ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 54 · 2022/SC-A/48ސުޕްރީމް ކޯޓު · 26 ނޮވެމްބަރު 2023

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 26 ނޮވެމްބަރު 2023ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 54 2022/SC-A/48 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު

ނިމުނު ތާރީޚު 26 ނޮވެންބަރު 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/501 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އއރ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު، ލެގްސަވީ ޗެމްބަރސް އެލްއެލްޕީ، އާދަމް އާޞިފް، ލީގަލް ސެލް އެލްއެލްޕީ ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު

ޖިނާއީ - ކެނަބިސް ޓްރެފިކްކުރުން - މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާ - އަތުގެ ވެރިކަން ނުވަތަ ހިޔާޒަތުގެ ދަށުގައިވާ (possession)ޤާނޫނު ޤަބޫލުކުރާގޮތް" ނުވަތަ legal presumption އާންމު މާނައަށް ބެލުމުގެ އުސޫލު ((literal rule ނުވަތަ މަޤްސަދަށް ބެލުމުގެ އުސޫލު purposive approach))

ފިހުރިސްތު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 2

ތަޢާރުފު 2

ހާދިސާގެ ޚުލާސާ 2

ޖުވެނައިލް ކޯޓުގެ ނަންބަރު 06/Jv-C/2018 ޤަޟިއްޔާ 3

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް 6

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 7

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް 8

ހިޔާޒަތު 8

ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްތަ؟ 20

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 22

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 22

ޙުކުމް 22

` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އއރ [2023] SC 54 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/501 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2022/SC-A/48 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ]ނަމާއި، އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު އުނިކުރެވިފައި[ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ކުއްޖާ" ނުވަތަ "އއރ") ގެ މައްޗަށެވެ.

ހާދިސާގެ ޚުލާސާ

2. 2018 ޖަނަވަރީ 19 ވަނަ ދުވަހުގެ 20:30 އެހާއިރު، އއރ އިތުރު މީހަކާއެކު ހުޅުމާލެ ފެރީގައި ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި ފުލުހުން ތިއްބައި، ފެރީ ޓަރމިނަލްއަށް ކައިރިކުރި "ބަރާބަރު 03" ފެރީން ފައިބައިގެން، އއރ އިތުރު މީހަކާއެކު ސައިކަލެއްގައި1 ފެރީ ޓަރމިނަލުން ނިކުތް ވަގުތު އއރ އާއި އޭނާއާއެކު ސައިކަލުގައި އިން ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ.

3. އއރ ދުއްވަން އިން ސައިކަލު ފުލުހުން ބަލައި ފާސްކުރިއިރު، އެ ސައިކަލުގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ބޮޑު ރަބަރު ޕެކެޓެއްގައި 246.7000 (ދުއިސައްތަ ސާޅީސް ހައެއް ޕޮއިންޓް ހަތެއް ސުމެއް) ގްރާމް ކެނެބިސް ހުރިކަމަށް އެ ތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 2011/11 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 108 ވަނަ މާއްދާގެ (ހ) އާއި 138 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ދައުލަތުން އއރ ގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުރިއެވެ.

ޖުވެނައިލް ކޯޓުގެ ނަންބަރު 06/Jv-C/2018 ޤަޟިއްޔާ

4. ޖުވެނައިލް ކޯޓުގެ ނަންބަރު 06/Jv-C/2018 ޤަޟިއްޔާއިން ބެލުނު އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިންކާރު ކޮށްފައިވެއެވެ. އަދި އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކަށް ރިޢާޔަތްކުރާއިރު، ކުއްޖާގެ މައްޗަށް ދަޢުވާ ސާބިތުވާ ވަރަށް ހެކި ޤަރީނާ ލިބިފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދަޢުވާ އއރ ގެ މައްޗަށް ސާބިތު ނުވާކަމަށެވެ.

5. ޖުވެނައިލް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

(ހ)   މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ކުއްޖާ ދުއްވަން އިން ސައިކަލަކީ އއރ އާއެކު ސައިކަލުގައި އިން، އަދި މި މައްސަލައާ ގުޅިގެން ދައުލަތުން ދަޢުވާ އުފުލާފައިވާ ދެވަނަ ފަރާތުގެ ސައިކަލެއް ކަމަށް އެ (ދެވަނަ) ފަރާތުން ބުނެފައިވާ ކަމަށާއި، ސައިކަލުގެ މަޑިދަށުގައިވާ މަސްތުވާތަކެތި އަޅާފައިވާ ޕެކެޓް ނޫން އެހެން ތަކެއްޗަކީ  އޭނާގެ ތަކެތި ކަމަށް އެ (ދެވަނަ) ފަރާތުން އެއްބަސްވެފައިވާތީ، އެ ސައިކަލަކީ އއރ ގެ ސައިކަލެއްކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވިޔަސް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން.

(ށ)  ސީންގައި ސައިކަލާ ގުޅޭގޮތުން ސުވާލު ކުރުމުން، އެއީ ސައިކަލުގެ ފަހަތުގައި އިން ދެވަނަ ފަރާތުގެ ސައިކަލެއް ކަމަށް އޭނާ ބުނެފައިކަން މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނާތީ، ސުޕްރީމް ކޯޓުގެ ޙުސައިން އަޝްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2މައްސަލައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު 3މައްސަލައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛު4 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ފަދައިން، އެ މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ އެ ތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އެ ތަކެތި އެ މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާ ކަމަށް އޮންނަ އޮތުން މި މައްސަލައިގައި ތަޠުބީޤު ކުރެވެން ނެތްކަން.

(ނ) ދިވެހިރާއްޖޭ ހައިކޯޓުގެ އިސްމާޢީލް ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް5 ޤަޟިއްޔާއާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ (ރ) ގައި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރުމުން، އެ މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރީކަމަށް ބެލެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ފެނިފައިވަނީ އއރ ދުއްވަން އިން ސައިކަލުގެ މަޑިދަށުންކަން އެނގެން އޮތުމަކީ އެ ސައިކަލުގެ މަޢުނަވީ ހިޔާޒަތު އޭނާއަށް ލިބިގެންވާކަން ސާބިތުކުރެވޭނެ ޤަޠުޢީ ދަލީލެއް ނޫންކަން.

(ރ) ހައިކޯޓުގެ ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް6 ޤަޟިއްޔާގައި ކަނޑައަޅައި ޤާއިމުކޮށްފައިވާ ކަންކަމަށް ބަލާއިރު، ސައިކަލު ބަހައްޓާފައި ހުންނަ ތަނުގެ ގޮތުން އެ ސައިކަލުގެ މަޑިދަށަށް އެއްޗެއް ލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއްކަމުން، ކުއްޖާ ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނުނު ފެނުމުގެ މައްޗަށް ބަލައި އެ ތަކެއްޗަކީ އއރ ގެ ތަކެތި ކަމަށް ނުނިންމޭނެކަން.

