ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-A/23ސުޕްރީމް ކޯޓު · 19 ޖަނަވަރީ 2020

—

ސުޕްރީމް ކޯޓު
25 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 ޖަނަވަރީ 2020ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2012/SC-A/23

ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: އިބްރާހީމް ނާފިޛް

މައްސަލައިގެ ބާވަތް: ޖިނާއީ ކުށް

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 02 އޮގަސްޓު 2012

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 30 އޮގަސްޓު 2012

ނިމުނު ތާރީޚް: 19 ޖަނަވަރީ 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއްސުޢޫދު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2009/HC-A/212

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ޖުލައި 2009

ނިމުނު ތާރީޚް: 29 މާރިޗު 2012

ފަނޑިޔާރު ޙުސްނުއްސުޢޫދު: (އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފް

ގދ. ނަޑެއްލާ، އަތަމާގޭ އިބްރާހީމް ނާފިޛް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިބްރާހީމް ނާފިޛް ހައްޔަރުކުރުމަށް 22 މާރޗް 2008 ދުވަހުގެ ރޭ ދަންވަރު 01:45 އެހާކަންހާއިރު، އިބްރާހީމް ނާފިޛް ދިރިއުޅޭ މ. ހެޕީކޯނަރ ގޭގެ ތެރެއަށް ފުލުހުން ވަދެ، އޭނާގެ ހަށިގަނޑާއި އޭނާ އުޅޭ ކޮޓަރި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮއްވާ ފެނުނު ސިޓީ އުރައެއްގެ ތެރެއިން، މުށި ކުލައިގެ ކުނޑިތަކެއް ހުރި 10 ރަބަރު ޕެކެޓު ފުލުހުންނަށް ފެނިފައިވެއެވެ. އެ 10 ރަބަރު ޕެކެޓުގައި ހުރި ތަކެތި ތަޙުލީލުކުރުމުން އޭގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއޭޓްސް ކަން ޔަގީންކުރެވުނެވެ. އަދި އެތަކެތީގެ ޖުމްލަ ބަރުދަނަކީ 56.8003 ގްރާމް އެވެ. އިބްރާހީމް ނާފިޛް އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތިން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއޭޓްސްގެ 56.8003 ގްރާމް ފެނުމުން ގދ. ނަޑެއްލާ، އަތަމާގޭ އިބްރާހީމް ނާފިޛްގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ. މި ބަޔާންކުރެވުނު ދައުވާ ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅުއްވުމުން، އެ މައްސަލަ ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވަނީ އެ ކޯޓުގެ ނަންބަރު 875/JC/2008 ގަޒިއްޔާގައެވެ. މި ގަޒިއްޔާގައި ޖިނާއީ ކޯޓުން ހުކުމްކުރައްވާފައިވަނީ އިބްރާހީމް ނާފިޛްގެ މައްޗަށް ދައުލަތުންކުރި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ. ޖިނާއީ ކޯޓުގެ ނަންބަރު 875/JC/2008 ގަޒިއްޔާގައި، ދައުލަތުން އިބްރާހީމް ނާފިޛްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވުމުން، އެ ގަޒިއްޔާ އިސްތިއުނާފްކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2009/HC-A/212 ގަޒިއްޔާއިން ޖިނާއީ ކޯޓުގެ ނަންބަރު 875/JC/2008 ގަޒިއްޔާއަށް ތާއީދުކުރައްވައި މައްސަލަ ނިންމަވާފައިވެއެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ގަޒިއްޔާ ނިންމަވާފައިވާ ގޮތް ގާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބަޔާންކުރައްވައި ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެއްވުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ގަޒިއްޔާއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ޖިނާއީ ކޯޓުން ނިންމެވި ގޮތް

ޖިނާއީ ކޯޓުގެ ނަންބަރު 875/JC/2008 ގަޒިއްޔާގައި 3 ޖޫން 2009 ގައި ޖިނާއީ ކޯޓުން ހުކުމް ކުރައްވާފައިވަނީ އިބްރާހީމް ނާފިޛް އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައެއްގެ ތެރެއިން 56.8003 ގްރާމްގެ އޯޕިއޭޓްސް ހުއްޓާ ފެނުނު ނަމަވެސް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން އިބްރާހީމް ނާފިޛްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓިކަމުގެ ދައުވާ ސާބިތުނުވާކަމަށެވެ. އިބްރާހީމް ނާފިޛްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ނިންމީ އަންނަނިވި ވާގިއާތަކުގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ.

(ހ) އިބްރާހީމް ނާފިޛް އުޅޭ ކޮޓަރި ފުލުހުން ވަދެ ފާސްކުރިއިރު އިބްރާހީމް ނާފިޛް އެކޮޓަރީގައި ހުރިކަމަށާއި، އެކޮޓަރި ފުލުހުން ފާސްކުރުމުގެ ތެރޭގައި އެކޮޓަރި ތެރޭގައި ހުރި އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައެއް ފުލުހުން ނެގިކަމަށާއި، އެސިޓީއުރަތެރޭގައި މުށި ކުލައިގެ ކުނޑިއެއް ހުރި 10 ރަބަރު ޕެކެޓް ތިން ފުލުހުންނަށް ފެނިފައިވާކަމަށް އިބްރާހީމް ނާފިޛް އިންކާރެއްނުކުރުން.

(ށ) 24 މާރޗް 2008 ދުވަހު އިބްރާހީމް ނާފިޛް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާނުގައި އޭނާ ބުނެފައިވަނީ "އަޅުގަނޑުގެ ކޮޓަރީގައި ހުރި އަލަމާރިމަތީގައި އޮތް ސިޓީ އުރައެއް ފުލުހުން އަޅުގަނޑުގެ ހާޒިރުގައި ނަގައި ޗެކްކުރިއިރު އެސިޓީ އުރަ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މުށިކުލައިގެ ކުނޑިއެއް ހުރި 10 ރަބަރު ޕެކެޓު އޮތެވެ." އިތުރަށް ބުނެފައިވަނީ އެތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އެތަކެއްޗާއި މެދު އޭނާއަށް ޝައްކުކުރެވޭ ވަރަށް ގިނަ މީހުން އެބަތިބިކަމަށާއި، އެހެންނަމަވެސް އެމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެވަގުތު އޭނާ ދޭން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުން އެމީހުންގެ ނަންތައް ޝަރީޢަތުގެ މަޖިލީހުގައި ބުނާނެކަމަށް ބުނުން.

(ނ) އިބްރާހީމް ނާފިޛްގެ ފަރާތުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރި ދެ ހެކިންގެ ތެރެއިން ޙަސަން ޞަބާޙު ޖިނާއީ ކޯޓަށް ހާޒިރުވެ ބުނެފައިވަނީ، އިބްރާހީމް ނާފިޛްގެ ކޮޓަރިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ މުށިކުލައިގެ ކުނޑިއެއްހުރި 10 ރަބަރު ޕެކެޓު ހުރި ސިޓީއުރައަކީ އޭނާ އެ ކޮޓަރިއަށް ވަދެ ބޭއްވި ސިޓީ އުރައެއްކަމަށާއި، އެ ސިޓީއުރަ ބޭއްވިކަމެއް އިބްރާހީމް ނާފިޛް އަކަށް ނޭނގޭނެކަމަށާއި، އޭނާ (ޙަސަން ޞަބާޙު) އަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށާއި، އެ ސިޓީއުރަ އެކޮޓަރީގައި އޭނާ ބޭއްވިއިރު އިބްރާހީމް ނާފިޛް ވަނީ ބޭރަށް ގޮސްފައިކަމަށާއި، އެސިޓީއުރަ އޭނާ ބޭއްވީ އެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތީގައި ކަމަށާއި، އެސިޓީއުރަ އަކީ ދިގު ހުދު ކުލައިގެ ސިޓީއުރައެއް ކަމަށާއި، އެކޮޓަރީގެ ތަޅުދަނޑިއެއް އޭނާގެ އަތުގައި ނޯންނަކަމަށާއި، އޭނާ އިބްރާހީމް ނާފިޛް ދަންނަތާ ގާތްގަނޑަކަށް 2 އަހަރު ދުވަސް ވެދާނެކަމަށް ޙަސަން ޞަބާޙު ބުނެފައިވާކަން.

(ރ) އިބްރާހީމް ނާފިޛް ގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިނުވާކަން.

(ބ) އިބްރާހީމް ނާފިޛްގެ ޔޫރިން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިނުވާކަން.

(ޅ) އިބްރާހީމް ނާފިޛްގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް ނެތްކަން.

(ކ) އެކޮޓަރިން ފެނުނު މަސްތުވާތަކެތި ތަޙުލީލުކުރި އިރު އިބްރާހީމް ނާފިޛްގެ ފިންގަރ ޕްރިންޓް ނަގާފައި ނުވާކަން.

(އ) އިބްރާހީމް ނާފިޛްގެ ކޮޓަރިން ސިޓީއުރަ ފެނުނު ތިން ފުލުހުންނަށް އެސިޓީއުރަ ފެނުނީ އެއްވަގުތަކު އެއްތަނަކުން ކަމަށް ވީއިރު، އެސިޓީއުރަ އޮތް ނެތްގޮތް ތަފާތެއް ނެތި 3 މީހުންނަށް ބުނެދެވިފައިނުވާކަން.

