުޝިދު ބުނާއިރު، އެ ބުނުމަށް ކ. ގުރައިދޫ ގްރީންލައިޓް، މަރްޔަމް ޢުލާ އާއި ލ. ހިތަދޫ ބޮޑުކަލުގެ، ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުން ބާރުލިބިގެން ގޮސްފައިވާކަމަށާއި،

6.3 އަޙްމަދު މުރުޝިދު ދިފާޢުގައި ހުށަހެޅި ހެއްކެއްކަމުގައިވާ ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ހާދިސާއިން ފެނުނު މަސްތުވާތަކެއްޗަކީ މީނާގެ ތަކެތިކަމަށް ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ އެކަން ހިނގައިދިޔަގޮތް ތަފްޞީލުކޮށް ކިޔައިދީފައިވާ ކިޔައިދިނުމާއި، އަޙްމަދު މުރުޝިދުގެ ސައިކަލު މަތީގައި އެހެން މީހަކު ކޮތަޅެއް ބެހެއްޓި ތަން ދުށްކަމަށް ލ. ހިތަދޫ ބޮޑުކަލުގެ، ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި އޮންނަ އޮތުމުން ބާރުލިބިގެން ގޮސްފައިވާއިރު،

6.4. ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން ދިފާޢީ ހެކީން ދީފައިވާ ހެކިބަހަށާއި، އެ ހެކިބަހުގައި ބަޔާންކުރެވިފައިވާ ވަގުތާއި ޙާލަތާއި ހާދިސާ ހިނގައިދިޔަ ގޮތަށް ނަޒަރުކުރާއިރު، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ ތަކެތިކަމުގައި ފުލުހުންގެ ހެކިބަހުން ސާބިތުވާ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތިކަމާމެދު ޝަރީޢަތުގެ ކުރިމަތީގައި ޝައްކު އުފެދިފައިވާތީ އާއި، މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ކޮތަޅު ވައްޓާލުމަށް އަޙްމަދު މުރުޝިދު މަސައްކަތްކުރިކަމަށް އެއް ފުލުހަށްވުރެ ގިނަ ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އެކޮތަޅުން ފިންގަރޑްރިންޓެއް ލިބޭތޯ ބަލައި ސާމްޕަލް ނެގިފައިވާކަން ލިޔުންތަކުން އެނގެން އޮތްނަމަވެސް، އެއިން ސާމްޕަލަކާ އަޙްމަދު މުރުޝިދުގެ ފިންގަރޕްރިންޓް ދިމާވިކަން ނުވަތަ ނޫންކަމެއް ޝަރީޢަތަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަމަށާއި،

6.5. އިސްވެ ބަޔާންވިދިޔަ ސަބަބުތަކަށްޓަކައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޙަވާލާދީ، އަޙްމަދު މުރުޝިދުގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށެވެ.

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

7ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔ އެ ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވަނީ އަންނަނިވި 01 (އެކެއް) ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

7.1. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހެކިބަސް ލިބިފައިވާއިރު މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.

8އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

8.1 ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، މި މައްސަލައަކީ އަޙްމަދު މުރުޝިދު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އަޙްމަދު މުރުޝިދު ހޯދަމުން ދަނިކޮށް އަޙްމަދު މުރުޝިދު އެސްޓީއޯ ސަރވިސް ސެންޓަރު ކައިރިން މަސްތުވާތަކެއްޗާއެކު ފެނުނު މައްސަލައެއްކަން އެނގެން އޮތްކަމުގައެވެ.

8.2 މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ ހަމައެކަނި ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޝަރީޢަތުގައި ޒިންމާ ނަގާފައިވާ ކޮތަޅުން ކަމުގައި ނުވާއިރު، އަޙްމަދު މުރުޝިދު ލައިގެން ހުރި ޖިންސުގެ ވައަތްފަރާތު ކުރިމަތީ ޖީބުންވެސް މަސްތުވާތަކެތި ފެނިފައިވާކަމަށާއި، އަޙްމަދު މުރުޝިދު ލައިގެންހުރި ގަމީހުގެ ޖީބުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕްރޯލަކާއި މަސްތުވާތަކެތި އެކުލެވޭ ބޭނުންކޮށްފައިވާ ބިޑިބުރިއެއްވެސް ފެނިފައިވާކަމުގައެވެ.

8.3 މީގެ އިތުރުން، ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި އިން ކޮތަޅު އަޙްމަދު މުރުޝިދު ވައްޓާލަން މަސައްކަތްކޮށްފައިވާކަމަށާއި، މި މައްސަލައިގައި ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޝަރީޢަތުގައި ޒިންމާ ނެގި ކޮތަޅު އަޙްމަދު މުރުޝިދުގެ ސައިކަލުގެ ހުންގާނާއި މީޑިއާ ދޭތެރޭގައި ބައިންދާފައި އިންކަން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް މޫސާ ޚަލީލުގެ ބަހުން އެނގެން އޮތްކަމުގައެވެ.

8.4 ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޝަރީޢަތުގައި ޒިންމާ ނެގި ކޮތަޅަކީ އޭނާ ބުނެފައިވާ ފަދައިން އެސްޓީއޯ ސަރވިސް ސެންޓަރު ކައިރީގައި އަޙްމަދު މުރުޝިދުގެ ސައިކަލު ބަހައްޓާފައި ހުއްޓާ އޭނާ އެސައިކަލުގެ މަތީގައި ބެހެއްޓި ތަކެތި ނޫންކަން ނުވަތަ އެ ތަކެއްޗަކީ އަޙްމަދު މުރުޝިދުއާ ގުޅުމެއްނެތް ތަކެތިކަން ސާބިތުކޮށް ނުދެވޭކަން ސާފުވެގެންދާއިރު، އެކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

8.5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާގެ 4 ވާޤިއާތައް މި މައްސަލައަށް ތަޠުބީޤުކޮށް، އެ މައްސަލައިގައިވާ ފަދައިން މި މައްސަލައިގައިވެސް ސައިކަލު ހުރީ އެންމެން ހިނގާބިނގާވެ އުޅޭ މަގުމަތީގައިކަމަށް ވުމުންނާއި، ސައިކަލުގެ މަތީގައި މަސްތުވާތަކެތި ބެހެއްޓިމީހާ ޝަރީޢަތުގެ މަޖިލީހުގައި އެތަކެއްޗަށް ޒިންމާ ނެގުމުގެ އިތުރުން، އެ މަންޒަރު ދުށް އެހެން ފަރާތެއްވެސް ހެކިބަސް ދީފައިވާއިރު، އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތަކެތިން އަޙްމަދު މުރުޝިދުގެ ފިންގަރޕްރިންޓް ލިބިފައިނުވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އިސްވެ ބަޔާންކޮށްފައިވާ ކަންކަން އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާގެ 5 ވާޤިއާތައް މި މައްސަލައަށް ތަޠުބީޤުކުރެވިދާނެކަމަށް ނުދެކޭކަމުގައެވެ.

8.6. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާގައި، 6 އެހެންމީހަކު، މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއްކަމުގައި ބުނެ އެ ތަކެތީގެ ޒިންމާ އުފުލުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކަށާއި، ވަގުތާއި ޙާލަތާއި އަދި އެކަމުގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ނަޒަރުކުރުމެއްނެތި، އެމީހެއްގެ ހިޔާޒަތުން އެތަކެތި ފެނުނުމީހާ އެ މަސްތުވާތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީޢަނުވާނެކަމަށް ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ހިމެނޭ ކޮތަޅަށް ޒިންމާ ނަގާފައިވާ ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްއަކީ އޭރުވެސް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުރި ފަރާތަކަށްވެފައި، އެގޮތުން 15 ފެބުރުވަރީ 2017 ގައި ހިނގި ހާދިސާއަކާ ގުޅިގެން އޭނާގެ 6 ޙަސަންމަނިކު ވ. މުޙައްމަދު ޝަރީފް މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅި އަދި އެ މައްސަލައާ ގުޅިގެން 20 އެޕްރީލް 2017 ގައި ބޭއްވުނު އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވުމާއި ގުޅިގެން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައިކަމަށްވެފައި، މި މައްސަލައިގައި ދިފާޢީ ހެއްކެއްގެ ގޮތުގައި ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޙާޟިރުވެ ހެކިބަސް ދީފައިވަނީ 30 އޮގަސްޓް 2018 ގައި ކަމަށްވުމުން، މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަށް ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޒިންމާ ނަގާފައިވަނީ އޭނާގެ މައްޗަށް ހުށަހެޅުނު ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް އިޢުތިރާފުވެފައިވުމާ ގުޅިގެން އޭނާގެ މައްޗަށް 25 (ފަންސަވީސް) އަހަރު ދުވަހުގެ ޖަލު އަދަބެއް އަންނާނެކަން އެނގޭތީކަމުގައެވެ. މިކަންކަން ޔަޤީންވެގެންދާއިރު އެކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމުގައެވެ.

8.7 މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" އާއެކު ހިމެނޭ ޗެއިން އޮފް ކަސްޓަޑީ ފޯމަށް ބަލާއިރު މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ނެގި ފަރާތާއި ތާރީޚާއި ވަގުތާއި އަދި ދެވަނައަށް އެ ތަކެއްޗާ ޙަވާލުވެފައިވާ ފަރާތް އެނގެން އޮންނަކަމަށާއި، މަސްތުވާތަކެތި ތަހުލީލުކުރުމަށްޓަކައި ފޮރެންސިކް ސަރވިސް ޑައިރެކްޓަރޭޓްއާ ޙަވާލުކުރާ "މާއްދީހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" އަށް ބަލާއިރު މައްސަލައިގައި ފެނުނު މަސްތުވާތަކެތި ދެވަނައަށް ޙަވާލުވިކަމަށް އޮންނަ ފަރާތުން އެތަކެތި ފޮރެންސިކް ޑައިރެކްޓަރޭޓްއާ ޙަވާލުކޮށްފައިވާކަމަށާއި، އެ ތަކެއްޗާ ފޮރެންސިކް ޑައިރެކްޓަރޭޓްއިން ޙަވާލުވެފައިވަނީ 22 ޖަނަވަރީ 2017 ގެ 22:06 ގައި ކަން އެނގެން އޮންނަކަމަށާއި، މަސްތުވާތަކެތި ތަޙުލީލް ރިޕޯޓަށް ބަލާއިރު މަސްތުވާތަކެތި ތަޙުލީލްކުރުމަށްޓަކައި ފޮރެންސިކް ސަރވިސް ޑައިރެކްޓަރޭޓްއާ އެތަކެތި ޙަވާލުކުރެވިފައިވަނީ 22 ޖަނަވަރީ 2017 ގެ 22:06 ގައި ކަން އެނގެން އޮތުމުން، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ގޮތް ސާފުވާކަމަށާއި، އެތަކެތި ފޮރެންސިކް ޑިޕާޓްމަންޓާ ހަމައަށް ވާސިލްވުމުގައި ޗެއިން ބްރޭކްވެފައިނުވާކަމަށެވެ.

8.8. މީގެ އިތުރުން، މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، މިހާރު ދައުލަތުގެ ފަރާތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓަށް ހުށަހަޅަމުންގެންދާ މައްސަލަތަކުގައި ހިމެނޭ "ޗެއިން އޮފް ކަސްޓަޑީ" މި މައްސަލައިގައި ކޯޓަށް ހުށަހަޅާފައިނުވާކަމަށާއި، މި މައްސަލައާ ގުޅިގެން "ޗެއިން އޮފް ކަސްޓަޑީ"އާ ގުޅިގެން ދިފާއުން ސުވާލު އުފައްދާފައިވަނީ މައްސަލައިގެ ޚުލާޞާ ބަޔާން ހުށަހެޅި ދުވަހު ކަމަށްވެފައި، އެ ޗެއިންނާ ގުޅޭ ކަންކަން ސާފުކޮށްދިނުމަށްޓަކައި "ޗެއިން އޮފް ކަސްޓަޑީ" ހުށަހެޅުމަށް ދައުލަތަށް އަންގާފައިނުވާއިރު، ޗެއިންއާ ގުޅޭ ގޮތުން ޝަރީޢަތުން ސާފުކޮށްދިނުމަށް އެދުނު ކަންކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާކަން ޝަރީޢަތުން ފާހަގަކޮށްފައިވަނީ ރަނގަޅަށްނޫން ކަމުގައި ދެކޭކަމުގައެވެ.

9ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާއިން އަޙްމަދު މުރުޝިދުގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ޙުކުމް ބާޠިލުކޮށްދިނުމަށާއި، އަޙްމަދު މުރުޝިދުގެ މައްޗަށް މިދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އަޙްމަދު މުރުޝިދުގެ މައްޗަށް އަދަބު ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފީ ނުކުތާގެ ރައްދު

10އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު މުރުޝިދުގެ ފަރާތުން އަންނަނިވި ކަންކަން ހުށަހަޅާފައިވެއެވ.

10.1. އަޙްމަދު މުރުޝިދުގެ މައްޗަށް މި މައްސަލަ ސާބިތުނުވާކަމަށް ކޯޓުން ނިންމާފައިވަނީ ސ. މީދޫ، މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ދިން ހެކިބަހެއްގެ މައްޗަށް އެކަނ ނޫންކަމަށާއި، އޭނާ ދިން ހެކިބަހުގައި އޭނާ ދެއްކި ވާހަކަތަކަށް އިތުރު ދެމީހެއްގެ ހެކިބަހުން ބާރުލިބިގެން ގޮސްފައިވާތީކަމުގައެވެ. އެގޮތުން، ސ. މީދޫ، މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ހެކިބަހާއި، ލ. ހިތަދޫ، […] ޙުސައިން ރަޝީދު ދީފައިވާ ހެކި ބަހާއި، ކ. ގުރައިދޫ، ގްރީންލައިޓް، މަރިޔަމް އުލާ ދީފައިވާ ހެކިބަސް އެކަތިގަނޑަކަށްވެ ގުޅިގެންދިއުމުން އަޙްމަދު މުރުޝިދުގެ ދިފާޢު ސާބިތުވާންޖެހޭ މިންގަނޑުން ސާބިތުވާކަމުގައި ދެކޭކަމަށާއި، އަދި ދައުލަތުން ހުށަހަޅާފައިވާ ދަޢުވާގައި އެކަށީގެންވާ ޝައްކުތަކެއް އުފެދޭކަމުގައެވެ.

