އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ވ. ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް)
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 627-CVC-2025
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ބަންދުކުރީ ކޯޓު އަމުރަކުން ކަމަށާއި، ބަންދު ޤާނޫނާ ޚިލާފުކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާތީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 210 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ކުރިއަށްގެންދިއުމުގެ އިޚްތިޞާޞް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ދަޢުވާ ފޯމް ބާޠިލުކުރިއެވެ.
- ވާޤިޢާ
- ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިސްތިއުނާފުކުރި ފަރާތް، ކްރިމިނަލް ކޯޓުގެ އަމުރަކުން 5 ދުވަހަށް ބަންދުކުރުމަށްފަހު، ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ބުނެ ފުލުހުން ދޫކޮށްލިއެވެ. އެ ބަންދު ޤާނޫނާ ޚިލާފުކަމަށާއި އަސާސީ ޙައްޤުތައް ހިފެހެއްޓުނުކަމަށް ބުނެ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދައުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ ތުހުމަތެއްގައި ކޯޓު އަމުރަކުން ބަންދުކުރެވުނު މީހަކު، އެ ބަންދަކީ ޤާނޫނާ ޚިލާފު ބަންދެއްކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާ ޙާލަތުގައި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤުތައް ހިފެހެއްޓުނުކަމަށް ބުނެ ހުށަހަޅާ ބަދަލު ހޯދުމުގެ ދައުވާއެއް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވޭތޯ؛ އަދި ސިވިލް ކޯޓުން ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 261 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ޤާނޫނީ ސުވާލަކާމެދު ގޮތެއް ނުނިންމައި ދޫކޮށްލީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ޤާނޫނެއްގައި ޞަރީޙަކޮށް މަނާނުކުރާ މައްސަލަ ބަލަންވާނެކަމަށް 2022/SC-A/05 ގައި ކަނޑައަޅާފައިވާކަމަށާއި، ދައުވާ ހުށަހެޅީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ކަމަށާއި، ދަށުކޯޓުން އެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ޤާނޫނީ ސުވާލަކާމެދު ގޮތެއް ނުނިންމާކަމަށެވެ. ދައުލަތުން ބުނީ 2022/SC-A/05 އަކީ ތަފާތު މައުޟޫޢެއްގެ ޤަޟިއްޔާއެއްކަމަށާއި، ވަކި ފޯމަކުން ހުށަހެޅުމަކުން މައްސަލައެއް އެބާވަތުގެ މައްސަލައަކަށް ނުވާނެކަމަށާއި، ދަށުކޯޓުން ސަބަބުތައް ބަޔާންކޮށްފައިވާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޞައްޙަ ކޯޓު އަމުރަކުން ކުރާ ބަންދަކީ، ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން އެނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު ދުސްތޫރީގޮތުން ޞައްޙަ ބަންދެކެވެ. އެހެންކަމުން، ބަންދު ޤާނޫނާ ޚިލާފުކަމަށް އެފަދަ ކޯޓަކުން ކަނޑައަޅާފައި ނުވާ ޙާލަތުގައި ބަދަލު ހޯދުމަށް ހުށަހަޅާ މަދަނީ ދައުވާ ބެލުން ޖިނާއީ އިޖުރާއަތުގެ ޤާނޫނީ ނިޒާމުން މަނާކުރާތީ 2022/SC-A/05 ތަޠުބީޤު ނުވެއެވެ. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ފޯމުން ހުށަހެޅުމަކުން މައްސަލަ މައުޟޫޢީގޮތުން ބަލަންޖެހޭނެ ކާފީ ސަބަބެއް ނުވާއިރު، ދަށުކޯޓުން ޤާނޫނީ ސަބަބުތައް ތަފްސީލުކޮށްފައިވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއަޣްލަބިއްޔަތުން އިސްތިއުނާފު ބާޠިލް؛ ސިވިލް ކޯޓުގެ 627-CVC-2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތުމުން ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ އިޖުރާއަތުގެ ތެރެއިން ސައްޙަ އިޖުރާއަތާ އެއްގޮތަށް ކޯޓު އަމުރަކުން ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުކުރުމުން، އެހާލަތުގައި އެނޫންގޮތަކަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުން ކަނޑަނާޅާހާ ހިނދަކު އެމީހަކު ހުންނާނީ ދުސްތޫރީގޮތުން ސައްޙަ ބަންދެއްގައެވެ. އެހާލަތުގައި އެމީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް އެމީހާގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭފަދައަކުން ކަމަށް މާނަނުކުރެވޭނެއެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ހ) ގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެކަމެވެ.
HN3 މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުން ކަނޑަނާޅާހާ ހިނދަކު، އެމީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އެކަމާގުޅިގެން އެހެނިހެން އަސާސީ ޙައްޤުތަކެއްވެސް ގެއްލިފައިވާކަމަށް ބުނެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މަދަނީ ދައުވާ ބެލުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާ އާއި، ޖިނާއީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ބަންދުކުރުމާގުޅޭ މަތީ މަރުޙާލާގެ ކޯޓުތަކުގެ ނިންމުންތަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނީ ނިޒާމުން މަނާކުރެއެވެ.
HN4 އެހެންކަމުން، 'ވަކި ބާވަތެއްގެ މައްސަލަ ބެލުން ޤާނޫނުގައި މަނާ ނުކުރާނަމަ އެ މައްސަލައެއް ބަލަންވާނެ ކަމަށް' ބަޔާންކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާ، މިފަދަ މަދަނީ ދައުވާއަކަށް ތަޠުބީޤުކުރެވޭގޮތެއް ނެތެވެ.
