—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2017/SC-A/29
ދަޢުވާކުރާ ފަރާތް: ޙަސަން ޒާހިރު
ދަޢުވާ ލިބޭ ފަރާތް: ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
މައްސަލައިގެ ބާވަތް: ޙައްޤު ހޯދުން
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 15 މާރިޗު 2017
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 އޮކްޓޫބަރު 2017
ނިމުނު ތާރީޚް: 07 އޮކްޓޫބަރު 2019
މައްސަލަ ނިންމި ގަޑި: 14:35
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
އިލްތިމާސްކުރެވުނު ޤަޟިއްޔާ
ނަންބަރު: 2015/HC-A/257
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޖުލައި 2015
ނިމުނު ތާރީޚް: 24 ޖަނަވަރީ 2017
މައްސަލައިގެ ޚުލާޞާ:
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ، އެ ކޯޓުން ބަލައި ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތު(މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ މައްޗަށް އަމުރުކޮށްދިނުން އެދި، ޙަސަން ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާ ރައްދުވާ ފަރާތަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އެވެ.
އަދި ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތަކީ، ޙަސަން ޒާހިރު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޙަސަން ޒާހިރުގެ ފަރާތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އެ ޤަޟިއްޔާގައި ޙަސަން ޒާހިރު ކޮށްފައިވާ ދަޢުވާއަކީ، 1995 ވަނަ އަހަރު، ޙަސަން ޒާހިރު އަށް ޅ. މާފިލާފުށިން ދޫކޮށްފައިވާ "ސީވިއު" ނަމަކަށްކިޔާ (ރަޖިސްޓްރީ ނަންބަރު 04/2000) 5000 އަކަފޫޓުގެ ބަންޑާރަ ގޯތީގައި، ޢިމާރާތްކޮށް ވަށާފާރު ރާނާ، ޢިމާރާތާއި ގޯތި ތެރޭގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ޤާއިމުކޮށްފައި ވަނިކޮށް، 2011 ވަނަ އަހަރު ސަރުކާރުން ޅ. މާފިލާފުށްޓަކީ މީހުންދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖައްސައި، ޅ. މާފިލާފުށީގައި ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސީވިއު" ނަމަކަށްކިޔާ ބަންޑާރަ ގޯއްޗާއި ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލުނުދީ، މިލިޓަރީ ޙަރަކާތްތަކަށް އެރަށް އެމް.އެން.ޑީ.އެފްގެ ބޭނުންތަކަށް ދީފައިވާތީ، ޅ. މާފިލާފުށިން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައިވާ "ސީވިއު" ނަމަކަށްކިޔާ ގޯއްޗާއި ޢިމާރާތްތަކަށް އޭގެ ޒާތުން ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެ ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ޙަސަން ޒާހިރު ހުށަހަޅާފައިވާ ފޯމަށާއި، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެދިޔަ ފާހަގަކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ބަޔާންތަކާއި، ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، 1995 ވަނަ އަހަރުގެ މާރޗް 25 ވަނަ ދުވަހު، ދަޢުވާކުރާ ޙަސަން ޒާހިރު ދިރިއުޅުމަށްޓަކައި، ޅ. މާފިލާފުށިން 5000 އަކަފޫޓުގެ ގޯއްޗެއް ސަރުކާރުން ޙަސަން ޒާހިރުއަށް ދޫކޮށްފައިވާކަމާއި، ގޯތި ޙަވާލުކުރުމުގެ އިޤުރާރުގައިވާ ގޮތުގެމަތީން، މި ގޯތީގެ ވަށާފާރު ރޭނުމުން، މި ގޯތި ޅ. މާފިލާފުށި "ސީވިއު" މި ނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި، މި ގޯއްޗާއި ޢިމާރާތްތައް، ޙަސަން ޒާހިރުގެ ނަމުގައި 04/2000 (18 މާރިޗު 2000)، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ، މާފިލާފުށި ޕްރޮޖެކްޓް އޮފީހުން ހައްދަވާ ދެއްވާފައިވާ ކަމާއި،
މާފިލާފުށި ޕްރޮޖެކްޓް އޮފީހުން، ޙަސަން ޒާހިރުގެ ނަމުގައި މި ގޯތި ރަޖިސްޓްރީ ކޮށްދެއްވުމުން، ޙަސަން ޒާހިރުގެ އަމިއްލަ ޚަރަދުގައި މި ގޯތީގައި 02 (ދޭއް) ބުރީގެ ޢިމާރާތެއް ކޮންކްރީޓްކޮށްގެން ހަދައި ނިންމައި، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް، ޢިމާރާތާއި ގޯތީގައި ޤާއިމުކުރުމަށްފަހު، ޙަސަން ޒާހިރު އާއި، ޙަސަން ޒާހިރުގެ ޢާއިލާ މި ގޯތީގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުން ގެންގޮސްފައިވާކަން، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަކަމާއި،
ޅ. މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި 05 އެޕްރީލް 2011 ވަނަ ދުވަހު ސަރުކާރުން ހަމަޖައްސަވައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލު ކުރުމުގައި، އެ ޢާއިލާތަކުން ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢިމާރާތާއި ގޯތީގެ ބަދަލުގައި، އެ ޢާއިލާތައް ނިޞްބަތްވާ ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 34 ޢާއިލާއަކަށް ފްލެޓާއި ރޯހައުސް ފަދަ ބޯހިޔާވަހިކަން ދައުލަތުގެ ފަރާތުން ދެއްވާފައިވާ ކަމާއި، މިގޮތުން ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން 19 ޢާއިލާއަކަށް ހުޅުމާލެއިން ފްލެޓް ދެއްވާފައިވާކަމާއި، އަދި މީގެއިތުރުން ޅ. މާފިލާފުށީގައި ހުރި މި ޢާއިލާތަކުގެ ރުއްގަހުގެ ބަދަލުގެ ގޮތުގައާއި، ޢިނާޔަތެއްގެ ގޮތުގައި ބަދަލު ދެވުނު ކޮންމެ ޢާއިލާއަކަށް 50,000/- (ފަންސާސްހާސް ރުފިޔާ) ދިވެހި ދައުލަތުގެ ފަރާތުން ދެއްވާފައި އޮންނަކަން އެނގެން އޮތުމާއި، ދަޢުވާކުރާ، ޙަސަން ޒާހިރު އަކީވެސް ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން މާލެއަށް ނިޞްބަތްވާ ފަރާތެއްކަމާއި، ނަމަވެސް ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ ގޯއްޗާއި، މި ގޯތީގައިވާ ޢިމާރާތް ނުވަތަ ނުއުފުލޭ މުދަލަށް އޭގެ ޒާތުން ޢަދުލުވެރި ބަދަލެއް ދެއްވާފައި ނުވާކަމާއި،
ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައި ހުރި ރަށްރަށަށް ބަދަލުކޮށް، ޅ. މާފިލާފުށްޓަކީ ފަޅުރަށެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސަވާފައި އޮތް އޮތުމަކީ، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ގޯތިތަކާއި، ދަނޑުފަގު ބިންތައް ދައުލަތަށް ނެގެވިގެންވާ ގޮތުގައި ޝާމިލްވެގެން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ.މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ މި ގޯތި ދައުލަތަށް ނެގެވިގެންވާ ޢަމަލަކަށްވާތީ، މީހުންގެ މިލްކު އެއްޗެތި ދައުލަތަށް ބޭނުންވެގެން ހިފެވި ނެގެވޭނީ ޢަދުލުވެރި ބަދަލު ދިނުމަށްފަހު ނުވަތަ އަގެއް ކިއުއްވައި އެ އަގު ދިނުމަށްފަހުގައިކަން، 07 އޮގަސްޓު 2008 ގައި ޢަމަލުކުރަން ފެށިގެން އަންނަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި، އަދި ޤާނޫނު ނަންބަރު 68/4ޖ. (ޢާންމު ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނާތީ، ޅ. މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި 05 އެޕްރީލް 2011 ވަނަ ދުވަހު ސަރުކާރުން ހަމަޖައްސައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި ބަދަލުދެއްވި ބީދައިން، ޅ. މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ ގޯއްޗާއި ޢިމާރާތުގެ ބަދަލެއްގެ ގޮތުގައި ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޙަސަން ޒާހިރަށް ލިބިދޭންޖެހޭކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރަށްރަށަށް ބަދަލު ކުރުމުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލު ކުރުމުގައި ގޯތި ގެދޮރަށް އޭގެ ޒާތުން ބަދަލުދެއްވާފައިވާ ގޮތާއި އެއްހަމަވެގެންވާ ގޮތަށް، އެބީދައިން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 07 މި ދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ޙަސަން ޒާހިރުއާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގައި،
