މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ފެމިލީ ކޯޓު IQB/2022/388
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ދަޢުވާ ފޯމު ބަލައިނުގަތީ މިއީ ނަސަބު ސާބިތުކުރުމުގެ މައްސަލައެއް ކަމަށާއި އެކަމަށް ޚާއްޞަ ފޯމުން ހުށަހަޅާފައި ނުވާ ކަމަށާއި ޢާއިލާއާބެހޭ ޤާނޫނުގެ 53 އާއި ގަވާއިދުގެ 23(ރ) ގެ ޝަރުޠުތައް ފުރިހަމަ ނުވާ ކަމަށާއި މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ ފެމިލީ ކޯޓުން ބަލާ ބާވަތެއް ނޫން ކަމަށެވެ؛ ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް (IQB/2020/388) ބަދަލެއް ނުގެނެވުނެވެ.
- ވާޤިޢާ
- ދިވެހިރާއްޖޭގައި އިންޑޮނޭޝިޔާގެ ރައްޔިތެއްކަމަށްވާ މަންމައަށް އުފަންވި ކުއްޖާ، މަންމަ ރާއްޖެއިން ފުރައިގެން ދިޔަތާ ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެކެވެ؛ މަންމަ ދިވެހި ފިރިހެނަކާ ކާވެނިކޮށްގެން އިނދެ ކުއްޖާ ވިހައިފައިވަނީ ކާވެންޏަށް ދަރިލައްވާ މުއްދަތު ހަމަނުވެ ކަމަށް ބުނެވޭތީ ނަސަބު ސާބިތުވެފައި ނުވެއެވެ. ކުއްޖާއަށް ދިވެހިރައްޔިތުކަން ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކަނޑައެޅީ ނަސަބާމެދު ފެމިލީ ކޯޓުން ގޮތެއް ކަނޑައަޅަންދެން ރައްޔިތުކަމާމެދު ގޮތެއް ނުކަނޑައެޅޭނެ ކަމަށެވެ. ދެން ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅީ ކުއްޖާއަކީ އެ ފިރިހެނާގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ކަނޑައެޅުމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކީ ވަކި ދިވެހި ފިރިހެނެއްގެ ދަރިއެއްކަން "މަދަނީ މިންގަނޑުން" ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހެޅި ދަޢުވާއަކީ ނަސަބު ސާބިތުކުރުމުގެ ދަޢުވާއެއްތޯއާއި، އެފަދަ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ފެމިލީ ކޯޓަށް ލިބިގެންވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ދައުލަތުން ބުނީ ދަޢުވާއަކީ ނަސަބު ސާބިތުކުރުމުގެ ދަޢުވާއެއް ނޫން، ރައްޔިތުކަމުގެ ބޭނުމަށް ކުއްޖާ އުފަންދަރިއެއް ކަމަށް ކަނޑައެޅުމުގެ ދަޢުވާއެއް ކަމަށާއި، ބަލައިނުގަތުމުން ކުއްޖާއަށް ޝަރީޢަތުގެ ޙައްލެއް ލިބުމުގެ ފުރުޞަތު ބަންދުވެފައިވާ ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތެއް ނެތެވެ.
- ކޯޓުގެ ސަބަބުތައް
- އަޣުލަބިއްޔަތު (ސަލީމް، ނިޔާޒް) ދެކުނީ ދަޢުވާގެ ޙަޤީޤަތަކީ ނަސަބު ސާބިތުކުރުން ކަމަށާއި، މަދަނީ މިންގަނޑުން ބައްޕަ ކަނޑައެޅުމުގެ ބާވަތެއް ދިވެހި ޤާނޫނުގައި ނެތް ކަމަށާއި، ފެމިލީ ކޯޓުގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ. ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ޚިލާފު ރައުޔުގައި ދެކުނީ ދަޢުވާއަކީ ސީދާ ނަސަބު ސާބިތުކުރުމުގެ ދަޢުވާއެއް ނޫން ކަމަށާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ ޤާނޫނުއަސާސީގެ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ ދަށުން ފޯރަމެއް ދޭންޖެހޭ ކަމަށާއި (2022/SC-A/05)، ވަކި ބާވަތެއް ބެލުމުގެ އިޚްތިޞާޞް ނެތްކަން ޤާނޫނުގައި ސަރީޙަކޮށް ނެތްނަމަ ކޯޓުތަކުން މައްސަލަ ބަލައިގަންނަން އިސްކަން ދޭންޖެހޭ ކަމަށާއި، ފެމިލީ ކޯޓުގެ ނިންމުންތައް ބާޠިލުކޮށް މައްސަލަ ބަލައިގަންނަންޖެހޭ ކަމަށެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް (އަޣުލަބިއްޔަތުން)، ފެމިލީ ކޯޓުގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޯޓަށް ހުށަހެޅޭ ދަޢުވާއެއްގެ ބާވަތް ކަނޑައަޅަނީ ދަޢުވާ ފޯމުގެ ނަމަކަށް ނޫން، ދަޢުވާގެ ވާޤިޢާތަކާއި އެދޭ ފަރުވާގެ ޙަޤީޤަތަށް ބަލައިގެންނެވެ؛ ވަކި ކުއްޖަކީ ވަކި ފިރިހެނެއްގެ ދަރިއެއް/އުފަންދަރިއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ދަޢުވާއަކީ، މަޤްޞަދު ތަފާތު ނަމަވެސް، ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގައިވާ ނަސަބު ސާބިތުކުރުމުގެ ދަޢުވާއެކެވެ.
HN2 ފިރިހެނެއްގެ "އުފަންދަރިއެއް" ކަމަށް މަދަނީ މިންގަނޑުން ކަނޑައެޅުމާއި އޭގެ ނަތީޖާތައް ތަސައްވުރުކޮށް ތަންޒީމްކޮށްފައިވާ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތެވެ؛ އެފަދަ ކަނޑައެޅުމަކުން ތަރުތީބުވާނީ ނަސަބު ސާބިތުވުމުގެ ނަތީޖާތަކެވެ؛ އެހެންކަމުން ދެކަމުގެ ތަފާތެއް ނެތެވެ.
HN3 ފެމިލީ ކޯޓުގެ އިޚްތިޞާޞް ކަނޑައެޅިފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 3 އާއި ވަކި ޤާނޫނުތަކުންނެވެ؛ އެ ޖަދުވަލުގައްޔާއި ޢާއިލާއާބެހޭ ޤާނޫނުގައި "މަދަނީ މިންގަނޑުން އުފަންދަރިއެއްކަން ސާބިތުކުރުމުގެ" ބާވަތެއްގެ ދަޢުވާއެއް ބަޔާންކޮށްފައި ނުވާތީ، އެފަދަ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ފެމިލީ ކޯޓަށް ލިބިގެނެއް ނުވެއެވެ.
HN4 ދިވެހިރާއްޖޭގެ ޤާނޫނުތަކުން ހަމައެކަނި ދިވެހިރާއްޖެއަށް އުފަންވުމުގެ މައްޗަށް (jus soli) ރައްޔިތުކަން ނުދެއެވެ؛ ދިވެހިރައްޔިތެއްކަމަށް ބެލޭ ޝަރުޠުތައް ވަނީ ޤާނޫނުއަސާސީގައެވެ.
HN5 ދިވެހިރާއްޖޭގައި ދަރިލެއްވުމާއި ނަސަބު ސާބިތުކުރުމާއި ނަފީކުރުމުގައި ޢަމަލުކުރާ ހަމައަކީ ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގައިވާ އިސްލާމީ ޝަރީޢަތުގެ ހަމައެވެ؛ ދަރިލައްވާ އެންމެ ކުރު މުއްދަތަކީ ކާވެނިކުރި ތާރީޚުން ފެށިގެން ހިޖުރީ 6 މަސް ދުވަސްކަމަށާއި ދަރީގެ ނަސަބު ޒާނީއަށް ނިސްބަތް ނުކުރެވޭނެ ކަމަށެވެ؛ "މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުމަކީ" އެ ޤާނޫނުތަކާއި ޝަރީޢަތުގައި ބަޔާންކުރާ މަފްހޫމެއް ނޫނެވެ.
HN6 ކުއްޖާގެ ނަސަބު ވަކި ފިރިހެނަކަށް ސާބިތު ނުވާނެކަން ދައުލަތުން ޤަބޫލުކުރާއިރު، އެހެން މަގަކުން އެ ފިރިހެނާ ކުއްޖާގެ ބައްޕަ ކަމަށް ކަނޑައެޅުމަށް މަސައްކަތްކުރުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫނެވެ؛ ބައްޕައަކީ ކާކުކަން ޤާނޫނީ ގޮތުން ކަނޑައެޅެން ނެތް ޙާލަތެއްގައި ވަކި ފިރިހެނަކަށް ދަރިއެއް ނިސްބަތްކުރުމަކީ އެ ފިރިހެނާގެ މައްޗަށް ކުރެވޭ ޤަޛުފަކަށް ވާނެއެވެ.
HN7 ކުޑަކުއްޖަކަށް ރައްޔިތުކަން ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޢާހަދާތަކުން ދައުލަތަށް ލާޒިމުކުރަނީ ޤައުމުގެ ދާޚިލީ ޤާނޫނުތަކާ އެއްގޮތަށް މަސައްކަތްކުރުމެވެ؛ "ދިވެހިރައްޔިތަކަށް އުފަން ދަރި" ކަމަށް ބެލޭނީ ޞައްޙަ ކާވެނީގެ ދަރިންނެވެ؛ ކުއްޖެއްގެ ބައްޕައަކީ ކާކުތޯ ސުވާލު އުފެދޭ ޙާލަތުގައި އެކަން ކަނޑައަޅަންވާނީ ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދާއި އިސްލާމީ ޝަރުޢީ ހަމަތަކުންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަލީ ޝުހައިލް، ޒަޔާން ޢަބްދުﷲ، އެޓަރނީ ޖެނެރަލްގެ އޮފީސް
- ބެންޗު
- މުޙައްމަދު ސަލީމް، މުޙައްމަދު ނިޔާޒް، ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ޙުޒައިފާ މުޙައްމަދު
- ވަކި ރައުޔު
- މުޙައްމަދު ނިޔާޒް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު:
2021/HC-A/32
އިސްތިއުނާފުކުރި ފަރާތް:
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް)
އިސްތިއުނާފު ރައްދުވި ފަރާތް:
ނެތް
މައްސަލައިގެ ބާވަތް:
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މުޙައްމަދު ސަލީމް
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ނިމުނު ތާރީޚް:
11 ރަބީޢުލްއާޚިރު 1445
26 އޮކްޓޫބަރު 2023
ރަޖިސްޓްރީކުރެވުނު ތާރީޚް:
21 ޖުމާދަލްއާޚިރާ 1442
03 ފެބްރުވަރީ 2021
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު:
IQB/2020/388
ނިންމި ތަން:
ފެމިލީ ކޯޓު
ބާވަތް:
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް
ހުށަހެޅުނު ތާރީޚް:
16 ސެޕްޓެންބަރު 2020
ނިމުނު ތާރީޚް:
30 ނޮވެންބަރު 2020
އިސްތިއުނާފުކުރި ފަރާތް
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް)
ޤާނޫނީ ވަކީލު:
ސީނިއަރ ސްޓޭޓް އެޓަރނީ އަލީ ޝުހައިލް މުޙައްމަދު
ސްޓޭޓް އެޓަރނީ ޒަޔާން ޢަބްދުﷲ
* ޢާއިލީ – ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތް - ފެމިލީ ކޯޓުގެ އިޙްތިޞާޞް- ނަޞަބު ސާބިތުކުރުން - ނަސަބު ނަފީކުރުން - އުފަންދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުކުރުން- މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުން
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު:
މައްސަލައިގެ ތަޢާރުފު:
1މިއީ، ފެމިލީކޯޓުގެ ނަންބަރު IQB/2020/388 'ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް' އިސްތިއުނާފުކުރުމަށް އެދި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/32 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައިގެ ނިޔާއެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް:
2[ކުއްޖާގެ ފުރިހަމަ ނަން އުނިކުރެވިފައި] (މީގެ ފަހުން "ކުޑަ ކުއްޖާ" ނުވަތަ "ކުއްޖާ" މިފަދައިން ބަޔާންކޮށްފައިވާ) އަކީ އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމުގައިވާ [ދާއިމީ އެޑްރެސް އުނިކުރެވިފައި]/ [މަންމަގެ ނަން އުނިކުރެވިފައި] 09 ސެޕްޓެންބަރު 2007 ވަނަ ދުވަހު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެންކުއްޖެކެވެ. މި ކުއްޖާ އުފަންވިއިރު [މަންމަގެ ނަން އުނިކުރެވިފައި]އާއި، [ދާއިމީ އެޑްރެސް އުނިކުރެވިފައި] [ފިރިހެނާގެ ނަން އުނިކުރެވިފައި] ތިބީ ކައިވެނިކޮށްގެންނެވެ. މި ދެމީހުން ކައިވެނިކޮށްފައި ވަނީ، ސްރީލަންކާގެ "މުސްލިމް މެރިއެޖް ރެޖިސްޓަރ" މެދުވެރިކޮށް 19 އެޕްރީލް 2007 ގައެވެ. ނަމަވެސް މި ކައިވެނި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައި ވަނީ މި ކުއްޖާ އުފަންވީ ފަހުން، 05 ޖަނަވަރީ 2008 ތާރީޚުގައެވެ. 30 މޭ 2010 ގައި މި ކުއްޖާއަށް ވަގުތީގޮތުން އުފަންދުވަހުގެ ސެޓިފިކެޓެއް ހެދިފައިވެއެވެ.
3މި ކުއްޖާ ވިހެއުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޕާސްޕޯޓު އާކުރުމަށް ކަމަށްބުނެ ކުއްޖާގެ މަންމަ ކުއްޖާއާ ވަކިން ދިވެހިރާއްޖެއިން ފުރައިގެން ދިޔުމަށްފަހު، އެނބުރި ދިވެހިރާއްޖެ އައިސްފައިނުވެއެވެ.
ކުއްޖާގެ މަންމަ ދިވެހިރާއްޖެއިން ފުރައިގެން ދިޔަފަހުން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދިޔައީ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ މަންމައެވެ. ކުއްޖާ އިތުރަށް ބެލެހެއްޓެން ނެތްކަމަށްބުނެ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން އެ މިނިސްޓްރީން ބެލިބެލުމުން ކުއްޖާ ބަލަހައްޓަމުން ދިޔަ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ޢާއިލާގެ އެއްވެސް ފަރާތަކާއި ކުއްޖާއާ ޝަރުޢީ އަދި ޤާނޫނީ ގޮތުންވެސް ގުޅުމެއް ހުރި ކުއްޖެއްކަމުގައި އެކުއްޖާ ނުވާތީ، 28 ނޮވެންބަރު 2012 އިން ފެށިގެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
4ދައުލަތު (މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ) ގެ ބެލުމުގެ ދަށުގައިހުރި މި ކުއްޖާއަކީ ދިވެހިރައްޔިތެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ލިބެންޖެހޭ އެންމެހައި ޙައްޤުތައް ކުއްޖާއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން (މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ) ގެ ފަރާތުން 6 ނޮވެންބަރު 2018 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 4486/Cv-C/2018 ޤަޟިއްޔާއިން، އެ މައްސަލަ ބަލައި 10 ޑިސެންބަރު 2019 ގައި އެ ޤަޟިއްޔާ ނިންމާފައިވަނީ، މި ކުއްޖާގެ ނަސަބު ސާބިތު ކުރުމުގެ މައްސަލަ ދިވެހި ދައުލަތުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާތީ، އެ ކުއްޖާގެ ދިވެހިރައްޔިތުކަން ކަނޑައެޅުމުގެ އަސާސީ ބައިގެ މައްސަލައަކަށް ވެގެންއޮތީ ނަސަބު ސާބިތު ކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ޝަރުޢީ ކޯޓަކުން އެ ކުއްޖާގެ ނަސަބާއި މެދުގައި ގޮތެއް ކަނޑައެޅުންކަމަށާއި އޭގެ ސާނަވީ ބައިގެ މައްސަލައަކީ އެ ކުއްޖާގެ ދިވެހިރައްޔިތަކަށްވުންކަމާއި މެދުގައި ގޮތެއް ކަނޑައެޅުން ކަމަށްވާތީ، އަސާސީ ބަޔާއިމެދުގައި ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ސާނަވީ ބަޔާއި މެދުގައި ވަކިގޮތެއް އެ މައްސަލައިގައި އަދި ކަނޑައެޅޭނެ ތަނެއް ނެތްކަމަށެވެ.
