ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/SC-A/21ސުޕްރީމް ކޯޓު · 13 ސެޕްޓެމްބަރު 2020

—

ސުޕްރީމް ކޯޓު
13 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 ސެޕްޓެމްބަރު 2020ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2016/SC-A/21

އިސްތިއުނާފު ކުރާ ފަރާތް:

އަޙްމަދު ލަޠީފް

އިސްތިއުނާފު ރައްދުވާ ފަރާތް:

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް:

މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

14 ޖުލައި 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:

04 އޮކްޓޯބަރ 2016ނިމުނު ތާރީޚު:

13 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2014/HC-A/182

ހުށަހެޅުނު ތާރީޚު:

06 ޖުލައި 2014ނިންމެވި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

14 އޭޕްރިލް 2016

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

2010 ނޮވެންބަރު 01 ވަނަ ދުވަހުގެ 13:15 އެހައިކަންހާއިރު، އަޙްމަދު ލަޠީފް (މީގެފަހުން: "އަޙްމަދު ލަޠީފް") މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާގުޅިގެން، މ. މުލީ މެޖިސްޓްރޭޓް ކޯޓު ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި މީނާ އޮއްވައި، ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު މ. މުލީ ޕޮލިސް ސްޓޭޝަންއަށް އަޙްމަދު ލަޠީފް ހާޒިރުކުރެވުނެވެ. އަޙްމަދު ލަޠީފްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރިއިރު، މީނާ ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން، ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރޭގައި އޮތް 01 (އެކެއް) ފިލްމު ހުސްކުރި ދަޅުގައި 24.9723 ގްރާމް ކެނެބިސް (15.7724 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް އާއި 9.1999 ގްރާމް ކެނަބިނޯލް) ހުރިކަމަށް އޭގެ ތަހުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން، ކްރިމިނަލް ކޯޓުގައި، އަޙްމަދު ލަޠީފްގެ މައްޗަށް ކޮށްފައިވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާ އިންނެވެ. އަޙްމަދު ލަޠީފް ލައިގެން ހުރި ސޯޓުން ފެނުނު ތަކެތި ތަހުލީލުކުރިއިރު، އެތަކެތީގެ ބަރުދަނުގައި 24.9723 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީ އަދި އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައިބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެގޮތުން ބުނެވިދިޔަ ޤާނޫނުގެ ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް، ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާއިން، އަޙްމަދު ލަޠީފްގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އަޙްމަދު ލަޠީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރިއެވެ. އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާ އިންނެވެ.

ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤާޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ. ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަޙްމަދު ލަޠީފް އިސްތިއުނާފުކުރިއެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، އަޙްމަދު ލަޠީފް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތް

ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދަޢުވާ ކުރި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް އަޙްމަދު ލަޠީފްގެ މައްޗަށް ސާބިތު ވާކަމަށް ކަނޑައަޅައެވެ. އަޙްމަދު ލަޠީފްގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.

6.1- 2010 ނޮވެމްބަރު 01 ވަނަ ދުވަހުގެ 13:15 އެހައިކަންހާއިރު، މ. މުލީގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، މ. މުލީ މެޖިސްޓްރޭޓް ކޯޓު ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އަޙްމަދު ލަޠީފް އޮއްވައި، ފުލުހުން އެތަނަށްގޮސް އަޙްމަދު ލަޠީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން.

6.2- ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު މ.މުލީ ޕޮލިސް ސްޓޭޝަނަށް އަޙްމަދު ލަޠީފް ހާޒިރުކޮށް އަޙްމަދު ލަޠީފްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފުލުހުން ނެގިކަން.

6.3- އެ ދަޅަކީ އަޙްމަދު ލަޠީފްގެ އެއްޗެއް ނޫންކަމަށް ބުނެ، އަޙްމަދު ލަޠީފް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރިނަމަވެސް، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން، ބުނެވި ދިޔަ ފިލްމު ހުސްކުރި ދަޅު އަޙްމަދު ލަޠީފްގެ ސޯޓުގެ ޖީބުން ފެނިފައިވާކަން އެންގެން އޮންނަކަމާ، އަދި އެ ދަޅަކީ ކާކުގެ އެއްޗެއްކަން އަޙްމަދު ލަޠީފްއަށް ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާކަން.

6.4- ބުނެވިދިޔަ ދަޅުގައި ހުރިތަކެތި ތަހުލީލުކުރިއިރު، އެތަކެތީގެ ބަރުދަނުގައި 24.9723 ގްރާމް ކެނެބިސް (15.7724 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް އާއި 9.1999 ގްރާމް ކެނަބިނޯލް) ހުރިކަން އެތަކެތި ތަހުލީލުކުރި ފުލުހުންގެ ތަހުލީލު ރިޕޯޓް (ނަންބަރު FSD(D)-DR/2010/1473) އިން އެނގެން އޮންނަކަން.

6.5- އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ހަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް، އަޙްމަދު ލަޠީފްގެ ޣައިރު ހާޒިރުގައި ޙުކުމް ކޮށްފައިވާކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ހަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާއިން ކުރި ޙުކުމް އަޙްމަދު ލަޠީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބުރަވެ، ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށެވެ.

