—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2017/SC-A/30
ދަޢުވާކުރާ ފަރާތް: ޢާއިޝަތު ޙުސައިން މަނިކު،
ދަޢުވާ ލިބޭ ފަރާތް: ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
މައްސަލައިގެ ބާވަތް: ޙައްޤު ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 30 މާރިޗު 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 އޮކްޓޫބަރު 2017
ނިމުނު ތާރީޚް: 07 އޮކްޓޫބަރު 2019
މައްސަލަ ނިންމި ގަޑި: 14:37
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2015/HC-A/298
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 އޮގަސްޓު 2015
ނިމުނު ތާރީޚް: 25 ޖަނަވަރީ 2017
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތު (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ މައްޗަށް އަމުރުކޮށްދިނުން އެދި، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ޢާއިޝަތު ޙުސައިން މަނިކު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި ޢާއިޝަތު ޙުސައިން މަނިކު ކޮށްފައިވާ ދަޢުވާއަކީ، 1995 ވަނަ އަހަރު، ޢާއިޝަތު ޙުސައިން މަނިކުއަށް، ޅ. މާފިލާފުށިން ދޫކޮށްފައިވާ "ސީވޭވް" ނަމަކަށްކިޔާ (ރަޖިސްޓްރީ ނަންބަރު 03/2000) 5000 އަކަފޫޓުގެ ބަންޑާރަ ގޯތީގައި، 2 ބުރީގެ ޢިމާރާތެއްކޮށް ވަށާފާރު ރާނައި، އެތަނުގައި ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ އަހަރު ސަރުކާރުން ޅ. މާފިލާފުށްޓަކީ މީހުންދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސީވޭވް" އެވެކިޔާ ބަންޑާރަ ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލުދީފައި ނުވާކަމަށް ބުނެ، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ "ސީވޭވް" އެވެކިޔާ ގޯއްޗާއި ޢިމާރާތްތަކަށާއި، އެ ގޯތީގައިވާ ރުއްގަހަށް ފުރިހަމަ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެ ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށާއި، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކަށާއި، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު، 1995 ވަނަ އަހަރުގެ ފެބުރުއަރީ 27 ވަނަ ދުވަހު ދަޢުވާކުރާހ. ރީދޫކޮކާގެ ޢާއިޝަތު ޙުސައިން މަނިކު ދިރިއުޅުމަށްޓަކައި، ޅ. މާފިލާފުށިން 5000 އަކަފޫޓުގެ ގޯއްޗެއް ސަރުކާރުން ޢާއިޝަތު ޙުސައިން މަނިކަށް ދޫކޮށްފައިވާ ކަމާއި، ހަމަޖެހިފައިވާ ޤަވާޢިދުގެ މަތީން، މި ގޯތީގެ ވަށާފާރު ރޭނުމުން، މިގޯތި ޅ. މާފިލާފުށި "ސީވޭވް" މިނަމުގައި ވަކިގޯއްޗެއްގެ ގޮތުގައި، މި ގޯއްޗާއި ޢިމާރާތްތައް، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ނަންބަރު 03/2000 (18 މާރޗް 2000)، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ، ޅ. މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ހައްދަވައިދީފައިވާ ކަމާއި،
ޅ. މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި މި ގޯތި ރަޖިސްޓްރީ ކޮށްދެއްވުމުން، ޢާއިޝަތު ޙުސައިން މަނިކުގެ އަމިއްލަ ޚަރަދުގައި ގޯތީގައި 02 (ދޭއް) ބުރީގެ ޢިމާރާތެއް ކޮންކްރީޓްކޮށްގެން ހަދައި ނިންމައި، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް، ޢިމާރާތާއި ގޯތީގައި ޤާއިމުކުރުމަށްފަހު، ޢާއިޝަތު ޙުސައިން މަނިކު އާއި، ޢާއިޝަތު ޙުސައިން މަނިކުގެ ޢާއިލާ ޅ. މާފިލާފުށީގައި ދިރިއުޅުން ގެންގޮސްފައިވާކަން ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަކަމާއި،
ޅ. މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލު ކުރުމުގައި، އެ ޢާއިލާތަކުން ޅ. މާފިލަފުށީގައި ދިރިއުޅެމުންދިޔަ ޢިމާރާތާއި ގޯތީގެ ބަދަލުގައި، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 34 ޢާއިލާއަކަށް ފްލެޓް އާއި، ރޯހައުސް ފަދަ ބޯހިޔާވަހިކަން ދައުލަތުގެ ފަރާތުން ދެއްވާފައިވާ ކަމާއި، މިގޮތުން، ޅ. މާފިލަފުށީގައި ދިރިއުޅެމުންދިޔަ މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން 19 ޢާއިލާއަކަށް ހުޅުމާލެއިން ފްލެޓް ދެއްވާފައިވާ ކަމާއި، އަދި މީގެ އިތުރުން ޅ. މާފިލާފުށީގައި ހުރި މި ޢާއިލާތަކުގެ ރުއްގަހުގެ ބަދަލުގެ ގޮތުގައާއި، ޢިނާޔަތެއްގެ ގޮތުގައި ބަދަލު ދެވުނު ކޮންމެ ޢާއިލާއަކަށް 50,000/-ރ. (ފަންސާސް ހާސް ރުފިޔާ) ދިވެހި ދައުލަތުގެ ފަރާތުން މި ޢާއިލާތަކަށް ދެއްވާފައި އޮންނަކަން އެނގެން އޮތުމާއި،
ދަޢުވާކުރާ، ޢާއިޝަތު ޙުސައިން މަނިކު އަކީވެސް ޅ. މާފިލަފުށީގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން މާލެއަށް ނިސްބަތްވާ ފަރާތެއްކަމާއި، ނަމަވެސް ޢާއިޝަތު ޙުސައިން މަނިކު ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ ގޯއްޗާއި، މި ގޯތީގައިވާ ޢިމާރާތް ނުވަތަ ނުއުފުލޭ މުދަލަށް އޭގެ ޒާތުންވިޔަސް ޢަދުލުވެރި ބަދަލެއް ދައުލަތުގެ ފަރާތުން އަދި މިހާތަނަށް ދެއްވާފައި ނުވާކަމާއި،
ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައި ހުރި ރަށްރަށަށް ބަދަލުކޮށް، ޅ. މާފިލާފުށްޓަކީ ފަޅުރަށެއްގެ ގޮތުގައި، ދިވެހި ސަރުކާރުން ހަމަޖައްސަވާފައި އޮތް އޮތުމަކީ، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ގޯތިތަކާއި، ދަނޑުފަގު ބިންތައް ދައުލަތަށް ނެގެވިގެންވާ ގޮތުގައި ޝާމިލުވެގެން ޢާއިޝަތު ޙުސައިން މަނިކު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވޭވް" ނަމަކަށް ކިޔާ މި ގޯތި ދައުލަތަށް ނެގެވިގެންވާ ޢަމަލަކަށްވާތީ، މީހުންގެ މިލްކު އެއްޗެތި ދައުލަތަށް ބޭނުންވެގެން ހިފެވި ނެގެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށްފަހު ނުވަތަ އަގެއް ކިއުއްވައި އެ އަގު ދިނުމަށްފަހުގައިކަން، 07 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފެށިގެން އަންނަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި، އަދި ޤާނޫނު ނަންބަރު 68/4ޖ. (ޢާންމު ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، ޅ. މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ބަދަލުދެއްވި ބީދައިން، ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ ގޯއްޗާއި ޢިމާރާތުގެ ބަދަލެއްގެ ގޮތުގައި ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޢާއިޝަތު ޙުސައިން މަނިކަށް ލިބިދޭންޖެހޭކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި ގޯތި ގެދޮރަށް އޭގެ ޒާތުން ބަދަލުދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، އެ ބީދައިން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާފިލާފުށި "ސީވޭވް" ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ 3 (ތިނެއް) ކޮޓަރީގެ ފްލެޓެއް، 31 މެއި 2015 މި ދުވަހުން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ޢާއިޝަތު ޙުސައިން މަނިކުއާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގައި،
މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލު ދަޢުވާކުރާ ފަރާތުން މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތުން މި ޝަރީޢަތަށް ހުށަހަޅާފައި ނުވާތީވެ، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ." މިފަދައިން އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، އިސްވެ މި ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ޞަރަހައްދު ތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތި ގެދޮރަށް އޭގެ ޒާތުން ބަދަލުދީފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، އެބީދައިން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވޭވް" ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 31 މި ދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ޢާއިޝަތު ޙުސައިން މަނިކުއާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގަވައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވަފައިވާ ޙުކުމުގެ އެ ބައި، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޢާއިޝަތު ޙުސައިން މަނިކުގެ ޣައިރު ހާޒިރުގައި ބާޠިލުކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން މައިގަނޑު 3 ސަބަބެއް ހުށަހަޅައި، އެ ސަބަބުތަކާ ގުޅޭގޮތުން ދެފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
3.1- ހައިކޯޓުގެ ނަންބަރު 2017/HC-A/298 ޤަޟިއްޔާގެ ޙުކުމުން ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރިއިރު، ބިނާވެފައިވަނީ 30 އެޕްރީލް 2013 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ އުޞޫލުތަކާއި އަދި މީގެ އިތުރުން ޤާނޫނާވެސް ޚިލާފްވާގޮތަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
3.2- 70 އޮގަސްޓު 2008 ގައި ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޤާނޫނު ނަންބަރު 68/4G (ޢާންމު ޤާނޫނުތަކެއް) ގެ 7 ވަނަ މާއްދާއާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމް ބިނާ ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
3.3- ސަރުކާރަށް ބޭނުންވެގެން ޢާއިޝަތު ޙުސައިން މަނިކުގެ މުޅި މިލްކިއްޔާތުގައިވާ ނުއުފުލޭ މުދާތައް ސަރުކާރަށް ނަގައި، ބަދަލުނުދީ 06 އަހަރާއި ބައި ހޭދަވެފައިވާއިރު، އެ މުއްދަތުގައި ޢާއިޝަތު ޙުސައިން މަނިކުއަށް މިލްކިއްޔާތުތައް ބޭނުންކުރަންވެސް ލިބިފައި ނުވާ ނުވުމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިލްތިމާސްކުރި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި އޭނާ އެދިފައިވާ ކަންކަމަކީ؛ (1) ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ (ރަޖިސްޓްރީ ނަންބަރު 03/2000) 5000 އަކަފޫޓުގެ ގޯތީގައި، ޢާއިޝަތު ޙުސައިން މަނިކު ކޮށްފައިވާ ދެ ބުރީގެ ޢިމާރާތާ، ވަޅާއި، އެ ގޯތީގެ ވަށާފާރާއި، އެހެނިހެން ތަންތަނާއި، ރުއްގަހުގެ މާލީ ބަދަލުގެ ގޮތުގައި -/000,200,3ރ. (ތިން މިލިއަން ދެ ލައްކަ ރުފިޔާ) ޝަރީޢަތް މެދުވެރިވެ ދައުލަތުގެ ކިބައިން ނަގައިދިނުމަށާއި، (2) ޅ. މާފިލާފުށި "ސީވޭވް" ކިޔާ 5000 އަކަފޫޓުގެ ގޯތީގެ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިމެއް ދިނުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށްކަން ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށާއި، އޭނާގެ ފަރާތުން އެ ޤަޟިއްޔާގައި ހުށަހަޅާފައިވާ ބަޔާންތަކަށާއި، އެ ޤަޟިއްޔާގައި ޝަރީޢަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން އެދިފައިވާ މި ދެ ކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބެލިއިރު، އެ ޙުކުމުގައި، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ޅ. މާފިލާފުށީގައި "ސީވޭވް" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މޭ 31 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ޢާއިޝަތު ޙުސައިން މަނިކުއާ ޙަވާލުކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރު ކޮށްފައިވާކަމާއި،
އަދި މާލީ ބަދަލުގެ ގޮތުގައި ހޯދުމަށް ޢާއިޝަތު ޙުސައިން މަނިކު އެ ޤަޟިއްޔާގައި ދަޢުވާކޮށްފައިވާ -/000,200,3ރ. (ތިން މިލިއަން ދެ ލައްކަ ރުފިޔާ) އާއި ގުޅޭގޮތުން، އެ ބަދަލުގެ މިންވަރު، މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން އެ ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށް ބަޔާންކޮށް، އެ ސަބަބަށްޓަކައި ޢާއިޝަތު ޙުސައިން މަނިކު އެދިފައިވާ މާލީ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ޙުކުމް ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އިސްވެ މި ބަޔާންކުރެވުނު ގޮތުގެމަތިން ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށް ނިމުމުން، އެ ޤަޟިއްޔާގައި، ދައުލަތުގެ މަޞްލަޙަތާ ޚިލާފަށް ޙުކުމް ކޮށްފައިވާ ބައިކަމުގައިވާ، ޅ. މާފިލާފުށީގައި "ސީވޭވް" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޢާއިޝަތު ޙުސައިން މަނިކުއަށް ދިނުމަށް ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅިކަމާއި، މިހާރު މި ކޯޓުގައި އިސްތިއުނާފު ކުރެވިފައިމިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅި ހުށަހެޅުން، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާކަމާއި،
