ޢާއިޝަތު ޙުސައިން މަނިކު ވ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2019/81(NR)، 2068/Cv-C/2018، 1861/Cv-C/2014، 399/Cv-C/2017، 2015/HC-A/298، 2012/HC-A/305
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ދައުލަތަށް ނެގި ގޯއްޗާއި ޢިމާރާތްތަކުގެ ބަދަލު ހޯދުމަށް ކުރި ދަޢުވާއަކީ ކުރިން ގޮތެއް ކަނޑައެޅިފައިވާ ދަޢުވާއެއްކަމަށް ބުނެ ސިވިލް ކޯޓުން ކުރިއަށް ނުގެންދިޔައެވެ. އޭގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ ބަލައިނުގަތުމުން، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމިއެވެ.
- ވާޤިޢާ
- ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތި 2011 ގައި ދައުލަތަށް ނެގިއެވެ. ބަދަލު ހޯދުމަށް 1861/Cv-C/2014 ޤަޟިއްޔާއިން ދަޢުވާކުރިއެވެ. ދައުލަތުން ހުށަހެޅި 399/Cv-C/2017 ޤަޟިއްޔާއިން 343,552 ރުފިޔާ ދިނުމަށް ޙުކުމްކޮށް އެ ފައިސާ ދައްކާފައިވެއެވެ. ކުރީގެ ދަޢުވާގެ އިސްތިއުނާފު 2017/SC-A/30 ސުޕްރީމް ކޯޓުގައި ބަލަމުންދަނިކޮށް، 8,637,310 ރުފިޔާ ހޯދުމަށް 2018 ގައި އަލުން ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުރިން ހުށަހެޅި ދަޢުވާއެއްގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ބަލަމުންދަނިކޮށް، އެ ދަޢުވާއާ އެއް މައުޟޫޢެއްގައި އެއް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއާ އެއްގޮތަށް ނިންމި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢާއިޝަތު ޙުސައިން މަނިކު ބުނީ ކުރީގެ ދެ ޤަޟިއްޔާއިން ގެއްލުމުގެ ބަދަލު ނަގައިދީފައިނުވާތީ ހުށަހެޅި ދަޢުވާއަކީ ސުޕްރީމް ކޯޓުގެ އިސްތިއުނާފުގައި ގޮތެއް ކަނޑައެޅިގެންދާނެ މައްސަލައެއް ކަމަށާއި، ދަޢުވާ ކުރިއަށް ގެންދާނެ ހަމައެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށެވެ. ރެސްޕޮންޑެންޓުގެ ހުށަހެޅުމެއް ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.
- ކޯޓުގެ ސަބަބުތައް
- ދެ ޤަޟިއްޔާގެ ދަޢުވާގެ ޞީޣާ ބިނާވެފައިވަނީ އެއް ސަބަބުތަކެއްގެ މައްޗަށެވެ. ހަމައެކަނި ތަފާތަކީ އެދުނު ޢަދަދެވެ. އެ ޢަދަދާމެދު 2017/SC-A/30 ގައި ގޮތެއް ކަނޑައަޅާފައިވެއެވެ. ދެވަނަ ދަޢުވާ ހުށަހެޅީ ކުރީގެ ދަޢުވާގެ އިސްތިއުނާފު ފަހު މަރުޙަލާއިން ނިންމުމުގެ ކުރީގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބެއް އިސްތިއުނާފުގެ ސަބަބުތަކުގައި ނެތުމުން، މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ރަނގަޅަށެވެ.
ނިންމުން
ސިވިލް ކޯޓުގެ 2068/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/81(NR) ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.ސިވިލް ކޯޓުގެ 2068/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން HC-RM/2019/81(NR) ގައި ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީ މައްސަލަ ނިންމައިފި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދެ ޤަޟިއްޔާއެއްގެ ދަޢުވާގެ ޞީޣާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ސަބަބުތަކެއް ކަމުގައިވެ، އެ ދެ ޤަޟިއްޔާގެ ހަމައެކަނި ތަފާތަކީ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ޢަދަދު ކަމުގައިވާއިރު، އެ ޢަދަދާމެދު ކުރީގެ ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާ ޙުކުމްކޮށްފައިވާނަމަ، އެ ދެ ޤަޟިއްޔާގެ މައުޟޫޢަކީ އެއް މައުޟޫޢެކެވެ.
