ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 99 · 2019/SC-A/13, 2021/SC-A/52ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2021

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުޕްރީމް ކޯޓު
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2021ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/13 2021/SC-A/52

ޝަރީޢަތް ނިމުނުގޮތް

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު

04 ނޮވެންބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/366

2017/HC-A/121

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: މުޙައްމަދު ޙިލްމީ

ބަދަލުގައި: މުޙައްމަދު ފައިސަލް

މަދަނީ – އެއްބަސްވުމާއި ޚިލާފުވުން – ޖޫރިމަނާ ފައިސާ – ޖަޒާއީ ޝަރުޠު (Penalty Clause) – އެއްބަސްވުމާ ޚިލާފުވެއްޖެނަމަ ނަގައިދެވޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަދަލު (Liquidated damages) ޟިމްނީ ޝަރުޠު

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-292/2006) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ސެންޓަރ އެންޓަރޕްރައިސަސް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު 02 (ދޭއް) މައްސަލައިގެ ނިޔާއެވެ. މި 02 (ދޭއް) ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-846/2008) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ އެމް.ޕީ.އެލް މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.

މި 02 (ދޭއް) މައްސަލައަކީ އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ޓަގު ބޯޓެއް ބަނުމުގެ މަސައްކަތުގައި އިންވޮއިސް އެއް ފޮނުވައި، އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ މަތިން ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ޖޫރިމަނާ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުން ބެލުނު 02 (ދޭއް) މައްސަލައެވެ.

17 ޓަނުގެ ބޮލާޑް ޕުލް ޓަގު ބޯޓެއް (މީގެ ފަހުން "ޓަގު ބޯޓު") ބަނދެ ސަޕްލައިކުރުމަށް ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލް އާއި ދެމެދު 18 ނޮވެންބަރު 2008 ގައި އެއްބަސްވުމެއް ("ޓަގު ބޯޓު ބަނުމުގެ އެއްބަސްވުން") ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ބޯޓުގެ އަގަކީ -/39,986,205.56ރ. (ތިރީސް ނުވަމިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަސް ރުފިޔާ ފަންސާސް ހަލާރި) އެވެ. މި އެއްބަސްވުމުގެ ދަށުން ބޯޓު ޙަވާލުކުރަންޖެހޭ ތާރީޚަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 300 (ތިންސަތޭކަ) ދުވަހެވެ.

ނަމަވެސް މަސައްކަތް ނުނިމި، މި ޓަގު ބޯޓު ބަނުމުގެ އެއްބަސްވުން ހަތަރު ފަހަރެއްގެ މަތިން އިޞްލާހުކުރެވި، 04 (ހަތަރެއް) އެމެންޑްމަންޓެއް ގައި ވަނީ ސޮއިކުރެވިފައެވެ. މިގޮތުން ފުރަތަމަ އެމެންޑްމަންޓުގައި ސޮއިކުރީ 18 ނޮވެންބަރު 2009 ގައި ކަމާއި ދެވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ 14 ފެބުރުވަރީ 2010 ގައި ކަމާއި، އަދި ތިންވަނަ އެމެންޑްމަންޓުގައި ސޮއިކުރެވިފައިވަނީ 15 ޖޫން 2011 ގައެވެ. އޭގެ ފަހުން ހަތަރު ވަނަ އެމެންޑްމަންޓުގައި ސޮއިކޮށްފައިވަނީ، 31 ޖުލައި 2012 ގައެވެ.

ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތަށް އަގު ހޯދުމަށް ސެންޓަރ އެންޓަރޕްރައިސަސްގެ ނަންބަރު CEN/MPL-05/2012 އިންވޮއިސް (މީގެ ފަހުން "އިންވޮއިސް") އެމް.ޕީ.އެލްއަށް 7 އޮގަސްޓު 2012 ގައި ފޮނުވާފައިވެއެވެ.

މި އިންވޮއިސްގެ ތަފްސީލަށް ބަލާއިރު އިންވޮއިސް ފޮނުވާފައިވަނީ ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގައި ބަޔާންކޮށްފައިވާ 12,991,723.34/-ރ. (ބާރަމިލިއަން ނުވަލައްކަ ނުވަދިހައެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރުލާރި) އާއި ޖީ.އެސް.ޓީގެ ގޮތުގައި 779,503.40/-ރ. (ހަތްލައްކަ ހަތްދިހަ ނުވަހާސް ފަސްސަތޭކަ ތިން ރުފިޔާ ސާޅީސްލާރި) އާއެކު ޖުމްލަ 13,771,266.74/-ރ. (ތޭރަ މިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ހަތްދިހަ ހަތަރުލާރި) ހޯދުމަށެވެ.

އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ މައްޗަށް ބަލައި، އިންވޮއިސްގައިވާ ތާރީޚުން ފެށިގެން 70 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށްވާ ފައިސާގެ 2% ޖޫރިމަނާގެ ގޮތުގައި ފައިސާ ނުދައްކައި އޮންނަ ކޮންމެ ދުވަހަކަށް ނެގޭނެ ކަމަށް އޮވެއެވެ.

ފައިސާ ހޯދުމަށް ކުރެވުނު ދަޢުވާ

ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް ފޮނުވާފައިވާ އިންވޮއިސްގައިވާ ޝަރުޠުތަކުގެ މައްޗަށް ބަލައި ފައިސާ ނުދައްކާ ކަމަށް ބުނެ ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން 02 (ދޭއް) މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ.

8.1. ފުރަތަމަ މައްސަލައަކީ ސިވިލް ކޯޓުގެ ނަންބަރު 1899/CV-C/2014 ޤަޟިއްޔާ އިން ބެލި 83 (އަށްޑިހަ ތިނެއް) ދުވަހަށް އިންވޮއިސްގެ ޖުމްލަ ޢަދަދުގައި ބުނާ -/12,991,723.34ރ. (ބާރަމިލިއަން ނުވަލައްކަ ނުވަދިހައެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސްހަތަރު ލާރި) ގެ 2% އާއި އެއްވަރުގެ ޖޫރިމަނާގެ ގޮތުގައި -/21,566,260.18ރ. (އެކާވީސް މިލިޔަން ފަސްލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ އަށާރަ ލާރި) ހޯދުމަށް އެދި 14 ސެޕްޓެންބަރު 2014 ގައި ހުށަހެޅި މައްސަލައެވެ. މި މައްސަލަ ނިންމާފައިވަނީ ސެންޓަރ އެންޓަރޕްރައިސަސް އާ އެއްކޮޅަށެވެ. އެ މައްސަލަ އެމް.ޕީ.އެލް އިން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން އެ މައްސަލަ އެ ކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އިން ބަލާ ޙުކުމްކޮށްފައި ވަނީ އެމް.ޕީއެލް އާ އެއްކޮޅަށެވެ. އޭގެ ފަހުން ސެންޓަރ އެންޓަރޕްރައިސަސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 ޤަޟިއްޔާ އިންނެވެ.

8.2. ދެވަނަ މައްސަލައަކީ، ސެންޓަރ އެންޓަރޕްރައިސަސްއިން 14 ޖޫން 2016 ގައި ސިވިލް ކޯޓަށް ހުށަހެޅި އެ ކޯޓުގެ ނަންބަރު 1263/Cv-C/2016 ޤަޟިއްޔާ އިން 1065 (އެއްހާސް ފަސްދޮޅަސް ފަހެއް) ދުވަހަށް ޖޫރިމަނާ ފައިސާ ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ސިވިލް ކޯޓުން ސެންޓަރ އެންޓަރޕްރައިސަސް އާ އެއްކޮޅަށް ނިންމުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އެމް.ޕީ.އެލްއިން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވުނު މައްސަލަ ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ނިމުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/52 ޤަޟިއްޔާ އިންނެވެ.

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 60 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 ޤަޟިއްޔާ އާއި މި ކޯޓުގެ ނަންބަރު 2021/SC-A/52 ޤަޟިއްޔާ އެއްކޮށްލައި މި 02 (ދޭއް) މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުނު ނިޔާއެވެ.

ފުރަތަމަ ދަޢުވާ

ބަޔާންވެދިޔަ މައްސަލަ އެމް.ޕީ.އެލްގެ މައްޗަށް ރައްދުވާ ގޮތަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން އެ މައްސަލަ ބަލާ ޙުކުމްކޮށްފައި ވަނީ އެ ކޯޓުގެ ނަންބަރު1899/CV-C/2014 ޤަޟިއްޔާ އިންނެވެ.

މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދުނު އިންވޮއިސްގައިވާ ގޮތުގެމަތިން ފައިސާ ނުދައްކައިގެން ލަސްވި 83 (އަށްޑިހަ ތިނެއް) ދުވަހަށްވާ ޖޫރިމަނާ ފައިސާ ކަމުގައިވާ 21,566,260.18ރ. (އެކާވީސް މިލިޔަން ފަސްލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ އަށާރަ ލާރި) އެމް.ޕީ.އެލް އިން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ސެންޓަރ އެންޓަރޕްރައިސަސް ދައްކަންޖެހޭނެ ކަމަށެވެ. މި ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް 14 އެޕްރީލް 2016 ގައި ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