ދައުލަތުން ކުޅަ އިސްތިއުނާފު ބެލުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ 3 ގެ (ރ) ގައި، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލޭގައި ރަޖިސްޓްރީވެފައި އޮންނަކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާ ބުނުމަށް ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމަށާއި، އެހެންކަމުން، ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތަށް އެހެން ރަށްރަށަށް ބަދަލުކޮށް އެމީހުންނަށް ބަދަލުދިނުމަށް ކަނޑައެޅުނު އުޞޫލުގެ ދަށުން، ޢާއިޝަތު ޙުސައިން މަނިކުއަށް ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ޙައްޤުނުވާކަމަށް އެ ނުކުތާގައި ބަޔާންކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތި ގެދޮރަށް އޭގެ ޒާތުން ބަދަލު ދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، ހަމަ އެބީދައިން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވޭވް" ނަމަކަށް ކިޔާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޢާއިޝަތު ޙުސައިން މަނިކުއަށް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލު ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްގެން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއާ ބެހޭގޮތުން ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގައި، ހުޅުމާލޭ ބިމުން ޢާއިޝަތު ޙުސައިން މަނިކުއަށް ގޯއްޗެއް ދިނުމަށް އިސްކަންދީގެން ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ކަނޑައަޅައި ދިނުމަށް އެދޭކަމަށާއި، އަދި ހުޅުމާލޭ ބިމުން ޢާއިޝަތު ޙުސައިން މަނިކުއަށް ގޯއްޗެއް ދިނުމަށް ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައުލަތުގެ މައްޗަށް ނިހާއީ އަމުރެއް ކޮށްދިނުމަށާއި،
ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް "ސީވޭވް" ކިޔާގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާއި ހޯދާފައިވާ އެންމެހައި ތަކެތީގެ ބޭނުން ނުހިފި ގޮސްފައިވާ 07 އަހަރާއި 11 މަސް ދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި -/400,789,8ރ. (އަށް މިލިއަން ހަތް ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ރުފިޔާ) ނަގައިދިނުމަށް އެދިފައިވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައުލަތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވަނީ 05 އެޕްރީލް 2011 ގައި އޮތް ކެބިނެޓު ބައްދަލުވުމުގައި ކަމަށާއި، ކެބިނެޓުގެ އެ ނިންމުމާ ގުޅިގެން ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރެވިދާނޭ ގޮތްތަކެއް ހިމެނޭ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅި، 30 އެޕްރީލް 2013 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، އެ އުޞޫލު ފާސްކުރެވިފައިވާ ކަމަށާއި، އަދި އެ އުޞޫލަށް އިޞްލާޙުތަކެއް ހުށަހެޅި، 24 ޑިސެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ސޯޝަލް ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ އިޞްލާޙުތައް ހިމެނޭގޮތުން ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތަކަށް ދޭންޖެހޭ ބަދަލުދީ، އެ އުޞޫލާ އެއްގޮތަށް އެ ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމަށާއި،
އަދި ބޯހިޔާވަހިކަމެއް ދިނުމުގެ މިންގަނޑަށް ނުފެތޭ ގޯތިތަކުގެ ބަދަލުގައި ގޯތިދިނުމަށާއި، އެ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން އެކުލަވާލެވުނު ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ ސޯޝަލް ކައުންސިލްގެ 51 ވަނަ ބައްދަލުވުމަށް ހުށަހެޅި އެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެމަތިން، ގޯތިތަކުގެ ބަދަލުގައި ގޯތިދިނުމާއި، އެ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތް އަގުމަގުކޮށް ބަދަލުދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވި އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި،
މިގޮތުން ޢާއިޝަތު ޙުސައިން މަނިކުއަކީ، ޅ. މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކޮށް އެބައިމީހުންގެ މުދަލަށް ބަދަލުދީ ހެދުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އުޞޫލުގެ ދަށުން ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ޙައްޤުވާ ފަރާތެއް ނޫންކަމަށާއި، އެއީ ޢާއިޝަތު ޙުސައިން މަނިކުގެ ފިރިމީހާގެ ނަމުގައި، މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާތީ ކަމަށާއި، ނަމަވެސް މާލެ، ހުޅުމާލެ، އަދި ވިލިމާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެވެސް ރަށަކުން ޢާއިޝަތު ޙުސައިން މަނިކު ބޭނުންނަމަ ބިމެއް ހޯދުމަށް އެދެވިދާނެ ކަމަށާއި، އެފަދައިން އެދެފިނަމަ، ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުރިން ބަޔާންކުރެވުނު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ޢާއިޝަތު ޙުސައިން މަނިކުއަށްވެސް ބިމެއް ދައުލަތުން ހަމަޖައްސައިދޭނެ ކަމަށާއި، އަދި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ޅ. މާފިލާފުށީގައި ރަޖިސްޓްރީވެފައި އޮތް "ސީވޭވް" ގޯތީގައި އޭނާ ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ޢާއިޝަތު ޙުސައިން މަނިކުއަށްދީ ނިމިފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި05 އެޕްރީލް 2011 ގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމާ ބެހޭގޮތުން އޭރުގެ ކަމާބެހޭ މިނިސްޓްރީން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، އެކަން ކުރިއަށް ގެންދާނެ އުޞޫލެއް ފާސްކޮށް އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާކަމާއި، އެ އުޞޫލަށް ބަލާއިރު،
* މާލޭ ސަރަޙައްދަށް ބަދަލުވުމަށް އެދިފައިވާ 30 ޢާއިލާގެ ތެރޭގައި ހިމެނޭ، މާލޭގެ ރައްޔިތުންގެ ތެރެއިން، އަމިއްލަ ގެދޮރު މާލޭގައި ނެތް، 10 ޢާއިލާއަށް ހުޅުމާލެއިން ފްލެޓް ދިނުމަށާއި، އަދި މާލޭގައި އަމިއްލަ ގެދޮރު ހުރި، މާލޭގެ ރައްޔިތުންގެ ތެރެއިން، މާފިލާފުށީގައި ގެދޮރު ޢިމާރާތް ކޮށްގެން ތިބި 20 ޢާއިލާގެ ގެތައް އަގުކޮށް، ޝަރުޢީ ބަދަލު އެ ފަރާތްތަކަށް ދިނުމަށާއި،
* ޅ. ނައިފަރަށް ބަދަލުވުމަށް އެދިފައިވާ 8 ޢާއިލާއަކަށް، ނައިފަރުގައި ޢިމާރާތްކޮށް ނިމިފައިވާ 25 ރޯހައުސްގެ ތެރެއިން، މާފިލާފުށީގެ ޢާއިލާތަކަށް ކަނޑައެޅިފައިވާ 8 ރޯހައުސް އަށް ބަދަލުވުމަށް ފުރުޞަތުދިނުމަށާއި،
* ނ. އަތޮޅަށް ބަދަލުވުމަށް ބޭނުންވާ ޢާއިލާއަށް، ނ. މަނަދޫގައި އޭރު ޢިމާރާތްކުރެވެމުންދިޔަ 25 ހައުސިންގ ޔުނިޓުގެ ތެރެއިން ހައުސިންގ ޔުނިޓަކަށް ބަދަލުވުމުގެ ފުރުޞަތުދިނުމަށާއި،
