—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/33
ދަޢުވާކުރާ ފަރާތް: ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ލިބޭ ފަރާތް: ޢަބްދުއްލަޠީފް މުޙައްމަދު،
މައްސަލައިގެ ބާވަތް: އަމުރު އިސްތިއުނާފުކުރުން.
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން.
ހުށަހެޅުނު ތާރީޚް: 15 ޖޫން 2011
ނިމުނު ތާރީޚް: 16 ޖޫން 2011
މައްސަލަ ނިންމި ގަޑި: 17:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާނު
އިސްތިއުނާފު ކުރެވުނު ނިންމުން
ނަންބަރު: 2011/HC-A/126
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 29 މެއި 2011
ނިމުނު ތާރީޚް: 02 ޖޫން 2011
މައްސަލައިގެ ޚުލާޞާ
މިއީ ޢަބްދުއްލަޠީފު މުޙައްމަދު، ދިވެހިރާއްޖެއަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް އެތެރެކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން 14 ޑިސެމްބަރު 2010 ގައި ހައްޔަރުކުރުމަށްފަހު، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(MD)2011/3030 ކޯޓު އަމުރުން 13 އޭޕްރީލް 2011 އިން ފެށިގެން މައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްއިން ކަނޑައަޅާ ތަނެއްގައި މީނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރިފަހުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(MD)2011/4486 ގެ ކޯޓު އަމުރުން 25 މެއި 2011 ވަނަ ދުވަހު، މީނާ ބަންދުން ދޫކޮށްލުމަށް އަމުރުކުރުމުން، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ، ހައިކޯޓުގައި އެ އަމުރު އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، އެ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބަލާނެތަނެއް ނެތްކަމަށް ހައިކޯޓުން ޙުކުމްކޮށްފައިވާތީ، 15 ޖޫން 2011 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J(MD)2011/3030 ގެ ކޯޓު އަމުރުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 2011/HC-A/126 ގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގެ ދަށުން ސަބަބު ބަޔާންކޮށް ނުވަތަ ސަބަބު ބަޔާން ކުރުމަކާނުލައި ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމުގެ ބާރު ފަނޑިޔާރަކަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވަނީ ޝަރްޠަކާއެކު ނުވަތަ ޝަރްޠަކާނުލައި އެމީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރުކަން އެނގޭ ކަމާއި ޤާނޫނުއަސާސީގެ 49 މާއްދާއިން އެއީ އެއްވެސް ޤައިދެއް ނެތް މުޠުލަޤް ބާރެއް ނޫންކަން ކަނޑައެޅިގެން އެނގެން އޮންނަކަމާއި އެ ޝަރުޠުތަކަކީ ބަންދުން ދޫކޮށްލާ ހިނދު، ކަފާލާތުގެ އުޞޫލުން ނުވަތަ ކޯޓުން ބޭނުންވާގޮތެއްގެ މަތީން ކޯޓަށް ނުވަތަ ތަޙްޤީޤަށް ހާޒިރުވާނޭކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރްޠުތަކެއްކަން 49 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި ޤާނޫނުގެ އިންތަކުގެ ތެރޭގައި ޤާނޫނާ އެއްގޮތަށް ކަމެއް ހިނގާތޯ ބަލައި ނިންމަންޖެހޭ އެއްވެސް ނިންމުމެއް ނިންމަންޖެހޭ ފަރާތަކަށް ލިބޭ ޤާނޫނީ ބާރު އަދި ޚާއްޞަ ގޮތެއްގައި އެނިންމުމަކީ ޝަރްޢީ ހަމަތަކުގެ މަތިން ފަނޑިޔާރަކު ނިންމަންޖެހޭ ނިންމުމަކަށްވާއިރު، އެއީ އެއްވެސް ޤައިދެއް ނެތި ފަނޑިޔާރަކަށް ލިބިގެންވާ މުޠުލަޤު ބާރެއްކަމަށް ބެލުމަކީ ފަރުދުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމަންޢާންމާއި އާޢްމު މަޞްލަޙަތާއި ޤާނޫނުގެ ވެރިކަމާއި ޙައްޤުތަކާއި މިނިވަންކަމަށް ހުރަސް އެޅިދާނޭ ކަމެއްކަން އެނގޭކަމާއި މި އިޚްތިޔާރު ފަނޑިޔާރު ބޭނުންކުރަންވާނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) އާއި އެމާއްދާގެ (ނ) އާއި އެމާއްދާގެ (ރ) ގައިވާގޮތުގެ މަތިންކަމާ އަދި ޤާނޫނުއަސާސީގެ 57 ވަނަ މާއްދާގައިވާގޮތުގެ މަތިންކަން ޤާނޫނުއަސާސީގައި ވަރަށް ސާފު ޞަރީޙަ ޢިބާރާތުން ބަޔާންކޮށް ފައިވާކަން އެނގެން އޮވެފައި މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި އަދި އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި ކުށުގެ ބޮޑުކުޑަމިނަކީ ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި އަދި ހެކިތަކާ ކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާވަރަކަށްކަން ފަނޑިޔާރު ވަޒަން ކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު2010/SC-A/19 ގެ ޤަޟިއްޔާގެ 09 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަކަމަކީ، ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން އޮންނައޮތުމާ ބެހޭ ގޮތުން ޤާނޫނުއަސާސީގައި ކަނޑައެޅި ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ގެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމެއްކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ޞަރީޙަ ނައްޞުން އަމުރުކޮށްފައި އޮންނައޮތުމާއި އެގޮތުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުށުގެ ދަޢުވާ ޝަރީއަތަށް ހުށަހެޅި ޝަރީޢަތުން ފައިސަލާކުރަނިވި ޙުކުމެއް އިއްވުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި ކުށުގެ ތަޙްޤީޤު ބޭނުމަށްވިޔަސް އެނޫން ބޭނުމަކަށް ވިޔަސް ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުން ހުއްދަކޮށްފައިވަނީ ހަތަރު ހާލަތެއްގައި ކަން އެނގެން އޮންނަކަމާއި އެއީ:
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ނުވަތަ؛
ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި ނުވަތަ؛
ފިލައިފާނެ ކަމަށްޓަކައި
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި،
މި ހަތަރު ޙާލަތުގައިކަން އެނގެން އޮންނައޮތުމެވެ.
(ނ) ތިންވަނަކަމަކީ، މަނާކުރެވިފައިވާ މަސްތުވާ ތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ ކުށްތަކަކީ، އެކުށްތަކުގެ ޒާތާއި ބާވަތުން މުޖްތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި، މުޖްތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއްކަމާއި ޤާނޫނު ނަންބަރު 77/17 (މަނާކުރެވިފައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކުށަކީ މުޠްލަޤު މަސްއޫލިއްޔަތު (ސްޓްރިކްޓް ލައިބިލިޓީ) އުފުލަންޖެހޭ ކުށެއްކަމާއި މި ކުށަކީ އެންމެ މަތީ ދަރަޖައިގެ ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށެއްކަން އެނގެން އޮންނައޮތުމެވެ.
(ރ) ހަތަރުވަނަކަމަކީ، ޢަބްދުއްލަޠީފު މުޙައްމަދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ މައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ގެ ޤަޟިއްޔާ އެ ކޯޓުން 14 ޖޫން 2011 ގައި ނިންމާފައިވަނީ ޢަބްދުއްލަޠީފު މުޙައްމަދުގެ މައްޗަށް އެ ޤަޟިއްޔާގައި ދައުލަތުންކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފައި ކަމަށްވާތީ، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ މި ބުނެވުނު ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަން ބޭނުންވާކަމަށާއި އަދި އިސްތިއުނާފުކުރުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖްރާއީކަންތައްތައް ފެށި ކުރިއަށްދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވުމުން ކްރިމިނަލް ކޯޓުގެ މިބުނެވުނު ޤަޟިއްޔާއަކީ ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ އިސްތިއުނާފީ ނަޒަރުން ޝަރީޢަތުން ބެލުމުގެ މަރުޙަލާގައި އޮތް، އަދި އެ ދަޢުވާއާ މެދު އިސްތިއުނާފީ ކޯޓުން ވަކި ގޮތެއް ނުނިމި ޝަރީޢަތުގެ މަރުޙަލާތަކުގެ ތެރެއިން މަރުޙަލާއަކަށް ވަދެފައިވާ މައްސަލައެއްކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
ޙުކުމް:
އިސްވެ ބަޔާންކުރެވިފައިވާ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، ޖިނާއީ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުމުގެ އަމުރު ކޯޓުން ނެރުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ގެ ޤަޟިއްޔާގެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބުނެފައިވާ އުޞޫލަށް ރިޢާޔަތްކުރަންވާނެކަމަށް ކަނޑައަޅައި، ޢަބްދުއްލަޠީފު މުޙައްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ބާވަތުން ޢަބްދުއްލަޠީފު މުޙައްމަދު ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަކީ މުޖްތަމަޢުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށް ފެންނާތީ، ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކުރާ ކްރިމިނަލް ކޯޓުގެ ނަންބަރު 539/Cr-C/2011 ގެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކޮށް ނިމެންދެން ޢަބްދުއްލަޠީފު މުޙައްމަދު، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.