ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ފާތިމަތު އާގިލާ އަދި ސަނާ އަބްދުއްސައްތާރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 1405/Cr-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން، ޝަރީޢަތުގެ މަރުޙަލާ ފެށި ހެކިބަސް ނެގުމަށްފަހު ހުށަހެޅި ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑުތައް ބަލައިނުގަނެ، ޗެއިން އޮފް ކަސްޓަޑީ މެދުނުކެނޑި ގުޅިފައިވާކަން ނޭނގޭތީ 2016/HC-A/451 ގެ އުޞޫލުތަކަށް ބަލައި ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ.
- ވާޤިޢާ
- 2016 ސެޕްޓެމްބަރު 30 ގައި ގެއެއްގެ ކޮޓަރިއެއް ބަލައި ފާސްކުރިއިރު ކެނަބިސް ހުރި ދަޅުތަކާއި ޕެކެޓުތައް ފެނުނުކަމަށް ބުނެ، ދެ ފަރާތެއްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ކެނަބިސް ޓްރެފިކްކުރުމުގެ ދަޢުވާ ކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅި މަސްތުވާތަކެތީގެ މައްސަލައެއްގައި، ޝަރީޢަތުގެ މަރުޙަލާ ފެށި ހެކިބަސް ނެގުމަށްފަހު ހުށަހެޅި ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑުތައް ބަލައިނުގަނެ، ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާތީ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ؛ އަދި ތަޙުލީލުކުރި ފަރާތުގެ ހެކިބަސް އިސްތިއުނާފީ މަރުޙަލާގައި ނެގިދާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ޤާނޫނު ފެށުމުގެ ކުރީގެ މައްސަލަތަކުގައި ކުޑަކާޑު ހުށަހަޅާ އުޞޫލެއް ނެތްކަމަށާއި، ތަކެތީގެ މަޢުލޫމާތު ފޯމާއި މާއްދީ ހެކި ހުށަހެޅިކަމުގެ ލިޔުމުން ސިލްސިލާ ގުޅިފައިވާކަން އެނގޭކަމަށާއި، ތަޙުލީލުކުރި ފަރާތުގެ ހެކިބަސް ހައިކޯޓުގައި ނަގައިދިނުމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ މައްސަލަ ކުރިއަށްގެންދެވުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކަމަށާއި، ކާޑު ހުށަހެޅީ ހެކިބަސް ނެގުމަށްފަހު ކަމަށާއި، އިސްތިއުނާފީ މަރުޙަލާގައި ހެކިބަސް ނެގުމަށް އެދުމަކީ ޤާނޫނީ އަސާސެއް ނެތް އެދުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މައްސަލަ ކުރިއަށްގެންދެވުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކަމަށާއި، ކުޑަކާޑަކީ އައު ހެއްކެއް ނޫންކަމަށާއި، ހުށަހެޅި ފޯމުތަކުން ތަޙުލީލުކުރި ފަރާތަށް ތަކެތި ލިބުނުގޮތާއި ފަހުން ވީގޮތް ނޭނގޭތީ ސިލްސިލާ މެދުނުކެނޑި ގުޅިފައިވާކަމަށް ނުބެލެވޭކަމަށާއި، ތަޙުލީލުކުރި ފަރާތުގެ ހެކިބަސް ނެގުމަށް އެދުމަކީ އިސްތިއުނާފީ ނުކުތާއެއް ނޫނުކަމަށާއި އައު ހެކީގެ ޝަރުޠު ފުރިހަމަނުވާކަމަށް ދެކެވުނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޗެއިން އޮފް ކަސްޓަޑީއަކީ ކުށުގެ ވެށިން ނެގޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދެވޭ، ބަދަލުކުރެވޭ އަދި ނައްތާލެވޭ ގޮތް ރިކޯޑުކުރުމެވެ؛ ގަވާއިދު ނަންބަރު R-230/2015 ގެ 23 ވަނަ މާއްދާގެ ދަށުން ތަކެތި އަތުން އަތަށް ބަދަލުކުރާއިރު ޙަވާލުކުރާ އަދި ޙަވާލުވާ ފަރާތާއި ތާރީޚާއި ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުން ލާޒިމެވެ.
HN2 އަތުލައިގަނެވޭ ތަކެތި މަސްތުވާތަކެތިކަމަށް ކަނޑައަޅާނީ ތަޙުލީލު ރިޕޯޓުގެ މައްޗަށެވެ؛ ނަމަވެސް އެއީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ނުވަތަ ހިޔާޒަތުން އަތުލައިގަނެވުނު ތަކެތިކަން ކަށަވަރުކުރަންވާނީ ތަކެތީގެ މަޢުލޫމާތު ފޯމާއި ޗެއިން އޮފް ކަސްޓަޑީ ފޯމުން، ކުށުގެ ވެށިން ނެގުމުން ފެށިގެން ތަޙުލީލުކޮށް ނިމުމާ ހަމައަށް ސިލްސިލާ މެދުނުކެނޑި ގުޅިފައިވާކަން އެނގޭނަމައެވެ؛ މަޢުލޫމާތު ދިމާނުވާނަމަ ނުވަތަ ސިލްސިލާ މެދުކެނޑިފައިވާނަމަ އެކަށީގެންވާ ޝައްކެއްނެތި ސާބިތުވާކަމަށް ނުބެލެވޭނެއެވެ.
HN3 ޖިނާއީ މައްސަލައެއްގެ ދަޢުވާ ހުށަހަޅަންވާނީ ސާބިތުކުރުމަށް ބޭނުންވާ ހުރިހާ ބަޔާނާއި ލިޔެކިޔުމާއި އެގްޒިބިޓާއެކުގައެވެ؛ ހެކި ހާމަކުރަންވާނީ ޝަރީޢަތް ފެށުމުގެ ކުރިން ކޯޓުން ކަނޑައަޅާ މުއްދަތުގައެވެ؛ ހާމަނުކުރި ހެކި ހުށަހެޅުން މަނާކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ؛ މިއަށް އިސްތިސްނާއަކީ އެއިރު ލިބިފައިނުވާ އައު ހެއްކެކެވެ.
HN4 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅި މައްސަލައެއްވިޔަސް، ޤާނޫނު ފެށުމަށްފަހު އެ ޤާނޫނުގެ އިޖުރާއަތާ އެއްގޮތަށް މައްސަލަ ކުރިއަށް ގެންދެވި، ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ޗެއިން އޮފް ކަސްޓަޑީ ކާޑު ހުށަހެޅުމަށް ދައުލަތަށް އެކަށީގެންވާ ފުރުޞަތު ލިބިފައިވާނަމަ، ހެކިބަސް ނެގުމަށްފަހު ހުށަހަޅާ ކާޑު (އައު ހެއްކެއް ނޫން) ބަލައިނުގަތުމަކީ ޞައްޙަނޫން ގޮތެއް ނޫނެވެ.
HN5 ދައުލަތަށް ހެކި ހުށަހެޅުމުގެ ފުރުޞަތަކީ ދަޢުވާ ހުށަހަޅާއިރާއި އިބްތިދާއީ މަރުޙަލާގައި ދައުލަތަށް އޮންނަ ފުރުޞަތެކެވެ، އެއީ ކޯޓުން ދޭންޖެހޭ ފުރުޞަތެއް ނޫނެވެ؛ ފަނޑިޔާރު ރިޢާޔަތްކުރާނީ ހުށަހެޅޭ ހެކި ޤަރީނާގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުމަށެވެ.
HN6 އިސްތިއުނާފީ ކޯޓުން މައްސަލަ ބަލާނީ ދަށުކޯޓަށް ހުށަހެޅި ހެކި ޤަރީނާގެ މައްޗަށެވެ؛ އިސްތިއުނާފީ މަރުޙަލާގައި އައު ހެކި ބަލައިގަނެވޭނީ ދަށު މަރުޙަލާގައި އެކަށީގެންވާ މަސައްކަތްކޮށްވެސް ނުލިބުނު (non-availability)، މައުޟޫޢަށް ނުފޫޒު ފޯރުވާ (relevance)، ޞައްޙަކަމާ ސުވާލު ނުއުފެދޭ (credibility) ހެކި ނަމައެވެ؛ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ހުށަނާޅާ ކަމެއް ތަފްޞީލުގެ ތެރެއިން އެދުމަކުން އެ ފުރުޞަތު ނުލިބޭނެއެވެ.