* އަދި އެހާތަނަށް ގޮތެއް ނިންމާފައިނުވާ ޢާއިލާއަށް، ޅ. ނައިފަރު ނުވަތަ ނ. މަނަދޫ އަށް ބަދަލުވުމުގެ ފުރުޞަތުދިނުމަށް، ނުވަތަ މާފިލާފުށީގައި ޢިމާރާތްކޮށްފައިވާ ގެ އަގުކޮށް، ގެއަށް ބަދަލުދިނުމަށް، އެ އުޞޫލުގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމާއި،
އަދި ވަޒީރުންގެ މަޖިލީހުން ފާސްކޮށް، ޢަމަލުކުރަމުން އައިސްފައިވާ، އިސްވެ މި ބަޔާންކުރެވުނު އުޞޫލާ އެއްގޮތަށް ޢަމަލުކުރަންޖެހުމުން، އޭގެކުރިން ޅ. މާފިލާފުށްޓަށް ދިރިއުޅުން ބަދަލުކޮށްގެން އެ ރަށުގައި ދިރިއުޅެމުން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން، އެމީހުންގެ އަމިއްލަ ނަމުގައި މާލޭގައި، ކުދިކުދި ބިންކޮޅު ހުރި ފަރާތްތަކުން، އަލުން އަނބުރާ އެތަންތަނަށް ބަދަލުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ދައުލަތަށް ފާހަގަކުރެވިފައި ވާތީއާއި،
ޅ. މާފިލާފުށި ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އަމިއްލަ ބޯހިޔާވަހިކަމެއްނެތި ކުދި ދަރިންނާއެކު، ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތަކުގެ ތެރެއިން، އެމީހެއްގެ މަންމަ ނުވަތަ ބައްޕަ ނިޔާވުމުގެ ސަބަބުން، ވާރުތަވެރިންގެ މެދުގައި ނިންމަންޖެހޭ ކަންތައްތައް ނިމިފައި ނުވުމުގެ ސަބަބުންނާއި، ޝަރުޢީ މަރުޙަލާތަކުން ނިންމަންޖެހޭ ކަންތައްތައް ނިމިގެން ނޫނީ އެ ތަންތަނަށް ބަދަލުވެވެން ނެތް ފަރާތްތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެގޮތުން، އިސްވެ ބަޔާންކުރެވުނު އުޞޫލަށް ބަދަލުތަކެއް ގެންނަން ފެންނާތީ، އެ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް، 24 ޑިސެންބަރު 2013 ގައި ބޭއްވުނު ސޯޝަލް ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ބަދަލުތަކެއް ގެނެސްފައިވާކަމާއި، އެގޮތުން؛
މަންމަ ނުވަތަ ބައްޕަ ނިޔާވެ، ވާރުތަވެރިންގެ މެދުގައި ގޮތެއް ނިމިފައިނުވުމުގެ ސަބަބުންނާއި، ޝަރުޢީ މަރުޙަލާއިން ގޮތެއް ނިމިފައިނުވުމުގެ ސަބަބުން، މާފިލާފުށީން ބަދަލުނުވެވިފައި ތިބި ޢާއިލާތަކުގެ ތެރެއިން، އެ އުޞޫލުގައި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ޢާއިލާތަކަށް އެ ޢާއިލާތައް ނިސްބަތްވާ ރަށަކުން ނުވަތަ އެ ޢާއިލާތައް ބޭނުންވާ ރަށެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްދާނަމަ، އެއިން ކޮންމެ ޢާއިލާއަކަށްވެސް ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށާއި،
ތިމާގެ ނަމުގައި މާލޭގައި އޮތް ބިންކޮޅު 500 އަކަފޫޓަށްވުރެ ބޮޑު ނޫންނަމަ، ނުވަތަ ތިމާގެ ނަމުގައި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ 2 ކޮޓަރީގެ ފްލެޓެއް ނެތް ޢާއިލާތަކުގެ ތެރެއިން، ތިމާގެ އަމިއްލަ ނަމުގައި މާފިލާފުށީގައި ގެއެއް (ކައްކައި، ކައިބޮއި، ނިދާ، ފެންވަރާ ހެދޭ އިންތިޒާމް، ފުރިހަމަވެފައިވާ) ހުރި ފަރާތްތަކަށް، މާފިލާފުށީގައި ހުރި ގެ އާއި، ގެ ހުރި ގޯތީގެ ބަދަލުގައި ހުޅުމާލެއިން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްދާ އަތޮޅުތެރޭގެ ރަށަކުން ގެއެއް ނުވަތަ ރޯހައުސްއެއް ދިނުމަށާއި،
ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އުޞޫލުގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުން އައިސްފައިވާ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ރަށްރަށަށް ބަދަލުކުރުމަށާއި، އެ ޢާއިލާތައް ނިސްބަތްވާ ރަށްރަށަށް ބަދަލުވުމަށް ބޭނުންނުވާ ޢާއިލާތަކަށް، އަތޮޅުތެރޭގެ އެހެން ރަށަކަށް ބަދަލުވުމަށް ފުރުޞަތު ދެވެން އޮތްނަމަ އެ ފުރުޞަތު ދިނުމަށާއި،
މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، ހައުސިންގ ޔުނިޓެއް ހަމަޖައްސަވައިދެވޭ މިންގަނޑުގައި، ޅ. މާފިލާފުށީގައި ތިމާގެ ނަންމަތީގައި ގެއެއް (ނިދުމާއި، ފެންވެރުމާއި، ކައްކައި ކައިބޮއިހެދުމާއި، ފާޚާނާކޮށްހެދުން ފަދަ ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި) ހުރުމާއެކު، ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބިންކޮޅެއް ނުވަތަ ފްލޯ އޭރިޔާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބޯހިޔާވަހިކަމެއް (ގެއެއް، ފްލެޓެއް، ރޯހައުސްއެއް)، މާލެ، ހުޅުމާލެ، ވިލިމާލޭގައި ނެތްނަމަ، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކުރާ ފްލެޓްތަކުން 3 ކޮޓަރީގެ ފްލެޓެއް ހަމަޖައްސައިދިނުމާއި، އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ ޢާއިލާތަކަށް ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑާއި، އަދި ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ފެތޭ ގޯތިތަކަށް ބަދަލުދެވޭނެ މިންގަނޑުވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަމާއި،
އެގޮތުން، ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ފެތުމުގެ ސަބަބުން ޅ. މާފިލާފުށީގައި ހުރި ގެއާއި ގޯތި ދޫކޮށްލުމަށްފަހު ބަދަލުވާ ޢާއިލާތަކަށް، އެ ރަށުން ދޫކޮށްލި ގެއާއި ގޯތީގެ ބަދަލުގައި، ބަދަލުވާ ރަށަކުން ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމާއެކު، އެ ޢާއިލާތަކުން ޅ. މާފިލާފުށިން ދޫކޮށްލި ރުއްގަހުގެ ބަދަލުގައާއި، އެ ރަށުން ބަދަލުވާއިރު ތަކެތި އުފުލުމަށާއި، ބަދަލުވާއިރު ބޭނުންވާ ހިފާގެންގުޅޭ ތަކެތި ހޯދުމަށް އެހީތެރިވުމުގެ ގޮތުން އެއިން ކޮންމެ ޢާއިލާއަކަށް -/000,50ރ. (ފަންސާސް ހާސް ރުފިޔާ) ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި،