މަތީގައި ބަޔާންކުރެވުނު ވާގިއާތަކަށް ބުރަވެ ޖިނާއީ ކޯޓުން ކުރެއްވި ހުކުމުގައި ވިދާޅުވެފައި ވަނީ އިބްރާހީމް ނާފިޛް އުޅޭ ކޮޓަރިން ފުލުހުންނަށް ފެނުނު ސިޓީގައި މަސްތުވާތަކެތި ހުރިނަމަވެސް މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އިބްރާހީމް ނާފިޛްގެ މައްޗަށް ސާބިތުވާ ވަރަށް ތަފާތެއްނެތް ފުރިހަމަ ހެއްކާއި ހަރުދަނާ ގަރީނާ ލިބިފައިނުވާތީ އިބްރާހީމް ނާފިޛްގެ މައްޗަށްކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ.

އިސްތިއުނާފު ކުރެވިފައިވާ ގަޒިއްޔާގައި ދައުވާ ސާބިތުނުވާކަމަށް ހައިކޯޓުން ފާހަގަކުރެއްވި ސަބަބުތައް

އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ގަޒިއްޔާގެ ހުކުމަށް އެ ކޯޓުން ވާސިލުވި ސަބަބުތައް އެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ހައިކޯޓުން ފާހަގަކުރައްވާފައިވެއެވެ. އިސްތިއުނާފްކުރެވޭ ގަޒިއްޔާ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ، މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެއްޗާއި ބެހޭ ގޮތުން ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ އެހެން ފަރާތެއް ދެއްކޭ ހާލަތުގައި އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނު މީހާ އެހުރީ އެކުށެއްކޮށްފައިކަމާއި މެދު ޝަރުޢީ އަދި ގާނޫނީ ގޮތުން ސުވާލު އުފެދޭނެ ހާލަތެއްގައިކަން ބެލެވޭނެ ކަމާއި، މިފަދަ ޙާލަތެއްގައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކުރާއިރު، ހުއްދަކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން މި ގަޒިއްޔާ ނިންމަވަމުން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމާފައިވަނީ، މަސްތުވާތަކެތި ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާގެ ހަށިގަނޑުން ނުވަތަ އޭނާ އެވަގުތު ލައިގެން ހުރި އެއްޗެއްގެ ތެރެއިން ނޫންކަމާއި، މަސްތުވާތަކެތި ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާގެ ކޮޓަރީގައި އޭނާ ބަންދުކޮށްގެން ގެންގުޅޭ ފޮށި، އަލަމާރި އަދި ވަތްގަނޑު ފަދަ އެއްޗެއްގެ ތެރެއިން ނޫންކަމާއި، އަދި އެކޮޓަރިއަކީ ތުހުމަތުކުރެވޭ މީހާގެ ރައްޓެހިންވެސް ވަދެ ނުކުމެހަދާ ކޮޓަރިއެއްކަމަށް ތުހުމަތުކުރެވޭ މީހާ ބުނާއިރު، މަސްތުވާތަކެތި ފެނިފައިވަނީ ތުހުމަތުކުރެވޭ މީހާގެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތީގައި އޮތް ސިޓީއުރައަކުންކަން އެނގޭކަމާއި، މިގޮތަށް ސިޓީއުރައެއް ބޭއްވުމަކީ ކޮޓަރިއަށް ވަދެ ނުކުމެހަދާ މީހަކު ކޮށްފާނެކަމެއްކަމުގެ އިހުތިމާލު އޮތްކަމެއްކަމާއި، ފިންގަރ ޕްރިންޓް ނެގެވުނު ކަމުގެ ވާހަކަ ދެކެވުނު އިރު، އެފަދަ ހެއްކެއް ހުށަހަޅާފައި ނުވާކަމާއި، ހާދިސާ ހިނގާދިޔަގޮތް ވީޑިއޯ ކުރެވުނު ކަން އެނގޭއިރު، ވީޑިއޯ ޝަރީއަތަށް ހުށަހަޅާފައި ނުވާކަމާއި، ތުހުމަތުކުރެވޭ މީހާގެ ކޮޓަރިގައި ހުރި އަލަމާރީގެ މަތިން ބަންދުކޮށްފައިވާ ސިޓީއުރައެއްގެ ތެރޭގައި މަސްތުވާތަކެތި ހުއްޓާ ފެނުނުކަމަށް ބުނާބުނުން ފިޔަވައި، އެތަކެއްޗާއި ތުހުމަތުކުރެވޭ މީހާއާ ހުރި ގުޅުން ބަޔާންކޮށްދޭ، އިޝާރާތްކުރެވުނު ފަދަ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ހުށަހަޅާފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާކަން ޝަރީއަތުން ކަނޑައެޅޭނީ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށެއް އެމީހަކު ކޮށްފައިވާކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެގެންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ބެލުމުން އެނގެން އޮންނަކަމަށާއި، މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާ އެއްޗެއް ފެނުނުކަމުގައި ވީނަމަވެސް، އެ މަސްތުވާ އެއްޗަކީ އެތަނެއްގެ ވެރިފަރާތުގެ ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުގައި އެތަނެއްވާ ފަރާތުގެ އެއްޗެއްކަމާ މެދު ޝަރުޢީ އަދި ގާނޫނީ ގޮތުން ސުވާލު އުފެދޭ ފަދަ ހާލަތެއްގައި ކަމަށް ބެލެވޭނަމަ، އެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކުރާއިރު، ހުއްދަނޫން ކަމެއް ކަމުގައި ބެލެވޭކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދަށު ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ގާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ ނުކުތާއެއް ފާހަގަކުރައްވާފައިވެއެވެ. އެ ދެ ނުކުތާއަކީ:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ (ނ) ގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުން ފެނުމަކީ އިސްތިސްނާއެއް ނެތި މުތުލަގު މަސްއޫލިއްޔަތު ގާނޫނީ ގޮތުން އުފުލަންޖެހޭ ކުށަކަށްވީ ނަމަވެސް، އަދި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށްފުދޭ ކާފީ ގާނޫނީ ގަރީނާއެއް ކަމުގައިވީ ނަމަވެސް، އެ މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ މަސްތުވާ ތަކެއްޗާ ބެހޭ ގޮތުން ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ އެހެން ފަރާތެއް ދެއްކިއްޖެ ނަމަ، މި ހާލަތުގައި އެ މީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެންނަ މީހާ އެހުރީ ކުށްކޮށްފައި ކަމާމެދު ޝަރުޢީ އަދި ގާނޫނީ ގޮތުން ސުވާލުއުފެދޭ ފަދަ ހާލަތެއްގައި ކަން ބެލެވެން އޮންނަ ކަމާއި، މި ފަދަ ހާލަތެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ބެލުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކުރާއިރު ހުއްދަކަމެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ މަގްސަދާއި މަސްތުވާތަކެތީގެ ކުށްކުރުމުގައި މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުން ތަކަށާއި، މަސްތުވާތަކެތީގެ ކުށްކުރާ މީހުންނަށް އެ ކުށުން ލިބޭ ފައިދާ އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތެރިކަމަށް ރިއާޔަތްނުކުރެވި އަދި ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއެއްގޮތަށް ނޫންކަމަށް ވިދާޅުވެ ފާހަގަ ކުރެއްވި ނުކުތާ.

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތްނިމުނުގޮތުގެ ރިޕޯޓުގެ (ބ) ގައި، އިބްރާހީމް ނާފިޛްގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ ޙަސަން ޞަބާޙުގެ ތަކެތިކަމަށް ޙަސަން ޞަބާޙު އިއުތިރާފުވެފައިވާ ކަމަށާއި، ޙަސަން ޞަބާޙު އިބްރާހީމް ނާފިޛްގެ ކޮޓަރިއަށް ވަދެފައިވާ ވަގުތާމެދު ޙަސަން ޞަބާޙު ބުނާ ބުނުމުގައި ޚިލާފެއް އޮތް ކަމަށާއި، މައްސަލަބަލަމުން ދިޔައިރު ޙަސަން ސަބާޙަކީ އެހާތަނަށް މަސްތުވާ ތަކެތީގެ ކުށެއް ސާބިތުވެފައިވާ ފަރާތެއް ނޫންކަމަށް ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށާއި، ޙަސަން ޞަބާޙުގެ މި އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫންކަން ބަޔާންކޮށް ދިނުމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ ޙަސަން ޞަބާޙުއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުރި އަދުލުވެރިކަން ގެއްލިފައިވާ ފަރާތަކަށްވުމާއި، އަދި އޭނާ އިބްރާހީމް ނާފިޛްގެ ކޮޓަރިއަށް ވަދެފައިވާ ވަގުތަކާމެދު ޙަސަން ޞަބާޙު ބުނާބުނުމުގައި ތަފާތެއް އޮތުން ކަމާއި، ނަމަވެސް މި މައްސަލަ ބަލަމުންދިޔައިރު ޙަސަން ޞަބާޙަކީ އެހާތަނަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށެއް ސާބިތުވެފައިވާ ފަރާތެއް ނޫންކަމަށް ދަށު ކޯޓުގައި ފާހަގަކުރައްވާފައިވާ ކަމާއި، މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވުމަކީ، އެމީހެއްގެ އަދުލުވެރިކަން ގެއްލެން ޖެހޭ ސަބަބެއް ނޫންކަމަށާއި، އަދި ޙަސަން ޞަބާޙު ކޮޓަރިއަށް ވަދެފައިވާ ވަގުތާމެދު ޚިލާފުތަކެއް ފެންނަން ނެތްކަން ޝަރިއަތަށް ދިން ބަޔާނުން އެނގޭ ކަމަށާއި، މިކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ޙަސަން ޞަބާޙުގެ އިއުތިރާފަކީ ޝައްކުއުފެދޭ ފަދަ އިއްތިރާފެއް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅުއްވާފައިވާ މަބްދައު އާއި އެ މާއްދާގެ މަގްސަދުތަކަށް ފުރިހަމައަށް ރިއާޔަތް ކުރައްވާފައި ނޫންކަމަށް ވިދާޅުވެ ފާހަގަކުރެއްވި ނުކުތާ.