މި ދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލުގެ މިންވަރު، ދަޢުވާކުރާ ފަރާތުން މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތުން މިޝަރީޢަތަށް ހުށަހަޅާފައި ނުވާތީވެ، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ މާލީ ބަދަލާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެ ޤަޟިއްޔާއަކީ، އިސްވެ މި ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށް ބުނެ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުން އެ ޤަޟިއްޔާ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިޞްބަތްވާ ސަރަހައްދުތަކުގައިވާ ރަށްރަށަށް ބަދަލުކުރުމުގައި، މާލެއަށް ނިޞްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތި ގެދޮރަށް އޭގެ ޛާތުން ބަދަލު ދެއްވާފައިވާ ގޮތާ އެއްހަމަ ވެގެންވާ ގޮތަށް، އެބީދައިން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މެއި 07 މި ދުވަހުން ފެށިގެން 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ޙަސަން ޒާހިރުއާއި ޙަވާލުކުރުމަށް ދިވެހި ސަރުކާރަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބަޔަށް ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް، އެ ގޮތުގެމަތިން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޙުކުމް ބިނާވެގެންވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފުވާ ގޮތަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރި ޙަސަން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ސަބަބުތައް، ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
3.1- ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގައި ބަދަލު ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ސާފުނުވާ ބައެއް ނުކުތާތައް ހުރުމުގެ ސަބަބުން އިސްތިއުނާފު ކުރުމަށް އެދި ޙަސަން ޒާހިރުގެ ފަރާތުން ހުށަހެޅި ފޯމުގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާތަކުން އެކަން އެނގެން ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޤަވާޢިދު 2011 ގެ 27 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާރގެ މަސްއޫލިއްޔަތާއި ޙަވާލުވެހުރި ފަރާތުން ނިންމައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2015/306 (16 ޖޫން 2015) ގެ ލިޔުން ޙަސަން ޒާހިރު އަށް ދޫކޮށްފައިވާއިރު، ދައުލަތް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަމަ ސިވިލް ކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއިން މައްސަލައިގެ ޝަރީޢަތް ކުރިޔަށް ގެންގޮސް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާއިން ޙަސަން ޒާހިރުއަށް ހުޅުމާލޭގެ ބިމުން ގޯއްޗެއް ދިނުމަށް އިސްކަންދީ ކުރި ޙުކުމުގެ ހަމައެކަނި އެ ބަޔަށް ބަދަލު ގެންނަންޖެހޭކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރައްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
3.2- ޅ. މާފިލާފުށި ފަޅުރަށެއްގެ ގޮތުގައި ދައުލަތުން ހަމަޖައްސަވައި، ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން 20 ޢާއިލާއަކަށް މިހާތަނަށް ހުޅުމާލެއިން ފުލެޓް ދެއްވާފައިވަނީ އެ ޢާއިލާތައް އެގޮތަށް ސަރުކާރުގައި އެދި އެއްބަސްވެގެން ކަމަށާއި، އަދި ޅ. މާފިލާފުށީގައި ހުރި މި ޢާއިލާތަކުގެ ރުއްގަހުގެ ބަދަލުގައާއި، ޢިނާޔާތެއްގެ ގޮތުގައި ކޮންމެ ޢާއިލާއަކަށް -/000,50ރ. (ފަންސާސްހާސް ރުފިޔާ) ދީ، އަދި ގޯތި ޙަވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ގެދޮރު އެޅެންދެން އެފަރާތްތައް ނިސްބަތްވާ ރަށުން ދެ ކޮޓަރީގެ ތަންތަން މަހަކު 6,000/-ރ. (ހަހާސް ރުފިޔާ) އަށް ދައުލަތުން ކުއްޔަށް ހިފައި، މިއަދާ ހަމައަށްވެސް މި ތަންތަނުގައި މި ފަރާތްތައް ބައިތިއްބާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
3.3- ޙަސަން ޒާހިރުގެ މިލްކު އެއްޗެތި ސަރުކާރަށް ނަގާފައިވަނީ 04 އެޕްރީލް 2011 ވަނަ ދުވަހު ކަމަށާއި، ބަދަލު ކަންތައް ހަމަނުޖެހި 60 (ހައެއް) އަހަރު ފާއިތުވެގެން ދިޔައިރުވެސް މި ބަދަލުގެ ކަންތައް ސަރުކާރުން ހަމަނުޖައްސާ އޮތް އޮތުމަކީ ޤާނޫނުތަކާއި ކަނޑައެޅިގެން ސަރުކާރުން ޚިލާފުވެފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާއިން ސާބިތުވެފައިވާކަމަށާއި، ޅ. މާފިލާފުށީގައި ދިރިއުޅެމުން ގެންދިޔަ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފަރާތްތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ވަޒީރުންގެ މަޖިލީހުން އެކިފަހަރު އެކިގޮތްގޮތަށް ފާސްކޮށްފައިވާކަމަށާއި، ދައުލަތުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 68/4 ޖ. (އާއްމު ޤާނޫނު ތަކެއް) ގެ 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
3.4- މާލޭ ސަރަހައްދަށް ނިސްބަތްވާ އިބްރާހީމް ނާޒިމަށް، މ. މާކަރީ އުތުރުބައި 1000 އަކަފޫޓުގެ ބިން ބަހައިގެން އިބްރާހީމް ނާޒިމަށް ލިބިފައިވާ 500 އަކަފޫޓް ހަމަވާ ބިމެއް، މާލޭ މުނިސިޕަލްޓީން ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަންބަރު ބ. 15578 ގެ (ކޮށީ ނަންބަރު 314) މަޖީދީމަގު މާފަންނުން އިބްރާހީމް ނާޒިމްއަށް ލިބިފައިވާކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ބުނެވިދިޔަ ލިޔުންތަކުން އެނގި ސާބިތުވާއިރު އިބްރާހީމް ނާޒިމްއަށް ހުޅުމާލެއިން 03 (ތިނެއް) ކޮޓަރީގެ ފުލެޓް، ދައުލަތުން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޙަވާލުކޮށްފައިވާ ހަމަތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާއިން ޙަސަން ޒާހިރަށް ހުޅުމާލޭގެ ބިމުން ގޯއްޗެއް ދިނުމަށް އިސްކަންދީ ކޮށްފައިވާ ޙުކުމަކީ ސައްޙަ ޙުކުމެއް ކަމަށާއި، އަދި އެ ޙުކުމާމެދު އެއްވެސް ޝައްކެއް ސުވާލެއް އުފެދޭނެތަނެއް ނެތްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުންތަކުގައި އިބްރާހީމް ނާޒިމް އަށް މ. މާކަރީ އުތުރުބައި ބަހައިގެން ލިބިފައިވާ ބައިގެ ބޮޑުމިން 500 އަކަފޫޓު ހަމަނުވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާތީ މި ދޮގު މަޢުލޫމާތުގެ މައްޗަށް ބުރަވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގައި ކުރި ޙުކުމުގެ ޞައްޙަކަން ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
3.5- ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި، ތަކެތީގެ ޝަރުޢީ އަގެއް ކަނޑައަޅަން ޖެހިއްޖެ ޙާލަތުގައި ޢަމަލުކުރަންޖެހޭނެގޮތް، ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރެވިފައިވަނިކޮށް، މިކަން ދައުލަތުން ނުކުރައްވައި 60 އަހަރު ދުވަސް ފާއިތުވެ ގޮސްފައިވާކަމަށާއި، ޙަސަން ޒާހިރުގެ މިލްކު އެއްޗެތީގެ މާލީ އަގުގެ ގޮތުގައި ސިވިލް ކޯޓުގެ ޝަރުޢީ މަރުޙަލާތަކުގައި ހުށަހަޅާފައިވާ .00000,700,12ރ. (ބާރަ މިލިޔަން ހަތްލައްކަ ރުފިޔާ) އަށް ދައުލަތުން އިންކާރުކޮށްފައި ނުވާކަމާއި، އަދި ޝަރުޢީ މަރުޙަލާގެ ތެރެއިން މާލީ ބަދަލުގެ މިންވަރު މިންކޮށްފައިވާ ގޮތުގެ ތަފްޞީލު ޝަރީޢަތަށް ބޭނުންވާކަމަށް ދަޢުވާލިބޭ ފަރާތުން އެންމެ ފަހަރަކުވެސް ޝަރީޢަތުގެ އަޑުއެހުމުގައި އެދިފައިނުވާކަމީ ޙަސަން ޒާހިރު މާލީ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޝަރީޢަތުގައި އެދިފައިވާ ޢަދަދާއިމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ކޮށްފައިނުވާކަމުގެ ހެއްކެއްކަމުގައިވީއިރު، ޙަސަން ޒާހިރު އެދިފައިވާ މާލީ ބަދަލުގެ މިންވަރާމެދު އެއްވެސްގޮތެއް ކަނޑަނޭޅި ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، މި ޤަޟިއްޔާ އިލްތިމާސްކުރިޙަސަން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ މި ޤަޟިއްޔާއާ ގުޅުންހުރި އެންމެހައި ލިޔުންތަކަށާއި، ކަމާގުޅުންހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ޙަސަން ޒާހިރުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި އޭނާ އެދިފައިވާ ކަންކަމަކީ؛ (1) ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ ގޯތީގައި، ޙަސަން ޒާހިރު ކޮށްފައިވާ ޢިމާރާތާއި، އެ ގޯތީގައި އޭނާ ޤާއިމްކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި، އެ ތަން އިތުރަށް ތަރައްޤީކުރަން ގެންގޮސް ގުދަންކޮށްފައިވާ ތަކެތީގެ މާލީ ބަދަލުގެ ގޮތުގައި -/.00000,700,12ރ. (ބާރަމިލިއަން ހަތްލައްކަ ރުފިޔާ) ޝަރީޢަތް މެދުވެރިވެ ދައުލަތުގެ ކިބައިން ނަގައިދިނުމަށާއި،
(2) ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ 5000 އަކަފޫޓުގެ ގޯތީގެ ބިމުގެ ބަދަލުގައި، ހުޅުމާލެ ނުވަތަ މާލެ އިން ބިމެއް ދިނުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށްކަން، އެ ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ޙަސަން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށާއި، އޭނާގެ ފަރާތުން އެ ޤަޟިއްޔާގައި ހުށަހަޅާފައިވާ ބަޔާންތަކަށާއި، އެ ޤަޟިއްޔާގައި ޝަރީޢަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