އަދި ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކަށް ދެވޭ ބަދަލުވެސް އެ އުޞޫލުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން، ބޯހިޔާވަހިކަމެއް ދިނުމުގެ މިންގަނޑަށް ނުފެތޭ ފަރާތްތަކަށް އެފަރާތްތަކުގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގެ ބަދަލުގައި، މާލެ، ހުޅުމާލެ، އަދި ވިލިމާލެ ފިޔަވައި، މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން، އެފަރާތަކުން ގޯތި ބޭނުންވެގެން އެދިފައިވާ ރަށަކުން، ގޯތިދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރާ ސައިޒުގެ ގޯއްޗެއް ދޫކުރުމާއި، އަދި އެފަރާތެއްގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތާއި ރުއްގަސް އަގުމަގުކޮށް ޝަރުޢީ މަރުޙަލާގައި ފައިސާއިން ބަދަލުދޭންޖެހޭނެ ކަމަށްވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަން އެ އުޞޫލަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ޅ. މާފިލާފުށީ "ސީވޭވް" ނަމަކަށްކިޔާ ގޯތީގައި ޢާއިޝަތު ޙުސައިން މަނިކު ކޮށްފައިވާ ޢިމާރާތާއި އެ ގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލާއި، އަދި އެ ގޯތީގެ ބިމުގެ ބަދަލުގައި ޢާއިޝަތު ޙުސައިން މަނިކުއަށް ޙައްޤުވާ މިންވަރާ ބެހޭގޮތުން ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ ރައްދުގައި، އިސްވެ ބަޔާންކުރެވުނު އުޞޫލުގެ އަލީގައި ދައުލަތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޢާއިޝަތު ޙުސައިން މަނިކުގެ ފިރިމީހާގެ ނަމުގައި މާލޭގައި ހެންވޭރު ރީދޫކޮކާގެ ނަމަކަށްކިޔާ ގޯތި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، އެ ގޯއްޗަކީ 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްކަމަށާއި، އެހެންކަމުން ޢާއިޝަތު ޙުސައިން މަނިކުއަކީ ބުނެވިދިޔަ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ހުޅުމާލެއިން ފްލެޓެއް ނުވަތަ ބިމެއް ލިބުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، އެ އުޞޫލުގެ ދަށުން ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ ގޯތީގެ ބިމުގެ ބަދަލުގެ ގޮތުގައި މާލޭ ސަރަހައްދުގައިވާ ރަށްތައް (މާލެ، ހުޅުމާލެ، ވިލިމާލެ) ފިޔަވައި އެހެން ސަރަހައްދުތަކުގައިވާ ރަށްތަކުގެ ތެރެއިން ރަށަކުން ގޯއްޗެއް ލިބުމަށް ޢާއިޝަތު ޙުސައިން މަނިކު ޝަރުޠު ފުރިހަމަވާކަމަށާއި، އަދި "ސީވޭވް" ގޯތީގައި ޢާއިޝަތު ޙުސައިން މަނިކު ކޮށްފައިވާ ޢިމާރާތާއި ގޯތީގައި ކޮށްފައިވާ މަސައްކަތްތައް އަގުމަގުކޮށް ބަދަލުދިނުމަށްވެސް ދައުލަތުން ނިންމާފައިވާކަން ފާހަގަކޮށް، އެކަން ކުރިއަށް ދިޔަގޮތާ ބެހޭގޮތުންވެސް ދައުލަތުން ވާހަކަ ދައްކާފައިވާ ކަމާއި،
އެގޮތުން ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އެ ރަށުގައި އޭރު ދިރިއުޅެމުން އައިސްފައިވާ ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތުގައި، ހައުސިންގ ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައިނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތިދިނުމަށާއި، ގޯތީގައި ކޮށްފައިވާ މަސައްކަތް އަގުމަގުކޮށް ބަދަލުދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ބަޔާންކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން 17 ނޮވެންބަރު 2014 ގައި އެ މިނިސްޓްރީގެ ނަންބަރު (IUL) 138-DS1/138/2014/76 އިޢުލާނުން ޢާންމުކޮށް އިޢުލާނު ކޮށްފައިވާކަމާއި، އެ އިޢުލާނުގައި، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އޭރު އެ ރަށުގައި ދިރިއެޅެމުން އައިސްފައިވާ ޢާއިލާތަކުގެ ތެރެއިން، ހައުސިންގ ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައިނުވާ ފަރާތްތަކުން، މާލެއާއި މާލެ ސަރަހައްދުގައިވާ ރަށްރަށް (ގުޅިފަޅު، ވިލިމާލެ، މާލެ އަދި ހުޅުމާލެ) ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން އެ ރަށަކުން އާންމުކޮށް ދޫކުރާ ބޮޑުމިނުގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަން އަންގައި، ޅ. މާފިލާފުށީގައި އެފަރާތްތަކުގެ ނަމުގައި ގޯތި ލިބިފައިވާ އެފަދަ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތި ހޯދުމަށްޓަކައި، ގޯތި ބޭނުންވާ ރަށެއް ބަޔާންކޮށް، 31 ޑިސެންބަރު 2014 ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމަށާއި، އެ ސިޓީއާއެކު، ޅ. މާފިލާފުށީގައި އެ މީހެއްގެ ނަމުގައި އޮތް ގޯތީގެ ރަޖިސްޓްރީ ކޮޕީއަކާއި، އެ ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް އަންގާފައިވާކަން އެނގެން އޮންނަކަމާއި، ނަމަވެސް އެ އިޢުލާނާ އެއްގޮތަށް ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ގޯތި ބޭނުންވާ ރަށެއް އަންގާފައި ނުވާތީ އެކަން މިހާތަނަށް ހަމަޖެހިފައި ނުވަނީކަމުގައި ދައުލަތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި 2011 ވަނަ އަހަރު ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އޭރު އެ ރަށުގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން، ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތްތައް އަގުމަގުކޮށް، ޝަރީޢަތް މެދުވެރިކޮށް ބަދަލުދިނުމަށް ސަރުކާރުން ނިންމާފައިވާތީ، ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި، ނުއުފުލޭ މުދަލާއި، ކޮށްފައިވާ ޢުމްރާނީ މަސައްކަތްތަކަށް، ބަދަލު ހަމަޖައްސައި ދިނުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާގެ ގޮތުގައި ބެލުމަށްފަހު، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި، ޅ. މާފިލާފުށި "ސީވޭވް" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ އަގުގެ ގޮތުގައި ޝަރުޢީ އަގުކޮމެޓީން ކަނޑައަޅާފައިވާ އަގުކަމުގައިވާ -/343,552ރ. (ތިން ލައްކަ ސާޅީސް ތިން ހާސް، ފަސްސަތޭކަ ފަންސާސް ދެ ރުފިޔާ) އަކީ، "ސީވޭވް" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ އަގުކަމުގައި ޝަރީޢަތުން ކަނޑައަޅައި، އެ -/343,552ރ. (ތިން ލައްކަ ސާޅީސް ތިން ހާސް، ފަސްސަތޭކަ ފަންސާސް ދެ ރުފިޔާ) ޢާއިޝަތު ޙުސައިން މަނިކުއަށް ދިނުމަށްޓަކައި، 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާ ޙުކުމް ކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ޙުސައިން މަނިކުއަށް ދައުލަތުގެ ފަރާތުން ދައްކަންޖެހޭކަމަށް ސާބިތުވި -/343,552ރ. (ތިން ލައްކަ ސާޅީސް ތިން ހާސް، ފަސްސަތޭކަ ފަންސާސް ދެ ރުފިޔާ)، ދިވެހި ދައުލަތުގެ ފަރާތުން ޢާއިޝަތު ޙުސައިން މަނިކުއަށް ދައްކާ ޚަލާޞް ކޮށްފައިވާކަމަށް ބުނެ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އެގޮތަށް ނިންމާފައިވާކަން އެނގޭ ލިޔުން ހުށަހަޅާފައިވާކަމާއި، އެ ލިޔުމުން ދައުލަތުން ބުނެފައިވާގޮތަށް އެކަންކަން އެމަގުން ހިނގާ ނިމިފައިވާކަން އެނގެން އޮންނައިރު، އެ ކަންކަމާމެދު ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޢާއިޝަތު ޙުސައިން މަނިކު ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޅ. މާފިލާފުށިން ޢާއިޝަތު ޙުސައިން މަނިކުއަށް