10.2. މި މައްސަލައަކީ އަޙްމަދު މުރުޝިދު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން ފުލުހުން އަޙްމަދު މުރުޝިދު ހޯދަމުން ދަނިކޮށް އަޙްމަދު މުރުޝިދު އެސްޓީއޯ ސަރވިސް ސެންޓަރު ކައިރިން މަސްތުވާއެއްޗާއެކު ފެނުނު މައްސަލައެއްކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، އެ ނުކުތާއަކީ ހުރިހާ ފުލުހުންނާ އަޙްމަދު މުރުޝިދުގެ ފަރާތުން ސުވާލުކުރެވުނު ނުކުތާއެއްކަމަށާއި، އެކަމާ ގުޅިގެން އެކި ފުލުހުން ދީފައިވަނީ އެކި ޖަވާބުކަމަށާއި، އިންޓެލިޖެންސް މަޢުލޫމާތު ފުލުހުންނަށް ލިބުނީ އެކުއެކީގައިތޯ ނުވަތަ ވަކިވަކިންތޯ ނުވަތަ ކޮން ގޮތަކަށްތޯ ފުލުހުންނަށް ބުނެދެވިފައިނުވާކަމަށާއި، މީހަކު ތަނަކަށް މަސްތުވާތަކެތި ފޮނުވުމަށް ނޯތު ހާބަރުގައި އޮތް ދޯންޏަކަށްލުމަށްޓަކައި އެ ސަރަހައްދަށް ދާކަމުގެ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިވާކަން އެނގޭކަމަށާއި، އެމީހަކީ ސީދާ އަޙްމަދު މުރުޝިދުކަމާމެދު މަޢުލޫމާތު ލިބުނު ގޮތުގެ ތަފްޞީލުދިނުމުގައި ފުލުހުންގެ ބަހުގައި ފުށުއެރުންތަކެއް ހުރިއިރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ދީފައިވާ ހެކިބަހަށް ބަލާއިރު، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތުގައި ބުނާ މީހަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްކަމަށް ބޮޑަށް ބުރަވެވޭ މިންގަނޑުން ޤަބޫލުކުރެވޭކަމަށެވެ.

10.3. ދަޢުވާގައި ހަވާލާދޭ ކޮތަޅު ފިޔަވައި އަޙްމަދު މުރުޝިދު ލައިގެން ހުރި ޖިންސްގެ ކުރިމަތީ ޖީބުންވެސް މަސްތުވާތަކެތި ފެނިފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވާއިރު، އެއީ ކީއްވެކަން އަޙްމަދު މުރުޝިދު ތަހުޤީޤުގައި ކިޔައިދީފައިވާކަމަށާއި، އެއީ އޭނާއަކީ ކެނެބިސް ބޭނުންކުރި މީހަކަށްވާތީކަމަށާއި، އޭނާގެ އަތުން ފެނުނު ބިޑިބުރިއަކީ އޭނާ ބޭނުންކުރަން ގެންގުޅުނު އެއްޗެއްކަމުގައި ބުނެފައިވާ ކަމުގައެވެ. އަދި އޭގައި މަސްތުވާތަކެތި ހުރީ ބަރުދަންވެސް ނޭނގޭހާ ލުއި މިންވަރަކަށްކަމަށް ރިޕޯޓުގައި ބަޔާންކުރާކަމުގައެވެ.

10.4. ދަޢުވާގައި ބުނާ ކޮތަޅުގެ ތެރެއިން ފެނުނު ފިލްމް ހުސްކުރި ދެދަޅުގައި އޮތީ ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕް އޮޅާފައިކަމަށްވާއިރު، އަޙްމަދު މުރުޝިދު ލައިގެން ހުރި ގަމީހުގެ ޖީބުން ކަޅުކުލައިގެ އިންސިއުލޭޝަން ޓޭޕްރޯލަކާއި ބިޑިބުރިއެއްވެސް ފެނިފައިވާކަމަށް ދައުލަތުން ފާހަކޮށްފައިވާއިރު، އެއީ ޤަރީނާއެއްކަމަށާއި، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް އާއި ޙުސައިން ރަޝީދުގެ ހެކިބަހުގެ މައްޗަށް އިންސިއުލޭޝަން ޓޭޕްގެ ޤަރީނާ އިސްކުރެވެންޖެހޭ ސަބަބެއް ނެތްކަމަށާއި، ހެކީގެ ބުރަދަނުން އެއްވަރުކަމަށް ބެލިޔަސް އެކަށީގެންވާ މިންވަރަށް ޝައްކު އުފެދުނީކަމަށް ބަލަންޖެހޭކަމުގައެވެ.

10.5. ފުލުހުން އަޙްމަދު މުރުޝިދު ހުއްޓުވުމުގެ މާކުރިން، އާބުރުޒުހިނގުމުން ހަވީރީ ހިނގުމަށް ނުކުންނަ ހިސާބުގައި ސައިލަކުގައި މަޑުކޮށްލައިގެން އިން އިރުވެސް ސައިކަލުގެ ހުންގާނާއި މީޑިއާ ދެމެދުގައި އެ ކޮތަޅު ބަހައްޓާފައި ހުރިކަމަށް ލާންސް ކޯޕްރަލް މޫސާ ޚަލީލް ބުނާކަމަށް ދައުލަތުން ބުނެފައިވާއިރު، އަޙްމަދު މުރުޝިދު ފެނުނީ ސަރވިސް ސެންޓަރުންކަމަށް ލާންސް ކޯޕްރަލް މޫސާ ޚަލީލް ބުނުމުން، އިތުރު ތަނަކުން އޭނާ ފެނުނުތޯ ލާންސް ކޯޕްރަލް މޫސާ ޚަލީލްއާ ސުވާލުކުރުމުން، ލާންސް ކޯޕްރަލް މޫސާ ޚަލީލް ބުނެފައިވަނީ "އަޅުގަނޑު ނުދެކެން" ކަމުގައެވެ.

10.6. އިސްތިއުނާފުކުރެވޭ މައްސަލަ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއިން 8 ކަނޑައަޅާފައިވާ އުޞޫލުތައް ތަޠުބީޤުކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ދެކޭކަމުގައެވެ.

10.7. ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ހަމައެކަނި އެތަކެއްޗަށް ޒިންމާ ނެގީ ނޫންކަމަށާއި، ވަށައިގެންވާ ކަންކަމާއި، ވަގުތާއި، ޙާލަތަށް ޝަރީޢަތުން ނަޒަރުކޮށްފައިވާކަމަށާއި، ހެކިބަސް ދިނީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް އެކަނި ނޫންކަމަށާއި، ޙުސައިން ރަޝީދު ދީފައިވާ ހެކިބަހުގައި އަޙްމަދު މުރުޝިދު އެތަނުގައި ހުއްޓައި، އެހެން މީހަކު ސައިކަލު މަތީގައި ކޮތަޅެއް ބޭއްވިތަން ފެނުނުކަމަށް ޙުސައިން ރަޝީދު ހެކިބަސްދީފައިވާކަމަށާއި، އަޙްމަދު މުރުޝިދު އެސްޓީއޯ ސަރަހައްދަށް ދާންޖެހޭ ސަބަބެއް އޮތްތޯ ނެތްތޯ ބަލާއިރު، މަރިޔަމް އުލާ ދީފައިވާ ހެކިބަހުން އޭނާ އެ ސަރަހައްދަށް ދާންޖެހުނީ މަރިޔަމް އުލާ އޮފީސް ނިމޭގަޑިއަށް އޭނާ ބަލައިކަން މަރްޔަމް އުލާގެ ހެކިބަހުން ސާފުކަމަށާއި، ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެސްޓީއޯ ސަރަހައްދަށް އޭނާ ދިއުމުގެ ކުރިން ޙުސައިން ރަޝީދުއަށް އޭނާ ހައިކޯޓުގެ ކުރިމަތީ އޮންނަ މަގުން ފެނުނުކަމަށާއި، އޭރުވެސް ސައިކަލުގައި އެއްޗެއް ނެތްކަމަށް ޙުސައިން ރަޝީދު ދިން ހެކިބަހުން އުފެއްދި ޝައްކުވެސް ދައުލަތުން ފިލުވައިދީފައިނުވާކަމަށެވެ.

10.8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޤަޟިއްޔާގައި "ޙަސަން ޞަބާޙު ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން ފަދަ ހާލަތެއްގައިވާ އިއުތިރާފަކީ އަބަދުވެސް އެބަޔާންދީފައިވާ ހާލަތަށް ބަލާއިރު ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނެއް ކަމަށްވާނެވީތެ، މިފަދަ ބަޔާންތައް ޝަރީޢަތުން ޤަބޫލުކުރުމުގައި ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓައި އެއިޢުތުރާފަށް ބާރުލިބޭކަން ނުވަތަ ކޮރަބަރޭޓްކުރެވޭކަން ކަށަވަރުކުރަންވާނެއެވެ" ބަޔާންކޮށްފައިވާއިރު، މިކަން ދަށު ކޯޓުން ކޮށްފައިވުމުގެ އިތުރުން، މަސްތުވާތަކެތި ފެނުނީ ކޮޓަރިއެއް ފަދަ ބަންދުކުރެވިފައިވާ ތަނަކުން 8 ޙަސަންމަނިކު ވ. މުޙައްމަދު ޝަރީފް 9 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިދް ނޫންކަމުގައެވެ. ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްއާއި ޙުސައިން ރަޝީދުގެ ހެކިބަހުން އުފެއްދި ޝައްކު ފިލުވައިދިނުމަށް ދައުލަތުން ދައްކާފައިވަނީ އެންމެ ވާހަކަކައެއްކަމަށާއި، އެއީ ލާންސް ކޯޕްރަލް މޫސާ ޚަލީލްގެ ހެކިބަހާއި ޙަވާލާދީ ދައްކާފައިވާ ވާހަކަކަމަށާއި، މަހްޞަރު ބަޔާންތަކުގެ 11 ވަނަ ސަފްހާއަށް ބަލާއިރު، ލާންސް ކޯޕްރަލް މޫސާ ޚަލީލްއާ ޙަވާލާދީ ދައުލަތުން ބުނަނީ ލާންސް ކޯޕްރަލް މޫސާ ޚަލީލް ބުނެފައިވާ ވާހަކަނޫންކަން އެނގޭކަމުގައެވެ.

10.9. މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓާއިއެކު ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ޗެއިން އޮތީ ހާދިސާއިން ފެނުނު ތަކެތީގެ ލެބޯޓަރީއާ ހަމައަށް ވާސިލުވަންދެން އެކަނިކަމަށާއި، ލެބޯޓަރީއާ ވާސިލުވުމަށްފަހު، ޗެއިންއަށް ވީގޮތް އެނގެން ނެތް ކަމުގައި ދައުލަތުން އެއްބަސްވެފައިވާކަމުގައެވެ.

10.10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.5 ވަނަ ނުކުތާގައިވަނީ "މަސްތުވާތަކެތީގެ މައްސަލައެއްގައި، އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅަނީ އެތަކެތީގެ ތަޙްލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމާއި، އަދި ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ޝަރީޢަތުން ކަށަވަރުކުރަންވާނީ، ކުށުގެ ވެށިގެން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރެވޭ ފޯމުގައިވާ މަޢުލޫމާތާއި، އަތުލައިގަނެވޭ ތަކެތީގެ "ޗެއިން އޮފް ކަސްޓަޑީ ފޯމު" ގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެންގޮސްފައިވާކަމާއި" މިފަދައިން ކަމަށްވާއިރު، މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަން އެނގޭކަމުގައެވެ. މި ވާހަކަ ޚުލާޞާ ބަޔާނުގައި ދައްކާފައިވަނީ މައްސަލައިގައި ހެއްކާބެހޭ ގޮތުން ވާހަކަދައްކަން ފުރުޞަތު ލިބިފައިވަނީ ޚުލާޞާ ބަޔާނުގައި ކަމަށްވާތީ ކަމުގައެވެ.

11އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް

12އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއަކީ، އަޙްމަދު މުރުޝިދުގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމުގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ހެކިބަސް ލިބިފައިވާހިނދުތޯ ނުވަތަ ނޫންތޯ، މިއެވެ.

13މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ކޮށްފައިވާ އިސްތިއުނާފުގެ ތަފްޞީލުތަކަށް ބަލާއިރު، ދައުލަތުން އުފައްދާ ޖަދަލަކީ؛

13.1 މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު މުރުޝިދުގެ ހިޔާޒަތުންކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެއްވެސް ޚިލާފެއްނެތް ގޮތަށް އެނގޭކަމަށާއި،

13.2 މި މައްސަލައިގެ ވާޤިއާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާ ތަޠުބީޤުނުކުރެވޭނެކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޤަޟިއްޔާގައި ބަޔާންކުރާ ޙާލަތަށް ދަށު ކޯޓުން ބަލާފައިނުވާކަމަށާއި،

13.3. މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން ޝަރީޢަތުން ސާފުކޮށްދިނުމަށް އެދުނު ކަންކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އަޙްމަދު މުރުޝިދުގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި އެއާ ގުޅޭ ނައްސުތައް

14އަޙްމަދު މުރުޝިދުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއެވެ. ޙަވާލާދޭ ޤާނޫނުގެ މާއްދާތަކުގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ. ކެނެބިސް ޓްރެފިކްކުރުން (ހ) ކެނެބިސް ޓްރެފިކްކުރުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ޢުމުރަށް ޖަލަށްލުމާއެކު -100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން -10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދު ޢަދަދަކުން ޖޫރިމަނާކުރުމެވެ.

15މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި "ޓްރެފިކްކުރުން" މާނަކޮށްފައިވެއެވެ. އެއީ ޕެޑްލަރަކަށް ނުވާ މީހަކު، އެ ޤާނޫނުގެ 144 ވަނަ މާއްދާ 14 ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުމަށެވެ. ނުވަތަ ޕެޑްލަރަކަށް ހުރެ، އެ ޤާނޫނުގެ 144 ވަނަ މާއްދާ 15 ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން 02 (ދޭއް) ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތްކުރުމަށެވެ.

16"ޓްރެފިކްކުރާ މީހާ" ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން، ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހާއަށެވެ. 14 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގައި، 142 ވަނަ މައްދާއަށް ހަވާލާދީފައިވީނަމަވެސް، ޤާނޫނު ނަންބަރު 37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން މި ޤާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުމުން، މިހާރުގެ މި މާއްދާއަކީ މި ޤާނޫނުގެ 144 ވަނަ މާއްދާއެވެ. 15 އިބިމ. ނުވަތަ ޕެޑްލަރަކަށް ހުރެ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޢަމަލެއް ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ދެ ކަމެއް ކުރާ މީހާއަށެވެ.

17މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 144 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި، އެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެކަމުގައި ބަޔާންކުރެއެވެ. މި މައްސަލައިގެ ބޭނުމަށް މި މާއްދާގެ (ފ) އަށް އަލިއަޅުވާލާނަމެވެ. އެއީ ޓްރެފިކްކުރާ މީހެއް ކަމަށް ބެލެވޭ މިންވަރު ކަމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރެއްޖެނަމަ، އެ މީހަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހަކު ކަމުގައި ބެލެވޭނެކަމެވެ.

ޤާނޫނު ޤަބޫލުކުރާގޮތް

18މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި "ޤާނޫނު ޤަބޫލުކުރާ ގޮތް" މީގެ ބާބެއް މި ޤާނޫނުގައި ހިމަނާފައިވެއެވެ. މިއީ މަސްތުވާތަކެއްޗާގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކުރާ legal presumption ނުވަތަ ޤާނޫނީ އިފްތިރާސްއެވެ. މި ބާބުގައި ބަޔާންކުރާގޮތުންނަމަ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ނުވަތަ ދެވިހިފާފައިނުވާ މީހަކު ޑައިމޯފިން ނުވަތަ ކެނެބިސް ބޭނުންކުރުމާއި ޕެޑެލްކުރުމާއި ޓްރެފިކްކީކަމުގައި، ނުވަތަ ޤާނޫނުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކްކީކަމުގައި ބެލެވޭ ޤާނޫނީ އިފްތިރާޟްތައް ބަޔާންކުރެއެވެ. އަދި މަސްތުވާތަކެތި އަތުގައި ހުރީކަމުގައި ބެލެވޭނެ އިފްތިރާސްތަކާއި، ޓްރެފިކްކުރުމާއި ޕެޑްލަރެއްކަމުގައި ބެލެވޭނެ ޙާލަތްތައްވެސް ބަޔާންކުރެއެވެ.

19މިގޮތުން މަސްތުވާއެއްޗެއް އަތުގައި ހުރުމުގެ މާނައަކީ "މީހެއްގެ ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް މާއްދީ ގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭ ގޮތުން" ކަން މަސްތުވާތަކެއްޗާބެހޭ ޤާނޫނުން އެނގެއެވެ.18 އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، މަސްތުވާއެއްޗެއް އަތުގައި ހުރީ ކަމުގައި ޤަބޫލުކުރާ 06 (ހައެއް) ޙާލަތެއް ޤާނޫނުގައި ބަޔާންކުރެއެވެ.19 އެއީ އަންނަނިވި ޙާލަތްތަކެވެ.

(ހ) މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް ހުރުން؛

(ނ) މީހަކު ލައިގެން ހުންނަ އަންނައުނުގައި ނުވަތަ އަންނައުނާގުޅޭ ސާމާނުގައި ނުވަތަ އޭނާ އަޅައިގެން ހުންނަ ގަހަނާގައި މަސްތުވާއެއްޗެއް ހުރުން؛

(ނ) މީހަކު ހިފައިގެންއުޅޭ ނުވަތަ އަޅައިގެންއުޅޭ ނުވަތަ އޭނާގެ ގައިގައި ހަރުކޮށްގެންއުޅޭ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛

(ބ) މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާއެއްޗެއް ހުރުން ނުވަތަ މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން؛ އަތުގައި މަސްތުވާއެއްޗެއް ހުރުން.

20އާންމު އުޞޫލުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް 18 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާ 19 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 (ކުރީގެ 141) ވަނަ މާއްދާ އޭނާ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 (ސާދަ) ގްރާމަށްވުރެ ގިނަ ޢަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެއެވެ.

21HN1ދެން އޮތް ސުވާލަކީ މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުމަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއްތޯ ނުވަތަ ނޫންތޯއާ ގުޅޭ ގޮތުން އުފެދޭ ސުވާލެވެ. މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އެއްވެސް އިސްތިސްނާއެއްނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް، މިފަދައިން މާނަކުރެވި ތަޠުބީޤުކުރެވިފައިވާ ގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައިނުވާތީ، އެ މާނަކުރުމާ ދުރަށް ދާންޖެހޭނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޝިއްޔާއިންވަނީ ކަނޑައަޅާފައެވެ.

22ކުރިން ޢަމަލުކުރަމުންދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އޮތް ގޮތުން ވަކި ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ ބެލެވޭނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އެ ތަކެތި އަތުގައި ބެހެއްޓީކަމަށް ބަޔާންކޮށްފައިވީނަމަވެސް، އިސްވެ ބަޔާންކުރަނިވި ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ކުށުގެ ޢަމަލާއި ނިޔަތް ސާބިތުކޮށްދޭންޖެހޭނެކަމަށާއި، އެއީ އާންމު އުޞޫލުން ޖިނާއީ ކުށް ސާބިތުކުރުމުގެ މިންގަނޑަށްވުމުގެ އިތުރުން، މީހެއްގެ އަތުގައި ހުންނަ މަސްތުވާތަކެއްޗާ ދުރުކޮށްދޭ ހެއްކެއް ނުވަތަ ޤަރީނާއެއް ދެއްކިއްޖެނަމަ ނުވަތަ ތަޙުޤީޤު މަރުޙަލާގައި އިޖުރާއީ އުނިކަމެއް ހުރިނަމަ، އެއީ މުތުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތެއްނޫން ކަމުގައެވެ. ޤާނޫނު އިފްތިރާސްކުރަނީ rebuttable legal presumption ގެ ގޮތުގައިތޯ؟

23މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ބަލާއިރު، މަސްތުވާއެއްޗެއް އަތުގައި ހުރުމުގެ މާނައަކީ "މީހެއްގެ ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް މާއްދީ ގޮތުން ހުންނަ ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުންނަ ހުރުން ހިމެނޭ ގޮތުން" ކަން މަސްތުވާތަކެއްޗާބެހޭ ޤާނޫނުން އެނގެއެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު ޤަބޫލުކުރާގޮތަކީ، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުމަކީ އެ މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލުންކަމަށާއި، އަދި މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާއެއްޗެއް ހުރެއްޖެނަމަ، ނުވަތަ މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެ މީހާގެ އަތުގައި މަސްތުވާތަކެތި ހުރީ ކަމުގައި ބެލެވޭނެކަމެވެ. މިއީ މިހާރު ޢަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގައި މިކަން އޮތް ގޮތެވެ. މީގެ މާނައަކީ، މި މާއްދާގައިވާ ގޮތުން، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރިނަމަ އެ ތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އިފްތިރާޟުކުރުމަކީ ކޮންމެ ޙާލަތެއްގައިވެސް އެކަން އޮންނާނެ ގޮތް ކަމުގައި ނުވާ ފަދައަކުން މި މާއްދާ ފަރުމާކޮށްފައިވުމެވެ. އަދި މާއްދާ ފެށުމުގައި "އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު" މިފަދައިން ބަޔާންކޮށްފައިވުމުން، އެ މައްދާ މާނަކުރުމަށް ނުވަތަ މުޠުލަޤު މަސްއޫލިއްޔަތު އުފުލުމަށް އިސްތިސްނާ ހުރިކަމެވެ.

24ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/48 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން "ޤާނޫނު ޤަބޫލުކުރާގޮތް" ނުވަތަ legal presumption އަކީ ޠަޢުނު ކުރެވޭ ފަދައިން އޮތް ނުވަތަ rebuttable legal presumption އެކެވެ. އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މައްދާގެ ސާފު ނައްސުން ފެންނަން އޮތް ގޮތުގައި އެ މާއްދާގައި ބަޔާންކުރާ ގޮތަށް ޤަބޫލުކުރަނީ "އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު" ކަމުގައިވާތީއެވެ. މީގެ މާނައަކީ، ޤާނޫނުގައި ޤާނޫނު ޤަބޫލުކުރާގޮތް ބަޔާންކުރާ ނަމަވެސް، ކުށުގެ ތުހުމަތު އެ މީހެއްގެ މައްޗަށް އުފުލޭ މީހާއަށް، އެކަން އޮތީ އެފަދައިން ނޫންކަން ޝަރީޢަތަށް ދައްކައިދީ، އެކަންކަމުގެ މައްޗަށް އެކަށީގެންވާ ޝައްކު އުފެއްދުމުގެ ޖާގަ ޤާނޫނުގެ ހަމަ އެ މާއްދާއިން ހުޅުވާލާފައިވާކަމެވެ.

ހިޔާޒަތު

25HN2މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ފަދައިން ޤާނޫނު ޤަބޫލުކުރާގޮތަކީ، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި (possession) މަސްތުވާތަކެތި ހުރެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެ މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރީ ކަމުގައި ބެލެވޭނެކަމެވެ.

26މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރި އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، މަސްތުވާތަކެތި އަތުގައި ހުރުން ތަފާތު ޙާލަތްތަކަށް ބެހިގެންދެއެވެ. އެގޮތުން އެއް ޙާލަތަކީ، ޙަޤީޤީ ހިޔާޒަތު (actual possession) ގެ ޙާލަތެވެ. މިއީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައި ހުރި ތަނެއްގައި މަސްތުވާތަކެތި ހުރުމެވެ. ދެވަނަ ޙާލަތަކީ، މައުނަވީ ހިޔާޒަތު (constructive possession) ގެ ޙާލަތެވެ. މި ޙާލަތަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ތިމާގެ ޙަޤީޤީ ހިޔާޒަތުގައި ނެތް ނަމަވެސް، އެތަކެތި ތިމާ ހުރި ތަނުގައި ހުރިކަމަށް ނުވަތަ އެއްޗެއްގެ ތެރޭގައި އެތަކެތި ހުރިކަން އެނގުމާއެކު، އެ އެއްޗެއްގެ މައްޗަށް އެ މީހާގެ ކޮންޓްރޯލް އޮތުމެވެ. މި ޙާލަތުގައިވެސް މަސްތުވާތަކެތި އަތުގައި ހުރީ ކަމުގައި ބެލެވޭނެއެވެ.

27އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރެވިގެންވާކަމަށް ނުބެލެވޭނެއެވެ. އެ މިންވަރަށް ހެކި ލިބެން ނެތް ޙާލަތުގައި، ދަޢުވާ ރައްދުވާ މީހާއަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލެވޭނެއެވެ. މިއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) (މީގެ ފަހުން "ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު") ގެ 15 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މިންގަނޑެވެ. "އެކަށީގެންވާ މިންވަރުގެ ޝައްކެއް ނުކުރެވޭނެ މިންވަރު" ނުވަތަ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމުން ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމެވެ.

28ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ސާބިތުކުރުމުގެ ޒިންމާ ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، މި ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދިނުމާއި، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި، ކުށުގެ ޒިންމާ އެ ފަރާތުން އުފުލަންޖެހޭކަން ސާބިތުކޮށްދިނުމަށް ބޭނުންވާ އެހެން ހުރިހާ ހެއްކަކާއި ކަންކަމެއް ލިބިހުރި އެންމެހައި ހެއްކެއްގެ ބުރަދަނަށް ބަލައި ސާބިތުކޮށްދިނުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެކެވެ.

29ބަޔާންކުރަނިވި ފަދައިން ދަޢުވާއަށް މުއްތަހަމު އިންކާރުކުރާނަމަ، ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދިނުމުގެ ބުރަ ދައުލަތުން އުފުލަންޖެހޭނެއެވެ. މީގެ މާއްދީ ރުކުން ސާބިތުކޮށްދިނުމުގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އޮތީ މުއްތަހަމުގެ ޙަޤީޤީ ހިޔާޒަތުގައި ނުވަތަ މައުނަވީ ހިޔާޒަތުގައިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ.

30މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ހުރުމުގެ މައުނަވީ ރުކުން ސާބިތުކުރަނީ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ހުރިކަން އެނގިހުރެ އެ އެއްޗެއް އަތުގައި ހުރުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްގެންނެވެ. އެނގޭކަމަކީ ނުވަތަ އެނގުމަކީ، އެ މީހާގެ ސަމާލުކަމަށް އެކަން އައިސްފައިވުމެވެ. ނުވަތަ އެކަމުގެ knowledge ހުރުމެވެ.

31މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިކަން އެނގުމުގެ މާނައިގެ ތެރޭގައި، އެ އެއްޗެއް ހުރިކަން އެނގުމުގެ އިތުރުން، އެ އެއްޗަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަންވެސް އެނގިފައިވުން ހިމެނެއެވެ. މި އެންމެ ކަންކަމީ ކަން ހިނގާފައިވާ ގޮތަށާއި، ވަށައިގެންވާ ކަންކަމުން ދެނެގަނެވޭނެ ކަންކަމެވެ.

32HN3މަސްތުވާތަކެތި ފެނުނު ތަނަކީ އެކަކަށްވުރެ ގިނަ މީހުން އުޅޭ ތަނެއްނަމަ، ނުވަތަ މަސްތުވާތަކެތި ފެނުނު ތަނުގައި އެކަކަށްވުރެ ގިނަ ބަޔަކު ތިބިނަމަ، އެ ފެނުނު ތަކެއްޗަކީ އެތަނުގައި ހުރި މީހެއްގެ އަތުގައި ހުރި ތަކެތިކަމަށް ބެލުމަށްޓަކައި، އެ މީހާއަށް އެތަކެތި ހުރިކަން އެނގޭކަމާއި، އެ ތަކެތީގެ މައްޗަށް ކޮންޓްރޯލް އޮތްކަން ބެލުމަށްޓަކައި، އެ މީހާގެ ލޯ މައްޗަށް އެތަކެތި ފެންނަންހުރުން، ނުވަތަ އެ މީހާގެ އެއްޗެއްގެ ތެރެއިން ފެނުން، ނުވަތަ ހައްޔަރުކުރުމުގައި ޝައްކުކުރެވޭފަދަ ގޮތަކަށް ޢަމަލުތައް ހުރުންފަދަ އިތުރު ޤަރީނާތައް ހުންނަންޖެހޭނެ ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/109 އިސްމާޢީލް ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.