ޙަސަން ޒާހިރުގެ ފަރާތުން އެދިފައިވާ މި ދެ ކަމުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމަށް ބެލިއިރު، އެ ޙުކުމުގައި، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، 2015 މޭ 07 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) މަސް ދުވަހުގެ ތެރޭގައި ޙަސަން ޒާހިރުއާ ޙަވާލުކުރުމަށް ދައުލަތުގެ މައްޗަށް އަންގައި އަމުރު ކޮށްފައިވާކަމާއި،
އަދި މީގެ އިތުރުން، މާލީ ބަދަލުގެ ގޮތުގައި ޙަސަން ޒާހިރުގެ ފަރާތުން ހޯދުމަށް ދަޢުވާކޮށްފައިވާ -/000,700,12ރ. (ބާރަމިލިއަން ހަތްލައްކަ ރުފިޔާ) އާއި ގުޅޭގޮތުން، އެ ބަދަލުގެ މިންވަރު، މިންކޮށްފައިވާ ގޮތުގެ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށް ބަޔާންކޮށް، އެ ސަބަބަށްޓަކައި ޙަސަން ޒާހިރު އެދިފައިވާ މާލީ ބަދަލާމެދު އެ ޤަޟިއްޔާގައި ޝަރީޢަތުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ޙުކުމް ކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އިސްވެ މި ބަޔާންކުރެވުނު ގޮތުގެމަތިން ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ޙުކުމްކޮށް ނިމުމުން، އެ ޤަޟިއްޔާގައި ޙަސަން ޒާހިރުގެ މަޞްލަޙަތާ ޚިލާފަށް ޙުކުމް ކޮށްފައިވާ ބައިކަމުގައިވާ، މާލީ ބަދަލާ ބެހޭގޮތުން ޙުކުމްކޮށް ނިންމިގޮތާމެދު ހިތްހަމަ ނުޖެހިގެން، ޙަސަން ޒާހިރުގެ ފަރާތުން އެ ޙުކުމުގެ އެ ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ކަމާއި، އެ ހުށަހެޅުމާމެދު ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމުގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙަސަން ޒާހިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ، ސިވިލް ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުން، އެކަން އެނގެން ނެތްކަމަށް ބަޔާންކޮށް، އެ ފޯމް ބަލައި ނުގަތުމަށް ނިންމާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2015/306 "ރަޖިސްޓްރާރގެ ނިންމުން" (16 ޖޫން 2015) އިން ޙަސަން ޒާހިރު އަށް އަންގާފައިވާކަން އެނގެން އޮންނަ އޮތުމަށް ބަލާއިރު، ހައިކޯޓު ޤަވާޢިދު (2011) ގެ 15 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި، ހައިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ އެ ޤަވާޢިދާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ އެ ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެފަދައިން ބަލާބެލުމުގައި، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ އެ ޤަވާޢިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް އިޞްލާޙު ކުރުމަށް އެންގުމުގެ ނުވަތަ އެމައްސަލައެއް ބަލައިނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރާރ އަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމާއި، އަދި އެ ޤަވާޢިދުގެ 17 ވަނަ މާއްދާގެ (ހ) ގައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އިންނާއި އެ ޤަވާޢިދުން ބާރު ލިބިގެން ރަޖިސްޓްރާރ ކުރާ އެއްވެސް ކަމަކާއި މެދު ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމެއް ނުވަތަ އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ ނިންމުމަކާ ގުޅުންހުރި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައި ވާއިރު، ޙަސަން ޒާހިރުގެ ފަރާތުން ފާހަގަކޮށްފައިވާ ހައިކޯޓުގެ ރަޖިސްޓްރާރގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދު (2011) ގެ 17 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުމަތިން، މުރާޖަޢާކޮށްދިނުން އެދި ޙަސަން ޒާހިރުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހަޅާފައި ނުވާކަމާއި، އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ އިސްވެ ބަޔާންކުރެވުނު ނިންމުމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި އިތުރަށް ބަލާނެ ކަމެއް ނެތްކަމާއި،
އަދި ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ދައުލަތުގެ މަޞްލަޙަތާ ޚިލާފަށް ޙުކުމް ކޮށްފައިވާ ބައިކަމުގައިވާ، ޅ. މާފިލާފުށީގައި "ސީވިއު" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޙަސަން ޒާހިރު އަށް ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅިކަމާއި، މިހާރު އިސްތިއުނާފު ކުރެވިފައިމިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ އަކީ، ސިވިލް ކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާ ކަމާއި،
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ ދަޢުވާ ބެލުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ 3 ގެ (ރ) ގައި، ޙަސަން ޒާހިރުގެ ނަމުގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލޭގައި ރަޖިސްޓްރީވެފައި އޮންނާތީ، ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތަށް އެހެން ރަށްރަށަށް ބަދަލުކޮށް އެމީހުނަށް ބަދަލުދިނުމަށް ކަނޑައެޅުނު އުޞޫލުގެ ދަށުން، ޙަސަން ޒާހިރުއަށް ހުޅުމާލެއިން ހައުސިންގ ޔުނިޓެއް ޙައްޤު ނުވާކަމަށް ބަޔާންކުރުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަމަކަށް ކިޔާ ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް، ޙަސަން ޒާހިރު އަށް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލް ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްގެން ޙާޞިލުކުރަން ބޭނުންވާ ނަތީޖާއާ ބެހޭގޮތުން ޙަސަން ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގައި،
- ހުޅުމާލޭ ބިމުން ޙަސަން ޒާހިރުއަށް ގޯއްޗެއް ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ކަނޑައަޅައި ދިނުމަށް އެދުމާއެކު، ހުޅުމާލޭ ބިމުން ޙަސަން ޒާހިރުއަށް ގޯއްޗެއް ދިނުމަށް ސުޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް އަމުރެއް ކޮށްދިނުމަށާއި،
- ޅ. މާފިލާފުށީގައި ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް "ސީވިއު" އެވެކިޔާ ގޯތީގައި ކޮށްފައިވާ ޢިމާރާތްތަކާއި ހޯދާފައިވާ އެންމެހައި ތަކެތީގެ ބޭނުން ނުހިފި ގޮސްފައިވާ 70 އަހަރާއި 10 މަސް ދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި -/540,219,15ރ. (ފަނަރަމިލިއަން ދެލައްކަ ނަވާރަހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ) ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާކަން އެނގެން އޮންނަކެމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި ދައުލަތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވަނީ، 05 އެޕްރީލް 2011 ގައި އޮތް ކެބިނެޓު ބައްދަލުވުމުގައި ކަމަށާއި، ކެބިނެޓުގެ އެ ނިންމުމާގުޅިގެން ޅ. މާފިލާފުށީގައި ދިރިއުޅެމުން އައި ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައި ޢަމަލުކުރެވިދާނޭ ގޮތްތަކެއްހިމެނޭ ކަރުދާހެއް، ވަޒީރުންގެ މަޖިލީހަށް ހުށަހެޅި، 30 އެޕްރީލް 2013 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، އެ އުޞޫލު ފާސްކުރެވިފައިވާކަމަށާއި، އަދި އެ އުޞޫލަށް އިޞްލާޙުތަކެއް ހުށަހެޅި، 24 ޑިސެންބަރު 2013 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ސޯޝަލް ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ އިޞްލާޙުތައް ހިމެނޭގޮތުން ޅ. މާފިލާފުށީގައި ދިރިއުޅެމުންއައި ޢާއިލާތަކަށް ދޭންޖެހޭ ބަދަލުދީ، އެ އުޞޫލާ އެއްގޮތަށް އެ ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާކަމަށާއި،
އަދި އިސްވެ މި ބަޔާންކުރެވުނު އުޞޫލުގެ ދަށުން ބޯހިޔާވަހިކަމެއް ދިނުމުގެ މިންގަނޑަށް ނުފެތޭ ގޯތިތަކުގެ ބަދަލުގައި މާލެ، ހުޅުމާލެ، އަދި ވިލިމާލެ ފިޔަވައި، އެހެން ރަށްރަށުން ގޯތިދިނުމަށާއި، ޅ. މާފިލާފުށީގައި ހުރި އެފަދަ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން އެކުލަވާލެވުނު ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ ސޯޝަލް ކައުންސިލްގެ 51 ވަނަ ބައްދަލުވުމަށް ހުށަހެޅި އެ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެމަތިން، ގޯތިތަކުގެ ބަދަލުގައި ގޯތިދިނުމާއި، އެ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތް އަގުމަގުކޮށް ބަދަލު ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވި އެ މަސައްކަތުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށާއި،
