ސީމާ އަޙްމަދު އަދި އިތުރު 03 ފަރާތް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 95-B3/CHT/2024/1136، 2022/HC-A/488، 2620/Cv-C/2022، 4162/Cv-C/2022، 1228/Cv-C/2011
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 2620/Cv-C/2022 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމާއެކު، ތަންފީޛީ މައްސަލައިގައި ރަހުނު ގޯތި ވިއްކުން ހުއްޓުވުމަށް ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. ހައިކޯޓުން އެ އަމުރު ނެރެން ސަބަބެއް ނެތްކަމަށް ނިންމިއެވެ.
- ވާޤިޢާ
- ބޭންކުން ކުންފުންޏަކަށް ދިން ކްރެޑިޓް ފެސިލިޓީތަކަށް އިސްތިއުނާފުކުރާ ފަރާތްތަކުން ގެރެންޓީ ދިނެވެ. ސިވިލް ކޯޓުން 1228/Cv-C/2011 ގައި ފައިސާ ދެއްކުމަށާއި، ނުދައްކައިފިނަމަ ރަހުނު ގޯތިތައް ވިއްކުމުގެ ހުއްދަ ބޭންކަށް ދިނެވެ. އެ ޙުކުމް ތަންފީޛުކުރުމަށް ބޭންކުން 4162/Cv-C/2022 ތަންފީޛީ މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ތަންފީޛީ މައްސަލައިގައި ރަހުނުކުރި ގޯތި ވިއްކުން ހުއްޓުވުމަށް، އެ ތަންފީޛީ މައްސަލައާ ވަކި އިސްތިއުނާފީ މައްސަލައެއްގެ ތެރެއިން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމީ ޤާނޫނާ އެއްގޮތަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތްތަކުން ބުނީ، އަމުރު ނުނެރުމަކީ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގެ ޙިމާޔަތް ލިބެންޖެހޭ ކަމަށެވެ. ބޭންކުން ބުނީ މި ކަންކަމަކީ މައުޟޫޢީ މައްސަލައިގައި ބަލައި ނިމިފައިވާ ކަންކަން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތަންފީޛީ މައްސަލައިގައި ބަލަނީ ޙުކުމް ތަންފީޛުކުރުން އެކަނި ކަމަށާއި، މައުޟޫޢު އަލުން ނުހުޅުވޭނެ ކަމަށާއި، ޙުކުމުގެ އިމުން ބޭރުން ކުރާ ކަމެއްގެ ފަރުވާ ހޯދަންވާނީ އެ ނިންމުން ވަކިން އިސްތިއުނާފުކޮށް ކަމަށް ކޯޓުން ބުންޏެވެ. ހައިކޯޓަށް އިސްތިއުނާފުކުރެވިފައިވަނީ މައުޟޫޢީ ނުވަތަ ތަންފީޛީ މައްސަލަ ނޫންކަމުން، އަމުރު ނުނެރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނަންބަރު 95-B3/CHT/2024/1136 (ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމިގޮތް) ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ހައިކޯޓުގެ ނިންމުން ދަމަހައްޓައިފި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ ދަށުން، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރަން އެދޭ ނަމަ، އެ މައްސަލައެއް ވަކި ތަންފީޛީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅަންޖެހެއެވެ.
HN2 ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛު ކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޛު ކުރުމާ ގުޅޭ ގޮތުން އެކަންޏެވެ. އަދި ތަންފީޛު ކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ތަންފީޛު މައްސަލައިގައި ނޯވެއެވެ.