HN5 ދައުވާ ހުށަހަޅާފައިވަނީ އަސާސީ ޙައްޤެއް ގެއްލިގެން ބަދަލު ހޯދުމަށް އެދި ދައުވާ ހުށަހަޅާ ފޯމުން ކަމަށްވުމަކީ، އެދައުވާ ބެލެން ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅި ސަބަބު ޤާނޫނީގޮތުން ސައްޙަ ޙާލަތުގައި، ރިޢާޔަތްކުރުން މުހިންމު ކަމެއް ނޫނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި އެފަދަ ދައުވާ ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވުމަކީ، އެފަދައިން ހުށަހެޅޭ ކޮންމެ ދައުވާއެއް އިތުރު އިޖުރާއީ ބެލުމަކާ ނުލައި މައުޟޫޢީގޮތުން ކުރިއަށްގެންދަންޖެހޭ ކާފީ ޤާނޫނީ ސަބަބެއް ވެސް ނޫނެވެ.
HN6 ދަށުކޯޓުން ޙުކުމަށް ވާސިލުވި ޤާނޫނީ ސަބަބުތައް، ކަމާގުޅޭ ޤާނޫނީ މާއްދާތަކާއި ހަމަތަކާ ހަވާލާދީ ތަފްސީލުކޮށް، ދެފަރާތުން ހުށަހެޅި ނުކުތާތަކާއި ތަފްސީލުތައްވެސް ދަށުކޯޓުގެ ރިޕޯޓުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވާނަމަ، ދަށުކޯޓުން ގޮތް ކަނޑައަޅާފައިވަނީ ހުށަހެޅި ޖަވާބަށް ރިޢާޔަތްކުރުމެއްނެތި ނުވަތަ ޤާނޫނީ ސަބަބު ބަޔާންކުރުމެއްނެތި އަދި ޤާނޫނީ ސުވާލަށް ޖަވާބުދިނުމެއްނެތި ކަމަށް ބެލެވިދާނެ ސަބަބެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ނާޙިލް ވަޙީދު، ސާދިން މުޙައްމަދު ރަޝީދު
- ބެންޗު
- ޙުސައިން މަޒީދު (ރިޔާސަތު)، ދީބާނާޒް ފަހުމީ، އިސްމާޢީލް ޝަފީޢު
- ރިޔާސަތު
- ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- އިސްމާޢީލް ޝަފީޢު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2025/HC-A/192
އިސްތިއުނާފުކުރި ފަރާތް: އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް)
މައްސަލައިގެ ބާވަތް: އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން ހުށަހަޅާ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ނިމުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1448 / 24 ނޮވެންބަރު 2026
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޞަފަރު 1447 / 29 ޖުލައި 2025
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 627-CVC-2025
ނިންމި ތަން: ސިވިލް ކޯޓު
ބާވަތް: އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން ހުށަހަޅާ މައްސަލަ
ހުށަހެޅުނު ތާރީޚް: 27 ފެބްރުވަރީ 2025 ނިމުނު ތާރީޚް: 23 ޖޫން 2025
އިސްތިއުނާފުކުރި ފަރާތް
އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު
ޤާނޫނީ ވަކީލު:
ނޫރުއްސަލާމް އަބޫބަކުރު، ލެކްސަވީ ޗެމްބަރސް އެލް.އެލް.ޕީ
އިސްތިއުނާފު ރައްދުވި ފަރާތް
ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް)
ޤާނޫނީ ވަކީލު:
ސްޓޭޓް އެޓަރނީ ނާހިލު ވަޙީދު
ސްޓޭޓް އެޓަރނީ ސާދިން މުޙައްމަދު ރަޝީދު
މަދަނީ- އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން ހުށަހަޅާ މައްސަލަ- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާ- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ، 261 ވަނަ މާއްދާގެ (ށ)
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު؛ (މި ރައުޔަށް ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު އިސްމާޢީލް ޝަފީޢު ތާއީދުކުރައްވާފައި)
މައްސަލައިގެ ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) އެވެ.
މައްސަލައިގެ ފަސްފަހަތް
2ޖިނާއީ ކުށުގެ ތުހުމަތަކާ ގުޅިގެން 2 ޖުލައި 2024 ދުވަހު އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ހައްޔަރުކުރެވުނެވެ.
33 ޖުލައި 2024 ދުވަހު އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ހައްޔަރާމެދު ގޮތް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި، 3 ޖުލައި 2024 ދުވަހުން ފެށިގެން 5 (ފަހެއް) ދުވަހުގެ މުއްދަތަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކުރުމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރަކުން އަމުރުކޮށްފައިވެއެވެ.
4އެ ކޯޓު އަމުރުގެ ދަށުން 5 (ފަހެއް) ދުވަހު އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުގައި ބެހެއްޓުމަށްފަހު ދައުވާކުރެވޭނެ ހެއްކެއް ނެތް ކަމަށް ބަޔާންކޮށް، އިތުރަށް ކޯޓަށް ހާޟިރުކުރުމަކާނުލައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވެއެވެ.
ސިވިލް ކޯޓުގައި ކުރެވުނު ދައުވާ
5މި ކަންކަން މިގޮތަށް ހިނގައިދިޔުމުން، 2 ޖުލައި 2024 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ގެންގޮސް 06 (ހައެއް) ދުވަހުގެ މުއްދަތަށް ބަންދު ކޮށްގެން ގެންގުޅެފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބަޔާންކޮށް، އެ މުއްދަތުގައި ދަޢުވާކުރާ ފަރާތުގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދައި ލިބިގަތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ދައުވާ ހުށަހެޅިއެވެ.
