—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/10
އިސްތިއުނާފު ކުރާ ފަރާތް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
ޙުސައިން މުޙައްމަދުމަނިކު، ހ. ރެހި، މާލެ، (ހުޅުމާލެ. ގޯތި ނަންބަރު 10425، މާލެ)
މައްސަލައިގެ ބާވަތް:
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމާއި، ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމާއި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
18 ޑިސެމްބަރ 2016ރަޖިސްޓްރީ ކުރެވުނު ތާރީޚު:
27 އޭޕްރިލް 2017ނިމުނު ތާރީޚު:
21 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއް ސުޢޫދު
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2011/HC-A/07
ހުށަހެޅުނު ތާރީޚު:
09 ޖަނަވަރީ 2011ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
26 ސެޕްޓެމްބަރ 2016
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
2009 އެޕްރީލް 09 ވަނަ ދުވަހުގެ 12:19 އެހައިކަށް ހާއިރު ރާއްޖެ އައި މޯލްޑިވިއަންގެ ނަންބަރު Q2 701 ފްލައިޓުން ރާއްޖެއައި ޢަބްދުއްރަޙީމް ޢަލީ، ގްރީންހައުސް، ގދ. ފިޔޯރީ، ގެނައިތަކެތި ކަސްޓަމްގެ އެކްސްރޭ މެޝިނުން ޗެކްކުރިއިރު އެ ތަކެތީގެ ތެރޭގައި ހިމެނުނު ފޮށިގަނޑެއްގެ ތެރޭގައި އޮތް ރޮށިއަޅާ ދެ ތަށީގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ރައްކާކުރެވިފައިވާކަމަށް ކަސްޓްމްސް އަށް ޝައްކުކުރެވިގެން އެ ތަކެތި ނަގާ ޓެސްޓް ކުރިއިރު، އެ ތަކެތީގައި 698.4912 ގްރާމް އޯޕީއޭޓްސް އަދި 106.0512 ގްރާމް ބެންޒޯޑައިޒިޕައިން ހުރިކަމަށް ފުލުހުންގެ ތަހުލީލު ރިޕޯޓުން ދެއްކުމުން؛ އެ ތަކެއްޗާ ހަވާލުވާން އަންނަ ފަރާތެއް ހޯދުމަށް ފުލުހުން ހިންގި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން އެއްގައި ޙުސައިން މުޙައްމަދު މަނިކު، ހ. ރެހި، މާލެ (ހުޅުމާލެ. ގޯތި ނަންބަރު 10425، މާލެ) (މީގެފަހުން: "ޙުސައިން މުޙައްމަދުމަނިކު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެ ތަކެތި ރާއްޖެ އެތެރެކުރި ޢަބްދުއްރަޙީމް ޢަލީ ދިރިއުޅޭ މ. އަލްޓްރާވައިލެޓް ގެއަށްގޮސް އެ ތަކެއްޗާ ހަވާލުވެފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދައުލަތުން ކުރިއެވެ.
މި ބަޔާންކުރި ދަޢުވާ ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ޖިނާއީ ކޯޓުން ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2100/JC/2009 ޤަޟިއްޔާ އިންނެވެ. އެ ޤަޟިއްޔާ ގައި ޖިނާއީ ކޯޓުން ޙުކުމްކޮށްފައިވަނީ ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުނުވާ ކަމަށެވެ.
ޖިނާއީ ކޯޓު ނަންބަރު 2100/JC/2009 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ދައުލަތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 07/HC-A/2011 ޤަޟިއްޔާ އިންނެވެ. ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޖިނާއީ ކޯޓުގެ ނަންބަރު 2100/JC/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް މައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށެވެ.
މިއީ، ހައިކޯޓުގެ ނަންބަރު 2011/HC-A/07 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ޖިނާއީ ކޯޓުން (މިހާރު ކްރިމިނަލް ކޯޓު) ނިންމާފައިވާ ގޮތް
ޖިނާއީ ކޯޓުގެ ނަންބަރު 2100/JC/2009 ޤަޟިއްޔާގައި ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުރި ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ޙުކުމްގައި ބުނެފައިވަނީ:
"... [ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް ބަލާއިރު] ޙުސައިން މުޙައްމަދު މަނިކު އެ ގެއަށް ދިޔައީ ބޭސްކޮތަޅެއް ބަލައިކަމަށް ޙުސައިން މުޙައްމަދު މަނިކު ބުނެފައިވާއިރު މަސްތުވާތަކެތި ހުރިކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ރޮށިއަޅާތަށި ލާފައިވާ ދެ ފޮށިގަނޑު ހިފައިގެން އިންޑިޔާއިން އައި ޢަބްދުއްރަޙީމް ޢަލީ، ބޭސްކޮތަޅު ގެންގޮސްފިކަމަށާއި ކަލެއަށްއޮތް އެއްޗަކީ މިއީކަމަށްބުނެ ޙުސައިން މުޙައްމަދު މަނިކާ ދިމާއަށް އެ ދެ ފޮށިގަނޑު އެއްލިކަމާއި، ދެ ފޮށިގަނޑު އެއްލުމުން ޙުސައިން މުޙައްމަދު މަނިކުގެ އަތުގައި ޖެހިފައި އެ ދެ ފޮށިގަނޑު ބިންމައްޗަށް ވެއްޓުނީކަމަށް ދަޢުވާލިބޭ ފަރާތުންނާއި، އެފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، މިކަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރާވައިގެން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަނަކަށްވާއިރު ޙުސައިން މުޙައްމަދު މަނިކުގެ ބެލުމުގެ ދަށަށް މިތަކެތި އެންމެ ހިނދުކޮޅަކަށް ދިޔަނަމަވެސް އެފަދަ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނަމަވެސް ޝަރީޢަތަށް ހުށަހަޅާފައި ނެތުމާއި، މަސްތުވާތަކެތި ހުރިކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ރޮށިއަޅާތަށި ލާފައިވާ ދެ ފޮށިގަނޑާއި ޙުސައިން މުޙައްމަދު މަނިކު ޙަވާލުވިކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވާއިރު، އެ ދެ ފޮށިގަނޑުންކުރެ ފޮށިގަނޑެއްގައި ޙުސައިން މުޙައްމަދު މަނިކުގެ އިނގިލީގެ ނިޝާނެއް ހުރިތޯއާއި އިނގިލީގެ ނިޝާނެއް ހުރިނަމަ އެފަދަ ނިޝާނެއްނަގައި ތަހުލީލުކުރެވިފައި ވޭތޯ ބެލިބެލުމުން އެފަދަކަމެއް ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިނެތުމާއި، ދެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހާއި، މަސްތުވާތަކެތި ހުރިކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ރޮށިއަޅާތަށިލާފައިވާ ދެ ފޮށިގަނޑު ހިފައިގެން ދިވެހިރާއްޖެއަށް އައި ގދ. ފިޔޯރީ ގްރީންހައުސް/ ޢަބްދުއްރަޙީމް ޢަލީ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އެއްކަމަކާގުޅިގެން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތިފުށުއެރުންތަކެއް ހުރުމާއި، ކުރެވުނު ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ޝަރީޢަތުގައި ހެކިބަސް ދެމުން ދައްކާފައިވާ ވާހަކަތަކުގައި ޝުބުހާ އުފެދޭފަދަ ގިނަ ކަންތައްތަކެއް ހުރުމުންނާއި، މި މައްސަލާގައި ބަޔާންކުރެވިފައިވާ މަނާކުރެވިފައިވާ މަސްތުވާ ތަކެއްޗާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗަކީ ޙުސައިން މުޙައްމަދު މަނިކު ބައިވެރިވެގެން ދިވެހިރާއްޖެއަށް އެތެރެކުރި އެއްޗެއްކަން، ނުވަތަ ވިޔަފާރިކުރުމަށްޓަކައި ޙުސައިން މުޙައްމަދު މަނިކުގެ އަތުގައި ބެހެއްޓި އެއްޗެއްކަން ނުވަތަ އެ ތަކެތި ޙުސައިން މުޙައްމަދު މަނިކުގެ ބެލުމުގެދަށަށް ނުވަތަ އޭނާގެ ހިޔާޒަތުގެދަށަށް ދިޔަކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީހެކި ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުމުގައި ބައިވެރިވުމުގެ ކުށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށާއި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވުމުގެ ކުށާއި، ބޭސްކުރުމުގެ ހުއްދަލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނެއްނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޙުސައިން މުޙައްމަދު މަނިކުގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް، މި ޤަޟިއްޔާ ނިންމީއެވެ."
އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާގައި ދަޢުވާ ސާބިތުނުވާކަމަށް ހައިކޯޓުން ކަނޑައެޅުމުގައި ފާހަގަކޮށްފައިވާ ކަންކަން
ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުރި ދަޢުވާ ސާބިތުނުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2100/JC/2009 ޤަޟިއްޔާއިން ކުރި ޙުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކަށް ހައިކޯޓުން ރިއާޔަތްކޮށް، އަންނަނިވި ކަންކަން ފާހަގަކޮށް، ޖިނާއީ ކޯޓުގެ ނަންބަރު 2100/JC/2009 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއްނެތްކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.
ހުށަހެޅިފައިވާ ހެކިންނާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރުމުގެ ފުރުސަތު ދައުލަތަށް ލިބިފައިނުވާކަމަށް ދައުލަތުން ފާހަގަކުރާއިރު، އެފަދަ ފުރުޞަތަކަށް ދައުލަތުން އެދިފައިވާކަން ޖިނާއީ ކޯޓަށް ދައުލަތުން ދީފައިވާ ބަޔާންތަކުން އެނގެން ނެތްކަން.
ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤުޔީމު (evaluation) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި އެ ހެކިތަކާ ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ ޤަރީނަތުއް ބަރާއާ (presumption of innocence) ގެ ޢާއްމު ޤާނޫނީ މަބްދައުގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަމަށާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކުގެ މައްޗަށް ކަމަށާއި، އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުޠަކީ ޢަދުލުވެރިއެއް ކަމުގައިވުންކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް އެނގެން އޮންނަކަމަށާއި، ހެކިވެރިންއެއްގެ ކިބައިގައި ޢަދުލުވެރިކަމުގެ ސިފަހުރިކަމުގައި ބެލެވޭނީ އެމީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިނުހުންނަ މީހެއްކަމުގައި ވާނަމަ ކަމާއި ބޮޑެތި ފާފަތަކަށް އަރައިގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިހުންނަ ފާސިޤެއްގެ ހެކިބަސް އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަބޫލުނުކުރެވޭނެކަމާއި، އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަޞްދުގައި މީހުންމެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި "ޤަޛްފު" ކުރުމާއި، ބަނގުރާ ބުއިންފަދަ ބޮޑެތި ޖަރީމާތައް ޝާމިލުވެގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 (ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ބަޔާންކުރާފަދަ ކުށެއް ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިންގެ މައްޗަށް ސާބިތުވެފައިވާކަން އެނގެން ނެތްކަން.
ޙުސައިން މުޙައްމަދުމަނިކު ޙަވާލުވިކަމަށް ބުނާ އެ ފޮށިގަނޑުތަކުން އޭނާގެ ފިންގަރޕްރިންޓް ފެނިފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/FDL/2015/0197 "ފިންގަރޕްރިންޓް ދިމާނުވާކަމުގެ ލިޔުން" އަށް ބެލުމުން އެނގެން އޮންނަކަމާއި، މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ ޙުސައިން މުޙައްމަދުމަނިކު ޙަވާލުވި ފޮށިގަނޑުތަކުން ފެނުނު ތަކެތި ކަމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުނާއިރު، ޙުސައިން މުޙައްމަދުމަނިކު އެ ފޮށިގަނޑުތަކާ ޙަވާލުވިކަމަށް ބުނާ ވަގުތު ފުލުހުން އެ ފޮށިގަނޑުތައް ކަނޑައި ބަލާފައިނުވާކަމަށާއި އެ ފޮށިގަނޑުތަކުގައި އެއްވެސް އެއްޗެއް ހުރިނަމަ އެވަގުތު ޙުސައިން މުޙައްމަދު މަނިކަށް ދައްކަންވާނެކަމަށާއި ނަމަވެސް ފޮށިގަނޑުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބަހައްޓައި، ޙުސައިން މުޙައްމަދުމަނިކު އެތާ ކޮޓަރިއަކަށް ލުމަށްފަހު އޭގެ ބައިގަޑިއިރަށްވުރެ ގިނައިރު ވީފަހުން ފޮށިގަނޑުތައް ގެނެސް އެއްޗެއް ދައްކައި އެއީ މަސްތުވާތަކެތިކަމަށް ބުނެފައިވީނަމަވެސް، އެ ފޮށިގަނޑުތަކުގެ ޙާލަތު ބަދަލުކޮށް އެއަށް އެއްޗެއް ލުމުގެ އިޙްތިމާލު އޮތުމާއި އަދި ޙުސައިން މުޙައްމަދުމަނިކުގެ އަތަށް އެ ފޮށިގަނޑުތައް ދިންކަމަށް ބުނާ ވަގުތު އޭގައި މަސްތުވާތަކެތި ހުރިކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ ވާހަކަދައްކާފައިވާއިރު، ކަންހިނގީ މިނޫންގޮތަކަށްކަން ދައުލަތުގެ ފަރާތުން ބުނެފައިނުވާކަން.
ހަމައެކަނި އެ ފޮށިގަނޑުތައް ބަލައި ޙުސައިން މުޙައްމަދުމަނިކު އައިއައުމަކީ އެ ފޮށިގަނޑުތަކަކީ އޭނާގެ އެއްޗެއްކަން ސާބިތުވާކަމެއް ނޫންކަމާއި، ހަމައެފަދައިން އެކަމުގެ މައްޗަށް ބިނާކޮށް އެ ފޮށިގަނޑުތަކުގައި ހުރި އެއްޗެއްގެ ޒިންމާ އޭނާ އުފުލަންޖެހޭފަދަ އިތުރު ހެކިނެތި އޭގެ ޒިންމާ ޙުސައިން މުޙައްމަދުމަނިކު އުފުލަންޖެހޭކަމަށް ކަނޑައެޅުމަކީ ޢަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތް ކަމެއްކަމުގައި ނުބެލެވޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން ދީފައިވާ ރައްދު
ހައިކޯޓުގެ ނަންބަރު 2011/HC-A/07 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް 02 ނުކުތާ ހުށަހަޅާފައިވެއެވެ.
ދައުލަތުން ހ. ރެހި، (ހުޅުމާލެ. ގޯތި ނަންބަރު 10425،) ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުރި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ދަޢުވާއާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތުވާވަރަށް ކާފީހެކި ލިބިފައިވީނަމަވެސް، ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
7.2 މައްސަލައެއް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ނިންމަވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރު ބައްލަވަންޖެހޭނީ، އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ކަމަށްވީނަމަވެސް، މި މައްސަލައިގައި ފަނޑިޔާރު އެގޮތަށް ޢަމަލުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާއާ ގުޅިގެން ޙުސައިން މުޙައްމަދުމަނިކު ރައްދު ދެމުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
އެ ދުވަހު ޢަބްދުއްރަޙީމް ޢަލީ ދިރިއުޅޭ ގެއަށް ޙުސައިން މުޙައްމަދުމަނިކު ދިޔައިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯރޕްރަލް އިބްރާހީމް ރިމާޒް ހުރީ އެ ގޭގެ އެހެން ކޮޓަރިއެއްގައި ކަމަށާއި، ޙުސައިން މުޙައްމަދުމަނިކު ހުރީ ޢަބްދުއްރަޙީމް ޢަލީ ހުރި ކޮޓަރީގެ ދޮރުމަތީގައި ކަމަށް އިބްރާހީމް ރިމާޒް ބުނާއިރު، އެހެން ކޮޓަރިއެއްގައި ފިލާހުރި މީހަކަށް އެ މަންޒަރު ފެންނާނެ އެއްވެސް ގޮތެއް ނެތްކަމަށާއި، އެ މަންޒަރު ފެނުނުގޮތެއް ތަފްޞީލުކޮށް ބުނެދެވިފައިނެތުމާއެކު، ޙުސައިން މުޙައްމަދުމަނިކު އެތަނުން ހިފެހެއްޓީވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އިބްރާހީމް ރިމާޒް ނޫންކަމުން، އިބްރާހީމް ރިމާޒްގެ ބަހަށް އިތުރު ޟައީފް ކަމެއް ލިބިފައިވާކަން.