HN3 ޙުކުމް ތަންފީޛު ކުރުމަށް ހުށަހެޅޭ ތަންފީޛީ މައްސަލައިގައި، މައުޟޫޢީ މައްސަލައިގައި ކަނޑައަޅާފައިވާ އިމުން ބޭރުން ކަންކަން ކުރިއަށް ގެންދާނަމަ، ނުވަތަ މައުޟޫޢީ ކަންތައްތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދާނަމަ، ކަންތައް ކުރަންޖެހޭނެ އުސޫލަކީ ތަންފީޛީ މައްސަލައިގެ ތެރެއިން ނިންމާ އެބާވަތުގެ ކަންކަން ވަކިން އިސްތިއުނާފުކޮށް އިސްތިއުނާފީ މަރުޙަލާއިން އެކަމަކަށް ފަރުވާ ހޯދުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕަރޓްނަރސް އެލްއެލްޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 58 2024/SC-A/21 ޝަރީޢަތް ނިމުނުގޮތް ސީމާ އަޙްމަދު އަދި އިތުރު 03 ފަރާތް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 17 ނޮވެންބަރު 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 95-B3/CHT/2024/1136 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) 1- ސީމާ އަޙްމަދު، ހ. ސީމާވިލާ، މާލެ
2- ޢަލީ އަޙްރޫޝް އިބްރާހީމް، މ. މެޑޯޒް، މާލެ
3- އާމިނަތު އަރޫޝާ އިބްރާހީމް، މ. މެޑޯޒް، މާލެ
4- އިބްރާހީމް ޢަބްދުއްލަޠީފް، މއ. އަތަމާގެ، މާލެ ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕަރޓްނަރސް އެލްއެލްޕީ
މަދަނީ – ޙުކުމް ތަންފީޛުކުރުން – ޙުކުމް ތަންފީޛު މައްސަލަތަކުގެ ދާއިރާ ފިހުރިސްތު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B3/CHT/2024/1136 "ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމިގޮތް" (17 މާރިޗު 2024) ގައި އެ ކޯޓުން ގޮތެއް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ހ. ސީމާވިލާ، ސީމާ އަޙްމަދު1 އާއި މ. މެޑޯޒް، ޢަލީ އަޙްރޫޝް އިބްރާހީމް2 އާއި މ. މެޑޯޒް، އާމިނަތު އަރޫޝާ އިބްރާހީމް3 އާއި މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފް4 (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ ފަރާތުން ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ ރައްދުވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) (މީގެ ފަހުން "ސްޓޭޓް ބޭންކް އޮފް އިންޑިއާ") ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ކްރެޑިޓް ފެސިލިޓީތަކެއް ދޫކޮށްފައިވެއެވެ. މި ކްރެޑިޓް ފެސިލިޓީތަކަށް ޝަޚްޞީ ޔަޤީންކަން ދީފައިވަނީ ސީމާ އަޙްމަދާއި، ޢަލީ އަޙްރޫޝް އިބްރާހީމް އާއި އާމިނަތު އަރޫޝާ އިބްރާހީމް އާއި އިބްރާހީމް ޢަބްދުއްލަޠީފް އާއި އަޙްމަދު ސިޔާމް މުޙައްމަދުއެވެ.
3ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީއަށް ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީތަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެ ފައިސާ ހޯދުމަށާއި އެ ފައިސާ ނުދެއްކޭ ނަމަ ރަހުނު ވިއްކާލުމުގެ ހުއްދައަށް އެދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި އެ ކްރެޑިޓް ފެސިލިޓީއަށް ޝަޚްޞީ ޔަޤީންކަން ދީފައިވާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. އެ ދަޢުވާ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާއަށް އަހުރެންގެ މި ރައުޔުގައި އިޝާރާތް ކުރާނީ "މައުޟޫޢީ މައްސަލަ" ކަމުގައެވެ.
4ސިވިލް ކޯޓުން ނިންމި މައުޟޫޢީ މައްސަލައިގައި، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ކްރެޑިޓް ފެސިލިޓީތަކަށް ގެރެންޓީ ދިން ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައަޅައި، އެ ފައިސާ 15 އޮކްޓޯބަރު 2012 ވަނަ ދުވަހުން ފެށިގެން 12 މަސްދުވަސް ތެރޭގައި ކޮންމެ މަހަކު އެ މަހަކަށްޖެހޭ ޢަދަދަށްވުރެ މަދު ނޫން ޢަދަދެއް ދައްކަމުން ގޮސް އެ ފައިސާ ދައްކައި ޚަލާސްކުރުމަށާއި މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްނުކޮށްފި ނަމަ، ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން ރަހުނު ކޮށްފައިވާ މ. މެޑޯޒް އެވެކިޔާ ގޯއްޗާއި، ހ. އަތަގަސްދޮށުގެ އެވެކިޔާ ގޯތި ވިއްކާލުމުގެ ހުއްދަ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިނުމަށް ޙުކުމްކޮށްފައި ވެއެވެ.
5ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، މައުޟޫޢީ މައްސަލައިގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް، އެ ޤަޟިއްޔާއިން ވިއްކުމުގެ ހުއްދަ ދީފައިވާ މ. މެޑޯޒް އެވެކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެކިޔާ ގޯތި ވިއްކާލުމުގެ ކަންކަން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރިއަށް ގެންދަމުން ދަނިކޮށް، އެ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރަމުން ގެންދަނީ ތަންފީޛީ އިޖުރާއަތުތަކުގެ ބޭރުން ކަމަށް ބުނެ އެ މުޢާމަލާތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.5 މި މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ޤަޟިއްޔާއިންނެވެ.
6. ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި (ސިވިލް ކޯޓުގެ ނަންބަރު
61606/Cv-C/2017ޤަޟިއްޔާ) އެ ކޯޓުން ނިންމާފައިވަނީ، މ. މެޑޯޒް އެވެކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ކުރަމުންދަނީ ސިވިލް ކޯޓުން މައުޟޫޢީ މައްސަލައިގައި އެ ފަރާތަށް އެ ހުއްދަ ދީފައިވާތީ ކަމުން ދައުވާ ކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން ކަނޑައަޅައިދެވެން ނެތް ކަމަށެވެ.
7ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުން ހައިކޯޓަށް ހުށަހެޅުމާ ގުޅިގެން އެ ކޯޓުގެ ނަންބަރު 2018/HC-A/269 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ޙުކުމް ކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް އެދި މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 ޤަޟިއްޔާގެ ގޮތުގައެވެ.6
8ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ7 ދަށުން މިހާރު ކޯޓަށް ވަކިން ހުށަހަޅަންޖެހޭ މައްސަލައެއް ކަމުންނާއި އަދި މަދަނީ އިޖުރާއަތުގެ ޤާނޫނު މި މައްސަލައަށް ތަޠުބީޤުކުރަން ނުޖެހޭފަދަ ސަބަބުތަކެއް މައްސަލައިގެ އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ ހައިކޯޓުގެ ނަންބަރު 2018/HC-A/269 އާއި ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ޤަޟިއްޔާއަކީ ބާޠިލު ޤަޟިއްޔާއެއްކަމަށް ކަނޑައަޅައެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ 26 އޮކްޓޯބަރު 2022 ގައެވެ.
9ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 ޤަޟިއްޔާއިން މި ގޮތަށް ކަނޑައެޅުމުން، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށް ދިނުމަށް އެދި އެ ކޯޓުގެ ނަންބަރު 4162/Cv-C/2022 ޤަޟިއްޔާއިން ތަންފީޛު މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލައަށް މި ރައުޔުގައި އަހުރެން އިޝާރާތް ކުރަނީ "ތަންފީޛީ މައްސަލަ" މި ގޮތަށެވެ.
10ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް 15 ޖޫން 2022 ގައި ހ. ސީމާވިލާ، ސީމާ އަޙްމަދު އާއި، މ. މެޑޯޒް، ޢަލީ އަޙްރޫޝް އިބްރާހީމް އާއި، މ. މެޑޯޒް، އާމިނަތު އަރޫޝާ އާއި، މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފް އަދި މ. ކްރޯޓަން، ޢާޞިމާ ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް އިތުރު މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު
2620/Cv-C/2022 ޤަޟިއްޔާއިންނެވެ. މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާގައި ހ. އަތަގަސްދޮށުގެ ރަހުނުކުރެވިފައިވާ އެއްވެސް ލޯނެއް ދައްކަންޖެހި ނުދައްކައިވާކަން ސާބިތުވެފައިނުވާތީ އެ ގޯތި ރަހުނު ކޮށްފައި އޮތް އޮތުން ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނިމުމަކަށް ގެނައުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
11ސިވިލް ކޯޓުގެ ނަންބަރު 2620/Cv-C/2022 ޤަޟިއްޔާގައި ނިންމާފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ރެސްޖުޑިކާޓާގެ ޤާނޫނީ މަބްދައުއަށް ރިޢާޔަތްކޮށް އިތުރަށް ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށެވެ.