މަސްތުވާއެއްޗެއް އަތުގައި ހުރުމާއި މުތުލަގު މަސްއޫލިއްޔަތު

ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެމާއްދާގެ (ށ) ގައި ބުނެފައިވަނީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީ ކަމަށެވެ.

ގާނޫނީ ރަދީފަށް ބަލާއިރު އަތުގައި ހުރުން (ނުވަތަ މީހެއްގެ ހިޔާޒަތުގެ ދަށުގައި އެއްޗެއް ހުރުން) ކަމަށް ބެލެވެނީ އެއްޗެއް އެމީހެއްގެ އަތުގައި ނުވަތަ މީހެއްގެ މާއްދީ ކޮންޓްރޯލްގެ ދަށުގައި ހުރުމަށެވެ. އާންމު އުސޫލުން މީހަކު ކުށެއް ކުރިކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އެ މީހާ ކޮށްފައިވާ ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވުމުންނެވެ. ކުށުގެ އަމަލާއި ކުށްކުރުމުގެ ނިޔަތް ޝަރީއަތަށް ސާބިތުވުމުންނެވެ. ނަމަވެސް ބައެއް އިސްތިސްނާ ހާލަތްތަކުގައި ޒަރޫރީ ޚާއްސަ ސަބަބުތަކެއް ހުރެގެން އެ ކަންކަމުގެ ހައްލު ހޯދައިދިނުމުގެ ގޮތުން، ކުށުގެ މާއްދީ ރުކުން (actus reus) ސާބިތުވާނަމަ، ކުށުގެ މައުނަވީ ރުކުން (mens rea) ފުރިހަމަ ނުވި ނަމަވެސް، ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް މީހެއްގެ މައްޗަށް ލާޒިމުކުރުމަށް ޤާނޫނުގައި ހުއްދަކޮށްފައި ހުރެއެވެ. އެގޮތުން، ކުށެއްގެ މުތުލަގު މަސްއޫލިއްޔަތު (strict liability) އުފުލަންޖެހުމަކީ، ކުށުގެ މައުނަވީ ރުކުން ކަމުގައިވާ ކުށުގެ ނިޔަތް އޮތްކަން ނުވަތަ ނެތްކަން ދޭހަކުރެވޭ ކަންކަންކަމުގައިވާ - ގަސްތުގައި އެކަންކުރުން، އެނގިހުރެ އެކަންކުރުން، ބެލުމެއްނެތި އެކަން ކުރުން، ފަރުވާތެރިކަމެއްނެތި އެކަންކުރުން - މިއިން އެއްވެސް ކަމެއް ސާބިތުކުރުމާ ނުލައި، ހަމައެކަނި ކުށެއްގެ މާއްދީ ރުކުނުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެކަމުގެ މަސްއޫލިއްޔަތު އުފުލުން ލާޒިމުކުރުވުމެވެ.

ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްތޯ ނުވަތަ ނޫންތޯ ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަވާފައިވާ ގަޒިއްޔާތަކުގައި ބަހުސްކޮށްފައިވެއެވެ. މިމައުޟޫގައި އެކި ކޯޓުތަކުން އެކި ގަޒިއްޔާތަކުގައި ނިންމަވާފައިވަނީ އެކިގޮތަށެވެ. ބައެއް ގަޒިއްޔާތަކުގައި ކޯޓުތަކުން ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ކަމަށެވެ. ނަމަވެސް ގިނަ ގަޒިއްޔާތަކުގައި ކޯޓުތަކުގެ ރައުޔަކީ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ނޫންކަމަށާއި، މީހެއްގެ އަތުގައި ހުންނަ ނުވަތަ އޭނާގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަނަކުން ފެންނަ މަސްތުވާތަކެއްޗާއި އޭނާއާ ދުރުކޮށްދޭ ހެއްކެއް ނުވަތަ ގަރީނާއެއް ދެއްކިއްޖެނަމަ ނުވަތަ ތަހުގީގުގެ މަރުހަލާގައި އިޖުރާއީ ގޮތުން އުނިކަންތައްތަކެއް ހުރެއްޖެ ނަމަ، އެމީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ބަލައި އެމީހަކު ދޫކޮށްލުމެވެ.

މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށް ނިންމަވާފައިވާ ގަޒިއްޔާތަކުގައި އެގޮތަށް ނިންމެވުން ފަނޑިޔާރުން ބިނާކުރައްވާފައިވަނީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލީގަލް ޕްރިޒަމްޕްޝަން (الافتراض القانوني) ގެ މައްޗަށެވެ.

މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދެ ދައުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނަންބަރު 2008/SC-A/08 (ޙުސައިން އަޝްރަފް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާ އާއި، ނަންބަރު 2010/SC-A/07 (ޢަބްދުﷲ ރަޝީދު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއް ނެތި "މުތުލަގު މަސްއޫލިއްޔަތު" ގާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމަށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ގާނޫނީ ގަރީނާ" އެއްކަން ޤާނޫނޫ ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ސަރީހަ ނައްސުން ކަނޑައެޅިގެން އެނގެން އޮންނަކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07 ގަޒިއްޔާގައި ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ، "ކޮންމެ މީހަކީވެސް އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާއި މެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ މީހަކަށްވާއިރު، އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެއްޗާއި ބެހޭގޮތުން ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭހާ ހިނދަކު އެ ތަކެއްޗާ މެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނީ އެމީހެއްގެ ހިޔާޒަތުގެ ދަށުން އެ އެއްޗެއް ފެންނަ މީހާ ކަމަށެވެ.

ނަމަވެސް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން އަކީ އެ މާއްދާގެ ސާފު އިބާރާތަށް ބަލާއިރު އެޤާނޫނުގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް 1 ގްރާމަށް ވުރެ އިތުރަށް މީހެއްގެ އަތުގައި ހުރެއްޖެ ނަމަ، އެ ތަކެތި އެމީހެއްގެ އަތުގައި ބަހައްޓާފައިހުރީ ވިޔަފާރި ކުރުމަށް ނުވަތަ ޓްރެފިކްކުރުމަށްޓަކައި ކަމަށާއި، 1 ގްރާމަށްވުރެ މަދުން މީހެއްގެ އަތުގައި ހުއްޓާފެނިއްޖެ ނަމަ، އެތަކެތި އަތުގައި ބަހައްޓާފައިހުރީ އެމީހާ އަމިއްލައަށް އެތަކެތި ބޭނުންކުރުމުގެ މަގްސަދުގައި ކަމަށް ގާނޫނީ ގޮތުން އިފްތިރާޟުކުރުމަށް ކަން އެނގެއެވެ. އެހެންކަމުން މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަންއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގައި ހުއްޓާ ފެނިއްޖެނަމަ އެފަދައިން ފެންނަ ފެނުމަކީ މައުނަވީ ރުކުން ސާބިތުކުރުމާނުލައި ކުށްސާބިތުކުރުމުގެ މަގްސަދުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަނެއް ނޫންކަން ސާފުކޮށް އެނގެއެވެ. މިސާލަކަށް، ހަމައެކަނި ކުށުގެ މާއްދީ ރުކުނުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުމަށް ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަދު ޕްރިޒަމްޕްޝަންތަކުގެ ތެރެއިން އެއް ޕްރިޒަމްޕްޝަނަކީ، ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 9 ވަނަ މާއްދާ ގައިވާ "މި ޤާނޫނުގައި ބަޔާންކޮށްފައިވާ އެއްޗެއް ދިވެހިރާއްޖޭގައި ހުރި މީހެއްގެ އަތުން ފެންނަ ހިނދު، އެއެއްޗެއް އެމީހަކަށް ލިބުނު ގޮތް ސާބިތުކޮށް ނުދެވިއްޖެ ނަމަ ބެލޭނީ އެއީ އެމީހަކު ދިވެހިރާއްޖެއަށް އެތެރެކޮށްގެން ގެންގުޅޭ ނުވަތަ އެމީހަކު ދިވެހިރާއްޖޭގައި އުފައްދައިގެން ގެންގުޅޭ އެއްޗެއް ކަމަށެވެ." މި މާއްދާގައިވާ ޕްރިޒަމްޕްޝަންގައިވާ އިބާރާތާއި އެ އިބާރާތުގެ މާނަ އާއި މަގްސަދު ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ޕްރިޒަމްޕްޝަންގެ އިބާރާތާއި މާނައާއި މަގްސަދަށް ބަލާއިރު ވަރަށް ތަފާތުކަން ސާފުކޮށް އެނގެއެވެ. މި ސަބަބަށްޓަކައި ޤާނޫނޫ ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމަވާފައިވާ ނަންބަރު 2008/SC-A/08 ގަޒިއްޔާ (ޙުސައިން އަޝްރަފް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އާއި، ނަންބަރު 2010/SC-A/07 (ޢަބްދުއްﷲ ރަޝީދު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާގައި ސުޕްރީމް ކޯޓުން މާނަކުރައްވާ ތަޠުބީޤުކުރައްވާފައިވާ ގޮތަކީ އެންމެ ރަނގަޅުގޮތް ކަމަށްނުވާތީވެ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ މާނަކުރުމާ ދުރުވާންޖެހެއެވެ.

