ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 47 · 2023/SC-C/02ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2023

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ)

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 9 ނޮވެމްބަރު 2023ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 47 2023/SC-C/02 ޝަރީޢަތް ނިމުނުގޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 09 ނޮވެމްބަރ 2023 ރައްދުވާ ފަރާތް ހުށަހެޅި ފަރާތް ދައުލަތް (ރައްޔިތުންގެ މަޖިލިހުގެ އިދާރާ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކައުންސެލް ޖެނެރަލް ފާޠިމަތު ޙަލީމް، ސީނިއަރ ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު ޤާނޫނީ ވަކީލު: އަޙްމަދު ޢަބްދުﷲ ޢަފީފް، އަލިދޯދި، ގދ. ތިނަދޫ ތަދައްޚުލުވި ފަރާތް 1 ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޤާނޫނީ ވަކީލު: ޢާއިޝަތު އާޒިމާ ޝަކޫރު، ދިވެހި ޗެމްބަރސް ތަދައްޚުލުވި ފަރާތް 2 ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޤާނޫނީ ވަކީލު: ޢާއިޝަތު އާޒިމާ ޝަކޫރު، ދިވެހި ޗެމްބަރސް ތަދައްޚުލުވި ފަރާތް 3 ދަ ޑިމޮކްރެޓްސް

ޤާނޫނީ ވަކީލު: ޢަބްދުﷲ ޝާއިރު، މ. ފުރަހަނިއާގެ، ޙަސަން ލަޠީފު، ހ. ސީވީޑް ދުސްތޫރީ މައްސަލަ - ތަދައްޚުލް – ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުން - ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުން – މަޖިލީހުގެ އިދާރީ ނިންމުން – ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރޭ ހިމެނޭ މައްސަލަ – ދުސްތޫރީ ހުސްކަމަކަށް އަތުވެދާނެ ކަންކަން - ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން -‎ ‎ ޤާނޫނުއަސާސީ 82 (ޅ)، 88 ވަނަ މާއްދާ – ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44، 205 (ރ) އަދި (ބ)

ފިހުރިސްތު

ފަސްފަހަތް 1

ހުށަހެޅިފައިވާ މައްސަލަ 3

ދައުލަތުގެ ޖަވާބު 5

ތަދައްޚުލުވި ފަރާތްތަކުގެ ހުށަހެޅުންތައް 8

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހުށަހެޅުން 8

ދަ ޑިމޮކްރެޓްސްގެ ހުށަހެޅުން 11

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން 14

އިޖުރާއީ އިޢުތިރާޟުތަކާމެދު ދެކޭ ގޮތް 15

ފުރަތަމަ އިޢުތިރާޟު 15

ދެވަނަ އިޢުތިރާޟު 17

ތިންވަނަ އިޢުތިރާޟު 18

ޤާނޫނުއަސާސީގެ 82 ވަނަ މާއްދާ 19

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން 20

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ 20

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ 22

ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ 25

ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު 30

މައްސަލަ ނިންމަން ފެންނަ ގޮތް 34

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 36

މި މައްސަލައަކީ އަސްލީ އިޚްތިސާސްގެ ދަށުން ސުޕްރީމް ކޯޓުން ބެލިދާނެ ދުސްތޫރީ މައްސަލައެއްތޯ؟ 41

ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ޢަމަލުކުރާނެ ގޮތާމެދު 45

ގާނޫނުއަސާސީ މާނަކުރުމުގެ އުސޫލު 48

ގާނޫނު މާނަކުރުމުގެ އުސޫލު 50

ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު 53

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 57

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 58

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 59

ޙުކުމް 59

` ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވ. ދައުލަތް (ރައްޔިތުންގެ މަޖިލީހުގެ އިދާރާ) ‎[2023] SC 47‎ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

ފަސްފަހަތް

1. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް، 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ 87 ދާއިރާ ތަމްސީލު ކުރާ މެންބަރުންގެ ތެރެއިން 49 މެންބަރުން ސޮއިކޮށް، 08 އޮކްޓޯބަރ 2023 ގައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވެއެވެ.

2. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ އިޖުރާއަތު ތަފުސީލުކޮށް ލިޔެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ނ) ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާ މައްސަލައެއްގެ ޤަރާރު މަޖިލީހަށް ލިބޭތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު، މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންޖެހެއެވެ‎.‎ މިއީ އެ ގަވާއިދު ލާޒިމުކޮށްފައިވާ ކަމެކެވެ.

3. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ އިޖުރާއަތު ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކޮށްފައިވަނީ 29 އޮކްޓޯބަރ 2023 ގައެވެ. އެހެން ނަމަވެސް، ސިއްޙީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެ ޖަލްސާއަށް މަޖިލީހުގެ ނައިބުރައީސް ހާޒިރުވެފައި ނުވެއެވެ. އަދި އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީން ޢާންމު އަންނަނިވި ޤާނޫނީ ނުކުތާތައް ރައްޔިތުންގެ މަޖިލީހަށް އިއްވައި ކަން ހިނގައިދިޔަ ގޮތް ބަޔާންކޮށްދީފައިވެއެވެ.

3.1- ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ)1 ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެކަމުގައި ބަޔާންކޮށްފައިވާކަން.

3.2- މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގެ (ހ)2 އިން މަޖިލީހުގެ ރައީސް ފިޔަވައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ކަނޑައަޅާފައި ވާކަން. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާއި ގުޅޭ ވަކި ބާބެއް މަޖިލީހުގެ ޤަވާއިދުގައި ހިމަނައި، އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި، "މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސެވެ." މި ފަދައިން ބަޔާންކޮށްފައިވާކަން.

4. މަތީގައި މި ބަޔާންކުރި ޤާނޫނީ މާއްދާތައް ބަޔާންކުރުމަށްފަހު، ރައްޔިތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ޖެހޭ ޤަރާރެއްކަމުގައިވާތީ، ޖެހިގެން އަންނަ ދުވަހުގެ (30 އޮކްޓޯބަރ 2023 ގައި) މަޖިލީހުގެ ޖަލްސާއަށް އެ ޤަރާރު އަލުން އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަށް އަންގާނެ ކަމުގައި އަމީން ޢާންމު އެ ޖަލްސާގައި ބުނެފައިވެއެވެ.

ހުށަހެޅިފައިވާ މައްސަލަ

5. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު، މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްޓަކައި، އެޖެންޑާ ކުރެވުނު ނަމަވެސް، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބުރައީސަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމި ނިންމުން ޤާނޫނުއަސާސީއާ ޚިލާފު ކަމުގައި ބުނެ، މި މައްސަލަ ހުށަހަޅާފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. މި މައްސަލަ ރައްދުވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށެވެ. ދިވެހި ދައުލަތަށެވެ.

6. މައްސަލަ ހުށަހަޅަމުން އެ ޕާޓީގެ ފަރާތުން ރައްޔިތުން ފާހަގަކޮށްފައިވަނީ، (1) މަޖިލީހުގެ އިދާރާގެ ނިންމުން ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފު ކަމުގައެވެ. އަދި އެ ނިންމުން (2) ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ވެސް ޚިލާފު ކަމުގައެވެ.

7. އަދި މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ3 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ކަމުގައި އެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ. މި ގޮތުން މި މައްސަލައަކީ، ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ، ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެއްވިގެންވާ މައްސަލައެއް ކަމުގައި މައްސަލަ ހުށަހަޅަމުން އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން މި މައްސަލައަކީ ގައުމުގެ ޢާންމު މަސްލަހަތާ ގުޅުންހުރި މައްސަލައެއް ކަމުގައި ވެސް އެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ.

8. މި މައްސަލަ ހުށަހެޅުމަށް ފަހު، އެމްޑީޕީގެ ފަރާތުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.

8.1- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހުނު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމުގައި މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ކަނޑައަޅައިދިނުން.

8.2- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެ ކަމުގައި ކަނޑައަޅައި ދިނުން.

8.3- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި މެނުވީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުން.

ދައުލަތުގެ ޖަވާބު

9. މި މައްސަލަ ހުށަހަޅަމުން އެމްޑީޕީގެ ފަރާތުން ހުށަހަޅާއިވާ މައިގަނޑު އެއްވެސް ކަމަކަށް ދައުލަތުގެ ފަރާތުން އިޢުތިރާޟު ކޮށްފައިނުވެއެވެ. އަދި އެ ކަންކަމަށް ތާއީދު ކުރަމުން އަންނަނިވި ކަންކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

9.1- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)4 އާ ޙަވާލާދީ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމުގެ ޖަލްސާގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ފިޔަވައި އެހެން މެންބަރަކަށް ނުބެލެހެއްޓޭނެކަމުގައި މަޖިލީހުގެ އިދާރާއިން ނިންމައި، އެ މާއްދާ އެ ގޮތަށް މާނަކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެކަން. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރުމަށް ޤާނޫނުއަސާސީގައި ލިޔެފައިވާ 82 ވަނަ މާއްދާގެ (ށ) ގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުންކަން.

9.2- ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)5 އާއި، 88 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރަށް6 ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަދަންޖެހޭނީ، އަދި އެ ގަވާއިދުގެ މާއްދާތައް މާނަކުރަން ޖެހޭނީ ވެސް މަޖިލީހުގެ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށްކަން.

9.3- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ ޖަލްސާއެއްގެ ރިޔާސަތު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުބެލެހެއްޓޭނެ ކަމުގައި ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ)7 ގައި ބަޔާންވެފައިވުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ބޭނުމަކަށް ވާންޖެހޭނީ، އަދި މަގުސަދަކަށް ވާންޖެހޭނީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބަޔާންވެފައިވާ "މަސްލަހަތު ފުށުއެރުމުގެ އުސޫލު" ބަޔާންކުރުންކަން.

9.4- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބުރައީސަށް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުރިވާ ހާލަތުގައި މަޖިލީހުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް މަޖިލީހުގެ ރިޔާސަތު ބަލައްޓާނެ މެންބަރުން ކަނޑައަޅައި ކަމާބެހޭ އެހެނިހެން އުސޫލުތައް ބަޔާންކޮށްފައިވާ މާއްދާކަން.

9.5- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލިހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އިސްކުރެވޭ ފަރާތްތަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެކަން. އަދި މިކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 06 ވަނަ މާއްދާ8 އާއި 25 ވަނަ މާއްދާއިން9 ބާރު ލިބޭކަން.

10. މި ކަންކަން ހުށަހެޅުމަށްފަހު ދައުލަތުގެ ފަރާތުން އެދިފައިވަނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އާއި، 205 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގެ މަޤްޞަދާ ޚިލާފުވާ ގޮތަށް އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓޭގޮތަށް ކަމަށް ކަނޑައަޅައިދިނުމެވެ.

11. ދައުލަތުން އެދިފައިވާ ދެވަނަ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ އިޖުރާއަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހަޅާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ހުރަސްއަޅާ ދުސްތޫރީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމެވެ.

ތަދައްޚުލުވި ފަރާތްތަކުގެ ހުށަހެޅުންތައް

12. މި މައްސަލައަށް ސިޔާސީ ތިން ޕާޓީއަކުން ތަދައްޚުލުވުމުގެ ހުއްދައަށް އެދުމުން އެ ތިން ޕާޓީން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ތަދައްޚުލުވުމުގެ ހުއްދަ ދެވިފައިވެއެވެ. އެ ތިން ޕާޓީއަކީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ދަ ޑިމޮކްރެޓްސް އެވެ.

13. ތިރީގައިމިވަނީ ތަދައްޚުލުވި ޕާޓީތަކުން ހުށަހަޅާފައިވާ ކަންކަމުގެ ތަފުސީލެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހުށަހެޅުން

14. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މި މައްސަލައަށް ތަދައްޚުލުވުމަށް އެދިފައިވަނީ މި މައްސަލައަކީ، އެ ދެ ޕާޓީއަކީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ދެ ޕާޓީ ކަމުގައި ވެފައި، ރައްޔިތުންގެ މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސް، އެ ދެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރަމުންދާ މަޖިލީހުގެ މެންބަރުންނާއި، އެ މެންބަރުން ތަމްސީލު ކުރަމުންދާ ދާއިރާތަކުގެ ރައްޔިތުންގެ ޙައްޤުތައް އެކުލެވޭ މައްސަލައެއް ކަމުގައިވާތީ ކަމުގައި އެ ދެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ. އަދި މީގެ އިތުރުން މި މައްސަލައަކީ، ކުރިއަށް އޮތް ރިޔާސީ ދައުރުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ހޮވިފައިވާ އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ކެންޑިޑޭޓް ކަމުގައިވާ ޑރ. މުޙައްމަދު މުޢިއްޒުގެ މަޞްލަޙަތާއި، ދިވެހި ދައުލަތުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައި މައްސަލައެއް ކަމުގައިވާތީ ކަމުގައި ބުނެފައިވެއެވެ.

15. ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، އެ ހުށަހެޅުންތަކުގައi ‎މައިގަނޑު ގޮތެއްގައި މި މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވެފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން މި ދެ ޕާޓީގެ ފަރާތުން ފާހަގަކުރި މުހިންމު ކަންކަން ތިރީގައި މިވަނީއެވެ.

15.1- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ނުކުޅެދޭ ނުވަތަ ޢުޛުރުވެރިވާ ޙާލަތެއްގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި ތަޞައްވުރު ކޮށްފައިނުވާ ޙާލަތުގައި ފަރުވާއެއް ހޯދުމަށް ގަވާއިދުގައިވާ އެހެން މާއްދާތަކަށް ރިޢާޔަތް ކުރެވެންވާނޭކަން. މި ގޮތުން ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި، ވަކި ޚާއްޞަ މާއްދާއެއް ނުވަތަ ބާބެއް ލިޔެފައި އޮވެފައި، އެ މާއްދާއަކުން ނުވަތަ އެ ބާބަކުން، އެކަމަށް ޚާއްޞަކުރެވުނު މަޤްޞަދު ޙާޞިލުނުވާ ނަމަ، ނުވަތަ މަޤްޞަދު ނެތިގެންދާ ނަމަ، އެ ޤާނޫނެއް ނުވަތަ ގަވާއިދެއްގެ އާންމު އުޞޫލަކަށް ރިޢާޔަތްކުރެވެން ޖެހޭނެކަން.

