ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 59 · 2024/SC-A/24

މާލެ ސިޓީ ކައުންސިލްގެ އިދާރާ ވ. ޙަސަން އަޙްމަދު (ސޭވް ދަ ބީޗް)

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 28 ނޮވެމްބަރު 2024ދަށު ކޯޓު: 195-B8/CHT/2024/1389ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
195-B8/CHT/2024/1389
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން (C/2021-133/Cv) ނިންމީ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަން އަންގާނެ ތަނެއް ނެތްކަމަށާއި، ގެއްލުމުގެ ބަދަލަށް ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. ސޭވް ދަ ބީޗުން ހައިކޯޓަށް (2023/HC-A/239) އިސްތިއުނާފުކޮށް އެދުމުން، ތިންވަނަ ފަރާތުގެ ޙައްޤު އުފެދިދާނެތީއާއި ޙުކުމުގެ މަޤްޞަދު ޙާޞިލުނުވެދާނެތީ ހައިކޯޓުން 24 އެޕްރީލް 2024 ގައި ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު ނެރުނެވެ.
ވާޤިޢާ
ވިލިނގިލީގެ ގޮނޑުދޮށާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަށް ބިޑް ކާމިޔާބުކުރި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާއާ ދެމެދު 2012 ގައި 10 އަހަރުގެ އެއްބަސްވުމެއް ވެފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަކާ ގުޅިގެން ކައުންސިލުން އެއްބަސްވުން ބާޠިލުކުރުމުން ސިވިލް ކޯޓުން (C/2014-156/Cv) އެ ނިންމުން ބާޠިލުކޮށް އެއްބަސްވުން އިޞްލާޙުކުރަން އެންގިއެވެ. ދެން ސޭވް ދަ ބީޗުން އެއްބަސްވުމުގެ މުއްދަތު 7 އަހަރު އިތުރުކުރުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ކަނޑައެޅި ޙުކުމް، އިސްތިއުނާފު ނިމެންދެން ތަންފީޛުކުރުން ފަސްކުރުމަށް ހައިކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު އަމުރެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކައުންސިލުން ބުނީ މުއްދަތު ހަމަވެފައިވާ އެއްބަސްވުމަށް ރިޢާޔަތް ނުކޮށް، އެކަށީގެންވާ ސަބަބެއް ނެތި، ހަމައެކަނި ގެއްލުން ލިބެމުންދާ ކަމަށް ބުނާތީ އަމުރު ނެރުނީ ޤާނޫނުއަސާސީގެ 42 އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (2) އާ ޚިލާފަށް ކަމަށެވެ. ސޭވް ދަ ބީޗުން ބުނީ ޚިލާފުވި ސަބަބު ނުކުތާގައި ބަޔާންކޮށްފައި ނުވާކަމަށާއި، [2021] SC 60 އާއި [2022] SC 08 އާއި ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާއަށް ބަލާއިރު އަމުރު ރަނގަޅު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ތަންފީޛު ފަސްކުރުމަކީ ހައިކޯޓަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެކެވެ. ޚިލާފުވި ގޮތާއި ސަބަބު ކައުންސިލުން ތަފްސީލުކޮށް ނުދައްކާ، ހައިކޯޓުގައި މައްސަލައިގެ މައުޟޫޢު ނުނިމި، އުޞޫލީ މައްސަލައެއްވެސް ފާހަގަ ނުކުރެވޭ ޙާލަތުގައި، މައުޟޫޢާ ގުޅުވައިގެން ފަސްކުރުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަމުރު ނެރުމުގެ ބާރު ހައިކޯޓަށް ލިބިދީފައިވެއެވެ؛ ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް އެދޭ ހުށަހެޅުންތަކުގައި ހައިކޯޓުން ރިޢާޔަތްކުރަންޖެހެނީ ހައިކޯޓުގެ ޤަވާޢިދު 2011 ގެ 68 ވަނަ މާއްދާއަށެވެ؛ ތަންފީޛު ފަސްކުރުމަކީ، މައްސަލަ ބެލުމަށްފަހު ވަގުތީ ގޮތުން ތަންފީޛު ހިފެހެއްޓުން ރަނގަޅުކަމަށް ފެނިއްޖެ ޙާލަތެއްގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ.

HN2 އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރުތަކަކީ، އަމުރު ނެރުން ލަސްވެ މައްސަލަ ނިމުމުގެ ކުރިން ތަންފީޛުކޮށްފިނަމަ އިންޞާފަށް ހުރަސްއެޅި އިޢާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެތީ ނެރޭ މުހިންމު އަމުރުތަކެކެވެ؛ އެހެންކަމުން، އަމުރަށް އެދޭ ފަރާތުގެ ސަބަބުތަކަށް ބަލައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަމުރު ނެރުމަށް ޤާނޫނީ ހުރަހެއް ނެތެވެ ([2022] SC 08).

