ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 48 · 2019/SC-A/07ސުޕްރީމް ކޯޓު · 28 އޭޕްރީލް 2021 · މަދަނީ – ޙުކުމް ތަންފީޛުކުރުން؛ މުއްދަތު ފަހަނައެޅުމަށްފަހު އިސްތިއުނާފު

ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
11 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 އޭޕްރީލް 2021ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން 77/P2C/2015 ގައި 6 މަހުގެ ތެރޭގައި ގެ އަޅައި ޙަވާލުކުރުމަށް ނުވަތަ ގެ އަޅާ ފައިސާ ޙަވާލުކުރުމަށް ދައުލަތަށް އަންގައި ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ސުނާމީ ކާރިޘާގައި ހަލާކުވި ގެއެއް، ސަރުކާރުން ހިލޭ އަޅައިދޭ ގެތައް ފަދައިން އަޅައިދިނުމަށް 2010 ގައި ވިލިނގިލީ ކޯޓުން ދައުލަތަށް އަންގައި ޙުކުމްކުރިއެވެ. ދައުލަތުން އެ ޙުކުމް އިސްތިއުނާފު ނުކުރެއެވެ. ޙުކުމް ތަންފީޛުނުވުމުން، ތަންފީޛަށް އެދި 2012 އާއި 2015 ގައި ދެ މައްސަލައެއް ހުށަހެޅުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުނާމީ ކާރިޘާގައި ގެއްލުނު ގެއެއް އަޅައިދިނުމަށް ދައުލަތަށް އަންގާ ކުރެވުނު ޙުކުމެއް، ކުރިން ގެ މަރާމާތަށް ފައިސާ ދީފައިވާތީ ތަންފީޛުކުރެވިފައިވާ ކަމަށް ބެލެވޭނެތޯ، އަދި 10 އަހަރަށްވުރެ ފަހުން އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ދައުލަތަށް ލިބޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ގެ މަރާމާތަށް ފައިސާ ދީފައިވާތީ ޙުކުމް ތަންފީޛުވެފައިވާ ކަމަށާއި، ގެއެއްވެސް އަޅައިދިނުމަކީ ނުޙައްޤު މަންފާއެއް ކަމަށާއި، ނޫންނަމަ ފުރަތަމަ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު ދޭންވާނެ ކަމަށެވެ. ރައްދުވާ ފަރާތުން އެދުނީ ހައިކޯޓުގެ ޙުކުމް ނިހާއީ ކަމަށް ކަނޑައަޅައި ވީއެންމެ އަވަހަށް ތަންފީޛުކޮށްދިނުމަށެވެ.
ކޯޓުގެ ސަބަބުތައް
ޙުކުމުގައި ކަނޑައަޅާފައިވާ ގޮތަށް ގެ ނުވަތަ ގެ އަޅާ ފައިސާ ދީފައިނުވާތީ ޙުކުމް ތަންފީޛުވެފައެއް ނުވެއެވެ. ޙުކުމް ނިމިގެން 10 އަހަރަށްވުރެ ފަހުން، މަޤުބޫލު ސަބަބެއް ނެތި އިސްތިއުނާފުގެ ހުއްދަ ނުދެވޭނެއެވެ؛ ދައުލަތް ތަމްޘީލުކުރެވިފައިވެއެވެ. ކުރިން ދިން މަރާމާތުގެ ފައިސާ އުނިކޮށް ތަންފީޛުކުރަންވާނެކަމަށް ފާހަގަކޮށް، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-S-A/39
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޙުކުމުގައި ގޯތި ތެރޭގައި ގެ އަޅައި ޙަވާލުކުރުމަށް، ނުވަތަ ވެރި ފަރާތަށް ފައިސާ ދީގެން ގެ އެޅުމުގެ މަސައްކަތް ކުރުވާނަމަ އެ އުޞޫލުން ފައިސާ ޙަވާލުކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ޙުކުމުގެ މައުޟޫޢުގައިވާ ކަމެއް ތަންފީޛު ކުރެވުނީ ކަމުގައި ބެލެވޭނީ، ފައިސާގެ އެހީއެއް ފޯރުކޮށްދޭނަމަ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ގެއެއް އެޅޭނެ ފައިސާ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ޙަވާލުކުރުމުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2008) ގައިވާ ގޮތުގެމަތިން، މާލޭގައި ޤާއިމުވެހުރި ކޯޓަކުން ނިންމާ މައްސަލައެއް ނިންމިތާ 90 ދުވަހުގެ ތެރޭގައި، އަދި އަތޮޅުތަކުގައި ޤާއިމުވެފައިވާ ކޯޓަކުން ނިންމާ މައްސަލައެއް ނިންމާތާ 180 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަކަމުގައިވިޔަސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން ހުށަހަޅާ އިސްތިއުނާފެއް ޤަބޫލުކުރުމުގެ އިޚްތިޔާރު ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ؛ އަދި މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ، އިސްތިއުނާފަށް ހުށަހަޅާ ފަރާތުންނެވެ.

މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްތޯ ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކުގެ ތެރޭގައި، ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުމާއި، ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ޙުކުމް ބިނާވެފައިވުމާއި، ޠަބީޢީ ކާރިޘާތަކާއި ހަނގުރާމައިގެ ޙާލަތާއި މަދަނީ ހަމަނުޖެހުންތަކާއި ޢާންމުވެގެންވާ ރޯގާ ބަލިމަޑުކަމުގެ ޙާލަތާއި، ދަށު ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުން ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން ފުރުޞަތު ލިބިފައިނެތުމާއި، އިސްތިއުނާފުކުރާ ފަރާތުގެ ބަލި ޙާލަތުގެ ސަބަބުން ފުރުޞަތު ނުލިބުމާއި، ޙުކުމް ނުވަތަ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޢަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން ހިމެނެއެވެ.

ޝަރީޢަތުން ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރެވިފައި ނުވާކަން އެނގޭ ހިނދު، އެ ޙުކުމް ތަންފީޛުކުރުމަކުން ނުޙައްޤު މަންފާއެއް ލިބުނީ ކަމަކަށް ނުދެކެމެވެ.

ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދައުލަތުގެ ނަމުގައި މަދަނީ ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޒިންމާއަކީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ޒިންމާއެކެވެ.

ތަންފީޛުކުރުމަށް ހިންގުނު މައްސަލަތައް އިސްތިއުނާފުނުކޮށް، ޙުކުމް ތަންފީޛުކުރުމަށް ހުށަހެޅުނު މައްސަލައެއްގެ ޙުކުމާމެދު ކުރާ އިސްތިއުނާފެއްގެ ތެރެއިން، އިސްތިއުނާފުކުރުމުގެ މުއްދަތު ފަހަނައަޅާ ދިޔަތާ 10 އަހަރު ދުވަހަށް ފަހު، މަޤުބޫލު ސަބަބެއް ނެތި ތަންފީޛުކުރެވޭ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަކީ ކަނޑައެޅިފައިވާ އިޖުރާއާތާ ޚިލާފު ކަމެކެވެ.

ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުން އެކަނިއެވެ؛ ތަންފީޛުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނާނެއެވެ؛ އަދި ޙުކުމެއް ކޯޓަކުން ކުރުމާއެކު އެ ޙުކުމެއް ރައްދުވާ ފަރާތަކުން އެ ޙުކުމުގައިވާ ގޮތަކަށް ޢަމަލުކުރުން ލާޒިމުވާނެއެވެ.

ޙުކުމެއް ތަންފީޛުކުރުމުގައި އޮތް ތުރާލެއް ފިލުވުމަކީ ނެތް ކަމެއް ނޫނެވެ؛ ޙުކުމް ކުރުމުގެ ކުރިން ގެ މަރާމާތުކުރުމަށް ޙަވާލުކޮށްފައިވާ ފައިސާއަކީ، ގެއެއް އަޅައިދޭނަމަ އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ ފައިސާއެކެވެ؛ ގެ އެޅުމަށް ފައިސާ ދޭނަމަ، ދޭން ނިންމާ ފައިސާއިން އެ ޢަދަދު އުނިކުރުމަށްފަހު ޙުކުމް ތަންފީޛުކުރުން ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ (ފުރަތަމަ މަރުޙަލާގެ ކޯޓުން ބަރޯސާވި)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2008) (އިސްތިއުނާފުގެ މުއްދަތު އަދި މަޤުބޫލު ސަބަބު)
  • އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު (ސުޕްރީމް ކޯޓު)
  • 2012/HC-A/254 (ހައިކޯޓު)

ފަނޑިޔާރުން

ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) (މީގެ ފަހުން "ދައުލަތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މަޢުރޫފާ އަބޫބަކުރު، […] (އައިޑީ ގެ މައްޗަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