ޙުސައިން މުޙައްމަދު މަނިކަށް ފުލުސް އޮފީހުން ދެއްކި ފޮށިގަނޑަކީ ޢަބްދުއްރަޙީމް ޢަލީ ދިރިއުޅޭ ކޮޓަރިތެރެއިން ފެނުނު ފޮށިގަނޑުނަމަ، އަދި އެބުނާ ފޮށިގަނޑުގައި ހިފިނަމަ، އެ ފޮށިގަނޑުގައި ޙުސައިން މުޙައްމަދުމަނިކުގެ އިނގިލީގެ ނިޝާން ވެސް ހުންނާނެކަމަށާއި، މި މައްސަލައަކީ ފުލުހުން ޚާއްޞަ އިސްކަމެއްދީގެން ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާ މައްސަލައަކަށް ވާއިރު، މިހާތަނަށްވެސް އެބުނާ ފޮށިގަނޑުން ޙުސައިން މުޙައްމަދުމަނިކުގެ އިނގިލީގެ ނިޝާން ދެއްކިފައި ނެތުމުންވެސް އެނގެނީ ފުލުހުން ތަޙްޤީޤުގައި ދެއްކި ފޮށިގަނޑަކީ ޢަބްދުއްރަޙީމް ޢަލީ ދިރިއުޅޭ ގެއިން ފެނުނުކަމަށް ބުނާ ފޮށިގަނޑު ނޫންކަން.
މައްސަލައިގައި ދަޢުވާ ލިބޭ ފަރާތުން ދިފާޢުގައި 3 ހެއްކަކު ހުށަހަޅާފައިވާކަމަށާއި، އެ ތިންފަރާތުންވެސް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ހާދިސާ ހިނގިތަނުގައި ތިބި ކަމަށާއި އެތަނަށް ޙުސައިން މުޙައްމަދުމަނިކު އައިކަމަށާއި ޙުސައިން މުޙައްމަދުމަނިކު އައީ ބޭސްކޮތަޅެއް ބަލައިކަމަށާއި ފޮށިގަނޑެއް ބަލައި ނޫންކަމަށް ބުނި ކަމަށާއި، އެހެން ބުނުމުން ޢަބްދުއްރަޙީމް ޢަލީ އެ ދެ ފޮށިގަނޑު ޙުސައިން މުޙައްމަދު މަނިކާ ދިމާލަށް އެއްލާލިކަމާއި، ހަމަ ޔަގީނުންވެސް އެއިން އެއްވެސް ފޮށިގަނޑެއްގައި ޙުސައިން މުޙައްމަދުމަނިކު ނުހިފާކަމަށާއި، އެ ދެ ފޮށިގަނޑު އެއްލާލުމުން ޙުސައިން މުޙައްމަދުމަނިކުގެ ގައިގައި ޖެހިފައި ވެއްޓުނުކަމާއި އެވަގުތު ޙުސައިން މުޙައްމަދުމަނިކުގެ ފަހަތުން ކޮންމެވެސް މީހަކު އައިސް ހިފެހެއްޓިކަމަށާއި، އެ ހިފެހެއްޓުމާއެކު ކޮޓަރިތެރޭގައި ހުރި މީހަކު ޙުސައިން މުޙައްމަދުމަނިކުގެ އަތުގައި ބިޑިއެޅުވި ކަމަށް ބުނެފައިވާކަން.
ދިފާޢުގައި ހުށަހެޅުނު ހެކިންނަކީ ހާދިސާ ހިނގިތަނުގައި ތިބި މީހުންކަމަށްވެފައި، އެފަރާތްތަކާ ދައުލަތުގެ ފަރާތުން ތަކުރާރުކޮށް އޮޅުވާލުމުގެ ބޭނުމުގައި ތަފާތު އެތައް ސުވާލެއް ކޮށްފައިވާކަމަށާއި އެމީހުންނަކީ އެތަނުގައި އެވަގުތު ނެތް ބައެއްނަމަ، ކޮޓަރިތެރޭގެ ޙާލަތާއި ހާދިސާގެ މަޢުލޫމާތާއި އެ ތަނުގައި ތިބި މީހުންނާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނުމަކީ އަދި އެބުނި އެއްޗެއް ދިމާވުމަކީ މުސްތަޙީލް ކަމަކަށް ވާއިރު، އެމީހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުންތަކުންވެސް އެމީހުންނަކީ އެތަނުގައި އެވަގުތު ތިބި ބައެއްކަން ޔަގީންވާކަން.
މި މައްސަލައިގައި ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދަޢުވާ ސާބިތުކުރުމަށްޓަކައި އެކަށީގެންވާ ހެއްކާއި ޤަރީނާ ދައުލަތުން ދެއްކިފައިނުވާތީއާއި އެބުނާ ފޮށިގަނޑެއްގެ ފިންގަރޕްރިންޓްވެސް ދެއްކިފައިނުވާތީއާއި ޙުސައިން މުޙައްމަދުމަނިކު އެއިން ފޮށިގަނޑެއްގައި ހިފަނިކޮށް، ނުވަތަ ހިފާފައިހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ އަދި ފޮޓޯއެއްވެސް ދެއްކިފައިނުވާތީއާއި، ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގިގެން ދިޔައީ ޙުސައިން މުޙައްމަދުމަނިކުގެ ޢަމަލަކީ ޚާލިޞް ޢަމަލެއްކަމުގައި ވުންކަން.