ކުރިން އެއްވެސް ކުށެއްކޮށްފައިނުވާ ފަރާތެއްވެސް ކުށުގެ ޢަމަލެއް ހިންގައި އަދި އެފަދަ ޢަމަލެއްގައި ބައިވެރިވެދާނެ ކަމީ ސަލާމަތް ބުއްދިއަށްވެސް ޤަބޫލުކުރެވޭ ކަމެއްކަމަށް ވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހުރިހާ ފަރާތްތަކަކީ އެފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކެއް ނޫންކަމާއި، ތުހުމަތު ކުރެވިފައިވާ މީހާގެ ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާ އެއްވެސް އެއްޗަކަށް ޕޮޒިޓިވްވެފައި ނުވުމަކީ މީހެއްގެ އަތުން ފެނުނު މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކާމެދު އެމީހަކު ޒިންމާ އުފުލަން ނުޖެހޭފަދަ ޤާނޫނީ ޙުއްޖަތެއް ނޫންކަން.

މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އާއި، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެންގެން އޮންނަ އިރު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއްނެތި "މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއް ކަމަށާއި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަން ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/08 (ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވާކަން.

މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަން ޖެހޭކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާ މެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓައި ފެނުނު މީހާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/07 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު) ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/212 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަން.

އަޙްމަދު ލަޠީފްގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު ލަޠީފްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ހާޒިރުކުރި ޏ. ފުވައްމުލައް، ޝުހުރަތުގެ، މުޙައްމަދު މުރުޝިދު، އަޙްމަދު ލަޠީފްގެ އަތަށް ދިން އެއްޗެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ލަޠީފް ބުނެފައިވާއިރު، މިވާހަކަތައް މި މައްސަލައާގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޙްމަދު ލަޠީފް ބަލާ ފާސްކުރި އިރު އަދި ތަޙްޤީޤުގެ މަރުޙަލާގައިވެސް އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާކަމަށާއި އެކަން އެގޮތަށް ފާހަގަނުކުރި އެކަށީގެންވާ ސަބަބެއްވެސް ޝަރީޢަތަށް އަޙްމަދު ލަޠީފްގެ ފަރާތުން ހާމަކޮށްފައިނުވާއިރު، ތަޙްޤީޤު މަރުޙަލާގައި އަޙްމަދު ލަޠީފްގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތެއް ބަޔާންކުރުމަކާ ނުލައި ޝަރީޢަތުގެ މަޖިލީހުގައި އެތަކެތި ލިބުނުގޮތް ކިޔައިދީ އެތަކެތީގެ ޒިންމާ އުފުލާނެ މީހަކު ދެއްކުމަކީ، ހެކި އުފައްދައިގެން ޝަރީޢަތަށް ހުށަހެޅުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވުމުން އަޙްމަދު ލަޠީފްގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ މި މައްސަލައިގައި ޝަރީޢަތުން ރިޢާޔަތްކޮށް އެމައްޗަށް އިޢްތިބާރެއް ދެވޭނެ ވާހަކަތަކެއް ކަމަށް ނުބެލެވޭކަން.

އަޙްމަދު ލަޠީފްގެ މައްޗަށް ތުހުމަތުކުރެވުނު މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށާ ގުޅިގެން އަޙްމަދު ލަޠީފްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅުގައި ހުރި ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އަކީ ކެނަބިސްކަމާއި، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 24.9723 ގްރާމް ހުރިކަން ދައުލަތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު FSD(D)-DR/2010/1473 "ލެބޯޓްރީ ތަޙްލީލް ރިޕޯރޓް" އިން އެނގެން އޮންނައިރު އެ ރިޕޯޓުގެ ޞައްޙަކަމާމެދު ނުވަތަ އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާބެހޭ ގޮތުން ނުވަތަ އެތަކެތި ތަހުލީލުކުރި ފަރާތުގެ ޢިލްމީ ޤާބިލްކަމާއި ތަޖުރިބާއާ ބެހޭގޮތުން އެއްވެސް ސުވާލެއް ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު އުފައްދާފައިވާކަން ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތަތީ، އެކަންކަން ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އޮވެމެ އެ ޙައްޤުގެ ބޭނުން އަޙްމަދު ލަޠީފްގެ ފަރާތުން ބޭނުންނުކޮށް ދޫކޮށްލާފައިވުމުން، ތަހުލީލު ރިޕޯޓުގައި ހިމެނިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކާ ޚިލާފުކަމެއްކަމަށް ބެލެވެން ނެތްކަން.

ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތެރެއިން 15، 16، 17، 18 އަދި 19 ވަނަ ނުކުތާގެ ތަފާތު 13 ތަނެއްގައި އަޙްމަދު ލަޠީފްގެ ބަދަލުގައި "މުޙައްމަދު ލަޠީފު" މިފަދައިން ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގޭކަމާއި، މި މައްސަލައިގައި ދަޢުވާކުރެވިފައިވަނީ ހަމައެކަނި އަޙްމަދު ލަޠީފްގެ މައްޗަށް ކަމަށްވުމާއެކު އަޙްމަދުގެ ބަދަލުގައި މުޙައްމަދު ލިޔެވިފައިވުމަކީ، މުޅި މައްސަލައިގެ ވާޤިޢާއަށް ބަދަލު އަންނާނެ ކަމެއް ނޫންކަމާއި، އަދި އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ކަމަށް ނުބެލެވޭކަން.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި 04 (ހަތަރެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކަކީ:

އަޙްމަދު ލަޠީފްގެ ޖީބުން ފުލުހުން ނެގި ތަކެއްޗަކީ އަޙްމަދު ލަޠީފްގެ ތަކެތި ނޫންކަމާ އަދި އެތަކެތީގައި މަސްތުވާ އެއްޗެއް ހުރިކަން އަޙްމަދު ލަޠީފްއަށް ނޭނގޭކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުކޮށްދީފައި ވަނިކޮށް، އެކަމަށް ރިޢާޔަތް ނުކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާ އާއި ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގެ ޙުކުމްކޮށް މައްސަލަ ނިންމާފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.