5ބުނެވިދިޔަ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ) ގެ ފަރާތުން މި ކުއްޖާއަކީ [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް' އިން ފެމިލީ ކޯޓަށް 30 އެޕްރީލް 2019 ގައި މައްސަލައެއް ހުށަހެޅިއެވެ.
6ދައުލަތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު އެ މައްސަލައަކީ، ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލައެއްކަމަށާއި އެފަދަ މައްސަލައަކީ، ޤާނޫނު ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި ޢާއިލާއާބެހޭ ޤަވައިދުގައި ބުނާ ނަސަބު ސާބިތުކުރުމުގެ މައްސަލައެއްކަމަށާއި، އެފަދަ މައްސަލަތައް ހުށަހަޅަންވާނީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލައެއްގެ ގޮތުގައި، ކޯޓުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންކަމަށްވާއިރު، މި ފޯމު ހުށަހަޅާފައިވަނީ ބުނެވިދިޔަ ފޯމުން ނޫންކަމަށާއި އަދި ކުއްޖާގެ ނަސަބު ސާބިތުކުރުމަށް އެދި މައްސަލައެއް ހުށަހަޅާއިރު ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ގޮތުގައި ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާއާއި އަދި ޢާއިލާއާބެހޭ ޤަވާޢިދުގެ 81 ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް އެ މައްސަލައިގައި ފުރިހަމަވެފައި ނުވާތީއާއި އަދި މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ ފެމިލީކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއް ނޫންކަމަށް ބަޔާންކޮށް، އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ފެމިލީކޯޓުގެ ނަންބަރު E1/2019/505 (29 ސެޕްޓެންބަރު 2019) "ދަޢުވާ ފޯމުގެ ޖަވާބު" ގައި ފެމިލީކޯޓުގެ ރަޖިސްޓްރާރ ނިންމިއެވެ.
7އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ފެމިލީކޯޓުގެ ނަންބަރު E1/2019/505 (29 ސެޕްޓެންބަރު 2019) "ދަޢުވާ ފޯމުގެ ޖަވާބު" ން ރަޖިސްޓްރާރ ނިންމިނިންމުން އަލުން ބަލައިދިނުމަށް ދިވެހިދައުލަތުގެ ފަރާތުން 16 ސެޕްޓެންބަރު 2020 ގައި ފެމިލީކޯޓަށް ހުށަހެޅިއެވެ.
8ހައިކޯޓުގެ ނަންބަރު 2021/HC-A/32 ޤަޟިއްޔާއިން ބަލާ މި މައްސަލައަކީ، ފެމިލީކޯޓުގެ ނަންބަރު E1/2019/505 (29 ސެޕްޓެންބަރު 2019) "ދަޢުވާފޯމުގެ ޖަވާބު" ގައި ނިންމިނިންމުން އަލުން ބަލައިދިނުމަށް އެދި ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމި ނަންބަރު IQB/2020/388 ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި މައްސަލައެވެ.
ފެމިލީކޯޓުން ނިންމިގޮތް:
9ފެމިލީ ކޯޓުގެ ނަންބަރު IQB/2020/388 ނިންމުމުގައި ނިންމާފައިވަނީ، ދައުލަތުން ހުށަހެޅި ދަޢުވާ ފޯމު އެކޯޓަށް ބަލައިގަނެވެން ނެތްކަމަށް ފެމިލީކޯޓުގެ ނަންބަރު E1/2019/505 (29 ސެޕްޓެންބަރު 2019) "ދަޢުވާފޯމުގެ ޖަވާބު" އިން ނިންމިނިންމުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމުގައެވެ.
10އެ ނިންމުމަށް ވާސިލުވުމުގައި ފެމިލީ ކޯޓުގެ ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1. ފެމިލީކޯޓުގެ އިޚްތިޞާޞް ކަނޑައަޅައިދީފައިވަނީ ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3 އިންނާއި ވަކި ޤާނޫނަކުން، އެކަމަކީ ކޯޓުގެ އިޚްތިޞާސް ހިނގާ މައްސަލައެއް ކަމުގައި ބަޔާންކޮށްފައިވާ މައްސަލަތައް ކަމަށާއި ދައުލަތުން ހުށަހަޅާފައިވާ "އުފަން ދަރިއެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި" ހުށަހަޅާފައިވާ މައްސަލައަކީ މިއިން ޤާނޫނަކުން ތަޢާރަފުވެފައިވާ ބާވަތުގެ މައްސަލައެއް ނޫންކަމަށެވެ.
10.2. ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، މިއީ ކުއްޖެއްގެ ނަސަބު ވަކި މީހަކަށް ލެއްވުމަށް އެދި ހުށަހެޅޭ މައްސަލައެއްކަމަށާއި އެހެނީ މި ވާޤިޢާތަކުގެ މައްޗަށް ހުށަހެޅޭނީ ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ނަސަބު ސާބިތުކުރުމުގެ މައްސަލައެއްކަން އެނގޭކަމަށާއި އަދި "އުފަން ދަރިއެއްކަމުގައި ކަނޑައެޅުން" މިއީ ޝަރުއީ ގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް ދަންނަ ބާވަތުގެ މައްސަލައެއް ނޫންކަމަށެވެ.
10.3. މި މައްސަލައިގެ ވާޤިއާތަކަށް ބެލުމުން މިއީ "ނަސަބު ސާބިތުކުރުމަށް އެދި" ހުށަހަޅާ މައްސަލައެއް ކަން އެނގޭ ކަމަށާއި، ނަމަވެސް މައްސަލަ ބަލައިގަތުމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަ ނުވާކަމަށެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުން އެދެނީ "މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި" ކަމަށާއި، މިއީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއްނޫންކަމަށް ފެމިލީ ކޯޓުގެ ރަޖިސްޓްރާރގެ ނިންމުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން މިއީ މައްސަލަ ބަލައިނުގަނެވޭނެ ވަކި ދެ ސަބަބުކަން އެނގޭ ކަމަށާއި އަދި އެވާހަކަތަކުގައި ތަޢާރަޟުވުމެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
10.4. މިމައްސަލައިގެ ހިމެނޭ ކުއްޖަކީ ދިވެހި ރައްޔިތެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 4486/Cv-C/2018 ޤަޟިއްޔާގައި ވެސް ކަނޑައަޅާފައިވަނީ އެކުއްޖާއަށް ދިވެހި ރައްޔިތުކަން ދިނުމާމެދު ގޮތެއް ކަނޑައެޅޭނީ އެކުއްޖާގެ ނަސަބާމެދު ފެމިލީ ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމުގައި ބަޔާންކޮށްފައިވާއިރު، ދައުލަތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ އެ ބާވަތުގެ މައްސަލައެއް ނޫންކަމަށާއި؛
10.5. އަދި މައްސަލައެއް ބަލައި ނުގަތުމަށް ފެމިލީކޯޓުގެ ރަޖިސްޓްރަރ ނިންމާއިރު އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ފެމިލީކޯޓަށް ލިބިގެންނުވާ ޤާނޫނީ ސަބަބުތައް ރަޖިސްޓްރާރ ބަޔާންކޮށްދޭން ވާނެކަމަށްވެސް ޝަރީޢަތުން ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފީ ނުކުތާތައް:
11ފެމިލީކޯޓުގެ ނަންބަރު IQB/2020/388 ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށްބުނެ، ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް) ގެ ފަރާތުން އެ ނިންމުން އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް' އިން ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ނަސަބު ސާބިތު ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ނޫންކަން އެނގެން އޮތްނަމަވެސް އެ މައްސަލައިގެ ބާވަތާއި މައްސަލަ ބިނާކޮށްފައިވާ ޤާނޫނީ އަސާސްތަކަށް ރިޢާޔަތްނުކޮށް، އެ މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު އެ މައްސަލައަކީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ފެމިލީ ކޯޓުން ކަނޑައަޅައި، އެ މައްސަލައަށް ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާގައި އަދި ޢާޢިލާއާބެހޭ ޤަވާޢިދުގެ 81 ވަނަ މާއްދާގެ (ރ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް' އިން ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ފެމިލީ ކޯޓަށް ބަލައިގަނެވެންނެތް މައްސަލައެއް ކަމުގައި ނިންމުމުގެ ސަބަބުން ޝަރީޢަތް މެދުވެރިކޮށް މި މައްސަލައަށް ފައިޞަލާ ކުރަނިވި ޙައްލެއް ހޯދުމުގެ ފުރުޞަތު ބަންދުވެފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:
12އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަތަކުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައި ވަނީ، ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް' އިން ދައުލަތުން ހުށަހަޅާފައިވާ މައްސަލަ ފެމިލީ ކޯޓަށް ބަލައިގަނެވެން ނެތްކަމުގައި ނިންމި މައިގަނޑު ސަބަބަކީ އެ މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު އެ މައްސަލައަކީ، ނަސަބު ސާބިތުކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކޯޓަށް ފެންނާތީކަމަށެވެ. އެހެންނަމަވެސް ދައުލަތުން ހުށަހަޅާފައިވާ ދަޢުވާ ފޯމަށް ބަލާއިރު އެމައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާއަކީ [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ އުފަން ދަރިއެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ހުށަހެޅި މައްސަލައެއްކަމަށާއި، ޝަރުޢީ ގޮތުން މިކުއްޖާގެ ނަސަބު [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދަޢުވާ ފޯމުގައި އެދިފައި ނުވާނެ ކަމަށެވެ.
13އަދި ތުއްތު ކުއްޖަކީ ވަކި މީހަކަށް އުފަންދަރިއެއް ކަމުގައި ކަނޑައެޅިގެން ދިޔުމަކީ ޝަރުޢީ ގޮތުން އެ ކުއްޖާގެ ނަސަބު އެމީހަކަށް ސާބިތުވާނޭ ސަބަބެއް ނޫންކަމަށާއި ޝަރުޢީ ގޮތުން ނަސަބު ސާބިތުކުރެވޭނީ ވަކި ޙާއްޞަ ޝަރުޠުތަކެއް ފުރިހަމަވުމާއެކު ކަމަށާއި ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އަދި ޢާއިލާއާބެހޭ ޤަވާޢިދުގެ 81 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވަނީ ނަސަބު ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭނެ ޝަރުޢީ ސަބަބުތައްކަމަށެވެ.
14މިމައްސަލައިގައި ދައުލަތުން [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ނަމުގައި ފެމިލީކޯޓުގެ ނަންބަރު Fm-C-B19 'ނަސަބާގުޅޭ މައްސަލަ ހުށަހަޅާ ފޯމް' މެދުވެރިކޮށް ހުށަނާޅައި ފެމިލީކޯޓުގެ 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް" މެދުވެރިކޮށް ހުށަހަޅާފައިވަނީ ވެސް ނަސަބު ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭކަމުގައި ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އަދި ޢާއިލާއާބެހޭ ޤަވާޢިދުގެ 81 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ޝަރުޠުތައް މި މައްސަލައިގައި ސާބިތުކުރެވެން ނެތުމުންކަމަށެވެ.
15މި މައްސަލައިގައި ދައުލަތުން ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނު ސަބަބަކީ މި ކުއްޖާއަކީ ދިވެހިރައްޔިތެއްކަން ކަނޑައެޅުމުގެ ބޭނުމުގައި ކަމަށާއި، މިމައްސަލައިގައި ދައުލަތުގެ މަޤުޞަދަކީ ކުއްޖާގެ ނަސަބު ސާބިތުކުރުން ނޫންކަމަށެވެ.
16މި މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅުމުގެ ކުރިން މި ކުއްޖާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި، ސިވިލް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަކީ ކުއްޖާ ވިހާފައިވަނީ ޢާއިލާއާބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން ދަރިލެއްވުމުގެ މުއްދަތު ހަމަނުވެ ކަމުގައިވާތީ، [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ ފުރުސަތު ނެތުމުން އެ ކުއްޖާއަކީ ދިވެހިރައްޔިތެއްކަން ނުވަތަ ދިވެހިރައްޔިތެއްގެ ދަރިއެއްކަން އެނގެން ނެތުމުން، މިހާތަނަށް އެކުއްޖާއަށް ދާއިމީ އުފަންދުވަހުގެ ސެޓިފިކެޓެއް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދިފައިނުވާތީ އާއި، ކުއްޖާގެ މަންމަ ވީތަނެއް ދައުލަތުން ކޮށްފައިވާ މަސައްކަތްތަކުން މިހާތަނަށް އެނގެން ނެތުމުން، ކުއްޖާއަށް ދިވެހިރާއްޖޭގެ ނުވަތަ އިންޑޮނޭޝިއާގެ ނުވަތަ އެހެން އެއްވެސް ޤައުމެއްގެ ރައްޔިތުކަން މިހާތަނަށް ލިބިފައިނުވާތީ، ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިދޭ އެންމެހާ ޙައްޤުތައް ކުއްޖާއަށް ލިބިގެންދާކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، ކުއްޖާއަށް ދިވެހިރައްޔިތުކަން ލިބިދިނުމަށާއި ދިވެހިރައްޔިތަކަށް ލިބޭ ޙައްޤުތަކާއި އިމްތިޔާޒުތައް އެކުއްޖާއަށް ފޯރުކޮށްދިނުމަށް އޮތް ޤާނޫނީ ޙައްލަކީ އެކުއްޖާއަކީ ދިވެހިރައްޔިތެއްކަމުގައި ޝަރީޢަތުން ކަނޑައެޅުން ކަމަށެވެ.
17ނަމަވެސް ސިވިލް ކޯޓު މެދުވެރިކޮށް ހުށަހެޅި މައްސަލައަށް ހައްލެއް ލިބިފައި ނުވާއިރު، ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ފެމިލީ ކޯޓަށް ބަލައިގަނެވެންނެތް މައްސަލައެއް ކަމަށް ނިންމުމުގެ ސަބަބުން ޝަރީޢަތް މެދުވެރިކޮށް މިމައްސަލައަށް ފައިޞަލާކުރަނިވި ޙައްލެއް ހޯދުމުގެ ފުރުޞަތު ބަންދުވެފައިވާ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
18ފެމިލީ ކޯޓުގެ ނަންބަރު IQB/2020/388 "ރަޖިސްޓްރާރ ނިންމުން އަލުން ބަލައި ނިންމި ގޮތް" ބާޠިލުކޮށްދިނުމަށާއި، ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް' އިން ދައުލަތުން ހުށަހަޅާފައިވާ މައްސަލައަކީ ފެމިލީ ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ކަނޑައަޅައިދިނުމަށެވެ. އަދި އެފަދައިން ކަނޑައަޅައިދެވެން ނެތްނަމަ މި މައްސަލައިގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު ކަނޑައަޅައިދީ މިމައްސަލައަށް ޤާނޫނީ ޙައްލެއް ލިބިދެވޭނެ މޭރުމުން މައްސަލަ ނިންމައިދިނުމަށް އެދިފައިވެއެވެ.
ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:
19ފެމިލީ ކޯޓުގެ ނަންބަރު IQB/2020/388 ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި މި އިސްތިއުނާފު މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ، ފެމިލީ ކޯޓުގެ ނިންމުމަކީ ދައުލަތުން އެ ކޯޓަށް ހުށަހެޅި އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާގެ މައްޗަށެވެ.
20އިސްތިއުނާފު ކުރެވިފައިމިވާ ފެމިލީ ކޯޓުގެ ނިންމުމަށް ބަލާއިރު، ދައުލަތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވަނީ މައިގަނޑު އަންނަނިވި އަސާސްތަކުގެ މައްޗަށެވެ.
