ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/73ސުޕްރީމް ކޯޓު · 13 އޮކްޓޫބަރު 2020 · މަދަނީ – ނިމިފައިވާ މައުޟޫޢެއްގައި އަލުން ދަޢުވާ ހުށަހެޅުން

ޢާއިޝަތު ޙުސައިން މަނިކު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 އޮކްޓޫބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން (2068/Cv-C/2018) ނިންމީ މިއީ ކުރިން ގޮތެއް ކަނޑައަޅާފައިވާ ދަޢުވާއެއް ކަމުން ކުރިއަށް ގެންދެވޭނެ ހަމައެއް ނެތް ކަމަށެވެ. ހައިކޯޓުގެ ރަޖިސްޓްރާރ އިސްތިއުނާފު ބަލައިނުގަތުމުން، ހައިކޯޓުގެ ފަނޑިޔާރުން (HC-RM/2019/81(NR)) ރަޖިސްޓްރާރގެ ނިންމުމަށް ބަދަލެއް ނުގެނައެވެ.
ވާޤިޢާ
ދައުލަތަށް ނަގާފައިވާ ގޯއްޗަކާއި އޭގައިވާ ޢިމާރާތްތަކުގެ ގެއްލުމުގެ ބަދަލު ކުރިން ދަޢުވާކޮށް ނުލިބުނު ކަމަށް ބުނެ، 8,637,310/-ރ. ހޯދައިދިނުމަށް އެދި ސިވިލް ކޯޓުގައި އަލުން ދަޢުވާ ހުށަހެޅިއެވެ. ކުރީގެ މައްސަލަ (1861/Cv-C/2014) އޭރު ސުޕްރީމް ކޯޓުގައި (2017/SC-A/30) ބަލަމުން ދިޔައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިން ދަޢުވާކުރެވި އިސްތިއުނާފީ ފަހު މަރުޙަލާގައި ބަލަމުންދިޔަ މައުޟޫޢެއްގައި އަލުން ހުށަހެޅި ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ކުރި ޙުކުމް ހައިކޯޓަށް އިސްތިއުނާފުކުރުމަށް ބަލައިނުގަތުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ކުރީގެ މައްސަލަތަކުން ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާތީ، ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދެ ދަޢުވާގެ ޞީޣާ ބިނާކުރެވިފައިވަނީ އެއް ސަބަބުތަކެއްގެ މައްޗަށް ކަމާއި، ހަމައެކަނި ތަފާތަކީ އެދުނު ޢަދަދު ކަމާއި، އެ ޢަދަދާމެދު 2017/SC-A/30 ގައި ގޮތެއް ކަނޑައެޅިފައިވާ ކަމެވެ. ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ސަބަބެއް ހުށަހަޅާފައި ނުވާތީ ރަޖިސްޓްރާރގެ ނިންމުން ރަނގަޅެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2019/81(NR)
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން ޤާއިމް؛ އިސްތިއުނާފު ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުމަށް ބަދަލެއް ނުގެނެވޭ

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދެ މައްސަލައިގެ ދަޢުވާގެ ޞީޣާތަކަކީ އެއް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޞީޣާތަކެއް ކަމަށްވެފައި، ދެ ޤަޟިއްޔާގެ ހަމައެކަނި ތަފާތަކީ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ ޢަދަދު ކަމަށްވާއިރު، އެ ޢަދަދާމެދު ސުޕްރީމް ކޯޓުގައި ގޮތެއް ކަނޑައަޅާ ޙުކުމްކޮށްފައިވާނަމަ، މި ދެ ޤަޟިއްޔާގެ މައުޟޫއަކީ އެއް މައުޟޫއެއް ކަމާއި، ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ސަބަބުތަކެއް ކަމަށް ބެލެވެއެވެ.

ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، އިސްތިއުނާފުކުރުމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްނަމަ، އިސްތިއުނާފު ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • 2017/SC-A/30 (ސުޕްރީމް ކޯޓު)
  • 2015/HC-A/298 (ހައިކޯޓު)
  • 1861/Cv-C/2014 (ސިވިލް ކޯޓު)
  • 399/Cv-C/2017 (ސިވިލް ކޯޓު)

ފަނޑިޔާރުން

ބެންޗު
އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

[…] ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ[…]5000 އަކަފޫޓުގެ ގޯތި، 04 އެޕްރީލް 2011 ގައި ދައުލަތަށް ނަގާފައިވާތީ، އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއާއި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ދަޢުވާކޮށްފައި ވީނަމަވެސް، ދައުލަތުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާތީ، […]ގޯއްޗާއި، ގޯތީގައިވާ ޢިމާރާތްތަކާއި މުދަލުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލަ -/8,637,310ރ. (އަށްމިލިޔަން ހަލައްކަ ތިރީސްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ސިވިލް ކޯޓުގެ ނަންބަރު2068/Cv-C/2018 ޤަޟިއްޔާއިން މައްސަލަ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓުން ނިންމަވާފައިވަނީ، […] ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/305 ޤަޟިއްޔާއިންނާއި، ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ގޮތެއް ކަނޑައަޅާފައިވާ ދަޢުވާއެއްކަމުގައިވާތީ، ދަޢުވާކުރާ ޢާއިޝަތު މަނިކުގެ މި ދަޢުވާ ހުށަހަޅާފައިވާ މައުޟޫޢުގައި ކުރިއަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައެވެ.

ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ޤާނޫނާ ޚިލާފުވާ ސަބަބެއް ކަމަށް ޢާއިޝަތު ޙުސައިން މަނިކު ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ސަބަބަކީ، ޅ. މާފިލާފުށި "ސީވޭވް" ގޯތި ދައުލަތަށް ނަގާފައިވާތީ އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ޢާއިޝަތު ޙުސައިން މަނިކަށް ލިބުނު ގެއްލުމުގެ ބަދަލު ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 އަދި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިންވެސް ނަގައިދީފައި ނުވާކަމަށް ބުނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 8,637,310/-ރ (އަށްމިލިއަން ހަލައްކަ ތިރީސް ހަތްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ހުށަހެޅި މައްސަލައަކީ އެ މައުޟޫޢުގައި ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައި، ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު، ޢާއިޝަތު ޙުސައިންގެ މަނިކުގެ ދަޢުވާގައިވާ މައްސަލައާމެދުވެސް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް ޤަބޫލުކުރެވޭ މައްސަލައަކަށްވާތީ، މި ދަޢުވާ ހުށަހަޅާފައިވާ މައުޟޫޢުގައި މި މައްސަލަ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

އެއް މައުޟޫޢެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއްކަން:

ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގެ ޞީޣާ ބިނާކޮށްފައިވާ ސަބަބަކީ، […] ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […]5000 އަކަފޫޓުގެ ގޯތި، 04 އެޕްރީލް 2011 ގައި ދައުލަތަށް ނަގާފައިވާތީ، އެ ގޯތި ބޭނުންކުރަން ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއާއި ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ދަޢުވާކޮށްފައި ވީނަމަވެސް، ދައުލަތުގެ ފަރާތުން ގެއްލުމުގެ ބަދަލު ނަގައިދީފައި ނުވާތީ، […]ގޯއްޗާއި، ގޯތީގައިވާ ޢިމާރާތްތަކާއި މުދަލުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުޖުމްލަ -/8,637,310ރ. (އަށްމިލިޔަން ހަލައްކަ ތިރީސްހާސް ތިންސަތޭކަ ދިހަ ރުފިޔާ) ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދި ހުށަހެޅި ސަބަބެވެ.

ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގެ ޞީޣާ ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، […] ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […]5000 އަކަފޫޓު ބަންޑާރަ ގޯތީގައި، 2 ބުރީގެ ޢިމާރާތެއްކޮށް ވަށާފާރު ރާނައި، އެ ތަނުގައި ދިރިއުޅެމުން ދަނިކޮށް، 2011 ވަނަ އަހަރު ސަރުކާރުން ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި، ޅ. މާފިލާފުށީގައި ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސީވޭވް އެވެކިޔާ ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލު ދީފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބުކަން އެނގެން އޮވެއެވެ.

ބަޔާންވެދިޔަ ދެ މައްސަލައިގެ ދަޢުވާގެ ޞީޣާތަކަށް ބަލާއިރު، އެ ޞީޣާތަކަކީ، އެއް ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޞީޣާތަކެއްކަން ސާފުކޮށް އެނގެއެވެ.