އަޙްމަދު ލަޠީފްގެ ޖީބުން ނެގި ތަކެތީގައި ހުރީ މަސްތުވާތަކެތިކަން ޝަރީޢަތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ޔަޤީން ނުކޮށް، އަޙްމަދު ލަޠީފް އަތުގައި ވިޔަފާރި ކުރުމަށްޓަކައި މަސްތުވާތަކެތި ހުރިކަމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ދެވަނަ ނުކުތާގައި ފާހަގަ ކޮށްފައިވާ އުޞޫލާއި ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ.

ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ލިބިފައިވާ ހަނުހުރުމުގެ ޙައްޤު އަޙްމަދު ލަޠީފް ބޭނުންކުރުމުން އެ ޙައްޤަށް އުނިކަން ލިބޭގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާ ނިންމުމުގައި ޢަމަލުކޮށްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.

އަޙްމަދު ލަޠީފްއަށް ޢަދުލުވެރި އަދި އިންޞާފު ވެރި ޝަރީޢަތެއް ލިބިފައި ނުވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ ގައި ބުނާ ކުށުގެ ރުކުންތަކާއި ދިފާޢުތައް

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިން ކަމެއްކުރަން އުޅުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން ކަމަށެވެ.

މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެކުށުގެ ރުކުންތައް ސާބިތުވުމުންނެވެ. ޖިނާއީ މައްސަލަތަކުގައި، ކުށުގެ ރުކުންތައް ސާބިތުކުރުމުގެ މަސްއޫލިއްޔަތު އޮންނަނީ ޕްރޮސިކިއުޝަންއަށް ނުވަތަ ދައުލަތުގެ މައްޗަށެވެ.

މާއްދީ ރުކުނާއި މަޢުނަވީ ރުކުން ސާބިތުކުރަންޖެހޭ ކުށެއްގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެ ކުށުގެ މާއްދީ ރުކުން އަދި މަޢުނަވީ ރުކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތު ވުމުންނެވެ. އެހެން އިބާރާތަކުން ބުނަނީނަމަ، ކުށުގެ ޢަމަލާއި ކުށްކުރުމުގެ ނިޔަތް ޝަރީޢަތަށް ސާބިތުވުމުންނެވެ. މާއްދީ ރުކުން ސާބިތުވާނީ މަޢުނަވީ ރުކުން ފިޔަވައި އެ ކުށުގައި ހިމެނޭ އެންމެހައި އުންސުރުތައް އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ސާބިތުވުމުންނެވެ. ކުށެއް ސާބިތުކުރުމަށް މަޢުނަވީ ރުކުން ބޭނުންވާ ކުށްތަކުގައި އެ ކުށުން ބަރީއަވުމަށް ޤާނޫނު ހުއްދަކުރާ ދިފާޢު ނެގިދާނެއެވެ. މި ގޮތަށް ނެގޭ ދިފާޢު ސާބިތުކުރުމަކީ އެ ދިފާޢު ނަގާމީހާގެ ނުވަތަ މުއްތަހަމުގެ މަސްއޫލިއްޔަތެކެވެ.

ބައެއް އިސްތިސްނާއީ ޙާލަތްތަކުގައި މަޢުނަވީ ރުކުނާ ނުލައި، ހަމައެކަނި މާއްދީ ރުކުން ސާބިތުވުމުން ކުށް ސާބިތުވެއެވެ. މިފަދަ ކުށްތަކަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކެވެ. މިފަދަ ކުށްތަކުގެ ޒިންމާ އުފުލުމަށް ހަމައެކަނި ކުށުގެ ޢަމަލު ފުދެއެވެ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ މަޢުނަވީ ރުކުން ބޭނުންވާ ކުށެއްތޯ ނުވަތަ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްތޯ ބަލާއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އެކި ޤަޟިއްޔާތަކުގައި އެކިގޮތަށް ނިންމާފައި އެބަހުއްޓެވެ. ނަމަވެސް، ގިނަ ޤަޟިއްޔާތަކުގައި ކޯޓުތަކުގެ ރައުޔަކީ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ އަތުގައި ބެހެއްޓުމަކީ ނުވަތަ ހުރުމަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއް ނޫންކަމެވެ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބުނާ ލީގަލް ޕްރިޒަމްޕްޝަން ގެ މައްޗަށާއި މުއްތަހަމްގެ އަތުގައި ނުވަތަ އޭނާގެ ހިޔާޒަތުގައި މަސްތުވާތަކެތި ހުއްޓާ ފެނުނު މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ގެންގުޅެފައިވާ ހަމަތަކަށް ބަލައި ސުޕްރީމް ކޯޓުން މިފަހުން ކުރި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/23 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް) ޤަޟިއްޔާގެ ޙުކުމުގައި އަންނަނިވި ކަންކަން ކަނޑައަޅާފައިވެއެވެ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން އަކީ އެ މާއްދާގެ ސާފު ޢިބާރާތަށް ބަލާއިރު އެ ޤާނޫނުގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް 1 ގްރާމަށްވުރެ އިތުރަށް މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ ތަކެތި އެމީހެއްގެ އަތުގައި ބަހައްޓާފައިހުރީ ވިޔަފާރިކުރުމަށް ނުވަތަ ޓްރެފިކްކުރުމަށްޓައި ކަމަށާއި 1 ގްރާމަށްވުރެ މަދުން މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެތަކެތި އަތުގައި ބަހައްޓާފައިހުރީ އެމީހާ އަމިއްލައަށް އެތަކެތި ބޭނުންކުރުމުގެ މަޤްޞަދުގައި ކަމަށް ޤާނޫނީ ގޮތުން އިފްތިރާޟްކުރުމަށް ކަން އެންގެން އޮންނަކަން.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަންއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ ހިޔާޒަތުގައި ހުއްޓާ ފެނިއްޖެނަމަ އެ ކަމަކީ މަޢުނަވީ ރުކުން ސާބިތުކުރުމާނުލައި ކުށް ސާބިތުކުރުމުގެ މަޤްޞަދުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަނެއް ނޫންކަން.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް އެ މާއްދާގެ ބޭނުމަށްޓަކައި މީހެއްގެ އަތުގައި އޮތްކަމަށް ނުވަތަ އެ އެއްޗެއް ހުރީ އެ މީހާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލައި ދަޢުވާކުރެވޭ ޙާލަތުގައި ޕްރޮސިކިއުޝަނުން އެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ޝަރީޢަތަށް ސާބިތުކޮށް ދިނުން ލާޒިމުކަން.

