ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ހެކި ޤަރީނާ ހުށަނާޅާތީ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލިއެވެ. ހައިކޯޓުން އެ އަމުރު ބާޠިލުކޮށް، ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކްކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރަކުން އިސްތިއުނާފުކުރި ފަރާތް ހައްޔަރުކުރެވި 15 ދުވަހަށް ބަންދުކުރެވުނެވެ. ފަހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ފުލުހުން އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ހުންނަންޖެހޭ ހެކީގެ މިންވަރާއި ސަބަބުތަކަކީ ކޮބައިތޯ؛ އަދި ދަށު ކޯޓަށް ހުށަނާޅާ ހެކި އިސްތިއުނާފީ ކޯޓަށް ހުށަހެޅުމާއި، ބަލައި ފާސްކުރުމުގެ ޤާނޫނީ ޝަރުޠުތައް ފުރިހަމަވިތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ތުހުމަތަށް އެކަށީގެންވާ ހެކި ނެތްކަމަށާއި، މުޖުތަމަޢަށް ނުރައްކާތެރިކަން ކަނޑައެޅުމުގައި ގަވާއިދުގެ 13 ވަނަ މާއްދާއަށް ރިޢާޔަތްނުކުރާކަމަށާއި، ހައިކޯޓަށް ހުށަހެޅީ ދަށު ކޯޓަށް ހުށަނާޅާ ހެކިކަމަށާއި، ދޯނި ބަލައި ފާސްކުރީ 33 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ބަންދަށް ބޭނުންވަނީ ތުހުމަތުކުރެވޭ މިންވަރުގެ ހެކިކަމަށާއި، އެ ހެކި ދަށު ކޯޓަށް ހުށަހެޅިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތުހުމަތުކުރެވޭ މިންވަރަށް ހެކި ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާކަމާއި، ހައިކޯޓުން އަސާސަކަށް ހެދީ ދަށު ކޯޓުގެ ހެކިކަމާއި، ދޯނި ބަލައި ފާސްކުރި ގޮތުގައި ޤާނޫނާ ޚިލާފުވުމެއް ނެތްކަމާއި ކޯޓުން ފާހަގަކުރިއެވެ. ކުށުގެ ބޮޑުކަމަށް އެކަނި ބަލައި ބަންދުކުރެވޭކަމަށް ހައިކޯޓުން ބުނި ގޮތް ރަނގަޅުނޫންނަމަވެސް، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނުފެނުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2020/HC-A/243
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ ނަމަވެސް 2011/SC-A/33 ހައިކޯޓުން ތަޠުބީޤުކުރި ގޮތް ރަނގަޅެއް ނޫން
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކޮންމެ އިންސާނަކީ އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، ކުށުން ބަރީޢަވެގެންވާ މައުސޫމު މީހެކެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކު މީހެއްގެ މިނިވަންކަން ހިފެހެއްޓި ބަންދުކުރެވިގެން ނުވާނެއެވެ. މި އަސާސް އެ ނޫން ގޮތަކަށް ފުރޮޅިގެން ދާނަމަ، އެ ކަމަކީ ޤާނޫނު ނެގެހެއްޓުމަށްޓަކައި، އެނޫންގޮތެއް ނެތް ޙާލަތުގައި އެޅޭ އިސްތިސްނާއީ އަދި ނިހާއީ (as a last resort) ފިޔަވަޅަކަށް ވާންވާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއަށް ބަލާއިރު، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހަކީ އެހެން ޝަރީޢަތުގެ މަޖިލިސްތަކުގެ ޢާންމު އުސޫލުތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެކެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުސޫލުތަކަށް ބެލުމުން، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ: ފުރަތަމަ ސުވާލަކީ، ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ؛ ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.
ތުހުމަތު ކުރެވުނު ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތްނަމަ، ބަންދުގައި އިތުރަށް ބެހެއްޓުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުއްދަކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބެލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވުރު ކުރާ ކަމެއް ނޫނެވެ. ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުން، ނުވަތަ އެ މިންވަރަށް އެ ވަގުތު ހެކި ނެތް ނަމަވެސް، ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރިކަން ފަނޑިޔާރަށް ބުރަވެވިއްޖެނަމައެވެ.
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ އަޑުއެހުމުގައި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަން ބުނެދިނުމުގެ ޒިންމާއާއި، ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ބުނެދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުންނެވެ.
ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅަންވާނެއެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުމަކީ، ތުހުމަތު ކުރެވިފައިވާ ކުށަކީ ވަކި ކުށެއްކަމުގައިވާތީ، އޭގެ ޒާތުން ސަބަބެއް ވުޖޫދުވެދާނެކަމަށް ބެލުމަށްވުރެ، ބަންދުކުރެވިފައިވާ މީހާގެ ކުށުގެ ޢަމަލާއި، އޭނާއާ ދެކޮޅަށް އެވަގުތު ލިބިފައިވާ ހެކި، ނުވަތަ މުސްތަޤުބަލުގައި ލިބިދާނެ ހެއްކާއި، ކުށުގެ ރެކޯޑާއި، މިފަދަ މިނޫންވެސް ބަންދުކުރެވިފައިވާ މީހާއަށް ނިސްބަތްކުރެވޭ ކަންކަމުގެ މައްޗަށް ބަލާއިރު، ސަބަބެއް ވުޖޫދުވެދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ވާންވާނެއެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަޠުބީޤު ކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތު ކުރުމަށް ބަލާ މިންގަނޑެއް ނޫނެވެ. ފަނޑިޔާރު ބަލަންވާނީ، ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެކިތަކުގެ ތަފުސީލު ހާމަކުރުން ޤާނޫނުން ލާޒިމުކޮށްފައި ނުވެއެވެ؛ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުގެ ޒިންމާއަކީ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެއްކަކީ ކޮބައިކަން ޖުމުލަ ގޮތެއްގައި ފަނޑިޔާރަށް ބުނެދިނުމެވެ. އަދި، ކުށާ ގުޅޭ ހުރިހާ ހެއްކެއް މި މަރުޙަލާގައި ލިބިފައިވީނަމަވެސް، އެ ހުރިހާ ހެއްކެއް ހުށަހެޅުމަކީ ލާޒިމުކަމެއް ނޫނެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަ ނިންމުމަކަށްވާތީ، މިފަދަ ކޮންމެ ނިންމުމެއްގައި، ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމި ގޮތާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި، ފަނޑިޔާރު ނިންމާ ނިންމުން ބިނާކުރި ޤާނޫނީ ނައްޞު ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
ޤާނޫނީ އިމުގެ ބޭރުން، ބަންދާމެދު ފަނޑިޔާރު ނިންމާ ނިންމުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް، ކުށުގެ ތުހުމަތުގައިވާ މީހާގެ ތަޙުޤީޤާ ގުޅުންހުރި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އިރުޝާދުދީ ޝަރުޠުތައް ކަނޑައެޅިގެން ނުވާނެއެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން މިފަދަ ކަމެއް ކަނޑައަޅާނަމަ، އެކަމަށް ބާރުލިބުނު ޤާނޫނީ ނައްޞު ޞަރީޙަކޮށް ނިންމުމުގައި ބަޔާންކުރަންވާނެއެވެ.
