ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 60 2023/SC-A/44 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޙުސްނުއްސުޢޫދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 07 ޑިސެމްބަރ 2023
އިސްތިއުނާފު ކުރެވުނު ނިންމުން
(OTHR)95-B11/196/2023/56
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް
ޤާނޫނީ ވަކީލު:
ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗޭމްބަރސް އެލް.އެލް.ޕީ ޕްރޮސިކިއުޓަރ ޖެނެރަލް
ޤާނޫނީ ވަކީލު:
1. ޕަބްލިކް ޕްރޮސިކިއުޓަރ އިބްރާހީމް ނާޞިޙް
2. ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު މީޝާ JIN
ޖިނާއީ – ޖިނާއީ މައްސަލަތަކުގައި އިސްތިއުނާފު ނިމެންދެން ބަންދުގައި ބެހެއްޓުން – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) – ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ އަދި 199 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގެ ފަސްފަހަތް 1
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ 5
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން 8
ކުށުގެ ތުހުމަތުވާ ފަރާތްތައް އިސްތިއުނާފީ މަރުހަލާގައި ޝަރިއަތް ނިމެންދެން ބަނދުކުރަން ގޮތް ކަނޑައެޅުމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް ބުނާބުނުން 8
ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމަ އެކަން ތަންފީޒުކުރުމުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތް ކަމަށް ބުނާ ބުނުން 11
އިސްތިއުނާފުރައްދުވާ މީހުން މި މައްސަލައިގައި ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް އޮންނަންޖެހޭނެ ކަމަށް ބުނާ ބުނުން 14
މި މައްސަލައިގައި މުއްތަހަމުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ 15
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 16
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 16
ޙުކުމް 16
` ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް [2023] SC 60 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ނަންބަރު
(OTHR)95-B11/196/2023/56"ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް“ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އަންނަނިވި މީސްމީހުންގެ މައްޗަށެވެ.
ނަން އެޑްރެސް 1. މުޙައްމަދު މަފާޛް ޙުސައިން ސަލީމް ގ.ޝާރާޒް، ކ.މާލެ 2. ޢަލީ ނިފާޒް ވިދާތަރި، ލ.ގަން، ތުނޑި 3. ޙުސައިން ޝާމީން ސަމަންތާ، ރ.އިންނަމާދޫ 4. މުޙައްމަދު ކަރަމް ސުހައިލް ހަވާސް، ގއ.ގެމަނަފުށި، މައްސަލައިގެ ފަސްފަހަތް
2. 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ކ.މާލެ، ލޮނުޒިޔާރަތް މަގުގައި ހުންނަ ޓަރމިނަލް ކެފޭ ތެރޭގައި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް ޢަބްދުއްރަޙީމްއަށް ހަމަލާދީ އޭނާ މަރާލާފައި ވެއެވެ. ބަޔަކު ނަދީމް ޢަބްދުއްރަޙީމަށް ހަމަލާދިނީ އެކަމަށް ތައްޔާރުވެގެން ސައިކަލުތަކެއްގައި ގޮސް، އޭގެ ތެރެއިން ބަޔަކު ކެފޭގެ ތެރެއަށް ވަދެގެންނެވެ. ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ބަދިގޭގައި ބޭނުންކުރާ ޒާތުގެ ވަޅިއެވެ. ނަދީމް ޢަބްދުއްރަހީމުގެ އިތުރުން އޭނާއާ އެކު ކެފޭގައި އިން އެހެން މީހަކަށް ވެސް އެބައި މީހުން ހަމަލާދޭން މަސައްކަތް ކުރިއެވެ.
3. މި މަރުގެ މައްސަލައާ ގުޅިގެން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ހަތަރު މީހުންގެ މައްޗަށް ތިރީގައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލިއެވެ.
ނަން އެޑްރެސް ދައުވާ 1. މުޙައްމަދު މަފާޛް ޙުސައިން ސަލީމް ގ.ޝާރާޒް، ކ.މާލެ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ. 2. ޢަލީ ނިފާޒް ވިދާތަރި، ލ.ގަން، ތުނޑި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ. 3. ޙުސައިން ޝާމީން ސަމަންތާ، ރ.އިންނަމާދޫ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ. 4. މުޙައްމަދު ކަރަމް ސުހައިލް ހަވާސް، ގއ.ގެމަނަފުށި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ. 4. އިސްތިއުނާފު ރައްދުވާ އެންމެންނަކީވެސް ކުށުގެ ރެކޯޑު ހުރި މީސްމީހުންނެވެ. މީގެ ތެރެއިން މުޙައްމަދު މަފާޛް ޙުސައިން ސަލީމަކީ މޮނިކޮން އަމުރަކާ ޚިލާފްވެގެން މީގެ ކުރިން ދައުވާކޮށް ޖަލު ހުކުމެއް ތަންފީޒުކޮށްފައި ހުރި މީހެކެވެ.
