ޙުސައިން އަޝްރަފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖިނާއީ ކޯޓުން (688/JC/2005) ވިޔަފާރި ކުރުމަށްޓަކައި މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުކޮށް ޢުމުރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2006/HC-A/249) އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- މަސްތުވާތަކެތި އަޅާފައިވާ ޕާރުސަލެއް އިސްތިއުނާފުކުރި ފަރާތަށް އަންނަކަމުގެ މަޢުލޫމާތު ލިބުމުން ފުލުހުން ފާރަލަމުން ދަނިކޮށް، 2005 ޖޫން 27 ގައި އޭނާގެ އަތުން ޕާރުސަލް ފެނުނެވެ. އޭގައި ހުރީ 6.6 ގްރާމް ހެރޮއިނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އަތުން ފެނުނު ޕާރުސަލެއްގައި ހުރި ހެރޮއިނަށް، އޭގައި ހުރި އެއްޗެއް ނޭނގުނު ކަމަށް ބުނާ މީހާ ޖަވާބުދާރީވާންޖެހޭތޯ.
- ކޯޓުގެ ސަބަބުތައް
- ޕާރުސަލް އޭނާގެ އަތުގައި ހުރިކަމާއި އޭގައި ހެރޮއިން ހުރިކަން އިޢުތިރާފުން އެނގެއެވެ. އެއް ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުން ވިޔަފާރީގެ ބޭނުމަށް ބެހެއްޓީ ކަމަށް ބެލޭއިރު، ޕާރުސަލުގައި ހުރި އެއްޗެއް ނޭނގުނުކަމުގެ ހެއްކެއް ނުދައްކާތީ، ހައިކޯޓުގެ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2006/HC-A/249
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް (ޢުމުރަށް ޖަލަށްލުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިޘްނާއެއްނެތި "މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެކެވެ.
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނަ ކަމެކެވެ.
ޕާރސަލެއް ލިބުނުއިރު އޭގައި މަސްތުވާއެއްޗެއް ހުރިކަން އެއްގޮތަކަށްވެސް ނޭނގޭކަން ނުވަތަ އޭގައި ހުރި އެއްޗެއް އޮޅިފައިވާކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ ހެއްކެއް ތުހުމަތުކުރެވޭ ފަރާތުން ދައްކާފައި ނުވާނަމަ، އޭނާގެ އަތުގައި ހުރުމުގެ ޤާނޫނީ ޤަރީނާއިން ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ސަޢީދު، މުޖްތާޒް ފަހުމީ، ޢަބްދުﷲ ޢަރީފް
- ރިޔާސަތު
- ޢަބްދުﷲ ސަޢީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/249 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ރަނގަޅުނޫންކަމަށް ފެންނަ ޤާނޫނީ ނުކުތާތަކަކާއި، ސަބަބުތަކެއް ހުރިކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި […] ޙުސައިން އަޝްރަފުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައިވަނިކޮށް 2008 އޯގަސްޓް 07 ގައި ޢަމަލުކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގައި ''މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހެޅި ނުނިމިހުރި މައްސަލަތަކަކީ އެހިނދުން ފެށިގެން ސުޕްރީމް ކޯޓަށް ހުށަހެޅި އެކޯޓުގައި ހުރި މައްސަލަތަކެއްކަމަށް ބެލެވޭނެ'' ކަމުގައި ބުނެފައިވާތީ އެގޮތުގެމަތިން ބަލައިދެވުނު މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
މިމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 688/JC/2005 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/249 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅައި ބަންދުކޮށްފައިވާ ޕާރުސަލެއް ޙުސައިން އަޝްރަފަށް އަންނަކަމުގެ މަޢުލޫމާތު ތިލަދުންމަތީ އުތުރުބުރީ ޕޮލިސް ސްޓޭޝަނަށް ލިބުމާގުޅިގެން ފުލުހުން ޙުސައިން އަޝްރަފަށް ފާރަލަމުން ދަނިކޮށް، 2005 ޖޫން 27 ވަނަ ދުވަހުގެ 15:45 ހާއިރު ޙުސައިން އަޝްރަފުގެ އަތުން އެޕާރުސަލް ފުލުހުންނަށް ފެނިފައިވާކަން އެނގެން އޮތުމެވެ.
(ށ) ދެވަނަކަމަކީ ޙުސައިން އަޝްރަފުގެ އަތުގައި އޮއްވައި ފުލުހުންނަށް ފެނުނު ޕާރުސަލެއްކަން ޙުސައިން އަޝްރަފުގެ އިޢުތިރާފުން އެނގޭ ޕާރުސަލުގެ ތެރޭގައި އޮތީ ދެބްލެޓްކަމާއި، އެދެބްލެޓުގައި ހުރީ ބަރުދަނުގައި 6.6 (ހައެއް ޕޮއިންޓް ހައެއް) ގްރާމް ހުރި ހެރޮއިންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި ''މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި، ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިންކަމެއް ކުރަން އުޅުމާއި، މިއިންކަމެއްގައި ބައިވެރިވުމަކީ ކުށެކެވެ.'' މިފަދައިން ބަޔާންކޮށްފައިވާކަމާއި، ހަމަ އެމާއްދާގެ (ށ) ގައި ''މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށެވެ.'' މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ ޙުސައިން އަޝްރަފުގެ މަންމަ އެއްވެސް ޕާރުސަލެއް ފޮނުވި ވާހަކަ ޙުސައިން އަޝްރަފުގެ ގާތުގައި ނުބުނާކަމަށް ޙުސައިން އަޝްރަފުގެ ތަޙްޤީޤު ބަޔާނުގައި ބުނެފައިވާއިރުވެސް ''އަރުތަ'' ބޯޓުގެ ކެޕްޓަން ޢަބްދުލްޙަންނާނު ހުރި ގެއަށް ޙުސައިން އަޝްރަފް ގޮސް އެޕާރުސަލާއި ޙަވާލުވެފައިވާކަން އެނގެން އޮތުމެވެ.
(ބ) ފަސްވަނަކަމަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިޘްނާއެއްނެތި "މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަން ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނަ ކަމާއި، ޙުސައިން އަޝްރަފަށް އެޕާރސަލް ލިބުނުއިރު އޭގައި މަސްތުވާއެއްޗެއް ހުރިކަން ޙުސައިން އަޝްރަފަށް އެއްގޮތަކަށްވެސް ނޭނގޭކަން ނުވަތަ އޭގައި ހުރި އެއްޗެއް އޮޅިފައިވާކަން ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ ހެއްކެއް ޙުސައިން އަޝްރަފު ދައްކާފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ޙުކުމް
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު ޖިނާއީ ކޯޓުގެ ނަންބަރު 688/JC/2005 ޤަޟިއްޔާގައި […] ޙުސައިން އަޝްރަފުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ޙުސައިން އަޝްރަފް ޢުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/249 ޤަޟިއްޔާއިން ތާއީދުކޮށް އެމައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ސުޕްރީމް ކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/249 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު މުޖްތާޒް ފަހުމީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.