މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2021/SC-A/28
ޝަރީޢަތް ނިމުނުގޮތް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
17 ޖޫން 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
95-B2/CHT/2020/4009
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ބަދަލުގައި: ޢަބްދުﷲ ޙުސާމް ޝަރީފް
ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް ސީޓީއެލް ސްޓްރެޓެޖީސް އެލްއެލްޕީ ބަދަލުގައި: އާމިނަތު ނާއިފާ
ޤާނޫނީ ވަކީލު: ޢަލީ ޢާމިރު
މަދަނީ - ޙުކުމް ތަންފީޒުކުރުން ފަސްކުރުން - ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ އުސޫލު - އަމުރު ނެރުމަށް ކޯޓަށް ލިބިގެންވާ ބާރު - އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުމުގެ އުސޫލު - ޤާނޫނީ އުސޫލު ތަޠުބީޤުކުރުން - ރިޓް އޮފް ޕްރޮހިބިޝަން - އިސްތިއުނާފު ކުރުމުގެ ޙައްޤު -ނެޗުރަލް ޖަސްޓިސްގެ މަފްހޫމް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ )މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މީރާ"( ގެ ފަރާތުން މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު (C-108/2008) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މޯލްޑިވްސް ކޮލިޓީ ސީފުޑް") ގެ މައްޗަށް ރައްދުވާގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު 2020/HC-A/104 ޤަޟިއްޔާއާ ގުޅިގެން، ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 95-B2/CHT/2020/4009 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއިމެދު ނިންމި ގޮތް" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު މައްސަލައެކެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
މީރާގެ ނަންބަރު 1000411/NOTA-GGST/2016/03 (20 އޮކްޓޫބަރު 2016) "ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް" އާއި މީރާގެ ކޭސް ނަންބަރު CP/GST/2016/252 (20 އޮކްޓޫބަރު 2016) "ގުޑްސް އެންޑް ސަރވިސެސް ޓެކްސް އޮޑިޓް ރިޕޯޓު" ގައި، މޯލްޑިވްސް ކޮލިޓީ ސީފުޑްއިން މީރާއަށް ދެއްކުމަށް އެންގި ޓެކްސް ފައިސާއަށް އެ ކުންފުނިން އިއުތިރާޒުކުރިއެވެ. އަދި މި އިއުތިރާޒު ތަފްޞީލުކޮށް، މޯލްޑިވްސް ކޮލިޓީ ސީފުޑްއިން މީރާއަށް "ނޯޓިސް އޮފް އޮބްޖެކްޝަން" އެއް ހުށަހެޅިއެވެ. ބުނެވުނު "ނޯޓިސް އޮފް އޮބްޖެކްޝަން" އާ ގުޅިގެން މީރާގެ ނަންބަރު 220-OA/2016/75 (29 ޑިސެންބަރު 2016) "އޮބްޖެކްޝަން ރިވިއު ރިޕޯޓު" ގައި، މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ސުން ރޭޓުގައި ޖީ.އެސް.ޓީ ނެގޭނީ މަސް ވިއްކުމަށް ކުރެވޭ މުޢާމަލާތްތަކުން އެކަނި ކަމަށާއި، މަސް ޕްރޮސެސްކުރުމުގެ އަގުން ޖީ.އެސްޓީ ދައްކަންޖެހޭ ކަމަށް ނިންމާފައިވެއެވެ. މޯލްޑިވްސް ކޮލިޓީ ސީފުޑްއިން މަސް ޕްރޮސެސްކުރުމުގެ އަގުން ޓެކްސް ދައްކަންޖެހޭނެކަމަށް މީރާއިން ނިންމާފައިވާތީ، އެއީ މޯލްޑިވްސް ކޮލިޓީ ސީފުޑުން ދައްކަންޖެހޭ ޓެކުހެއް ނޫންކަމަށްބުނެ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، އެ ކުންފުނިން އެކަން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/003 މައްސަލައިގައި އެ ޓްރައިބިއުނަލުގެ މައްސަލަ ބެލި ތިން މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ މީރާގެ ނަންބަރު 2020-OA/2016/75 (29 ޑިސެންބަރު 2016) "އޮބްޖެކްޝަން ރިވިއު ރިޕޯޓް" ގައި ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، މި މައްސަލައާ ގުޅިގެން މީރާއިން ނަގާފައިވާ ޓެކުހުގެ އަދަދު ޤާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ކޮލިޓީ ސީފުޑަށް އަނބުރާ ރައްދުކުރުމަށް މީރާއަށް އަންގައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް މީރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ އެ ކޯޓުގެ ނަންބަރު2020/HC-A/104 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެ ޤަޟިއްޔާއާއެކު ޓެކްސް އެޕީލް ޓްރައިބިނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދި މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން، މި މައްސަލައިގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރޭދެނޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފައި ވެއެވެ.
ޙުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް މީރާއިން އެދުނު އެދުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށްކަން އެ ނިންމުމަށް ބެލުމުން އެނގެން އޮވެއެވެ.