މުއްތަހަމްގެ އަތުގައި ނުވަތަ އޭނާގެ ހިޔާޒަތުގައި މަސްތުވާތަކެތި ހުއްޓާ ފެނުނު މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން އެ މައްސަލަތައް ނިންމެވުމުގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި ގެންގުޅުއްވާފައިވާ ހަމަތަކަށް ބަލާލުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 2010/HC-A/100 (އީސާ ރުސްތުމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއަކީ 2008 ފެބްރުއަރީ 17 ވަނަ ދުވަހު 08:30 އެހާއިރު އީސާ ރުސްތުމް އުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް، ޅ.ނައިފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން އޭނާ އުޅޭ ގެއަށް ގޮސް، އެގޭގައި އޭނާ ނިދާފައި އޮއްވާ ފެނިގެން އޭނާއަށް ގޮވައި ހޭލެއްވުމަށްފަހު، އޭނާގެ ހަށިގަނޑާއި އޭނާ އޮތް ކޮޓަރި ބަލައި ފާސްކުރިއިރު، އޭނާ ނިދާފައި އޮތް އެނދު ކައިރީގައި ހުރި ކުޑަ މޭޒެއްގެ މަތީގައި އޮތް ބިއްލޫރި ގަނޑެއްގެ މަތިން ކުނޑިތަކެއް ފެނިގެން، އެތަކެތި ތަހުލީލު ކުރިއިރު އެތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތަހުލީލުން ދައްކާތީ އާއި، އެކޮޓަރީގެ ތެރޭގައި އަޅުވާފައިހުރި އޭނާގެ ހުދުކުލައިގެ ގަމީހުގެ ވާތް ފަރާތުގެ ޖީބުގެތެރެއިން ފެނުނު 19 ރަބަރު ޕެކެޓްގައި އޯޕިއޭޓްސް ހުރިކަމަށް ދައްކާތީ، އޭނާގެ މައްޗަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ކުރުމުން ބެލި މައްސަލައެކެވެ. ޖިނާއީ ކޯޓުން، އޭނާގެ މައްޗަށް މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވިއެވެ. މި ގަޒިއްޔާއިން އިސްތިއުނާފް ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައިވަނީ، އޭނާ ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ އެއްވެސް ގުޅުމެއް ނުވާހިނދު އަދި އެތަކެއްޗާ އޭނާއާ ގުޅުމެއްވާ ކަން ޝަރީޢަތަށް ސާބިތުވާ ކާފީ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާހިނދު، ދަށުކޯޓުން ކުރައްވާފައިވާ ޙުކުމަކީ ސައްޙަ ޙުކުމެއްކަމަށް ބެލެވެން ނެތް ކަމަށެވެ. މިމައްސަލަ ނިންމަވަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ ފުލުހުން ޝަރީޢަތަށް ހުށަހެޅި ލެބޯޓްރީ ތަޙުލީލް ރިޕޯޓަށް ބަލާއިރު އިސާ ރުސްތުމްގެ ކުޑަކަމުދާ ތަކެތި އޯޕިއޭޓްސްއަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އޭނާގެ ކުޑަކަމުދާތަކެތިން ފެނުނު މަސްތުވާތަކެތީގެ ބާވަތާއި އޭނާ ނިދާފައި އޮތް ކޮޓަރީން ފެނުނު މަސްތުވާތަކެތީގެ ބާވަތަކީ އެކައްޗެއްކަމަށް ވާތީވެ، އޭނާ ނިދާފައި އޮތް ކޮޓަރިން ފެނުނު މަސްތުވާ ތަކެއްޗާ އެނާއާ ގުޅުމެއްވާކަމަށް ބެލޭވޭ ކަމަށާއި، އޭނާގެ ކުޑަކަމުދާތަކެތި ޕޮޒިޓިވް ވެފައިވަނީ އެނާގެ ކޮޓަރިން ފެނުނު ތަކެތި ބޭނުން ކޮށްގެން ކަމަށް ޤަބޫލުކުރެވޭކަމަށް ޗީފް އިންސްޕެކްޓަރ އިޙްތިޝާމް ޢަލީ ޝަރީއަތަށް ދީފައިވާ ހެކިބަހުން އެނގޭ ކަމަށާއި، އޭނާ ނިދާފައި އޮތް ކޮޓަރި ފުލުން ބަލައި ފާސްކޮށްފައިވަނީ އޭނާއަށް ގޮވައި ހޭލެއްވުމަށްފަހު، އޭނާގެ ހާޒިރުގައި ކަމަށާއި، އޭނާ ނޫން މީހުން އެކޮޓަރިއަށް ވަންނަކަމަށް ބުނި ނަމަވެސް އެކަން އޭނާއަށް ސާބިތުކޮށްނުދެވޭކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމަވާފައިވާ ނަންބަރު 2010/HC-A/57 ގަޒިއްޔާ (މުޙައްމަދު ޢަލީ ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އަކީ ސ. ހިތަދޫ، ސާހިލް، މުޙައްމަދު ދީދީ ހުރި ކޮޓަރި، ފުލުހުން ބަލައި ފާސް ކުރިއިރު، އެކޮޓަރީގައި ހުރި ބަދިގެ ތެރޭގައި ހުރި ކަބަޑެއްގެ މަތިން މަސްތުވާތަކެތި ފެނިފައިވާތީ، މުޙައްމަދު ދީދީގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ދައުވާ، މުޙައްމަދު ދީދީގެ މައްޗަށް އެކޯޓުގައި ސާބިތު ވުމުން، މުޙައްމަދު ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ. މި ގަޒިއްޔާގައި ހައިކޯޓުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ އެތަކެތި ފެނުނު ކޮޓަރިއަކީ ހަމައެކަނި ތުހުމަތު ކުރެވޭ މީހާގެ ބެލުމުގެ ދަށުގައިވާ، އަދި ހަމައެކަނި އޭނާ ދިރިއުޅެމުންދާ ކޮޓަރިއެއްކަން ޝައްކެއް ނެތް މިންވަރަކަށް ޝަރީއަތަށް ސާބިތުވެ އެނގެން ނެތް އިރު، އިތުރު ހެއްކާއި ގަރީނާއާ ނުލައި، އެކޮޓަރީގެ ތެރެއިން ފެނުނު ތަކެތީގެ ޒިންމާ އެމީހާ އުފުލަންޖެހޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.

ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/140 ގަޒިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް މުޙައްމަދު) އަކީވެސް މި ބާވަތުގެ މައްސަލައެކެވެ. މި މައްސަލައިގައި މާލެ އިން ހއ. މަނަފަރަށް ދިޔަ މަންތިރި ކިޔާ ދޯންޏެއްގައި އެރަށަށް ދިޔަ، ހއ. އިހަވަންދޫ، ރެޑްރޯސް، މުޙައްމަދު ވަޙީދު ގެނައި ޕާރުސަލެއް ގދ. ތިނަދޫ، ލައިޓްރޯސް، އިބްރާހީމް މުޙައްމަދުއަށް ޙަވާލުކުރުމުން އޭނާގެ އަތުގައި އެ ޕާރުސަލު އޮއްވާ ފުލުހުން އެޕާރުސަލް ބަލައި ފާސްކުރިއިރު، އެ ޕާރުސަލުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލުނު މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ، އޭނާގެ މައްޗަށް ސާބިތުނުވުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ. މި ގަޒިއްޔާގައި ހައިކޯޓުން ކުރެއްވި ޙުކުމުގައި ވަނީ މަސްތުވާތަކެތި އަޅާފައިވާ ފޮށިގަނޑު ފެނިފައިވަނީ އިބްރާހީމް މުޙައްމަދުގެ އަތުގައި ހުއްޓާ ކަމަށް ވީނަމަވެސް، އަދި އިބްރާހީމް މުޙައްމަދު އަކީ އެތަކެތީގެ އަތުގެވެރިޔާ ކަމަށްވީނަމަވެސް، މަސްތުވާއެއްޗެއް އަތުގައިހުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅޭނީ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށެއް އެމީހަކު ކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07 ގަޒިއްޔާގައި އެމީހެއްގެ ހިޔާޒަތުން ފެންނަ އެއްޗެއްގެ ގާނޫނީ އަދި ޝަރުޢީ ޒިންމާ އުފުލަންޖެހޭނީ އެމީހެއްކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި މައްސަލައިގައި އެ ފޮށިގަނޑަކީ، ފޮށިގަނޑު މާލެއިން ބޯޓަށް އެރުވުމާއި، ކުށް ސާބިތުވެފައިވާ މީހާގެ ހިޔާޒަތަށް އެފޮށިގަނޑު އައުމާއި ދެމެދު ބަޔަކު ކަނޑައި ހަދާފައިވާ ފޮށިގަނޑެއްކަން އެނގެން އޮންނައިރު، ކުށް ސާބިތުވެފައިވާ މީހާ ހައްޔަރުކުރިއިރު، ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަމަށް ވީނަމަވެސް، އެ ފޮށިގަނޑަށް އޭނާ ޒިންމާވާން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވެއެވެ.