(ހ) ދައުލަތުން ހުށަހަޅާފައިވާ "އުފަންދަރިއެއްކަމުގައި ކަނޑައަޅައި ދެއްވުމަށް އެދި" ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާސް ފެމިލީ ކޯޓަށް ލިބިގެންނުވާކަމަށް؛ އަދި (ށ) ހުށަހެޅި މައްސަލައިގެ ވާޤިއާތަކަށް ބަލާއިރު އެއީ"ނަސަބު ސާބިތުކުރުމަށް އެދި"
ހުށަހަޅާމައްސަލައެއްކަމަށް އެނގެން އޮތްނަމަވެސް ނަސަބު ސާބިތުކުރުމުގެ މައްސަލަ ބަލައިގަތުމަށް ބޭނުންވާ ޝަރުޠުތައް އެމައްސަލައިގައި ފުރިހަމަ ނުވާކަމަށް؛
މި އަސާސްތަކުގެ މައްޗަށެވެ.
ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައަކީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ފެމިލީ ކޯޓުން ބަލާފައިވުން:
21މި ނުކުތާގައި ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައަކީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައަކަށް ނުވާއިރު، މައްސަލައިގެ ވާޤިޢާތަކަށް ބަލައި އެ މައްސަލައަކީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމުގައި ފެމިލީ ކޯޓުން ކަނޑައަޅައި، މި މައްސަލައަށް ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 52 ވަނަ މާއްދާއާއި އަދި ޢާއިލާއާބެހޭ ޤަވާޢިދުގެ 81 ވަނަ މާއްދާގެ (ރ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
22ފެމިލީ ކޯޓަށް ދައުލަތުން ހުށަހެޅި ދަޢުވާއާއި ދަޢުވާގައި އެދިފައިވާ ގޮތަށް ބަލާއިރު، ފެމިލީ ކޯޓުގެ ނަންބަރު Fm-C-B08 'ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމު' މެދުވެރިކޮށް ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާގެ ޚުލާޞާގައި ބަޔާންކޮށްފައިވަނީ، އެ މައްސަލައަކީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބެލުމުގެ ދަށުގައި ހުރި [ކުއްޖާގެ ނަން އުނިކުރެވިފައި] (11 އަހަރު) އަކީ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.
23މައްސަލަ ރައްދުވާ ފަރާތެއް ނުހިމެނޭ ގޮތައް ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދޭ ފަރުވާއެއްގެ ގޮތުގައި (ދަޢުވާކުރާ ފަރާތުން އެދޭގޮތް) ކަމަށް ބަޔާންކޮށްފައިވަނީ؛
"މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމުން، ދައުލަތުން މިމައްސަލައަކީ ޚާއްޞަ އަދި އިސްތިސްނާ ޙާލަތެއް މެދުވެރިވެފައިވާ މައްސަލައެއް ކަމުގައިވާތީ، މައްސަލައިގެ ޒާތަށާއި ޙާލަތަށް ރިޢާޔަތްކޮށްދެއްވައި، މިމައްސާލާގައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން [ކުއްޖާގެ ނަން އުނިކުރެވިފައި]އަކީ، [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް އުފަން ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވައި، އެމޭރުމުން ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވައި، މިމައްސަލަ ވެވަޑައިގެން އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ނިންމަވައި ދެއްވުން އެދެމެވެ."
މިފަދައިންނެވެ.
24HN1އެހެންކަމުން، ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާއަކީ ދަޢުވާގައި ބަޔާންކުރާ ކުޑަކުއްޖާއަކީ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ދަޢުވާއެއްކަމާއި، އެ ދަޢުވާގައި އެދިފައިވަނީ އެކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށްކަން އެނގެއެވެ.
25ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާގެ ސީޣާގެ ލަފުޒުތަކަށް ބަލާއިރު އެދަޢުވާގައި ނަސަބާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ބަޔާންކުރެވިފައި ނުވާކަމާމެދު އަހުރެންވެސް އެއްބަހެއެވެ. ނަމަވެސް ސުވާލަކީ މިވެނި ކުއްޖަކީ މިވެނި ފިރިހެނެއްގެ އުފަންދަރިއެއް ކަމަށް ކަނޑައެޅުމާއި ނަސަބު ސާބިތުކުރުމާއި މި ދެކަމުގައި ތަފާތެއްވޭތޯއެވެ.
ނަސަބު ސާބިތުކުރުން:
26ނަސަބު މި ބަހުގެ މާނައަކީ ލޭގެ ގުޅުން ނުވަތަ ޢާއިލާއެއްގެ އެއް މެންބަރަކު އަނެއް މެންބަރަކާ ގުޅުވައިދޭ ޢާއިލީ ގުޅުމެވެ. އިސްލާމީ ޝަރީޢަތުގައި ނަސަބު ސާބިތުވުމާ ގުޅިގެން އޭގެ މައްޗަށް ތަރުތީބުވާ ޙުކުމްތަކެއްވެއެވެ. އޭގެ ތެރޭގައި ކާވެނިކުރުން ހުއްދަވުމާއި ކާވެނި ޙަރާމްވުމާއި ނަފަޤާތް ދިނުމާއި ވިލާޔަތުގެ ޙުކުމާއި އަދި ވާރުތަވުމާއި، ވާރުތަ މުދަލާ ގުޅޭ ޙުކުމްތައް ހިމެނެއެވެ.
27ނަސަބު ސާބިތުކުރެވޭ ގޮތާއި ނަސަބު ސާބިތުކުރުމުގައި ބަލާ ޝަރުޠުތައް އިސްލާމީ ޝަރީޢާގެ އުޞޫލުތަކުގެ އަލީގައި ޢާއިލާއާބެހޭ ޤާނޫނާއި ޢާއިލާއާބެހޭ ޤަވާއިދުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ.
28އެގޮތުން، ޢާއިލާއާބެހޭ ޤާނޫނާއި ޢާއިލާއާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ބަލާއިރު، ނަސަބު ސާބިތުކުރެވެނީ ފިރިހެނާއަށް ދަރި ލައްވާތޯ ބެލުމުގެ ގޮތުންކަން އެނގެއެވެ. ޢާއިލާއާ ބެހޭ ޤާނޫނުގެ 54 ވަނަ މާއްދާގައި "ނަސަބު ސާބިތުކުރުން" މި ސުރުޚީގެ ދަށުން ބަޔާންކުރެވިފައިވަނީ؛
"ފިރިހެނަކު، ވަކި ކުއްޖަކީ އޭނާގެ ޝަރުޢީ ދަރިއަކު ކަމުގައި ޝަރީޢަތް މެދުވެރިކޮށް ސާބިތުކުރަން ބޭނުންވެއްޖެ ހިނދެއްގައި، އެކަން ޝަރީޢަތަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން، ނަސަބު ސާބިތުކުރުމަށް އެދޭ މައްސަލަތަކުގައި ނަސަބު ސާބިތު ކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކޯޓަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ދެއްކުމުންނެވެ."
29މިގޮތުގެ މަތިން ނަސަބުގެ ސާބިތުކުރުމަށް އެދި ކޯޓަށް ހުށަހެޅޭ ދަޢުވާއާ ގުޅިގެން ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަމާއި، ނަސަބު ސާބިތުކުރުމުގައި ބަލާނެ ޝަރުޠުތަކާއި ނަސަބު ސާބިތުކުރާނެގޮތް ޢާއިލާއާބެހޭ ޤަވާއިދުގެ 81 ވަނަ މައްދާގައި ކަނޑައެޅި ބަޔާންކޮށްފައިވެއެވެ.
30އެހެންކަމުން، ފިރިހެނަކު ވަކި ކުއްޖަކީ އޭނާގެ ޝަރުޢީ ދަރިއަކު ކަމުގައި ޝަރީޢަތް މެދުވެރިކޮށް ސާބިތުކުރަން ބޭނުންވެއްޖެ، ހިނދެއްގައި އެފަދައިން ހުށަހަޅާ ދަޢުވާއަކީ ޢާއިލާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ނަސަބު ސާބިތުކުރުމާ ގުޅޭ ބާވަތުގެ ދަޢުވާކަން އެނގެއެވެ.
31HN2އަދި މިމައްސަލައިގައި ބަޔާންކުރާ، ފިރިހެނެއްގެ އުފަން ދަރިއެއްކަމަށް މަދަނީ މިންގަނޑުން ކަނޑައެޅުން އަދި އޭގެ ސަބަބުން ނުކުންނާނެ ނަތީޖާތަކެއްވެސް ތަސައްވަރުކޮށް އެފަދައިން ތަންޒީމްވެފައިވާ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތެވެ. ޝަރުޢީ ގޮތުން ބަލާއިރު ފިރިހެއްނެއްގެ ދަރިއެއްކަމަށް ޝަރީޢަތުން ގޮތުން ކަނޑައެޅުމުން އޭގެ މައްޗަށް ތަރުތީބުވާ ޝަރުޢީ ޙުކުމްތަކެއްވެއެވެ. މިމައްސަލައިގައި ބުނާ ފިރިހެނެއްގެ އުފަން ދަރިއެއްކަމަށް މަދަނީ މިންގަނޑުން ކަނޑައެޅުމުން ނުކުންނާނެ ނަތީޖާތައް ޤާނޫނެއްގައި ކަނޑައެޅި ބަޔާންކޮށްފައި ނެތީސް، މިއީ ވަކި ދަޢުވާއެއް ގޮތަށް ބަލައި ޝަރީޢަތުން ގޮތެއް ކަނޑައެޅިއްޖެނަމަ މިޙާލަތުގައި އިތުރު ޤާނޫނީ މައްސަލަތަކަށް މަގުފަހި ވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ފެނެއެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގައި ނަޞަބު ސާބިތު ވުމުގެ މައްޗަށް ތަރުތީބުވާ ޙުކުމްތަކާއި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ އަލީގައި ބަލާއިރު، ފިރިހެނެއްގެ އުފަން ދަރިއެއްކަމަށް މަދަނީ މިންގަނޑުން ކަނޑައެޅުމުން އޭގެ މައްޗަށް ތަރުތީބު ވެގެންދާނީ ކުއްޖާގެ ނަސަބު ސާބިތުވުމުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކެވެ. މި ދެކަމުގައި ހުރި ތަފާތެއް ދައުލަތަށްވެސް މި މައްސަލައިގައި ބުނެދެވިފައި ނުވެއެވެ.
32ކުރިން އިސްވެ ފާހަގަކުރި ފަދައިން، ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާގައި އެދިފައިވަނީ، މިވެނި ކުއްޖަކީ މިވެނި ފިރިހެނެއްގެ ދަރިއެއްކަމަށް ނުވަތަ މިވެނި މީހެއްގެ އުފަންދަރިއެއްކަމަށް ކަނޑައަޅައިދިނުމަށް ކަމަށް ވާތީ، މިދަޢުވާގައި ކުއްޖާ އުފަންދަރިއެއްކަމަށް ކަނޑައެޅުމަށް ބޭނުންވާ މަޤުޞަދު ތަފާތު ނަމަވެސް ޢާއިލާއާބެހޭ ޤާނޫނުގައި ބަޔާންކުރާ ނަސަބު ސާބިތުކުރުމާއި މިމައްސަލައިގެ ވާޤިއާތަކާއި އެއްގޮތްކަން އެނގެއެވެ.
33އެހެންކަމުން، ދައުލަތުން ހުށަހެޅި ދަޢުވާގައި ބަޔާންކުރާ ވާޤިޢާތަކާއި ފެމިލީ ކޯޓުގެ އިޚްތިސާސްލިބޭ ނަސަބު ސާބިތުކުރުމުގެ މައްސަލަތަކުގެ ވާޤިޢާތަކާއި އެއްގޮތްކަމަށް ފެމިލީ ކޯޓުން ބަލާފައިވަނީ ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގައި ނަސަބާ ގުޅޭގޮތުން ބަޔާންވެގެންވާ ކަންކަމަށް ރިޢާޔަތްކޮށްކަން އެނގެން އޮންނާތީ އެނިންމުމުގައި ގޯހެއް އޮތްކަމަށް ނުފެނެއެވެ.
މި ދަޢުވާ ބެލުމުގެ އިޚްތިޞާސް ފެމިލީ ކޯޓަށް ލިބިގެންވޭތޯ؟
34މިމައްސަލައިގައި ބަޔާންކުރާ ކުޑަކުއްޖާއަކީ ދިވެހިރާއްޖެއަށް އުފަންވެފައިވާ ކުއްޖެކެވެ. ކުއްޖާ އުފަންވެފައިވަނީ ޝަރުޢީ ގޮތުން ދަރި ލައްވާ މުއްދަތުގައި ނޫންކަމަށްވާތީ، މިކުއްޖާގެ ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓެއް ހެދިފައިނުވެއެވެ. ދައުލަތުން ހައްލެއް ހޯދުމަށް މިއެދޭ ކަމަކީ ޤައުމަކަށް ނިސްބަތްނުވާ މިކުއްޖާއަށް ދިވެހިރައްޔިތުކަން ދިނުމުގެ ބޭނުމުގައި ހުށަހެޅި ދަޢުވާއެކެވެ.
35މި ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ދިވެހިރައްޔިތެއްކަން ކަނޑައެޅެން އޮތީ މިކުއްޖާއަކީ [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް އުފަން ދަރިއެއްކަން ކަނޑައެޅިގެން ކަމަށާއި، އެހެންކަމުން ދައުލަތުން ހުށަހެޅި ދަޢުވާގައި އެދިފައިވަނީ ދަޢުވާގައި ބަޔާންކުރާ ކުއްޖާއަކީ [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް އުފަން ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށެވެ.
36މި އިސްތިއުނާފުގައި ހައިކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި އިސްވެ ބަޔާންކުރެވުނު މައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯއެވެ.
37HN3މި ދަޢުވާގައި ބަޔާންކުރާ އުފަންދަރިއެއްކަމަށް ސާބިތުކުރުން ނުވަތަ މަދަނީ މިންގަނޑުން އުފަންދަރިއެއްކަން ސާބިތުކުރުމުގެ ދަޢުވާތައް ބެލުމުގެ އިޚްތިޞާޞް ފެމިލީ ކޯޓަށް ލިބޭދޭތޯ ބަލާއިރު، އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށެވެ. އެ ޤާނޫނުގައި ފެމިލީ ކޯޓުގެ އިޚްތިޞާޞް ބަޔާން ވެގެންވަނީ އެ ޤާނޫނުގެ ޖަދުވަލު 3 ގައެވެ. އެ ޖަދުވަލުގައި ފެމިލީ ކޯޓުން ބަލާ މައްސަލަތައް ބަޔާންކޮށްފައިވާއިރު، މި ދަޢުވާގައި ބުނާ އުފަންދަރިއެއްކަން ކަނޑައެޅުމުގެ މައްސަލަތައް ބެލުން ހިމެނިފައި ނުވެއެވެ.
38ދެން ބަލާލަންޖެހޭނީ ޢާއިލާއާބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ބަލާއިރު އުފަންދަރިއެއްކަމަށް ސާބިތުކުރުން ނުވަތަ މަދަނީ މިންގަނޑުން އުފަންދަރިއެއްކަން ސާބިތުކުރުން މިއިން ބާވަތެއް ނުވަތަ މި ބާވަތުގެ މައުޟޫޢަކާ ގުޅޭގޮތުން އެ ޤާނޫނުގައި އެއްވެސް ނައްޞެއް ބަޔާންކުރެވިފައިނުވެއެވެ.
39HN4ޤައުމަކަށް ނިސްބަތްވުމަކީ ކޮންމެ މީހަކަށްމެ ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. އާންމުގޮތެއްގައި ޤައުމަކަށް މީހާ ނިސްބަތްވުން ކަނޑައެޅުން ބިނާވެފައި އޮންނަނީ މީހާ އުފަންވުމުގެ މައްޗަށެވެ. އެގޮތުން، ޤައުމެއްގެ ރައްޔިތެއްކަމަށް ބެލުމުގައި މިހާ އުފަންވި ތަން ނުވަތަ އުފަންވި ޤައުމު (jus soli) ނުވަތަ އެމީހާގެ މައިންބަފައިންގެ ނިސްބަތްވާ ގައުމެއްގެ (jus sanguinis) މައްޗަށް ރިޢާޔަތްކުރެވެއެވެ. މިގޮތުން، މިފަދައިން ރައްޔިތުކަން ދޭ އުޞޫލުތައް އެޤައުމުތަކުގެ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެއެވެ.
40ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ބަލާއިރު، ކުއްޖާ ދިވެހިރާއްޖެއަށް އުފަންވުމުގެ މައްޗަށް އެކަނި ބަލައި ރައްޔިތުކަން ދެވޭގޮތަށް ޤާނޫނު ތަނެއް ނުދެއެވެ. އެހެނީ ދިވެހިރާއްޖެއަށް ބަލާއިރު ދިވެހިރައްޔިތެއް ކަމަށް ބަލާނެ ޝަރުޠުތައް ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު ޤާނޫނުއަސާސީގައި ބަޔާންކުރާ ޝަރުޠުތައް މިކުއްޖާގެ ޙާލަތަށް ނުފެތެއެވެ. އަދި ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނު ގައިވެސް މިކުއްޖާގެ ޙާލަތެއް ނެތެވެ.
41އެކަން ދައުލަތުންވެސް މި އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތައް މިވަގުތު ހުރިގޮތުން މި މައްސަލައިގައި ޤާނޫނީ ޙައްލެއް އޮތްކަމަށް ދައުލަތުންވެސް ނުދެކޭކަމަށާއި، ދައުލަތުން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިކުއްޖާއަށް ދިވެހިރައްޔިތުކަން ދިނުމުގައި ޤާނޫނީގޮތުން ޙައްލެއް ފެންނަން ނެތުމުން ކޯޓުން އެ ޙައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް، ދައުލަތުން ބުނެފައިވެއެވެ.
މައްސަލަ ނިންމަން ފެންނަގޮތް:
42އެހެންކަމުން، ފެމިލީކޯޓުގެ ނަންބަރު IQB/2020/388 'ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް' އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު:
ދައުލަތުން ކުރާ މަސައްކަތް:
43މިމައްސަލައާއި ގުޅިގެން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުންނާއި އަދި ދައުލަތުން ދެއްކި ވާހަކަތަކުން ސާފުވާން އޮތްކަމަކީ، ދައުލަތުން މިކުރަމުންދާ މަސައްކަތަކީ، އިންޑޮނޭޝިޔާގެ ރައްޔިތެއްކަމަށްވާ [މަންމަގެ ނަން އުނިކުރެވިފައި]، ދިވެހިރާއްޖޭގައި ވިހޭ ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ދަރިފުޅު (މީގެ ފަހުން "ކުޑަކުއްޖާ" ކަމަށް ބަޔާން ކޮށްފައިވާނީ [މަންމަގެ ނަން އުނިކުރެވިފައި] ދިވެހިރާއްޖޭގައި ވިހެއި ކުޑަކުއްޖާއަށެވެ.) އަށް "ދިވެހި ރައްޔިތުކަން" ހޯދައިދިނުމުގެ މަސައްކަތެވެ. ދައުލަތުން ބުނާ ގޮތުން، ދައުލަތުން ކުރާ މަސައްކަތަކީ އެއްވެސް ޙާލެއްގައި ކުޑަކުއްޖާގެ ނަސަބު ސާބިތު ކުރުމުގެ މަސައްކަތެއް ނޫނެވެ.
44ކުޑަކުއްޖާއަށް ދިވެހިރައްޔިތުކަން ހޯދައިދިނުމަށް ދައުލަތުން މަސައްކަތް ކުރަނީ، އެކުޑަކުއްޖާ އުފަންވެފައިވަނީ ދިވެހިރައްޔިތަކަށް ކަމަށް ބުނެއެވެ. އެގޮތަށް ދައުލަތުން ބަޔާން ކުރަނީ، [މަންމަގެ ނަން އުނިކުރެވިފައި] އެކުޑަކުއްޖާ ވިހެއިރު، ކާވެނިކޮށްގެން އިނީ ދިވެހި ފިރިހެނަކަށް ކަމަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި "ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް" އެއީ ދިވެހި ރައްޔިތުންކަމަށް ޤާނޫނުއަސާސީގައި ބަޔާންކުރާތީ ކަމަށް ދައުލަތުން ބުނެއެވެ.
45އެހެންވެ، ދައުލަތުން ފެމެލީ ކޯޓަށް ހުށަހެޅި މައްސަލައަކީ، " ކުޑަކުއްޖާ އަކީ، [އެޑްރެސް އުނިކުރެވިފައި] [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް އުފަން ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައިދިނުން" މިމައްސަލައެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ނިންމެވުން:
46ދައުލަތުން ހުށަހެޅި މައްސަލައަށް ބެލުމަށްފަހު، ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ބަޔާން ކުރަނީ މިމައްސަލައަކީ "ކުއްޖާގެ ބައްޕަ ސާބިތު ކުރުމުގެ މައްސަލަ" އެއް ކަމަށެވެ. މިފަދަ މައްސަލަ ފެތެނީ ޤާނޫނު ނަންބަރު:04/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި އާއިލާއާބެހޭ ޤަވާއިދުގައި ބުނާ ނަސަބު ސާބިތު ކުރުމުގެ މައްސަލައެއްގެ ތެރެއަށެވެ. އެހެންކަމުން، މިފަދަ މައްސަލައެއް ހުށަހަޅަންވާނީ ނަސަބު ސާބިތު ކުރުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިއީ ނަސަބު ސާބިތު ކުރުމަށް ހުށަހެޅި މައްސަލައެއްތޯ ބަލާއިރު، އާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އަދި ޢާއިލާއާބެހޭ ޤަވާއިދުގެ 81 ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައި ނެތް ކަމަށެވެ. އަދި މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތު ކުރުމަށް ހުށަހަޅާ މައްސަލަތަކަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއް ނޫންކަމަށެވެ. އެހެންވެ، ދައުލަތުން ހުށަހެޅި ފޯމު ބަލައި ގަނެވެން ނެތްކަމަށް ފެމެލީ ކޯޓުގެ ރަޖިސްޓްރާރ ނިންމެވިއެވެ.
ފެމިލީ ކޯޓުގެ އިސްޤާޟީގެ ނިންމުން:
47ފެމެލީ ކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ދައުލަތުން ފެމިލީ ކޯޓުގެ އިސްޤާޟީއަށް މި މައްސަލަ ހުށަހެޅިއެވެ. އެހުށަހެޅުމުގައި ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ؛
47.1. ދައުލަތުން ހުށަހެޅި މައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުއްޖާއަކީ [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް އުފަން ދަރިއެއްކަމުގައި ކަނޑައަޅުއްވައިދެއްވުމަށްއެދި، ހުށަހެޅި މައްސަލައެއް ކަމަށެވެ. ޝަރުޢީ ގޮތުން ކުޑަކުއްޖާގެ ނަސަބު [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް ސާބިތު ކުރުމަށް ދައުލަތުން އެދިފައި ނުވާނެ ކަމަށެވެ.
47.2. ތުއްތު ކުއްޖަކީ ވަކި މީހަކަށް އުފަން ދަރިއެއްކަމުގައި ކަނޑައެޅިގެން ދިޔުމަކީ ޝަރުޢީގޮތުން އެ ކުއްޖާގެ ނަސަބު އެމީހަކަށް ސާބިތުވާނޭ ސަބަބެއް ނޫންކަމަށެވެ. ޝަރުޢީ ގޮތުން ނަސަބު ސާބިތުކުރެވޭނީ، ވަކި ޚާޢްޞަ ޝަރުޠުތަކެއް ފުރިހަމަވެގެން ކަމަށެވެ. ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އަދި އާއިލާއާބެހޭ ގަވާއިދުގެ 81 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވަނީ ޝަރުޢީ ސަބަބުތަކެއް ކަމަށެވެ. މިމައްސަލަ "އާއިލީ އެހެނިހެން މައްސަލަ ހުށަހަޅާ ފޯމް" އިން ހުށަހެޅީ ނަސަބު ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަ ނުވާތީ ކަމަށެވެ.
48ފެމެލީ ކޯޓުގެ އިސްޤާޟީ މިމައްސަލަ ނިންމެވުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ؛
48.1. "އުފަން ދަރިއެއްކަމުގައި ކަނޑައަޅުއްވައިދެއްވުންއެދި" ދައުލަތުން ހުށަހެޅި މައްސަލައަކީ، ޤާނޫނު ނަންބަރު: 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3 އަދި ވަކި ޤާނޫނަކުން ފެމެލީ ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ބަޔާންކުރާ މައްސަލައެއް ނޫންކަން.
48.2. ދައުލަތުން ހުށަހެޅި މައްސަލައިގެ ވާޤިއާ ތަކަށް ބަލާއިރު، މިމައްސަލައަކީ ކުއްޖެއްގެ ނަސަބު ވަކި މީހަކަށް ލެއްވުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގޭ ކަމަށެވެ. މި ވާޤިއާ ތަކުގެ މައްޗަށް ހުށަހެޅޭނީ ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ނަސަބު ސާބިތުކުރުމުގެ މައްސަލައެއް ކަމަށެވެ. "އުފަން ދަރިއެއްކަމުގައި ކަނޑައެޅުން" މިއީ ޝަރުޢީ ގޮތުން އަދި ޤާނޫނީ ގޮތުންވެސް ދަންނަ ބާވަތުގެ މައްސަލައެއް ނޫން ކަމަށެވެ.
49އެހެންވެ، ފެމެލީ ކޯޓުގެ އިސްޤާޟީ ނިންމީ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. ވީމާ، ދައުލަތުން މިމައްސަލަ މިކޯޓުގައި އިސްތިއުނާފުކުރިއެވެ.
50މިމައްސަލަ ފެމެލީ ކޯޓުން ބަލައި ނުގަތުމަށް ނިންމި މައިގަނޑު ސަބަބަކީ، ދައުލަތުން މައްސަލަ ހުށަހެޅީ "ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމު" (Fm-C-B08) އަކުން ކަމަށްވިޔަސް، އެފޯމުގައި ބަޔާންކޮށްފައިވާ މައުޟޫއީ ވާހަކަތަކަކީ ނުވަތަ ވާޤީއާތަކަކީ (substance) ޤާނޫނު ނަންބަރު: 4/2000 (އާއިލާއާބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހަދާފައިވާ އާއިލާއާބެހޭ ގަވާއިދުގައި ބަޔާންކުރާ "ދަރި ލެއްވުމާއި" ނުވަތަ "ނަސަބު ސާބިތު ކުރުމުގެ" މައްސަލައެއް ކަމަށް ޙަޤީޤަތުގައި ވެގެން ދާތީކަން އެނގެއެވެ. އަދި ދައުލަތުން ބަޔާންކުރާފަދަ "މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރުން" އެއީ ފެމިލީކޯޓުން ބަލާ ބާވަތުގެ މައްސަލައެއް ނޫންކަމަށް ވާތީއެވެ.
ދަރި ލެއްވުމާއި ނަސަބު ސާބިތުކުރުން:
51ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-A/057 ޤަޟިއްޔާގައި ނަސަބު ނަފީ ކުރުމުގެ އުޞޫލުތައް ބަޔާންކޮށްދިންއިރު، ދަރިލެއްވުމާއި ނަސަބު ސާބިތު ކުރުމާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރާ އުޞޫލު ސާފުކޮށް ބަޔާން ކޮށްދީފައި ވެއެވެ. މިބާވަތުގެ ޢާއިލީ މައްސަލަތައް ބެލުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރާ މައިގަނޑު ހަމައަކީ އިސްލާމީ ޝަރީޢަތުގައި ބަޔާންކުރާ ހަމައެވެ.
52ދެމީހެއްގެ ކާވެނިމަތީގައި ލިބޭ ދަރިއަކު، ނުވަތަ އެދެމީހުން ކާވެނި ކުރުމުގެ ކުރިން ލިބިފައިވާ ދަރިއަކު ލެޖިޓިމޭޓް ކުރުމަށް އެހެން ބައެއް ޖޫރިސްޑިކް ޝަންތަކުގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް، ދަރި ލެއްވުމާއި ނަސަބު ސާބިތު ކުރުމާއި ނަސަބު ނަފީކުރުމުގައި ޢަމަލު ކުރުމަށް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ޤާނޫނީ ހަމަތަކީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން އުފަން ކުރެވިފައިވާ ދިވެހިންގެ އަޤީދާއާ އާދަކާދައާއި ގުޅިފައިވާ ކަންތައްތަކެވެ.
53HN5އިނދެގެން ހުރި ފިރިހެނާއަށް ދަރިލެއްވުމަކީ ޢާންމު އުޞޫލުން އިސްލާމީ ޝަރީޢަތުގައިވެސް އޮތް ގޮތެވެ. ނަމަވެސް އެކަން ކުރުމުގައި އިސްލާމީ ޝަރީޢަތުގައި އަދި އާއިލާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކުގައިވެސް ވަކި ޝަރުޠުތަކެއް ބަޔާންކުރެއެވެ. މިގޮތުން ދަރި ލައްވާ އެންމެ ކުރު މުއްދަތު ކަމުގައި ބަޔާންކުރަނީ ކާވެނިކުރި ތާރީޚުން ފެށިގެން ހިޖުރީ ގޮތުން 06 (ހައެއް) މަސް ދުވަހެވެ. އަދި ވަރިކުރި ތާރީޚުންފެށިގެން ހިޖުރީ ގޮތުން 01 (އެކެއް) އަހަރު ދުވަހެވެ. ޒިނޭ ކުރިމީހާއަށް ހުރީ އެކަމުގެ އަދަބެވެ. ދަރީގެ ނަސަބު ޒާނީއަށް ނިސްބަތް ނުކުރެވޭނެއެވެ.
މިމައްސަލައިގައި ބަޔާންކުރާ "ކުޑަކުއްޖާ":
54ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]އާއި އިންޑޮނޭޝިޔާގެ ރައްޔިތެއްކަމަށްވާ [މަންމަގެ ނަން އުނިކުރެވިފައި] ކާވެނި ކޮށްފައިވަނީ 19 އޭޕްރީލް 2007 (02 ރަބީޢުލްއާޚިރު 1428) ގައި، ސްރީލަންކާގައެވެ.
55ކުޑަކުއްޖާއަކީ 09 ސެޕްޓެމްބަރު 2007 (27 ޝަޢުބާން 1428) ގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އުފަންވެފައިވާ ކުއްޖެކެވެ. މިކުއްޖާގެ މަންމައަކީ އިންޑޮނޭޝިޔާގެ ރައްޔިތެއްކަމަށްވާ [މަންމަގެ ނަން އުނިކުރެވިފައި] އެވެ. މިކަން އެނގެނީ، މިނިސްޓްރީ އޮފް ހެލްތުގެ ސީރިއަލް ނަންބަރު: [ނަންބަރު އުނިކުރެވިފައި] (2007 ސެޕްޓެމްބަރު 09) ފޫޅުމާ ފޯމް (ދިވެހިރާއްޖޭގައި އުފަންވާ ކުދިންގެ މަޢުލޫމާތު ފޯމު) އިން ނެވެ. މިފޯމްގައި ކުޑަކުއްޖާ އުފަންތާރީޚް ކަމުގައި ބަޔާން ކޮށްފައިވަނީ މީލާދީ ތާރީޚުން 2007-09-09 އެވެ. އަދި ހިޖުރީ ތާރީޚުން 1428-09-27 އެވެ. މީލާދީގޮތުން 09 ސެޕްޓެމްބަރު 2007 ވެގެން ގޮސްފައިވަނީ 27 ޝަޢުބާން 1428 އަށެވެ. ނަމަވެސް ފޫޅުމާ ފޯމްގައި އޮތީ 27 ރަމަޟާން 1428 އެވެ. އެހެންކަމުން، ފޫޅުމާ ފޯމުގައި ހިޖުރީ ތާރީޚް ބަޔާން ކުރި ކުރުމުގައި އޮޅުމެއްވާކަން އެނގެއެވެ.
56ހަމައެހެންމެ މިފޯމްގައި، "މައިމީހާގެ ނަން" ކަމަށް ބަޔާން ކުރަނީ "[މަންމަގެ ނަން އުނިކުރެވިފައި]" މިފަދައިންނެވެ. އަދި "މައިމީހާގެ ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއެކު)" މިތާގައި ބަޔާން ކުރަނީ؛
[އެޑްރެސް އުނިކުރެވިފައި]
މިގޮތަށެވެ. "މައިމީހާގެ ޤައުމު" ކަމަށް ބަޔާންކޮށްފައިވަނީ "އިންޑޮނޭޝިޔާ" އެވެ.