ކުށް ސާބިތުކުރުމުގެ ބުރަ އަދި ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ އަދި 3 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ކުށުގެ ރުކުންތައް އަދި ދިފާޢު
ދިވެހިރާއްޖޭގައި ހިނގާ ޖިނާއީ ޝަރީޢަތްތަކުގައި ކުށް ސާބިތުކުރުމުގެ ބުރަ އޮތީ ދައުލަތަށެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުކުރަންޖެހޭ ކުށްތައް ފިޔަވައި، އެހެން ޖިނާއީ ކުށްތަކުގައި، ދައުލަތުން ކުށް ސާބިތު ކުރަންޖެހޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބުނާ މުއްތަހަމްގެ އަތުގައި ނުވަތަ އޭނާގެ ހިޔާޒަތުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ހުއްޓާ ފެންނަ ޙާލަތްތަކުގައި ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، އަންނަނިވި ކަންކަމުގެ މައްޗަށް ބަލަންޖެހޭނެކަން ސުޕްރީމް ކޯޓުގެ ނަންބަރު 23/A-SC/2012 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ނާފިޛް) އަދި21/A-SC/2016 (އަޙްމަދު ލަޠީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާތަކަށް ބެލުމުން އެނގެއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން އަކީ އެ ޤާނޫނުގައި މަނާކޮށްފައިވާ މަސްތުވާތަކެތީގެ ބާވަތެއް 1 ގްރާމަށްވުރެ އިތުރަށް މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެ ތަކެތި އެމީހެއްގެ އަތުގައި ބަހައްޓާފައިހުރީ ވިޔަފާރިކުރުމަށް ނުވަތަ ޓްރެފިކްކުރުމަށްޓައި ކަމަށާއި 1 ގްރާމަށްވުރެ މަދުން މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެތަކެތި އަތުގައި ބަހައްޓާފައިހުރީ އެމީހާ އަމިއްލައަށް އެތަކެތި ބޭނުންކުރުމުގެ މަޤްޞަދުގައި ކަމަށް ޤާނޫނީ ގޮތުން އިފްތިރާޟްކުރުމަށް ކަން.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޕްރިޒަމްޕްޝަން އަކީ އެ ޤާނޫނުގައި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ހުއްދަދެވިފައިވާ ފަރާތެއްގެ އަތުގައި، ހުއްދަދެވިފައިވާ ޢަދަދަށްވުރެ ގިނައިން ނުވަތަ ބޭސްކުރުމުގެ ހުއްދަލިބިފައިވާ ޑޮކްޓަރަކު އެ އެއްޗެއް ޢާއްމުކޮށް އެއް ފަހަރު ލިޔެދޭ މިންވަރަށްވުރެ ގިނައިން ހުއްދަދެވިފައިވާ ފަރާތެއް ކަމުގައިނުވާ މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ، އެ ތަކެތި އެމީހެއްގެ އަތުގައި ބަހައްޓާފައިހުރީ ވިޔަފާރިކުރުމަށް ކަމަށާއި އެއަށްވުރެ މަދުން މީހެއްގެ އަތުގައި ހުރެއްޖެނަމަ، އެތަކެތި އަތުގައި ބަހައްޓާފައިހުރީ ބޭސްފަރުވާގެ ބޭނުމަށްކަން ޤާނޫނީ ގޮތުން އިފްތިރާޟްކުރުމަށް ކަން.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 2 ވަނަ މާއްދާ އަދި 3 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްވެސް އެއްޗެއް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް އެ ދެ މާއްދާގެ ބޭނުމަށްޓަކައި މީހެއްގެ އަތުގައި އޮތްކަމަށް ނުވަތަ އެ އެއްޗެއް ހުރީ އެ މީހާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލައި ދަޢުވާކުރެވޭ ޙާލަތުގައި ދައުލަތުން އެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ޝަރީޢަތަށް ސާބިތުކޮށް ދިނުން ލާޒިމުކަން.
ދަޢުވާއަށް މުއްތަހަމް އިންކާރުކުރާނަމަ އެއްވެސް އިސްތިސްނާއެއްނެތި އެ ކުށާގުޅޭ ހުރިހާ ވަޤާއިޢުތަކެއް ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. މިބުނާ ވަޤާއިޢުތަކުގެ ތެރޭގައި މުއްތަހަމްގެ އައިޑެންޓިޓީ އަދި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުނުގައި ހިމެނޭ އެންމެހާ އުންޞުރުތައް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުކޮށްދޭންޖެހޭނެއެވެ. ހަމައެހެންމެ، މުއްތަހަމް ކުށުން ބަރީޢަވެގެންވާކަމަށް އޭނާ ބުނާބުނުމަކުން ނުފުދޭނެއެވެ. މުއްތަހަމްގެ ދިފާޢު، ޤާނޫނީ ހަމަތަކުގެ މަތިން، އޭނާ ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނެއެވެ.
މާއްދީ ރުކުން
ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ އަދި 3 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ކުށުގެ މާއްދީ ރުކުން ސާބިތުކުރުމުގައި އެ ކުށުގެ މަޢުނަވީ ރުކުން ފިޔަވައި އެ ކުށުގެ ހުރިހާ އުންޞުރުތަކެއް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެއެވެ. މާއްދީ ރުކުން ސާބިތުކުރުމުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތި ނުވަތަ ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ޑޮކްޓަރ ދޭ ބޭސްސިޓީގައި އޮތްވަރަށްވުރެ އިތުރަށް ނުވަތަ ޑޮކްޓަރ ދޭ ބޭސްސިޓީ އެއްނެތި މުއްތަހަމްގެ ޙަޤީޤީ ހިޔާޒަތުގައި ނުވަތަ މަޢުނަވީ ހިޔާޒަތުގައި ހުރިކަމުގެ ވާޤިޢާ ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެއެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ ދަށުން ކުރާ ދަޢުވާތަކުގައި، މުއްތަހަމްގެ ހިޔާޒަތުގެ ދަށުން ފެނިފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ނުވަތަ ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއްކަން ސާބިތުކުރުމުގައި އެ ފެނުނު އެއްޗަކީ ކޮންބާވަތެއްގެ އެއްޗެއްކަމާ އެ އެއްޗެއްގެ ބަރުދަން ހިމެނޭ ވާޤިޢާ ދައުލަތުން ޝަރީޢަތަށް ސާބިތުކޮށްދޭން ޖެހޭނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގައި ބުނާގޮތަށެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގައި ބުނަނީ، ސައިންޓިފިކް އުޞޫލުގެ މަތިން ބަލަންޖެހޭ ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާން އަކީ ސާބިތުކުރުމަށް ލިބޭ ހަރުދަނާ ޤަރީނާއެއް ކަމަށެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 18 ވަނަ މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގައި ބުނާ ފަދަ ތަޢުލީމީ ފާސް ލިބިފައިވާ މީހަކު، އަންނަނިވި ކަންތައްތަކާ ބެހޭގޮތުން، ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ އެކަމާބެހޭ ގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ބަޔާނެއް ކަމަށެވެ. އެ ކަންތައްތަކަކީ: (1) މަސްތުވާ އެއްޗެއްގެ ބާވަތާއި، ނަން. (2) މަސްތުވާއެއްޗެއް ސިފަކޮށްދޭ ދިނުމާއި، އަދި އޭގެ ބަރުދަން. (3) މަސްތުވާ އެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައި ވާނަމަ، އެ އެއްޗެއްގެ ބާވަތާއި، ނަން، އަދި އެ މަސްތުވާ އެއްޗެއް ބަހައްޓާފައިވާ އެތި. (4) މަސްތުވާ އެއްޗެއް ތަހުލީލުކުރެވުނު ގޮތާއި، އޭގެ ނަތީޖާއެވެ. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރެވިފައިވާ ބަޔާންދޭ މީހާއަކީ، އެފަދަ ތަހުލީލުކޮށް ލިޔުންދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެކަމަށެވެ.
މުއްތަހަމްގެ ހިޔާޒަތުގެ ދަށުން ފެނިފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ސާބިތުކުރުމުގައި އެ ފެނުނު އެއްޗަކީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއްކަމާއި އެ އެއްޗެއްގެ ބަރުދަން ހިމެނޭ ވާޤިޢާ ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ގޮތުން ހެއްކެއްގެ ގޮތުގައި އެ ތަކެތި ތަހުލީލުކުރި ފަރާތް އަދި ތަހުލީލުކުރި ފަރާތުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ބަޔާންކޮށް ޝަރީޢަތަށް ހުށަހަޅަންޖެހޭނީ ދައުލަތުންނެވެ. ދައުލަތުން ހުށަހަޅާ އެފަދަ ހެއްކެއް ދަށު ކޯޓަށް ހާޒިރުކޮށް އެ ފަރާތުގެ ބަޔާން ނަގާފައިނުވާނަމަ، އަދި އެ ފަރާތާ ސުވާލުކުރުމުގެ ފުރުޞަތު ޚަޞްމުންނަށް ދީފައި ނުވާނަމަ، އެއީ އެ ޝަރީޢަތް ހިންގުމުގައި އައި އިޖުރާއީ އުނިކަމެއްކަމަށް ބެލިދާނެއެވެ.