ހައިކޯޓުން ކުރިން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2010/HC-A/18 ގަޒިއްޔާއިން (މުޙައްމަދު އުޒައިރު ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ބެލެވުނު މައްސަލައަކީ ހ. ސައުތުއެންޑް، މުޙައްމަދު އުޒައިރު، އިތުރު މީހަކާ އެކު ތިބި ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނިފައިވާތީ، މުޙައްމަދު އުޒައިރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވުނު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ހުރިކަމުގެ ކުށުގެ ދައުވާ މުޙައްމަދު އުޒައިރުގެ މައްޗަށް ސާބިތުވުމުން، މުޙައްމަދު އުޒައިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައެވެ. މި މައްސަލަ ނިންމަވަމުން ހައިކޯޓުން ބުނެފައިވަނީ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމުގައި، ފެނުނު މަސްތުވާ ތަކެއްޗާއި އެމީހަކާއި ހުރި ގުޅުމަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށެވެ.

ހައިކޯޓުން ކުރިން ނިންމާފައިވާ ނަންބަރު 2011/HC-A/164 ގަޒިއްޔާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޢަބްދުއްލަޠީފް މުޙައްމަދު އަދި ޙަސަން ޢަލީ) އަކީ ޔޫއެލް 103 އިން ދިވެހިރާއްޖެއަށް ގެނައި ތިން ފޮށިގަނޑާއި އިސްތިއުނާފު ރައްދުވާ ދެ މީހުން ހަވާލުވެ، މި ތިން ފޮށިގަނޑު ޢަބްދުލްލަޠީފްގެ ކާރުގެ ޑިކީއަށް އަރުވާފައިވާތީ، މި ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ދައުވާ މި ދެ މީހުންގެ މައްޗަށް ސާބިތުނުވުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައެކެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޢަބްދުލްލަޠީފްގެ ފޯނަށް އިންޑިއާގެ ނަންބަރުކުން ފޮނުވާފައިވާ އެސް.އެމް.އެސް ތަކެއްގައި، 1،2،3 މިނަންބަރުތައް ޖަހާފައިވާ އެސް.އެމް.އެސް ފޮނުވާފައިވާކަން ދައުލަތުގެ ފަރާތުން ހުށަހެޅި އެސް.އެމް.އެސް ރިޕޯޓުން އެނގެން އޮވެފައި، ޢަބްދުއްލަޠީފް އާއި ޙަސަން ޢަލީ ތިބި ކާރުގެ ޑިކީ ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި 03 ފޮށިގަނޑުގައި ވެސް 1،2،3 ޖަހާފައިވާކަން އެނގެން އޮތުމުން، އިޝާރާތްކުރެވުނު އެސް.އެމް.އެސް އާއި ކާރުގެ ޑިކީ ތެރެއިން ފެނުނު 03 ފޮށިގަނޑާއި ގުޅުން ހުރިކަމަށް ވާތީވެ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި އެ ތިން ފޮށިގަނޑާއި އެ ދެމީހުން ހަވާލުވެފައިވަނީ އެތަކެއްޗާއި ހަވާލުވުމުގެ ގަސްތާއި ނިޔަތް އޮވެ، މަޖްބޫރުކަމެއް ނެތި ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ނިންމާފައިވާ ނަންބަރު 2013/HC-A/301 ގަޒިއްޔާގައި (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އިބްރާހީމް ޝަޒްލީލް) އިބްރާހީމް ޝަޒްލީލް ސައިކަލެއް ދުއްވަން އިންދާ އޭނާގެ ސައިކަލުގެ ފަހަތަށް އިތުރު މީހަކު އެރިވަގުތު، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެ ދެ މީހުން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު އެ ސައިކަލުގެ ކައިރިން މަސްތުވާތަކެތި އަޅާފައި އޮތް ސިޓީ އުރައެއް ފެނިފައިވާތީ، މީނާގެ މައްޗަށް މަސްތުވާ ތަކެތި ގެންގުޅުމުގެ ކުށުގެ ދައުވާ ކުރެވުނެވެ. މަސްތުވާތަކެތި ހުރި ސިޓީ އުރައިން އޭނާގެ ފިންގަރ ޕްރިންޓު ފެނިފައިވީ ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވުމާއި ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ހާދިސާ ހިނގި ތަނުން ފެނުނު ހުދުކުލައިގެ ސިޓީ އުރައިގައި އިބްރާހީމް ޝަޒްލީލުގެ ދެ އަތުގެ މެދު ދެ އިނގިލީގެ ފިންގަރޕްރިންޓް ހުރުމުން، އެސިޓީ އުރަ އިބްރާހީމް ޝަޒްލީލް ގެންގުޅުނު ކަމަށް ބެލިނަމަވެސް، އެސިޓީ އުރަ އެހެން ބަޔަކުވެސް ގެންގުޅެފައިވާކަން އެތަކެތި ތަހްލީލު ކުރި ފަރާތުން ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާތީވެ، އެސިޓީ އުރައިގެ ތެރެއިން ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓުގައި އިބްރާހީމް ޝަޒްލީލްގެ ފިންގަރ ޕްރިންޓް ނެތުމުން ނުވަތަ އެ ތަކެއްޗަކީ އިބްރާހީމް ޝަޒްލީލްގެ ތަކެތިކަން ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ ކާފީ ހެކި ޝަރިއަތަށް ހުށަހަޅާފައި ނުވާތީ، ކްރިމިނަލް ކޯޓުން އިބްރާހީމް ޝަޒްލީލްގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނަންބަރު 2014/HC-A/109 (އިސްމާޢީލް ޝަހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއިން ބެލިފައިވާ މައްސަލައަކީ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާޤް ކުއްޔަށް ހިފައިގެން، ދިރިއުޅެމުންދިޔަ ހ. ފަށަންގޭގެ 5 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި، އިބްރާހީމް ޝަފާޒް ޢަބްދުއްރައްޒާޤް އާއި އިސްމާޢީލް ޝަހީމްއާ އިތުރު ދެ މީހަކު އެކޮޓަރީގައި ތިއްބާ، ފުލުހުން އެކޮޓަރިއަށް ގޮސް އެ ކޮޓަރި ބަލައިފާސް ކުރިއިރު، އެކޮޓަރީގެ ތެރެއިން ގިނަ އަދަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާތީ، އޭނާގެ މައްޗަށް ކުރި މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން، އޭނާގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައެކެވެ. އެ މައްސަލައިގައި އިސްތިއުނާފްކޮށްފައިވާ ނުކުތާތަކަކީ:

(ހ) އިސްތިއުނާފްކުރާފަރާތް ހުރި އެޕާޓްމަންޓް ތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި، އެޕާޓްމަންޓް ތެރޭގައި ހުރި މަސްތުވާތަކެއްޗަށް އިތުރު މީހަކު ޒިންމާ ނަގާފައިވާއިރު، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ދަށުކޯޓުން ނިންމާފައިވުން.

(ށ) އޭނާ ލައިގެން ހުރި އަދި ހިފައިގެން ހުރި އެއްޗެއްގައި މަސްތުވާތަކެތި ނެތުން.

(ނ) އެހެން ކަމުން؛ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ދައުވާ ސާބިތުކޮށްފައި ނުވާކަމަށް.

މި ގަޒިއްޔާގައި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އަދި ފަނޑިޔާރު ޝުޢެއިބް ޙުސައިން ޒަކަރިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި މަސްތުވާތަކެތި މީހެއްގެ ހިޔާޒަތުގައި ހުރުން ކަމަށް ބެލެވޭ ދެ ހާލަތެއް އޮންނަ ކަމަށް ބަޔާންކުރައްވާފައިވެއެވެ. އެ ދެ ހާލަތަކީ:

(ހ) ޙަޤީޤީ ހިޔާޒަތު (actual possession) ގެ ހާލަތަކީ ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުން.

