ޢަލީ ޢިމްރާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2025/65، 95-CR/INDIV/2025/374، 145-B3/SHN/(847-848,2023)/2025/07، 847,848/Cr-C/2023
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުގެ 847,848/Cr-C/2023 ގައި ޢަލީ ޢިމްރާންގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމާއި ބޭނުންކުރުމުގެ ދަޢުވާ ކުރެވުނެވެ. ދަޢުވާ ކުރީ މުއްދަތު ފަހަނައެޅުމަށްފަހުކަމަށް ބުނެ ހުށަހެޅި ހުށަހެޅުން ކްރިމިނަލް ކޯޓުން 145-B3/SHN/(847-848,2023)/2025/07 ގައި ބަލައިނުގަތެވެ. އެ ނިންމުމުގެ އިސްތިއުނާފު ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2025/374 ގައި ބަލައިނުގަނެ، ފަނޑިޔާރުން HC-RM/2025/65 ގައި އެއަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- ޢަލީ ޢިމްރާން 24 ސެޕްޓެންބަރު 2023 ގައި 15 ދުވަހަށް ބަންދުކޮށް، 09 އޮކްޓޫބަރު 2023 ގައި ބަންދު އިތުރު 15 ދުވަހަށް ދިގުކުރިއެވެ. ތަޙުޤީޤުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން އެދުމުން ޕްރޮސިކިއުޓަރ ޖެނެރަލް އެކަން ނުކުރުމުން، ބަންދުގެ މުއްދަތު ހަމަވުމުގެ ކުރިން 23 އޮކްޓޫބަރު 2023 ގައި އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލިއެވެ. ފުލުހުން 7 ޑިސެންބަރު 2023 ގައި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 21 ޑިސެންބަރު 2023 ގައި ދަޢުވާ ކޯޓަށް ފޮނުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅާފައިވާކަމަށް ބުނެ ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ނިންމުމުގެ އިސްތިއުނާފުގައި ހަރުދަނާ ޤާނޫނީ ބަހުސެއް ނެތްކަމަށް 2019/SC-L/91 އަށް ހަވާލާދީ ހުއްދަ ނުދިނުން ރަނގަޅުތޯއާއި، ބަންދުން ދޫކޮށްލި މީހެއްގެ ތަޙުޤީޤާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރަންވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ކޮން ބަޔަކުންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޢަލީ ޢިމްރާން ބުނީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ 2022/SC-A/51 ގެ 15 ވަނަ ނުކުތާއާއި ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ތަޙުޤީޤުގެ މުއްދަތު އިތުރުނުކުރުމުން މިނިވަންވާ ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ފުލުހުންގެ އިޚްތިޔާރުގައި ދޫކޮށްލާ ޙާލަތަކަށް މާނަކޮށްފިނަމަ، މުއްތަހަމުގެ މަޞްލަޙަތު ޙިމާޔަތް ނުކުރެވި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ މަޤްޞަދުތައް ގެއްލޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ދަށު ކޯޓުން ނިންމީ، ބަންދުން ދޫކޮށްލި މީހެއްގެ މައްސަލާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ މުއްދަތު ނުހިނގައި، (ނ) ގެ 45 ދުވަސް ގުނަންވީ ދޫކޮށްލި ތާރީޚުން ފެށިގެން ކަމަށާއި، ދަޢުވާ ކުރީ މުއްދަތުގެ ތެރޭގައި ކަމަށެވެ. [2025] SC 31 ގައި މި ކޯޓުން ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލި ނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލި ނަމަވެސް، ތަޙުޤީޤާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރަންވީ އެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަމަށެވެ. އެހެންކަމުން ހަރުދަނާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިނުވާތީ، 2019/SC-L/91 އަށް ހަވާލާދީ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ ރަނގަޅަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން ޤާއިމް: ކްރިމިނަލް ކޯޓުގެ 145-B3/SHN/(847-848,2023)/2025/07 ނިންމުން އިސްތިއުނާފުކުރުމަށް ޢަލީ ޢިމްރާން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/INDIV/2025/374 ގައި ނިންމި ނިންމުމަށް ތާއީދުކޮށް، ހައިކޯޓުގެ ފަނޑިޔާރުން HC-RM/2025/65 ގައި ކަނޑައެޅި ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބަންދުކުރުމަށްފަހު ބަންދުން ދޫކޮށްލާ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ އެ މާއްދާގެ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި ތަޠުބީޤު ކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އެވެ.