މިގޮތުން ޙަސަން ޒާހިރަކީ، ޅ. މާފިލާފުށީގައި ދިރިއުޅުނު ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކޮށް އެބައިމީހުންގެ މުދަލަށް ބަދަލުދީ ހެދުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އުޞޫލުގެ ދަށުން ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ޙައްޤުވާ ފަރާތެއް ނޫންކަމަށާއި، އެއީ ޙަސަން ޒާހިރުގެ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި އޮންނާތީ ކަމަށާއި، ނަމަވެސް މާލެ، ހުޅުމާލެ، އަދި ވިލިމާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެވެސް ރަށަކުން ޙަސަން ޒާހިރު ބޭނުންނަމަ، ބިމެއް ހޯދުމަށް އެދެވިދާނެކަމަށާއި، ޙަސަން ޒާހިރުގެ ފަރާތުން އެފަދައިން އެދެފިނަމަ، ކުރިން ބަޔާންކުރެވުނު އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ޙަސަން ޒާހިރަށްވެސް ބިމެއް ދައުލަތުން ހަމަޖައްސައިދޭނެ ކަމަށާއި، އަދި ޙަސަން ޒާހިރުގެ ނަމުގައި ޅ. މާފިލާފުށީގައި ރަޖިސްޓްރީވެފައިއޮތް "ސީވިއު" ގޯތީގައި އޭނާ ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ޙަސަން ޒާހިރަށްދީ ނިމިފައިވާކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި05 އެޕްރީލް 2011 ގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން، އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމާ ބެހޭގޮތުން އޭރުގެ ކަމާބެހޭ މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި ކަރުދާހަކާ ގުޅިގެން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، އެކަން ކުރިއަށް ގެންދާނެ އުޞޫލެއް ފާސްކޮށް އެ އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާކަމާއި، އެ އުޞޫލަށް ބަލާއިރު،
* މާލޭ ސަރަޙައްދަށް ބަދަލުވުމަށް އެދިފައިވާ 30 ޢާއިލާގެ ތެރޭގައި ހިމެނޭ، މާލޭގެ ރައްޔިތުންގެ ތެރެއިން، އަމިއްލަ ގެދޮރު މާލޭގައި ނެތް، 10 ޢާއިލާއަށް ހުޅުމާލެއިން ފްލެޓް ދިނުމަށާއި، އަދި މާލޭގައި އަމިއްލަ ގެދޮރު ހުރި، މާލޭގެ ރައްޔިތުންގެ ތެރެއިން، މާފިލާފުށީގައި ގެދޮރު ޢިމާރާތް ކޮށްގެންތިބި 20 ޢާއިލާގެ ގެތައް އަގުކޮށް، ޝަރުޢީ ބަދަލު އެފަރާތްތަކަށް ދިނުމަށާއި،
* ޅ. ނައިފަރަށް ބަދަލުވުމަށް އެދިފައިވާ 8 ޢާއިލާއަށް، ޅ. ނައިފަރުގައި ޢިމާރާތްކޮށް ނިމިފައިވާ 25 ރޯހައުސްގެ ތެރެއިން، މާފިލާފުށީގެ ޢާއިލާތަކަށް ކަނޑައެޅިފައިވާ 8 ރޯހައުސް އަށް ބަދަލުވުމަށް ފުރުޞަތު ދިނުމަށާއި،
* ނ. އަތޮޅަށް ބަދަލުވުމަށް ބޭނުންވާ ޢާއިލާއަށް، ނ. މަނަދޫގައި އޭރު ޢިމާރާތް ކުރެވެމުންދިޔަ 25 ހައުސިންގ ޔުނިޓުގެ ތެރެއިން ހައުސިންގ ޔުނިޓަކަށް ބަދަލުވުމުގެ ފުރުޞަތު ދިނުމަށާއި،
* އަދި އެހާތަނަށް ގޮތެއް ނިންމާފައި ނުވާ ޢާއިލާއަށް، ޅ. ނައިފަރު ނުވަތަ ނ. މަނަދޫ އަށް ބަދަލުވުމުގެ ފުރުޞަތު ދިނުމަށް، ނުވަތަ މާފިލާފުށީގައި ޢިމާރާތްކޮށްފައިވާ ގެ އަގުކޮށް، ގެއަށް ބަދަލުދިނުމަށް، އެ އުޞޫލުގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމާއި،
އަދި ވަޒީރުންގެ މަޖިލީހުން ފާސްކޮށް، ޢަމަލުކުރަމުން އައިސްފައިވާ، އިސްވެ މި ބަޔާންކުރެވުނު އުޞޫލާ އެއްގޮތަށް ޢަމަލުކުރަންޖެހުމުން، އޭގެ ކުރީން ޅ. މާފިލާފުށްޓަށް ދިރިއުޅުން ބަދަލުކޮށްގެން އޭރު އެ ރަށުގައި ދިރިއުޅެމުން އައިސްފައިވާ ފަރާތްތަކުގެ ތެރެއިން، އެމީހުންގެ އަމިއްލަ ނަމުގައި މާލޭގައި، ކުދިކުދި ބިންކޮޅު ހުރި ފަރާތްތަކުން، އަލުން އަނބުރާ އެތަންތަނަށް ބަދަލުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ދައުލަތަށް ފާހަގަކުރެވިފައި ވާތީއާއި،
ޅ. މާފިލާފުށި ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުދި ދަރިންނާ އެކު، އެ ރަށުގައި ދިރިއުޅެމުންއައި ޢާއިލާތަކުގެ ތެރެއިން، އެމީހެއްގެ މަންމަ ނުވަތަ ބައްޕަ ނިޔާވުމުގެ ސަބަބުން، ވާރުތަވެރިންގެ މެދުގައި ނިންމަންޖެހޭ ކަންތައްތައް ނިމިފައި ނުވުމުގެ ސަބަބުންނާއި، ޝަރުޢީ މަރުޙަލާތަކުން ނިންމަންޖެހޭ ކަންތައްތައް ނިމިގެން ނޫނީ އެ ތަންތަނަށް ބަދަލުވެވެން ނެތް ފަރާތްތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އިސްވެ ބަޔާންކުރެވުނު އުޞޫލަށް ބަދަލުތަކެއް ގެންނަން ފެންނާތީ، އެ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރު ކޮށްފައިވާ ކަރުދާހަކަށް، 24 ޑިސެންބަރު 2013 ގައި ބޭއްވުނު ސޯޝަލް ކައުންސިލްގެ 15 ވަނަ ބައްދަލުވުމަށް ހުށަހެޅި މަޝްވަރާކޮށް ބަދަލުތަކެއް ގެނެސްފައިވާކަމާއި، އެގޮތުން؛
މަންމަ ނުވަތަ ބައްޕަ ނިޔާވެ، ވާރުތަވެރިންގެ މެދުގައި ގޮތެއް ނިމިފައި ނުވުމުގެ ސަބަބުންނާއި، ޝަރުޢީ މަރުޙަލާއިން ގޮތެއް ނިމިފައި ނުވުމުގެ ސަބަބުން، މާފިލާފުށީން ބަދަލު ނުވެވިފައި ތިބި ޢާއިލާތަކުގެ ތެރެއިން، އެ އުޞޫލުގައި ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވާ ޢާއިލާތަކަށް އެ ޢާއިލާތައް ނިސްބަތްވާ ރަށަކުން ނުވަތަ އެ ޢާއިލާތައް ބޭނުންވާ ރަށެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްދާނަމަ، އެއިން ކޮންމެ ޢާއިލާއަކަށްވެސް ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށާއި،
ތިމާގެ ނަމުގައި މާލޭގައި އޮތް ބިންކޮޅު 500 އަކަފޫޓަށްވުރެ ބޮޑު ނޫންނަމަ، ނުވަތަ ތިމާގެ ނަމުގައި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ 2 ކޮޓަރީގެ ފްލެޓެއް ނެތް ޢާއިލާތަކުގެ ތެރެއިން، ތިމާގެ އަމިއްލަ ނަމުގައި މާފިލާފުށީގައި ކައްކައި، ކައިބޮއި، ނިދާ، ފެންވަރާ ހެދޭ އިންތިޒާމް، ފުރިހަމަވެފައިވާ ގެއެއް ހުރި ފަރާތްތަކަށް، މާފިލާފުށީގައި ހުރި ގެއާއި، ގެ ހުރި ގޯތީގެ ބަދަލުގައި ހުޅުމާލެއިން ފްލެޓެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްދާ އަތޮޅުތެރޭގެ ރަށަކުން ގެއެއް ނުވަތަ ރޯހައުސެއް ހަމަޖެއްސުން ހިމެނޭކަމާއި،
ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އުޞޫލުގައި، ޅ. މާފިލާފުށީގައި ދިރިއުޅެމުން އައިސްފައިވާ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ރަށްރަށަށް ބަދަލުކުރުމާއި، އެ ޢާއިލާތައް ނިސްބަތްވާ ރަށްރަށަށް ބަދަލުވުމަށް ބޭނުންނުވާ ޢާއިލާތަކަށް، އަތޮޅުތެރޭގެ އެހެން ރަށަކަށް ބަދަލުވުމަށް ފުރުޞަތު ދެވެން އޮތްނަމަ އެ ފުރުޞަތު ދިނުންކަމަށާއި،
މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، ހައުސިންގ ޔުނިޓެއް ހަމަޖައްސަވައިދެވޭ މިންގަނޑުގައި، ޅ. މާފިލާފުށީގައި ތިމާގެ ނަންމަތީގައި ގެއެއް (ނިދުމާއި، ފެންވެރުމާއި، ކައްކައި ކައިބޮއިހެދުމާއި، ފާޚާނާކޮށްހެދުންފަދަ ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި) ހުރުމާއެކު، ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބިންކޮޅެއް ނުވަތަ ފްލޯ އޭރިޔާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބޯހިޔާވަހިކަމެއް (ގެއެއް، ފްލެޓެއް، ރޯހައުސް އެއް)، މާލެ، ހުޅުމާލެ، ވިލިމާލޭގައި ނެތްނަމަ، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކުރާ ފްލެޓްތަކުން 30 ކޮޓަރީގެ ފްލެޓެއް ހަމަޖައްސައި ދިނުމަށާއި، އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ ޢާއިލާތަކަށް ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑާއި، އަދި ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ފެތޭ ގޯތިތަކަށް ބަދަލުދެވޭނެ މިންގަނޑުވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަމާއި،