(ށ) މަޢުނަވީ ހިޔާޒަތު (constructive possession) ގެ ޙާލަތަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ތިމާގެ ޙަޤީޤީ ހިޔާޒަތު (actual possession) ގައި ނެތްނަމަވެސް، އެތަކެތި ތިމާ ހުރިތަނުގައި ހުރިކަމަށް ނުވަތަ ތިމާގެ އެއްޗެއްގެ ތެރޭގައި އެތަކެތި ހުރިކަން އެނގުމާއިއެކު، އެއްޗެއްގެ މައްޗަށް އެމީހާގެ ކޮންޓްރޯލް އޮތުން.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ގަޒިއްޔާ ނިންމަމުން، ފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އަދި ފަނޑިޔާރު ޝުޢެއިބް ޙުސައިން ޒަކަރިއްޔާގެ އަޣުލަބިއްޔަތު ރައުޔުގައި ކަނޑައަޅާފައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އެކަކަށްވުރެ ގިނަ މީހުން އުޅޭ ތަނެއް ނަމަ، ނުވަތަ މަސްތުވާ ތަކެތި ފެނުނުތަނުގައި އެކަކަށްވުރެ ގިނަބަޔަކު ތިބިނަމަ، އެ ފެނުނު ތަކެއްޗަކީ އެތަނުގައި ހުރި މީހެއްގެ އަތުގައި ހުރިތަކެތިކަމަށް ބެލުމަށްޓަކައި، އެމީހާއަށް އެތަކެތި ހުރިކަން އެނގޭކަމާއި އެތަކެތީގެ މައްޗަށް ކޮންޓްރޯލް އޮތްކަން ބެލުމަށްޓަކައި، އެމީހެއްގެ ލޯމައްޗަށް އެތަކެތި ފެނަންހުރުން، ނުވަތަ އެމީހާގެ އެއްޗެއްގެ ތެރެއިން ފެނުން ނުވަތަ ހައްޔަރުކުރުމުގައި ޝައްކުކުރެވޭފަދަ ގޮތަކަށް އަމަލުތައް ހުރުންފަދަ އިތުރު ގަރީނާތަކެއް ހުންނަންޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެވުނު ފުރަތަމަ ނުކުތާ

މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުން ފެނުމަކީ އިސްތިސްނާއެއް ނެތި މުތުލަގު މަސްއޫލިއްޔަތު ގާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ފާހަގަކުރައްވާފައިވާ ނުކުތާއަށް ބަލާއިރު، އިސްވެދިޔަ 12 ވަނަ ނަންބަރުގައި ބަޔާންކޮށް ތަފްސީލުކޮށްދީފައިވާ ފަދައިން، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން އަކީ އެ މާއްދާގެ ސާފު އިބާރާތަށް ބަލާއިރު އެޤާނޫނުގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް 1 ގްރާމަށް ވުރެ އިތުރަށް މީހެއްގެ އަތުގައި ހުރެއްޖެ ނަމަ، އެ ތަކެތި އެމީހެއްގެ އަތުގައި ބަހައްޓާފައިހުރީ ވިޔަފާރި ކުރުމަށް ނުވަތަ ޓްރެފިކްކުރުމަށްޓަކައި ކަމަށާއި، 1 ގްރާމަށްވުރެ މަދުން މީހެއްގެ އަތުގައި ހުރެއްޖެ ނަމަ، އެތަކެތި އަތުގައި ބަހައްޓާފައިހުރީ އެމީހާ އަމިއްލައަށް އެތަކެތި ބޭނުންކުރުމުގެ މަގްސަދުގައި ކަމަށް ގާނޫނީ ގޮތުން އިފްތިރާޟުކުރުމަށް ކަން އެނގެއެވެ. އެހެންކަމުން ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަންއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގައި ހުއްޓާފެނިއްޖެނަމަ އެ ކަމަކީ މައުނަވީ ރުކުން ސާބިތުކުރުމާނުލައި ކުށްސާބިތުކުރުމުގެ މަގްސަދުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަނެއް ނޫންކަން ސާފުކޮށް އެނގެއެވެ.

ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް އެމާއްދާގެ ބޭނުމަށްޓަކައި މީހެއްގެ އަތުގައި އޮތްކަމަށް ނުވަތަ އެއެއްޗެއް ހުރީ އެމީހާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލައި ދައުވާކުރެވޭ ހާލަތެއްގައި ޕްރޮސިކިއުޝަނުން ކުށުގެ މާއްދީ ރުކުނާއި ކުށުގެ މައުނަވީ ރުކުން ޝަރިޢަތަށް ސާބިތުކޮށް ދިނުން ލާޒިމުކުރެއެވެ. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުން މީހެއްގެ މައްޗަށް ޝަރިޢަތުން ކުށެއް ސާބިތުކުރެވޭނީ ކުށުގެ މާއްދީ ރުކުނާއި ކުށުގެ މައުނަވީ ރުކުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެންނެވެ. މިނޫންގޮތަކަށް މީހެއްގެ މައްޗަށް ކުށެއް ސާބިތުކުރުން ޤާނޫނު އަސާސީގައި އިސްތިސްނާކޮށްފައެއް ނުވެއެވެ. އެހެންކަމުން މީހެއްގެ އަތުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުންނަ ހުރުމަކީ "މުތުލަގު މަސްއޫލިއްޔަތު" ގާނޫނީ ގޮތުން އުފުލަންޖެހޭ އަމަލެއް ކަމަށް ބަޔާންކުރާނަމަ، ނުވަތަ މީހެއްގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތުކުރަން އޮންނަ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ވުރެ ހަރުކަށި މިންގަނޑެއް ކަމަށް ބަޔާންކުރާނަމަ، އެއީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްގެއް ހަނިކުރުން ކަމަށްވާނޭތީވެ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އަސާސީ ހައްގު ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުންނެވެ.

މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން މަސްތުވާތަކެތި ފެންނަ ހާލަތުގައި، ހަމައެކަނި އެ ހާލަތުގެ މައްޗަށް ބިނާކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ކުށް ސާބިތުކުރުމުގެ މިންގަނޑުކަމަށްވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރުމަށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) މާއްދާއިން ހުއްދަކުރުމަކީ އެ މާއްދާގެ އިބާރާތަށް ބަލާއިރު އެ މާއްދާގެ މަގްސަދުކަމަށް ބެލުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. އަދި އެ މާއްދާގެ މަގްސަދަކީ މަސްތުވާތަކެތީގެ ކުށްކުރުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ހިމެނިފައިވާ އަކުރެއްކަމަށް އެ މާއްދާގެ އިބާރާތުން އެނގެންނެތެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން މަސްތުވާތަކެތި މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރެއްޖެ ނަމަ އެ ކުށަކީ މުތުލަގު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއްގައި ސާފުކޮށް ބަޔާން ކޮށްފައިނުވާނަމަ ކުށް ސާބިތުކުރުމުގައި ކޯޓުތަކުން އަބަދުވެސް ރުޖޫއަވާންޖެހޭނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ. އެނޫންގޮތަކަށް އަމަލުކުރުމަށް ކޯޓުތަކަށް އިޚްތިޔާރު ލިބިގެންވާ ކަމަށް ބެލުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ.

އަތުގެވެރިކަން އޮތުން ނުވަތަ ހިޔާޒަތުގައި ހުރުން މިއީ ޤާނޫނުގައި އެހާ ސާދާސީދާ މަފްހޫމެއް ނޫނެވެ. އެހެނީ ތިމާގެ ހިޔާޒަތުގައި އެއްޗެއް އޮންނަ މައްސަލަތަކުގައި ނިޔަތް ދޭހަކުރެވޭ ކޮންމެވެސް ބާވަތެއްގެ އުންސުރެއް މަދުފަހަރަކު ނޫނީ އޮވެއެވެ. އެހެންކަމުން، މީހެއްގެ ހިޔާޒަތުގައި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ހުނަނަ މައްސަލަތަކުގައި، ކުށުގެ މާނަވީ އުންސުރެއް ސާބިތުވެގެން މެނުވީ މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރުމަކީ ޖިނާއީ ޤާނޫނުގެ އަސާސީ އުސޫލެކެވެ.

ފިލޯސަފީ އޮފް ކްރިމިނަލް ލޯ މި ފޮތުގައި ގާނޫނީ އިލްމުވެރިޔާ ޑަގްލަސް ހުސަކް ވިދާޅުވެފައިވަނީ، އަތުގައި ހުންނަ ހުރުމަށް ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުމުގެ ކުރިން، އެ އެއްޗެއް ދައުވާލިބޭ ފަރާތުގެ އަތަށް ލިބިގަތުމަށް ކުރި މަސައްކަތެއް، ނުވަތަ ހަރަކާތެއް ނުވަތަ އަމަލެއް ނުވަތަ އަތުން ދޫކޮށްލުމަށް ފުރުސަތު ލިބި، އަތުން ދޫކޮށްލުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުން ޕްރޮސެކިއުޓަރުން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ. ނުވަތަ އެ އެއްޗެއް އަތުގައި އޮންނަ އޮތުން، އޭނާ އެ އެއްޗަކަށް ބޭނުންވުމާ ނުވަތަ އޭނަގެ މޯޓިވް އާ ގުޅެން ޖެހޭނެއެވެ.

މީގެ އިތުރުން، Saad Ibrahim v Public Prosecutor (1968) IMLJ at p. 159 ގައި ޖަސްޓިސް ޔޮންގް ވިދާޅުވަނީ، "ހަމައެކަނި އަތުގައި އޮތުމާއި، ކުށް ކުރުމުގެ ނިޔަތާއި އެކު، އަތުގައި އޮތުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. ހިޔާޒަތުގެ ދަށުގައި، އޮންނަ އޮތުން ތަޖުރީމް ކުރެވޭނީ ވަކި ސިފަތަކަކާއި ޝަރުތުތަކެއް ފުރިހަމަ ވުމުންނެވެ. ހިޔާޒަތުގެ ދަށުގައި އޮތް ކަމަށް ތުހުމަތު ކުރެވޭ މީހާއަށް އޭނާގެ ހިޔާޒަތުގެ ދަށުގައި އޮތްކަން އެނގޭކަން ސާބިތުވާންޖެހޭނެއެވެ. އެއީ ކޮންޒާތެއްގެ އެއްޗެއް ކަން އޭނާއަށް އެނގެންވާނެއެވެ. އެ އެއްޗެއް އޭނާގެ ހިޔާޒަތުން ދޫކޮށްލުމުގެ އިޚްތިޔާރާއި ފުރުސަތު ލިބިފައި އޮތްކަން ސާބިތުވާންޖެހެނޭއެވެ. މިކަންކަމާއި ނުލައި، ހަމައެކަނި އޭނާ އަތުގައި އޮންނަ އޮތުން ތަޖްރީމް ނުކުރެވޭނެއެވެ.

