އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް)
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ފަސްފަހަތް
އަޙްމަދު ނާޡިމް މ. ނިޔަދުރުގެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން އަދާކުރަމުން ދަނިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ނާޡިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެ ދަޢުވާ އަޙްމަދު ނާޡިމްގެ މައްޗަށް ސާބިތު ނުވުމުން އެ މައްސަލަ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވެއެވެ. އަދި ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގައި ދަށު މަރުޙަލާގެ ކޯޓުތަކުގެ ޙުކުމްތައް ބާޠިލު ކުރުމަށްފަހު އަޙްމަދު ނާޡިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިއެވެ. އަދި ކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙްމަދު ނާޡިމް 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ސުޕްރީމް ކޯޓުން އަޙްމަދު ނާޡިމްގެ މައްޗަށް މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ސާބިތުވާ ކަމަށް ނިންމި ނިންމުން މުރާޖަޢާ ކުރުމަށް އެދި އަޙްމަދު ނާޡިމްގެ ފަރާތުން ސުޕްރީމް ކޯޓަށް 2018 ވަނަ އަހަރު ހުށަހަޅާފައި ވެއެވެ. މި ހުށަހެޅުމާ ގުޅިގެން ކުރިން ސުޕްރީމް ކޯޓުން އަޙްމަދު ނާޡިމްގެ މައްޗަށް ކުށް ސާބިތުވާކަމުގައި ކަނޑައަޅައި ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން އަޙްމަދު ނާޡިމް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް، ފަހުން ބާޠިލުކުރުމުން، ޤާނޫނާ ޚިލާފަށް އަޙްމަދު ނާޡިގެ މައްޗަށް ޖަލު އަދަބެއް ކަނޑައެޅުމުގެ ސަބަބުން، އަޙްމަދު ނާޡިމްގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލިފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، އަޙްމަދު ނާޡިމަށް ގެއްލިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރަ އާއި ޢިނާޔަތްތަކަކީ ދައުލަތުން އަޙްމަދު ނާޡިމަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި ދިނުމަށާއި، އަޙްމަދު ނާޡިމަށް ލިބިފައިވާ އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު އޮތްކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓުގައި އަޙްމަދު ނާޡިމް ދަޢުވާކުރިއެވެ.
އަޙްމަދު ނާޡިމްގެ މި ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވަނީ، އަޙްމަދު ނާޡިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ބިނާކޮށްފައިވާ އަސާސަކީ ސުޕްރީމް ކޯޓުގެ ނިންމުމެއް ކަމަށްވެފައި، ކޯޓަކުން ނިންމާ ޤަޟާއީ ނިންމުންތަކަކީ އިދާރީ ނިންމުންތަކެއް ނޫންކަމުގައެވެ. އަދި އެ މައްސަލައަކީ އިދާރީ ނިންމުމެއްގެ މައްޗަށް ދަޢުވާކުރުމަށް ހުށަހެޅިފައިވާ މައްސަލައެއް ނޫންކަމަށާއި، ކޯޓަކުން ނިންމާ އެއްވެސް ނިންމުމަކާއި ގުޅިގެން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށެވެ.
ސިވިލް ކޯޓުގެ ރަޖިސްޓަރާރ މިފަދައިން ނިންމުމުން އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި އަޙްމަދު ނާޡިމްގެ ފަރާތުން ސިވިލް ކޯޓަށް (ސިވިލް ކޯޓުގެ އިސްޤާޟީއަށް) ހުށަހެޅިއެވެ. މި ހުށަހެޅުމާ ގުޅިގެން އެ ކޯޓުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމުގައެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން އަޙްމަދު ނާޡިމްގެ ފަރާތުން އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ބުނެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ހަތަރު ނުކުތާއެއް އަޙްމަދު ނާޡިމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތައް ތިރީގައި މިވަނީއެވެ.