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރު ނޫން ގޮތަކަށް މީހެއްގެ އަތުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުންނަ ހުރުމަކީ "މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ ގޮތުން އުފުލަންޖެހޭ ކަމަށް ބަޔާންކުރާނަމަ ނުވަތަ މީހެއްގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތުކުރަން އޮންނަ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ވުރެ ހަރުކަށި މިންގަނޑެއް ކަމަށް ބަޔާންކުރާނަމަ، އެއީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ޙައްޤެއް ހަނިކުރުން ކަމަށްވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން.

މަސްތުވާތަކެތި މީހެއްގެ ހިޔާޒަތުގައި ހުރެއްޖެނަމަ އެ ކުށަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަން ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނެއްގައި ސާފުކޮށް ބަޔާންކޮށްފައި ނުވާނަމަ ކުށް ސާބިތުކުރުމުގައި ކޯޓުތަކުން އަބަދުވެސް ރުޖޫޢަވާންޖެހޭނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްވައިވާ މިންގަނޑަށްކަން.

މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ބެހެއްޓުން އަދި/ނުވަތަ އެއް ގްރާމަށްވުރެ ގިނައިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އެހާ ސާފުސީދާ ދެ މަފްހޫމެއް ނޫނެވެ. ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި މި ދެ މަފްހޫމް މާނަ ކޮށްފައެއްނެތެވެ. ސުޕްރީމް ކޯޓުން ނިންމި މި ކޯޓުގެ ނަންބަރު 23/SC-A/2012 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް) ޤަޟިއްޔާއަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތި އަތުގައި ބެހެއްޓުން އަދި/ނުވަތަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައިހުރުމުގެ ކުށަކީ މަޢުނަވީ ރުކުންވެސް ސާބިތުކުރަންޖެހޭ ދެ ކުށްކަން ވަރަށް ސާފެވެ. އިސްވެބުނި މި ކޯޓުގެ ނަންބަރު 23/SC-A/2012 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް) ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 28 ގައި ފަނޑިޔާރު ޙުސްނުއް ސުޢޫދު ލިޔުއްވި އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި އަހުރެން ތާއީދުކުރި ރައުޔުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެކުރިން ނިންމާފައިވާ ޤަޟިއްޔާތަކަށާއި މެލޭޝިޔާގެ ދެ ޤަޟިއްޔާ ކަމަށްވާ Saad Ibrahim v Public Prosecutor (1968) IMLJ at p. 159 އަދި PP v Muhamed Nasir Bin Shahruddin & Anvar (1994) 2 MLJ 576 އަށް ރިޢާޔަތް ކޮށް ބުނެފައިވަނީ:

"... ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް މީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ނުވަތަ އެއްޗަކުން ފެންނަ ހިނދު، އެ މާއްދާގެ ދަށުން ކުށް ސާބިތުވާނީ އެ މަސްތުވާ އެއްޗަކާއި އެމީހާއާ ގުޅޭ އިތުރު ހެއްކެއް ނުވަތަ ގަރީނާއެއް ނުވަތަ މޯޓިވްއެއް ނުވަތަ އަތުގައި އެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެން ކަމަށެވެ."

"އަތުގައި އެއްޗެއް އޮތްކަން އޭނާއަށް އެނގޭކަން" މި އިބާރާތްކޮޅު އަހުރެން ފާހަގަކުރަމެވެ. އެނގޭކަމަކީ ނުވަތަ އެނގުމަކީ އެ މީހާގެ ސަމާލުކަމަށް އައިސްފައިވުން ނުވަތަ އެކަމުގެ "ނޮލެޖް" (knowledge) ހުރުމެވެ.

މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ބެހެއްޓުން އަދި/ނުވަތަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އެއް ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުގެ ކުށުގެ މަޢުނަވީ ރުކުން ދެނެގަނެ ސާބިތުކުރާނީ ކިހިނަކުންތޯ ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ބެހެއްޓުން އަދި/ނުވަތަ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުގެ ކުށުގެ މަޢުނަވީ ރުކުން ސާބިތުކުރާނީ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ހުރިކަން އެނގިހުރެ އެ އެއްޗެއް އަތުގައި ހުރުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްގެންނެވެ. އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާ ތަކެތިކަން ނުވަތަ ނޫންކަން އެ މީހަކަށް އެނގުން ލާޒިމެއް ނޫނެވެ. މިއީ ގިނަ ޤައުމުތަކުގައިވެސް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އަތުގައި ބެހެއްޓުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރުމުގެ (possession) ކުށުގެ މަޢުނަވީ ރުކުން ސާބިތުކުރުމުގައި ބަލާ މިންގަނޑެއެވެ.