2004 ޑިސެންބަރު 26 ވަނަ ދުވަހު ދިމާވި ސުނާމީ ކާރިޘާގައި ގއ. ވިލިނގިލީގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ސަރުކާރުގެ ހިލޭ އެހީގައި އަލުން އިމާރާތްކުރުމަށް ސަރުކާރުން ކަނޑައެޅި ގެތަކުގެ ތެރޭގައި […] ހިމަނާފައި ނުވާތީ، އެ ގެއަކީވެސް ސުނާމީ ކާރިޘާގައި ގެއްލުން ލިބުނު ގެއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ މައްޗަށް ކުރީގެ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކޯޓުގައި މަޢުރޫފާ އަބޫބަކުރުގެ ފަރާތުން ދަޢުވާ އުފުލިއެވެ. މި މައްސަލަ އެ ކޯޓުގައި ހިންގާފައިވަނީ އެ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގައެވެ. މި މައްސަލަ އެ ކޯޓަށް ބަލައި ގަނެފައިވަނީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ޙުކުމްކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް، މި މައްސަލައިގައި 2010 ވަނަ އަހަރުގެ ޤަޟިއްޔާ ނަންބަރެއް ކަމުގައިވާ 94/P2C/2010 ބަޔާންކޮށްފައިވެއެވެ. މިކަން ސާފުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުން މިދާ މައްސަލައިގައި ތަންފީޒުކުރުމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅަން ޖެހިފައިވާ މައްސަލައިގެ ސައްޙަ ޤަޟިއްޔާ ނަންބަރަކީ 94/P2C/2009 ("ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާ" ނުވަތަ "ތަންފީޒު ކުރެވޭ ޤަޟިއްޔާ") މިއެވެ. އެހެންކަމުން، މި މައްސަލައިގައި ޝަރުޢީ އެކި މަރުޙަލާތަކުގައި، ލިޔެކިއުންތަކުގައި މީގެ ކުރިން 2010 ވަނަ އަހަރުގެ ޤަޟިއްޔާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ލިޔުމުގެ ކުށެއްގެ ސަބަބުކަން އެނގެން އޮތް ހިނދު، ސައްޙަ ޤަޟިއްޔާ ނަންބަރަކީ ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާކަމުގައި ކަނޑައަޅައި އެކަން އިސްލާޙުކުރަމެވެ.

ކުރީގެ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގެ ޙުކުމް ތިރީގައި ނަކަލު ކުރަމެވެ.

"ދެންފަހެ، 26 ޑިސެމްބަރ 2004 ގައި ދިމާވި ސުނާމީ ކާރިޘާއާ ގުޅިގެން ގއ. ވިލިނގިލީ ގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ސަރުކާރުގެ ހިލޭ އެހީގައި އަލުން އިމާރަތް ކުރުމަށް ސަރުކާރުން ކަނޑައެޅުއްވި ގެތަކުގެ ތެރޭގައި ހިމަނައިގެން އަޅަންޖެހޭ ގެއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި […]އަބޫބަކުރު ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށްފައިވާ ހިނދު، […]މި ކޯޓުގެ ނަންބަރ: 05/P2C/2002 (18 ސެޕްޓެންބަރު 2003މ) ޤަޟިއްޔާއިން މަޢުރޫފާ އަބޫބަކުރަށް ތަރިކައިގެ އުސޫލުން ޝަރުތުތަކާއެކު މިލްކުވާ ގެއެއްކަން އެނގެން އޮތުމާއި، […]ބޮޑުބައެއް ސުނާމީ ކާރިޘާ ގައި ހަލާކުވެފައިވާ ކަން […]. އަތޮޅު އޮފީހަށް ފޮނުވާފައިވާ ނަންބަރުP2-A/2005/964 (26 ނޮވެންބަރ 2005މ) ސިޓީންނާއި، ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރާތުގެ (ދައުލަތުގެ ވަކީލުގެ) ބަހުން އެނގެން އޮންނަކަމާއި، އަދި ސުނާމީ ކާރިޘާގައި ރަންކޮކާގެ އަށާއި، އެ ކާރިޘާގައި ގެއްލުން ލިބިގެން އަލުން އަޅަން ނިންމާފައިވާ ގެތަކަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު ރަންކޮކާގެއަކީ އަލުން އަޅަންޖެހޭ ވަރަށް ހަލާކުވެފައިވާ ގެއެއްކަމަށާއި، އަދި ރަންކޮކާގެއަކީ ސަރުކާރުން އަޅަންޖެހޭ ގެއެއްކަމުގައި ދެކޭކަމުގައި ދައުލަތުގެ ވަކީލު ޝަރީޢަތުގައި ބުނެފައިވުމާއި، އެއްގޮތް ޙާލަތުގައި ހަމަހަމަ އުސޫލަކުން ޙައްޤުތައް ރައްޔިތުންނަށް ލިބިދޭންޖެހޭކަމުގައި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ" 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާއި؛ މި ކަންކަން އިސްވެ ބުނެވުނު މަގުން ފެންނާން ހުރުމުން […]އަބޫބަކުރު ކުޅަ މި ދަޢުވާގައިވާ […]ސުނާމީ ކާރިޘާގައި ހަލާކުވެ ހިލޭ އަޅައިދިނުމަށް ސަރުކާރުން ނިންމި ގެތައް ފަދައިން ސަރުކާރުން އަޅައިދޭންޖެހޭ ގެއެއްކަމުގައި ކަނޑައަޅައި، ސުނާމީ ކާރިޘާއާ ގުޅިގެން ގެއްލުންވި ގެތަކުގެ ބަދަލުގައި ސަރުކާރުގެ ޚަރަދުގައި ހިލޭ ގެދޮރު އަޅައިދިނުމުގެ މަސައްކަތް ގއ. ވިލިނގިލީގައި ކުރައްވާ ސަރުކާރުގެ އެންމެހައި އިދާރާތަކަށް […]ބަންޑާރަ ގޯތީގައި ސުނާމީ ކާރިޘާއާ ގުޅިގެން އަޅައިދޭ ގެތައް އަޅައިދޭ ފެންވަރުގައި ގެއެއް އަޅައިދިނުމަށް އަމުރުކޮށް މި ޤަޟިއްޔާ ނިންމީމެވެ."

