ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- HC-RM/2024/78، 95-CR/196/2024/40، 145-B7/AM/2024/05، 145-B7/(12-2022)/ABA/2024/07
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން 145-B7/AM/2024/05 ގައި ޙަލީމަތު ލަމްޙާ ބަންދުން ދޫކޮށްލަން ނިންމައި 145-B7/(12-2022)/ABA/2024/07 އަމުރު ނެރުނެވެ. އޭގެ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުމުން، އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައިވާ ޙާލަތެއް ތަފްޞީލުކޮށްދީފައި ނުވާތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/196/2024/40 ގައި މައްސަލަ ބަލައިނުގަތެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން HC-RM/2024/78 ގައި އެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- 2021 އޮކްޓޫބަރުގައި މއ. އުދުހޭކޮކާގޭގައި ފިލިޕީންސްގެ ރައްޔިތެއް މަރާލިކަމުގެ ތުހުމަތުގައި ޙަލީމަތު ލަމްޙާ ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ. ހެކިބަސް ނެގުން ކުރިއަށް އޮތުމާއި މައްސަލަ ލަސްވަމުންދާތީ 2023 ގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި ނިންމުން ހައިކޯޓުން ބާޠިލުކުރިއެވެ. 2024 ނޮވެންބަރުގައި އޭނާގެ ފަރާތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން އަލުން ބަންދުން ދޫކޮށްލަން ނިންމިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރު ބާޠިލުކޮށް ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްލި ކްރިމިނަލް ކޯޓުގެ އަމުރުގެ އިސްތިއުނާފަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފާ ގުޅުވައި ހުއްދަ ނުދިނުން ރަނގަޅުތޯއާއި، މައްސަލަ ލަސްވުމަކީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމުގެ އުޞޫލަށް ބަލާއިރު އެ މައްސަލަ ހައިކޯޓަށް ބަލައިގަންނަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއާ ގުޅިގެން ހުށަހެޅި ކަންކަމަށް ހައިކޯޓުން ރިޢާޔަތްނުކޮށް، ކްރިމިނަލް ކޯޓުގެ ނިންމުމުގެ ތެރެއަށް ވަންނަންޖެހޭ ޙާލަތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާކަމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކުރަނީ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމަކަށް ވަދެވިދާނެ ހާލަތްތަކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅީ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކުރި ގޮތާ ބެހޭ ބަހުސެއް ނޫންތީ، އެ ނުކުތާއާ ގުޅުވައި ހުއްދަ ނުދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް ([2023] SC 60) ގައި މައްސަލަ ލަސްވުމަކީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް ކަނޑައަޅާފައިވާތީ، މިއީ ހައިކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ނިންމުން ބާޠިލު: ހައިކޯޓުގެ ރަޖިސްޓްރާރގެ 95-CR/196/2024/40 ނިންމުމަށް ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2024/78 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" ބާތިލުކޮށް، ކްރިމިނަލް ކޯޓުގެ 145-B7(12-2022)/ABA/2024/07 ކޯޓު އަމުރު އިސްތިއުނާފުކުރަން އެދޭނަމަ، ނިންމި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިގެންވާ ކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކުރަނީ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް ވަނުމާ ގުޅޭ ކަންކަމެވެ. އެ ޕެރެގްރާފްގައި ބަޔާންކޮށްފައިވަނީ ދަށުކޯޓުގެ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމަކަށް ވަދެވިދާނެ ހާލަތްތަކެވެ.
HN2 ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ކަންކަމަކީ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް އޮތް ބަހުސެއް ނޫންނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއާ ގުޅުވައިގެން އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
HN3 މައްސަލަ ނިންމުން ލަސްވެގެން ހިނގައިދާނެކަމަށް ބެލެވުމަކީ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ. އެހެންކަމުން، ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްލި ނިންމުމެއްގެ އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ގޮތެއް ނިންމާއިރު މި އުޞޫލަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- އެބައޮތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް
ނަންބަރު: 2024/SC-HCL/24
1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު
ފޯމު ނަންބަރު: 2024/SC-L/113
ހުށަހެޅުނު ތާރީޚު: 16 ޑިސެމްބަރ 2024
2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޢާންމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ގ.ވެލާނާގެ
މިހާރުގެ އެޑްރެސް: ގ.ވެލާނާގެ
3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު
ނިންމުމުގެ ނަންބަރު: HC-RM/2024/78
ހުށަހެޅުނު ތާރީޚު: 24 ނޮވެމްބަރ 2024
ނިމުނު ތާރީޚު: 09 ޑިސެމްބަރ 2024
4. ހުށަހެޅިފައިވާ މައްސަލަ
[1]4.1. 19 އޮކްޓޫބަރު 2021 ގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ ގްރޭސް އޮނޮޑު ޕިނެޑޭ މަރާލާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޅ. ހިންނަވަރު، މާފިނި، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ ހުށަހަޅައި، އެ މައްސަލަ ބެލުމަށް ފަނޑިޔާރަކާ ޙަވާލުކުރެވި ބޭއްވުނު އަޑުއެހުމުގައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
[2]4.2. އޭގެ ފަހުން އެކި ފަހަރު މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ގެ ފަރާތުން އެދިގެން އޭނާގެ ބަންދު މުރާޖަޢާކޮށްފައިވެއެވެ. އޭގެ ތެރެއިން ކޮންމެ ފަހަރަކުވެސް ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުގައި ބެހެއްޓި ސަބަބަށް ބަދަލެއް އައިސްފައި ނުވާތީ، ބަންދުކުރުމުގެ އަމުރަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
[3]4.3. ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނިންމާފައިވަނީ 23 ނޮވެންބަރު 2023 ގައެވެ. އެއީ 18 ޖުލައި 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން "ބަންދު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" ކްރިމިނަލް ކޯޓަށް ހުށަހަޅުމާ ގުޅިގެން 19 ސެޕްޓެންބަރު 2023 ގައި އަޑުއެހުމެއް ބޭއްވުމަށްފަހު، ކްރިމިނަލް ކޯޓުން ނެރެފައިވާ އެ ކޯޓުގެ ނަންބަރު 145-B7(12-2022)/SHB/2022/19 އަމުރުން ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ޝަރީޢަތަށް ބުރަވެވުނު ނަމަވެސް، އަދި ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ދެމިއޮތްނަމަވެސް، އަދިވެސް ގިނަ ޢަދަދެއްގެ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އޮތުމުންނާއި، މައްސަލަ ލަސްވަމުންދާތީ، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާންގެ ބާރު ނުފޯރުވޭ ކަންކަން އޭގައި ހުރުމުން، އޭނާގެ ފަރުދީ ޙައްޤަށް ރިޢާޔަތްކޮށެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުން ބާޠިލުކޮށް، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޮށްފައިވާ އަމުރު އެގޮތުގައި ދެމިއޮތްކަމަށް ކަނޑައަޅާފައިވެއެވެ.