އިސްތިއުނާފުކުރާ ކޮންމެ މައްސަލައަކާއެކު ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެތުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބޭ، ނުވަތަ އިސްތިއުނާފު އޭގެ އެންމެ އެދެވޭ ގޮތުގައި ކުރުމަށް ހުރަސްއެޅިގެންދާނެ ސަބަބެއް ނޫންކަން؛
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒު ކުރިނަމަވެސް، ހައިކޯޓުގެ މަރުޙަލާގައި މީރާއަށް ކާމިޔާބުވެއްޖެނަމަ މީރާއަށް އެ ފައިސާ ހޯދަން މަސައްކަތް ކުރެވޭނެކަމަށާއި، ބޭންކް އެކައުންޓް ފްރީޒްކޮށްގެން ފައިސާ ހޯދުމުގެ ބާރު މީރާއަށް ލިބިގެންވާ ކަމުގައާއި، އެ ފައިސާ އަނބުރާ މީރާއަށް ދައްކަން ހައިކޯޓުން އަންގައިފިނަމަ އެ ފައިސާ ދެއްކުމުގެ ޤާބިލުކަން މޯލްޑިވްސް ކޮލިޓީ ސީފުޑަށް ލިބިގެންވާކަމަށް އެ ކުންފުނިން ބުނެފައިވާކަން؛
މި މައްސަލައިގައި ހިމެނޭ -/238,239ރ. (ދެ ލައްކަ ތިރީސް އަށްހާސް ދުއިސައްތަ ތިރީސް ނުވަ ރުފިޔާ) ގެ އިތުރުން މީރާގައި މިހާރުވެސް މޯލްޑިވްސް ކޮލިޓީ ސީފުޑަށް ލިބެންޖެހޭ 700,000/-ރ. (ހަތްލައްކަ ރުފިޔާ) އަށްވުރެ ގިނަ ފައިސާ ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އެކަމަށް މީރާއިން އިންކާރުކޮށްފައި ނުވާކަން؛ އަދި
ޓްރައިބިއުނަލްއިން އަމުރުކޮށްފައިވާ ފަދައިން މީރާއިން ރީފަންޑު ދޭންޖެހުމަކީ ދައުލަތަށް ނުއުފުލޭވަރުގެ ބުރައެއް ކަމަށް ބެލެވޭނެ ހަމައެއް ނެތްކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B2/CHT/2020/4009 ނިންމުން (މީގެ ފަހުން "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއިމެދު ނިންމި ގޮތް") ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، މީރާއިން މައިގަނޑު 2 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ސަބަބަކީ، މި މައްސަލައިގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރޭނެތަނެއް ނެތްކަމަށް ދިވެހިރާއްޖޭ ހައިކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ އުސޫލުތަކާ ޚިލާފަށް، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ދެވަނަ ސަބަބަކީ، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބެލުމެއް ނެތި ކަމަށްވުމުން ހައިކޯޓުގެ އެ ނިންމުމަކީ ޕްރިންސިޕަލް އޮފް ނެޗްރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މީރާއިން ބަޔާންކުރި އިސްވެ ބަޔާންކުރި އިސްތިއުް މީރާއިން އެދުނު އެދުމާއި ގުޅިގެން ހުށަހަޅާފައިވާ އިސްތިއުނާފީ ސަބަބުތަކަށް ރައްދު ދިނުމުގެ ގޮތުން މޯލްޑިވްސް ކޮލިޓީ ސީފުޑްގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
މީރާއިން ބޭނުންވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމުގައި އޮތް ރޭޝިއޯ ޑެސިޑެންޑީ ހުއްޓުވަން ކަމުގައި ވީނަމަވެސް، ރޭޝިއޯ ޑެސިޑެންޑީ ހުއްޓުވުމަކީ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއްގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމާއި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭންޖެހޭނީ އެކަން ކުރަންޖެހޭފަދަ ޙާލަތެއް އޮތްނަމަ ކަމަށާއި، މި މައްސަލައިގައި އެފަދަ ޙާލަތެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފަށްކަމަށް މީރާއިން ބުނިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ޚިލާފުވެފައިވަނީ ނެޗުރަލް ޖަސްޓިސްގެ ކޮން އުސޫލަކާ ކަމެއް ނުވަތަ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އުފެދޭ ބަހުސަކީ ކޮބައިކަން މީރާއަށް ބުނެދެވިފައި ނުވާތީ، އަދި ހައިކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަމަށް މީރާއިން ބުނާ ކަންކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި އޮތްކަން އެނގެންއޮންނާތީ، މި ނުކުތާއަކީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބަލައިގަނެ ވާހަކަ ދެކެވެންޖެހޭ ނުކުތާއެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާ
ޓްކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭ ހައިކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގައި ރިޢާޔަތްކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް، އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ ތަފްޞީލުކުރަމުން މީރާއިން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގެ އަލީގައި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކީ ކޮންމެ މައްސަލައެއްގައިވެސް މައްސަލައިގެ ޒާތަށާއި ވަށައިގެންވާކަންކަމަށް ބެލުމަށްފަހު، ކޯޓަށް ލިބިފައިވާ އިޚްތިޔާރެއްގެ ދަށުން ނެރޭ އެއްޗެއް ކަމަށްވާއިރު، އަދި އިސްތިއުނާފުކުރާ ފަރާތަށް އިސްތިއުނާފު މައްސަލަ ކާމިޔާބު ވެއްޖެނަމަ، އިސްތިއުނާފުގެ ޙުކުމަކީ އަގެއް ނެތް އެއްޗަކަށްވެދާނެ ކަމަށް ޤަބޫލުކުރެވޭނަމަ، އެކަމަށް އެހެން ކަންކަމަށްވުރެ ބޮޑަށް ރިޢާޔަތްކުރަން ޖެހޭ ހިނދު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރުމަކީ އެފަދަ ނަތީޖާއެއް ނިކުމެދާނެ ކަމެއްކަން؛
ހައިކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގައި މަސް ޕްރޮސެސް ކުރުމުގެ ޚިދުމަތަކީ މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ސުން ރޭޓުގައި ޖީ.އެސް.ޓީ ނެގޭނެ މުދަލެއްކަމުގައި ބެލުމުގެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމުގައިބުނެ ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކަށް ވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުން ޙުކުމް ތަންފީޒު ކުރުން ފަސްކުރުމާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ޚާއްސަ ޙާލަތްތަކެއް ހުރިކަމަށާއި، އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިން ޙުކުމް ތަންފީޒު ކުރަންޖެހިއްޖެނަމަ، މިފަދަ ހުރިހާ މައްސަލަތަކެއްގައި، މީރާއިން މޯލްޑިވްސް ކޮލިޓީ ސީފުޑްއަށް ނޫން އެހެން ފަރާތްތަކަށް ފައިސާ ރައްދުކުރަންޖެހޭ ކަމަށް އެފަރާތަށް ޤަބޫލުކުރެވޭތީ، އިސްތިއުނާފީ މައްސަލަ ނިމުމުގެ ކުރިއަށް ޙުކުމް ތަންފީޒުކުރުން ހުއްޓުވަންޖެހޭކަން؛ އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-SJ/04 "ރިޓް އޮފް ޕްރޮހިބިޝަން" (މީގެ ފަހުން "ރިޓް އޮފް ޕްރޮހިބިޝަން") ގައި ކަނޑައަޅާފައިވާ ފަދައިން، މިއީ މަދަނީ މައްސަލައެއް ކަމުގައިވާތީ، އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުން ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ކަމުގައި ދެކޭކަމާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްނުކޮށްފިނަމަ، މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބޭކަން.
ޙުކުމް ތަންފީޒުކުރުމުގެ އަމުރު ނެރުން
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ހައިކޯޓުން ނިންމި ގޮތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި، ކޯޓުގެ ޒާތުގައި ލިބިގެންވާ ބާރުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން އެ ޤާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމުގެ ބާރު ހައިކޯޓަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކާއި ގުޅިގެން އެ ކޯޓުން ރިޢާޔަތްކުރަންޖެހެނީ "ހައިކޯޓުގެ ގަވާއިދު 2011" ގެ 67 އަދި 68 ވަނަ މާއްދާއަށް ކަމަށާއި، ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ޙުކުމް ތަންފީޒުކުރުން ފަސްކުރުމަކީ އެ ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެއްކަންވެސް އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މީރާގެ ފަރާތުން މިކަންކަމުގެ މައްޗަށް ސުވާލެއް ނުއުފައްދައެވެ.
މީރާގެ ފަރާތުން ސުވާލު އުފައްދާފައިވަނީ، ހައިކޯޓަށް ލިބިގެންވާ އެ އިޚްތިޔާރުގެ ބޭނުންކޮށް، އެ ކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މިންގަނޑުގެ އަލީގައި، ހައިކޯޓުން ޙުކުމް ތަންފީޒުކުރުމުގެ އަމުރެއް ނުނެރެވާތީއެވެ.
އެއްކަހަލަ މައްސަލަތަކާމެދު ޢަމަލުކުރަންވާނީ އެއްގޮތަކަށް (treat like cases alike) ކަމުގައި އޮންނަ ޤާއިދާއަކީ ގޮތް ކަނޑައެޅުމުގައި ވަކި ފަރާތަކަށް ބުރަ ނުވުމާއި، ނަޒާހާތްތެރިކަމާއި، އެއްގޮތް ކުރުމާއި ގުޅުވާ، އިންސާފު ޤާއިމުކުރުމުގެ މުހިންމު އަދި މައި ދައުރެއް އަދާކުރާ ޤާއިދާއެކެވެ. އަދި، މިއީ އެ ޤާއިދާއެއްގެ މައްޗަށް، މަތީ މަރުޙަލާ ކޯޓުތަކުން ކުރިން ނިންމާފައިވާ ގޮތަށް ތަބާވުމުގެ އުސޫލު (judicial precedents) ބިނާވާ ޤާއިދާ ކަމުގައިވާހިނދު، އެއްގޮތް މައްސަލަތަކުގައި އެއް ނިންމުމަކަށް ވާޞިލުވުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ.
މިގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/158 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދަ ޢާންމު އުސޫލެއް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމާގުޅޭ ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވެސް ތަޠުބީޤު ކުރެވިދާނެއެވެ. އެހެން ނަމަވެސް، އެ އުސޫލުގައި ރިޢާޔަތްތެރިކަމެއް ދޭންޖެހޭނެކަމުގައި ބުނެ ބަޔާންކޮށްފައިވާ ކަންކަމަކީ، ކޮންމެ މައްސަލައެއްގެވެސް ވާޤިއާތަކާއި ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެ މައްސަލައިގެ ޙަޤީޤަތްތަކަށް ބަލައި ތަޠުބީޤު ކުރަންޖެހޭ ކަންކަން (subjective application) ކަމުގައިވާތީ، އެއް މައްސަލައެއްގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުމަކީ، ހަމަ އެ އުސޫލަށް ރިޢާޔަތްކޮށް، އެހެން މައްސަލައެއްގައި އެ ނަތީޖާ ނިކުންނަ ޙާލަތެއްކަމުގައި ނުވެ ހިނގައިދާނެއެވެ. އެއީ، ކޮންމެ ނިންމުމަކީވެސް ޢަދުލުވެރިވުމުގެ އިތުރުން، ރިޢާޔަތް ކުރަންޖެހޭ އުސޫލުތަކާއި މައްސަލައާގުޅޭ ޙަޤީޤަތްތަކުގެ އަލީގައި، އެ ނިންމުން ނިންމި ސަބަބާއި ހުއްޖަތް ސާފުވާންޖެހޭ (justify) ނިންމުމެއް ކަމުގައިވާތީއެވެ.
މިގޮތުން، މައްސަލައިގެ ވާޤިއާތަކާއި ވަށައިގެންވާ ކަންކަމުގައި ތަފާތުކަމެއް ހުރެގެން، އެއް އުސޫލެއް ތަޠުބީޤުކުރުމުން ދެ ނަތީޖާއެއް ނިކުންނަނަމަ، މައްސަލައިގައިވާ ތަފާތު ޙާލަތަކީ ކޮބައިކަމާއި، އޭގެ ސަބަބުން ނަތީޖާ ތަފާތުވަނީ ކިހިނެއްކަން ބަޔާންކޮށް، ކުރިއަށް ދިއުމަކީ ފަނޑިޔާރުންނަށް ކުރެވިދާނެކަމެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެފަދައިން ޢަމަލުކުރުމަކީ އެއްކަހަލަ މައްސަލަތަކާމެދު ތަފާތުކޮށް ޢަމަލުކުރުން ކަމުގައި ނުދެކެމެވެ.
މީގެ އިތުރުން، ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދީފައި ނުވަނީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކަމުގައި ބުނެ ހުށަހަޅާފައިވާ މި މައްސަލައިގެ ތެރެއިން، ޚުޞޫމާތް އުފެދިފައިވާ މައްސަލައިގެ ކޮންމެވެސް މިންވަރެއްގެ މަޢުލޫމާތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނަމަވެސް، މީރާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފުކުރި މައްސަލައިގެ މައުޟޫޢަށް އަދި މިހާތަނަށް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާތީ، މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައަޅާފައި ނުވާ ޙާލަތެއްގައި، އަދި ހައިކޯޓަށް ލިބިގެންވާ އިޚްތިޔާރެއްގެ ތެރެއިން އެ ކޯޓުން ނިންމާފައިވާ ނިންމުމަކާއި ވިދިގެން، އެ ނިންމުން ނިންމުމުގައި އުސޫލީ މައްސަލަތަކެއް ހުރިކަން ފެންނަން ނެތް ޙާލަތުގައި، މައްސަލައިގެ މައުޟޫޢާ ގުޅުވާ، ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ކަން ނުވަތަ ނޫންކަމާ މެދު މި ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެކަށޭނަ ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ.
ރިޓް އޮފް ޕްރޮހިބިޝަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން" އަށް ޙަވާލާދީ މީރާގެ ފަރާތުން ބަޔާންކޮށްފައިވަނީ، ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ މަދަނީ މައްސަލައެއް ކަމުގައިވާތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމުން، މައްސަލައިގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަކީ މީރާގެ އިސްތިއުނާފީ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން ކުރެވެންޖެހޭ ކަމެއް ކަމުގައެވެ.
