ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/13ސުޕްރީމް ކޯޓު · 6 ފެބުރުއަރީ 2020

—

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ފެބުރުއަރީ 2020ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/13

ދަޢުވާކުރާ ފަރާތް: މުޙައްމަދު ސަޢީދު އިސްމާއީލް، މ.މ.ހ.ދަފްތަރު ނަންބަރު 739، މާލެ

ދަޢުވާ ލިބޭ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 23 ޖަނަވަރީ 2014

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 06 ފެބުރުވަރީ 2014

ނިމުނު ތާރީޚް: 06 ފެބުރުވަރީ 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު،ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2013/HC-A/213

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޖޫން 2013

ނިމުނު ތާރީޚް: 02 ސެޕްޓެންބަރު 2013

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ތާއީދުކުރައްވާފައި)

ތަޢާރުފު

މ.މ.ޚ. ދަފްތަރު ނަންބަރު 739، މުޙައްމަދު ސަޢީދު އިސްމާޢީލް އަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. މުޙައްމަދު ސަޢީދު އިސްމާޢީލް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 07 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޢަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ ނަމުގައި މުސްތަޤިއްލު މަޤާމެއް އުފައްދަވާ، 2008 ސެޕްޓެންބަރު 02 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، 2008 ސެޕްޓެންބަރު 04 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް އުފައްދާ، އެޓަރނީ ޖެނެރަލްގެ އޮފީހުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރެވުނެވެ. އަދި މިގޮތުން 2008 ސެޕްޓެންބަރު 08 ވަނަ ދުވަހު މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރެވުނެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރުމަށްފަހު، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާގެ މަޤާމު ދަށްކޮށް، ލިބެމުން ދިޔަ ޢިނާޔަތްތައް ފުރިހަމައަށް ނުލިބޭކަމުގައި ބުނެ މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާއިން ބެލުމަށްފަހު، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން އެދިފައިވާ ގޮތަށް މައްސަލައިގައި ޙުކުމްކޮށްފައިނުވާތީ، އެ ޤަޟިއްޔާ މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު އެ ކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާގެ ޙުކުމަށް ތާޢީދުކޮށެވެ. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ގަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބަޔާންކޮށް މުޙައްމަދު ސަޢީދު އިސްމާޢީލް އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ގަޟިއްޔާއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގައި، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ދަޢުވާކޮށްފައިވަނީ، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ 2008 ސެޕްޓެންބަރު 08 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރުމަށްފަހު، އެފަރާތުގެ ވަޒީފާ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމުން ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަށް ދަށްކޮށްފައިވާ ކަމަށާއި، މުޙައްމަދު ސަޢީދު އިސްމާޢީލަށް ދެމުންދިޔަ މުސާރައިގެ %30 ޤާނޫނީ އެލަވަންސް ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ، އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް އޭނާގެ ވަޒީފާ ހަމަޖައްސައިދިނުމަށާއި، އޭނާއަށް ޤާނޫނީ އެލަވަންސް ލިބިދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ޤަޟިއްޔާ ސިވިލް ކޯޓުން ނިންމާފައިވަނީ "މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލަށް މިހާތަނަށް ދޭންޖެހި ނުދީ އެއްވެސް މިންވަރެއް އޮތްކަން ސާބިތުނުވާ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑުގައި ހިމެނިފައިނުވާ މަޤާމެއް މުޙައްމަދު ސަޢީދު އިސްމާޢީލަށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާނެތަނެއް ނެތްކަމަށް" ކަނޑައަޅައެވެ.

އިސްވެ ބަޔާންކޮށްފައިވާ ފަދައިން ސިވިލް ކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ 2008 ސެޕްޓެންބަރު 08 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވިފަހުން، އެ އަހަރުގެ ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހު ދަޢުވާގައި ހޯދުމަށް އެދިފައިވާ އެލަވަންސްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ދީފައިވާކަން؛

2008 ނޮވެންބަރު 01 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ސަޢީދު އިސްމާޢީލަށް މުސާރައާއި ޢިނާޔަތްތައް ދީފައިވަނީ ބުނެވުނު ތާރީޚުގައި ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުންކަން؛

އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު މުޙައްމަދު ސަޢީދު އިސްމާޢީލް ވަޒީފާގެ އެއްބަސްވުމުގައި (01 ނޮވެންބަރު 2008 ގައި) ސޮއިކޮށްފައިވަނީ އަމިއްލަ އިޚްތިޔާރުގައިކަމަށް ބަލަންޖެހޭކަން؛ އަދި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މުޙައްމަދު ސަޢީދު އިސްމާޢީލް އާ ދެމެދު (01 ނޮވެންބަރު 2008 ގައި) ސޮއިކުރެވުނު އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބެމުންދާކަން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަ ގޮތް

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ،އެނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާއިން ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަމުން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ 2008 ސެޕްޓެންބަރު 08 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށް، އަލަށް އުފެދުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަސާސީ ކަންކަން ހަމަޖެހުމާ ހަމައަށް، އެ އަހަރުގެ ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހު، އެޓަރނީ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލް އަށް ދެމުންގެންދިޔަ މުސާރައާއި ޢިނާޔަތްތައް ލިބިދީފައިވާކަން؛

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަސާސީ ކަންކަން ހަމަޖެއްސުމަށްފަހު، 2008 ނޮވެންބަރު 01 ވަނަ ދުވަހު އެ އޮފީހާއި މުޙައްމަދު ސަޢީދު އިސްމާޢީލް އާއި ދެމެދު އައު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން؛

2008 ނޮވެމްބަރ 01 ވަނަ ދުވަހުން ފެށިގެން މުޙައްމަދު ސަޢީދު އިސްމާޢީލަށް ބުނެވުނު އައު ވަޒީފާގެ އެއްބަސްވުމުގައިވާ ފަދައިން މުސާރައާއި ޢިނާޔަތްތައް ދީފައިވާކަން؛

މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވެފައިވަނީ އަދި އެ އޮފީހާއެކު އައު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޭނާގެ ރުހުމާއެކު ނޫންކަމުގައި ބަލަންޖެހޭ ސަބަބެއް ނެތްކަން؛ އަދި