ބުނެވިދިޔަ ތަންފީޒުކުރެވޭ ޤަޟިއްޔާ ދައުލަތާ ދެކޮޅަށް ނިމުނުކަމުގައި ވިޔަސް މި މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައި ނުވެއެވެ. މި ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ސުނާމީ ކާރިޘާއާ ގުޅިގެން އަޅައިދޭ ގެތައް ފަދައިން ދައުލަތުގެ ޚަރަދުގައި […] އެވެ ކިޔާ ބަންޑާރަ ގޯތީގައި ގެއެއް އަޅައިދިނުމަށް އަންގައި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވީ ނަމަވެސް، އެ ޤަޟިއްޔާގައި ގެ އަޅައިދޭނެ ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވުމުން އެ ޙުކުމަށް ދައުލަތުން އެކަށީގެންވާ އިޖާބައެއް ދީފައިނުވާ ކަމަށް ބުނެ، އެ ޙުކުމުގައި ސަރުކާރުން މަޢުރޫފާ އަބޫބަކުރަށް އަޅައިދިނުމަށް އަންގާފައިވާ ގެ އަޅައިދޭނެ ވަކި މުއްދަތެއް ކަނޑައަޅައި ދިނުމަށް އެދި މަޢުރޫފާ އަބޫބަކުރުގެ ފަރާތުން ދައުލަތަށް ރައްދުވާ ގޮތަށް ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 02 ވަނަ ދުވަހު ހުށަހެޅިއެވެ.

ޙުކުމް ތަންފީޒުކުރަން ހުށަހެޅުން

ތަންފީޒުކުރެވޭ ޤަޟިއްޔާގައި ޙުކުމް ތަންފީޒުކުރުމަށް އެދި ހުށަހެޅި މައްސަލަ ބަލާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 317/P2C/2012 ޤަޟިއްޔާއިންނެވެ. މިއީ މި މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ހުށަހެޅުނު ފުރަތަމަ މައްސަލައެވެ. މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ގއ. ވިލިނގިލީގައި ސުނާމީ ކާރިޘާއާ ގުޅިގެން އެޅުމަށް ކަނޑައެޅިފައިވާ ގެތައް އެޅުމުގެ މަސައްކަތްކޮށް އެ ގެތައް ނިންމައި، އެ ގެތައް ސަރުކާރުން އެ ގެތަކުގެ ވެރިންނާއި ޙަވާލު ކުރެވޭއިރު ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގައި […] ގޯތިތެރޭގައި އެޅުމަށް ޙުކުމްކޮށްފައިވާ ގެ މަޢުރޫފާ އަބޫބަކުރުއާ ޙަވާލުކުރުމަށާއި އަދި އެ ގެތަކުގެ ވެރި ފަރާތްތަކަށް ފައިސާ ދީގެން ގެތައް އެޅުމުގެ މަސައްކަތް ދައުލަތުން ކުރުވާނަމަ، އެ ފައިސާ ޙަވާލު ކުރާއިރު މި އުޞޫލުން މަޢުރޫފާ އަބޫބަކުރަށްވެސް އެ ގޭގެ ފައިސާ އޭނާ އާ ޙަވާލުކުރުމަށް ދައުލަތަށް އަންގައި ޙުކުމް ކޮށްފައި ވާ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 317/P2C/2012 ޤަޟިއްޔާ ވެސް ދައުލަތުން އިސްތިއުނާފުކޮށްފައި ނުވެއެވެ.

ތަންފީޒު ކުރެވޭ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމް ތަންފީޒު ކުރެވިފައި ނުވާތީވެ އެ ޙުކުމް ތަންފީޒު ކޮށްދިނުމަށް އެދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މަޢުރޫފާ އަބޫބަކުރު އިތުރު މައްސަލައެއް 2015 ވަނަ އަހަރުގެ އެޕްރީލު މަހުގެ 09 ވަނަ ދުވަހު ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުގައި ހިންގާފައިވަނީ އެ ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާ އިންނެވެ. އަދި މިއީ ޙުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ހުށަހެޅުނު ދެވަނަ މައްސަލައެވެ. މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ތަންފީޒުކުރެވޭ ޤަޟިއްޔާގައި ޙުކުމްކޮށްފައިވާ ފަދައިން […] ގޯތިތެރޭގައި ގެ އަޅައި، މަޢުރޫފާ އަބޫބަކުރާއި ޙަވާލުކުރުމަށާއި ނުވަތަ ގެތަކުގެ ވެރިފަރާތްތަކަށް ފައިސާދީގެން ގެ އެޅުމުގެ މަސައްކަތް ކުރުވާނަމަ އެ ފައިސާ މަޢުރޫފާއި އަބޫބަކުރާ ޙަވާލުކުރުމަށް ދިވެހި ދައުލަތަށް އަންގާ ކަމުގައެވެ.