HN2 ދަށު ކޯޓުގެ ނިންމުމުގައި ޤާނޫނީ ގޯސްތަކެއް ހުރިކަމަށް ބުނެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާ މައްސަލައެއްގައި ހަރުދަނާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިނުވާނަމަ، ކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުސޫލު ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ 2019/SC-L/91 މައްސަލައަށް ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމަށް ހައިކޯޓުގެ ފަނޑިޔާރުން ތާއީދުކުރުމަކީ ރަނގަޅު ނިންމުމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2026/SC-HCL/02
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2026/SC-L/08
ހުށަހެޅުނު ތާރީޚު: 04 ފެބުރުވަރީ 2026
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޢަލީ ޢިމްރާން
ޢާންމު ނަން: ޢިމްރާން
ދާއިމީ އެޑްރެސް: މއ. ކޮކްނަޓްހައުސް، މާލެ
މިހާރުގެ އެޑްރެސް: މއ. ކޮކްނަޓްހައުސް، މާލެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2025/65
ހުށަހެޅުނު ތާރީޚު: 22 ޑިސެންބަރު 2025
ނިމުނު ތާރީޚު: 07 ޖަނަވަރީ 2026
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1 މއ.ކޮކްނަޓްހައުސް، ކ.މާލެ، ޢަލީ ޢިމްރާން ގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން، އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި ކެނެބިސް ބޭނުން ކުރުމުގެ ދަޢުވާ ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރުމުން، އެ މައްސަލަތައް ކްރިމިނަލް ކޯޓުގެ ނަންބަރު 847,848/Cr-C/2023 ޤަޟިއްޔާގެ ގޮތުގައި ރަޖިސްޓްރީ ކުރިއެވެ.
[2]4.2 މި ޤަޟިއްޔާތަކުގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ޢަލީ ޢިމްރާންގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެއީ:
(1) ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާއާއި 119 މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ފަރާތުން ޢަލީ ޢިމްރާންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ދަޢުވާކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުން؛ އަދި
(2) ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރުގެ ދަށުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުން؛ މިއެވެ.
[3]4.3 މި ހުށަހެޅުން ބަލައި ނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އެ ނިންމުން ޢަލީ ޢިމްރާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުގެ ރަޖިސްޓްރާރ ނިންމުމުގައިވާ ގޮތުން، އެ ކޯޓަށް އިސްތިއުނާފުކުރެވުނު މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމުގައި ބަޔާންކުރާ ފަދަ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުން، އެ މައްސަލަ ހައިކޯޓަށް ބަލައިގަންނާނެ ތަނެއް ނެތެވެ.
[4]4.4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކުރުމަށް ޢަލީ ޢިމްރާންގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ރަޖިސްޓްރާރގެ ނިންމުމަށް ތާޢީދުކޮށްފައިވެއެވެ.
[5]4.5 މިއަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މި ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ޢަލީ ޢިމްރާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ޢަލީ އިމްރާންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާގޮތުން، ދަށު ކޯޓުގެ ނިންމުން ޤާނޫނީ ގޮތުން ގޯސްވަނީ ކިހިނެއްކަން ބަޔާންކޮށް އިސްތިއުނާފީ ޤާނޫނީ ބަހުސް ތަފްޞީލްކޮށްދީފައިވާ ނުވާ ކަމަށް ރަޖިސްޓްރަރގެ ނިންމުމުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 ނިންމުމާ ޙަވާލާދީ މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައި އެ ނިންމުން އިސްތިއުނާފުކުރުމުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތާއީދުކޮށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ މައްސަލައިގެ 15 ވަނަ ނުކުތާ އަދި ހައިކޯޓުގެ ޤަވާޢިދު (2011) 27 ވަނަ މާއްދާގެ (ހ) އާ ޚިލާފަށެވެ.
