ޢަލީ ޒުބައިރު، ޙުސައިން ޒަހީން އަދި އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން ބަންދު މުރާޖަޢާކޮށް ބަންދު އަމުރުތަކަށް ބަދަލު ނުގެނައެވެ. ހައިކޯޓުން ފަނޑިޔާރުންގެ އަޣްލަބިއްޔަތުން (ފަނޑިޔާރު ފާޠިމަތު ފަރުހީޒާ ޚިލާފުވެ) ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ނުގެނައެވެ.
- ވާޤިޢާ
- މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ޓްރެފިކްކުރުމުގެ ތުހުމަތުގައި އިސްތިއުނާފުކުރި ތިން ފަރާތް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 2020 އެޕްރީލްގައި އަމުރުކުރިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތަށް 30 ދުވަހުން ބަންދު މުރާޖަޢާކުރެވިފައި ނުވާތީ، 22 އޮކްޓޫބަރު 2020 އިން 10 ނޮވެންބަރު 2020 ގެ ނިޔަލަށް ބަންދުގައި ތިބުން ޞައްޙަނުވާކަމަށް ބުނެ ބަންދުން ދޫކޮށްލަން އެދުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތަށް 30 ދުވަހުގެ ތެރޭގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ނިންމުން މުރާޖަޢާނުކުރެވި އެ މުއްދަތު ފާއިތުވެއްޖެނަމަ، ބަންދުގައި ހުރި މީހާ ބަންދުން ދޫވާނެތޯ ނުވަތަ ބަންދު ޣައިރުޤާނޫނީ ވާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ 60 ވަނަ މާއްދާގެ (ވ) ހައިކޯޓުން މާނަކޮށްފައިވަނީ އެ މާއްދާގެ ނައްޞާއި، ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާއި، އެއްފަދަ މައްސަލަތަކުގައި ހައިކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބަންދު އަމުރުތައް އެއްވެސް ކޯޓަކުން ބާޠިލުކޮށްފައި ނުވާތީ އެއީ ވުޖޫދުގައިވާ ޞައްޙަ އަމުރުތަކެއް ކަމަށާއި، މުރާޖަޢާ ލަސްވީ އިޖުރާއަތު ސާފުނުވުމުން ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 60 ވަނަ މާއްދާގެ (ވ) އިން ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރުގެ ބާރު 30 ދުވަހަށް ކުރުކޮށްފައެއް ނުވެއެވެ. މުރާޖަޢާ ލަސްވުމަކީ މައްސަލައިގެ ނިޔާއަށް އަސަރުނުކުރާ، އަސާސީ ޙައްޤެއް ގެއްލުވައިނުލާ، ފަހުން އިޞްލާޙުކުރެވޭ އިޖުރާއީ ޚިލާފެއް ކަމުން، ބަންދު އަމުރު ބާޠިލުކުރަންދެން ދެމިއޮންނާނެއެވެ؛ ބަންދުން ދޫނުވާނެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2020/HC-A/267، 2020/HC-A/269، 2020/HC-A/270
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމްތައް ޤާއިމް (އިއްތިފާޤުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އިން، އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާ ނިންމުމުގެ ބާރު 30 (ތިރީސް) ދުވަހުގެ މުއްދަތަށް ކުރުކޮށްފައި ނުވެއެވެ؛ ފަނޑިޔާރަށް ލިބިދީފައިވާ ބާރު ހަނިކޮށްފައި ނުވެއެވެ؛ އެ އަކުރުން އިތުރު ކޮށްފައިވާ ހަމައެކަނި އިޖުރާއާތަކީ، އެ ނިންމުން ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާ ކުރަންޖެހުމެވެ. (ޕެރ. 28)
ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަ މީހާ ބަންދުގައި ހުންނަތާ 30 (ތިރީސް) ދުވަސް ފާއިތުވާއިރު އެ ނިންމުން މުރާޖަޢާ ކުރެވިފައި ނުވާ ޙާލަތުގައި، އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމި ނިންމުން، ތަންފީޒުކުރަން ލާޒިމު ނިންމުމެއްގެ ގޮތުގައި ވުޖޫދުގައި އޮންނާނެއެވެ؛ އެ ނިންމުން ވުޖޫދުގައި އޮއްވައި، އެ ނިންމުމާ ޚިލާފަށް ޢަމަލު ނުކުރެވޭނެއެވެ؛ އަދި އެ ނިންމުން މުރާޖަޢާކޮށް، އެ އަމުރު ބާޠިލުކުރަންދެން، އެ އަމުރުގެ ބާރު ދެމިއޮންނާނެއެވެ. (ޕެރ. 29)
ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާފައިވާ ނިންމުން ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އިން ބާޠިލުވާކަން އެ އަކުރުގެ ޞަރީޙަ ނައްޞުން އެނގެން ނެތްއިރު، އެ މާއްދާގައި ބުނާ އިޖުރާއާތާ ޚިލާފުވާ ޙާލަތުގައި އެ މީހަކު އޮޓޮމެޓިކުން ބަންދުން ދޫވާނެކަމަށް ބަލާނަމަ، ކޯޓުން ކޮށްފައިވާ އަމުރުގެ ބާރު ކެނޑިގެންދާނެއެވެ؛ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤާނޫނު މާނަ ކުރުމުގައި، ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ ޤާނޫނަކުން ކުރާނެ ކަމެއް ނޫންކަމަށް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު ބަލަންވާނެއެވެ. (ޕެރ. 29)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ބައެއް އިޖުރާއާތުތަކަކީ އެއާ ޚިލާފުވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނޭ، އަދި މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ކަންކަމެވެ؛ އަނެއް ބައި ކަންކަމަކީ، ތުހުމަތުކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއް ނެތް، އަދި އެ އިޖުރާއާތު ރަނގަޅު ކުރެވުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމުތަކެކެވެ. އިޖުރާއަތު ތަންފީޒުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ އަދި، އެ ޚިލާފުވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއާތެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެއެވެ. (ޕެރ. 31)
މީހުން ދިރިއުޅޭ ގެއަކަށް ކޯޓު އަމުރެއް ނެތި، ގޭގެ މީހުންގެ ނުރުހުމުގައި ވަދެ ބަލައި ފާސްކުރުމަކީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާއިން ދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަތުމެވެ؛ އެގޮތަށް ހޯދާފައިވާ ހެކި ބެލެވޭނީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމަށެވެ؛ އެ ހެކި ކޯޓަށް ބަލައި ނުގަންނާނެއެވެ. ހައްޔަރު ކުރިތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން އިސްތިސްނާ ޙާލަތެއްނެތި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެނައުމަކީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އިން ކަނޑައަޅާފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަތުމެވެ؛ މި ޙާލަތުގައި އެ މީހަކު ބަންދުން ދޫކޮށްލުން ނޫން ގޮތެއް ފަނޑިޔާރުގެ ކުރިމަތީގައި ނޯންނާނެއެވެ. (ޕެރ. 32)
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައިވާ ގިނަ އިޖުރާއާތުތަކަކީ (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައިވާ ގޮތަށް 5 ދުވަހުގެ ތެރޭގައި ލިޔުންތަކުގެ ކޮޕީ ފޮނުވުމާއި، ފުރަތަމަ އަޑުއެހުން ކަނޑައެޅިފައިވާ މުއްދަތުގައި ބޭއްވުމާއި، ޝަރީޢަތުގެ ތާވަލު އެކުލަވާލުން ފަދަ) އަސާސީ ޙައްޤަކަށް އަސަރު ނުކުރާ، މައްސަލައިގެ ނިޔާއަށް އަސަރުނުކުރާ، ގޯސްކޮށް ކުރެވިއްޖެނަމަ ރަނގަޅުކުރުމުގެ ފުރުސަތު އޮންނަ އިޖުރާއާތުތަކެކެވެ؛ އެ ކަންކަން ޤާނޫނުގައި ބުނެފައިވާގޮތަށް، ބުނެފައިވާ ވަގުތުތަކުގައި ނުކުރެވިއްޖެނަމަ، ފުލުހުންކަމަށް ވިޔަސް، ޕަބްލިކް ޕްރޮސިކިއުޓަރުންކަމަށް ވިޔަސް، ފަނޑިޔާރުކަމުގައި ވިޔަސް، މަސައްކަތުގެ ފެންވަރު ބެލުމުގައި އެ ކަންކަމަށް ބެލޭނެއެވެ؛ އަދި ތައުދީބީ ފިޔަވަޅު ވެސް އެޅޭނެއެވެ. (ޕެރ. 33)
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ އިޖުރާއާތާ ޚިލާފުވެވުމުން، މައްސަލައިގެ މައުޟޫޢަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރެއެވެ؛ އަސާސީ ޙައްޤެއް ގެއްލިގެން ދިޔައީކަމަށް ބެލެވޭނެ ތަނެއް ނެތެވެ؛ އެކަން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް އިޞްލާޙުކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، އެ އިޖުރާއާތު ފުރިހަމަ ނުވުމުގެ ނަތީޖާއަކީ ބަންދުގައި ހުރި މީހާ ބަންދުން ދޫވުން ނޫނެވެ؛ މި އިޖުރާއާތަކީ ފަހުން ރަނގަޅުކޮށް، އިޞްލާޙު ކުރުމުގެ ފުރުސަތު އޮންނަ ބާވަތުގެ އިޖުރާއާތެކެވެ. (ޕެރ. 34، 44)
ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާޠިލުވުން ކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމަޢުގެ ޙައްޤަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެކެވެ؛ ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމައަށް ހިންގުމަށްޓަކައި މުޖުތަމަޢުގެ ޙައްޤާއި ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތައް އެއްހަމަވާން ޖެހެއެވެ؛ އެއީ އެއް ހަމައެއްގައި އެއްވަރަކަށް އޭގެ ޙައްޤުވެރިންނަށް ލިބިދެވެންޖެހޭ ދެ ޙައްޤެވެ. (ޕެރ. 35، 38)
ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ހަތަރު ޙާލަތުންކުރެ ޙާލަތެއް އޮވެގެންނެވެ؛ މިއިން ޙާލަތެއް އޮވެގެން ބަންދުގައި ހުންނަ މީހާ ބަންދުގައި އެ ހުންނަނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ޚިލާފަށްކަމަށް ނުބެލެވޭނެއެވެ. (ޕެރ. 39، 40-41)
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ މުރާޖަޢާގެ އިޖުރާއާތުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުމާއި، ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 (ތިރީސް) ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލުމެވެ؛ މުރާޖަޢާ ކުރަން އޮންނަ މުއްދަތު ފާއިތުވެފައިވާކަމަށް ބުނެ، ބަންދު އަމުރު ދެމިއޮއްވައި އެ މީހާ އޮޓޮމެޓިކުން ބަންދުން ދޫވާނެކަމަށް ބެލުމަކީ އެ އިޖުރާއާތުގެ މަޤްޞަދު ކަމަށް ނުވާނެއެވެ. (ޕެރ. 41-42)
ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަތާ 30 (ތިރީސް) ދުވަސް ހަމަވާއިރު އެ އިޖުރާއާތު ފުރިހަމަނުވެ އޮންނަ ޙާލަތުގައި، ވީ އެންމެ އަވަހަކަށް އެ އިޖުރާއާތު ފުރިހަމަކުރަންވާނެއެވެ؛ އެކަން ކުރަން އޮންނަ ވަގުތުގައި އެކަން ނުކުރެވުނީ ވަކި އިދާރާއެއްގެ އިހުމާލަކުންކަމުގައި ވަނީނަމަ، އެ އިދާރާއެއްގައި އޮންނަ އެފަދަ ކަންކަން ބެލުމުގެ ނިޒާމުގެ ތެރެއިން އެ ކަންކަން ބެލެންވާނެއެވެ؛ އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން ވެސް އެ ކަންކަމަށް ފިޔަވަޅު އެޅެންޖެހޭނެއެވެ. (ޕެރ. 43)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 58 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)، (ކ)، (މ) އަދި (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 84 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) (60 ވަނަ މާއްދާގެ (ވ) އިތުރުކުރި؛ ޢަމަލުކުރަން ފެށީ 22 ސެޕްޓެންބަރު 2020)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20، 42، 45، 47، 48 ވަނަ މާއްދާގެ (ރ) އަދި 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3، 4، 5، 6، 7، 12 (ހ، ނ، ރ)، 17 އަދި 37 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތްތަކުން ބަރޯސާވި)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 2 (އިސްތިއުނާފުކުރި ފަރާތްތަކުން ބަރޯސާވި)
- ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް 2018 (ޕްރޮސިކިއުޓަރ ޖެނެރަލް؛ ކްރިމިނަލް ކޯޓުގައި އިސްތިއުނާފުކުރި ފަރާތްތަކުން ބަރޯސާވި)
- 2011/SC-A/33 (ސުޕްރީމް ކޯޓު)
- 2020/HC-A/268 (ހައިކޯޓު)
- އަޙްމަދު ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ހައިކޯޓު)
- State of U.P. v Desh Raj (އިންޑިއާގެ ސުޕްރީމް ކޯޓު)
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙުސްނުއްސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލަތަކަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/267 ، 2020/HC-A/269 އަދި 2020/HC-A/270 ޤަޟިއްޔާތައް ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ގދ. ހޯޑެއްދޫ، […] ޢަލީ ޒުބައިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި ލ. ކަލައިދޫ، […] ޙުސައިން ޒަހީން (ދިވެހި ރައްޔިތެއްކަން އަންގައިދޭ އާއި […]، އަރުޝަދު ޚާލިދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލަތަކެކެވެ. މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މިވާ ތިން މައްސަލައިގައި އިސްތިއުނާފުކުރާ ތިން މީހުންނަކީ އެއް މައްސަލައެއްގައި ތުހުމަތުކުރެވިގެން ޝަރީޢަތް ނިމެންދެން ބަންދުކުރެވިފައިވާ ތިން މީހުންނެވެ. މި ތިން މައްސަލައިގެ މައުޟޫޢަކީ އެއް މައުޟޫޢެކެވެ. އެހެންކަމުން، މިއީ، މި ތިން މައްސަލަ އެކުގައި އަޑުއެހެމަށްފަހު މި ތިން މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
3މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ޓްރެފިކްކުރުމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ޢަލީ ޒުބައިރާއި އަރުޝަދު ޚާލިދު ، 09 އެޕްރީލް 2020 އިން ފެށިގެން، ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
4ޢަލީ ޒުބައިރާއި އަރުޝަދު ޚާލިދުއެކޭ އެއްފަދައިން، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ޓްރެފިކްކުރުމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ޙުސައިން ޒަހީން، 16 އެޕްރީލް 2020 އިން ފެށިގެން، ތުހުމަތުކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ޤާޟީ އެހެން ގޮތަކަށް ކަނޑައަޅަންދެން ޙުސައިން ޒަހީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
5ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ޢަލީ ޒުބައިރު އާއި އަރުޝަދު ޚާލިދު އާއި ޙުސައިން ޒަހީންގެ (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތްތައް" ކަމުގައި ބުނެފައިވާ ފަރާތްތައް) ބަންދު މުރާޖަޢާކުރުމަށްޓަކައި ކްރިމިނަލް ކޯޓުގައި އަޑުއެހުންތަކެއް ބޭއްވިފައިވެއެވެ.
ކްރިމިނަލް ކޯޓުން މި ތިން މީހުންގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތް
6އިސްތިއުނާފު ކުރާ ފަރާތްތަކުގެ ބަންދު މުރާޖަޢާ ކުރުމަށް ބޭއްވުނު އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކުން މައިގަނޑު ދެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
6.1 ފުރަތަމަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް 2018 ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދު، ކޮންމެ 30 (ތިރީސް) ދުވަހަކުން ޕްރޮސިކިއުޓަރ ޖެނެރަލް މުރާޖަޢާކުރަން ޖެހޭނެކަމަށް ކަނޑައަޅާފައި ވީނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަމަލުކޮށްފައިނުވުމުން އަދި ޢަމަލުކޮށްފައިވާކަން ދިފާޢީ ވަކީލުންނަށް އަންގާފައި ނެތުމުން، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުން ދޫކޮށްލަން ޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
6.2 ދެވަނަ ނުކުތާއަކީ: ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހަކު، އެ މީހަކު ހައްޔަރުކުރި ފަރާތުން ކޮންމެ 30 (ތިރީސް) ދުވަހަކުން ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށާއި، ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބަލަންޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައި ވީނަމަވެސް، އެ ގޮތުގެ މަތިން ޢަމަލުކޮށްފައި ނުވުމުން، 22 އޮކްޓޫބަރު 2020 އިން ފެށިގެން 10 ނޮވެންބަރު 2020 ގެ ނިޔަލަށް އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ބަހައްޓާފައި ތިބި ތިބުން ޞައްޙަ ނުވާނެކަމަށާއި، އެހެންކަމުން އިސްތިއުނާފު ކުރި ފަރާތްތައް ބަންދުން ދޫކޮށްލަން ޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
7އިސްތިއުނާފު ކުރި ފަރާތްތަކުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ ސީޣާގައި އިސްތިއުނާފު ކުރި ފަރާތްތައް ކުރިކަމަށް ބުނާ ޢަމަލާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/33 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެކަމަށް ފެންނާތީއާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާ ނިމެންދެން އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ އާއި ، 22 އޮކްޓޫބަރު 2020 އިން ފެށިގެން 10 ނޮވެންބަރު 2020 ގެ ނިޔަލަށް އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ތިބީ އެ އަމުރުތަކުގެ ދަށުން ކަމަށް ވުމުން، އިސްތިއުނާފު ކުރި ފަރާތްތަކުގެ ބަންދަށް އިތުރު ބަދަލެއް ގެންނަން ޖެހޭ މަޤުބޫލު ސަބަބެއް އޮތްކަމަށް ޝަރީޢަތަށް ނުފެންނާތީ، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކުރި އަމުރުތަކަށް ބަދަލު ގެންނަން ޖެހޭތަނެއް ނެތްކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.
8ކްރިމިނަލް ކޯޓުން ބަންދު މުރާޖަޢާކޮށް ނިންމި ނިންމުންތައް، ޢަލީ ޒުބައިރު އާއި ، އަރުޝަދު ޚާލިދު އާއި ޙުސައިން ޒަހީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ޢަލީ ޒުބައިރު ހުށަހެޅި މައްސަލައިގައި ހައިކޯޓުން ނިންމިގޮތް
9ޢަލީ ޒުބައިރުގެ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/267 ޤަޟިއްޔާއިންނެވެ.
10ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ފާޠިމަތު ފަރުހީޒާގެ ރައުޔަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށި ތާރީޚް ކަމުގައިވާ 22 ސެޕްޓެންބަރު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢަލީ ޒުބައިރު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު މުރާޖަޢާކުރެވިފައި ނުވާތީ، އެ މައްދަތު ހަމަވި ތާރީޚުން ފެށިގެން ޢަލީ ޒުބައިރު ބަންދުގައި ބެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމަށެވެ.
11ފަނޑިޔާރު ޙަސަން ޝަފީޢު އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަކީ، ޢަލީ ޒުބައިރު ބަންދުކޮށްފައި ހުރީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އާ ޚިލާފަށްކަމުގައި ބަލައި، ޢަލީ ޒުބައިރު ވަގުތުން މިނިވަން ކުރުމަށް އަންގަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތަތީ، ކްރިމިނަލް ކޯޓުން ޢަލީ ޒުބައިރުގެ ބަންދު އަމުރު މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމުގައެވެ.
12މިގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައި ވެއެވެ.
ޙުސައިން ޒަހީން ހުށަހެޅި މައްސަލައިގައި ހައިކޯޓުން ނިންމިގޮތް
13ޙުސައިން ޒަހީންގެ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/269 ޤަޟިއްޔާއިންނެވެ. އަދި މި މައްސަލައިގައި ޙުކުމް ކޮށްފައިވަނީ އިސްވެ ބަޔާންވެދިޔަ ޕެރެގްރާފް 11 ގައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޢަލީ ޒުބައިރު ހުށަހެޅި މައްސަލައިގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށެވެ.
އަރުޝަދު ޚާލިދު ހުށަހެޅި މައްސަލައިގައި ހައިކޯޓުން ނިންމިގޮތް
14އަރުޝަދު ޚާލިދުގެ ފަރާތުން، ބަންދު މުރާޖަޢާކޮށް ނިންމި ނިންމުން އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2020/HC-A/270 ޤަޟިއްޔާއިންނެވެ.
15މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބެވީ އިސްފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު ފާޠިމަތު ފަރުހީޒާއާއި ފަނޑިޔާރު ޙަސަން ޝަފީޢުއެވެ. އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔަކީ، އަރުޝަދު ޚާލިދު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އަރުޝަދު ޚާލިދުގެ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.
16ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަކީ، އަރުޝަދު ޚާލިދު ބަންދުކޮށްފައި ހުރީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އާ ޚިލާފަށްކަމުގައި ބަލައި، އަރުޝަދު ޚާލިދު ވަގުތުން މިނިވަން ކުރުމަށް އަންގަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތަތީ، އަރުޝަދު ޚާލިދުގެ ބަންދު މުރާޖަޢާކޮށް ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމުގައެވެ.
17ފަނޑިޔާރު ފާޠިމަތު ފަރުހީޒާގެ ރައުޔަކީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ގެނެވުނު ތިންވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށި ތާރީޚުކަމުގައިވާ 22 ސެޕްޓެންބަރު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަރުޝަދު ޚާލިދު ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު މުރާޖަޢާ ކުރެވިފައި ނުވާތީ، އެ މައްދަތު ހަމަވި ތާރީޚުން ފެށިގެން އަރުޝަދު ޚާލިދު ބަންދުގައި ބެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ނޫންކަމަށެވެ.
18މިގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން އަޣްލަބިއްޔަތުން ނިންމާފައި ވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
19އިސްތިއުނާފު ކުރި ފަރާތްތަކުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވަނީ އެއް ނުކުތާތަކެވެ. އަދި އެ ނުކުތާކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދީފައިވަނީ އެއް ރައްދެކެވެ. އެ ނުކުތާކާއި ރައްދުތަކުގެ ޚުލާޞާއެއް ތިރީގައި މި ވަނީއެވެ.
20ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) މާނަކޮށް، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ އެ މާއްދާގެ ނައްޞާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
20.1. މި ނުކުތާއަށް ރައްދުދެމުން މައްސަލަ ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރި ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވާކަމަށާއި، އެ އަމުރުތައް އެއްވެސް ކޯޓަކުން ބާޠިލުކޮށްފައި ނުވުމުން، އެއީ ވުޖޫދުގައިވާ ޞައްޙަ އަމުރުތަކެއްކަމަށާއި، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ތިބީ އެ އަމުރުތަކުގެ ދަށުންކަމަށާއި، ބަންދު މުރާޖަޢާ ކުރުން ލަސްވެފައިވަނީ، އަމުރު މުރާޖަޢާ ކުރުމަށް އޮންނަ އިޖުރާއަތު ސާފު ނުވުމުންކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
21ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: އިސްތިއުނާފު ކުރެވިފައި މިވާ މައްސަލަތަކާ އެއްފަދަ އެހެން މައްސަލަތަކުގައި ހައިކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްނުކުރެވި، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން ޙުކުމް ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
21.1. މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކާއި ހައިކޯޓުގެ ނަންބަރު 2020/HC-A/268 ޤަޟިއްޔާގައި ދަޢުވާ ލިބޭ މީހުންނަކީ އެއް މައްސަލައެއްގައި ތުހުމަތު ކުރެވޭ ހަތަރު މީހުންކަމަށާއި، އެ މީހުންގެ ވަކީލުންނަކީ ވެސް އެއް ބައެއްކަމަށާއި، އެހެންނަމަވެސް އެ މައްސަލަތައް ބަލާފައިވަނީ ތަފާތު ފަނޑިޔާރުން ތިބި ފަނޑިޔާރުންގެ މަޖިލިސްތަކަކުން ކަމަށާއި، އެ ޤަޟިއްޔާތަކުގައި ޙުކުމް ކުރުމުގައި ދެ ޤަޟިއްޔާގެ ޙުކުމްތަކުގެ ދެމެދަށް ގިނަ ވަގުތެއް ވޭތުވެ ނުދާކަމަށާއި، އެހެންކަމުން ކުރިން މި ފަދަ މައްސަލަތަކުގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށް ބުނެފައި ވީނަމަވެސް، މި ޙާލަތުގައި، ކުރިން ޤާއިމުވެފައިވާ އުޞޫލެއް އޮތްކަމަށް ބެލެވިދާނެކަމަށް ނުދެކޭކަމަށާއި، އެއް މަރުޙާލާގެ ކޯޓަކުން ނިންމާފައިވާ ނިންމުމަކާ ތަފާތުކޮށް އެ މަރުޙަލާގެ ކޯޓަކުން ނިންމުމަށް ހުރަހެއް ނެތް ކަމަށާއި، އެފަދައިން ކުރިން ވެސް ޢަމަލުކޮށްފައިވާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
22ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: ޤާނޫނާ ޚިލާފަށް ބަންދު ކުރެވިފައިވާ ފަރާތެއްގެ ބަންދު ދެމެހެއްޓުން ހުއްދަވެގެންދާގޮތަށް، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) މާނަކޮށްފައިވަނީ، ޤަނޫނުއަސާސީގެ 45 ވަނަ މާއްދާގެ ބާރު ކެނޑިގެންދާގޮތަށް އެ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
22.1 މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުތަކެއްގެ ދަށުންކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިސްތިއުނާފު ކުރި ފަރާތްތައް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި، އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށާއި، އެ އަމުރުތައް ހައިކޯޓުން ބާޠިލުކޮށްފައި ނުވާތީ، އެ އަމުރުތަކަކީ ވުޖޫދުގައިވާ ޞައްޙަ އަމުރުތަކެއް ކަމަށާއި، އިސްތިއުނާފު ކުރި ފަރާތްތައް ބަންދުގައި ތިބީ އެ އަމުރުތަކުގެ ދަށުންކަމަށްވާތީ އިސްތިއުނާފުކުރި ފަރާތްތައް ބަންދުގައި ތިބީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
23ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: ޤާނޫނުގައި ބަޔާންކުރާ މާނަކުރުމުގެ އެއްވެސް އުޞޫލެއް ތަޠުބީޤުކުރުމެއް ނެތި، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު 3، 4، 5، 6 އަދި 7 ވަނަ މާއްދާއަށް ރިޢާޔަތް ނުކޮށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
23.1 މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާތައް ނިންމުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ރިޢާޔަތް ކުރައްވާފައިވާ ކަމަށާއި، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންތައްތައް ތަކުރާރު ކުރާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
24ހުށަހަޅާފައިވާ އިސްތިއުނާފީ ފަސްވަނަ ނުކުތާއަކީ: މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ށ) އަށް އެކަނި ރިޢާޔަތްކޮށް، އެ މާއްދާގެ (ހ) އާއި (ނ) އާއި (ރ) އަށް ރިޢާޔަތްނުކުރައްވައި، އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
24.1. މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާތައް ނިންމުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ރިޢާޔަތް ކުރައްވާފައިވާ ކަމަށާއި، އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންތައްތައް ތަކުރާރު ކުރާކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
25ހުށަހަޅާފައިވާ އިސްތިއުނާފީ ހަވަނަ ނުކުތާއަކީ: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އަށް ޢަމަލުނުކުރުމަކީ، އެއްވެސް ނަތީޖާއެއް ނުނުކުންނާނެ ކަމެއްކަމުގައި ބެލެވި، އެ މާއްދާއަކީ ޢަމަލުކުރަން ނުޖެހޭ ބޭކާރު މާއްދާއެއް ގޮތަށް ދޭހަކުރެވޭ ގޮތަކަށް އިސްތިއުނާފު ކުރެވިފައި މިވާ ޤަޟިއްޔާތަކުގައި ހައިކޯޓުން އެ މާއްދާ މާނަކޮށްފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
25.1. މި ނުކުތާއަށް ރައްދުދެމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ޤަޟިއްޔާތައް ނިންމުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނަށް މައްސަލަ ބެލި ފަނޑިޔާރުން ރިޢާޔަތްކޮށްފައިވާ ކަމަށާއި އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން ފާހަގަކޮށްފައިވާ ކަންތައްތައް ތަކުރާރުކުރާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަކީ ކޮބައިކަން
26އިސްތިއުނާފުކުރެވިފައި މިވާ ތިން މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހެނީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާ މީހަކު، ބަންދުގައި ހުއްޓައި، އެ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާފައިވާ ނިންމުން މުރާޖަޢާކުރުމުގެ ކުރިން، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަސް ފާއިތުވެއްޖެނަމަ، ނުކުންނާނެ ނަތީޖާއަކީ ކޮބައިކަމެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)
27ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންވެގެންވަނީ:
"މި މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޒިރުކުރަންވާނެއެވެ." މިހެންނެވެ.
28HN1ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ޢިބާރާތަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
28.1. އެ އަކުރުން، އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާ ނިންމުމުގެ ބާރު 30 (ތިރީސް) ދުވަހުގެ މުއްދަތަށް ކުރުކޮށްފައި ނުވާކަމާއި،
28.2. އެ އަކުރުން، އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ލިބިދީފައިވާ ބާރު ހަނިކޮށްފައި ނުވާކަމާއި، 28.3. އެ އަކުރުން، އިތުރު ކޮށްފައިވާ ހަމައެކަނި އިޖުރާއާތަކީ، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާ ކުރަންޖެހުން ކަމެވެ.
29HN2HN3ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަ މީހާ ބަންދުގައި ހުންނަތާ 30 (ތިރީސް) ދުވަސް ފާއިތުވާއިރު، އެ ނިންމުން މުރާޖަޢާ ކުރެވިފައި ނުވާ ޙާލަތުގައި، ނުކުންނަ ނަތީޖާއަކީ އެ މީހަކު ބަންދުން ދޫވުންތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
29.1 އެ ޙާލަތުގައި، އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމި ނިންމުން، ތަންފީޒުކުރަން ލާޒިމު ނިންމުމެއްގެ ގޮތުގައި ވުޖޫދުގައި އޮތްކަމާއި،
29.2 ތަންފީޒުކުރަން ލާޒިމު ނިންމުމެއްގެ ގޮތުގައި އެ ނިންމުން ވުޖޫދުގައި އޮއްވައި، އެ ނިންމުމާ ޚިލާފަށް ޢަމަލު ނުކުރެވޭނެކަމާއި،
29.3 އެ މީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާފައިވާ ނިންމުން، އެ ޙާލަތުގައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އިން ބާޠިލުވާކަން އެ އަކުރުގެ ޞަރީޙަ ނައްޞުން އެނގެން ނެތްއިރު، އެ މާއްދާގައި ބުނާ އިޖުރާއާތާ ޚިލާފުވާ ޙާލަތުގައި އެ މީހަކު އޮޓޮމެޓިކުން ބަންދުން ދޫވާނެކަމަށް ބަލާނަމަ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރުގެ ބާރު ކެނޑިގެންދާކަމާއި، ޤާނޫނު މާނަ ކުރުމުގައި، ޝަރުޢީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަކީ ޤާނޫނަކުން ކުރާނެ ކަމެއް ނޫންކަމަށް ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހައި ހިނދަކު ބަލަންވާނެކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) ބަޔާންވެގެންވާކަމާއި،
29.4 ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ޖެހޭކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވިގެން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކޮށްފިނަމަ، އެ ނިންމުން މުރާޖަޢާކޮށް، އެ އަމުރު ބާޠިލުކުރަންދެން، އެ އަމުރުގެ ބާރު ދެމިއޮންނާނެ ކަމާއި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގެނެވުނު އިޞްލާޙުތަކާއެކު ފެނިއްޖެނަމަ، އެ އަމުރު ބާޠިލު ކުރުމަށް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޖިނާއީ އިޖުރާއާތުގެ ޤަނޫނުގެ 60 ވަނަ މާއްދާގެ (މ) އިން ލިބިދީފައިވުމުން، މިކަމަށް އިތުރަށް ބާރު ލިބިދޭކަމެވެ.
އިޖުރާއާތެއް ގޯސްވުމުގެ ނަތީޖާއަކީ ކޮބައިކަން
30ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރު ކޮށްދީފައި އޮތް އެއް ޙައްޤަކީ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤެވެ. އިޖުރާއީ އިންސާފުވެރިކަން ހިމެނެނީ އެ ޙައްޤު ލިބިދިނުމުގެ ތެރޭގައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ އިޖުރާއީ އިންސާފުވެރިކަން ޤާއިމުވާކަން ކަށަވަރުކޮށްދޭ މަގެވެ.
