ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 03 · 2024/SC-A/49

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ވ. ސީމާ އަޙްމަދު އާއި އިތުރު 3 ފަރާތް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ފެބުރުއަރީ 2026ދަށު ކޯޓު: ހައިކޯޓު 95-B10/CHT/2024/5081ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
95-B10/CHT/2024/5081
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 3329/Cv-C/2020 ޤަޟިއްޔާއިން އެސް.ބީ.އައި އަށް ރަހުނު ވިއްކާލުމުގެ ހުއްދަ ދިނުމުން، ރަހުނުދިން ފަރާތްތަކުން ހައިކޯޓުގެ 2024/HC-A/272 ޤަޟިއްޔާގައި އިސްތިއުނާފުކުރިއެވެ. ހައިކޯޓުން 95-B10/CHT/2024/5081 އަމުރުން، އެ ޤަޟިއްޔާ ނިމެންދެން ހުއްދަ ތަންފީޒުކުރުން ފަސްކުރިއެވެ.
ވާޤިޢާ
2007 ވަނަ އަހަރު ދޫކުރި US$3 މިލިއަނުގެ ލޯނުގެ ދަރަނި ސިވިލް ކޯޓުގެ 2345/Cv-C/2013 ޙުކުމުން ސާބިތުކޮށް، ހައިކޯޓުން 2015/HC-A/91 ގައި ޤާއިމްކުރިއެވެ. ތަންފީޒީ މައްސަލައިގައި ދިން ރަހުނު ވިއްކުމުގެ ހުއްދަ 2019/HC-A/225 ގައި ބާޠިލުކުރުމުން، 3329/Cv-C/2020 ގައި އަލުން ހުއްދަ ދިނެވެ. ބީލަމުގެ މުއްދަތު ހަމަވި ދުވަހު ހައިކޯޓުން ތަންފީޒު ފަސްކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ރަހުނު ވިއްކާލުމުގެ ހުއްދައިގެ އިސްތިއުނާފު (2024/HC-A/272) ނިމެންދެން ހުއްދަ ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން ނެރުނު އަމުރަކީ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާ، ރެސްޖުޑިކާޓާ ނުވަތަ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު އަމުރެއްތޯ؛ ތަންފީޒީ ނިންމުންތައް އިސްތިއުނާފުކުރެވޭތޯ؛ ހައިކޯޓުގައި ނުނިމި އޮތް މައުޟޫޢަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އެސް.ބީ.އައިން ބުނީ 2019/HC-A/225 ނިންމުމާއި އޭގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތުމުން ރެސްޖުޑިކާޓާ ތަޠުބީޤުވާތީ އަމުރު ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނު (13/2010) ގެ 5(ށ)(2) އާ ޚިލާފު ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ ހުއްދައިގެ ޢަދަދު މައުޟޫޢީ ޙުކުމަށްވުރެ US$6.6 މިލިއަން ބޮޑު ކަމަށާއި މައުޟޫޢު ތަފާތު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
68 ވަނަ މާއްދާގެ ދަށުން ސަބަބުތައް ބަޔާންކޮށް ޢަދުލުވެރިކަމާއި އިޢާދަނުކުރެވޭ ގެއްލުމަށް ރިޢާޔަތްކޮށް ނެރުނު އަމުރު ޤާނޫނާ ޚިލާފެއް ނޫނެވެ. ތަންފީޒީ މައްސަލައިގައި މައުޟޫޢު އަލުން ނުހުޅުވޭނެއެވެ. އިންޓަރެސްޓާ ބެހޭ ނުކުތާތައް ފުރަތަމަ ނިންމަންވީ ހައިކޯޓުންނެވެ. އިސްތިއުނާފުގެ ޙައްޤަކީ އަސާސީ ޙައްޤެކެވެ. މައުޟޫޢީ މައްސަލަ ނިމުމަކީ ތަންފީޒީ ފިޔަވަޅުތައް އިސްތިއުނާފުކުރުމަށް ހުރަހެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ 95-B10/CHT/2024/5081 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ބާޠިލުކުރަންޖެހޭ ތަނެއް ނެތް؛ އަމުރު ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާގެ ދަށުން، ދަށުކޯޓަކުން ނިންމާފައިވާ ޙުކުމެއް ނުވަތަ އެކި ބާވަތްތަކުގެ އަމުރު ހިމެނޭ ފަދައިން އެ ނޫންވެސް ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. އެ ބާރު ބޭނުންކުރެވޭނީ ކަމާބެހޭ ފަރާތުން ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައި، އެ ޙުކުމަކާމެދު ނުވަތަ އަމުރަކާމެދު ނަޒަރުހިންގުމަށްފަހު، އެފަދައިން ޢަމަލުކުރުމަކީ އެންމެ އެކަށޭނަ ގޮތް ކަމަށް ހައިކޯޓަށް ފެނިއްޖެ ޙާލަތެއްގައެވެ. ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަށް ބުރަވެވުނު ސަބަބުތައް އަމުރުގައި ބަޔާންކޮށްފައިވާނަމަ، ހަމައެކަނި އަމުރު ނެރުނު ގޮތާމެދު ޤާނޫނީ ސުވާލު އުފެދޭ ކަމަށް ބުނުމުން އެ އަމުރަކީ 68 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ނުބެލެވޭނެއެވެ.