[6]4.6 މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ތަޙުޤީޤުގެ މުއްދަތު އިތުރުކޮށްނުދިނުމުގެ ސަބަބުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަންދުގައި ބެހެއްޓޭނެ މަގެއް ނެތިގެން ބަންދުގައި ބަހައްޓާފައި ހުރި މީހަކު މިނިވަންވާ ޙާލަތް ނުވަތަ ޖިނާއީ ތަޙުޤީޤުގެ މުއްދަތު އިތުރުކޮށްނުދިނުމުގެ ސަބަބުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަންދުގައި ބަހައްޓާފައި ހުރި މީހަކު އިތުރަށް ބަންދުގައި ބެހެއްޓޭނެ މަގެއް ނެތިގެން އެ މީހަކު މިނިވަންވާ ޙާލަތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދައިން ބަންދުގައި ބަހައްޓާފައި ހުރި މީހާ ފުލުހުންގެ އިޚްތިޔާރުގައި ދޫކޮށްލާ ޙާލަތު ކަމަށް މާނަކޮށްފިނަމަ، މުއްތަހަމުގެ މަސްލަޙަތު އެއްވެސް މިންވަރަކަށް ޙިމާޔަތް ނުކުރެވޭނެ ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ގެއްލި، އެ މާއްދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
[7]4.7 މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢަލީ ޢިމްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވަނީ 24 ސެޕްޓެންބަރު 2023 ވަނަ ދުވަހު އެވެ. އެ ދުވަހު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން ނިންމާފައިވެއެވެ. އޭގެފަހުން 09 އޮކްޓޫބަރު 2023 ވަނަ ދުވަހު ޢަލީ ޢިމްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން އިތުރު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވެއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަޙުޤީޤު މުއްދަތު އިތުރުކޮށްދިނުމަށްއެދި 18 އޮކްޓޫބަރު 2023 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، ތުހުމަތުކުރެވޭ ފަރާތް ބަންދުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ދަށުން ކަމަށްވުމުން، މައްސަލައަކީ ޖިނާއީ ބޮޑު މައްސަލައެއްކަން ކަށަވަރު ކުރެވެން ނެތުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ޢަލީ ޢިމްރާންގެ ތަޙުޤީޤުގެ މުއްދަތު އިތުރުކުރެވެން ނެތުމުން، އެ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފައިވެއެވެ.
[8]4.8 09 އޮކްޓޫބަރު 2023 ވަނަ ދުވަހު ޢަލީ ޢިމްރާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއް އިތުރުކުރުމުން، ޢަލީ ޢިމްރާންގެ ބަންދުގެ މުއްދަތު ހަމަވާ ތާރީޚަކީ 24 އޮކްޓޫބަރު 2023 އެވެ. އެހެންނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން، 23 އޮކްޓޫބަރު 2023 ގައި ފުލުހުންގެ ބަންދުން ޢަލީ ޢިމްރާން ދޫކޮށްލިއެވެ. އަދި މައްސަލައިގެ ތަޙްޤީޤު ނިންމާ ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 7 ޑިސެންބަރު 2023 ގައި ކަމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައްސަލައިގައި ދަޢުވާކުރުމަށް 21 ޑިސެންބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.
[9]4.9 މި މައްސަލައިގައި ޚުޞޫމާތު އުފެދިފައިވަނީ، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދަޢުވާ އުފުލުމުގައި މުއްދަތު ގުނަންޖެހޭ ގޮތް ބެލުމުގައި ކަމުގައިވާއިރު، ދަށު ކޯޓުގެ ނިންމުމުގައިވަނީ، ޢަލީ ޢިމްރާންއަކީ ބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ފަރާތެއް ކަމުގައިވުމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތު ނުހިނގާނެ ކަމަށާއި، މި ހާލަތުގައި ބަލަންޖެހެނީ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ހައިކޯޓުގެ ނަންބަރު 2024/HC-B12/58 ޤަޟިއްޔާއާ ޙަވާލާދީ، މި މުއްދަތު ގުނަންޖެހެނީ ދަޢުވާ ލިބޭ މީހާ ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި އުސޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން މައްސަލައިގެ ތަޙްޤީޤު ނިންމާ ދަޢުވާކުރުމަށްޓަކައި ލިބޭ 45 (ސާޅީސް ފަހެއް) ދުވަސް ގުނަން ފަށާނީ ބަންދުން ދޫކޮށްލި ތާރީޚް ކަމުގައިވާ 23 އޮކްޓޫބަރު 2023 ފެށިގެން ކަމުގައިވާތީ، މުއްދަތު ހަމަވާ ތާރީޚަކީ 7 ޑިސެންބަރު 2023 ކަމުގައިވާއިރު އެ ދުވަހު މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭ 15 (ފަނަރަ) ދުވަހުގެ މުއްދަތު ހަމަވާ ތާރީޚަކީ 22 ޑިސެންބަރު 2023 ކަމުގައިވާއިރު، 21 ޑިސެންބަރު 2023 ގައި މި މައްސަލައިގެ ދަޢުވާ ކޯޓަށް ހުށަހަޅާފައިވާތީ، މި ދަޢުވާ ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަމަށެވެ.