ސިވިލް ކޯޓުގައި ކުރެވުނު ދައުވާގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދުން
6އެ ދައުވާ ހުށަހެޅުމާއެކު، ދައުލަތުން ވަނީ އެ މައްސަލައިގައި އިޚްތިޞާޞާމެދު ސުވާލު އުފައްދާ، އިޖުރާއީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކޮށްފައިވަނީ ކޯޓު އަމުރަކުން ކަމަށާއި، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ޖިނާއީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ އެއްވެސް ކޯޓަކުން ކަނޑައަޅާފައިނުވާއިރު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 210 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ދައުލަތުން ހުށަހެޅިއެވެ. ސިވިލް ކޯޓުގައި އިޚްތިޞާޞާމެދު ސުވާލު އުފެއްދުމާ ގުޅިގެން ދައުވާކުރި ފަރާތުން ދިން ޖަވާބު
7މައްސަލައިގެ އިޚްތިޞާޞާމެދު ދައުލަތުން ސުވާލު އުފެއްދުމާ ގުޅިގެން، ޖަވާބުގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ދައުވާއަކީ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ޤާނޫނާ ޚިލާފަށް ބަންދުކޮށްގެން ގެންގުޅެފައިވާތީ ކަމަށްބުނެ ހަމައެކަނި އެކަމުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށް ދައުލަތުން ފާހަގަކުރަނީ ހަޤީޤަތާ އެއްގޮތަށް ނޫން ކަމަށެވެ. އެގޮތުން އެ ދައުވާއަކީ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ އެތައް އަސާސީ ޙައްޤެއް ނިގުޅައިގަނެފައިވާތީ ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ. އަދި ދައުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތަށް ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާ ދައުލަތުން މާނަކުރަނީ މާ ފުޅާކޮށް ކަމަށެވެ. ޤާނޫނާ ޚިލާފަށް ބަންދުކުރާ އެންމެހާ ޙާލަތެއްގައި ބަދަލު ހޯދުމަށް ދައުވާކުރުމުގެ އިޖުރާއަތު ބަޔާންކުރުމަކީ އެމާއްދާގެ މަޤްސަދު ނޫން ކަމަށެވެ. މި މައްސަލައަށް ތަޠުބީޤުކުރަންޖެހެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ކަމަށެވެ.
އިޚްތިޞާޞާމެދު ސިވިލް ކޯޓުން ނިންމިގޮތް
8ސިވިލް ކޯޓުން ނިންމާފައިވަނީ އެ ދައުވާ އެ ހިނދުގައި ކުރިއަށްގެންދިއުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އެގޮތުން މައްސަލައިގެ ދައުވާފޯމު ބާޠިލުކޮށް ކުރި ޙުކުމުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެން ފަހެ ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ([…]) ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތް)ގެ މައްޗަށް ހުށަހަޅާފައިވާ ގޮތުގެ މަތިން މި މައްސަލަ މި ހިނދުގައި މި ކޯޓުގައި ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލުކޮށް، ދަޢުވާކުރާ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު، ޤާނޫނާ ޚިލާފަށް ބަންދުކުރުމާ ގުޅިގެން ޖިނާއީ މައްސަލައިގެ ވަކީލު ފީގެ ގޮތުގައި ޚަރަދު ކުރި -/33,000ރ. (ތެއްތިރީސްހާސް ރުފިޔާ) އާއި، ސިވިލް ކޯޓަށް މައްސަލަ ލާންޖެހުމުން ޚަރަދުކުރި -/27,000ރ. (ހަތާވީސްހާސް ރުފިޔާ) މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކުން ސާފުކޮށް ކަނޑައެޅިގެން ވަކީލު ފީގެ ގޮތުގައި ޚަރަދު ކުރިކަން އެނގެން ނެތުމުން، ވަކީލު ފީ މި މައްސަލައިގެ ތެރެއިން ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި ޤަޟިއްޔާ ނިންމީއެވެ."
9ސިވިލް ކޯޓުގެ މި ޙުކުމާމެދު ހިތްހަމަނުޖެހިގެން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
10ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރަމުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން އަންނަނިވި 03 (ތިނެއް) ނުކުތާ ހުށަހަޅާފައި ވެއެވެ.
ފުރަތަމަ ނުކުތާ އަކީ: ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާއިން ބެލުނު މައްސަލައަކީ އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ނެތް މައްސަލައެއް ކަމަށް ކަނޑައަޅާފައިވަނީ، 'ވަކި ބާވަތެއްގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމުގައި ޞަރީޙަކޮށް ޤާނޫނުގައި ބަޔާންކޮށްފައިނުވާނަމަ އެމައްސަލައެއް ބަލަންވާނެކަމަށް' ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާގައި، ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާ އަކީ: އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން މައްސަލަ ހުށަހެޅޭނެކަމަށް ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ 94 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާ އަކީ: ދައުވާކުރާ ފަރާތުން ހުށަހެޅި ދަޢުވާއަކީ، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ ދަށުން ހުށަހެޅި އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުން މައްސަލަ ހުށަހަޅާ ފޯމުން ހުށަހެޅި އެބާވަތުގެ މައްސަލައެއް ކަމަށްވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން މި މައްސަލަ ނުބެލެންޖެހޭ ސަބަބެއް ނެތްކަމަށް ދައުވާކުރާ ފަރާތުން ފާހަގަކުރި ނުކުތާއަށް ގޮތެއް ކަނޑައެޅުމަކާނުލައި މައްސަލަ ނިންމާފައިވަނީ، މައްސަލައެއް ނިންމުމުގައި، ވަކިވަކި ޤާނޫނީ ސުވާލު އުފެދިފައިވާނަމަ އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅަންވާނެކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުގެ ވާހަކަ
11އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްސީލުކުރަމުން އިސްތިއުނާފުކުރާ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ވަކި ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމުގައި ސަރީހަކޮށް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާނަމަ އެ މައްސަލައެއް ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާގައި ބަޔާންކޮށްފައިވީނަމަވެސް، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މި އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވަނީ އަސާސީ ޙައްޤުތަކެއް ގެއްލިފައިވާތީ ބަދަލު ހޯދުމަށް ހުށަހެޅި ދައުވާއެއް ކަމަށާއި، އެފަދަ ދައުވާ ނުބެލޭނެކަމަށް އެއްވެސް ޤާނޫނެއްގައި ކަނޑައަޅާފައި ނެތް ކަމަށެވެ. މި މައްސަލައަކީ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރަކުން ބަންދުކުރުމަށްފަހު، އެއްވެސް ހެއްކެއް ނެތުމާއެކު ފުލުހުން އަމިއްލައަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ދޫކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ބަދަލު ހޯދުމަށް ކުރި ދައުވާއެއް ކަމަށެވެ. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 210 ވަނަ މާއްދާގައި މީހަކު ބަންދުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ ބަދަލު ހޯދުމަށް ދައުވާ ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައި އޮތުމުން، މީހަކު ބަންދުކޮށްފައި ހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑަނާޅާ ހާލަތުގައި އެފަދަ ދައުވާއެއް ހުށަނޭޅޭނެކަމަށް މާނަނުކުރެވޭނެ ކަމަށެވެ. ހަމައެހެންމެ މި މާއްދާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއެއްވެސް ނޫން ކަމަށެވެ.