HN7 އިސްތިއުނާފީ މަރުޙަލާގައި ހެކިބަސް ނެގި ކުރީގެ ޤަޟިއްޔާއެއްގެ ވާޤިޢާތާއި ސަބަބު ތަފާތުނަމަ، އެ ޤަޟިއްޔާގައި ޢަމަލުކުރިގޮތް މައްސަލައަކަށް ތަޠުބީޤު ނުކުރެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުޒައިފާ މުޙައްމަދު (ރިޔާސަތު)، ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ރިޔާސަތު
- ޙުޒައިފާ މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ހާތިފް ޙިލްމީ، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2020/HC-A/66
އިސްތިއުނާފުކުރި ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް: 1- ފާޠިމަތު ޢާޤިލާ / ކ.މާލެ، މ.ކިސްމިރީވިލާ
2- ސަނާ ޢަބްދުއްސައްތާރު / ކ.މާލެ، ހ.ބްލޫލޫން
މައްސަލައިގެ ބާވަތް:ކެނެބިސް ޓްރެފިކްކުރުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
އިސްފަނޑިޔާރު ހާތިފް ޙިލްމީ
ފަނޑިޔާރު ޙުސައިން ޝަހީދު
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަޖަބު 1441 03 މާރިޗު 2020 -----------------------------------------------------------------------------------------------------
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 1405/Cr-C/2016
ނިންމި ތަން: ކްރިމިނަލް ކޯޓު
ބާވަތް: ކެނެބިސް ޓްރެފިކްކުރުން
ހުށަހެޅުނު ތާރީޚް: 29 ޑިސެމްބަރު 2016 ނިމުނު ތާރީޚް: 19 ޖަނަވަރީ 2020
ޖިނާއީ- ގަވާއިދު ނަންބަރު 2015/R-230 (މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު)- ޝަރީޢަތުގެ މަރުޙަލާ ފެށިފަހުން ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ބަލައިނުގަތުމަށް ދަށުކޯޓު ނިންމި ނިންމުން.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރުފު
1ކ..މާލެ މއ.ކިސްމިރީވިލާ، ފާޠިމަތު ޢާޤިލާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A354585) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފާޠިމަތު ޢާޤިލާ") އާއި ކ.މާލެ ހ.ބްލޫލޫން، ސަނާ ޢަބްދުއްސައްތާރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A078167) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ސަނާ ޢަބްދުއްސައްތާރު") 30 ސެޕްޓެމްބަރ 2016ގެ 23:45 އެހައިކަންހާއިރު، މާލެ ހ.ބްލޫލޫން ގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށް ބުނެ، ފުލުހުން އެތަނަށް ގޮސް މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މި ދެ މީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު، އެ ކޮޓަރީގެ އެނދުމަތިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 (ދިހައެއް) ފިލްމު ހުސްކުރި ދަޅުގައި 228.2352 ގްރާމް ކެނަބިސް ހުރިކަމަށާއި، އެ ކޮޓަރީގެ އެނދުމަތީގައި ހުރި ފޮއްޓެއްގެ މަތިން ފެނުނު ސެލޯފިންކޮޅުގައި 0.4352 ގްރާމް ކެނަބިސް ހުރިކަމަށާއި، އެ އެނދުމަތީގައި އޮތް އައިޕެޑް ފޮށިގަނޑެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާއި އެއްކޮށްފައިވާ އެއްޗެއްގައި 9.2122 ގްރާމް ކެނަބިސް ހުރިކަމަށާއި، އެ އެނދުމަތީގައި ކޮތަޅަކަށްލާފައިވާ އޮރިޖިނަލް ކްރޭކަރސް ބްރޭންޑްގެ ޑަބިޔަލެއްގެ ތެރޭގައި އޮތް ކޮތަޅެއްގެ ތެރޭގައި ޓޭޕްއޮޅާފައިވާ ކޮތަޅެއްގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދަޅުގައި 12.3615 ގްރާމް ކެނަބިސް ހުރިކަމަށާއި، އެ ކޮޓަރީގައި ހުރި ކަބަޑުގެ ދެވަނަ ވަތްގަނޑުގެ ތެރޭގައި އޮތް ފޮއްޓެއްގެ ތެރެއިން 04 (ހަތަރު) ފިލްމު ހުސްކުރި ދަޅުގައި 111.484 ގްރާމް ކެނަބިސް ހުރިކަމަށާއި، ހަމަ އެ ވަތްގަނޑުގެ ތެރެއިން ފެނުނު އިތުރު ފިލްމު ހުސްކުރި ދަޅެއްގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނަބިސް ހުރިކަމަށް ދައްކާތީއާއި، ހަމަ އެބައިގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 08 (އަށެއް) ފިލްމުހުސްކުރި ދަޅުގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނެބިސް ހުރިކަމަށާއި، އެކޮޓަރީގެ އެނދުމަތީގައި ހުރި ފޮއްޓެއްގެ މަތިން ފެނުނު ވަޅީގައި 0.0198 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 108 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ފާޠިމަތު ޢާޤިލާއާއި ސަނާ ޢަބްދުއްސައްތާރުގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް") ކޮށްފައިވެއެވެ. މި މައްސަލަ ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާއިންނެވެ.
2މިހާރު މި ބެލެވޭ ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާ ނިންމާފައިވާގޮތާއި މެދު ހިތްހަމަނުޖެހިގެން، ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ ފާޠިމަތު ޢާޤިލާއާއި ސަނާ ޢަބްދުއްސައްތާރުއެވެ.
ކްރިމިނަލް ކޯޓުން ނިންމިގޮތް:
3ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރައްވާފައިވަނީ،
"ދެންފަހެ، ދައުލަތުން މާލެ/ މއ.ކިސްމިރީވިލާ، ފާޠިމަތު ޢާޤިލާ އާއި މާލެ / ހ.ބްލޫލޫން، ސަނާ ޢަބްދުއްސައްތާރުގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދައުވާ ޝަރީއަތުން ބެލި ބެލުމުން، ސަނާ ޢަބްދުއްސައްތާރުއާއި ފާޠިމަތު ޢާޤިލާ، 30 ސެޕްޓެމްބަރ 2016 ދުވަހު 23:45 އެހައިކަށްހައިއިރު، ހ.ބްލޫލޫން ގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތުތަކާ ގުޅިގެން ފުލުހުން އެތަނަށްގޮސް މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިދެމީހުން ތިބި ކޮޓަރި ބަލާފާސްކުރިއިރު، އެކޮޓަރީގެ އެނދުމަތިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 10 (ދިހައެއް) ދަޅުގައި 228.2352 ގްރާމް ކެނަބިސް ހުރިކަމަށާއި، އެކޮޓަރީގެ އެނދުމަތީގައި ހުރި ފޮއްޓެއްގެ މަތިން ފެނުނު ސެލޯފިން ކޮޅުގައި 0.4352 ގްރާމް ކެނަބިސް ހުރި ކަމަށާއި، އެ އެނދުމަތީގައި އޮތް އައިޕެޑް ފޮށިގަނޑެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާއި އެއްކޮށްފައިވާ އެއްޗެއްގައި 9.2122 ގްރާމް ކެނަބިސް ހުރި ކަމަށާއި، އެ އެނދުމަތީގައި ކޮތަޅަކަށްލާފައިވާ އޮރިޖިނަލް ކްރޭކަރސް ބެރޭންޑުގެ ޑަބިޔަލެއްގެ ތެރޭގައި އޮތް ކޮތަޅެއްގެ ތެރޭގައި ޓޭޕްއޮޅާފައިވާ ކޮތަޅެއްގެ ތެރެއިން ފެނުނު ފިލްމު ހުސްކުރި ދަޅުގައި 12.3615 ގްރާމް ކެނަބިސް ހުރިކަމަށާއި، އެކޮޓަރީގައި ހުރި ކަބަޑުގެ ދެވަނަ ވަތްގަނޑު ތެރޭގައި އޮތް ފޮއްޓެއްގެ ތެރެއިން ފެނުނު 04 (ހަތަރު) ފިލްމު ހުސްކުރި ދަށުގައި 111.484 ގްރާމް ކެނަބިސް ހުރިކަމަށާއި، ހަމަ އެ ވަތްގަނޑުގެ ތެރެއިން ފެނުނު އިތުރު ފިލްމު ހުސްކުރި ދަޅެއްގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނެބިސް ހުރިކަމަށް ދައްކާތީއާއި، ހަމަ އެބައިގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 08 (އަށެއް) ފިލްމުހުސްކުރި ދަޅުގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނެބިސް ހުރި ކަމަށާއި، އެކޮޓަރީގައި އެނދުމަތީގައި ހުރި ފޮއްޓެއްގެ މަތިން ފެނުނު ވަޅީގައި 0.0198 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާތީކަމުގައިބުނެ ދައުލަތުން ހުށަހަޅާފައިވާ މިދައުވާއަށް ފާޠިމަތު ޢާޤިލާއާއި ސަނާ ޢަބްދުއްސައްތާރު އިންކާރުކުރުމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ޤަރީނާތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އުސޫލުތަކަށް ޝަރީޢަތުން ބަލައި ނަޒަރުކުރިއިރު، މި މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަން އެނގެން ނެތަތީ، ފާޠިމަތު ޢާޤިލާއާއި، ސަނާ ޢަބްދުއްސައްތާރު މިކުށްކޮށްފައިވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާތީ، ކ.މާލެ މއ.ކިސްމިރީވިލާ، ފާޠިމަތު ޢާޤިލާއާއި މާލެ/ ހ.ބްލޫލޫން، ސަނާ ޢަބްދުއްސައްތާރުގެ މައްޗަށް ދައުލަތުން މިކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާ، ފާޠިމަތު ޢާޤިލާއާއި، ސަނާ ޢަބްދުއްސައްތާރު ތިބި ކޮޓަރީގައި ހުރި ކަބަޑުގެ ފުރަތަމަ ވަތްގަނޑުގެ ތެރެއިން ފެނުނު -/25105ރ. (ފަންސަވީސް ހާސް އެއްސަތޭކަ ފަސް ރުފިޔާ) ދައުލަތަށް ނަގައިދޭންޖެހޭ ސަބަބެއް ނެތްކަމަށް ނިންމާ، މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
4ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ އެއް ނުކުތާއެވެ. އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/451 އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ސާބިތުނުވާކަމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިގޮތުން، މި ނުކުތާ ތަފްޞީލުކުރުމުގައި ދައުލަތުން އަންނަނިވި ކަންކަން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލަށް ބަލާއިރު، އަތުލައިގަނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، ޗެއިން އޮފް ކަސްޓަޑީ ފޯމާއި، ތަޙުލީލު ރިޕޯޓުގައިވާ މަޢުލޫމާތު ދިމާނުވާނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާނަމަ، ރިޕޯޓުގައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ މީހާގެ އަތުން އަތުލައިގަނެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް ކަނޑަނޭޅޭނެކަމަށް ފާހަގަކުރެވޭކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، މި މައްސަލައަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅުނު މައްސަލައެއްކަމުގައިވީނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިޔަށް މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑުތަކުގެ ކޮޕީ ހުށަހެޅުމަށް ދައުލަތަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށް ފާހަގަކުރައްވައި، މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ޝަރީޢަތުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާކަމާއި، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ފޯލިއޯ ނަންބަރު 70 ގައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަން އެނގެން ނެތްކަމަށް ކްރިމިނިލް ކޯޓުގެ ޤަޟިއްޔާގައި ކަނޑައެޅުއްވިނަމަވެސް، މައްސަލަ ކަންހިނގާފައިވާގޮތަށް ބަލާއިރު، މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން، 30 ސެޕްޓެމްބަރ 2016ގައި ހިނގާފައިވާ ހާދިސާއަކާ ގުޅިގެން 25 ޑިސެމްބަރ 2016ގައި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި، މިފަދަ މައްސަލަތަކުގައި އޭރު ޢަމަލުކުރަމުން ދިޔަ އުޞޫލަކީ މަސްތުވާތަކެތީގެ ޗެއިން މެދުކެނޑިފައިނުވާކަން ސާބިތުކުރުމަށްޓަކައި ދައުލަތުން އެއިރު މަސްތުވާތަކެތީގެ ކުށުގެ ވެރިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި، މާއްދީ ހެކި ހުށަހެޅުނުކަން އަންގައިދޭ ލިޔުން ހުށަހެޅުންކަމަށެވެ. މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުއަށް ޢަމަލުކުރަން ފެށުމުގެ ކުރިން މައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅަމުން ދިޔަ ލިޔުމެއް ނޫންކަމަށާއި، އެހެނަސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑުތަކުގެ ކޮޕީ ހުށަހަޅަން ކޯޓުން އެންގުމުން ދައުލަތުން ހުށަހަޅަމުން ގޮސްފައިވާކަމަށެވެ.
އެގޮތުން މި މައްސަލައިގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، 07 ޖަނަވަރީ 2019ގައެވެ. އޭރު މައްސަލައިގެ ޝަރީޢަށް ގޮސްފައިވާ ހިސާބަކީ، މައްސަލައިގެ ސީނަށް ޙާޟިރުވި ފުލުހުންގެ ހެކިބަސް ނެގުމެވެ. އެހެނަސް، އެއިރު މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުތަކާއި ގުޅިގެން މަސްތުވާތަކެތި ތަޙުލީލުކުރި ފަރާތުގެ ހެކިބަސް ނެގުމުގެ ކުރިން ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ދައުލަތުން ހުށަހަޅާފައިވާނެކަމަށެވެ.
މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ދެ ރިޕޯޓެއް "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް"ތަކާއި އަދި "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތައް" ދައުވާކުރިއިރު ދައުލަތުން ހުށަހަޅާފައިވާނެކަމަށާއި، މި ރިޕޯޓުތަކުގެ ތެރެއިން ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމުން މަސްތުވާތަކެތި ނެގި މީހާއާއި، ގަޑި އަދި ތަން އެނގެނޭކަމަށާއި، މި ތަކެތި ނަގާފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ޒިޔާދުކަމަށާއި، އެއަށް ފަހު މި ތަކެތި ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޒްއާ ޙަވާލުކޮށްފައިވާކަން ”ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް"އާ އެކު ހިމެނޭ ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގޭނެކަމަށާއި، އެއަށް ފަހު، ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޒް މި ތަކެތި ލެބޯޓަރީއާ ޙަވާލުކޮށްފައިވާކަމަށާއި، ލެބޯޓަރީން މި ތަކެއްޗާއި ޙަވާލުވެފައިވަނީ ޕޮލިސް ކޯޕްރަލް އާމިނަތު ސާލިޔާކަން "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ފޯމް"އިން އެނގޭނޭކަމަށެވެ. މި ތަކެތި ލެބޯޓަރީއިން ތަޙުލީލުކުރި ފަރާތް މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓަށް ބެލުމުން އެނގޭނެކަމުން، ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެކުއެކީގައި ބެލުމުން އެނގި ސާފުވާކަމަށެވެ.
މި މައްސަލައިގައި ހިމެނޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2016/2248 (31 އޮކްޓޯބަރު 2016) މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުއާ ގުޅިގެން ދިފާއުން ސުވާލު އުފައްދާފައިވާތީ، މި ރިޕޯޓު ތައްޔާރުކުރި ފަރާތް ޙާޟިރުކުރުމަށް ކުރި މަސައްކަތުން އެ ފަރާތް ދިވެހިރާއްޖޭގައި ނެތުމުގެ ސަބަބުން ޙާޟިރުކުރެވިފައިނުވާކަމަށް ދައުލަތަށް، ޝަރީޢަތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވީނަމަވެސް، މި ރިޕޯޓާއި ގުޅިގެން އިތުރު ފަރާތެއް ޙާޟިރުކޮށްދިނުމަށް އެދިފައިނުވާކަމަށާއި، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާމެދު ސުވާލު އުފެދޭކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާ ނިންމެވުމުގައި ބަޔާންކޮށްފައިވީނަމަވެސް، މި ރިޕޯޓަކީ ދައުލަތުން މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ރިޕޯޓެއްކަމާއި، ރިޕޯޓާއި ގުޅިގެން ސުވާލު އުފައްދާފައިވާއިރު، ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަކީ އެންމެ މުހިންމު އެއް ހެކިބަސްކަމަށްވާތީ، ރިޕޯޓު ތައްޔާރުކުރި ފަރާތް މި މަރުޙަލާގައި ކޯޓަށް ޙާޟިރުކޮށް، ހެކިބަސް ނެގުމަށް އެދޭ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
5ދައުލަތުން އެދެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016ޤަޟިއްޔާ ތަޙުވީލުކުރުމަށްކަމުގައި 11 މާރިޗު 2021 ގައި މިކޯޓުގައި ބޭއްވުނު އަޑުއެހުމާއި، އަދި 30 ސެޕްޓެމްބަރު 2021 ގައި ބޭއްވުނު އަޑުއެހުމުގައި ދައުލަތުން ބުނެފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ސަނާ ޢަބްދުއްސައްތާރުގެ ޖަވާބު
6ސަނާ ޢަބްދުއްސައްތާރުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާ އެކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށްވީނަމަވެސް މައްސަލައިގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ މައްސަލައިގެ ހުރިހާ ފަރާތްތަކަށް ލިބެންޖެހޭ އެންމެހާއި ޙައްޤުތައް ލިބިދިނުމާއެކުގައިކަމަށެވެ.