އެގޮތުން، ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ފެތުމުގެ ސަބަބުން ޅ. މާފިލާފުށީގައި ހުރި ގެއާއި ގޯތި ދޫކޮށްލުމަށްފަހު ބަދަލުވާ ޢާއިލާތަކަށް، އެ ރަށުން ދޫކޮށްލި ގެއާއި ގޯތީގެ ބަދަލުގައި، ބަދަލުވާ ރަށަކުން ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމާއެކު، އެ ޢާއިލާތަކުން ޅ. މާފިލާފުށިން ދޫކޮށްލި ރުއްގަހުގެ ބަދަލުގައާއި، އެ ރަށުން ބަދަލުވާއިރު ތަކެތި އުފުލުމަށާއި، ބަދަލުވާއިރު ބޭނުންވާ ހިފާގެންގުޅޭ ތަކެތި ހޯދުމަށް އެހީތެރިވުމުގެ ގޮތުން އެއިން ކޮންމެ ޢާއިލާއަކަށް -/000,50ރ. (ފަންސާސް ހާސް ރުފިޔާ) ދޭންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކަށް ދެވޭ ބަދަލުވެސް އެ އުޞޫލުގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން، ބޯހިޔާވަހިކަމެއް ދިނުމުގެ މިންގަނޑަށް ނުފެތޭ ފަރާތްތަކަށް އެފަރާތްތަކުގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގެ ބަދަލުގައި، މާލެ، ހުޅުމާލެ، އަދި ވިލިމާލެ ފިޔަވައި، މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން، އެފަރާތަކުން ގޯތި ބޭނުންވެގެން އެދިފައިވާ ރަށަކުން، ގޯތިދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރާ ސައިޒުގެ ގޯއްޗެއް ދޫކުރުމަށާއި، އަދި އެފަރާތެއްގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތާއި ރުއްގަހުގެ އަގުމަގުކޮށް ޝަރުޢީ މަރުޙަލާގައި ފައިސާއިން ބަދަލު ދޭންޖެހޭނެ ކަމަށްވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަން އެ އުޞޫލަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ޅ. މާފިލާފުށީ "ސީވީއު" އެވެކިޔުނު ގޯތީގައި ޙަސަން ޒާހިރު ކޮށްފައިވާ ޢިމާރާތާއި އެ ގޯތީގައިވާ އެންމެހައި ނުއުފުލޭ މުދަލާއި، އަދި އެ ގޯތީގެ ބިމުގެ ބަދަލުގައި ޙަސަން ޒާހިރުއަށް ޙައްޤުވާ މިންވަރާ ބެހޭގޮތުން ޙަސަން ޒާހިރުގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ ރައްދުގައި، އިސްވެ ބަޔާންކުރެވުނު އުޞޫލުގެ އަލީގައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޅ. މާފިލާފުށީގައި ދިރިއުޅެމުން އައިސްފައިވާ ޢާއިލާތަކަށް ބަދަލުދިނުމުގައި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްވެ ބަޔާންކުރެވުނު އުޞޫލަށް ރިޢާޔަތްކުރާއިރު، ޙަސަން ޒާހިރުގެ ނަމުގައި މާލޭގައި ހެންވޭރު ރީދޫކޮކާގެ ނަމަކަށްކިޔާ ގޯތި ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، އެ ގޯއްޗަކީ 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްކަމަށާއި، އެހެންކަމުން ޙަސަން ޒާހިރަކީ ބުނެވިދިޔަ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން، ހުޅުމާލެއިން ފްލެޓެއް ނުވަތަ ބިމެއް ލިބުމަށް ޝަރުޠު ފުރިހަމަވާ ފަރާތެއް ނޫންކަން ސާފުކޮށް އެނގެން އޮންނަ ކަމަށާއި، ނަމަވެސް އެ އުޞޫލުގެ ދަށުން ޅ. މާފިލާފުށީ "ސީވިއު" ނަމަކަށްކިޔާ ގޯތީގެ ބިމުގެ ބަދަލުގެ ގޮތުގައި މާލޭ ސަރަހައްދުގައިވާ ރަށްތައް (މާލެ، ހުޅުމާލެ، ވިލިމާލެ) ފިޔަވައި އެހެން ސަރަހައްދުތަކުގައިވާ ރަށްތަކުގެ ތެރެއިން ރަށަކުން ގޯއްޗެއް ލިބުމަށް ޙަސަން ޒާހިރު ޝަރުޠު ފުރިހަމަވާކަމަށާއި، އަދި ޅ. މާފިލާފުށީ "ސީވިއު" ގޯތީގައި ޙަސަން ޒާހިރު ކޮށްފައިވާ ޢިމާރާތާއި ގޯތީގައި ކޮށްފައިވާ އެންމެހައި މަސައްކަތްތައް އަގުމަގުކޮށް ބަދަލު ދިނުމަށްވެސް ދައުލަތުން ނިންމާފައިވާކަން ފާހަގަކޮށް، އެކަން ކުރިއަށް ދިޔަގޮތާ ބެހޭގޮތުންވެސް ދައުލަތުގެ ފަރާތުން ވާހަކަ ދައްކާފައިވާކަމާއި،
އެގޮތުން ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އެ ރަށުގައި އޭރު ދިރިއުޅެމުން އައިސްފައިވާ ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތުގައި، ހައުސިންގ ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައިނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތިދިނުމަށާއި، ގޯތީގައި ކޮށްފައިވާ މަސައްކަތް އަގުމަގުކޮށް ބަދަލު ދިނުމަށް ސާރުކާރުން ނިންމާފައިވާކަމަށް ބަޔާންކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 17 ނޮވެންބަރު 2014 ގައި އެ މިނިސްޓްރީގެ ނަންބަރު (IUL) 138-DS1/138/2014/76އިޢުލާނުން ޢާންމުކޮށް އިޢުލާނު ކޮށްފައިވާކަމާއި، އެ އިޢުލާނުގައި، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާ ގުޅިގެން، އޭރު އެ ރަށުގައި ދިރިއުޅެމުން އައިސްފައިވާ ޢާއިލާތަކުގެ ތެރެއިން، ހައުސިންގ ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައިނުވާ ފަރާތްތަކުން، މާލެއާއި މާލެ ސަރަހައްދުގައިވާ ރަށްރަށް (ގުޅިފަޅު، ވިލިމާލެ، މާލެ އަދި ހުޅުމާލެ) ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން އެ ރަށަކުން އާންމުކޮށް ދޫކުރާ ބޮޑުމިނުގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަން އަންގައި، ޅ. މާފިލާފުށީގައި އެފަރާތްތަކުގެ ނަމުގައި ގޯތި ލިބިފައިވާ އެފަދަ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތި ހޯދުމަށްޓަކައި، ގޯތި ބޭނުންވާ ރަށެއް ބަޔާންކޮށް، 31 ޑިސެންބަރު 2014 ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމަށާއި، އެ ސިޓީއާއެކު، ޅ. މާފިލާފުށީގައި އެމީހެއްގެ ނަމުގައި އޮތް ގޯތީގެ ރަޖިސްޓްރީގެ ކޮޕީއަކާއި، އެ ގޯތީގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހެޅުމަށް އަންގާފައިވާކަން އެނގެން އޮންނަކަމާއި، ނަމަވެސް އެ އިޢުލާނާ އެއްގޮތަށް ޙަސަން ޒާހިރުގެ ފަރާތުން ގޯތި ބޭނުންވާ ރަށެއް އަންގާފައި ނުވާތީ އެކަން މިހާތަނަށް ހަމަޖެހިފައި ނުވަނީކަމުގައި ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި 2011 ވަނަ އަހަރު ސަރުކާރުން ކަނޑައެޅިއިރު، އެ ރަށުގައި ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން، ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކުގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތްތައް އަގުމަގުކޮށް، ޝަރީޢަތް މެދުވެރިކޮށް ބަދަލު ދިނުމަށް ސަރުކާރުން ނިންމާފައިވާތީ، ޅ. މާފިލާފުށި "ސީވިއު" (ބްލޮކް ނަންބަރު 9 ގެ ހައުސް ނަންބަރު 14،13) ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި، ނުއުފުލޭ މުދަލާއި، ކޮށްފައިވާ ޢުމްރާނީ މަސައްކަތްތަކަށް، ބަދަލު ހަމަޖައްސައިދިނުމަށް އެދި ދިވެހި ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެމައްސަލަ އެކޯޓުގެ ނަންބަރު 387/Cv-C/2017 ޤަޟިއްޔާ އިން ބަލައި ކޮށްފައިވާ ޙުކުމުގައި، ޅ. މާފިލާފުށި ބްލޮކް ނަންބަރު 9 ގެ ހައުސް ނަންބަރު 14،13 "ސީވިއު" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ އަގުގެ ގޮތުގައި ޝަރުޢީ އަގު ކޮމެޓީން ކަނޑައަޅާފައިވާ އަގުކަމުގައިވާ -/622,619,1ރ. (އެއްމިލިއަން، ހަލައްކަ ނަވާރަހާސް، ހަސަތޭކަ ބާވީސް ރުފިޔާ) އަކީ، ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ އަގުކަމުގައި ޙަސަން ޒާހިރު ޤަބޫލުކޮށްފައިވާތީ، އެ އަގަކީ ބަޔާންކުރެވުނު "ސީވިއު" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ އަގުކަމުގައި ޝަރީޢަތުން ކަނޑައަޅައި، އެ -/622,619,1ރ. (އެއްމިލިއަން، ހަލައްކަ ނަވާރަހާސް، ހަސަތޭކަ ބާވީސް ރުފިޔާ)، 29 ޖަނަވަރީ 2018 އިން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ޙަސަން ޒާހިރުއަށް ދިނުމަށްޓަކައި، ސިވިލް ކޯޓަށް އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާ ޙުކުމް ކޮށްފައިވާކަން ސިވިލް ކޯޓުގެ ނަންބަރު 387/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމަށާއި، އަދި ސިވިލް ކޯޓުގެ އެ ޤަޟިއްޔާއިން ދައުލަތުގެ މައްޗަށް ސާބިތުވި -/622,619,1ރ. (އެއްމިލިއަން، ހަލައްކަ ނަވާރަހާސް، ހަސަތޭކަ ބާވީސް ރުފިޔާ)، ދިވެހި ދައުލަތުގެ ފަރާތުން ޙަސަން ޒާހިރަށް ދައްކާ ޚަލާޞް ކޮށްފައިވާކަން، ސިވިލް ކޯޓުގެ ދަރަނި ރެކޯޑު ފޮތުގެ ނަންބަރު 141 ގެ 226 ނަންބަރު ޞަފްޙާއިން އެނގެން އޮންނަކަމަށް، އެ ކޯޓުގެ ނަންބަރު 634/Cv-C/2019 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަމަށް ބުނެ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ހުށަހަޅާފައިވާކަމާއި، އެ ލިޔުންތަކަށް ބެލުމުން ދައުލަތުން ބުނެފައިވާގޮތަށް އެ ކަންކަން އެ މަގުން ހިނގާ ނިމިފައިވާކަން އެނގެން އޮންނައިރު، އެ ކަންކަމާމެދު ޙަސަން ޒާހިރުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަމާއި، އަދި މި ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނަންބަރު387/Cv-C/2017 ޤަޟިއްޔާ އެއްވެސް ފަރާތަކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙަސަން ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމަށް ބަލާއިރު، ޅ. މާފިލާފުށިން ޙަސަން ޒާހިރު އަށް ލިބިފައިއޮތް 5000 އަކަފޫޓުގެ "ސީވިއު" ގޯތީގައި ހަދާފައިވާ ޢިމާރާތަކީ، ފަތުރުވެރިންނަށް ބޭނުންކުރެވޭ ފެންވަރަށް ހަދާ ނިމިފައިވާ ޢިމާރާތެއް ކަމަށާއި، އެ ފެންވަރުގެ ގެއެއް ފަތުރުވެރިންނަށް ދޫކޮށްގެން މަދުވެގެން ދުވާލަކު US$350.00(ތިންސަތޭކަ ފަންސާސް ޑޮލަރ) ލިބޭނެ ކަމަށާއި، އެގޮތުން މަހަކު US$10,500.00(ދިހަހާސް ފަސްސަތޭކަ ޑޮލަރ)، އަދި އަހަރަކަށް US$126,000.00(އެއްލަކަ ސައްބީސްހާސް ޑޮލަރ) ގެ މަގުން 06 އަހަރު ދުވަހުގެ މުއްދަތަށްUS$756,000.00 (ހަތްލައްކަ ފަންސާސްހަހާސް ޑޮލަރ) ލިބޭނެ ކަމަށް ބަޔާންކޮށް، މާލީ ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގައި -/520,357,24ރ. (ސައުވީސް މިލިއަން، ތިންލައްކަ ފަންސާސް ހަތްހާސް، ފަސްސަތޭކަ ވިހި ރުފިޔާ) ދައުލަތުގެ ކިބައިން ނަގައިދިނުމަށް ޙަސަން ޒާހިރުގެ ފަރާތުން އެދިފައިވާއިރު،