މަޢުނަވީ ރުކުން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެއް ގްރާމަށްވުރެ ގިނައިން އަތުގައި ހުރުމުގެ ކުށުގެ މަޢުނަވީ ރުކުން ސާބިތުކުރާނީ އަތުގައި ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި އެ އެއްޗެއް ހުރިކަން އެނގިހުރެ (with knowledge) އެ އެއްޗެއް އަތުގައި ހުރުން ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރިކަން ސާބިތުކޮށްގެންނެވެ. އަތުގައި ބެހެއްޓި އެއްޗަކީ ނުވަތަ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އެއްޗަކީ މަސްތުވާ ތަކެތިކަން ނުވަތަ ނޫންކަން އެ މީހަކަށް އެނގުން ލާޒިމެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި ފަހުން ނިންމި މި ކޯޓުގެ ނަންބަރު21/SC-A/2016 (އަޙްމަދު ލަޠީފު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ބުނެފައިވެއެވެ. ދައުލަތުން، ކުށުގެ މަޢުނަވީ ރުކުން ސާބިތުކޮށްދޭން ޖެހޭނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތިއެވެ.
ދިފާޢު
ޖިނާއީ މައްސަލަތަކުގައި ވާޤިޢާތައް ކިޔައިދީ ކުށް ސާބިތުކުރުމުގެ ބުރަ މުއްތަހަމްއަށް ނެތް ނަމަވެސް، ދަޢުވާއަށް މުއްތަހަމް އިންކާރުކޮށް ދިފާޢު ނަގާނަމަ، ދިފާޢު ސާބިތުކުރުމުގައި ސާބިތުކުރުމުގެ ޤާނޫނީ ބުރަ އޮންނަ ޙާލަތުގައި އަދި ދިފާޢު ސާބިތުކުރުމުގައި ހެކި ހުށަހެޅުމުގެ ބުރަ އޮންނަ ޙާލަތުގައި އެ ބުރަ އޮންނާނީ މުއްތަހަމްއަށެވެ. ދިފާޢު ސާބިތުކުރުމުގެ ޤާނޫނީ ބުރަ އޮންނަ ޙާލަތުގައި މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން މުއްތަހަމް ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި ދިފާޢު ސާބިތުކުރުމުގެ ހެކި ހުށަހެޅުމުގެ ބުރަ އޮންނަ ޙާލަތުގައި، މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާމެދު ނުވަތަ ތުހުމަތުތަކާމެދު ޝައްކު އުފެދޭ މިންވަރަށް ކުށުން ބަރީޢަވުމަށް މުއްތަހަމް ހެކި ހުށަހަޅަން ޖެހޭނެއެވެ. މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑާމެދު މުއްތަހަމް ޝައްކު އުފައްދާނަމަ، ނުވަތަ މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާމެދު ނުވަތަ ތުހުމަތުތަކާމެދު ޝައްކު އުފެދޭ މިންވަރަށް ހެކި ހުށަހަޅާނަމަ، ދައުލަތުން ކުޅަ ދަޢުވާ ކާބިޔާބުވާނީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް މުއްތަހަމް ހުށަހެޅި ހެކި ނަފީކުރެވިގެންނެވެ.
އިސްތިއުނާފުކުރެވުނު ނުކުތާތަކަށް ޤާނޫނު ތަޠުބީޤުކުރުން
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 2 (ދޭއް) ނުކުތާއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ފުރަތަމަ ނުކުތާ
ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާއަކީ ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުރި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ދަޢުވާއާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ސާބިތުވާވަރަށް ކާފީހެކި ލިބިފައިވީނަމަވެސް، ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދަށުކޯޓާއި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ އިތުރަށް އޮޅުންފިލުވައިދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޙުސައިން މުޙައްމަދުމަނިކު މ. އަލްޓްރާވައިލެޓް ގެއަށްގޮސް އެ ގެއިން ޢަބްދުއްރަޙްމާން ޢަލީ ގެނައި މަސްތުވާތަކެތި ހުރި ފޮށިގަނޑާ ޙަވާލުވިކަމަށް ހެކިބަސް ލިބި އެ ހެކިބަހުގައި އެއްވެސް ޝުބުހާއެއް އޮޅުމެއްނެތް މިންވަރަށް އެނގެން އޮންނަކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު މައްސަލައިގައި ވީޑިއޯ ފުޓޭޖާއި ފިންގަރޕްރިންޓް ނެތްކަމަށް ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ހެކިންގެ ހެކިބަސް ނަފީކޮށް މައްސަލަ ސާބިތުނުވާކަމަށް ނިންމަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތިކަމަށެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކި ޖިނާއީ ކޯޓުންވެސް އަދި ހައިކޯޓުންވެސް ބަލައި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ޙާލަތުގައި އެފަދަ ބެލުމެއް ބަލަންޖެހުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއްކަން ވަރަށް ސާފެވެ. މި ކޯޓުގެ ނަންބަރު49/A-SC/2018 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ޤަޟިއްޔާގައި ބުނެފައިވަނީ، މި ބާރު ލިބެނީ އަންނަނިވި ޙާލަތްތަކުގައި ކަމަށެވެ.
(ހ) މައްސަލައިގައި ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުން.
(ށ) ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
(ނ) ޝަރީޢަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލް ގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ފެނުން.
(ރ) އެ މައްސަލައިގެ މައްޗަށް ތަޠުބީޤުކޮށްފައިވަނީ ނުބައި ޤާނޫނީ އުސޫލުތަކެއް ކަމުގައިވުން.
ދައުލަތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް 6 (ހައެއް) ހެއްކަކު ހާޒިރުކޮށްފައިވެއެވެ. އެ ހެކިންނަކީ، (1) އަޙްމަދު ޒަކީ، (2) ޢަލީ ނަޞީރު، ގ. މާލޭހިޔާ 02 03-15، (3) އިބްރާހީމް ރިމާޒް، (4) ޢަބްދުއްރަޙީމް ޢަލީ، ރޯސް، (5) ޢަބްދުﷲ ޙަސަން، އަދި (6) އަޙްމަދު އަޡީމް، ފުސްވިލާގެ އެވެ.
ޖިނާއީ ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް (2009/JC/2100) އަށް ބެލުމުން، ދައުލަތުން ހުށަހެޅި 6 (ހައެއް) ހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު ދައުލަތަށްވެސް އަދި މައްސަލަ ރައްދުވާ ޙުސައިން މުޙައްމަދުމަނިކު އަށްވެސް ދީފައިވާކަން އެނގެއެވެ. ދައުލަތުން ހުށަހެޅި ހެކިން ޝަރީޢަތަށް ދީފައިވާ ބަޔާންތައް ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ހިމަނާފައިވެއެވެ. ދައުލަތުން ހުށަހެޅި ހެކިން ދެއްކި ވާހަކަތަކަށް ރިޢާޔަތްކުރުމަށްފަހު ހެކިންގެ ފަރާތުން އެނގުނު ކަންކަން ވަރަށް ތަފްޞީލްކޮށް ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި ވަނީ ހިމަނާފައެވެ.
ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް (07/A-HC/2011) އަށް ބެލުމުން، ދައުލަތުން ހުށަހެޅި 6 (ހައެއް) ހެކިންގެ ހެކިބަސް މުޠާލިޔާކުރުމަށްފަހު ބުނެފައިވަނީ، ހުށަހެޅިފައިވާ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އިބްރާހީމް ރިމާޒްއާއި އަޙްމަދު އަޡީމްގެ ހެކިބަހުގައި، ޙުސައިން މުޙައްމަދުމަނިކު އައީ ފޮށިގަނޑުތަކާ ޙަމާލުވާށޭ ބުނުމުން، ޢަބްދުލްރަޙީމް ޢަލީ އެއް ފޮށިގަނޑު ޙުސައިން މުޙައްމަދުމަނިކުގެ އަތަށް ލާފައިގޮސް ދެވަނަ ފޮށިގަނޑު ހިފައިގެންއައިސް އެ ފޮށިގަނޑުމަތީ އަނެއް ފޮށިގަނޑު ބޭންދިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމަށާއި ޙުސައިން މުޙައްމަދުމަނިކު ޙަވާލުވިކަމަށް ބުނާ އެ ފޮށިގަނޑުތަކުން އޭނާގެ ފިންގަރޕްރިންޓް ފެނިފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ 0197/2015/FDL/K(d)" ފިންގަރޕްރިންޓް ދިމާނުވާކަމުގެ ލިޔުން" އަށް ބެލުމުން އެނގެން އޮންނަކަމަށެވެ. މި މައްސަލާގައި ފެނިފައިވާ މަސްތުވާ ތަކެއްޗަކީ ޙުސައިން މުޙައްމަދުމަނިކު ޙަވާލުވި ފޮށިގަނޑުތަކުން ފެނުނު ތަކެތި ކަމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުނާއިރު، ޙުސައިން މުޙައްމަދުމަނިކު އެ ފޮށިގަނޑުތަކާ ޙަވާލުވިކަމަށް ބުނާ ވަގުތު ފުލުހުން އެ ފޮށިގަނޑުތައް ކަނޑައި ބަލާފައިނުވާކަމަށާއި، އެ ފޮށިގަނޑުތަކުގައި އެއްވެސް އެއްޗެއް ހުރިނަމަ އެވަގުތު ޙުސައިން މުޙައްމަދު މަނިކަށް ދައްކަންވާނެ ކަމަށާއި، ނަމަވެސް ފޮށިގަނޑުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބަހައްޓައި، ޙުސައިން މުޙައްމަދުމަނިކު އެތާ ކޮޓަރިއަކަށް ލުމަށްފަހު އޭގެ ބައިގަޑިއިރަށްވުރެ ގިނައިރުވިފަހުން ފޮށިގަނޑުތައް ގެނެސް އެއްޗެއް ދައްކާ އެއީ މަސްތުވާތަކެތިކަމަށް ބުނެފައިވީނަމަވެސް، އެ ފޮށިގަނޑުތަކުގެ ޙާލަތު ބަދަލުކޮށް އެއަށް އެއްޗެއް ލުމުގެ އިޙްތިމާލު އޮތްކަމަށެވެ. އަދި ހަމައެކަނި އެ ފޮށިގަނޑުތައް ބަލައި ޙުސައިން މުޙައްމަދުމަނިކު އައިއައުމަކީ އެ ފޮށިގަނޑުތަކަކީ އޭނާގެ އެއްޗެއްކަން ސާބިތުވާކަމެއް ނޫންކަމަށާއި، ހަމައެފަދައިން އެކަމުގެ މައްޗަށް ބިނާކޮށް އެ ފޮށިގަނޑުތަކުގައި ހުރިއެއްޗެއްގެ ޒިންމާ އޭނާ އުފުލަންޖެހޭ ފަދަ އިތުރު ހެކި ނެތި އޭގެ ޒިންމާ ޙުސައިން މުޙައްމަދުމަނިކު އުފުލަންޖެހޭކަމަށް ކަނޑައެޅުމަކީ، ޢަދުލު އިންޞާފުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްކަމެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ 3 (ތިނެއް) ފަރާތެކެވެ. ޙުސައިން މުޙައްމަދުމަނިކު ހުށަހެޅި ހެކިންނަކީ، (1) އަޙްމަދު މުނައްވަރު، (2) ޝުރުހަބީލް އިބްރާހީމް، އަދި (3) އަޙްމަދު ސުނޫން، އެވެ. މި ހެކިންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުކުރެވޭ ދެމީހުން ހިމެނޭ ކަމަށާއި އިސްތިއުނާފު ކުރެވޭ މައްސަލައަކީވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކަށްވާއިރު، ޙުސައިން މުޙައްމަދުމަނިކު ބަރީޢަވުމުގައި ހެކިންގެ މަސްލަހަތު އޮތްކަމުގެ އިހްތިމާލުއޮތްއިރު، އެކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެއް ސަބަބު ކަމުގައި ބުނެފައިވާ ބުނުމާ ގުޅިގެން ހެކިންގައި ހުރުން ލާޒިމްވެގެންވާ ޝަރުޠުތަކުގެ މައްޗަށް ބެލުމަށްފަހު ހައިކޯޓުން ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުޠަކީ ޢަދުލުވެރިއެއް ކަމުގައިވުންކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް އެނގެންއޮންނައިރު، ހެކިވެރިއެއްގެ ކިބައިގައި ޢަދުލުވެރިކަމުގެ ސިފަހުރިކަމުގައި ބެލޭނީ އެ މީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި ކުދި ފާފަކުރުމުގައި ދެމި ނުހުންނަ މީހެއްކަމުގައި ވާނަމަކަމާއި، ބޮޑެތި ފާފަތަކަށް އަރައިގަންނަ އަދި ކުދި ފާފަކުރުމުގައި ދެމިހުންނަ ފާސިޤެއްގެ ހެކިބަސް އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަބޫލުނުކުރެވޭނެކަމަށާއި، އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ޤަޞްދުގައި މީހުން މެރުމާއި، ވައްކަންކުރުމާއި، ޒިނޭކުރުމާއި "ޤަޛްފް" ކުރުމާއި ބަނގުރާ ބުއިން ފަދަ ބޮޑެތި ޖަރީމާތައް ޝާމިލުވެގެންވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/A-SC/2012 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ބަޔާންކުރާފަދަ ކުށެއް ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢީ ހެކިންގެ މައްޗަށް ސާބިތުވެފައިވާކަން އެނގެންނެތް ކަމަށެވެ.
ހައިކޯޓުން މައްސަލަ ނިންމުމުގައި ބުނެފައިވަނީ މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު، ދަޢުވާއަށް ޙުސައިން މުޙައްމަދުމަނިކު އިންކާރުކުރާ ހާލު، ކުށާއި މުއްތަހަމާ ގުޅުވާލުމަށް ހަރުދަނާ ޤަރީނާތަކެއްނެތީސް، ހެކި ހުށަހެޅިފައިވާ މިންވަރުގެ މައްޗަށް އެކަނި ބުރަވެ ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާއަށް އިންކާރުކުރާ ހާލަތުގައި، ދަޢުވާ ރައްދުވާ ފަރާތާއި އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލާ ގުޅުވާލުމަށް ހަރުދަނާ ހެއްކާއި ޤަރީނާ ޝަރީޢަތަށް ހުށަހަޅައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް އެކަން ސާބިތުކޮށް ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެކެވެ. ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ދެއްކި ވާހަކަތަކަށް ބަލާއިރު، ޖިނާއީ ކޯޓުން އަދި ހައިކޯޓުން ހެކި ވަޒަންކޮށްފައިވަނީ ހެކި ވަޒަންކުރުމުގެ ޝަރުޢީ އަދި ޤާނޫނީ ކޮން އުޞޫލަކާ ޚިލާފަށް ކަމެއް ދައުލަތުން ބުނެއެއް ނުދެއެވެ. ދައުލަތާ ސުވާލުކުރުމުން ދައުލަތުން ތަކުރާރުކޮށް ބުނަނީ ޖިނާއީ ކޯޓުން އަދި ހައިކޯޓުން ހެކި ވަޒަންކޮށްފައި އޮތްގޮތް ރަނގަޅު ނޫން ކަމަށެވެ. އެ ބުނާބުނުން ފިޔަވައި، ޖިނާއީ ކޯޓާއި ހައިކޯޓުން މި މައްސަލައިގައި ހެކި ވަޒަންކުރިގޮތް ގޯސްވާ އެއްވެސް ސަބަބެއް ޝަރީޢަތަށް ސާބިތުކޮށް ދީފައެއް ނުވެއެވެ. އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތު ނުކުރެވޭނަމަ، އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް އަބަދުވެސް ބިނާވާންޖެހޭނީ ޤާނޫނީގޮތުން ޞައްޙަ ހަރުދަނާ ހެއްކާއި ޤަރީނާތަކުގެ މައްޗަށްކަން އެނގެއެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން ދެފަރާތުންމެ ޝަރީޢަތަށް ހުށަހެޅި ޝަފަހީ ހެކި، ޖިނާއީ ކޯޓުންނާއި ހައިކޯޓުން ވަޒަން ކޮށްފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެވުނު ދެވަނަ ނުކުތާ
ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަކީ މައްސަލައެއް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ނިންމާއިރު، މައްސަލަ ބެއްލެވި ފަނޑިޔާރު ބައްލަވަންޖެހޭނީ، އެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެއްކާއި ޤަރީނާއަށް ކަމަށްވީނަމަވެސް، މި މައްސަލައިގައި ފަނޑިޔާރު އެގޮތަށް ޢަމަލުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ އިތުރަށް ތަފްޞީލްކޮށްދެމުން ދައުލަތުން ބުނެފައިވަނީ މައްސަލަ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުން މައްސަލަ ސާބިތުވާ ވަރަށް ކާފީހެކި ލިބިފައިވަނިކޮށް، އެ ކަންކަމުގެ މައްޗަށް ނުބައްލަވައި، ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން އެދިވަޑައިގެންފައިވަނީ އިތުރު ހެކި ހުށަހެޅުމަށް ކަމަށާއި، އަދި ވީޑިއޯ ފުޓޭޖާއި ފިންގަރޕްރިންޓް ނެތްކަމަށް ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާއިރު، އެކަންކަމަކީ ހެކިންގެ ހެކިބަސް ނަފީކޮށް މައްސަލަ ސާބިތުނުވާކަމަށް ނިންމަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނޫންކަމަށެވެ.
ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ސާބިތުކުރުމުގެ ބުރަ އަބަދުވެސް އޮތީ ދައުލަތަށެވެ. ޤާނޫނުއަސީސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، ދައުލަތުން ސާބިތުކޮށްދޭންޖެހޭނެއެވެ. ފުރަތަމަ ކަމަކަށް ދައުލަތުން ސާބިތުކޮށްދޭންޖެހޭނީ ކުށުގެ މާއްދީ ރުކުނެވެ. އެފަހުން މަޢުނަވީ ރުކުނެވެ. ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް ކުށުގެ މާއްދީ ރުކުން ސާބިތުކޮށް ދިނުމަށް ދައުލަތުން ހުށަހަޅާފައިވަނީ ހަމައެކަނި ޝަފަހީ ހެއްކެވެ. ޝަފަހީ ހެކިބަސްދިން ފަރާތްތަކުގެ ހެކިބަސް ވަނީ ނަގާފައެވެ. މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އިބްރާހީމް ރިމާޒްއާއި އަޙްމަދު އަޡީމްގެ ހެކިބަހުގައި ޙުސައިން މުޙައްމަދުމަނިކު އައީ ފޮށިގަނޑުތަކާ ޙަމާލުވާށޭ ބުނުމުން، ޢަބްދުލްރަޙީމް ޢަލީ އެއް ފޮށިގަނޑު ޙުސައިން މުޙައްމަދުމަނިކުގެ އަތަށް ލާފައިގޮސް ދެވަނަ ފޮށިގަނޑު ހިފައިގެންއައިސް އެ ފޮށިގަނޑުމަތީ އަނެއް ފޮށިގަނޑު ބޭންދިކަމަށާއި ޙުސައިން މުޙައްމަދުމަނިކު ފޮށިގަނޑާ ހަވާލުވީކަމަށް ބުނެއެވެ. ހެކިބަސް ދީފައިވާ މި ދެ ފަރާތަކީ ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމުގައި ބައިވެރިވި ދެ އޮފިސަރުންނެވެ.
ކުރެވޭ ތުހުމަތުން ދިފާޢުވުމަށްޓަކައި ހެކި ހުށަހެޅުމަކީ ޙުސައިން މުޙައްމަދުމަނިކުގެ މައްޗަށް އޮތް ދުސްތޫރީ ޙައްޤެކެވެ. ދިފާޢުގައި، ޙުސައިން މުޙައްމަދުމަނިކު ހުށަހެޅި 3 (ތިނެއް) ޝަފަހީ ހެކިންނަކީ؛ (1) އަޙްމަދު މުނައްވަރު، (2) ޝުރުހަބީލް އިބްރާހީމް، އަދި (3) އަޙްމަދު ސުނޫން، އެވެ. މި 3 (ތިނެއް) ފަރާތުންވެސް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި ކަމަށާއި އެތަނަށް ޙުސައިން މުޙައްމަދުމަނިކު އައި ކަމަށާއި ސަލާމް ގޮވައިލުމަށްފަހު ގޭތެރެއަށް ވަތް ކަމަށާއި ނަމަވެސް ކޮޓަރިތެރެއަށް ނުވަންނަ ކަމަށާއި ޙުސައިން މުޙައްމަދުމަނިކު ގެއަށް ވަނުމުން ޢަބްދުއްރަޙީމް ޢަލީ އެތެރެއަށް ވަނުމަށް ބުނިކަމަށާއި ނަމަވެސް ކޮޓަރި ތެރެއަށް ޙުސައިން މުޙައްމަދުމަނިކު ނުވަންނަ ކަމަށާއި އެވަގުތު ޙުސައިން މުޙައްމަދުމަނިކު ތިމަންނަ އައީ މީހަކު ފޮނުވައިގެން ބޭސް ކޮތަޅެއް ބަލައިކަމަށް ބުނި ކަމަށާއި ނަމަވެސް ޢަބްދުއްރަޙީމް ޢަލީ 02 ފޮށިގަނޑު ހިފައިގެން އައިސް ބޭސް ކޮތަޅު ގެންގޮސްފިކަމަށް ބުނި ކަމަށާއި އެހެން ބުނުމުން ތިއީ ކޯއްޗެއްތޯ ޢަބްދުއްރަޙީމް ޢަލީ ގާތު ޙުސައިން މުޙައްމަދުމަނިކު އެހިކަމަށާއި، ޙުސައިން މުޙައްމަދުމަނިކު އައީ ބޭސް ކޮތަޅެއް ބަލައިކަމަށާއި ފޮށިގަނޑެއް ބަލައި ނޫންކަމަށް ޙުސައިން މުޙައްމަދުމަނިކު ބުނި ކަމަށާއި އެހެން ބުނުމުން ޢަބްދުއްރަޙީމް ޢަލީ އެ 02 ފޮށިގަނޑު ޙުސައިން މުޙައްމަދު މަނިކާ ދިމާލަށް އެއްލައިލި ކަމަށާއި ހަމަ ޔަޤީނުންވެސް އެއިން އެއްވެސް ފޮށިގަނޑެއްގައި ޙުސައިން މުޙައްމަދުމަނިކު ނުހިފާ ކަމަށާއި އެ 02 ފޮށިގަނޑު އެއްލައިލުމުން ޙުސައިން މުޙައްމަދުމަނިކުގެ ގައިގާ ޖެހިފައި އެ 02 ފޮށިގަނޑު ވެއްޓުނު ކަމަށާއި އެވަގުތު ޙުސައިން މުޙައްމަދުމަނިކު ފަހަތުން ކޮންމެވެސް މީހަކު އައިސް ހިފެހެއްޓިކަމަށާއި އެ ހިފެހެއްޓުމާއެކު ކޮޓަރި ތެރޭގައި ހުރި މީހަކު ޙުސައިން މުޙައްމަދުމަނިކު އަތުގައި ބިޑި އެޅުވިކަމަށެވެ.
ދައުލަތުން ހުށަހެޅި ހެކިން ހާދިސާ ކިޔައިދޭ ގޮތާއި ދިފާޢުގައި ޙުސައިން މުޙައްމަދުމަނިކު ހުށަހެޅި ހެކިން ހާދިސާ ކިޔައިދޭގޮތް ވަރަށް ތަފާތެވެ. މުއްތަހަމްގެ ހިޔާޒަތުގެ ދަށުގައި މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްވެސް އެއްޗެއް ނެތްކަމުގެ ދަލީލު ބޮޑަށް ބުރަވެވޭ މިންގަނޑުން ޝައްކު އުފައްދާނަމަ ނުވަތަ މުއްތަހަމްގެ މައްޗަށް ކުރެވޭ ތުހުމަތަކާމެދު ނުވަތަ ތުހުމަތުތަކާމެދު ޝައްކު އުފެދޭ ވަރަށް، ކުށުން ބަރީޢަވުމަށް، މުއްތަހަމް ހެކި ހުށަހަޅާނަމަ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް މުއްތަހަމް ހުށަހަޅާ ހެކި ނަފީކުރުމަކީ، މައްސަލަ ކާމިޔާބު ކުރުމަށް ދައުލަތުން ކުރަންޖެހޭނެކަމެކެވެ.
މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޙުސައިން މުޙައްމަދުމަނިކުގެ އަތުން ފެނުނު ކަމަށް ދައުލަތުން ބުނާ މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި ބޭސް އޭނާގެ ހިޔާޒަތުގެ ދަށުން ފެނުނު ކަމާ މެދު ހެކިން ހެކިބަސް ދީފައިވާގޮތް ތަފާތެވެ. ދައުލަތުން ހުށަހެޅި ހެކިން ބުނަނީ ޙުސައިން މުޙައްމަދުމަނިކު އެ ދެ ފޮށިގަނޑުގައި ހިފައި ފޮށިގަނޑުތަކާ ހަވާލުވި ކަމަށެވެ. ހާދިސާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވަނީ ޝަފަހީ ހެކިން ކަމަށް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނެއެވެ. އަދި، އެ ޝަފަހީ ހެކިންނަކީ، މަސްތުވާތަކެތި ހުރިކަމަށް ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ރޮށިއަޅާތަށި ލާފައިވާ ދެ ފޮށިގަނޑު ހިފައިގެން އިންޑިޔާއިން އައި ޢަބްދުއްރަޙީމް ޢަލީއާއި ހާދިސާ ހިނގިތަނުގައި ހުރި ފުލުސް އޮފިސަރާއި ކަސްޓަމްސް އޮފިސަރެވެ. ހާދިސާ ސާބިތުކުރުމަށް އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައެއްނެތެވެ. ޙުސައިން މުޙައްމަދުމަނިކުގެ ފަރާތުން ހުށަހެޅި ހެކިން ބުނަނީ މަނާކުރެވިފައިވާ މަސްތުވާތަކެތި އަދި ބޭސް ރާއްޖެ އެތެރެ ކުރި ފަރާތް ކަމަށްވާ ޢަބްދުއްރަޙީމް ޢަލީ އެ ދެ ފޮށިގަނޑު ޙުސައިން މުޙައްމަދުމަނިކުއާ ދިމާލަށް އެއްލީ ކަމަށެވެ. އެ ދެ ފޮށިގަނޑުގައި ޙުސައިން މުޙައްމަދުމަނިކު ހިފާފައި ނުވާކަމަށެވެ. މި ޙާލަތުގައި އިތުރު ހެކި އަދި/ނުވަތަ ޤަރީނާ ނެތި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި މައްސަލަ ޝަރީޢަތަށް ސާބިތެއްނުވާނެއެވެ.
ނިންމުން
ޖިނާއީ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫނެވެ. އަދި ޚާއްޞަކޮށް މަސްތުވާތަކެތީގެ ޢަމަލުތަކަކީ އޭގެ ނުރައްކާތެރިކަން ބޮޑު، މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާގުޅިފައިވާ ކަމެއްކަމަށްވާއިރު، އެފަދަ ޢަމަލުތައް ކުރާފަރާތްތަކަށް ލިބުން ޙައްޤު އަދަބުދީ، އެކަމުގެ ނުރައްކާތެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެވެ. ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ޙުކުމް ބިނާވާ އަސާސަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ، މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވުންކަމަށްވާއިރު، މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅަންވާނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެމީހެއްގެ މައްޗަށް އެކަން ސާބިތުވެ، އެމީހަކު ކުށެއް ކޮށްފިކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢުވުމުންކަމާއި، އެމީހެއްގެ މައްޗަށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތު ނުކުރެވޭހާ ހިނދަކު އެމީހަކީ ކުށުން ބަރީއަވެގެންވާ މީހެއްކަމުގައި ބެލުމުގެ ޙައްޤު ޤާނޫނުއަސާސީން ހަމަކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާކަން އެނގެއެވެ.
ހުށަހެޅިފައިވާ ދަޢުވާގައި ތުހުމަތުކުރެވޭ ފަރާތުން އިންކާރުކުރާނަމަ، އެ ކުށް ތުހުމަތުކުރެވިފައިވާ ފަރާތުން ކުރިކަމުގެ ދަލީލު ޤާއިމުކޮށް އެކަން ސާބިތުކުރުމަކީ ދައުލަތުގެ މައްޗަށް ޤާނޫނީގޮތުން އޮތް ޒިންމާއެކެވެ. އެގޮތުން، ކުށުގެ ތުހުމަތުގައިވާ މީހާގެ ތަޙްޤީޤު ހިންގާ ފަރާތުންނާއި ދަޢުވާކުރާ ފަރާތުން އެ ދަޢުވާ ސާބިތުކުރުމަށްޓަކައި ބޭނުންވާނެ ހެއްކާއި ޤަރީނާ ޤާއިމްކުރުމަކީ އެފަރާތްތަކުގެ ޤާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަން އެހެން އޮތްނަމަވެސް، ތުހުމަތުކުވިފައިވާ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އެފަދަ ހަރުދަނާ ދަލީލުތައް މި މައްސަލައިގައި ޝަރީޢަތަށް ހުށަހަޅާފައެއް ނުވެއެވެ. މި މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ ޝަފަހީ ހެކިންނެވެ. އެ ހެކިންގެ ހެކިބަސް ނަފީކުރުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުންވެސް ޝަފަހީ ހެކިން ހުށަހަޅާފައިވާއިރު، ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނަފީކުރެވޭފަދަ ހަރުދަނާ ދަލީލުތަކެއް ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ. މި މައްސަލައިގައި ފުލުހުން ހިންގާފައިވަނީ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށް ބުނެފައިވާއިރު، އެކަމާގުޅޭ ވީޑިއޯ ރެކޯޑިންގ އެއްވިޔަސް ޝަރީޢަތަށް ހުށަހަޅާފައެއް ނުވެއެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން ފޮށިގަނޑުތަކާ ޙަވާލުވިކަމަށް ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވާއިރު އެކަމަށް ތުހުމަތުކުރެވޭ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އަދި އެ ފޮށިގަނޑުތަކާ ތުހުމަތުކުރެވޭ ފަރާތުން ޙަވާލުވެފައި ނުވާކަމަށް ތުހުމަތުކުރެވޭ ފަރާތުން ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހުގައި ބުނެފައިވާ ބުނުމަށާއި، އެ ފޮށިގަނޑުތަކުން ތުހުމަތުކުރެވޭ ފަރާތުގެ ފިންގަރޕްރިންޓް ފެނިފައިނުވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 0197/2015/FDL/K(d) "ފިންގަރޕްރިންޓް ދިމާނުވާކަމުގެ ލިޔުން" ގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާދިސާ ސިފަކޮށް ދަލީލު ޤާއިމުކުރިގޮތުން މައްސަލަ ބަލާ ފަނޑިޔާރަށް އެ ދަލީލުތަކުން ނެރެވުނު ނަތީޖާއާމެދު ޝައްކު އުފެދި، ނުވަތަ ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވިފައިނުވާނަމަ، އެ ޝައްކު އެކަށީގެންވާ މިންވަރަށް ފިލާގޮސް، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިނާޢު ވެވޭފަދަ ހަރުދަނާ ދަލީލުތައް ޤާއިމްކުރުމަކީ ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް، އެފަދަ ހަރުދަނާ ދަލީލުތަކެއް މި މައްސަލާގައި ހުށަހަޅާފައިނެތްކަން މި މައްސަލައިގެ ދަށުކޯޓާއި ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓާއި މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެންއޮވެއެވެ. އިސްވެބަޔާންކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ބަލަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/07 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއް ސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.