7ދައުލަތުގެ ފަރާތުން ޗެއިން އޮފް ކަސްޓަޑީ (ކުޑަކާޑު) ހުށަހަޅާފައިވަނީ ޝަރީޢަތުގެ މަރުޙަލާ ފަށައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެއްކާއި، ދިފާއުން ހުށަހަޅާ ހެކި ޝަރީޢަތަށް ހުށަހެޅުމުގެ މަރުޙަލާ ނިމިގެން ދިޔަފަހުން، އަދި މައްސަލައިގެ ހެކިން ޙާޟިރުކުރެވުނު ފަހުން ކަމަށެވެ.
8"ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމު" އާއި "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" އެކުއެކީގައި ބެލުމުން ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަން އެނގޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވީނަމަވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ތަޙުލީލު ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތި ނޫންކަމަށެވެ. އަދި މިނުކުތާގެ އިތުރުން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުގައި ފާހަގަކޮށްފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ތަޙުލީލުކުރި ފަރާތް ހެކިބަސް ނެގުމަށްޓަކައި ހައިކޯޓަށް ޙާޟިރުކުރުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އިސްތިއުނާފީ ކޯޓަކުން މައްސަލަ ބެލުމުގައި ކަނޑައެޅިފައިވާ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
9ސަނާ ޢަބްދުއްސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ކެނަބިސް ޓެރެފިކްކުރުމުގެ ކުށުގެ ދައުވާ އެ ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން 25 ޑިސެމްބަރު 2016ގައި ކަމުގައިވީނަމަވެސް، މި ޤާނޫނަށް 2 ޖުލައި 2017ގައި ޢަމަލުކުރަން ފެށުމާއިއެކު، މި މައްސަލައިގެ ޝަރީޢަތް ހިންގާފައިވަނީ އެ ޤާނޫނުގެ ދަށުން، އެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާއި އެއްގޮތަށްކަމަށެވެ. މިގޮތުން މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއްކަމަށް ކަނޑައަޅުއްވައި، ޝަރީޢަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތުދެވިފައިވާކަމަށެވެ.
10މި މައްސަލައިގެ އިބްތިދާއީ މަރުޙަލާ ފެށުމުގެ ގޮތުން 27 ނޮވެމްބަރ 2017ގައި ބޭއްވުނު އަޑުއެހުމުގައި ދައުވާއަށް އިސްތިއުނާފު ރައްދުވާ ފަރާތްތައް އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިބަސް ބަޔާންކުރުމާއެކު "މައްސަލަ ހުށަހެޅިއިރު ހެކިތަކެއް ފާހަގަކޮށްފައިވާނެ، ނަމަވެސް އޭގެ އިތުރުން ބައެއް ހެކިން ހުށަހަޅަން ޖެހިދާނެތީވެ ޝަރީޢަތުގެ މަރުޙަލާގައި ހެކި ހުށަހަޅާއިރު އެއީ ހަޤީޤަތުގަ ޝަރީޢަތުގަ ހެކި ހުށަހަޅަންޖެހޭ ވަގުތަކީ....މިހާރު މިހިރަ ހެކިތަކަކީ މަޢުޟޫއީގޮތުން މި މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ކަނޑައަޅަން އެކަށީގެންވާ ހެކިތަކެއް އެހެންވީމަ އިތުރު ހެކި ހުށަހަޅަން ޖެހިދާނެތީވެ އެ ވާހަކަ ދަންނަވަން" މިފަދައިން ދައުލަތުން ބަޔާންކޮށް، މައްސަލައިގައި ޝަރީޢަތުގެ މަރުޙަލާ 13 ނޮވެމްބަރ 2018ގައި ފެށިއިރު، ދައުލަތުން ދައުވާ ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހެޅިއިރު، ޝަރީޢަތަށް ހުށަހަޅާފައިވަނީ އިބްތިދާއީ މަރުޙަލާގައިވެސް ޝަރީޢަތުން ހުށަހެޅި ހެކިކަމަށެވެ. ޝަރީޢަތް ފަށައި، ޝަރީޢަތުން ހެކި ހުށަހެޅިއިރު، ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑުގެ ކޮޕީ ހުށަހަޅާފައިނުވާކަމަށެވެ.
11ޖިނާއީ މައްސަލައެއްގެ ދައުވާ ހުށަހަޅާއިރު، އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހާ ހެކިތައް ހުށަހަޅަންވާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ)އަދި އެޤާނޫނުގެ 144 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާކަމަށާއި، މައްސަލައިގެ ޚަޞްމުންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކި ފިޔަވައި އެހެން އެއްވެސް ހެއްކެއް ފަނޑިޔާރު ޤަބޫލުކޮށްގެންނުވާނެކަމުގައި މި ޤާނޫނުގެ 146 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށެވެ.
12ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑަކީ އިބްތިދާއި މަރުޙަލާގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްނޫންކަމަށާއި، އަދި އިބްތިދާއީ މަރުޙަލާ ނިންމައި ޝަރީޢަތުގެ މަރުޙަލާގައިވެސް މި ކުޑަކާޑު ހެއްކެއް/ނުވަތަ ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައިނުވާކަމަށެވެ. އެހެނަސް، ޝަރީޢަތުގެ މަރުޙަލާ ފަށައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެއްކާއި ދިފާއުން ހުށަހަޅާ ހެކި ނިމިގެން ދިޔަ ފަހުން، ހެކީގެ ތެރެއިން ގިނަ ހެކިންގެ ހެކި ބަސް ނެގުނު ފަހުން، 9 ޖަނަވަރީ 2019ގައި ހުށަހެޅިކަން ދައުލަތުގެ ބަހުން ސާފުވެގެންދާކަމަށާއި، މިއީ ޖިނާއީ އިޖުރާއަތާއި އެއްގޮތަށް ކޮށްފައިވާ ކަމެއްކަން ބެލެވޭނެ ހަމައެއް ނެތްކަމަށެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" އާއި "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" އެކުއެކީގައި ބެލުމުން ކުށުގެ ވެށިން އެ ތަކެތި ނެގުމާއި ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ މެދުނުކެނޑި ގޮސްފައިވާކަން އެނގެންނެތްކަމަށާއި، ކޮޓަރި ބަލައި ފާސްކޮށް ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ނަގައި ސީލްކޮށްފައިވަނީ ޕޮލިސް ކޯޕްރަލް އަޙްމަދު ޒިޔާދު މުޙައްމަދުކަމަށް އޭނާއާއި، ސީނަށް ޙާޟިރުވި އެހެން ފުލުހުންގެ ބަހުން އެނގެން އޮތްއިރު، ބަލާފާސްކޮށް ސީން އިން ނެގި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ހިފައިގެން ދިޔައީ އަޙްމަދު ޒިޔާދު މުޙައްމަދު ކަން އޭނާއަށް ބުނެދެން ނޭގުމާއި، "ގެންދާއިރު ކޮންމެ މީހަކުވެސް ކެރީކޮށްފައި ހުރެދާނެ" ކަމަށް ކޯޕްރަލް އިސްޙާޤް މުޙައްމަދު ބުނެފައިވުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާކަމަށް ނުވަތަ ފުރިހަމަނޫންކަމަށް ޤަބޫލުކުރެވުމުގެ އިޙްތިމާލު އުފަންވާކަމަށެވެ. މީގެ އިތުރުން ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތަށް ތަކެތި ގޮސްފައިވަނީ ކާކުގެ އަތުން ކޮން އިރަކުކަން އެނގެން ނޯންނަކަމާއި، އަދި ތަޙުލީލުކުރުމަށްފަހު އެ ތަކެއްޗަށް ދެންވީގޮތްވެސް ސާފުނުވާކަމަށެވެ.
14މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2016/2248 (31 އޮކްޓޯބަރ 2016) މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުގައި ފާހަގަކޮށްފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ތަޙުލީލުކުރި ފަރާތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނެގުމަށް އެދިފައިވުމަކީ، ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކިގެން ފާހަގަކޮށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއަކަށްނުވާތީ، އަދި މި މައްސަލައިގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ބޭރުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމަށް އެދިފައިވާކަމަކަށްވާތީ، މިކަމުގައި ގޮތެއް ކަނޑައެޅޭނެ ޤާނޫނީ އަސާސެއް އޮތްކަމަށް ޤަބޫލުނުކުރާކަމަށެވެ.