[10]4.10 މި ކޯޓުގެ (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) [2025] SC 31 ޤަޟިއްޔާގައި ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ސުވާލު ކުރިމަތިވުމުން، ނިންމި ނިންމުމުގައި އޮންނަގޮތުން، ބަންދުކުރުމަށްފަހު ބަންދުން ދޫކޮށްލާ މީހަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަރުތަކާއި ނުލާ ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަރުޠާއެކު ދޫކޮށްލާ މީހެއް ކަމުގައި ވީނަމަވެސް، ނުވަތަ އަމުރެއްގެ ދަށުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއް ނަމަވެސް، ތަޙުޤީޤު ފުރިހަމަ ކުރުމުގެ މުއްދަތާއި ދަޢުވާކުރުމުގެ މުއްދަތު ހިސާބުކުރުމުގެ ބޭނުމުގައި ތަޠުބީޤު ކުރަންޖެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) އެވެ.
[11]4.11 އެހެންކަމުން، މި މައްސަލައާ ގުޅިގެން ދަށުކޯޓާއި ހައިކޯޓުން ނިންމާފައިވާ ނިންމުގައި ޤާނޫނީ ގޯސްތަކެއް ހުރިކަމަށް ބުނެ ޢަލީ ޢިމްރާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލައިގައި ހަރުދަނާ ޤާނޫނީ ބަހުސެއް ހުށަހަޅާފައިނުވާތީ، ކޯޓުން އިސްތިއުނާފީ މައްސަލައެއް ބަލައިގަތުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުސޫލު ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/91 މައްސަލައަށް ހަވާލާދީ ޢަލީ ޢިމްރާން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުން ތާއީދުކޮށް ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.
5. ނިންމުން
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3/SHN/(847-848,2023)/2025/07 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިސްތިއުނާފު ކުރުމަށް ޢަލީ ޢިމްރާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/374 "ރަޖިސްޓްރާރގެ ނިންމުން" އަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު HC-RM/2025/65 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ގައި ހައިކޯޓުގެ ފަނޑިޔާރުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމައިފީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
މުޙައްމަދު އިބްރާހީމް
ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުސައިން ޝަހީދު
05 ރަމަޟާން 1447
22 ފެބްރުއަރީ 2026
ފުޓްނޯޓު
- ދ.ރ. ކާޑު ނަންބަރު A043504
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3/SHN/(847-848,2023)/2025/07 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" (17 ނޮވެންބަރު 2025)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/INDIV/2025/374 "ރަޖިސްޓްރާރގެ ނިންމުން" (08 ޑިސެންބަރު 2025)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2025/65 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" 07 ޖަނަވަރީ 2026
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2023/1916 "ކޯޓު އަމުރު" 24 ސެޕްޓެންބަރު 2023
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2023/2049 "ކޯޓު އަމުރު" 09 އޮކްޓޫބަރު 2023
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/171/2023/2259 "ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްނުދިނުމަށް ނިންމި ލިޔުން" 22 އޮކްޓޫބަރު 2023
- ކްރިމިނަލް ކޯޓުގެ ނަންބަރު ކްރިމިނަލް ކޯޓުގެ ނަންބަރު 145-B3/SHN/(847-848,2023)/2025/07 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގެ 17 ވަނަ ނުކުތާ.
- އބމ
- ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/09,10 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 117 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 119 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ހައިކޯޓުގެ ޤަވާޢިދު (2011) ގެ 27 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ 2025/SC-A/09,10 ([2025] SC 31)
- ސުޕްރީމް ކޯޓުގެ 2019/SC-L/91
- ސުޕްރީމް ކޯޓުގެ 2022/SC-A/51
- ހައިކޯޓުގެ 2024/HC-B12/58
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.