ސެންޓަރ އެންޓަރޕްރައިސަސްގެ ނަންބަރު CEN/MPL-05/2012 (07 އޮގަސްޓު 2012) އިންވޮއިސް އެމް.ޕީ.އެލްއަށް ލިބިފައިވާ ކަމާއި، އަދި މި އިންވޮއިސް ލިބުމުން އިންވޮއިސްގައިވާ ޢަދަދު ތަކަށާއި ޖޫރިމަނާގެ ޝަރުތާމެދު އެމް.ޕީ.އެލްއިން އެ ވަގުތު އިޢުތިރާޟުކޮށްފައި ނުވާތީވެ، އެމް.ޕީ.އެލްގެ މި ޢަމަލުތަކުން އިންވޮސްގައިވާ ޝަރުޠުތަކަށް، އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށްވާ ފައިސާގެ 2% ޖޫރިމަނާގެ ގޮތުގައި ފައިސާ ނުދައްކައިވާ ކޮންމެ ދުވަހަކަށް ނެގޭނެކަމަށް އެއްބަސްވެފައިވާކަމަށް ދޭހަވުން.

އިންވޮއިސްގައިވާ ފައިސާ ނުދައްކައި 83 (އަށްޑިހަ ތިނެއް) ދުވަސް ލަސްވެފައިވާ ކަން.

ފުރަތަމަ ދަޢުވާގެ އިސްތިއުނާފު

އެމް.ޕީ.އެލްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ޤަޟިއްޔާ އެ ކޯޓުން ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/366ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 1899/Cv-C/2014 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ވަނީ ބާޠިލްކޮށްފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާތިލުކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެމް.ޕީ.އެލްއިން ހުށަހެޅި މައިގަނޑު ނުކުތާއަކީ ޚުސޫމަތު އުފެދިފައިވާ ފައިސާ ސެންޓަރ އެންޓަރޕްރައިސަސްއިން ދޫނުކުރެވުނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމެއް އޮވެގެން ކަމަށް ޝަރީޢަތުގައި ބުނެ އެ ފައިސާ ދެއްކުމަށް އިންކާރުކޮށްފައި ވަނިކޮށް އެކަމަށް ސިވިލް ކޯޓުން ރިއާޔަތްކޮށްފައި ނެތުން.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސް އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ޓަގު ބޯޓެއް ބަނދެ ސެންޓަރ އެންޓަރޕްރައިސަސްއަށް ހަވާލުކުރެވުނު މަސައްކަތް ނިމިފައި ނުވާކަން ފާހަގަކޮށް މަސައްކަތްކުރާ މިންވަރަކުން ފައިސާ ދޫކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެމް.ޕީ.އެލްއަށް އަންގާފައި ވަނިކޮށް އެ ކަމަށް ރިއާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައި އޮތުން.

ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.

ދެވަނަ ދަޢުވާ

ބަޔާންވެދިޔަ މައްސަލަ އެމް.ޕީ.އެލްގެ މައްޗަށް ރައްދުވާ ގޮތަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު1263/Cv-C/2016 ޤަޟިއްޔާ އިންނެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން 1009 (އެއްހާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި 277,904,162.81/-ރ. (ދުއިސައްތަ ހަތްދިހަ ހަތްމިލިއަން ނުވަލައްކަ ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ އަށްޑިހަ އެއްލާރި) މި ޢަދަދުގެ ½ (ދެބައިކުޅަ އެއްބައި) އަށް ކުޑަކުރުމުން ޖެހޭ -/138,952,081.40ރ. (ސަތޭކަ ތިރީސް އަށްމިލިއަން ނުވަލައްކަ ފަންސާސްދެހާސް އަށްޑިހަ އެއްރުފިޔާ ސާޅީސްލާރި) އަކީ އެމް.ޕީ.އެލްގެ ފަރާތުން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާ ކަމުގައެވެ. އަދި މިގޮތަށް ނިންމާފައި ވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.

14.1.ސިވިލް ކޯޓުގެ ނަންބަރު 1899/Cv-C/2014 ޤަޟިއްޔާގައި ސެންޓަރ އެންޓަރޕްރައިސަސްގެ ނަންބަރު CEN/MPL-05/2012 އިންވޮއިސް ހުށަހެޅި އެ އިންވޮއިސްގައިވާ 2% ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނާ މާއްދާއާ މެދުގައި އެ ޤަޟިއްޔާގައި ފައިސަލާކުރެވިފައިވާތީ، ނަންބަރު CEN/MPL-05/2012 އިންވޮއިސްގައިވާ 2% ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާއަކީ ކެންސަލްކުރެވިފައިވާ މާއްދާއެއް ކަމުގައި މި ޤަޟިއްޔާގައި ބެލެވެން ނެތްކަން.