(ހ) ސިވިލް ކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) އިން ރަޖިސްޓްރާރއަށް ލިބޭ ބާރުގެ ދަށުން ދަޢުވާ ފޯމު އިސްލާޙުކުރަން އެންގުމަށްފަހު، އެ ފަރާތުން އެންގި ގޮތަށް ދަޢުވާ ފޯމު އިސްލާހުކޮށްގެން ހުށަހެޅުމުން، މައްސަލަ ބަލައި ނުގަތުމަކީ ސިވިލް ކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ ރޫޙާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ރޫޙާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
(ށ) ރަޖިސްޓްރާރގެ ނިންމުން އަލުން ބެލި ސިވިލް ކޯޓުގެ ނިންމުމުގައި ޤާނޫނުއަސާސީގެ 144 (ނ) އަށް ޙަވާލާދީ ދައްކާފައިހުރި ވާހަކަތަކާއި، އެ މާއްދާއާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
(ނ) ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާގައި ކަނޑައަޅާފައިނުވާ ކަންތައްތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި އެ ކޯޓުން ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
(ރ) ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010ޤަޟިއްޔާގެ ޙުކުމަށް ރަނގަޅަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
އަޙްމަދު ނާޡިމްގެ ފަރާތުން ހައިކޯޓުގައި ކުރި އިސްތިއުނާފު ނިމިފައިވަނީ އަޙްމަދު ނާޡިމްއާ ދެކޮޅަށެވެ. މި މައްސަލައި ދެފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ބަހުސް ކުރުމަށްފަހު ހައިކޯޓުން ނިންމާފައިވަނީ ސިވިލް ކޯޓުން ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމުގައެވެ.
މިއީ، ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އަޙްމަދު ނާޡިމްގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ބަންޑާރަ ނައިބުގެ އޮފީހަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ތިން ނުކުތާއެވެ.
(ހ) މި މައްސަލައިގެ މައުޟޫޢަށް ސިވިލް ކޯޓުން ގޮތެއް ނިންމާފައި އޮތް އޮތުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް ކަން.
(ށ) މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ ކަންކަމާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަން.
(ނ) މި މައްސަލައަށް ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާ އެ ކޯޓުން ތަޠުބީޤު ކުރިކުރުން ޤާނޫނާ ޚިލާފު ކަމުގައި ހައިކޯޓުގައި ފާހަގަ ކުރުމުން އެކަމާމެދު ގޮތެއް ކަނޑައެޅުމެއް ނެތި، އެ ޤަޟިއްޔާ އާއި އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ތަފާތު ބަޔާންކޮށް، މައުޟޫޢީ ގޮތުން ހައިކޯޓުން މައްސަލަ ނިންމާފައިވާ ނިންމުން ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ Stare decisis (ސްޓާރޭ ޑިސައިސިސް) ގެ އުސޫލާއި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފުކަން.
މި ކަންކަން ފާހަގަ ކުރުމަށްފަހު އަޙްމަދު ނާޡިމްގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާޠިލުކޮށް، މި މައްސަލައަކީ ސިވިލް ކޯޓުގައި މައުޟޫޢީ ގޮތުން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން (ދައުލަތުގެ ފަރާތުން) އަންނަނިވި ހަތަރު ނުކުތާ ފާހަގަ ކޮށްފައިވެއެވެ.
(ހ) މި މައްސަލައިގައި އަޙްމަދު ނާޡިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެ ކޯޓުގައި އެއްވެސް މިންވަރަކަށް ބަހުސް ކުރެވިފައިވާ ނުކުތާއެއް ނޫންކަން. އަދި މި ނުކުތާގައި މި މައްސަލަ ހައިކޯޓުން ނިންމިއިރު، ޤާނޫނީ ގޮތުން ހެދިފައިވާ ގޯހަކީ ކޮބައި ކަން އަޙްމަދު ނާޡިމް ބަޔާންކޮށްދީފައި ނުވާތީ، އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. މަޝޭ އިންވެސްޓްމަންޓް ލިމިޓެޑް މައްސަލަ އާއި އިނަރ މޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. ގްލޯބް އެއަރ ކާގޯ ސިސްޓަމް މައްސަލައަށް ރިޢާޔަތްކޮށް ބަލައިގަނެވޭނެ އިސްތިއުނާފީ ނުކުތާއެއް ނޫންކަން.