ބުނެވިދިޔަ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ދެވަނަ މައްސަލަ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަނުޖެހިގެން، ދައުލަތުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ބަލާ ނިންމާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާއަށް ތާއީދުކޮށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ މައިގަނޑު 02 (ދޭއް) ސަބަބެވެ.

(ހ) ފުރަތަމަ ނުކުތާއަކީ، ސުނާމީ ކާރިޘާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުގެ ގޯއްޗަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ފައިސާ ދީފައިވަނިކޮށް، ހަމަ އެ ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ހައުސިންގ ޔުނިޓެއް ލިބިދިނުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ޙައްޤުނޫން މަންފާއެއް ލިބިގެންދާނެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައި ވީނަމަވެސް، އެ ކަންކަމަށް ޝަރީޢަތުން ރިޢާޔަތް ކޮށްފައި ނުވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

(ށ) ދެވެނަ ނުކުތާއަކީ، ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކޯޓުތަކަށް ހުށަހެޅޭ ޤަޟިއްޔާތަކާ ގުޅިގެން ބެލޭނީ، ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ޤަޟިއްޔާގައި އަދާކުރަންޖެހޭ އިލްތިޒާމްތައް، ޙުކުމާ އެއްގޮތަށް އަދާކޮށްފައި ވޭތޯ ނުވަތަ ނޫންތޯ ކަމާ މެދުކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/254 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ކަމަށް ބަޔާންކޮށް، އެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާއިން ބެލި މައްސަލައިގައި ތަޠުބީޤު ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށެހެޅި ނުކުތާއެވެ.

ބަޔާންވެދިޔަ ދެ ނުކުތާގެ މައްޗަށް ބިނާކޮށް ދައުލަތުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައި މިވާ މައްސަލައިގައި އެދިފައިވަނީ، ހުވަދުއަތޮޅު އުތުރުބުރި ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ވިލިނގިލި ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން މަޢުރޫފާ އަބޫބަކުރަށް ގެ މަރާމާތުކުރުމަށް ފައިސާ ޙަވާލު ކުރެވިފައިވާތީވެ، މިއީ ތަންފީޒު ކުރެވިފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އަދި މިގޮތަށް ކަނޑައަޅައި ދެވެން ނެތް ކަމުގައިވާނަމަ، ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ދައުލަތަށް އޮތްކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ޞަރީޙަކޮށް ފެންނަން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/39 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއް ކަމަށް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް މި މައްސަލައިގެ ޙުކުމް ތަންފީޒުކޮށް ދިނުމަށް އެދި ދައުލަތުގެ މައްޗަށް އަމުރެއް ކޮށްދިނުމަށެވެ.

މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ، ތަންފީޒުކުރެވޭ ޤަޟިއްޔާގެ ޙުކުމުގައިވާ މައުޟޫޢު ތަންފީޒު ކުރެވިފައިވާކަމަށް ދައުލަތުން ދެކޭ ހިނދު، އެ މައްސަލައިގެ ޙުކުމް ތަންފީޒު ކުރެވިފައިވާކަމަށް ކަނޑައަޅައި ދިނުން ނުވަތަ ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ޙައްޤު ދައުލަތަށް އޮތްކަމަށް ކަނޑައަޅައި ދިނުމަށްކަމާއި އަދި އޭގެ ތަފުސީލު ވިދިގެން އަންނަ ފޮޅުވަތްތަކުގައި އެވަނީއެވެ.