15.2- ޤާނޫނެއް ނުވަތަ ގަވާއިދަކުން އެ ޤާނޫނެއް ނުވަތަ ގަވާއިދަކަށް ވުރެ ހައިރާކީގެ ގޮތުން މަތީ ޤާނޫނެއްގެ ބާރު ކަނޑުވައި ނުލެވޭނެކަން. މި ގޮތުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމެއް ކުރިއަށް ނުގެންދެވޭނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަނުކުރެވޭނެކަން.

15.3- ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ10 ގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމާ ޙަވާލުވެވެނީ، ޤާނޫނުއަސާސީގައިވާ ހުވައިކޮށް އެ ހުވައިގެ އިޤުރާރުގައި ސޮއިކުރުމުން ކަމުގައިވާއިރު، އެކަން ކުރުން އޮންނަނީ، ރައްޔިތުންގެ މަޖިލީހެއްގެ ޖަލްސާއެއްގައިކަން. އަދި މިއީ ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ދައުލަތުގެ އެންމެ މަތީ ބާރުތައް ޙަވާލު ކުރުމުގެ، އަދި ހަވާލުވުމުގެ ދުސްތޫރީ އިޖުރާއަތު ކަމުގައިވާއިރު، މި އިޖުރާއަތަށް ގަވާއިދަކުން ހުރަސް ނޭޅޭނެކަން. އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިފައި ނުވުމުން މަޖިލީހުގެ ގަވާއިދު އައު ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވައިކުރެއްވުމަށް ހުރަސްއަޅާކަމަށް ބަލާނެ ޖާގައެއް ނެތްކަން.

16. ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ހުށަހަޅަން ބޭނުންވި ކަންކަން ތަފުސީލުކޮށް ހުށަހެޅުމަށް ފަހު، އެ ދެ ޕާޓީގެ ފަރާތުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.

16.1- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެފައިވާ ގޮތަށް މަޖިލީހުގެ ނައިބުރައީސަށް ރިޔާސަތު ބެލެހެއްޓުމަށް ނުކުޅެދޭ ނުވަތަ ޢުޛުރުވެރިވާ ޙާލަތުގައި، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުން ދުރަށްގޮސް، މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކުރާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާގުޅޭ އާންމު އިޖުރާއަތު ބަޔާންކުރާ، ގަވާއިދުގެ 44 ވަނަ މާއްދާގައިވާ އާންމު އިޖުރާއަތަށް ރުޖޫޢަވާންޖެހޭނެ ކަމުގައި ކަނޑައަޅައިދިނުން.

16.2- ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސައްކަތްތައް އެ މަޖިލީހުން އަދާކުރުމުގައި މަޖިލީހުގެ ޤަވާޢިދުގައި ހުރި އުނިކަމެއްގެ ސަބަބުން ނުވަތަ ގަވާއިދުގެ ވަކި ބާބެއް ނުވަތަ މާއްދާއެއް ތަޞައްވަރު ނުކުރާ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން ޤާނޫނުއަސާސީގެ ސިޔާދަތީ ބާރު ނެތިނުދާނެކަމުގައި ކަނޑައަޅައި ދިނުން.

16.3- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އަކީ އިޖުރާއީ އުޞޫލެއް ބަޔާންކުރާ މާއްދާއަކަށް ވާއިރު، އެ މާއްދާ ތަންފީޛު ކުރުމުގައި ކުރިމަތިވާ އުނިކަމެއްގެ ސަބަބުން، ސަބްސްޓަންސްގެ މައްސަލައެއް ޑިފީޓްނުކުރެވޭނެ ކަމުގައި ކަނޑައަޅައިދިނުން.

16.4- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާ ޙާލަތު މި މައްސަލައިގައި އަދި ވުޖޫދުވެފައި ނުވާކަމުގައި ކަނޑައަޅައި ދިނުން. އަދި ބަހުސްގެ ބޭނުމަށް އެ ޙާލަތު ވުޖޫދުވި ކަމުގައި ބެލި ނަމަވެސް، ޤާނޫނުއަސާސީގައި އަދި ޤާނޫނުގައިވާ ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސް އެޅޭނޭގޮތަކަށް އެ މާއްދާ މާނަނުކުރެވޭނެ ކަމުގައްޔާއި، ޤާނޫނުއަސާސީ އާއި، ޤާނޫނު މާނަކުރުމުގައި މި ޙާލަތުގައި ބޭނުންކުރަންޖެހޭނީ، މަޤުޞަދަށް ރުޖޫޢަވުމުގެ އުސޫލު ކަމުގައި ކަނޑައަޅައިދިނުން.

ދަ ޑިމޮކްރެޓްސްގެ ހުށަހެޅުން

17. މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ދަ ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު، އެ ޕާޓީއަކީ ސީޔާސީ ޕާޓީއަކަށްވެފައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ އެ ޕާޓީ ތަމްސީލުކުރާ ފަރާތެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައަކީ އެ ޕާޓީއަށް ސިޔާސީ ޕާޓީގެ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އަސަރުކުރާނެ މައްސަލައެއްކަމުގައި އެ ޕާޓީގެ ފަރާތުން ބުނެފައިވެއެވެ.

18. މި މައްސަލައަށް ތަދައްޚުލުވުމަށްފަހު، ދަ ޑިމޮކްރެޓްސްގެ ފަރާތުން އިޖުރާއީ ތިން އިޢުތިރާޟެއް ހުށަހަޅާފައިވެއެވެ. އެ އިޢުރިރާޟުތައް ތިރީގައި މިވަނީއެވެ.

18.1- މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ނޫންކަން.

18.2- ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައިހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި، އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހެއް ނޭޅޭނެކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، މި ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ހުރަސްއަޅާކަން.

18.3- ޤާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީ ގޮތުން ކަމެއް އޮތްގޮތާމެދު މަޖިލީހުގައި އުފެދޭ ދެބަސްވުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ގޮތުގެ އިޖުރާއަތު ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައި11 ބަޔާންވެފައިވާއިރު، މި މައްސަލައަކީ އެ އިޖުރާއަތުން ބޭރުން ހުށަހަޅާފައިވާ މައްސަލައެއްކަން.

19. ދަ ޑިމޮކްރެޓްސްގެ ފަރާތުން އިޖުރާއީ އިޢުތިރާޟުތައް ހުށަހެޅުމަށްފަހު، މި މައްސަލައިގައި ވާހަކަ ދެކެވޭ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްއަށް ހާޒިރުނުވެވުމުގެ ސަބަބުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ނުވުމަކީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫންކަމުގައި ފާހަގަ ކޮށްފައިވެއެވެ.

20. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ (ބ) އެ ގޮތަށް ލިޔެފައި އެވަނީ، އެއީ އެކަމުގައި މަޖިލީހުގެ ނިޔަތް އޮތްގޮތް ކަމުގައިވާތީ، އެ އަކުރުގައި ސާފު ސަރީހަ ބަހުން ލިޔެފައި އޮތް އެއްޗެއްގެ މާނައަށް އިތުރުކުރުމެއް ގެނައުމަކީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލު ކުރުން ކަމުގައްޔާއި، އެ ފަދަ ބާރެއް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމުގައި އެ ޕާޓީން ނުދެކޭކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

21. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ޙާލަތު މި މައްސަލައިގައި ވުޖޫދުވެފައިވާ ކަމުގައި އެ ޕާޓީން ނުދެކޭކަން ފާހަގަ ކޮށްފައިވެއެވެ.

22. ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ކަންކަން ތަފުސީލުކޮށް ހުށަހެޅުމަށްފަހު އެ ޕާޓީގެ ފަރާތުން އަންނަނިވި ކަންކަމަށް އެދިފައިވެއެވެ.

22.1- މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ދަށުން ކުރިއަށް ގެންދެވޭނެ ދުސްތޫރީ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައިދިނުން.

22.2- އަދި މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ ދުސްތޫރީ މައްސަލައެއް ކަމުގައި ކަނޑައަޅާ ޙާލަތުގައި، މި މައްސަލައަކީ "ޕޮލިޓިކަލް ކުއެސްޗަން ޑޮކްޓަރިން" ގެ ދަށުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވާ މައްސަލައެއް ނޫންކަމުގައި ކަނޑައަޅައި ދިނުން.

22.3- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ވަކި ގޮތަކަށް ލިޔެފައިވަނީ، ވަކި މަޤުޞަދެއްގައި ވަކި ނިޔަތެއްގައި ކަމުގައިވާތީ، އެ މާއްދާގައިވާ ކަންކަމަކީ، އެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނިޔަތް ކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ މާއްދާ އޮތް ގޮތް ނޫން އެހެން ގޮތަކަށް މާނަކުރުމަކީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ހ) އާއި 88 ވަނަ މާއްދާ ޚިލާފު، އަދި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫންކަމުގައި ކަނޑައަޅައިދިނުން.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

23. މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ ކަންކަމާމެދު ގޮތެއް ނިންމުމުގައި އަހުރެން އެންމެ ފުރަތަމަ ގޮތް ނިންމާނީ މި މައްސަލައިގައި ހުށަހެޅިފައިވާ އިޖުރާއީ އިޢުތިރާޟުތަކާމެދުގައެވެ. އެއަށްފަހު މައްސަލައިގެ މައުޟޫޢީ ކަންކަމާމެދު ގޮތް ކަނޑައަޅާނީ އަންނަނިވި ތަރުތީބުންނެވެ.

23.1- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކި ކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހުނު މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމުގައި މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަން.

23.2- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަން ނުވަތަ ނޫންކަން.

23.3- ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ނަމަ، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމިދާނެކަން ނުވަތަ ނޫންކަން.

އިޖުރާއީ އިޢުތިރާޟުތަކާމެދު ދެކޭ ގޮތް

24. ތިރީގައި މިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ތިން އިޖުރާއީ އިޢުތިރާޟާމެދު އަހުރެންގެ ރައުޔެވެ.

ފުރަތަމަ އިޢުތިރާޟު

25. މި މައްސަލައަށް ތަދައްޚުލުވި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ 3 އިޖުރާއީ އިޢުތިރާޟުގެ ތެރެއިން ފުރަތަމަ އިޢުތިރާޟުގައި ފާހަގަކޮށްފައިވަނީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ)12 ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލައެއް ނޫންކަމުގައެވެ. އިތުރަށް އެ ޕާޓީގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަ" މާނަކޮށްފައިވާ މާނަކުރުމަށް މި މައްސަލަ ނުފެތޭ ކަމުގައެވެ. އެހެނީ ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގައި މާނަކޮށްފައިވާ ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ވަންނާނީ އެ މާއްދާގައި ބަޔާންވެފައިވާ ފަދަ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ ކަމުގައެވެ. މި މައްސަލައިގައި ވާހަކަ ދެކެވޭ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ކަންކަން އިންތިޒާމު ކުރުމަށް ދީފައިވާ ބާރުގެ ތެރެއިން އެކަށައަޅާފައިވާ މާއްދާއެއް ކަމުގައެވެ.

26. މި މައްސަލަ ހުށަހަޅަމުން އެމްޑީޕީގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރެއަށް ފެތޭ މައްސަލައެއްކަމުގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާގެ ރިޔާސަތު ހަމައެކަނި ބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްއަށް ކަމުގައި ކަނޑައަޅައި އެ ޖަލްސާ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންގޮސްނުވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައެވެ.

27. މި މައްސަލަ ރައްދުވާ ފަރާތުންނާއި، ދަ ޑިމޮކްރެޓްސް ފިޔަވައި މި މައްސަލައަށް ތަދައްޚުލުވި ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކުން މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ ޖަލްސާގެ ރިޔާސަތު ހަމައެކަނި ބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަން ފާހަގަވެފައިވެއެވެ. އަދި މަޖިލީހަށް ހުށަހެޅިފައިވާ ޢާންމު މަސްލަހަތާ ގުޅުންހުރި ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓާއި، ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅިފައިވީ ނަމަވެސް، ޤާނޫނު ލާޒިމުކުރާ ބަޖެޓާ ގުޅުންހުރި މަސައްކަތްތައް މަޑުޖެހިފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމުގައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓި ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ޙާލަތެއް އޮތްކަމަށް އެ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

28. މައްސަލައިގެ މައުޟޫޢީ ކަންކަމާމެދު ބަހުސްކުރުމަށް ބޭނުންވާ މިންވަރަށް މިކަންކަން މި މޭރުމުން ހުރިކަމުގައި މި ނުކުތާއާ ގުޅިގެން މަސައްލަ ރައްދުވާ ފަރާތުންނާއި، ދަ ޑިމޮކްރެޓްސް ފިޔަވައި ތަދައްޚުލުވި ދެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުން ޤަބޫލުކުރެވެއެވެ. އަދި މިކަމުގެ އިތުރު ތަފުސީލު މައުޟޫޢީ ކަންކަމާމެދު ކުރެވޭ ބަހުސްތަކުގައި ހިމަނަން ގަސްދުކުރަމެވެ. ކަންމިހެން އޮތުމުން މިއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއް ކަމުގައި ދެކެމެވެ. އަދި މި އިޖުރާއީ ފުރަތަމަ އިޢުތިރާޟު އަހުރެން ބަލައި ނުގަންނަމެވެ.

29. އޭގެ އިތުރަށް މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒަށް ގޮންޖެހުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަހުރެން ނުދެކެމެވެ. ވުމާއެކު، މި އިޢުތިރާޟު ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.

ދެވަނަ އިޢުތިރާޟު

30. ދެވަނަ އިޢުތިރާޟުގައި ފާހަގަކޮށްފައިވަނީ، ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެކަމުގައި ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެފައި އޮންނަ އޮތުމަށް ބަލާއިރު، މި މައްސަލައަކީ ހުށަހެޅިފައިވާ ގޮތަށް ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ހުރަސްއަޅާ މައްސަލައެއް ކަމުގައެވެ.