(ށ) ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާރ ނިންމާފައިވާ ނިންމުމަކީ މައްސަލައިގެ މައުޟޫޢަށް ބަލައި ނިންމާފައިވާ ނިންމުމެއް ނޫންކަން. އެ ނިންމުމަކީ ކޯޓުގެ އިޚްތިޞާޞްއަށް ބަލައި ނިންމާފައިވާ ނިންމެއްކަން.
(ނ) މި ބާވަތުގެ ޓޯޓްގެ (Tort) މައްސަލަތައް ހުށަހަޅާއިރު، ގެއްލުމެއް ލިބިފައިވާނަމަ، ގެއްލުމެއް ލިބުނީ ކޮން ފަރާތެއްގެ އިހުމާލަކުން ކަން ފަދަ، އަސާސީ ކަންކަން އެނގެން ޖެހޭއިރު މި މައްސަލައިގައި ދައުލަތުން ބަދަލު ދޭންޖެހުމަށް މެދުވެރިވި، ދައުލަތުގެ އަމަލަކީ ކޮބައިކަމާއި، ލިބުނީ ކޮން ގެއްލުމެއްކަން އަޙްމަދު ނާޡިމްއަށް ބުނެދެވިފައި ނުވާކަން.
(ރ) ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އިސްތިއުނާފު ކުރާ ފަރާތް ކޯޓަށް ހާޒިރުކޮށްގެން ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައި ނުވާކަމާއި، އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އިޖުރާއީ ގޮތުން މައްސަލައެއް ބަލަމުންދާއިރު މައުޟޫޢީ ގޮތުން ގޮތެއް ކަނޑައަޅައިގެން ނުވާނެކަމަށް ކަން.
މި ނުކުތާތައް ފާހަގަ ކުރުމަށް ފަހު ދައުލަތުގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
މައްސަލައިގެ ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތުން ދެ ސުވާލެއްގެ ޖަވާބު ދޭންޖެހެއެވެ. ޖަވާބު ދޭންޖެހޭ ފުރަތަމަ ސުވާލަކީ، އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ދެ ވަނަ ނުކުތާގައި އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، މި މައްސަލައިގެ މައުޟޫޢާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅާފައި އޮތްނަމަ، އެ ނިންމުން ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ހެއްޔެވެ؟ ދެވަނަ ސުވާލަކީ، ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ސްޓާރޭ ޑިސައިސިސް (Stare decisis) މަފްހޫމާ ޚިލާފަށް ހެއްޔެވެ؟
މައުޟޫޢީ ގޮތުން ގޮތެއް ކަނޑައެޅުމާމެދު
ކޯޓުތަކުގެ އިޚްތިޞާޞްތަކާއި، ކޯޓުތައް ބަހާލެވިގެންވާ ގޮތާއި، ކޯޓުތަކުގެ އިޖުރާއަތުތައް ބަޔާންވެގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައެވެ. މިގޮތުން، ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގައި ޢަމަލު ކުރަންވީ ގޮތާއި، އެ ކޯޓެއްގެ އިޚްތިޞާޞްގެ ތެރެއިން ބެލޭނީ ކޮން ބާވަތްތަކެއްގެ މައްސަލަތަކެއްކަން ކޯޓުތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 01 ގައިވާ ސިވިލް ކޯޓުގެ އިޚްތިޞާޞްތަކަށް ބަލާއިރު، އެކި ފަރާތްތަކަށް ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކާއި، ޤާނޫނީ ބާރެއް ނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ މީހަކު އެ ބަންދުން ދޫކުރުމަށް އަންގާ ކަމާބެހޭ ކޯޓުން ނެރޭ އަމުރަކާ ހައްޔަރުކުރުމުގެ ސަބަބުން ނުވަތަ ބަންދުކުރުމުގެ ސަބަބުން ޤާނޫނުއަސާސީގެ 58 ވަނަ މާއްދާގެ ދަށުން ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަން ސާފުކޮށް އެނގެއެވެ. މީގެ އިތުރަށް ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމުގައި އެ ޖަދުވަލުގައި ބަޔާންކޮށްފައިނުވާ އެހެނިހެން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞްވެސް ކޯޓުތަކުގެ ޤާނޫނުން ސިވިލް ކޯޓަށް ލިބިދީފައިވެއެވެ.