ދިފާޢުވުން

33HN4މިކަމުގައި މުއްތަހަމުއަށް ދިފާޢު އޮންނާނެއެވެ. އޭނާގެ ދިފާޢަކީ އޭނާގެ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ބެހެއްޓި ނުވަތަ ހުރި ސަބަބު ބުނެދީ، ކުށުން ބަރީއަވުމެވެ. އަދި ހަމަ އެހެންމެ، މަސްތުވާތަކެތި ފެނުނު ތަނަކީ އެ މީހެއްގެ ކޮންޓްރޯލް އޮތް ތަނެއް ނޫންކަން، އެ ތަނުގެ ކޮންޓްރޯލް އޮތްކަމަށް ބުނާ ފަރާތަށް ޤަބޫލުނުކުރެވޭނަމަ، އެތަނުން ފެނުނު މަސްތުވާތަކެތި އެތަނަށް އައި ގޮތެއް ހެކި ހުށަހަޅައިގެން ސާބިތުކޮށްދިނުމަކީ އެތަނުގެ ކޮންޓްރޯލް އޮތްކަމަށް ބުނާ ފަރާތުގެ ޒިންމާއެކެވެ. މިކަން ސާބިތުކޮށްދޭންޖެހޭނީ މަދަނީ މިންގަނޑުން އެކަމަށް ބާރުދޭ ހެކި ހުށަހަޅައިގެންނެވެ. މިގޮތުން، މީހެއްގެ އަތުގައި ހުންނަ ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަނަކުން ފެންނަ މަސްތުވާތަކެއްޗާއި އޭނާއާ ދުރުކޮށްދޭ ހެއްކެއް ނުވަތަ ޤަރީނާއެއް ދެއްކިއްޖެނަމަ އެ މީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުނުވާކަމަށް ބަލައި އެ މީހަކު ދޫކޮށްލަންވާނެއެވެ.

34މިކަން ތަފްޞީލުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/10 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މުޙައްމަދު މަނިކު ޤަޝިއްޔާގައި ބަޔާންކުރެއެވެ. އެ ޤަޟިއްޔާގައިވަނީ ދަޢުވާއަށް މުއްތަހަމު އިންކާރުކޮށް ދިފާޢު ނަގާނަމަ، ދިފާޢު ސާބިތުކުރުމުގައި ސާބިތުކުރުމުގެ ޤާނޫނީ ބުރައާއި ދިފާޢު ސާބިތުކުރުމުގައި ހެކި ހުށަހެޅުމުގެ ބުރަ އޮންނާނީ މުއްތަހަމުގެ މައްޗަށްކަމަށާއި، މިގޮތުން މުއްތަހަމުގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމު ސާބިތުކޮށްދޭންޖެހޭނެކަމަށާއި، އަދި މުއްތަހަމުގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ނެތް ކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑާމެދު މުއްތަހަމު ޝައްކު އުފައްދާނަމަ، ނުވަތަ މުއްތަހަމުގެ މައްޗަށް ކުރެވޭ ތުހުމަތާމެދު ޝައްކު އުފެދޭ މިންވަރަށް ހެކި ހުށަހަޅާނަމަ، ދައުލަތުން ކުޅަ ދަޢުވާ ކާމިޔާބު ވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް މުއްތަހަމުގެ ހެކި ނަފީކުރެވިގެންކަމުގައެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑަށް ދަޢުވާ ސާބިތުވޭތޯ ބެލުން އަޙްމަދު މުރުޝިދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުގައި ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާ ކަންކަން

35ދަޢުވާއަށް އަޙްމަދު މުރުޝިދު އިންކާރުކޮށްފައިވާކަމަށާއި، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ ކޮތަޅެއް ފެނުނުކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ޚިލާފެއް ނުވާނެ ގޮތުން ހެކިބަސްދީފައިވީނަމަވެސް، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި އެއީ މަސްތުވާތަކެތިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ކަމަށްވާއިރު، މިހާދިސާގައި ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓާ ހަމައަށް ވާސިލުވުމުގައި އެތަކެތި ދައުރުވަމުން ގޮސްފައިވާ ގޮތް އަންގައިދޭ ޗެއިން އޮފް ކަސްޓަޑީ ފޯމަށާއި ކޮންޓިނިއުޓީ ލިޔުމަށް ބަލާއިރު، ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެބަލައި ޗެކްކުރި ފަރާތުގެ ނަން އެ ލިޔުންތަކުން ފެންނަން ނެތުމާއި، އެކަން އެގޮތަށް ދިމާވެފައިވާ ސަބަބެއް ޝަރީޢަތަށް ޤަބޫލުކުރެވޭ ވަރަށް ދައުލަތަށް ބަޔާންކޮށްދެވިފައިނުވާކަމުގައެވެ. ދިފާޢުން ހުށަހެޅި ހެކިންގެ ބަސް ޝަރީޢަތުން ބަލައި ވަޒަންކުރިއިރު، ދިފާޢީ ހެކިންގެ ގޮތުގައި ހާޒިރުވެ ހެކިބަސްދިން ފަރާތްތަކުގެ ބަހަށް ޝަރީޢަތަށް ބުރަދަނެއް ދެވިދާނެ މިންވަރަށް އެއް ފަރާތުން ދައްކާފައިވާ ވާހަކަތައް އަނެއް ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެންދާކަން ފާހަގަކުރެވޭކަމަށާއި، އެގޮތުން، އަންނަނިވި ކަންކަން ދަށު ކޯޓުން ފާހަގަކޮށްފައިވެއެވެ.

35.1. އަޙްމަދު މުރުޝިދު ހައްޔަރުކުރެވުނީ އެސްޓީއޯ ސަރވިސް ސެންޓަރު ކައިރިން 15:30 އެހައިކަން ހާއިރުގެ ވަގުތެއްގައިކަން ފުލުހުންގެ ބަހުން އެނގޭއިރު، އެވަގުތު އެ ސަރަހައްދަށް ދިޔައީ އަނބިމީހާ އުޅޭ އޮފީހުން ބަލައިކަމަށް އަޙްމަދު މުރުޝިދު ބުނާއިރު، އެ ބުނުމަށް ކ. ގުރައިދޫ ގްރީންލައިޓް، މަރްޔަމް ޢުލާއާއި ލ. ހިތަދޫ ލުގެ، ޙުސައިން ރަޝީދު ޝަރީޢަތަށް ދީފައިވާ ހެކިބަހުން ބާރުލިބޭކަން.

35.2. ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ހުށަހެޅި ހެއްކެއްކަމުގައިވާ ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން، 15 ފެބުރުވަރީ 2017 ގައި ހިނގި ހާދިސާއަކާ ގުޅިގެން ތަޙުޤީޤަށް ބަންދުކުރެވިފައި ހުއްޓާ، އަޙްމަދު މުރުޝިދުއާ ދިމާވިކަމަށާއި، އަޙްމަދު މުރުޝިދު ހައްޔަރުކުރެވިފައި ހުރީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިގެންކަން އެނގިފައިވާކަމަށާއި، ނަމަވެސް އަޙްމަދު މުރުޝިދުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ތަކެތި ކަމަށާއި، ދޫނިދޫއިން އަޙްމަދު މުރުޝިދުއާ ދިމާވެ މަޢުލޫމާތު ބަދަލުކުރެވުމުން އެ ދުވަހު އެ ސައިކަލަށް އެރީ އަޙްމަދު މުރުޝިދުކަން ޔަޤީންކުރެވުނުކަމަށާއި، އޭގެ ފަހުން ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ 15 ފެބުރުވަރީ 2017 ގައި ކަމަށާއި، އެ މައްސަލައިގައި ބަންދަށް ގެނެސް އިންދާ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ތަކެތި ބެހެއްޓި ސައިކަލުގެ ވެރި ފަރާތަކީ އަޙްމަދު މުރުޝިދުކަން އެނގުނުކަމުގައި ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ހެކި ބަސް ދީފައިވާކަން.

35.3. ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ހެކި ބަހުގައި، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ދިޔައީ ލޯކަލް މާރުކޭޓު ކައިރިން ދޯންޏަކަށް އެތަކެތި ލާންވެގެން ކޮތަޅަކަށް ލައިގެން ކަމަށާއި، އެދިމާއިން އެސްޓީއޯ ސަރވިސް ސެންޓަރ ހިސާބުން ބަޔަކު ފަހަތުން އަންނާތީ އެއީ ފުލުހުންކަމަށް ހީވެގެން އެތަކެތި އެތަނުގައި އިން ސައިކަލެއްގެ މަތީގައި ބައިންދާފައި ދުރުގައި މަޑުކޮށްލިކަމަށާ ހަނދާންވާގޮތުން އެއީ ޒޫމަރ ސައިކަލެއްކަމަށާއި އޭރު އެސައިކަލަށް އެރި މީހާ ހުރީ ސަރވިސް ސެންޓަރު ދޮރު ކުރިމައްޗަށްވާގޮތަށް ސިނގިރޭޓެއް ބޯންކަމަށާއި، ދެން އެތާހުރެފައި ސައިކަލަށް އޭނާ އެރި ގަޑީގައި ބަޔަކު މީހުން އައިސް އަރައިގަތީކަމަށާއި، އެއީ ފުލުހުންކަމަށާއި ހަނދާންވާގޮތުން އެތަކެތި ލައިގެން ގެންގުޅުނީ ރީފް ބްރޭންޑްގެ މުށިކުލައިގެ ކޮތަޅަކަށްކަމަށާއި، އޭގައި ހުރި މަސްތުވާތަކެތި ބަންދުކޮށްފައި ހުންނާނީ ފިލްމު ހުސްކުރި ދަޅުތަކެއްގައިކަމަށާއި، އެ ކޮތަޅުގައި އަންހެން ކުއްޖެއްގެ ޓޮޕަކާ، ބިއްލޫރި ވާސްއެއް ކަހަލަ އެއްޗެއް، ފުޅިމަދު ފޮއްޓަކަށް ލައިފައި އޮންނާނެކަމަށާއި މަސްތުވާއެއްޗެހި ބަންދުކޮށްފައި ހުންނާނީ ޑާކް ފެންޓަސީ ބިސްކޯދު ހުސްކުރި ފޮއްޓެއްގައިކަމަށާއި، އެ ފޮށީގައި ކަޅުކުލައިގެ ޓޭޕްއަޅާފައި ހުންނާނެކަމަށާއި، އެ ތަކެއްޗަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ތަކެތިކަމަށް ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ ހެކިބަސް ދީފައިވާކަން.

35.4. ބަޔާންކުރަނިވި ހެކިބަހަށް ބަލާއިރު، އަޙްމަދު މުރުޝިދުގެ ސައިކަލު މަތީގައި އެހެން މީހަކު ކޮތަޅެއް ބެހެއްޓި ތަން ދުށްކަމަށް ލ. ހިތަދޫ ބޮޑުކަލުގެ، ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި އޮންނަ އޮތުމަށް ބާރު ލިބިގެން ގޮސްފައިވާކަން.

35.5. ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން ދިފާޢީ ހެކިން ދީފައިވާ ހެކިބަހަށާއި، އެ ހެކިބަހުގައި ބަޔާންކުރެވިފައިވާ ވަގުތާއި ޙާލަތާއި ހާދިސާ ހިނގައިދިޔަ ގޮތަށް ޝަރީޢަތުން ބަލާއިރު، އަޙްމަދު މުރުޝިދުގެ ހިޔާޒަތުން ފެނުނު ކަމަށް ބުނާ ތަކެތި ކަމުގައި ފުލުހުންގެ ހެކިބަހުން ސާބިތުވާ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތިކަމާމެދު ޝަރީޢަތުގެ ކުރިމަތީގައި ޝައްކު އުފެދިފައިވާކަން.

36އަޙްމަދު މުރުޝިދުގެ ހިޔާޒަތުން ފެނުނުކަމަށް ފުލުހުން ބުނާ ތަކެއްޗަކީ އޭނާ ފިޔަވައި އެހެން ފަރާތެއްގެ ތަކެތިކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށާއި، މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ކޮތަޅު ވައްޓާލުމަށް އަޙްމަދު މުރުޝިދު މަސައްކަތްކުރިކަމަށް އެއް ފުލުހަށްވުރެ ގިނަ ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އެ ކޮތަޅުން ސާމްޕަލް ނެގިފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތްނަމަވެސް، އެއީ ސާމްޕަލަކާ އަޙްމަދު މުރުޝިދުގެ ފިންގަރޕްރިންޓް ދިމާވިކަން ނުވަތަ ނޫންކަމެއް ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެން ނެތްކަމެވެ.

37HN5އެމީހެއްގެ ހިޔާޒަތުގައި ހުއްޓާ ގެންނަ މަސްތުވާތަކެތީގެ ޒިންމާ އެ މީހަކު އުފުލަން ޖެހެނީ، ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އެތަކެއްޗަށް ޒިންމާ ނަގަންޖެހޭ ފަރާތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނުދެއްކިއްޖެ ޙާލަތެއްގައިކަމަށްވީހިނދު، މިހަދިސާއިން ފެނުނު މަސްތުވާތަކެއްޗަކީ ސ. މީދޫ މަސާއުލްބަދްރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ތަކެތިކަމުގައި އޭނާ ޝަރީޢަތުގައި ބުނާ ބުނުމަށް ބާރުލިބިދޭ ޤަރީނާ ހުރިއިރު، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އަޙްމަދު މުރުޝިދުގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢުން މި ދަޢުވާއާމެދު އުފެދިގެންދިޔަ ޝައްކުގެ މަޞްލަޙަތު އޭނާއަށް ފުރިހަމައަށް ލިބެންޖެހޭކަމުގައިއެވެ.

38ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަން މި މައްސަލައިގެ ވާޤިއާތަކަށް ތަޠުބީޤުކުރުމުން، މި މައްސަލައިގައި ސައިކަލު ހުރީ އެންމެން ހިނގާބިނގާވެ އުޅޭ މަގުމަތީގައިކަމަށާއި، އެ ސައިކަލު މަތީގައި މަސްތުވާތަކެތި ބެހެއްޓި މީހާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދިނުމުގެ އިތުރަށް އެ މަންޒަރު ދުށް ފަރާތަކުންވެސް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވުނު ތެކެތިން އަޙްމަދު މުރުޝިދުގެ ފިންގަރޕްރިންޓް ލިބިފައިވާކަން އެނގެން ނެތްކަމަށެވެ.