އޮފީސްތަކުގެ ނަންތަކާއި މަޤާމުތަކުގެ ނަންތަކާއި އެލަވަންސްތަކަކީ ޒަމާނަށް އަންނަ ބަދަލުތަކާއި ކުރަންޖެހޭ މަސައްކަތުގެ ތަބީޢަތާ ގުޅިގެން ބަދަލުވަމުން އަންނަ ކަންތައްތަކެއްކަމާއި، އޮފީހެއް އަލަށް އުފެދި އެއް އޮފީހުގެ މުވައްޒަފުން އަނެއް އޮފީހަށް ނުވަތަ އެއް މަޤާމުން އަނެއް މަޤާމަށް ބަދަލުވާއިރު އެންމެ މުހިންމުކަމެއް ދޭންޖެހޭ އެއްކަމަކީ، އެ މުވައްޒަފަށް ލިބޭ މާލީ ޢިނާޔަތްތަކަށް އުނިކަމެއް ނުލިބޭގޮތަށް އަދި އެ މުވައްޒަފަކާ ގުޅޭ މަސައްކަތެއް ކުރަންޖެހޭ މަޤާމެއް އެ މުވައްޒަފަށް ހަމަޖައްސާފައިވޭތޯ ބެލުންކަން، އަދި މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވުމާ ގުޅިގެން އަމަލުކޮށްފައިވަނީ އެ އުޞޫލާ ޚިލާފަށްކަން ބެލެވޭނެ އެއްވެސް ސަބަބެއް ނެތްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 06 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ހ) ގައި 01 ނޮވެންބަރު 2008 ގައި މުޙައްމަދު ސަޢީދު އިސްމާޢީލާއެކު އެއްބަސްވުމެއް ހެދި ސޮއިކޮށްފައިވާކަމާއި، އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އެއްޗެއް ލިބިދީފައިވާކަން ފާހަގަކޮށްފައިވާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލް ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އެއްޗެއް ނުލިބިގެން ދަޢުވާކޮށްފައި ނުވާކަމާއި، ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމަކީ ދެފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި މަޢުލޫމާތު ބަދަލުކުރެވިގެން އެކުލެވުނު އެއްބަސްވުމެއްތޯ އާއި އެއްބަސްވުމުގައި ސޮއިކުރެވުނު ޙާލަތާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން މުވައްޒަފަށް މާލީ ޢިނާޔަތްތަކެއް އުނިވެފައިވޭތޯ ބަލައި، ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކުރަން ޖެހުނު ސަބަބަކީ، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރިއިރު ހުރި މަޤާމާށް ހަމަޖެހެން އައި މުސާރަ އާއި، ލިބެންޖެހޭ މާލީ ޢިނާޔާތްތަކަށް އުނިކަމެއް ގެނައުންކަމަށްވީހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ށ) އަށް ރިޢާޔަތްކޮށް އެ ނަންބަރުގެ (ނ) ގައި، މަޤާމުތަކާއި، އެލަވަންސްތަކާއި، ނަންތަކަކީ ބަދަލުވަމުން އަންނަ އެއްޗެއްކަމާއި، މުހިންމުކަމެއް ދޭންޖެހޭ އެއްކަމަކީ، އެ މުވައްޒަފަކަށް ލިބޭ މާލީ ޢިނާޔާތްތަކަށް އުނިކަމެއް ނުލިބޭގޮތަށް އަދި އެ މުވައްޒަފަކާ ގުޅޭ މަސައްކަތެއް، ކުރަންޖެހޭ މަޤާމެއް އެ މުވައްޒަފަކަށް ހަމަޖައްސައިދެވޭތޯ ބެލުން ކަމަށް ފާހަގަކޮށްފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކޮށްފައިވަނީ އިސްވެ ހަވާލާދެވުނު ނުކުތާއާ އެއްގޮތަށްނޫންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި ތަޖުރިބާއާއި، ޢިލްމީފެންވަރާއި، ދެނެގަތުމުގެ މަސްއޫލިއްޔަތާއި، ޤާބިލުކަމުގެ މައްޗަށް ބިނާކޮށް، އެކި މުވައްޒަފުންނަށް އެކިވަރުގެ ކުރިއެރުން ލިބިފައިވުމަކީ އެތަނެއްގައި ކުރަންޖެހިފައިވާ މަސައްކަތުގެ ބާވަތުންނާއި، ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އާއި ޤާބިލުކަމުގެ މައްޗަށް ބިނާކުރާއިރު، އެކަށީގެންވާ ހަމައެއް ނޫންކަމަށް ބެލެވޭނެ ސަބަބެއްކަމަށް ފާހަގަނުކުރެވޭކަމަށް ކަނޑައަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީހަކަށް ކުރިއެރުމެއް ދީގެން އެ އޮފީހުގެ މައްޗަށް މުޙައްމަދު ސަޢީދު އިސްމާޢީލް ދަޢުވާއެއްކޮށްގެންކަން އެނގެންނެތްހިނދު، ދެންނެވުނު ހައިކޯޓުގެ ނުކުތާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާފައިވަނީ ދަޢުވާކުރާ ފަރާތުގެ ދަޢުވާ ބިނާކޮށްފައިވާ ކަންތައްތަކުގެ ތެރެއަށް އެހެން މައްސަލައެއްގެ ތަޞައްވަރެއް ގެނެވިގެންކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ޤާނޫނީ ނަޒަރަކުން ބަލައި ފައިޞަލާއެއް ކޮށްފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ޖުމްލަކޮށް ބެލުމުންވެސް އެނގެން ނެތްކަމަށާއި، އެގޮތުން މުޙައްމަދު ސަޢީދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށްފައިވަނީ އިސްމާޢީލް އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރ ގްރޭޑް 2 ގެ މަޤާމުގައި ޤާނޫނީ މަސައްކަތުގައި ވަޒީފާގައި ހުއްޓާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ކޭސް ވޯކަރުގެ މަޤާމަށް ބަދަލުކުރެވުމާއި، މި ބަދަލާއެކު ކުރިން ހުރި މަޤާމަށް ލިބެންޖެހޭ މުސާރަ މަދުވުމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ކުރަމުންގެންދިޔަ މަސައްކަތާ ގުޅިގެން ދެމުން އައި ޤާނޫނީ އެލަވަންސް ނުދީ އެ މަސައްކަތް ކުރުވަމުން ގެންދިއުމުގެ ސަބަބުން ގެއްލުނު ޙައްޤު ހޯދުމުގެ ގޮތުންކަމަށާއި، ނަމަވެސް ދެންނެވުނު ކަންކަމާގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާއަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ، އަދި، ވަޒީފާގެ އެއްބަސްވުމުގައި މުޙައްމަދު ސަޢީދު އިސްމާޢީލް ލައްވައި ސޮއިކުރުވުމުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޑިރެކްޓަރުން ނުތިބޭނެކަމަށާއި، އެ އޮފީހުގައި ތިބޭނީ ކޭސް ވޯކަރުންކަމަށާއި، ޤަނޫނީ އެލަވަންސް ދޭނެކަމަށާއި، ތަފާތުނުކުރާނެކަމަށް އޮފީސްތެރޭގައި ވާހަކަދެކެވުނުކަމަށާއި، ވަޒީފާގެ އޮނިގަނޑަކާ ނުލައި އެއް މުވައްޒަފަކާ މެދު ކަންކުރި ގޮތެއް އަނެއް މުވައްޒަފަކަށް ނޭނގޭނެހެން ހީލަތްތެރި ރޭވުމެއްގެ ދަށުން އޮޅުވާލައިގެންކަމަށާއި، މިގޮތުން ވަޒީފާގެ ބަޔާނުގައި ސޮއިކުރުމުގެ ސަބަބުން މުވައްޒަފަށް މާލީ ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުން ލިބޭގޮތަށް ވަޒީފާގެ އެއްބަސްވުމުގައި އޮތް މާއްދާއެއް ބާޠިލުވާނެކަމަށް ކަނޑައެޅިފައި އޮތް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ފަސްވަނަ ސަބަބަކީ، މުޙައްމަދު ސަޢީދު އިސްމާޢީލް ހުރި މަޤާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑުގައި ހިމެނޭ މަޤާމަކަށް ނުވާތީ، އެ މަޤާމު ހަމަޖައްސާދެވިފައިނުވަނީ ކަމުގައި ބުނިނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވަޒީފާއާބެހޭ އޮނިގަނޑު ވުޖޫދުވެފައިވަނީ 20 މާރިޗު 2011 ގައި ކަން އެނގޭއިރު، އެ އޮނިގަނޑުގެ ދަށުން ކަންތައްތަކެއް 01 ނޮވެންބަރު 2008 ގައި ހަމަޖައްސާ ނުލެވޭނެކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރާ ޕްރޮސިކިއުޓަރުންނަށް ދެވޭ ޕްރެކްޓިސް އެލަވަންސަކީ އެ އޮފީހުން ދޭ އެލަންވަންސް ކަމަށް ފާހަގަކުރިނަމަވެސް، ދެންނެވުނު އެލަވަންސަކީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ މަސައްކަތް ކުރާ މާލޭގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށް ދިނުމަށް 5 ޑިސެންބަރު 2004 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވާ އެލަވަންސެއްކަމަށާއި، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ނަޤުލުކޮށްފައިވަނީ ދެންނެވުނު އެލަވަންސާއެކު ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަވަނަ ސަބަބަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ދަޢުވާގެ ޖަވާބު ފޯމުގައި، މުޙައްމަދު ސަޢީދު އިސްމާޢީލް ކޭސް އޮފިސަރެއްގެ މަޤާމަށް ބަދަލުކުރެވުނީ މުޙައްމަދު ސަޢީދު އިސްމާޢީލް ހުރި މަޤާމު އޮނިގަނޑުގައި ހިމެނިފައިނުވާތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފަހާގަކުރައްވާފައިވާއިރު، މަޤާމުގެ އޮނިގަނޑުން ނެތެން ޖެހުނު ސަބަބަކާއި، ދެންނެވުނު މަޤާމު އޮނިގަނޑުގައި ނުހިމަނައި އޮތް ސަބަބަކާއި، އޮނިގަނޑުން ދެންނެވި މަޤާމު ކަނޑާލާފައިވާ ސަބަބު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސާފުކޮށްދެވިފައިނުވާކަމަށާއި، ޕްރެކްޓިސް އެލަވަންސް ހަމަޖެހިފައިވާ މީހަކު ކޯޓަށް ވަކާލާތުކުރަންދާނަމަ އިތުރަށް ކޯޓު އެލަވަންސްވެސް ހަމަޖެހިފައިވާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ކުރަމުންދާ މަސައްކަތަކީ، ކޭސް ވޯކަރެއް / ކޭސް އޮފިސަރެއްގެ ވަޒީފާކަމަށްވުމުން، މުޙައްމަދު ސަޢީދު އިސްމާޢީލް ވަޒީފާ ބަޔާނުގައި ކުރަނީ ކޮން މަސައްކަތެއްކަމާއި، މަސައްކަތްކުރަނީ ކޮން ސެކްޝަނެއްގައިކަމާއި، ބަދަލުކުރި ކޭސް ވޯކަރުގެ މަޤާމުގައި ހުރެ ކުރަމުންދަނީ ކޮންބާވަތެއްގެ މަސައްކަތެއްތޯ ޝަރީޢަތުގެ ފަރާތުން ބަލާފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރައްވާފައިވާ ކަންކަމަށް ބެލުމުން، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވުމުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ހުރި ވަޒީފާއާ ލިބެމުންދިޔަ މުސާރަ އާއި އެލަވަންސާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވުމަށްފަހު ކަންހިނގާފައިވާ ގޮތަށާއި، ވަޒީފާއަށާއި މުސާރައާއި އެލަވަންސަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރައްވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި، މުޙައްމަދު ސަޢީދު އިސްމާޢީލްއާ ސީދާގޮތުން ގުޅުންހުރި ކަންކަން ހާމަކުރައްވާފައިވާއިރު، އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ސީދާގޮތެއްގައި ގުޅުމެއް ނެތްކަމެއް ފާހަގަކޮށް، އެކަން އެގޮތަށް ފާހަގަކުރާ ސަބަބުވެސް އެ ޕެރެގްރާފުގައި ފާހަގަކުރައްވާފައިވާކަމަށާއި، އެހެންކަމުން މުޅި ޤަޟިއްޔާއަށް ބަލާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ނުކުތާއަކަށް ޝަރީޢަތުން ދެކޭގޮތް ހާމަކުރައްވާފައިވާކަމަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައިވަނީ ވަޒީފާގެ އެއްބަސްވުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުވުންކަމަށްވާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ޙާލަތަށް ބަލާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަޒީފާގައި ހުއްޓާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރެވިފައިވަނީ 08 ސެޕްޓެންބަރު 2008 ގައި ކަމަށްވާއިރު، 01 ނޮވެންބަރު 2008 ގައި މުޙައްމަދު ސަޢީދު އިސްމާޢީލް އާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އައު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވުމާ ހަމައަށް، މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ މުސާރައާއި އެލަވަންސް ކުރިއެރުން ލިބެމުންދިޔަ ބީދައިން ލިބެމުންދިޔަކަން އެނގޭކަމަށް އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާތީ އިސްވެ ޙަވާލާދެވުނު ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް ދެންނެވެން ނެތްކަމަށާއި، 01 ނޮވެންބަރު 2008 ގައި އައު ވަޒީފާގެ އެއްބަސްވުމެއް މުޙައްމަދު ސަޢީދު އިސްމާޢީލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެފައިވަނީ މުޙައްމަދު ސަޢީދުގެ ނުރުހުމުގައި ހީލަތްތެރި ރޭވުމެއްގެ ދަށުން އޮޅުވާލައިގެންކަމަށް ފާހަކަކޮށްފައިވީނަމަވެސް އެކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމަށާއި، އެކަން ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ތަނެއް އޮތްކަމެއް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވި މުވައްޒަފުން ތިބި މަޤާމާއި އެ މަޤާމުތަކުގެ މުސާރަ އާއި އެލަވަންސްތަކަށް ވަރަށް ބޮޑަށް ބަދަލުތަކެއް އައިސްފައިވާކަމަށާއި، ނަމަވެސް މި ބަދަލުގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ލިބެމުންދިޔަ އެއްވެސް ޢިނާޔަތަކަށް އުނިކަމެއް ގެނެވިފައިނުވާކަމަށާއި، އެގޮތުން މުޙައްމަދު ސަޢީދު އިސްމާޢީލާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އައު ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، ލިޔެވިފައިވާ ވަޒީފާގެ އޮނިގަނޑެއް ވުޖޫދުގައި ނެތްނަމަވެސް، މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ ޢިނާޔަތްތަކަށް އުނިކަމެއް ގެނެވިފައިނުވާނެކަމަށާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ކަނޑަޅާފައިވާ އުޞޫލާ ޚިލާފުވެފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، މުޙައްމަދު ސަޢީދު އިސްމާޢީލް އާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެފައިވާ އެއްބަސްވުމުގެ ސަބަބުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ އެއްވެސް މަންފާއަކަށް އުނިކަމެއް ގެނެވިފައިނުވާކަމަށާއި، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށާއި، މުޙައްމަދު ސަޢީދު އިސްމާޢީލްއަކީ ޕްރޮސިކިއުޝަން ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފަކަށްވީތީ އެ ސެކްޝަނުގައި މަސައްކަތްކުރާ ކޯޓުތަކުގައި ވަކާލާތުކުރާ ޕްރޮސިކިއުޓަރުންނަށް ލިބެމުންދާ 30% ޕްރެކްޓިސް އެލަވަންސް ލިބެންޖެހޭނެ ހަމައެއް ނެތްކަމަށާއި، ދެންނެވުނު ސެކްޝަނުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ކަނޑައެޅިފައިވަނީ 10% ލީގަލް ސަޕޯޓް އެލަވެންސެއްކަމަށާއި، މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުވިއިރު ލިބެމުންދިޔަ ޢިނާޔަތްތަކަށްވުރެ ރަނގަޅު ޢިނާޔަތްތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ވެވުނު އައު އެއްބަސްވުމުގެ ދަށުން ލިބެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ވަޒީފާގެ މަޤާމު ބަދަލުކުރިކަމުގެ ޝަކުވާ