އެހެންގޮތަކަށް ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން އިޚްތިޞާޞް ލިބިގެންވާ ދަށު ކޯޓަށް ހުށަހަޅައިގެންނެވެ. ދަށު ކޯޓަށް ހެއްކާގުޅޭ އެކަށީގެންވާ މަޢުލޫމާތު ހުށަނައަޅައި، ފަހުން އިސްތިއުނާފީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަނި ރިޢާޔަތް ކުރެވިގެން އިސްތިއުނާފީ ކޯޓުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ. އެހެންނަމަވެސް، ދަށު ކޯޓަށް މަޢުލޫމާތު ހުށަހެޅުމަށްފަހު، އެއަށް ބާރު ލިބޭ އިތުރު ކަންކަން އިސްތިއުނާފީ ކޯޓަކަށް ހުށަހަޅައިފިނަމަ، އެ ކަންކަމަށް ބުރަދަނެއް ދިނުމަކީ އެ ކޯޓުގެ އިޚްތިޔާރީ ކަމެކެވެ.
ބަލައި ފާސްކުރި ދޯންޏަކާ ތުހުމަތުކުރެވޭ މީހާއާ ގުޅުމެއް ނެތްކަމަށް އޭނާ ބުނާ ޙާލަތުގައި، އޭނާގެ މަޞްލަޙަތެއް އެ ދޯނީގެ މައްޗަށް އޮތްކަމާ މެދު ބަހުސްކުރެވޭނެ ޖާގައެއް ނެތެވެ. އަދި ދޯނި ބަލައި ފާސްކޮށްފައިވަނީ އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ ހާޒިރުގައިކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ޅ) ގެ ދަށުން މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއް އެ ތަނުގައި އެހިނދު ނެތޭ ބުނުމުގެ ފުރުސަތު ހަނިވެއެވެ.
މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުމުގައި މުހިންމު ކަމަކީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ، ކުށުގެ ޒާތުން ބޮޑު ކުށަކަށް ވުމަށްވުރެ، ތުހުމަތު ކުރެވޭ މީހާ އާއި އެ ކުށާއި ގުޅުވައިދޭ ހެކިކަމެވެ. ބަންދުގައި ބަހައްޓާ މީހަކީ މުޖުތަމަޢުއަށް ނުރައްކާތެރިކަމެއް ކުރިމަތިކޮށްފާނެ މީހެއްކަން ކަނޑައެޅުމުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ ބޮޑު ކުށަކަށްވުމުން ފުދޭކަމަށް ދޭހަވާ ގޮތަށް ބަޔާންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ؛ އެހެނީ ކުށެއްގެ ތުހުމަތު ކުރެވުމަކީ، ހަމައެކަނި އެ ސަބަބަށްޓަކައި، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޫނެވެ. ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހޭނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ވުޖޫދުގައިވާ ނަމައެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ތ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ (ށ)، (ބ) އަދި (ކ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 14 ވަނަ ބާބު
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
- 2011/SC-A/33 (ސުޕްރީމް ކޯޓު)
- 2016/HC-A/286 (ހައިކޯޓު)
- 2012/HC-A/340 (ހައިކޯޓު)
- 2012/HC-A/263 (ހައިކޯޓު)
ފަނޑިޔާރުން
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […] ޝަހީބް އިބްރާހީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "ޝަހީބް އިބްރާހީމް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.
ޝަހީބް އިބްރާހީމް އިސްވެ ހުރެ ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ޕާޓީ ޑްރަގްސް، ޝަހީބް އިބްރާހީމް މާލޭގައި ދިރިއުޅޭ […] ގްރައުންޑް، އެއްވަނަ އަދި ދެވަނަ ފަންގިފިލާއާއި، ހުޅުމާލެ ލޮޓް 10706 ގައި ހިންގަމުން އަންނަ "ވިޝް" ނަމަކަށް ކިޔާ ވޯކްޝޮޕް (ވޯކްޝޮޕް ނަންބަރު: WS-A-02) ގައި ގެންގުޅެ، ވިޔަފާރިކުރުމުގެ އިތުރުން، ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށްކުރެވުނެވެ. މި ތުހުމަތުގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން 2020 ވަނަ އަހަރުގެ އޮކްޓޫބަރު 12 ވަނަ ދުވަހުގެ 22:18 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޝަހީބް އިބްރާހީމް ހައްޔަރު ކޮށްފައިވެއެވެ.
ޝަހީބް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅުމުން، ޝަހީބް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 13 އޮކްޓޫބަރު 2020 ގެ 15:10 އިން ފެށިގެން 28 އޮކްޓޫބަރު 2020 ގެ 15:09 ގެ ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޝަހީބް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި ބުނެވިދިޔަ އަމުރު ކުރިއިރު، އެ އަމުރުގެ އިތުރު ބަޔާނުގައި، ދެން އޮންނަ މަޖިލީހަށް ހާޒިރުވާއިރު ޝަހީބް އިބްރާހީމްގެ ތަޙުޤީޤު ބަޔާން ނެގުމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށް އަންގާފައިވެއެވެ.
ޝަހީބް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ބޮޑެތި ކުށްތަކުގެ ތެރެއިން އެ މާއްދާގެ (ކ) ގައި ބަޔާންކުރާ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތަކެއް ކަމަށްވެފައި، ޝަހީބް އިބްރާހީމް ދޫކޮށްލައިފިނަމަ، ޝަހީބް އިބްރާހީމްގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި، ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީ، ޝަހީބް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅުމުން، ޝަރުޠުތަކާއެކު ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ޝަހީބް އިބްރާހީމްއާ ކުށާ ގުޅުވައިދޭ ހެކި ޤަރީނާ ހުށަހަޅާފައިނުވުމުންނާއި، ޝަހީބް އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު މަޖިލީހުގައި ޝަހީބް އިބްރާހީމްގެ ބަޔާނެއް ނަގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށް އަންގާފައިވީނަމަވެސް، އެފަދަ ލިޔުމެއް ހުށަހަޅާފައިނުވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރުޠުތަކާއެކު ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ފެންނަކަމަށް، ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި ބަޔާންކޮށްފައިވެއެވެ. އަދި، މައްސަލައިގެ ތަޙުޤީޤު ނިމެންދެން ޝަހީބް އިބްރާހީމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ކްރިމިނަލް ކޯޓުން ޝަރުޠުތަކަކާއެކު ޝަހީބް އިބްރާހީމް ދޫކޮށްލުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 05 ނޮވެންބަރު 2020 ގައި އިސްތިއުނާފުކުރިއެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/2627 ކޯޓު އަމުރު، އެ ކޯޓުން ނެރެފައިވާގޮތާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ އަމުރު އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާއިންނެވެ.
އިސްވެ ބުނެފައިވާ ހައިކޯޓުގެ ޤަޟިއްޔާގެ ނިންމުމަށް ވާޞިލުވުމުގައި އަންނަނިވި ކަންތައްތައް ފާހަގަކޮށްފައިވެއެވެ.