ބަޔާންކުރެވުނު "ސީވިއު" ގޯތީގައި ޙަސަން ޒާހިރު ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލު ޝަރީޢަތް މެދުވެރިކޮށް ދައުލަތުން ދީފައިވާކަމާއި، އެކަމާބެހޭ ތަފްޞީލު އިސްވެ ބަޔާންކުރެވުނު ނުކުތާ 4 ގެ (ޅ) ގައި ބަޔާންކުރެވިފައި އެވަނީކަމާއި، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޒާހިރުގެ ފަރާތުން މާލީ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/520,357,24ރ. (ސައުވީސް މިލިއަން، ތިންލައްކަ ފަންސާސް ހަތްހާސް، ފަސްސަތޭކަ ވިހި ރުފިޔާ) އާ ބެހޭގޮތުން ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޒާހިރުއާ ސުވާލުކޮށް ސާފުކުރުމުން، އެއީ ޅ. މާފިލާފުށީ "ސީވިއު" ގޯތީގައިވާ ހަދާފައިވާ ޢިމާރާތް އޭނާއަށް ބޭނުންކުރަން ލިބުނުނަމަ، ވޭތުވެދިޔަ 07 އަހަރާ 10 މަސް ދުވަހަށް ޙަސަން ޒާހިރަށް ލިބޭނެ ކަމަށް ބެލެވޭ އާމްދަނީ ކަމަށާއި، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުގެ ސަބަބުން، ޙަސަން ޒާހިރު އެ ރަށުގައި ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ޢިމާރާތް ބޭނުންކުރުމުގެ ފުރުޞަތު ޙަސަން ޒާހިރަށް ލިބިފައި ނުވާތީ، އޭނާއަށް ލިބުނު މާލީ ގެއްލުންކަމުގައި ޤަބޫލުކުރާ ކަމަށާއި، އަދި މި ބަދަލު ނުލިބި ދުވަސްތައް އިތުރުވެގެންދާ ވަރަކަށް، މި ބަދަލުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ޙަސަން ޒާހިރު ބުނެފައިވާކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަމަ މި ޤަޟިއްޔާއާއި ގުޅިގެން 07 މޭ 2019 ވަނަ ދުވަހު އޮތް އަޑުއެހުމުގައި، މާލީ ބަދަލުގެ ގޮތުގައި -/540,219,15ރ. (ފަނަރަ މިލިއަން ދެލައްކަ ނަވާރަހާސް ފަސްސަތޭކަ ސާޅީސް ރުފިޔާ) ނަގައިދިނުމަށް ޙަސަން ޒާހިރުގެ ފަރާތުން އެދިފައިވާކަމާއި، އަދި އެ މާލީ ބަދަލަކީ، ޅ. މާފިލާފުށީގައި އޭނާގެ ނަމުގައިހުރި "ސީވިއު" ނަމަކަށްކިޔާ ގޯތީގައިހުރި ޢިމާރާތް ދައުލަތުގެ ބެލުމުގެ ދަށުގައި ބަދަލު ދިނުމަކާ ނުލައި އެހާތަނަށް ހުރި 07 އަހަރާއި 10 މަސް ދުވަހު އެ ތަން ބޭނުންކުރަން ލިބިފައި ނުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުކަމަށް ޙަސަން ޒާހިރު ބުނެފައިވާކަން އެނގޭ ކަމާއި،
ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ޙަސަން ޒާހިރު ކޮށްފައިވާ ދަޢުވާގައި އޭނާ އެދިފައިވާ މާލީ ބަދަކީ -/000,700,12ރ. (ބާރަ މިލިއަން ހަތްލައްކަ ރުފިޔާ) ކަމާއި، އެއީ ޅ. މާފިލާފުށީން ޙަސަން ޒާހިރަށް ލިބިފައިވާ 5000 އަކަފޫޓު ބިމާއި، އެ ބިމުގައިވާ ޢިމާރާތްތަކާއި، ގެއްލި ހަލާކުވެގޮސްފައިވާ ތަކެތީގެ ބަދަލުގައި ދައުލަތުން ނަގައިދިނުމަށް އެދޭ މާލީ ބަދަލުކަމަށް ސާފުބަހުން ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ޝަރީޢަތަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ބުނެފައިވާކަން އެނގޭ ކަމާއި،
މާލީ ބަދަލާ ގުޅޭގޮތުން ޝަރުޢީ އެކި މަރުޙަލާތަކުގައި ޙަސަން ޒާހިރު ދައްކާފައިވާ އިސްވެ ބަޔާންކުރެވުނު ވާހަކަތަކަށް ބަލާއިރު، ޝަރުޢީ އެކި މަރުޙަލާތަކުގައި، އަދި އެއް މަރުޙަލާއެއްގައިވެސް މާލީ ބަދަލުގެ ގޮތުގައި ހޯދުމަށް ދަޢުވާކުރަމުންދާ މިންވަރަށާއި، މާލީ ބަދަލުގެ ބާވަތަށްވެސް ޙަސަން ޒާހިރުގެ ފަރާތުން ބަދަލު ގެންނަމުންދާކަން އެނގެން އޮންނަކަމާއި،
އަދި މީގެއިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއާއި ގުޅިގެން 05 އެޕްރީލް 2016 ވަނަ ދުވަހު ލިޔެ ޙަސަން ޒާހިރު ހުށަހަޅާފައިވާ ބަޔާނުގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޙުކުމް އޭނާ ޤަބޫލުކުރާ ކަމަށާއި، އެފަދައިން އޭނާ ޤަބޫލުކުރި ސަބަބަކީ، ސިވިލް ކޯޓުގެ އެ ޤަޟިއްޔާގައި އޭނާގެ މަޞްލަޙަތާ ޚިލާފަށް ޙުކުމް ކޮށްފައިވާ މާލީ ބަދަލުގެ ބައި، އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅި ހުށަހެޅުމުގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ، ޙަސަން ޒާހިރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުން އެކަން އެނގެން ނެތްކަމަށް ބަޔާންކޮށް، ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާގެ ދަށުން، ޙަސަން ޒާހިރު ހުށަހެޅި އިސްތިއުނާފީ މައްސަލަ ހުށަހަޅާ ފޯމް ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމައި އެކަން އަންގާފައިވާތީ ކަމަށް، ބުނެފައިވާއިރު، އެ ބުނުމުގެ ޤާނޫނީ ނަތީޖާއަކަށް ވެގެންދާނީ، ސިވިލް ކޯޓުގެ ނަންބަރު1148/Cv-C/2014 ޤަޟިއްޔާގައި ޙަސަން ޒާހިރުގެ މަސްލަޙަތާ އެއްގޮތަށް ކޮށްފައިވާ ޙުކުމުގެ އެ ބަޔާއި، ޙަސަން ޒާހިރުގެ މަސްލަޙަތާ ޚިލާފަށް ކޮށްފައިވާ ޙުކުމުގެ އެ ބަޔާއި، ދެ ބައި ޤަބޫލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޙުކުމް އެއްކޮށް ޙަސަން ޒާހިރުގެ ފަރާތުން ޤަބޫލުކޮށްފައިވާ ކަމަށް ބެލެވުންކަމާއި،
އަދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށި "ސީވިއު" ނަކަމަށް ކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގާ ކޮށްފައިވާ ޙުކުމުގެ އެ ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ ގެ ޙުކުމުން ބާޠިލް ކޮށްފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޙުކުމުގެ އެ ބައި، މިހާރު ވުޖޫދުގައި އޮތްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނުބެލެވޭނެކަމާއި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޙުކުމުން ބައެއް ވުޖޫދުގައި ވާނަމަ، ވުޖޫދުގައި ވާ ބަޔަކީ، ޅ. މާފިލާފުށީ " ސީވިއު" ނަމަކަށްކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި އެންމެހައި ތަކެތީގެ މާލީ ބަދަލުގެ ގޮތުގައި ހޯދުމަށް ޙަސަން ޒާހިރު ދަޢުވާކުރި -/000,700,12ރ. (ބާރަ މިލިއަން ހަތްލައްކަ ރުފިޔާ)، މިންކޮށްފައިވާ ގޮތުގެ ތަފުޞީލު ހުށަހަޅާފައި ނުވާތީ، އެ ބަޔާ ބެހޭގޮތުން ޝަރީޢަތުން ގޮތެއް ކަނޑައެޅެން ނެތްކަމަށް ކޮށްފައިވާ ޙުކުމްކަމާއި،
އެހެންކަމުން ޙަސަން ޒާހިރުގެ ދަޢުވާގައި ބަޔާންކުރާ މާލީ ބަދަލަކީ، އޭނާ ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ފަދައިން،ޅ. މާފިލާފުށީގައި އޭނާ ހަދާފައިވާ ޢިމާރާތާއި ހޯދާފައިވާ ތަކެތި ގެއްލި ހަލާކުވުމުގެ ސަބަބުން ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލު ކަމުގައިވިޔަސް، އަދި އެއީ، އޭނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ފަދައިން، ޅ. މާފިލާފުށީގައި އޭނާގެ ނަމުގައިހުރި "ސީވިއު" ނަމަކަށްކިޔާ ގޯތީގައިހުރި ޢިމާރާތް، ދައުލަތުގެ ބެލުމުގެ ދަށުގައި، ބަދަލު ދިނުމަކާ ނުލައި ހުރި މުއްދަތަށް އެ ތަން ބޭނުންކުރަން ލިބިފައި ނުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުކަމަށްވިޔަސް، ނުވަތަ، ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޒާހިރު ބުނެފައިވާ ފަދައިން، ޅ. މާފިލާފުށި "ސީވިއު" ގޯތީގައި ހަދާފައިވާ ޢިމާރާތް އޭނާއަށް ބޭނުންކުރަން ލިބުނުނަމަ، ވޭތުވެދިޔަ މުއްދަތުގައި ޙަސަން ޒާހިރަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ކަމަށްވިޔަސް، މިއިން އެއްވެސް ބާވަތެއްގެ ބަދަލަކީ މިހާތަނަށް ކަމާބެހޭ ދަށު ކޯޓަކުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އޭގެ މައުޟޫޢު ބަލައި، ފައިޞަލާކުރަނިވި ޙުކުމެއް ކޮށްފައިވާ ދަޢުވާއެއް ނޫންކަން ހުށަހެޅިފައިވާ ޤަޟިއްޔާތަކުގެ ރިޕޯޓު ތަކުންނާއި، ދެފަރާތުގެ ބަހުން ސާފުކޮށް އެނގެން އޮތުމުން، އިސްތިއުނާފީ މައްސަލަތައް ބެލުމުގެ ހަމަތަކާއި އުޞޫލުތައް ނިޔާކުރާ ގޮތުގެމަތިން، ކަމާބެހޭ ކޯޓަކުން އޭގެ މައުޟޫޢު ބަލައި ފައިޞަލާކުރަނިވި ޙުކުމެއް ކުރުމުގެ ކުރިން ޙަސަން ޒާހިރު ހޯދުމަށް ދަޢުވާކޮށްފައިވާ މާލީ ބަދަލާ ބެހޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަށް ނުފެންނަކަމެވެ.