15ބަހުސްގެ ބޭނުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2016/2248 (31 އޮކްޓޯބަރ 2016) މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓުގައި ފާހަގަކޮށްފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ތަޙުލީލުކުރި ފަރާތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނެގުމަށް އެދިފައިވާ އެދުމުގެ މައްޗަށް މި ހުށަހެޅުން މި ކޯޓުގައި ބެލިނަމަވެސް، އެ ރިޕޯޓު ތަޙުލީލުކުރި ފަރާތް ދިވެހިރާއްޖޭގައި ނެތުމުން ޝަރީޢަތަށް ޙާޟިރުކުރެވެންނެތަތީ ތަޙުލީލުކުރިއިރު ޙާޟިރުވެހުރި ފަރާތުގެ ހެކިބަސް ނެގުމަށް ފަހުން ދައުލަތުން އެދިފައިނުވާކަމަށާއި، މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށްވެސް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން ފުރިހަމަކުރެވިފައިނުވާކަން ފާހަގަކޮށް، ޤާނޫނީ ގޮތުން ޝަރީޢަތްކުރިއަށް ގެންދެވޭނެ ހަމައެއްނޫންކަމަށް ބުނެ އެކަން ދައުލަތުން ތަޢުނުކޮށްފައިނުވާއިރު، މި ކޯޓުގައި އެ ފަރާތުގެ ހެކިބަސް ނެގުމަށް އެދުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، އިސްތިއުނާފީ މަރުޙަލާގައި މައްސަލަތައް ބެލުމާއި ގުޅޭގޮތުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވަފާއިވާ ނިންމުންތަކާއި ޚިލާފަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށެވެ.
16މީގެ އިތުރުން ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ހެކިބަސް ނެގުމަށް ބަލާފައިވާ ސަބަބާއި، މި މައްސަލައިގައި ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުކޮށްދިނުމަށް އެދޭ ސަބަބު އަދި ޙާލަތު ތަފާތުވުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/172މުޙައްމަދު ނާޘިމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޢަމަލުކޮށްފައިވާގޮތަށް މި މައްސަލައިގައި ޢަމަލުކުރެވޭ ހަމައެއް ނެތްކަމަށެވެ.
17މި މައްސަލައިގައި ސަނާ ޢަބްދުއްސައްތާރު އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއިނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ފާޠިމަތު ޢާޤިލާގެ ޖަވާބު
18އިސްތިއުނާފު ރައްދުވާ ފާޠިމަތު ޢާޤިލާގެ ފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރާ ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ މިކޯޓުގެ ނަންބަރު 2016/HC-A/451 އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކޮން އުޞޫލަކާއި ޚިލާފަށްކަން ކަނޑައެޅިގެން ސާފުވާން ނެތްކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުމުގައި ޗެއިން އޮފް ކަސްޓަޑީ (ކުޑަކާޑު) ބަލައި ނުގަތް ސަބަބާއި ޗެއިން އޮފް ކަސްޓަޑީ ފޯމުން ކުށުގެ ވެށިން ތަކެތި ބެލުމާއި ހަމައަށް ލެބޯޓަރީއަށް ތަކެތި ފޮނުވާ ތަޙުލީލުކޮށް ނިމުމާއި ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދު ނުކެނޑި ގުޅިގެން ގޮސްފައިވާކަން އެނގެން ނެތްކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ދައުލަތުން ފާހަގަކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ދެއްވުމަށް އެދިވަޑައިގެންފައިވާއިރު، ދައުލަތުން އެދެނީ އިސްވެ ބުނެވުނު ޤަޟިއްޔާގެ ކޮން ކަންތައްތަކެއް ދައުވާފޯމުގައި ބަޔާންކޮށްފައިނުވާކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމުގައި ބުނާ ބުނުން
ޗެއިން އޮފް ކަސްޓަޑީ
ޗެއިން އޮފް ކަސްޓަޑީއަކީ ޖިނާއީ މައްސަލައެއްގައި ކުށުގެ ވެށިން ނެގޭ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދެވޭގޮތާއި، ބަދަލުކުރެވޭގޮތާއި އަދި ނައްތާލެވޭގޮތް ރިކޯޑުކުރާކުރުމެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު ޢަމަލުކުރާނެގޮތާއި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް ދެ ދާއިރާއިން ހިފަހައްޓާ އެނޫންވެސް އެއްޗެއްސާމެދު ޢަމަލުކުރާނެގޮތް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމުގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 160 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށްތަކާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހެކީގެ ގޮތުގައި ހިފަހައްޓާ މަސްތުވާތަކެތި ނައްތާލުމާ ހަމައަށް އެތަކެއްޗާމެދު ޢަމަލުކުރާނެގޮތުގެ އިޖުރާއަތުތައް ކަނޑައަޅާފައިވަނީ، މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައެވެ.
20މި ގަވާއިދުގެ 23 ވަނަ މާއްދާގައި މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެތީގެ ތެރެއިން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދަންވާނީ، ނުވަތަ އެކަކު އަތުން އަނެކަކު އަތަށް ބަދަލުކުރަންވާނީ، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ވަނަވަރު އަދި ޙަވާލުކުރެވޭ ތާރީޚާއި، ގަޑި ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ފުރިހަމަކުރުމަށްފަހު ގައި ކަން ބަޔާންކުރެއެވެ.
21މިގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކުރާ ކުށަކާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ތަޙްޤީޤަކާ ގުޅިގެން އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި، އެ ތަކެތި ނައްތާލެވެންދެން ރައްކާތެރިކޮށް ބަލަހައްޓާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން ތަޙުލީލު ބޭނުމަށް ލެބޯޓަރީއާ ޙަވާލުކުރާ ތަކެތި ޑްރަގް އެންޑް ކެމިކަލް ލެބޯޓަރީއާ ޙަވާލުކުރުމުން، އެ ތަކެތި ތަޙުލީލުކޮށް، ތަޙުލީލު ރިޕޯޓު ތައްޔާރުކުރުމާ ހަމައަށް އެތަކެތި ބަލަހައްޓާނީ އެ ލެބޯޓަރީއިންނެވެ. މި ތަކެތި ތަޙުލީލުކޮށް ނިމުމުން އެ ތަކެތީގެ ރިޕޯޓާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސްތުވާތަކެއްޗާބެހޭ މައްސަލަތައް ތަޙްޤީޤުކުރާ ޑިޕާޓްމަންޓާއި އެތަކެތި ޙަވާލުކުރުމުން، އެ ތަކެއްޗާމެދު ޢަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ތަކެތި ނައްތާލެވެންދެން އެ ތަކެތި ރައްކާތެރިކޮށް ބަލަހައްޓަންވާނެއެވެ.
22HN2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/451 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި، އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅާނީ އެ ތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމާއި، އަދި ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ޝަރީޢަތުން ކަށަވަރުކުރަންވާނީ، ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ހިމެނޭގޮތުން ތައްޔާރުކުރެވޭ ފޯމުތަކުގައިވާ މަޢުލޫމާތާއި، އަތުލައިގަނެވޭ ތަކެތީގެ "ޗެއިން އޮފް ކަސްޓަޑީ ފޯމު"ގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ކުށުގެ ވެށިން އެތަކެތި ނެގުމާ ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާއި ހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާނަމަކަން ބަޔާންކުރެއެވެ. އަދި މީގެ އިތުރުން އަތުލައިގަނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމާއި ޗެއިން އޮފް ކަސްޓަޑީ ފޯމާއި ތަޙުލީލު ރިޕޯޓުގައިވާ މަޢުލޫމާތު ދިމާނުވާނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާނަމަ، ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ މީހާގެ އަތުން އަތުލައިގަނެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް ކަނޑަނޭޅޭނެކަން ބަޔާންކުރެއެވެ.