HN2 ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަތައް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްނަމަ، އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު:
2020/SC-HCL/04
މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު:
(2019/SC-A/73) 2019/SC-L/125
ހުށަހެޅުނު ތާރީޚު:
18 ޖުލައި 2019މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތުފުރިހަމަ ނަން:
ޢާއިޝަތު ޙުސައިން މަނިކު
ޢާންމު ނަން:
ޢާއިޝަތު
ދާއިމީ އެޑްރެސް:
ހ. ރީދޫކޮކާގެ، މާލެ
މިހާރުގެ އެޑްރެސް:
ހ. ރީދޫކޮކާގެ، މާލެ
ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު:
HC-RM/2019/81(NR)
ހުށަހެޅުނު ތާރީޚު:
12 މާރިޗު 2019ނިމުނު ތާރީޚު:
22 ޖޫން 2019
ހުށަހެޅިފައިވާ މައްސަލަ
[1]ހ. ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާޅ. މާފިލާފުށި، ސީވޭވް އެވެކިޔާ 5000 އަކަފޫޓުގެ ގޯތި، 04 އެޕްރީލް 2011 ގައި ދައުލަތަށް ނަގާފައިވާތީ، އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއާއި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ދަޢުވާކޮށްފައި ވީނަމަވެސް، ދައުލަތުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާތީ، ޅ. މާފިލާފުށި، ސީވޭވް އެވެކިޔާ ގޯއްޗާއި، ގޯތީގައިވާ ޢިމާރާތްތަކާއި މުދަލުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލަ -/8,637,310ރ. (އަށްމިލިޔަން ހަލައްކަ ތިރީސްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު2068/Cv-C/2018 ޤަޟިއްޔާއިން މައްސަލަ ހުށަހަޅާފައިވެއެވެ.
[2]ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓުން ނިންމަވާފައިވަނީ، ހ. ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާއިންނާއި، ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައިވާ ދަޢުވާއެއްކަމުގައިވާތީ، ދަޢުވާކުރާ ޢާއިޝަތު މަނިކުގެ މި ދަޢުވާ ހުށަހަޅާފައިވާ މައުޟޫޢުގައި ކުރިއަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.
[3]ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނާ ޚިލާފުވާ ސަބަބެއް ކަމަށް ޢާއިޝަތު ޙުސައިން މަނިކު ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ސަބަބަކީ، ޅ. މާފިލާފުށި "ސީވޭވް" ގޯތި ދައުލަތަށް ނަގާފައިވާތީ އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ޢާއިޝަތު ޙުސައިން މަނިކަށް ލިބުނު ގެއްލުމުގެ ބަދަލު ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 އަދި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިންވެސް ނަގައިދީފައި ނުވާކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 8,637,310/-ރ (އަށްމިލިއަން ހަލައްކަ ތިރީސް ހަތްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ހުށަހެޅި މައްސަލައަކީ އެ މައުޟޫޢުގައި ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައި، ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު، ޢާއިޝަތު ޙުސައިންގެ މަނިކުގެ ދަޢުވާގައިވާ މައްސަލައާމެދުވެސް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ޤަބޫލުކުރެވޭ މައްސަލައަކަށްވާތީ، މި ދަޢުވާ ހުށަހަޅާފައިވާ މައުޟޫޢުގައި މި މައްސަލަ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
އެއް މައުޟޫޢެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަން
[4]ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގެ ޞީޣާ ބިނާކޮށްފައިވާ ސަބަބަކީ، ހ. ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި، ސީވޭވް އެވެކިޔާ 5000 އަކަފޫޓުގެ ގޯތި، 04 އެޕްރީލް 2011 ގައި ދައުލަތަށް ނަގާފައިވާތީ، އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއާއި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ދަޢުވާކޮށްފައި ވީނަމަވެސް، ދައުލަތުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާތީ، ޅ. މާފިލާފުށި، ސީވޭވް އެވެކިޔާ ގޯއްޗާއި، ގޯތީގައިވާ ޢިމާރާތްތަކާއި މުދަލުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލަ -/8,637,310ރ. (އަށްމިލިޔަން ހަލައްކަ ތިރީސްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ހުށަހެޅި ސަބަބެވެ.
[5]ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގެ ޞީޣާ ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، ހ. ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި، ސީވޭވް އެވެކިޔާ 5000 އަކަފޫޓު ބަންޑާރަ ގޯތީގައި، 2 ބުރީގެ ޢިމާރާތެއްކޮށް ވަށާފާރު ރާނައި، އެ ތަނުގައި ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ އަހަރު ސަރުކާރުން ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސީވޭވް އެވެކިޔާ ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލު ދީފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުކަން އެނގެން އޮވެއެވެ.