5. މި ބަޔާންކުރި މީސްމީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރިއަތް ހިންގާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1117/Cr-C/2017ގަޒިއްޔާ އާއި، އެކޯޓުގެ ނަންބަރު 1118/Cr-C/2017 ގަޒިއްޔާ އާއި އެ ކޯޓުގެ ނަންބަރު 1186/Cr-C/2017ގަޒިއްޔާގައެވެ.
6. ހަވާލާދިން ގަޒިއްޔާތަކުގައި މަރުގެ ކުށުގެ ތުހުމަތުކުރެވުނު ހަތަރު މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފައި ވެއެވެ. ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަޔާންކޮށް، އެ ގަޒިއްޔާތަކުގެ ހުކުމްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 26 ޑިސެމްބަރު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ އިސްތިއުނާފުގެ މައްސަލަތައް އެކުއެކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނީ އެ ކޯޓުގެ ނަންބަރު 2023/HC-A/39,40,45 ގަޒިއްޔާތަކުގައެވެ.
7. ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަތައް ބަލައި ގޮތެއް ނިމެންދެން އިސްތިއުނާފު ރައްދުވާ މި ހަތަރު މީހުން ބަންދުގައި ބޭއްތިއްބުމަށް އެދި ޕްރޮސިކިއުޝަން އިން ހައިކޯޓަށް ހުށަހެޅިއެވެ. ބަންދުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޝަނުން ހައިކޯޓުގައި އެދިފައިވަނީ1 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ2 199 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުންނެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރިއަތް ހިނގަމުންދިޔަ އިރު އެމީހުން ޝަރިއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އޭރު އަމުރު ކުރި ހާލަތާ ސަބަބުތަކަށް ބަދަލެއް އައިސްފައި ނުވާކަމަށް ހައިކޯޓުގައި ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.
8. 2023 ނޮވެންބަރު 20 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މި ހަތަރު މީހުން ބަންދުކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
9. މުޙައްމަދު މަފާޛް ޙުސައިން ސަލީމް އާއި، ޢަލީ ނިފާޒް އާއި، ޙުސައިން ޝާމީން އާއި މުޙައްމަދު ކަރަމް ސުހައިލުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ އިސްތިއުނާފުގެ މަރުހަލާގައި ބަންދު އަމުރެއް ނެރުމުގެ އިޖުރާތެއް ގާނޫނުގައި ނެތްކަމަށާއި، އެ މީހުން ބަންދުން ދޫކުރި ފަހުން ގިނަ ދުވަސްވެފައިވާތީ އާއި، މި މައްސަލައިގެ ބަންދުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާތީ އެކަންކަމަށް ރިއާޔަތްކޮށް ބަންދުކުރާނެ ހާލަތެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
10. ޕްރޮސިކިއުޝަންގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ އެ މީހުންނަކީ އެމީހުންގެ ސަބަބުން މުޖުތަމައަށް ނުރައްކާ އޮތް ބައެއްކަމަށާއި، މުޖުތަމައަށް ނުރައްކާވުމުގެ އިހުތިމާލް އޮތުމުން އެމީހުން ބަންދުކުރުމަށް ފުދޭކަމަށާއި، އެހާލަތު ވުޖޫދުގައި އޮތުމަށް އެމީހުންގެ މައްޗަށް އިތުރު ކުށެއްގެ ތުހުމަތުކުރެވުން ލާޒިމް ނުވާކަމަށެވެ. އަދި، އިތުރު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާނަމަ އެކަމަކީ ބަންދުކުރުމުގައި އިތުރަށް ބަލަންޖެހޭ ސަބަބެއް އޮތުން ކަމަށް ޕްރޮސިކިއުޝަނުން ފާހަގަކޮށް މި ހަތަރު މީހުންގެ ކުރީގެ ހައްޔަރުތަކާބެހޭ ލިޔެކިޔުންތައް ޕްރޮސިކިއުޝަނުން ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
11. އިސްތިއުނާފް ރައްދުވާ މީހުންގެ ތެރެއިން މުޙައްމަދު މަފާޛު ޙުސައިން ސަލީމްގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 1117/Cr-C/2017 ގަޒިއްޔާ އިން ކުށް ސާބިތު ނުވާކަމަށް ޙުކުމްކުރި ފަހުން، ތިން ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލައެއްގައި އެނާ ބަންދުކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ. އެގޮތުން، 2022 ޑިސެމްބަރު 22 ވަނަ ދުވަހުގެ 12:28 އެހާއިރު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި މުޙައްމަދު މަފާޛް ޙުސައިން ސަލީމު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން، 2023 އެޕްރީލް 22 ވަނަ ދުވަހުގެ 01:31 އެހާއިރު، މަޖީދީމަގު ސޮނީ ހާޑްވެއަރ ކައިރިން މުޙައްމަދު މަފާޛު ޙުސައިން ސަލީމް އިތުރު ބަޔަކާއެކު، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، އިންޒާރުދީ، މާރާމާރީ ހިންގައި، މުދަލަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވުނު މައްސަލާގައި މުޙައްމަދު މަފާޛު ޙުސައިން ސަލީމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި، އަދި، 2023 ޖޫން 02 ވަނަ ދުވަހުގެ ވަގުތެއްގައި މުޙައްމަދު މަފާޛު ޙުސައިން ސަލީމް އިތުރު މީހަކާ އެކު މަޖީދީމަގު ރެޑް ވޭވް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ގެންގުޅުނު ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ހައްޔަރުކޮށް ބަންދުން ދޫކޮށްލި މައްސަލައެއްގެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކުރުމުން ހައިކޯޓުގެ ނަންބަރު 2023/HC-B12/43 ގަޒިއްޔާއިން އެ މައްސަލަ ބަލައި އޭނާއަކީ ބަންދުގައި ހުންނަންޖެހޭ ނުރައްކާތެރި މީހެއްކަމަށް އެ ގަޒިއްޔާގައި ކަނޑައެޅުމާއި ގުޅިގެން ދަށުކޯޓުގައި އޮތް ދައުވާއާއި ގުޅިގެން މިހާރު ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައި ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.
12. ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފް ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތް ކަނޑައެޅުމާއި، އެ ފަރާތްތައް ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމަ އެކަން ތަންފީޒުކުރުމުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތުމުންނާއި، އިސްތިއުނާފް ރައްދުވާ މީހުން ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްދީފައި ނުވާތީ އިސްތިއުނާފް ރައްދުވާ މުޙައްމަދު މަފާޛް ޙުސައިން ސަލީމްއާއި، ޢަލީ ނިފާޒްއާއި، ޙުސައިން ޝާމީން އަދި މުޙައްމަދު ކަރަމް ސުހައިލް ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ
13. ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ހަތަރު މީހުންގެ ބަންދާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ3 ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު4 ގެ 199 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި، އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު5 ގެ 13 ވަނަ މާއްދާގެ (ނ) އާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ6 16 ވަނަ މާއްދާ އާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ7 12 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، އެ ގާނޫނުގެ 17 ވަނަ މާއްދާ އާއި، 25 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ.
14. އިސްތިއުނާފީ ނުކުތާ ތަފްސީލުކޮށްދެމުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ "...ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބުނު ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ކަނޑައެޅުމާއި، އެފަރާތްތައް ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމަ، އެކަން ތަންފީޒުކުރާނެގޮތުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މިވަގުތު ބަޔާންވެ ފެންނަން ނެތުމުން...އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެދެއްވެން ނެތް..." ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންކުރި ނަމަވެސް، އެއީ ގާނޫނީ ގޮތުން ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި ޕްރޮސިކިއުޝަނަށް މި ގޮތަށް ދެކޭ ސަބަބަކީ ޝަރިއަތުން ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން މުއްތަހަމުން ބަންދުކުރުމަކީ، ކޯޓުތަކަށް ގާނޫނުން ދީފައިވާ ބާރަކަށް ވާތީ އާއި، އަދި އެ ބާރު ބޭނުންކުރަންޖެހޭ ހާލަތްތައްވެސް ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އާއި، އިސްތިއުނާފުގެ މަރުހަލާ ނިމެންދެން މުއްތަހަމު ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް އިސްތިއުނާފީ ކޯޓުގައި އެދެވިދާނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ ކަމަށް ޕްރޮސިކިއުޝަނުން ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ.
15. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް8 ގަޒިއްޔާގައި ބަންދާމެދު ގޮތެއް ނިންމުމުގައި ކަންކަން ވަޒަންކުރަންވީ ގޮތުގެ އާންމު ހަމަތައް ބަޔާންކޮށް ޝަރަހަކޮށްދީފައިވާ ކަމަށާއި، މި ހުރިހައި ނައްސުތަކާއި، އުސޫލުތަކަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މުއްތަހަމެއްގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭ ކޮންމެ ހާލަތެއްގައިވެސް ރިއާޔަތްކުރުން ހުއްދަ ނައްސުތަކާއި، އުސޫލުތަކެއް ކަމަށާއި، މިކަމުގައި އިސްތިއުނާފީ މަރުހަލާ ތަފާތުކޮށްފައި ނުވާ ކަމަށް ޕްރޮސެކިއުޝަނުން ބުނެފައި ވެއެވެ.
16. މީގެއިތުރުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު9 ގެ 16 ވަނަ މާއްދާގައި ވެސް، އެ ގާނޫނުގެ 05 ވަނަ މާއްދާއިން ފެށިގެން 09 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކުރާ ކުށްތަކާ ގުޅިގެން، މުއްތަހަމަކު ބަންދު ކުރަނީނަމަ، އެކަމުގައި ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
17. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާއިން ހައިކޯޓަށް ލިބިދޭ ބާރުގެ ތެރެއިން، އިސްތިއުނާފީ މަރުޙަލާގައި މުއްތަހަމުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމާއި، އެކަން ތަންފީޒުކުރުމުގެ އިޖުރާއަތެއް ނެތްކަމަށް ގާނޫނު ތަންފިޒުކުރުމުގެ މަސްއޫލިއްޔަތު އޮތް ފަރާތްތަކުން ދެކުމަކީ އަދި އެގޮތަށް ގާނޫނު މާނަކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައިވާ10 ހަމަތަކާ ޚިލާފުކަމެއް ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.