HN2 ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ކޯޓުތަކަށް ލިބިދީފައިވާ ބާރެކެވެ. އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކަކީ މުހިންމު އަމުރުތަކެކެވެ. އެފަދަ އަމުރު ނެރުން ލަސްވެ، މައްސަލަ ނިމުމުގެ ކުރިން ޙުކުމް ތަންފީޒުކޮށްފިނަމަ އިންސާފަށް ހުރަސްއެޅި، އިޢާދަނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެތީ، އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ސަބަބުތަކަށް ބަލައި، އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަމުރު ނެރުމަކީ ޤާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫނެވެ.

HN3 ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކަކީ ވަކި ދާއިރާއަކަށް ޤައިދުވެފައިވާ ބާވަތެއްގެ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅެނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ކަންކަން އެކަނިއެވެ. ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމަކީ ތަންފީޒީ މައްސަލައެއްގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.

HN4 ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފެއްގެ މައުޟޫޢު (މިސާލަކަށް، ލޯނުގެ އިންޓަރެސްޓް ހިސާބުކޮށްފައިވާ ގޮތާ ގުޅޭ ނުކުތާތައް) އެންމެ ފުރަތަމަ ކަނޑައަޅަންޖެހެނީ ހައިކޯޓުންނެވެ. ހައިކޯޓުން އެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ އިސްތިއުނާފުގެ ތެރެއިން ނެރުނު ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ އިސްތިއުނާފަކަށް ހަވާލާދީ، އެ މައުޟޫޢާ ގުޅުންހުރި ނުކުތާތަކަށް (ރެސްޖުޑިކާޓާއާއި ކުރީގެ ޙުކުމްތަކަށް ރިޢާޔަތްކުރުމުގެ ނުކުތާ ހިމެނޭގޮތަށް) ސުޕްރީމް ކޯޓުން ގޮތެއް ނުކަނޑައެޅޭނެއެވެ.

HN5 ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ނެރޭ ޙުކުމްތަކާއި އަމުރުތައް އިސްތިއުނާފުކުރުމަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެކެވެ. އެ ޙައްޤު ހަނިކުރެވޭނީ، އެހެނިހެން އަސާސީ ޙައްޤުތައް ހަނިކުރެވޭ އުސޫލުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެކަންޏެވެ.

HN6 ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމުގެ ތެރޭގައި ނިންމާ ނިންމުންތަކަކީ މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން، ނުވަތަ މައުޟޫޢާމެދު އަލުން ގޮތްތަކެއް ކަނޑައަޅައި، މައުޟޫޢީ މައްސަލަ ރޫޅިގެންދާ ފިޔަވަޅުތަކެއް ނަމަ، އެފަދަ ނިންމުންތައް އިސްތިއުނާފުކުރެވިދާނެއެވެ. މައުޟޫޢީ މައްސަލަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވުމަކީ، ތަންފީޒީ މައްސަލައިގައި އަޅާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުރަހެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕާޓްނަރަސް އެލްއެލްޕީ
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2026] SC 03

2024/SC-A/49

ޝަރީޢަތް ނިމުނުގޮތް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ވ. ސީމާ އަޙްމަދު އާއި އިތުރު 3 ފަރާތް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު ޢަބްދުﷲ ޙަމީދު

ނިމުނު ތާރީޚު

15 ފެބްރުއަރީ 2026

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

95-B10/CHT/2024/5081

އިސްތިއުނާފުކުރާ ފަރާތް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް)

ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލްއެލްޕީ

އިސްތިއުނާފު ރައްދުވާ ފަރާތް

1ސީމާ އަޙްމަދު، ސީމާވިލާ، މާލެ

2ޢަލީ އަޚްރޫޝް އިބްރާހީމް، މ.މެޑޯޒް، މާލެ

3އާމިނަތު އަރޫޝާ އިބްރާހީމް، މ.މެޑޯޒް، މާލެ

4އިބްރާހީމް ޢަބްދުލްލަޠީފް، މއ.އަތަމާގެ، މާލެ

ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒު ޢަބްދުލްޤަދީރު، ސީއެލްއޭ ޕާޓްނަރަސް އެލްއެލްޕީ

މަދަނީ - ލޯނު އެގްރީމެންޓްއާ އެއްގޮތަށް ފައިސާ ނުދެއްކުން - ރަހުނު ވިއްކާލުމުގެ ހުއްދަ - ޙުކުމް ތަންފީޒުކުރުން ފަސްކުރުން - ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ މައްސަލަތަކުގެ ދާއިރާ - ރެސްޖުޑިކާޓާ - ހައިކޯޓު ގަވާއިދުގެ 68 ވަނަ މާއްދާ - ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ވ. ސީމާ އަޙްމަދު އާއި އިތުރު 3 ފަރާތް

[2025] SC 06

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) (މީގެ ފަހުން "އެސް.ބީ.އައި") އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/49 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ހ.ސީމާވިލާ، މާލެ / ސީމާ އަޙްމަދު، މ.މެޑޯޒް، މާލެ / ޢަލީ އަޚްރޫޝް އިބްރާހީމް، މ.މެޑޯޒް، މާލެ / އާމިނަތު އަރޫޝާ އިބްރާހީމް އަދި މއ.އަތަމާގެ، މާލެ / އިބްރާހީމް ޢަބްދުލްލަޠީފް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") ގެ މައްޗަށެވެ.