31HN4ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އެ ވަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ނިންމުމެއް ނިންމުމުގައި ކަންކަން ކުރަންޖެހޭ ގޮތްތަކެވެ. އެ ކަންކަން ކުރަންވީ މަގެވެ. އޭގެ ތެރެއިން ބައެއް އިޖުރާއާތުތަކަކީ އެއާ ޚިލާފުވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނޭ ކަންކަމެވެ. އަދި އޭގެ ސަބަބުން މައްސަލައިގެ ނިޔާއަށް އަސަރު ކުރާނެ ކަންކަމެވެ. ބައެއް ޙާލަތްތަކުގައި ބަންދުގައި ހުރި މީހެއްނަމަ ބަންދުން އެ މީހަކު ދޫވެގެންދާ ޙާލަތްތަކެވެ. އަނެއް ބައި ކަންކަމަކީ، ތުހުމަތުކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއް ނެތް، އަދި އެ އިޖުރާއާތު ރަނގަޅު ކުރެވުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމުތަކެކެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައެއްގެ މައުޟޫޢުއަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާނެއެވެ. އިޖުރާއަތު ތަންފީޒުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ އަދި، އެ ޚިލާފުވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް އިޖުރާއާތެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއް ކުރިއަށް ގެންދެވިދާނެއެވެ.
32HN5މައްސަލައިގެ މައުޟޫޢަށް އަސަރުކުރުވާ އިޖުރާއާތުގެ މިސާލެއްގެ ގޮތުން މީހުން ދިރިއުޅޭ ގެއަކަށް ކޯޓު އަމުރެއް ނެތި ފުލުހުން އެ ގޭގެ މީހުންގެ ނުރުހުމުގައި ވަދެ ބަލައި ފާސްކޮށް، އެ ގެއިން މަސްތުވާތަކެތި ފެންނިގެން އެ ތަނުގައި ދިރިއުޅޭ މީހާ ހައްޔަރު ކުރާ ޙާލަތަށް ބަލަމާ ހިނގާށެވެ. މި ޙާލަތުގައި މިވަނީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާއިން ދީފައިވާ އަސާސީ ޙައްޤެއް ނިގުޅައިގަނެވިފައެވެ. ހޯދާފައިވާ ހެކި ބެލެވޭނީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމަށެވެ. އެ ހެކި ކޯޓަށް ބަލައި ނުގަންނާނެއެވެ. އަދި މި އިޖުރާއާތު ރަނގަޅު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ނަތީޖާއަކީ ހައްޔަރު ކުރެވުނު މީހާ ބަންދުން ދޫވެގެން ދިޔުމެވެ. އެހެން މިސާލެއް ދަންނަވާލާނަމެވެ. މީހަކު ހައްޔަރު ކުރިތާ 24 (ސައުވީސް) ގަޑިއިރު ފާއިތުވި ފަހުން އިސްތިސްނާ ޙާލަތެއްނެތި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންނަ ޙާލަތެވެ. މި ޙާލަތުގައި މިވަނީ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އިން ކަނޑައަޅާފައިވާ އަސާސީ ޙައްޤެއް ނިގުޅައި ގަނެވިފައެވެ. މި ޙާލަތުގައި އެ މީހަކު ބަންދުން ދޫކޮށްލުން ނޫން ގޮތެއް މައްސަލަ ބަލާ ފަނޑިޔާރުގެ ކުރިމަތީގައި ނޯންނާނެއެވެ. އެ މީހަކު ބަންދުން ދޫކޮށް ނުލައި އިޖުރާއާތު ރަނގަޅު ކުރާނެ ގޮތެއް ވެސް ނޯންނާނެއެވެ.
33HN6ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައިވާ އިޖުރާއާތުތަކުގެ ތެރެއިން ގިނަ އިޖުރާއާތުތަކަކީ އަސާސީ ޙައްޤަކަށް އަސަރު ނުކުރާ، އަދި މައްސަލައިގެ ނިޔާއަށް އަސަރުނުކުރާ، އެ އިޖުރާއާތެއް ގޯސްކޮށް ކުރެވިއްޖެނަމަ ރަނގަޅުކުރުމުގެ ފުރުސަތު އޮންނަ އިޖުރާއާތުތަކެކެވެ. މިސާލަކަށް ބުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި ބުނެފައި އޮންނަނީ، ކޯޓަށް މައްސަލައެއް ބަލައިގަންނަތާ ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މައްސަލައާގުޅޭ އެންމެހައި ލިޔުންތަކުގެ ކޮޕީ ދަޢުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނޭކަމަށެވެ. ދަޢުވާލިބޭފަރާތަށް ލިޔުންތައް ފޮނުވީ މައްސަލަ ބަލައިގަތްތާ 6 (ހައެއް) ވަނަ ދުވަހު ކަމަށްވާނަމަ އެ އޮތީ އެ މާއްދާއާ ޚިލާފުވެފައެވެ. މި އިޖުރާއާތާ ޚިލާފުވެވުމުން މައްސަލައިގެ މައުޟޫޢަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާނެއެވެ. އަދި މިކަން ރަނގަޅުކުރުމުގެ ފުރުސަތު އެބައޮތެވެ. ޝަރީޢަތް ނިމެދެން ބަންދުގައި ހުންނަ މީހާއަށް މައްސަލައިގެ ލިޔުންތައް އޭނާއާ ޙަވާލުކުރާތާ 70 (ހަތްދިހަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމާއި، ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކޮށް ބަންދުން ދޫކޮށްލާފައި ހުންނަ މީހާއަށް މައްސަލައިގެ ލިޔުންތައް ޙަވާލުކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމާއި، ދަޢުވާގައި ހިމެނޭ ދެ ފަރާތާ މަޝްވާރާކޮށް ދުރާލައި ޝަރީޢަތުގެ ތާވަލެއް އެކުލަވާލުމާއި، މި ކަންކަމަކީ މި ބުނެވިދިޔަ އިޖުރާއާތު ފަދަ އިޖުރާތުތަކެވެ. މިއިން ކަމަކުން މައްސަލައިގެ ނިޔާއަށް އަދި މައްސަލައިގެ މައުޟޫޢަށް އަސަރެއް ނުކުރާނެއެވެ. އަދި މިކަން ކަމަކީ ޝަރީޢަތުގެ ތެރެއިން ރަނގަޅު ކުރެވޭނެ ކަންކަމެވެ. އެ ކަންކަން ޤާނޫނުގައި ބުނެފައިވާގޮތަށް، ބުނެފައިވާ ވަގުތުތަކުގައި ނުކުރެވިވާނަމަ އެކަމެއް ކުރަން ތިބި ބައެއްގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި އެ ކަންކަމަށް ފިޔަވަޅުއެޅިގެން ދާނެއެއެވެ. އެއީ ފުލުހުންކަމަށް ވިޔަސް، ނުވަތަ ޕަބްލިކް ޕްރޮސިކިއުޓަރުންކަމަށް ވިޔަސް، މައްސަލަ ބަލާ ފަނޑިޔާރުކަމުގައި ވިޔަސް، މަސައްކަތުގެ ފެންވަރު ބެލުމުގައި އެ ކަންކަމަށް ބެލޭނެއެވެ. އަދި ތައުދީބީ ފިޔަވަޅު ވެސް އެޅޭނެއެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ މީހަކު ވެސް އެ މީހަކު ކުރަންޖެހޭ ކަންކަން ބަރާބަރަށް ކުރަން ޖެހޭ ވަގުތުގައި ކުރަން މަސައްކަތް ކުރާނެއެވެ. އަދި އިޖުރާއާތު ރަނގަޅަށް ހިނގަމުންދާނެއެވެ.
34HN7ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންވެގެންވާ އިޖުރާއާތަކީ އިސްވެ ބަޔާންވެދިޔަ ދެ ވައްތަރުގެ އިޖުރާއާތުގެ ތެރެއިން ކޮން ވައްތަރެއްގެ އިޖުރާއާތެއްތޯ ބަލާއިރު އަންނަވި ކަންކަން ފާހަގަކުރެވެއެވެ.
34.1. މި އިޖުރާއާތާ ޚިލާފުވެވުމުން، މައްސަލައިގެ މައުޟޫޢަށް އަދި މައްސަލައިގެ ނިޔާއަށް އަސަރެއް ނުކުރާކަމެވެ.
34.2. މި އިޖުރާއާތާ ޚިލާފުވެވުމުން، އަސާސީ ޙައްޤެއް ގެއްލިގެން ދިޔައީކަމަށް ބެލެވޭނެ ތަނެއް ނެތްކަމެވެ.
34.3. މި އިޖުރާއާތާ ޚިލާފުވެވުމުން، އެކަން ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް އިޞްލާޙުކުރުމުގެ ފުރުސަތު އޮތްކަމެވެ.
34.4. މި އިޖުރާއާތާ އެއްގޮތަށް ކަންކަން ނުގެންދެވުމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައި، އެފަދަ ކަމެއް ތަކުރާރު ނުވާގޮތަށް ކަންކަން ތަރުތީބު ކުރުމުގެ ފުރުސަތު ފެންނަން އޮތްކަމެވެ.
މުޖުތަމަޢުގެ ޙައްޤާއި ތުހުމަތުކުރެވޭ މީހާގެ ޙައްޤުތައް
35HN8ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާޠިލުވުން ކަމުގައި ނުވަތަ ބަންދުގައި ހުންނަ މީހާ ދޫވުންކަމަށް ބެލުމަކީ މުޖުތަމަޢުގެ ޙައްޤަށް ނުބައި އަސަރުތަކެއް ކުރާނެ ކަމެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމު ފުރިހަމައަށް ހިންގުމަށްޓަކައި މުޖުތަމަޢުގެ ޙައްޤާއި ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތައް އެއްހަމަވާން ޖެހެއެވެ.
36މުޖުތަމަޢުގެ ޙައްޤަކީ އަމާންކަން ލިބުމެވެ. އަމާންކަން ޤާއިމުކުރުމަށްޓަކައި ކުށްކުރާ މީހުންނަށް ޤާނޫނުގައިވާ ގޮތުގެމަތީން އެ މީހުންނަށް ދޭންޖެހޭ އަދަބު ދީ، އެ މީހުން އިޞްލާޙުކޮށް މުޖުތަމަޢަށް އަހުލުވެރިކޮށް އަލުން އެ މީހުން މުޖުތަމަޢަށް ގެންނަންޖެހެއެވެ. މި ޙައްޤު މުޖުތަމަޢަށް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ މައިގަނޑު އެއް މަޤްޞަދެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ބިނާވެގެންވަނީ މި ޙައްޤު މުޖުތަމަޢަށް ލިބޭގޮތުގެ މައްޗަށެވެ. މި ޙައްޤު މުޖުތަމަޢަށް ފުރިހަމައަށް ލިބިއްޖެނަމަ މުޖުތަމަޢަށް ހަމަޖެހުމާއި އަމާންކަން ލިބެމުންދާނެއެވެ. އަދި ހަމައެފަދައިން މި ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިނުދެވޭނަމަ އެކަމުގެ ނޭދެވޭ އަސަރު މުޖުތަމަޢުން ނުފެނި ނުދާނެއެވެ.