އެއެއްޗެއް އޮތީ މީހެއްގެ ހިޔާޒަތުގެ ދަށުގައިކަން ސާބިތުކުރުމަށް، ޕްރޮސެކިއުޝަނުން އުފުލަންޖެހޭ ޒިންމާއަކީ ނުވަތަ ބުރައަކީ ކޮބައިކަން މެލޭޝިއާގެ PP v Muhamad Nasir Bin Shahruddin & Anvar (1994) 2 MLJ 576 މި ގަޒިއްޔާގައި ސާފުކޮށްދީފައިވެއެވެ. މެލޭޝިއާގެ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި "އަތުގައި ހުރުން" މާނަކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް، އަތުގައި އޮތްކަން ސާބިތުކުރުމަށް އަންނަނިވި ކަންކަން ސާބިތުކޮށްދިނުމަކީ ކޮންމެހެން ލާޒިމުކަމެއްކަން ދެބަސްނުވެވޭނެ މިންވަރަށް ކޯޓުތަކުން އެކަންކަން ކަނޑައަޅައި ޔަޤީން ކޮށްފައިވެއެވެ. އެކަންކަމަކީ:

(ހ)އަތުގައި އޮތްކަން އޭނާއަށް އެނގޭކަން.

(ށ)އެއެތީގެ މައްޗަށް އޭނާގެ ކޮންޓްރޯލް އާއި ބެލެހެއްޓުން ތެރިކަން އޮތްކަން.

ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ، އަދި އިސްވެ ބަޔާންވެދިޔަ ގަޒިއްޔާތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަށް ބަލާއިރު، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ހިނދު، އެ މާއްދާގެ ދަށުން ކުށް ސާބިތުވާނީ އެ މަސްތުވާ އެއްޗަކާއި އެމީހާއާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނުވަތަ މޯޓިވްއެއް ނުވަތަ އޭނާގެ އަތުގައި އެއެޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެން ކަމަށެވެ. އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށް ބަލާއިރު ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތް ކުރާއިރު ކޯޓުތަކުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި ފަނޑިޔާރުން ބަޔާންކުރައްވާފައިވާ މި ރައުޔަށް ތާއީދުކުރެވެއެވެ.

މިގޮތުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މަސްތުވާތަކެތި ފެނިފައިވަނީ އިބްރާހީމް ނާފިޛްގެ ކޮޓަރީގައި އޭނާ ބަންދުކޮށްގެން ގެންގުޅޭ ފޮށި، އަލިމާރި އަދި ވަތްގަނޑު ފަދަ އެއްޗެއްގެ ތެރެއިން ނޫންކަމާއި، އިބްރާހީމް ނާފިޛަކީ މިމައްސަލަ ހިނގަމުން ދިޔަ ދުވަސްވަރުގެ އެހާތަނަށް މަސްތުވާތަކެތީގެ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައި ނެތް މީހެއްކަމާއި، އަދި އެހާތަނަށް މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހީމް ނާފިޛްގެ މައްޗަށް ޝައްކުކުރެވިގެން ތަހުގީގެއް ހިންގިފައިވާ ފަރާތެއްކަން އެނގެން ނެތްކަމަށް ދައުލަތުން ބުނެފައިވާކަމާއި، މަސްތުވާތަކެތި ފެނިފައިވަނީ އިބްރާހީމް ނާފިޛްގެ ހަށިގަނޑުން، ނުވަތަ އޭނާ އެވަގުތު ލައިގެން ހުރި އެއްޗެއްގެ ތެރެއިން ނޫންކަމާއި، އަދި އެވަގުތު އިބްރާހީމް ނާފިޛް ހުރީ މަސްތުވެފައިވާ ޙާލަތެއްގައި ނޫންކަން އިބްރާހީމް ނާފިޛްގެ ޔޫރިން ރިޕޯޓުން ދައްކާފައިވާކަމާއި، އަދި އެކޮޓަރީގެތެރެއިން މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި، ބޭނުންކުރާ އިތުރު އާލާތްތަކެއް ފެނިފައިވާކަން އެނގެން ނެތްކަމާއި، މިކޮޓަރިއަކީ އިބްރާހީމް ނާފިޛްގެ ރަޙުމަތްތެރިންވެސް ވަދެނުކުމެވާ ހަދާ ކޮޓަރިއެއްކަމަށް އިބްރާހީމް ނާފިޛް ބުނާއިރު، މި މަސްތުވާތަކެތި ފެނިފައިވަނީ އިބްރާހީމް ނާފިޛްގެ ކޮޓަރީގައި ހުރި އަލަމާރިއެއްގެ މަތީގައި އޮތް ސިޓީއުރައަކުންކަން އެނގޭކަމާއި، މިގޮތަށް ސިޓީ އުރައެއް ބޭއްވުމަކީ އެކޮޓަރިއަށް ވަދެނިކުމެވާ މީހަކު ކޮށްފާނެ ކަމެއްކަމުގެ އިޙުތިމާލް އޮތް ކަމެއްކަމާއި، މިސިޓީއުރައިގައި އިބްރާހީމް ނާފިޛްގެ ފިންގަރޕްރިންޓް ހުރިތޯ ބެލުމުގެ ވާހަކަ އެދުވަހުގެ ޙާދިސާގައި ޙަރަކާތްތެރިވި ފުލުހަކު ހެކިބަސް ދެމުން ބުނެފައިވާކަން އެނގެން އޮތް އިރު، މިފަދަ ހެއްކެއް ހުށަހަޅާފައި ނުވާކަމާއި، އަދި މިހާދިސާ ހިނގައި ދިޔަގޮތް ވީޑިއޯ ކުރެވުނު ކަމަށް އިސްވެ އިޝާރާތްކުރެވުނު ހެކިން ހެކިބަސް ދީފައިވާއިރު، އެފަދަ ވީޑިއޯއެއްވެސް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެން އޮތުމުން، މަސްތުވާތަކެތި ހުރި ބަންދުކޮށްފައިވާ ސިޓީއުރަ ފެނިފައިވަނީ އިބްރާހީމް ނާފިޛްގެ ކޮޓަރީގައި ހުރި އަލަމާރީގެ މަތިން ކަމަށް ބުނާބުނުން ފިޔަވައި، މިތަކެއްޗާއި އިބްރާހީމް ނާފިޛާއި ހުރި ގުޅުން ބަޔާންކޮށްދޭ، އެއްވެސް ހެއްކެއް އަދި ގަރީނާއެއްވެސް ނެތްކަމަށް ދަށު ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެވުނު ދެވަނަ ނުކުތާ

22 މާރޗް 2008 ދުވަހުގެ ދަންވަރު 01:45 އެހާކަންހާއިރު، އިބްރާހީމް ނާފިޛް ދިރިއުޅޭ މ. ހެޕީކޯނަރ ގޭގެ ތެރެއަށް ފުލުހުން ވަދެ، އޭނާގެ ހަށިގަނޑާއި އޭނާ އުޅޭ ކޮޓަރި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައިގެ ތެރެއިން ފެނުނު 10 ރަބަރު ޕެކެޓުތަކުގެ ތެރޭގައި ހުރި 56.8003 ގްރާމް އޯޕިއޭޓްސް އަކީ ރ. މަޑުއްވަރީ މުޝްތަރީގެ ޙަސަން ޞަބާޙު، އިބްރާހީމް ނާފިޛް ދިރިއުޅޭ ކޮޓަރިއަށް ވަދެ ބޭއްވި ސިޓީ އުރައެއްގެތެރޭގައި ހުރި އޭނާގެ ތަކެތި ކަމަށާއި، އެ ސިޓީ އުރަ ބޭއްވިކަމެއް އިބްރާހީމް ނާފިޛަށް ނޭނގޭނެކަމަށްބުނެ، މިސިޓީއުރައިގައި ހުރި މަސްތުވާ ތަކެއްޗަކީ ޙަސަން ޞަބާޙުގެ ތަކެތިކަމަށް ޙަސަން ޞަބާޙު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލހުގައި ބުނެ އިޢުތިރާފްވެފައިވެއެވެ. ޙަސަން ޞަބާޙުގެ މި އިއުތިރާފާއި ގުޅިގެން އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ޙަސަން ޞަބާޙުގެ މި އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫންކަން ބަޔާންކޮށް ދިނުމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަކީ؛ ޙަސަން ޞަބާޙުއަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުރި އަދުލުވެރިކަން ގެއްލިފައިވާ ފަރާތަކަށްވުމާއި، އަދި އޭނާ އިބްރާހީމް ނާފިޛުގެ ކޮޓަރިއަށް ވަދެފައިވާ ވަގުތާމެދު ޙަސަން ޞަބާޙު ބުނާބުނުމުގައި ތަފާތެއް އޮތުން ކަމާއި، ނަމަވެސް މި މައްސަލަ ބަލަމުންދިޔައިރު ޙަސަން ސަބާޙަކީ އެހާތަނަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށެއް ސާބިތުވެފައިވާ ފަރާތެއް ނޫންކަމަށް ދަށު ކޯޓުގައި ފާހަގަކުރައްވާފައިވާ ކަމާއި، މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވުމަކީ، އެމީހެއްގެ އަދުލުވެރިކަން ގެއްލެން ޖެހޭ ސަބަބެއް ނޫންކަމަށާއި، އަދި ޙަސަން ޞަބާޙު ކޮޓަރިއަށް ވަދެފައިވާ ކަމަށް ބުނާ ވަގުތާމެދު ޚިލާފުތަކެއް ފެންނަން ނެތްކަން ޝަރީޢަތަށް ދިން ބަޔާނުން އެނގޭ ކަމަށާއި، މިކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ޙަސަން ޞަބާޙުގެ އިއުތިރާފަކީ ޝައްކުއުފެދޭ ފަދަ އިއްތިރާފެއް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަމަށެވެ.