31. މީގެ އިތުރަށް މި މައްސަލައަށް ބަލާއިރު، މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ ބަރުލަމާނީ އިމްތިޔާޒަށް ގޮންޖެހުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ މި މައްސަލައިގައި ބަހުސް އުފަންވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި މުޅި މަޖިލީހަށް ނިސްބަތްވާ ގޮތަށް ނިންމާފައިވާ ނިންމުމަކަށް ނުވުމުގެ އިތުރަށް، މި މައްސަލައަކީ، ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާއެއް މާނަކޮށް، އެ މާނަކުރުމުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢަމަލުކޮށްފައިވާ ގޮތް ޤާނޫނުއަސާސީއާ ޚިލާފުކަމުގައި ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢަމަލުކުރި ގޮތުގެ ސަބަބުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ނަތީޖާއެއް ނިކުމެދާނެ ފަދަ ހާލަތެއް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރެވިދާނެ މައްސަލައެއްކަން ފާހަގަ ކުރެވެއެވެ.

32. ކަންމިހެން އޮތުމުން ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) އުސްއަލިކޮށް ދަ ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ދެވަނަ އިޖުރާއީ އިޢުތިރާޟު ވެސް އަހުރެން ބަލައި ނުގަންނަމެވެ.

ތިންވަނަ އިޢުތިރާޟު

33. ތިންވަނަ އިޢުތިރާޟުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ ޤާނޫނުގައި ކަން އޮތް ގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީ ގޮތުން ކަމެއް އޮތްގޮތާމެދު މަޖިލީހުގައި އުފެދޭ ދެބަސްވުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ގޮތުގެ އިޖުރާއަތު ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބަޔާންވެފައިވާއިރު، މި މައްސަލައަކީ އެ އިޖުރާއަތުން ބޭރުން ހުށަހަޅާފައިވާ މައްސަލައެއްކަމުގައެވެ.

34. މި އިޢުތިރާޟަށް ބަލާއިރު، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާއަކީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ ސުވާލުތަކަށް ސުޕްރީމް ކޯޓުން އިސްތިޝާރީ ލަފާ ދިނުމުގެ އުސޫލުތައް ބަޔާންވެފައިވާ މާއްދާއެވެ. މި މާއްދާއަކީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ޤަބޫލު ކުރެވިގެން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުން މަނާކުރާ މާއްދާއެއް ނޫންކަން މި މާއްދާގެ ނައްޞުން އެނގެއެވެ. އަދި މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް‎[2021] SC 71 ‎13‎ ‎މައްސަލައިގައި ތަފުސީލުކޮށް، ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް މައްސަލަ ހުށަހެޅޭނެކަމާއި، ހުށަހެޅޭނެ ހާލަތުތައް ބަޔާންކޮށްފައި ވެއެވެ. އަދި މި އިޢުތިރާޟު ހުށަހަޅަމުން ސުޕްރީމް ކޯޓުގެ އެ މައްސަލައިގައި ކަނޑައަޅާފައިވާ ކަމާގުޅުންހުރި އެއްވެސް އުސޫލަކާމެދު ޑިމޮކްރެޓްސްގެ ފަރާތުން އިޢުތިރާޟުކޮށްފައި ނުވާކަން ވެސް ފާހަގަ ކުރަމެވެ.

35. ކަންމިހެން އޮތުމުން މި އިޢުތިރާޟުވެސް އަހުރެން ބަލައިނުގަންނަމެވެ.

ޤާނޫނުއަސާސީގެ 82 ވަނަ މާއްދާ

36. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޢާންމު އުސޫލުތައް ބަޔާންވެފައިވަނީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގައެވެ. އެ ގޮތުން އެ މާއްދާގެ (ށ) ގައި14 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު އެކި ހާލަތްތަކުގައި ބަލަހައްޓާނެ ގޮތުގެ ތަރުތީބު ބަޔާންކުރަމުން ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައެވެ. އަދި މަޖިލީހުގެ ރައީސް ހާޒިރު ނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސް ކަމުގައެވެ. ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅަނީ ކަމުގައި އެ އަކުރުގައި ބަޔާން ވެފައިވެއެވެ.

37. ޤާނޫނުއަސާސީގެ 82 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ޅ)15 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓައިގެން ނުވާނެ ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެ ހާލަތަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާތައް އެ ޖަލްސާތައް ބާއްވާ ހާލަތެވެ. މި ކަން ބަޔާންކުރަމުން އެ އަކުރުގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ. ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ‎.‎"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން

38. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަލާއިރު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޢާންމު ތަފުސީލީ އުސޫލުތަކަކާއި، ވަކި ހާލަތެއްގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ޚާއްޞަ އުސޫލެއް ބަޔާންވެފައިވެއެވެ. މި އިޝާރާތްކުރި ޢާންމު އުސޫލަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ތަފުސީލުކޮށް ލިޔެފައިވާ ރިޔާސަތު ބެލެހެއްޓުމުގެ އުސޫލުތަކެވެ. އަދި ޚާއްޞަ އުސޫލަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި16 ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމާގުޅޭ ޚާއްޞަ އުސޫލެވެ. ތިރީގައި މި ބަލާލަނީ މި އުސޫލުތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ

39. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މަޖިލީހުގެ ރައީސާއި ނައިބުރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހުން ކަނޑައަޅައި އެކަމާބެހޭ އުސޫލުތައް ލިޔެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ގައެވެ. މި ގޮތުން ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގެ ޖަލްސާތަކަށް މަޖިލީހުގެ ރައީސާއި ނައިބުރައީސް ހާޒިރުނުވާ ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ރައީސް ކަނޑައޅަންވާނެ ކަމުގައި އެ އަކުރުގައި ބަޔާންވެފައިވެއެވެ. އަދި އެ މެންބަރުން ކަނޑައަޅާނީ، މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ 5 (ފަހެއް) މެންބަރުން ކަމުގައްޔާއި، އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 (ތިނެއް) ޖަލްސާގެ މުއްދަތަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ (ހ) ގައި ބަޔާންވެފައިވެއެވެ.

40. އަދި އެ މާއްދާގެ (ށ) އަށް ބަލާއިރު، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާ ފަސް މެންބަރުން މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި މަޖިލީހުގެ ރައީސް ކަނޑައަޅައި، އެ ނަންތައް މަޖިލީހުގެ ޖަލްސާއެއްގައި އިޢުލާން ކުރަންވާނެ ކަމުގައި އެ އަކުރުގައި ބަޔާންވެފައިވެއެވެ. އަދި އެ މެންބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން ކަމުގައްޔާއި، އެ މުއްދަތު ހަމަހަމަ ވެއްޖެ ހިނދެއްގައި، މެންބަރުން ތަރުތީބުކުރާނީ މެންބަރުންގެ ޢުމުރުގެ ދޮށިކަމަށް އިސްކަންދީގެން ކަމުގައި އެ މާއްދާގެ (ނ) ގައި ބަޔާންވެފައިވެއެވެ.

41. ރިޔާސަތު ބެލެހެއްޓުމަށް މެންބަރުން ކަނޑައަޅާނެ ގޮތް ބަޔާންކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސާ ދެ މީހުންމެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ޙާލަތަކަށް އަންނަ ހިނދެއްގައި، އަދި ރިޔާސަތު ބަލަހައްޓާނެ މީހަކުވެސް ދުރާލާ ކަނޑައެޅިފައި ނެތް ޙާލަތެއް ދިމާވެއްޖެނަމަ، ނުވަތަ ރިޔާސަތު ބަލަހައްޓާނެ މެންބަރުންކަމަށް 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) މެންބަރުންވެސް އުޒުރުވެރިވެއްޖެ ޙާލަތެއް ދިމާވެއްޖެނަމަ، ޢަމަލު ކުރާނެ ގޮތް ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންވެފައިވެއެވެ. މި ގޮތުން އެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ރ) ގައި އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ، މަޖިލީހުގެ ޚިދުމަތުގައި އެންމެ ގިނަ ދުވަސްވި މެންބަރުންގެ ތެރެއިން، މާއްދާގެ (ނ) ގައިވާ މެންބަރުކަމުގެ މުއްދަތަށާއި، އަދި އެ މުއްދަތުގައި ހަމަހަމަ ވެއްޖެ ހިނދެއްގައި އެ މެންބަރުންގެ ޢުމުރުގެ ދޮށިކަމަށް އިސްކަންދިނުމުގެ އުސޫލުން އެންމެ އިސްކަންދެވޭ މެންބަރު ކަމުގައި ބަޔާންވެފައިވެއެވެ. އަދި މި ހާލަތް މެދުވެރިވީ މަޖިލީހުގެ ޖަލްސާއެއް ފެށޭއިރު ކަމުގައިވާނަމަ، އެ ޖަލްސާއެއް ފެށުމުގެ ވަގުތު ޖެހުމާއެކު، ސަބަބު ބަޔާންކޮށް، މަޖިލީހުގެ އަމީން ޢާންމު އެކަން ޖަލްސާއަށް އިޢުލާންކުރަންވާނެ ކަމުގައި 44 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެފައިވެއެވެ.

42. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރައީސް ކަނޑައަޅާ މެންބަރުންނަކީ، އެ މެންބަރުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ވަގުތުތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ލިބިދޭ ހުރިހާ ބާރަކާއި އިމްތިޔާޒެއް އަދި މަޖިލީހުގެ ރައީސް އަދާކުރަންޖެހޭ ވާޖިބުތަކެއް އެ މެންބަރަކަށް ނިސްބަތް ކުރެވިގެންވާ މެންބަރެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ކ) ގައި ބަޔާންވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ

43. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމުގެ އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާއެވެ.

44. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ބަލާއިރު، މި މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމުގެ އިޖުރާއަތުގައި ކަންކަން ކުރުމަށް މުހުލަތު ތަކަކާއި، ތަރުތީބެއް އެކުލެވިފައިވާކަން އެނގެއެވެ. މިގޮތުން މި މާއްދާގެ (ށ) ގައި "މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅޭނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ¼ (ހަތަރުބައިކުޅަ އެއްބައި) މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ޤަރާރު މަޖިލީހަށް ފޮނުވުމުން" ކަމުގައި ބަޔާންކޮށްފައިވާއިރު، މި މާއްދާގެ (ނ) ގައި އޮތީ، އެ ޤަރާރު މަޖިލިހަށް ލިބުމުން ދެން އެ ޤަރާރާމެދު ޢަމަލު ކުރަންވާނެ ގޮތެވެ. އެ ގޮތް ބަޔާންކުރަމުން އެ އަކުރުގައި ބަޔާންވެފައިވަނީ،

"މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފޮނުވާ ޤަރާރު މަޖިލީހަށް ލިބުމުން، އެ ޤަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންވާނެއެވެ." މި ފަދައިންނެވެ.

45. މަތީގައި މި ބަޔާންކުރި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ އަކުރުގައި ނޯޓިހުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ލާޒިމުކޮށްފައިވާކަން އެނގެއެވެ.

46. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެ އަކުރުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ (ނ) ގައި ބަޔާންކުރި އިޖުރާއަތުގެ ދަށުން އެ ޤަރާރު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ދެން ކަންތައް ކުރަންވާނެ ގޮތެވެ. މި ގޮތް ބަޔާންކުރަމުން އެ އަކުރުގައި ބަޔާންވެފައިވަނީ އަންނިވި ޢިބާރާތެވެ.

"މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ."

47. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަކަށް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހު މެނުވީ ނުކުރެވޭނެ ދެ ކަމެއް ބަޔާންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެ ދެ ކަމަކީ، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރުމާއި، އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމެވެ.

48. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައެވެ. އެ އަކުރުގައިވާ ގޮތުން އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސެވެ. އަދި އެ އަކުރުގައި އިތުރަށް ބުނެފައިވަނީ މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސް ކަމުގައެވެ. މި އަކުރަށް ބަލާއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ޖުމުލަކޮށް ބަލާއިރު، މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުން މި އަކުރުން މަތިކޮށްފައިވާ ފަރާތަކަށް ރިޔާސަތު ނުބެލެހެއްޓޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ދެންކަންތައް ކުރަންވާނެ ގޮތް ބަޔާންވެފައިނުވެއެވެ.

49. މި މައްސަލައިގައި އަހުރެންގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއް މަޖިލީހުގެ ނައިބުރައީސަށް ކުރިމަތިވެއްޖެނަމަ ދެންހަދާނީ ކިހިނަކުން ކަމާމެދު ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ. އެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި ތަރުތީބު ކުރެވިފައިވާ މެންބަރުންގެ ތެރެއިން މެންބަރަކަށް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ހެއްޔެވެ؟ ނުވަތަ މަޖިލީހުގެ ނައިބުރައީސަށް ކުރިމަތިވި ހާލަތު ފިލައިދަންދެން މަޖިލީހުގެ މަސައްކަތް ހުއްޓާލައި އިންތިޒާރު ކުރާނީ ހެއްޔެވެ؟

ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟

50. ޤާނޫނު މާނަކުރުމުގެ އެއް އުސޫލަކީ، ޤާނޫނެއް ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްޞަދަށް ބަލައި، އެ މަޤްޞަދު ދެނެގަތުމަށް ފަހު، އެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ މަޤްޞަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން އެ ޤާނޫނު މާނަކުރުމެވެ.17

51. މި މައްސަލައިގައި ޝަރީޢަތުގެ ކުރިމަތީގައި ބަހުސްކުރުމަށް އޮތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދެވެ. އެ ގަވާއިދަކީ، އެހެން ޤަވާއިދުތަކާ ޚިލާފަށް ސީދާ ޤާނޫނުއަސާސީން ބާރު ލިބިގެން ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނުއަސާސީއާ އެއްގޮތަށް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގަވާއިދެވެ. މިކަމަށް ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގެ (ހ) އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 01 ވަނަ މާއްދާއިން ބާރުލިބެއެވެ. މި އުސޫލާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކިޔާއިރު، އެ ގަވާއިދުގައިވާ އެއްވެސް ކަމަކީ، އެކަމަކާމެދު ޤާނޫނުއަސާސީގައި ވަކި ގޮތަކަށް އެކަމެއް ކުރުމަށް އިރުޝާދުދީފައިވާ ކަމެއްނަމަ، ޤާނޫނުއަސާސީ ދީފައިވާ އިރުޝާދަކީ އެންމެ އަސާސީ، އެ އިރުޝާދަކާ ދުރަށް ނުދެވޭނެ އިރުޝާދު ކަމުގައި ބަލަންޖެހެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެއީ ޤާނޫނުއަސާސީ އެންމެންގެ މައްޗަށް ލާޒިމު ކުރާކަމެކެވެ.