18. ޕްރޮސިކިއުޝަނުން ބުނެފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 17 ވަނަ މާއްދާއަށް ބަލާއިރު، "ގާނޫނެއް މާނަކުރުމުގައި، އެ ގާނޫނެއް އެކުލަވާލި މަގްސަދަށް، ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ގާނޫނު މާނަކުރުމަށް އިސްކަންދޭންވާނެ ކަމަށާއި އަދި އެ ގާނޫނުގެ މަގްސަދުތައް ހާސިލުނުވާނެގޮތަކަށް އެ ގާނޫނު މާނަކުރެވިގެން ނުވާނެ"ކަމަށެވެ. އެހެންކަމުން، އިސްތިއުނާފީ މަރުހަލާގައި މުއްތަހަމުން ބަންދުކުރުމަށް ގާނޫނުން ހާސިލުކުރާން ބޭނުންވި އަމާޒު ހާސިލުނުވާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާ މާނަކުރި ކުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 17 ވަނާ މާއްދާއާ ޚިލާފުވާ ކަމަށެވެ.
19. ޕްރޮސިކިއުޝަނުން އިތުރަށް މި ނުކުތާގައި ބުނެފައިވަނީ ބަންދާމެދު ގޮތެއް ނިންމުމުގައި ރިއާޔަތްކުރާންޖެހޭ އާންމު އަސާސީ ހަމަތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އަދި ޚާއްސަ ގާނޫނުތަކުގައި އަދި ގަޒިއްޔާތަކުގައި ބަޔާންކޮށްފައިވާއިރު، އިސްތިއުނާފީ މަރުހަލާގައިވެސް އެކަންކަން ވަޒަންކޮށް އެ ހަމަތައް ތަތުބީގުކުރަންޖެހުމަކީ، ގާނޫނު މާނަކުރުމާއި ގާނޫނު ތަތުބީގުކުރުމުގެ އާއްމު ހަމަތައް ނިޔާކުރާ ގޮތްކަމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
20. އިސްތިއުނާފުކުރަން ހުށަހަޅާފައިވާ ނިންމުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ހައިކޯޓުން ގޮތެއް ކަނޑައެޅެން ނެތީ އަންނަނިވި ސަބަބުތަކާހުރެ ކަމަށެވެ.
(ހ) ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފް ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ގޮތް ކަނޑައެޅުމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތުން.
(ށ) އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމަ އެކަން ތަންފީޒުކުރުމުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތުން.
(ނ) އިސްތިއުނާފް ރައްދުވާ މީހުން ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްދީފައި ނެތުން.
21. ވީމާ، މި މައްސަލައިގައި މި ކޯޓުން ގޮތް ނިންމަންޖެހެނީ މި ބަޔާންކުރި ތިން ނުކުތާއާ ބެހޭގޮތުންނެވެ.
ކުށުގެ ތުހުމަތުވާ ފަރާތްތައް އިސްތިއުނާފީ މަރުހަލާގައި ޝަރިއަތް ނިމެންދެން ބަނދުކުރަން ގޮތް ކަނޑައެޅުމާބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް ބުނާބުނުން
22. ޖިނާއީ މައްސަލަތަކާ ގުޅިގެން، ކުށް ސާބިތުނުވާކަމަށް ދަށުކޯޓުން ނިންމާ ނިންމުންތައް ޕްރޮސިކިއުޝަނުން އިސްތިއުނާފުކުރާއިރު އިސްތިއުނާފު ރައްދުވާ މީހާއަކީ އިސްތިއުނާފު މަރުހަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިއްޖެނަމަ، އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އިސްތިއުނާފީ ކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.
23. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު11 ގައި ބަޔާން ކޮށްފައިވާ އުސޫލުތައް ތަތުބީގުކުރާނެ ގޮތް ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް12 ގަޒިއްޔާގައި ޝަރަހަކޮށްދީފައި ވެއެވެ. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅަނީ އިސްތިއުނާފީ މަރުހަލާގައި ކަމަށްވީ ނަމަވެސް އަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް13 ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށްކަން މި ގަޒިއްޔާގައިވާ ހަމަތަކަށް ބެލުމުން އެނގެއެވެ. އަދި އެ ޝަރަހަތަކާ އެއްގޮތަށް ހުރިހާ ކޯޓުތަކުން އަމަލުކުރުމަކީ އެކޯޓުތަކުގެ މައްޗަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ލާޒިމުކުރާ ކަމެކެވެ. ސަބަބަކީ ގާނޫނުއަސާސީގެ އެ މާއްދާގައި ޝަރިއަތުގެ މަރުހަލާއާއި އިސްތިއުނާފުގެ މަރުހަލާ ފަރަގުކޮށްފައި ނެތުމުންނެވެ.
24. ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރަންވީ ގޮތާބެހޭ ގޮތުން ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް14 ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވާ އުސޫލުތައް ތިރީގައި ޚުލާސާކޮށްފައި މިވަނީއެވެ.
މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ. ފުރަތަމަ ސުވާލަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ. ދެވަނަ ސުވާލަކީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.
ތުހުމަތު ކުރެވުނު ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަ މުއްތަހުމު ބަންދުގައި ބަހައްޓާނެ ހާލަތެއް ނޯންނާނެއެވެ. އެއާ ޚިލާފަށް، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ނުވަތަ އެވަގުތު އެމިންވަރަށް ހެކި ނެތް ނަމަ އެ ކުށް އެމީހާ ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރި ނަމަ، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތް ނަމައެވެ. ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އޮތް ކަން ނުވަތަ ނެތްކަން ބެލުމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ ބޭނުންކުރެވިދާނެއެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) އަށް ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ބުނެދިނުމުގައި އެއިން ކޮންމެ އަކުރެއްގެ ފަހަތުގައި ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. މުހިންމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ކޯޓަށް ހުށަހަޅާ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ހުށަހެޅުމެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުމަކީ، ބަންދުކުރެވިފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ވަކި ކުށެއްކަމުގައިވާތީ، އޭގެ ޒާތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ބެލުމަށްވުރެ، ބަންދުކުރެވިފައިވާ މީހާގެ ކުށުގެ ޢަމަލާއި، އޭނާއާ ދެކޮޅަށް އެވަގުތު ލިބިފައިވާ ހެކި، ނުވަތަ މުސްތަޤުބަލުގައި ލިބިދާނެ ހެއްކާއި، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަ، އެ ރެކޯޑުތަކާއި، މިފަދަ މިނޫންވެސް ބަންދުކުރެވިފައިވާ މީހާއަށް ނިސްބަތްކުރެވޭ ކަންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ވާން ޖެހޭނެއެވެ.
މި ގަޒިއްޔާގެ ހުކުމުގައި އިތުރަށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަތުބީގު ކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތު ކުރުމަށް ބަލާ މިންގަނޑެއް ނޫން ކަމަށާއި، އެ ޙާލަތުގައި ފަނޑިޔާރު ބަލަންވާނީ، ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެ ކަމަށެވެ.
25. އެހެން ކަމުން ޖިނާއީ މައްސަލަތަކުގެ އިސްތިއުނާފީ މަރުހަލާގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތް ކަނޑައެޅުމާބެހޭ އުސޫލެއް ނެތް ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ބަންދުކުރުމަށް އިސްތިއުނާފީ މަރުހަލާގައި ނިންމާނަމަ އެކަން ތަންފީޒުކުރުމުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތް ކަމަށް ބުނާ ބުނުން
26. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފީ މަރުޙާލާގައި، ޝަރީއަތް ނިމެންދެން ދައުވާ ލިބުނު ފަރާތްތައް ބަންދުކުރުމާމެދު ގޮތް ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ސާފު ތަފްސީލީ އިޖުރާއަތެއް ގާނޫނުގައި ނުވަތަ ގަވާއިދެއްގައި ބަޔާންވެގެން ނުވާކަމަށެވެ. އަދި އިސްތިއުނާފީ މަރުހަލާގައި ޝަރީއަތްނިމެންދެން ބަންދުކުރިނަމަވެސް، ބަންދު މުރާޖަޢާ ކުރުމާގުޅޭ އިޖުރާއަތާއި، ބަންދުކުރާ ތަނެއްގައި މި ފަދަ އަމުރުތަކާ ގުޅިގެން ބަންދުކުރާ މީހުން ބަލަހައްޓައި ގެންގުޅޭނެ އިޖުރާއަތެއް ނުވަތަ އުސޫލުތަކެއް ނެތް ކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ޝަރިއަތުގެ މަރުހަލާގައި ޝަރިއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްޗަށް ދައުވާކުރާ މުއްދަތާއި ހުކުމް ކުރަންޖެހޭނެ މުއްދަތުތައް ފަދަ މުއްދަތުތަކެއް ހުރުމުން ދިގުމުއްދަތެއް ބަންދުގައި ހޭދަކުރަން ނުޖެހޭ ގޮތަށް އިޖުރާއީ ގާނޫނުތަކުގެ ދަށުން މުއްތަހަމުންނަށް ހިމާޔަތް ދީފައިވާއިރު، އިސްތިއުނާފީ މަރުހަލާގައި ބަންދުކުރެވޭ މީހުންގެ މައްސަލަތައް މައުލޫއީ ގޮތުން ހައިކޯޓުން ނިންމާނޭ ތާރީޚެއް އަންދާޒާކުރަން އެނގެން ނެތުމުން މުއްތަހަމުން އެކަށީގެންނުވާ އަދި ބޭއިންސާފު ދިގުމުއްދަތަކަށް ބަންދުގައި ތިބެންޖެހޭތީވެ، އިސްތިއުނާފު މަރުހަލާގައި ބަންދުކުރެވޭމީހުންނަށް އެއްވެސް ގާނޫނެއްގެ ދަށުން ހިމާޔަތެއް ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން މުއްތަހަމުންގެ މައްޗަށް ކުށެއް ސާބިތުނުވެ ދިހަ ބާރަ އަހަރު ބަންދުގައި ހޭދަކުރަން ޖެހޭގޮތަށް ދޮރު ހުޅުވިފައި އޮތުމަކީ ގާނޫނުއަސާސީ ތަސައްވަރުކުރާ ގޮތް ކަމަށް ނުވާތީވެ، މި މައްސަލައިގައި އެގޮތަށް މުއްދަތު ދެމިގެން ދިއުމުގެ ފުރުސަތު އޮތުމުން އިސްތިއުނާފުގެ މަރުހަލާގައި މުއްތަހަމުން ބަންދުކުރަން އަމުރުކުރުމަކީ ބޭއިންސާފު ގޮތެއް ކަމަށެވެ.
27. ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރިއަތް ނިމެންދެން ދަށު ކޯޓުން ބަންދުކުރުމުން އެ އަމުރު ތަންފީޒުކުރާނޭ ގޮތްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، އެ ގާނޫނާއި ގަވާއިދުތައް އިސްތިއުނާފީ މަރުހަލާގައި ޝަރީއަތްނިމެންދެން ބަންދުކުރަން އަމުރުކުރާ ހާލަތުގައި ތަންފީޒުކުރަން ހުރަސް އެޅެނީ ކޮން ގާނޫނީ އިޖުރާއަތެއް ނެތިގެންކަން ހައިކޯޓުން ކުރި އަމުރުގައި ބަޔާންކޮށްފައި ނެތެވެ. އަދި އިސްތިއުނާފީ މަރުހަލާގައި ޝަރީއަތްނިމެންދެން ބަންދުކުރަން އަމުރުކުރާ ހާލަތުގައި މިހާރު ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން ނުވަތަ އެ ގާނޫނާ ގަވާއިދާ ވަކިން ގާނޫނެއް ނުވަތަ ގަވާއިދެއް އޮންނަން ޖެހޭ ސަބަބެއް ނުވަތަ އުނިވަނީ ކޮން ކަމެއްކަން ހައިކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްދީފައި ނެތެވެ. ހައިކޯޓުގެ މަރުހަލާގައި ޝަރީއަތްނިމެންދެން ބަންދުކުރަން އަމުރުކުރާ ހާލަތުގައި، އެ މައްސަލައެއް ހިންގާނީ ހައިކޯޓުގައި ޝަރިއަތްކުރުމަށް ހަމަޖައްސާފައިވާ އުސޫލުން އަދި ހައިކޯޓުގައި އިސްތިއުނާފީ މައްސަލަތައް ނިންމަން ހައިކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައިކަން އެނގެއެވެ. ހައިކޯޓުގައި ހިނގާ އިސްތިއުނާފީ މަރުހަލާގައި ކަންކަން ކުރަންޖެހޭ ގޮތާއި މައްސަލައެއްގެ ޝަރިއަތް ހިނގާ މަރުހަލާގައި ކަންކަން ކުރަންވީ ގޮތް އަޅައިކިޔޭނެ ކަމަށް ނުދެކެމެވެ. ހައިކޯޓުގައި ވަސީލަތްތައް ނެތިގެން މައްސަލަތައް ނިންމުން އާދަޔާ ޚިލާފަށް ލަސްވެގެން ހިނގައިދާނެ ކަމަށް ބަލައިގެން ބަންދުކުރުމާބެހޭ ގޮތުން މިހާތަނަށް ގާއިމުވެފައިވާ އުސޫލުތައް ދޫކޮށްލެވިދާނެ ކަމަށް ނުދެކެމެވެ. ސަބަބަކީ ވަކި ހާލަތްތަކެއްގައި މުއްތަހަމު ބަންދުގައި ބެހެއްޓުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ހުއްދަކޮށްފައިވަނީ މުޖުތަމައުގެ ހައްގުތައް ހިމާޔަތްކުރުމަށާއި އަދުލުއިންސާފު ގާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށްވާތީއެވެ. ބަދަލުކުރަންޖެހެނީ ޝަރިއަތް ހިންގުމާބެހޭ ގޮތުން ގާއިމުވެފައިވާ އުސޫލުތައް ނޫނެވެ. އޭގެ ބަދަލުގައި، ދައުލަތުން އިސްކަންދޭންވީ ފަނޑިޔާރުންނަށް އަވަސްކަމާއެކު ޝަރިއަތްކުރުމަށް މަގުފަހިކޮށް ދިނުމަށެވެ. ދައުލަތަށް ކެރިކުޅަދާނަކަން ހުރި މިންވަރަކުން އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދީގެންނެވެ. ހަމައެކަނި ކޯޓުން މަސައްކަތްކޮށްގެން އަދުލުއިންސާފު ގާއިމުނުކުރެވޭނެއެވެ. އަދުލުއިންސާފު ރައްޔިތުންނަށް ހޯދައިދެވޭނީ ދައުލަތުގެ އެންމެހައި ބާރުތަކުންނާއި މުއައްސަސާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. ހަމައެކަނި ފަނޑިޔާރުން ހޭލައި ތިބެގެން އިންސާފު ލިބިނުދެވޭނެއެވެ. އިންސާފު ލިބިދެވެނީ ދައުލަތުގެ އެންމެހައި ބާރުތަކުން އެއްވާނެއްގައި އެއް މިސްރާބަށް މަސައްކަތްކޮށްގެންނެވެ.