23މަސްތުވާތަކެތީގެ މައްސަލައެއްގައި އަތުލައިގަނެވޭ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކީ، މަސްތުވާތަކެތިކަމަށް ޝަރީޢަތުން ކަނޑައަޅާނީ އެ ތަކެތީގެ ތަޙުލީލު ރިޕޯޓުގެ ނަތީޖާގެ މައްޗަށް ބިނާކޮށްކަމާއި، ތަޙުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާއެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ ހިޔާޒަތުގެ ދަށުން އަތުލައިގަނެވުނު ތަކެތިކަން ދެނެގަނެ އެކަން ކަށަވަރުކުރެވޭ ގޮތަކަށް އޮންނާނީ، އަތުލައިގަނެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމުކަމާއި، މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި، ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރުން ލާޒިމުކުރާކަމުގައި މި ކޯޓުގެ ނަންބަރު 2018/HC-A/404 ނުޒުރަތު ނަޖީބު އާއި މުޙައްމަދު ޝަމްޢޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
24މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވަތަކެތި ރައްކާކުރުމާއި، ތަޙުލީލުކުރުމަށް ޙަވާލުކުރެވޭ މަސްތުވާތަކެއްޗާއި، އަދި ތަޙުލީލުކޮށް ނިމުމުން އެ ތަކެތި ތަޙްޤީޤުކުރާ ޑިޕާޓްމަންޓާއި އަނބުރާ ޙަވާލުކުރުމުގައި، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާއި، އަދި އަތުން އަތަށް ބަދަލުކުރުމުގައި، ޙަވާލުކުރާ ފަރާތާއި، ޙަވާލުވާ ފަރާތުގެ ތަފްޞީލު، އެ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި އެއް ރޮއްޖަކުން ގުޅިފައިވާކަން އެނގެން އޮންނަންވާނެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ ނިއުޅިގެންގޮސްފައިނުވާކަން ނުވަތަ މެދުކެނޑިގެންގޮސްފައިނުވާކަން ދައުލަތުން ހުށަހަޅާ ލިޔެކިޔުންތަކުން އެނގެންވާނެއެވެ.
ޗެއިން އޮފް ކަސްޓަޑީ ކުޑަ ކާޑު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން
25ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 28 ވަނަ ނުކުތާގެ (ނ) ގައި އަންނަނިވި ފަދައިން ބަޔާންކުރެއެވެ.
"ޖިނާއީ މައްސަލައެއްގެ ދައުވާ އެފަދަ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅާއިރު އެދައުވާ ސާބިތުކުރަން ބޭނުންވާ އެންމެހައި ބަޔާންތަކާއި ލިޔެކިޔުންތަކާއި އެގްޒެބިޓްތައް ދައުވާ ފޯމާއެކު ހިމަނަންވާނެކަމަށް ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅިފައިވާ މައްސަލައެއްކަމުގައިވީނަމަވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު މައްސަލަ ކުރިއަށް ގެންދެވިފައިވަނީ ޖިނާއީ އިޖުރާއަތު ޤާނޫނުން ދަޢުވާލިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް ކަށަވަރުކުރުމަށްފަހުގައިކަމާއި، މި މައްސަލައިގައި އިބްތިދާއީ މަރުޙަލާވެސް ކުރިއަށް ގެންދެވިފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ދައުލަތުން މިމައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ހުށަހަޅާފައިވަނީ 2019 ޖަނަވަރީ 07 ވަނަ ދުވަހު ކަމުން، ދެންނެވުނު ތާރީޚުގެ ކުރިއަށް މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފެށި ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސްނެގިފައިވާތީއާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމަށްފަހު މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިއަށް މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ހުށަހެޅުމަށް ދައުލަތަށް އެކަށީގެންވާ ވަގުތު ލިބިފައިވާތީ ދައުލަތުން 2019 ޖަނަވަރީ 07 ވަނަ ދުވަހު މިކޯޓަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީތައް ޝަރީޢަތުން ބަލައިގަނެފައިނުވާނޭކަމަށެވެ."
26HN4މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅި މައްސަލައެއްކަމުގައިވީނަމަވެސް، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި މި ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އެހެނިހެން ލިޔެކިޔުންތަކުން، 2017 ޖުލައި 2 ވަނަ ދުވަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއިއެކު، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މި އިޖުރާއަތާއި އެއްގޮތްވާގޮތުގެ މަތިން، މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް ލިބިދިނުމަށް ފަހުގައިކަމާއި، މައްސަލައާ ގުޅިގެން ބޭއްވުނު އިބްތިދާއީ ބައްދަލުވުމުގައި އެ ފަރާތްތަކަށް ދައުވާ ސާފުވެއްޖެކަމާއި، ދައުވާއަށް އިންކާރުކުރުމުން، ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކިޤަރީނާ ހުށަހަޅާފައިވާކަން އެނގެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ހެކި ހުށަހެޅުމަށް ފުރުޞަތު ދެވި، އެ ފަރާތްތަކުން ހެކި ހުށަހެޅުމުން، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ޝަރީޢަތުން ކަނޑައަޅާފައިވެއެވެ. މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅާފައެއްނުވެއެވެ. އޭގެ ފަހުން ހެކިންގެ ހެކިބަސް ނަގާފައިވެއެވެ. އެހެންކަމުން، މި މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ އިޖުރާއަތާއި އެއްގޮތަށް ކުރިއަށް ގެންދެވުނު މައްސަލައެއްކަން ސާފުކޮށް އެނގެއެވެ.
27HN3ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ ދަށުން ހެކި ހުށަހެޅުމުގެ މަރުޙަލާއަށް ބަލާއިރު، ޖިނާއީ މައްސަލައެއްގެ ދައުވާ ހުށަހަޅަންވާނީ، އެ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެއްކާ އެކުގައިކަމަށާއި، އެގޮތުން، ދައުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ބަޔާންތަކާއި، ލިޔެކިޔުންތަކާއި، އެގްޒެބިޓްތައް ދައުވާ ފޯމާއިއެކު ހިމަނަންވާނެކަމުގައި މި ޤާނޫނުގެ 83 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އިބްތިދާއީ އަޑުއެހުމުގެ ތެރެއިން ދައުވާއަށް ދައުވާލިބޭ ފަރާތް އިންކާރުކުރުމުން، ދައުވާލިބޭ ފަރާތުގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ޝަރީޢަތަށް ހުށަހަޅަން ޤަޞްދުކުރާ އެންމެހައި ހެކި، އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހާމަކުރަންވާނެއެވެ. ދައުލަތުން ހެކި ހުށަހެޅުމަށްފަހު، ދައުވާލިބޭ ފަރާތުން ދިފާޢުގައި ހުށަހަޅާނެ ހެކި ހުރިނަމަ، އެ ހެކި ހާމަކުރުމުގެ ފުރުޞަތު މި މަރުހަލާގައި ޝަރީޢަތުން ދޭންވާނެއެވެ. އެހެންކަމުން، ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިން ދައުލަތުގެ ބާރުގެދަށުގައިވާ ނުވަތަ ބެލުމުގެ ދަށުގައިވާ މަޢުލޫމާތު (ރައްކާތެރިކޮށްފައިވާ ޙާލަތުގައި މެނުވީ) ދައުލަތުން ދައުވާލިބޭ ފަރާތަށް ހާމަކޮށް އަދި ދައުވާލިބޭ ފަރާތުން ދިފާޢުގައި ބޭނުންކުރަން ގަސްދުކުރާ، އަދި ދައުވާލިބޭ ފަރާތުގެ އަތުގައި ނުވަތަ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައިވާ ތަކެތި (ރައްކާތެރިކޮށްފައިވާ ޙާލަތުގައި މެނުވީ) ދައުވާލިބޭ ފަރާތުން ހާމަކުރާނެއެވެ.
28ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ޝަރީޢަތް ކުރިއަށް ދަނިކޮށް މައްސަލައިގައި ހިމެނޭ ފަރާތަކަށް އިތުރު ހެއްކެއް ލިބިއްޖެނަމަ، އެކަމުގެ މަޢުލޫމާތު މައްސަލައިގައި ހިމެނޭ ފަރާތަށް އަދި ކޯޓަށް އަންގަންވާނެއެވެ. ކޯޓުން ކަނޑައަޅާ މުއްދަތުގައި އަދި ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީޢަތް ފެށުމުގެ ކުރިން ހެކި ހާމަކުރަންވާނެއެވެ. މިއާ ޚިލާފަށް ހާމަނުކުރި ހެކި ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުން މަނާކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ދައުލަތުން ދައުވާ ހުށަހަޅާއިރު، ދައުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅުމާއި، އަދި ދައުވާއަށް ދައުވާލިބޭ ފަރާތުން އިންކާރުކުރުމުން، ދައުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ ހެކި ހާމަކުރުމުގެ އިސްތިސްނާއަކީ، އެއިރު ލިބިފައިނުވާ އައު ހެކި ލިބުމެވެ. މި ޙާލަތުގައިވެސް ޝަރީޢަތަށް އެ ހެކި ބަލައިގަންނާނީ އެ ހެއްކަކީ އަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ.
