ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-B12/58

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢައްޒާމް އަޙްމަދު

ދަށުކޯޓުގެ ނިންމުން ބާޠިލު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 26 ނޮވެމްބަރު 2024ދަށު ކޯޓު: ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު Q8C-CA/12/2024ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު Q8C-CA/12/2024
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޙްޤީޤު ނިންމަންޖެހޭ 45 ދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރި ދުވަހުންތޯ ނުވަތަ ބަންދުން ދޫކޮށްލި ދުވަހުންތޯ، އަދި ދަށުކޯޓުގެ މާނަކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޚިލާފު މާނަކުރުމެއްތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ އަމުރު ބާޠިލު؛ 5 ދުވަހުގެ ތެރޭ ދައުލަތުން ހުށަހަޅައިފިނަމަ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް އެންގި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ޖިނާއީ › ކޯޓު އަމުރު

HN1 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ތަޙްޤީޤުކުރުމުގެ 45 ދުވަހުގެ މުއްދަތު ގުނަން ފަށަންޖެހޭނީ ދަޢުވާލިބޭ މީހާ ބަންދުން ދޫކޮށްލާ ދުވަހުންނެވެ؛ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރި ދުވަހުން ނޫނެވެ.

HN2 "ބަންދުން ދޫކޮށްލުން" އަކީ ބަންދުގައި ހުރި މީހަކު މިނިވަންކުރުމެވެ؛ އެއީ ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލިކަމުގައި ވިޔަސް ނުވަތަ ފުލުހުން ދޫކޮށްލިކަމުގައި ވިޔަސް އެއްގޮތެވެ.

HN3 ޤާނޫނުގެ ސާފު ޢިބާރާތެއްގައި ނެތް ޢިބާރާތެއް އިތުރުކޮށް، އޮތް ޢިބާރާތް އެއްފަރާތްކޮށް މާނަކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފު ކަމެކެވެ.

HN4 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ޤާނޫނުގައި ބޭނުންކޮށްފައިވާ ސާފު ބަސްތައް އެ ބަސްތަކުގެ ޢާންމު ނުވަތަ ސާފު މާނައިގައި ދަމަހައްޓަންޖެހޭނެއެވެ؛ ރައްޔިތުންގެ މަޖިލީހުގެ ނިޔަތުން އެނޫން މާނައެއް ފާޅުނުވާނަމައެވެ. ޖުޑީޝަރީ ކޮމިޓީގެ ބަހުސްތަކުންވެސް ތާއީދުކުރަނީ ދޫކޮށްލި ދުވަހުން މުއްދަތު ގުނުމަށެވެ.

HN5 ޤާނޫނުގެ ސާފު ނައްޞުން ފެންނަ ކަމެއް، މުއްތަހަމުގެ މަޞްލަޙަތު ބޮޑަށް ހިމާޔަތްވާ ގޮތަށް ކަމަށްބުނެ އެނޫން ގޮތަކަށް މާނަކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އިބްރާހީމް ނާޞިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ މިފްރާޒް ނިޒާރު
ބެންޗު
ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުޒައިފާ މުޙައްމަދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

މައްސަލައިގެ ތަޢާރުފު

1މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ ކޮޕީގެ، ޢައްޒާމް އަޙްމަދުއެވެ.

2މި ރިޕޯޓުގައި "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ދައުލަތް" ކަމަށް ބަޔާންކޮށްފައި އެވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނިސްބަތްކޮށެވެ. "އިސްތިއުނާފުރައްދުވާ ފަރާތް" ނުވަތަ "ޢައްޒާމް އަޙްމަދު" ކަމަށް ބަޔާންކޮށްފައި އެވަނީ ކޮޕީގެ، ޢައްޒާމް އަޙްމަދުއަށް ނިސްބަތްކޮށެވެ.

މައްސަލައިގައި ކަންހިގާފައިވާގޮތް

32024 އޯގަސްޓް 23 ވަނަ ދުވަހު 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޢައްޒާމް އަޙްމަދު ފުރަތަމަ ފަހަރަށް ދަށުކޯޓަށް ޙާޟިރުކުރުމުން 5 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށް ވަކީލަކު އައްޔަންކުރުމަށް އެ ކޯޓުން ފުރުސަތު ދީފައިވެއެވެ.

4އެއަށްފަހު، 28 އޯގަސްޓް 2024 ގައި ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދެވަނަ ފަހަރަށް ކޯޓަށް ޙާޝިރުކުރުމުން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޢައްޒާމް އަޙްމަދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

5އެއަށްފަހު، 12 ސެޕްޓެންބަރު 2024 ދުވަހު އިތުރަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް ޙާޟިރުކުރުމުން ޢައްޒާމް އަޙްމަދު ބަންދުން ދޫކުރުމަށް އަމުރުކޮށްފައިވެއެވެ.