މައްސަލައިގެ ފަސްފަހަތް

2ސީމާ އަޙްމަދު އާއި، ޢަލީ އަޚްރޫޝް އިބްރާހީމް އާއި، އާމިނަތު އަރޫޝާ އިބްރާހީމް އާއި، މ.ކްރޯޓްން، މާލެ / އާސިމާ ޙަސަން ޔަޤީންކަން ދީގެން، އެސް.ބީ.އައިގެ ނަންބަރު ADV/26 (4 ފެބްރުވަރީ 2007) ގެ ސެންކްޝަން ސިޓީގެ ދަށުން ވަކި ޝަރުޠުތަކާއެކު US$3,000,000/- (ތިންމިލިއަން ޔޫއެސް ޑޮލަރު) ގެ ޓަރމް ލޯނެއް އިބްރާހީމް ޢަބްދުއްލަޠީފް އަށް ދޫކުރުމަށް އެއްބަސްވެފައިވެއެވެ.

3އެއްބަސްވެފައިވާ ގޮތުގެ މަތިން މި ލޯނަށް ފައިސާ އަދާކުރަމުން ގޮސްފައިނުވާތީ، ލޯނު ފައިސާއާއި ސާރވިސް ޗާރޖު އަދި ޖޫރިމަނާ ފައިސާ ނުދެއްކިއްޖެނަމަ، ލޯނަށް ޔަޤީންކަން ދިނުމުގެ ގޮތުން ރަހުނުކޮށްފައިވާ، އާސިމާ ޙަސަންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "މ.ކްރޯޓްން" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި، ސީމާ އަޙްމަދު އާއި ޢަލީ އަޚްރޫޝް އިބްރާހީމް އާއި، އާމިނަތު އަރޫޝާ އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ހ.އަތަގަސްދޮށުގެ" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމަށާއި، އަދި ރަހުނު ވިއްކައިގެންވެސް ދަރަނި އަދާނުކުރެވޭނަމަ، ބާކީ ފައިސާއަކީ އިބްރާހީމް ޢަބްދުއްލަޠީފް އާއި، އާސިމާ ޙަސަން އާއި، ސީމާ އަޙްމަދު އާއި، ޢަލީ އަޚްރޫޝް އިބްރާހީމް އާއި، އާމިނަތު އަރޫޝާ އިބްރާހީމްގެ ފަރާތުން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި ދިނުން އެދި އެސް.ބީ.އައި އިން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

4ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާއިން ބެލި އެ މައްސަލައިގައި ޙުކުމްކޮށްފައިވަނީ އެއްބަސްވެފައިވާގޮތަށް ލޯނަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން 4 ނޮވެންބަރު 2014 ގެ ނިޔަލަށް އެސް.ބީ.އައި އަށް US$3,049,824.78 (ތިން މިލިޔަން ސާޅީސް ނުވަހާސް އަށްސަތޭކަ ސައްވީސް ޔޫއެސް ޑޮލަރު ހަތްދިހަ އަށްސެންޓް) ދައްކަންޖެހި ނުދައްކާވާކަން ޝަރީޢަތަށް ސާބިތުވާކަމުގައާއި، އެސް.ބީ.އައިއިން ދޫކުރި ޓަރމް ލޯނުގެ ޝަރުޠުތަކާއި ޚިލާފުވުމުގެ ސަބަބުން އިތުރަށް ދައްކަންޖެހޭ އިންޓްރަސްޓާއި ޖޫރިމަނާ ފައިސާއަކީ އިބްރާހީމް ޢަބްދުއްލަޠީފް އާއި، އާސިމާ ޙަސަން އާއި، ސީމާ އަޙްމަދު އާއި، ޢަލީ އަޚްރޫޝް އިބްރާހީމް، އާއި އާމިނަތު އަރޫޝާ އިބްރާހީމްގެ ފަރާތުން އެސް.ބީ.އައި އަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މި ފައިސާއާއި މި މުޢާމަލާތާ ގުޅިގެން ދެފަރާތުން އެއްބަސްވެފައިވާ ފަދައިން އިތުރަށް ދައްކަންޖެހޭ ފައިސާއާއެކު މިއެންމެހައި ފައިސާ، 17 ނޮވެންބަރު 2014 އިން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރަށްވުރެ މަދުނޫން ޢަދަދެއް އެސް.ބީ.އައިއަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބޭ ފަރާތްތަކަށް އަންގައި، ލޯނާއި ގުޅިގެން އެސް.ބީ.އައި އަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކާ ޚަލާޞްކުރެވި ލޯނު އެކައުންޓް ބަންދުކުރުވެންދެން ލޯނު އެގްރިމަންޓާއި އެގްރިމަންޓުގެ ދަށުން ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލުނުވެ ދެމިގެންދާނެ ކަމުގައެވެ.

5ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން އިބްރާހީމް ޢަބްދުއްލަޠީފް އާއި، އާސިމާ ޙަސަން އާއި، ސީމާ އަޙްމަދު އާއި، ޢަލީ އަޚްރޫޝް އިބްރާހީމް އާއި، އާމިނަތު އަރޫޝާ އިބްރާހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/91 ޤަޟިއްޔާއިން ބެލި މައްސަލައިގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމަށް ތާއިދުކޮށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މި ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވެއެވެ.

6ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/91 ޤަޟިއްޔާގެ ޙުކުމަށްފަހު ވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި އެސް.ބީ.އައި އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ސިވިލް ކޯޓުގެ ނަންބަރު 4202/Cv-C/2018 ޤަޟިއްޔާ އިން ބެލި އެ މައްސަލައިގައި 12 ފެބްރުވަރީ 2019 އިން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި "މ.ކްރޯޓްން" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތަކާއި، "ހ.އަތަގަސްދޮށުގެ" އެވެ ކިޔާ ގޯއްޗާއި އެ ގޯތީގައިވާ ޢިމާރާތްތައް ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައިއަށް ލިބިގެންވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

7ސިވިލް ކޯޓުގެ ބަޔާންކުރެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ ލިބުމާ ގުޅިގެން، މ.ކްރޯޓްން އެވެ ކިޔާ ގޯއްޗާއި ހ.އަތަގަސްދޮށުގެ ވިއްކާލުމަށް އެސް.ބީ.އައި އިން ސޭލް ނޯޓިސް ނެރުނު ފަހުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި، އެ ކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާގެ ޙުކުމުން އިސްތިއުނާފު ކުރި ރަހުނު ވިއްކާލުމުގެ ހުއްދަ ބާޠިލްކޮށް، ރަހުނު ވިއްކާލުމުގެ ހުއްދައާމެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭ ކަމުގައި ކަނޑައެޅިއެވެ.

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި (މި މައްސަލައިގައި) އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅުމުން، އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒު މައްސަލައިގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ނުކުތާއަކަށްވާތީ، އަދި ހަވާލާދެވުނު ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް އެފަރާތުގެ ހުށަހެޅުމުގައި ހިމަނާފައި ނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ރަޖިސްޓްރާރގެ އެ ނިންމުން މުރާޖަޢާ ކުރުމަށް އެދި ހުށަހެޅުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކަކީ އެހެން ޤަޟިއްޔާއަކާ ގުޅުންހުރި ނުކުތާތަކަށްވެފައި، އިސްތިއުނާފުކުރި ހައިކޯޓުގެ ޤަޟިއްޔާގެ ނިންމުން ރަނގަޅު ނޫންކަމަށް ބަލަންޖެހޭ ޤާނޫނީ ނުކުތާއެއް ހުށަހަޅާފައިނުވާތީ، ރަޖިސްޓްރަރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

9ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ބެލުނު ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއިން ރަހުނު ވިއްކާލުމުގެ ހުއްދަ އެސް.ބީ.އައި އަށް ދިނުމާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ހުއްދަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގައި ހިނގަމުން މިދާ މައްސަލައިގެ ޙުކުމް ކުރިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/272 ޤަޟިއްޔާއިން ބަލަމުންދާ އެ މައްސަލައިގައި ގޮތެއް ކަނޑައަޅާފައި ނުވެއެވެ.

10މިހާރު ސުޕްރީމް ކޯޓުގައި ބަލަމުން މިދާ ޤަޟިއްޔާގައި އިސްތިއުނާފު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގެ ތެރެއިން ނެރެފައިވާ ޙުކުމްތަންފީޒު ފަސްކުރުމުގެ އަމުރެކެވެ.

11އެ ޙުކުމްތަންފީޒު ފަސްކުރުމުގެ އަމުރުގައި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 281 ވަނަ މާއްދާ އަދި ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ހައިކޯޓު ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން، ހައިކޯޓުގެ ނަންބަރު 2024/HC-A/272 ޤަޟިއްޔާގެ ޙުކުމްކުރުމާ ހަމައަށް ނުވަތަ އެ ނޫން ގޮތަކަށް އެ ކޯޓުން ކަނޑައެޅުމާއި ހަމައަށް، ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއިން ނެރެފައިވާ "ރަހުނު ވިއްކުމުގެ ހުއްދަ" ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" އިސްތިއުނާފު ކުރުމުގެ ގޮތުން އެސް.ބީ.އައި އިން އަންނަނިވި 2 (ދޭއް) ސަބަބު ހުށަހަޅާފައިވެއެވެ.