(ބ) އއރ ގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް އެއަށް ބާރުދޭ އިތުރު ހެއްކެއް ޤަރީނާއެއް ނެތް ނަމަ، ހަމައެކަނި އެކަމުގެ (ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމުގެ) މައްޗަށް ބިނާކޮށް އއރ ގެ މައްޗަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން (ކެނެބިސް ޓްރެފިކް ކުރުމުގެ) ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާނެކަން.

(ޅ)  މަސްތުވާތަކެތި ފެނިފައިވަނީ ސައިކަލުގެ މަޑިދަށުން ކަމަށްވާއިރު، ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެތި ފިޔަވާ އެހެނިހެން ތަކެއްޗަކީ ސައިކަލުގައި އިން ދެވަނަ ފަރާތުގެ ތަކެތި ކަމަށް ހެކިންގެ ހެކިބަހުން އެނގެން އޮންނާތީއާއި އއރ އެ ސައިކަލް ދުއްވާފައިވަނީ ވަކި ބޭނުމެއްގައި ވަކި ކަމަކަށްކަން އެނގެން އޮންނައިރު، އެނޫން އެހެން ގޮތަކަށް އއރ އެ ސައިކަލު ބޭނުންކޮށްފައިވާކަން އެނގެން ނެތްކަން.

(ކ) އއރ ސައިކަލް ދުއްވަން ޖެހުނު މަޤްޞަދު ކަމަށް މި މައްސަލައިގައި ބޭއްވުނު ޝަރީޢަތްތަކުން އެނގެން އޮންނަ މަޤުޞަދަށް ބަލާއިރު، މި ޙާލަތަކީ މަސްތުވާތަކެތި ފެނުނު ސައިކަލު ކުޑަ ވަގުތު ކޮޅަކަށްފަހު ސައިކަލުގެ ވެރިފަރާތަށް ރުޖޫޢަވާ ޙާލަތެއްކަން ސާފުކޮށް އެނގެން އޮތުމުން، އެ ޙާލަތަކީ ސައިކަލު އެ ވަގުތު ކޮޅަށް ދުއްވި ފަރާތުގެ ޙަޤީޤީ އަދި މަޢުނަވީ ހިޔާޒަތުގެ ދަށުގައި ސައިކަލު ހުރީކަމަށް ބެލެވޭނެ ޙާލަތެއް ނޫންކަމާއި، މި ޙާލަތުގައި މާއްދީ އަދި މަޢުނަވީ ކޮންޓްރޯލް އޮތް ފަރާތަކީ ސައިކަލުގެ ވެރިފަރާތް ކަމުގައި ބަލަންޖެހޭކަމާއި، މި ޙާލަތުގައި ޙަޤީޤީ ހިޔާޒަތު ނަޤުލުވާ ފަރާތަކީވެސް ސައިކަލުގެ ވެރިފަރާތްކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

6. ޖުވެނައިލް ކޯޓުގެ ނަންބަރު 06/Jv-C/2018 ޤަޟިއްޔާގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ނަންބަރު 2019/HC-A/501 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ޖުވެނައިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

7. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

(ހ)  މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއް ކަމަށް ސުޕްރީމް ކޯޓުގެ ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 7އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު 8ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް ނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ މާނަކުރުމާ ދުރުވާންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް 9ގައި ކަނޑައަޅާފައިވާތީ، މިއީ މުޠުލަޤު މަސްޢޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަމާއި، މަނާކުރެވިފައިވާ މަސްތުވާތަކެތި އަތުން ފެންނަ ޙާލަތުގައި ކުށުގެ މާއްދީ ރުކުން އަދި މަޢުނަވީ ރުކުން ފުރިހަމަވެފައިވާކަން ދައުލަތުން ސާބިތުކޮށް ދޭންޖެހޭނެކަން.

(ށ)  ފުލުހުންގެ އިންޓެލިޖެންސަށް ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ގެންނަކަމަށް އެނގިގެން އެއަށް ފާރަލަމުން ދިޔައިރު، ހުޅުމާލޭގައި އއރ ސައިކަލު ދުއްވާފައިވާކަން އެނގެން ނެތްކަމާއި،  އއރ ސައިކަލު ދުއްވި ވަގުތާއި ޙާލަތަކީ މަސްތުވާތަކެތި ފެނުނު ސައިކަލު ކުޑަ ވަގުތުކޮޅަކަށްފަހު ސައިކަލުގެ ވެރިފަރާތަށް ރުޖޫޢަވާ ޙާލަތެއްކަމުން މި ޙާލަތަކީ ސައިކަލު ދުއްވި ފަރާތުގެ ޙަޤީޤީ އަދި މަޢުނަވީ ހިޔާޒަތުގެ ދަށުގައި ސައިކަލު ހުރިކަމަށް ބެލެވޭނެ ޙާލަތެއް ކަމަށް ނުފެންނާތީ، މި ޙާލަތުގައި ސައިކަލުގެ މާއްދީ އަދި މަޢުނަވީ ކޮންޓްރޯލް އޮތް ފަރާތަކީ އެ ވަގުތު ސައިކަލުގެ ފަހަތުގައި އިން ސައިކަލުގެ ވެރިފަރާތްކަމަށް ބެލެވޭއިރު، މިޙާލަތުގައި ޙަޤީޤީ ޙިޔާޒަތު ނަޤުލުވާ ފަރާތަކީވެސް ސައިކަލުގެ ވެރިފަރާތްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

8. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/501 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައިގަނޑު 03 (ތިނެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

(ހ) ފުރަތަމަ ސަބަބަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި، މައްސަލަ ނިންމުމުގައި މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ހެކި ޤަރީނާއަށް ރިޢާޔަތް ކުރަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ޙިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނު ކަމަށް ފުރިހަމަ ހެއްކާއި ޤަރީނާ ލިބިފައިވަނިކޮށް، އެއިން ކަމަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.

(ށ)  ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް އަދި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް10 ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މަނިކު11 ޤަޟިއްޔާއާއި އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް12 ޤަޟިއްޔާ ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ ހުށަހެޅި ސަބަބު.

(ނ) ތިންވަނަ ސަބަބަކީ، ހައިކޯޓުން މައްސަލަ ނިންމުމުގައި އަޤައްލިއްޔަ ރައުޔުން ނިންމާފައިވާ ފަދައިން ޤާނޫނު މާނަކުރާނަމަ ނިކުންނާނެ ނަތީޖާއަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 19 ވަނަ ބާބުގައި "ޤާނޫނު ޤަބޫލުކުރާގޮތް" ކަމަށް ކަނޑައަޅާފައިވާ އުސޫލުތައް އެ ޤާނޫނުގައި ލިޔެފައި އޮތުމުގެ ބޭނުން ކެނޑިގެންދިއުން ކަމަށް ބުނެ ހުށަހެޅި ސަބަބު.

ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާތައް

9. މި އިސްތިއުނާފާ ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި މި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ 19 ޖެނުއަރީ 2018 ގައި ރަޖިސްޓްރީ ނަންބަރު AA0G P3507 ސައިކަލު (މީގެ ފަހުން 'ސައިކަލު') ގެ މަޑިދަށުން ފެނުނު246.7000 (ދުއިސައްތަ ސާޅީސް ހައެއް ޕޮއިންޓް ހަތެއް ސުމެއް) ގްރާމްގެ މަސްތުވާ އެއްޗިއްސަކީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ހިޔާޒަތުގައި ހުރި ނުވަތަ އޭގެ ޒިންމާ އެ ކުއްޖާ ނަގަންޖެހޭ ތަކެތިކަން ނުވަތަ ނޫންކަމެވެ.

10. އޭގެ އިތުރުން، ބުނެވުނު މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދަޢުވާ އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނާ ޚިލާފަށްކަން ނުވަތަ ނޫންކަމުގެ މައްޗަށްވެސް މި މައްސަލައިގެ ތެރެއިން ކަނޑައަޅަންޖެހެއެވެ.

ހިޔާޒަތު

11. ހިޔާޒަތާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ޙިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނު ކަމަށް ފުރިހަމައަށް ހެއްކާއި ޤަރީނާ ލިބިފައިވަނިކޮށް، އެއިން ކަމަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރުމަކާއި ނުލައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ބުނެ، އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ހިލާފަށް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ.

12. އިސްތިއުނާފު ރައްދުވާ ކުއްޖާގެ ޙިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ އަންނަނިވި ކަންކަން އެފަދައިން ހުރުމުން ކަމަށް އެފަރާތުން ބުނެއެވެ.

12.1. ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، 19 ޖަނަވަރީ 2019 ގެ 20:30 ކަންހާއިރު، ހުޅުމާލެއިން މާލެއަށް ދިޔަ 'ބަރާބަރު 3' ނަމަކަށް ކިޔާ ފެރީ އިން ފޭބި ސައިކަލު، ހުޅުމާލެ ފެރީ ޓަރމިނަލް އިން ނިކުތް ވަގުތު އެ ތަނުގައި ހަރަކާތްތރިވަމުން ދިޔަ ފުލުހުން އެ ސައިކަލު ހިފަހައްޓާ ބަލާ ފާސް ކުރިއިރު، ސައިކަލުގެ މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ ބޮޑު ކޮތަޅެއް ފެނިފައިވުން؛

12.2. ސައިކަލުގެ މައުލޫމާތާއި، ފެރީއިން ސައިކަލު ފޭބިއިރު ސައިކަލު ދުއްވަން އިން އިސްތިއުނާފު ރައްދުވާ ކުއްޖާއާއި އެ ސައިކަލުގައި އޭނާއާއެކު އިން ފަރާތުގެ ސިފަ، އިންޓެލިޖަންސް މައުލޫމާތާއި ދިމާވާކަން؛

12.3. 'ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓު'13 ހުށަހަޅާފައިވުމާއި، އެ ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ14 ހެކިބަހުންވެސް ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނިފައިވާކަމާއި، އެ ތަކެތި ހުރީ ކޮން ގޮތަކަށްކަން އެނގެން އޮތުން؛

12.4. ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާ ތަކެއްޗާއި އަވިއައިނު ފިޔަވައި އެހެން ތަކެއްޗަކީ އިސްތިއުނާފު ރައްދުވާ ކުއްޖާ އާއެކު ސައިކަލުގައި އިން ދެވަނަ ފަރާތުގެ ތަކެތިކަމަށް އެ ފަރާތުން ބުނާކަން؛

12.5. އިސްތިއުނާފު ރައްދުވާ ކުއްޖާ ފަރާތުން ޝަރީޢަތަށް ހުށަހެޅި ޚަބީރުގެ ބަހުން، މިފަދަ ސައިކަލެއްގެ މަޑި (ތަޅުދަނޑިއަކާ ނުލައި) ހުޅުވާއިރު، ސައިކަލުގެ މަޑިއަށް އެއްވެސް ގެއްލުމެއް ނުދީ 1.5 (އެކެއް ޕޮއިންޓް ފަހެއް) ލީޓަރުގެ ފެންފުޅިއެއް މަޑިދަށަށް ލެވިދާނެކަން އެނގެން އޮތް ނަމަވެސް، މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނަކީ 246.7000 (ދުއިސައްތަ ސާޅީސް ހައެއް ޕޮއިންޓް ހަތެއް ސުމެއް) ގްރާމް ކަމަށްވެފައި، އެ ތަކެތި ފެނިފައިވަނީ ސައިކަލުގެ މަޑިދަށުގައި އޮތް ހެލްމެޓެއްގެ ދަށުންކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ކިބައިން އެނގެން އޮތުމުން، ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާ އެއްޗިއްސަކީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ އެނގުމަކާނުލައި މީހަކު ސައިކަލު މަޑިދަށަށް ލީ އެއްޗެއް ކަމުގައި ބަލާނަމަ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން، އެ ތަކެތި ހުންނަންވާނީ އެންމެ މަތީގައި ކަމުގައިވާތީ، މި މައްސަލައިގައި ފެނުނު މަސްތުވާ ތަކެއްޗަކީ ބުނެވުނު ފަދައިން މީހަކު ސައިކަލު މަޑިދަށަށް ލާފައިވާ އެއްޗެއްކަމަށް ވުމުގެ އިހްތިމާލު ނެތްކަން.

13. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ރައްދުގައި، އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން ބުނެފައިވަނީ، ހިޔާޒަތީ މަސްއޫލިއްޔަތާބެހޭ ގޮތުން ގޮތް ކަނޑައަޅާފައިވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ޤާއިމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ކުއްޖާގެ ފަރާތުން މިފަދައިން ބުނަނީ އަންނަނިވި ކަންކަން އެފަދައިން ހުރުމުން ކަމަށް އެފަރާތުން ބުނެއެވެ.

13.1. އިސްތިއުނާފު ރައްދުވާ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ސައިކަލު ދުއްވަން އިނީ އޭނާކަމުގައިވާ ނަމަވެސް، އެ ސައިކަލުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ކުއްޖާ މައުނަވީ ހިޔާޒަތު ނުވަތަ ކޮންޓްރޯލް ނެތް ކަމަށް ކަނޑައަޅާފައިވަނީ، ސައިކަލާއި ސައިކަލުގެ މަޑިދަށުގައިވާ މަސްތުވާތަކެތި ފިޔަވާ އެހެން ތަކެއްޗަކީ އިސްތިއުނާފު ރައްދުވާ ކުއްޖާއާއެކު ސައިކަލުގައި އިން ދެވަނަ ފަރާތުގެ ތަކެތިކަމަށް އެ ފަރާތުން އަމިއްލައަށް ބުނެފައިވާތީކަން ފުލުހުންގެ ހެކިބަހުން އެނގެން އޮތުމުން، އެ ސައިކަލަކީ ސައިކަލުގައި އިން ދެވަނަ ފަރާތުގެ ސައިކަލެއް ކަމުގައި ކުއްޖާ ބުނާ ބުނުމަށް ބާރުލިބުން.

