ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 08 · 2021/SC-A/48

ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) ވ. އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، އިބްރާހީމް ޢަބްދުއްލަޠީފް އަދި ޢާޞިމާ ޙަސަން

ސުޕްރީމް ކޯޓުހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޛުކުރުން…
8 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ފެބުރުއަރީ 2022ދަށު ކޯޓު: ހައިކޯޓު 95-B4/CHT/2021/2469ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
95-B4/CHT/2021/2469، 2020/HC-A/78، 1950/Cv-C/2019، B5/CR-3/RVH/2019/04، 2384/Cv-C/2011
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުގެ 2384/Cv-C/2011 ޙުކުމް ތަންފީޛުކުރުމުގެ 1950/Cv-C/2019 މައްސަލައިގައި ދެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މައްސަލަ ނިމެންދެން އެ ހުއްދަ ތަންފީޛުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރި އިރު، އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނެވެ.
ވާޤިޢާ
ލޯނުގެ ފައިސާ ދައްކައި، ނުދައްކައިފިނަމަ ރަހުނު މުދާ ވިއްކާލުމުގެ ހުއްދަ ބޭންކްތަކަށް ލިބޭނެކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް މަތީ ކޯޓުތަކުން ތާއީދުކުރިއެވެ. ތަންފީޛީ މައްސަލައިގައި ދެވުނު ތިންމަހުގެ ހުއްދައިން އިންޓްރެސްޓާއި ޖޫރިމަނާ ނަގައިދިނީ މައުޟޫޢީ ޙުކުމުގެ އިމުން ބޭރުންކަމަށް ބުނެ ދަރަނިވެރިން އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވާ މައުޟޫޢީ މައްސަލައެއްގެ ތަންފީޛީ މައްސަލައެއްގައި ދެވުނު ރަހުނު ވިއްކާލުމުގެ ހުއްދަ، އެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު، ދެފަރާތުގެ ވާހަކަ އަޑުއެހުމެއް ނުބާއްވައި ތަންފީޛުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ސުޕްރީމް ކޯޓުން ނިންމި ޙުކުމެއް ތަންފީޛުކުރުން ފަސްކުރުމުގެ ބާރު ހައިކޯޓަށް ނެތްކަމަށާއި، އެއީ ރެސްޖުޑިކާޓާއާ ޚިލާފުކަމަށާއި، ބަސް ނާހައި އަމުރު ނެރުނުކަމަށާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާކަމަށް ބޭންކުން ބުންޏެވެ. ތަންފީޛުކުރަނީ ޙުކުމުގެ އިމުން ބޭރުންކަމަށާއި، މުއްދަތު ހަމަވުމުން އިސްތިއުނާފުގެ ދޮރު ބަންދުނުވާނެކަމަށް ދަރަނިވެރިން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން ނިންމާ ތަންފީޛީ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނެކަމަށާއި، ރެސްޖުޑިކާޓާގެ ނުކުތާ ކަނޑައަޅަންވީ ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގައިކަމަށް ކޯޓުން ބުންޏެވެ. ހުއްދައިގެ މުއްދަތު ހަމަވުމަކީ އިސްތިއުނާފަށް ހުރަހެއް ނޫންކަމަށާއި، އެކަށީގެންވާ ސަބަބެއް އޮތްނަމަ ފަސްކުރުމުގެ އަމުރު ނެރެވޭނެކަމަށް ކަނޑައެޅިއެވެ.

ނިންމުން

ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޛުކުރުން…

ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމުން، އެ އަމުރަށް ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކުރެވުނެވެ. ތަންފީޛީ މައްސަލަ ކުރިއަށްދަނީ މައުޟޫޢީ މައްސަލައިގެ އިމުގެ ތެރޭގައިކަން ނުވަތަ ނޫންކަމާއި ރެސްޖުޑިކާޓާއާ ގުޅޭ ނުކުތާ ކަނޑައެޅެންވާނީ ހައިކޯޓުގައި ކުރިއަށްދާ 2020/HC-A/78 މައްސަލައިގެ ތެރެއިންކަމަށް ބުނެ، އެ ނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ނުނިންމެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައުޟޫޢީ މައްސަލަ ތިން މަރުޙަލާއިން ނިމި ތަންފީޒު ކުރެވޭ ޙާލަތުގައިވެސް، ޢާންމު އުސޫލެކޭ އެއްގޮތަށް ތަންފީޒު ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ގެނެވިގެން ނުވާނެއެވެ.