ޗެއިން އޮފް ކަސްޓަޑީ

39HN6ޗެއިން އޮފް ކަސްޓަޑީއަކީ ޖިނާއީ މައްސަލައެއްގައި ކުށުގެ ވެށިން ނެގޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދެވޭގޮތާއި، ބަދަލުކުރެވޭގޮތާއި އަދި ނައްތާލެވޭގޮތް ރިކޯޑުކުރާކުރުމެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު ޢަމަލުކުރާނެގޮތާއި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ ދެ ދާއިރާއިން ހިފަހައްޓާ އެނޫންވެސް އެއްޗެއްސާމެދު ޢަމަލުކުރާނެގޮތް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމުގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 162 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށްތަކާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު ޢަމަލުކުރާނެގޮތުގެ އިޖުރާއަތުތައް ކަނޑައަޅާފައިވަނީ، މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައެވެ.

40މި ގަވާއިދުގެ 23 ވަނަ މާއްދާގައި މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ވަނަވަރު އަދި ޙަވާލުކުރެވޭ ތާރީޚާއި ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށްފަހު ގައި ކަން ބަޔާންކުރެއެވެ.

41މިގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ތަޙްޤީޤަކާ ގުޅިގެން އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އެ ތަކެތި ނައްތާލެވެންދެން ރައްކާތެރިކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން ތަޙުލީލު ބޭނުމަށް ލެބޯޓަރީއާ ޙަވާލުކުރާ ތަކެތި ޑްރަގް ގަވާއިދު ނަންބަރު: 2015/R-230 (މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 28 ޑިސެންބަރު 2015 ގައި) އިބިމި އެންޑް ކެމިކަލް ލެބޯޓަރީއާ ޙަވާލުކުރުމުން، އެ ތަކެތި ތަޙުލީލުކޮށް، ތަޙުލީލު ރިޕޯޓު ތައްޔާރުކުރުމާ ހަމައަށް އެތަކެތި ބަލަހައްޓާނީ އެ ލެބޯޓަރީއިންނެވެ. މި ތަކެތި ތަޙުލީލުކޮށް ނިމުމުން އެ ތަކެތީގެ ރިޕޯޓާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަޙްޤީޤުކުރާ ޑިޕާޓްމަންޓާއި އެތަކެތި ޙަވާލުކުރުމުން، އެ ތަކެއްޗާމެދު ޢަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ތަކެތި ނައްތާލެވެންދެން އެ ތަކެތި ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.

42ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި، އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅާނީ އެ ތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމަށާއި، އަދި ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ޝަރީޢަތުން ކަށަވަރުކުރަންވާނީ، ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރެވޭ ފޯމުތަކުގައިވާ މަޢުލޫމާތާއި، އަތުލައިގަނެވޭ ތަކެތީގެ "ޗެއިން އޮފް ކަސްޓަޑީ ފޯމު"ގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާއި ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާނަމަކަން ބަޔާންކުރެއެވެ. އަދި މީގެ އިތުރުން އަތުލައިގަނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި ޗެއިން އޮފް ކަސްޓަޑީ ފޯމާއި ތަޙުލީލު ރިޕޯޓުގައިވާ މަޢުލޫމާތު ދިމާނުވާނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާނަމަ، ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ މީހާގެ އަތުން އަތުލައިގަނެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް ކަނޑަނޭޅޭނެކަން ބަޔާންކުރެއެވެ.

43މަސްތުވާތަކެތީގެ މައްސަލައެއްގައި އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކީ، މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅާނީ އެ ތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމަށާއި، ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާއެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގެ ދަށުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ކަށަވަރުކުރެވޭ ގޮތަކަށް އޮންނާނީ، އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމުކަމަށާއި، މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި، ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރުން ލާޒިމުކުރާކަމުގައި މި ކޯޓުގެ ނަންބަރު 2018/HC-A/404 ނުޒުރަތު ނަޖީބު އާއި މުޙައްމަދު ޝަމްޢޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައ ބަޔާންކޮށްފައިވެއެވެ.

44މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ރައްކާކުރުމާއި، ތަޙުލީލުކުރުމަށް ޙަވާލުކުރެވޭ މަސްތުވާތަކެއްޗާއި، އަދި ތަޙުލީލުކޮށް ނިމުމުން އެ ތަކެތި ތަޙްޤީޤުކުރާ ޑިޕާޓްމަންޓާއި އަނބުރާ ޙަވާލުކުރުމުގައި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި، އަދި އަތުން އަތަށް ބަދަލުކުރުމުގައި، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ތަފްޞީލު، އެ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި އެއް ރޮއްޖަކުން ގުޅިފައިވާކަން އެނގެން އޮންނަންވާނެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ނިއުޅިގެންގޮސްފައިނުވާކަން ނުވަތަ މެދުކެނޑިގެންގޮސްފައިނުވާކަން ދައުލަތުން ހުށަހަޅާ ލިޔެކިޔުންތަކުން އެނގެންވާނެއެވެ.

45ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ގޮތުން ދަށު ކޯޓުގެ ނިންމުމުގައިވަނީ މި ހާދިސާގައި ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ ހަމައަށް ވާސިލުވުމުގައި އެތަކެތި ދައުރުވަމުން ގޮސްފައިވާ ގޮތް އަންގައިދޭ ޗެއިން އޮފް ކަސްޓަޑީ ފޯމަށާއި ކޮންޓިނިއުޓީ ލިޔުމަށް ބަލާއިރު، ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެބަލައި ޗެކްކުރި ފަރާތުގެ ނަން އެލިޔުންތަކުން ފެންނަން ނެތްއިރު، އެކަން އެގޮތަށް ދިމާވެފައިވާ ސަބަބު ޝަރީޢަތަށް ޤަބޫލުކުރެވޭވަރަށް ދައުލަތުން ބަޔާންކޮށްދީފައިނުވާކަމުގައެވެ.

46ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލުގައި މިކަމަށް ދައުލަތުން ސުވާލު އުފައްދާފައިވެއެވެ. ދައުލަތުން ބުނެފައިވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފޮރެންސިކް ޑިޕާޓްމަންޓާއި ހަމައަށް ވާސިލުވުމުގައި އެތަކެތި ދައުރުވަމުން ގޮސްފައިވާގޮތް ސާފުވާކަމަށާއި، އަދި އެތަކެތި އެ ޑިޕާޓްމަންޓަށް ވާސިލުވުމުގައި ޗެއިން ބްރޭކްވެފައިނުވާކަމަށެވެ. ދައުލަތުގެ މިކަމާ ގުޅިގެން އުފެއްދި ޖަދަލު އިސްވެ ބަޔާންކުރަނިވި 8.7 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވާނެއެވެ.

47ދަޢުވާއަށް މުއްތަހަމު އިންކާރުކުރާނަމަ، އެއްވެސް އިސްތިސްނާއެއްނެތި، ކުށާގުޅޭ އެންމެހާ މާއްދީ ރުކުނާއި މަޢުނަވީ ރުކުނުގައި ހިމެނޭ އެންމެހާ އުންސުރުތައް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ދައުލަތެވެ.

48މި މައްސަލައިގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރެއިން، މި ނުކުތާއާއި ގުޅޭ ލިޔެކިޔުންތަކަކީ "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" އާއި "ޗެއިން އޮފް ކަސްޑަޓީ ފޯމް" އާއި "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" އާއި "މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް" އެވެ. ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމު އިން 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 16:00 ހާއިރު އަޙްމަދު މުރުޝިދު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނެގުނު ތަކެތި ނެގި ފަރާތަކީ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ޝަނާޙު ކަން އެނގެއެވެ. މި ތަކެތި ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޒްއާ 19 ޖަނަވަރީ 2017 ގެ 18:57 ގައި ހަވާލުކޮށްފައިވާކަން ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގެއެވެ. މި ޗެއިން އޮފް ކަސްޓަޑީ ފޯމު މީގެ އިތުރަށް ފުރިހަމަކޮށްފައެއްނުވެއެވެ.

49ދަށު ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރެއިން މާއްދީހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމުން، މި މައްސަލައިގައި ނެގުނު ބައެއް ތަކެތި ފޮރެންސިކް ސަރވިސް ޑައިރެކްޓްރޭޓްއާ ޙަވާލުކުރެވިފައިވާކަން އެނގެއެވެ. މި ލިޔުމުން ޙަވާލުކުރި ފަރާތަކީ ފޮލިސް ސަރޖަންޓް އަޙްމަދު މުނީޒްކަމާއި، އަދި ޙަވާލުވެފައިވަނީ ޕޮލިސް ކޯޕްރަލް އާދަމް ޝަރީފްކަން އެނގެއެވެ. މި މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަށް ބަލާއިރު، 2017 ފެބްރުއަރީ 1 ވަނަ ދުވަހު މި ރިޕޯޓުގައި ބަޔާންކުރާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި، ފޮރެންސިކް ޑައިރެކްޓަރޭޓްގެ ނަންބަރުތަކާއެކު، ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއަށް ހުށަހަޅާފައިވާކަމުގައި ބަޔާންކުރެއެވެ. އެހެނަސް، މި ތަކެތި ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީއާ ޙަވާލުކުރީ ކޮން ފަރާތަކުންކަމެއް، އަދި ޙަވާލުވީ ކޮން ފަރާތަކުންކަމެއް އެނގޭކަށްނެތެވެ. މި ރިޕޯޓުން އިތުރަށް އެނގެނީ ތަޙުލީލުކުރީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފްކަމެވެ. މި ތަކެތި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފްއާ ޙަވާލުކުރެވުނު ގޮތެއް ސާފު ޗެއިނަކުން އެނގޭކަށްނެތެވެ. އަދި ޗެއިން އެނގޭނޭ ފަދައަކުން، ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަކޮށްފައެއްނުވެއެވެ.

50ހަމައެއާއެކު، 2017 ޖަނަވަރީ 17 ވަނަ ދުވަހުގެ 16:00 ހާއިރު އަޙްމަދު މުރުޝިދު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އެތަކެތި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ނެގުނު ތަކެތި ނެގި ފަރާތަކީ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ޝަނާޙުކަން އެނގެއެވެ. މި ތަކެތި ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޒްއާ 19 ޖަނަވަރީ 2017 ގެ 19:00 ގައި ޙަވާލުކޮށްފައިވާކަން ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގެއެވެ. މި ޗެއިން އޮފް ކަސްޓަޑީ ފޯމު މީގެ އިތުރަށް ފުރިހަމަކޮށްފައެއްނުވެއެވެ.

51މީގެ ތެރެއިން ބައެއް ތަކެތި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްއާ ޙަވާލުކޮށްފައިވަނީ ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޒްއެވެ. އެއާ ޙަވާލުވެފައިވަނީ ޕޮލިސް ކޯޕްރަލް އާދަމް ޝަރީފްއެވެ. މި ތަކެތީގެ ތެރެއިން ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްއާ ޙަވާލުކުރެވުނު 01 (އެކެއް) ބިޑިބުރި (ބޭނުންކޮށްފައިވާ) އާ ޙަވާލުވެފައިވަނީ ޕޮލިސް ކޯޕްރަލް އާމިނަތު ސާލިޔާއެވެ. ބިޑިބުރި (ބޭނުންކޮށްފައިވާ) ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓްގެ ފަރާތުން ޑްރަގް އެންޑް ކެމިކަލް ލެބޯޓަރީއާ 2019 ޖަނަވަރީ 23 ގައި ޙަވާލުކުރެވުނުކަން މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓުން އެނގެނުނަމަވެސް، މިތަކެތި ޙަވާލުކުރީ ކޮން ފަރާތަކާކަން އެނގޭކަށްނެތެވެ. އެނގެންއޮތީ މި ތަކެތި ތަޙުލީލުކުރީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފްކަމެވެ.

52މި މައްސަލައިގެ ކުށުގެވެށިން ފެނުނު ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާމެދު ޢަމަލު ކޮށްފައިވާގޮތާ ޚިލާފަށް ކުށުގެ ވެށިން ނެގުނު ކުޑަކަމުދާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމުގެ ކޮންޓިނިއުޓީ ސާފުކޮށް އެ ފޯމުން އެނގެއެވެ. މިގޮތުން ސާމްޕަލް ނަގައި ސީލް ކުރި ފަރާތުން ފެށިގެން، އެ ތަކެތި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓުން ޑްރަގް އެންޑް ކެމިކަލް ލެބޯޓަރީއަށް ލިބި، އެ ތަކެތި ތަޙުލީލުކުރި ފަރާތުގެ މަޢުލޫމާތާއި ހަމައަށް ސާފުކޮށް ޗެއިން މެދުނުކެނޑޭ ފަދައަކުން ފުރިހަމަކޮށްފައިވެއެވެ.

53ސުވާލު އުފެދިގެން މި އުޅެނީ މި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ޗެއިން ފުރިހަމަވޭތޯ ނުވަތަ ނޫންތޯ ކަމުގެ މައްޗަށްކަމުން، މި ނިންމުމުގެ 49 ވަނަ ނުކުތާގައިވާ ފަދައިން، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުން ލެބޯޓަރީއާ ހަމައަށް ވާސިލުވުމުގައި އެތަކެތި ދައުރުވަމުން ގޮސްފައިވާ ގޮތް އެނގޭކަށްނެތެވެ. މިކަމުން އެނގެނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑި، މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރަށް ފުރިހަމަވެފައިނުވާކަމެވެ.

54މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭ ނަންބަރު SCPD-06/2022 ޕްރެކްޓިސް ޑައިރެކްޝަންގައިވާ ގޮތުގެ މަތިންވެސް، ޝަރީޢަތަށް ޙާޟިރުކުރެވިފައިވާ ދައުލަތުގެ ހެކިންގެ ހެކިބަހުން ތަޙުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރެއްނުވެއެވެ.

55ޗެއިން އޮފް ކަސްޓަޑީ ފޯމާއި ގުޅިގެން 2019 ޖަނަވަރީ 3 ވަނަ ދުވަހު ދައުލަތުން ދައްކާފައިވާ ވާހަކަތަކުގައި، މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުމުގައި ދައުލަތުން ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގައިވާ ގޮތުން އެންމެ ފަހުން މަސްތުވާތަކެއްޗާ ޙަވާލުވީ އަޙްމަދު މުނީޒްކަން ފެންނަން އޮތްއިރު، މަސްތުވާތަކެތި ތަޙުލީލުކުރި ފަރާތުގެ ނަން މި ފޯމުގައި ހިމެނިފައިނުވާކަމަށާއި، އޭގެ ރައްދަކީ ކޮބައިތޯ ޝަރީޢަތުން ސުވާލުކުރުމުން، "ލިޔެކިޔުންތަކާއި، ކަސްޓަޑީ ފޯމުން ދައުލަތަށްވެސް ފާހަގައެއް ނުކުރެވޭ އިތުރު ފަރާތަކަށް އެ ޙަވާލުކުރެވުނުކަމެއް...." މިފަދައިން ދައުލަތުގެ ފަރާތުން ޖަވާބުދީފައިވާއިރު، ޗެއިން އޮފް ކަސްޓަޑީ ފޯމު އޮންނަންޖެހޭކަމަށާއި، ތަކެއްޗާއި ޙަވާލުވާ ކޮންމެ ފަރާތެއްގެވެސް މަޢުލޫމާތާއި، ޙަވާލުވި ގަޑިއާއި، ސޮއި އޮންނަންޖެހޭކަމަށް ދައުލަތުން ޤަބޫލުކުރާކަމުގައި ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.

56މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތަށް އެ ތަކެތި ގޮސްފައިވަނީ ކާކުގެ އަތުން ކޮން އިރަކުކަން އެނގޭކަށްނެތެވެ. ތަޙުލީލުކުރުމަށްފަހު އެ ތަކެއްޗަށް ދެންވީގޮތްވެސް އެނގޭކަށްނެތެވެ.

57ތަޙުލީލުކުރި ފަރާތްކަމުގައިވާ މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޝަރީޢަތަށް ޙާޟިރުވެފައިވެއެވެ. އަސްލު ނުގެއްލޭގޮތަށް (ތަޙުލީލުކުރެވޭ) ތަކެތި ލެބޯޓަރީއާ ހަމައަށް ވާސިލުވުމާއި ގުޅޭ ގޮތުން ދައުލަތުގެ ވަކީލް ކޮށްފައިވާ ސުވާލަކަށް މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ދީފައިވާ ޖަވާބަކީ ލެބޯޓަރީއަށް ތަކެތި ލިބޭއިރު ޗެއިން އޮފް ކަސްޓަޑީއާ އަދި އެވިޑެންސް ހުންނަންޖެހޭނީ ސީލްކޮށްފައިކަމަށާއި، ސީލްނެތިއްޔާ ބަލައިނުގަންނަ ކަމުގައެވެ. މި ހެކިބަހުންވެސް ތަޙުލީލުކުރި ފަރާތަށް އެ ތަކެތި ލިބިފައިވަނީ ކޮން ގޮތަކުންކަމެއް، އަދި ތަޙުލީލުކުރުމަށްފަހު، އެ ތަކެތި ތަޙްޤީޤުކުރި ފަރާތާއި ޙަވާލުކުރިކަމެއް ނުވަތަ ނޫންކަމެއް އެނގޭކަށްނެތެވެ. އަދި ތަޙުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރެއްނުވެއެވެ.

58އެހެންކަމުން، ކުށުގެ ވެށިން އެ ތަކެތި ނެގުމާއި ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ މެދުނުކެނޑި ގޮސްފައިވާކަން އެނގެން ނެތަތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގައި ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާއި އެ ބަލައި ޗެކްކުރި ފަރާތުގެ ނަން އެ ލިޔުންތަކުން ފެންނަން ނެތްހިނދު، އެކަން އެގޮތަށް މެދުވެރިވެފައިވާ ސަބަބެއް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ދައުލަތުން ބަޔާންކޮށްދެވިފައިނުވާކަމަށް ބަޔާންކޮށްފައިވަނީ ސުވާލުއުފެދޭ ގޮތަށް ކަމުގައި ބެލެވޭނެ ހަމައެއް އޮތް ކަމުގައި ނުދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު

59އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގެ އިސްތިއުނާފުގެ ތަފްޞީލުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޢަލީ އިބްރާހީމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރާ ޙާލަތަށް ދަށު ކޯޓުން ބަލާފައިނުވާކަމަށާއި، މި މައްސަލައިގެ ވާޤިއާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޢަލީ އިބްރާހީމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ތަޠުބީޤުނުކުރެވޭނެކަމަށް ބުނެފައިވެއެވެ.

60އެހެންކަމުން، ބަޔާންކުރަނިވި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުޞޫލުގެ ތަފްޞީލު ބަޔާންކުރަމެވެ.

61ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޢަލީ އިބްރާހީމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޝިއްޔާއަކީ ޢަލީ އިބްރާހީމްގެ ހަށިގަނޑާއި މީނާ ދިރިއުޅޭ ގެ ބަލާފާސްކުރަމުން ދަނިކޮށް، އެ ގޭގެ ފެންޑާ ތެރޭގައި ބަހައްޓާފައިހުރި ޢަލީ އިބްރާހީމްގެ ސައިކަލް، ޢަލީ އިބްރާހީމްގެ ހާޒިރުގައި ބަލާ ފަސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުގައި އޮތް މަލްބަރޯ ހާރޑް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓްތަކެއްގައި 0.0244 ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާއާ ޙަވާލާދީ ޢަލީ އިބްރާހީމްގެ މައްޗަށް ޑައިމޯފިނުން މުޢާމަލާތް ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލުނު މައްސަލައެކެވެ.

62ޢަލީ އިބްރާހީމްގެ ސައިކަލް ބަހައްޓާފައި ހުރި ގެއަކީ ވަށާފާރު ރާނާފައިހުރި ގެއަކަށްނުވުމާއި، އެ ސައިކަލް ބަހައްޓާފައި ހުރި ތަނުގެ ގޮތުން އެސައިކަލްގެ މަޑި ދަށަށް އެއްޗެއް ލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމުގައިވުމާއި، އެ ތަކެތި ފެނުނު ވަގުތުން ފެށިގެން ޢަލީ އިބްރާހީމް އެތަކެއްޗަށް އިންކާރުކޮށްފައިވާއިރު، އެތަކެތިން ޢަލީ އިބްރާހީމްގެ ފިންގަރޕްރިންޓް ހުރިތޯ ބަލައި ތަޙުލީލުކޮށްފައިނުވާތީ، އިތުރު ހެކި އަދި ޤަރީނާ ނެތީސް ޢަލީ އިބްރާހީމްގެ ސައިކަލްގެ މަޑިދަށުން މަސްތުވާތަކެތި ފެނުނު ފެނުމުގެ މައްޗަށް ހަމައެކަނި ބަލައި އެ ތަކެއްޗަކީ ޢަލީ އިބްރާހީމްގެ ތަކެތި ކަމަށް ނުނިންމޭނެކަމަށް ކަނޑައަޅާފައިވެއެވެ. މި މައްސަލަ ނިންމުމުގައި ދަށު ކޯޓުން މިކަންކަން މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކޮށްފައިވެއެވެ.

63މި މައްސަލައިގައި ދައުލަތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޝިއްޔާއަކީ މި ޤަޝިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވި ފައިސަލާކުރެވިފައިވާ ޤަޟިއްޔާއެކެވެ. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޘް ޤަޝިއްޔާއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާގައ ކަނޑައަޅާފައިވަނީ މީހެއްގެ ހިޔާޒަތުގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ހުންނަ މައްސަލަތަކުގައި، ކުށުގެ މާނަވީ އުންސުރެއް ސާބިތުވެގެން މެނުވީ، މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރުމަކީ ޖިނާއީ ޤާނޫނުގެ އަސާސީ އުޞޫލުކަމުގައެވެ. އަދި މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެނިއްޖެނަމަ، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާނީ، އެ މަސްތުވާ އެއްޗަކާއި އެ މީހަކާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ މޯޓިވްއެއް ނުވަތަ އަތުގައި އެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަމުގައެވެ.

64ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު ޤަޟިއްޔާގެ ޙަޤީޤަތްތަކަށް ބަލާއިރު، 22 މާރިޗް 2008 ދުވަހުގެ ރ ދަންވަރު 01:45 އެހާކަންހާއިރު، އިބްރާހީމް ނާފިޛް ދިރިއުޅޭ […] ގޭގެ ތެރެއަށް ފުލުހުން ވަދެ، އޭނާގެ ހަށިގަނޑާއި އޭނާ އުޅޭ ކޮޓަރި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައިގެ ތެރެއިން ފެނުނު 10 (ދިހައެއް) ރަބަރު ޕެކެޓުތަކުގެ ތެރޭގައި 56،8003 ގްރާމް އޯޕިއޭޓްސް ހުރިކަމަށް ބުނާ ބުނުން ފިޔަވައި އިބްރާހީމް ނާފިޘްއާ އެތަކެއްޗާ ހުރި ގުޅުން ބަޔާންކޮށްދޭ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައި، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.

65ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިފް ޤަޝިއްޔާއަކީ ކުރީގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ތެރެއިން ގޮތެއް ނިންމާފައިވާ މައްސަލައެކެވެ. އެހެނަސް، މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާއަށް ބަލާއިރުވެސް އެނގިގެންދަނީ މީހެއްގެ ކޮންޓްރޯލްގެ ދަށުން ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުމުން، އޭގެ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އިފްތިރާސްކުރުމަކީ ކޮންމެ ޙާލަތެއްގައި އެކަން އޮންނަ ގޮތް ނޫންކަމުގައެވެ. އެހެނީ، އެ މާއްދާގައި "އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު" އެފަދައިން ބަޔާންކޮށްފައިވުމުން، އެ މާއްދާ މާނަކުރުމަށް ނުވަތަ މުޠުލަޤު މަސްއޫލިއްޔަތު އުފުލުމަށް އިސްތިސްނާ ހުރި ކަން ފާޅުވާތީއެވެ.

66ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލު މި މައްސަލައަށް ތަޠުބީޤުނުކުރެވޭނީ މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައިވަނީ ހަމައެކަނި ކޮތަޅުންކަމަށްނުވެފައި، ފެނުނު ތަކެއްޗަކީ އެއް ބާވަތެއްގެ މަސްތުވާތަކެތިކަމަށްވާއިރު، އަދި ކޮތަޅުގައި ހުރި ތަކެތި އަޙްމަދު މުރުޝިދު ވައްޓާލަން މަސައްކަތްކޮށްފައިވާތީ ކަމުގައި ދައުލަތުން ބުނެފައިވެއެވެ.

67މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ޒިންމާ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ނަގާފައިވާއިރު، އޭނާއަކީ އޭރުވެސް މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުރި ފަރާތެއްކަމަށާއި، އޭނާ މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައިވަނީ އޭނާގެ މައްޗަށް ހުށަހެޅުނު ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއަށް އިޢުތިރާފުވުމާއި ގުޅިގެން 25 (ފަންސަވީސް) އަހަރުގެ ޖަލު ޙުކުމެއް އަންނާނެތީކަން އެނގޭއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާގައި، އެހެން މީހަކު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބުނެ އެ ތަކެތީގެ ޒީންމާ އުފުލުމުގެ ގޮތުން ދައްކާ ވާހަކައަށާއި، ވަގުތާއި ޙާލަތާއި އަދި އެކަމުގެ ވަށައިގެންވާކަންކަމަށް ނަޒަރުކުރުމެއް ނެތި، އެ މީހެއްގެ ހިޔާޒަތުން އެތަކެތި ފެނުނު މީހާ އެ މަސްތުވާތަކެއްޗާމެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަނުވެވޭނެކަމަށް ކަނޑައަޅާފައިވާއިރު، މިކަންކަމަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާ ކަމުގައި ދައުލަތުން ބުނެފައިވެއެވެ.

68މިފަދައިން ދައުލަތުން ބުނިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ބަޔާންކުރަނިވި އުޞޫލާއި ޙަވާލާދީ، އެކަންކަމުގައި ޝަރީޢަތުން ދެކޭ ގޮތް ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަމުގެ ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. މިކަންކަމަށް ރިޢާޔަތްކޮށް ވާސިލުވި ނަތީޖާއަކީ އެތަނަށް އަޙްމަދު މުރުޝިދު ދިޔައީ އަންހެނުން އޮފީހުން ބަލައިކަމަށް އަޙްމަދު މުރުޝިދު ބުނާ ބުނުމަށް ކ. ގުރައިދޫ ގްރީންލައިޓް، މަރްޔަމް ޢުލާއާއި ލ.ހިތަދޫ ބޮޑުގަލުގެ، ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުން ބާރުލިބޭކަމަށާއި، އަޙްމަދު މުރުޝިދުގެ ސައިކަލުން ފެނުނު މަސްތުވާތަކެއްޗަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ތަކެތިކަމަށް އޭނާ ބުނާ ބުނުމަށް، ޙުސައިން ރަޝީދު ޝަރީޢަތުގައި ދީފައިވާ ހެކިބަހުން ބާރުލިބޭތީ، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދިން ދިފާޢީ ހެކިން ދީފައިވާ ހެކިބަހަށާއި އެ ހެކިބަހުގައި ބަޔާންކުރެވިފައިވާ ވަގުތާއި ޙާލަތާއި ހާދިސާ ހިނގައިދިޔަ ގޮތަށް ޝަރީޢަތުން ނަޒަރުކުރުމުން، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ ތަކެތި ކަމުގައި ފުލުހުންގެ ހެކިބަހުން ސާބިތުވާ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތި ކަމާމެދު ޝަރީޢަތުގެ ކުރިމަތީގައި ޝައްކު އުފެދިފައިވާކަމެވެ.