އިސްތިއުނާފީ ފުރަތަމަ ދެ ނުކުތާގައި، އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލަ ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ކަމުގައްޔާއި، މައްސަލައިގެ މައުޟޫޢުގައި އެ ކޯޓުން ގޮތެއް ކަނޑައެޅުން ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ ޚިލާފުކަމުގައެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުންތަކަށް ހައިކޯޓުން ތާއީދު ކުރި ކުރުން ޤާނޫނާ އެއްގޮތް ނޫންކަމުގައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 01 ގެ ދަށުން ސިވިލް ކޯޓަށް ބެލުމުގެ އިޙްތިޞާޞް ލިބިފައިވާ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއްޖެނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެ ދަޢުވާއަކީ ބަލައިގަނެވިދާނެ ފަދަ ދަޢުވާއެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ އެންމެހައި ޒިންމާއެއް މަތިކޮށްފައިވަނީ ރަޖިސްޓްރާރއަށެވެ.
ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާއިންނާ މަތި ކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައުޟޫޢީ ގޮތުން މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިދީފައި ނުވާކަމަށް އަޙްމަދު ނާޡިމްގެ ފަރާތުން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވަނީ މި އުޞޫލާ ޚިލާފަށް ކަމަށް އަޙްމަދު ނާޡިމްގެ ފަރާތުން ދެކެއެވެ.
ކޯޓުތަކުގެ ޤާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާއަށް ބަލާއިރު، މި މާއްދާތަކުގައި ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި، ލިޔެކިޔުންތައް ބަލައިގަތުމަކީ ރަޖިސްޓްރާރއިންގެ މަސްއޫލިއްޔަތެއްކަން އެނގެއެވެ. މި އުސޫލުން ކޯޓަކަށް ހުށަހެޅޭ މައްސަލައަކީ، ކޯޓުގެ އިޚްތިޞާޞް ނުހިނގާ މައްސަލައެއް ނަމަ، އެ މައްސަލަ ބަލައި ނުގަތުމުގެ އިޚްތިޔާރު ރަޖިސްޓްރަރއަށް އޮންނާނެއެވެ. މި އިޚްތިޔާރުގެ ބޭނުން ރަޖިސްޓްރާރުން ހިފުމުގައި، ޤާނޫނު މާނަކޮށް، މައްސަލައިގެ މައުޟޫޢީ ކަންކަމާމެދު ގޮތެއް ނިންމުމަކީ ރަޖިސްޓްރާރުންގެ މަސްއޫލިއްޔަތެއް ނޫނެވެ. އެހެނީ އެފަދަ ކަންކަމަކީ ފަނޑިޔާރުންނާ ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
މައްސަލައިގެ ބާވަތުން ވަކި މައްސަލައަކީ ކޯޓުގެ އިޚްތިޞާޞް ނުހިނގާ މައްސަލައެއް ކަމުގައިވާ ނަމަ، އެކަމުގެ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ކޮންމެހެން މައްސަލައިގެ މައުޟޫޢާމެދު ވަކިކަމެއް ފާހަގަ ކުރަންޖެހޭ ހާލަތެއް ރަޖިސްޓްރާރއަށް ކުރިމަތި ވެދާނެއެވެ. މި ފަދަ ހާލަތުގައި އިޚްތިޞާޞް ނުހިނގާކަމަށް ރަޖިސްޓްރާރ ފާހަގަކުރާ ސަބަބަކީ ފާޅުކަންބޮޑު ގޮތެއްގައި ރަޖިސްޓްރާރ ނިންމާ ނިންމުމަށް ފަހިކޮށް