މަދަނީ › މަދަނީ – ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރު

HN3 ހައިކޯޓުގެ ނިންމުމަކީ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ ޠަޢުނުކުރާ ފަރާތުން، އެ ޚިލާފު އުފެދިފައިވަނީ ކޮން ގޮތަކުން، ކޮން ސަބަބަކާ ހުރެކަން ތަފްސީލުކޮށް ބަޔާންކޮށްދޭން ޖެހެއެވެ.

HN4 އިސްތިއުނާފުގެ މައުޟޫޢާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައި ނުވާ، އަދި ހައިކޯޓުގެ ތަޤްދީރީ ބާރުގެ ދަށުން ނިންމި ނިންމުމުގައި އުޞޫލީ މައްސަލައެއް ހުރިކަން ފާހަގަ ނުކުރެވޭ ޙާލަތުގައި، މައްސަލައިގެ މައުޟޫޢާ ގުޅުވައިގެން ޙުކުމް ތަންފީޛުކުރުން ފަސްކުރަންޖެހޭ ނުޖެހޭކަން ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ އެކަށީގެންވާ ގޮތެއް ނޫނެވެ؛ މިއީ މި ކޯޓުން ކުރިންވެސް ޢަމަލުކުރަމުން އައި އުޞޫލެވެ.

HN5 އެހެންކަމުން، ހައިކޯޓުން ޚިލާފުވި ގޮތް ބަޔާންކުރާ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް ހުށަނާޅާ ހިނދު، ތަންފީޛު ފަސްކުރުމުގެ އަމުރަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފު އަމުރެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 5 މޭ 2024 · ރަޖިސްޓްރީކުރީ 9 ޖޫން 2024 · ނިމުނީ 28 ނޮވެމްބަރު 2024 (5.7 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 59 2024/SC-A/24 ޝަރީޢަތް ނިމުނުގޮތް މާލެ ސިޓީ ކައުންސިލްގެ އިދާރާ ވ. ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 28 ނޮވެންބަރު 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 195-B8/CHT/2024/1389 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޙަސަން އަޙްމަދު، ވ. ސެއިލްފިސް، މާލެ މާލެ ސިޓީ ކައުންސިލްގް އިދާރާ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ސީއެލްއޭ ޕާޓްނަރސް އެލް.އެލް.ޕީ ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ

މަދަނީ – ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 1

ތަޢާރުފު 1

ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު 4

ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުން 6

އުޞޫލުތައް ތަޠުބީޤުކުރުން 7

މައްސަލަ ނިންމަން ފެންނަގޮތް 8

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 8

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 9

ޙުކުމް 9

` މާލެ ސިޓީ ކައުންސިލްގެ އިދާރާ ވ. ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ‎[2024] SC 59‎ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރުފު

1މި މައްސަލައަކީ، ވ. ސެއިލްފިސް، މާލެ، ޙަސަން އަޙްމަދު (ސޭވް ދަ ބީޗް)1 ގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ އިދާރާގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އެ ކޯޓުގެ ނަންބަރު ‎2023/HC-A/239‎ ‎ ‎ޤަޟިއްޔާ އާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު ‎195-B8/CHT/2024/1389‎ "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2ވިލިނގިލި ގޮނޑުދޮށް، ފަޅުތެރެ، ޖެޓީ ސަރަހައްދުގެ ހޭޅިފަށް އަދި ބަނދަރުމަތި ސާފުކޮށް ބެލެހެއްޓުމަށްޓަކައި ބިޑަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކޮށްފައިވާ،

ވ. ސެއިލްފިސް، ޙަސަން އަޙްމަދު‎ ‎(ސޭވް ދަ ބީޗް) އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު 23 އޮކްޓޫބަރު 2012 ގައި 10 (ދިހައެއް) އަހަރުގެ މުއްދަތަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.2

3ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އާ ޙަވާލުކުރެވިފައިވާ ބިމަކީ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑު ހުށަހެޅުމަށް ކުރެވުނު އިޢުލާނާ ޚިލާފަށް ހަވާލުކޮށްފައިވާ ބިމެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ އިދާރާއިން އެއްބަސްވުން ބާޠިލުކުރުމަށް ނިންމައި 23 ސެޕްޓެންބަރު 2012 ގައި އެކަން ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އަށް އެންގިއެވެ.

4މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލައިގައި އެ ކޯޓުގެ ނަންބަރު ‎156/Cv-C/2014‎ ޤަޟިއްޔާއިން ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން އެއްބަސްވުން ބާޠިލުކުރުމަށް ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށާއި، އެއްބަސްވުމަށް ބަދަލު ގެނެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ގެ ފަރާތުން އެދިފައިވާ ގޮތަށް އެއްބަސްވުމުގެ 5.3 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ (ށ) އާއި (ޅ) ދެފަރާތަށް އެންމެ މަޞްލަޙަތު ރަނގަޅު ގޮތަކަށް އިސްލާޙުކުރުމަށް އަންގައެވެ.

5އެއްބަސްވުމަށް ބަދަލު ގެނެސްފައިނުވާތީ އާއި އެއްވެސް ޤާނޫނީ އަސާސެއް ނެތި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އާ ޙަވާލުކޮށްފައިވާ ބިމުގައި މަސައްކަތް ހުއްޓުވާފައިވާތީ، ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް 07 (ހަތެއް) އަހަރު ދުވަސް އިތުރުކުރުމަށާއި، ސޭވް ދަ ބީޗްއަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި ދިނުމަށް އެދި މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ރައްދުވާ ގޮތަށް ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު

‎133/Cv-C/2021‎ ޤަޟިއްޔާ‎ ‎އިންނެވެ.

6ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 31 އޮކްޓޫބަރު 2022 އަށް ހަމަވެފައިވާތީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ޚިލާފުވުމުގެ ސަބަބުން ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އަށް ގެއްލުމެއް ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ ނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި ދައުވާއެއް ކުރުމުގެ ޙައްޤު ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އަށް ލިބިގެންވާ ކަމުގައެވެ.

7ސިވިލް ކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް‎ ‎ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ އެ ކޯޓުގެ ނަންބަރު ‎2023/HC-A/239‎ ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވެއެވެ. އަދި އެ ޤަޟިއްޔާ އާއެކު ސިވިލް ކޯޓުގެ ނަންބަރު ‎133/Cv-C/2021‎ ޤަޟިއްޔާގައި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ޢަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ‎ ‎މައްސަލައިގެ ތެރެއިން އެދުނެވެ.

8ޙުކުމް ތަންފީޒުކުރުން‎ ‎ފަސްކުރުމުގެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން 24 އެޕްރީލް 2024 ގައި ނެރެފައި ވެއެވެ. މި އަމުރު ނެރެފައިވަނީ ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އަށް ލިބޭނެ ގެއްލުމަކީ ތިންވަނަ ފަރާތުގެ ޙައްޤު އުފަންވުމުގެ ފުރުޞަތު އޮތް ކަމެއްކަމަށް ބެލެވޭތީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎2023/HC-A/239‎ ޤަޟިއްޔާގައި ކުރެވޭ ޙުކުމުގެ މަޤްޞަދު ހާސިލު ނުވެދާނެ ފަދަ ޙާލަތެއް މެދުވެރިވުމުގެ އިހުތިމާލު އޮތްކަމަށް ބުރަވެވޭތީއެވެ. މި ފަދައިން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

‎2023/HC-A/239‎ ޤަޟިއްޔާގައި ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ކޯޓުން އެހެން ގޮތަކަށް އަންގަންދެންނެވެ.

9ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު‎ ‎

10ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ނެރެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ފާހަގަ ކޮށްފައިވަނީ އިސްތިއުނާފީ އެންމެ ނުކުތާ‎ ‎އެކެވެ. މި ނުކުތާގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލާއި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) އާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން 23 އޮކްޓޫބަރު 2022 ގައި ހަމަވެފައިވާކަން އެއްބަސްވުމުންނާއި، ސިވިލް ކޯޓުގެ ޙުކުމުންވެސް ސާފުކޮށް އެނގެން އޮތްހިނދު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށް ރިޢާޔަތް ކުރުމެއް ނެތި، ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވާކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ޢަމަލުކުރަން ފަސްކުރުމަށް އަމުރު ނެރުއްވާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށެވެ.