37ތުހުމަތު ކުރެވޭ މީހުންގެ ޙައްޤަކީ، ތުހުމަތު ކުރެވޭ މީހާ ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤެވެ. އަދި، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވަންދެން އެ މީހަކީ މަޢުޞޫމް މީހެއް ކަމުގައި ބެލެވޭއިރު، އެ މީހެއްގެ މަޢުޞޫމިއްޔަތުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ ޙައްޤެވެ. ތުހުމަތުކުރެވޭ ކޮންމެ މީހަކަށް މި ޙައްޤު ތަފާތުކުރުމެއްނެތި ފުރިހަމައަށް ލިބިދިނުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންނާމެދު ޢަމަލުކުރެވޭ ތަފުޞީލީ އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ލިޔެވިފައިވެއެވެ.
38މިގޮތުން، ކުށްކުރި މީހާއަށް އަދަބުދީ އޭނާ އިޞްލާޙުކޮށް މުޖުތަމަޢަށް އަހުލުވެރިކުރުމުގައި މުޖުތަމަޢުގެ ޙައްޤާއި، ތުހުމަތުން ބަރީއަވުމަށް މަސައްކަތްކުރުމުގައި ތުހުމަތުކުރެވޭ މީހާގެ ޙައްޤަކީ އެއް ހަމައެއްގައި އެއްވަރަކަށް އޭގެ ޙައްޤުވެރިންނަށް ލިބިދެވެންޖެހޭ ދެ ޙައްޤެކެވެ. މުޖުތަމަޢުގެ ޙައްޤު މުޖުތަމަޢަށް ލިބިދިނުމަށް މާބޮޑަށް މަސައްކަތް ކުރެވޭނަމަ، ތުހުމަތު ކުރެވޭ މީހާގެ ޙައްޤަށް އުނިކަން އަންނާނެއެވެ. ތުހުމަތު ކުރެވޭ މީހާގެ ޙައްޤު އޭނާއަށް ލިބިދިނުމަށް މުޖުތަމަޢުގެ ޙައްޤަށް ރިޢާޔަތް ނުކުރެވި މަސައްކަތް ނުކުރެވޭނަމަ، މުޖުތަމަޢުގެ ޙައްޤަށް އުނިކަން އަންނާނެއެވެ.
39HN9ކުށް ސާބިތުވަންދެން ތުހުމަތު ކުރެވޭ މީހާއަކީ މަޢުޞޫމް މީހަކަށްވާއިރު، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެ މީހަކަށް އަދަބެއް ލިބިގެން ނުވާނެއެވެ. އެހެންނަމަވެސް އެއްވެސް ޤައިދެއްނެތި މިކަން މިގޮތަށް އޮންނަނަމަ، މުޖުތަމަޢުގެ ޙައްޤަށް އަސަރުކުރާ ޙާލަތު އާދެއެވެ. އަދި އިންސާފު ޤާއިމު ކުރަން ހުރަސްތަކެއް މެދުވެރިވާ ޙާލަތު ވެސް އާދެއެވެ. އިންސާފު ޤާއިމުކުރަން މަގު ފަހިކުރުމުގެ ގޮތުން އަދި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ތުހުމަތު ކުރެވޭ މީހާ އިސްތިސްނާ ގޮތެއްގައި ބަންދުގައި ބަހައްޓައެވެ. މި އިސްތިސްނާ މިގޮތުގައި އޮންނަނީ ތުހުމަތު ކުރެވޭ މީހާގެ ޙައްޤާއި މުޖުތަމަޢުގެ ޙައްޤު ހަމަހަމަ ކުރުމުގެ ބޭނުމުގައެވެ.
މިގޮތުން ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނެ އިސްތިސްނާ ހަތަރު ޙާލަތެއް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވެއެވެ. އެ ހަތަރު ޙާލަތަކީ:
1. އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
2. އޭނާ ކޯޓަށް ހާޒިރުނުވެދާނެކަމަށް ބެލެވުން؛ ނުވަތަ
3. އޭނާ ފިލައިފާނެކަމަށް ބެލެވުން؛ ނުވަތަ
4. އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވުން.
40އިސްވެ ބަޔާންވެ ދިޔަ ހަތަރު ޙާލަތުގެ ތެރެއިން ފުރަތަމަ ތިން ޙާލަތަކީ އެ ޙާލަތްތަކުގައި އޭނާ ބަންދުގައި ނުބަހައްޓައިފިނަމަ އިންސާފު ޤާއިމުކުރުމަށް ދަތިވާނެތީ އިސްތިސްނާ ގޮތެއްގައި މީހާ ބަންދުގައި ބަހައްޓަންޖެހޭ ތިން ޙާލަތެކެވެ. ހަތަރުވަނަ ޙާލަތަކީ އޭނާ ބަންދުން ދޫވެފައި ހުންނަމަ މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާ ސަބަބުތަކެއް އޮވެގެން ބަންދުގައި ބަހައްޓާ ޙާލަތެވެ. މިއިން ޙާލަތެއް ނެތި، ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން މީހަކު ބަންދުގައި ނުބެހެއްޓޭނެއެވެ.
41HN10މިގޮތުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރަށް ނިންމޭނީ އިސްވެ ބަޔާންވެދިޔަ ހަތަރު ޙާލަތުންކުރެ ޙާލަތެއް އޮވެގެންނެވެ. މިއިން ޙާލަތެއް އޮވެގެން ބަންދުގައި ހުންނަ މީހާ ބަންދުގައި އެ ހުންނަނީ ޤާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ޚިލާފަށްކަމަށް ނުބެލެވޭނެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމި ނިންމުން މުރާޖަޢާކޮށް އެކަމާމެދު ފަނޑިޔާރު ގޮތެއް ނިންމުމުގެ ކުރިން މުރާޖަޢާ ކުރަން އޮންނަ މުއްދަތު ފާއިތުވެފައިވާކަމަށް ބުނެ، އެ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރު އެގޮތުގައި ދެމިއޮއްވައި، އެ މީހާ އޮޓޮމެޓިކުން ބަންދުން ދޫވާނެކަމަށް ބެލުމުގެ ނަތީޖާއަކީ، އެ މީހާއާމެދު ތުހުމަތުކޮށްފައިވާ މައްސަލައިގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅުމަށް، ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމަށް މަގުފަހިވެ، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުމެވެ. ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) އިން ތަޢާރަފުކުރި އިޖުރާއާތުގެ މަޤްޞަދަކީ މި ނަތީޖާ ނެރުން ކަމަށް ނުވާނެއެވެ.
އަމުރު މުރާޖަޢާ ކުރުމުގެ އިޖުރާއާތު ތަޢާރަފު ކުރުމުގެ މަޤްޞަދު ހާޞިލުވުން
42ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާ ކުރަން ވާނެ ކަމަށް އެ މާއްދާގެ (ވ) ގައި ކަނޑައަޅައި ތަޢާރަފުކުރި މި އިޖުރާއާތުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމުމަށް ބާރުއެޅުމެވެ. އަދި ބަންދުގައި ބެހެއްޓި ސަބަބު ވުޖޫދުގައި އޮތްތޯ ކޮންމެ 30 (ތިރީސް) ދުވަހަކުން ބަލައި އެ ސަބަބު ފިލައި ގޮސްފައިވާނަމަ ބަންދުން ދޫކޮށްލުމެވެ. އެ ސަބަބުތައް ވުޖޫދުގައި އޮތްނަމަ އެ މީހަކު ބަންދުގައި ބެހެއްޓުމެވެ. ކޮންމެ 30 (ތިރީސް) ދުވަހަކުން މައްސަލަބަލާ ފަނޑިޔާރު އެ މީހެއްގެ ޙާލަތު މުރާޖަޢާކުރާނަމަ، އެ މައްސަލަ އަވަހަށް ނިމިގެން ދިޔުމަށް ބާރަކަށް ވާނެއެވެ. ވާނުވާ ނޭގޭ ގޮތުގައި އެ މީހަކު ބަންދުގައި ނުހުންނާނެއެވެ.
43HN11ޝަރީޢަތް ނިމެންދެން ބަންދުގައި ހުންނަތާ 30 (ތިރީސް) ދުވަސް ހަމަވާއިރު އެ އިޖުރާއާތު ފުރިހަމަނުވެ އޮންނަ ޙާލަތުގައި، ވީ އެންމެ އަވަހަކަށް އެ އިޖުރާއާތު ފުރިހަމަކުރަންވާނެއެވެ. އެކަން ކުރަން އޮންނަ ވަގުތުގައި އެކަން ނުކުރެވުނީ ވަކި އިދާރާއެއް އިހުމާލަކުންކަމުގައި ވަނީނަމަ، އެ އިދާރާއެއްގައި އޮންނަ އެފަދަ ކަންކަން ބެލުމުގެ ނިޒާމުގެ ތެރެއިން އެ ކަންކަން ބެލެންވާނެއެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން ވެސް އެ ކަންކަމަށް ފިޔަވަޅު އެޅެންޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން އިޖުރާއާތު ބަރާބަރަށް ހިންގައި އިޖުރާއާތު ތަޢާރަފު ކުރުމުގެ މަޤްޞަދު ޙާޞިލުވާނެއެވެ.
44އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަންވާނެކަމަށް އެ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާއިރު، އެ އިޖުރާއާތު ފުރިހަމަ ނުވުމުގެ ނަތީޖާއަކީ ބަންދުގައި ހުރި މީހާ ބަންދުން ދޫވުން ނޫންކަމާއި، މި އިޖުރާއާތަކީ ފަހުން ރަނގަޅުކޮށް، އިޞްލާޙު ކުރުމުގެ ފުރުސަތު އޮންނަ ބާވަތުގެ އިޖުރާއާތެއް ކަމަށް ވާތީ، އިސްތިއުނާފު ކުރެވިފައި މިވާ ތިން މައްސަލައިގައި ކްރިމިނަލް ކޯޓުން އަދި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
45މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ސުވާލަކީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ވިދާޅުވެފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިތުރުކުރެވުނު 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖައާ ކުރަންވާނެ ކަމަށާއި އަދި އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، ކޮންމެ 30 (ތިރީސް) ދުވަހަކުން އެމީހަކު ހައްޔަރުކޮށްފައިވާ ފަރާތުން އެމީހާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހާ ގެނެވުނު އިޞްލާޙުތަކާއެކު ބަންދުކޮށްފައި ހުރިހުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން 30 (ތިރީސް) ދުވަހުން މުރާޖައާކޮށްފައި ނުވާނަމަ، ބަންދުގައި ހުރި މީހާގެ ބަންދު ޣައިރުގާނޫނީ ބަންދަކަށް ބަދަލުވެ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އެމީހާ ބަންދުން ވީއްލުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ނުވަތަ އެނޫންވެސް ގާނޫނީ އުސޫލެއްގެ ދަށުން ލާޒިމުވޭތޯ ނުވަތަ ނޫންތޯއެވެ.
46ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން 24 (ސައުވީސް) ގަޑިއިރަށްވުރެދިގު މުއްދަތަކަށް ބަންދުކޮށްފައި ބެހެއްޓޭނެ ހާލަތުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައެވެ. އެމާއްދާގައި ބުނެފައިވާ ގޮތުން އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުކޮށްފައި ބެހެއްޓޭނީ، ހަމައެކަނި އެމާއްދާގައި ބުނެފައިވާ ހަތަރު ހާލަތު ވުޖޫދުގައި އޮތްނަމަ ނުވަތަ އެއިން ހާލަތެއް އޮތްކަމުގެ އިހުތިމާލު އޮތްނަމަ އެވެ. އެއީ؛ (1) އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެ ކަމަށްޓަކައި، ނުވަތަ (2) ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި، ނުވަތަ (3) ފިލާފާނެ ކަމަށްޓަކައި، ނުވަތަ (4) ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށްޓަކައެވެ. ގާނޫނުއަސާސީ ގެ 49 ވަނަ މާއްދާ ތަންފީޒު ކުރާނޭ ގޮތް ބަޔާންކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ އިރު އެމީހަކާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ނަމަ އަދި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ހާލަތުންކުރެ ހާލަތެއް އޮތް ކަމަށް ގެނެވުނު އިޞްލާޙުތަކާއެކު ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށެވެ. އަދި ހަމަ އެފަދައިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގައި ބުނާ ހާލަތްތަކުގައިވެސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 (ހަތަރު) ހާލަތުންކުރެ ހާލަތެއް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
47ވީމާ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ހާލަތެއް އޮތް ކަމަށާއި އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި (ކ) ގައި ބުނާ "އެމީހަކާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރި ކަމަށް" ފަނޑިޔާރަކު ނެރެފައިވާ އަމުރެއް ސައްހަކަން މަތީ އެގޮތުގައި ދެމިއޮތްހާ ހިނދަކު އެމީހާގެ ބަންދަކީ ދުސްތޫރީ ގޮތުން ސައްހަ ބަންދެއްކަމަށް ބެލެވޭނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ އަށް އިތުރުކުރެވުނު (ވ) ގެ ބޭނުމަކީ ކަނޑައެޅި ބަޔާންވެފައިވާ މުއްދަތަކުން (ކޮންމެ 30 ދުވަހަކުން) ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެމީހަކު ބަންދުގައި ބެހެއްޓުމަށް ހުއްދަކުރާ ހާލަތް ނުވަތަ ހާލަތްތައް އެގޮތުގައި އަދިވެސް ދެމިއޮތްތޯ ބެލުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހިންގުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރާ އިޖުރާއަތެކެވެ.
48ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ކަނޑައަޅާފައިވާ އިޖުރާއަތެއް ކަނޑައެޅިފައިވާ ގޮތަށް ނުހިންގައިފިނަމަ ނުވަތަ އެ އިޖުރާއަތު ހިންގުން އެއްވެސް ސަބަބަކާހުރެ ލަސްވެއްޖެ ނަމަ ބަންދުގައި ހުރިމީހާގެ ބަންދަކީ ޣައިރުގާނޫނީ ބަންދަކަށް ވާނެތޯ އާއި އެމީހަކު އެހިސާބުން ބަންދުން ދޫކޮށްލުމަށް މަޖުބޫރުވާނެތޯއެވެ.
49ގާނޫނަކުން މީހެއްގެ މައްޗަށް މަނާކޮށްފައިވާ ކަމެއް އެމީހަކު ކޮށްފިނަމަ ނިކުންނާނޭ ނަތީޖާ އާއި، އިޖުރާއީ ގާނޫނުނެއްގައި ވަކިކަމެއް ވަކިގޮތަކަށް ކުރަންޖެހޭނެ ކަން ބަޔާންކޮށް ލިޔެފައިވާ އިޖުރާއަތަކާ ތަބާނުވެއްޖެ ނަމަ ނުވަތަ އެ އިޖުރާއަތަށް އަމަލުކުރުމުގައި އުނިކަމެއް ނުވަތަ އައިބެއް ހުރެއްޖެނަމަ އެކަމުގެ ސަބަބުން ނިކުންނާނޭ ގާނޫނީ ނަތީޖާއަކީ ތަފާތު ނަތީޖާތަކެކެވެ. ގާނޫނެއްގައި މަނާކޮށްފައިވާ ކަމެއް މީހަކު ކޮށްފިނަމަ އެ މީހަކު އެކުރަނީ ކުށެކެވެ. އަދި އެކަން ކޮށްފި މީހަކަށް ދިނުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ޖަޒާ އެމީހަކަށް ލިބެންވާނެއެވެ. ގާނޫނުގައި މަނާކޮށްފައިވާ އަމަލުކުރާ މީހާގެ އެ އަމަލު ވެގެންދާނީ ބާތިލު އަމަލަކަށެވެ.
50ޖިނާއީ އިޖުރާއަތެއް ބަޔާންކުރާ ގާނޫނެއްގައި ވަކިފަރާތަކުން ކުރުން ލާޒިމުކޮށްފައިވާ ކަމަކަށް ތަބާނުވެއްޖެ ނަމަ އެކަމުގެ ސަބަބުން ތަފާތު ދެ ނަތީޖާއެއް ނިކުންނާނެއެވެ. ފުރަތަމަ ކަމަކީ އެ އިޖުރާއަތަކަށް ތަބައަ ނުވި ނުވަތަ އެކަމުގައި އިހުމާލުވީ މީހަކަށް ޖަޒާއެއް ލިބެން ޖެހުމެވެ. ދެވަނަ ކަމަކީ ކަނޑައެޅި ބަޔާންވެގެންވާ އިޖުރާއަތަކަށް ތަބާނުވެ އެނޫންގޮތަކަށް އެކަން ކުރުމުން، އެ ކުރިކަން އެއީ ބާތިލު ކަމެއް ކަމަށް ގާނޫނު ގަބޫލުކުރާ ހާލަތާއި އެ އުނިކަން ހުރުމާއެކުވެސް އެކަން އެއީ ސައްހަ ކަމެއް ގާނޫނު ގަބޫލުކުރާ ހާލަތެވެ.
51ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ވަކިގޮތަކަށް ކަމެއް ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތަކާ ޚިލާފުވުމުން މުޅި އެ އަމަލަކީ ޣައިރުގާނޫނީ އަމަލެއް ކަމަށް ވެގެންދާނީ، (1) ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލީކަމަކާ ޚިލާފުވުމުން، ނުވަތަ، (2) އެ އިޖުރާއަތު އެއްވެސް މިންވަރަކަށް ނުހިންގައި މުޅި އެ އިޖުރާއަތު ބޮލާލައި ޖަހާފައިވާނަމައެވެ. މިސާލަކަށް ގާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ އެއްވެސް މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް އަދި ބަންދުކޮށްގެންނުވާނެ ކަމަށެވެ. މި މާއްދާގައި ބަޔާންކޮށްފައި މިވަނީ ޖިނާއީ އިޖުރާއަތެއް ކަމަށްވާއިރު މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް މީހަކު ހައްޔަރުކުރުމަކީ އެ ހައްޔަރުކުރުން ބާތިލުވާނެ ސަބަބަކޮޅެވެ އަދި ހަމަ އެގޮތަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނެތި، ޝަރީއަތުން މީހެއްގެ މައްޗަށް ހުކުމް ކުރުމުގެ ކުރީން އެ މީހަކު ބަންދުކޮށްފައިވާނަމަ، އެ ބަންދަކީ ބާތިލު ބަންދެކެވެ. އެއާ ޚިލާފަށް ޖިނާއީ އިޖުރާއަތުގެ ގާނޫނެއްގައި ވަކިގޮތަކަށް ތަހުގީގުކުރާ ފަރާތުން ނުވަތަ ދައުވާކުރާ ފަރާތުން ނުވަތަ ކޯޓުން ނުވަތަ ޖަލުތަކާބެހޭ އިދާރާއިން ކަންކުރަންޖެހޭނެ ކަމަށް ބުނެފައިވަނިކޮށް އެކަން ކުރަންއޮތް ގޮތް ނޫންގޮތަކަށް ނުވަތަ އެންމެ ފުރިހަމަ ނޫންގޮތަކަށް އެކަންކޮށްފިނަމަ ނުވަތަ އެފަދަ ގޮތަކަށް އިޖުރާއަތެއް ހިންގައިފިނަމަ ނުވަތަ އެކަމެއް ކުރަން އޮތް މުއްދަތުގެ ފަހުން އެކަންކޮށްފިނަމަ، އެފަދަ ކަންކަން ބެލެވޭނީ އެއީ އިޖުރާއީ ޚިލާފެއް ކަމަށެވެ. އެކަމުގެ ސަބަބުން އެ މައްސަލައެއްގައި ސުވާލު އުފެދިފައިވާ މުޅި ޖިނާއީ އިޖުރާއަތު އެއީ ޣައިރުގާނޫނީ އިޖުރާއަތަކަށް ވެގެން ނުދާނެއެވެ.
52އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައިވާ State of U.P. v Desh Raj ގަޒިއްޔާގައި އިޖުރާއަތެއް އެއީ ޣައިރުގާނޫނީ އިޖުރާއަތަކަށް ވާނެ ގޮތާއި އިޖުރާއަތާ ޚިލާފުކަމަކަށް ވާނެ ގޮތް އޮޅުން ފިލުވައިދީފައިވެއެވެ. އެގޮތުން އެ ކޯޓުން އެ ގަޒިއްޔާގައި ބުނެފައިވަނީ އިޖުރާއަތެއް އެއީ ޣައިރުގާނޫނީ އިޖުރާއަތަކަށްވާނީ ދުސްތޫރީ އިލްތިޒާމުތަކާއި އިޖުރާއީ ގަވާއިދުތައް އެކުއެކީގައި ދޫކޮށްލުމުން ކަމަށާއި އިޖުރާއީ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާއި އެއްގޮތަކަށް ގިނަކަންތައްތަކެއް ފުރިހަމަކޮށްފައި ނުވާނަމަ އެކަމަކީ އިޖުރާއީ ގޮތުން ފުރިހަމަނޫން ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެ ކަމެއް އެއީ ޣައިރުގާނޫނީ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
53އެ ކަމަކީ ޣައިރުގާނޫނީ ކަމެއްތޯ ނުވަތަ އިޖުރާއަތާ ޚިލާފު ކަމެއްތޯ ބަލަން އެންމެ ފަސޭހަ އެއް ޓެސްޓަކީ ގާނޫނުގައި އެކަން ބަޔާންކޮށްފައިވާ އިބާރާތަށް ބެލުމެވެ. އެގޮތުން އިޖުރާއީ ގާނޫނުގައި ވަކިކަމެއް ކުރުން މަނާކޮށްފައިވަނިކޮށް އެނޫންގޮތަކަށް އެކަންކޮށްފިނަމަ ބެލެވޭނީ އެކަމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ. އެއާ ޚިލާފަށް އިޖުރާއަތާ އެއްގޮތް ނޫން އަމަލަކީ އިޖުރާއީ ގާނޫނުގައި އެކަން ކުރުން ލާޒިމުކޮށްފައިވާ ހާލަތުގައި އެކަން ކުރަން ކަނޑައަޅާފައިވާ އެންމެ ފުރިހަމައަށް އެކަން ކޮށްފައި ނެތުމެވެ. އުނިކަންތައް ތަކަކާއެކު ނުވަތަ އައިބުތަކަކާ އެކު އެކަންކޮށްފައި އޮތުމެވެ. ނަމަވެސް އެފަދަ އުނިކަމަކީ ނުވަތަ އައިބަކީ ތޮބީއީ އިންސާފުގެ ހަމަތަކާ ޚިލާފު އުނިކަމަކަށް ނުވަތަ އައިބަކަށް ވެގެން ނުވާނެއެވެ. ޣައިރުގާނޫނީ ކަމަކީ އެއްވެސް ހާލެއްގައި ގާނޫނީ ކަމަކަށް ފަހުން ނެހެދޭނެއެވެ. އެއާ ޚިލާފަށް، އިޖުރާއަތާ އެއްގޮތް ނޫން ކަމަކީ ފުރިހަމަކޮށް އިސްލާހުކުރުމުގެ ފުރުސަތު އޮންނާނެ ކަންކަމެވެ.
54ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އަޙްމަދު ފާރިސް މައުމޫން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (އ) ގައި ހައިކޯޓުން ވިދާޅުވެފައިވަނީ:
"ޝަރުޢީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް އިޖުރާއީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވެގެންވާ ކަމާއި، ފިޤްހީ ޤާޢިދާ ތަކުގެ ތެރެއިން "إذا سقط الأصل سقط الفرع" މި ޤާޢިދާއަށް ނަޒަރު ކުރާއިރު، ކަމެއްގެ އަޞްލު ނެތިގެން ގޮސްފިނަމަ، އެކަމެއްގެ ފަރުޢުގައިވާ ކަންތައްތައްވެސް ނެތިގެން ދިޔައީ ކަމަށް ބަލަންޖެހޭ ކަމާއި، އެގޮތުން ބަލާއިރު، މައްސަލައެއްގައި ޝަރީޢަތުން ފައިޞަލާ ކުރަނިވި ޙުކުމަކަށް ވާޞިލްވުމުގެ ކުރިން، އެމައްސަލައެއްގައި ޢަމަލު ކުރަންޖެހޭ އިޖުރާއާތުތަކާއި އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ ޝަރީޢަތުން ކަށަވަރު ކުރަންޖެހޭކަމާއި، އިޖުރާއީ ކަންތައްތައްފުރިހަމަ ނުކޮށް، އެއާއިވިދިގެން ތަޠްބީޤް ކުރެވޭ ޤާނޫނީ އެންމެހާ ކަންކަން، ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އެއްގޮތަށް ކުރިޔަށް ގެންގޮސްފައިވީ ނަމަވެސް، އިޖުރާއާތު ފުރިހަމަ ނުކުރުމުގެ ސަބަބުން އެހުރިހާކަމެއްވެސް ހިމެނިގެންދާނީ ބާޠިލް ކަންތައްތަކެއްގެ ގޮތުގައިކަން ޝަރީޢަތުން ބަލަންޖެހޭ" ކަމަށެވެ.
މި ޕެރެގްރާފުގެ 6 ވަނަ ފޮޅުވަތުގައި ހައިކޯޓުން ލިޔުއްވާފައިވާ "އިޖުރާއީ ކަންތައްތައް ފުރިހަމަ ނުކޮށް" - މި އިބާރާތުގައި ހުރިހާ ބާވަތެއްގެ އިޖުރާއަތުތައް ހިމެނޭ ގޮތަށް ވިދާޅުވެފައި އޮތީ ގާނޫނީ ގޮތުން އެންމެ ރަނގަޅަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ، އިޖުރާއަތަކާ ޚިލާފުވެފައިވާ ހާލަތުގައި އެ އިޖުރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން އޭގެ މައްޗަށް ތަރުތީބުވެގެންވާ އެންމެހާ ކަންކަން ބާތިލުވާނެ ކަމަށް ކަނޑައެޅުއްވުމުގެ ބަދަލުގައި އެ ޚިލާފަކީ ޣައިރުގާނޫނީ ޚިލާފެއްތޯ ނުވަތަ އިޖުރާއީ ޚިލާފެއްތޯ ފަރަގުކޮށް އެ ކަމެއް ނުކުރުމުގެ ސަބަބުން ހަމައެކަނި ބާތިލުވެގެންދާނީ އެ ޚިލާފަކީ ޣައިރުގާނޫނީ ޚިލާފަކަށްވާނަމަ ކަމަށް ބަޔާންކުރެއްވުމުން ކަމަށް ގަބޫލުކުރެވެއެވެ. ނޫންނަމަ މުޅިން ފުރިހަމަ އަށް ނުހުންނަ އަދި ރަނގަޅުކުރެވިދާނޭ އިޖުރާއީ އުނިކަންތައްތަކާ ހުރެ އޭގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަންކަން ބާތިލުވާނެ ކަމަށް ކަނޑައަޅައިފިނަމަ، ޖިނާއީ އަދުލުގެ ނިޒާމަށް ބަރުބޮޑުވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެއް މުވައްޒަފުންގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން ނުވަތަ ގަސްތުގައި އިޖުރާއަތާ އެއްގޮތަށް ކުރަންޖެހޭ ކަމެއް އެނޫން ގޮތަކަށް ކުރުމުގެ ސަބަބުން، މީހަކު ކުށް ކުރިކަން ޔަގީންވާ ހާލަތުގައިވެސް އެފަދަ އިޖުރާއީ އުނިކަމަކާ ހުރެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުށްވެރިން ވީއްލިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ.
55ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިތުރުކުރެވުނު 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި މިއޮތް މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅި 3 (ތިނެއް) މީހުންގެ ބަންދު މުރާޖައާކޮށްފައިވަނީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. އެހެންކަމުން އިސްތިއުނާފު ކުރި 3 (ތިނެއް) މީހުންގެ ބަންދު މުރާޖައާ ކުރެވިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަން ކުރުން ލާޒިމުކޮށްފައިވާ ހާލަތުގައި އެކަން ކުރަން ކަނޑައަޅާފައިވާ އެންމެ ފުރިހަމައަކަށް ނޫނެވެ. އިސްތިއުނާފު ކުރާ ފަރާތްތަކުގެ ބަންދު މުރާޖައާކުރަންޖެހޭ މުއްދަތަށްވުރެ ލަސްވެފައިވީ ނަމަވެސް، ފަހުން އެ ފަރާތްތަކުގެ ބަންދު މުރާޖައާކުރެވިފައި ވާކަން އެނގެއެވެ. މި މައްސަލައިގައި ހިމެނޭ އިޖުރާއީ އުނި ކަމަކީ ފަހުން އިސްލާހުކުރެވިދާނެ ތޮބީއަތުގެ އިޖުރާއީ ޚިލާފެއް ކަމުގައިވާތީވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުގެ ބަންދު މުރާޖައާކުރަން ޖެހޭ ތާރީޚުގައި ބަންދު މުރާޖައާ ކުރެވިފައި ނެތުމަކީ، އެ ބަންދު ފާސިދުވެ އެފަރާތްތައް ބަންދުން ދޫކޮށްލަންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެފަރާތްތަކާ މެދު ތުހުމަތު ކުރެވުނު ކުށްތައް އެފަރާތްތަކުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުގެ އިތުރުން ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 (ހަތަރު) ހާލަތުންކުރެ ހާލަތެއް އޮތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިގެން ގާނޫނުއަސާސީއާ އެއްގޮތަށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވުމާއެކު، ކޯޓަކުން އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ ފަރާތްތަކުގެ މައްޗަށް ހިންގޭ ޖިނާއީ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ދެމިތިބޭނެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޖިނާއީ ގެނެވުނު އިޞްލާޙުތަކާއެކު އިޖުރާއަތުގެ ގާނޫނަށް އިތުރުކުރެވުނު 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތީން އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖައާކުރަންވާނެ ކަމަށާއި އަދި އެމީހަކު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން ކޮންމެ 30 (ތިރީސް) ދުވަހަކުން އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވަނީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްޗަށް ކުރެވޭ ޝަރީއަތް އިންތިހާއަށް ލަސްވެ ދިއުމުގެ ސަބަބުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭމީހުން ދިގު މުއްދަތަކަށް، ހުކުމްނުކޮށް، ތިބުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެގޮތުން އެފަދަ މީސްމީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ޟަރޫރަތްކުރި ސަބަބު އެގޮތުގައި ދެމިނެތް ކަމުގައި ވާނަމަ އެފަދަ މީހުންގެ ބަންދު މުރާޖައާކޮށް، ޝަރުތުތަކާއެކު ނުވަތަ ކަފާލާތުގެ ދަށުން އެފަދަ މީހުން ބަންދުން ވީއްލާފައި ބޭތިއްބުމަށެވެ. އެ މަގްސަދުގައި 30 (ތިރީސް) ދުވަހުން 30 (ތިރީސް) ދުވަހުން އެފަދަ މީހުންގެ ބަންދު މުރާޖައާކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ލާޒިމުކުރަނީއެވެ. އެއްވެސް މާނައެއްގައި އެ މާއްދާ ލިޔެފައިވަނީ އެ މާއްދާއަށް އަމަލުކުރުމުގައި ކަންކުރަންޖެހޭ ފަރާތުން ކަންކުރުން ލަސްވެއްޖެ ނަމަ ނުވަތަ އިޖުރާއަތުގައި އުނިކަމެއް ހުންނަ ހާލަތުގައި އެފަދަ މީސްމީހުންގެ ބަންދު ޣައިރުގާނޫނީ ބަންދެއް ކަމަށް ހެދުމަކަށް ނޫނެވެ. ޤާނޫނު އެކުލަވާލުމުގައި ރައްޔިތުންގެ މަޖިލީހުން ބަލާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ހާލަތު މަހަކު އެއްފަހަރު ބަލައި މޮނިޓަރކޮށް އެމީހުން އިތުރަށް ބަންދުގައި ބަހައްޓަންޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ. ރައްޔިތުންގެ މަޖިލީހުން، ގާނޫނުގައި ކަނޑައަޅާފައިވާ ހައްލުގެ މަގްސަދަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހާ ބަންދުގައި އިތުރަށް ބަހައްޓަންޖެހޭތޯ ކޮންމެ މަހަކު އެއް ފަހަރު ބަލަން ލާޒިމުކުރުމެވެ. އަދި އެ ކަން ހިނގަމުންދާ ގޮތް ހަމަހުން ހަމަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ރިޕޯޓުކުރަމުން ގެން ދިއުމަށެވެ.
56ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރެވުނު (ވ) އިން އިލްތިޒާމް އުފައްދަނީ ދައުލަތުގެ މުއައްސަސާތަކެއްގެ މައްޗަށެވެ. އެ އިލްތިޒާމްއާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އެކަމުގެ ނަތީޖާ ރައްދުވާނީ އެ މުއައްސަސާތައް ހިންގަން ހަވާލުވެތިބި ފަރާތްތަކުގެ މައްޗަށެވެ. ގާނޫނުގައި ވަކި މުއްދަތަކުން ކަމެއް ކުރުން ދައުލަތުގެ މުއައްސަސާއެއްގެ މައްޗަށް ލާޒިމުކުރެވިއްޖެނަމަ އެކަން އެގޮތަށް ނުކޮށް ދޫކޮށްލުމަކީ ހުއްދަކަމެއް ނޫނެވެ. އެކަން ކުރުމުގައި އަމަލީ ގޮތުން ދަތިތަކެއް ހުރި ނަމަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެނައުމަކީ އެ މުއައްސަސާތަކުގެ ޒިއްމާއެކެވެ. ކްރިމިނަލް ކޯޓުގެ އަމުރުތަކުގެ ދަށުން ތިންސަތޭކައެއްހާ މީހުން ޝަރިއަތް ނިމެންދެން ބަންދުގައި މިވަގުތު ތިބިއިރު ކްރިމިނަލް ކޯޓުގެ 10 (ދިހައެއް) ވަރަކަށް ގާޒީން ކްރިމިނަލް ކޯޓުގައި އޮތް ދެހާހެއްހާ މައްސަލައިގެ ޝަރީއަތުގެ އިޖުރާއަތްތައް ފުރިހަމަ ކުރަމުން، އަލަށް ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ އެތައް ބައެއްގެ ބަންދާމެދު ގޮތެއް ނިންމަމުން، 30 (ތިރީސް) ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވައިގެން މި އެންމެންގެ ބަންދުގެ މުއްދަތު މުރާޖައާ ކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ޖިނާއީ މައްސަލަތަކުގައި އިންސާފު ގާއިމު ކުރެވޭނީ އެކަމަށް ފަހި ވަސީލަތްތައް ފުދޭ މިންވަރަށް ހުރުމާއެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ބުރަ ކުޑަކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން ލިބެންހުރި ހުރިހާ ގާނޫނީ ވަސީލަތްތަކުގެ ބޭނުންވެސް ފުރިހަމައަށް ކުރެވިގެންނެވެ.
57މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
58ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާން ކުރާ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 (ތިރީސް) ދުވަހަކުން މުރާޖަޢާކުރަން ވާނެކަމަށް ބަޔާންކޮށްފައި އޮތުމަކީ ޤާނޫނުގައި ވަކިގޮތަކަށް ޢަމަލު ކުރަންވާނޭކަމަށް ބަޔާންކޮށްފައިވާ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އޮންނަ ބަރީއަވުމެއް ނެތް، ވާޖިބު އިލްތިޒާމެއްކަމަށް އަހުރެން ދެކެމެވެ. ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ހުރެ 30 (ތިރީސް) ދުވަސް ތެރޭގައި އޭނާގެ ބަންދު މުރާޖަޢާ ކުރެވިފައި ނުވާނަމަ، އެކަމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އުފުލަންވާނޭކަމަށް ދެކެމެވެ. އެގޮތަށް ޢަމަލު ކުރެވިފައި ނުވާނަމަ، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބޭ މަންފާތައް ބަންދުގައި ތިބި ފަރާތްތަކަށް ލިބުމުން މަހުރޫމު ވެގެން ދާނޭކަމަށް ދެކެމެވެ.
59ކޮންމެ 30 (ތިރީސް) ދުވަހަކުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓިފައިވާ ފަރާތެއްގެ ބަންދު މުރާޖަޢާ ކުރުމުގެ ނަތީޖާ ދެ ގޮތަކަށް ނުކުންނާނެއެވެ. ފުރަތަމަ ގޮތަކީ، އޭނާ ބަންދުން ދޫކޮށްލުމެވެ. ދެވަނަ ގޮތަކީ، އިހު ހުރިގޮތަށް، ބަންދުގައި ހުރުމެވެ. މި ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވެސް ނިންމޭނީ، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބަޔާންކުރާގޮތަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރެވިގެންނެވެ. ބަންދު މުރާޖަޢާ ކުރުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން އެއީ ޝަރުޠެއްކަމަށް ވާހިނދު، އެ ޝަރުޠު ފުރިހަމަ ނުވެ، ބަންދު މުރާޖަޢާ ނުކުރެވޭނެ ހިނދު، ބަންދު މުރާޖަޢާ ކުރަން ޤާނޫނުގައި ބަޔާންކުރާ 30 (ތިރީސް) ދުވަސް ފަހަނަޅައި ދިޔަކަމުގައި ވިޔަސް، ޝަރީޢަތް ނިމެންދެން، ބަންދުކޮށްފައިވާ އަމުރު ކޯޓުން މުރާޖަޢާކުރުމަށްފަހު ގޮތެއް ނިންމަންދެން ނުވަތަ މަތީ މަރުޙަލާއެއްގެ ކޯޓަކުން އެ އަމުރަށް އެހެން ގޮތެއް ކަނޑައަޅަންދެން ޞައްޙަކަން މަތީ ދެމި އޮންނާނެއެވެ.
60ޝަރީޢަތް ނިމެންދެން، މީހެއްގެ މައްޗަށް ބަންދުގެ އަމުރެއް އޮތް ފަރާތެއް، ބަންދުގެ އަމުރު މުރާޖަޢާ ނުކުރެވި، 30 (ތިރީސް) ދުވަސް ފާއިތުވެގެން ދިއުމުގެ ސަބަބުން، ހަމަ އެކަނި އެސަބަބައްޓަކައި، އެ މުއްދަތަށް ފަހު، އޭނާ އަކީ މިނިވަނެކޭ ބުނެވިދާނެ ޤާނޫނީ ހުއްޖަތެއް އޮތްކަމަކަށް އަހުރެން ނުދެމެވެ. އަދި ޤާނޫނު ހެދިފަރާތުން މި މާއްދާ ޤާނޫނަށް އިތުރުކުރުމުގެ މަޤުޞަދަކީ އެއީ ކަމަކަށް ދޭހަނުވެއެވެ. ޤާނޫނުގެ މި މާއްދާގެ މަޤުޞަދަށް ބެލުމުން އެ މާއްދާގައިވާ ބަރީއަވުމެއް ނެތް އިލްތިޒާމުތައް ރައްދުވެގެންދަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށެވެ. އެ މާއްދާގެ ބޭނުމަކީ، އެ ފަރާތްތައް ޒިންމާދާރު ކުރުވުމެވެ. އަދި އެއީ މި މާއްދާ ވުޖޫދަށް އައުމުގެ ކުރިން، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރެވި، އެ މީހުންގެ މައްޗަށް ކުށެއް ގެނެވުނު އިޞްލާޙުތަކަށްފަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ސާބިތު ނުވެ، ދިގު މުއްދަތަކަށް ބަންދުގައި ހުރުމުގެ ފުރުސަތު އޮންނާތީވެ، އެ ފުރުސަތު ނިމުމަކަށް ގެނެސް އެ މީހަކާ ދޭތެރޭ އަވަސް މިނެއްގައި ޝަރީޢަތް ކުރެވި އިންސާފު ލިބިދިނުމަށެވެ.
61ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ހުރެ 30 (ތިރީސް) ދުވަސް ފަހަނަޅައި ގޮސްފިނަމަ، ނުވަތަ އެ މުއްދަތު ޖެހުމުގެ ކުރިން ބަންދުގައި ހުންނަ ފަރާތަކަށް އެކަން މުރާޖަޢާކޮށް ދިނުމަށް އެދި ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި އެގޮތުގެ މަތީން ހުށަހަޅައިފިނަމަ، އެކަން ފަހިކޮށްދޭން ޖެހޭނެކަމަށް އަހުރެން ދެކެމެވެ.
62މަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/269، 2020/HC-A/267 އަދި 2020/HC-A/270 ޤަޟިއްޔާތަކުން ކޮށްފައިވާ ޙުކުމްތަކަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު
ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ޢަލީ ޒުބައިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޙުސައިން ޒަހީން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- އަރުޝަދު ޚާލިދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 "ކޯޓު އަމުރު" (09 އެޕްރީލް 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/893 "ކޯޓު އަމުރު" (16 އެޕްރީލް 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން އެޓަރނީ ޖެނެރަލް އެކުލަވާލާފައިވާ "ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ މައިގަނޑު ސިޔާސަތުތައް" (31 ޑިސެންބަރު 2018)، ގެނެވުނު 1 ވަނަ އިޞްލާޙާއެކު.
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ކްރިމިނަލް ކޯޓުގެ ނަންބަރު 190/Cr-C/2020 ޤަޟިއްޔާ
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްލަޢިފު މުޙައްމަދު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 "ކޯޓު އަމުރު" (09 އެޕްރީލް 2020) އާއި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020) އާއި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/893 "ކޯޓު އަމުރު" (16 އެޕްރީލް 2020)
- އިބިމި.
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/08 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/07 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/09 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 "ކޯޓު އަމުރު" (09 އެޕްރީލް 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/08 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- އިބިމ.
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/09 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/267 (އަލީ ޒުބައިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/07 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/07 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/07 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020)
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-B10/AM/2020/07 "ކޯޓު އަމުރު މުރާޖަޢާކޮށް ގޮތެއް ނިންމުން" (10 ނޮވެންބަރު 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 އަދި 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020) އަދި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/893 "ކޯޓު އަމުރު" (16 އެޕްރީލް 2020)
- ޤާނޫނު ނަންބަރު 13/2020
- އަޙްމަދު ޤިޔާސް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 އަދި 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020) އަދި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/893 "ކޯޓު އަމުރު" (16 އެޕްރީލް 2020)
- ޤާނޫނު ނަންބަރު 12/2016
- ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/819 އަދި 145-J/MA/2020/818 "ކޯޓު އަމުރު" (09 އެޕްރީލް 2020) އަދި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2020/893 "ކޯޓު އަމުރު" (16 އެޕްރީލް 2020)
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 4/2011
- އބބމ.
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ޢަމުން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 4/2011
- އބމ
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ޢަމުން
- ޤާނޫނު ނަންބަރު 4/2011
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- މި ދެ ވައްތަރުގެ އިޖުރާއާތުގެ ތަފާތަކީ illegality އާއި irregularity ގެ ތަފާތެވެ.
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- شرح قانون الاجراءات الجنائية، د/ حسني الجندي، الطبعة الثانية، 2003، ص: 6
- شرح قانون الاجراءات الجنائية، د/ حسني الجندي، الطبعة الثانية، 2003، ص: 7
- ޤާނޫނު ނަންބަރު 12/2016
- شرح قانون الاجراءات الجنائية، د/ حسني الجندي، الطبعة الثانية، 2003، ص: 8
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން
- ޤާނޫނު ނަންބަރު 21/2020
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ އަލުން
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 12/2016
- އބމ.
- އބމ.
- Case No.: Appeal (civil) 574 of 2006F
- 2018/HC-A/292
- ޤާނޫނު ނަންބަރު 21/2020
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިސްލާޢު ގެނައުމުގެ ޤާނޫނު) ގެނެވުނު އިސްލާޢުތަކާއެކު
- ފާނޫނު ނަންބަރު 12/2016
- ފާނޫނު ނަންބަރު 21/2020 (ފާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ފާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ފާނޫނު) ގެ ދަށުން
- ފާނޫނު ނަންބަރު 12/2016
- ފާނޫނު ނަންބަރު 21/2020
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކާއެކު
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ގެނެވުނު އިޞްލާޙުތަކަށްފަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 21/2020 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.