އޮތް ސަބަބަކަށް ވާންޖެހޭނެއެވެ. މިސާލެއްގެ ގޮތުން، ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ރަޖިސްޓްރާރގެ ކުރިމަތީގަ އޮތް މައްސަލައަކީ، އެ ކޯޓުން އެ މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ނިންމާފައި އޮތް މައްސަލައެއް ނަމަ، އެކަން ފާހަގަކޮށް އެ މައްސަލަ ބަލައި ނުގަތުމަށް ނިންމިދާނެއެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް މަތީ މަރުޙަލާގެ ކޯޓުގެ ނިންމުމެއް ހުރަސްއަޅާ ނަމަ، އެކަން ފާހަގަކޮށް އެ މައްސަލަ ބަލައި ނުގަތުމަށް ނިންމިދާނެއެވެ. މީގެ އިތުރުން، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ވަކި ބަޔަކަށް ކޯޓުގެ އިޚްތިޞާޞް ނުހިނގާ ނަމަ، އެކަމަކާމެދު ގޮތެއް ނިންމުމަށްފަހު، ހަމަޖެހިފައިވާ އުސޫލުން ކޯޓުގެ އިޚްތިޞާޞް ހިނގާ ބައި ބަލައިގަނެ ކުރިއަށް ގެންދަންވާނެއެވެ.
ކޯޓުތަކުގެ ޤާނޫނުން ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުން ނުވަތަ އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކި ބާވަތެއްގެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެން ނުވާކަމަށް ޞަރީޙަ ޢިބާރާތުން ބަޔާން ކޮށްފައިނުވާ ހުރިހާ ބާވަތެއްގެ މައްސަލަ ސިވިލް ކޯޓުން ބަލަންވާނެއެވެ. މައްސަލަ ހުށަހެޅުމަށް ވަކި ފޯމެއް ނެތުމުގެ ސަބަބުން ނުވަތަ ހުށަހެޅޭ ދަޢުވާގެ ބާވަތް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ހިމެނިފައި ނުވުން، ފަދަ، ސަބަބުތައް މަތިކޮށް، މަދަނީ މައްސަލަތައް ބެލުމުގެ ދޮރު ބަންދުކޮށްގެން ނުވާނެއެވެ. އެހެނީ ސިވިލް ކޯޓަކީ، ޤާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާ ނަމަ، ޢާންމު މަދަނީ ދަޢުވާތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓެކެވެ.
އިޚްތިޞާޞާ ގުޅިގެން މި ބަޔާންކުރި އުސޫލުތަކުގެ ޚުލާޞާއަކީ، ވަކި ބާވަތެއްގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމުގައި ޞަރީޙަކޮށް ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ނަމަ، ކޯޓުތަކުން އަބަދުވެސް އެ މައްސަލަތައް ބަލައިގަނެ ޝަރީޢަތް ކުރެވުމުގެ ޙައްޤު ފޯރުކޮށް ދިނުމަށް އިސްކަންދޭން ޖެހޭނެއެވެ. އެހެނީ މައްސަލައެއް ބަލައިގަތުމާމެދު ރަޖިސްޓްރާރ ނިންމާ ނިންމުން ގުޅިފައިވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤާއެވެ.
މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ ކަމަށް ބުނެ ކޯޓަކުން މައްސަލައެއް ބަލައި ނުގަނެފި ނަމަ، އެ މައްސަލައިގެ މައުޟޫޢާ ގުޅޭ ކަންކަމުގައި އިސްތިއުނާފީ މަރުޙަލާތަކުގައި ގޮތް ކަނޑަނޭޅުމަކީ، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން އެކަށައަޅާފައިވާ އުސޫލެކެވެ.