HN2 ތަންފީޒު މައްސަލަ ކުރިއަށް ގެންދިއުމުގެ ތެރޭގައި ނިންމާ ނިންމުންތަކަކީ މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން، ނުވަތަ މައްސަލައިގެ މައުޟޫޢާމެދު އަލުން ގޮތްތަކެއް ކަނޑައެޅި، މައުޟޫޢީ މައްސަލަ ރޫޅިގެންދާ ފިޔަވަޅުތަކެއް ނަމަ، ތަންފީޒީ މައްސަލައިގެ ތެރެއިން ނިންމާ އެފަދަ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެއެވެ.

HN3 މައުޟޫޢީ މައްސަލަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވުމަކީ، ތަންފީޒު މައްސަލައިގައި އަޅާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮތް ހުރަހެއްވެސް ނޫނެވެ.

HN4 ތަންފީޒު މައްސަލައެއް ކުރިއަށް ދަނީ މައުޟޫޢީ މައްސަލައިގެ އިމުގެ ތެރޭގައިކަން ނުވަތަ ނޫން ކަނޑައެޅިގެންދާނީ، އެކަމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ ތެރެއިންނެވެ. ހައިކޯޓުން އެ މައްސަލަ ނިންމުމުގެ ކުރިން ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ މައުޟޫޢާ ގުޅުވައި ރެސްޖުޑިކާޓާގެ އުސޫލުތައްފަދަ ކަންކަމާގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެކަށޭނެ ރަނގަޅު ގޮތެއް ނޫނެވެ.

HN5 ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤު ހަނި ކުރެވޭނީ އެހެނިހެން އަސާސީ ޙައްޤުތައް ހަނިކުރެވޭ އުސޫލުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުންނެވެ.

HN6 ރަހުނު ވިއްކާލުމުގެ ހުއްދަ ފަދަ ހުއްދަތަކާ ގުޅޭ މައްސަލަތައް އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އެ ހުއްދައިގެ މުއްދަތު ފާއިތުވުމުން އިސްތިއުނާފު ނުކުރެވޭނަމަ، އެ ފަދަ ހުއްދަތަކާ ގުޅިގެން އިސްތިއުނާފީ މަރުޙަލާއިން ލިބޭނެ ފަރުވާގެ ދޮރު ބަންދުވާނެއެވެ. އެ ފަދަ ހުއްދަތަކާ ގުޅޭ އިސްތިއުނާފުތައް، އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނާ އެއްގޮތަށް އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިއުނާފީ މަރުޙަލާތަކުން އެފަދަ ހުއްދަތަކާމެދު ގޮތްތައް ނިންމުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތެވެ.

HN7 ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިފަހުން، ހައިކޯޓުން އެ ހުއްދަ ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ.

HN8 އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކަކީ، އެ އަމުރުތައް ނެރެދިނުން ލަސްވެ، އިސްތިއުނާފީ ކޯޓުން މައުޟޫޢާމެދު ގޮތެއް ނިންމުމުގެ ކުރިން ތަންފީޒުކޮށްފިނަމަ، އިންސާފަށް ހުރަސްއެޅި، އިއާދަ ނުކުރެވޭ ގެއްލުމެއް ކުރިމަތިވެދާނެ އަމުރުތަކެކެވެ. މި ސަބަބަށްޓަކައި މި ބާވަތުގެ އަމުރު ނެރުމުގައި އަމުރަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ސަބަބުތަކުގެ މައްޗަށް ބަލައި، އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ ހާލަތުގައި އަމުރު ނެރުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ޢަބްދުﷲ ސިޔާޒް، ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ، އިކުއިޓީ ޗެމްބަރސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނާޒިމް މުޙައްމަދު، ޞަފާ ޝަރީފް، މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، އަލްހާ ޢަލީ ރަޝީދު، ލިބެރަމް ޗެމްބަރސް، ޙިސާން އެންޑް ޞަފާ އެލްއެލްޕީ
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު (22 އޭޕްރިލް 2021) އެ ކޯޓުން ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) (މީގެ ފަހުން "ސްޓޭޓް ބޭންކް އޮފް އިންޑިއާ") އިން ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ ރައްދުވަނީ އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-65/98) އާއި، އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-221/97) އާއި، މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A032754) ގެ އިތުރުން މ. ކްރޯޓަން ޢާޞިމާ ޙަސަން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A032664) ގެ މައްޗަށެވެ. އިސްތިއުނާފު ރައްދުވާ މި އެންމެހައި ފަރާތްތަކަށް އަހުރެން މި ރައުޔުގައި މުޚާޠަބުކުރާނީ "އިސްތިއުނާފު ރައްދުވާ ފަރާތްތައް" މި ގޮތަށެވެ.