ޝަހީބް އިބްރާހީމްގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅިއިރު، ޝަހީބް އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުރަތަމަ ނެރުނު އަމުރުގެ އިތުރު ތަފުސީލުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަހީބް އިބްރާހީމްގެ ބަޔާނެއް ނަގާފައި ނުވިނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކޮށްފައިވާކަމަށާއި ބަޔާން ނުނެގިވާ ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިސްތިއުނާފު ކުރެވިފައިވާ ކޯޓު އަމުރު ނެރުނު މަޖިލީހުގައި ސާފުކޮށް ދީފައިވާކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމަށް ޤަބޫލު ކުރެވޭކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2016/HC-A/286 ޤަޟިއްޔާއިން ބެލި ކޯޓު އަމުރާގުޅޭ މައްސަލައާއި އިސްތިއުނާފު ކުރެވުނު އަމުރުގެ މައްސަލައިގެ ވަޤާއިޢުތަކަށް ބެލުމުން އެއީ ތަފާތު ދެ މައްސަލައެއްކަން އެނގެން އޮތުމުން، އެ ޤަޟިއްޔާއަކީ މައްސަލައަށް ތަޠުބީޤުކުރެވިދާނެ ޤަޟިއްޔާއެއް ނޫންކަން.
ޝަހީބް އިބްރާހީމްގެ މައްޗަށް ކުރެވޭ ތުހުމަތަކީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުންކަމަށްވެފައި، މަސްތުވާތަކެތި އެތެރެކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށްވެފައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެ ކުށްތަކުގެ ޒާތާއި ބާވަތުން މުޖުތަމަޢުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖުތަމަޢުއަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2011/SC-A/33 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މައްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ، ޖިނާއީ ބޮޑު ކުށަކަށްވެފައި، ބަންދުގެ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޤާނޫނު ތަންފީޒުކުރާ އިދާރާއިން ބޭނުންނަމަ، އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރުކުރުމުން، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި އޮތްކަމަށް ފެންނަނަމަ، 15 (ފަނަރަ) ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި އެފަދަ މީހަކު ބެހެއްޓިދާނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އަށް ބެލުމުން އެނގެން އޮންނަކަން.
ޝަހީބް އިބްރާހީމް އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުންގެ ފަރާތުން ހުށަހެޅި ފޯމުގައި މައްސަލައިގައި އެ ވަގުތަށް ހުރި ހެކިތަކާއި ޤަރީނާތަކަކީ ކޮބައިކަން ބަޔާން ކޮށްފައިވާ ކަމަށާއި، އެ ހެކިތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، އެ ހެއްކާއި ޤަރީނާތަކުގެ ތެރޭގައި ހިމެނޭ މޮބައިލް ފޯނު އެކްސްޓްރެކްޝަން ރިޕޯޓާއި ސީނަށް ދިޔަ އިތުރު ފުލުހެއްގެ ބަޔާނަކާއި، ހެކިންގެ ހެކިބަހުގެ ގޮތުގައި ހުށަހަޅާފައިވާ ޢާންމު 4 (ހަތަރެއް) މީހަކު ތަޙުޤީޤަށް ދީފައިވާ ބަޔާންތަކަކީ އެންމެ ފުރަތަމަ މައްސަލައާ ގުޅިގެން ޝަހީބް އިބްރާހީމް ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅިއިރު ހުށަހެޅި ހެކިތަކުގެ އިތުރަށް ހުށަހަޅާފައިވާ ހެކިތަކެއްކަން.
ކުށެއްގެ ތުހުމަތައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހަކީ އެއްވެސް ޙާލަތެއްގައި އެ މީހެއްގެ މައްޗަށް ޝަރީޢަތް ހިންގައި އެ މީހެއްގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ދިފާޢުވެ ހެކިންނާ ސުވާލުކޮށް ހެކި ތަޢުނުކުރުމަށް ބޭއްވޭ މަޖިލީހެއްގެ ނޫންކަމަށާއި، ބަންދުގެ މުއްދަތުގެ މަޖިލީހެއްގައި ހަމައެކަނި ތުހުމަތުގައިވާ މީހެއްގެ މައްޗަށް ހުރި ހެކިތަކަކީ ކޮބައިކަން އިޖުމާލީގޮތެއްގައި ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ބަޔާންކޮށް ދިނުމުން ފުދޭނެކަމަށާއި، ކުށެއްގެ ތުހުމަތުގައިވާ މީހަކަށް އެ މީހެއްގެ މައްޗަށް ހުރި ހެކިތަކާއި ޤަރީނާތަކުގެ ތަފުސީލު ތަޙުޤީޤު މަރުޙަލާގެ ތެރޭގައި އެނގިއްޖެނަމަ، އެ ކަމަކީ އެ ކަމުގެ ސަބަބުން މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅި ހެކި ނައްތާލުމާއި ހެއްކަށް ނުފޫޒު ފޯރުވިދާނެފަދަ ސަބަބެއްކަމުގައި ނޫނީ ވެގެން ނުދާނެކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/340 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.
ކުށެއްގެ ތުހުމަތައިވާ މީހެއްގެ ބަންދުގެ މައްސަލަތަކުގައި ހުށަހަޅަން ޖެހޭނީ ކުށެއް ކުރިކަން ސާބިތުވާ މިންވަރުގެ ހެކި ޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/263 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.
މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ބަންދާމެދު ގޮތް ކަނޑައެޅުމުގެ މަޖިލީހަށް ހުށަހަޅާފައިވާކަން، މައްސަލަ ތަޙުޤީޤުކުރާ ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުން އެނގޭކަމަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅިކަމަށް ބުނެފައިވާ ހެއްކާއި ޤަރީނާތަކަށް ބެލުމުން، ޝަހީބް އިބްރާހީމްގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރަށް ހެކި ޤަރީނާ ހުށަހަޅާފައިވާކަން އެނގޭކަން.
ޝަހީބް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަމަށް ކަނޑައެޅިފައި އޮތްއޮތުމުގެ މައްޗަށާއި، ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށާއި، މިފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ބަންދުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، ޝަހީބް އިބްރާހީމްގެ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮތްވައި ޝަހީބް އިބްރާހީމް ބަންދުން ދޫވުމަކީ މުޖުތަމަޢުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން އެނގޭކަމަށާއި، ކްރިމިނަލް ކޯޓުން ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭކަން.
ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއެކު، ޝަހީބް އިބްރާހީމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލުކޮށް، ޝަހީބް އިބްރާހީމް 18 ނޮވެންބަރު 2020 ގެ 15:00 އިން ފެށިގެން، ޝަހީބް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޝަރީޢަތް ނިމެންދެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ޝަހީބް އިބްރާހީމް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާއިން ޙުކުމްކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ނުކުތާތަކާއި އޭގެ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފު ކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކުށުގެ ތުހުމަތުގައި ބަންދުކުރި ފަހުން ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައި ނެތްނަމަވެސް، އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ފަރާތެއްތޯ ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްނުކުރެވި، އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ، އެ ކޯޓުން ނިންމާފައިވަނީ ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/2508 ކޯޓު އަމުރާ ޙަވާލާދީ ޝަހީބް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަމަށް އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އެ އަމުރުގެ ޤާނޫނީ ތަޞައްވުރާއި ޤާނޫނީ ނަތީޖާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައި ހުރި ހެކިތަކަކީ ދަށު ކޯޓަށް ހުށަހެޅި ހެކިކަމުގައި ކަށަވަރުކުރެވެން ނެތްކަން އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތް އިރު، މައްސަލަ ހިންގާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ޝަހީބް އިބްރާހީމްގެ މަޞްލަޙަތު ހިމާޔަތް ކުރެވޭނެ ފަރާތެއް ނެތި، ބަލައި ފާސްކުރި ތަނަކުން ފެނުނު މަސްތުވާތަކެތި ޝަހީބް އިބްރާހީމްއާ ގުޅުވައި އިސްތިއުނާފު ކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއިން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، ޝަހީބް އިބްރާހީމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަން ކްރިމިނަލް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވިނަމަވެސް، ބަންދުގައި ބަހައްޓަންޖެހޭކަމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރެ ސަބަބެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޝަހީބް އިބްރާހީމްގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތަކުގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ޖިނާއީ މައްސަލައެއްގެ އެކި މަރުޙަލާތައް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ހެކީގެ މިންގަނޑުތައް ތަފާތުކަމަށާއި، ޖިނާއީ ކުށުގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ބޭނުންވަނީ އެ ކުށް ކުރިކަމަށް ތުހުމަތުކުރުމަށް އެކަށީގެންވާ ހެކިކަމަށާއި، މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ހުންނަންޖެހޭ ހެކީގެ މިންގަނޑަކީ "ތުހުމަތުކުރެވޭ" މިންވަރުކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގެ ޞަރީޙަ އިބާރާތުން އެނގޭކަން.