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުގައި ހުރި މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށް، އެ އޮފީހުގެ ވަޒީފާ ހަމަޖެއްސިއިރު، ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ ވަޒީފާ ދީފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޤާމުގެ އޮނިގަނޑުގައި އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމު ހިމަނާފައި ނުވާ ސަބަބު ސާފުކޮށްދީފައިނުވާކަމުގައި މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މިނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާގެ ރިޕޯޓުގައި، އޮފީސްތަކުގެ ނަންތަކާއި މަޤާމުތަކުގެ ނަންތަކާއި އެލަވަންސްތަކަކީ ޒަމާނަށް އަންނަ ބަދަލުތަކާއި ކުރަންޖެހޭ މަސައްކަތުގެ ތަބީޢަތާ ގުޅިގެން ބަދަލުވަމުން އަންނަ ކަންތައްތަކެއްކަމާއި، އޮފީހެއް އަލަށް އުފެދި އެއް އޮފީހުގެ މުވައްޒަފުން އަނެއް އޮފީހަށް ނުވަތަ އެއް މަޤާމުން އަނެއް މަޤާމަށް ބަދަލުވާއިރު އެންމެ މުހިންމުކަމެއް ދޭންޖެހޭ އެއްކަމަކީ، އެމުވައްޒަފަށް ލިބޭ މާލީ ޢިނާޔަތްތަކަށް އުނިކަމެއް ނުލިބޭގޮތަށް އަދި އެމުވައްޒަފަކާ ގުޅޭ މަސައްކަތެއް ކުރަންޖެހޭ މަޤާމެއް އެމުވައްޒަފަށް ހަމަޖައްސާފައިވޭތޯ ބެލުންކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ މިކަމުގައި ބަލަންޖެހޭ ކަންކަން ކަމުގައި ދެކެމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފެދިފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 އޮގަސްޓް 2008 ވަނަ ދުވަހު ޢަމަލުކުރަން ފެށުމާ ގުޅިގެން، އެ ޤާނޫނުއަސާސީގެ 7 ވަނަ ބާބުގައި (220 ވަނަ މާއްދާއިން 229 ވަނަ މާއްދާގެ ނިޔަލަށް) ބަޔާންކޮށްފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކުރުމަށްޓަކައި، 2 ސެޕްޓެންބަރު 2008 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ ދަށުންނެވެ. މިގޮތުން މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރި ކުރުމާ ގުޅިގެން އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށްފައިވަނީ 8 ސެޕްޓެންބަރު 2008 ގައިކަމާއި، އެފަދައިން މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ އެހެން އޮފީހަކަށް ބަދަލުކުރުމަށް އޭނާ އިންކާރުކޮށް ނުވަތަ ނުރުހިފައިވާކަން އެނގޭނެ އެއްވެސް ސަބަބެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން؛

އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މުޙައްމަދު ސަޢީދު އިސްމާޢީލް ބަދަލުކުރި ދުވަހުން ފެށިގެން، އަލަށް އުފެދުނު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަސާސީ ކަންކަން އިންތިޒާމު ކުރެވުމާ ހަމައަށް، މުޙައްމަދު ސަޢީދު އިސްމާޢީލް ހުރީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުގައިކަން؛

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އަސާސީ ކަންކަން އިންތިޒާމު ކުރެވުމާއެކު، 1 ނޮވެންބަރު 2008 ގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މުޙައްމަދު ސަޢީދު އިސްމާޢީލް އާ ދެމެދު އައު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި އަދި މިކަމަށް މުޙައްމަދު ސަޢީދު އިސްމާޢީލް އިންކާރުކޮށް ނުވަތަ ނުރުހިފައިވާކަން އެނގޭނެ އެއްވެސް ސަބަބެއް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން؛

1 ނޮވެންބަރު 2008 ގައި މުޙައްމަދު ސަޢީދު އިސްމާޢީލް ސޮއިކުރި އައު ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ސަޢީދު އިސްމާޢީލް އަކީ ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަށް ހަމަޖެއްސި މީހެއްކަން، އަދި އެހިނދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެސިސްޓަންޓް ޑިރެކްޓަރުގެ ނަމުގައި އެއްވެސް މަޤާމެއް އުފައްދާފައި ނުވާކަން؛ އަދި