13.2. ސައިކަލު ތަނެއްގައި ބަހައްޓާފައި ހުއްޓާ އޭގެ މަޑިދަށަށް އެއްޗެއް ލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޢަލީ އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް15 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤުކުރުމުން، އިތުރު ހެއްކެއް އަދި ޤަރީނާއެއް ނެތި، ސައިކަލުގެ މަޑިދަށުން ނެގި ތަކެތީގެ ހިޔާޒަތީ މަސްއޫލިއްޔަތު ކުއްޖާ އުފުލަން ނުޖެހޭކަން.

14. ހިޔާޒަތާ ގުޅޭގޮތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައިވެސް އިސްތިއުނާފު ކުރި ނުކުތާއެކެވެ. އެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާއަށާއި ސުޕްރީމް ކޯޓުގެ ޙުސައިން އަޝްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް16 މައްސަލައަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު17 އަށް ހަވާލާދީ، އިސްތިއުނާފު ރައްދުވާ ކުއްޖާގެ އަތުގައި މަސްތުވާތަކެތި ހުރުމަކީ ޤާނޫނީގޮތުން އެ ތަކެތީގެ މަސްއޫލިއްޔަތު އޭނާ މުޠުލަޤުކޮށް އުފުލަންޖެހޭ ހާލަތެއް ކަމުގައި ޕްރޮކިސިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

15. ހިޔާޒަތާއި ގުޅިގެން ހުށަހަޅާފައިވާ މި ނުކުތާއަށް ގޮތް ކަނޑައެޅުމުގައި ހައިކޯޓުން ބުނެފައިވަނީ:

15.1. ޖިނާއީ ކުށެއް ސާބިތުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި އެ ކުށުގެ ރުކުންތައް ސާބިތުވުމުން ކަމަށާއި، ޖިނާއީ މައްސަލަތަކުގައި އެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްކަން؛

15.2. ސުޕްރީމް ކޯޓުގެ ޙުސައިން އަޝްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް18 މައްސަލައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު19 މައްސަލައިގައި މަނާކުރެވިފައިވާ މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ނަމަވެސް، ބައެއް އިސްތިސްނާއީ ހާލަތްތަކުގައި ފިޔަވައި މަސްތުވާތަކެތި މީހެއްގެ އަތުން ފެންނަ ހާލަތުގައިވެސް ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން (ކުށުގެ އަމަލާއި ނިޔަތް) ފުރިހަމަ ވެފައިވާކަން ޕްރޮސިކިއުޝަންގެ ފަރާތުން ސާބިތުކޮށްދޭންޖެހޭނެ ކަމަށްޓަކައި، ހިޔާޒަތާ ގުޅިގެން ނިންމާފައިވާ އެ ނިންމުންތަކުން ނެރެފައިވާ މާނަކުރުމަކީ އެންމެ ރަނގަޅު މާނަކުރުން ނޫންކަމުން، އެ މާނަކުރުމާ ދުރުވާންޖެހޭ ކަމުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް20 ގައި ކަނޑައަޅާފައިވާކަން؛

15.3. މަނާކުރެވުފައިވާ މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމުގެ ކުށުގެ މައުނަވީ ރުކުން ސާބިތުކުރުމަށްޓަކައި އެ އެއްޗެއް ހުރިކަން އެނގިހުރެ އަތުގައި ހުރުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްދޭންޖެހޭ ކަމަށާއި، މީހެއްގެ ހިޔާޒަތުގައިވާ ތަނަކުން ނުވަތަ އެއްޗަކުން މަސްތުވާތަކެތި ފެނިއްޖެނަމަ، އެތަކެތި އޭނާގެ އަތުގައި ހުރީ އޭނާގެ އެނގުމުގެ ތެރެއިންކަން ސާބުތުކުރެވޭނީ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއް ނުވަތަ މޯޓިވްއެއް އޮތްކަން ދޭހަކޮށްދޭ ދަލީލެއް އޮވެގެންކަން؛

15.4. ސައިކަލަކީ އއރ އަށް ނިސްބަތްވާ ސައިކަލެއް ނޫންކަމާއި، އޭނާ ދުއްވި އެ ސައިކަލުގެ މަޑިދަށުގައިވާ ތަކެއްޗާ އއރ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައި ނުވާކަން؛

15.5. ހުޅުމާލެއިން މާލެއަށް އައި ފެރީ، ފެރީ ޓަރމިނަލްއަށް މަޑުކުރުމުން، ސައިކަލު ފެރީއިން ބާލައިގެން ދުއްވި ދުއްވުމުގެ އިތުރުން، އއރ ސައިކަލު ދުއްވާފައިވާކަން އެނގެން ނެތްކަމާއި، ސައިކަލަކީ އއރ އާއެކު ސައިކަލުގައި އިން ދެވަނަ ފަރާތުގެ ސައިކަލެއްކަމުން، އެ ހާލަތަކީ ކުޑަވަގުތު ކޮޅަކަށް އިސްތިއުނާފު ރައްދުވާ ކުއްޖާގެ ކިބައިގައި ސައިކަލު ހުރި، އަދި އެއަށްފަހު ސައިކަލުގައި އިން ދެވަނަ ފަރާތަށް ސައިކަލު ރުޖޫއަވާ ހާލަތަކަށް ވުމުންނާއި، ސައިކަލުގެ މަޑިދަށުގައި ހުރި މަސްތުވާތަކެއްޗާއި އައިނު ފިޔަވާ އެހެނިހެން ތަކެއްޗަކީ އއރ އާއެކު ސައިކަލުގައި އިން ދެވަނަ ފަރާތުގެ ތަކެތި ކަމުގައި އޭނާ ބުނެފައިވުމުން، މި ހާލަތަކީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ހަގީގީ އަދި މައުނަވީ ހިޔާޒަތުގެ ދަށުގައި ސައިކަލު ހުރިކަމަށް ބެލެވޭނެ ހާލަތެއް ކަމުގައި ނުވާތީއާއި، މި ހާލަތުގައި ސައިކަލުގެ މައުނަވީ އަދި މާއްދީ ކޮންޓްރޯލް އޮތީ ސައިކަލުގައި އިން ދެވަނަ ފަރާތުގެ ކިބައިގައި ކަމަށް ބުރަވެވޭތީ، ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަކީ އިސްތިއުނާފު ރައްދުވާ ކުއްޖާގެ ހިޔާޒަތުގެ ދަށުން ފެނުނު ތަކެތި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނުފެންނަކަން.