(ލ) އަށްވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ ތަކެތި ނޫންކަމަށާއި، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެމަތިން، އަދި އެކަމަށްޓަކައި ކޯޓަކުންކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށާއި، މީހެއްގެ މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާއިރު،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވަނީ އެ ރަށް މިލިޓަރީ ބޭނުންތަކަށް ޚާއްޞަކުރުމަށްކަން އެނގެން އޮތުމުން، އެއީ ދައުލަތަށް ޢާންމުވެގެންވާ މަންފާއެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމުގައި ޤާނޫނީގޮތުން ޤަބޫލުކުރަންޖެހޭކަމާއި، އަދި މީހުން ދިރިއުޅެމުންދިޔަ ރަށެއް، އެއީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގެ ޤާނޫނީ ބާރުލިބިފައިވާ ފަރާތަކުން އެކަން އެގޮތަށް ކަނޑައަޅައި، އެ ރަށެއްގައި ދިރިއުޅެމުންދިޔަ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކޮށް އެ މީހުންނަށް އަސާސީ ހިޔާވަހިކަން ފަހިކޮށްދީ، އެމީހުންގެ މުދަލަށް ޝަރުޢީ ބަދަލުދީ މިފަދަ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ތަންފީޒުކޮށް ނިންމުމަށްޓަކައި ކަނޑައެޅޭ ވަކި އުޞޫލުތަކެއްގެ މަތިން، ވަކި އިންތިޒާމްތަކެއް ހަމަޖެހި، ތަރުތީބުތަކެއް ކުރެވެން ޖެހޭނެ ކަމީ ޤަބޫލުކުރެވޭ ހަމައެއްކަމާއި،
އެހެންކަމުން ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުން ގޮސްފައިވާ ޢާއިލާތައް އެހެން ރަށްރަށަށް ބަދަލުކުރުމުގައާއި، އެ ޢާއިލާތަކުގެ މިލްކިއްޔާތަށް އެކަށީގެންވާ ޢަދުލުވެރި ބަދަލު ދިނުމަށްޓަކައި، ކެބިނެޓުގައި މަޝްވަރާކުރެވި އެކަން ތަންފީޒުކުރާނެ ހަމަތަކެއް ކަނޑައެޅިފައިވާ އުޞޫލެއް އެކުލަވާލެވި، އެ އުޞޫލާ އެއްގޮތަށް އެކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމާއި، އެގޮތުން އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު އެކި މަރުޙަލާތަކުގައި ދިމާވި ގޮންޖެހުންތަކާއި ފާހަގަކުރެވެމުންދިޔަ އެކިކަހަލަ ކަންކަމަށް ރިޢާޔަތްކޮށް، އަދި އެ މުއްދަތުގައި ސަރުކާރަށް އައިސްފައިވާ ބަދަލުތަކާވެސްއެކު، ކުރިން ބަޔާންކުރެވުނު ކެބިނެޓުން ފާސްކޮށްފައިވާ، އުޞޫލަށް އެކިފަހަރުމަތިން ހަމަ ކެބިނެޓު ލެވެލްގައި ބަދަލުތައް ގެނައުމާއެކު، ޅ. މާފިލާފުށީގައި އޭރު ދިރިއުޅެމުން ދިޔަ ޢާއިލާތަކުގެ ތެރެއިން، އެމީހުން އެ ރަށުގައި ދިރިއުޅެމުންދިޔަ ބޯހިޔާވަހިކަން ފިޔަވައި ވަންނާނެ އިތުރު އަސާސީ ބޯހިޔާވަހިކަމެއް އެހެންރަށަކުންވިޔަސް ލިބިފައިނުވާ ޢާއިލާތަކަށާއި، އެ ޢާއިލާތަކުގައި ސްކޫލަށްދާ ކުޑަކުދިން ތިބި ޢާއިލާތަކަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެގޮތުން އެ އުޞޫލަށް އެކިފަހަރުމަތިން ގެނެސްފައިވާ ބަދަލުތަކާއެކު، އެ އުޞޫލުން ފާހަގަކުރެވޭ މައިގަނޑު ކަންތައްތައް މި ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 (ބ) ގައި ބަޔާންކުރެވިފައި އެވަނީކަމާއި، އޭގެތެރެއިން މި މައްސަލައާ ގުޅުންހުރި ކަންކަމަށް ބަލާއިރު، ބަޔާންކުރެވުނު އުޞޫލުގައި، މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ) ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭނެ މިންގަނޑަކާއި، އެފަދަ ޢާއިލާތަކަށް ބަދަލު ދެވޭނެ މިންގަނޑަކާއި،
މާލެއަށް ނިސްބަތްވާ ޢާއިލާތަކަށް، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ފިޔަވައި އެހެން ސަރަހައްދަކުން ބިމުގެ ބަދަލުގައި ބިމެއް ދޫކުރެވޭނެ މިންގަނޑަކާއި، އެފަދަ ޢާއިލާތަކަށް ބަދަލު ދެވޭނެ މިންގަނޑެއް ކަނޑައެޅިފައިވާކަމާއި،
އެގޮތުން މާލެއަށް ނިސްބަތްވާ ޢާއިލާތަކުގެ ތެރެއިން، ޅ. މާފިލާފުށީގައި ތިމާގެ ނަންމަތީގައި، ގެއެއް (ނިދުމާއި، ފެންވެރުމާއި، ކައްކައި ކައިބޮއެހެދުމާއި، ފާޚާނާކޮށްހެދުންފަދަ ޟަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެހިފައި) ހުރުމާއެކު، މާލެ، ހުޅުމާލެ، ވިލިމާލޭގައި، ތިމާގެ ނުވަތަ ތިމާގެ އަނބިމީހާ/ފިރިމީހާގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބިންކޮޅެއް ނުވަތަ ފްލޯ އޭރިޔާ 500 އަކަފޫޓަށްވުރެ ބޮޑުނޫން ބޯހިޔާވަހިކަމެއް (ގެއެއް، ފްލެޓެއް، ރޯހައުސްއެއް) ނެތްނަމަ، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކުރާ ފްލެޓްތަކުން 3 ކޮޓަރީގެ ފްލެޓެއް އެ ޢާއިލާތަކަށް ހަމަޖައްސައި ދެވޭނެކަމަށް ބަޔާންކުރެވުނު އުޞޫލުގެ 3.1 އަދި 3.1.1 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އެފަދަ ޢާއިލާތަކުން ޅ. މާފިލާފުށިން ދޫކޮށްލި ރުއްގަހުގެ ބަދަލުގައާއި، ބަދަލުވާއިރު ތަކެތި އުފުލުމަށާއި، ކޮންމެހެން ބޭނުންވާ ހިފާގެންގުޅޭ ތަކެތި ހޯދުމަށް ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން -/000,50ރ. (ފަންސާސްހާސް ރުފިޔާ) ދިނުމަށް، އެ އުޞޫލުގެ 4.1 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި މާލެ ސަރަހައްދުން (މާލެ، ހުޅުމާލެ، ވިލިމާލެ) ހައުސިންގ ޔުނިޓެއް ހަމަޖައްސައި ދިނުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެފަރާތަކުން ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރާ ސައިޒުގެ ގޯއްޗެއް ހަމަޖައްސައި ދެވޭނެކަމަށް ބަޔާންކުރުމާއެކު، އެފަރާތެއްގެ ނަމުގައި ޅ. މާފިލާފުށީގައި އޮތް ގޯތީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތާއި ރުއްގަސް އަގުމަގުކޮށް، ޝަރުޢީ މަރުޙަލާއިން ފައިސާއިން ބަދަލު ދެވޭނެކަމަށް، އެ އުޞޫލުގެ 4.2 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު އުޞޫލުގައި ކަނޑައަޅާފައިވާ، މާލެ ސަރަހައްދުން ހައުސިން ޔުނިޓެއް ހަމަޖައްސައި ދެވޭނެ މިންގަނޑާއި، މާލެ ސަރައްހައްދު ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އަތޮޅުތެރޭގެ ރަށަކުން ބިމެއް ހަމަޖައްސައި ދެވޭ މިންގަނޑުގައިވާ މައިގަނޑު ތަފާތަކީ، މާލޭ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައި ދިނުމުގެ މިންގަނޑަށް ފެތޭ ފަރާތްތަކަށް، އެފަރާތްތަކުން ޅ. މާފިލާފުށީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތުގެ ބަދަލުގައި އެއްވެސް ފައިސާއެއް ލިބޭގޮތަށް ހަމަޖެހިފައިނުވުމާއި، މާލެ ސަރަހައްދުން ހައުސިންގ ޔުނިޓެއް ހަމަޖައްސައި ދިނުމުގެ މިންގަނޑަށް ނުފެތޭ ފަރާތްތަކަށް، އެ ފަރާތްތަކުން ޅ. މާފިލާފުށީގައި ކޮށްފައިވާ ޢުމްރާނީ މަސައްކަތް އަގުކޮށް، ޝަރުޢީ މަރުޙަލާއިން ފައިސާއިން ބަދަލު ދިނުމަށް ހަމަޖެހިފައިވުން ކަމާއި،އިސްވެ މި ބަޔާންކުރެވުނު އުޞޫލުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ތެރެއިން މި މައްސަލައިގައި މި ވާހަކަ ދެކެވޭ ޙަސަން ޒާހިރުގެ ޙާލަތާއިގުޅޭ ކަންކަމަށް ބަލާއިރު، ޙަސަން ޒާހިރަކީ މާލެއަށް ނިސްބަތްވާ ފަރާތެއް ކަމުގައިވިޔަސް، އަދި އޭނާގެ ނަމުގައި ޅ. މާފިލާފުށި "ސީވިއު" ނަމަކަށްކިޔާ ގޯތީގައި ޢިމާރާތްކޮށްފައިވާ ގެއަކީ މި އުޞޫލުގައި ބުނާ ގެއެއްގެ ޝަރުޠުތައް ފުރިހަމަވާ ގެއެއް ކަމުގައިވިޔަސް، ޙަސަން ޒާހިރުގެ ނަމުގައި މާލޭގައި 500 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީވެފައި އޮންނާތީ، އެ އުޞޫލުގައި ބުނެފައިވާ މިންގަނޑުތަކުގެ ތެރެއިން 3.1.1 އަށް ބަލާއިރު، ޅ. މާފިލާފުށިން ޙަސަން ޒާހިރު ދޫކޮއްލަންޖެހުނު ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގައި ސަރުކާރުން ހިންގާ ހައުސިން ޕްރޮޖެކްޓެއްގެ ދަށުން ބޯހިޔާވަހިކަމެއް ހަމަޖެއްސުމުގެ ޝަރުޠު ޙަސަން ޒާހިރުގެ ކިބައިގައި ފުރިހަމަވާކަމަށް ބެލެވެން ނެތްކަމާއި، ނަމަވެސް ހައުސިންގ ޔުނިޓެއް ހަމަޖައްސައިދެވޭ މިންގަނޑަށް ނުފެތޭ ގޯތިތަކަށް ދެވޭ ބަދަލުގެ ގޮތުގައި އެ އުޞޫލުގެ 4.2 ގައި ކަނޑައަޅާފައިވާ ޢުމްރާނީ މަސައްކަތުގެ މާލީ ބަދަލު ލިބުމުގެ ޝަރުޠާއި، ޅ. މާފިލާފުށީގައި ޙަސަން ޒާހިރުގެ ނަމުގައި އޮތް "ސީވިއު" ގޯތީގެ ބަދަލުގައި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ޙަސަން ޒާހިރު ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރަން ހަމަޖެހިފައިވާ ސައިޒުގެ ގޯއްޗެއް ލިބުމުގެ ޝަރުޠު، ޙަސަން ޒާހިރުގެ ކިބައިގައި ފުރިހަމަވާ ކަމާއި، އަދި މީގެ ތެރެއިން މާލީ ބަދަލުވަނީ ޙަސަން ޒާހިރަށް ދައުލަތުގެ ފަރާތުން ލިބިދީފައިކަން އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގެ 4 ގެ (ޅ) ގައި ބަޔާންކުރެވިފައި އެވަނީކަމާއި،