12ރެސްޖުޑިކާޓާގެ މަބްދައުއާ ހަވާލާދީ ސިވިލް ކޯޓުން ނިންމި ނިންމުން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ އިސްތިއުނާފީ މައްސަލަ ހައިކޯޓަށް ހުށަހެޅި ހިނގަމުންދަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/488 ޤަޟިއްޔާއިންނެވެ. އަދި ހައިކޯޓަށް މި އިސްތިއުނާފީ މައްސަލައިގެ ތެރެއިން، ސިވިލް ކޯޓުގައި ހިނގަމުންދާ ތަންފީޛީ މައްސަލައިގައި (ސިވިލް ކޯޓުގެ ނަންބަރު 4162/Cv-C/2022 ޤަޟިއްޔާގައި) ހ. އަތަގަސްދޮށުގެ ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، އެ ގޯތި ވިއްކުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ހައިކޯޓަށް ހުށަހެޅިއެވެ.
13މި އަމުރު ނެރެދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ މައިގަނޑު ސަބަބަކީ، ސިވިލް ކޯޓުން ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ހ. އަތަގަސްދޮށުގެ ވިއްކުމުގެ ކަންތައް ކުރިއަށް ގެންދަނީ، ބޭންކަށް ލިބިދީފައި ނުވާ ފަރުވާއެއް، އެ ޤަޟިއްޔާއިން ލިބިފައިވާކަމަށް ދައްކައިގެން ހ. އަތަގަސްދޮށުގެ ވިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމަށް ކަމަށާއި، އަދި ޙުކުމް ތަންފީޛު ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެނުދީފި ނަމަ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުން ހ. އަތަގަސްދޮށުގެ ވިއްކާލުމުގެ ފުރުސަތު އޮތަތީ ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤު ހިމާޔަތްކޮށް ހ. އަތަގަސްދޮށުގެ އަކީ ރަހުނު ފިލުވަންޖެހޭ ގޯއްޗެއްކަމަށް ކޯޓުން ކަނޑައަޅަންޖެހޭ ކަމަށް ބުނެއެވެ.
14ހައިކޯޓަށް ހުށަހެޅި ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރާ ގުޅިގެން އެ ކޯޓުގެ ނަންބަރު 95-B3/CHT/2024/1136 "ހުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމިގޮތް" ގައި ނިންމާފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވާ ފަދައިން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ
15ހައިކޯޓުން ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެނުދިނުމަށް ނިންމުމުން އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އެ ނިންމުން އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ފާހަގަ ކޮށްފައިވަނީ، ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު ނެރެދޭންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ހައިކޯޓުގެ ޤަވާއިދު 2011 ގެ 68 ވަނަ މާއްދާ އާއި އެ މާއްދާގެ މަޤްޞަދާއި ޚިލާފަށްކަމުގައެވެ. އަދި އެ ނިންމުން ހައިކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާއިން ނެރެފައިވާ ނަންބަރު
95-B2/CHT/2020/2990 ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރުގެ 2.3 ވަނަ ނުކުތާގައި ޤާއިމު ކޮށްފައިވާ ޤާނޫނީ އުޞޫލާ ޚިލާފުކަމުގައެވެ.
އިސްތިއުނާފީ ނުކުތާގެ ރައްދު
16އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ރައްދުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރެއް ނެރެނުދިނުމަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާ އާއި، އެ މައުޟޫޢާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ރިޢާޔަތްކުރެވިގެން ކަމުގައެވެ. އަދި އިސްތިއުނާފަށް ހުށަހަޅާފައިވާ ކަންތައްތަކަކީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާގެ މައުޟޫޢުގައި ބަލައި ނިމިފައިވާ ކަންތަކެއް ކަމުގައެވެ. އަދި މި ކަންތައްތައް ބެލުމަކީ އަލުން އެ ޤަޟިއްޔާ ހުޅުވާލުން ކަމުން، މިކަމަކީ ސުޕްރީމް ކޯޓުގެ މަރުޙަލާގައި ކުރެވިދާނެ ކަމެއް ކަމުގައި ނުދެކޭކަމަށެވެ.
ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު
17HN1މިހާރު ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމެއް ތަންފީޛުކުރަން އެދޭ ނަމަ، އެ މައްސަލައެއް ވަކި ތަންފީޛީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅަންޖެހެއެވެ. މިގޮތުން ދަރަނި އަދި ފައިސާ ހިމެނޭ މައްސަލަތަކުގައި ޢަމަލުކުރާނެ ވަކި އުޞޫލުތަކެއް މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރިން ވެސް ޙުކުމް ތަންފީޛު ކުރުމުގައި ޢަމަލު ކުރެވެމުންދިޔަ ގޮތެވެ.8
18HN2މަދަނީ މައްސަލަތަކުގައި ޙުކުމް ތަންފީޛު ކުރުމުގެ އުސޫލުތަކަށް ބަލާއިރު، ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޛު ކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޛު ކުރުމާ ގުޅޭ ގޮތުން އެކަންޏެވެ. އަދި ތަންފީޛު ކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ތަންފީޛު މައްސަލައިގައި ނޯވެއެވެ. މިއީ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު9 މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލެވެ.
19HN3ޙުކުމް ތަންފީޛު ކުރުމަށް ހުށަހެޅޭ ތަންފީޛީ މައްސަލައިގައި، މައުޟޫޢީ މައްސަލައިގައި ކަނޑައަޅާފައިވާ އިމުން ބޭރުން ކަންކަން ކުރިއަށް ގެންދާނަމަ، ނުވަތަ މައުޟޫޢީ ކަންތައްތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދާނަމަ، ދެން ކަންތައް ކުރަންޖެހޭނެ އުސޫލު ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް10 މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. އެ އުސޫލަކީ ތަންފީޛީ މައްސަލައިގެ ތެރެއިން ނިންމާ އެބާވަތުގެ ކަންކަން ވަކިން އިސްތިއުނާފުކޮށް އިސްތިއުނާފީ މަރުޙަލާއިން އެކަމަކަށް ފަރުވާ ހޯދުމެވެ.
20އިސްތިއުނާފުކުރާ ފަރާތްތަކުން މި މައްސަލައިގައި ފާހަގަކުރާ މައިގަނޑު ކަމަކީ، މ، މެޑޯޒް އެވެކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެކިޔާ ގޯތި ވިއްކާ ނަމަ، ހަމައެކަނި ވިއްކޭނީ، ޝަރީޢަތުގެ ތަންފީޛީ އެންމެހައި އިޖުރާއަތެއް ފުރިހަމަކުރުމަށްފަހު، ތަންފީޛީ ޤަޟިއްޔާގެ ތެރެއިން ރަހުނު ވިއްކުމުގެ ހުއްދައެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ލިބުމުންކަމާއި، މިހާރު މި ހިނގާ ތަންފީޛީ މައްސަލައަކީ ތަންފީޛީ އިޖުރާއަތުގެ ބޭރުން ހިނގަމުންދާ މައްސައެއްކަމުން ހ. އަތަގަސްދޮށުގެ ވިއްކުމުގެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
21ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޛު ކުރުން ފަސްކުރުމާމެދު ނިންމާފައިވަނީ، މ. މެޑޯޒް އެވެކިޔާ ގޯއްޗާއި ހ. އަތަގަސްދޮށުގެ އެވެކިޔާ ގޯތި ވިއްކުމާގުޅޭ މަސައްކަތް ކުރަމުންދަނީ ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާއިން އެ ފަރާތަށް އެ ހުއްދަ ލިބިގެންކަމުގައެވެ. އަދި އެ ހުއްދައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 2620/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރުގެ ދާއިރާގެ ތެރެއިން ހ. އަތަގަސްދޮށުގެ ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އަދި ސިވިލް ކޯޓުގެ މައްޗަށް އަމުރު ކުރާނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ވިޔަސް ނެތްކަމުގައެވެ. މީގެ އިތުރަށް ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާއަކީ އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާއެއް ނޫންކަމުގައި ވެސް ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
22މަތީގައި އަހުރެން ބަޔާންކުރި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 1228/Cv-C/2011 ޤަޟިއްޔާ، ނުވަތަ މައުޟޫޢީ މައްސަލައެއް ނޫނެވެ. އަދި އިސްތިއުނާފު ކުރެވިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 4162/Cv-C/2022 ޤަޟިއްޔާގެ ނުވަތަ މައުޟޫޢީ މައްސަލަ ތަންފީޛު ކުރުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅިފައިވާ ތަންފީޛީ މައްސަލައިގައި ނިންމާފައިވާ ނިންމުމެއް ވެސް ނޫނެވެ. ހައިކޯޓަށް ހުށަހެޅިފައިވަނީ، މައުޟޫޢީ މައްސަލައިގެ ނިންމުންމާ ގުޅިގެން އަލަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެ ކޯޓުގެ ނަންބަރު 2620/Cv-C/2022 ޤަޟިއްޔާއެވެ. އަދި ހައިކޯޓަށް އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާއާ ގުޅޭ އެއްވެސް ކަމެއްގައި ސިވިލް ކޯޓުން ގޮތެއް ނިންމާފައިނުވެއެވެ.