މުޙައްމަދު ސަޢީދު އިސްމާޢީލް އެޓަރނީ ޖެނެރަލްގެ އޮފީހުގައި ހުރި އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖެހުނު ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަކީ އެ ދެ މަޤާމުގައި ފަރަޤުތަކެއް ހުރި ދެ މަޤާމު ކަމަށް މުޙައްމަދު ސަޢީދު އިސްމާޢީލް އިޝާރާތްކޮށްފައިވާއިރު، ދެ މަޤާމުގެ ކްލެސިފިކޭޝަންއާގުޅޭ އެއްވެސް ލިޔެކިޔުމެއް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދައިން އައު އިދާރީ އޮފީހެއް ޤާނޫނަކުން އުފެއްދުމުން، އެތަނެއްގެ އިދާރީ އޮނިގަނޑު ތަރުތީބު ކުރާނީ އެތަނެއްގެ މަސައްކަތާ ގުޅޭގޮތުންނެވެ. އަދި އެފަދައިން ކަންކަން ތަރުތީބު ކުރުމުގައި ބަލަންޖެހޭނީ އެ އިދާރާއަކުން ކުރަންޖެހޭ މަސައްކަތާއި، މަސައްކަތް ކުރުމަށް ރާވާ ގޮތާއި، އެކަމަށް މަގުފަހިވާގޮތަށް، ތަޖުރިބާއާއި، ޢިލްމީ ފެންވަރާއި، މަސައްކަތާ ގުޅޭ ހުނަރުތަކަށް ބަލައި އެކި މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމަށެވެ. އެތަނުގައި މަސައްކަތް ކުރުމަށް އަންނަ ފަރާތްތަކުން ކުރިން އަދާކުރަމުންދިޔަ ވަޒީފާ އާއި ފުރަމުންދިޔަ މަޤާމާއި އެ މަޤާމުތަކުގެ މަސްއޫލިއްޔަތަކަށް ނޫނެވެ. މިނޫން ގޮތަކަށް އިދާރާއެއްގެ މަސައްކަތް ބައްޓަންކުރަން ވެއްޖެނަމަ، އެ އިދާރާއަކާ މަތިކޮށްފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ނުކުރެވި ދިއުމަކީ ގާތްކަމެކެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އުފައްދާ އެތަނުގެ އިދާރީ އޮނިގަނޑުގައި އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމު ހިމަނާފައި ނުވުމަކީ، އޭގެ ޒާތުގައި އަދި އޭގެ ނަތީޖާއިންވެސް، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ޙައްޤެއް އެކަމުގައި ހިމެނޭކަމެއް ކަމުގައި ބެލެވޭނެ ޖާގަ އޮތްކަމުގައި ނުދެކެމެވެ. މިޙާލަތުގައި، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ޙައްޤަކަށް އޭގެ ސަބަބުން އުނިކަމެއް އައުމުގެ ފުރުޞަތު އޮތީ، މުޙައްމަދު ސަޢީދު އިސްމާޢީލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖެއްސި ވަޒީފާގެ ސަބަބުން، އޭނާއަށް ލިބެމުންދިޔަ މާލީ މަންފާއަށް ނޭދެވޭ އަސަރެއް ކުރާނަމައެވެ.

މުސާރައާއި ޢިނާޔަތްތަކުން އުނިވިކަމުގެ ޝަކުވާ

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަޤާމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ ވަޒީފާއަށް ބަދަލުކުރުމުގެ ސަބަބުން، އޭނާއަށް ލިބެމުންދިޔަ މާލީ ޢިނާޔަތްތަކުން އުނިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މުޙައްމަދު ސަޢީދު އިސްމާޢީލްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެންޖެހޭ މާލީ ޢިނާޔަތްތަކަށް އުނިކަމެއް އައިސްފައިވާކަން؛

އައު ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެޓަރނީ ޖެނެރަލްގެ އޮފީހުގައި މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ ޤާނޫނީ އެލަވަންސް އުނިކޮށްފައިވާކަން؛ އަދި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާ ހަމަޖައްސާފައިވަނީ ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ހިމެނިގެންކަން ނުވަތަ ނޫންކަން ކޯޓުން ބަލާފައި ނުވާކަން.

މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ މާލީ ޢިނާޔަތްތަކުން އުނިވެފައިވާކަން އޭނާ ފާހަގަކުރިއިރު، އެފަދައިން އެނުކުތާ ހުށަހަޅާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެހެން މީހަކަށް ކުރިއެރުމެއް ދީގެން ނޫންކަން މުޙައްމަދު ސަޢީދު އިސްމާޢީލް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުން އެނގެންއޮވެއެވެ.

މިނުކުތާތަކުގެ 11 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ފަދައިން، އައު އިދާރާއެއް އުފެދުމުން، އެ އިދާރާއެއްގެ އިދާރީ އޮނިގަނޑު ބައްޓަންކުރާނީ ތަނުގެ މަސައްކަތައް އެންމެ އެކަށޭނަ ގޮތެއްގައި ކުރުމުގެ ވިސްނުމުގައި ކަމަށްވާއިރު، މިފަދަ ޙާލަތެއްގައި އެއް އިދާރާއަކުން އަނެއް އިދާރާއަކަށް މުވައްޒަފުން ބަދަލުކޮށް، ހަމަޖެހިގެންދާ އުޞޫލުގެ ދަށުން މުވައްޒަފުންނަށް މަސައްކަތް ޙަވާލުވެގެން ދިއުމަކީ އާންމު އުޞޫލުކަމާއި، އެ ޙާލަތުގައި މުޙައްމަދު ސަޢީދު އިސްމާޢީލްގެ ޙައްޤަކަށް އެ ބަދަލުގެ ސަބަބުން އުނިކަމެއް އައިކަމުގައި ބެލެވޭނީ މުޙައްމަދު ސަޢީދު އިސްމާޢީލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖެއްސި ވަޒީފާގެ މުސާރައާއި ޢިނާޔަތްތައް، އޭނާއަށް ކުރިން ލިބެމުންދިޔަ މާލީ މަންފާއަށްވުރެ މަދު ނަމައެވެ. މިގޮތުން، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ޙައްޤެއް އުނިވެފައިވޭތޯ ބެލުމުގެ ގޮތުން އޭނާއަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ލިބެމުންދިޔަ މުސާރައާއި ޢނާޔަތްތަކާއި އޭނާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖެހުނު މުސާރައާއި ޢިނާޔަތްތަކަށް ބަލަންޖެހެއެވެ. އަދި އެ ޢަދަދުތައް ތިރީގައި އެވަނީއެވެ.