16. ހައިކޯޓުން މި ކަނޑައެޅި ކަނޑައެޅުމުގައި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާއިރު، އެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު ފާހަގަކޮށްފައި ކަންކަމުގެ އިތުރުން ކަމެއް ފާހަގަކޮށްފައި ނުވެއެވެ.

17. އެހެންނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޙުސައިން އަޝްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް21 މައްސަލައާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ރަޝީދު22 މައްސަލައާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް23 މައްސަލައަށް ހަވާލާދީ، މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ އެއްވެސް އިސްތިސްނާއެއް ނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ހާލަތެއް ނޫންކަމުގައި ކަނޑައަޅައި، އިސްތިސްނާއީ ހާލަތްތަކުގައި ފިޔަވައި މަސްތުވާތަކެތި މީހެއްގެ އަތުން ފެންނަ ހާލަތުގައިވެސް ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން (ކުށުގެ އަމަލާއި ނިޔަތް) ފުރިހަމަ ވެފައިވާކަން ސާބިތުކޮށްދިނުމާ ގުޅޭގޮތުން ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނު24 (މީގެ ފަހުން 'މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނު') އަށް ހަވާލާދީ ނިންމާފައިވާ ނިންމުންތަކެއް ނޫންކަމަށާއި، އެ މައްސަލަތަކަކީ މިހާރު އަމަލުކުރެވެމުންދާ ޤާނޫނުގެ ކުރިން އަމަލު ކުރެވެމުންދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނު25 (މީގެ ފަހުން 'ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނު') ގެ ދަށުން ދަޢުވާކޮށްފައިވާ މައްސަލަތަކެއް ކަމުގައިވާތީ، އެ މައްސަލަތަކުގައި ހިޔާޒަތާއި ގުޅޭގޮތުން ކަނޑައަޅާފައިވާ ކަންކަން މި މައްސަލައަށް ތަޠުބީޤުކުރެވޭނެ ކަމަށް ނުދެކޭ ކަމުގައި ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ހިނގާ މައްސަލައާއި (އިސްވެ ހަވާލާދީފައިވާ) އެ މައްސަލަތައް ފަރަޤުކޮށްފައި ވީނަމަވެސް، އެކަމާމެދު ހައިކޯޓުގެ ނިންމުމުގައި ވަކި އެއްޗެއް ފާހަގަކޮށްފައި ނުވާތީ، އެކަމުގެ މައްޗަށް ބަލާލަންޖެހޭ ކަމުގައި ދެކެމެވެ.

18. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް26 މައްސަލައިގައި، ބައެއް ހާލަތްތަކުގައި ފިޔަވައި މީހެއްގެ އަތުން މަސްތުވާތަކެތި ފެންނަ ހާލަތުގައިވެސް ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން (ކުށުގެ އަމަލާއި ނިޔަތް) ފުރިހަމަ ވެފައިވާކަން ޕްރޮސިކިއުޝަންގެ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، މަނާކުރެވުފައިވާ މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއް ނެތި މުޠުލަޤު މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ނިންމުންތަކުން ނެރެފައިވާ މާނަކުރުމާ ދުރުވާންޖެހޭ ކަމުގައި ކަނޑައަޅާފައިވަނީ ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި އެއް ގްރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ ބެލޭނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އެ ތަކެތި އަތުގައި ބެހެއްޓީކަމުގައި ކަމަށް ބަޔާންކޮށްފައިވަނިކޮށެވެ.

19. ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގެ އިބާރާތް އޮތްގޮތުން، އެއީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭގޮތަށް އޮތް އޮތުމެއްކަމުގައި ގިނަ މައްސަލަތަކެއްގައި މާނަކޮށްފައިވާ ހިނދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް27 މައްސަލައިގައި، ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވާ ނަމަވެސް، ކުށުގެ އަމަލާއި ނިޔަތް ސާބިތުކޮށްދޭންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވަނީ، އެއީ އާންމު އުސޫލުން ޖިނާއީ ކުށް ސާބިތުކުރުމުގެ މިންގަނޑަށް ވުމުގެ އިތުރުން، މީހެއްގެ އަތުގައި ހުންނަ މަސްތުވާތަކެއްޗާ ދުރުކޮށްދޭ ހެއްކެއް ނުވަތަ ގަރީނާއެއް ދެއްކިއްޖެނަމަ ނުވަތަ ތަޙުޤީޤު މަރުހަލާގައި އިޖުރާއީ އުނިކަންތައްތަކެއް ހުރިނަމަ، އެއީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ހާލަތެއް ނޫންކަމުގައި ބަޔާންކޮށެވެ.

20. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރާ ގޮތުގައި މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާގައި ބަޔާންކުރާ ހާލަތްތަކުގައި، އެ ޤާނޫނުގެ ދަށުން މުޠުލަޤު މަސްއޫލިއްޔަތު އުފުލަން ޖެހެއެވެ. އަދި ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާ މާނަކޮށް ހިޔާޒަތާމެދު ނިންމާފައިވާ ނިންމުންތަކުން ކަނޑައަޅާފައިވާ އުސޫލުތައް މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ މައްޗަށް ތަޠުބީޤު ނުކުރެވޭނެއެވެ.

21. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާ ތިރީގައި ނަކަލުކޮށްފައި އެވަނީ އެވެ.

މަސްތުވާއެއްޗެއް އަތުގައި ހުރީ ކަމުގައި ބެލުން 143. އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، އަންނަނިވި ޙާލަތުތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހާގެ އަތުގައި މަސްތުވާއެއްޗެއް ހުރީ ކަމުގައި ބެލެވޭނެއެވެ. (ހ) މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި މަސްތުވާއެއްޗެއް ހުރުން؛ (ށ) މީހަކު ލައިގެން ހުންނަ އަންނައުނުގައި ނުވަތަ އަންނައުނާގުޅޭ ސާމާނުގައި ނުވަތަ އޭނާ އަޅައިގެން ހުންނަ ގަހަނާގައި މަސްތުވާއެއްޗެއް ހުރުން؛ (ނ) މީހަކު ހިފައިގެންއުޅޭ ނުވަތަ އަޅައިގެންއުޅޭ ނުވަތަ އޭނާގެ ގައިގައި ހަރުކޮށްގެންއުޅޭ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛ (ރ) މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން؛ (ބ) މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ގެއެއްގައި މަސްތުވާއެއްޗެއް ހުރުން ނުވަތަ މީހަކު އެކަނި ދިރިއުޅޭ އަދި އެހެން މީހުން ވަދެނިކުމެ ނޫޅޭ ކޮޓަރިއެއްގައި މަސްތުވާއެއްޗެއް ހުރުން؛ (ޅ) މަތީގައިވާ ކަންކަމުގެ އިތުރުން، މީހެއްގެ އަތުގައި ހުރީ ކަމަށް މާނަކުރެވިދާނެ ގޮތަށް މީހެއްގެ އަތުގައި މަސްތުވާއެއްޗެއް ހުރުން. 22. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާއަށް ބަލާއިރު، މި މައްސަލައަށް މުހިންމުވަނީ އެ މާއްދާގެ (ރ) އެވެ.28 އަދި އެ މާއްދާ މި މައްސަލައަށް ތަޠުބީގުކުރާއިރު، އިސްތިއުނާފު ރައްދުވާ ކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާ ބިނާވަނީ:

22.1. މަސްތުވާތަކެތި ފެނިފައިވަނީ އއރ ދުއްވަން އިން ސައިކަލުގެ މަޑިދަށުން ކަމުގައިވާތީ؛ އާއި

22.2. އއރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު ސައިކަލު ހުރީ އޭނާ ގެ ކޮންޓްރޯލްގެ ދަށުގައި ކަމުގައިވާތީ؛ އާއި

22.3. ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނުނުކަމާމެދު އއރ އިންކާރުކޮށްފައި ނުވާތީ؛ އާއި

22.4. އެ މަސްތުވާތަކެއްޗަކީ އއރ ގެ އަތުގެ ވެރިކަން ނުވަތަ ހިޔާޒަތުގެ ދަށުގައިވާ (possession) މަސްތުވާތަކެތި ކަމުގައި ބަލަންޖެހޭތީ ކަމުގައި؛

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

23. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގައި ބުނާ ގޮތުން، އެ މާއްދާގައި ބުނާ ޙާލަތްތަކުގައި މީހެއްގެ އަތުގައި ނުވަތަ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރިނަމަ، އެ ތަކެތީގެ މައްޗަށް މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭނީ އެކަން އޮތީ އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު އެވެ. މީގެ މާނައަކީ އެ މާއްދާގައިވާ ގޮތުން، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާތަކެތި ހުރިނަމަ އެ ތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް އިފްތިރާޟު (presumption) ކުރުމަކީ ކޮންމެ ހާލަތެއްގައިވެސް އެކަން އޮންނާނެ ގޮތްކަމުގައި ނުވާ ފަދައަކުން މާއްދާ ފަރުމާކޮށްފައިވުމެވެ. އަދި މާއްދާ ފެށުމުގައި "އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު" މިފަދައިން ބަޔާންކޮށްފައިވުމުން، އެ މާއްދާ މާނަކުރުމަށް ނުވަތަ މުޠުލަޤު މަސްއޫލިއްޔަތު އުފުލުމަށް އިސްތިސްނާ ހުރިކަމެވެ.

24. އެހެންކަމުން، މަސްތުވާތަކެތީގެ މައްޗަށް ހިޔާޒަތު ލިބިފައި އޮތުމަކީ ކޮންމެ ހާލަތެއްގައި މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ހާލަތެއް ނޫންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް29 މައްސަލައިގައި، ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަނޑައެޅުން މި މައްސަލައަށްވެސް ތަޠުބީޤު ކުރެވޭނެކަމުގައި އަހުރެން ދެކެމެވެ.

25. މި މައްސަލައަށް ބަލާއިރު، 2018 ޖަނަވަރީ 19 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް އއރ ގެންދިޔައިރު، އޭނާ އެ ވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނިފައިވުމުން، އެއީ އޭނާ އެ ތަކެތީގެ ޒިންމާ ނަގަންޖެހޭ ސަބަބެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު:

25.1. އއރ ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނިފައިވާކަމާމެދު އޭނާ އިންކާރުކޮށްފައި ނުވާނަމަވެސް، އެ ތަކެއްޗަކީ އއރ ގެ ތަކެތި ނޫންކަމުގައި އޭނާ ތަކުރާރުކޮށް ބުނެފައިވާތީ؛ އާއި

25.2. އއރ ދުއްވަން އިން ސައިކަލަކީ އޭނާއާއެކު ސައިކަލުގައި އިން ފަރާތުގެ ސައިކަލެއް ކަމަށް އެ (ދެވަނަ) ފަރާތުން ބުނެފައިވާތީއާއި، އެ ސައިކަލު ރަޖިސްޓަރީކޮށްފައިވަނީ އެ (އއރ އާއެކު ސައިކަލުގައި އިން) ފަރާތުގެ ބައްޕަގެ ނަމުގައި ކަމަށްވާތީ؛ އާއި

25.3. އއރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމުގެ ކުރިން، އެ ސައިކަލު ދުއްވާފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމުގައި އޭނާ ބުނާއިރު، އަދި ސައިކަލު ހުއްޓުވާ އޭގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޓެލިޖަންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައިވާހިނދު، އެ މައުލޫމާތުގެ ތެރޭގައި ސައިކަލު ދުއްވަން އިން ފަރާތަކީ ކޮބައިކަމާއި އެ ފަރާތަކުން އެ ދުއްވާފައިވަނީ ކޮން މިންވަރަކަށްކަން އެނގެން ނެތްކަމުގައި ދައުލަތުން ބުނާތީ؛ އާއި

25.4. ސައިކަލުގެ މަޑިދަށުން ފެނުނު ތަކެތީގެ ތެރެއިން، އަވިއައިނާއި މަސްތުވާތަކެތި ނޫން އެހެން ތަކެއްޗަކީ ސައިކަލުގައި އިން ދެވަނަ ފަރާތުގެ ތަކެތިކަމަށް އެފަރާތުން ބުނެފައިވާތީ؛ އާއި

25.5. މަސްތުވާތަކެތި ފެނިފައިވަނީ ސައިކަލުގެ މަޑިދަށުގައި އޮތް ހެލްމެޓުގެ ދަށުން ކަމަށް ސީންއަށް ދިޔަ ފުލުހުންގެ ތެރެއިން މީހަކު ބުނެފައިވާ ނަމަވެސް، އެ ތަކެތި ބަލާފާސް ކުރުމުގައި އުޅުނު ފުލުސްމީހާގެ ބަހުން އެކަން އެނގެން ނެތުމުންނާއި؛30

25.6. ސައިކަލުގެ މަޑިދަށުން ނަގާފައިވާ މަސްތުވާތަކެތި އަޅާފައިވާ ޕެކެޓުން ފިންގަރ ޕްރިންޓް ހޯދުމަށް ތަހުލީލު ކުރެވުނު ނަމަވެސް، އއރ ގެ އިނގިލީގެ ނިޝާނާއި ދިމާވާ އެއްވެސް ޕްރިންޓެއް ނެގިފައި ނުވާތީއާއި؛

25.7. އއރ ގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާތަކެތި ފެނިފައިވުމުގެ މައްޗަށް އެކަނި ކަމުގައި ވުމުންނާއި، އެ ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗާއި އއރ އާ ގުޅުވޭ އެނޫން އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވެސް ޕޮރޮސެކިއުޝަންގެ ފަރާތުން ހުށަހަޅާފައި ނެތުމުން؛

ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، އއރ ގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުވާ ކަމަށް އަހުރެން ނުދެކެމެވެ.