23މި ކަންކަން މި ފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2620/Cv-C/2022 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރުގެ ދާއިރާގެ ތެރެއިން ހ. އަތަގަސްދޮށުގެ ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް އަދި ސިވިލް ކޯޓުގެ މައްޗަށް އަމުރު ކުރާނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ވިޔަސް ނެތްކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ނުދެކެމެވެ.
ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާ
24މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތްތަކުން "ހައިކޯޓުގެ ޤަވާޢިދު 2011" ގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ މާއްދާއިން ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު ނެރެމުގައި އެ ކޯޓަށް ލިބިދީފައިވާ އިޚްތިޔާރާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި، ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކީ، އަހުރެންގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ރިޢާޔަތްކޮށް ގޮތް ކަނޑައެޅޭނެ ވާހަކަތަކެއް ކަމުގައި ނުދެކެމެވެ. އެހެނީ، އަހުރެންގެ ކުރިމަތީގައި މި އޮތީ މައުޟޫޢީ މައްސަލަ ނުވަތަ އެ މައްސަލައިގެ ތަންފީޛީ މައްސަލައިގެ އިސްތިއުނާފެއް ވެސް ނޫނެވެ. ނަމަވެސް، ކުރިން އިޝާރާތްކުރި ޤާނޫނީ މާއްދާތަކާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކުން ޙަވާލާދޭ ޤާނޫނީ މާއްދާތަކަށް ރިޢާޔަތްކޮށްގެން ކަނޑައެޅޭ ކަންކަމުގެ ނަތީޖާއިން އަސަރު ކުރާނީ އެ މައްސަލަތަކުގެ ނިންމުންތަކަށެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
25މަތީގައި ބަޔާންކުރި ސަބަބުތަކުގެ މައްޗަށް ބުރަވެ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
95-B3/CHT/2024/1136 "ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމިގޮތް" ބާޠިލު ކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
95-B3/CHT/2024/1136 "ޙުކުމް ތަންފީޛު ކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމިގޮތް" ބާޠިލު ކުރާނެ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޙުސްނުއްސުޢޫދު
ޑރ. މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ސިވިލް ކޯޓުގެ ނަންބަރު 1606/Cv-C/2017 ޤަޟިއްޔާ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި މއ. އަތަމާގެ، އިބްރާހީމް ޢަބްދުއްލަޠީފް އާއި، މ. ކްރޯޓްން، ޢާޞިމާ ޙަސަން އާއި، ހ. ސީމާވިލާ، ސީމާ ޢަޙްމަދު އާއި، މ. މެޑޯޒް، ޢަލީ އަހްރޫޝް އިބްރާހީމް އަދި މ. މެޑޯޒް، އާމިނަތު ޢަރޫޝާ އިބްރާހީމް އެވެ.
- މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) [2022] SC 65
- ޤާނޫނު ނަންބަރު 2021/32
- މަރްޔަމް ޢާފިޔާ ވ. ބޭންކް އޮފް ސިލޯން، ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/06 ޤަޟިއްޔާ އަދި، ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު [2021] SC 48 މި ފަދަ މައްސަލަތަކުން މި އުސޫލަށް އަމަލުކުރެވެމުން ދިޔަކަން އެނގެއެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
- ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާ
- ރަހުނާބެހޭ ޤާނޫނުގެ 10 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2021/SC-A/66 [2022] SC 65 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް))
- ސުޕްރީމް ކޯޓުގެ 2014/SC-A/06 (މަރްޔަމް ޢާފިޔާ ވ. ބޭންކް އޮފް ސިލޯން)
- ސުޕްރީމް ކޯޓުގެ [2021] SC 48 (ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު)
- ސުޕްރީމް ކޯޓުގެ ޤަޟިއްޔާ (ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް)
- ހައިކޯޓުގެ 2020/HC-A/158 ޤަޟިއްޔާއިން ނެރުނު ނަންބަރު 95-B2/CHT/2020/2990 ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.