ބުނެވުނު "ރިޓް އޮފް ޕްރޮހިބިޝަން" އަކީ މަދަނީ ކޯޓުގެ ނަންބަރު 434/MC/2008 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ހ. މެރިންވިއު އަޙްމަދު ޝަމީމު ހައިކޯޓަށް އިސްތިއުނާފުކުރި މައްސަލައިގެ ތެރެއިން ހޯދުމަށް އެދިފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު އެ ކޯޓުން ނެރެދީފައި ނުވާތީ، އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ޙުކުމް ތަންފީޒުކުރުން ފަސް ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން ބާޠިލުކޮށް، މަދަނީ ކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަންގާ ނެރެފައިވާ އަމުރެކެވެ. މި "ރިޓް އޮފް ޕްރޮހިބިޝަން" އަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދިއުމަށް ބަލާއިރު:
ފުރަތަމަ ކަމަކަށް، ރިޓް އޮފް ޕްރޮހިބިޝަންއަކީ ޤާނޫނީ ގޮތުން ކޮބައިކަމުގެ މައްޗަށް ބަލާއިރު، އެއީ މަތީ މަރުޙަލާގެ ކޯޓަކުން، އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓެއްގައި ހިނގާ ކަމަކީ އެ ކޯޓަކަށް އިޚްތިޞާޞް ލިބިގެންނުވާ ކަމެއް ކަމުގައިވެގެން، އެކަމެއް ކުރުން މަނާކޮށް، ލިޔުމުން ނެރޭ އަމުރެކެވެ. އެ ބާވަތުގެ އަމުރުން މަނާކުރަނީ ކޯޓަކަށް އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްގައި ޙުކުމް ތަންފީޒުކުރުމެއް ނޫނެވެ.
ދެވަނަ ކަމަކަށް، އެހެން ގިނަ ޤައުމުތަކުގައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމާއި ގުޅިގެން އަމަލުކުރަންޖެހޭ ގޮތް އެ ޤައުމުތަކުގެ މަދަނީ އިޖުރާއަތުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އެފަދަ އިޖުރާއަތެއް އަދި މިހިނދުގައި ނެތުމުން، ހުރި ޤާނޫނުތަކަށް ބަލާއިރު ފެންނަންއޮތީ ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން، އަމުރު ނެރުމަށް ލިބިފައިވާ ބާރެވެ. އެ ބާރަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކޯޓުތަކުގެ ޤާނޫނާއި ކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމަށް ލިބިގެންވާ ބާރުގެ ހުދޫދުގެ ތެރެއިން ނެރެންވާ އަމުރެވެ. އެހެންނަމަވެސް، ބުނެވުނު "ރިޓް އޮފް ޕްރޮހިބިޝަން" ނެރެފައިވަނީ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅުމުން، އަދި އެކަން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަކާއި ނުލައި، މައްސަލައެއް ރަޖިސްޓަރީ ކުރުމަކާ ނުލައި، އަދި އަޑުއެހުމެއް ބޭއްވުމަކާއި ނުލައި، ހަމައެކަނި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދުމުގެ ގޮތުން ހ. މެރިންވިއު އަޙްމަދު ޝަމީމު ހުށަހެޅި ހުށަހެޅުމުގެ މައްޗަށެވެ. އެހެންކަމުން މިއީ، ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞް ކަމުގައި ކަނޑައަޅާފައިވާ ކަންކަމުގެ ބޭރުން، އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތުގެ ބޭރުން ނިންމާފައި ނިންމުމެއް ކަމުގައި ދެކެމެވެ.
ތިންވަނަ ކަމަކަށް، ޤާނޫނީ އާންމު އުސޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން (އޮޓޮމެޓިކުން) ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ. ޙުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރު ކުރުމުންނެވެ. އަދި އިސްތިއުނާފީ ކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކުރަންވާނީ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، މައްސަލައިގެ ވާޤިއާތަކަށާއި، އެފަދަ އަމުރެއް ނެރުމުގައާއި އެފަދަ އަމުރެއް ނުނެރުމުގައި ހުރި ފައިދާއާއި ނުރައްކާ އަޅާކިޔުމަށް ފަހުގައެވެ.
އެހެންކަމުން، "ރިޓް އޮފް ޕްރޮހިބިޝަން" ގައިވާ ކަންކަމަކީ މަތީ މަރުޙަލާއެއްގެ ކޯޓަކުން ކަނޑައަޅާފައިވާ ޤާނޫނީ އުސޫލެއްގެ ގޮތުގައި ބެލިގެންވާނެ ކަންކަން ކަމުގައި އަހުރެން ނުދެކެމެވެ.
މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤު
ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދިނުމުން، މީރާގެ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އަސަރުކުރަނީ ކިހިނަކުންކަން ބަލާއިރު، މީރާއިން ބުނެފައިވަނީ ޙުކުމް ތަންފީޒުކުރުމުގެ އަމުރު ނެރުމަކާއި ނުލައި މައްސަލަ ކުރިއަށް ގެންދާނަމަ، އެ އިދާރާއަށް ލިބިފައިވާ އިސްތިއުނާފީ ޙައްޤަށް އުނިކަން އަންނަކަމަށެވެ.
ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފައިނުވާތީ، މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަމެއް އަންނަކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު ކުރުމަކީ "ދަށު ކޯޓަކުން ކުރި ޙުކުމެއް ކޮށްފައިވަނީ ނުވަތަ ނިންމި ނިންމުމެއް ނިންމާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅަށްތޯ ބެލުމަށްޓަކައި އެ ޙުކުމެއް ނުވަތަ ނިންމުމެއް މުރާޖައާކުރަން އެދި މަތީ ]މަރުޙަލާ[ ކޯޓަކަށް ހުށަހަޅާ ހުށަހެޅުން" އެވެ. އަދި މީގެ ތެރޭގައި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުން ހިމެނެއެވެ.
ހައިކޯޓުގެ ނަންބަރު 2020/HC-A/104 ޤަޟިއްޔާއަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-G/2017/003 މައްސަލައިގައި ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭފަދަ ޤާނޫނީ ސަބަބުތަކެއް ހުރި ކަމުގައި ދެކިގެން، މީރާއިން އެކަން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެވެ. އެ މައްސަލައަށް އަދި ފައިސަލާކޮށްފައި ނުވެއެވެ. ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއިން ބަލަމުން މިދަނީ ހައިކޯޓުގައި ބަލަމުންދާ ބުނެވުނު މައްސަލައިގެ ތެރެއިން، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމާމެދު ހައިކޯޓުން ނިންމި ނިންމުން ނުވަތަ "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ނިންމި ގޮތް" އިސްތިއުނާފުކުރުމުން ބެލޭ މައްސަލައެވެ. އެހެންކަމުން، މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއާއި ހައިކޯޓުގެ ނިންމުންތައް ޤާނޫނުގައި އޮންނަ އިޖުރާއަތުގެ ތެރެއިން އިސްތިއުނާފު ކޮށްފައިވާކަން ފެންނާން އޮތްއިރު، ޙުކުމް ތަންފީޒުކުރުން ފަސްކޮށް ނުދިނުމުގެ ސަބަބުން އެ ޙައްޤަށް އުނިކަން އަންނަ ގޮތް މީރާއަށް ސާފުކޮށްދެވިފައި ނުވެއެވެ. އެހެން ނަމަވެސް، މީރާއިން ދައްކާފައިވާ ވާހަކަތަކުން، ހައިކޯޓުގައި ބަލަމުންދާ އިސްތިއުނާފީ މައްސަލައެއްގެ ޙުކުމް ކުރުމުގެ ކުރިއަށް، ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްނުކުރުމަކީ މީރާގެ ޙައްޤަށް އުނިކަން ލިބޭ ކަމެއްގެ ގޮތުގައި މީރާއިން ދެކޭކަމަށް ދޭހަވެއެވެ.
ހައިކޯޓުން ޙުކުމް ކުރުމުގެ ކުރިއަށް ޙުކުމް ތަންފީޒުކުރުން ފަސް ނުކުރުމަކީ މީރާގެ ޙައްޤަށް އުނިކަން ލިބޭ ކަމެއްގެ ގޮތުގައި މީރާއިން ފާހަގަކޮށްފައިވާތީ، އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދޭ ޙައްޤެއް ކަމާއި، އެ ޙައްޤަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤާނޫނަކުން ހަނިކުރެވެން އޮތް ޙައްޤެއްކަން ފާހަގަކުރަމެވެ.
ހަމަ އެއާއެކު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ޤާނޫނަކުން ކޯޓަށް ލިބިގެންވާ ބާރެއްގެ ތެރެއިން އަންގާ އެންގުމެއް ކަމުގައިވާތީ، އެ ނިންމުން ނިންމުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެފަދަ އަމުރެއް ނެރުމުގެ އަދި ނުނެރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވާކަމުގައި ފާހަގަކުރަމެވެ. އަދި ޙުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު ހައިކޯޓުން ގޮތް ކަނޑައަޅާފައިވަނީ ޤާނޫނުގެ އިމުގެ ތެރެއިން، އެ ކޯޓަށް ލިބިގެންވާ ބާރެއްގެ ބޭނުންކޮށް ކަމުގައިވާތީ، އެކަމަކީ އަސާސީ ޙައްޤަކަށް އުނިކަން އަންނަ ފަދައިން ކޮށްފައިވާ ކަމެއްކަމުގައި ބެލުމުގެ ޖާގަ އޮތްކަމުގައި ނުދެކެމެވެ. އަދި ނިންމުމެއް އިސްތިއުނާފުކުރުމަކީ އެ އަމަލުން އިސްތިއުނާފު ކުރެވުނު ނިންމުން ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ކަމުގައިވާނަމަ، އެކަމާމެދު ގޮތް ކަނޑައެޅުމަށް ކޯޓަށް ބާރު ލިބިދީފައި އޮތުމުގެ ބަދަލުގައި، ޙުކުމް ތަންފީޒުކުރުން ފަސްކުރުމަކީ އިސްތިއުނާފުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައި އޮންނާނެކަމަށް ބުރަވެވެއެވެ.