މަޢުނަވީ ރުކުން ސާބިތު ކޮށްދިނުމުގައި ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ މުއްތަހަމުގެ އަތުގައި ނުވަތަ މުއްތަހަމުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި މުއްތަހަމަށް އެނގިހުރެ(with knowledge) އެ އެއްޗެއް ހުރިކަމެވެ. އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާ ތަކެތިކަން ނުވަތަ ނޫންކަން މުއްތަހަމްއަށް އެނގުން ލާޒިމެއް ނޫނެއެވެ. ޕްރޮސިކިއުޝަނުން، މަޢުނަވީ ރުކުން ސާބިތުކޮށްދޭން ޖެހޭނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިއެވެ.

މުއްތަހަމްއަށް ދިފާޢު އޮންނާނެވެ. މުއްތަހަމްއަށް އޮންނަ މައިގަނޑު ދިފާޢުއަކީ މުއްތަހަމުގެ އަތުގައި ނުވަތަ މުއްތަހަމުގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ބެހެއްޓި އަދި/ނުވަތަ ހުރި ސަބަބު ބުނެދީ އެ ކުށުން ބަރީއަވުމުގެ ދިފާޢުއެވެ.

މުއްތަހަމް ކުރިމަތިކުރާ ދިފާއު ސާބިތުކުރުމުގައި މުއްތަހަމްއަށް އޮންނާނީ ސާބިތުކުރުމުގެ ޤާނޫނީ ބުރަ (Legal Burden of Proof) ނުވަތަ ސާބިތު ކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ(Evidential Burden of Proof) އެވެ.

ސާބިތު ކުރުމުގެ ޤާނޫނީ ބުރަ (Legal Burden of Proof) އަކީ ކަމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ނުވަތަ ކަމެއް ހިނގިކަން ނުވަތަ ނުހިނގާކަން ސާބިތުކޮށްދިނުމުގެ ބުރައެވެ. މި ބުރަ ސާބިތުކޮށްދޭންޖެހޭނީ ބޮޑަށް ބުރަވެވޭ މިންގަނޑު (Balance of Probabilities) އިންނެވެ. މި ޙާލަތަކީ، ދައުލަތުގެ މައްޗަށް އޮތް ސާބިތުކުރުމުގެ ބުރަ، މުއްތަހަމްގެ މައްޗަށް ބަދަލުވާ ޙާލަތެކެވެ. ސާބިތުކުރުމުގެ ޤާނޫނީ ބުރަ (Legal Burden of Proof) އޮންނަ ޙާލަތުގައި، މުއްތަހަމާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ދަޢުވާ، އެނޫން ގޮތަކަށް މުއްތަހަމްއަށް ސާބިތުކޮށް ނުދެވޭނަމަ، ދައުލަތުން ކުރި ދަޢުވާ ސާބިތުވީކަމަށް ބަލަންޖެހޭނެއެވެ.

ސާބިތުކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ (Evidential Burden of Proof) އަކީ، މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާ މެދު ޝައްކު އުފެދޭ މިންވަރަށް މުއްތަހަމު ހެކި ހުށަހެޅުމުގެ ބުރައެވެ. ސާބިތުކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ (Evidential Burden of Proof) އޮންނަ ޙާލަތުގައި، މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާމެދު ޝައްކު އުފެދޭ މިންވަރަށް ހެއްކެއް ހުށަނޭޅޭ ނަމަ، ދައުލަތުން ހުށަހެޅި ދަޢުވާ އެ ހުށަހެޅިގޮތަށް ސާބިތުވީކަމަށް ބަލަންޖެހޭނެއެވެ. މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާ މެދު ޝައްކު އުފެދޭ މިންވަރަށް މުއްތަހަމް ހެކި ހުށަހަޅައިފިނަމަ، ކަމުގެ ޙަޤީޤަތް ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ދައުލަތަށެވެ. މި ޙާލަތުގައި، މުއްތަހަމް ހުށަހެޅި ހެކި ނަފީކޮށް ޕްރޮސިކިއުޝަނުން ހެކި ހުށަހަޅަން ޖެހޭނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ދަޢުވާ ސާބިތުވާ ވަރަށެވެ.

އިސްތިއުނާފުކުރެވުނު ނުކުތާތަކަށް ޤާނޫނު ތަޠުބީޤުކުރުން

މާއްދީ ރުކުން ސާބިތުވޭތޯ ބެލުން

އަޙްމަދު ލަޠީފްގެ ޖީބުން ނެގިތަކެތީގައި ހުރީ މަސްތުވާތަކެތިކަން ޝަރީޢަތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ޔަޤީން ނުކޮށް، އަޙްމަދު ލަޠީފް އަތުގައި ވިޔަފާރި ކުރުމަށްޓަކައި މަސްތުވާތަކެތި ހުރިކަމަށް ނިންމާފައިވަނީ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާ (އާދަމް ޙަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރެއިން ދެވަނަ ނުކުތާގައި ފާހަގަ ކޮށްފައިވާ އުޞޫލާ ޚިލާފަށްކަމަށް އަޙްމަދު ލަޠީފް ބުނެއެވެ. މި ބުނާބުނުމުން އެނގެނީ އަޙްމަދު ލަޠީފްގެ މައްޗަށް އުފުލުނު ދަޢުވާގެ މާއްދީ ރުކުން ސާބިތު ނުވާކަމަށް އަޙްމަދު ލަޠީފް ޤަބޫލު ކުރާކަމެވެ.