29މި މައްސަލާގައި 19 ޖަނަވަރީ 2017 ގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ހެއްކާގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. އޭގެ ފަހުން 27 ނޮވެމްބަރު 2017 ގައި ބޭއްވުނު އަޑުއެހުމުގައި 7 ޑިސެމްބަރު 2017ގެ ކުރިން ހެކި ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިވެއެވެ. އޭގެ ފަހުން 21 އޮކްޓޯބަރ 2018ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމުގައި ދައުލަތުން ޙަވާލާދޭ ހެކިން ތަފްޞީލުކޮށްފައިވެއެވެ. މިގޮތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސްކޯޕްރަލް އަޙްމަދު ޒިޔާދު މުޙައްމަދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާރޖަންޓް އަޙްމަދު ޢާޘިމް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލް ޙުސައިން ވަހީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އިސްހާޤު މުޙައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް ޙަސަން ޒަރީރު އާއި ހ.ބްލޫލޫން، މުޙައްމަދު ޝަހީލް އާއި މަސްތުވާތަކެތީގެ ތަޙުލީލު ކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އީނާސް ޢަބްދުއްލަޠީފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޢަބްދުއްރަޙްމާން ޤާސިމް އާއި މެޑް ލެބް ތައްޔާރުކުރި އެނަލިސްޓް އާމިނަތު ނަސްރީނާ މޫސާ އާއި މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)-FCR-2016/0076 ފިންގަ ޕްރިންޓް ކޮމްޕެރިޒަން ރިޕޯޓާ އެރިޕޯޓު ތައްޔާރުކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާރޖަންޓް ޝިޔާނާ ހަބީބު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(a)-SCOR/2016/513 ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި، މިރިޕޯޓު ތައްޔާރުކުރި ޕޮލިސް ކޯޕްރަލް މުރާދު އަޙްމަދު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް 21 އޮކްޓޯބަރ 2018 ގައި ދައުލަތުން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި އެންމެ މަރުޙަލާތަކުގައި ދައުލަތަށް ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑު ހުށަހެޅުމުގެ ފުރުޞަތު އޮތެވެ. އެއީ އެ ދައުވާ ހުށަހެޅިއިރު ދައުލަތުގެ ކިބައިގައި އޮންނާނެ އަދި ދައުލަތަށް ލިބިފައިވާންވާނެ ލިޔުމެކެވެ. މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ ނުކުތާގައި ހިމެނޭ ޗެއިން އޮފް ކަސްޓަޑީ ކުޑަކާޑަކީ އައު ހެއްކެއްނޫނެވެ. ނުވަތަ ލިބުނު އިތުރު ހެއްކެއްވެސް ނޫނެވެ. މި މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައަކަށްވާއިރު، ޗެއިން އޮފް ކަސްޓަޑީ ނިއުޅިގެންގޮސްފައިނުވާކަން ކަށަވަރުވާންޖެހެއެވެ. މިކަން ކުރުން ލާޒިމުވެގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެއްނޫނެވެ. މި އިޖުރާއަތު ފުރިހަމަކުރަންޖެހެނީ އަދި ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރުން ލާޒިމުކުރަނީވެސް މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.
30HN5ދައުލަތުގެ ފަރާތުން ހުށަހަޅާ ދައުވާ ސާބިތުކުރުމަށް ހުށަހަޅަންޖެހޭ ހެކި ހުށަހެޅުމުގެ ފުރުޞަތަކީ ދައުވާ ހުށަހެޅިއިރު، އަދި އިބްތިދާއީ މަރުޙަލާގައިވެސް، ދައުލަތަށް އޮތް ފުރުޞަތެކެވެ. އެއީ ކޯޓުން ފުރުޞަތެއް ދޭންޖެހޭ ގޮތަށް އޮންނަ ކަމެއް ނޫނެވެ. މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކުރާނީ ދައުވާ ސާބިތުކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުމަށެވެ. އެހެންކަމުން، ޝަރީޢަތުގެ މަރުޙަލާ ފެށުމުގެ ކުރިއަށް މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ކުޑަކާޑުތަކުގެ ކޮޕީ ހުށަހެޅުމަށް ދައުލަތަށް އެކަށީގެންވާ ވަގުތު ލިބި، މި ކާޑުގެ ކޮޕީ ޝަރީޢަތަށް ފަހުން (ޝަރީޢަތުގެ މަރުހަލާ ފެށި، ބައެއް ހެކިންގެ ހެކި ބަސް ނެގުނު ފަހުން) ދައުލަތުން ހުށަހެޅުމުން، އެ ކާޑު ޝަރީޢަތުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ރިޢާޔަތްކުރި ގޮތަކީ ޞައްޙަ ނޫންގޮތެއްކަމަށް ބެލެވޭކަށްނެތެވެ.
ދައުލަތުން ހުށަހެޅި "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމު" އާއި " މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތައް"އިން ޗެއިން އޮފް ކަސްޓަޑީ މެދުކެނޑިފައިވާނުވާކަން ނުވަތަ ނިއުޅިގެންގޮސްފައިނުވާކަން ސާބިތުވޭތޯ
31ދައުވާއަށް މުއްތަހަމު އިންކާރުކުރާނަމަ، އެއްވެސް އިސްތިސްނާއެއްނެތި، ކުށާގުޅޭ އެންމެހާ މާއްދީރުކުނާއި މަޢުނަވީ ރުކުނުގައި ހިމެނޭ އެއްމެހާ އުންސުރުތައް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންގަނޑުން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭ ފަރާތާކީ ދައުލަތެވެ. މި މައްސަލައިގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް ބުނާ މަސްތުވާތަކެއްޗާއި އިސްތިއުނާފުކުރާ ފަރާތްތަކާއި ގުޅުވައިދިނުމަށް އަދި އެ ތަކެއްޗަކީ އެ ފަރާތްތަކުގެ ހިޔާޒަތުގެ ދަށުން ހުރި ތަކެތިކަން ސާބިތުކުރުމަށް ހުށަހަޅާފައިވަނީ "ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް"ތަކާއި އަދި "މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުން" މިއެވެ. މި ފޯމްތަކަށް ބަލާއިރު، ކޮޓަރި ބަލައި ފާސްކޮށް ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ނަގައި ސީލްކޮށްފައިވަނީ ޕޮލިސް ކޯޕްރަލް އަޙްމަދު ޒިޔާދު މުޙައްމަދުކަމަށް އޭނާއާއި، ސީނަށް ޙާޟިރުވި އެހެން ފުލުހުންގެ ބަހުން އެނގެއެވެ. އެތަކެތި ޙަވާލުކޮށްފައިވަނީ ޕޮލިސް ސަރޖަންޓް އަޙްމަދު މުނީޛުއާކަމާއި، އަދި ލެބޯޓަރީއިން އެ ތަކެއްޗާއި ޙަވާލުވެފައިވަނީ ޕޮލިސް ކޯޕްރަލް އާމިނަތު ސާލިޔާކަން އެނގެއެވެ. ހެކިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލް އިސްޙާޤު މުޙައްމަދު ދީފައިވާ ބަޔާނުގައި "...ގެންދާއިރު ކޮންމެ މީހަކުވެސް ކެރީކޮށްފައި ހުރެދާނެ" ކަމަށް ކޯޕްރަލް އިސްޙާޤް މުޙައްމަދު ބުނެފައިވުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާކަމަށް ނުވަތަ ފުރިހަމަނޫންކަމަށް ޤަބޫލުކުރެވުމުގެ އިޙްތިމާލު އުފަންވެއެވެ. ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތަށް ތަކެތި ގޮސްފައިވަނީ ކާކުގެ އަތުން ކޮން އިރަކުކަން އެނގޭކަށްނެތެވެ. ތަޙުލީލުކުރުމަށްފަހު އެ ތަކެއްޗަށް ދެންވީގޮތްވެސް އެނގޭކަށްނެތެވެ. އަދި ހެކިންގެ ބަހުންވެސް، ތަޙުލީލުކުރި ފަރާތަށް އެ ތަކެތި ލިބިފައިވަނީ ކޮން ގޮތަކުންކަމެއް، އަދި ތަޙުލީލުކުރުމަށް ފަހު، އެ ތަކެތި ތަޙްޤީޤުކުރި ފަރާތާއި ޙަވާލުކުރިކަމެއް ނުވަތަ ނޫންކަމެއް އެނގޭކަށްނެތެވެ. އެހެންކަމުން، ކުށުގެ ވެށިން އެ ތަކެތި ނެގުމާއި ހަމައިން ފެށިގެން ލެބޯޓަރީއަށް އެ ތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ މެދުނުކެނޑި ގޮސްފައިވާކަން އެނގެންނެތަތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގައި ކުށުގެވެށިން ތަކެތި ނެގުމާހަމައިން ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަޙުލީލުކޮށް ނިމިގެން އައުމާހަމައަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުނުކެނޑި ގުޅިގެން ގޮސްފައިވާކަމުގައި ބެލެވޭކަށްނެތެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2016/2248 މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓު ތައްޔާރުކުރި ފަރާތް މި މަރުހަލާގައި ޙާޟިރުކޮށްދިނުމަށް ދައުލަތުން އެދޭ އެދުން
މިއީ އިސްތިއުނާފްކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރުމުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމެވެ. މި ހުށަހެޅުމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(e)/DR/2016/2248 (31 އޮކްޓޯބަރ 2016) މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތް ދިވެހިރާއްޖޭގައި ނެތުމުން ޙާޟިރުކުރެވިފައިނުވާކަމަށް ދައުލަތަށް ޝަރީޢަތުން އެ މަޢުލޫމާތު ހިއްސާކޮށްފައިވީނަމަވެސް، މި ރިޕޯޓާއި ގުޅިގެން އިތުރު ފަރާތެއް ޙާޟިރުކޮށްދިނުމަށް އެދިފައިނުވާކަމަށާއި، މި ރިޕޯޓާއި ގުޅިގެން ސުވާލު އުފައްދާފައިވާއިރު، ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަހަކީ އެންމެ މުހިންމު އެއް ހެކިބަސްކަމަށްވާއިރު، މި ރިޕޯޓާއި ގުޅިގެން ތަޙުލީލުކުރި ފަރާތް މި މަރުޙަލާގައި މި ކޯޓަށް ޙާޟިރުކޮށް، މިކޯޓުގެ ނަންބަރު 2015/HC-A/172 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޢަމަލުކޮށްފައިވާ ފަދައިން މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމަށް އެދޭ ކަމަށެވެ.