28. މައްސަލައެއް ބެލުމުގެ ތެރޭގައި ވަކި ކަމަކާ ބެހޭގޮތުން އިޖުރާއަތެއް ހިންގުމަށް ގާނޫނާއި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، އެ ކަމެއް ކުރަންޖެހޭނީ އެ ވަގުތަކު އެ މައްސަލައެއ ބަލަމުންދާ ފަނޑިޔާރު ނުވަތަ ފަނޑިޔާރުން ކަމަށް ވުމާއެކު، ވަކި މަރުހަލާއެއްގައި މައްސަލަ އޮތަތީ އެކަމަކީ އެކޯޓުން ނުކޮށް ދޫކޮށްލެވޭނެ ކަމެއް ކަމަށް ނުދެކެމެވެ. އަދި ޝަރިއަތުގެ ކޮންމެ މަރުހަލާއަކަށް ވަކި ގާނޫނެއް ހެދުމަކީ ކުރެވޭނެ ކަމެއް ކަމެއް ކަމަށް ނުވާތީވެ، މި ފަދަ ބައެއް ކަންކަމަކީ ގާނޫނު މާނަކޮށް ގާނޫނާއި ގަވާއިދު އެ މަރުހަލާއަކަށް ނިސްބަތްކޮށް ހިންގަންޖެހޭ ކަމަށް އިފްތިރާޒުކުރެވޭ ކަންކަމެވެ. ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އިސްތިއުނާފީ ކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތް އިރު، އެއާ ގުޅިގެން ދެން ހިންގަންޖެހޭ އިޖުރާއަތުތަކަކީ އެ މައްސަލައެއް އެވަގުތަކު ބަލަމުންގެންދާ ކޯޓުން ހިންގަންޖެހޭނެ އިޖުރާއަތުތަކެއް ކަމަށް ގާނޫނީ ގޮތުން އިފްތިރާޒުކުރަންޖެހެއެވެ. އަދި ހަމައެގޮތަށް ބަންދުގައި ތިބޭ މީހުން ބަލަހައްޓާ ފަރާތުންވެސް އެ ހާލަތަކަށް ނިސްބަތްކޮށްގެން ކަންކަން އިންތިޒާމުކޮށް އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރެވެއެވެ.
29. ވުމާއެކު، ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ގާނޫނު ބަޔާންކުރާ ހާލަތުތަކެއް ހުރެމެ، އެކަން ތަންފީޒުކުރުމުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތް ކަމަށް ބުނެ ބަންދުގެ އަމުރެއް ނެރެ ނުދިނުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތް ކަމެއްކަމަށް ނުދެކެމެވެ.
އިސްތިއުނާފުރައްދުވާ މީހުން މި މައްސަލައިގައި ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް އޮންނަންޖެހޭނެ ކަމަށް ބުނާ ބުނުން
30. ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މި މައްސަލައިގައި އިސްތިއުނާފް ރައްދުވާ މީހުން ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް ނެތް ކަމަށެވެ.
31. އިސްވެ ބަޔާންކުރި ފަދައިން، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް15 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ނުވަތަ އެވަގުތު އެމިންވަރަށް ހެކި ނެތް ނަމަ އެ ކުށް އެމީހާ ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރެފައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް ވުޖޫދުގައި އޮތުމުން ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓަން އަމުރުކުރުމަށް ފުދެއެވެ. އެހެން ނަމަވެސް އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހުން "ކޮންމެހެން ބަންދުކުރަންޖެހޭ ޒަރޫރީ ސަބަބެއް" ނެތް ކަމަށް ފާހަގަކޮށްފައިވާތީވެ، ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް16 ގަޒިއްޔާގައި މުއްތަހަމު ބަންދުކުރުމަށް ކަނޑައަޅާފައިވާ އޮޅިގަނޑަށްވުރެ، އުސް އޮޅިގަނޑެއް ޕްރޮސިކިއުޝަނުން ނުވަތަ ބަންދުކޮށްދިނުމަށް އެދޭފަރާތުން ގިރާކުރަން ޖެހޭނެ ކަމަށް ހައިކޯޓުން ވިދާޅުވާ ކަމަށް ދޭހަވެއެވެ. އެހެންނަމަވެސް، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ އޮތް ގޮތުން، ކުށް ސާބިތު ނުވެގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ މައްސަލައެއް އިސްތިއުނާފުކުރާ ހާލަތުގައި އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ މުއްތަހަމުން އިސްތިއުނާފުގެ މުއްދަތުގައި ބަންދުގައި ބައިތިއްބައި ދިނުމަށް ޕްރޮސިކިއުޝަނުން އެދޭ ހާލަތުގައި ވެސް އެފަދަ މީސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައި އިސްތިއުނާފީ ކޯޓުން ރިއާޔަތްކުރަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ކަމަށް ދެކެމެވެ. ބަންދުގައި ބަހައްޓަން އަމުރުކުރަންޖެހޭ ޒަރޫރީ ސަބަބު އޮތްކަން ނުވަތަ ނެތްކަން ބަލަންވާތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން، ކޮންމެ މައްސަލައެއްމެ ވަކިން، އެ މައްސަލައެއްގެ ވަށައިގެންވާ ޚާއްސަ ކަންކަމަށް ވަކިވަކިން ރިއާޔަތްކޮށްގެންނެވެ.