ލިބިފައި އޮތް 5000 އަކަފޫޓުގެ "ސީވޭވް" ގޯތީގައި ހަދާފައިވާ ޢިމާރާތަކީ، ފަތުރުވެރިންނަށް ބޭނުންކުރެވޭ ފެންވަރަށް ހަދާ ނިމިފައިވާ ޢިމާރާތެއް ކަމަށާއި، އެ ފެންވަރުގެ ގެއެއް ފަތުރުވެރިންނަށް ދޫކޮށްގެން މަދުވެގެން އަހަރެއްގެ މައްޗަށް މުޅި ޖުމްލަ ކުލި US$72,000 (ހަތްދިހަ ދެ ހާސް ޑޮލަރު (ގެ މަގުން، ވޭތުވެދިޔަ 70 އަހަރާއި 11 މަސް ދުވަހަށް ދިވެހި ފައިސާއިން -/400,789,8ރ. (އަށް މިލިއަން ހަތް ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ރުފިޔާ) ޖެހޭކަމަށާއި، އެއީ ޅ. މާފިލާފުށި "ސީވޭވް" ގޯތީގައި ހަދާފައިވާ ޢިމާރާތް އޭނާއަށް ބޭނުންކުރަން ލިބުނުނަމަ، ވޭތުވެދިޔަ 70 އަހަރާ 11 މަސްދުވަހަށް ޢާއިޝަތު ޙުސައިން މަނިކުއަށް ސާފު ފައިދާގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ އާމްދަނީ ކަމަށާއި، އެއީ ޅ. މާފިލާފުށްޓަކީ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، "ސީވޭވް" ގޯތީގައި ހަދާފައިވާ ޢިމާރާތް ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމަށްކަމަށް ބުނެ، އެ ޢަދަދަށް ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައުލަތުގެ ކިބައިން ފައިސާ ނަގައިދިނުމަށް އެދޭކަމަށް ޢާއިޝަތު ޙުސައިން މަނިކު ބުނެފައިވާއިރު،
ބަޔާންކުރެވުނު "ސީވޭވް" ނަމަކަށްކިޔާ ގޯތީގައި ޢާއިޝަތު ޙުސައިން މަނިކު ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ދައުލަތުން ދީފައިވާކަމާއި، އެކަމާބެހޭ ތަފުޞީލު އިސްވެ ބަޔާންކުރެވުނު ނުކުތާ 4 ގެ (ޅ) ގައި ބަޔާންކުރެވިފައި އެވަނީ ކަމާއި،
އަދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވޭވް" ނަކަމަށްކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގާ ކޮށްފައިވާ ޙުކުމުގެ އެ ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/298 ޤަޟިއްޔާގެ ޙުކުމުން ބާޠިލުކޮށްފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގެ އެ ބައި، މިހާރު ވުޖޫދުގައި އޮތްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނުބެލެވޭނެކަމާއި، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ ޙުކުމުން ބައެއް ވުޖޫދުގައިވާނަމަ، ވުޖޫދުގައިވާ ބަޔަކީ، ޅ. މާފިލާފުށީ "ސީވޭވް" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި އެންމެހައި ތަކެތީގެ މާލީ ބަދަލުގެ ގޮތުގައި ހޯދުމަށް ޢާއިޝަތު ޙުސައިން މަނިކު ދަޢުވާކުރި -/000,200,3ރ. (ތިން މިލިއަން ދެ ލައްކަ ރުފިޔާ) މިންކޮށްފައިވާ ގޮތުގެ ތަފްޞީލު ހުށަހަޅާފައިނުވާތީ، އެބަޔާ ބެހޭގޮތުން ޝަރީޢަތުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ކޮށްފައިވާ ޙުކުމްކަމާއި،
އެހެންކަމުން ޢާއިޝަތު ޙުސައިން މަނިކުގެ ދަޢުވާގައި ބަޔާންކުރާ މާލީ ބަދަލަކީ، ޅ. މާފިލާފުށި "ސީވިއު" ގޯތީގައިވާ ހަދާފައިވާ ޢިމާރާތް އޭނާއަށް ބޭނުންކުރަން ލިބުނުނަމަ، ވޭތުވެދިޔަ މުއްދަތުގައި ޢާއިޝަތު ޙުސައިން މަނިކުއަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ކަމުގައިވާއިރު، އެ ބަދަލަކީ މިހާތަނަށް ކަމާބެހޭ ދަށު ކޯޓަކުން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އޭގެ މައުޟޫޢު ބަލައި، ފައިޞަލާކުރަނިވި ޙުކުމް ކޮށްފައިވާ ދަޢުވާއެއް ނޫންކަން ހުށަހެޅިފައިވާ ޤަޟިއްޔާތަކުގެ ރިޕޯޓު ތަކުންނާއި، ދެ ފަރާތުގެ ބަހުން ސާފުކޮށް އެނގެން އޮތުމުން، އިސްތިއުނާފީ މައްސަލަތައް ބެލުމުގެ ހަމަތަކާއި އުޞޫލުތައް ނިޔާކުރާ ގޮތުގެމަތިން، ކަމާބެހޭ ކޯޓަކުން އެ މައުޟޫޢު ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ޢާއިޝަތު ޙުސައިން މަނިކު ހޯދުމަށް ދަޢުވާކޮށްފައިވާ މާލީ ބަދަލާ ބެހޭގޮތުން މި ޤަޟިއްޔާގައި ގޮތެއް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.
(ލ) އަށްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެތި ނޫންކަމަށާއި، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެމަތިން، އަދި އެކަމަށްޓަކައި ކޯޓަކުންކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށާއި، މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާއިރު،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ އެ ރަށް މިލިޓަރީ ބޭނުންތަކަށް ޚާއްޞަކުރުމަށްކަން އެނގެން އޮތުމުން، އެއީ ދައުލަތަށް ޢާންމުވެގެންވާ މަންފާއެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމުގައި ޤާނޫނީގޮތުން ޤަބޫލުކުރަންޖެހޭކަމާއި، އަދި މީހުން ދިރިއުޅެމުންދިޔަ ރަށެއް، އެއީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގެ ޤާނޫނީ ބާރުލިބިފައިވާ ފަރާތަކުން އެކަން އެގޮތަށް ކަނޑައަޅައި، އެ ރަށެއްގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކޮށް އެ މީހުންނަށް އަސާސީ ހިޔާވަހިކަން ފަހިކޮށްދީ، އެ މީހުންގެ މުދަލަށް ޝަރުޢީ ބަދަލުދީ މިފަދަ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ތަންފީޒުކޮށް ނިންމުމަށްޓަކައި ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ މަތިން، ވަކި އިންތިޒާމްތަކެއް ހަމަޖެހި، ތަރުތީބުތަކެއް ކުރެވެން ޖެހޭނެކަމީ ޤަބޫލުކުރެވޭ ހަމައެއްކަމާއި،
އެހެންކަމުން ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުން ގޮސްފައިވާ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައާއި، އެ ޢާއިލާތަކުގެ މިލްކިއްޔާތައް އެކަށީގެންވާ ޢަދުލުވެރި ބަދަލު ދިނުމަށްޓަކައި، ކެބިނެޓުގައި މަޝްވަރާކުރެވި އެކަން ތަންފީޒުކުރާނެ ހަމަތަކެއް ކަނޑައެޅިފައިވާ އުޞޫލެއް އެކުލަވާލެވި، އެ އުޞޫލާ އެއްގޮތަށް އެކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމާއި، އެގޮތުން އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު އެކި މަރުޙަލާތަކުގައި ދިމާވި ގޮންޖެހުންތަކާއި ފާހަގަކުރެވެމުންދިޔަ އެކިކަހަލަ ކަންކަމަށް ރިޢާޔަތްކޮށް، އަދި އެ މުއްދަތުގައި ސަރުކާރަށް އައިސްފައިވާ ބަދަލުތަކާވެސްއެކު، ކެބިނެޓުން ފާސްކޮށްފައިވާ، ކުރިން ބަޔާންކުރެވުނު އުޞޫލަށް އެކިފަހަރުމަތިން ބަދަލުތައް ކެބިނެޓު ލެވެލްގައި ގެނައުމާއެކު، ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން އެ މީހުން އެ ރަށުގައި ދިރިއުޅެމުންދިޔަ ބޯހިޔާވަހިކަން ފިޔަވައި ވަންނާނެ އިތުރު އަސާސީ ބޯހިޔާވަހިކަމެއް އެހެން ރަށަކުން ލިބިފައިނުވާ ޢާއިލާތަކަށާއި، އެ ޢާއިލާތަކުގައި ސްކޫލަށްދާ ކުޑަކުދިން ތިބި ޢާއިލާތަކަށް، އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެގޮތުން އެ އުޞޫލަށް އެކިފަހަރު މަތިން ގެނެސްފައިވާ ބަދަލުތަކާއެކު އެ އުޞޫލުން ފާހަގަކުރެވޭ މައިގަނޑު ކަންތައްތައް މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 (ބ) ގައި ބަޔާންކުރެވިފައި އެ ވަނީކަމާއި، އޭގެތެރެއިން މި މައްސަލައާ ގުޅުންހުރި ކަންކަމަށް ބަލާއިރު، ބަޔާންކުރެވުނު އުޞޫލުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ) ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭނެ މިންގަނޑަކާއި، އެފަދަ ޢާއިލާތަކަށް ބަދަލުދެވޭނެ މިންގަނޑަކާއި،
މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ފިޔަވައި އެހެން ސަރަހައްދަކުން ބިމުގެ ބަދަލުގައި ބިމެއް ދޫކުރެވޭނެ މިންގަނޑަކާއި، އެފަދަ ޢާއިލާތަކަށް ބަދަލުދެވޭނެ މިންގަނޑެއް ކަނޑައެޅިފައިވާ ކަމާއި،
އެގޮތުން މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން، ޅ. މާފިލާފުށީގައި ތިމާގެ ނަންމަތީގައި، ގެއެއް (ނިދުމާއި، ފެންވެރުމާއި، ކައްކައި ކައިބޮއިހެދުމާއި، ފާޚާނާކޮށް ހެދުންފަދަ ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި) ހުރުމާއެކު، މާލެ، ހުޅުމާލެ، ވިލިމާލޭގައި، ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބިންކޮޅެއް ނުވަތަ ފްލޯ އޭރިޔާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބޯހިޔާވަހިކަމެއް (ގެއެއް، ފްލެޓެއް، ރޯހައުސް އެއް) ނެތްނަމަ، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކުރާ ފްލެޓްތަކުން 3 ކޮޓަރީގެ ފްލެޓެއް އެ ޢާއިލާތަކަށް ހަމަޖައްސައި ދެވޭނެކަމަށް ބަޔާންކުރެވުނު އުޞޫލުގެ 3.1 އަދި 3.1.1 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އެފަދަ ޢާއިލާތަކުން ޅ. މާފިލާފުށިން ދޫކޮށްލި ރުއްގަހުގެ ބަދަލުގައާއި، ބަދަލުވާއިރު ތަކެތި އުފުލުމަށާއި، ބަދަލުވާއިރު، ކޮންމެހެން ބޭނުންވާ ހިފާގެންގުޅޭ ތަކެތި ހޯދުމަށް ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން -/000,50ރ. (ފަންސާސް ހާސް ރުފިޔާ) ދިނުމަށް، އެ އުޞޫލުގެ 4.1 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ) ހައުސިންގ ޔުނިޓެއް ހަމަޖައްސައިދިނުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެ ފަރާތަކުން ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން އާންމުކޮށް ދޫކުރާ ސައިޒުގެ ގޯއްޗެއް ހަމަޖައްސައި ދެވޭނެކަމަށް ބަޔާންކުރުމާއެކު، އެ ފަރާތެއްގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތާއި ރުއްގަހުގެ އަގުމަގުކޮށް، ޝަރުޢީ މަރުޙަލާއިން ފައިސާއިން ބަދަލު ދެވޭނެކަމަށް، އެ އުޞޫލުގެ 4.2 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު އުޞޫލުގައި ކަނޑައަޅާފައިވާ، މާލެ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައި ދެވޭނެ މިންގަނޑާއި، މާލެ ސަރައްހައްދު ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށަކުން ބިމެއް ހަމަޖައްސައި ދެވޭ މިންގަނޑުގައިވާ މައިގަނޑު ތަފާތެއްވާ ކަމާއި، އެއީ މާލޭ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައިދިނުމުގެ މިންގަނޑަށް ފެތޭ ފަރާތްތަކަށް، އެ ފަރާތްތަކުން ޅ. މާފިލާފުށީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލުގައި އެއްވެސް ފައިސާއެއް ލިބޭގޮތަށް ހަމަޖެހިފައިނުވުމާއި، މާލެ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައި ދިނުމުގެ މިންގަނޑަށް ނުފެތޭ ފަރާތަކަށް، އެ ފަރާތްތަކުން ޅ. މާފިލާފުށީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތް އަގުކޮށް، ޝަރުޢީ މަރުޙަލާއިން ފައިސާއިން ބަދަލު ދިނުމަށް ހަމަޖެހިފައިވުން ކަމާއި،އިސްވެ މި ބަޔާންކުރެވުނު އުޞޫލުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މި މައްސަލައިގައި މި ވާހަކަދެކެވޭ ޢާއިޝަތު ޙުސައިން މަނިކުގެ ޙާލަތާގުޅޭ ކަންކަމަށް ބަލާއިރު، ޢާއިޝަތު ޙުސައިން މަނިކުއަކީ މާލެއަށް ނިސްބަތްވާ ފަރާތެއް ކަމުގައިވިޔަސް، އަދި އޭނާގެ ނަމުގައި ޅ. މާފިލާފުށި "ސީވޭވް" ކިޔާގޯތީގައި ޢިމާރާތްކޮށްފައިވާ ގެއަކީ މި އުޞޫލުގައި ބުނާ ގެއެއްގެ ޝަރުޠުތައް ފުރިހަމަވާ ގެއެއް ކަމުގައިވިޔަސް، ޢާއިޝަތު ޙުސައިން މަނިކު ގެ ފިރިމީހާގެ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީވެފައި އޮންނާތީ އާއި، ޢާއިޝަތު ޙުސައިން މަނިކަށްވެސް މާލެއިން 500 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައިވާތީ، އެ އުޞޫލުގައި ބުނެފައިވާ މިންގަނޑުތަކުގެ ތެރެއިން 3.1.1 އަށް ބަލާއިރު، ޅ. މާފިލާފުށްޓަކީ މީހުން ނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުގެ ސަބަބުން އެ ރަށުން ޢާއިޝަތު ޙުސައިން މަނިކު ދޫކޮށްލަންޖެހުނު ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ބޯހިޔާވަހިކަމެއް ހަމަޖެއްސުމުގެ ޝަރުޠު ޢާއިޝަތު ޙުސައިން މަނިކުގެ ކިބައިގައި ފުރިހަމަވާކަމަށް ބެލެވެން ނެތްކަމާއި، ނަމަވެސް ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކަށް ދެވޭ ބަދަލުގެ ގޮތުގައި އެ އުޞޫލުގައި ކަނޑައަޅާފައިވާ ޢުމްރާނީ މަސައްކަތުގެ މާލީ ބަދަލު ލިބުމުގެ ޝަރުޠާއި، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި އޮތް "ސީވޭވް" ގޯތީގެ ބަދަލުގައި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ޢާއިޝަތު ޙުސައިން މަނިކު ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރަން ހަމަޖެހިފައިވާ ސައިޒުގެ ގޯއްޗެއް ލިބުމުގެ ޝަރުޠު، ޢާއިޝަތު ޙުސައިން މަނިކުގެ ކިބައިގައި ފުރިހަމަވާ ކަމާއި، އަދި މީގެ ތެރެއިން މާލީ ބަދަލުވަނީ ޢާއިޝަތު ޙުސައިން މަނިކުއަށް ދައުލަތުގެ ފަރާތުން ލިބިދީފައިކަން އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގެ 4 ގެ (ޅ) ގައި ބަޔާންކުރެވިފައި އެވަނީ ކަމާއި،