މި މައްސަލައިގެ ކަންހިގާފައި ވާގޮތަށް ބަލާއިރު، މަސްތުވާތަކެތި ފެނިފައިވަނީ އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ވައަތުފަރާތު ކުރިމަތީ ޖީބުންނެވެ. މި ޙާލަތަކީ ޙަޤީޤީ ހިޔާޒަތު(actual possession) ގައި މަސްތުވާތަކެތި ހުއްޓައި ފެނުމުގެ ޙާލަތެކެވެ. ތިމާގެ ސީދާ އަތުގައި ނުވަތަ ލައިގެންހުރި އެއްޗެއްގައި ނުވަތަ އަތުގައި އޮތް އެއްޗެއްގެ ތެރޭގައި ނުވަތަ އެހެން މީހެއްގެ ކޮންޓްރޯލް ނެތް، ސީދާ ތިމާގެ ބެލުމާއި ކޮންޓްރޯލްގެ ދަށުގައިހުރި ތަނެއްގައި މަސްތުވާތަކެތި ހުރުމުގެ ޙާލަތެކެވެ. އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ވައަތް ފަރާތު ކުރިމަތީ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރެއިން 01 (އެކެއް) ފިލްމު ހުސްކުރި ދަޅު ފެނުނުކަމާމެދު ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި އަޙްމަދު ލަޠީފް އިންކާރުކޮށްފައެއް ނުވެއެވެ. އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައިގެ ތެރޭގައި އޮތް 01 (އެކެއް) ފިލްމު ހުސްކުރި ދަޅުގައި 24.9723 ގްރާމް ކެނެބިސް (15.7724 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް އާއި 9.1999 ގްރާމް ކެނަބިނޯލް) ހުރިކަމަށް ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމަންޓުން ތަހުލީލު ކުރުމަށްފަހު ދޫކޮށްފައިވާ ލެބޯޓްރީ ތަހުލީލު ރިޕޯޓު (ނަންބަރު FSD(D)-DR/2010/1473) އިން ދައްކައެވެ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު މިއިން ކަމެއް ބެލުމަށްފަހު، އެކަމަކާބެހޭ ގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއް ކަމަށް ބުނެއެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އެ މާއްދާގެ (ހ) ގައި ބުނާ ފަދަ ތަޢުލީމީ ފާސް ލިބިފައިވާ މީހަކު، އަންނަނިވި ކަންތައްތަކާ ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ އެކަމާބެހޭ ގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭ ބަޔާނެއް ކަމަށެވެ. (1) މަސްތުވާ އެއްޗެއްގެ ބާވަތާއި، ނަން. (2) މަސްތުވާއެއްޗެއް ސިފަކޮށްދޭ ދިނުމާއި، އަދި އޭގެ ބަރުދަން. (3) މަސްތުވާ އެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައި ވާނަމަ، އެ އެއްޗެއްގެ ބާވަތާއި، ނަން، އަދި އެ މަސްތުވާ އެއްޗެއް ބަހައްޓާފައިވާ އެތި. (4) މަސްތުވާ އެއްޗެއް ތަހުލީލުކުރެވުނު ގޮތާއި، އޭގެ ނަތީޖާއެވެ. މިފަދައިން ބަޔާންކޮށް، އެ މާއްދާގެ (ނ) ގައި އެ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ބަޔާންދޭ މީހާއަކީ، އެފަދަ ތަހުލީލުކޮށް ލިޔުންދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެކަމަށް ބަޔާންކޮށްފައިވާކަން ބުނެވުނު ޤާނޫނުގެ 18 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮވެއެވެ. މި މައްސަލައިގެ ދަޢުވާގައި ބުނާ ތާރީޚްގައި ފުލުހުން އަޙްމަދު ލަޠީފްގެ ހަށިގަނޑު ބަލައި ފާސްކުރި ކުރުމުގެ ތެރޭގައި އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ވައަތް ފަރާތު ކުރިމަތީ ޖީބުން ފެނުނު ލަކްސް (LUX) ސައިބޯނި އުރައިގެ ތެރެއިން ފެނުނު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 1 (އެކެއް) ފިލްމު ހުސްކުރި ދަޅުގެ ތެރެއިން ފެނުނު ކަމަށް މި ދަޢުވާގައި ބުނެފައިވާ ތަކެތި، ފުލުހުންގެ ފޮރެންސިކް ޑިޕާރޓްމަންޓުން ތަހުލީލުކުރުމަށްފަހު ދޫކޮށްފައިވާ ލެބޯޓްރީ ތަހުލީލު ރިޕޯޓުގައިވާ ތަކެތި ތަހުލީލުކުރި ފަރާތްކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ޕޮލިސް ސަރޖެންޓް އިބްރާހީމް ރަމީޒު، މި މައްސަލަ ކްރިމިނަލް ކޯޓުގައި އަދި ހައިކޯޓުގައި ހިންގައި ނިންމިއިރު، އެ ދެ ކޯޓަށް ހާޒިރުކުރެވި އެ ރިޕޯޓް ތައްޔާރުކުރި މީހާގެ ހައިސިއްޔަތުން ބަޔާނެއް ނެގިފައިވާކަން އެނގެން ނެތްނަމަވެސް، އެ ރިޕޯޓު ތައްޔާރުކުރި ޕޮލިސް ސަރޖެންޓް އިބްރާހީމް ރަމީޒު ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވި ޝަރީޢަތުގައި ހެކިބަސް އަދާކުރުމުގެ ކުރިން ކުރަންޖެހޭ ހުވާ ކުރުމަށްފަހު ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޝަރީޢަތުން އިބްރާހީމް ރަމީޒްއާ ސުވާލުކުރެވިފައިވާކަން އެނގެއެވެ. ޕޮލިސް ސަރޖެންޓް އިބްރާހީމް ރަމީޒްއާ ކުރެވުނު ސުވާލުތަކާ ގުޅިގެން، ތަހުލީލުކޮށްފައިވާ ތަކެތި ތަހުލީލުކޮށްފައިވާ ގޮތް ތަފްޞީލްކޮށް ބަޔާންކޮށް، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިބަސްދީފައިވެއެވެ. އިބްރާހީމް ރަމީޒްއަކީ މަސްތުވާތަކެތި ތަހުލީލުކޮށް ލިޔުން ދޫކުރުމުގެ ހުއްދަ 21 ސެޕްޓެމްބަރު 2005 ގައި މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ ފަރާތެއްކަން އިބްރާހީމް ރަމީޒް ސުޕްރީމް ކޯޓަށް ހުށަހެޅި މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު 24/2005/171/SR-23 ސިޓީއިން އެނގެން އޮތުމުން އިބްރާހީމް ރަމީޒް ތައްޔާރުކޮށްފައިވާ އިސްވެ އިޝާރާތްކުރެވުނު ލެބޯޓްރީ ތަހުލީލު ރިޕޯޓާއި އަދި މި ރިޕޯޓާ ގުޅިގެން މި ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތި ތަހުލީލުކޮށްފައިވާގޮތް ބަޔާންކޮށް އިބްރާހީމް ރަމީޒް ސުޕްރީމް ކޯޓަށް ދީފައިވާ ހެކިބަހުގެ ބަޔާނަކީ މި ދަޢުވާގައި ބުނާ 01 ނޮވެމްބަރު 2010 ގެ ތާރީޚްގައި އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ޖީބުން ފެނުނު (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅުގެ ތެރެއިން ފެނުނު ތަކެއްޗަކީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ތާވަލު 1 ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ކަމަށް ލިބޭ ކާފީ ހަރުދަނާ ޤަރީނާއެކެވެ.

އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާތަކެތި އަތުގައި ހުރުމުގެ ކުށުގެ އަދި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މާއްދީ ރުކުން، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް، ސާބިތުވާކަމުގައި އަހުރެން ދެކެމެވެ.

މަޢުނަވީ ރުކުން ސާބިތުވޭތޯ ބެލުން

އަޙްމަދު ލަޠީފްގެ ޖީބުން ފުލުހުން ނެގި މަސްތުވާތަކެއްޗަކީ އަޙްމަދު ލަޠީފްގެ ތަކެތި ނޫންކަމާ، އަދި އެ ތަކެތީގައި މަސްތުވާ އެއްޗެއް ހުރިކަން އަޙްމަދު ލަޠީފްއަށް ނޭނގޭކަމަށް އަޙްމަދު ލަޠީފް ބުނާބުނުމަށް ބަލާއިރު، މި ބުނާބުނުމަކީ އަޙްމަދު ލަޠީފްގެ މައްޗަށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ކަނޑައެޅުން އަދި އެ ކަނޑައެޅި ކަނޑައެޅުމަށް ހައިކޯޓުން ތާއީދު ކުރިކުރުން ރަނގަޅު ނޫންކަމަށާއި، އެ ދެ ކުށުގެ މަޢުނަވީ ރުކުން ސާބިތުނުވާ ކަމަށް އަޙްމަދު ލަޠީފް ޤަބޫލުކޮށް ބުނާބުނުމެއްކަން އެނގެއެވެ.

އަޙްމަދު ލަޠީފް ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފުލުހުން ނެގި ފިލްމު ހުސްކުރި ދަޅު އަދި އެ ދަޅުގައި ހުރި އެއްޗަކީ އަޙްމަދު ލަޠީފްގެ އެއްޗެއް ނޫންކަމަށާ، އަދި އޭގައި ހުރީ ކޮންއެއްޗެއްކަން އަޙްމަދު ލަޠީފްއަށް ނޭނގޭކަމަށް ބުނާއިރު، އަޙްމަދު ލަޠީފްގެ ޖީބުން އެ ތަކެތި ފެނުނުކަމާމެދު އެއްވެސް ޝަރުޢީ މަރުޙަލާއެއްގައި އަޙްމަދު ލަޠީފް އިންކާރުކޮށްފައެއް ނުވެއެވެ. އަޙްމަދު ލަޠީފް ލައިގެން ހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފުލުހުން ނެގި ފިލްމު ހުސްކުރި ދަޅު އަޙްމަދު ލަޠީފްގެ ޖީބުގައި އޮތްކަން އަޙްމަދު ލަޠީފްއަށް އެނގޭކަން އަޙްމަދު ލަޠީފްގެ އިޢުތިރާފުން އެނގެއެވެ. އަދި އެ ހާދިސާ ނުހިންގާ ކަމަށް ބުނެ އަޙްމަދު ލަޠީފް ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި އިންކާރުކޮށްފައެއް ނެތެވެ.