އިސްތިއުނާފު ކުރެވިފައިވާ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމަމުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ފާހަގަ ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އަޙްމަދު ނާޡިމްގެ ފަރާތުން ދަޢުވާ ކުރުމަށް ހުށަހަޅާ އަސާސަކީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެކެވެ. ކޯޓުތަކުން ނިންމާ ޤަޟާއީ ނިންމުންތަކަކީ، އިދާރީ ނިންމުންތަކަކަށް ނުވާތީ، މިއީ އިދާރީ ނިންމުމެއްގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހެޅޭނެ އުސޫލުން ހުށަހެޅޭނެ މައްސަލައެއް ނޫންކަން އެނގެއެވެ." މީގެ އިތުރުން ރަޖިސްޓްރާރގެ ނިންމުގައި، ހުށަހެޅުނު މައްސަލައިގެ އެއްބަޔަށް ގޮތް ކަނޑައަޅާފައި ނުވެއެވެ. އެ ބަޔަކީ، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައިވާ ބައެވެ.
އަދި މި މައްސަލަ ހައިކޯޓުން ނިންމަމުން، މަތީގައިވާ ފަދައިން ޤަޟާއީ ނިންމުންތަކާ ގުޅިގެން ބަދަލު ހޯދުމަށް ދައުވާ ކުރުމާމެދު ތަފުސީލުކޮށް ބަހުސްކޮށް ގޮތް ނިންމާފައިވާކަން ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
މަތީގައި ބަޔާންކުރެވުނު އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ހުށަހެޅިފައިވާ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އޮތްކަމުގައި ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅިފައިވާ މައްސަލައެއް ކަމުގައިވާއިރު، ގެއްލުން ލިބިފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުންކަމާއި، އެ ސަބަބަކީ އެކަމުގެ މައްޗަށް ބިނާކޮށް ދަޢުވާ ކުރެވޭނެ ކަމެއް ނޫންކަމުގައި ނިންމުމަކީ، ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢުގެ ބަޔަކަށް ރަޖިސްޓްރާރ ގޮތް ނިންމުމެވެ. މިއީ ޤާނޫނީ ގޮތުން ރަޖިސްޓްރާރގެ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ވެސް ނޫނެވެ. އެހެނީ، އެ ކަމަކީ، ޝަރީޢަތަށް ހުށަހެޅިއްޖެ ނަމަ، މައްސަލަ ބެލުމުގެ ތެރެއިން، ދެ ފަރާތުގެ ހުށަހެޅުމަށް ބިނާކޮށް ގޮތް ނިންމަންޖެހޭ މައުޟޫޢީ ކަމެކެވެ. އަދި މި ފަދައިން ރަޖިސްޓްރާރ މައުޟޫޢީ ގޮތުން ދަޢުވާއަށް ނުވަތަ ދަޢުވާއިން ބަޔަކަށް ގޮތެއް ނިންމައިފި ނަމަ، އެ މައްސައިގައި ޝަރީޢަތުން ގޮތެއް ނިންމުމުގެ ދޮރު ބަންދުވެ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ގެއްލިގެން ދާނެއެވެ.
މީގެ އިތުރުން މައްސަލަ ބަލައި ނުގަތުމަށް ނިންނި ނިންމުން އިސްތިއުނާފު ކުރެވުމުން، މައްސަލައިގެ މައުޟޫޢީ ކަންކަމަށް އިތުރަށް ބަހުސްކޮށް ގޮތް ނިންމާފައިވާ ނިންމުމަކީ، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
ކަން މިހެން އޮތުމުން، މި މައްސަލައިގައި ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަކީ، ކޯޓުތަކުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުސޫލުތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ. އަދި އެ ނިންމުމަށް ސިވިލް ކޯޓުންނާއި، ހައިކޯޓުން ތާއީދު ކޮށްފައިވަނީ ވެސް ޤާނޫނާ އެއްގޮތަށް ކަމުގައި ނުދެކެމެވެ.
ސްޓާރޭ ޑިސައިސިސްގެ މަފްހޫމާގުޅޭ
ސްޓާރޭ ޑިސައިސިސްގެ މަފޫމަކީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތައް ދަމަހައްޓަމުން ދިއުމުގެ މަފްހޫމެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުންތައް ފަހުން ނިންމާ ނިންމުންތަކުގައި ދަހަމަހައްޓަމުން ގެންދިއުމެވެ.
ރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ކޯޓުތަކުގެ ފަހުގެ ނިންމުންތަކުގައި ތަބާވުމުގައި އެ ނިންމުންތައް ދެ ބަޔަކަށް ގިންތި ކުރެވެއެވެ. ފުރަތަމަ ބަޔަކީ އެ ނިންމުންތަކަށް ތަބާވުން ލާޒިމު ނިންމުންތަކެވެ. މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންޖެހެނީ މި އުސޫލުންނެވެ. މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައިވާ އުސޫލެކެވެ. ދެވަނަ ބަޔަކީ، އެއްގޮތް މައްސަލަތަކުގައި އެ ކޯޓަކުން، ނުވަތަ އެ މަރުޙަލާގެ ކޯޓަކުން ކުރިން ނިންމާފައިވާ ނިންމުމަށް ތަބާވުމެވެ. މިފަދައިން ތަބާވުމަކީ ލާޒިމު ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއްގޮތްކަން ދެމެހެއްޓުމަށްޓަކައި މި ފަދަ ނިންމުންތަކަށް ތަބާވުން އެދެވިގެންވާ ކަމެކެވެ. މިއީ ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައިވާ އުސޫލެކެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާގައި އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައިވާ ފަދައިން، އެ ކޯޓަކުން ކުރިން ކޮށްފައިވާ ޙުކުމަކަށް ރިޢާޔަތް ކުރަންޖެހޭނެކަމުގައި ފާހަގަ ކުރުމުން އެ ފަދައިން ރިޢާޔަތް ކުރަން ނުޖެހޭނެ ފަދަ ގޮތަކަށް މި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވާ ކަމުގައެވެ. އަދި މައުޟޫޢީ ގޮތުން މި މައްސަލައިގައި ސިވިލް ކޯޓުން ޝަރީޢަތް ކޮށްފައިނުވާއިރު، ސިވިލް ކޯޓުގެ ނަންބަރު1143/Cv-C/2010 ޤަޟިއްޔާ އާއި މި މައްސަލައިގެ ފަރަޤު ބަޔާންކޮށް ހައިކޯޓުން މައްސަލައިގައި ގޮތެއް ކަނޑައެޅުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފު ކަމުގައެވެ.
ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމުގައި އެ ކޯޓުން ހަދާފައިވާ ގޯހެއް އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މި ނުކުތާއިން އަހުރެންނަށް ސާފެއް ނުވެއެވެ. އެހެނީ، އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަކޮށްފައިވާ ހައިކޯޓުގެ ނިންމުމުގެ 19 ވަނަ ޕެރެގްރާފްގައި، ބަޔާންވެފައިވަނީ، "ދަށު ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ވާޤިޢާތަކާއި، ޤާނޫނީ ނުކުތާތައް އެއްގޮތް ވުމުގެ ސަބަބުން ނުވަތަ އެ ނޫން ވެސް އެއްގޮތް މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލު ކުރަމުން ދިއުމަކީ، ކުރިން ބުނިހެން ޢަދުލު އިންސާފު ހަރުދަނާކުރުމުގެ ގޮތުން އަމަލުކުރުން ރަނގަޅު ގޮތް ކަމުގައި ދެކެމެވެ. އެ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެއްގޮތަށް އަމަލުކުރުމަކީ ދިވެހިރާއްޖޭގައި ބަލައިގެންފައިވާ ޤާނޫނީ ހަމައެވެ." މި ފަދައިންނެވެ.
ކަންމިހެން އޮތް ނަމަވެސް، ސްޓާރޭ ޑިސައިސިސްގެ އުސޫލު ބަޔާންކުރުމަށްފަހު، ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާ އާއި، ހުށަހެޅިފައިވާ މައްސަލައާ ހުރި ތަފާތު ބަޔާންކޮށް، މައުޟޫޢީ ގޮތުން ބަހުސްކޮށް، ހުށަހެޅިފައިވާ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވެއެވެ. މިއީ އިސްތިއުނާފީ އެންމެ ފުރަތަމަ ދެ ނުކުތާގައި އަހުރެން ފާހަގަ ކުރި ފަދައިން، ޝަރީޢަތް ނުކުރެވޭ މައްސަލައެއްގެ މައުޟޫޢީ ކަންކަމާމެދު ގޮތްތަކެއް ނިންމުމެވެ. މިއީ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން އިޚްތިޞާޞް ނެތްކަމަށް ބުނެ ކޯޓަކުން ބަލައި ނުގަންނަ މައްސަލައެއްގައި ޝަރީޢަތް ނުކުރުމުގެ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ.
ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާ
އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާގެ ނިންމުމުގައި އެ ކޯޓުން ފާހަގަ ކޮށްފައިނުވާ ކަންކަން އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް އެ ކޯޓުގެ އިސްޤާޟީ ތާއީދު ކުރުމުގައި ފާހަގަ ކޮށްފައިވާ ކަމުގައި އަޙްމަދު ނާޡިމްގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަންކަން ހައިކޯޓުގައި ފާހަގަކުރުމުން އެކަމާމެދު ގޮތެއް ނިންމާފައިނުވާކަމުގައެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާ އާއި، ހުށަހެޅިފައިވާ މައްސަލައިގެ ތަފާތު ހައިކޯޓުން ފާހަގަ ކޮށްފައިވަނީ ވެސް ރަނގަޅަށް ނޫންކަމުގައި އަޙްމަދު ނާޡިމްގެ ފަރާތުން ބުނެއެވެ.
އަޙްމަދު ނާޡިމްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1143/Cv-C/2010 ޤަޟިއްޔާ އާއި ހުށަހެޅިފައިވާ މައްސަލައާ ދެ މައްސަލައިގެ ތަފާތު ފާހަގަކޮށް މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކާމެދު ގޮތެއް ކަނޑައަޅަން އަހުރެންނަށް ނުފެނެއެވެ. ސަބަބަކީ، މި ކަންކަމަކީ، މި މައްސަލަ މައުޟޫޢީ ގޮތުން ބަލާއިރު ގޮތްތަކެއް ކަނޑައެޅުމުގެ ފުރުސަތު އޮތް ކަންތައްތަކެއް ކަމުގައިވުމެވެ. އަދި މި މަރުޙަލާގައި އެކަންކަމާމެދު ގޮތްތަކެއް ނިމިއްޖެނަމަ، މައްސަލައިގެ މައުޟޫޢަށް އަސަރުކުރާ ކަމެއްގައި ގޮތްތަކެއް ކަނޑައެޅިގެން ދާނެއެވެ. ކަންމިހެން އޮތުމުން އެކަމުގައި ގޮތެއް ކަނޑައެޅުމަށް އަހުރެންނަށް ނުފެނެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި ބަޔާން ކުރި ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ރަޖިސްޓްރަރގެ ނަންބަރު 144-REG/2019/10 ނިންމުމާއި، އެ ނިންމުމަށް ތާއިދުކޮށް އެ ކޯޓުން ނިންމާފައިވާ ނަންބަރު 02/RNA/2019 ނިންމުމާއި، އެ ދެ ނިންމުމަށް ތާއިދުކޮށް ހައިކޯޓުގެ ނަންބަރު 2019/HC-A/262 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ، އެ ނިންމުންތައް ބާޠިލުކޮށް މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ. އަދި އަޙްމަދު ނާޡިމްގެ ފަރާތުން މި މައްސަލަ މި އަސާސްތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ، މި މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަން ޖެހޭނެ މައްސަލައެއް ކަމުގައި ކަނޑައަޅައި މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ ރަޖިސްޓްރަރގެ ނަންބަރު144-REG/2019/10 ނިންމުމާއި، އެ ނިންމުމަށް ތާއިދުކޮށް އެ ކޯޓުން ނިންމާފައިވާ ނަންބަރު 02/RNA/2019 ނިންމުމާއި، އެ ދެ ނިންމުމަށް ތާއިދުކޮށް ހައިކޯޓުގެ ނަންބަރު 2019/HC-A/262 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ކަނޑައަޅައި، އެ ނިންމުންތައް ބާޠިލުކުރުމާއެކު، މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ، މި މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.