ދެވަނަ ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުން:

ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ އެ ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 20 އޮގަސްޓް 2015 ގައެވެ. އަދި އެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ 25 ޖަނަވަރީ 2017 ގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކުރުމުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލާފައިވަނީ ނަންބަރު 2017/SC-A/30 ޤަޟިއްޔާއިންނެވެ.

ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތު (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ މައްޗަށް އަމުރުކޮށްދިނުން އެދި، […] ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވަނީ 30 މާރިޗު 2017 ގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވަނީ 25 އޮކްޓޫބަރު 2017 ގައެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު1681/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު1861/Cv-C/2014 ޤަޟިއްޔާގައި، […] ޢާއިޝަތު ޙުސައިން މަނިކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ […]ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މި ޤަޟިއްޔާ ސުޕްރީމް ކޯޓުން ނިންމާފައިވަނީ 07 އޮކްޓޫބަރު 2019 ގައެވެ.

މިހެންކަމުން، 07 މޭ 2018 ގައި ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ ސިވިލް ކޯޓަށް ހުށަހެޅުނު އިރު، ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދައުލަތުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާގެ އިސްތިއުނާފީ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/298 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި އެ މައްސަލައަކީ އެ ވަގުތު ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްކަން އެނގެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1861/Cv-C/2014 ޤަޟިއްޔާ އާއި 2068/Cv-C/2018 ޤަޟިއްޔާގެ ހަމައެކަނި ތަފާތަކީ ދެ ޤަޟިއްޔާގައި ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދި ޢާއިޝަތު ޙުސައިން މަނިކު ހުށަހަޅާފައިވާ ޢަދަދުކަން އެނގެއެވެ. ނަމަވެސް މި ޢަދަދާމެދު ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާ ޙުކުމްކޮށްފައިވެއެވެ.

ބަދަލު ދިނުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުން:

ސިވިލް ކޯޓުގެ ނަންބަރު 399/Cv-C/2017 ޤަޟިއްޔާއިން ޢާއިޝަތު ޙުސައިން މަނިކަށް ބަދަލު ދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ޢާއިޝަތު ޙުސައިން މަނިކުގެ މައްޗަށް ހުށަހެޅި މައްސަލައިގައި، އެ ދަޢުވާގައި ހިމެނޭ ތަކެތީގެ އަގާމެދު ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ، ޝަރުޢީ އަގު ކޮމެޓީއިން ދަޢުވާފައި ހިމެނޭ ތަކެތީގެ އަގު ކަމުގައި ކަނޑައަޅާފައިވާ 343,552/-ރ (ތިންލައްކަ ސާޅީސް ތިންހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) ޢާއިޝަތު ޙުސައިން މަނިކަށް ދިނުމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/30 ވަނަ ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ދިޔައިރު، ދެންނެވުނު ފައިސާ ޢާއިޝަތު ޙުސައިން މަނިކަށް ދައުލަތުގެ ފަރާތުން ދައްކާ ޚަލާސް ކޮށްފައިވާ ކަމަށް ޢާއިޝަތު ޙުސައިން މަނިކު އިއުތިރާފު ވެފައިވެއެވެ.

މިހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ އެ ކޯޓަށް ހުށަހަޅާފައިވަނީ، އިސްތިއުނާފު ކުރުމުގެ ފަހު މަރުޙަލާއިން އެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރީގައިކަން ބަޔާންވެދިޔަ ނުކުތާތަކަށް ބެލުމުން އެނގެން އޮވެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 އާއި ނަންބަރު 1861/Cv-C/2014 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދެ މައްސަލައިގެ ދަޢުވާގެ ޞީޣާއަށް ބަލާއިރު، މި ދެ ޤަޟިއްޔާގެ މައުޟޫއަކީ އެއް މައުޟޫއެއްކަމާއި އަދި މި ދެ ޤަޟިއްޔާގެ ދަޢުވާ ބިނާކުރެވިފައިވާ ސަބަބުތަކަކީ އެއް ސަބަބުތަކެއްކަން އެނގެއެވެ.

މަތީގައި ބަޔާންކުރެވި ދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އެދި ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތްކަމަށާއި، އެ ސަބަބަށްޓަކައި ޢާއިޝަތު ޙުސައިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ރަނގަޅަށްކަމަށް ޤަބޫލުކުރެވެއެވެ.

ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2068/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް […] ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދު26 ޞަފަރު 144213 އޮކްޓޯބަރ 2020

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