ފުލުހުންގެ ތަޙްޤީޤު މަރުޙަލާގައި އަޙްމަދު ލަޠީފްގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތެއް ކިޔައިދީފައެއް ނުވެއެވެ. ނަމަވެސް، ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ލަޠީފް ބުނީ އެތަކެއްޗަކީ ތ. އަތޮޅުގައި ހުރި މީހަކަށް ދިނުމަށް ޏ. ފުވައްމުލައް، ޝުހުރަތުގެ، މުޙައްމަދު މުރުޝިދު ދިން ތަކެތި ކަމަށެވެ. ޝަރީޢަތުގައި މުޙައްމަދު މުރުޝިދު ހެކިބަސް ދިނުމުގައި އެއީ އޭނާ (މުޙައްމަދު މުރުޝިދު) ގެ އެއްޗެކޭ ބުނާބުނުން ފިޔަވައި އެއްވެސް އިތުރުކަމެއް ސާފުކޮށެއް ނުދެއެވެ. އަދި އެ ތަކެތި ތ. އަތޮޅުން ޙަވާލުކުރަންވީ މީހާގެ މަޢުލޫމާތުވެސް ޝަރީޢަތުން ސުވާލުކުރުމުންވެސް ބުނެދީފައެއް ނުވެއެވެ. ޝަރުޢީ މަރުޙަލާގައި އެ ތަކެއްޗަކީ ޏ. ފުވައްމުލައް، ޝުހުރަތުގެ، މުޙައްމަދު މުރުޝިދުގެ ތަކެތި ކަމަށް ހަމައެކަނި ބުނާބުނުމަކުން އަޙްމަދު ލަޠީފްގެ މައްޗަށް އޮތް އޭނާގެ ދިފާޢު ސާބިތު ކުރުމުގެ ބުރަ އަދާކުރެވިފައިވާކަމަކަށް ނުބެލެވޭނެއެވެ.

އަޙްމަދު ލަޠީފްގެ މައްޗަށް ދަޢުވާކުރާ ކުށުން ބަރީއަވުމުގެ ގޮތުން ހެއްކަކަށް ޏ. ފުވައްމުލައް، ޝުހުރަތުގެ، މުޙައްމަދު މުރުޝިދުގެ ނަން ހުށަހެޅުން ފިޔަވައި ބަލައިގަނެވޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް ހުށަހަޅާފައެއް ނުވެއެވެ. މާލެއިން ތ. އަތޮޅަށް ދިއުމަށް ދަތުރުފެށި އިރުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް އަޙްމަދު ލަޠީފް ގެނައުމާ ހަމަޔަށްވެސް އަޙްމަދު ލަޠީފް އަތުގައި އޮތް (LUX) ސައިބޯނި އުރައިގެ އެތެރޭގައި އޮތް މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅު އޮތްކަން، އަޙްމަދު ލަޠީފްއަށް އެނގޭކަން އަޙްމަދު ލަޠީފްގެ ބަޔާންތަކުން ވަރަށް ސާފުކޮށް އެނގެއެވެ. އަޙްމަދު ލަޠީފުގެ ޖީބުން ފެނުނު މަސްތުވާތަކެއްޗަކީ މުޙައްމަދު މުރުޝިދު، އަޙްމަދު ލަޠީފުއަށް ދިން ރީތިވާ ސާމާނުއަޅާފައިވާ ކޮތަޅެއްގެ ތެރެއިން ފެނުނުތަކެތި ކަމަށް އަޙްމަދު ލަޠީފު ބުނިނަމަވެސް، އެތަކެތީގެ ތެރެއިންވެސް، ހަމައެކަނި މަސްތުވާތަކެތި އަޅާފައި އޮތް (LUX) ސައިބޯނި އުރަ އަޙްމަދު ލަޠީފުގެ ޖީބުން ފެނިފައިވުމުން، އެތަކެތި އެ (LUX) ސައިބޯނި އުރަތެރޭގައި ހުރިކަން އަޙްމަދު ލަޠީފުއަށް އެނގޭކަން އިތުރަށް ޔަގީން ކުރެވެއެވެ. އަދި މަސްތުވާތަކެތި ރީތިވާ ސާމާނު އަޅާފައިވާ ކޮތަޅުގައި ހުރިކަން އަދި އެ ފިލްމު ހުސްކުރި ދަޅު ފުލުހުން ބަލައި ފާސްކުރިއިރު އަޙްމަދު ލަޠީފްގެ ޖީބުން ފެނުނުކަމާމެދު އެއްވެސް ސުވާލެއް އުފައްދާފައެއް ނުވެއެވެ. މިހެންވެ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ކުށް ސާބިތު ކުރުމަށް ސާބިތު ކުރަންޖެހޭ މަޢުނަވީ ރުކުން، އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް، ސާބިތުވާ ކަމަށް އަހުރެން ދެކެމެވެ.

ކްރިމިނަލް ކޯޓުގައި އަދި ހައިކޯޓުގައި ޝަރީޢަތް ހިނގިއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަޙްމަދު ލަޠީފްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލޭނެ ތަނެއްނެތެވެ. އަދި އެ މަރުޙަލާތަކުގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅަށް ކަމަށް އެ ޝަރީޢަތްތައް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.

ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ކުށަކީ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ސާބިތުކުރަންޖެހޭނެ ކުށެކެވެ. މި ޤަޟިއްޔާގައި އަހުރެން ކަނޑައެޅި ގޮތަށް ޤާނޫނު މާނަކުރި ކަމުގައިވިއަސް، އަޙްމަދު ލަޠީފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އަދި ހައިކޯޓުގައިވެސް މި ކުށް ސާބިތުވާނެއެވެ. އަޙްމަދު ލަޠީފް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި 4 (ހަތަރެއް) ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، 2010 ނޮވެމްބަރު 01 ވަނަ ދުވަހު އަޙްމަދު ލަޠީފު، މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަޙްމަދު ލަޠީފްގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރިއިރު މީނާ ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރޭގައި އޮތް 01 (އެކެއް) ފިލްމު ހުސްކުރި ދަޅުގައި 24.9723 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނާތީ އަދި އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައިބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެގޮތުން ބުނެވިދިޔަ ޤާނޫނުގެ ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 766/Cr-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް، މި މައްސަލަބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާޢީދުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