ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ޙުކުމްކޮށް ދައުލަތުން އިސްތިއުނާފުކުރި މައްސަލައެއްގައި، އިސްތިއުނާފީ ޝަރީޢަތް ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ، އަދި އެއީ އިސްތިއުނާފީ ކޯޓުން ދަށު ކޯޓުގެ އިޚްތިޔާރުގެ ތެރެއަށް ވަދެ ބަދަލުކުރަންޖެހޭ ނިންމުމެއްތޯ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ނިންމުން (OTHR)/95-B9/196/2024/14 ޤާއިމް (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިސްތިއުނާފު މަރުޙަލާ ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދެވިދާނެއެވެ؛ ދަށު ކޯޓުގައި ކުށް ސާބިތުނުވާ ޙާލަތުގައި ޕްރޮސިކިއުޝަނުން އިސްތިއުނާފުކުރާ މައްސަލައެއްގައިވެސް މިގޮތަށް އެދެވިދާނެއެވެ. (ޕެރ. 12–13)
އިސްތިއުނާފީ މަރުޙަލާގައި ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވީ ނަމަވެސް، އަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށެވެ؛ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީޢަތުގެ މަރުޙަލާއާއި އިސްތިއުނާފުގެ މަރުޙަލާ ފަރަގުކޮށްފައި ނެތުމުން، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ކޯޓުތަކުން އަމަލުކުރަން ޖެހޭނެއެވެ. (ޕެރ. 13)
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާއަކީ އިސްތިއުނާފީ މަރުޙަލާގައި ބަންދާ ގުޅޭ ފަދަ ޙާލަތްތަކަށް ތަތުބީގުކުރުމަށް ލިޔެފައިވާ މާއްދާއެއް ނޫނެވެ؛ އަދި އެ މާއްދާއަކީ އިސްތިއުނާފީ މަރުހަލާގައި އޮންނަ މައްސަލައެއްގައި އިސްތިއުނާފީ ކޯޓަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެއްވެސް ހާލެއްގައި ހުރަސް އަޅާ މާއްދާއެއް ނޫނެވެ. (ޕެރ. 14)
ކުށުގެ ތުހުމަތުކުރެވޭ މީހަކު ޝަރީޢަތުގެ މުއްދަތުގައި ބަންދުގައި ބަހައްޓާނެ ސަބަބުތަކެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ އެ މައްސަލައެއްގައި ޝަރީޢަތްކުރާ ފަނޑިޔާރުންގެ އިޚްތިޔާރުގައި އޮންނަކަމެކެވެ؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިސްނާ ޙާލަތެއް ނެތްނަމަ، އެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ނުވަންނާނެއެވެ. (ޕެރ. 16)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)، 199 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)، 77 ވަނަ މާއްދާ
- [2024] SC 21؛ 2024/SC-A/16 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2))
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2023] SC 60 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް)
- [2022] SC 39؛ 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)، ޕެރެގްރާފް 15 އަދި 16
ފަނޑިޔާރުން
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 32 2024/SC-A/22 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (3) ފަނޑިޔާރުންގެ މަޖިލިސް ޙުސްނުއްސުޢޫދު ޑރ. އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ނިމުނު ތާރީޚު 02 ޖުލައި 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ (OTHR)/95-B9/196/2024/14
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ. ސޭޑީގްރޯވް، އދ.މާމިގިލި ޕްރޮސިކިއުޓަރ ޖެނެރަލް
ޤާނޫނީ ވަކީލު: މަޙްފޫޡް ސަޢީދު، ލެކްސަވީ ޗޭމްބަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު
ޖިނާއީ — ބަންދު މުރާޖައާ ކުރުން — އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުން — ގާނޫނުއަސާސީގެ 49 ވަނަ މާއްދާ — ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ — ދަށުކޯޓުގެ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއް ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓުން ވަނުން
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގެ ފަސްފަހަތް 1
އިސްތިއުނާފީ ނުކުތާތައް 4
އިސްތިއުނާފީ ފުރަތަމަ ނުކުތާ 5
އިސްތިއުނާފީ ދެވަނަ ނުކުތާ 6
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 7
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 7
ޙުކުމް 7
` ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (3) [2024] SC 33 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) ތަޢާރުފު
1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)/95/B9/196/2024/14 ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތަކީ އދ. މާމިގިލި ޝޭޑީގްރޯވް، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ1 އެވެ.