12.1. މިހާރު ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައަކީ ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާ ތަންފީޒުކުރުމުގެ ގޮތުން ހިންގޭ ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ހުއްދައެއް ކަމުގައާއި، ލޯނުގެ އިންޓަރެސްޓް ހިސާބުކުރެވިފައިވާ ގޮތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާއިން ގޮތް ކަނޑައަޅާފައިވާއިރު، ހައިކޯޓުގެ އެ ނިންމުމުގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ، ރެސްޖުޑިކާޓާގެ އުސޫލު ތަޠުބީޤުކުރުމުން، ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ އިސްތިއުނާފު ކުރުމުގެ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަމަކީ އެ ކޯޓަށް ބެލޭނެ ނުކުތާއެއް ނޫންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/272 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ އެ ކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ބުނެ ހުށަހެޅި ސަބަބު.

12.2. ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފުކުރެވޭ މައްސަލައިގެ މައުޟޫޢީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، ނިހާއީ ޙުކުމެއް އޮތުމުން، އަދި އޭގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވާއިރު، އެ ޙުކުމްތަކުގެ ބާރު ކެނޑޭގޮތަށް ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވަނީ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބު.

އިސްތިއުނާފީ ފުރަތަމަ ނުކުތާ

13މި މައްސަލައިގައި އިސްތިއުނާފު ކުރެވިފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައަކީ ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ނެރެފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ މައްސަލައެއްކަން ފާހަގަކޮށް، ލޯނުގެ އިންޓަރެސްޓް ހިސާބުކުރެވިފައިވާ ގޮތުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާއިން ގޮތް ކަނޑައަޅާފައިވާކަމާއި، އެ ޤަޟިއްޔާގެ އިސްތިއުނާފު ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުން ނިންމާފައިވުމުން، ރެސްޖުޑިކާޓާގެ އުސޫލު ތަޠުބީޤުކުރުމުން، ރަހުނު ވިއްކާލުމުގެ ހުއްދަ އިސްތިއުނާފު ކުރުމުގެ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަމަކީ އެ ކޯޓަށް ބެލޭނެ ކަންކަން ނޫންކަމުގައާއި، މި މައްސަލައިގައި ނެރެފައިވާ ޙުކުމް ތަންފީޒު ފަސްކުރުމުގެ އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އެސް.ބީ.އައިގެ ފަރާތުން ބުނެއެވެ.

14މި ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2345/Cv-C/2013 ޤަޟިއްޔާއަކީ މި ޚުޞޫމާތާއި ގުޅިގެން ސިވިލް ކޯޓުން ނިންމި މައުޟޫޢީ ޤަޟިއްޔާ ކަމާއި، އެ ޤަޟިއްޔާގެ ޙުކުމްގައި، އެއްބަސްވެފައިވާ ގޮތުގެ މަތިން 04 ނޮވެންބަރު 2014 ގެ ނިޔަލަށް ލޯނު ފެސިލިޓީއަށް US$3,049,824.78 (ތިން މިލިޔަން ސާޅީސް ނުވަހާސް އަށްސަތޭކަ ސައްވީސް ޔޫއެސް ޑޮލަރު ހަތްދިހަ އަށްސެންޓް) ނުދައްކާވާ ކަމަށް ކަނޑައަޅާފައިވަނިކޮށް، އޭގެފަހުން އެ ފެސިލިޓީއާ ގުޅިގެން 26 ނޮވެންބަރު 2024 ގެ ނިޔަލަށް US$9,698,789.43 (ނުވަ މިލިޔަން ހަ ލައްކަ ނުވަދިހަ އަށްހާސް ހަތްސަތޭކަ އަށްޑިހަ ނުވަ ޔޫއެސް ޑޮލަރު ސާޅީސް ތިން ސެންޓް) ދައްކަންޖެހި ނުދައްކާވާކަމަށް ކަނޑައަޅާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާއާ ގުޅިގެން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިން ކަމުގައިވާއިރު، މައުޟޫޢީ ޤަޟިއްޔާއިން ކަނޑައަޅާފައިވާ އަދަދާއި، ރަހުނު ވިއްކާލުމުގެ ހުއްދައިން ކަނޑައަޅާފައިވާ އަދަދުގައި US$6,648,959.65 (ހަ މިލިޔަން ހަ ލައްކަ ސާޅީސް އަށްހާސް ނުވަސަތޭކަ ފަންސާސް ނުވަ ޔޫއެސް ޑޮލަރު ފަސްދޮޅަސް ފަސް ސެންޓް) ގެ އިތުރުވުމެއް ހިމެނިފައިވާ ކަމުގައެވެ. އަދި މައުޟޫޢީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ލޯނު އެކައުންޓަށް ފައިސާ ދައްކަންޖެހޭ ކަމަށް ކަނޑައެޅޭނީ ސެންކްޝަން ސިޓީއާ އެއްގޮތަށް ކަމަށްވީނަމަވެސް، ރަހުނު ވިއްކާލުމަށް ދިން ހުއްދައިގެ ޒަރީޢާއިން ކަނޑައަޅާފައިވާ މި ޢަދަދަކީ ސެންކްޝަން ސިޓީގެ 4 ވަނަ މާއްދާއާ ޚިލާފަށް ކަނޑައަޅާފައިވާ ފައިސާގެ ޢަދަދެއްކަން ފާހަގަކޮށް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފައިވަނީ ރަނގަޅަށް ކަމުގައެވެ.