6ބުނެވިދިޔަ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އަމުރު ބާޠިލުކޮށް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 05 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، ހައިކޯޓުން ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އަންގައި، 14 އޮކްޓޫބަރު 2024 ދުވަހު ނިންމާފައިވެއެވެ. ހައިކޯޓުގެ ނިންމުމާ އެއްގޮތަށް ޢައްޒާމް އަޙްމަދުގެ ބަންދާމެދު ގޮތް ނިންމުމަށް ދަށު ކޯޓަށް ހުށަހެޅިއެވެ.

7އެ ހުށަހެޅުމާ ގުޅިގެން، ތަޙްޤީޤު ކުރުމުގެ މުއްދަތު ހަމަވެފައިވާކަމަށް ބަޔާންކޮށް ދަށު ކޯޓުން ޢައްޒާމް އަޙްމަދު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ތަނެއް ނެތްކަމަށް ނިންމާފައިވެއެވެ.

8މިއީ ބުނެވިދިޔަ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

އިސްތިއުނާފީ ނުކުތާ

9ދަށުކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަކީ:1.9 ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރުން ޢައްޒާމް އަޙްމަދު ބަންދުން ދޫކޮށްލުމުގައި، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ތަޙްޤީޤު ކުރުމަށް އޮތް މުއްދަތު މިހާރު ހަމަވެފައިވާކަމަށް ނިންމެވުމުގެ ގޮތުން، ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤަނޫނު) ގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް، ތަޠުބީޤުކޮށްފައިވަނީ، ޤާނޫނު ނަންބަރު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q10C/MA/2024/56 ކޯޓު އަމުރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ

10ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) މި މައްސަލައަށް ތަޠުބީޤުކުރާއިރު، ދަޢުވާލިބޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރީ 23 އޯގަސްޓް 2024 ގައި ކަމާއި، އޭގެ ފަހުން އޭނާގެ ބަންދު ދެމެހެއްޓުމަށް ފަހު، ކޯޓުން 12 ސެޕްޓެންބަރު 2024 ގައި އޭނާ މިނިވަންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

11ތަޙްޤީޤުކުރުމުގެ މުއްދަތު ގުނުމުގައި ފުލުހުން ގުނާފައިވަނީ އޭނާ ބަންދުން ދޫކޮށްލި ތާރީޚުން ފެށިގެންކަމާއި، އެއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ސާފު ނައްޞުގައި އޮތް އިރުޝާދަށް ތަބާވެގެން ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

12މި އުޞޫލުން ބަލާއިރު، ތަޙުޤީޤު ނިންމުން ލާޒިމް އެންމެ ފަހުގެ ތާރީޚަކީ 26 އޮކްޓޫބަރު 2024 ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ދަށު ކޯޓުން މުއްދަތު ގުނުމުގައި ބަލާފައިވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރެވުނު ތާރީޚުން ފެށިގެން ކަމަށާއި، އެ ތާރީޚުން ފެށިގެން ގުނައިފިނަމަ، މުއްދަތު ހަމަވާ ތާރީޚަކީ 7 އޮކްޓޫބަރު 2024 ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

13ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތަށް މާނަކުރުމުން 94 ވަނަ މާއްދާގައިވާ "ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ" ކަމަށް ބަޔާންކުރާ މުއްދަތު، ހިނގާނީ ފުރަތަމަ ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާ މީހުންގެ ތެރެއިން ބަންދުން ދޫކުރާ މީހުންނަށާއި، ހައްޔަރު ކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންގޮސް ފުލުހުންގެ ބަންދުން ދޫކުރާ މީހުންނަށްކަމަށާއި، އެ މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ފިޔަވާ އެހެން މާއްދާތައް ކިޔުމުން، އެންމެ ރަނގަޅު މާނަކުރުމެއް ނޫންކަން އެނގޭކަމަށާއި، މި މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ސާފު އިބާރާތުގެ ތެރެއަށް އިތުރު ބައިތަކެއް އިތުރުކޮށްގެން މާނަކުރުންކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.

14ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި މުއްދަތު ގުނުމުގައި ބަލާނެ ގޮތް ބަޔާންކޮށްދިނުމުގައި، އެ މާއްދާގެ

(ނ) އާ ޚިލާފަށް އިތުރުކަމެއް ބަޔާންކޮށްފައިވާކަމާއި، އެއީ "ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ" މިފަދައިންކަމާއި، މިފަދައިން 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގައި ޤަޞްދުގައި ގެނެސްފައިވާ ތަފާތެއްކަން މުޅި 94 ވަނަ މާއްދާ އެކުގައި ކިޔުމުން ސާފުވާނެކަމަށާއި، އެ މާއްދާ އިޞްލާހު ކުރުމުގެ މަޤްޞަދަކީވެސް އެ ފަދައިން މީހުން ބަންދުން ދޫވެގެން ނުދިއުންކަން އެނގޭ ކަމާއި، އެއީ 94 ވަނަ މާއްދާގެ

(ހ) އާއި (ށ) ގައިވާ ޙާލަތު ފިޔަވައި މުޅިން ތަފާތު ޙާލަތެއް (ނ) ގައި ބަޔާންކޮށް، އެ ޙާލަތުގެ މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައި އޮތުމުންކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

15މި މައްސަލައިގައި ވުޖޫދުވެފައިވާ ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދެ ޙާލަތުގެ ތެރެއިން ކޯޓުން ދޫކޮށްލާ ޙާލަތް ކަމަށާއި އެ ޙާލަތުގައި ދަޢުވާކުރުމުގެ މުއްދަތު ގުނަން ފަށަނީ "ބަންދުން ދޫކޮށްލާ" ތާރީޚުން ފެށިގެންކަމަށް ޤާނޫނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

16ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ބަހެއް، ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށާއި، މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގައި ތަޠުބީޤުކުރަމުން އަންނަ ކަމަށް ދައުލަތުން ބަޔާންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/78,79 (މުޙައްމަދު ހަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ) ޤަޟިއްޔާ ފާހަގަކޮށްފައިވެއެވެ.

17ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ރ) އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އަށް ބަލާއިރުވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ

(ނ) މާނަކުރަން ޖެހެނީ، ދައުލަތުން ހުށަހަޅާ ގޮތަށް "އޭނާ ބަންދުން ދޫކޮށްލާތާ" މި އިބާރާތް މި އޮތް ގޮތަށް ދަމަހައްޓައިގެން ޤާނޫނު ކިޔައި މާނަކުރަންޖެހޭގޮތަށްކަމަށް ފާހަގަކޮށްފައިވެއެވެ.

18ޖިނާއީ އިޖުރާއަތަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2022/SC-A/74 (ޢަބްދުﷲ ޖުނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއިން ބެލުނު މައްސަލައިގައި މުއްދަތު ގުނުމުގައި ކްރިމިނަލް ކޯޓަށް ހެދިފައިވާ ގޯސްތަކެއްގެ ސަބަބުންކަމަށާއި، އެކަން އިޞްލާހުކުރުމަށް ދެކިގެން ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:

19ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރުން ޢައްޒާމް އަޙްމަދު ބަންދުން ދޫކޮށްލުމުގައި، މީނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ތަޙްޤީޤުކުރުމަށް

(ނ) ތަޠްބީޤުކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމުގައި ކަނޑައަޅައިދީ، އެ އަމުރު ބާޠިލްކޮށް، ޢައްޒާމް އަޙްމަދުގެ ބަންދާމެދު ގޮތް ކަނޑައެޅުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅުމުން، ހައިކޯޓުގެ ނަންބަރު 2024/HC-B12/41 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ޢައްޒާމް އަޙްމަދުގެ ބަންދާމެދު 07 (ހަތެއް) ދުވަހުގެ ތެރޭގައި އަލުން ގޮތެއް ކަނޑައަޅަން އަމުރުކޮށްދިނުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންތައްތަކުގެ ޚުލާސާ

20މި މައްސަލައިގައި ދިވެހިރާއްޖެގެ ހައިކޯޓު ކުރިމަތީގައި އޮތް ސުވާލަކީ، ދަށު ކޯޓުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް، ތަޠުބީޤުކޮށްފައިވަނީ، ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ކަމަށް ޢައްޒާމް އަޙްމަދުގެ ފަރާތުން ފާހަގަކުރެއެވެ.

21ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 50 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާ ހަވާލާދީ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރަންޖެހޭނީ މުއްތަހަމުގެ މަސްލަޙަތު ބޮޑަށް ޙިމާޔަތްކުރެވޭނެ ގޮތަށްކަމުގައި ދެކޭ ކަމަށާއި، އެހެނީ މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރާ ގޮތަށް މާނަކުރަންވެއްޖެނަމަ މުއްތަހަމުގެ ޙައްޤު އެއްވެސް ވަރަކަށް ހިމާޔަތްނުކުރެވޭނެ ކަމަށް ޢައްޒާމް އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްސަދު ގެއްލި އެ މާއްދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދޮރު ހުޅުވި، ބަންދުން ދޫކޮށްލާ ފަހުން 45 (ސާޅީސް ފަހެއް) ދުވަސް ގުނަންވެއްޖެނަމަ، ދަޢުވާލިބޭ ފަރާތް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައި ވީހާވެސް ގިނަދުވަހެއް ދަޢުވާ ނުކޮށް ތަޙްޤީޤު ނުނިންމައި ދަންމާލުމުގެ އިޚްތިޔާރު ތަޙްޤީޤީ އިދާރާތަކަށް ލިބޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

22ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ ދަށުން ޙައްލު ހޯދައިދިނުމުގެ އުސޫލަށްކަން އެނގޭކަމަށާއި، މިއީ އިސްތިއުނާފުކުރާ ފަރާތުންވެސް ފާހަގަކޮށްފައިވާކަމެއް ކަމަށާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ ޙައްލު ހޯދައިދިނުމުގެ އުސޫލު ޤާނޫނު މާނަކުރުމުގައި ބޭނުންކުރަންވާނީ، އެ ޤާނޫނުން ޙައްލު ހޯދައިދިން މައްސަލަ، އޭގެ ރަނގަޅު މަޙައްލުގައި އަލުން ދިމާވާކަންކަމާއި ޙާލަތްތަކުގެ މައްޗަށް ހިނގާނޭހެން، އެ ޤާނޫނު ތަންފީޛުކުރަމުންދިޔުމަށްކަމަށް ބުނެ ރިޢާޔަތްކުރަންޖެހޭ ކަންތައްތައް ޢައްޒާމް އަޙްމަދުގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

23ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި "ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ" އުނިކޮށްފައިވާ ސަބަބަކީ އަސްލު އެ އުނިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ފާހަގަކުރާ ސަބަބު ނޫންކަން ޔައުމިއްޔާއިން އެނގޭކަމަށާއި، އެގޮތުން ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރުގެ ވާހަކަތަކަށް ބަލާލުމުން އެކަން އެނގިގެންދާކަމަށާއި، އަދި އަސްލު އެ މާއްދާ އިސްލާހުކުރެވުނު ސަބަބަކީ ފުރަތަމަ ފަހަރަށް ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކުރެވި ދޫކޮށްލާ ފަރާތްތަކާއި ފަނޑިޔާރު ކުރިމައްޗަށް ހާޒިރުކުރެވި ބަންދުކުރުމަށްފަހު ފަހުން ދޫކޮށްލާފައިވާ ފަރާތްތައްވެސް ހިމެނޭހެން ތަޙްޤީޤް ނިންމުމުގައި ތަޙްޤީޤީ އިދާރާތަކަށް 45 (ސާޅީސް ފަހެއް) ދުވަސް ލިބޭނެ ގޮތަށް ހަމަޖެއްސުމުގެ މަޤްސަދުގައިކަން ވަރަށް ސާފުކޮށް އެނގިގެންދާކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.

24ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރަންޖެހޭނީ މި އިސްލާހު ގެނައުމަށް ރައްޔިތުން މަޖިލީހުން ބަލާފައިވާ މަޤްސަދަށާއި ޙައްލުކުރުމަށް ބޭނުންވިކަންތަކަށް ރިޢާޔަތްކޮށްގެންކަން ވަރަށް ސާފުކޮށް އެނގޭކަމަށާއި، އެއީ އެންމެ އަދުލުވެރި ގޮތްކަމަށާއި، ފަނޑިޔާރުގެ ކުރިމައްޗަށް ގެނެވި ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމުމަށްފަހު ފަހުން ފުލުހުން ނުވަތަ ކޯޓުން އޭނާ ދޫކޮށްލާ ހާލަތުގައި ފުލުހުންނަށް އިތުރު ފަނޑިޔާރު ނިންމުމަށްފަހު ފަހުން ފުލުހުން ނުވަތަ ކޯޓުން އޭނާ ދޫކޮށްލާ ހާލަތުގައި ފުލުހުންނަށް އިތުރު (ސާޅީސް ފަހެއް) ދުވަސް ދޭނަމަ އެއީ އަވަސް މުއްދަތެއްގައި ތަޙްޤީޤުކުރުމަށް ދަޢުވާލިބޭ މީހާއަށް ލިބިދޭ ޙައްޤަށް ނުހަނު އުނިކަން އަންނަކަމެއް ކަމަށް ދެކޭ ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ. އަދި އެގޮތަށް އެ މާނަކުރެވިގެންދާނަމަ އެއީ ޤާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޚިލާފު މާނަކުރުމެއް ކަމަށްވެސް ބުނެފައިވެއެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:

25އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރުގައި އިސްތިއުނާފުޅައްދުވާ ފަރާތް ބަންދު ނުކުރުމަށް ނިންމާފައިވަނީ ރަނގަޅަށްކަމަށް ކަނޑައަޅައި ދިނުމަށް އިސްތިއުނާފުރައްދުވ ފަރާތުން އެދިފައިވެއެވެ.

އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް

26މި އިސްތިއުނާފަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ދަށުކޯޓުން މާނަކޮށް ތަޠުބީޤުކޮށްފައިވާގޮތާމެދު އޮތް އިސްތިއުނާފެއްކަން އެނގެއެވެ. މި އިސްތިއުނާފަކީ، ވަކިން ޚާއްޞަކޮށް، ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން ތަޙްޤީޤު ނިންމަންޖެހޭ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ދަށުކޯޓުން މާނަކޮށް ތަޠުބީޤުކޮށްފައިވާގޮތާމެދު އޮތް އިސްތިއުނާފެއްކަން އެނގެއެވެ.

27ދަށުކޯޓުން ނިންމާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ދަށުން ތަޙްޤީޤުކުރުމަށް ކަނޑައެޅިފައިވާ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ގުނަންފަށާނީ ދަޢުވާލިބޭ މީހާ ކޯޓަށް ފުރަތަމަ ޙާޟިރުކުރެވޭ ދުވަހުން ފެށިގެންކަމަށެވެ.

28ނަމަވެސް، ދައުލަތުގެ ފަރާތުން ބުނަނީ އެއީ ގޯހެއްކަމަށެވެ. ދައުލަތުގެ ފަރާތުން ބުނަނީ، އެ މުއްދަތު ފެށޭނީ ދަޢުވާލިބޭ މީހާ ބަންދުން ދޫކޮށްލާ ދުވަހުން ފެށިގެންކަމަށެވެ.