12އިސްތިއުނާފީ ދެވަނަ ނުކުތާ ތަފްސީލުކުރަމުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ އަސާސީ ޙައްޤެއް ގެއްލުމުން ދައުވާ ކުރުމަށް ޚާއްސަ ފޯމުން ކަމަށެވެ. އެގޮތުން އެ ދައުވާ ހުށަހެޅީ އެންމެ އަސާސީ ޙައްޤެއް ގެއްލިގެން ބަދަލު ހޯދުމަށް ނޫން ކަމަށާއި ތަފްސީލުތައް ދައުވާގައި ބަޔާންކުރި ކަމަށެވެ. މިކަން މިގޮތުގައި އޮތް އިރު، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
13އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްސީލުކުރަމުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ބެލޭނެ މައްސަލައެއް ކަމަށް ބުނެ ހުށަހެޅި ކަންކަމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ. މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ށ) ގައި ކޯޓަށް ހުށަހެޅޭ ޤާނޫނީ ސުވާލުތަކާމެދު ގޮތް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާއާ ޚިލާފަށް ދަށުކޯޓުން ކޮށްފައިވާ ކަމެއް ކަމަށެވެ.
14ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކުރުމަށް ނެރުނު ކޯޓު އަމުރު 3 ސަބަބަކާހުރެ އިސްތިއުނާފު ކޮށްފައި ނުވާނެ ކަމަށެވެ. އެ ސަބަބުތަކަކީ އެއްވެސް ހެއްކެއް ނެތުމާއެކު ފުލުހުން އަމިއްލައަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުން ދޫކޮށްލިއިރު އިސްތިއުނާފީ މުއްދަތު ހަމަވެފައިނުވުމާއި، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުން ދޫކުރުމަށްފަހު އެ އަމުރު އިސްތިއުނާފުކޮށްފިނަމަ އެ އަމުރާމެދު އިސްތިއުނާފުގައި ގޮތް ކަނޑައެޅުމުގެ ފާއިލިއްޔަތެއް ނެތް ކަމަށް ކޯޓުން ކަނޑައަޅާފާނެ ކަމަށްޓަކައި އަދި މަދަނީ އިޖުރާއަތުގެ ތެރެއިން ބަދަލު ހޯދުމުގެ ދައުވާ ހުށަހެޅުމުގެ ފުރުސަތު އޮތުމުން ބަދަލު ހޯދުމަށް ދައުވާ ކުރުމަށް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
15މި މައްސަލައިގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމާއެކު، މައްސަލަ މައުޟޫޢީގޮތުން ބެލުމަށް ދަށުކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.
އިސްތިއުނާފުރައްދުވާ ފަރާތުގެ ވާހަކަ
16އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާ އާއި މިހާރު މިބެލޭ މައްސަލައަކީ ފަރަޤު ކުރަންޖެހޭ 2 ޤަޟިއްޔާ ކަމަށެވެ. އެގޮތުން މިއީ ތަފާތު 2 މައުޟޫޢެއްގެ 2 ޤަޟިއްޔާ ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާގެ ޙުކުމް ބިނާވި ސަބަބު ނުވަތަ ratio ގެ ވާހަކަ ނޫން ކަމަށެވެ. އެގޮތުން ދަށުކޯޓުން މައްސަލައިގެ އިޚްތިޞާޞް ނެތް ކަމަށް ބަޔާންކުރަނީ ވަކި ހާލަތެއް ވުޖޫދުގައި ނެތުމުން ކަމަށެވެ. އެއީ އެކަށް އެބާވަތުގެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމެއް ނޫން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާގައި ބަޔާންކުރަނީ ވަކި ބާވަތެއްގެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ނުވަތަ subject matter jurisdiction ގެ ވާހަކަ ކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތަށް އެ ޤަޟިއްޔާއާ ދަށުކޯޓުން ޚިލާފުވިގޮތެއް ބުނެ ނުދެވޭ ކަމަށެވެ.
17އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ވަކި ފޯމަކުން މައްސަލަ ހުށަހެޅުމަކީ އެ މައްސަލައަކީ ސީދާ އެބާވަތު މައްސަލައަކަށް ވެގެންދާ ސަބަބެއް ނޫން ކަމަށެވެ. މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/215 ޤަޟިއްޔާއިންވެސް ބާރުލިބޭ ކަމަށެވެ. ހަމައެހެންމެ ކޯޓެއްގެ ސައްހަ އަމުރަކުން ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މީހަކު ބަންދުކުރުމުން އެ ހާލަތުގައި ބަދަލު ހޯދުމުގެ ދޮރު ހުޅުވާލައިފިނަމަ ތަންފީޛީ އިދާރާތަކުންވެސް ކޯޓު އަމުރުތައް ތަންފީޛުކުރުމަށް ޖެހިލުންވާނެ ކަމަށެވެ.