ތަންފީޒުކުރެވޭ ޤަޟިއްޔާގައިވާ ޙުކުމް ތަންފީޒު ކުރެވިފައިވޭތޯ ބެލުން

ދައުލަތުން އެދިފައިވާ ފުރަތަމަ ކަމަކީ، ތަންފީޒުކުރެވޭ ޤަޟިއްޔާގެ މައުޟޫޢުގައިވާ ކަންކަން ތަންފީޒު ކުރެވިފައިވާ ކަމަށް ދެކޭ ކަމާއި، ސުނާމީ ކާރިޘާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދީފައިވަނީ ދެ ގޮތަކަށް ކަމާއި، އެއީ ބޯހިޔާވަހިކަމަށް ލިބިފައިވާ ގެއްލުން ވަޒަންކޮށް ގެ މަރާމާތުކުރުމަށް ފައިސާ ދިނުން ނުވަތަ ދިރިނުއުޅެވޭ ފަދަ ހިޔާވައްސެއްނަމަ، ގެއެއް ނުވަތަ ހައުސިން ޔުނިޓެއް އަޅައިދިނުމެވެ. ދައުލަތުން ބުނެފައިވާ މަޢުރޫފާ އަބޫބަކުރުގެ ގެ މަރާމާތުކުރުމަށް ފައިސާ ދީފައި ވާކަމާއި، އެހެންކަމުން ތަންފީޒުކުރެވޭ ޤަޟިއްޔާގައި ޙުކުމް ތަންފީޒުކުރެވިފައި ވާކަމަށް ދެކޭ ކަމާއި، އެ ފައިސާގެ އިތުރުން ގެއެއް އަޅައިދޭނަމަ، އެ ފަރާތާ އެ ޙަވާލުކުރެވެނީ ނުހައްޤު މަންފާއެއް ކަމަށެވެ. ނަމަވެސް މިކަމަށް ބަލާއިރު މަޢުރޫފާ އަބޫބަކުރު ކޯޓަށް މައްސަލަ ހުށަހެޅީ ލިބިފައިވާ ފައިސާގެ އެހީއާމެދު ހިތްހަމަ ނުޖެހިގެންކަން އެނގޭކަމާއި، ތަންފީޒުކުރެވޭ ޤަޟިއްޔާގައިވަނީ […] ގޯތި ތެރޭގައި ގެ އަޅައި، މަޢުރޫފާ އަބޫބަކުރުއާ ޙަވާލުކުރުމަށް ނުވަތަ ދައުލަތުން ވެރި ފަރާތަށް ފައިސާ ދީގެން ގެ އެޅުމުގެ މަސައްކަތް ކުރުވާނަމަ، މި އުޞޫލުން ފައިސާ މަޢުރޫފާ އަބޫބަކުރަށް ޙަވާލުކުރުމަށް ތަންފީޒުކުރެވޭ ޤަޟިއްޔާގައި ކަނޑައަޅާފައިވާތީވެ، އެ ޙުކުމުގެ މައުޟޫޢުގައިވާ ކަމެއް ތަންފީޒު ކުރެވުނީ ކަމުގައި ބެލެވޭނީ، ފައިސާގެ އެހީއެއް ފޯރުކޮށްދޭނަމަ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ގެއެއް އެޅޭނެ ފައިސާ ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން މަޢުރޫފާ އަބޫބަކުރާ ޙަވާލު ކުރުންކަމާއި މިގޮތަށް ދައުލަތުން ޢަމަލުކޮށްފައި ނުވާކަން ދައުލަތުގެ ބަހުން އެނގޭތީވެ ތަންފީޒުކުރެވޭ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވިފައި ނުވާކަން ދަލާލަތު ކޮށްދެއެވެ.

ނަމަވެސް ދައުލަތުން ފާހަގަކޮށްފައިވާ ތަންފީޒުކުރެވޭ ޤަޟިއްޔާ ކޯޓަށް ހުށަހެޅުމުގެ ކުރިން ދައުލަތުން މަޢުރޫފާ އަބޫބަކުރުގެ ގެ މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ 35,843/60ރ. (ތިރީސް ފަސްހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ ފަސްދޮޅަސް ލާރި) އެ ފަރާތަށް ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤުރާރުވެފައިވާތީވެ، މި ފައިސާއަކީ މަޢުރޫފާ އަބޫބަކުރު ދައުލަތަށް އަބުރާ ދައްކަންޖެހޭނެ ފައިސާ އެއްކަމަށް ދެކޭ ހިނދު، މިފައިސާ ހޯދުމުގެ ޙައްޤު ދައުތަލަށް ލިބިގެން ވެއެވެ.

ތަންފީޒުކުރެވޭ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް އެދިފައިވުން

ދައުލަތުން އެދިފައިވާ ދެވަނަ ކަމަކީ ތަންފީޒުކުރެވޭ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. މިކަމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން ފާހަގަކުރަމެވެ.

ތަންފީޒުކުރެވޭ ޤަޟިއްޔާ ކަމުގައިވާ ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގެ ޙުކުމް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކޯޓަށް މަޢުރޫފާ އަބޫބަކުރު ހުށަހެޅީ 2009 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ ކޯޓުން އެ މައްސަލައިގައި ޙުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އެހެންކަމުން މި މައްސަލަ އެ ކޯޓުން ނިމުނު ފަހުން މިހާތަނަށް 10 (ދިހައެއް) އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވެއެވެ.