57މިފޯމުގައި، ކުއްޖާގެ ބަރުދަން ކަމަށް ބަޔާން ކުރަނީ 3.43 ކިލޯ ގްރާމް އެވެ. އަދި ވިހޭއިރު ކުއްޖާއަށްވީ ދުވަސް ކަމަށް ބަޔާން ކުރަނީ 37 ހަފްތާ އެވެ. އެފޯމްގައި 09 މަސް މިހެން ޖެހުމަށްފަހު ކަނޑާލާފައިވާކަން ފާހަގަ ކުރެވެއެވެ.
58ހަމައެހެންމެ، މިފޯމްގައި "ކުއްޖާގެ ބައްޕަގެ ނަން" ކަމުގައި ބަޔާން ކުރަނީ، "[ފިރިހެނާގެ ނަން އުނިކުރެވިފައި]" އެވެ. ބައްޕަގެ "ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއެކު)" ކަމަށް ބަޔާންކުރަނީ "[އެޑްރެސް އުނިކުރެވިފައި]" ކަމަށެވެ. "ކުއްޖާގެ ބައްޕަގެ ޤައުމު" ކަމުގައި ބަޔާން ކޮށްފައިވަނީ "ދިވެހިރާއްޖެ" އެވެ. "ކުއްޖާގެ ބައްޕަގެ ސޮއި"މިހެން އޮތް ދިމާލުގައި ދެ ޑޭޝްބުރި އެބަ އޮތެވެ. އޭގެ ފަހުން، ސޮޔެއްވެސް ކޮށްފައި އެބައޮތެވެ. އަދި "މަޢުލޫމާތު ދިން މީހާއާ ކުއްޖާއާ ހުރިގުޅުން" ކަމަށް ބަޔާން ކޮށްފައިވަނީ "ބައްޕަ" އެވެ. "މަޢުލޫމާތު ދިންމީހާގެ ސޮއި" މިހެން އޮތް ތަނުގައި ސޮޔެއް ކޮށްފައިވެއެވެ.
59މަތީގައި ބަޔާން ކުރެވުނު ކަންކަމަށް ބަލާއިރު، [ފިރިހެނާގެ ނަން އުނިކުރެވިފައި]އާއި [މަންމަގެ ނަން އުނިކުރެވިފައި] އާ ދެމީހުން ޞައްޙަ ކާވެންޏެއް ކުރިކަމަށް ބެލިނަމަވެސް، [މަންމަގެ ނަން އުނިކުރެވިފައި] ދުވަސްފުރައި ދަރިއަކު ވިހާފައި މިވަނީ، އެދެމީހުންގެ ކާވެންޏަށް ހިޖުރީ ގޮތުން 04 މަހާއި 20 ދުވަހުން ކަމަށް އެނގެއެވެ.
ނަސަބު ނަފީކުރުން:
60މިމައްސަލައާއެކު ދައުލަތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ކުޑަކުއްޖާ އުފަންވީއްސުރެން، އެކުއްޖާގެ ޢުމުރުން ގާތްގަޑަކަށް 05 (ފަހެއް) އަހަރު ފުރެންދެން، އެކުއްޖާ ބަލަހައްޓަމުން ގެންގޮސްފައިވަނީ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ އާއިލާގެ ފަރާތުންނެވެ. އެކުއްޖާގެ ނަސަބު ނަފީކުރުމަށް [ފިރިހެނާގެ ނަން އުނިކުރެވިފައި] އެއްވެސް މަސައްކަތެއް ކުރިކަން އެނގޭކަށް ނެތެވެ.
61[ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ މައްޗަށް ކުޑަކުއްޖާގެ ނަސަބު ނުލައްވާނެކަމަށް ދައުލަތަށް ޤަބޫލު ކުރެވޭތީ، އެސުވާލު އުފަންކުރުމަށްފަހު، އެހެން ދޮރަކުން ވަދެގެން [ފިރިހެނާގެ ނަން އުނިކުރެވިފައި]އަކީ ކުއްޖާގެ ބައްޕަކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުންދަނީ ދައުލަތެވެ. މިއީ ހައިރާންވާންޖެހޭފަދަ ދެކޮޅު ދިމާނުވާ ކަމެކެވެ. މިމައްސަލަ މިކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި ފޯމުގެ 8.2.2 ގައި ބަޔާން ކުރަނީ:
" ....ކުއްޖާ ވިހާފައިވަނީ ޢާއިލާއާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ދަރިލެއްވުމުގެ މުއްދަތު ހަމަނުވެކަމުގައިވާތީ [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް ކުއްޖާގެ ނަސަބު ސާބިތުކުރުމުގެ ފުރުޞަތު ނެތަތީ، އެކުއްޖާއަކީ ދިވެހިރައްޔިތެއްކަން ނުވަތަ ދިވެހިރައްޔިތެއްގެ ދަރިއެއްކަން އެނގެން ނެތުމުން، މިހާތަނަށް ކުއްޖާއަށް ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާދެވިފައިނުވާތީއާއި، ކުއްޖާގެ މަންމަ، އިންޑޮނޭޝިއާގެ ރައްޔިތެއްކަމަށްވާ [މަންމަގެ ނަން އުނިކުރެވިފައި]، ވީތަނެއް ދައުލަތުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެނގެން ނެތުމުން، ކުއްޖާއަށް ދިވެހިރާއްޖޭގެ ނުވަތަ އިންޑޮނޭޝިޔާގެ ނުވަތަ އެހެން އެއްވެސް ޤައުމެއްގެ ރައްޔިތުކަން މިހާތަނަށް ލިބިފައިނުވާތީ، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިދޭ އެންމެހައި ޙައްޤުތައް ކުއްޖާއަށް ލިބިގެންދާކަން ކަށަވަރުކުރުމަށް ދައުލަތުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން، ކުއްޖާއަށް ދިވެހިރައްޔިތުކަން ލިބިދިނުމަށާއި، ދިވެހިރައްޔިތަކަށް ލިބޭ ޙައްޤުތަކާއި އިމްތިޔާޒްތައް އެކުއްޖާއަށް ފޯރުކޮށްދިނުމަށް އޮތް ޤާނޫނީ ޙައްލަކީ، އެ ކުއްޖާއަކީ ދިވެހި ރައްޔިތެއްކަމުގައި ޝަރީޢަތުން ކަނޑައެޅުއްވުން ކަމުގައެވެ." މިފަދައިންނެވެ.
62HN6މަތީގައިވާ ބަޔާނުން އެނގެނީ، ކުއްޖާގެ ނަސަބު [ފިރިހެނާގެ ނަން އުނިކުރެވިފައި]އަށް ސާބިތު ނުވާނެކަން ދައުލަތުން ޤަބޫލު ކުރާކަމެވެ. އެކުއްޖެއްގެ ނަސަބު އެފިރިހެނަކަށް ސާބިތު ނުވާނެކަން ދައުލަތުން ޤަބޫލު ކުރުމާއެކު، އެކުއްޖާގެ ބައްޕައަކީ ވަކި ފިރިހެނެއްކަމަށް ޝަރީޢަތުން ކަނޑައެޅުމަށް ދައުލަތުން މިކުރާ މަސައްކަތްތަކަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ކުރެވޭ ކަމެއް ކަމަށް އަހުރެންނަކަށް ބުރައެއްނުވެވެއެވެ. އެހެނީ، ދަރިން ނިސްބަތް ކުރަންޖެހޭނީ އެދަރިންގެ ބަފައިންނަށެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނާއި ޤަވާޢިދުގެ ދަށުން އެކުއްޖާގެ ބަފަޔަކީ ކާކުކަން ކަނޑައެޅެން ނެތް ޙާލަތުގައި ވަކި ފިރިހެނަކީ އެއީ އެކުއްޖާގެ ބަފައިކަމަށް ކަނޑައަޅައި ނިސްބަތްކޮށްފިނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ އެފިރިހެނާގެ މައްޗަށް ކުރެވޭ ޤަޛުފަކަށެވެ.
63ޢާންމު އުޞޫލެއްގެ ގޮތުން، ދަރިލެއްވުމާއި ނަސަބު ސާބިތު ކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ގޮތް އާއިލާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ބަޔާންކޮށް، އެކަން ކުރުމުގެ ދޮރު ހުޅުވިފައިވާއިރު، ދަރީގެ ނަސަބާމެދު އަސްލު ސުވާލު ކުރަންޖެހޭ ފަރާތުން ސުވާލު ނުކުރަނީސް، ދައުލަތުން ބޭނުންވާ ވަކި ނަތީޖާއެއް ހާޞިލު ކުރުމަށް، ދައުލަތުން ވަލުދޮރާއްޓާއި ދިމާއަށް ހިނގުމަކީ އަހުރެންނަށް ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ. ދައުލަތުންވިޔަސް ޙައްޤު ހޯދައިދިނުމަށް ކުރާ މަސައްކަތަކީ ޖަޒުބާތީ ގޮތުން ކުރާ ކަމަކަށް ވުރެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކުރާ ކަމަކަށް ވާންޖެހެއެވެ.
މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުން:
64މަދަނީ މިންގަނޑުން ބައްޕަ ސާބިތު ކުރުމަކީ ދިވެހިރާއްޖޭގައި ޢަމަލު ކުރާ އާއިލާއާބެހޭ ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު އަދި އިސްލާމީ ޝަރީއަތުގައި ބަޔާން ކުރާ މަފްހޫމެއް ކަމަށް ބުރައެއް ނުވެވެއެވެ. ވީމާ، "ޝަރުޢީ ބައްޕަ" އަދި "ޤާނޫނީ ބައްޕަ" ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއަށް ތަޢާރަފު ކުރުމަށް ދައުލަތުން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމާއި ޝަރުޢީ ހަމަތައް ނުދަންނަ އަދި ދިވެހިންގެ އަޤީދާ އާއި އާދަކާދައާއި ދުރު ބީރައްޓެހި މަފުހޫމެއްކަމުގައި ނޫނީ އަހުރެންނަކަށް ނުފެނެއެވެ. އަދި އެކަމުގެ ސަބަބުން ނޭދެވޭ އެތަކެއް ނަތީޖާތަކެއް ކުރިމަތިވެގެންދާނެ ކަމެއް މެއެވެ.
ކުޑަކުއްޖާ ވަކި ޤައުމަކަށް ނިސްބަތް ނުވުން:
65ދައުލަތުން ކުޑަކުއްޖާއަށް ދިވެހިރައްޔިތުކަން ހޯދައިދިނުމަށް ކުރާ މަސައްކަތަކީ، އެކުއްޖާއަށް މިހާތަނަށް އެއްވެސް ޤައުމެއްގެ ރައްޔިތުންކަން ލިބިފައި ނެތުމުން އެކުއްޖާއަކީ ވަކި ޤައުމަކަށް ނިސްބަތް ނުވާ (stateless) ކުއްޖެއް ކަމަށްވާތީ ކަމަށް ދައުލަތުން ބުނެއެވެ.
66HN7ނަމަވެސް ދައުލަތުގެ މިވާހަކަތަކަކީ ދެކޮޅު ޖެހޭ ވާހަކައެއް ކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، އެކުއްޖާއަކީ، އިންޑޮނޭޝިޔާގެ ރައްޔިތަކަށް އުފަން ކުއްޖެއްކަން ދައުލަތުން ސާފުކޮށް ބަޔާން ކޮށްދެއެވެ. އެހެންކަމުން، އެކުއްޖާގެ ބައްޕައަކީ ކާކުކަން ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ސާބިތުކޮށްދެވެން ނެތްނަމަ، އެކުއްޖާ، އެކުއްޖާގެ މަންމަގެ ޤައުމު ކަމުގައިވާ އިންޑޮނޭޝިޔާގެ ރައްޔިތަކަށް ނުވާންވީ އެއްވެސް ސަބަބެއް ދައުލަތުން ބަޔާނެއް ނުކުރެއެވެ. މިއާޚިލާފަށް، އިންޑޮނޭޝިޔާގެ ރަށްވެހިކަމާގުޅޭ ޤާނޫނުތަކަށް ބަލާއިރު، މިކުޑަކުއްޖާ އިންޑޮނޭޝިޔާގެ ރައްވެއްސަކަށް ނުވާންވީ ސަބަބެއް ސާފެއްނޫނެވެ. ބައިނަލް އަޤްވާމީ މުޢާހަދާތަކުން ދައުލަތަށް ލާޒިމްކުރާ ކަމަކީ، އެޤައުމެއްގެ ދާޚިލީ ޤާނޫނުތަކާއި އެއްގޮތަށް ކުޑަކުއްޖަކަށް ރައްޔިތުކަން ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ދާޚިލީ ޤާނޫނުތަކާއި ޝަރުޢީ ހަމަތަކާއި އެ ޤައުމެއްގެ ރައްޔިތުންގެ ޤަބޫލުކުރާ ހަމަތަކާއި އާދަކާދައާއި ޚިލާފަށް އެކަން ކުރުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ނުދެކެމެވެ.
ދިވެހިރައްޔިތުކަން ހޯދައިދިނުން:
67ވަކި މީހަކަށް ނުވަތަ ވަކި ކުއްޖަކަށް ދިވެހިރައްޔިތުކަން ހޯދައިދިނުމަށް ދައުލަތުން ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތެއްގެ މަތިން ކުރާ މަސައްކަތްތަކަށް ވާންޖެހެއެވެ.
68ދިވެހި ރައްޔިތުންނަކީ ކޮބާކަން 1932 ވަނަ އަހަރު އެކަށައެޅުނު ޤާނޫނުއަސާސީން ފެށިގެން މިއަދާއިހަމައަށްވެސް ޤާނޫނުއަސާސީގައި ބަޔާން ކޮށްދެމުން އައިސްފައިވެއެވެ. ހަމައެކަނި އެބައި ފެންނާންނެތި، 23 އޭޕްރީލް 1942 ގައި ހިންގާލެވުނު "ކުޑަޤާނޫނުއަސާސީ" ގައެވެ. މިގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގައި "ދިވެހިރައްޔިތް" ކަމަށް ބަޔާން ކުރަނީ؛
ދިވެހިރައްޔިތް
3 ދިވެހިރާއްޖޭގެ ރައްޔިތެއްކަމުގައިވާނީ ދިވެހިރާއްޖެޔަށް އުފަންވި ކޮންމެ ދިވެއްސަކާއި. ބޭރުރަށަކަށްއުފަންވިޔަސް ބަފައި ދިވެހިރައްޔިތަކުކަމުގައިވާ ކޮންމެ މީހަކާއި. ބޭރުމީހުންކުރެ ރާއްޖޭގައި ހަތްއަހަރުވާދެން ވަޒަންވެރިވެހުރުމާއިއެކު، އެމީހާއެކަންއެދިގެން ރާއްޖޭގެ ޤާނޫނުއެމީހާއީ ދިވެހިރައްޔިތަކުކަމުގައި ޤަބޫލުކޮއްފި ކޮންމެ މީހެކެވެ. ރާއްޖޭގެ ރައްޔިތަކުކަމުގައި ވުން ޤަބޫލުކޮއްގެން ރާއްޖޭގެ އަންހެނަކާއި ބޭރުމީހަކުއިދެގެންލިބޭ ދަރީންނަކީ ދިވެހިރައްޔިތުންނެވެ.
މިފަދައިންނެވެ. މިޤާނޫނުއަސާސީންވެސް އުފަންވި ތަނަކީ ދިވެހިރާއްޖެކަމަށް ވިޔަސް، ދިވެހިރައްޔިތުކަން ދެނީ ދިވެހިންނަށްކަން އެނގެއެވެ. ދިވެހިރާއްޖެއަށް އުފަންވި ކޮންމެ މީހަކަށް ދިވެހިރައްޔިތުކަން ނުދޭކަން އެނގެއެވެ. ހަމައެހެންމެ، ބޭރު ރަށަކަށް އުފަންވިޔަސް އެކުއްޖެއްގެ ބަފައި ދިވެހިރައްޔިތެއްކަމަށް ވާނަމަ އެކުއްޖަކީ ދިވެހިރައްޔިތެއްކަން އެނގެއެވެ.