ކަން ހިނގާފައިވާ ގޮތް

2އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި އިތުރު ބޭންކްތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދައްކަމުން ނުދާތީ އެ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާއާއެކު ދެއްކުމަށް އަތަމާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި، މި ލޯނުތަކަށް ގެރެންޓީ ދީފައިވާ އެންމެހައި ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާއިން ދެއްކުމަށް ޙުކުމް ކޮށްފައިވެއެވެ. އަދި މި ފައިސާ ދެއްކުމަށް 07 (ހަތެއް) މަސްދުވަހުގެ މުއްދަތެއް ކަނޑައަޅައި އެ މުއްދަތު ހަމަވާއިރު، މި ފައިސާ ދައްކައި ޚަލާޞްކުރެވިފައި ނުވާނަމަ، ލޯނުތަކުގައި ރަހުނު ކުރެވިފައިވާ މުދާ ވިއްކާލުމުގެ ހުއްދަ މި ލޯނުތައް ދޫކުރި ބޭންކްތަކަށް ލިބިގެންވާ ކަމުގައި މި ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. މިއީ މައުޟޫޢީ މައްސަލައެވެ. މި ޤަޟިއްޔާ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ދެ ކޯޓުންމެ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދު ކޮށްފައިވެއެވެ.

3މައުޟޫޢީ މައްސަލައިގެ ނިންމުން ތަންފީޒު ކުރުމަށްޓަކައި ސިވިލް ކޯޓުގައި ކުރިއަށް ދާ ޤަޟިއްޔާއަކީ އެ ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އެ ކޯޓުގެ ނަންބަރު B5/CR-3/RVH/2019/04 (28 ނޮވެމްބަރ 2019) "ރަހުނު ވިއްކާލުމުގެ ހުއްދަ" ދީފައި ވެއެވެ. މި ހުއްދައިގެ މުއްދަތަކީ ހުއްދަ ދިން ތާރީޚުން ފެށިގެން ތިންމަސް ދުވަހެވެ.

4މިއީ ސިވިލް ކޯޓުން ތަންފީޒީ މައްސަލަ (ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާ) ކުރިއަށް ގެންދަނީ މައުޟޫޢީ މައްސަލައިގެ (ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާ) އިމުން ބޭރުން ކަމުގައި ބުނެ، ތަންފީޒީ މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، "ރަހުނު ވިއްކާލުމުގެ ހުއްދަ" ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދުމުން، އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓުން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި ކޮށްފައިވާ އަމުރު ހައިކޯޓުން ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.

ހައިކޯޓަށް ހުށަހެޅުނު މައްސަލަ

528 ނޮވެމްބަރ 2019 ގައި ސިވިލް ކޯޓުން ދީފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައާ މެދު ހިތްހަމަ ނުޖެހިގެން އެ ހުއްދަ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކޮށް، އެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެ ފަރާތްތަކުން ހައިކޯޓުގައި އެދިފައިވެއެވެ.

6މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ރަހުނު ވިއްކާލުމުގެ ހުއްދައިގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަންކަމާ ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ދެ ހުށަހެޅުން ކަމުގައި މި ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އަދި މި ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިއުތިރާޟުކޮށްފައި ނުވެއެވެ.

މި މައްސަލައިގައި ބޭންކްތަކުން ދޫކޮށްފައިވާ ލޯނުތަކަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާ ނެގޭނެކަމަށް ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގައި ބަޔާންކޮށްފައި ނުވާއިރު، މި ލޯނުތަކަށް އަރަމުންދާ އިންޓްރެސްޓާއި ޖުރިމަނާ ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގައި ނެރެފައިވާ "ރަހުނު ވިއްކާލުމުގެ ހުއްދަ" އިން ނަގައިދީފައިވަނީ (Res judicata) ރެސްޖުޑިކާޓާގެ ޤާނޫނީ މަބްދައާ ޚިލާފަށްކަން އަދި އެއީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމުގެ ދާއިރާއިން ބޭރުން، ތަންފީޛީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާއާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލޯނު ސްޓޭޓްމަންޓްތައް ހިސާބުކޮށް ތައްޔާރުކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2384/Cv-C/2011 ޤަޟިއްޔާގެ މައުޟޫޢީ ޙުކުމުން އިންޓަރެސްޓާއި ޖޫރިމަނާއާ ގުޅިގެން ކަނޑައަޅާފައިވާ ކަނޑައެޅުމާއި، ލޯނު އެއްބަސްވުވުމުގައި އިންޓަރެސްޓާއި ޖުރިމަނާ ހިސާބު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަން.

7ހައިކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު 22 އޭޕްރިލް 2021 ގައި ނެރެފައިވެއެވެ. މި އަމުރު ހައިކޯޓުން ނެރެފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށްޓަކައި ސުޕްރީމް ކޯޓުގެ ނަންބަރު2011/SC-SJ/04 ރިޓް އޮފް ޕްރޮހިބިޝަންގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށެވެ. މި ފަދައިން އަމުރު ކޮށްފައިވަނީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ އެ ކޯޓުން ވަކި ގޮތެއް އަންގަން ދެނެވެ.

8ހައިކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމަށް އަމުރު ކުރުމުން، ހައިކޯޓުގެ އެ އަމުރު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

9ހައި ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒު ކުރުން ފަސްކުރުމަށް އަމުރު ނެރެފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބުނެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ދެ ނުކުތާއެވެ.

ފުރަތަމަ ނުކުތާއަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ މައުޟޫޢީ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވާ މައްސަލައެއް ކަމުގައިވާއިރު، އެ މައްސަލައިގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމުގެ ބާރު، ނުވަތަ އެ ޙުކުމުގެ ބައެއްގެ ބާރު ނުހިނގާ ގޮތަށް ނުވަތަ ޙުކުމް ތަންފީޛު ކުރުމަށް ހުރަސްއެޅޭ ގޮތަށް އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓަކަށް ލިބިގެން ނުވާނެކަމަށާއި، އެ ފަދައިން ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 03 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައާއި، ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ޙުކުމެއް ތަންފީޒު ކުރުމަށް ހުރަސް އެޅޭ ގޮތަށް އަމުރެއް ނެރުމަކީ، ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގ (ވީ.ބީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މައްސަލައިގައި ފާހަގަކޮށްފައިވާފަދަ (Res judicata) ރެސްޖުޑިކާޓާގެ ހަމަތަކަށް ފެތޭނެ ނިންމުމެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. މި ނުކުތާ އިތުރަށް ތަފުސީލު ކުރަމުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ފާހަގަ ކޮށްފައިވަނީ، ހައިކޯޓުން ނެރެފައިވާ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކީ، އެ ފަރާތުގެ ބަހެއް ހޯދުމެއްނެތި، ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވައި ނެރެފައިވާ އަމުރެއްކަމަށެވެ.

ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވަނިކޮށް އެ ކަމަށް ނުބަލައި ހައިކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުކޮށްފައިވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދީފައިވާ ރައްދު

10އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ހުށަހެޅި ދެ ނުކުތާއަށް ރައްދު ދެމުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފު ކުރަން މެދުވެރިވި ސަބަބަކީ، ޙުކުމް ތަންފީޒު ޤަޟިއްޔާ ސިވިލް ކޯޓުގައި ކުރިއަށްގެން ގޮސް ތަންފީޒު ކުރެވެމުން ދަނީ، މައުޟޫޢީ މައްސަލައިގެ އިމުން ބޭރުންކަމުގައިވުމެވެ. އަދި އެފަދައިން މައުޟޫޢީ މައްސަލައިގެ އިމުން ބޭރުން ތަންފީޒު މައްސަލަ ހިންގައި، ތަންފީޒު ކުރުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ރަހުނު ވިއްކާލުމުގެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފުކޮށް ހައިކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދިއުން (Res judicata) ރެސްޖުޑިކާޓާގެ އުސޫލުތައް ހުރަސްއަޅާނަމަ އެކަން ފާހަގަ ކުރަންޖެހޭނީ ހައިކޯޓުގައި ކަމުގައި އެ ފަރާތްތަކުން ދެކޭކަން.

ސިވިލް ކޯޓުން ނެރެފައިވާ ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު ހަމަވުމަކީ އެ ހުއްދަ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވެންވީ ސަބަބެއް ނޫންކަން. އަދި އެ ފަދައިން އިސްތިއުނާފު ނުކުރެވޭނަމަ، އެ ފަދަ ހުއްދަތަކާމެދު އިސްތިއުނާފީ މަރުޙަލާއިން ލިބޭނެ ފަރުވާތަކުގެ ދޮރު ބަންދުވެގެން ދާނެކަން.