ތަންފީޒުކުރެވޭ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މައްސަލަ ނިންމިތާ 180 (ސަތޭކަ އައްޑިހަ) ދުވަސް ކަން އެއިރު ޢަމަލު ކުރަމުން ދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު (2008) އަށް ބެލުމުން އެނގެއެވެ. މިގޮތުން މި ގަވާއިދުގައިވާ ގޮތުގެމަތިން، މާލޭގައި ގާއިމުވެހުރި ކޯޓަކުން ނިންމާ މައްސަލައެއް ނިންމިތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލައެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ހިނދު، އަތޮޅު ތަކުގައި ގާއިމުވެފައިވާ ކޯޓަކުން ނިންމާ މައްސަލައެއް އެ ނިންމުން ނިންމާތާ 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނޭކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން، ތަންފީޒުކުރެވޭ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ފުރުސަތަކަށް އެދިފައިވަނީ އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަތާ 10 (ދިހައެއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ދިޔަފަހުންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގައި، އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަކަމުގައިވިޔަސް އިސްތިއުނާފު ކުރެވިދާނެ އިސްތިސްނާއީ ޙާލަތެއް ވަނީ ބަޔާންކޮށްފައެވެ. އެއީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވުމެވެ. އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެން އިސްތިއުނާފުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފީ ހުށަހެޅުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ އިސްތިއުނާފު ޤަބޫލުކުރުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުން ދީފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އަދި މިފަދަ ސަބަބެއް މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ މިފަދަ ސަބަބެއް އޮތްކަމަށް ބުނާ އިސްތިއުނާފަށް ހުށަހަޅާ ފަރާތުންކަންވެސް މި ގަވާއިދަށް ބެލުމުން އެނގެއެވެ. އިސްތިއުނާފު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަނޭޅުނު ސަބަބަކީ އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއްކަން ނުވަތަ ނޫންކަން ބަލައި ވަޒަންކުރުމުގައި ރިޢާޔަތްކުރެވިދާނެ ސަބަބުތަކެއް ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ފާހަގަ ކޮށްފައިވެއެވެ. މި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ)ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުން.

(ށ)ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖަވްހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން.

(ނ)ޠަބީޢީ ކާރިޘާތަކާއި ހަނގުރާމައިގެ ޙާލަތާއި، މަދަނީ ހަމަނުޖެހުންތަކާއި، ޢާންމުވެގެންވާ ރޯގާ ބަލިމަޑުކަމުގެ ހާލަތު.

(ރ)އިސްތިއުނާފު ކުރާ ފަރާތަށް ދަށު ކޯޓުން މައްސަލަ ނިންމިކަން ޤާނޫނީ ގޮތުން އެނގިފައިނުވުން ނުވަތަ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނެތުން.

(ބ)އިސްތިއުނާފުކުރާ ފަރާތުގެ ބަލި ހާލަތުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ނުލިބުން.

(ޅ)ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.

ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ބަލައި، ތަންފީޒުކުރެވޭ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށްޓަކައި މީގެ ކުރިން ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ވަނީ ބުނެފައެވެ. ދައުލަތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނީ، މަޢުރޫފާ އަބޫބަކުރަށް ގެ މަރާމާތު ކުރުމަށް ފައިސާ ޙަވާލުކުރެވިފައި ވަނިކޮށް އެ ގޭގެ ގޯތި ތެރޭގައި ގެއެއް އަޅައިދިނުމަށް ކޮށްފައިވާ ޙުކުމް ތަންފީޒުކުރެވުން ވެގެންދާނީ ނުޙައްޤު މަންފާއެއް މަޢުރޫފާ އަބޫބަކުރަށް ލިބުން ކަމަށް ދެކޭކަމަށެވެ. ނަމަވެސް، މިކަމަށް ބަލާއިރު، މި ރައުޔުގެ 13 ވަނަ ޕެރެގްރާފުގައި ތަފުސީލު ދެވިފައިވާ ފަދައިން، ތަންފީޒުކުރެވޭ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވިފައި ނުވާކަން އެނގޭ ހިނދު، ޝަރީޢަތުން ކޮށްފައިވާ ޙުކުމެއް ތަންފީޒު ކުރުމަކުން މަޢުރޫފާ އަބޫބަކުރަށް ނުޙައްޤު މަންފާއެއް ލިބުނީ ކަމަކަށް ނުދެކެމެވެ.

އިތުރަށް ދައުލަތުން ފާހަގަކޮށްފައިވަނީ، ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާ ކުރީގެ ހުވަދުއަތޮޅު ވިލިނގިލީ ކޯޓުގައި ހިނގަމުން ދިޔައިރު، އެ ޤަޟިއްޔާގައި އެޓަރނީ ޖެނެރަލްގެ އޮފީސް ތަމްސީލުކުރެވިފައި ނުވާކަމާއި، އަދި ދައުލަތުގެ ކަމާގުޅޭ އިދާރާ ކަމުގައިވާ ޑިޒާސްޓަރ މެނޭޖުމަންޓް އޮފީހުގެ ބަހެއްވެސް އެ ކޯޓުން ހޯދާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ދައުލަތުން ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ. މިކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދައުލަތުގެ ނަމުގައި މަދަނީ ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ޒިންމާއަކީ ދައުލަތުގެ ބަންޑާރަ ނާއިބުގެ ޒިންމާއެއް ކަމުގައިވާތީވެ މި މައްސަލައިގައިވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ދައުލަތް ތަމްސީލު ކޮށްފައިވާކަން އެނގެއެވެ. މި ގޮތުން ވިލިނގިލީ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާ ގައި އެޓަރނީ ޖެނެރަލްގެ އޮފީސް ތަމްސީލު ކުރުމަށްޓަކައި އައްޔަންކޮށްފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ބޮޑުކަތީބު އަލްފާޟިލް ޢަބުދުލްމަޖީދުކަން އޭނާ ޢައްޔަންކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރީގެ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކޯޓަށް 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 05 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީ ބެލުމުން އެނގެއެވެ.

ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ އެއް އިސްތިއުނާފު ކުރުމަށްޓަކައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިޔުމަށްފަހު، މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރުމަށް ފުރުސަތު ދެވިދާނެ ޙާލަތްތައްކަމަށް މި ރައުޔުގެ 15.3 ގައި ފާހަގަކޮށްފައިވާ ހަމަތަކަށް ބަލައި، ދައުލަތުން އިސްތިއުނާފު ކުރުމަށް ދައްކާފައިވާ ސަބަބުތަކަކީ މަޤުބޫލު ސަބަބުތަކެއް ނޫންކަމަށް ދެކޭތީވެ، ތަންފީޒުކުރެވޭ ޤަޟިއްޔާ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅާނެ ތަނެއް އޮތްކަމަށް އަހުރެން ނުދެކެމެވެ.

މީގެ އިތުރުން ތަންފީޒުކުރެވޭ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް ދައުލަތުން އެދިފައިވާ ހިނދު، އެ މައްސަލަ ތަންފީޒުކުރުމަށްޓަކައި ހިންގުނު ފުރަތަމަ މައްސަލަ ކަމުގައިވާ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 317/PC2C/2012 ޤަޟިއްޔާ އެ ކޯޓުގައި ހިންގާ ޙުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 04 ވަނަ ދުވަހު ކަމާއި، މި މައްސަލައިގައި ދައުލަތް ތަމްސީލުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލުން އެ ކޯޓަށް ހާޟިރުވެފައިވާކަން އެނގޭ ހިނދު، މި މައްސަލަވެސް ދައުލަތުން އިސްތިއުނާފުކޮށްފައި ނުވާ ހިނދު، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުން މި ދަނީ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ދެވަނަ މައްސަލަ ކަމުގައިވާ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާކަމާއި، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮތްޕަށް އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާމެދު ހިތްހަމަ ނުޖެހިގެން ހިނގަމުންދާ މައްސަލެއް ކަމުގައިވީ ހިނދު، ތަންފީޒުކުރެވޭ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް ދައުލަތުން އެދި ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅާ ދިޔަތާ 10 (ދިހައެއް) އަހަރު ދުވަހަށް ފަހުކަމަށްވާތީ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވަނީ ކަނޑައެޅިފައިވާ އިޖުރާއާތުކާ ޚިލާފަށްކަމަށް އަހުރެން ދެކެމެވެ.

ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަކަމާއި، ޙުކުމެއް ކޯޓަކުން ކުރުމާއެކު އެ ޙުކުމެއް ރައްދުވާ ފަރާތަކުން އެ ޙުކުމުގައިވާ ގޮތަކަށް ޢަމަލު ކުރުން ލާޒިމުވާނޭކަމާއި، ނަމަވެސް ޙުކެއް ތަންފީޒުކުރުމުގައި އޮތް ތުރާލެއް ފިލުވުން ނެތްކަމެއް ނޫންކަމާއި މިގޮތުން ދައުލަތުން ފާހަގަކޮށްފާއިވާ ވިލިނގިލީގެ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގެ ޙުކުމް ކުރުމުގެ ކުރިން މަޢުރޫފާ އަބޫބަކުރާ ޙަވާލުކޮށްފައިވާ ގެ މަރާމާތު ކުރުމުގެ ފައިސާ، ސުނާމީ ކާރިޘާއާ ގުޅިގެން ގެއެއް މަޢުރޫފާ އަބޫބަކުރަށް އަޅައިދޭ ނަމަ، ގެ މަރާމާތުކުރުމަށް ހަވާލުކުރެވިފައިވާ ފައިސާ އަކީ އަނބުރާ ދައުލަތަށް އޭނާ ދައްކަން ޖެހޭނެ ފައިސާ އެއްކަމާއި، ނަމަވެސް ގެ އެޅުމަށް ފައިސާ ދައުލަތުން ދޭނަމަ، ދައުލަތުން ދޭން ނިންމާ ފައިސާއިން 35,843.60ރ. (ތިރީސް ފަސްހާސް އަށްސަތޭކަ ސާޅީސް ތިންރުފިޔާ ފަސްދޮޅަސް ލާރި) އުނިކުރުމަށްފަހު ވިލިނގިލީގެ ކޯޓުގެ ނަންބަރު 94/P2C/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކަމާއި، އެ ޤަޟިއްޔާ ތަންފީޒު ކުރުމަށްޓަކައި ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 77/P2C/2015 ޤަޟިއްޔާ އާއި އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު2016/HC-S-A/39 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓު/ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/39 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