69ނަމަވެސް 1968 ގައި ޢަމަލު ކުރަންފެށި ޤަނޫނުއަސާސީގައި، "ދިވެހިރައްޔިތް" ބަޔާން ކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.
ދިވެހިރައްޔިތް
4. - ހ. މިޤާނޫނުއަސާސީ އިޢުލާނުކުރެވޭއިރު ދިވެހިރައްޔިތެއްގެ ޙައްޤު ލިބިފައިވާ ކޮންމެ މީހަކީ ދިވެހިރައްޔިތެކެވެ.
ށ- ދިވެހި އަންހެނަކު ބޭރުމީހަކާ އިދެގެން ލިބޭ ދަރިއަކުނޫން ކޮންމެ ދިވެހިއަންހެނަކަށް ލިބޭ ދަރިއަކާއި، ދިވެހި ބަފަޔަކަށް އުފަންދަރިއަކީ ދިވެހި ރައްޔިތެކެވެ. ނ- ބޭރުމީހުންކުރެ ރާއްޖޭގެ ޤާނޫނު އެމީހާއީ ދިވެހި ރައްޔިތަކު ކަމުގައިވުން ޤަބޫލުކޮށްފި ކޮންމެ މީހަކީ ދިވެހިރައްޔިތެކެވެ. ރ- ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ރައްޔިތަކު ކަމުގައިވުން ޤަބޫލުކޮށްގެން ރާއްޖޭގެ އަންހެނަކާއި ބޭރުމީހަކު އިދެގެންލިބޭ ދަރީންނަކީ، ދިވެހިރައްޔިތުންނެވެ. ބ- މިމާއްދާގެ ހ، ށ، ނ، އަދި ރ، ގައި ބުނެފައިވާ ގޮތުން ދިވެހިރައްޔިތެއްކަމުގެ ޙައްޤު ލިބިފައިވާ މީހެއްގެ ކިބައިން ޤާނޫނުގައި ވާގޮތުގެ މަތީން އެ ޙައްޤު ނުގުޅިދާނެއެވެ.
މިފަދައިންނެވެ. މިޤާނޫނުއަސާސީ ބަޔާންކުރާ ގޮތުން، ދިވެހި އަންހެނަކު، ބޭރު މީހަކާއި އިދެގެން ލިބޭ ދަރިން ދިވެހިރައްޔިތުންނަކަށް ނުވެއެވެ. ނަމަވެސް އެނޫން ގޮތެއްގައި ދިވެހި އަންހެނަކަށް ލިބޭ ކޮންމެ ދަރިއަކާއި ދިވެހި ބަފަޔަކަށް އުފަން ދަރިއަކީ ދިވެހިރައްޔިތުންނެވެ.
70ދިވެހި އަންހެނަކު ބޭރުމީހަކާއި އިދެގެން ލިބޭ ދަރިން ދިވެހިރައްޔިތުންނަށް ނުވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން، 1998 ގައި ޢަމަލު ކުރަންފެށި ޤާނޫނުއަސާސީން ބަދަލު ކުރެވިފައިވެއެވެ. އެޤާނޫނުއަސާސީގައި ދިވެހިރައްޔިތެއް ކަމަށް ބަޔާން ކޮށްފައިވަނީ، ދިވެހިރައްޔިތުން 5. ތިރީގައި މިވާ މީހުންނީ، ދިވެހިރައްޔިތުންނެވެ. (ހ) މި ޤާނޫނުއަސާސީ ހިންގަންފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް. (ށ) ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް. (ނ) ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސީއެއް.
މިފަދައިންނެވެ. ވީމާ، ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއަކީ ދިވެހިރައްޔިތެކެވެ. މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީ 2008 ގައި ވެސް މިކަން އޮތީ މިގޮތަށެވެ. އެޤާނޫނުއަސާސީގައި ދިވެހި ރައްޔިތް ކަމުގައި ބަޔާން ކުރަނީ، ދިވެހިރައްޔިތުން 9. (ހ) ތިރީގައި މިވާ މީހުންނަކީ، ދިވެހިރައްޔިތުންނެވެ.
1. މި ޤާނޫނުއަސާސީ ޢަމަލުކުރާން ފަށާއިރު ދިވެހިރައްޔިތެއް ކަމުގައިވާ ކޮންމެ މީހެއް.
2. ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް.
3. ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސީއެއް.
(ށ) ދިވެހިރައްޔިތެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައެއް ނުގަނެވޭނެއެވެ.
(ނ) ދިވެހިރައްޔިތުންކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ.
މިފަދައިންނެވެ. ވީމާ، ސުވާލަކީ "ދިވެހިރައްޔިތަކަށް އުފަން ދަރި" މީގެ މާނައަކީ ކޮބާ ހެއްޔެވެ؟
"ދިވެހިރައްޔިތަކަށް އުފަން ދަރި" މާނައަކީ ކޮބާ؟
71ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ވަރި ކާވެންޏާބެހޭ ޤާނޫނީ އަދި ޝަރުޢީ ހަމަތަކަށް ބަލާއިރު، އުޞޫލެއްގެ ގޮތުން، އުފަންދަރިއެއް ކަމަށް ބަލަނީ ޞައްޙަ ކާވެންޏަކުން ކާވެނިކުރުމަށްފަހު، ކާވެނިމަތީގައި ދެމަފިރިންނަށް ލިބޭ ދަރިންނަށެވެ. ނަމަވެސް ބައެއް ޙާލަތުގައި، ކާވެނީގެ ޞައްޙަކަމާމެދު ސުވާލު އުފެދި އެކާވެނި ޞައްޙަ ނޫންކަމަށް ކަނޑައެޅޭ ހާލަތުގައިވެސް، ޝިބުހު ވަޠީއެއްގެ ގޮތުގައި ބަލައި އެކާވެންޏަށް ލިބިފައިވާ ދަރިން ޞައްޙަކަމަށް ކަނޑައަޅައި އުފަންދަރިން ކަމުގައި ބަލައެވެ.
72ދިވެހިރައްޔިތުންގެ ތެރެއިންވާ ކޮންމެ އަންހެނަކަށް އުފަން ކުއްޖަކީ ދިވެހިރައްޔިތެއްކަމަށް ބެލުމުގައި ޤާނޫނީ ހުރަހެއް އޮތް ކަމަކަށް ނުދެކެމެވެ. ވަކި ކުއްޖަކީ ދިވެހިރައްޔިތުންގެ ތެރެއިން ފިރިހެނަކަށް އުފަން ކުއްޖެއްކަމަށް ބުނުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ފަސޭހަ ކަމެއް ނޫނެވެ. ވަކި ކުއްޖެއްގެ ބައްޕައަކީ ކާކުތޯ ސުވާލު އުފެދޭ ޙާލަތުގައި، އެކަން ކަނޑައަޅަންޖެހޭނީ، އެކަން ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައަޅާފައިވާ ހަމަތަކުންނެވެ. މިމައްސަލައިގައި އެސުވާލު އުފެއްދި ފަރާތަކީ ދައުލަތެވެ.
73ދައުލަތުން މިސުވާލު އުފެއްދުމަށްފަހު، ކުޑަކުއްޖާގެ ބައްޕައަކީ ދިވެހިރައްޔިތުންގެ ތެރެއިން ވަކި ފިރިހެނެއްކަމަށް ކަނޑައެޅުމަށް ދަށު ކޯޓަށް މައްސަލަ ހުށަހެޅި ފޯމުގައި، އެދަރި ނިސްބަތްކުރާން އެދޭ ފިރިހެން މީހާއަށް ކުޑަމިނުން ދަޢުވާ ރައްދުކޮށްފައި އޮތްކަންވެސް އެނގޭކަށް ނެތެވެ. ވީމާ ދިވެހި ރައްޔިތަކަށް އުފަންދަރިއެއް ކަމަށް ޤާނޫނުއަސާސީގައި ބަޔާންކުރާ ކުރުމަށް ބަލައިގެން، ދިވެހިރައްޔިތަކަށް ކުޑަކުއްޖަކު ދޭން އެދޭ ޙާލަތުގައި، އެކުއްޖާ ނިސްބަތްކުރަނީ އެކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލު އުފެދޭ ޙާލަތެއްގައިހުރި ކުއްޖެއްނަމަ، އެގޮތް ނިންމޭނީ ޤާނޫނީ ޝަރުޢީ ހަމަތަކުން އެކުއްޖާގެ ދަރިލެއްވުމާއި ނަސަބު ސާބިތުކުރުމަށް އާއިލާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އަދި އިސްލާމީ ޝަރުޢީ ހަމަތަކުންނެވެ.
ނިންމުން:
74ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، މިމައްސަލަ ފެމެލީ ކޯޓަށް ބަލައި ނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން މުރާޖަޢާކޮށް އެކޯޓުގެ އިސްފަނޑިޔާރު ނިންމި ނިންމުން ރަގަޅު ކަމަށް އަހުރެންނަށް ބުރަވެވޭތީ، ރިޔާސަތުގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު:
މައްސަލައިގެ ފަސްފަހަތް:
75މައްސަލައިގެ ފަސްފަހަތަށް ބަލާއިރު، [ކުއްޖާގެ ނަން އުނިކުރެވިފައި]އަކީ އިންޑޮނޭޝިޔާގެ ރައްޔިތެއްކަމުގައިވާ [މަންމަގެ ނަން އުނިކުރެވިފައި] 09 ސެޕްޓެންބަރު 2007މ./09 ރަމަޟާން 1428ހ. ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވިހާފައިވާ ކުއްޖެއްކަން ފޫޅުމާ ފޯމުންނާއި ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓުން އެނގެއެވެ. މި މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން [މަންމަގެ ނަން އުނިކުރެވިފައި]އާއި [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]އާ ދެ މީހުން ސްރީލަންކާގެ "މުސްލިމް މެރިޖް ރަޖިސްޓަރ" ގައި 19 އެޕްރީލް 2007ގައި ކޮށްފައިވާ ކައިވެނި ދިވެހިރާއްޖޭގެ ފެމިލީ ކޯޓުގައި ރަޖިސްޓަރކޮށްފައިވާކަން އެނގެއެވެ.
76[ކުއްޖާގެ ނަން އުނިކުރެވިފައި] އުފަންވެފައިވަނީ ދިވެހިރާއްޖޭގައިކަން އެނގޭއިރު، މި ކުއްޖާ ވިހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ކުއްޖާގެ މަންމަ ދިވެހިރާއްޖެއިން ފުރައިގެން ގޮސްފައިވާކަމާއި، މިހާތަނަށް ދިވެހިރާއްޖެއަށް އަނބުރާ އައިސްފައިނުވާކަމަށާއި، މި ކުއްޖާގެ މަންމަ މި ކުއްޖާ ދޫކޮށް ދިޔުމުން، މި ކުއްޖާ ބަލަމުންދިޔައީ [މަންމަގެ ނަން އުނިކުރެވިފައި] ކައިވެނިކޮށްގެން އުޅޭ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ މަންމަ މަރްޔަމް ފާއިޒާކަމަށާއި، މަރްޔަމް ފާއިޒާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުމުންނާއި، މި ކުއްޖާއަކީ އެ ޢާއިލާގެ އެއްވެސް ފަރާތަކާއި ޝަރުޢީ އަދި ޤާނޫނީގޮތުންވެސް ގުޅުމެއް ހުރި ކުއްޖެއްކަމުގައި ނުވާތީ 28 ނޮވެންބަރު 2012ގައި މި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމުގައި މި ކުއްޖާއާ ގުޅޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
77[މަންމަގެ ނަން އުނިކުރެވިފައި] ހޯދުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް މަސައްކަތްކުރެވުނުކަމަށާއި، [މަންމަގެ ނަން އުނިކުރެވިފައި] އޭރު ދިރިއުޅެމުންދިޔައީ ކޮރެއާގައިކަމަށްވާތީ، އެކަން ކުރެވިފައިނުވާކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މަޢުލޫމާތު ދީފައިވާކަމަށާއި، މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ޤާއިމުކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީއިން [މަންމަގެ ނަން އުނިކުރެވިފައި] ދިރިއުޅޭ ކަމަށް ބުނެ ފޮނުވި އެޑްރެސް އަދި ފޯނު ނަންބަރު މެދުވެރިކޮށް [މަންމަގެ ނަން އުނިކުރެވިފައި]އަށް ގުޅުމަށް ކުރެވުނު މަސައްކަތްވެސް ކާމިޔާބުވާގޮތް ވެފައިނުވާކަން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ފާހަގަކޮށްފައިވެއެވެ.
78[ކުއްޖާގެ ނަން އުނިކުރެވިފައި] ށް ވަގުތީ އުފަންދުވަހުގެ ސެޓްފިކެޓެއް ހައްދާ ދެވިފައިވީނަމަވެސް، މި ކުއްޖާއަކީ ދިވެހި ރައްޔިތެއްކަން ނުވަތަ ދިވެހި ރައްޔިތެއްގެ ދަރިއެއްކަން އެނގެން ނެތުމުން، މި ކުއްޖާއަށް ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓެއް ނުވަތަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދައިދެވިފައިނުވާތީއާއި، މި ކުއްޖާއަކީ މިހާތަނަށް ދިވެހިރާއްޖޭގައި ނުވަތަ އެހެން އެއްވެސް ޤައުމެއްގެ ރައްޔިތުކަން ލިބިފައިވާ ކުއްޖެއްކަމުގައިނުވާތީ، މިކަމުގެ ޙާލަތަށާއި ޒާތަށް ރިޢާޔަތްކޮށް، ދިވެހި ރައްޔިތުކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަލައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް މި ކުއްޖާއަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށް އެދި ދިވެހި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
79ސިވިލް ކޯޓުގެ ނަންބަރު 4487/Cv-C/2018 ޤަޟިއްޔާއިން މި މައްސަލަ ނިންމިގޮތް މި މައްސަލައިގެ ރިޔާސަތުގެ ރައުޔުގެ 5 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާތީ، އެކަން ތަކުރާރެއްނުކުރާނަމެވެ. އެ މައްސަލައިގެ ނިންމުމުގެ ޚުލާޞާއަކީ އެ މައްސަލައިގެ އަސާސީ ބަޔަކީ ކުއްޖާގެ ނަސަބު ސާބިތުކުރުން ކަމުގައި ބަލައި، އޭގެ ސާނަވީ ބައިގެ މައްސަލައަކީ މި ކުއްޖާގެ ދިވެހި ރައްޔިތަކަށްވުންކަމާއި މެދުގައި ގޮތެއް ކަނޑައެޅުންކަމަށްވާތީ، އޭގެ އަސާސީ ބަޔާއި މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، އޭގެ ސާނަވީ ބަޔާއި މެދު އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމެވެ.
80ދައުލަތުން (މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން) (މީގެ ފަހުން "ދައުލަތް") "ޢާއިލީ އެހެނިހެން މައްސަލަތަކުގެ ދަޢުވާ ފޯމު" އިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަމުގައިވާ [ކުއްޖާގެނަން އުނިކުރެވިފައި] އަކީ [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅިއެވެ. މި މައްސަލަ ހުށަހެޅިއިރު، ކުއްޖާގެ ފޫޅުމާ ފޯމާއި، ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއި، [ފިރިހެނާގެ ނަން އުނިކުރެވިފައި]އާއި [މަންމަގެ ނަން އުނިކުރެވިފައި] ކައިވެނި ރަޖިސްޓްރީކޮށްފައިވާ ލިޔުމުގެ ކޮޕީއަކާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން ތައްޔާރުކޮށްފައިވާ "ކުއްޖާއާބެހޭ ރިޕޯޓު"ގެ ކޮޕީއަކާއި، ޑީ.އެން.އޭ ޓެސްޓު ހެދުމަށް [ފިރިހެނާގެ ނަން އުނިކުރެވިފައި] އެއްބަސްވި ލިޔުމުގެ ކޮޕީއަކާއި، ޑީ.އެން.އޭ ޓެސްޓުގެ ނަތީޖާގެ ކޮޕީ ހުށަހަޅާފައިވެއެވެ. އަދި ހެއްކެއްގެ ގޮތުގައި [ފިރިހެނާގެ ނަން އުނިކުރެވިފައި] ޙާޟިރުކުރުމަށްވެސް އެދިފައިވެއެވެ.