18އިސްތިއުނާފީ ތިންވަނަ ނުކުތާގެ ޖަވާބުގައި ދައުލަތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުން ބިނާކުރި ސަބަބުތައް ދަށުކޯޓުގެ ރިޕޯޓުގެ 6.1 ވަނަ ނުކުތާއިން 6.7 ވަނަ ނުކުތާއާ ހަމައަށް ބަޔާންކޮށްފައިވާކަމަށެވެ. މީގެ އިތުރުން 8.4 ވަނަ ނުކުތާއިން ފެށިގެން 8.5 ވަނަ ނުކުތާއާ ހަމައަށް އެފަދަ މައްސަލަ ހުށަހެޅުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބަޔާންކުރާ ޝަރުތުގެ ވާހަކަ ބަޔާންކޮށް ތަފްސީލުކޮށްފައިވާކަމަށެވެ. އެހެންކަމުން ދަށުކޯޓުން ޤާނޫނީ ސުވާލާމެދު ގޮތް ކަނޑަނާޅާ ކަމަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ފާހަގަކުރަނީ ރަނގަޅަށް ނޫން ކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
19ދައުލަތުން މި މައްސަލައިގައި އެދިފައިވަނީ ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާއާމެދު ގޮތް ކަނޑައެޅުން
20އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ ވަކި ބާވަތެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމުގައި ސަރީހަކޮށް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާނަމަ އެ މައްސަލައެއް ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާގައި ބަޔާންކޮށްފައިވީނަމަވެސް، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ މި އުސޫލާ ޚިލާފަށް ކަމަށެވެ.
21މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރުމުގެ ބޭނުމަށް ފުރަތަމަ ބަލާލާނީ ދަށުކޯޓުގެ ނިންމުމަށް ވާސިލުވި ސަބަބުތަކަށެވެ. އެގޮތުން ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ނެތް ކަމަށް ކަނޑައެޅުމުގެ ސަބަބުތައް ދަށުކޯޓުގެ ރިޕޯޓުގެ 8 ވަނަ ނުކުތާގެ ދަށުން ބަޔާންކޮށްފައިހުރި ނުކުތާތަކުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބަޔާންކޮށްފައިވަނީ އަންނަނިވި ސަބަބުތަކެވެ.
21.1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ހ) ގައި "މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުން އެދި ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި ވުމާއި،
21.2 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގައި ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދު ކުރުމުގައި ބަލަންޖެހޭ ހެކީގެ މިންގަނޑު ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން ކަމަށް ކަނޑައެޅިފައި އޮތުމާއި،
21.3 ޖިނާއީ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ތަޙްޤީޤްކޮށް ދައުވާ އުފުލުމަށް ބާރު އެޅުމަކީ ޤާނޫނުގެ މައިގަނޑު އެއް މަޤްސަދުކަން އެނގެން އޮތުމާއި،
21.4 މި މައްސަލައިގައި ތުހުމަތުވާ ފަރާތުގެ ހައްޤުތައް ފުރިހަމައަށް ފޯރުކޮށްދީފައިވާ ކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްސަދުތަކުގެ އަލީގައި އެ ޤާނޫނުގެ 210 ވަނަ މާއްދާއަށް ބަލާއިރު، މީހަކު ބަންދުގައި ބަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މަދަނީ ދައުވާއެއް ކުރާނަމަ ދައުވާކުރާ ފަރާތަކީ ގަވާއިދާ ޚިލާފަށް ބަންދުކޮށްފައިވާ ފަރާތެއްކަމަށް ކަނޑައަޅާފައިވާ ކޯޓުގެ ނިންމުމެއް އޮތުން ލާޒިމް ކޮށްފައިވުމާއި،
21.5 ފުލުހުންގެ އިޖުރާއަތާ އެއްގޮތަށް ތަޙްޤީޤުކޮށް މައްސަލަ ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނުލިބުމުން މައްސަލަ ފައިލުކުރެވޭ ކޮންމެ މައްސަލައަކާ ގުޅިގެން ދައުވާކުރުމުގެ ދޮރު ހުޅުވާލެވިއްޖެނަމަ، ފުލުހުންގެ މައްޗަށް ދައުވާކޮށް، ޖަވާބުދާރީވާންޖެހި، އެފަދަ ތަންފީޒީ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ފަސްޖެހޭ ހާލަތަކަށް ވެގެންދާނެތީ އާއި،
21.6 މި މައްސަލައިގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކޮށްފައިވަނީ ކޯޓު އަމުރަކުން ކަމާއި، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކުރީ ޤާނޫނާ ޚިލާފަށް ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާތީ މައްސަލަ ކުރިއަށްގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ޝަރީޢަތުން ބަލަންޖެހުން، މިއެވެ.
22އިސްވެ ބަޔާންކުރެވުނު ދަށުކޯޓުގެ ނިންމުމުގެ ސަބަބުތަކަށް ބަލާއިރު، ދަށުކޯޓުން ރިޢާޔަތްކޮށްފައިވަނީ މައިގަނޑުގޮތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާއަށް ކަން އެނގެން އޮވެއެވެ. އެގޮތުން އެ މާއްދާގެ (ހ) ގައި ވަނީ "މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު، އޭނާ ބަންދުކުރި ފަރާތުގެ ކިބައިން ލިބިދިނުން އެދި ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
23އެ މައްޗަށް ބަހުސް މިކުރެވޭ މައްސަލައިގައި ޖިނާއީ ކުށުގެ ތުހުމަތުގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ހައްޔަރު ޞައްޙަ ކަމަށް ކަނޑައަޅާ އިތުރު 5 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވަނީ ކޯޓު އަމުރަކުން ކަމީ ދެފަރާތުގެ މެދުގައި ޚިލާފެއް ނެތް ކަމެކެވެ. އެ ކޯޓު އަމުރު އިސްތިއުނާފުކޮށްފައި ނުވާ ކަމާއި، އެ ކޯޓު އަމުރު އެއްވެސް ކޯޓަކުން ބާޠިލްކޮށްފައިނުވާކަމީވެސް ޚިލާފެއް ނެތް ވާގިއާއެކެވެ. މީގެ އިތުރުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ މައްޗަށް ކުރެވުނު އެ ޖިނާއީ ތުހުމަތާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް އެއްވެސް ކޯޓަކުން މިހާތަނަށް ކަނޑައަޅާފައިނުވެއެވެ.
24HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ބަޔާންކުރައްވާފައިވަނީ "ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތެއް އޮތް ކަމަށާއި އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި (ކ) ގައި ބުނާ "އެމީހަކާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރި ކަމަށް" ފަނޑިޔާރަކު ނެރެފައިވާ އަމުރެއް ސައްހަކަން މަތީ އެގޮތުގައި ދެމިއޮތްހާ ހިނދަކު އެމީހާގެ ބަންދަކީ ދުސްތޫރީ ގޮތުން ސައްހަ ބަންދެއްކަމަށް ބެލެވޭނެއެވެ." މިފަދައިންނެވެ.
25އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ތެރެއިން ސައްޙަ އިޖުރާއަތާ އެއްގޮތަށް ކޯޓު އަމުރަކުން ޖިނާއީ ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުކުރުމުން، އެހާލަތުގައި އެނޫންގޮތަކަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުން ކަނޑަނާޅާހާ ހިނދަކު އެމީހަކު ހުންނާނީ ދުސްތޫރީގޮތުން ސައްޙަ ބަންދެއްގައިކަން އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާގައި އެވަނީއެވެ. އެހާލަތުގައި އެމީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް އެމީހާގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭފަދައަކުން ކަމަށް މާނަނުކުރެވޭނެއެވެ. ދަށުކޯޓުން ވެސް މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ކަނޑައެޅުމުގައި ރިޢާޔަތްކުރީ މިނުކުތާތަކަށެވެ.
26HN2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ހ) ގެ ސާފު އިބާރާތުން އެނގެން އޮތް ކަމަކީ މީހަކު ހައްޔަރުކޮށްފައިހުރީ ނުވަތަ ބަންދުކޮށްފައިހުރީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓަކުން ކަނޑައަޅައިފިނަމަ، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވިދާނެކަމެވެ.
27HN3HN4އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުން ކަނޑަނާޅާހާ ހިނދަކު، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ، އެކަމާގުޅިގެން އެހެނިހެން އަސާސީ ޙައްޤުތަކެއްވެސް ގެއްލިފައިވާކަމަށް ބުނެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މަދަނީ ދައުވާ ބެލުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 210 ވަނަ މާއްދާ އާއި، ޖިނާއީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ބަންދުކުރުމާގުޅޭ މަތީ މަރުޙާލާގެ ކޯޓުތަކުގެ ނިންމުންތަކާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނީ ނިޒާމުން މަނާކުރާކަމުގައި ދެކެމެވެ.
28އެހެންކަމުން މި ނުކުތާގައި 'ވަކި ބާވަތެއްގެ މައްސަލަ ބެލުން ޤާނޫނުގައި މަނާ ނުކުރާނަމަ އެ މައްސަލައެއް ބަލަންވާނެ ކަމަށް' ބަޔާންކުރާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (2022/SC-A/05) ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރެވޭގޮތެއް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބުނެދެވިފައިވާ ކަމުގައި ނުދެކެމެވެ.
29މި ނުކުތާގައި މިފަދައިން ކަނޑައެޅުނު ނަމަވެސް، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ޞައްޙަ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްގެން ގެންގުޅުނު ކަމުގައިވިއަސް، އެ ބަންދުގެ މުއްދަތުގައި އޭނާއަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ އަސާސީ ޙައްޤެއް ނުލިބިގެން އެ ޙައްޤެއް ހޯދުމަށް ނުވަތަ އެ ޙައްޤެއް ލިބި ނުދިނުމުގެ ސަބަބުން ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ. ނަމަވެސް މި މައްސަލައަކީ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ ގެއްލިފައިވާ ޙައްޤުތަކުގެ ބަދަލު ހޯދުމަށް ހުށަހެޅުނު މައްސަލައެއްކަން ދަށުކޯޓުގެ ދައުވާފޯމަށް ބެލުމުން އެނގެން އޮވެއެވެ.
އިސްތިއުނާފީ ދެވަނަ އަދި ތިންވަނަ ނުކުތާއާމެދު ގޮތް ކަނޑައެޅުން
30އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ އަސާސީ ޙައްޤެއް ގެއްލުމުން ދައުވާ ކުރުމަށް ޚާއްސަ ފޯމުން ކަމަށްވީނަމަވެސް، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
31އަދި އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ބެލޭނެ މައްސަލައެއް ކަމަށް ބުނެ ހުށަހެޅި ކަންކަމާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 261 ވަނަ މާއްދާގެ (ށ) ގައި ކޯޓަށް ހުށަހެޅޭ ޤާނޫނީ ސުވާލުތަކާމެދު ގޮތް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާއާ ޚިލާފަށް ކަމަށެވެ.
32HN6އިސްތިއުނާފީ ފުރަތަމަ ނުކުތާއަށް ރިޢާޔަތްކުރެވުނު ގޮތް ބަޔާންކުރުމުގައި ދަށުކޯޓުން ބަޔާންކޮށްފައިވާ ޙުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށްފައި އެވަނީއެވެ. ހަމައެހެންމެ، އެ ސަބަބުތަކަކީ ޤާނޫނީގޮތުން ސައްޙަ ސަބަބުތަކެއް ކަން ކަމާގުޅޭ ޤާނޫނީ މާއްދާތަކާއި ހަމަތަކާ ހާވާލާދީ ބަޔާންކޮށްފައި އެވަނީއެވެ.