މި މައްސަލައިގައި ހިމެނޭ "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ("ޖަންބޯ ދޯނި") އިން ފެނިފައިވާ މަސްތުވާތަކެއްޗާއި ޝަހީބް އިބްރާހީމްއާ ގުޅުމެއް އޮތްކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަންދުގެ މުއްދަތުގެ މަޖިލީހުގައި ހުށަހަޅާފައިވާ ކަމަށާއި، އެ ހެކިތަކަށް ފަނޑިޔާރުން ރިޢާޔަތް ކޮށްފައިވާ ކަމަށާއި، މުއްދަތުގެ މަޖިލީހަށް ހުށަހެޅި މަޢުލޫމާތަކީ ތަޙުޤީޤުކުރާ ފަރާތުގެ އިޤްރާރާއެކު ހުށަހެޅޭ މަޢުލޫމާތުތަކެއް ކަމަށްވާތީ، އެއީ ބުނާ ބުނުމަށް ވުރެ "ރިލައަބަލް" މަޢުލޫމާތުކަމަށާއި، އެ މަޢުލޫމާތުތަކަކީ ކްރިމިނަލް ކޯޓަށް އީ-މެއިލްގެ ޒަރިއްޔާއިން ފޮނުވާ މަޢުލޫމާތުތަކެއް ކަމަށްވުމުން، ހައިކޯޓުގެ މަޖިލީހަށް ހުށަހެޅުނު ލިޔުންތަކަކީ ހަމަ ޙަޤީޤަތުގައި ވެސް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކެއްތޯ ކަށަވަރުކުރުމުގެ ފުރުޞަތު ގެއްލިގެން ގޮސްފައިނުވާކަމަށާއި، އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރީޢަތް ހިންގާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ޚިލާފަށްކަމަށް ބަލާނެ ހަމައެއް ނެތްކަން.
ޝަހީބް އިބްރާހީމްގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ލިބިފައިވާކަމަށާއި، ޝަހީބު އިބްރާހީމްއަކީ ހަމައެކަނި މަސްތުވާތަކެތި ވިއްކާ މީހެއް ނޫންކަމަށާއި، އެއަށްވުރެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއް އޮޕަރޭޓްކުރުމުގެ މަސައްކަތްކުރާ މީހެއްކަން އިންޓެލިޖެންސް ރިޕޯޓަށް ބެލުމުން އެނގޭކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގައި ނިޔާ ކަނޑައަޅާފައިވާ ފަދައިން މި ބާވަތުގެ ކުށްކުރާ މީހުންގެ ސަބަބުން މުޖުތަމަޢުއަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކުށުގެ ބާވަތާއި ކުށްކުރަމުންދާ ގޮތަށް ބަލާއިރު، އެ ކުށް ކުރާ މީހުންގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމުގައި ބަލަންޖެހޭކަމަށާއި، ކުށުގެ ބާވަތަކީ މުޖުތަމަޢުއަށް ނުރައްކަލެއް އޮތްކަމުގައި ބަލާނެ އަސާސެއް ނޫންކަމަށް ބުނެ ޝަހީބް އިބްރާހީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާއާއި، ޝަހީބް އިބްރާހީމްގެ ފަރާތުން އިސްތިއުނާފުގެ ތަފުސީލުގައި ދައްކާފައިވާ ވަހަކަތަކާ ފުށުއަރާ ހުށަހެޅުމެއްކަން.
ޝަހީބް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުނުއިރު ޖަންބޯ ދޯނީގެ ވާހަކަ ސާފުކޮށް ބަޔާންކޮށްފައި ނުވަނީ، އެ އަމުރަށް އެދިފައިވަނީ ދޯނިން މަސްތުވާތަކެތި އަތުލައިގަތުމުގެ ކުރިން އޮޕަރޭޝަން ކުރިއަށް ދަނިކޮށްކަމަށްވެފައި، އެ ވަގުތު އެ މަޢުލޫމާތު އެއްވެސް ގޮތަކަށް ހާމަވެއްޖެނަމަ، އެ އޮޕަރޭޝަންއަށް ހުރަސް އެޅިދާނެކަމަށްޓަކައި ކަމަށާއި، ހައްޔަރު ކުރުމުގެ އަމުރުގައި ބަޔާން ކޮށްފައިވާ ޝަހީބް އިބްރާހީމްގެ މައްޗަށް ކުރެވޭ ތުހުމަތު އެފަދައިން ދެމިއޮތްކަން.
ހައްޔަރުކުރުމަށްފަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުގައި ޝަހީބް އިބްރާހީމްއަށް ޤާނޫނީ އިންޒާރު ދެވިފައިވާކަމަށާއި އަދި 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި ޝަހީބް އިބްރާހީމްގެ މައްޗަށް ކުރެވުނު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ ކުށުގެ ތުހުމަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމާ ގުޅިގެން، ހައްޔަރު ރަނގަޅުކަމަށް ކަނޑައަޅައި، ޝަހީބް އިބްރާހީމް 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށާއި، އެ އަމުރު ޝަހީބް އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިނުވާކަން.
ޖަންބޯ ދޯނި ބަލައި ފާސްކޮށްފައިވަނީ އެ ދޯނީގެ ކެޕްޓަންއާއި ފަޅުވެރިންގެ ހާޒިރުގައިކަމަށާއި، ދޯނީގެ މަސައްކަތްކުރާ މީހުންނަކީ ދޯނީގެ ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ މީހުންކަމަށާއި، ހެއްކެއްގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި ބަހުސްކުރުމުގެ ފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 14 ވަނަ ބާބުގެ ދަށުން ޝަހީބް އިބްރާހީމްއަށް ލިބިގެންދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވެއެވެ.
ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުން
ކޮންމެ އިންސާނަކީ އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، ކުށުން ބަރީޢަވެގެންވާ މައުސޫމު މީހެކެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކު މީހެއްގެ މިނިވަންކަން ހިފެހެއްޓި ބަންދުކުރެވިގެން ނުވާނެއެވެ. މި އަސާސް އެ ނޫން ގޮތަކަށް ފުރޮޅިގެން ދާނަމަ، އެ ކަމަކީ ޤާނޫނު ނެގެހެއްޓުމަށްޓަކައި، އެނޫންގޮތެއް ނެތް ޙާލަތުގައި އެޅޭ އިސްތިސްނާއީ އަދި ނިހާއީ (as a last resort) ފިޔަވަޅަކަށް ވާންވާނެއެވެ. މި ގޮތުން، މީހެއްގެ މައްޗަށް ޖިނާއީ ކުށެއްކުރިކަމުގެ ތުހުމަތު ކުރެވިގެން އޭނާ ބަންދުކުރުމުގައި ޢަމަލު ކުރާ ގޮތްތަކާ ގުޅޭ ގޮތުން ތިރީގައި މިވާ ކަންކަން ފާހަގަކުރަމެވެ.
ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތީން މެނުވީ، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް، އަދި ބަންދުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި، ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއްކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް، ނުވަތަ އެ ވަގުތަކު އެ އުޅެނީ ކުށެއް ކުރަންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، ޝަރީޢަތުން ޙުކުމެއް ކުރުމުގެ ކުރިން، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިދާނެ ޙާލަތްތައް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައި މެނުވީ، މީހެއްގެ މައްޗަށް ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.
(ހ) ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން.
(ށ) ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން.
(ނ) ފިލައިފާނެ ކަމަށް ބެލެވުން.
(ރ) ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އިތުރަށް ބަޔާންކޮށްފައިވަނީ، މީހަކު ބަންދުން ދޫކޮށްލާ ހިނދު ކަފާލަތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާ ގޮތެއްގެމަތީން، ކޯޓަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށްފަހު އެ މީހަކު ބަންދުން ދޫކޮށް ލެވިދާނެކަމަށެވެ.
އިސްވެ ބުނެވިދިޔަ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައިވާ އުސޫލުން، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަންޖެހޭ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ޤާނޫނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނެވެ. އަދި މީގެ އިތުރުން، އެ ޤާނޫނުގައިވާ ކަންކަން އިތުރަށް ތަފުސީލުކޮށްދީ، ތަރުތީބުތައް ބަޔާން ކޮށްފައިވަނީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައެވެ. މިގޮތުން، ހުށަހެޅިފައިވާ މައްސަލައާ ގުޅުން ހުރި މާއްދާތަކަށް ވިދިގެން އަންނަ ފޮޅުވަތްތަކުގައި ބަލާލަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާ
ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު، ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހާޒިރުކުރެވޭ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކުރެވުނީ ޤާނޫނާ އެއްގޮތަށް ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ފަނޑިޔާރު މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހަޅާ ކަންކަމަށް ރިޢާޔަތްކުރަން ވާނޭކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، އެ މާއްދާގައި ތިރީގައި މިވާ ކަންކަމަށް ރިޢާޔަތް ކުރަންވާނޭކަމަށް ވަނީ ކަނޑައަޅާފައެވެ.
(ހ) ކުށުގެ ބާވަތާއި، ކުށުގެ ކުޑަބޮޑުމިނާއި، ކުށްކޮށްފައިވާ ޙާލަތާއި، ކުށްކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން.
(ށ) އޭނާ އާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަން.
(ނ) އޭނާގެ ކުށުގެ ރެކޯޑް.
(ރ) ކޯޓަށް ހާޒިރުވުމުގައި ވޭތުވެދިޔަ ތާނގައި ޢަމަލުކޮށްފައިވާ ގޮތް.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއަށް ބަލާއިރު، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހަކީ އެހެން ޝަރީޢަތުގެ މަޖިލިސްތަކުގެ ޢާންމު އުސޫލުތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެއްކަން އެނގެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާ ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއެކު، އެ ހިސާބުން ފެށިގެން އެ މީހާއާމެދު ޢަމަލުކުރުމަށް ކޯޓުން ނެރޭ އަމުރުތައް ނެރުމުގެ ޢާންމު އުސޫލުތަކެވެ. މި އުސޫލުތަކުގެ ތެރޭގައި، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަން އަމުރު ކުރަންޖެހޭ ތޯ ނުވަތަ އެފަދަ އަމުރެއް ކުރެވިދާނެ ޙާލަތްތަކާއި، އެ ނޫން ޙާލަތްތައް ހިމެނެއެވެ.
ޖަވާބު ބޭނުންވާނެ ދެ ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުސޫލުތަކަށް ބެލުމުން ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ. މި ގޮތުން ޖަވާބު ހޯދަންޖެހޭ:
(ހ) ފުރަތަމަ ސުވާލަކީ، ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ.
(ށ) ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ކިޔައިލުމުން ބުނެވިދިޔަ ދެ ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލުގެ ޖަވާބު އަންނަނި ތިން ގޮތުންކުރެ ގޮތަކަށް ދެވިދާނެއެވެ.
(ހ) ފުރަތަމަ ގޮތަކީ، ތުހުމަތު ކުރެވުނު ކުށް ކުރިކަމުގެ އެއްވެސް ހެއްކެއް ނެތުމެވެ.
(ށ) ދެވަނަ ގޮތަކީ، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމެވެ.
(ނ) ތިންވަނަ ގޮތަކީ، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެ ވަގުތު ހެކި ނެތް ނަމަވެސް، އެ ކުށް ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރުމެވެ.
ބުނެވުނު ތިން ގޮތުންކުރެ، ފުރަތަމަ ގޮތަށް ޖަވާބު ލިބިއްޖެނަމަ، މައިގަނޑު ދެވަނަ ސުވާލުގެ ޖަވާބު، ނުވަތަ ބަންދުގައި އިތުރަށް ބެހެއްޓުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުއްދަކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބެލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވުރު ކުރާ ކަމެއް ނޫނެވެ.
ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ނުވަތަ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިނަމަ، ދެން ފަނޑިޔާރުގެ ކުރިމަތީގައި އޮތް ސުވާލަކީ، ތުހުމަތު ކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުއްދަކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބެލުމެވެ.
ޤާނޫނުގައިވާ ގޮތުން ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، (1) ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުން، ނުވަތަ (2) ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެ ވަގުތު ހެކި ނެތް ނަމަވެސް، ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރިކަން ފަނޑިޔާރަށް ބުރަވެވިއްޖެނަމައެވެ.
ބަޔާންވެދިޔަ ގޮތަށް ހެކި ހުރިކަން ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން މީހަކު ވަކި މުއްދަތަކަށް ބަންދުކުރުން ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
ބަންދުގައި ބަހައްޓަންޖެހޭ ސަބަބު ބަޔާންކުރުން
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ އަޑުއެހުމުގައި ބަންދުކޮށްފައިވާ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަން ބުނެދިނުމުގެ ޒިންމާއާއި، ބަޔާންވެދިޔަ ގޮތަށް މި ރައުޔުގެ ޕެރެގްރާފް 21 ގައިވާ އުސޫލުން ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ބުނެދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުންނެވެ.