ތަންފީޒުކުރުމުގެ މައްސަލަތަކުގެ ދާއިރާ

11HN1ސުޕްރީމް ކޯޓުން ނިންމާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވަނީ، "ޙުކުމް ތަންފީޒުކުރުމުގެ މައްސަލަތަކުގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭނީ ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ ޙުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން އެކަނި ކަމަށާއި، ތަންފީޒުކުރުމަށް އެދޭ މައްސަލައިގެ މައުޟޫޢު އަލުން ހުޅުވައި ބެލުމެއް ނޯންނަ"ކަމަށެވެ. މި އުސޫލުން ބަލާއިރު، މައުޟޫޢީ މައްސަލަ ތިން މަރުޙަލާއިން ނިމި ތަންފީޒު ކުރެވޭ ޙާލަތުގައިވެސް، ޢާންމު އުސޫލެކޭ އެއްގޮތަށް ތަންފީޒު ޤަޟިއްޔާގެ ތެރޭގައި މައުޟޫޢު އަލުން ހުޅުވައި، މައުޟޫޢީ މައްސަލައިގައި ނިމިފައިވާ ކަންކަމަށް އުނިއިތުރު ގެނެވިގެން ނުވާނެއެވެ.

12HN2HN3ތަންފީޒު މައްސަލަ ކުރިއަށް ގެންދިއުމުގެ ތެރޭގައި ނިންމާ ނިންމުންތަކަކީ މައުޟޫޢީ މައްސަލައިގެ ދާއިރާއިން ބޭރުން، ނުވަތަ މައްސަލައިގެ މައުޟޫޢާމެދު އަލުން ގޮތްތަކެއް ކަނޑައެޅި، މައުޟޫޢީ މައްސަލަ ރޫޅިގެންދާ ފިޔަވަޅުތަކެއް ނަމަ، ތަންފީޒީ މައްސަލައިގެ ތެރެއިން ނިންމާ އެފަދަ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެއެވެ. އަދި މައުޟޫޢީ މައްސަލަ ސުޕްރީމް ކޯޓުގެ މަރުޙަލާއިން ނިމިފައިވުމަކީ، ތަންފީޒު މައްސަލައިގައި އަޅާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮތް ހުރަހެއްވެސް ނޫނެވެ.

13HN4މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ތަންފީޒު މައްސަލަ ސިވިލް ކޯޓުން ކުރިއަށް ދަނީ، މައުޟޫޢީ މައްސަލައިގެ އިމުގެ ތެރޭގައިކަން ނުވަތަ ނޫން ކަނޑައެޅިގެންދާނީ، އެކަމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ ތެރެއިން ކަމުގައި ދެކެމެވެ. އަދި ހައިކޯޓުން އެ މައްސަލަ ނިންމުމުގެ ކުރިން ހައިކޯޓުގައި ކުރިއަށްދާ މައްސަލައިގެ މައުޟޫޢާ ގުޅުވައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ރެސްކުޑިކާޓާގެ އުސޫލުތައްފަދަ ކަންކަމާގުޅޭ ގޮތުން މި މަރުޙަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަކީ އެކަށޭނެ ރަނގަޅު ގޮތެއް ކަމުގައި ނުދެކެމެވެ. އަދި މިފަދައިން ޢަމަލު ކުރުމަކީ، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރާ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. ކަންމިހެން އޮތުމުން އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ރަހުނު ވިއްކާލުމުގެ ހުއްދައިގެ މުއްދަތު ހަމަވުން

14ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ފާހަގަ ކުރާގޮތުން ރަހުނު ވިއްކާލުމުގެ ހުއްދައަކީ ވަކި މުއްދަތަކަށް ޢަމަލު ކުރެވޭ ގޮތަށް ދީފައިވާ ހުއްދައެކެވެ. އެ މުއްދަތު ހަމަވެފައިވަނިކޮށް އެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އަދި ތަންފީޒު މައްސަލަ އެކުއެކީގައި ދިގު ދެމިގެންދާ ފަދައިން އެ ހުއްދައަށް ޢަމަލު ކުރުން ފަސްކުރުމަށް އަމުރުކުރުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ.

15HN5ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓު އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިފައިވާ އަސާސީ ޙައްޤެކެވެ. މި ޙައްޤު ހަނި ކުރެވޭނީ އެހެނިހެން އަސާސީ ޙައްޤުތައް ހަނިކުރެވޭ އުސޫލުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުންނެވެ.