15HN1ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރަންޖެހެނީ "ހައިކޯޓުގެ ޤަވާޢިދު 2011" ގެ 68 ވަނަ މާއްދާއަށެވެ. އެ މާއްދާގައިވަނީ: "ދަށުކޯޓަކުން ނިންމާފައިވާ ޤަޟިއްޔާއެއްގެ ޙުކުމާމެދު ނުވަތަ އެފަދަ ކޯޓަކުން ކުރާ އަމުރަކާމެދު ނުވަތަ ޓްރައިބިއުނަލަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ ނިންމުމަކާމެދު ކަމާބެހޭ ފަރާތަކުން ހައިކޯޓަށް ޤަބޫލު ކުރެވޭފަދަ ސަބަބުތަކެއް ހުށަހަޅައިފިނަމަ އެ ޙުކުމެއް ނުވަތަ އެ އަމުރެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. ނަމަވެސް މިގޮތަށް ހައިކޯޓުން ޢަމަލު ކުރާނީ، އެ ޙުކުމަކާމެދު ނުވަތަ އެ އަމުރަކާމެދު ނަޒަރު ހިންގުމަށްފަހު އެކަމެއް ތަންފީޒު ނުކޮށް ވަގުތީގޮތުން ހިފެހެއްޓުން ރަނގަޅު ކަމަށް ހައިކޯޓަށް ފެނިއްޖެ ހިނދެއްގައެވެ."

16HN2އެސް.ބީ.އައިގެ ފަރާތުން ފާހަގަކުރާ ފަދައިން ހައިކޯޓުގެ ނިންމުމަކީ ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި މައްސަލައިގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވާ "ސޭލް ނޯޓިސް" ގައި އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓުގެ މައްސަލައިގެ ތެރެއިން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ ދަށުން ހ.އަތަގަސްދޮށުގެ އެވެ ކިޔާ ގޯތީގެ ބިމާއި ޢިމާރާތްތަކާއި މ.ކްރޯޓަން އެވެ ކިޔާ ގޯތީގެ ބިމާއި ޢިމާރާތްތައް ވިއްކާލުމަށް ބީލަމަށް ހުޅުވާލާފައިވާކަން އެނގެއެވެ. އަދި އެ "ސޭލް ނޯޓިސް" ގައިވާގޮތުގެ މަތިން، ބިޑު ހުށަހެޅުމުގެ ސުންގަޑި 10 ޑިސެންބަރު 2024 ގެ ހަވީރު 5:00 އަށް ހަމަވާކަން އެ ނޯޓިސް އަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ބީލަމުގެ މުއްދަތު ހަމަވި ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވަނީ، އެ އަމުރުގައި ފާހަގަކޮށްފައިވާ ފަދައިން، ޢަދުލުވެރިކަމާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށް، އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްކޮޅަށް މައްސަލަ ނިމޭ ޙާލަތެއްގައި، އެ ނިންމުމުގެ ބޭނުން ކެނޑި، އިޢާދަނުކުރެވޭފަދަ ގެއްލުމުގެއް ލިބުމުގެ އިޙުތިމާލު އޮތަތީއެވެ.

17ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ކޯޓުތަކަށް ލިބިދީފައިވާ ބާރެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް [2022] SC 08 މައްސަލައިގައި، އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކަކީ މުހިންމު އަމުރުތަކެއް ކަމަށާއި، އެފަދަ އަމުރު ނެރުން ލަސްވެ، މައްސަލަ ނިމުމުގެ ކުރިން ޙުކުމް ތަންފީޒުކޮށްފިނަމަ އިންސާފަށް ހުރަސްއެޅި، އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެ ޙާލަތެއް ވުޖޫދު ވެދާނެކަމުން، އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ސަބަބުތަކަށް ބަލައި، އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަމުރު ނެރުމަކީ ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.

18HN3ހަމައެއާއެކު، ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކަކީ ވަކި ދާއިރާއަކަށް ޤައިދުވެފައިވާ ބާވަތެއްގެ މައްސަލައެއްކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ ވ. މަޢުރޫފާ އަބޫބަކުރު [2021] SC 48 މައްސަލައިގައި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅެނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމަކީ އެފަދަ މައްސަލަތަކުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫންކަމުގައި ކަނޑައަޅާފައިވެއެވެ.