[4]4.4. 07 ނޮވެންބަރު 2024 ގައި ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ގެ ފަރާތުން "ކޯޓު އަމުރު މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" ކްރިމިނަލް ކޯޓަށް ހުށަހަޅައި، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްދިނުމަށް އެދިފައިވެއެވެ. މި ހުށަހެޅުމާ ގުޅިގެން 12 ނޮވެންބަރު 2024 ގައި އަޑުއެހުމެއް ބޭއްވުމަށްފަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
[5]4.5. ކްރިމިނަލް ކޯޓުގެ މި ނިންމުމާ ގުޅިގެން ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކޮށް ކްރިމިނަލް ކޯޓުން ނެރުނު، އެ ކޯޓުގެ ނަންބަރު 145-B7/(12-2022)/ABA/2024/07 ކޯޓު އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްތިއުނާފުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ޙާލަތެއް ތަފްޞީލުކޮށްދީފައި ނުވާތީ، އެ ޤަޟިއްޔާއާ ޙަވާލާދީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެގެން ނެތްކަމަށެވެ.
[6]4.6. ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން އަލުން މުރާޖަޢާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އެ ކޯޓުގެ ނަންބަރު HC-RM/2024/78 ނިންމުމުން ނިންމާފައިވަނީ، ރަޖިސްޓްރާރ ގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-RM/2024/78 ނިންމުން ޕްރޮއިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައި ނިމުނުގޮތެވެ.
[8]4.8 މައްސަލަ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ޤަޟިއްޔާގެ 15 ވަނަ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ކަންކަމަށް ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ކްރިމިނަލް ކޯޓުގެ ނިންމުމުގެ ތެރެއަށް ހައިކޯޓުން ވަންނަންޖެހޭ ޙާލަތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
[9]4.9 ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ ގަޒިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންކުރަނީ ދަށުކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް ވަނުމާ ގުޅޭ ކަންކަން ކަމުގައިވެފައި، އެ ޕެރެގްރާފްގައި ދަށުކޯޓުގެ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމަކަށް ވަދެވިދާނެ ހާލަތްތައް ބަޔާންކޮށްފައި އޮތުމުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރަމުން ހައިކޯޓަށް ހުށަހެޅި ކަންކަމަކީ ފަނޑިޔާރުގެ އިޚްތިޔާރު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް އޮތް ބަހުސެއް ކަމުގައި ނުފެންނާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާގެ 15 ވަނަ ނުކުތާއާ ގުޅުވާ މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ނުދީވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ. ހަމަ މިއާއެކު، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ގަޒިއްޔާއަށް ރިޢާޔަތްކުރާއިރު، މައްސަލަ ނިންމުން ލަސްވެގެން ހިނގައިދާނެކަމަށް ބެލެވުމަކީ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނޫންކަމަށް އެ ގަޒިއްޔާއިން ކަނޑައަޅާފައިވާތީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި ދެކެމެވެ.
5. ނިންމުން
އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތަށް ހުރުމުން، ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް (ނަންބަރު: 95-CR/196/2024/40) ތާއީދުކޮށް ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2024/78 'ރަޖިސްޓްރާރގެ ނިންމުން މުރާޖައާކޮށް ނިމުނު ގޮތް' ބާތިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7(12-2022)/ABA/2024/07 ކޯޓު އަމުރު އިސްތިއުނާފުކުރަން އެދޭނަމަ، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިގެންވާކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން
ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުސްނުއްސުޢޫދު
ޢަލީ ރަޝީދު ޙުސައިން
14 ރަޖަބް 1446
14 ޖަނަވަރީ 2025
ފުޓްނޯޓު
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު : A224162
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7(12-2022)/SHB/2022/19 "ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ބަންދުގައި ބެހެއްޓުން" (21 ފެބުރުއަރީ 2022)
- ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B7/AM/2023/10 "ބަންދު މުރާޖަޢާކޮށް ނިމުނުގޮތް" (23 ނޮވެންބަރު 2023)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-B12/79 ގަޒިއްޔާ
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7/AM/2024/05 "ބަންދު މުރާޖަޢާކޮށް ނިމުނުގޮތް" (12 ނޮވެންބަރު 2024)
- [2022] SC 39
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 95-CR/196/2024/40 "ރަޖިސްޓްރާރގެ ނިންމުން" (20 ނޮވެންބަރު 2024)
- [2022] SC 39
- [2023] SC 60
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ސުޕްރީމް ކޯޓުގެ [2023] SC 60 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.