އެހެންކަމުން، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި އޮތް "ސީވޭވް" ގޯތީގެ ބަދަލުގައި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ޢާއިޝަތު ޙުސައިން މަނިކު ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރަން ހަމަޖެހިފައިވާ ސައިޒުގެ ގޯއްޗެއް ޢާއިޝަތު ޙުސައިން މަނިކު އަށް ޙައްޤުވާކަމާއި، ޅ. މާފިލާފުށި "ސީވޭވް" ގޯތީގެ ބިމުގެ ބަދަލުގައި ބިމެއް ހޯދުމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޢާއިޝަތު ޙުސައިން މަނިކު އެދެފިނަމަ، އެ އުޞޫލުގެ ދަށުން ޢާއިޝަތު ޙުސައިން މަނިކުއަށް ބިމެއް ހަމަޖައްސައިދޭނެކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެ އުޞޫލުގެ ދަށުން ބިމެއް ހަމަޖައްސައިދިނުމަށް އެދި، އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައި ނުވާނެ ކަމަށް ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(މ) ނުވަވަނަ ކަމަކީ: ދައުލަތުން ޙަވާލާދީފައިވާ އުޞޫލުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށަކުން ޢާއިޝަތު ޙުސައިން މަނިކު ބިމެއް ބޭނުން ނުވާކަމަށާއި، ޅ. މާފިލާފުށީ "ސީވިއު" ގޯއްޗަކީ އެ ރަށު ބީޗް ފްރަންޓުގެ ގޯއްޗަކަށްވާތީ، އެ ގޯތީގެ ބިމުގެ ބަދަލުގައި ޢާއިޝަތު ޙުސައިން މަނިކު ބޭނުންވަނީ ހަމައެކަނި ހުޅުމާލެ ބީޗް ފްރަންޓުން ބިމެއްކަމަށް ޢާއިޝަތު ޙުސައިން މަނިކު ބުނެފައިވާ ބުނުމަށް ވިސްނާ ބަލާއިރު، އުޞޫލުގެ އެއްވެސް ނަންބަރެއްގައި، އެއްވެސް ޙާލަތެއްގައި، އެއްވެސް ފަރާތަކަށް، ޅ. މާފިލާފުށީގައި އެ ފަރާތެއްގެ ނަމުގައި އޮތް ގޯތީގެ ބަދަލުގައި، ހުޅުމާލެއިން ބިން ދޫކުރާގޮތަށް ކަނޑައެޅިފައި ނުވާކަމާއި، އަދި ސަރުކާރުގެ ފަރާތުން އެ އުޞޫލުގެ ދަށުން ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް މާފިލާފުށީގައި އޮތް ގޯތީގެ ބަދަލުގައި ހުޅުމާލޭގެ ބިމުން ގޯއްޗެއް ދޫކޮށްފައިވާކަންވެސް އެނގެން ނެތްކަމާއި،
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، ޢާންމުވެގެންވާ މަންފާއަކަށްޓަކައި ދައުލަތަށް ނެގޭ މީހުންގެ މިލްކު ތަކެއްޗަށް ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެގެންވަނީ ޢަދުލުވެރި ބަދަލެއް ކަމާއި، އެހެންކަމުން މީހެއްގެ މިލްކު އެއްޗެއް ޢާންމުވެގެންވާ މަންފާއަކަށްޓަކައި ދައުލަތުން ނަގާނަމަ، އެ ނެގި އެއްޗަކާ އެއްފަދަ އެއްޗެއް، ނުވަތަ އެ އެއްޗަކަށް ޝަރީޢަތުން ކަނޑައަޅާ މާލީ ބަދަލެއް ދިނުމުން، އެއީ ޢަދުލުވެރި ބަދަލެއްކަމަށް ބެލެވޭނެ ކަމާއި، އެކިއެކި މާއްދީ ތަކެއްޗާއި ޚިދުމަތުގެ އަގު ކަނޑައެޅޭ ބީދައިން ބިމުގެ އަގަކީވެސް އެތަނެއްގެ(Supply and Demand) ޑިމާންޑު އަދި ސަޕްލައި އޮތްމިންވަރެއްގެ މައްޗަށް ބިނާކޮށް އަގު ކަނޑައެޅޭ އެއްޗެއް ކަމުގައިވާއިރު، ޅ. މާފިލާފުށީގެ ބީޗް ފްރަންޓުގެ ބިމާއި ހުޅުމާލޭގެ ބީޗް ފްރަންޓުގެ ބިމާއި މި ދެ ރަށުގެ ބިމަކީ (Equilibrium Price) އަގުގެ ގޮތުން އެއްވަރުގެ ދެ ބިންކަމުގައި ބެލުމަކީ ސަޕްލައި އަދި ޑިމާންޑްގެ އުޞޫލަށް ބަލާއިރު، ޢަދުލުވެރިގޮތެއް ކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަކަމެވެ.
(ފ) ދިހަވަނަ ކަމަކީ: ހިޔާވަހިކަމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނައޮތުމުން، ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަކީ، ދައުލަތުގެ ތަނަވަސްކަމާއި، ކެރިފޯރުންތެރިކަން ހުރި މިންވަރަކަށް ނިސްބަތްކޮށް ލާޒިމުވެފައިވާ މިންވަރެއްކަމަށް ނޫނީ ޤާނޫނީގޮތުން ނުބެލެވޭނެ ކަމާއި،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އޭރު އެ ރަށުގައި ދިރިއުޅެމުން އައި ފަރާތްތަކުން އެ ރަށުގައި ދިރިއުޅެމުން އައި ހިޔާވަހިކަން ފިޔަވައި އިތުރު އެއްވެސް ހިޔާވަހިކަމެއް އެހެން ރަށަކުން ލިބިފައިނެތް ޢާއިލާތަކުގެ ތެރެއިން، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އެ ފަރާތްތަކުގެ އަސާސީ ހިޔާވަހިކަން ގެއްލިގެން ގޮސްފައިވާ ޢާއިލާތަކަށް އިސްކަންދީ، އެފަދަ ޢާއިލާތަކަށް ޚާއްޞަ ރައްކާތެރިކަމެއް ވީއެންމެ އަވަހަކަށް ލިބޭގޮތަށް ސަރުކާރުގެ ފަރާތުން ކަންތައްތައް ރާވާ އިންތިޒާމުކޮށް ހަމަޖެއްސުމަކީ، އެއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ތަފާތުކުރުން ކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ނުބެލެވޭނެ ކަމާއި،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުގެ ސަބަބުން އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން، އެ މީހުންގެ އަސާސީ ހިޔާވަހިކަން ގެއްލިދިޔަ ޢާއިލާތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓެއް، ނުވަތަ އެ ޢާއިލާއެއް ނިސްބަތްވާ ރަށެއްގައި ސަރުކާރުން ހިންގާ ހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އަޅާ ޢިމާރާތަކުން ހިޔާވަހިކަމެއް ދިނުމަށް ދައުލަތުގެ ފަރާތުން އިސްކަން ދިނުމަކީ، މާލޭގައި ގޯތި ގެދޮރުގެ ތަނަވަސްކަންހުރެ، އިތުރު ހިޔާވަހިކަމެއްގެ ގޮތުގައި، ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމުގައި، ޅ. މާފިލާފުށީގައި ގެދޮރު ބިނާކޮށްގެން ތިބި ޢާއިލާތަކަށް ކަނޑައެޅިފައިވާ އުޞޫލުން ބޭރުން ޚާއްޞަ ގޮތްތަކެއް ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންޖެހޭ ސަބަބެއް ކަމަށްވެސް ނުބެލެވޭނެ ކަމާއި،
އެކަން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި، މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ، އެ މާއްދާގެ (ހ) ގައި ބުނެފައިވާ ތަފާތުކުރުން ކަމުގައި ނުބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ އަސާސަށް ބެލުމުން، އިތުރަށް ކަށަވަރުވެގެން ދާކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި ދައުލަތުން ކުޅަ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރަށްރަށަށް ބަދަލުކުރުމުގައާއި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތިގެދޮރަށް އޭގެ ޒާތުން ބަދަލު ދެއްވާފައިވާ ގޮތާ އެއްހަމަވާގޮތަށް، އެބީދައިން ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ. މާފިލާފުށީ "ސީވޭވް" ނަމަކަށްކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު2015/HC-A/298 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި، ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށީ "ސީވޭވް" ނަމަކަށްކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/298 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.