މި ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

29މި މައްސަލައިގައި މި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ

(ނ) ދަށުކޯޓުން މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި،

(ރ) އާއި، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށްތޯ ނުވަތަ ނޫންތޯ އޮތް ސުވާލެވެ. މާނަކުރުމުގައި ސުވާލު އުފެދިފައިވާ ޤާނޫނީ މާއްދާ އަދި އުފެދިފައިވާ ބަހުސް

30ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވަނީ: "94. (ހ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ މި ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ.

(ށ) ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ށ) ނުވަތަ (ކ) ގެ ދަށުން ބަންދުކޮށްފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ.

(ނ) ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާއެއް އުފުލަންވާނެއެވެ."

31މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތު ގުނުމުގައި ރިޢާޔަތްކުރަންޖެހޭނެ މާއްދާއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފެއް ނެތްކަން ދެފަރާތުގެ ބަހުންވެސް އެނގެއެވެ. އުފެދިފައިމިވާ ބަހުސަކީ، އެ މާއްދާގައި ބަޔާންކުރާ 45 (ސާޅީސްފަހެއް) ދުވަސް ގުނަންޖެހޭނީ، ދަޢުވާލިބޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކުރި ދުވަހުން ފެށިގެންތޯ، ނުވަތަ ފަހުން، އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާޝިރުކުރުމުން

(ނ) ގައި ބަޔާންކޮށްފައިވާ 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތު ހިނގަން ފަށާނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޝިރުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

32ދައުލަތުގެ ބަހުސަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ސާފު ޢިބާރާތަށް ބެލުމުން އެއްވެސް ޙާލަތެއްގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާފައިވާ ކޮންމެ މީހެއް، އެ މީހެއް ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެކަން އެނގޭކަމަށެވެ. އަދި ދަށުކޯޓުގެ މާނަކުރުން، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފުކަމަށް ދައުލަތުން ފާހަގަކުރެއެވެ. ދަށުކޯޓުގެ ނިންމުން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނާ ޚިލާފުތޯ ބެލުން

33ދަށުކޯޓުގެ ނިންމުން ޚިލާފުވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި،

(ރ) އާއި، އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވާކަން އެނގެއެވެ.

34މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ: "3. (ނ) ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބެލުން."

35އަދި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ: "3. (ރ) ޤާނޫނު އެކުލަވާލުމުގައި ވަކި ކަމެއް ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަހުން، ނުވަތަ ޢިބާރާތުން، ނުވަތަ ޖުމްލައިން އެ ޤާނޫނު އެކުލަވާލި ފަރާތުގެ ނިޔަތް ރަނގަޅަށް ރަމްޒުވާކަމަށް ބެލުން."

36އަދި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ: "12. (ޅ) ބަހެއް ނުވަތަ ލަފްޒެއް ނުވަތަ ގިނަ ބަސްތަކެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތަކީ، އެއް މާނައަށްވުރެ ގިނަ މާނަ ދޭހަނުވާ ސާދާ ބަހަކަށް، ނުވަތަ ސާދާ ލަފްޒަކަށް، ނުވަތަ ސާދާ ޢިބާރާތަކަށް، ނުވަތަ ސާދާ ޖުމްލައަކަށްވާނަމަ، ޤަބޫލުކުރަންޖެހޭ އުސޫލަކީ، ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން ބޭނުންވިގޮތަށްކަން. އަދި އެ ޤާނޫނުން ދޭހަވާ މާނައަކީ، ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ

37ދައުލަތުން ދަށުކޯޓުގެ ނިންމުން ޚިލާފުކަމަށް ބަޔާންކޮށް ފާހަގަކުރި ޤާނޫނީ ނައްޞުތަކަށް ބަލާއިރު، އަހުރެންނަށް ފާހަގަކުރެވެނީ އެ މާއްދާތަކުގައި އެއްކަމަކަށް ބަޔާންކޮށްފައިވަނީ ޤާނޫނު މާނަކުރުމުގެ ޢާންމު ޚިޔާމް ހިއްކާކު މާނައަށް ބެލުމުގެ އުޞޫލުގެ ވާހަކަކަމެވެ. އަދި ދެވަނަ ކަމަކަށް ބަޔާންކޮށްފައިވަނީ ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭނެ ހަމަތަކުގެ ތެރެއިން ހަމައެއްގެ ވާހަކަކަމެވެ. ޢާންމު މާނައަށް ބެލުމުގެ އުޞޫލާ ޚިލާފުތޯ ބެލުން