33HN6މި ނުކުތާއަކީ މި މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އިސްތިއުނާފީ މައްސަލަ ހުށަހެޅިއިރު ދައުލަތުން ހުށަހެޅި ނުކުތާއެއްނޫނެވެ. އަދި މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓާއި މެދު ސުވާލު އުފައްދާފައި ވާހިނދު މަސްތުވާތަކެތި ތަޙުލީލުކުރި ފަރާތް ރާއްޖޭގައި ނެތުމުން ޙާޟިރުކުރެވިފައިނުވާތީ، އެ ތަކެތި ތަޙުލީލުކުރުމުގައި ބައިވެރިވެ އެހެން ފަރާތެއް ޙާޟިރުކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އެދިފައެއްނުވެއެވެ.
34ކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެއްކާއި ގަރީނާތަކުގެ މައްޗަށެވެ. މިއަށް އިސްތިސްނާއެއް ދީފައިވަނީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފު މަރުހަލާގައި ހުށަހެޅުމަށެވެ. އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ ނުވަތަ ހުށަހެޅުމަކީ، (1) އެ މައްސަލައެއް ދަށު މަރުހަލާގައި ހިނގަމުންދިޔައިރު، އެކަށިގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވާނަމަ (Non-availability)؛ (2) އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލެއް ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢުއަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަމަށް ނުވަތަ ހުށަހެޅުމަކަށްވާނަމަ (Relevance)؛ (3) އޭގެ ޞައްޙަކަމާމެދު ސުވާލުއުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވާނަމަ (Credibility)؛ މި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައިވާންވާނެކަމަށް ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. މައްސަލައާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ އެންމެހައި ކަންކަން އެ މައްސަލައެއްގެ ޝަރީޢަތްތައް ދަށު ކޯޓުގައި ހިނގަމުންދާއިރު ހުށަހަޅަންޖެހޭގޮތަށް ޝަރުޢީ ނިޒާމް ބައްޓަންކުރެވި، އެ މައްސަލައަކާގުޅޭ ތަފާތު އެކި ކަންކަން އެކި މަރުޙަލާތުގައި ހުށަހެޅި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާނުލާގޮތަށް ހަމަޖެހިފައި އޮތުމުގެ މައިގަނޑު މަގުޞަދަކީ، މައްސަލައިގެ އަސްލު މައުޟޫޢު ދަށު މަރުޙަލާގައި ހިނގަމުންދާއިރު އެއީ އެ މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ލިބިގެންދާނެގޮތަށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ އިތުރުން، މައްސަލައިގައި އުފެދިފައިވާ ޚުޞޫމަތަށް އަވަސްކަމާއެކު ޙައްލެއް ލިބިގެންދާނެގޮތަށް ޝަރުޢީ ނިޒާމް ބައްޓަންވެގެން ދިޔުމެވެ.
35HN7މި ކޯޓުގެ ނަންބަރު 2015/HC-A/172މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޢަމަލުކޮށްފައިވާ ފަދައިން މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓާއި ގުޅިގެން ތަޙުލީލުކުރި ފަރާތް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފް މި މަރުޙަލާގައި މި ކޯޓަށް ޙާޟިރުކޮށް، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމަށް އެދޭ ކަމުގައި ދައުލަތުން ބުނެފައިވާއިރު، މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓު ތައްޔަރުކުރި ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުގެ މަސައްކަތް އެ ކޯޓުން ކޮށްފައިވާކަމާއި، އެހެނަސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފް ޙާޟިރުކުރެވިފައިނުވަނީ ރާއްޖޭގައި ނެތުމުންކަން ދައުލަތާއިވެސް އެ ކޯޓުން ހިއްސާކޮށްފައިވާކަން އެނގެއެވެ. މި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިނާސް ޢަބްދުއްލަޠީފްގެ ބަދަލުގައި އެކަމުގައި ޝާމިލުވި އެހެން ފަރާތެއް ޙާޟިރުކުރުމަށް ދައުލަތުން އެދިފައެއްނުވެއެވެ. އަދި މީގެ އިތުރަކަށް މި ވާހަކަ ދައުލަތުން ދައްކާފައެއްނުވެއެވެ. މި ކޯޓުގެ ނަންބަރު 2015/HC-A/172 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ޙަޤީޤަތްތަކަށް ބަލާއިރު، އެ ޤަޟިއްޔާގައި އިސްތިއުނާފީ މަރުޙަލާގައި ހެކިބަސް އަދާކުރުމުގެ ފުރުޞަތު ދެވިފައިވާ ހެކިންނަކީ، ދަށު ކޯޓަށް ޙާޟިރުކުރުމުގެ ފުރުޞަތު އޮތެވެ، ޙާޟިރުކޮށްފައިނުވާ ހެކިންނެވެ. މި މައްސަލައިގެ ވާޤިޢާތަކާއި މައްސަލައިގެ ޙާލަތާއި، މި ކޯޓުގެ ނަންބަރު 2015/HC-A/172 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގެ ވާޤިއާތަކާއި އަދި ހެކިން ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުކުރުމަށް ނިންމި ސަބަބު ތަފާތުވުމުން، މި ކޯޓުގެ ނަންބަރު 2015/HC-A/172 މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި މި ކޯޓަށް ހެކިން ޙާޟިރުކުރެވުނު ސަބަބު، މި މައްސަލައަށް ތަޠުބީޤުކުރެވޭނެކަމަކަށް ނުދެކެމެވެ.
ނިންމުން
އިސްވެ ބަޔާންކުރަނިވި ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔު؛
37ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއިދު ކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛
38ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއިދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1405/Cr-C/2016 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އަދި (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 160 ވަނަ މާއްދާ
- ގަވާއިދު ނަންބަރު R-230/2015 (މަސްތުވާތަކެއްޗާބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ހ)، 9 ވަނަ މާއްދާގެ (ނ)، (ބ)، (ކ) އަދި 23 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ (އެކަށީގެންވާ ޝައްކެއްނެތް މިންގަނޑު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 83 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގެ (ށ) އަދި (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 129، 132، 135 ވަނަ މާއްދާތަކާއި 136 ވަނަ މާއްދާގެ (ށ) ގެ (3)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 144 ވަނަ މާއްދާގެ (ނ)، 145 ވަނަ މާއްދާގެ (ހ) އަދި (ށ)، 146 ވަނަ މާއްދާގެ (ހ)، 151 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ 2016/HC-A/451 (އަހުޒާމް ނަޢީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ 2018/HC-A/404 (ނުޒުރަތު ނަޖީބު އާއި މުޙައްމަދު ޝަމްޢޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ހައިކޯޓުގެ 2015/HC-A/172 (މުޙައްމަދު ނާޘިމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.