11އިސްތިއުނާފީ ނުކުތާ ތަފުސީލު ކުރަމުން މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވަނީ މުއްދަތު ހަމަވެފައިވާ އެއްބަސްވުމަކަށް ޢަމަލުކުރެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނިކޮށް ކަމަށާއި އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ތަކަކީ އިންސާފަށް ހުރަސްއެޅި، އިޢާދަ ނުކުރެވޭ ގެއްލުމެއް ކުރިމަތިވެދާނެތީ ނެރޭ އަމުރުތަކެއް ކަމަށާއި މިފަދަ އަމުރު ނެރުމުގައި އެކަށީގެންވާ ސަބަބެއް އޮތުން މުހިންމު ކަމުގައެވެ. ނަމަވެސް މި މައްސަލައިގައި އަމުރު ނެރެފައިވަނީ އެފަދަ ސަބަބެއް ނެތި އެއްބަސްވުމުގައިވާ ކަންކަމަށް ރިޢާޔަތް ކުރުމެއް ނެތި، ހަމައެކަނި ޙަސަން އަޙްމަދު (ސޭވް ދަ ބީޗް) ގެ ފަރާތުން ގެއްލުން ލިބެމުންދާކަމަށް ބުނެ ހުށަހެޅި ހުށަހެޅުމަށް ބަލައެވެ.

12މި އިސްތިއުނާފު ހުށަހެޅުމަށްފަހު މާލެ ސިޓީ ކައުންސިލްގެ އިދާރާއިން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

13އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ ނުކުތާގައި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މައްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުން ޚިލާފުވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބުނާ ސަބަބު ބަޔާންކޮށްފައި ނުވާތީ މި ނުކުތާ އަކީ އިޖުރާއީ ގޮތުން ބަލައިގަނެވޭނެ ނުކުތާއެއް ނޫން ކަމަށެވެ. އަދި މިއާއެކު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް3‎ ‎ގައި ފާހަގަ ކޮށްފައިވާ ފަދައިން މި މައްސަލައިގެ ކޮންމެވެސް މިންވަރެއްގެ މަޢުލޫމާތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދަނިކޮށް މައްސަލައިގެ މައުޟޫޢަށް އަސަރުކުރާނެ ކަންތައްތަކަކާއި ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅޭނެ ކަމަށް ނުދެކޭ ކަމަށާއި މިފަދަ އަމުރުތައް ނެރުން ލަސްވެ، މައްސަލަ ނިމުމުގެ ކުރިން ތަންފީޒުކޮށްފި ނަމަ އިންސާފަށް ހުރަސްއެޅި އަނބުރާ ނުގެނެވޭފަދަ ގެއްލުމެއް ވެދާނެތީ އާއި މިފަދަ އަމުރެއް ނެރުމުގައި، އަމުރަށް އެދޭ ފަރާތުގެ ސަބަބުތަކަށް ބަލައި، އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަމުރު ނެރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް4 ގައި ފާހަގަ ކޮށްފައިވާކަން އެނގެން އޮންނަ ކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 2011 ގެ 68 ވަނަ މާއްދާއިން ކަމުގައިވާތީ ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމުގައި ދެކޭކަމަށެވެ.

ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުން

14HN1ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަމުރު ނެރުމުގެ ބާރު ލިބިދީފައި‎ ‎ވެއެވެ. ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދޭ ހުށަހެޅުން‎ ‎ތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރަންޖެހެނީ "ހައިކޯޓުގެ ޤަވާޢިދު 2011" ގެ 68 ވަނަ މާއްދާއަށެވެ. އަދި ޙުކުމް ތަންފީޒުކުރުން ފަސްކުރުމަކީ ހުށަހެޅިފައިވާ މައްސަލައަކާ މެދު އެ ކޯޓުން ބެލުމަށްފަހު އެ ކަމެއް ތަންފީޒުނުކޮށް ވަގުތީ ގޮތުން ހިފެހެއްޓުން ރަނގަޅުކަމަށް ފެނިއްޖެ ޙާލަތެއްގައި އެ އަމުރު ނެރުމުގައި އެ ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރެކެވެ.

15HN2ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ކޯޓުތަކަށް ލިބިފައިވާ އިޚްތިޔާރީ ބާރެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ތިން ފަރާތެއް5 މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ބަޔާންކުރައްވާފައިވަނީ، އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކަކީ މުހިންމު އަމުރުތަކެއް ކަމަށާއި އެއީ އަމުރު ނެރުން ލަސްވެ، މައްސަލަ ނިމުމުގެ ކުރިން ތަންފީޒުކޮށްފިނަމަ އިންސާފަށް ހުރަސްއެޅި، އިއާދަ ނުކުރެވޭފަދަ ގެއްލުމެއް ކުރިމަތިވެދާނެތީ ކަމުގައެވެ. އެހެންކަމުން، އަމުރަށް އެދޭ ފަރާތުގެ ސަބަބުތަކަށް ބަލައި، އެކަށީގެންވާ ސަބަބެއް އޮތްނަމަ، އަމުރު ނެރުމަކީ ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމެއް ނޫން ކަމަށެވެ.