26. ހައިކޯޓުން މައްސަލަ ނިންމުމުގައި، ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުންނާއި މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މުޠުލަޤު މަސްއޫލިއްޔަތު އުފުލަން ޖެހޭ ގޮތް ތަފާތުވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލައި، އެ ކަމަމާގުޅޭ ޤާނޫނީ ނުކުތާ ބަޔާންކޮށް ގޮތް ކަނޑައަޅާފައި ނެތުމަކީ އެ ނިންމުމަށް އުނިކަމެއް ގެނުވާ ކަމެއް ކަމުގައިވާހިނދު، ހައިކޯޓުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ނެރެފައިވާ ނަތީޖާއަކީ އެކަންކަމަށް ބަލައި އަހުރެންނަށްވެސް ނިކުންނަ ނަތީޖާއެވެ. އެހެންކަމުން، ހިޔާޒަތާއި ގުޅިގެން ޕްރޮސެކިއުޝަންގެ ފަރާތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ހައިކޯޓުން ބެލުމެއް ނެތި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންގަނޑުގެ ދަށުން މައްސަލަ ސާބިތު ނުވާ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ގޯހުން ކަމަށް އަހުރެން ނުދެކެމެވެ.

ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްތަ؟

27. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނަނީ މައިގަނޑު ގޮތެއްގައި އަންނަނިވި ޤާނޫނީ ސަބަބުތަކަށް ހަވާލާދީއެވެ.

27.1. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާއިން، މީހެއްގެ އަތުގައި ނުވަތަ ގައިގައި ނުވަތަ ހަށިގަނޑުގައި ނުވަތަ ލައިގެން ހުންނަ އަންނައުނުގައި މަސްތުވާތަކެތި ހުރުމާއި، މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި މަސްތުވާއެއްޗެއް ހުރުން ބަޔާންކޮށް، އެ ތަކެތި އޭނާ އަތުގައި ހުރިކަން އެނގި ހުރުމަކީ ލާޒިމުކަމެއް ނޫންކަން އެ މާއްދާއިން އެނގެން އޮތުމުން، އެ ތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު އުފުލަން ޖެހޭކަން؛

27.2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް31 ޤަޟިއްޔާއާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މަނިކު32 ޤަޟިއްޔާއާއި އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް33 ޤަޟިއްޔާއަކީ ކުރިން އަމަލުކުރަމުން ދިޔަ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ މާނަކޮށް ހިޔާޒަތާމެދު ގޮތް ކަނޑައަޅާފައިވާ ނިންމުންތަކެއް ކަމުގައިވާއިރު، އޭގެން ކަނޑައެޅުނު އުސޫލު މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން މި މައްސަލައަށް ތަޠުބީޤު ނުކުރެވޭނެކަން؛ އަދި

27.3. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 19 ވަނަ ބާބުގައި ބަޔާންކޮށްފައިވާ "ޤާނޫނު ޤަބޫލުކުރާ ގޮތް" ލިޔެފައި އޮތުމުގެ ބޭނުން ކެނޑިގެން ދިއުން.

28. ހިޔާޒަތާއި ގުޅިގެން އަހުރެން އިސްވެ ފާހަގަކޮށްފައިވާ ކަންކަމުގައި، މީގެ ތެރެއިން ފުރަތަމަ ދެ ނުކުތާއަށް ޖަވާބުދެވިފައިވާ ކަމުގައި ދެކޭހިނދު، ޤާނޫނުގައި ބަޔާންކޮށްފައިވާ "ޤާނޫނު ޤަބޫލުކުރާގޮތް" ނުވަތަ legal presumption އަކީ ތައުނު ކުރެވޭ ފަދައިން އޮތް ނުވަތަ rebuttable legal presumption އެއްކަން ފާހަގަކުރަމެވެ. އެއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ ސާފު ނައްސުން ފެންނަން އޮތް ގޮތުގައި އެ މާއްދާގައި ބަޔާންކުރާ ގޮތަށް ގަބޫލުކުރަނީ 'އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު' ކަމުގައި ވާތީއެވެ. މީގެ މާނައަކީ، ޤާނޫނުގައި ޤާނޫނު ޤަބޫލުކުރާގޮތް ބަޔާންކުރާ ނަމަވެސް، ކުށުގެ ތުހުމަތު އެ މީހެއްގެ މައްޗަށް އުފުލޭ މީހާއަށް، އެކަން އޮތީ އެފަދައިން ނޫންކަން ޝަރީޢަތަށް ދައްކާދީ، އެކަންކަމުގެ މައްޗަށް އެކަށީގެންވާ ޝައްކު އުފެއްދުމުގެ ޖާގަ ޤާނޫނުގެ ހަމަ އެ މާއްދާއިން ހުޅުވާލާފައިވާކަމެވެ. މިއީ އެ މާއްދާ މާނަކުރުމުގައި އާންމު މާނައަށް ބެލުމުގެ އުސޫލު34 (literal rule) ނުވަތަ މަޤްސަދަށް ބެލުމުގެ އުސޫލު35 (purposive approach) ބޭނުންކުރި ނަމަވެސް އަހުރެންނަށް ނިކުންނަ ނަތީޖާއެވެ.

29. ހަމަ މި ސަބަބަށްޓަކައި، ހައިކޯޓުން މައްސަލަ ނިންމުމުގައި ކަންކުރި ގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 19 ވަނަ ބާބުގައި ބަޔާންކޮށްފައިވާ "ޤާނޫނު ޤަބޫލުކުރާ ގޮތް" ލިޔެފައި އޮތުމުގެ ބޭނުން ކެނޑިގެންދާ ކަމުގައި ބަޔާންކުރުމަކީ ބަލިކަށި ޤާނޫނީ ބަހުސެކެވެ.

30. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ މަގްސަދަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލުން ކަމުގައިވާނަމަ، އެކަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކަމުގައި ދެކޭހިނދު، އެ މަޖިލީހުން މިހާރު އޮތް ގޮތަށް ޤާނޫނު ފަރުމާކޮށްފައި އެވަނީ، މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ފަދަ ފަރާތްތަކަށް ރައްކާތެރި ކަމެއް ދިނުމުގެ ގޮތުން ކަމުގައި އަހުރެން ގަބޫލުކުރަމެވެ.36

31. އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ނުވަތަ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

32. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

33. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/501 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/501 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއްސުޢޫދު (ރިޔާސަތު)

1 ރަޖިސްޓްރީ ނަންބަރު AA0G P3507

2 ސުޕްރީމް ކޯޓުގެ ނަންބަރު  2008/SC-A/08 ޤަޟިއްޔާ

3 ސުޕްރީމް ކޯޓުގެ  ނަންބަރު  2010/SC-A/07 ޤަޟިއްޔާ

4 ހައިކޯޓުގެ ނަންބަރު 2009/HC-A/212  ޤަޟިއްޔާ

5 ހައިކޯޓުގެ ނަންބަރު 2014/HC-A/109  ޤަޟިއްޔާ

6 ހައިކޯޓުގެ ނަންބަރު 2017/HC-A/239  ޤަޟިއްޔާ

7 ފުޓްނޯޓު 3

8 ފުޓްނޯޓު 4

9 ސުޕްރީމް ކޯޓުގެ ނަންބަރު  2012/SC-A/23 ޤަޟިއްޔާ

10 ފުޓްނޯޓް 10

11  ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/10  ޤަޟިއްޔާ

12  ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/21  ޤަޟިއްޔާ

13  މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު F1(g)/SOCR/2018/42 ( މިރިޕޯޓަކީ ޖުވެނައިލް ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު އެކޯޓަށް ހުށަހަޅާފައިވާ ރިޕޯޓެއްކަން އެނގެން އޮތްނަމަވެސް، އެ ރިޕޯޓު މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާތީ، ސުޕްރީމް ކޯޓުން ރިޕޯޓު ހޯދާފައިވަނީ ޖުވެނައިލް ކޯޓަށް ލިޔެގެންނެވެ.)

14 ޕޮލިސް ކޯޕޮރަލް މުޙައްމަދު ނިޙާން (ސ. ނަންބަރު 3402) އާއި، ޕޮލިސް ސަރޖަންޓް ޙަސަން ފައިސަލް (ސ. ނަންބަރު 3610) އާއި، ޕޮލިސް ކޯޕޮރަލް އިސްމާޢީލް ނަސީރު (ސ. ނަންބަރު 2366) އާއި، ޕޮލިސް ކޯޕޮރަލް އަޙްމަދު ޝަނާހް (ސ. ނަންބަރު 4704) އާއި، ޕޮލިސް އިސްހާޤް ޙަސަން (ސ. ނަންބަރު 2829) އާއި، ޕޮލިސް ކޯޕޮރަލް އަޙްމަދު ނައުޝާދު (ސ. ނަންބަރު 4687) އާއި ޕޮލިސް ސަރޖަންޓް މުންޒިރު މޫސާ (ސ. ނަންބަރު 3750).

15 އބމ 7

16 ފުޓްނޯޓް 3

17 ފުޓްނޯޓް 4

18 ފުޓްނޯޓް 3

19 ފުޓްނޯޓް 4

20 ފުޓްނޯޓް 10

21  ފުޓްނޯޓް 3

22  ފުޓްނޯޓް 4

23 ފުޓްނޯޓް 10

24 ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު). މިޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 31 ޑިސެމްބަރ 2011 ގައެވެ.

25 ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު). ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 187 ވަނަ މާއްދާގައިވާ ފަދައިން، އެ (ޤާނޫނު ނަންބަރު 2011/17) ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއިރު އަމަލުކުރަމުން ދިޔަ (ޤާނޫނު ނަންބަރު 77/17) ވަނީ އުވިފައެވެ.

26 ފުޓްނޯޓް 10

27 ފުޓްނޯޓް 10

28 ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ 'އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު' ގެ 7 ވަނަ ނަންބަރުގެ ދަށުން ހިމަނާފައިވާ 2.10 ވަނަ ނުކުތާ.

29 ފުޓްނޯޓް 10

30 ސީންއަށް ދިޔަ ފުލުހުން (އަޙްމަދު ނަޢުޝާދު، ސ.ނަންބަރު4687، އަޙްމަދު ޝަނާޙް، ސ. ނަންބަރު4704 ، އިޞްޙާޤު ޙުސައިން، ސ.ނަންބަރު 2829، މުންޛިރު މޫސާ، ސ. ނަންބަރު 3750، އިސްމާޢީލް ނަސީރު، ސ.ނަންބަރު 2366 ގެ ފަރާތުން ޖުވެނައިލް ކޯޓުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ ސައިކަލު މަޑިދަށުގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމުގައެވެ. އެ ކޮތަޅު ފެނިފައިވަނީ ސައިކަލުގެ މަޑިދަށުގައި އޮތް ހެލުމެޓްގެ ދަށުންކަން ނުވަތަ ނޫންކަން މި ފަރާތްތަކުގެ ބަހުން އެނގެން ނެތެވެ.

31  ފުޓްނޯޓް 10

32  ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/10  ޤަޟިއްޔާ

33 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/21  ޤަޟިއްޔާ

34 ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާ.

35 ފުޓްނޯޓް 34 ގެ 6 ވަނަ މާއްދާ.

36 މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 143 ވަނަ މާއްދާގެ މަގްސަދަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލުން ކަމުގައިވާނަމަ، އެކަން ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކަމުގައި ދެކޭހިނދު، އެ މަޖިލީހުން މިހާރު އޮތް ގޮތަށް ޤާނޫނު ފަރުމާކޮށްފައި އެވަނީ، އާންމުންނަށް ރައްކާތެރި ކަމެއް ދިނުމުގެ ގޮތުން ކަމުގައި އަހުރެން ގަބޫލުކުރަމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރާ ފަދައިން، އެމީހަކަށް އެކަން ނޭނގުނު ނަމަވެސް، ކޮންމެ ހާލަތެއްގައިވެސް ވަކި މުއްދަތަކަށް ނުވަތަ ހިނދުކޮޅަކަށް ވިޔަސް މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުންނަ އެއްޗަކުން ނުވަތަ ތަނަކުން މަސްތުވާތަކެތި ފެނުމަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ހާލަތެއް ކަމުގައި ބަލައިފިނަމަ، އެކަމުގެ ސަބަބުން މައުސޫމު މީހުން ކުށްވެރިވުމުގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. މީގެ އެންމެ އާދައިގެ މިސާލަކީ މީހެއްގެ ގޭގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިނަމަ، އެކަން އެމީހަކަށް ނޭގުނު ނަމަވެސް، އެ ތަކެތި އެތާގައި ހުރުމުން އެމީހަކު ކުށްވެރިވުމެވެ. ނުވަތަ ތަނަކަށް ދިއުމަށްޓަކައި ރައްޓިއްސެއްގެ ސައިކަލު ހޯދައިގެން އޭގައި ދަނިކޮށް ހުއްޓުވާއިރު، ސައިކަލުގައި މަސްތުވާތަކެތި ހުރުމުން އެމީހަކު ކުށްވެރިވުމެވެ.

2022/SC-A/48 [2023] SC 54

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