16HN6ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައެއްގައި ރަހުނެއް ވިއްކާލުމަށްޓަކައި ދެވޭ ހުއްދައިގެ މުއްދަތު ތަފާތު ވެދާނެއެވެ. އެ މުއްދަތަކީ، އެ ހުއްދަ އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ މުއްދަތަށްވުރެ ކުރު ނުވަތަ ދިގު މުއްދަތަކަށް ވެސް ވެދާނެއެވެ. އަދި އެ ހުއްދައަކީ، މައުޟޫޢީ މައްސަލައިގެ އިމުން ބޭރުން ދެވިފައިވާ ހުއްދައަކަށް ވެސް ވެދާނެއެވެ. ކަންމިހެން އޮތުމުން، ރަހުނު ވިއްކާލުމުގެ ހުއްދަ ފަދަ ހުއްދަތަކާ ގުޅޭ މައްސަލަތައް އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އެ ހުއްދައިގެ މުއްދަތު ފާއިތުވުމުން އިސްތިއުނާފު ނުކުރެވޭނަމަ، އެ ފަދަ ހުއްދަތަކާ ގުޅިގެން އިސްތިއުނާފީ މަރުޙަލާއިން ލިބޭނެ ފަރުވާގެ ދޮރު ބަންދުވާނެއެވެ. މިއީ ޤާނޫނީ ރަނގަޅު ތަސައްވުރެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި އެ ފަދަ ހުއްދަތަކާ ގުޅޭ އިސްތިއުނާފުތައް، އިސްތިއުނާފު ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނާ އެއްގޮތަށް އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިއުނާފީ މަރުޙަލާތަކުން އެފަދަ ހުއްދަތަކާމެދު ގޮތްތައް ނިންމުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.

17HN7ކަން މިހެން އޮތުމާއެކު، ރަހުނު ވިއްކާލުމަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިފަހުން، ހައިކޯޓުން އެ ހުއްދަ ތަންފީޒުކުރުން ފަސްކުރުމަށް އަމުރު ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.

އަޑުއެހުމެއް ނުބާއްވައި ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުން

18ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި ހައިކޯޓުން "ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު" ނެރެފައިވަނީ އެ ފަރާތުގެ ބަހެއް ހޯދުމެއް ނެތި ކަމަށާއި، އެ އަމުރާމެދު ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

19HN8އިސްތިއުނާފީ ކޯޓުތަކުން ނެރޭ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރުތަކަކީ، އެ އަމުރުތައް ނެރެދިނުން ލަސްވެ، އިސްތިއުނާފީ ކޯޓުން މައުޟޫޢާމެދު ގޮތެއް ނިންމުމުގެ ކުރިން ތަންފީޒުކޮށްފިނަމަ، އިންސާފަށް ހުރަސްއެޅި، އިއާދަ ނުކުރެވޭ ގެއްލުމެއް ކުރިމަތިވެދާނެ އަމުރުތަކެކެވެ. މި ސަބަބަށްޓަކައި މި ބާވަތުގެ އަމުރު ނެރުމުގައި އަމުރަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާ ސަބަބުތަކުގެ މައްޗަށް ބަލައި، އަމުރު ނެރެންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްނަމަ، އެ ހާލަތުގައި އަމުރު ނެރުމަކީ ޤާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތްކަމެއް ކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

20މަތީގައި އަހުރެން މި ތަފުސީލު ކުރި ސަބަބުތައް އެފަދައިން ހުރުމާއެކު، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރި ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/78 ޤަޟިއްޔާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން ސިވިލް ކޯޓުގެ ނަންބަރު 1950/Cv-C/2019 ޤަޟިއްޔާގައި ނެރެފައިވާ އެ ކޯޓުގެ ނަންބަރު B5-CR-3/RVH/2019/04 ރަހުނު ވިއްކާލުމުގެ ހުއްދަ ތަންފީޒުކުރުން ފަސްކުރުމަށް ނެރެފައިވާ ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި ކަނޑައަޅައި އެ އަމުރު ބާޠިލުކުރާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

21މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

22މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، މި ޤަޟިއްޔާގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-B4/CHT/2021/2469 ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

ޑރ. މުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 3 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ 2011/SC-SJ/04 (ރިޓް އޮފް ޕްރޮހިބިޝަން)
  • ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ވ. މަޢުރޫފާ އަބޫބަކުރު
  • ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގ (ވީ.ބީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