69HN7މިކަން ފާހަގަކޮށް، އެއަށް ފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާގައިވާ ޙަޤީޤަތްތައް މި މައްސަލައާ އެއްގޮތް ޙަޤީޤަތްތަކުގެ މައްޗަށް ތަޠުބީޤުކޮށްފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގެއެވެ. މިކަމުގައި ދަށު ކޯޓުން ފާހަގަކޮށްފައިވަނީ ދެ ޤަޟިއްޔާގައިވެސް ހިމެނޭ އެއް ގޮތް ޙަޤީޤަތްތަކެއްކަމުން، މި އެއްގޮތް ޙަޤީޤަތްތަކުން ނެރެފައިވާ ދޭހަ ޤާނޫނާއި ޚިލާފުވަނީ ކޮން ގޮތަކުންކަމެއް ދައުލަތަށް ތަބްރީރުކޮށްދެވިފައިވާކަމުގައި ނުދެކެމެވެ.

70އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައިގެ ވާޤިއާތަކަށް ތަޠުބީޤުކޮށް، އެކަމުން ވާސިލުވި ނަތީޖާ ދަށު ކޯޓުން ބަޔާންކޮށް، އެކަން ތަފްޞީލުކޮށްފައިވާ ކަމުގައި ދެކެމެވެ. އަޙްމަދު މުރުޝިދުގެ ސައިކަލުން ފެނިފައިވާ ކޮތަޅުން މަސްތުވާތަކެތި ފެނިފައިވުމުން، އެއީ އަޙްމަދު މުރުޝިދު އެތަކެތީގެ ޒިންމާ ނަގަންޖެހޭ ސަބަބެއްތޯ ނުވަތަ ނޫންތޯ؟

71މި މައްސަލައިގައި އަޙްމަދު މުރުޝިދު އިން ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި އިން ކަރުދާސް ކޮތަޅުގައި އޮތް ވަށައިގެން ޓޭޕްއޮޅާފައި އޮތް ކަރުދާސް ފޮށީގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި 02 (ދޭއް) ދަޅުގައި 58،1263 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، އެއީ އަޙްމަދު މުރުޝިދު އެ ތަކެތީގެ ޒިންމާ ނަގަންޖެހޭ ސަބަބެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:

71.1 އަޙްމަދު މުރުޝިދު ދުއްވަން އިން ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި އިން ކަރުދާސް ކޮތަޅުން މަސްތުވާތަކެތި ފެނުނު ކަމުގައި ސީންގައި ހަރަކާތްތެރިވި ފުލުހުން ހެކިބަސް ދީފައިވާއިރު، އެ ކަރުދާސް ކޮތަޅުގެ ތެރެއިން ކަރުދާސް ފޮއްޓެއް ފެނުނުކަމަށާއި، އެ ފޮށީގެ ތެރެއިން ޑާކް ފެންޓަސީ ބްރޭންޑްގެ ބިސްކޯދު ޕެކެޓަކާއި އިންސިއުލޭޝަން ޓޭޕް އޮޅާފައި އޮތް އެއްޗެއް ފެނުނުކަމަށާއި، މި ޓޭޕް ނެއްޓިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދެ ދަޅު ފެނުނުކަމަށާއި، މިތަކެއްޗާއި ގުޅޭ ގޮތުން އަޙްމަދު މުރުޝިދުއާ ސުވާލުކުރުމުން، އެ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތި ނޫންކަމުގައި އަޙްމަދު މުރުޝިދު ބުނިކަމުގައި އެ ވަގުތު ސީންގައި ހަރަކާތްތެރިވި ފުލުހުން ހެކިބަސްދީފައިވާކަމާއި،

71.2. ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާއަށް އަޙްމަދު މުރުޝިދު އިންކާރުކުރިކަމަށާއި، އަދި ސައިކަލުގެ ހުންގާނާއި މަޑިއާއި ދޭތެރޭގައި ބައިންދާފައި އިން ކަރުދާސް ކޮތަޅުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމުގައި ބުނެ ޝަރީޢަތުގެ އަޙްމަދު މުރުޝިދު ތަކުރާރުކޮށް ބުނެފައިވާކަމާއި،

71.3. ފުލުހުން އެސްޓީއޯ ސަރވިސް ސެންޓަރު ހުންނަ ސަރަހައްދަށް ދިޔަ އިރު ސައިކަލް ހުރީ ޕާކިން ޒޯންގައިކަމަށާއި، އެ ސަރަހައްދަށް ފުލުހުން ދިޔައިރު، އަޙްމަދު މުރުޝިދު އުޅުނީ ސައިކަލް ނެރެންކަމުގައި ފ. ނިލަންދޫ މާކޯނި، މޫސާ ޚަލީލުއާއި ރ. އަލިފުށި ބޮކަރުމާގެ، އިސްޙާޤް ޙަސަންއާއި ދ. ކުޑަހުވަދޫ ފޮގެޓްމީނޮޓް، ޙަސަން ސިރާޖްއާއި، ހއ. ހޯރަފުށި މަލާޒް، އަސްއަދު މޫސާއާއި އއ. މަތިވެރި ހޭޒްލީން، މުންޛިރު މޫސާއާއި ހއ. މޮޅަދޫ ލުބޯގަސްދޮށުގެ، އަޙްމަދު ޝަނާޙު ބުނެފައިވާކަމާއި،

71.4. ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ސ. މީދޫ މަސާއުލްބަދުރު، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ދީފައިވާ ހެކި ބަހަށް ބަލާއިރު، އަޙްމަދު މުރުޝިދުއާއި ބައްދަލުވަނީ ދޫނިދޫއިންކަމަށާއި، އެއިރު ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދެއްގައިކަމަށާއި، އަޙްމަދު މުރުޝިދު ހައްޔަރުކުރެވުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ކަން އެނގުނުކަމަށާއި، އެހެނަސް، އަޙްމަދު މުރުޝިދުގެ ސައިކަލުން ފެނުނު ތަކެއްޗަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް އެ ސައިކަލް މަތީގައި ބެހެއްޓި ތަކެތިކަމަށާއި، އެ ހާދިސާ ހިނގި ތާރީޚަކީ 15 ފެބުރުވަރީ 2017 ގައި ކަމަށާއި، އެ ކޮތަޅަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ލޯކަލް މާރުކޭޓު ކައިރިން ދޯންޏަކަށްލާންވެގެން ގެންދިޔަ ކޮތަޅެއްކަމަށާއި، އެ ކޮތަޅު ހަވާލުކުރަން ދިޔަ ފަރާތުގެ ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އެ ފަރާތާއި ޙަވާލުނުކުރެވިގެން އެސް.ޓީ.އޯ ސަރވިސް ސެންޓަރާއި ދިމާލަށް ދިޔައީކަމަށާއި، އެތަނަށް ދިޔަ ތަނާ ފަހަތުން ބަޔަކު އަންނަހެން ހީވެގެން އެސް.ޓީ.އޯ ސަރވިސް ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީ ކޮތަޅު ބައިންދާފައި ދުރުގައި މަޑުކޮށްލި ފަހުން އެ ސައިކަލަށް އަޙްމަދު މުރުޝިދު އެރިކަމަށާއި، އެ ސައިކަލަށް އެރި ގަޑީގައި ފުލުހުން އޭނާ ހިފެހެއްޓި ތަން ފެނުނުކަމަށާއި، އެ ކޮތަޅަކީ ރީފް ބްރޭންޑުގެ މުށި ކުލައިގެ މީޑިއަމް ސައިޒްގެ ކަރުދާސް ކޮތަޅެއްކަމަށާއި، އެ ކޮތަޅު ބެހެއްޓީ ޒޫމަރ ސައިކަލެއްގެ ފައިލު ދިމާލުގައިކަމަށާއި، އެ ކޮތަޅުގައި ހުންނާނީ ފިލްމު ހުސްކުރި ދެ ދަޅު ތެރޭގައި މަގު މަތީ ބަހުންނަމަ ހޭޝް އޮއިލްކަމަށާއި، މަސްތުވާތަކެތި ބަންދުކޮށްފައި ހުންނާނީ ޑާކް ފެންޓަސީ ބިސްކޯދު ހުސްކުރި ފޮއްޓެއްގައި ކަޅުކުލައިގެ ޓޭޕް އޮޅާފައިކަމުގައި ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ބުނެފައިވާކަމާއި،

71.5. ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ލ.ހިތަދޫ ބޮޑުކަލުގެ ޙުސައިން ރަޝީދު ދީފައިވާ ހެކި ބަހަށް ބަލާއިރު، އެސްޓީއޯ ސަރވިސް ސެންޓަރުގެ ކުރިމަތިން އަޙްމަދު މުރުޝިދު ހައްޔަރުކުރުމުގެ ކުރިން އަޙްމަދު މުރުޝިދުއާ ބައްދަލުވިކަމަށާއި، އެއީ އޭނާ ރައްޓެހިވެގެން އުޅޭ މީހާގެ އޮފީސް ކުރިމަތީ، ތީމުގެ ހުޅަނގު ގޯޅި ތެރެއިންކަމަށާއި، އެއިރު އަޙްމަދު މުރުޝިދުގެ ސައިކަލުގައި ކޮތަޅެއް ނުވަތަ އެބާވަތުގެ އެއްޗެއް ނެތްކަމަށާއި، ސަރވިސް ސެންޓަރުގެ ކުރިމަތިންވެސް ފެނުނުކަމަށާއި، އަޙްމަދު މުރުޝިދު ސައިކަލް ޕާކުކުރީ ސަރވިސް ސެންޓަރުގެ ކުރިމަތީގައިކަމަށާއި، އަޙްމަދު މުރުޝިދު ސައިކަލުން ފޭބިތަން ދުށްކަމަށާއި، ހުރީ ސަކައިލްގެ ކައިރީގައިކަމަށާއި، އެހެން މީހަކު އެ ސައިކަލްގައި އެއްޗެއް ބެހެއްޓި ތަން ފެނުނުކަމަށާއި، ދެން ފެނުނީ ބަޔަކު އައިސް އަޙްމަދު މުރުޝިދު ހިފެހެއްޓި ތަން ކަމުގައި ޙުސައިން ރަޝީދު ބުނެފައިވާކަމާއި،

71.6. އަޙްމަދު މުރުޝިދު 17 ޖަނަވަރީ 2017ގައި ހައްޔަރުކުރެވުނީ އެސްޓީއޯ ސަރވިސް ސެންޓަރު ހުންނަ ސަރަހައްދުންކަން ފުލުހުންގެ ބަހުން އެނގޭއިރު، އެ ސަރަހައްދަށް އަޙްމަދު މުރުޝިދު ދިޔައީ ކ.ގުރައިދޫ ގްރީންލައިޓް، މަރްޔަމް ޢުލާ އުޅޭ އޮފީހުން މަރްޔަމް ޢުލާ ބަލާ ކަމުގައި ބުނެ މަރްޔަމް ޢުލާ ހެކިބަސް އަދާކޮށްފައިވާކަމާއި،

71.7. ފުލުހުން ދީފައިވާ ބަޔާނުގައި ސީންއިން ފެނުނުކަމަށް ބުނާ ކޮތަޅާއި އޭގެ ތެރޭގައި ތަކެތި ހުރި ގޮތުގެ ތަފްޞީލާއި، ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް ބެހެއްޓި ކޮތަޅުކަމަށް ބުނާ ކޮތަޅާއި، އޭގެ ތެރޭގައި ހުރި ތަކެތީގެ ތަފްޞީލު ދިމާވާކަން ފާހަގަކުރެވޭކަމާއި،

71.8. މި މައްސަލައިގައި ފެނުނު މަސްތުވާތަކެތީގެ ކޮތަޅުން އަދި އޭގެ ތެރެއިން ފެނިފައިވާ ތަކެތިންވެސް ފިންގަރޕްރިންޓް ލިފްޓުކުރެވިފައިވާކަމާއި، އެހެނަސް ފިންގަރޕްރިންޓް އެނަލައިޒްކުރިއިރު އަޙްމަދު މުރުޝިދުގެ ފިންގަރޕްރިންޓާއި ދިމާނުވާކަން މައްސަލައިގެ ތަޙްޤީޤު ރިޕޯޓުގައި ބަޔާންކުރާކަމާއި، އެހެނަސް އިތުރު މީހެއްގެ ފިންގަރޑްރިންޓް ފެނިފައިވާކަމާއި، އެއީ ކާކުގެ ފިންގަރޑްރިންޓެއްކަން އެނގިފައިނުވާކަމުގައި ދައުލަތުގެ ފަރާތުން ބުނާ ބުނުމާއި،

71.9. މަސްތުވާތަކެއްޗާއި އަޙްމަދު މުރުޝިދުއާ ގުޅުވާލެވޭ އިތުރު ހެކި ޤަރީނާއެއް ހުށަހަޅާފައިނުވާކަމާއި، މިސާލަކަށް އެތަނަކީ މުހިންމު އިމާރާތްތަކެއް ހުންނަ ސަރަހައްދަކަށްވާތީ، އެތަނުގައި ކެމެރާ ހުރުމަކީ ވަރަށް ގާތްކަމެއް ކަމުގައިވާއިރު، އެތަނުގެ ވީޑިއޯ ފުޓޭޖެއް ނެތްކަމާއި، 64

71.10.ކުށުގެ ވެށިން ތަކެތި ނެގުމާއި ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ މެދުނުކެނޑި ގޮސްފައިވާކަން އެނގެންނެތްކަމާއި،

71.11.މަސްތުވާތަކެތި ތަޙުލީލުކުރި ފަރާތަށް އެ ތަކެތި ލިބިފައިވަނީ ކޮން ގޮތަކުންކަމެއް، އަދި ތަޙުލީލުކުރުމަށް ފަހު، އެ ތަކެތި ތަޙްޤީޤުކުރި ފަރާތާއި ޙަވާލުކުރިކަމެއް ނުވަތަ ނޫންކަމެއް އެނގެންނެތްކަމާއި، އަދި ތަޙުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުނުވާކަމާއި،

71.12.ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދިން ދިފާޢީ ހެކީން ދީފައިވާ ހެކިބަހަށާއި އެ ހެކިބަހުގައި ބަޔާންކުރެވިފައިވާ ވަގުތާއި ޙާލަތާއި ހާދިސާ ހިނގައިދިޔަ ގޮތަށް ޝަރީޢަތުން ނަޒަރުކުރުމުން، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ ތަކެތި ކަމުގައި ފުލުހުންގެ ހެކިބަހުން ސާބިތުވާ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތި ކަމާމެދު ޝަރީޢަތުގެ ކުރިމަތީގައި ޝައްކު އުފެދިފައިވާކަމާއި،