38HN1HN2ތަޙްޤީޤުކުރުމުގެ 45 (ސާޅީސް ފަހެއް) ދުވަހުގެ މުއްދަތު ގުނަން ފަށާނީ ދަޢުވާލިބޭ މީހާ ބަންދުން ދޫކޮށްލާ ދުވަހުން ފެށިގެންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ބަހުރުވައިން ވަރަށް ސާފުކޮށް އެނގެއެވެ. އެ މުއްދަތު ގުނަން ފަށާނީ ފުރަތަމަ ޙާޟިރުކުރެވޭ ދުވަހުން ފެށިގެން ނޫންކަން އެ މާއްދާގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ބަންދުން ދޫކޮށްލާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި..." މި އިބާރާތުންނެވެ. "ބަންދުން ދޫކޮށްލުން" އަދި "ފަނޑިޔާރެއްގެ ކުރިމައްޗަށް މީހަކު ފުރަތަމަ ޙާޟިރުކުރެވޭނެ" މިއީ ތަފާތު ލަފްޒުތަކެކެވެ. އެ ލަފްޒުތަކުގެ ޢާންމު މާނަވެސް ތަފާތެވެ. އެ ލަފްޒުތަކުގެ ޢާންމު މާނައަށް ބެލުމުން އޮޅުންއަރާ ޒާތުގެ ކަމެއް އޮތްކަމެއް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ބަންދުން ދޫކޮށްލުމަކީ، ބަންދުގައި ހުރި މީހަކު މިނިވަންކުރުމެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލިކަމުގައިވިޔަސް ނުވަތަ ފުލުހުން އެ މީހަކު އިތުރަށް ބަންދުގައި ބަހައްޓަންނުޖެހޭކަމަށް ދެކިގެން ދޫކޮށްލާ ދޫކޮށްލުންވިޔަސްމެއެވެ.

39އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށް ތަޙްޤީޤުކުރުމުގެ މުއްދަތު ގުނަން ފެށޭނީ ބަންދުން ދޫކޮށްލާ ހިސާބުންކަން ޢާންމު މާނައަށް ބެލުމުގެ އުސޫލުން ބެލުމުން ވަރަށް ސާފުކޮށްއެނގެއެވެ.

40HN3ދައުލަތުން ފާހަގަކޮށްފައިވާފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި މިހާރު ބަޔާންކޮށްފައިވަނީ ސާފު ޢިބާރާތެކެވެ. އެ ޢިބާރާތުން ގިނަ މާނަތަކެއް ދޭހަވާކަމަށް އަހުރެންވެސް ނުދެކެމެވެ. އެހެންކަމުން، ދަށުކޯޓަށް އެ މާއްދާ މާނަކޮށް ތަޠުބީޤުކުރެވިފައިވަނީ ރަނގަޅަށްކަމުގައި ބެލިދާނެކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، އެ މާއްދާގައި ނެތް ޢިބާރާތެއް އިތުރުކޮށް، އެ މާއްދާގައި އޮތް ޢިބާރާތް އެއްފަރާތްކޮށް އެ އިތުރުކުރި ޢިބާރާތް ހިމަނައިގެން ދަށުކޯޓުން އެ މާއްދާ މާނަކޮށް ތަޠުބީޤުކުރި ކުރުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފު ނިންމުމެއްކަން ސާފުކޮށް ފެންނަން އޮތަތީއެވެ. ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭނެ ހަމަތަކާ ޚިލާފުތޯ ބެލުން

41HN4މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާއަކީ ޤާނޫނު މާނަކުރުމުގައި ޤަބޫލުކުރެވޭނެ ހަމަތައް ބަޔާންކޮށްފައިވާ މާއްދާއެއްކަން އެނގެއެވެ. ދައުލަތުން ހަވާލާދީފައިވަނީ، މި މާއްދާގެ (ޅ) އަށެވެ. އެ އަކުރުގައި ބަޔާންކުރަނީ ޤާނޫނުގެ ބަސްމަގުން އެއް މާނައަށްވުރެ ގިނަ މާނަ ދޭހަނުވާނަމަ، ޤަބޫލުކުރަންޖެހޭ އުޞޫލަކީ، ޤާނޫނުގައި ބަޔާންކޮށްފައި އެވަނީ ރައްޔިތުންގެ މަޖިލީހުން އެކަން ބަޔާންކުރަން ބޭނުންވިގޮތަށްކަމަށެވެ. އަދި އެއާ ޚިލާފު ނިޔަތެއް ނުފެންނަހާ ހިނދަކު، އެ ޤާނޫނުން ދޭހަވާ މާނައަކީ ރައްޔިތުންގެ މަޖިލީހުން ދޭހަކޮށްދޭން ބޭނުންވާ މާނަކަމުގައި ބަލަންވާނެކަމަށެވެ.

42ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ސާފު މާނައަށް ނުވަތަ ޢާންމު މާނައަށް ބަލާއިރު، އެ މާއްދާގެ ބޭނުމަށްޓަކައި ތަޙްޤީޤުގެ މުއްދަތު ގުނަން ފަށަންޖެހެނީ ބަންދުން ދޫކޮށްލާ ހިސާބުންކަން ސާފުކޮށް އެނގެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ އިބާރާތުގައި ބޭނުންކޮށްފައިވާ ބަސްތައް ސާފެވެ. އެ ބަސްތަކުގައި ދެމާނަ އެކުލެވޭ ނުވަތަ އޮޅުންއަރާ ޒާތުގެ ބަހެއް ނެތެވެ.

43މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އުޞޫލަށްބަލާއިރު، ޤާނޫނުގައި ބޭނުންކޮށްފައިވާ ސާފު ބަސްތައް އެ ބަސްތަކުގެ ޢާންމު ނުވަތަ ސާފު މާނައިގައި ދަމަހައްޓަންޖެހޭކަމަށް އަހުރެން ދެކެމެވެ. ސަބަބަކީ، އެ ނޫންގޮތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ކިޔައި މާނަކުރަންޖެހޭކަމަށް އެ ޤާނޫނުގެ އެހެން އެއްވެސް ތަނަކުން ފެންނަން ނެތަތީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އެ މާއްދާގައިވާ ސާފު ޢިބާރާތްތަކަށް އެހެން މާނައެއް ދޭންޖެހޭކަން ރައްޔިތުންގެ މަޖިލީހުގެ ނިޔަތުން ފާޅުވާން ނެތަތީއެވެ.

44އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެ މާއްދާގެ މަޤްޞަދަކީ، ދަޢުވާލިބޭ މީހާ ބަންދުން ދޫކޮށްލުމަށް ނިންމާ ހިސާބުން ފެށިގެން ގިނަވެގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ތަޙްޤީޤުކުރިއަށް ގެންގޮސް ނިންމުމެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި ބަންދުން ދޫކޮށްލާ ހިސާބުން ފެށިގެން މުއްދަތު ގުނަންފެށުމުން ސާފު ރިފަރެންސް ޕޮއިންޓެއް ލިބި، މުއްދަތު ގުނަންފަށަންވީ ޕޮއިންޓް އެނގި އޮޅުންބޮޅުންތައް ނައްތާލެވެއެވެ.

45ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ގެނެވުނު އިޞްލާހަށް ބަހުސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ 43 ވަނަ ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި "އެ ކަން ޙައްލުވާން އެބައޮތް މި ގާނޫނުގައި މިދެންނެވި (ނ) ގައި ފުރަތަމަ ހާޒިރުކުރުމަށްފަހު މި އޮތް ޢިބާރާތް އެ ފުރަތަމަ ޖުމްލަ އެ ޖުމްލަ ކަނޑާލީމާ އޭގެ މާނައަކީ ފުރަތަމަ ހާޒިރުކުރާ ދުވަސް ވެސް އަދި އޭގެފަހުން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލާ މީހާ ވެސް އޭނާގެ މައްޗަށް ދަޢުވާ އުފުލުމުގެ މުއްދަތަކީ 45 ދުވަސް ކަމަށް އެ އެޕްލައިވެގެންދޭ. އެހެންނޫން ނަމަ، މިވާގޮތަކީ ބަންދުގައި ހުރި މީހާ، ބަންދުގައި ހުންނަ މީހެއްގެ މައްޗަށް ދަޢުވާއުފުލުމަށް 30 ދުވަސް ދެވިފައިވާއިރުގައި ކޯޓުން މާނަކުރީ ފުރަތަމަ ހިޔަރިންގއަކަށް، ފުރަތަމަ 24 ގަޑިއިރު ތެރޭގައި މާނަ އަންނަ ކަހަލަ ގޮތަކަށް 30 ދުވަހުގެ ތެރޭގައި ދަޢުވާއުފަލަން ޖެހޭނެއޭ ބުނެ ކޯޓުން އެ މީހާގެ މައްސަލަ ބޭރުކުރީ. އެހެންވީމާ، މިއަށް ޙައްލު ލިބިދާނެ ކަމަށް ކޮމިޓީއަށް އެބަ ފެނޭ މި ފުރަތަމަ މި ޖުމުލަ (ނ) އިން އުނިކުރީމާ އެ ޙައްލު ލިބިގެންދޭ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކޮމިޓީން އަމިއްލައަށް އިސްނަގައިގެން މި މާއްދާއަށް އިޞްލާހުކޮށްލަން މި ބޭނުންވީ. އެހެންވީމާ، 94 ވަނަ މާއްދާގެ (ނ) ގައި އޮތް ފުރަތަމަ އޮތް ޢިބާރާތް އުނިކޮށްލީ. އެހެންވީމާ، މިހާރު އޮންނާނީ، "ޖިނާއީ ކުށެއްގެ ދަޢުވާލިބޭ ފަރާތަކީ މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ)ގެ ދަށުން ދޫކޮށްލާފައިވާ މީހެއް ނަމަ..." މިހެން ގޮސް މުޅި ޕެރެގްރާފް އެއްކޮށް ނިމެންދެން އަޅުގަނޑު ދަންނަވާ ނުލިޔަސް މިހާރު މި އިޞްލާޙުކުރެވުނު ތަންކޮޅު ދަންނަވައިލެވުނީ." މިފަދައިން ބަޔާންކޮށްފައިވެއެވެ.