52. މަތީގައި މި ބަޔާންކުރި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް ރުޖޫޢަވާއިރު، އެ މާއްދާއަކީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި، މަޖިލީހުގެ ރައީސާއި، ނައިބުރައީސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ ހާލަތުގައި، ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނޭ މީހުން ކަނޑައެޅުމަށް ލިޔެފައިވާ މާއްދާއެއްކަން އެނގެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގަވާއިދުގައި ލިޔަން ޖެހިފައި އެވަނީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި، "ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ" ކަމަށް ބަޔާންކޮށްފައިވާތީއެވެ. ޤާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، އެފަދަ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމުގައި ބަޔާންކޮށްފައި އެވަނީ، ފުށުއަރާނެ މަސްލަހަތެއް އޮތުމުގެ ސަބަބުން އެކަމުން ދުރަށް ދިއުމަށްޓަކައިކަން އެނގެއެވެ.

53. މި ފާހަގަކުރި ކަންކަމަށްފަހު، ކުރިމަތީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައިވާ، ފަސް މެންބަރުންކުރެ މެންބަރަކަށް ބެލެހެއްޓިދާނެތޯ، މި ސުވާލަށް ޖަވާބު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ ލިޔެވިފައިވާ ގޮތާއި، އެ ދެ މާއްދާއިން ޖުމުލަކޮށް ފާހަގަ ކުރެވޭ ކަންކަމަށް އަލިއަޅުވާލުން މުހިންމު ކަމުގައި ދެކެމެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.

53.1- ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ޖަލްސާއެއް ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައި ނުވެއެވެ.

53.2- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއަށް ބަލާއިރު، ކުރިންވެސް އަހުރެން އިޝާރާތްކުރި ފަދައިން، އެ މާއްދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ލިޔެފައިވަނީ، ތަރުތީބަކުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފެނިއްޖެނަމަ އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ގޮތާއި، އެ މައްސަލަ ހުށަހެޅުމުގެ ގަރާރު މަޖިލީހަށް ލިބުމުން ޤަރާރުގެ ނޯޓިސް ފޮނުވާނެ ގޮތާއި، ޤަރާރު ހުށަހަޅާނެ ޖަލްސާއަކީ ކޮބައިކަން އެ މާއްދާގައި ލިޔެވިފައިވަނީ ވަކި ނުކުރެވޭނެ ތަރުތީބަކުންނެވެ. އެ މާއްދާގެ އެއް އަކުރު ލިޔެވިފައިވަނީ، އެއިގެ ކުރީގެ އަކުރުގައިވާ އިޖުރާއަތާ ގުޅުވާލެވިގެންނެވެ. ކުރީގެ އަކުރަށް ޙަވާލާދީގެންނެވެ. ކަންމިހެން އޮތުމުން، މި މާއްދާގެ ވަކިވަކި އަކުރުތަކަކީ، ވަކިވަކިން އެކަހެރިކޮށް ކިޔައި، ނަތީޖާތަކެއް ނެރެވޭނެ އަކުރުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ.

53.3- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު،ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް، މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި ޢަމަލު ކުރާނެ ވަކިގޮތެއް ބަޔާންވެފައިނުވެއެވެ. އަދި މި އަކުރުގައި، ގަވާއިދުގައިވާ މި އަކުރުގައި ތަފުސީލު ބަޔާންކޮށްފައިވާ، ނުވަތަ މި އަކުރާ އެއް މައުޟޫޢުގެ އެހެން މާއްދާތަކަށް "އެ މާއްދާތަކުގައި އެހެން އޮތް ނަމަވެސް" ނުވަތަ "މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންވެފައިވީ ނަމަވެސް" މިފަދަ ޢިބާރާތްތަކެއް ބަޔާންކޮށް އިސްތިސްނާއެއް ބަޔާންކޮށްފައިނުވެއެވެ. ޤާނޫނީ ހުސްކަމެއްގެ ސުވާލު އުފެދޭ ހިސާބަކީ މިއީއެވެ.

54. މި އުފެދޭ ޤާނޫނީ ސުވާލަށް ޙައްލެއް ލިބިގެންދާނީ، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިބެން އޮތް ހަމައެކަނި ޙައްލަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން އެ މާއްދާގައިވާ ތަރުތީބުން ރިޔާސަތު ބަލަހައްޓަންޖެހޭ މެންބަރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމެވެ. އަދި މި ފަދައިން ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައެޅުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އެ މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 03 ޖަލްސާގެ މުއްދަތަށްކަން ވެސް ފާހަގަކުރަމެވެ. އަދި މި މާއްދާގެ (ބ) ގައި ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅޭ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމާ ޙަވާލުވަނީ ޖަލްސާއެއް ފެށޭއިރު ކަމުގައިވާނަމަ، އެ ޖަލްސާއެއް ފެށުމުގެ ވަގުތު ޖެހުމާއެކު ސަބަބު ބަޔާންކޮށް މަޖިލީހުގެ އަމީން ޢާންމު އެކަން ޖަލްސާއަށް އިޢުލާން ކުރުމަށް މި މާއްދާގެ (ބ) ގައި އޮންނަ އޮތުމަށް ބަލާއިރު، ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅޭ މެންބަރުން ކަނޑައެޅުމަށްފަހު، އެ މެންބަރުން ރިޔާސަތު ބެލެހެއްޓުމަށް އައްޔަންވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސްގެ ދައުރެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންވެފައި ނުވާކަން ސާފުކޮށް އެނގެއެވެ.

55. އެހެނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަކީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ" ކަމުގައްޔާއި، "ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެ" ކަމުގައި ބަޔާންކޮށް، މަސްލަހަތު ފުށުއަރާ ޙާލަތުގައި ކަންކުރާނެ އުސޫލު ބަޔާންކުރުމަށް ލިޔެވިފައިވާ އަކުރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަކީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި މަޖިލީހުގެ ރައީސާއި ނައިބުރައީސް ހާޒިރު ނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާތީ، އެ މަޤްޞަދުގައި ލިޔެފައިވާ މާއްދާއެކެވެ. ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅޭ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ވަކި ޚާއްޞަ ޖަލްސާއެއް އެ އަކުރުގައި ބަޔާންވެފައިނުވެއެވެ.

56. މީގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ (ބ) އޮތް ގޮތަށް ޢަމަލުކުރުމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް އެ އަކުރުގައި ބަޔާންވެފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ހުރަސްއެޅޭ އުޒުރު ފިލައިދަންދެން އިންތިޒާރު ކުރަންޖެހުމަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ތަޞައްވުރެއްކަމުގައި އަހުރެން ނުދެކެމެވެ. އެކަމަށް ބާރުލިބޭނެ ޤާނޫނީ އުސޫލެއް އެ މާއްދާއަކުން އަހުރެންނަށް ނުފެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ، މަޖިލީހުގެ ކަންކަން އިންތިޒާމުކޮށް ހިންގުމަށްޓަކައި ހެދޭ ގަވާއިދެއްކަން، ޤާނޫނުއަސާސީގެ 88 ވަނަ މާއްދާއިން ސާފުކޮށް އެނގޭއިރު، އެ ގަވާއިދުން ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހާ މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމަށް އެއްވެސް މިންވަރަކަށް ހުރަސްއެޅޭ ގޮތަށް އެ ގަވާއިދު މާނަކުރުމަކީ، ޤާނޫނުއަސާސީއަށް ޢަމަލު ކުރުމުގައި ތަބާވުމަށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައިވާ އުސޫލުތަކާ ޚިލާފުކަމެއް ކަމުގައި އަހުރެން ދެކެމެވެ.

57. ކަންމިހެން އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ކަމުގައި ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންގޮސްފައިނުވަނީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައި އަހުރެން ދެކެމެވެ. އަދި މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން،ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާކުރިއަށް ގެންދަންޖެހޭނެކަމުގައި ދެކެމެވެ.

ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު

58. މި މައްސަލަ ހުށަހަޅަމުން އެމްޑީޕީގެ ފަރާތުން ފާހަގަކޮށްފައިވާ އެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ. އަދި މި ޙާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި މެނުވީ، މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިޔުން އެ ގަވާއިދު މަނާކުރާ ކަމުގައެވެ.

59. މި ކަމަށް ރައްދުދެމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 (ރ) އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމާއެކު ނުހުއްޓޭނެއެވެ. ސަބަބަކީ އެ އަކުރުގައި އެ ފަދަ ޤަރާރެއް ހުށަހެޅުމާއެކު އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން ގޮތެއް ނިންމުން މަނާކޮށްފައިވަނީ، މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމަކާމެދު ބަހުސްކުރުމާއި، ގޮތެއް ނިންމުން އެކަނި ކަމުގައިވާތީއެވެ.

60. އަދި މިކަމާ ގުޅިގެން ވާހަކަ ދައްކަމުން މި މައްސަލައަށް ތަދައްޚުލުވި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ފާހަގަކޮށްފައިވަނީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ހުރަސްއެޅޭނެ ކަމުގައި އެ ދެ ޕާޓީގެ ފަރާތުން ޤަބޫލު ނުކުރާ ކަމުގައެވެ. އެހެނީ އެ ހުވައަކީ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގައި ބަޔާންވެފައިވާ ހުވައެއް ކަމުގައިވެފައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ފަދަ އިޖުރާއީ ގަވާއިދަކުން ޤާނޫނުއަސާސީގައިވާ އިޖުރާއަތެއް ބަދަލު ނުކުރެވޭނެ ކަމުގައެވެ. އަދި ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައިވާ ހާލަތު، (ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުން) މި މައްސަލައިގައި ވުޖޫދުވެފައި ނުވާކަމުގައެވެ. މި ހާލަތު ވުޖޫދުވެފައިނުވާ ކަމުގައި ތަދައްޚުލުވި ދަ ޑިމޮކްރެޓްސްއިން ވެސް ފާހަގަ ކުރެއެވެ.

61. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ހުވާ ކުރުމާމެދު އެމްޑީޕީގެ ފަރާތުން ފާހަގަކޮށްފައިވަނީ އެ ހުވައިކުރާނީ މަޖިލީހުގެ ޖަލްސާއެއްގައި ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައި އޮތުމުންނާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން ވަކި ކަންތައްތަކެއް ނުކުރެވޭނެ ކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ރިޢާޔަތްކުރާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރުމުގެ އައިޓަމް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމުގެ އައިޓަމަށް ފަހަށް ކަމުގައެވެ.

62. ސުވާލަކީ، ޤާނޫނުގައި ކަންއޮތީ މި ފަދައިން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަން ވާނެކަމުގައި ބަޔާން ކޮށްފައިވެއެވެ. އަދި މި މާއްދާގެ (ރ) ފެށިގެން އަންނަނީ، ކުރިން މި އިޝާރާތްކުރި މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތަށް ހަވާލާ ދެމުންނެވެ. އެ މުއްދަތަށް ޙަވާލާ ދިނުމަށްފަހު، އެ އަކުރުގައި ބަޔާންވެފައިވަނީ،

"މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ." މި ފަދައިންނެވެ.

63. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ) އިން ދޭހަވާ މާނައަކީ، ކޮބައިކަން ދެނެގަތުމުގައި، އެ ދެ އަކުރު އަހުރެން ކިޔާނީ ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް‎08 ‎ ‎[2021] SC‎18 މައްސަލައިގައި ޤާނޫނު މާނަކުރުމުގައި މިސްރާބު ހިފުމަށް ލިޔެފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އެ އުސޫލު ބަޔާންކުރަމުން ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި، ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފިއަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ.

64. އެއް‎ ‎ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ކިޔާއިރު، އެ މާއްދާގެ (ނ) އާއި (ރ) އަކީ ވަކި ނުކުރެވޭނެ ދެ އަކުރު ކަމުގައި ދެކެމެވެ. މި ދެ އަކުރުގެ ތެރެއިން (ނ) ގައި ނޯޓިހުގެ މުއްދަތަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ޤަރާރު ހުށަހެޅުން ލާޒިމު ކުރުމަށްފަހު، އެ މާއްދާގެ (ރ) ގައި ބަޔާންވެފައިވަނީ އެ ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން ކޮށްގެން ނުވާނެ ކަންކަމުގެ ވާހަކައެވެ. މިކަމުން ދޭހަވަނީ، ނޯޓިހުގެ މުއްދަތަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ޤަރާރު ހުށަހެޅުން ލާޒިމުކަމާއި، އެ ޤަރާރު ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކޮށް ގޮތެއް ނިންމައިގެން ނުވާނެކަމެވެ. އަދި މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކޮށް ގޮތް ނިންމުމަށް ހުރަސްއެޅޭނީ އެ ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ކަމުގައި‎ ‎ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި އޮންނަ އޮތުމަކީ، އެ މާއްދާގެ (ނ) ގައި އެ ޤަރާރު ވަކި ޖަލްސާއަކަށް ހުށަހެޅުމަށް ލާޒިމުކޮށްފައި އޮތްއޮތުން ތަޖާހުލު ކުރެވޭނެ ކަމެއް ނޫނެވެ.

65. ކަންމިހެން އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަކަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ ޤަރާރު ހުށަހަޅަންޖެހޭނެ ކަމުގައްޔާއި، އަދި އެ މާއްދާގެ (ރ) ގައިވާ ފަދައިން އެ ޤަރާރު ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކޮށް، ނުވަތަ ގޮތެއް ނިންމައިގެން ނުވާނެއެވެ. އެހެނީ މިއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ އިޖުރާއަތެކެވެ.