މައްސަލައިގެ ފަސްފަހަތް
2. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ އިތުރު ބަޔަކާއެކު، 23 ސެޕްޓެމްބަރު 2017 ދުވަހު 23:00 އެހައިކަށްހައިއިރު، ކ.މާލެ ޝާރިޢުވަރުދީ މަގުގައި ހުންނަ "ކަޅިރަވަ" ފިހާރަ ކައިރިން ވ. ކެޔޮދޫ ދޭލިޔާގެ، މޫސާ އަޙްމަދުމަނިކު، އިތުރު ބަޔަކާއެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް އެ މީހުންގެ ފަހަތުން އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ އާއި އިތުރު ބަޔަކު ގުރޫޕް ހަދައިގެން ގޮސް އެ މީހުންނާ މެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ފެށުމުން މޫސާ އަޙްމަދުމަނިކު އެ މީހުންގެ ކިބައިން ސަލާމަތްވުމަށް ދުއްވައިގަތުމާއެކު އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ އަތުގައި އޮތް ތިލައިގައި ގާތްގަނޑަކަށް 07 (ހަތެއް) އިންޗި ހުރި ވަޅިއަކުން މޫސާ އަޙްމަދު މަނިކަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން 24 ސެޕްޓެންބަރު 2017 ދުވަހުގެ ދަންވަރު 00:30 އެހައިކަށްހައިއިރު، މޫސާ އަޙްމަދުމަނިކު ނިޔާވެފައިވާ ކަމަށް ބުނެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ2 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރިއެވެ.
3. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ދައުވާކުރާ މައްސަލަ ހިންގާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 176/Cr-C/2021 ގަޒިއްޔާގައެވެ.
4. ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުލަތުން އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށެވެ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް ކުށް ސާބިތުނުވުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 176/Cr-C/2021 ގަޒިއްޔާ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
5. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމާއެކު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ3 199 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން އިބްރާހީމް ސައްމާޙް އަޙްމަދު ފަޠުހީ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހައިކޯޓުން ނެރެ ދިނުމަށެވެ. މި ހުށަހެޅުމާ ގުޅިގެން ހައިކޯޓުން ނިންމި އެކޯޓުގެ ނަންބަރު (OTHR)/95-B9/196/2024/10 (28 މާރިޗު 2024) ނިންމުމުގައި ބުނެފައިވަނީ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ނިމެންދެން އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
6. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ (OTHR)/95-B9/196/2024/10 ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
7. އެ އިސްތިއުނާފާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2) ގަޒިއްޔާ [2024] SC 214 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ (OTHR)/95-B9/196/2024/10 ނިންމުން ބާތިލުކޮށް، ކުރި ޙުކުމުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ، އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއެއްގޮތްވާ ގޮތުގެ މަތިން، އިބްރާހީމް ސައްމާޙް އަޙްމަދު ފަޠުހީގެ މައްޗަށް ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭތޯ ނުވަތަ ނޫންތޯ އަލުން ކަނޑައެޅުމަށެވެ.
8. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2) ގަޒިއްޔާ [2024] SC 215 އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، އިބްރާހީމް ސައްމާޙް އަޙްމަދު ފަޠުހީގެ މައްޗަށް ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް އަލުން މި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHER)/95/B9/196/2024/14 (29 މެއި 2024) ނިންމުމުގައި ކަނޑައެޅީ އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ މައްޗަށް އެ ކޯޓުގައި ހިންގަމުންދާ ޝަރިއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
9. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHER)/95/B9/196/2024/14 (29 މެއި 2024) ނިންމުމާމެދު އަނެއްކާވެސް ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. މިއީ އެ އިސްތިއުނާފުގެ މައްސަލައެވެ.
އިސްތިއުނާފީ ނުކުތާތައް
10. ހައިކޯޓުގެ ނަންބަރު (OTHER)/95/B9/196/2024/14 (29 މެއި 2024) ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B11/196/2024/14 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާ މެދު ނިންމިގޮތް" އިން ނިންމެވި ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމެވުމެއް ކަމަށްވުން. އަދި އެ ނިންމުމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 77 ވަނަ މާއްދާ6 މާނަކޮށްފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) އަދި (ނ) އާ ޚިލާފަށްކަމަށްވުން.
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B11/196/2024/14 ނިންމުމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، އެ ޤާނޫނުގެ 17 ވަނަ މާއްދާއާއި، 25 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްކަމަށްވުން.
11. މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވަނީ މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކޮށް، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
12. މި ކޯޓުން މި މައްސަލައިގައި ކުރިން ނިންމި ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2) ގަޒިއްޔާ [2024] SC 217 ގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނު8ގެ 199 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އިސްތިއުނާފު މަރުޙަލާ ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދެވިދާނެކަން އެ މާއްދާއިން އެނގެއެވެ.
13. ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅަނީ އިސްތިއުނާފީ މަރުހަލާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ކަމަށްވީ ނަމަވެސް އަމަލުކުރަންޖެހެނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް9 ގަޒިއްޔާގައި ޝަރަހަކޮށްދީފައިވާ އުސޫލުތަކަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް10 ގަޒިއްޔާގައި ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވެއެވެ. އެގޮތަށް އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރިއަތުގެ މަރުހަލާއާއި އިސްތިއުނާފުގެ މަރުހަލާ ފަރަގުކޮށްފައި ނެތުމުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހުރިހާ ކޯޓުތަކުން އަމަލުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެކޭތީއެވެ. އަދި ދަށު ކޯޓުގައި ކުށް ސާބިތުނުވާ ހާލަތުގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހެޅުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައި ދިނުމަށް ހައިކޯޓުގައި އެދެވިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ކަނޑައަޅާފައިވާތީއެވެ. އަދި އެ ގާނޫނުގެ އެ މާއްދާއިން ހާސިލުކުރަންބޭނުންވާ މަގްސަދު ހާސިލުވުމުގެ ފުރުސަތު ހުޅުވިފައި އޮންނަންވާނެ ކަމަށް ދެކޭތީއެވެ.
14. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު11ގެ 77 ވަނަ މާއްދާ އަކީ މިފަދަ ހާލަތްތަކަށް ތަތުބީގުކުރުމަށް ލިޔެފައި އޮތް މާއްދާއެއް ނޫންކަން އެ މާއްދާއިން ސާފުކޮށް އެނގެއެވެ. އަދި އެ މާއްދާއަކީ އެއްވެސް އިސްތިއުނާފަކަށް ނުވަތަ އިސްތިއުނާފީ މަރުހަލާގައި އޮންނަ މައްސަލައެއްގައި އިސްތިއުނާފީ ކޯޓަކުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެއްވެސް ހާލެއްގައި ހުރަސް އަޅާ މާއްދާއެއް ނޫނެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
15. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2) ގަޒިއްޔާ [2024] SC 2112 ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއެއްގޮތްވާ ގޮތުގެ މަތިން، އިބްރާހީމް ސައްމާޙް އަޙްމަދު ފަޠުހީގެ މައްޗަށް ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭތޯ ނުވަތަ ނޫންތޯ ހައިކޯޓުން އަލުން ކަނޑައެޅުމަށެވެ. ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ހައިކޯޓުން ބެލުމަށްފަހު އެ ކޯޓުގެ ނަންބަރު (OTHR)/95-B9/196/2024/14 ނިންމުގައި ބަޔާންކޮށްފައިވަނީ އިބްރާހީމް ސައްމާޙް އަޙްމަދު ފަޠުހީގެ މައްޗަށް ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާނޭ ސަބަބެއް ނެތް ކަމަށެވެ.
16. ކުށުގެ ތުހުމަތުކުރެވޭ މީހަކު ޝަރިއަތުގެ މުއްދަތުގައި ބަންދުގައި ބަހައްޓާނެ ސަބަބުތަކެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ އެ މައްސަލައެއްގައި ޝަރިއަތްކުރާ ފަނޑިޔާރުންގެ އިޚްތިޔާރުގައި އޮންނަކަމެއް ކަމަށްވާތީއާއި، އެ އިޚްތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓުން ވަންނަންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ13 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފަދަ އިސްތިސްނާ ހާލަތެއް މި މައްސަލައިގައި އޮތްކަމަށް ގަބޫލު ނުކުރެވޭތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)/95-B9/196/2024/14 ނިންމުމަށް ތާއީދުކުރަން ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
17. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
18. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެންހުރުމުން، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
(OTHR)/95-B9/196/2024/14 ނިންމުމަށް ތާއީދުކޮށްފީމެވެ.
މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
1
2 ޤާނޫނު ނަންބަރު: 2010/17
3 ޤާނޫނު ނަންބަރު 2016/12
4 2024/SC-A/16
5 2024/SC-A/16
6 ޤާނޫނު ނަންބަރު 22/2010
7 2024/SC-A/16
8 ޤާނޫނު ނަންބަރު: 2016/12
9 2020/SC-A/93
10 [2023] SC 60
11 ޤާނޫނު ނަންބަރު: 2010/22
12 2024/SC-A/16
13 [2022] SC 39; 2022/SC-A/51 ، ޕެރެގްރާފް 15 އަދި 16
2019/SC-A/300 [2021] SC 778
2024/SC-A/22 [2024] SC 32
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.