އެހެންކަމުން، ޅ. މާފިލާފުށީގައި ޙަސަން ޒާހިރުގެ ނަމުގައި އޮތް "ސީވިއު" ގޯތީގެ ބަދަލުގައި މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން ޙަސަން ޒާހިރު ގޯތި ބޭނުންވެގެން އެދޭ ރަށަކުން، ގޯތި ދިނުމަށް ބޭނުންވާ ބިން އޮތްނަމަ، އެ ރަށަކުން ޢާންމުކޮށް ދޫކުރަން ހަމަޖެހިފައިވާ ސައިޒުގެ ގޯއްޗެއް ޙަސަން ޒާހިރަށް ޙައްޤުވާކަމާއި، ޅ. މާފިލާފުށީ "ސީވިއު" ގޯތީގެ ބިމުގެ ބަދަލުގައި ބިމެއް ހޯދުމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޙަސަން ޒާހިރު އެދެފިނަމަ، އެ އުޞޫލުގެ ދަށުން ޙަސަން ޒާހިރުއަށް ބިމެއް ހަމަޖައްސައިދޭނެކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެ އުޞޫލުގެ ދަށުން ބިމެއް ހަމަޖައްސައި ދިނުމަށްއެދި، އަދި މިހާތަނަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައި ނުވާނެ ކަމަށް ޙަސަން ޒާހިރުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(މ) ނުވަވަނަ ކަމަކީ: ދައުލަތުން ޙަވާލާދީފައިވާ އުޞޫލުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށަކުން ޙަސަން ޒާހިރު ބިމެއް ބޭނުން ނުވާކަމަށާއި، ޅ. މާފިލާފުށީ "ސީވިއު" ގޯއްޗަކީ އެ ރަށު ބީޗް ފްރޮންޓުގެ ގޯއްޗަކަށްވާތީ، އެ ގޯތީގެ ބިމުގެ ބަދަލުގައި ޙަސަން ޒާހިރު ބޭނުންވަނީ ހަމައެކަނި ހުޅުމާލެ ބީޗް ފްރަންޓުން ބިމެއްކަމަށް ޙަސަން ޒާހިރު ބުނެފައިވާ ބުނުމަށް ވިސްނާ ބަލާއިރު، އިސްވެ ބަޔާންކުރެވުނު އުޞޫލުގެ އެއްވެސް ނަންބަރެއްގައި، އެއްވެސް ޙާލަތެއްގައި، އެއްވެސް ފަރާތަކަށް، އެ ފަރާތެއްގެ ނަމުގައި ޅ.މާފިލާފުށީގައި އޮތް ގޯތީގެ ބަދަލުގައި، ހުޅުމާލެއިން ބިން ދޫކުރާގޮތަށް ކަނޑައެޅިފައި ނުވާކަން އެނގޭކަމާއި، އަދި ޅ. މާފިލާފުށީގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ސަރުކާރުގެ ފަރާތުން އެ އުޞޫލުގެ ދަށުން މާފިލާފުށީގައި އޮތް ގޯތީގެ ބަދަލުގައި ހުޅުމާލޭގެ ބިމުން ގޯއްޗެއް ދޫކޮށްފައިވާކަންވެސް އެނގެން ނެތްކަމާއި،
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، ޢާންމުވެގެންވާ މަންފާއަކަށްޓަކައި ދައުލަތަށް ނެގޭ މީހުންގެ މިލްކު ތަކެއްޗަށް ދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްވެގެންވަނީ ޢަދުލުވެރި ބަދަލެއް ކަމާއި، އެހެންކަމުން މީހެއްގެ މިލްކު އެއްޗެއް ޢާންމުވެގެންވާ މަންފާއަކަށްޓަކައި ދައުލަތުން ނަގާނަމަ، އެ ނެގި އެއްޗަކާ އެއްފަދަ އެއްޗެއް، ނުވަތަ އެ އެއްޗަކަށް ޝަރީޢަތުން ކަނޑައަޅާ މާލީ ބަދަލެއް ދިނުމުން، އެއީ ޢަދުލުވެރި ބަދަލެއްކަމަށް ބެލެވޭނެ ކަމާއި، އެކިއެކި މާއްދީ ތަކެއްޗާއި ޚިދުމަތުގެ އަގު ކަނޑައެޅޭ ބީދައިން ބިމުގެ އަގަކީވެސް އެތަނެއްގެ(Supply and Demand) ޑިމާންޑު އަދި ސަޕްލައި އޮތްމިންވަރެއްގެ މައްޗަށް ބިނާކޮށް އަގު ކަނޑައެޅޭ އެއްޗެއް ކަމުގައިވާއިރު، ޅ. މާފިލާފުށީގެ ބީޗް ފްރަންޓުގެ ބިމާއި ހުޅުމާލޭގެ ބީޗް ފްރަންޓުގެ ބިމާއި މި ދެ ރަށުގެ ބިމަކީ އަގުގެ ގޮތުން އެއްވަރުގެ (Equilibrium Price) ދެ ބިންކަމުގައި ބެލުމަކީ ސަޕްލައި އަދި ޑިމާންޑްގެ އުޞޫލަށް ބަލާއިރު، ޢަދުލުވެރިގޮތެއް ކަމަށް ބެލެވެން ނެތްކަން އެނގެން އޮންނަކަމެވެ.(ފ) ދިހަވަނަ ކަމަކީ: ހިޔާވަހިކަމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، އެ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ މިންވަރަކީ، ދައުލަތުގެ ތަނަވަސްކަމާއި، ކެރިފޯރުންތެރިކަން ހުރި މިންވަރަކަށް ނިސްބަތްކޮށް ލާޒިމުވެފައިވާ މިންވަރެއްކަމަށް ނޫނީ ޤާނޫނީގޮތުން ނުބެލެވޭނެ ކަމާއި،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އޭރު އެރަށުގައި ދިރިއުޅެމުން އައި ފަރާތްތަކުން އެ ރަށުގައި ދިރިއުޅެމުން އައި ހިޔާވަހިކަން ފިޔަވައި އިތުރު އެއްވެސް ހިޔާވަހިކަމެއް އެހެން ރަށަކުން ލިބިފައިނެތް ޢާއިލާތަކުގެ ތެރެއިން، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އެ ފަރާތްތަކުގެ އަސާސީ ހިޔާވަހިކަން ގެއްލިގެން ގޮސްފައިވާ ޢާއިލާތަކަށް އިސްކަންދީ، އެފަދަ ޢާއިލާތަކަށް ޚާއްޞަ ރައްކާތެރިކަމެއް، ވީއެންމެ އަވަހަކަށް، ލިބޭގޮތަށް ސަރުކާރުގެ ފަރާތުން ކަންތައްތައް ރާވާ އިންތިޒާމުކޮށް ހަމަޖެއްސުމަކީ، އެއީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ތަފާތުކުރުން ކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ނުބެލެވޭނެ ކަމާއި،
ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުގެ ސަބަބުން އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތަކުގެ ތެރެއިން، އެ މީހުންގެ އަސާސީ ހިޔާވަހިކަން ގެއްލިދިޔަ ޢާއިލާތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ފްލެޓެއް، ނުވަތަ އެ ޢާއިލާއެއް ނިސްބަތްވާ ރަށެއްގައި ސަރުކާރުން ހިންގާ ހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން އަޅާ ޢިމާރާތަކުން ހިޔާވަހިކަމެއް ދިނުމަށް ދައުލަތުގެ ފަރާތުން އިސްކަން ދިނުމަކީ، މާލޭގައި ގޯތި ގެދޮރުގެ ތަނަވަސްކަންހުރެ، އިތުރު ހިޔާވަހިކަމެއްގެ ގޮތުގައި، ނުވަތަ އާމްދަނީ ހޯދުމުގެ ބޭނުމުގައި، ޅ. މާފިލާފުށީގައި ގެދޮރު ބިނާކޮށްގެން ތިބި ޢާއިލާތަކަށް ކަނޑައެޅިފައިވާ އުޞޫލުން ބޭރުން ޚާއްޞަ ގޮތްތަކެއް ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންޖެހޭ ސަބަބެއް ކަމަށްވެސް ނުބެލެވޭނެ ކަމާއި، އެކަން ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި، މުޖްތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް، ނުވަތަ އިޖުތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ، އެ މާއްދާގައި (ހ) ގައި ބުނެފައިވާ ތަފާތުކުރުން ކަމުގައި ނުބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ އަސާސަށް ބެލުމުން، އިތުރަށް ކަށަވަރުވެގެން ދާކަން އެނގެން އޮންނަކަމާއި،
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހާ ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހާ ސަބަބުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގައި ދައުލަތުން ކުޅަ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު، ޅ. މާފިލާފުށްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ޢާއިލާތައް، އެ ޢާއިލާތައް ނިސްބަތްވާ ސަރަހައްދުތަކުގައިވާ ރަށްރަށަށް ބަދަލުކުރުމުގައާއި، މާލެއަށް ނިސްބަތްވާ ޢާއިލާތައް ހުޅުމާލެއަށް ބަދަލުކުރުމުގައި ގޯތިގެދޮރަށް އޭގެ ޒާތުން ބަދަލު ދެއްވާފައިވާ ގޮތާ އެއްހަމަވާ ގޮތަށް، ހަމަ އެބީދައިން ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ޅ. މާފިލާފުށީ "ސީވިއު" ނަމަކަށްކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، އެގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ސަބަބުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާއިން އެ އިސްތިއުނާފީ ދަޢުވާ ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި، ސިވިލް ކޯޓުގެ ނަންބަރު 1148/Cv-C/2014 ޤަޟިއްޔާގައި، ޙަސަން ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، ޅ. މާފިލާފުށީ "ސީވިއު" ނަމަކަށްކިޔާ ގެއާއި ގޯތީގެ ބަދަލުގައި، ހުޅުމާލޭގެ ބިމުން ގޯއްޗެއް ނުވަތަ ފްލެޓެއް ދިނުމަށް ދިވެހި ސަރުކާރަށް އަންގައި ކޮށްފައިވާ ޙުކުމުގެ އެ ބައި ބާޠިލްކޮށް އެ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/257 ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކޮށްފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/257 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.