19HN4މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރަން ބަލާއިރު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގެ ތެރެއިން ނެރެފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކާ ގުޅޭ މައްސަލައެއް ކަމުގައިވެފައި، މައްސަލައިގެ ހަސްމުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން، ހައިކޯޓަށް ހުށަހަޅާފައިވާ (އިސްވެފާހަގަކުރި) އިސްތިއުނާފު މައްސަލައިގެ މައުޟޫޢަކީ އިންޓަރެސްޓް ހިސާބުކޮށްފައިވާ ގޮތުގެ މައްޗަށް ބިނާވާ ނުކުތާތަކެއް ކަމުގައިވާތީ، އެ ބަހުސަކީ އެންމެ ފުރަތަމަ ހައިކޯޓަށް ހުށަހެޅި އެ ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމެކެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް [2021] SC 60 މައްސަލައިގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައުޟޫޢަށް ގޮތް ކަނޑައެޅުމުގެ ކުރިއަށް، މި ކޯޓަށް ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހަވާލާދީ ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

20އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޙުކުމެއް ނުވަތަ އެކި ބާވަތްތަކުގެ އަމުރު ހިމެނޭ ފަދައިން އެ ނޫންވެސް ނިންމުމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ހައިކޯޓަށް ލިބިގެންވެއެވެ. އަދި އެފަދައިން ނިންމުމެއް ތަންފީޒުނުކޮށް ވަގުތީގޮތުން ހައިކޯޓަށް ހިފެހެއްޓެނީ އެފަދައިން އަމަލުކުރުމަކީ އެންމެ އެކަށޭނަ ގޮތް ކަމަށް ހައިކޯޓަށް ފެނިއްޖެ ޙާލަތެއްގައި ކަމުގައިވެފައި، އިސްތިއުނާފުކޮށްފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަށް ހައިކޯޓަށް ބުރަވެވުނު ސަބަބުތައް އެ އަމުރުގައި ބަޔާންކޮށްފައިވާތީ، އަދި އިޝާރާތްކުރެވުނު ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވަނީ ޤާނޫނީ ގޮތުން ސުވާލު އެފެދޭ ފަދައަކުން ކަމުގައި ބުނެ އެސް.ބީ.އައިގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށާއި، މީގެ ކުރިން އެ މައުޟޫޢުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން، އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުމަކީ ހައިކޯޓުގެ ގަވާއިދުގެ 68 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބެލެވޭނެ ޤާނޫނީ ސަބަބެއް އޮތްކަމުގައި ނުދެކެމެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާ

21ސުޕްރީމް ކޯޓަށް އެސް.ބީ.އައިގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެ ކަމަށާއި، އިސްތިއުނާފުކުރެވޭ މައްސަލައިގެ މައުޟޫޢީ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި، ނިހާއީ ޙުކުމެއް ކޮށްފައިވަނިކޮށް، އަދި އިސްތިއުނާފުކުރާ ފަރާތާތަކުން މިހާރުވެސް ހުށަހަޅާފައިވާ ނުކުތާތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތްތަކެއް ކަނޑައަޅާފައިވާއިރު، އެ ޙުކުމްތަކުގެ ބާރު ކެނޑޭގޮތަށް ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ.

22އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، ހައިކޯޓުގެ ނަންބަރު 2019/HC-A/225 ޤަޟިއްޔާގައި ގޮތް ކަނޑައަޅާފައިވާ މައުޟޫޢާ މިހާރު އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ މައުޟޫޢަކީ މުޅިން ތަފާތު ދެ މައުޟޫއެއް ކަމާއި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރާއި އެ ގަވާއިދުގެ 162 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، ރަހުނެއް ވިއްކަންޖެހެނީ އެކުގައިތޯ ނުވަތަ ރަހުނުން ބައެއްތޯ އެއީ ސިވިލް ކޯޓުން ކަނޑައަޅަންޖެހޭ ކަމެއް ކަމުގައިވާއިރު، ސިވިލް ކޯޓުގެ ރަހުނު ވިއްކާލުމުގެ ހުއްދައިގައި އެ ޒިންމާ ބޭންކަށް ދީފައިވަނީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތާ ޚިލާފަށް ކަމުގައިވާތީ، އިސްތިއުނާފީ ދެވަނަ ނުކުތާގައި ޤާނޫނީ ގޮތުން ހަރުދަނާ ބަހުސެއް ހުށަހަޅާފައިވާ ނުވާ ކަމަށެވެ.

23HN5މި ނުކުތާއަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން، ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ކޯޓު ތަކުން ނެރޭ ޙުކުމްތަކާއި އަމުރުތައް އިސްތިއުނާފު ކުރުމަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ އަސާސީ ޙައްޤެއް ކަމެވެ. އަދި މި ޙައްޤު ހަނި ކުރެވޭނީ އެހެނިހެން އަސާސީ ޙައްޤުތައް ހަނިކުރެވޭ އުސޫލުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެކަނިކަމެވެ.