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމުގައި، ބޭނުން ހިފިދާނެ ކަންކަން ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. މި މާއްދާގެ (ހ) އިން ފެށިގެން (ނ) އަށް ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަން ބުނެދިނުމުގައި އެއިން ކޮންމެ އަކުރެއްގެ ފަހަތުގައި ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަން ވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހެޅިދާނެއެވެ. މުހިންމު ކަމަކީ، ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅާ ހުށަހެޅުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ހުށަހެޅުމެވެ. މިފަދައިން ހުށަހަޅާ ހުށަހެޅުމަކީ، ބަންދުކުރެވިފައިވާ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ވަކި ކުށެއްކަމުގައިވާތީ، އޭގެ ޒާތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ބެލުމަށްވުރެ، ބަންދުކުރެވިފައިވާ މީހާގެ ކުށުގެ ޢަމަލާއި، އޭނާއާ ދެކޮޅަށް އެވަގުތު ލިބިފައިވާ ހެކި، ނުވަތަ މުސްތަޤުބަލުގައި ލިބިދާނެ ހެއްކާއި، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްނަމަ، އެ ރެކޯޑުތަކާއި، މިފަދަ މިނޫންވެސް ބަންދުކުރެވިފައިވާ މީހާއަށް ނިސްބަތްކުރެވޭ ކަންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމަށް ވާންވާނެއެވެ.
ސާބިތުކުރުމުގެ މިންގަނޑު
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތެއް ވުޖޫދުގައި ވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ފަނޑިޔާރު ތަޠުބީޤު ކުރަންޖެހޭ މިންގަނޑަކީ ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތު ކުރުމަށް ބަލާ މިންގަނޑެއް ނޫނެވެ. އެ ޙާލަތުގައި ފަނޑިޔާރު ބަލަންވާނީ، ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅާ ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވުން، އެފަދަ ސަބަބެއް ވުޖޫދު ނުވުމަށްވުރެ ގާތްކަން ބޮޑުކަމުގެ މައްޗަށެވެ. މިފަދައިން ބަލާ ބެލުމުގައި އެ ފަދަ ސަބަބެއް ވުޖޫދުވެދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ކަނޑައެޅިދާނެއެވެ.
ހެކި ހުރިކަން ބުނެދިނުން
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެކިތަކުގެ ތަފުސީލު ހާމަކުރުން ޤާނޫނުން ލާޒިމުކޮށްފައި ނުވެއެވެ. އެހެނީ މި މަރުޙަލާއަކީ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހެއްކާއި ޤަރީނާ ހޯދައި، އެ ހެކީގެ މައްޗަށް ބިނާކޮށް ދަޢުވާކުރެވޭނެކަން ނުވަތަ ނޫންކަން ކަނޑައެޅިގެންދާ މަރުޙަލާއެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި، ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުގެ ޒިންމާއަކީ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެއްކަކީ ކޮބައިކަން ޖުމުލަ ގޮތެއްގައި ފަނޑިޔާރަށް ބުނެދިނުމެވެ. މިސާލަކަށް، ހާދިސާ ހިނގި ތަނުގައި ތިބި ތިން ހެކިވެރިޔަކު ތުހުމަތު ކުރެވޭ މީހާގެ ޢަމަލު ހުރިނެތް ގޮތާމެދު ބުނާ ބުނުން، ނުވަތަ ތުހުމަތު ކުރެވޭ މީހާއާއި ކުށާ ގުޅުވައިދޭ ސައިންޓިފިކް ނުވަތަ އެ ނޫން ވެސް ހެއްކަކުން ކުރެވޭ ދަލާލަތު ހުރީ މިވެނި ގޮތަކަށް ކަމަށް ބުނެދެވިދާނެއެވެ. އެހެނީ މި މަޢުލޫމާތު ފަނޑިޔާރަށް ފޯރުނުކޮށްދީފިނަމަ، ތުހުމަތު ކުރެވޭ ފަރާތާ ދެކޮޅަށް ހުރި ނުވަތަ ހުރެދާނެ ހެކީގެ ބުރަދަން ވަޒަންކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ފަނޑިޔާރަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭނެއެވެ. އަދި ދިފާޢުގައި ތުހުމަތު ކުރެވޭ ފަރާތުން ވާހަކަ ދެއްކުމަށް އޮތް ފުރުސަތު ވެސް ހަނިވެގެންދާނެއެވެ.
ހެއްކާބެހޭ މަޢުލޫމާތު ފަނޑިޔާރަށް ބުނެދިނުމުގައި، ޤާނޫނު ތަންފީޒުކުރާ ފަރާތުން ސަމާލުވާންޖެހޭނެ ކަންކަމުގެ ތެރޭގައި، ހާމަކުރެވޭ ހެއްކެއްގެ ސަބަބުން އެ ހެކީގެ ބުރަދަނަށް އަސަރުކޮށްފާނެކަމަށް، ނުވަތަ އެ ހެއްކެއްގެ މައްޗަށް ނުރަނގަޅު ބާރެއް ފޯރުވުމުގެ އިޙްތިމާލު ތުހުމަތު ކުރެވޭ މީހާއަށް ލިބިގެން ދިއުމުގެ ފުރުސަތު އޮތީ ކޮން މިންވަރަކަށްކަމުގެ މައްޗަށް ނުވަތަ ހެއްކާބެހޭ މަޢުލޫމާތު ބުނެދިނުމުގެ ސަބަބުން، ޝަރީޢަތުގެ މަރުޙަލާގައި އެ ހެކީގެ ބޭނުން ނެތި ދިއުމުގެ އިޙްތިމާލު އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުން ހިމެނެއެވެ.
މި ރައުޔުގެ ޕެރެގްރާފް 12 ގައި ބަޔާންކޮށްފައިވާ އިފްތިރާޟަކީ ކޮންމެ އިންސާނަކީ ކުށުން ބަރީޢަވެގެންވާ މައުސޫމު މީހަކަށް ވުންކަމުގައި ވާހިނދު، މި އަސާސް އެހެންގޮތަކަށް ފުރޮޅިގެންދަނީ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާއަކު ނޫނެވެ. އެއީ މި މަރުޙަލާ ގައި އޭނާގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތު ނުކުރާތީއެވެ. މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ތުހުމަތުކުރެވޭ ކުށާ ގުޅުންހުރި ހުރިހާ ހެއްކެއް ލިބިފައިނުވުމަކީ އިޙްތިމާލު އޮތް ކަމެކެވެ. އަދި، ކުށާ ގުޅޭ ހުރިހާ ހެއްކެއް މި މަރުޙަލާގައި ލިބިފައިވީނަމަވެސް، މި މަރުޙަލާގައި އެ ހުރިހާ ހެއްކެއް ހުށަހެޅުމަކީ ލާޒިމުކަމެއް ނޫނެވެ.