ޙަސަން ޞަބާޙު ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން ފަދަ ހާލަތެއްގައި ވާ އިއުތިރާފުތަކަކީ އަބަދުވެސް އެ ބަޔާންދީފައިވާ ހާލަތަށް ބަލާއިރު ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނެއް ކަމަށްވާނެތީވެ، މި ފަދަ ބަޔާންތައް ޝަރީއަތުން ގަބޫލުކުރުމުގައި ޚާއްސަ ފަރުވާތެރިކަމެއް ބަހައްޓައި އެ އިއުތިރާފަށް ބާރުލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭކަން ކަށަވަރުކުރަން ވާނެއެވެ. އެހެނީ، މީހެއްގެ އަތުން ފެންނަ މަސްތުވާތަކެއްޗަކީ އެ މަސްތުވާތަކެތި އެ މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާގެ އެއްޗެއް ނޫންކަމަށާއި އެއީ ތިމަންނަގެ އެއްޗެއް ކަމަށް މީހަކު ބުނެ އެތަކެތީގެ ޒިންމާ އުފުލުމުގެ ގޮތުން އެފަރާތުން ދައްކާފައިވާ ވާހަކަތައް ދައްކާފައިވާ ވަގުތާއި، ޙާލަތާއި އަދި އެކަމުގައި ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، ނަޒަރުކުރުމެއްނެތި، ހަމައެކަނި އެފަދައިން ބުނެލާ ބުނެލުމުގެ މައްޗަށް އެކަނި ބިނާކޮށް އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނުމީހާ ނުވަތަ އެބައެއްގެ ހިޔާޒަތުގެ ދަށުން އެތަކެތި ފެނުނު މީހުން އެމަސްތުވާތަކެއްޗާއި މެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. އެހެނީ، އެފަދަ ބާގަނޑުތައް ޖިނާއީ އަދުލުގެ ނިޒާމުގައި ހުރެއްޖެނަމަ ނުރައްކާތެރި ކުށްވެރިން ހިފައި ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް އެކަމުން ހުރަސް އެޅޭނެއެވެ.

މިގޮތުން މި މައްސަލައިގައި ޖިނާއީ ކޯޓުގައި ޙަސަން ޞަބާޙު ބަޔާންދިން އިރު އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ޝަރީޢަތުން ކުށް ސާބިތުވެފައި ނެތް ނަމަވެސް، އޭނާއަކީ އޭނާގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ މީހަކު ކަމަށްވާ ހިނދު، އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތްކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މި ފަދަ ކުށަކަށް އިއުތިރާފު ވުމަކީ ކޮށްފާނެ ކަމެއް ކަމުގެ އިހުތިމާލުއޮތް ހިނދު، މި ފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެއެވެ. މީގެ އިތުރުން ޖިނާއީ ކޯޓުގައި ޙަސަން ޞަބާޙު ކުށްކުރިކަމަށް ބުނެ އޭނާ ވެފައިވާ އިއުތިރާފު ކޮރޮބޮރޭޓްކުރުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، އެމަގުން އޭނާގެ އިއުތިރާފު ކޮރޮބޮރޭޓް ކުރުމުގެ ގޮތުން އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

އިސްވެ މި ބަޔާންކުރި ސަބަބުތަކަށްޓަކައި ޙަސަން ޞަބާޙު ޖިނާއީ ކޯޓަށް ދިން ހެކިބަސް އެކަހެރިކޮށް، 22 މާރޗް 2008 ދުވަހުގެ ރޭ ދަންވަރު 01:45 އެހާކަންހާއިރު، އިބްރާހީމް ނާފިޛް ދިރިއުޅޭ މ. ހެޕީކޯނަރ ގޭގެ ތެރެއަށް ފުލުހުން ވަދެ، އޭނާގެ ހަށިގަނޑާއި އޭނާ އުޅޭ ކޮޓަރި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައިގެ ތެރެއިން ފެނުނު 10 ރަބަރު ޕެކެޓުތަކުގެ ތެރޭގައި 56.8003 ގްރާމް އޯޕިއޭޓްސް ހުރިކަމަށް ބުނާ ބުނުން ފިޔަވައި އިސްތިއުނާފް ރައްދުވާ ފަރާތާ އެތަކެއްޗާ ހުރި ގުޅުން ބަޔާންކޮށްދޭ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވިޔަސް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވައި، ދައުލަތުގެ ފަރާތުން އިބްރާހީމް ނާފިޛްގެ މައްޗަށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ.

ގާނޫނެއްގައި މަނާކޮށްފައިވާ އެއްޗެއް އިތުރު އެއްވެސް ގަރީނާއެއް ނެތި، ހަމަ އެކަނި މީހެއްގެ ހިޔާޒަތުން ފެންނަ ފެނުމުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރުމަށް ނުފުދޭކަމަށް ގާނޫނީ އިލްމުގައި ބުރަވެވެނީ، މީހެއްގެ ހިޔާޒަތުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ގަސްތުގައި ގާނޫނާ ޚިލާފު އެއްޗެއް ލުމަށްފަހު މީހެއްގެ ބޮލުގައި އެއެއްޗެއްގެ ޒިންމާ އެޅުވުމަށް ތަން ނުދިނުމަށެވެ. އަދި ގަސްތުގައި މީހެއްގެ ހިޔާޒަތުގައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ގާނޫނާ ޚިލާފު އެއްޗެއް ލުމަށްފަހު މީހެއްގެ ބޮލުގައި އެއެއްޗެއްގެ ޒިންމާ އެޅުވުމަށް ނަހަމަގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ހިފުމަށް ފުރުސަތު ނުދިނުމަށެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން:

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު:

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ އެމީހުންގެ އެފަދަ ޢަމަލުތަކުން އެތަކެއް ފަރުދުންނަކާއި އެފަރާތްތަކުގެ ގާތްތިމާގެ މީހުންނަށް ނިކަމެތިކަން ގެނައުމުގެ ސަބަބަކަށްވާ، މުޖްތަމަޢަށް އެމީހުންގެ ނުރައްކާތެރިކަން އޮތް ބައެއްކަމުގައިވާހިނދު، ކޮންމެ ފަރުދެއްގެ މައްޗަށްވެސް ކުރެވޭ ތުހުމަތަކާއި ގުޅިގެން އެކަށޭނަ ތަޙުޤީޤެއް ހިންގައި، ހެކި ހޯދައި، ތުހުމަތުކުރެވޭ ފަރާތަކީ ކުށުގެ ހުރިހާ ރުކުންތަކެއް ފުރިހަމަވާ ފަދައިން ޢަމަލުކޮށްފައިވާ ފަރާތެއްކަން ޤާނޫނީ މިންގަނޑުން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެފަދަ ތުހުމަތެއް ކުރާ ފަރާތް ކަމުގައިވާއިރު، ކުށް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ޙާލަތެއްގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ގޮންޖެހުން ތަކެއް ހުރިޔަތީ، އެފަދައިން ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ ދަށް މިންގަނޑެއް ތަޠުބީޤުކޮށްގެން ކުށް ސާބިތުކުރެވޭނެކަމަށް އަހުރެން ނުދެކެމެވެ. އަދި މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

އިސްވެ މި ބަޔާންކުރި ސަބަބުތަކަށްޓަކައި، 22 މާރޗް 2008 ދުވަހުގެ ރޭ ދަންވަރު 01:45 އެހާކަންހާއިރު، ގދ. ނަޑެއްލާ، އަތަމާގޭ އިބްރާހީމް ނާފިޛް ދިރިއުޅޭ މ. ހެޕީކޯނަރ ގޭގެ ތެރެއަށް ފުލުހުން ވަދެ، އޭނާގެ ހަށިގަނޑާއި އޭނާ އުޅޭ ކޮޓަރި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅޭ ކޮޓަރީގެ އަލަމާރިއެއްގެ މަތީގައި އޮތް ސިޓީ އުރައިގެ ތެރެއިން ފެނުނު 10 ރަބަރު ޕެކެޓުތަކުގެ ތެރޭގައި 56.8003 ގްރާމް އޯޕިއޭޓްސް ހުރިކަމަށް ބުނާ ބުނުން ފިޔަވައި ގދ. ނަޑެއްލާ، އަތަމާގޭ އިބްރާހީމް ނާފިޛުއާ އެތަކެއްޗާ ހުރި ގުޅުން ބަޔާންކޮށްދޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ވިޔަސް ނެތްކަމަށް ބަޔާންކޮށް، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 ގަޒިއްޔާގައި ކުރައްވާފައިވާ ޙުކުމަށް، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މި ގަޒިއްޔާ ބަލައި ޙުކުމްކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދު އަޙްމަދު މުޢުތަޞިމް ޢަދްނާން ޙުސްނުއްސުޢޫދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