66. އަދި މި ގޮތަށް ނިންމުމަކުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މައްޗަށް ޤާނޫނުއަސާސީއަށް ލިބިގެންވާ އިސްކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމުގައި އަހުރެން ނުދެކެމެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ އިޖުރާއަތު ފުރިހަމަވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރުމުގެ ޤަރާރެއް މަޖިލިހަށް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި އެ މާއްދާގެ (ނ) އާއި (ރ) އަށް ޢަމަލު ކުރުން ދިގުދެމިގެން ގޮސް، އިންތިޚާބުވެފައިވާ ރައީސުލްޖުމްހޫރިއްޔާއަށް، މަޤާމުގެ ހުވައި ނުކުރެވި އިތުރު ދުސްތޫރީ ބަހުސެއް އުފަންވާނެ ޙާލަތެއް ކުރިމަތިވާނެ ކަމުގައި ނުދެކެމެވެ. އެހެން ގޮތަކަށް ބުނާނަމަ، ޤާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާވައި، އެ ޖަލްސާއެއްގައި ކުރުމަށް ލާޒިމުކޮށްފައިވާ ކަންކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ މައްޗަށް އިސްކަންދޭންޖެހޭ ކަންކަމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

67. މަތީގައި ބަހުސްކުރެވުނު ކަންކަމުގެ އަލީގައި އަންނަނިވި ކަންކަން އެ ގޮތުގެ މަތިން ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

67.1- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ކަމުގައި ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންގޮސްފައިނުވަނީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައި ކަނޑައަޅަން ފެނެއެވެ.

67.2- އަދި މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާކުރިއަށް ގެންދަންޖެހޭނެކަމުގައި ކަނޑައަޅަން ފެނެއެވެ.

67.3- އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރުގެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަކަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަކަށް އެ ޤަރާރު ހުށަހަޅަންޖެހޭނެ ކަމުގައްޔާއި، އަދި އެ މާއްދާގެ (ރ) ގައިވާ ފަދައިން އެ ޤަރާރު ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކޮށް، ނުވަތަ ގޮތެއް ނިންމައިގެން ނުވާނެ ކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

68. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ ދަށުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބް ރައީސް އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންވެފައިވާ ތަރުތީބުން ކަމަށް ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ދެއްވާފައިވާ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ‎ ‎ގަރާރާމެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ދެއްވާފައިވާ ރައުޔާއި އަޅުގަނޑުގެ ރައުޔުތަފާތެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ‎ ‎ގަރާރާމެދު އަހުރެން ލިޔެފައި މިވަނީ މި ނުކުތާގެ އަޣުލަބިއްޔަތު ރައުޔެވެ.

69. ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި އަދި ގާނޫނުއަސާސީގެ އިމުގެ ތެރެއިން ނޫންގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ އިމުގެ ބޭރުން މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަންނަ ނަމަ، ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ، ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އަދި އެ މޭރުމުން އެކަން ދާ ނަމަ ކޯޓުގެ މިނިވަންކަމާއި މުސްތަގިއްލުކަމާމެދު ތުހުމަތު އުފެދި ކޯޓުގެ އިތުބާރު ގެއްލުމުގެ އިހްތިމާލު އަބަދުވެސް އޮންނާނެއެވެ. ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަންނަން ގާނޫނުއަސާސީ ހުއްދަދޭކަން ނުވަތަ ނޫންކަން ބަލާނީ ކޮން މިންގަނޑަކުން ތޯއެވެ؟ ދައުލަތުގެ ބާރުތައް ވަކިވެ އޮވެ، އެ ބާރުތައް ގާނޫނުއަސާސީގެ އިމުގެ ތެރެއިން ހިންގުމުގައި، ދައުލަތުގެ އެއްބާރުން ގާނޫނުއަސާސީއާ ޚިލާފުވޭތޯ ދައުލަތުގެ އަނެއް ބާރުން‎ ‎ބަލައި ފާރަވެރިވާންވާނީ ވެސް ގާނޫނުއަސާސީގެ އިމުގެ ތެރެއިންނެވެ. ސަބަބަކީ ގާނޫނުއަސާސީއާ ޚިލާފުވުމުގެ އިޚްތިޔާރު ކޯޓަށްވެސް، ރައްޔިތުންގެ މަޖިލީހަށްވެސް އަދި ވެރިކަން ހިންގާ ފަރާތަށްވެސް އަދި މިއިންތަނެއްގެ އޮފިޝަލަކަށްވެސް އެއްވެސް ހާލެއްގައި ނޯންނާނެތީއެވެ.

70. މި ކޯޓުން ކުރިން ނިންމާފައިވާ ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް‎[2021] SC 71 ‎19 ގަޒިއްޔާގެ ހުކުމުގެ 34 ވަނަ ޕެރެގްރާފާއި 36، 37، އަދި 38 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން އަސާސީ ހައްގެއް ހިމާޔަތްކުރަން ނުވަތަ ދުސްތޫރީ ނިޒާމު ހިމާޔަތް ކުރުމަށްޓަކައި ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ބަލައި ގޮތް ކަނޑައެޅުމުގެ އަސްލީ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. މި ބުނެވިދިޔަ ދުސްތޫރީ މައްސަލަތަކުގެ ގިންތިއަށް ފެތޭ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ހަމައެކަނި ތަފްސީރީ20 ހުކުމްތަކެއް ކަމަށްވުން ލާޒިމެއްވެސް ނޫނެވެ. އޭގެ އިތުރުން، މި ފަދަ މައްސަލަތަކުގައި ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރެއް ނެރެގެން މެނުވީ، މެދުވެރިވެފައިވާ މައްސަލައަށް ހައްލެއް ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.21 އަދި ދައުލަތުގެ އެއްވެސް އޮފިޝަލަކު އެފަދަ ކޯޓު އަމުރަކަށް އުރެދިއްޖެ ނަމަ، އެ އަމުރެއް ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އެންގުމާއި އެ އަމުރާ ޚިލާފުވާ އޮފިޝަލެއްގެ މައްޗަށް ކޮންޓެމްޕްޓްގެ މައްސަލައެއް ހިންގުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

71. ގާނޫނުއަސާސީގައިވާ ވަކިކަމެއް އެމީހެއްގެ ނިސްބަތުގައި ހިންގަން މެދުވެރިވާ ދައުލަތުގެ ކޮންމެ އޮފިޝަލަކުމެ އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮނިޔަތުގައި "ގާނޫނުގެ ވެރިކަން"22 ނެގެހެއްޓުން ގާނޫނުއަސާސީ ލާޒިމުކުރެއެވެ. ގާނޫނުއަސާސީ ލިޔެފައިވަނީ ގާނޫނުއަސާސީގެ ދަށުން ގޮތެއް ކަނޑައަޅަން ޖެހޭ ކޮންމެ އޮފިޝަލަކު އަމަލުކުރާނީ ހެޔޮނިޔަތުގައި ކަމަށް ބަލައިގެންނެވެ. އިދިކީލި ނުފޫޒުކަށް ލެނބުމެއް ނެތި، ހަމައެކަނި ގާނޫނުއަސާސީގެ އަކުރާއި ރޫހަށް އެއޮފިޝަލަކު އިޚްލާސްތެރިވާނެ ކަމަށް ބަލައިގެންނެވެ. މި މިންގަނޑުތަކުން ނެއްޓިއްޖެ ނަމަ، ކިތަންމެ ފުރިހަމައަކަށް ލިޔެފައިވާ ގާނޫނުއަސާސީއެއް އޮތެއް ކަމަކު އެ ގާނޫނުއަސާސީ ފާލުން ނެއްޓުމުގެ ފުރުސަތު އޮންނާނެއެވެ. އެ ފަދަ އިސްތިސްނާއީ ދަނޑިވަޅެއް ކުރިމަތިވެ، ގާނޫނުއަސާސީއިން އުފައްދާފައިވާ ދައުލަތުގެ ގުނަނެއްގެ މަސައްކަތް ހުއްޓި، މަރުތަޅު އެޅިއްޖެ ނަމަ، ނުވަތަ އެނޫންވެސް އެފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ، އެކަމަށް ގާނޫނުއަސާސީގެ ތެރެއިން ހައްލު ހޯދައިދީ ގާނޫނުއަސާސީ ދިފާއުކުރުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކެވެ. މީގެ މާނައަކީ ސުޕްރީމް ކޯޓަކީ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދައިދޭ ތަނަކަށް ވުމެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކާއި ގުނަންތަކުގެ ކަންކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ހައްލު ހޯދައިދޭނީ އެކަމަކީ މި ކޯޓުގެ‎ ‎ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވ. ރައްޔިތުންގެ މަޖިލިސް‎[2021] SC 71 ‎23‎ ‎ގަޒިއްޔާގެ ހުކުމުގެ 34 ވަނަ ޕެރެގްރާފާއި 36، 37، އަދި 38 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ވާނަމައެވެ. ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނެވެ. އެއް ފަރާތުން އަނެއް ފަރާތަށް އިހްތިރާމް ކުރުމާއެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެންނެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީއެވެ. ގާނޫނުއަސާސީގައި ނުވަތަ ގާނޫނުގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައިވާ ދައުލަތުގެ ނިޒާމުތައް އޮމާން ކަމާއެކު ހިންގުމަށް ހުރަސް އެޅޭގޮތަށް ކަމެއް ލިޔެވިފައި އޮތްނަމަ އެކަމެއް އިސްލާހުކޮށް ހަމަމަގަށް ގެންނަންވާނީ ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ތެރެއިން ގާނޫނުއަސާސީ ނުވަތަ ގާނޫނު ނުވަތަ ގަވާއިދު އިސްލާހުކޮށްގެންނެވެ.

72. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވާނޭ އެންމެ ސީރިއަސް އެއް މައްސަލައެވެ. ސަބަބަކީ މަޖިލީހުގެ އެޖެންޑާ ކަނޑައަޅައި، މަޖިލީހުގެ ގަވާއިދު ހިފަހައްޓައި އަދި އެ ގަވާއިދު ތަންފީޒުކުރާ މުރީދަކީ މަޖިލީހުގެ ރައީސްކަމުގައި24 ވާތީވެ އެކަމަށް އަވަހަށް ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމަށްވާތީއެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު އެކަން ދަނެއެވެ. އެ ސަބަބަށްޓަކައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކީ މަޖިލީހުގެ ކުރިމަތީގައި އެހިނދަށް އޮތް އެންމެ މުހިންމު އަދި ވެވުނު އެންމެ އަވަހަކަށް ގޮތެއް ނިންމަންޖެހޭ މަސައްކަތްކަން ދެނެ، އަވަހަށް އެކަމުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ގަވާއިދު ލާޒިމުކުރެއެވެ. އެގޮތުން، ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ގަރާރުގެ ނޯޓިސް މަޖިލީހުގެ ރައީސް އަށާއި މެންބަރުންނަށް ދިނުމަށާއި އެ ނޯޓިސް ދޭ ތާރީޚުން ފެށިގެން ސާދަ ދުވަސް ފާއިތުވުމާއެކު ލަސްނުކޮށް މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައިގެން ގޮތެއް ނިންމަން ޖެހެއެވެ. އަދި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން ކަން ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.25 އަދި އެފަދަ ގަރާރަކާ މެދު ކުރެވޭ ބަހުސް ތިން ގަޑިއިރަށްވުރެ ދިގުވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާމެދު ވީހާ އަވަހަކަށް ގޮތެއް ނިންމުމަކީ މަޖިލީހުގެ ގަވާއިދު ލާޒިމުކުރާ ގޮތްކަން އެނގެއެވެ. މިނޫން ރޫހެއްގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު މާނަކުރުމަށް މަޖިލީހުގެ ގަވާއިދު ތަނެއް ނުދެއެވެ.

73. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގައި މި ވަގުތު އަޣުލަބިއްޔަތު އޮތް ސިޔާސީ ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުންނެވެ. އެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، އެ މައްސަލައިގައި ގޮތެއް ނިންމުމަށް ތާވަލުކުރެވުނު ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުވެފައި ނުވާކަމަށާއި، މަޖިލީހުގެ ނާއިބު ރައީސް ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވުމުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިސްގެ ނާއިބު ރައީސް ނޫން އެހެން މީހަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން މާނަކޮށް ކަނޑައަޅާފައިވާތީއާއި، ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމަށް މަޖިލީހުގެ ނާއިބް ރައީސް އުޒުރުވެރިވަމުންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައި ނުވަނީ، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި އެމާއްދާއާ ގުޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މި ކޯޓުން ކަނޑައަޅައި ދިނުމަށެވެ. މައްސަލަ ހުށަހެޅި އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހިންގަން މަޖިލީހުގެ ޖަލްސާ ބޭއްވުމަށްޓަކައި ފަސް ދުވަސް މަތިން ތާވަލުކުރެވިއްޖެ ކަމަށާއި މަޖިލީހުގެ ނާއިބު ރައީސްގެ ބަލިހާލަތު ހުރި ގޮތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް އަންގާފައިވާ ކަމަށާއި، އަދި ޖަލްސާ ތާވަލުކުރެވުނު ފަސްވަނަ ފަހަރު ނާއިބް ރައީސް މަޖިލީހަށް އަންގާފައިވަނީ އޭނާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލަ ވަކިގޮތަކަށް ނިންމުމުން ކަމަށެވެ. މައްސަލަ ހުށަހެޅި އެމްޑީޕީގެ ފަރާތުން އިތުރަށް ބުނެފައިވަނީ މަޖިލީހުގެ ނާއިބު ރައީސް މަޖިލީހަށް ހާޒިރު ނުވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ހިންގުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

74. މައްސަލަ ހުށަހެޅި ފަރާތުން މި ކޯޓުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި އޮތް ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮތް ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު އައްޔަންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭކަމަށް ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލައަކީ އަސްލީ އިޚްތިސާސްގެ ދަށުން ސުޕްރީމް ކޯޓުން ބެލިދާނެ ދުސްތޫރީ މައްސަލައެއްތޯ؟

75. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިސް ގެ ޖުމްލަ 87 މެންބަރުންގެ ތެރެއިން 49 މެންބަރުން ސޮއިކޮށް، 8 އޮކްޓޫބަރު 2023 ގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައި ވެއެވެ. މި ގަރާރުގެ ނޯޓިސް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ފޮނުވިތާ 14 ދުވަސް ވުމަށްފަހު، 29 އޮކްޓޫބަރު 2023 ދުވަހަށް ޖަލްސާއެއް ތާވަލުކުރުމަށްފަހު އެ މައްސަލަ އެދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބުރައީސް އެ ޖަލްސާއަށް ހާޒިރުވެފައި ނުވާތީވެ، ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ނިންމާފައިވާ ކަމަށް މައްސަލަ ހުށަހެޅި އެމްޑީޕީގެ ފަރާތުން ބުނެފައި ވެއެވެ.