24HN6އެހެންކަމުން، ތަންފީޒު މައްސަލަ ކުރިއަށް ގެންދިއުމުގެ ތެރޭގައި ނިންމާ ނިންމުންތަކަކީ މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން، ނުވަތަ މައްސަލައިގެ މައުޟޫޢާމެދު އަލުން ގޮތްތަކެއް ކަނޑައެޅި، މައުޟޫޢީ މައްސަލަ ރޫޅިގެންދާ ފިޔަވަޅުތަކެއް ނަމަ، ތަންފީޒީ މައްސަލައިގެ ތެރެއިން ނިންމާ އެފަދަ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެއެވެ. މައުޟޫޢީ މައްސަލަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވުމަކީ، ތަންފީޒު މައްސަލައިގައި އަޅާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮތް ހުރަހެއް ނޫންކަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް ޤަޟިއްޔާގެ ނިންމުމުން ސާފެވެ.

25މި ރައުޔުގެ 19 ވަނަ ޕެރެގްރާޕްގައި ފާހަގަކޮށްފައިވާ ފަދައިން ލޯނު އިންޓްރެސްޓް ހިސާބުކުރުމާ ގުޅޭގޮތުން އެސް.ބީ.އައި އިން މި ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ހިނގަމުންދާ ޤަޟިއްޔާގެ މައުޟޫޢާ ގުޅުންހުރި ކަންކަން ކަމުގައިވާތީ، މި ނުކުތާއަށް މި ހިނދުގައި މި ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަށް އަހުރެން ނުދެކެމެވެ. އަދި އެހެންކަމުން، މި ޙާލަތުގައި، އެސް.ބީ.އައިގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން ހައިކޯޓުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ޚިލާފުވާ ފަދައިން ކަމަށް ކަނޑައެޅިދާނެ ކަމުގައި، އަދި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން އިތުރު ބަހުސެއް ކޮށް ގޮތެއް ކަނޑައަޅަންޖެހިދާނެ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

26މަތީގައި ތަފުސީލު ކުރި ސަބަބުތައް އެފަދައިން ހުރުމާއެކު، އެސް.ބީ.އައިގެ ފަރާތުން ފާހަގަ ކުރި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/272 ޤަޟިއްޔާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާގައި ނެރެފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒުކުރުން ފަސްކުރުމަށް ނެރެފައިވާ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ބެލިދާނެ ޤާނޫނީ ހަމައެއް ނެތަތީ، އެ އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

27މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

28މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، މި ޤަޟިއްޔާގައި އިސްތިއުނާފު ކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" އަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލޭ ބްރާންޗް) ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސައިން ޝަހީދު

ޢާއިޝާ ޝުޖޫން މުޙައްމަދު

(ރިޔާސަތު)

ޢަބްދުﷲ ޙަމީދު

ފުޓްނޯޓު

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A052024
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042603
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A058893
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A032754
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A032664
  6. ސިވިލް ކޯޓުގެ ނަންބަރު B5-CR-2/RVH/2019/01 ރަހުނު ވިއްކާލުމުގެ ހުއްދަ
  7. ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" (10 ޑިސެމްބަރ 2024) ގެ ޕްރެގްރާފް 5.
  8. އބމ
  9. ސުޕްރީމް ކޯޓުގެ ނަންބަރު SC-197/REG/2020/61 (11 މާރިޗު 2020) "ރަޖިސްޓްރަރގެ ނިންމުމުން"
  10. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-LRD/9 "ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓު" 05 އޮގަސްޓް 2020
  11. ސިވިލް ކޯޓުގެ ނަންބަރު 3329/Cv-C/2020 ޤަޟިއްޔާގެ ތެރެއިން ނެރެފައިވާ (އިސްތިއުނާފު ކުރެވުނު) "ރަހުނު ވިއްކާލުމުގެ ހުއްދަ" ގައި އެއްވެސް ރިފަރަންސް ނަންބަރެއް ހިމަނާފައިނުވެއެވެ.
  12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/272 ޤަޟިއްޔާ
  13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B10/CHT/2024/5081 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" (10 ޑިސެންބަރު 2024)
  14. އބމ
  15. އބމ
  16. އބމ ގެ ޕެރެގްރާފް 11 އަދި 12
  17. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/48 ޤަޟިއްޔާ
  18. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/07 ޤަޟިއްޔާ
  19. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/28 ޤަޟިއްޔާ
  20. ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  21. ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
  22. އބމ 17
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 281 ވަނަ މާއްދާ
  • ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 49 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 16 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 42 ވަނަ މާއްދާ
  • ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ) ގެ (7) އަދި 162 ވަނަ މާއްދާގެ (ބ)
  • 2021/SC-A/48 ([2022] SC 08)
  • 2019/SC-A/07 ([2021] SC 48)
  • 2021/SC-A/28 ([2021] SC 60)
  • SC-197/REG/2020/61
  • 2020/SC-LRD/9
  • 2019/HC-A/225
  • 2015/HC-A/91
  • 2345/Cv-C/2013

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