81މި ފޯމު ބަލައިނުގަތުމަށް ފެމިލީ ކޯޓުން ނިންމިއެވެ. މި ނިންމުން ނިންމާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުން، މި މައްސަލައަކީ ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލައެއްކަން އެނގޭކަމާއި، މި މައްސަލަ ހުށަހަޅާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ ފޯމުން ކަމުގައިނުވާއިރު، ކުއްޖެއްގެ ނަސަބު ސާބިތުކުރުމަށް އެދި މައްސަލަ ހުށަހަޅާއިރު ފުރިހަމަވާންޖެހޭ ޢާއިލާއާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާއާއި، ޢާއިލާއާބެހޭ ގަވާއިދުގެ 81 ވަނަ މާއްދާގެ (ރ)ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުޠުތައް މި މައްސަލައިގައި ފުރިހަމަނުވާތީއާއި، މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއްކަމުގައިނުވާތީ ފޯމު ބަލައިގަނެވެން ނެތްކަމުގައެވެ.
82މި ނިންމުން އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅުމުން، މި ނިންމުމަށް ތާއީދުކޮށް ފެމިލީ ކޯޓުގެ ނަންބަރު IQB/2020/388 (30 ނޮވެމްބަރު 2020) "ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންނިގޮތް" އިން ނިންމާފައިވެއެވެ. މި ނިންމުމަށް ވާސިލުވުމުގައި ކޯޓުން ފާހަގަކޮށްފައިވާ ކަންކަން ރިޔާސަތުގެ ރައުޔުގެ 10 ވަނަ ނުކުތާގައި ތަފްޞީލުކޮށްފައިވެއެވެ.
83މި މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު، ފެންނަން އޮތް ޙަޤީޤަތްތަކަކީ މި ކުއްޖާ އުފަންވެފައިވަނީ ދިވެހިރާއްޖޭގައިކަމާއި، މި ކުއްޖާ އުޅެފައިވަނީ އަދި އުޅެމުންދަނީވެސް މި ވަޒަނުގައިކަމާއި، މި ކުއްޖާގެ މަންމަ އުޅޭ ތަނެއް ހޯދުމަށް މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުވެފައިނުވާކަމާއި، 28 ނޮވެންބަރު 2012އިން ފެށިގެން މި ކުއްޖާ ބަލަހައްޓަމުންދަނީ ދިވެހި ދައުލަތުންކަމާއި އަދި މި ކުއްޖާ އެއްވެސް ޤައުމަކަށް ނިސްބަތްވާގޮތަށް ދާއިމީ އުފަންދުވަހުގެ ސެޓްފިކެޓެއް އަދި އައިޑީކާޑެއް ނެތްކަމެވެ. މީގެ އިތުރުން، މި ކުއްޖާއަކީ އެހެން ކުދިންނާއި މުޅިން ތަފާތު ޙާލަތެއްގައި ހުރި ކުއްޖެއްކަމަށް ބަލައި، ކޯޓުތައް މެދުވެރިކޮށް މި ކުއްޖާއަށް ލިބިދޭންޖެހޭ ޙައްޤުތައް ފޯރުކޮށްދިނުމަށް، އަދި މި ކުއްޖާއަކީ ދިވެހި ރައްޔިތެއްގެ ދަރިއެއްތޯ ކަނޑައެޅުމަށް، 2018 ވަނަ އަހަރުން ފެށިގެން ދައުލަތުން މަސައްކަތްކުރަމުންދާކަންވެސް ފާޅުވާއިރު، މިކަން ކަނޑައެޅުމަށް އަދާއި ހަމައަށް މަޙައްލެއް ލިބިފައިނުވާކަން އެނގެއެވެ.
މިއީ ނަސަބު ސާބިތުކުރުމަށް ހުށަހެޅުނު މައްސަލައެއްތޯ:
84ފެމިލީ ކޯޓަށް 30 އެޕްރީލް 2019ގައި ދައުލަތުން ހުށަހެޅި ދަޢުވާ ފޯމުން އެ މައްސަލައަކީ ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގޭއިރު، އެފަދަ މައްސަލަތަކަކީ ޢާއިލާއާބެހޭ ޤާނޫނާއި ޢާއިލާއާބެހޭ ގަވާއިދުގައި ބުނާ ނަސަބު ސާބިތުކުރުމުގެ މައްސަލައެއްކަމުގައި އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުމުގައިވެއެވެ.
85ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި، މި މައްސަލައަކީ "...[ކުއްޖާގެ ނަން އުނިކުރެވިފައި] (11 އަހަރު) އަކީ [އެޑްރެސް އުނިކުރެވިފައި]، [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި" ދިވެހި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެއެވެ.
86ނަސަބުގެ މާނައަކީ ފިރިހެނާއާއި އަންހެނާގެ މަނި ޝަރީޢަތް ހުއްދަކުރާ ގޮތަށް އެއްވުމެވެ. އެއީ ވަކި ކުއްޖަކީ ވަކި ފިރިހެނެއްގެ ޝަރުޢީ ދަރިއެއް ކަމުގައި ޝަރީޢަތުން ސާބިތުކުރުމެވެ. މިގޮތުން ނަސަބު ސާބިތުކުރެވޭނެ ގޮތްތައް ޢާއިލާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
87މި މައްސަލައަކީ ވަކި ފިރިހެނެއްގެ ޝަރުޢީ ދަރިއެއް ކަމުގައި ޝަރީޢަތުން ސާބިތުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްނޫނެވެ. ދައުލަތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ފޯމުގައިވާ ފަދައިން މި މައްސަލައިގައި ދައުލަތުން އެދެނީ [ކުއްޖާގެނަން އުނިކުރެވިފައި]އަކީ [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ދަރިއެއްކަން މަދަނީ މިންގަނޑުން ސާބިތުކުރުމަށެވެ. އަދި އެކަން މަދަނީ މިންގަނޑުން ސާބިތުކުރުމަށް އެދި ފޫޅުމާ ފޯމާއި (މި ފޯމުގައި ކުއްޖާގެ ބައްޕަގެ ގޮތުގައި [ފިރިހެނާގެ ނަން އުނިކުރެވިފައި]ގެ ނަން ޖަހައި ސޮއިކޮށްފައިވާ ފޯމާއި) ޑީއެންއޭ ޓެސްޓު ހެދުމަށް [ފިރިހެނާގެ ނަން އުނިކުރެވިފައި] އެއްބަސްވި ލިޔުމުގެ ކޮޕީއާއި، ޑީއެންއޭ ޓެސްޓުގެ ނަތީޖާއާއި އަދި ކުއްޖާ ހުރި ޚާއްޞަ ޙާލަތު ބަޔާންކުރުމުގެ ގޮތުން ކުއްޖާއާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ "ކުއްޖާއާބެހޭ ރިޕޯޓު" ހުށަހަޅާފައިވެއެވެ.
88ނަސަބު ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހެޅުމަށް ވަކި ފޯމެއް ޚާއްޞަކުރެވިފައިވާއިރު، މި މައްސަލަ ހުށަހަޅާފައިވަނީ އެ ފޯމުން ނޫންކަމާއި، އަދި ދައުލަތުގެ މަޤްޞަދަކީވެސް ކުއްޖާގެ ނަސަބު ސާބިތުކުރުންނޫންކަން ދައުލަތުން ހުށަހެޅި ފޯމުން އެނގެން އޮތްއިރު، ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލައަކީ ކުއްޖާގެ ނަސަބު ސާބިތުކުރުމަށް އެދި ހުށަހެޅި މައްސަލައެއްކަމުގައި ފެމިލީ ކޯޓުގެ ރަޖިސްޓްރާރ ނިންމައި، އަދި ހުށަހެޅިފައިވާ ވާޤިއާތަކަށް ބަލައި، އެއީ "ނަސަބު ސާބިތުކުރުމަށް އެދި" ހުށަހަޅާ މައްސަލައެއްކަމުގައި ރަޖިސްޓްރާރ ނިންމުން އަލުން ބަލައި ނިންމިގޮތުގެ ބަޔާންކޮށްފައިވަނީ ރަނގަޅަށްކަމުގައި ނުދެކެމެވެ.
89ދެން މި ޝަރީޢަތުން ބަލަންޖެހެނީ ދައުލަތުން ހުށަހެޅި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ފެމިލީ ކޯޓަށް ލިބިފައިވޭތޯއެވެ. ނުވަތަ މިފަދަ ބާވަތުގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަމުންދޭތޯއެވެ. އަދި ކުދިންނާ ގުޅޭ މައްސަލަތައް ބެލުމުގައި ޝަރީޢަތުން ނަޒަރުކުރަންޖެހޭ އަސާސަކީ ކޮބައިތޯއެވެ.
ކުދިންގެ މަޞްލަޙަތަށް އިސްކަންދިނުން:
90މި މައްސަލައިގައި މި ހިމެނެނީ ޚާއްޞަ ޙާލަތެއް ތަހައްމަލުކުރަމުންދާ ކުއްޖެއްކަމާމެދު ޝައްކެއްނެތެވެ. މި ކުއްޖާއަކީ ރާއްޖެއަށް އުފަންވެފައިވާ ކުއްޖެއްކަމުގައިވާއިރު، މި ކުއްޖާގެ އުފަން މަންމައަކީ އިންޑޮނޭޝިޔާއަށް ނިސްބަތްވާ މީހަކަށްވެ، އެ މީހާ މި ކުއްޖާ ދޫކޮށް ފިލާ އުޅޭ ނޫޅޭތަނެއް ނޭނގި، ދައުލަތުން އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ މީހާ އުޅޭ ވަކި ޤައުމެއް ހޯދިފައިނުވެއެވެ. މި ކުއްޖާގެ އުމުރުން 05 (ފަހެއް) އަހަރުން ފެށިގެން މި ކުއްޖާ ބަލަހައްޓަމުންދަނީ ދައުލަތުންނެވެ. މި ކުއްޖާއަކީ އެއްވެސް ޤައުމެއްގެ ދަފްތަރުގައި ރައްޔިތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކުއްޖެއްނޫނެވެ. އިންޑޮނޭޝިޔާގެ ރަށްވެހިކަމާގުޅޭ ޤާނޫނުގައި އިންޑޮނޭޝިޔާގެ އަންހެނަކަށް ލިބޭ ކޮންމެ ކުއްޖަކީ، އިންޑޮނޭޝިޔާގެ ރައްވެއްސެއްގެ ގޮތުގައި ބެލެވޭނެ ކަމުގައި ބަޔާންކުރާއިރު، [ކުއްޖާގެނަން އުނިކުރެވިފައި]ގެ އުފަން މަންމަ [މަންމަގެ ނަން އުނިކުރެވިފައި]އަކީ އިންޑޮނޭޝިޔާގެ ރައްޔިތެއްކަން އެނގުނުނަމަވެސް، [މަންމަގެ ނަން އުނިކުރެވިފައި] މި ކުއްޖާ ފިލާ ދޫކޮށް ދިޔުމުގެ ސަބަބުން، އަދި އޭނާއުޅޭ ވަކި ތަނެއް ހޯދިފައިނުވުމުގެ ސަބަބުން، އިންޑޮނޭޝިޔާގެ ރައްޔިތެއްގެގޮތުގައި މި ކުއްޖާ ދަފްތަރުވެފައިނުވާކަން އެނގި ހާމަވެއެވެ.
91ޤައުމިއްޔަތެއް ނެތް މީހަކީ ނުވަތަ ”stateless person“ އަކީ ދައުލަތެއްގެ ޤާނޫނީ ނިޒާމުގެ ތެރެއިން އެއްވެސް ޤައުމަކަށް ނިސްބަތްނުވާ މީހެކެވެ. މިއީ ދައުލަތްތަކުގެ ޤާނޫނީ ނިޒާމުގެ ތެރެއިން ރައްޔިތެއްގެ ގޮތުގައި އެ ޤައުމު ދެނެގަނެ، އެ ޤައުމުގައި ރައްޔިތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިނުވާ މީހުންނެވެ. މީގެ ސަބަބުން ޤައުމެއްގެ ރައްޔިތަކަށް ލިބޭ ޙައްޤުތައް ލިބުމުން އެ މީހަކު މަރުހޫމުވެގެންދެއެވެ. ބައެއް ކުދިންނަކީ ޤައުމިއްޔަތެއްނެތި އުފަންވާ ކުދިންނަށްވާއިރު، ބައެއް ޙާލަތްތަކުގައި، ރައްޔިތުކަން ނިގުޅިގެންދާ ޙާލަތްތައްވެސް ކުރިމަތިވެއެވެ. މިސާލަކަށް ބައެއް ޤައުމުތަކުގައި އޮންނަ ތަފާތުކުރުންތަކުގެ ސަބަބުން ބައެއް މީހުންނަކީ (minority groups on the basis of race and ethinicity) ރައްޔިތުންކަމުގައި ބަލައިގަތުމަށް އިންކާރުކުރުމާއި، ނުވަތަ އައު ޤައުމެއް އުފައްދައި، ދޭދޭ ޤައުމު ދެމެދުވާ ސަރަހައްދު ފަރަގުކުރުމާއި ގުޅިގެން ވަކި ޤައުމަކަށް ނިސްބަތްނުވުމާއި، ނުވަތަ އުފަންވުން ދާއިމީ އުޞޫލަކުން ރަޖިސްޓްރީވެފައިނުވުން ފަދަ ޙާލަތްތަކަކީ ވަކި ޤައުމިއްޔަތެއްނެތް ކަމަށް ބެލެވޭ ޙާލަތްތަކެވެ.
92ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) (މީގެ ފަހުން "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު") އަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، އެ ކުދިންނާ މަތިކުރެވިފައިވާ ޒިންމާތަކާއި، ކުދިންނާއި ގުޅޭގޮތުން ޢާއިލާއާއި، ޖަމާޢަތާއި، ދައުލަތާއި އަދި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނު ކަމުގައިވާއިރު، މި ޤާނޫނުގެ އެއް މަޤްޞަދަކީވެސް ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމެވެ. މި ޤާނޫނުގައި ކޮންމެ ކުއްޖަކަށްވެސް އުފަންވުން ރަޖިސްޓްރީވުމާއި ނަމާއި ޤައުމިއްޔަތުގެ ޙައްޤު ލިބިގެންވާކަމުގައި ބަޔާންކުރެއެވެ. މިގޮތުން ކޮންމެ ކުއްޖަކުވެސް އުފަންވުމާއެކު، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީކުރެވިފައި އޮތުމުގެ ޙައްޤު ލިބިގެންވާކަމާއި، މިކަމުގެ ތެރޭގައި ޤައުމީ ނިސްބަތްވުން ހިމެނޭގޮތަށް، ކުއްޖާގެ އުފަންވުމާ ގުޅޭ އެންމެހާ މަޢުލޫމާތު ރަޖިސްޓްރީކުރެވިފައި އޮތުމުގެ ޙައްޤު ހިމެނޭކަން ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ)ގައި ބަޔާންކުރެއެވެ. މީގެ އިތުރުން ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކަށް، ދިވެހި ރައްޔިތުކަން ލިބިގެންވާކަންވެސް މި މާއްދާގެ (ނ) ގައި ބަޔާންކުރެއެވެ.
93މި ޤާނޫނު މާނަކުރަންވާނީ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައިވާއިރު، Universal Declaration of Human Rights ގައި ކޮންމެ މީހަކަށް ޤައުމިއްޔަތުގެ ޙައްޤު ލިބިގެންވާކަން ބަޔާންކުރެއެވެ. ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (Convention on the Rights of the Child) ގެ 7 ވަނަ މާއްދާއާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (International Covenant on Civil and Political Rights) ގެ 24 ވަނަ މާއްދާގައި ކުއްޖަކު އުފަންވުމާއެކު ވަގުތުން ރަޖިސްޓްރީކުރަންވާނެކަމާއި، އަދި އެ ކުއްޖާއަށް ޤައުމިއްޔަތުގެ ޙައްޤު ލިބިގެންވާކަމުގައި ބަޔާންކުރެއެވެ.