[6]ބަޔާންވެދިޔަ ދެ މައްސަލައިގެ ދަޢުވާގެ ޞީޣާތަކަށް ބަލާއިރު، އެ ޞީޣާތަކަކީ، އެއް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޞީޣާތަކެއްކަން ސާފުކޮށް އެނގެއެވެ.
ދެވަނަ ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން
[7]ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ އެ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 20 އޮގަސްޓް 2015 ގައެވެ. އަދި އެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ 25 ޖަނަވަރީ 2017 ގައެވެ.
[8]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކުރުމުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލާފައިވަނީ ނަންބަރު 2017/SC-A/30 ޤަޟިއްޔާއިންނެވެ.
[9]ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތު (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ މައްޗަށް އަމުރުކޮށްދިނުން އެދި، ހ. ރީދޫކޮކާގެ، މާލެ، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ 30 މާރިޗު 2017 ގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވަނީ 25 އޮކްޓޫބަރު 2017 ގައެވެ.
[10]ސުޕްރީމް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު1681/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 ޤަޟިއްޔާގައި، ހ. ރީދޫކޮކާގެ، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި، ސީވޭވް ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މި ޤަޟިއްޔާ ސުޕްރީމް ކޯޓުން ނިންމާފައިވަނީ 07 އޮކްޓޫބަރު 2019 ގައެވެ.
[11]މިހެންކަމުން، 07 މޭ 2018 ގައި ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓަށް ހުށަހެޅުނު އިރު، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި އެ މައްސަލައަކީ އެ ވަގުތު ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްކަން އެނގެއެވެ.
[12]ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އާއި 2068/Cv-C/2018 ޤަޟިއްޔާގެ ހަމައެކަނި ތަފާތަކީ ދެ ޤަޟިއްޔާގައި ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި ޢާއިޝަތު ޙުސައިން މަނިކު ހުށަހަޅާފައިވާ ޢަދަދުކަން އެނގެއެވެ. ނަމަވެސް މި ޢަދަދާމެދު ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާ ޙުކުމްކޮށްފައިވެއެވެ.
ބަދަލު ދިނުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުން
[13]ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ޢާއިޝަތު ޙުސައިން މަނިކަށް ބަދަލު ދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ޢާއިޝަތު ޙުސައިން މަނިކުގެ މައްޗަށް ހުށަހެޅި މައްސަލައިގައި، އެ ދަޢުވާގައި ހިމެނޭ ތަކެތީގެ އަގާމެދު ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ، ޝަރުޢީ އަގު ކޮމެޓީއިން ދަޢުވާފައި ހިމެނޭ ތަކެތީގެ އަގު ކަމުގައި ކަނޑައަޅާފައިވާ 343,552/-ރ (ތިންލައްކަ ސާޅީސް ތިންހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ޢާއިޝަތު ޙުސައިން މަނިކަށް ދިނުމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ވަނަ ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ދިޔައިރު، ދެންނެވުނު ފައިސާ ޢާއިޝަތު ޙުސައިން މަނިކަށް ދައުލަތުގެ ފަރާތުން ދައްކާ ޚަލާސް ކޮށްފައިވާ ކަމަށް ޢާއިޝަތު ޙުސައިން މަނިކު އިއުތިރާފު ވެފައިވެއެވެ.
[14]މިހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ އެ ކޯޓަށް ހުށަހަޅާފައިވަނީ، އިސްތިއުނާފު ކުރުމުގެ ފަހު މަރުޙަލާއިން އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރީގައިކަން ބަޔާންވެދިޔަ ނުކުތާތަކަށް ބެލުމުން އެނގެން އޮވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 އާއި ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދެ މައްސަލައިގެ ދަޢުވާގެ ޞީޣާއަށް ބަލާއިރު، މި ދެ ޤަޟިއްޔާގެ މައުޟޫއަކީ އެއް މައުޟޫއެއްކަމާއި އަދި މި ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ސަބަބުތަކެއްކަން އެނގެއެވެ.
[15]މަތީގައި ބަޔާންކުރެވި ދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްކަމަށާއި، އެ ސަބަބަށްޓަކައި ޢާއިޝަތު ޙުސައިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ޤަބޫލުކުރެވެއެވެ.
ނިންމުން
[16]އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހ. ރީދޫކޮކާގެ ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން:
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
20 ޞަފަރު 1442
07 އޮކްޓޯބަރ 2020
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2017/SC-A/30 (ޢާއިޝަތު ޙުސައިން މަނިކު ވ. ދައުލަތު)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.