33HN5އެހެންކަމުން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ދައުވާ ހުށަހަޅާފައިވަނީ އަސާސީ ޙައްޤެއް ގެއްލިގެން ބަދަލު ހޯދުމަށް އެދި ދައުވާ ހުށަހަޅާ ފޯމުން ކަމަށްވުމަކީ، އެދައުވާ ބެލެން ނެތް ކަމަށް ދަށުކޯޓުން ކަނޑައެޅި ސަބަބު ޤާނޫނީގޮތުން ސައްޙަ ޙާލަތުގައި، ރިޢާޔަތްކުރުން މުހިންމު ކަމެއް ކަމުގައި ނުދެކެމެވެ. ދަށުކޯޓުން އެވަނީ ޙުކުމަށް ވާސިލުވި ޤާނޫނީ ސަބަބުތައް ތަފްސީލުކޮށްފައެވެ. އަދި ދެފަރާތުން ހުށަހެޅި ނުކުތާތަކާއި ތަފްސީލުތައްވެސް ދަށުކޯޓުގެ ރިޕޯޓުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ދަށުކޯޓުން ގޮތް ކަނޑައަޅާފައިވަނީ އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ޖަވާބަށް ރިޢާޔަތްކުރުމެއްނެތި ނުވަތަ ޤާނޫނީ ސަބަބު ބަޔާންކުރުމެއްނެތި އަދި ޤާނޫނީ ސުވާލަށް ޖަވާބުދިނުމެއްނެތި ކަމަށް ބެލެވިދާނެ ސަބަބެއް ވެސް ނެތެވެ. ހަމައެހެންމެ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި އެފަދަ ދައުވާ ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވުމަކީ، އެފަދައިން ހުށަހެޅޭ ކޮންމެ ދައުވާއެއް އިތުރު އިޖުރާއީ ބެލުމަކާ ނުލައި މައުޟޫޢީގޮތުން ކުރިއަށްގެންދަންޖެހޭ ކާފީ ޤާނޫނީ ސަބަބެއް ވެސް ނޫނެވެ.
ނިންމަން ފެންނަގޮތް
34އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު؛
35ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު އިސްމާޢީލް ޝަފީޢުގެ ރައުޔު؛
36އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ހުށަހެޅި ދައުވާއަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާ ހަވާލާދީ އަސާސީ ހައްގެއް ނުވަތަ މިނިވަންކަން ހިފެހެއްޓުމުގެ ސަބަބުން ހުށަހަޅާފައި ދައުވާއެއްކަން ދައުވާ ހުށަހެޅި ފޯމުގައި ބަޔާން ކޮށްފައި ވެއެވެ.
37މި ދައުވާ ކުރި ސަބަބު ދައުވާ ފޯމުގައި ބަޔާން ކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އެ ސަބަބުތައް ތަފްސީލު ކޮށްދީފައި ވެއެވެ. އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ވިޔަފާރީގެ ބޭނުމަށް އެތެރެކުރި ވޭޕް ކާޓްރިޖްތަކެއްގައި މަސްތުވާތަކެތި ހުރިކަމަށް ބަޔާންކޮށް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. އަދި 5 (ފަހެއް) ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެ ތަކެތި ފުލުހުން ތަހުލީލު ކުރުމުން އޭގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ނެތްކަން އެނގުމުން އޭނާ ހައްޔަރުކުރިތާ 6 (ހައެއް) ވަނަ ދުވަހު ބަންދުން ދޫކޮށްލިއެވެ. އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބުނާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް ނުކުރަނީސްކަން އެކަމުން އެނގޭ ހިނދު އެކަމުގެ ސަބަބުން އޭނާގެ އެތައް އަސާސީ ހައްގެއް ގެއްލިގެން ދިޔައެވެ.
38މި ވާގިއާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ދައުވާ ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާ ހަވާލާދީ އެވެ. ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާކަމަށް އެ ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 210 ވަނަ މާއްދާއާ ހަވާލާދީ އެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވަނީ، މީހެއް ހައްޔަރު ކޮށްފައިވަނީ ނުވަތަ ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަޔާންކޮށް، އެކަމާ ގުޅިގެން ބަދަލު ހޯދުމަށް މައްސަލައެއް ހުށަހެޅޭނީ، އެ މީހަކު ހައްޔަރު ކޮށްފައިވަނީ ނުވަތަ ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓަކުން ނިންމާފައިވާ ހާލަތުގައި ކަމަށެވެ. މި މައްސަލައިގައި އެ ފަދަ ނިންމުމެއް އެއްވެސް ކޯޓަކުން ނިންމާފައި ނެތުމާއި، އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުގެ އަމުރަކުން ކަނޑައަޅާފައި އޮތުމުން، އޭނާ ބަންދު ކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ، އެކަމާ ގުޅިގެން ބަދަލު ހޯދުމަށް އެދުމުގެ ހައްގު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 210 ވަނަ މާއްދާއާ ހަވާލާދީ ލިބިގެން ނުވާކަމަށެވެ.
39މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައިވާ އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީގެ 64 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާއެއް ކޯޓަށް ހުށަހަޅަންވާނީ ކޯޓުން އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް ކަމަށެވެ. އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު މި ދައުވާ ހުށަހަޅާފައިވަނީ ސިވިލް ކޯޓުގައި މިފަދަ ދައުވާއެއް ހުށަހެޅުމަށް ކަނޑައަޅާފައިވާ ފޯމުންނެވެ.
40އަސާސީ ހައްގެއް ނުވަތަ މިނިވަންކަން ހިފެހެއްޓުމުގެ ސަބަބުން ހުށަހަޅާ ދައުވާއެއްގައި ފުރިހަމަވާންޖެހޭ ކަންކަން ބަޔާންކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން ހިފެހެއްޓުނުކަމަށް ބުނާ އަސާސީ ހައްގު، ހައްގު ހިފެހެއްޓިކަމަށް ބުނާ ފަރާތް އަދި ހައްގު ހިފެހެއްޓި ގޮތް ދައުވާ ހުށަހަޅާ ފަރާތުން ބަޔާން ކޮށްދޭން ޖެހެއެވެ.
41އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދު ހުށަހަޅާފައިވާ ދައުވާގައި އޭނާގެ ކިބައިން ނިގުޅައިގަނެވުނުކަމަށް ބަޔާންކުރާ އަސާސީ ހައްގުތައް ތިރީގައި ބަޔާން ކުރަމެވެ؛
41.1. މަނާ ނޫން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ލިބިގެންވުން؛
41.2. އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު؛
41.3. އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގާއި މިނިވަންކަން؛
41.4. މުދާ ހޯދުމާއި މުދަލުން މުއާމަލާތު ކުރުމުގެ ހައްގު؛
41.5. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން؛
41.6. އަދުލު އިންސާފުގެ މަތީން އިދާރީ ފިޔަވަޅު އެޅިގެންދިއުމުގެ ހައްގު، އަދި
41.7. ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާއި އެކަށީގެންވާ ސަބަބެއް ނެތި ބަލައި ފާސް ނުކުރުމާއި މުދާ އަތުނުލުމުގެ ހައްގު، މި އެވެ.
42ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 210 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ވާހަކަ ވަރަށް ސާފެވެ. ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކޮށްފިކަމަށް ނުވަތަ ބަންދު ކޮށްފިކަމަށް ކޯޓަކުން ނިންމައިފިނަމަ އޭނާއަށް ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އެ މާއްދާ ބަޔާން ކުރެއެވެ. މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާއާ ހަވާލާދީ ކޮށްފައިވާ ދައުވާއެއް ކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބަސްމަގު އޮތް ގޮތަށް ބެލިނަމަވެސް، އެއީ މި ދައުވާ ސިވިލް ކޯޓަށް ބެލުމުގެ އިހުތިސާސް ގެއްލިގެންދާ ކަމެއް ކަމަށް އަހުރެން ނުދެކެމެވެ.
43އިސްތިއުނާފު މި ކުރެވޭ މައްސަލައިގައި ސިވިލް ކޯޓުގެ ކުރިމަތީގައި އޮތީ މި މައްސަލަ ބެލުމުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި މި މައްސަލައާ ގުޅިގެން ދައުވާކުރާ ފަރާތުގެ ހައްގެއް ގެއްލިފައިވޭތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލާ ގުޅިގެން ސިވިލް ކޯޓުގެ ނިންމުމުގައި ޖަވާބެއް ދެވިފައިވާކަމަށް އަހުރެން ދެކެމެވެ. އަދި މައްސަލަ ބަލައި ގޮތެއް ނިންމުމުގެ ކުރިން މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބޭތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސްގެ ތެރެއިން އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ އަސާސީ ހައްގެއް ގެއްލިފައި ނުވާކަމަށް ކަނޑައެޅިގެން ގޮސްފައިވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ކަނޑައަޅާފައި ވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.
44ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިހުތިސާސް ލިބޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަލަންޖެހޭނެ ކަމަށް އަހުރެން ދެކެނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޝަކުލިއްޔާތުތައް ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯއެވެ. މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ދައުވާއެއްގައި ދައުވާ ހުށަހަޅާ ފަރާތުން ބަޔާން ކޮށްދޭންޖެހޭ ކަންކަމަކީ، ހިފެހެއްޓުނުކަމަށް ބުނާ އަސާސީ ޙައްޤު، ހައްގު ހިފެހެއްޓިކަމަށް ބުނާ ފަރާތް އަދި ހައްގު ހިފެހެއްޓި ގޮތެވެ. މި ތިން ކަންތައް ފުރިހަމައަށް ބަޔާންކޮށް ހުށަހަޅާ ދައުވާއެއް ބަލައިގަންނަންޖެހެއެވެ. މައްސަލައިގެ މައުލޫއުގެ ތެރޭގައި ކުރެވިދާނެ ބަހުސެއްގެ މައްޗަށް ބިނާކޮށް މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާކަމަށް ނިންމުމަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާ އާއި 110 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް އަހުރެން ދެކެމެވެ. އަދި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 210 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ވާހަކައަކީ މި މައްސަލަ ސިވިލް ކޯޓުން ބެލުން މަނާވެގެންދާ ފަދަ ސަބަބެއް ނޫންކަން ދެކޭހިނދު މި މައްސަލައަކީ ސިވިލް ކޯޓުގެ އިހުތިސާސް ލިބިގެން ނުވާ މައްސަލައެއް ކަމަށް ނިންމާފައިވާ ނިންމުން ބާތިލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
45މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ހަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ހަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 627-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ޢައްޒާން ނަސީމް މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ދީބާނާޒް ފަހުމީ
ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު)
ފަނޑިޔާރު އިސްމާޢީލް ޝަފީޢު
ފުޓްނޯޓު
- […]
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2024/1497 ކޯޓު އަމުރު
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު CASE NO:LC2024/08372 "މައްސަލަ ނިމުނުގޮތުގެ ލިޔުން" (31 ޖުލައި 2024)
- ދަށުކޯޓު ރިޕޯޓުގެ 8.1 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ.
- ދަށުކޯޓު ރިޕޯޓުގެ 8.2 ވަނަ ނުކުތާ
- ދަށުކޯޓު ރިޕޯޓުގެ 8.3 ވަނަ ނުކުތާ
- ދަށުކޯޓު ރިޕޯޓުގެ 8.4 ވަނަ ނުކުތާ
- ދަށުކޯޓު ރިޕޯޓުގެ 8.5 ވަނަ ނުކުތާ
- ދަށުކޯޓު ރިޕޯޓުގެ 8.5.1 ވަނަ ނުކުތާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/110, 2020/SC-A/109, 2020/SC-A/108 ޤަޟިއްޔާ
- ގާނޫނު ނަންބަރު 32/2021
- ގާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 210 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) އާއި (ކ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 261 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- 2022/SC-A/05 (އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- 2020/SC-A/110، 2020/SC-A/109، 2020/SC-A/108 (ޢަލީ ޒުބައިރު އާއި އިތުރު 2 ފަރާތެއް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2023/HC-A/215
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.