ތަފުސީލު ބުނެދިނުމާއި ނިންމުމުގެ ސަބަބު ހާމަކުރުން
ބަންދާމެދު ގޮތެއް ނިންމުމަށް ޤާނޫނު ތަންފީޛުކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުން ވާންޖެހޭނީ، މި މަރުޙަލާގައި ފަނޑިޔާރު ޖަވާބު ބޭނުންވާ ސުވާލުތަކުގެ ޖަވާބު އެ ވަގުތު އެންމެ ފުރިހަމައަށް ލިބޭނޭހެން ހުށަހަޅާ ހުށަހެޅުމަކަށެވެ. މި ގޮތުން ތުހުމަތު ކުރެވޭ ފަރާތާއި ދެކޮޅަށް އެ ވަގުތު ހުރި ހެކި ނުވަތަ ހެއްކާބެހޭ މަޢުލޫމާތު، ތުހުމަތު ކުރެވޭ މީހާ ބަންދުގައި އިތުރަށް ބަހައްޓަން ބޭނުންވާނަމަ، އެފަދައިން ބޭނުންވާ ސަބަބު ސާފުކޮށް ފަނޑިޔާރަށް ހުށަހަޅަންވާނެއެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަ ނިންމުމެކެވެ. ވުމާއެކު، މިފަދަ ކޮންމެ ނިންމުމެއްގައި، ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު ފަނޑިޔާރު ނިންމި ގޮތާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމާއި، ފަނޑިޔާރު ނިންމާ ނިންމުން ބިނާކުރި ޤާނޫނީ ނައްޞު ސާފުކޮށް އެނގެން އޮންނަންވާނެއެވެ. މީގެ އިތުރުން ޤާނޫނީ އިމުގެ ބޭރުން، ފަނޑިޔާރު ނިންމާ ނިންމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާއަށް ނުވަތަ އެނޫންވެސް ފަރާތަކަށް، ކުށުގެ ތުހުމަތުގައިވާ މީހާގެ ތަޙުޤީޤާ ގުޅުންހުރި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނުވަތަ ނުކުރުމަށް އިރުޝާދުދީ ޝަރުޠުތައް ކަނޑައެޅިގެން ނުވާނެއެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން މިފަދަ ކަމެއް ކަނޑައަޅާނަމަ، އެކަމަށް ބާރުލިބުނު ޤާނޫނީ ނައްޞު ޞަރީޙަކޮށް ނިންމުމުގައި ބަޔާންކުރަންވާނެއެވެ.
ފަނޑިޔާރު ނިންމާ ނިންމުން ސާފުވާންޖެހޭ އެންމެ މުހިންމު ސަބަބަކީ، އެ ނިންމުމަކީ އެކަމުގެ މައްޗަށް ތުހުމަތު ކުރެވޭ މީހާގެ ގިނަގުނަ ޙައްޤުތަކެއް ތަރުތީބުވެގެން އަންނަ ނިންމުމަކަށްވެފައި، އެ ނިންމުން އިސްތިއުނާފު ކުރެވޭ ޙާލަތުގައި ފަނޑިޔާރުގެ ނިންމުން އެކި ގޮތްގޮތަށް މާނަކުރުމުގެ ފުރުސަތު ނުދިނުމެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާއަކީ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަން ތަފުސީލުކޮށްދީފައިވާ މާއްދާއެކެވެ. އިސްތިއުނާފުކުރާ ފަރާތުން، މި މައްސަލައިގައި ޙަވާލާދީފައިވަނީ އެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށެވެ. މި އަކުރުގައި ބަޔާންކުރަނީ ޤާނުނޫއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތީން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މީހަކު ބަންދުގައި ބެހެއްޓުމުގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަމެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވަނީ:
(ހ) ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު.
(ށ) ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތް ގޮތް.
(ނ) ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް.
(ރ) ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ނ) ގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން، އިތުރު ކަންކަންވެސް ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތުން ހުށަހަޅައި، ފަނޑިޔާރަށް އެ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިދާނެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާ ގުޅޭ
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާގުޅޭގޮތުން ބަޔާންކޮށްފައިވާތީވެ އެ މާއްދާގެ ނައްޞަށް ބަލާލުން މުހިންމުކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހައިކޯޓުން މައްސަލަ ބެލުމުގެ އުސޫލެވެ. މި މާއްދާ ތިން އަކުރަކަށް ބެހި ފުރަތަމަ އަކުރު (ހ) ގައި ބަޔާންކޮށްފައިވަނީ، ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސަކީ ދަށު ކޯޓަށް ހުށަހެޅުނު ހެއްކާއި ދަފުޢުތައް ކަމުގައެވެ. ދެވަނަ އަކުރު (ށ) ގައި ބަޔާންކޮށްފައިވަނީ، މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް ދަށު ކޯޓަށް ހުށަހެޅުމަށް ފުރުސަތު ލިބިފައިނުވާ ހެކި އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށެވެ. ތިންވަނަ އަކުރު (ނ) ގައި ބަޔާންކޮށްފައިވަނީ ހައިކޯޓުން މައްސަލަ ބެލުމަށްފަހު ޢަމަލު ކުރެވިދާނެ ގޮތްތަކަށެވެ. މިގޮތުން ދަށު ކޯޓުން އެ މައްސަލައެއް ބެލިއިރު، ބަލަންޖެހޭ ކަންތައްތަކެއް ނުބެލި ހުރިކަންކަން ފާހަގަކުރެވިއްޖެނަމަ، އެ ކަންކަން ބެލުމަށް އުސޫލުތަކެއް ކަނޑައަޅައި ދަށު ކޯޓަށް އެ މައްސަލަ ބަލަން ފޮނުވުމުގެ އިޚްތިޔާރު އެ ކޯޓަށް އޮތްކަމެވެ. އިސްތިއުނާފުކުރާ ފަރާތުން، މިމައްސަލައިގައި އިޝާރާތްކޮށްފައިވަނީ ބުނެވުނު ދެވަނަ އަކުރު (ށ) އަށެވެ.
އިސްވެ ބުނެވުނު ޕެރެގްރާފް 36 ގައިވާ ކަންކަމަށް ބަލާއިރު، އެހެންގޮތަކަށް ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ މި ރައުޔުގެ 21 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ހުރިކަން އިޚްތިޞާޞް ލިބިގެންވާ ދަށު ކޯޓަށް ހުށަހަޅައިގެންނެވެ. މީހަކު ހައްޔަރުކުރަން ދަށު ކޯޓަށް ހެއްކާގުޅޭ އެކަށީގެންވާ މަޢުލޫމާތު ހުށަނައަޅައި، މައްސަލައެއް އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ ކޯޓަކަށް އައު ހެކި ހުށަހެޅި ކަމުގައި ވިޔަސް، ފަހުން އިސްތިއުނާފީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަނި ރިޢާޔަތް ކުރެވިގެން އިސްތިއުނާފީ ކޯޓުން މީހެއްގެ ބަންދާމެދު ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ. އެހެންނަމަވެސް، ދަށު ކޯޓަށް މަޢުލޫމާތު ހުށަހެޅުމަށްފަހު، އެއަށް ބާރު ލިބޭ އިތުރު ކަންކަން އިސްތިއުނާފީ ކޯޓަކަށް ހުށަހަޅައިފިނަމަ، އެ ކަންކަމަށް ބުރަދަނެއް ދިނުމަކީ އެ ކޯޓުގެ އިޚްތިޔާރީ ކަމެކެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާ
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާއަކީ ޖުމުލަ ގޮތެއްގައި ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކުރުމުގެ ތަރުތީބުތަކާގުޅޭ މާއްދާއެކެވެ. އިސްތިއުނާފުކުރާ ފަރާތުން މި މާއްދާގެ (ޅ) އާ ޙަވާލާދީފައިވާތީވެ އެ އަކުރުގެ ނައްޞަށް ބަލާއިރު ވަނީ،
"...ބަލައި ފާސްކުރަންޖެހޭ ތަނުގައި އެތަނުގެ ވެރިފަރާތް ނުވަތަ އެ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ނެތްނަމަ އެތަނެއް ބަލައި ފާސްކޮށްގެން ނުވާނެއެވެ."
މިފަދައިންނެވެ.
އުޅަނދެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ޤާނޫނު ތަންފީޛުކުރާ އިދާރާގެ އޮފިސަރުން ތަންފީޛުކުރަންވާނީ، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޛުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ތ) ގައި ބަޔާންވެފައިވެއެވެ.