މުސާރަ އާއި ޢިނާޔަތުގެ ބާވަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ލިބެމުން އައި މުސާރައާއި ޢިނާޔަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފުރަތަމަ ދިން މުސާރައާއި ޢިނާޔަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހަމަޖެހުނު މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ 4,565.00 4,565.00 9,310.00

ޤާނޫނީ އެލަވަންސް 1,369.50 1,369.50 -

ފަންނީ އެލަވަންސް 913.00 913.00 1,862.00

ލީގަލް ސަޕޯޓް އެލަވަންސް - - 931.00

ޖުމްލަ 6,847.50 6,847.50 12,103.00

މަތީގައިވާ ތާވަލަށް ބެލުމުން، މުޙައްމަދު ސަޢީދު އިސްމާޢީލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ހަމަޖެއްސި ވަޒީފާގެ މުސާރަ އާއި ޢިނާޔަތްތަކުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެންޖެހޭ މާލީ ޢިނާޔަތްތަކަށް އުނިކަމެއް އައިސްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެމުންދިޔަ އަސާސީ މުސާރަ %103، ޢިނާޔަތްތަކަށް ލިބޭ ޖުމްލަ ޢަދަދު %22، އަދި އެކު ޖުމްލަ ލިބޭ ޢާމްދަނީ %76.8 އިތުރުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖައްސާފައިވާ ޤާނޫނީ އެލަވަންސް މުޙައްމަދު ސަޢީދު އިސްމާޢީލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން އުނިކޮށްފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ޤާނޫނީ މަސައްކަތްކުރާ މީހުންނަށް ޤާނޫނީ އެލަވަންސް ދޭންވާނެކަމުގައި މުޙައްމަދު ސަޢީދު އިސްމާޢީލް ބުނާ ބުނުމުގެ މައްޗަށް ބަލާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ތަފާތު ޤާނޫނީ މަސައްކަތްކުރާ، ދައުލަތުގެ ދެ އިދާރާއެވެ. އެޓަރނީ ޖެނެރަލްގެ އޮފީހަކީ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބަންޑާރަ ނާއިބުގެ މަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން ވުޒާރާއެއް ފަދައިން ހިނގާ އިދާރާއެއް ކަމުގައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު އުފުލުމަށް އެހީތެރިވެދިނުމުގެ ގޮތުން ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ ދަށުން ވުޖޫދުކޮށްފައިވާ މުސްތަޤިއްލު މުވައްސަސާއެއް ފަދައިން ހިނގާ އިދާރާއެކެވެ. އެހެންކަމުން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެލަވަންސް ހަމަޖެއްސެވި ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެލަވަންސްތަކާ ގުޅޭ ކަންކަމަކީ ޕްރޮސކިއުޓަރ ޖެނެރަލްގެ ޤާނޫނުގައިވާ ފަދައިން ހަމަޖައްސަންޖެހޭ ކަންކަމެވެ. އަދި މި ދެ އިދާރާގައި ޤާނޫނީ މަސައްކަތްކުރުމަކީ، އެއް އިދާރާ އާއި އަނެއް އިދާރާގެ މަސައްކަތް އަޅާކިޔޭ، އަދި ދެ އިދާރާގައި އެއް އޮނިގަނޑެއްގެ ދަށުން މަސައްކަތް ތަރުތީބުކުރަންޖެހޭ ސަބަބެއް ނޫންކަމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ޤާނޫނީ މަސައްކަތް ކުރާ މުވައްޒަފުންނަށް ޤާނޫނީ އެލަވަންސް ހަމަޖައްސާފައިވުމަކީ، އެނަމުގައި އެމިންވަރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ އެލަވަންސް ޙައްޤުވާކަމަށް ބަލަންޖެހޭ ބިނާއެއް ނޫނެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަށް ހަމަޖައްސާފައިވަނީ އެ މަޤާމަށް ލިބެންވާ މުސާރަ އާއި ޢިނާޔަތްތައް ހިމެނިގެންކަން ނުވަތަ ނޫންކަން ކޯޓުން ބަލާފައި ނުވާކަމުގައި މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ބަޔާންކުރާނަމަވެސް، މަދަނީ ޚުޞޫމަތްތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ (burden of proof) އަކީ އުޞޫލެއްގެ ގޮތުން ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ އިލްތިޒާމެއްކަން ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ދަޢުވާ ސާބިތުކުރުމުގެ ބުރަ ދެ ބަޔަކަށް ބެހިގެންވާކަމާއި، އެއީ (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުމާއި (burden of production)، އަދި (2) ހުށަހަޅާފައިވާ ހެއްކަކީ )އަނެއް ފަރާތުން ހުށަހަޅާފައިވާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް (burden of persuasion) ވާންޖެހުމެވެ. މިއީ، އިސްތިޤުރާރުވެފައިވާ އުޞޫލުތަކެއް ކަމުގައިވާހިނދު، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ ކޭސް ވޯކަރ ގްރޭޑް 2 ގެ މަޤާމަށް ހަމަޖައްސާފައިވަނީ އެ މަޤާމަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ހިމެނިގެން ނޫންކަން، އަދި އެކަމުގެ ސަބަބުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ލިބެންވާ ޙައްޤަކަށް އުނިކަމެއް އައިސްފައިވާކަން އެނގޭނެ ހެއްކެއް ހުށަހަޅާފައިނުވެއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ

މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާގެ މަޤާމު ބަދަލުކުރިކުރުމާއި، މުސާރަ އާއި ޢިނާޔަތްތަކަށް އައިސްފައިވާ ބަދަލާގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ކަންތައްތަކުގައި، ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 2013/HC-A/213 ޤަޟިއްޔާ ނިންމުމުގައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ އާއި 17 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ކޮން އަކުރަކަށް ނުވަތަ އަކުރުތަކަކަށް ކަން މުޙައްމަދު ސަޢީދު އިސްމާޢީލްގެ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.

އެހެންކަމުން، މި މައްސަލައިގައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ ވަކި ވަކި އަކުރުތަކަށް ބެލުމުން:

ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި، ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ހިނގާނީ ކޮން ފަރާތްތަކުގެ މައްޗަށްކަމެވެ. އެގޮތުން، ފުލުހުންނާއި ސިފައިން، އަދި އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނު ހިނގާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މިހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކުރާފަދަ އިސްތިސްނާއެއް ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގައި ހިމަނާފައިނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކަށާއި، އެޓަރނީ ޖެނެރަލްގެ އޮފީސް ހިމެނޭގޮތުން ދައުލަތުގެ އެހެން ވުޒާރާތަކުގެ ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭނެކަމަށް ބުނެފައިވާ ރައްކާތެރިކަން ލިބިދޭންވާނެއެވެ. އަދި އެޤާނޫނުގެ ދަށުން، އެ ތަންތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރަންވާނެއެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންގެ މައްޗަށް، އަދި ޕްރޮސިކިއުޓަރ ޖެނެރަލާއި ދައުލަތުގެ ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް، ވަޒީފާއާބެހޭ ޤާނޫނު ނުހިނގާނެކަމުގައި ސިވިލް ކޯޓުން އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ނުވެއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، އެމާއްދާއިން ކަށަވަރުކޮށްދެނީ ކޮންމެ ވަޒީފާގެ އެއްބަސްވުމެއްގައިމެ، އެންމެ ކުޑަމިނުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް ލިބިދީފައި ވާންވާނެ ކަމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ އެ ޙައްޤުތަކާއި ތަޢާރުޟު ނުވާނެ ފަދައަކުން، އެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތަކަށް ވުރެ އިތުރު ޙައްޤުތަކަކާއި މަންފާތަކެއް ހިމެނޭ ގޮތަށް ވަޒީފާއާބެހޭ އެއްބަސްވުމެއް އެކުލަވާލާ، އެމައްޗަށް އެއްބަސްވުމަކީ ވަޒީފާއާބެހޭ ޤާނޫނުން މަނާކުރާ ކަމެއް ނޫންކަމެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލައާ ގުޅުވާ މި އަކުރުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، މުޙައްމަދު ސަޢީދު އިސްމާޢީލަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަޒީފާ ހަމަޖައްސާފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި ތަޢާރުޟުވާ ފަދައަކުން ކަމުގައި ބުނެ، މުޙައްމަދު ސަޢީދު އިސްމާޢީލުގެ ފަރާތުން އެއްވެސް ކަމެއް، އަދި އެކަމެއްގެ ތަފްޞީލު ހުށަހަޅާފައި ނުވާކަން އެނގެން އޮވެއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) އަށް ބެލުމުން، އެ އަކުރުގައި ބަޔާންކޮށްފައިވަނީ އެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަ ކަމެއް އުނިވާގޮތަށް ޤަވާޢިދެއް ނުވަތަ ވަޒީފާގެ އެއްބަސްވުމެއް ހަދައިގެން ނުވާނެކަން ކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް އުނިވާގޮތަށް ޤަވާޢިދެއް ނުވަތަ ވަޒީފާގެ އެއްބަސްވުމެއް ހަދައިފިނަމަ، އެމިންވަރެއް، ޤާނޫނާއި ތަޢާރުޟުވާނެ ކަމަށްޓަކައި، ބާޠިލުވާނެކަމެވެ.

މުޙައްމަދު ސަޢީދު އިސްމާޢީލު ސިވިލް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، އެފަރާތަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ލިބިދޭންވާ އެއްވެސް ޙައްޤެއް ނުވަތަ މަންފާއެއް ނުވަތަ އެއިން ބައެއް ނަމަވެސް ލިބިދީފައި ނުވާކަން ފާހަގަކޮށްފައި ނުވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ޚިލާފުވުމެއް އުފެދިފައިވަނީ ކޮން ކަމަކާ ގުޅިގެންކަމާއި މުޙައްމަދު ސަޢީދު އިސްމާޢީލަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ކޮން ޙައްޤެއް އުނިވެގެންކަން ފާހަގަކޮށްފައި ނުވެއެވެ.