76. އިސްވެ ބަޔާންކުރި ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވުމުން ޖަލްސާ ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ނިންމި ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި، "ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެ ކަމަށް ބަޔާންކޮށްފައި އޮތުމާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސް ކަމަށް ބަޔާންކޮށްފައި އޮތުމުން، މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއަކަށް ނޫނީ އެ ގަރާރު ހުށަނޭޅޭނެކަމަށް ގަބުލުކުރެވޭތީ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ސުވާލަކީ މަޖިލީހުގެ އަމީން އާއްމު ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްތޯ ނުވަތަ ނޫންތޯއެވެ.

77. ދުސްތޫރީ މައްސަލަ ބެލުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާކަން ގާނޫނުއަސާސީގެ 144 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއިން އެނގެއެވެ.

78. ދުސްތޫރީ މައްސަލައަކީ ކޮބައިކަން ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާގައިވާ ގޮތުން ދުސްތޫރީ މައްސަލައަކީ "ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް ވިޔަސް މާނަކުރާން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންވެއްޖެ ކޮންމެ މައްސަލައެކެވެ." މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ "މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއަކަށް ނޫނީ އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ގެ މައްސަލަ ހުށަނޭނެކަމަށް" ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަމަށްވާއިރު، މި މައްސަލައަކީ ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލަތަކުގެ ބުރުގެ ތެރެއަށް ފެތޭ ދުސްތޫރީ މައްސަލައެއްކަން ސާފުކޮށް އެނގެއެވެ.

79. ޤާނޫނުއަސާސީ ބުނާގޮތުން ދުސްތޫރީ މައްސަލަތައް ބެލުމުގެ އިޚްތިސާސް ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިފައިވާތީވެ، އެއިގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަސްލީ އިޚްތިސާސް ލިބޭ ދުސްތޫރީ މައްސަލަތަކަކީ ކޮބައިކަން ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައެވެ. އެ މާއްދާ ނިޔާކުރާ ގޮތުން، ތިން ހާލަތެއްގައި އަސްލީ އިޚްތިސާސްގެ ދަށުން މައްސަލަ ބަލައި ފައިސަލާ ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބެއެވެ. އެއީ؛ (1) އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން، ނުވަތަ (2) އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން، ނުވަތަ (3) އެ މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުމެވެ. ހުށަހެޅިފައި މިވާ މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު، މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށް ވާކަން އަދި މި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްކަން އެނގެނީ މަޖިލީހުގެ ނާއިބް ރައީސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމަށް އުޒުރުވެރިވުމުން ދެން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތަކާމެދުގައާއި، މަޖިލީހަށް ހުށަހެޅިފައިވާ މަޖިލިސްގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރުމުން އެކަން ކޮށްފައި ނޫނީ މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހުގެ ގަވާއިދު މާނަކުރުމާބެހޭ ގޮތުން އުފެދިފައިވާ ޚިލާފުތަކުގެ ތެރެއިން މަޖިލިސްގެ ޖަލްސާތައް ހުއްޓި، ގާނޫނުއަސާސީއިން ދައުލަތުގެ މައްޗަށް ލާޒިމުކުރާ ބައެއް ކަންކަން އެކަންކަން ކުރަން ޖެހޭ މުއްދަތުގައި ކުރުމަށް ހުރަސް އެޅި، މަޖިލީހުން ފާސްކުރަންޖެހޭ ދައުލަތުގެ މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ހުށަހެޅުމާއި، އިންތިޚާބުކުރެވިފައިވާ ރައީސް މަގާމުގެ ހުވާކުރުމާއި އައު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ފަދަ މުހިންމު މަސައްކަތްތައް ކުރުމާބެހޭ ގޮތުން ސާފު މަގެއް ފެންނަން ޖެހޭކަމަށް މި މައްސަލައިގެ ޚަސްމުން ތަކުރާރުކޮށް މި ކޯޓުގައި ބުނެފައިވާތީއެވެ.

80. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޝާޙު ވ. ދައުލަތް (ރައްޔިތުންގެ މަޖިލިސް)26 ގަޒިއްޔާގެ ހުކުމުގެ 9 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ފަދައިން ބައެއް ބާވަތްތަކުގެ ދުސްތޫރީ މައްސަލަތަކަކީ އަވަހަށް ހައްލު ހޯދަންޖެހޭ ބާވަތްތަކުގެ މައްސަލަތަކެވެ. އެ މައްސަލަތަކުގައި އިތުރު މަރުހަލާއަކަށް ދާންޖެހުމަކީ މައްސަލައިގެ ހައްލު ލިބުން ލަސްވެގެން ހިނގައިދާނޭކަމެކެވެ. ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވަކި ބާވަތްތަކެއްގެ މައްސަލަތަކަކީ ސުޕްރީމް ކޯޓަށް އަސްލީ އިޚްތިސާސް ލިބޭ މައްސަލަތަކެއް ކަމަށް ބަޔާންކޮށް ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާ ފަރުމާކޮށްފައި އޮތީ އެކަމަށް ވިސްނައިގެންނެވެ. އެއީ އިތުރު މަރުހަލާއެއްގައި އެ މައްސަލަ ހިންގަންޖެހޭނަމަ، ވަގުތު ފާއިތުވެ ލަސްވެގެން ހިނގައްޖެނަމަ އެކަމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކުން އެއްކިބާވުމަށެވެ.

81. މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން، 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާކުރިއަށް ގެންދަންޖެހޭނެކަމުގައި ދެކެމެވެ. އަދި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން، 44 ވަނަ މާއްދާގައިވާ 5 މެންބަރުން ތަރުތީބުން ރިޔާސަތު ބަލަހައްޓަމުން ގެންދިއުމަށް މަޖްލިސްގެ އަމީން އާއްމު ހަމަޖެއްސުމުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބުރައީސް ކުރެން އިތުރު ލަފައެއް ނުވަތަ ރުހުމެއް ހޯދަން މަޖިލީހުގެ ގަވާއިދު ލާޒިމު ނުކުރެއެވެ.

ނައިބުރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ޢަމަލުކުރާނެ ގޮތާމެދު

82. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ:

"ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސް އެވެ. މަޖިލީސްގެ ރައީސް ހާޒިރުނުވާނަމަ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބް ރައީސް އެވެ. އަދި ރައީސްއާއި ނާއިބް ރައީސް ހާޒިރުނުވާނަމަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީ އެވެ.

83. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ:

"މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސެވެ."

84. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ

ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް މަޖިލީހުގެ ރައީސްއާއި ނާއިބް ރައީސް ހާޒިރުނުވާނަމަ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނޭ މެންބަރަކު ކަނޑައަޅާނެގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންވެފައި އެބައޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:

"މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށާއި، މި ގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ 5 މެންބަރުންނެވެ."

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ:

"ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބް ރައީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އަދި ރިޔާސަތު ބަލަހައްޓާނޭ މީހަކުވެސް ދުރާލާ ކަނޑައެޅިފައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ، އަދި އެ މާއްދާގެ (ހ) ގައި ބުނާ 5 މެންބަރުންވެސް ނުކުޅެދިއްޖެ ހާލަތެއް ދިމާވެއްޖެ ނަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ޚިދުމަތުގައި އެންމެ ގިނަދުވަސްވި މެންބަރުންގެ ތެރެއިން އެ މާއްދާގެ (ނ) ގައިވާ އުސޫލުން އިސްކަންދެވޭ މެންބަރު ކަމަށެވެ."

85. މަތީގައި މި ބަޔާންކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އޮތުމުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނާއިބް ރައީސް ނޫން މީހަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ނިންމާފައިވާ ކަމަށް އެމްޑީޕީގެ ފަރާތުން ބުނެފައިވެއެވެ. އަމީން އާއްމު މި މާއްދާ މާނަކޮށް ނިންމި ނިންމުން ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާއި ޚިލާފުކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ. އެމްޑީޕީއިން ބުނަނީ މި ފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބް ރައީސް އުޒުރުވެރިވެއްޖެ ނަމަ ރުޖޫއަވާންޖެހޭނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނޭ މެންބަރަކު ކަނޑައެޅުމަށް ކަމަށެވެ.

86. އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި، "މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސް ކަމަށް ބަޔާންކޮށްފައި އޮތުމުގެ މަގުސަދަކީ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިޔަތު ހަމައެކަނި ނާއިބް ރައީސްގެ މައްޗަށް ގައިދު ކޮށްފައި ބޭއްވުމަށް ނޫން ކަމަށާއި، މަޖިލީހުގެ އަމީން ޢާއްމު މި މާއްދާ މާނަކުރާ ގޮތުން ކަމަށް ވާނަމަ، ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ޖަލްސާއަށް ނާއިބު ރައީސް ހާޒިރުނުވާހާ ދުވަހަކު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެމްޑީޕީގެ ފަރާތުންނާއި ދައުލަތުގެ ފަރާތުންނާއި ތަދައްޚުލްވި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހިނގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ނާއިބް ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭ ގަރާރުގެ ކަންކަން ހިނގާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމުން އޭނާގެ މަސްލަހަތު ފުށުއަރާނެތީވެ އެކަމުން އެއްކިބާވުމަށްޓަކައި ކަމަށާއި އެއީ އެއްގޮތަކަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިޔަތު ނާއިބް ރައީސްގެ މައްޗަށް ގައިދުކޮށްފައި ބޭއްވުމަށް އޮތް މާއްދާއެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާތައް އެކުގައި ކިޔުމުން އެނގޭ ކަމަށެވެ. އަދި މި ނޫންގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަ ކުރާނަމަ، މަޖިލިސް ހުއްޓުވުމުގެ އަދި މަޖިލީހުގެ ރައީސްއާއި ނާއިބް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މިއީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ މަގްސަދާ ޚިލާފުވާނެ ގޮތެއް ކަމަށާއި އަދި އެގޮތަށް އެ މާއްދާ މާނަކުރުމަކީ މަޖިލީހުގެ ރައީސްއަށް ނުވަތަ ނާއިބް ރައީސް އަށް މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުންގެ އަޣުލަބިއްޔަތުގެ ބާރު ނަހަމަގޮތުގައި ނެތިކޮށް ހިފެހެއްޓިދާނެ ހަތިޔާރަކަށް ބޭނުންކުރެވިދާނެ ވަސީލަތަކަށް ވެގެންދާ ކަމަށެވެ.

87. އިތުރަށް އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ އިސްތިސްނާއެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީ މާނަކުރުމުގެ އުސޫލު

88. މި ކޯޓުން ކުރިން ނިންމާފައިވާ މުހައްމަދު ހަލީމް، އަދި އަސްއަދު ޝަރީފް ވ. ޔައުޤޫބް ޢަބްދުﷲ27 ގަޒިއްޔާގެ ހުކުމުގެ 56 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ:

"ގާނޫނުއަސާސީގެ މާއްދާއެއް ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭނީ އެ މާއްދާގައިވާ އިބާރާތަށެވެ. އެ އިބާރާތެއް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް މާނަކުރެވޭނަމަ، ނުވަތަ އެ އިބާރާތެއްގައި ބުނާ އެއްޗެއް އޮޅުން އަރާނަމަ އެ މާއްދާއެއްގެ ނުވަތަ އެ އިބާރާތެއްގެ މާނަ ދެނެގަންނަން އެންމެ ރަނގަޅު މަގަކީ ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ރުޖޫއަވުމެވެ. ގާނޫނުއަސާސީ މާނަކުރުމުގައި ގާނޫނުއަސާސީ ލިޔުނު ފަރާތްތަކުގެ މަގްސަދަށް ފަނޑިޔާރު ރިއާޔަތްކުރި ނަމަވެސް އެއީ ގާނޫނުއަސާސީ ގެ މާއްދާއެއް މާނަކުރުމުގައި ރިއާޔަތްކުރަންޖެހޭ ހަމައެކަނި ވަސީލަތްކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ބައެއް ފަހަރު ނުވެ ހިނގައިދާނެ އެވެ. އޭގެ އިތުރުން، ގާނޫނުތައް މާނަކުރުމަށްޓަކައި އާއްމުކޮށް ބޭނުންކުރާ ހަމަތަކަށްވެސް ރިއާޔަތްކުރަންވާނެއެވެ. ގާނޫނުއަސާސީ މާނަކުރުމުގައި، ގާނޫނުއަސާސީގެ ސިޔާދަތު ދަމަހައްޓައި، ގާނޫނުއަސާސީގެ މައިގަނޑު އެއް ސިފަކަމުގައިވާ ވެރިކަމުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުން ދެމެހެއްޓުމަށާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށް ފަނޑިޔާރުން އިސްކަން ދޭންވާނެއެވެ. ގާނޫނުއަސާސީ އެކުލަވާލުމުގެ މަގްސަދަކީ ރައްޔިތުންގެ ސިޔާސީ އަދި އިޖްތިމާއީ ކަންކަން އިންތިޒާމުކޮށް ވަކިގޮތަކަށް ދައުލަތް ހިންގުން ތަރުތީބުކުރުން ކަމުގައި ވާތީވެ، ގާނޫނުއަސާސީގެ މާއްދާތައް މާނަކުރަންވާނީ ވަކި މާއްދާއަކަށް އެކަނި ބެލުމުގެ ބަދަލުގައި ގާނޫނުއަސާސީގެ މާއްދާތަކަކީ ގުޅިލާމެހިފައިވާ އެކަތިގަނޑެއް ކަމުގައި ބަލައިގެން، ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެންނުދާނޭ ގޮތަކަށެވެ. ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމުގައި އެންމެ މުހިންމު ކަމަކީ އެއްވެސް ބާވަތެއްގެ ތައައްސުބެއް ނެތި އަދި ސިޔާސީ ނުފޫޒުތަކަށް ލެނބުމެއްނެތި ހެޔޮނިޔަތުގައި ފަނޑިޔާރުން ގާނޫނުއަސާސީ މާނަކުރުމެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރަނީ ގާނޫނުއަސާސީއާ ގާނޫނެއް ނުވަތަ ގަވައިދެއް ޚިލާފުވޭތޯ ބެލުމަށްޓަކައި ކަމުގައިވާނަމަ އެ ގާނޫނުގެ ފަހަތުގައިވާ ސިޔާސީ ވިސްނުމަށް ރިއާޔަތްކުރުމުގެ ބަދަލުގައި ފަނޑިޔާރުގެ ދައުރަކަށްވާން ޖެހޭނީ ހަމައެކަނި ގާނޫނުއަސާސީއާ އެ ގާނޫނު ނުވަތަ ގަވައިދު ޚިލާފުވޭތޯ ބެލުމާއި އެކަންކުރުމުގައި ގާނޫނުއަސާސީގެ ސިޔާދަތު ނެގެހެއްޓުމެވެ."