ޤައުމަކަށް ނިސްބަތްވުމުގެ މުހިންމުކަމާއި، ޤައުމަކަށް ނިސްބަތްވާވުން ދަފްތަރުކުރެވިފައިވާކަމުގެ މުހިންމުކަން މި މުއާހަދާއާ ގުޅޭ ޖެނެރަލް ކޮމެންޓްތަކުގައިވެސް ފާހަގަކޮށްފައިވެއެވެ.
94ދައުލަތުގެ އިދާރާއަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ނުވަތަ ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަޞްލަޙަތު ހިމާޔަތްކުރުމަށްކަމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އަދި މިގޮތުން ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއް ނިންމަންވާނީ، އެ ކުއްޖަކު ހުރި ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންކަމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރެއެވެ.
95ކުދިންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ކުދިންގެ މަޞްލަޙަތަށް އިސްކަންދިނުން ނުވަތަ to protect the best interest of the child އަކީ ބޭނުންކުރަންޖެހޭ އެންމެ މައި އަސާސީ މަފްހޫމެވެ. މިކަން ކުޑަކުދިންނާބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިންވެސް ކަށަވަރުކޮށްދީފައިވެއެވެ. އަދި މިކަން ވަޒަންކުރުމުގައި މި މުއާހަދާގެ މަޤްޞަދަށް ރިޢާޔަތްކޮށް، ކުދިންގެ ޙައްޤުތަކަކީ އެއް ޙައްޤު އަނެއް ޙައްޤާއި ވަކިނުކުރެވޭ ޔުނިވަރސަލް ޙައްޤުތަކެއްކަމާއި، މި މުއާހަދާގައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ މި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ޒިންމާއެއްކަމާއި، އަދި ކުދިންނާ ގުޅޭ ގޮތުން ނިންމުން ނިންމުމުގައި އެކި މަރުޙަލާތަކުގައި ކުދިންނަށް ކުރާނެ އަސަރުތަކަށް ރިޢާޔަތްކުރަން ޖެހޭކަމީ،
ކުޑަކުދިންނަށް ރައްކާތެރިކަން ދީ، އެ ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރުމުގައި އަހައްމިއްޔަތުކަން ދޭންޖެހޭނެ ކަންކަމެވެ.
96މި މައްސަލައިގައި ދިވެހިރާއްޖޭގައި އުފަންވެފައިވާ ކުއްޖެއްގެ މަޞްލަޙަތު ހިމެނޭއިރު، މި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގައި ކުއްޖާ ހުރި ޙާލަތަށް ރިޢާޔަތްކުރެވި، އެ ކުއްޖާގެ މަޞްލަޙަތަށް އިސްކަންދޭންޖެހޭނެކަމުގައި ދެކެމެވެ. މި މައްސަލައިގައި ހިމެނޭ ކުއްޖާއަކީ އެއްވެސް ޤައުމެއްގައި ދާއިމީ އުޞޫލަކުން ދަފްތަރު ކުރެވިފައިވާ ކުއްޖެއްނޫނެވެ. ދިވެހިރާއްޖެއިން މި ކުއްޖާއަށް ދޫކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓަކީ ވަގުތީގޮތުން މި ކުއްޖާއަށް ހަދާދެވިފައިވާ ސެޓްފިކެޓެއްކަމާއި، އަދި މި ކުއްޖާއަކީ ދިވެހިރާއްޖޭގައި މި ކުއްޖާއަށް އައިޑެންޑިފިކޭޝަން ކާޑެއް ހައްދައިދެވިފައިވާ ކުއްޖަކަށްނުވާއިރު، މި ކުއްޖާ ދިވެހިރާއްޖޭގައި އުފަންވެ، ދިވެހިރާއްޖެ ނޫން ތަނެއްގައި އުޅެފައިނުވާހިނދު، ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ހުރުމުގައި، މި ކުއްޖާއަށް ދިވެހިރާއްޖޭގެ ރައްޔިތުކަން ލިބިފައިވާ ކުދިންނަށް އެއްވެސް ދަތިއުނދަގުލެއް ތަކުލީފެއްނެތި ލިބިދޭ އަސާސީ ހައްޤުތަކާއި މަންފާތައް ލިބިދިނުމުން މި ކުއްޖާ މަހުރޫމްވެފައިވެއެވެ. މި ޚާއްޞަ ޙާލަތުގައި ހުރި މި ކުއްޖާއަށް އެއްވެސް އިދާރާއަކުން ދާއިމީ ފަރުވާއެއް، އަދި މި ކުއްޖާއާގުޅޭ ކަންކަން ނިންމުމުގައި ފައިސަލާކުރަނިވި މަޙައްލެއް ލިބިފައެއްނުވެއެވެ.
97ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ބާވަތުގެ ނުވަތަ އެއާ އެއްގޮތް މައްސަލަތައް އެ ކޯޓުގައި ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދޭތޯ ބަލާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބެންޖެހޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް ކުއްޖެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ޤާނޫނާ ޚިލާފަށް ހިފަހައްޓައިފިނަމަ، އެކަމަށް އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި އެކަން ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމުގައި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެއެވެ. މި ޤާނޫނުގެ ދަށުން، "ކޯޓު" ކަމުގައި މި ޤާނޫނުގެ 133 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ "ފެމިލީ ކޯޓަށެވެ. ނުވަތަ މި ޤާނޫނުގައި ބަޔާންކުރާ ކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ." މިފަދައިންނެވެ. މިކަންކަން މި ފާހަގަކުރީ، ފެމިލީ ކޯޓަށް ދައުލަތުން ހުށަހެޅި ދަޢުވާގައި މި ދަޢުވާ ހުށަހެޅި ސަބަބު ބަޔާންކުރުމުގެ ތެރޭގައި އެ ކުއްޖާއަށް ދިވެހިރާއްޖޭގެ ނުވަތަ އެހެން އެއްވެސް ޤައުމެއްގެ ރައްޔިތުކަން މިހާތަނަށް ލިބިފައިނުވާކަމާއި، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއަށް ޙަވާލާދީފައިވާތީ، މި ބަލަމުންދާ އިސްތިއުނާފުގައި މިހާރު އޮތް ޤާނޫނުގެ މަޤާމު ބަޔާންކުރުމުގެ ބޭނުމުގައެވެ.
ފެމިލީ ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައާ ގުޅޭ ބާވަތުގެ މައްސަލަތައް އެ ކޯޓުން ބަލަމުންދޭތޯ:
98މި މައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން އެދިފައިވަނީ މި މައްސަލައަށް ޙައްލެއް ލިބިދިނުމަށެވެ. މި ކުއްޖާއާ ގުޅޭ ގޮތުން ތަފާތު މައްސަލަތައް ހުށަހަޅާފައިވީނަމަވެސް، ހުށަހެޅިފައިވާ މައްސަލަތަކުގެ މައުޟޫޢުގައި ހިމެނޭ ކަންކަމާމެދު ޝަރީޢަތެއް ކުރެވި، ޝަރީޢަތުން އެކަމާ މެދު ގޮތެއް ކަނޑައަޅާފައިނުވާކަން އެނގެއެވެ. ކުއްޖާގެ މަޞްލަޙަތު ހިމާޔަތްކުރުމަށް އިސްކަންދީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުއްޖާއަށް ފޯރަމެއް ދިނުމުގެ ބޭނުމުގައި، ދައުލަތުން ހުށަހެޅި ބާވަތުގެ ނުވަތަ އެއާ އެއްގޮތް މައްސަލަތައް މިހާރު ފެމިލީ ކޯޓުން ބަލަމުންދޭތޯ ބަލާއިރު، ޤާނޫނު ނަންބަރު 31/2021 (ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (މީގެ ފަހުން "ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުއަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު") ގެ 60-5 ވަނަ މާއްދާގެ ދަށުން ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވެފައިވާ ކުއްޖަކީ، އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ އޭގެ ތެރެއިން އެއް ފަރާތް ކަމަށް ބުނާ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަން ސާބިތުކުރުމުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ފެމިލީ ކޯޓަށްކަމާއި، މި ބާވަތުގެ މައްސަލަތައް ބެލެމުގައި މި ކުދިންނަކީ ޚާއްޞަ އިސްތިސްނާ ޙާލަތެއްގައި ތިބި ކުދިން ކަމުގައި ބަލައި، މިފަދަ މައްސަލަތަކުގައި ހުށަހެޅޭ ހެކި ވަޒަންކޮށް ގޮތެއް ކަނޑައެޅުމުގައި ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރުމަށް އިސްކަން ދިނުމަށް މި ޤާނޫނުގައި ބަޔާންކުރެއެވެ.
99އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. ހުށަހެޅޭ ދަޢުވާއެއްގައި ޚަޞްމުން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުޞަތު ދެވި، ހުށަހަޅާ ހެކިތައް ވަޒަންކޮށް، އެ ހެކިތަކުގެ މައްޗަށް ބަލައި ވިސްނުމަށްފަހު ފަނޑިޔާރަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ދަޢުވާއާ މެދު ގޮތެއް ކަނޑައެޅިގެންދާންޖެހެއެވެ. މިއީ ހާމަކަމާއި އަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ މަފްހޫމެވެ. މިކަމުގެ މުހިންމުކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައިވެސް ބަޔާންކޮށްފައިވެއެވެ.
100ވަކި ބާވަތެއްގެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމުގައި ސަރީޙަކޮށް ޤާނޫނުގައި ބަޔާންކޮށްފައިނުވާނަމަ، ކޯޓުތަކުން އަބަދުވެސް އެ މައްސަލަތައް ބަލައިގަނެ ޝަރީޢަތް ކުރެވުމުގެ ޙައްޤު ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭނެކަމަށާއި، އެހެނީ މައްސަލައެއް ބަލައިގަތުމާމެދު ރަޖިސްޓްރާރ ނިންމާ ނިންމުން ގުޅިފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންވެފައިވާ އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤާކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/05 އަޙްމަދު ނާޡިމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
101ދައުލަތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ނަސަބު ސާބިތުކުރުމުގެ މައްސަލައެއް ކަމުގައި ފެމިލީ ކޯޓުން ނިންމައި މި ކުއްޖާއާ ގުޅޭ ގޮތުން ދައުލަތުން ހުށަހެޅި މައްސަލައިގައި ޝަރީޢަތްކުރުމުގެ ޙައްޤު ދީފައިނުވާއިރު، ދައުލަތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައަކީ ސީދާ ކުއްޖާގެ ނަސަބު ސާބިތުކުރުމަށް ހުށަހެޅި މައްސަލައެއްނޫންކަމަށް އަހަރެން ދެކޭ ސަބަބުތައް އިސްވެ ބަޔާންކޮށްފީމެވެ. މަދަނީ މިންގަނޑުން ކުއްޖާގެ ބައްޕަ ސާބިތުކުރުމަށް އެދި ހުށަހަޅާ މައްސަލަތަކަކީ ފެމިލީ ކޯޓުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ މައްސަލައެއްކަމުގައިނުވާތީ ދައުލަތުން ހުށަހެޅި ފޯމު ބަލައިގަނެވެން ނެތްކަމުގައި ފެމިލީ ކޯޓުން ނިންމާފައިވާއިރު، މި ދަޢުވާގެ ބާވަތާއި ދާދި އެއްގޮތް ބާވަތުގެ މައްސަލަތައް ފެމިލީ ކޯޓުން މިހާރު ބަލަމުންދާކަންވެސް އަހުރެންގެ ރައުޔުގައި ބަޔާންކޮށްފީމެވެ. ފެމިލީ ކޯޓުން މިހާރު ބަލަމުންދާ މި ދަޢުވާގެ ބާވަތާއި ދާދި އެއްގޮތް މައްސަލަތަކުގެ މައްޗަށް ހިނގާ ޤާނޫނީ އުޞޫލު މި މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ގިޔާސްކުރެވޭނެތޯ ބެލުމަކީ ކުރެވޭ ޝަރީޢަތެއްގެ ތެރޭގައި ކޯޓަކުން ނިންމަންޖެހޭ ނިންމުމެކެވެ.
102ދައުލަތުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ ތެރެއިން ދައުލަތުން އެދޭ އެދުމުގެ މައްޗަށް ޤާނޫނުގެ ތަރަހައިގެ ތެރެއިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވަކި ގޮތެއް ކަނޑައަޅަންޖެހޭނެކަމުގައި އަހުރެން ދެކެމެވެ. އެހެނީ މި މައްސަލައަކީ ކޯޓަކަށް ހުށަހެޅޭނެ މައްސަލައެއްކަންވެސް އެނގިގެންދާނީ، މި މައްސަލަ ޝަރީޢަތުން ބަލައި ދައުލަތުން ހުށަހަޅާފައިވާ ދަޢުވާ އަޑުއަހައި، ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ ވަޒަންކުރަންޖެހޭނަމަ، އެ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދައުލަތުން ކުޅަ ދަޢުވާއާމެދު ގޮތެއް ކަނޑައެޅިގެންކަމުގައިވާތީއެވެ. އަދި މިކަން ކުރެވޭނީ މިކަން ކުރުމަށް ފޯރަމެއް ލިބިދެވިގެންނެވެ.
103ބުނެވިދިޔަ ސަބަބުތަކަށްޓަކައި ފެމިލީ ކޯޓުގެ ނަންބަރު E1/2019/505 (29 ސެޕްޓެންބަރު 2019) ރަޖިސްޓްރާރގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް އެ ކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު IQB/2020/388 (30 ނޮވެންބަރު 2020) "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތް" ބާޠިލުކޮށް މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ. އަދި ދައުލަތުގެ ފަރާތުން ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަ އެ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ފެމިލީ ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައަކީ އެ ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ކަނޑައަޅައި މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ފެމިލީކޯޓުގެ ނަންބަރު IQB/2020/388 'ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމި ގޮތް' އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރިޢާޔަތްކޮށް، އެ ނިންމުމަށް ބަދަލުގެންނަން ޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ސަލީމް
(ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 51 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 53 ވަނަ މާއްދާ
- ޢާއިލާއާބެހޭ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) (ޙުކުމުގައި "33 ވަނަ މާއްދާ (ކުރީގެ 23 ވަނަ މާއްދާ)" ވެސް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 3
- ޤާނޫނުއަސާސީގެ ދިވެހިރައްޔިތުކަމާބެހޭ މާއްދާ (ދިވެހިރައްޔިތަކަށް އުފަން ކޮންމެ ދަރިއެއް) (ޙުކުމުގައި މާއްދާ ނަންބަރު ޑިޖިޓް އޮޅިފައި)
- ޤާނޫނުއަސާސީގެ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ މާއްދާ (ޙުކުމުގައި "13 ވަނަ މާއްދާ" ކަމަށް؛ ޑިޖިޓް އޮޅިފައި - ޚިލާފު ރައުޔުގައި)
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (ޚިލާފު ރައުޔުގައި؛ ޤާނޫނު ނަންބަރާއި މާއްދާ ނަންބަރުތައް ޑިޖިޓް އޮޅިފައި)
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 5-62 ވަނަ މާއްދާ (ފުޓްނޯޓް/ޚިލާފު ރައުޔު؛ ނަންބަރުތައް ޑިޖިޓް އޮޅިފައި)
- Convention on the Rights of the Child, Article 3(1), Article 7
- Universal Declaration of Human Rights, Article 15
- International Covenant on Civil and Political Rights, Article 24
- Convention relating to the Status of Stateless Persons 1954, Article 1(1)
- Citizenship of the Republic of Indonesia (Law No. 12 of 2006), Articles 4, 5, 6
- ކުރީގެ ޤާނޫނުއަސާސީތަކުގެ (ފުރަތަމަ ޤާނޫނުއަސާސީން ފެށިގެން) ދިވެހިރައްޔިތުކަމާބެހޭ މާއްދާތައް (ތާރީޚީ ގޮތުން؛ އަހަރުތަކުގެ ޑިޖިޓް އޮޅިފައި)
- 2021/HC-A/57
- C/2018-4486/Cv (ސިވިލް ކޯޓު)
- 2022/SC-A/05
- 2019/SC-A/61
- 2019/SC-A/15
- 2020/SC-A/100
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.