ހަމަ އެފަދައިން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ވަކި ވަކި އަކުރުތަކަށް ބަލާއިރު، އަންނިވި ކަންކަން ފާހަގަވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، ވަޒީފާގެ އެއްވެސް އެއްބަސްވުމެއް، މުވައްޒަފުގެ ރުހުމާ ނުލައި، ވަޒީފާދޭ ފަރާތުން ވަޒީފާ ލިބިދޭ ފަރާތަށް ފިޔަވައި އެހެން ފަރާތަކަށް ބަދަލުކުރެވޭނީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިންކަމުގައި އޮވެއެވެ. މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ އެޓަރނީ ޖެނެރަލްގެ އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކޮށްފައިވަނީ އެފަރާތުގެ ރުހުމުގައި ނޫންކަން ދަލާލާތުކޮށްދޭ އެއްވެސް ހެއްކެއް ނެތްހިނދު، އެފަދައިން މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ބަދަލުކޮށްފައިވަނީ އެފަރާތުގެ ރުހުމާއެކުގައި ކަމަށް ބަލަންޖެހެއެވެ. އަދި މިހެންކަމުން، މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ބަދަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިންކަން ނުވަތަ ނޫންކަން އެއީ މި މައްސަލައާ ގުޅިގެން، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުން ބަލަންޖެހޭ ބެލުމެއް ނޫނެވެ. އެހެނީ، ވަޒީފާއާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ތަޠްބީޤުކުރަންޖެހެނީ ވަޒީފާގެ އެއްބަސްވުން މުވައްޒަފުގެ ރުހުމާ ނުލާ ބަދަލުކުރާ ޙާލަތުގައި ކަމަށް ޤާނޫނުގައި ޞަރީޙަބަހުން ބަޔާންކޮށްފައިވާތީއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަށް ބެލުމުން، އެ އަކުރު ތަތުބީޤުކުރަންޖެހެނީ ވިޔަފާރިއެއް ނުވަތަ ވިޔަފާރި އުޞޫލުންކުރާ މަސައްކަތަކަށްކަން ސާފުވެއެވެ. އަދި އެ އަކުރުގައި ބަޔާންކޮށްފައިވަނީ އެފަދަ ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ ގޮތުގައި ކުރާ މަސައްކަތެއް، ނުވަތަ އެއިން ބައެއް ވިއްކުމުގެ، ނުވަތަ ކުއްޔަށް ދިނުމުގެ، ނުވަތަ އެހެންވެސް މުޢާމަލާތެއްގެ ތެރެއިން ބަދަލުކޮށްފިނަމަ، ނުވަތަ އެހެން ގޮތަކުންވެސް ނަޤުލުވެއްޖެނަމަ، އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގައި ހިމެނޭ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތަކާމެދު ޢަމަލުކުރާނެގޮތެވެ. އެގޮތުން ވިޔަފާރިއެއް ނުވަތަ ވިޔަފާރި އުޞޫލުންކުރާ މަސައްކަތެއް ވަޒީފާ ދިން ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް ބަދަލުވާނަމަ ނުވަތަ ނަޤުލުކުރެވޭ ޙާލަތުގައި، މުވައްޒަފުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުންތައް، އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ނަޤުލުވީ ފަރާތަށް ބަދަލުވާނެކަމަށާއި، ވަޒީފާއާގުޅޭ ކަންކަން ދެމެހެއްޓުމުގެ ގޮތުން، އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ނަޤުލުވުމާ ހަމައަށް ހިނގާފައިވާ ކަންކަމަކީ އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް އެފަރާތެއްގެ މައްޗަށް ނަޤުލުވީ ފަރާތުގެ ޒިންމާއެއްކަމާއި، އެކަންކަން ހިނގާފައިވަނީ ވަޒީފާގައި ތިބި ފަރާތްތަކާއި އެ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ނަޤުލުވީ ފަރާތާ ދެމެދު ހިނގާފައިވާ ކަންކަމުގެ ގޮތުގައި ބެލޭނެކަމުގައިވެސް އެ އަކުރުގައިވެއެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލައާ ގުޅުވާ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، އެ އަކުރުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ރުހުމުގައި ނޫން ގޮތަކަށް ވިޔަފާރިއެއް ނުވަތަ ވިޔަފާރި އުޞޫލުންކުރާ މަސައްކަތެއް ވަޒީފާ ދިން ފަރާތުން އެހެން ފަރާތަކަށް ނަޤުލުކޮށްފިނަމަ އެ މައްޗަށް ޢަމަލުކުރަންޖެހޭ އުޞޫލެއްކަމާއި، އެ އަކުރުގައި ހިމެނޭ ކަންކަމަކީ ދައުލަތުގެ (ވިޔަފާރިއާއި ވިޔަފާރީގެ ގޮތުގައި ހިމެނޭ މަސައްކަތް ނުކުރާ) އެއް އިދާރާއިން އަނެއް އިދާރާގެ މައްޗަށް ހިނގާގޮތަށް ފަރުމާކޮށްފައިވާ އަކުރެއް ނޫންކަން ސާފުކޮށް އެނގެއެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގައި މުޙައްމަދު ސަޢީދު އިސްމާޢީލްގެ ވަޒީފާ ބަދަލުކޮށްފައިވަނީ، 21.1 ގައި ބަޔާންކުރާ ފަދައިން، ރުހުމުގައި ކަމަށް ބެލެވޭތީ، ހުށަހަޅާފައިވާ މައްސަލައިގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރަންޖެހޭ ސަބަބެއް މެދުވެރިވެފައިނުވާކަމެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، އެ މާއްދާގެ (ނ) ގައިވަނީ، ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގެ މައްޗަށް އޮތް ޙައްޤުތައް އެހެން ފަރާތެއްގެ މައްޗަށް ނަޤުލުވާ ޙާލަތުގައި، ވަޒީފާގެ މުއްދަތަށް އެއްވެސް މެދުކެނޑުމެއް އައިކަމަށް ނުބެލެވޭނެކަމާއި، މުވައްޒަފުން މަސައްކަތްކޮށްދިން މުއްދަތު، އެމުވައްޒަފުންގެ ބޭނުމަށްޓަކައި ގުނޭނީ އެއް މުއްދަތެއްގެ ގޮތުގައިކަމެވެ. އަދި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އަކީ އެ މާއްދާގެ (ށ) އަށް ޙަވާލާދޭ އަކުރެއްކަމުން، ހުށަހަޅާފައިވާ މައްސަލައިގައި އެ އަކުރުގައި ޤާއިމުކުރާ އުޞޫލަށް ރިޢާޔަތްކުރަންޖެހޭނެ ކަމުގައި ޤާނޫނު ނުދެކެއެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، އެ އަކުރުގައި ބަޔާންކުރަނީ އެ މާއްދާގެ (ށ) ގައިވާ ފަދައިން ވަޒީފާގެ އެއްބަސްވުމުގެ ދަށުން ހިމެނޭ ޙައްޤުތައް ނަޤުލުވާއިރު، ދަޢުވާ ކުރެވެމުންދާ ނުވަތަ ދަޢުވާއެއް ސާބިތުވެފައިވާ، ނުވަތަ ޙުކުމެއް އައިސްފައިވާ އެއްވެސް ކުށަކާގުޅިގެން، އުފުލަންޖެހޭ ޒިންމާ ނަޤުލުވެގެން ނުދާނެކަމާއި، އެފަދަ ޙާލަތެއްގައި ވިޔަފާރިއެއް ނުވަތަ މަސައްކަތެއްގެ މިލްކުވެރިކަން ބަދަލުވުމަކުން، އެފަދަ މީހަކު އުފުލަންޖެހޭ ޒިންމާއަށް އެއްވެސް އުނިކަމެއް ނާންނާނެކަމެވެ.

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާއަކީ އޭގެ ޒާތުގައި މުވައްޒަފުންނަށް ރައްކާތެރިކަން ހޯދާދިނުމުގެ މަޤްޞަދުގައި ހިމަނާފައިވާ މާއްދާއެއް ކަމުގައި ބެލެވެއެވެ. އެހެންކަމުން، ރުހުމުގައި ނޫންގޮތަކަށް ވަޒީފާއާގުޅޭ ކަންކަން ބަދަލުވެގެންދާނަމަ، އެ މާއްދާގައިވާ ކަންކަމަކީ (އިސްތިސްނާ ހިމެނޭގޮތުން) ޢާންމު އުޞޫލުން މުވައްޒަފެއްގެ ވަޒީފާ ޓްރާންސްފަރ (transfer) ނުވަތަ ރީއެސައިންމަންޓެއް (reassignment) ގެ ދަށުން ބަދަލުކުރާ ޙާލަތުގައި، ނުވަތަ އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ވިޔަފާރި ނުވަތަ މަސައްކަތް ނަޤުލުވެއްޖެ ޙާލަތުގައި، ކޮންމެ ވަޒީފާއެއްގެ އެއްބަސްވުމެއްގެ މައްޗަށްވެސް ހިނގާ ފަދައަކުން އޮތުން މުހިންމު ކަންތައްތަކެއް ކަމުގައި ދެކެމެވެ. އަދި އެހެންކަމުން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ދާއިރާއިން ބޭރަށް އެ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުތައް ހިނގާނެކަން ސާފުވާ ފަދައަކުން ޤާނޫނަށް ބަދަލުގެނައުމަކީ ކުރަންޖެހޭކަމެއް ކަމުގައިވެސް ދެކެމެވެ.

ވީމާ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ގަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މ.މ.ޚ. ދަފްތަރު ނަންބަރު 739، މުޙައްމަދު ސަޢީދު އިސްމާޢީލް ގެ ވަޒީފާ އެޓަރނީ ޖެނެރަލް އޮފީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަދަލުކުރުމާއި ގުޅިގެން، މުސާރައާއި ޢިނާޔަތުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ސަޢީދު އިސްމާޢީލަށް ދޭންޖެހި، މިހާތަނަށް ނުދީ އެއްވެސް މިންވަރެއް އޮތްކަން ސާބިތުނުވާ ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އޮނިގަނޑުގައި ހިމެނިފައިނުވާ މަޤާމެއް މުޙައްމަދު ސަޢީދު އިސްމާޢީލަށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 801/Cv-C/2012 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ގަޟިއްޔާ އިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/213 ގަޟިއްޔާގެ ޙުކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މިޤަޟިއްޔާ ބަލައި ޙުކުމްކުރީ

އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު މަހާޒް ޢަލީ ޒާހިރު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