އުސޫލުތައް ތަޠުބީޤުކުރުން
ބަޔާންވެދިޔަ ޤާނޫނީ އުސޫލުތަކަށް ބަލައި، ޝަހީބު އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފާ ކޮށްފައިވާ މި މައްސަލައިގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު ތިރީގައި މިވާ ކަންކަން ފާހަގަވެއެވެ.
އިސްތިއުނާފުކުރާ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އާ ޚިލާފަށްތޯ ބަލާއިރު، ޝަހީބު އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އޭނާ އާ ދެކޮޅަށް ހެކި ހުރިކަން ކްރިމިނަލް ކޯޓަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަރުޙަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. މިގޮތުން، ތަޙުޤީޤު ކުރާ ފަރާތުގެ ބަހާއި، އަދި އެކަމަށް ބާރުލިބިދޭ ފަދަ ހެކިންގެ ބަޔާންތަކާއި، މޯބައިލް ފޯން އެކްސްޓްރެކްޝަން ރިޕޯޓާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ޖަންބޯ ދޯނިން މަސްތުވާތަކެތި ފެނުމާއި ޝަހީބު އިބްރާހީމްއާ ގުޅުން ހުރިކަން، ޖުމުލަކޮށް ހެކިތަކަށް ބެލުމުން ދޭހަވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ޅ) އާ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވެފައިވޭތޯ ބަލާއިރު، ސުވާލު އުފައްދާފައިވަނީ ޖަންބޯ ދޯނި ފުލުހުން ފާސްކުރިއިރު، ޝަހީބް އިބްރާހީމްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް އެ ދޯނީގައި ހުރިކަމާ މެދުގައެވެ. މިކަމަށް ބަލާއިރު، ޖަންބޯ ދޯންޏަކީ ޝަހީބް އިބްރާހީމްއާ ގުޅުމެއް އޮތް ދޯންޏެއް ނޫންކަމަށް އޭނާ ބުނެއެވެ. މި ޙާލަތުގައި ޝަހީބް އިބްރާހީމްގެ މަޞްލަޙަތެއް އެ ދޯނީގެ މައްޗަށް އޮތްކަމާ މެދު ބަހުސްކުރެވޭނެ ޖާގައެއް ނެތެވެ. އަދި، އެ ދޯނި ބަލައި ފާސްކުރުމުގައި ރައްކާތެރި ކުރަން ޖެހޭނެ ޝަހީބް އިބްރާހީމްގެ މަޞްލަޙަތެއް އޮންނާނެކަމަށް ނުފެނެއެވެ. އަދި ބަހުސްގެ ބޭނުމަށް އެ ދޯނީގެ މައްޗަށް ޝަހީބު އިބްރާހީމްގެ ޙައްޤެއް އޮތްކަމަށް ބެލިނަމަވެސް، ފުލުހުން އެދޯނި ބަލައި ފާސްކޮށްފައިވަނީ އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ ހާޒިރުގައިކަމުން އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއް އެ ތަނުގައި އެހިނދު ނެތޭ ބުނުމުގެ ފުރުސަތު ހަނިކަމަށް އަހުރެން ދެކެމެވެ.
ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވެފައި ވޭތޯ ނަޒަރުކުރާއިރު މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުމުގައި މުހިންމު ކަމަކީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ، ކުށުގެ ޒާތުން ބޮޑު ކުށަކަށް ވުމަށްވުރެ، ތުހުމަތު ކުރެވޭ މީހާ އާއި އެ ކުށާއި ގުޅުވައިދޭ ހެކިކަމާއި، މި ރައުޔުގެ ޕެރެގްރާފް 21 ވަނަ ހަމަތަކަށްބަލައި، ޝަހީބު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވައިދޭ ހެކި ހުރިކަން އިސްވެ ބުނެވުނު މި ރައުޔުގެ ޕެރެގްރާފް 40.1 ގައިވާ ކަންކަން ބެލުމުން އެނގެއެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގައިވާ އުސޫލުން ޝަހީބު އިބްރާޙީމް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުރަހެއް އޮތްކަމަކަށް ނުދެކެމެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ32 ވަނަ މާއްދާގެ (ށ) އާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޚިލާފުވެފައި ވޭތޯ ބަލާއިރު، ޝަހީބު އިބްރާހީމްގެ ބަންދާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމުމުގައި އަސާސެއް ކަމަށް ބަލާފައިވަނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތައްކަން އެނގެއެވެ. މިގޮތަށް ނިންމުމުގެ ކުރިން ދަށު ކޯޓަށް ހުށަހެޅުނު ހެކިތައް ހައިކޯޓަށް ހުށަހެޅިފައިވާކަން އެކޯޓުން ކަށަވަރުކޮށްފައިވާ ކަމާއި، އަދި ހައިކޯޓަށް ހުށަހެޅި އައުހެކިވެސް އެ ކޯޓުން ކަށަވަރުކޮށްފައިވާކަން އެނގެވެ. މި މައްސަލައިގައި ދަށު ކޯޓަށް ހުށަނައަޅައި ހެއްކެއް ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިވާކަމަށް ބަލާ ޙާލަތުގައި ވެސް މި ރައުޔުގެ ޕެރެގްރާފް 36 ގައިވާ ހަމަތަކަށް ބަލައި ޝަހީބު އިބްރާހީމް ބަންދުކުރީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނުމުގެ ފުރަސަތު އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
ޝަހީބު އިބްރާހީމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ދެވަނަ ފަހަރު ފުލުހުންގެ ފަރާތުން އޭނާ ބަންދުގައި ބަހައްޓަން އެދޭ ސަބަބުގެ ގޮތުގައި ދެ ސަބަބެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ސަބަބަކީ ޝަހީބް އިބްރާހީމްއަކީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކާތެރިކަމެއް ކުރިމަތިކޮށްފާނެ ފަރާތަކަށް ވުމެވެ. ދެވަނަ ސަބަބަކީ ޝަހީބު އިބްރާހީމްގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުކުރުމަށް މަސައްކަތް ކޮށްފާނެތީ ކަމުގައިވުމެވެ. މި ދެ ސަބަބަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 332011/SC-A/ ޤަޟިއްޔާއަށް ޙަވާލާދީ، ބަންދުގައި ބަހައްޓާ މީހަކީ މުޖުތަމަޢުއަށް ނުރައްކާތެރިކަމެއް ކުރިމަތިކޮށްފާނެ މީހެއްކަން ކަނޑައެޅުމުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ ބޮޑު ކުށަކަށްވުމުން ފުދޭކަމަށް ދޭހަވާ ގޮތަށް ބަޔާންކޮށްފައިވަނީ ރަގަޅަށްކަމުގައި ނުދެކެމެވެ. އެހެނީ ކުށެއްގެ ތުހުމަތު ކުރެވުމަކީ، ހަމައެކަނި އެ ސަބަބަށްޓަކައި، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޫނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަންޖެހޭނީ، މި ރައުޔުގެ 21 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ފަދަ މަޢުލޫމާތު ހުރުމާއެކު، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ވުޖޫދުގައިވާ ނަމަކަމުގައި ދެކެމެވެ.
އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތީން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/243 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
މުޙައްމަދު އިބްރާހީމް
މަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.