71.13.ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/239 ޤަޟިއްޔާ ގައިވާ ޙަޤީޤަތްތައް މި މައްސަލައާ އެއްގޮތް ޙަޤީޤަތްތަކުގެ މައްޗަށް ތަޠުބީޤުކޮށްފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގޭއިރު، 66 މިކަމުގައި ދަށު ކޯޓުން ފާހަގަކޮށްފައިވަނީ ދެ ޤަޟިއްޔާގައިވެސް ހިމެނޭ އެއް ގޮތް 64 ދިވެހިރައްޖޭގެ ހައިކޯޓުގައި 10 އޮކްޓބަރޯ 2021ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި މިކަމާ ގުޅޭ ގޮތުން ދައުލަތާއި ސުވާލުކުރުމުން، އެކަން ބެލި ވީޑިއޯ ފުޓޭޖެއް ހުށަހެޅިފައިނުވާކަމަށް ދައުލަތުން ޖަވާބުދީފައިވެއެވެ. 66 ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޝިއްޔާގެ "ޤަޝިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ރުކޮތީލްޖޫގެ ހައިކޯޓުގެ (ބ) ޙަޤީޤަތްތަކެއްކަމުން، އިސްވެ ބަޔާންކުރަނިވި ޤަޟިއްޔާތައް ތަޠުބީޤުކޮށް ވާސިލުވެފައިވާ ނަތީޖާގެ ޤާނޫނީ ގޯހެއް ނެތްކަމާއި،

71.14.މި މައްސަލައިގައި އިސްވެ ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާ އިން ކަނޑައަޅާފައިވާ އުޞޫލާއި ޙަވާލާދީ، އެކަންކަމުގައި ޝަރީޢަތުން ދެކޭ ގޮތް ފާހަގަކޮށްފައިވާކަމާއި، މިކަންކަމަށް ރިޢާޔަތްކޮށް ވާސިލުވި ނަތީޖާއަކީ އެތަނަށް އަޙްމަދު މުރުޝިދު ދިޔައީ އަންހެނުން އޮފީހުން ބަލައިކަމަށް އަޙްމަދު މުރުޝިދު ބުނާ ބުނުމަށް ކ.ގުރައިދޫ ގްރީންލައިޓް މަރްޔަމް ޢުލާއާއި ލ.ހިތަދޫ ބޮޑުގަލުގެ ޙުސައިން ރަޝީދު ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހުން ބާރުލިބޭކަމަށާއި، އަޙްމަދު މުރުޝިދުގެ ސައިކަލުން ފެނުނު މަސްތުވާތަކެއްޗަކީ ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމްގެ ތަކެތިކަމަށް އޭނާ ބުނާ ބުނުމަށް، ޙުސައިން ރަޝީދު ޝަރީޢަތުގައި ދީފައިވާ ހެކިބަހުން ބާރުލިބޭތީ، ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދިން ދިފާޢީ ހެކީން ދީފައިވާ ހެކިބަހަށާއި އެ ހެކިބަހުގައި ބަޔާންކުރެވިފައިވާ ވަގުތާއި ޙާލަތާއި ހާދިސާ ހިނގައިދިޔަ ގޮތަށް ޝަރީޢަތުން ނަޒަރުކުރުމުން، އަޙްމަދު މުރުޝިދުގެ ހިޔާޒަތުގެ ދަށުން ފެނުނުކަމަށް ބުނާ ތަކެތި ކަމުގައި ފުލުހުންގެ ހެކިބަހުން ސާބިތުވާ ތަކެއްޗަކީ އަޙްމަދު މުރުޝިދުގެ ތަކެތި ކަމާމެދު ޝަރީޢަތުގެ ކުރިމަތީގައި ޝައްކު އުފެދިފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލު މި މައްސަލައިގެ ވާޤިޢާތަކަށް ތަޠުބީޤުކޮށް، އެކަމުން ވާސިލުވި ނަތީޖާ ދަށު ކޯޓުން ބަޔާންކޮށް، އެކަން އިތުރަށް ތަފްޞީލުކޮށްފައިވާ ކަމުގައި ދެކޭކަމާއި،

71.15.ސައިކަލު ހުރީ މަގުމަތީގައިކަމަށްވެފައި، އެ ސައިކަލުގައި މަސްތުވާތަކެތި ބެހެއްޓި ސ.މީދޫ މަސާއުލްބަދުރު ނަޙްޔާން މުޙައްމަދު ޢަބްދުލްކަރީމް އެކަމަށް އިޢުތިރާފުވެ ޝަރީޢަތަށް ބަޔާނެއްދީފައިވާއިރު، އަދި މީހަކު އެ ސައިކަލް މަތީ ކޮތަޅެއް ބެހެއްޓި ތަން ދުށް ކަމަށް ބުނެ ޝަރީޢަތަށް ލ.ހިތަދޫ ބޮޑުކަލުގެ، ޙުސައިން ރަޝީދު ހެކިބަސްދީފައިވާއިރު، އެއިން އެއްވެސް އެއްޗަކުން ފިންގަރޕްރިންޓް ފެނިފައިވާކަން އެނގެންނެތަތީ، ހިޔާޒަތާއި ގުޅިގެން މަސްތުވާތަކެއްޗާބެހޭ ޤާނޫނުން އުފައްދާ އިފްތިރާޟް އެނޫން ގޮތަކަށް ދައުލަތަށް ސާބިތުކޮށްދެވިފައިވާކަމަށް ބުރަނުވެވޭތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ.) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، އަޙްމަދު މުރުޝިދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާކަމަށް އަހުރެން ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

72އިސްވެ ބަޔާންކުރަނިވި ކަންކަން އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމުގައި ނުދެކެމެވެ. އެހެންކަމުން، ދަށު ކޯޓުގެ ޙުކުމަށް ތާއިދުކޮށް މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު

73ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދު ކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު

74ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފަޤުން ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޝިއްޔާގެ "ޤަޝިއްޔާ ނިމުނު ގޮތުގެ ރިޕޯޓު"ގެ "ދަޢުވާގެ ޚުލާޞާ"
  2. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ "ދަޢުވާގެ ޚުލާޞާ" އަދި ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނުކުތާ
  3. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ރުކުތާންގެ މަނަ ރުކުތާންގެ އަޙްމަދު މުރުޝިދު މި ދަޢުވާއަށް އިންކާރުކޮށްފައިވަނީ 09 މާރިޗް 2017 ގައި ބޭއްވުނު އަޑުއެހުމުގައިކަން އެނގެއެވެ.
  4. ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  5. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 14 ޝަރީޢަތް ނިމުނުގޮތް 2019/HC-A/630
  6. އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  7. ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  8. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް
  9. ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާއަށް ޙަވާލާދީ ފާހަގަކޮށްފައިވަނީ މި ޤަޟިއްޔާގައިވާ ކަންކަމަށް ރިޢާޔަތްކޮށްފައިނުވާކަމުގައެވެ. އަދި މި މައްސަލައާ ގުޅިގެން 18 ފެބުރުވަރީ 2021 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ޤަޟިއްޔާގެ އިސްތިއުނާފެވެ. އަދި އެ އިސްތިއުނާފާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެވެ.
  10. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާ
  11. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ނަވާރަވަނަ ބާބު
  12. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 138 ވަނަ މާއްދާގެ (ބ)
  13. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 139 ވަނަ މާއްދާގެ (ބ)
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/08 (ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07 (ޢަބްދުﷲ ރަޝީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔ
  15. ޤާނޫނު ނަންބަރު 17/77
  16. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާ
  17. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 (ކުރީގެ 141) ވަނަ މާއްދާގެ (ރ) އަދި (ބ)
  18. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/48 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ) ޤަޟިއްޔާގެ 23 ވަނަ ނުކޮތާ
  19. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/109 (އިސްމާޢީލް ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާ
  20. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 17 ވަނަ މާއްދާގެ (111)
  21. ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އަދި (iii)
  22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/21 (އަޙްމަދު ލަޠީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގެ 16 ވަރަޙަދަ ނުކޮނަމަ (ކިޔަވަރު)
  23. އިބަމގެ 15 ވަނަ ނުކުތާ
  24. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް) ޤަޟިއްޔާގެ 9 ވަނަ ނުކުޑާ
  25. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/10 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މުޙައްމަދުމަނިކު) ޤަޟިއްޔާގެ 46 ވަނަ ނުކުތާ
  26. ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  27. ގަވާއިދު ނަންބަރު: 2015/R-230 (މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 28 ޑިސެންބަރު 2015 ގައި )
  28. އބމ
  29. މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އާއި އެގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 30 ޝަރީޢަތް ނިމުނުގޮތް 2019/HC-A/630
  30. މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ބ)
  31. މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ކ)
  32. ހައިކޯޓުގެ ނަންބަރު 2018/HC-A/404 (ނުޒުރަތު ނަޖީބު އާއި މުޙައްމަދު ޝަމްޢޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޝިއްޔާގެ ވަނަ ނުކުތާގައި
  33. ޔުނިޓް / ސްޓޭޝަން ނަންބަރު: S1701190023
  34. ޔުނިޓް / ސްޓޭޝަން ނަންބަރު: S1701190023 އަށް ނިސްބަތްވާ 01 އިންސިއުލޭޝަން ޓޭޕްތަކެއް، 02 ފިލްމު ހުސްކުރި ދަޅު، އިންސިޢުލޭޝަން ޓޭފްތައް، 01 ކަރުދާސް ފޮށިގަނޑު (ހުސް)، 01 ކަރުދާސް ކޮޅަތު (ހުސް)
  35. ޔުނިޓް / ސްޓޭޝަން ނަންބަރު: S1701190023
  36. އޭގެ ތެރޭގައި ހިމެނެނީ S1701190023 އަށް ނިސްބަތްވާ މަސްތުވާތަކެތި / ފިލްމު ހުސްކުރި ދަޅު
  37. ޙަވާލުކޮށްފައިވަނީ 22 ޖަނަވަރީ 2017 ގެ 22:00 ގައި ކަމުގައި ބަޔާންކުރާއިރު، މި ތަކެއްޗާއި ޙަވާލުވެފައިވަނީ 22 ޖަނަވަރީ 2017 ގެ 22:06 ގައި ކަމުގައި ބަޔާންކުރެއެވެ.
  38. ޔުނިޓް / ސްޓޭޝަން ނަންބަރު S1701190024 އަށް ނިސްބަތްވާ 01 ބިޑިބުރި ބޭނުންކޮށްފައިވާ، 01 ކެމަލް ބްރޭންޑް ސިގިރޭޓް ޕޮލީސް އަލިބޭގެ ހައިބް ރިޒްލާބޮނޑި، 01 އިންސިއުލޭޝަން ޓޭޕްރޯލް
  39. އުނިޓް / ސްޓޭޝަން ނަންބަރު S1701190024
  40. 01 ކެމަލް ބްރޭންޑް ސިގެރޭޓް ފޮށި، 01 ރިޒްލާބޮނޑި، 01 އިންސިއުލޭޝަން ޓޭޕްރޯލް
  41. ޙަވާލުކޮށްފައިވަނީ 22 ޖަނަވަރީ 2017 ގެ 21:30 ގައި ކަމުގައި ބަޔާންކުރާއިރު، މި ތަކެއްޗާއި ޙަވާލުވެފައިވަބީ 22 ޖަނަވަރީ 2017 ގެ ގައި ކަމުގައި ބަޔާންކުރެއެވެ.
  42. 24 އެޕްރީލް 2017 ގައި މާލެ، […] މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޝަރީޢަތަށް ޙާޟިރުވެ ދީފައިވާ ހެކިބަސް
  43. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާ)ގެ 24 ވަނަ ނުކުތާ
  44. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާ)ގެ 28 ވަނަ ނުކުތާ
  45. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔ) ގެ 33 ވަނަ ނުކުތާ
  46. 18 ފެބުރުވަރީ 2021 ގެ ބަޔާނުގެ 8 ވަނަ ޞަފްޙާ
  47. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިފް) ޤަޝިއްޔާ
  48. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ރުކޮތީލްޖުގެ ހައިކޯޓުގެ (ރ)
  49. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނުނުކުތާތަކުގެ 11 ވަނަ ނުޅުޗީގެންޖެހޭ ހައިކޯޓުގެ (*)
  50. މިގޮތުން ޝަރީޢަތުގައި 24 އެޕްރީލް 2017 ގައި ހެކިބަސް ދެމުން ފ. ނިލަންދޫ، މާކޯނި، މޫސާ ޚަލީލްއާއި، ރ. އަލިފުށި، […] އިސްޙާޤް ޙަސަންއާއި، ދ. ކުޑަހުވަދޫ، […] ޓްމީނޮޓް، ޙަސަން ސިރާޖްއާއި، ރ. ކަނދޮޅުދޫ، ހިމާލިޔާ، މުޙައްމަދު ޢަލީއާއި، ހއ. ހޯރަފުށި، މަލާޒް، އަސްއަދު މޫސާއާއި، 27 މާރިޗް 2018 ގައި ހެކިބަސް ދެމުން އއ. މަތިވެރި، ހޭޒްލީން، މުންޛިރު މޫސާއާއި ހއ. މޮޅަދޫ، […] އަޙްމަދު ޝަނާޙު ބުނެފައިވެއެވެ.
  51. 09 މާރިޗް 2017 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން
  52. 30 އޮގަސްޓް 2018 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން
  53. 30 އޮގަސްޓް 2018ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުން
  54. އޮގަސްޓް 20118ގައި ޝަރީޢަތަށް ދީފައިވާ ހެކިބަސް
  55. ދިވެހިރައްޖޭގެ ހައިކޯޓުގައި 10 އޮކްޓބަރޯ 2021ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި މަސްތުވާތަކެތިން ފިންގަރޕްރިންޓް ނެގުނުތޯ ކުރެވުނު ގުޅިގެން ދައުލަތުން ދީފައިވަ ޖަވާބު
  56. ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  57. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް
  58. ކްރިމިނަލް ކޯޓުގެ ނަންބަރު 337/Cr-C/2017 ޤަޟިއްޔާގެ "ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު" ގެ ފާހަގަކުރެވުނު ނުކުތާތަކުގެ 11 ވަނަ ނުކުތާގެ (ށ)
  59. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިދް
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