ގާނޫނު މާނަކުރުމުގެ އުސޫލު

89. ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް‎08 ‎ ‎[2021] SC‎28 ގަޒިއްޔާގެ ހުކުމުގެ 16 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ:

"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފިއަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ‎.‎ އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ‎.‎ ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ‎.‎"

90. އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ގަޒިއްޔާގެ 16 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މާނަކުރުމަށްޓަކައި އެންމެ ފުރަތަމަ ބަލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގެ އިބާރާތަށެވެ. ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ އޮތީ އެ މާއްދާގެ އެހެން އަކުރުތަކާއި އަދި އެ ގަވާއިދުގެ އެހެނިހެން މާއްދާތަކާއި، ޚާއްސަކޮށް އެ ގަވާއިދުގެ 44 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ އެއްވެސް ގޮތަކަށް ގުޅުމެއް ނެތި، މުޅިން މިނިވަން މުސްތަގިއްލު މާއްދާއެއްގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އޮތީ އެ ގަވާއިދުގެ 44 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ އާއްމު ސްކީމްއަށް (ވަކި މަގްސަދެއް ހާސިލުކުރުމަށް އެކުލަވާލެވިފައިވާ އިންތިޒާމަށް) ފެތޭ ގޮތަށް ހެއްޔެވެ؟ މާނައަކީ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނޭ މެންބަރަކު ނެތިގެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ނުދާނޭކަމުގެ ކަށަވަރުކަން ހޯދުމުގެ ގޮތުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ސްކީމްގެ ތެރެއަށް ފެތޭ ގޮތަށް ހެއްޔެވެ؟

91. ރައްޔިތުގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ހިމެނިފައިވާ، އެ ގަވާއިދުގެ 43 ވަނަ ބައި ހިމެނެނީ މަޖިލީހުގެ ގަވާއިދުގައިވާ މަގާމްތައް ފުރާ އޮފިޝަލުން މަގާމުން ވަކިކުރުމުގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ އިޖުރާއަތުތަކާއި ޖަލްސާތައް ހިންގާނެ ގޮތާބެހޭ ބައިތަކުގެ މެދުގައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 41 ވަނަ ބައިގައި ބަޔާންކުރަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް މަގާމުން ވަކިކުރުމާބެހޭ މައްސަލަތައް މަޖިލީހުން ހިންގާނެ އިޖުރާއަތުތަކެވެ. 43 ވަނަ ބައިގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނާއިބް ރައީސް މަގާމުން ވަކިކުރުމާބެހޭ މައްސަލަތައް މަޖިލީހުން ހިންގާނެ އިޖުރާއަތުތަކެވެ. 44 ވަނަ ބައިގައި ބަޔާންކޮށްފައިވަނީ ވަޒީރުގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެ ގޮތުގެ އިޖުރާއަތެވެ. 45 ވަނަ ބައިގައި ވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ އިޖުރާއަތެވެ. 46 ވަނަ ބައިގައި ވަނީ މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލަތައް މަޖިލީހުގައި ހިންގާނެ ގޮތުގެ އިޖުރާއެތެވެ. މި ބައިތަކުގެ ތެރެއިން 43 ވަނަ ބައިގައި ރިޔާސަތު ބެލެހެއްޓުމާބެހޭ ގޮތުން އޮތްއޮތުން ފިޔަވައި، އެހެން ބައެއްގެ ދަށުން ދައުލަތުގެ އޮފިޝަލަކު މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ މައްސަލައެއްގެ މަސައްކަތް މަޖިލީހުގެ ޖަލްސާއެއްގައި ހިންގާއިރު، މަޖިލީހުގެ އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ ކާކުކަން ބަޔާންކޮށްފައި ނެތެވެ. ވީމާ، މައްސަލަ މިކޯޓަށް ހުށަހެޅި ފަރާތުން ބުނެފައިވާ ފަދައިން 43 ވަނަ ބައިގައި ހިމެނޭ މަޖިލީހުގެ ރައީސްއާއި ނާއިބް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ކާކުކަން ބުނެފައިވަނީ ޖަލްސާގެ ރިޔާސަތު ބަލަހައްޓާމީހާ އާއި ހުށަހެޅިފައިވާ މައްސަލައިގެ މަސްލަހަތު ފުށުއެރުމުން އެއްކިބާވާންޖެހޭ ކަން ސާފުކޮށް ބަޔާންކުރުމަށް ކަމަށް ގަބޫލުކުރެވެއެވެ. 205 ވަނަ މާއްދާގެ (ބ) ގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ބަޔާންކޮށްފައިވަނީ އެ ނޫން މަގްސަދެއްގައިކަން ދޭހަވާ މި ނޫން މަންތިގީ ހަމައެއް ނެތެވެ. އަދި 205 ވަނަ މާއްދާގެ (ބ) ލިޔެފައި އޮތީ، އެ ގަވާއިދުގެ 44 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގެ މައި ސްކީމުން ބޭރުކޮށް، މިނިވަން މުސްތަގިއްލު މާއްދާއަކަށް އެމާއްދާ ހެދުމަކަށް ކަން އެއްވެސް ގޮތަކަށް ދޭހައެއް ނުވެއެވެ. 205 ވަނަ މާއްދާގެ (ބ) ލިޔެފައި އޮތީ މަޖިލީހުގެ ރައީސްގެ ހައިބަތު ހިފެހެއްޓުމަށާއި ކަމުގެ ސީރިއަސް ކަމުން ކަމަށްވާނަމަ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ މައްސަލަތަކުގެ ރިޔާސަތު ބަލަހައްޓާން ވާނީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބް ރައީސް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރަކަށް އެފަދަ ޖަލްސާއެއް ގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަޔާންކުރެވިފައި އޮތުން މާ އައުލާކަން ބޮޑުވީސް ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން 205 ވަނަ މާއްދާގެ (ބ)، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި އެ މާއްދާ ގުޅިފައިވާ މަޖިލީހުގެ ގަވާއދުގެ 44 ވަނަ މާއްދާގެ ސްކީމުން ބޭރުވާނޭ ޚާއްސަ ޖާދޫއެއް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އިބާރާތުގައި ނުވަތަ އެނޫން މާއްދާއަކުވެސް ނެތެވެ. އެހެނީ ގާނޫނު ޑްރާފްޓުކުރުމުގެ ހަމަތަކަށް ބަލާއިރު، ގާނޫނެއްގެ ވަކި މާއްދާއެއް އެހެން މާއްދާއެއްގެ ސްކީމުން ބޭރުކުރަން ގަސްތުކުރާނަމަ، "މި ގާނޫނުގެ އެހެން ތަނެއްގައި އެހެން ގޮތަކަށް ބަޔާންކުރެވިފައިވީ ނަމަވެސް" މި ފަދަ ގޮތަކަށް ލިޔެ އެކަމަށް އިޝާރާތްކުރާނެއެވެ. މި ސަބަބަށްޓަކައި، އަހުރެންގެ ރައުޔަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ކިޔަންވާނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި އެ މާއްދާ ގުޅިފައިވާ މަޖިލީހުގެ ގަވާއދުގެ 44 ވަނަ މާއްދާގެ މަގްސަދު ހާސިލުވާ ގޮތަށް އެއް ރޮއްޖަކުން ގެތިފައިވާ އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ. މި ބުނެވުނު ގޮތާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަކީ މުޅިން މިނިވަން މުސްތަގިއްލު މާއްދާއެއް ކަމަށް މާނަކުރެވޭ ނަމަ، ދެކޮޅުނުޖެހޭ ގިނަ ހާލަތުތަކެއް އުފަންވުމުގެ އަދި ގަސްތުގައި އެފަދަ ހާލަތުތަކެއް އުފަން ކުރުވުމުގެ ފުރުސަތު އޮންނާނެތީ އެގޮތަށް މި މާއްދާ މާނަކުރުމަށް ގާނޫނު މާނަކުރުމުގެ ހަމަތައް ތަނެއް ނުދެއެވެ.

92. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރި ވެއްޖެ ހާލަތެއްގައި ނުވަތަ އޭނާ އެކަމަށް ނުކުޅެދޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ކަމަށް މި ކޯޓުން ކަނޑައަޅަން ޖެހޭކަމަށް ދެކެމެވެ.

93. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ލިޔެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭ އިޖުރާއަތު، މަޖިލިސްގެ ރައީސްގެ މަސްލަހަތު ފުށުއެރުމުން އެއްކިބާ ކުރުމުގެ މަގްސަދުގައި ކަމަށް ވާތީވެ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ އިޖުރާއަތު ތަތުބީގުކުރަންވާނީ މަޖިލީހުގެ ރައީސްގެ ދައުރެއް ނެތި މުޅި އެ އިޖުރާއަތު ހިންގޭގޮތަށެވެ.

ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު

94. މައްސަލަ ހުށަހެޅި ފަރާތުން މި ކޯޓުގައި އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އިތުރު އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅައިފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ، މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައި ދިނުން އެދޭ ކަމަށެވެ.

95. މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރާ ކަމުގައިވަނީނަމަ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްފަހުގައި މެނުވީ، މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިޔުން އެ ގަވާއިދު މަނާކުރާ ކަމަށެވެ. ނަމަވެސް މި ހުށަހެޅުމަށް މަޖިލީހުގެ އިދާރާއިންނާއި މި މައްސަލައިގައި ތަދައްޚުލްވި ދަ ޑިމޮކްރެޓްސް އިން އިންކާރުކުރެއެވެ. މަޖިލީހުގެ އިދާރާއިން ދެކޭ ގޮތުގައި 205 ވަނަ މާއްދާގެ (ރ)ގެ އިބާރާތް އޮތްގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެބުނާ ހާލަތު ފެށޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ބަހުސްކޮށް ގޮތެއް ނިންމުމަށް ބާއްވާ "ޖަލްސާ ބާއްވައި އެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމުން" ކަމަށެވެ. މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ އެ ޖަލްސާ ތާވަލުކޮށް އެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ ޖަލްސާ ބޭއްވިފައި ނުވާ ކަމަށެވެ. އެއާ ޚިލާފަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ބަހުސްކޮށް ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ އެޖެންޑާ ކުރުމާއެކު އެ ހާލަތު ފެށިފައިވާ ކަމަށެވެ. އަދި އެ ޖަލްސާ އެޖެންޑާކުރުމަށްފަހު އެކަން ނިމެނދެން ޖަލްސާތަކުގެ އެޖެންޑާގެ ފުރަތަމަ ނަންބަރުން އެ މައްސަލަ ނަގައި އެކަން ފަހަތަށް ނުލެވޭނެ ކަން އެ މާއްދާގެ (ނ) އާއި (ރ) އެކުގައި ކިޔުމުން އެނގޭތީވެ، ދެން މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ ގަރާރާ މެދު މަޖިލީހުން ގޮތެއް ނިންމުމުން ކަމަށެވެ.

96. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ އެޖެންޑާކުރުމަށްފަހު، އެކަން ނިމެންދެން އެ އެޖެންޑާ ބަދަލުނުކުރެވޭނެ ގޮތަށް ހަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) މާނަކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ކޯޓުން ސުވާލުކުރުމުން އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ އެ މާއްދާ ކިޔަން ޖެހޭނީ އެ މާއްދާގެ ދެލިގަނޑަށްވުރެ ބޮޑަށް އެ މާއްދާގެ މަގްސަދަށް ބަލައިގެން ކަމަށާއި، އެހެނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން މަޖިލީހުގެ ރައީސްއަށް އިތުބާރު ނުކުރާކަން ގަރާރުގައި ސޮއިކުރި މެންބަރުންގެ އަދަދަށް ބެލީމައި އެނގޭ ކަމަށާއި، މަޖިލީހުގެ އަޣުލަބިއްޔަތުގެ އިތުބާރު ނެތް ރައީސަކު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިނދެގެން ނިންމާ ނިންމުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަމަށެވެ.

97. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)‎ ‎ގެ ސަރީހަ އިބާރާތުގައި ބުނެފައިވަނީ ރައްޔިތުންގެ "މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ބަހުސްކޮށް ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ ބާއްވައި އެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުމަށްފަހު، އެ ގަރާރާމެދު ގޮތެއް ނިމުމުން ނޫނީ އެހެން އެއްވެސް ކަމަކާ މެދު މަޖިލީހުގައި ބަހުސްކޮށް ގޮތެއް ނު ނިންމޭނެ" ކަމަށެވެ. މި މާއްދާގެ އިބާރާތުން ދެ މާނައެއް ދޭހަނުވާތީވެ، ގާނޫނާއި ގަވާއިދު މާނަކުރުމުގެ ހަމަތަކަށް ބަލާއިރު އެ މާއްދާގެ ސަރީހަ އިބާރާތާއި ދުރަށް ދާންޖެހޭ ސައްހަ ސަބަބެއް މައްސަލަ ހުށަހެޅިފަރާތަށް ދެއްކިފައި ނުވާތީވެ، މި މާއްދާ މަޖިލީހުގެ އިދާރާއިން މާނަކޮށް ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުރަވެވެއެވެ. މާނައަކީ އެޖެންޑާކުރެވުނު މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެއްވެސް ސަބަބަކާހުރެ ކުރިއަށް ނުގެންދެވި ވާނަމަ، މަޖިލީހުން ކުރަންޖެހޭ އެހެންކަންކަން ހުއްޓާލަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) މާނަކުރެވިދާނެ ކަމަށް ނުފެނެއެވެ. މިނޫންގޮތަކަށް މި މާއްދާ މާނަކުރާނަމަ، އެއްވެސް ސަބަބަކާހުރެ މަޖިލީހުގައި އެޖެންޑާކުރެވުނު މަޖިލިސްގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން ފަސްކުރަން މެދުވެރިވާ ޒަރޫރީ ސަބަބެއް ނުވަތަ ގުދުރަތީ ސަބަބެއް މެދުވެރިވެގެން މަޖިލީހުގެ ޖަލްސާއިން އެކަން ކުރުން ފަސްކުރަން ޖެހޭ ހާލަތުގައި، އެދޭތެރޭ މެދުން ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ނުވަތަ ގައުމަށް މެދުވެރިވާ އިމަޖެންސީ ފަދަ ހާލަތަކަށް ދިޔައަސް މަޖިލިސް ހިނގޭނެ ގޮތެއް ނޯންނާނެއެވެ. ވީމާ އެފަދަ ގޮތެއް މެދުވެރިވެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެއްވެސް ސަބަބަކާހުރެ ހުއްޓޭގޮތް މެދުވެރިވުމަކީ މުޅި ގާނޫނުއަސާސީގެ އަދި މަޖިލީހުގެ ތަސައްވުރުގައި އޮތްކަމެއް ކަމަށް ނުވާތީވެ، ގާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ހުރަސް އެޅޭނެ ގޮތަކަށް ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް މާނަނުކުރެވޭނެއެވެ.

98. އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، މަޖިލިސްގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާކުރެވޭ މައްސަލައިގެ ގަރާރު ހުށަހަޅައި ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް، ގާނޫނުއަސާސީއިންނާއި ގާނޫނުންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަންކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުދެކެމެވެ. މީގެ އެއް މިސާލަކީ މި ނޮވެމްބަރު މަހު 17 ވަނަ ދުވަހު ފެށޭ އައު ރިޔާސީ ދައުރަކަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީ ލާޒިމުކުރާ ގޮތުގެ މަތީން މަގާމުގެ ގާނޫނީ ހުވާ ކުރަންޖެހުމަކީ އަދި އެކަން ކުރެވޭނެ މަގު ހަމަޖެއްސުމަކީ ގާނޫނުއަސާސީއިން ދައުލަތުގެ އެންމެހާ ބާރުތަކާއި، މުއައްސަސާތަކާއި އެތަންތަނުގެ އޮފިޝަލުންގެ މައްޗަށް ލާޒިމްކުރާ ދުސްތޫރީ ވާޖިބެކެވެ. ގާނޫނުއަސާސީގެ 4 ވަނަ ބާބުގެ ދަށުން ކޮންމެހެން ކުރުން ލާޒިމުކަމެކެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހަށް މައްސަލައެއް ހުށަހަޅާހެން ހުށަހެޅިގެން މަޖިލީހުގެ ގަވާއިދުގެ ދަށުން އެޖެންޑާކޮށްގެން މަޖިލީހުގައި ބަހުސެއްކޮށް ވޯޓުލައިގެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ގާނޫނުއަސާސީގެ 4 ވަނަ ބާބުގެ ދަށުން ލާޒިމުކުރާތީ ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން މަޖިލީހުގައި ގަވާއިދެއްގައި އޮތް އެއްޗަކާހުރެ، ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ނުކޮށް ރައްޔިތުންގެ މަޖިލީހަށް އަދި މަޖިލީހުގެ އޮފިޝަލުންނަށް އެކަން ނުކޮށް ތިބުމުގެ އިޚްތިޔާރެއް ނެތެވެ. ގާނޫނުއަސާސީގެ ދަށުން ކުރުން ލާޒިމުވާކަމެއް ކުރުމަށް، މަޖިލީހުގެ ގަވާއިދުގައިވާ އެއްވެސް މާއްދާއަކަށް ހުރަހެއް ނޭޅޭނެއެވެ. އަދި ދައުލަތުގެ އެއްވެސް އޮފިޝަލަކަށް އެކަމަށް ހުރަހެއް ނޭޅޭނެއެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުންދިނުމުގެ މަސައްކަތްކުރުން ހުއްޓިގެންނުވާނެއެވެ. ސަބަބަކީ ބުނެވުނު ކަންކަމަކީ ސީދާ ގާނޫނުއަސާސީ ގެ ވަކި މާއްދާތަކަކުން ލާޒިމުކޮށްގެން ރައްޔިތުންގެ މަޖިލީހުން ކުރުން ލާޒިމުވާ ކަމަކަށްވާތީއެވެ.‎ ‎

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

99. ހުށަހެޅިފައިވާ މައްސަލައިގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި އިޖުރާއީ އިއުތިރާޒުތަކާ މެދު ގޮތް ކަނޑައަޅުއްވާފައިވާ ގޮތާއި އަދި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ. މި ކަންކަމާގުޅޭ ގޮތުން ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔުގައިވެސް ޚިލާފުވުންތަކެއް ނެތްކަން ފާހަގަކުރަމެވެ.

100. ކުރުކޮށް ބުނާނަމަ، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވާ ސަބަބުތަކަށްޓަކައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހުނު މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލިހުގެ އިދާރާއިން ނިންމި ނިންމުން ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.

101. އަދި ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ދީފައިވާ ހަނި މާނަކުރުމަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ މާނަކުރުމެއްކަމަށް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވާ ސަބަބުތަކަށް އަހުރެން ތާއީދު ކުރަމެވެ.

102. ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލިހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު ފަނޑިޔާރު ޙުސްނުއްސޫޢޫދު ފާހަގަ ކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ. އެގޮތުން، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލިހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތް ނިންމޭނީ މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް އޮންނަ އޮތުން، ޤާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ އެހެނިހެން ކަންކަމަށް ހުރަސް އެޅޭނެ މޭރުމުން މާނަކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

103. ހުށަހެޅިފައިވާ މައްސަލައިގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި އިޖުރާއީ އިއުތިރާޒުތަކާ މެދު ގޮތް ކަނޑައަޅުއްވާފައިވާ ގޮތާއި އަދި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކުގައި ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ. މި ކަންކަމާގުޅޭ ގޮތުން ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރައުޔުގައިވެސް ޚިލާފުވުންތަކެއް ނެތްކަން ފާހަގަކުރަމެވެ.

104. ކުރުކޮށް ބުނާނަމަ، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވާ ސަބަބުތަކަށްޓަކައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅުމަށް ހަމަޖެހުނު މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލިހުގެ އިދާރާއިން ނިންމި ނިންމުން ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައި އަހުރެން ދެކެމެވެ.

105. އަދި ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ދީފައިވާ ހަނި މާނަކުރުމަކީ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ މާނަކުރުމެއްކަމަށް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއާއި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވާ ސަބަބުތަކަށް އަހުރެން ތާއީދު ކުރަމެވެ.

106. ޤަރާރާމެދު ގޮތެއް ނުނިންމައި މަޖިލިހުގެ އެހެން މަސައްކަތް ކުރިއަށް ގެންދިއުމާމެދު ފަނޑިޔާރު ޙުސްނުއްސޫޢޫދު ފާހަގަ ކުރައްވާފައިވާ ކަންކަމަށް އަހުރެން ތާއީދު ކުރަމެވެ. އެގޮތުން، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ) ގައި މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލިހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލިހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތް ނިންމޭނީ މަޖިލިހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހު ކަމަށް އޮންނަ އޮތުން، ޤާނޫނުއަސާސީގެ ދަށުން ކުރަންޖެހޭ އެހެނިހެން ކަންކަމަށް ހުރަސް އެޅޭނެ މޭރުމުން މާނަކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

107. މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު،

1- ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ، ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަށް ކަމުގައި ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

2- އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އުޒުރުވެރިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން، މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބުރައީސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާކުރިއަށް ގެންދަންޖެހޭނެ ކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

3- ރައްޔިތުންގެ މަޖިލިސްގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާކުރެވޭ މައްސަލައިގެ ގަރާރު ހުށަހަޅައި ބަހުސްކޮށް ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް، ގާނޫނުއަސާސީއިންނާއި ގާނޫނުންނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެނިހެން ކަންކަންކުރަން ރައްޔިތުންގެ މަޖިލީހަށް އެއްވެސް ހުރަހެއް ނެތް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު) ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް

1 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ‎. ‎ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ‎.‎"

2 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް، ކަނޑައަޅަންވާނެއެވެ. މިގޮތުން، ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރި މެންބަރުންގެ ތެރެއިން ޖުމްލަ 5 (ފަހެއް) މެންބަރެކެވެ. އަދި އެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 (ތިނެއް) ޖަލްސާގެ މުއްދަތަށެވެ."

3 ‎ޤާނޫނު ނަންބަރު 2010/22

4 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. މި ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ."

5 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ މަޖިލީހުގެ ރައީސެވެ. މަޖިލީހުގެ ރައީސް ހާޒިރުނުވާނަމަ ރިޔާސަތު ބަލަހައްޓާނީ ނައިބުރައީސެވެ‎. ‎ރައީސާއި ނައިބުރައީސް ހާޒިރުނުވާނަމަ މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅާނީއެވެ‎.‎"

6 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައްޔިތުން ފުރިހަމައަށް ތަމްސީލުވާނޭ، އަދި އެބައިމީހުންގެ ފުރިހަމަ ބައިވެރިވުން ލިބޭނޭ ދީމިޤްރާޠީ އުޞޫލުތައް އެކުލެވޭނޭ، ޖަވާބުދާރީވާ، ހާމަކަންބޮޑު ގޮތަކަށް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާނޭ ޤަވާޢިދުތަކާއި އުޞޫލުތައް އެ މަޖިލީހުން ކަނޑައަޅާންވާނެއެވެ‎. ‎އެ ޤަވާޢިދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި، ހާޒިރީއާގުޅޭ އުޞޫލުތައް ހިމެނިދާނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ މެންބަރެއްގެ މުސާރައާއި ޢިނާޔަތްތައް ކެނޑޭނެ ގޮތްތައްވެސް ކަނޑައެޅިދާނެއެވެ‎.‎"

7 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ‎. ‎ހަމައެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަޙުޘެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ބަލަހައްޓައިގެނެއް ނުވާނެއެވެ‎.‎"

8 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

6. (ހ) މަޤްޞަދަށް ބެލުމުގެ އުސޫލަކީ، ކަނޑައެޅިގެން ވަކި ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި، އެ ޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްޞަދަށް ބަލައި، އެ މަޤްޞަދު ދެނެގަތުމަށްފަހު، އެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިން، އަދި އެ މަޤްޞަދު ދިރުވައި އާލާކުރެވޭނެ ގޮތުގެމަތިން، އެ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް މާނަކުރުމެވެ‎.‎

(ށ) ރައްޔިތުންގެ މަޖިލީހުގެ މަޤްޞަދު އެކަމުގައި އޮތީ ކިހިނެއްކަން މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދެނެގަތުމަށްޓަކައި، ޤާނޫނު ހުއްދަކުރާ ވަސީލަތްތައް ޝަރީޢަތުގެ މަޖިލީހުގައި ބޭނުންކުރެވިދާނެއެވެ‎.‎

9 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ވަކިކަމެއް ކުރުމުގެ ބާރު ވަކި މީހަކަށް ޤާނޫނުން ދޭކަމަށްވާނަމަ، އެ ބާރު ހެޔޮގޮތުގައި ތަންފީޛުކުރުމަށްޓަކައި، އޭނާއަށް ބޭނުންވާ އެންމެހާ ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އޭނާއަށް ލިބިގެންވާކަމަށް ބަލަންވާނެއެވެ‎.‎"

10 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހަކު، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅައިފައިވާ މީހަކު، އެ މީހެއްގެ މަޤާމާ ޙަވާލުވުމުގެ ކުރީން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެ މީހެއްގެ މަޤާމުގެ ހުވައިކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ‎.‎"

11 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"ޤާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއްގެ ޞައްޙަކަމާމެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެއެވެ‎. ‎އެ ލަފާ އޮންނާންވާނީ އިސްތިއުނާފުކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ޙުކުމްތަކާ އެއްފަދައިންނެވެ"‎.‎

12 ‎މި މާއްދާގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.

"(ހ) އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ސުޕްރީމްކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލައިގެ ގޮތުގައި ބެލުމުގެ އިޚްތިޞާޞް ސުޕްރީމްކޯޓަށް ލިބިގެންވެއެވެ‎.‎

‎(1)‎ އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ

‎(2)‎ އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ

‎(3)‎ އެ މައްސަލައަކީ ޤައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން‎.‎"

13 2019/SC-C/37‎

14 ‎ފުޓް ނޯޓު 5

15 ‎ފުޓް ނޯޓު 7

16 ‎ފުޓް ނޯޓު 4

17 ‎ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)

18 2021/SC-A/48‎

19 2019/SC-C/37‎

20declaratory ‎

21 ‎ ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2).

22 ‎ގާނޫނީ ރަދީފް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018، ސ. 127

23 2019/SC-C/37‎

24 ‎ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު (2019) ގެ 2، 3، 4، 5 އަދި 54 ވަނަ މާއްދާގެ (ހ).

25 ‎ މަޖިލީހުގެ ގަވާއިދުގެ 205 (ރ)

26 ‎ ‎[2021] SC 06‎ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ‎2019/SC-A/89‎ ގަޒިއްޔާ

27 ‎ ‎2020/SC-C/78, 2020/SC-C/79‎

28 2021/SC-A/48‎

‎2023/SC-C/02 [2023] SC 47‎

‎2019/SC-A/300 [2021] SC 77‎8

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