46އިސްވެ ބަޔާންކުރެވުނު ކަންކަމުން ސާފުކޮށް އެނގެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ

(ނ) ގައި ބަޔާންކޮށްފައިވާ 45 (ސާޅީސްފަހެއް) ދުވަސް ގުނަންޖެހޭނީ، ބަންދުން ދޫކޮށްލާ ދުވަހުން ފެށިގެންކަމާއި، ކުށުގެ ތުހުމަތުގައި ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާ ދުވަހުން ނޫންކަމެވެ. ޕްރޮސިކިއުޝަނުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ފަދައިން، ދަށުކޯޓުން އެ މާއްދާ މާނަކުރުމުގައި، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި،

(ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފުވެފައިވާކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ.

47އެހެންކަމުން، މި މައްސަލައިގައި ތަޙްޤީޤްކުރުމުގެ 45 (ސާޅީސްފަހެއް) ދުވަހުގެ މުއްދަތު ގުނަންޖެހޭނީ އޭނާ ބަންދުން ދޫކޮށްލި ތާރީޚުން ފެށިގެން 45 (ސާޅީސްފަހެއް) ދުވަސް ކަމުގައި ބަލައިގެންކަމަށް އަހުރެން ދެކެމެވެ.

48HN5ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި، 50 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާ ހަވާލާދީ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި އެ ޤާނޫނުގެ މަޤްސަދުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) މާނަކުރަންޖެހޭނީ މުއްތަހަމުގެ މަސްލަޙަތު ބޮޑަށް ޙިމާޔަތްކުރެވޭނެ ގޮތަށްކަމުގައި ދެކޭ ކަމަށާއި، އެހެނީ މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރާ ގޮތަށް މާނަކުރަންވެއްޖެނަމަ މުއްތަހަމުގެ ޙައްޤު އެއްވެސް ވަރަކަށް ހިމާޔަތްނުކުރެވޭނެ ކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވީނަމަވެސް، ޤާނޫނުގެ ސާފު ނައްޞުން ފެންނަން އޮތްކަމެއް އެނޫންގޮތަކަށް މާނަކޮށް ތަޠުބީޤުކުރަންޖެހޭ ޤާނޫނީ ހަމައެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބުނެދެވިފައިނުވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

اندر سر ڊائر آر سر ڊائر آر سر

49ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރުގައި، ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ

(ނ) މާނަކޮށް، ތަޠްބީޤުކޮށްފައިވަނީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި، (ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމުގައި ކަނޑައަޅައި، އެ އަމުރު ބާޠިލްކޮށް، ޢައްޒާމް އަޙްމަދު ބަންދުކުރުމަށް އެދި ކަމާބެހޭ ކޯޓަކަށް މިއަދުން 26 ނޮވެންބަރު 2024) ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ފަރާތުން ހުށަހަޅައިފިނަމަ، ހައިކޯޓުގެ ނަންބަރު 2024/HC-B12/41 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ބަންދާމެދު ގޮތެއް ކަނޑައަޅަން އަންގައި، މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު

50މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު

51މި މައްސަލައިގައި ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔުގެ 38 ވަނަ ނަންބަރުން ފެށިގެން 40 ވަނަ ނަންބަރާއި ހަމައަށް ފާހަގަކުރައްވާފައިވާ ކަންކަން ފިޔަވައި ދެންހުރި ކަންކަމަށް ތާއީދުކުރަމެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރު ބާޠިލްކޮށް، ގދ.ފަރެސްމާތޮޑާ/ ކޮޕީގެ، ޢައްޒާމް އަޙްމަދު ބަންދުކުރުމަށް އެދި ކަމާބެހޭ ކޯޓަކަށް މިއަދުން (26 ނޮވެންބަރު 2024) ފެށިގެން 05 (ފަހެއް) ދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅައިފިނަމަ، ހައިކޯޓުގެ ނަންބަރު 2024/HC-B12/41 ޤަޝިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސްމިނެއްގައި ބަންދާމެދު ގޮތެއް ކަނޑައަޅަން އަންގާ، މި ޤަޝިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޝިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު) ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފުޓްނޯޓު

  1. ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C/MA/2024/09 ކޯޓު އަމުރު
  2. ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C/MA/2024/10 ކޯޓު އަމުރު
  3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-B12/41 ޤަޟިއްޔާ
  4. ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު Q8C-CA/12/2024 ކޯޓު އަމުރު
  5. މީގެ ފަހުން، މި ރިޕޯޓުގައި ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށްފައިވަނީ "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ)" މިގޮތަށެވެ.
  6. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ)
  7. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ޅ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 21/2022 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު) - ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ)
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ޅ)
  • ޤާނޫނުއަސާސީގެ 42، 50، 69 ވަނަ މާއްދާ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާ (އިސްތިއުނާފު ރައްދުވި ފަރާތުގެ ބަހުސް - ކޯޓުން ބަލައިނުގަނެ)
  • ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ 43 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ
  • ހައިކޯޓުގެ 2024/HC-B12/41
  • ސުޕްރީމް ކޯޓުގެ 2020/SC-A/78,79 (މުޙައްމަދު ހަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ) (ދައުލަތުން ހަވާލާދީފައި)
  • ސުޕްރީމް ކޯޓުގެ 2022/SC-A/74 (ޢަބްދުﷲ ޖުނާން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) (ދައުލަތުން ހަވާލާދީފައި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