މި މައްސަލައިގައި މުއްތަހަމުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ
32. އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ފާހަގަކުރަމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާމީހުން ހައިކޯޓުގެ އިސްތިއުނާފުގެ މަރުހަލާގައި ބަންދުގައި ބައިތިއްބަން އަމުރުކުރަންޖެހޭ ކަމަށް ޕްރޮސިކިއުޝަނުން ބަޔާންކުރި ސަބަބަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން އާއްމުތަނެއްގައި މާރާމާރީ ހިންގައި، މީހަކު މަރާލުމުގެ ކުށް ކަމަށްވާތީވެ، އިސްތިއުނާފުގެ މަރުހަލާގައި ހައިކޯޓުގައި އޮތް މައްސަލަ މައުލޫއީ ގޮތުން ވަކިގޮތަކަށް ނިމުމުގެ ކުރިން މި މީހުން ބަންދުނުކޮށް ދޫވެފައި ތިބުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ 4 މީހުންގެ ފުށުން އެއިން ކޮންމެ މީހެއްގެ ނިސްބަތުގައި އެއިން ކޮންމެ މީހެއްގެ ފުށުން ވަކިވަކީން މުޖުތަމައު އަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިތޯ އާއި އެ މީސްމީހުން ކޯޓަށް ހާޒިރުކުރުމުގައި ހުރި މައްސަލަތަކަކީ ކޮބައިތޯ ވަކިވަކިން ބަލައި ވަޒަން ކުރެވިފައިވާ ކަމަށް ނުދެކެމެވެ. މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން މި ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވަނީ އެ މީހުން މި މައްސަލައިގެ ޝަރިއަތުގެ މަރުހަލާއިން ކުށް ސާބިތުނުވެގެން ބަންދުން ދޫކޮށްލިފަހުން އޭގެ ތެރެއިން ބައެއް މީހުންގެ ފުށުން މާރާމާރީގެ އަމަލުތައް ފެނުނު ނަމަވެސް ބައެއް މީހުންގެ ފުށުން އެފަދަ ހާދިސާއެއް މެދުވެރިވެފައި ނުވާ ކަމަށެވެ. ވީމާ ޕްރޮސިކިއުޝަނުން މި މައްސަލައިގައި މި ކޯޓުގައި އެދިފައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ފުށުން މުޖުތަމައުއަށް ނުރައްކާވާ ސަބަބެއް އޮތްތޯ ކޮންމެ މީހެއްގެ ހާލަތު ވަކިން ވަޒަންކޮށް މި މީހުންގެ ބަންދާމެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހޭ ކަމަށް ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
33. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
34. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B11/196/2023/56 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް" ބާތިލުކުރުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ފުށުން މުޖުތަމައުއަށް ނުރައްކާވާ ސަބަބެއް އޮތްތޯ ކޮންމެ މީހެއްގެ ހާލަތު ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިން ވަޒަންކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި މި ކޯޓުގައި އެދިފައިވާ ފަދައިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)
1 ނަންބަރު: 196-A2/95/2022/453 (27 ޑިސެންބަރު 2022) ސިޓީ
2 ގާނޫނު ނަންބަރު 2016/12
3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B11/196/2023/56 " ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް"
4 ގާނޫނު ނަންބަރު: 12/2016
5 ގަވާއިދު ނަންބަރ SC-REG-01 -2021
6 ގާނޫނު ނަންބަރު: 17/2010
7 ގާނޫނު ނަންބަރު 4/2011
8 ނަންބަރު 2020/SC-A/93
9 ގާނޫނު ނަންބަރު 17/2010
10 ގާނޫނު ނަންބަރު 4/2011
11 ގަވާއިދު ނަންބަރ SC-REG-01 -2021
12 ނަންބަރު 2020/SC-A/93
13 ނަންބަރު 2020/SC-A/93
14 ނަންބަރު 2020/SC-A/93
15 ނަންބަރު 2020/SC-A/93
16 ނަންބަރު 2020/SC-A/93
2019/SC-A/300 [2021] SC 778
2023/SC-A/44 [2023] SC 60
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.