ކޯޓަށް މައްސަލަ ހުށަހަޅައިގެން ހިންގާއިރު، މައްސަލައިގެ މަދުވެގެން ދެ ޚަސްމުން ތިބެއެވެ. މައްސަލަ ނިމުމުގައި އެ ދެފަރާތް ބޭނުންވާ ގޮތް ވުމަކީ މުސްތަހީލުކަމެކެވެ. އެހެނީ މައްސަލައެއް ބަލަނީ ހުސޫމާތެއް އޮވެގެންކަމުން، މައްސަލަ ނިމޭނީ ކޮންމެވެސް އެއް ފަރާތަކަށް ފަހިވާ ގޮތަށެވެ. އެހެނަސް، އެއިން ދޭހަވަނީ މައްސަލަ ނިންމުމުގައި ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް މައްސަލަ ނިންމާފައިނުވާ ކަމެއް ނޫނެވެ. ހަމަ އެބީދައިން، ވަކި ފަރާތަކުން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް ކޯޓުން ގޮތް ކަނޑަނޭޅުމަކީ އެ ފަރާތަށް ލިބިގެންވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ސަބަބެއްވެސް ނޫންމެއެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާ
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބެލުމެއް ނެތިކަމަށްވުމުން ހައިކޯޓުގެ އެ ނިންމުމަކީ ޕްރިންސިޕަލް އޮފް ނެޗްރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ މީރާގެ ފަރާތުން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން މީރާއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
މީރާއިން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައާއި ގުޅިގެން އެ ކޯޓުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސް ކޮށް ނުދީފިނަމަ، މީރާއަށް އެ ނިންމުމަށް އަމަލުކުރުން ލާޒިމުވާނެކަމަށްޓަކައި، އަދި މިއީ މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން ލިބޭ ކަމެއް ކަމުން، އެންމެ އިންސާފުވެރި ގޮތަކީ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރުންކަން؛
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރޭނެތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ، މޯލްޑިވްސް ކޮލިޓީ ސީފުޑްއަށް ލިބެންޖެހޭކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅި ޢަދަދު އެ ކުންފުންޏަށް އަނބުރާ ދެއްކުމަކީ ދައުލަތަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނޫންކަމުގެ މައްޗަށް އެކަނި ރިޢާޔަތްކޮށް، މީރާއިން ފާހަގަކޮށްފައިވާ ކަންކަމަށް ނުބަލާކަން؛ އަދި
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރޭނެތަނެއް ނެތްކަމަށް ހައިކޯޓުން ނިންމުމުގައި މީރާއިން ފާހަގަކޮށްފައިވާ ކަންކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ އުސޫލާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރުމަކީ މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއް ކަމުގައި ބުނެ އިސްތިއުނާފީ ފުރަތަމަ ނުކުތާގައިވެސް އެކަން މީރާއިން ފާހަގަކޮށްފައިވެއެވެ. އަދި، ދެވަނަ އިސްތިއުނާފީ ނުކުތާއާއި ގުޅުވާ އިސްތިއުނާފީ ޙައްޤާއި ގުޅިގެން މީރާއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އައު ކަންކަން ހިމެނިފައި ނުވެއެވެ. އެހެންކަމުން، ޤާނޫނީ އުސޫލުތަކުގެ އަލީގައި އެކަން ތަރުތީބުވެފައި އޮންނަ ގޮތް މި ރައުޔުގެ 18 ވަނަ ޕެރެގްރާފުން ފެށިގެން 23 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާތީ، މި ނުކުތާއާއި ގުޅިގެން އިތުރު ކަމެއް ފާހަގަކުރަންޖެހޭ ކަމުގައި ނުދެކެމެވެ. އަދި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރުމަކީ މީރާގެ އިސްތިއުނާފުކުރުމުގެ ޙައްޤަށް އުނިކަން އަންނަ ކަމެއް ކަމުގައި އަހުރެން ނުދެކޭކަން ތަކުރާރުކުރަމެވެ.
ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރޭނެތަނެއް ނެތްކަމަށް ހައިކޯޓުން ނިންމުމުގައި މީރާއިން ފާހަގަކޮށްފައިވާ ކަންކަމަށް ނުބަލާކަމުގައި ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، މި ރައުޔުގެ 9 ވަނަ ޕެރެގްރާފުން ފެށިގެން 14 ވަނަ ޕެރެގްރާފްގެ ނިޔަލަށް، ހައިކޯޓަށް ޙުކުމް ތަންފީޒުކުރުމުގެ އަމުރު ނެރުމަށް ލިބިގެންވާ އިޚްތިޔާރީ ބާރާއި، އެ ބާރުގެ ހުދޫދުގެ ތެރެއިން އަމުރު ނެރުމަށް ނުވަތަ ނުނެރުމަށް ނިންމުމުގައި ހައިކޯޓުން ޢަމަލުކުރަންޖެހޭ ގޮތުގެ މައްޗަށް ބަލާއިރު، ހައިކޯޓުން ޤާނޫނީ ނުވަތަ އިޖުރާއީ އުސޫލަކާއި ޚިލާފަށް ކޮށްފައިވާކަމެއް ފާހަގަނުވެއެވެ. އަދި މި ރައުޔުގެ 16.3 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން (އޮޓޮމެޓިކުން) ޙުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫންކަންވެސް ތަކުރާރުކުރަމެވެ.
ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވިފައިނުވާ ކަމަށް އަދި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާއި ޚިލާފުވާކަމަށް މީރާއިން ބުނެފައިވަނީ، މި ރައުޔުގެ 24.3 ވަނަ ޕްރެގްރާފްގައި ޙަވާލާދީފައިވާ މިންވަރަށެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމަކީ އެ މަފްހޫމްގެ ތެރޭގައި އެތަކެއް ކަމެއް ހިމެނޭ މަފްހޫމެކެވެ. ޤާނޫނުއަސާސީގެ ނައްސަށް ބަލާއިރު، އޭގެ ތެރޭގައި (1) މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިދިނުމާއި؛ (2) އެންމެހައި ޝަރީޢަތްތައް ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކު ހިންގުމާއި؛ (3) އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ، ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތްތައް ހިންގުމާއި؛ (4) ވަކި ޙާލަތްތަކެއްގައި މެނުވީ، ކޯޓުތަކުން ނެރޭ ހުރިހާ އަމުރުތަކާއި ޙުކުމްތައް ޢާންމުކޮށް ހުޅުވާލާފައި ޝަރީޢަތެއްގައި އިއްވުމާއި، އެ ކޯޓުގެ އަމުރުތަކާއި ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުރުން ހިމެނެއެވެ.
ނެޗުރަލް ޖަސްޓިސްގެ މަފްހޫމަކީ، ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމާއި ވަރަށް ގާތް، އެހެނަސް ވަކި މަފްހޫމެކެވެ. ނެޗުރަލް ޖަސްޓިސްގެ މަފްހޫމުގެ ތެރޭގައިވެސް އެކިއެކި ކަންކަން ހިމެނެއެވެ. އެގޮތުން، އެ މަފްހޫމްގެ ތެރޭގައި ހިމެނޭ އެންމެ އަސާސީ އުސޫލުތަކުގެ ތެރޭގައި (1) މީހަކާމެދު ގޮތް ކަނޑައެޅުމުގެ ކުރިން، އެކަމުގެ މަޢުލޫމާތު އެ މީހަކަށް ދިނުމާއި، އެ މީހަކަށް އެކަމުގެ މައްޗަށް ބަސްބުނުމުގެ ފުރުޞަތު ދިނުން (hearing rule)؛ އާއި (2) މީހަކާމެދު ނުވަތަ ކަމަކާމެދު ގޮތް ކަނޑައަޅާ މީހެއްގެ މަސްހަލަތެއް އެކަމުގައި އޮވެގެން ނުވުން އަދި ވަކި ފަރާތަކަށް ނުޖެހުން (rule against bias)؛ އާއި (3) މީހަކާމެދު ގޮތް ކަނޑައަޅަންވާނީ ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށްގެން ކަމާއި، ހީވާ އެއްޗެއްގެ މައްޗަށް ނުވަތަ އެނގިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން (evidence rule)؛ އާއި (4) ނިންމާ ނިންމުމަކީ ޙާލަތާއި ވަށައިގެންވާ ކަންކަމަށް ބަލާއިރު އެކަށޭނަ ނިންމުމެއް ކަމުގައިވުން (proportionality) ހިމެނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ނެރެފައި ނުވަނީ މީރާއިން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރުމާއި ނުލައިކަމަށް މީރާއިން ބުނާ ބުނުމާއި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާއި ތަޢާރުޟުވާގޮތެއް މީރާއަށް ސާފުކޮށްދެވިފައި ނުވެއެވެ. އެހެނީ، ހައިކޯޓުގެ ނިންމުމަކީ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމާއި ނެޗުރަލް ޖަސްޓިސްގެ އުސޫލާއި ޚިލާފު ނިންމުމެއްނަމަ، އެއީ، މިސާލަކަށް، އަޑުއެހުންތައް ހުޅުވާ ނުލައި ބޭއްވި ޝަރީޢަތެއްގައި ހިނގާފައިވާ ކަމެއްކަން، ނުވަތަ މީރާއަށް މީރާއިން ހުށަހަޅާން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ނުދީ ނިންމާފައި ނިންމުމެއްކަން، ނުވަތަ އެފަދަ ޚިލާފެއް ވުޖޫދުވަނީ އެހެން ކޮން ގޮތަކުންކަން މީރާއަށް ބުނެދެވެންޖެހެއެވެ.
އެހެންކަމުން، ޙުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު މީރާއިން ފާހަގަކޮށްފައިވާ ކަންކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާތީ، އެ ކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާއި ޚިލާފުވާކަމަށް ބުނެ މީރާއިން ހުށަހަޅާފައިވާ ނުކުތާ އަހުރެން ބަލައެއް ނުގަންނަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، މި ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު95-B2/CHT/2020/4009 "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާއިމެދު ނިންމި ގޮތް" އަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.