އުޞޫލުތައް ތަޠުބީޤުކުރުން

16ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަށް ނިންމާފައިވަނީ މައިގަނޑު 02 (ދޭއް) ސަބަބަކަށް ބިނާކޮށެވެ. އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، މި މައްސަލައާ ގުޅިގެން ތިންވަނަ ފަރާތެއްގެ ޙައްޤެއް އުފެދުމުގެ ފުރުޞަތު އޮތްކަމަށް ކޯޓުން ދެކޭތީއެވެ. ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލަމުންދާ މި އިސްތިއުނާފީ މައްސަލައިގައި ކުރެވޭ ޙުކުމުގެ މަޤްޞަދު ޙާޞިލު ނުވެދާނެފަދަ ޙާލަތެއް މެދުވެރިވެދާނެކަމުގެ އިޙްތިމާލު އޮތްކަމަށް އެ ކޯޓަށް ފެނުމެވެ. މި ދެ ކަމަށް ރިޢާޔަތްކޮށް، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަށް ހައިކޯޓުން ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ‎.‎

17HN3ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ މި އިސްތިއުނާފުގައި ޙަވާލާދެވޭ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ އުސޫލުތަކާ ފުށުއަރާ ގޮތަކަށް ނެރެފައިވާ އަމުރެއްކަން މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ސާފުކޮށްދެވިފައި ނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރުމުގެ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ބުނެ ތައުނުކުރާ ނަމަ، އެފަދަ ޚިލާފެއް އުފެދިފައިވަނީ ކޮން ގޮތަކުން، ކޮން ސަބަބަކާ ހުރެކަން މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ތަފުސީލުކޮށް ބަޔާންކޮށްދޭން ޖެހެއެވެ. މިއިން އެއްވެސް ކަމެއް އިސްތިއުނާފު ކުރާ ފަރާތުން ތިލަކޮށް ދެވިފައި ނުވާކަން ފާހަގަ ކުރަމެވެ.

18HN4މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި، ޚުޞޫމާތު އުފެދިފައިވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތުގެ ކޮންމެވެސް މިންވަރެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރި މައްސަލައިގެ މައުޟޫޢާމެދު މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. މިފަދަ ޙާލަތެއްގައި، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ލިބިދީފައިވާ ‎ ‎ތަޤުދީރީ ބާރުގެ ދަށުން އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގައި އުސޫލީ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ނުވާއިރު، މައްސަލައިގެ މައުޟޫޢާ ގުޅުވައިގެން ޙުކުމް ތަންފީޒުކުރުން ފަސްކުރަން ޖެހޭކަން ނުވަތަ ނޫންކަން މި ކޯޓުން ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި އަހުރެން ނުދެކެމެވެ. މިއީ މި ކޯޓުން ކުރިން ވެސް ޢަމަލުކުރަމުން އައިސްފައިވާ އުސޫލެވެ.6

19HN5އެހެންކަމުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި ޚިލާފުވާ ކަމެއްގެ ގޮތުގައިވެސް މިކަން ނުފެނެއެވެ. މި ޙާލަތުގައި، ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން އިތުރު ބަހުސްކޮށް ގޮތެއް ކަނޑައަޅަންޖެހިދާނެ ސަބަބެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނެއެވެ‎.‎

މައްސަލަ ނިންމަން ފެންނަގޮތް

20އިސްވެ ދެންނެވުނު ކަންކަން އެ ގޮތުގައި ދެމި އޮތުމާއެކު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ފާހަގަ ކޮށްފައިވާ ނުކުތާތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޚިލާފުވެފައިވާކަމަށް ބަޔާންކުރާނެ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް ހުށަހަޅާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎195-B8/CHT/2024/1389‎ ‎"‎ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" ބާޠިލުކުރުމުގެ ހަމައެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

‎21. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

‎22. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައިވާ ކަންކަން އެފަދައިން ހުރުމުން، މި ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު ‎195-B8/CHT/2024/1389‎ "ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު" އަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

1 ‎‎

2 (AGR)425-CB/INDIV/2012/142‎

3 [2021] SC 60‎

4 [2022] SC 08‎

5 [2022] SC 08‎

6 ‎މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް ‎[2021] SC 60‎

‎2024/SC-A/‎24 ‎[2024] SC ‎59

‎2019/SC-A/300 [2021] SC 77‎8

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