14.2. 30 އޮކްޓޫބަރު 2012 އިން ފެށިގެން 04 އޮކްޓޫބަރު ގެ 2015 ގެ ނިޔަލަށް ހިނގާފައި ވަނީ 1009 (އެއްހާސް ނުވައެއް) ދުވަސް ކަމުގައިވާތީ، ޖޫރިމަނާގެ ފައިސާ ހިސާބުކުރުމުގައި ބަލަންވާނީ 1009 (އެއްހާސް ނުވައެއް) ދުވަހަށްކަން.

14.3. މިފަދަ ޖޫރިމަނާ ނަގައިދިނުމުގައި މި ޒަމާނުގެ ގިނަ ޖުރިސްޑިކްޝަންތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެމް.ޕީ.އެލްގެ ފަރާތުން އިންވޮއިސްގައިވާ ޖުމްލަ ފައިސާ ދައްކައި ޚަލާޞްކޮށްފައި އޮތުމުން، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނީ ޖޫރިމަނާގެ ފައިސާގެ ޢަދަދުގެ ½ (ދެބައިކުޅަ އެއްބައި) ކަން.

ދެވަނަ ދަޢުވާގެ އިސްތިއުނާފު

އެމް.ޕީ.އެލްގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ޤަޟިއްޔާ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އެމް.ޕީ.އެލްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް 04 (ހަތަރު) ނުކުތާއެއް ހުށަހެޅިއެވެ.

ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވެނަ ނުކުތާއަކީ ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވާރކްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ އިންވޮއިސްތަކުގައިވާ ޖަޒާޢީ ޝަރުޠުތަކުގައި ފައިސާ ނަގާދީފައިވާ އުޞޫލާއި ޚިލާފަށް މި މައްސަލައިގައި ޖޫރިމަނާ ފައިސާ ނަގާދީފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ ސުޕްރީމް ކޯޓުގެ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި މިފަދަ އިންވޮއިސްތަކުގައިވާ ޖަޒާޢީ ޝަރުޠުތަކުގައި ފައިސާ ނަގާދީފައިވާ އުޞޫލާއި ޚިލާފަށް މި މައްސަލައިގައި ޖޫރިމަނާ ފައިސާ ނަގާދީފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެފަރާތުގެ ދެމެދުގައި 18 އޮކްޓޫބަރު 2012 ގައި ބަދަލުކުރެވިފައިވާ ސިޓީން ދެފަރާތުން ފައިސާ ދެއްކުމުގައި ވަކިގޮތަކަށް އެއްބަސްވެ ރުހިފައިވާކަމަށް ފެންނަން އޮތްހިނދު އެ ސިޓީއިން ދެފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ނަގާދީފައިވާ ޖޫރިމަނާ ފައިސާއެއް ކަމުގައި މި ފައިސާވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، އެ ކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނަންބަރު 1263/Cv-C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރުމަށް ކަނޑައަޅައެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

17.1. މިހާރު އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ އާއި ނަންބަރު 2016/HC-A/366 ޤަޟިއްޔާގައި ހިމެނެނީ އެއް އިންވޮއިސްއެއް ކަމާއި އެ އިންވޮއިސް ކުރެވިފައިވާ ތާރީޚުގެ މައްޗަށް ބިނާކޮށް އެ އިންވޮއިސްގެ ދަށުން ޖޫރިމަނާ ފައިސާ ނަގައި ނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާއިން ކަނޑައަޅާފައިވުމުން، އެ ޙުކުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ހަމަ އެ މައުޟޫޢުގައި އެ ޚަޞްމުން ހިމެނޭ މައްސަލައެއްގައި، އެ ސަބަބު ބަދަލުނުވަނީވެސް، އެ ކޯޓުން އެހެން ގޮތެއް ކަނޑަނޭޅޭނެކަން.

17.2. ސިވިލް ކޯޓުގެ ނަންބަރު 1263/Cv-C/2016 ޤަޟިއްޔާގައި ނަގާދީފައިވާ ފައިސާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލު އިސްތިއުނާފު ކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1263/Cv-C/2016 ޤަޟިއްޔާއަށް ވެސް ތަޠުބީޤުކުރެވޭނެތީ، ސިވިލް ކޯޓުގެ ނަންބަރު 1263/Cv-C/2016 ޤަޟިއްޔާގައި އެދިފައިވާ ޖޫރިމަނާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭކަން.

ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު02 (ދޭއް) މައްސަލައިގައި ޙުކުމްކުރުމާ ވިދިގެން އެ ދެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

ބަޔާންވެދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އާއި އަދި އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރުމާ ވިދިގެން އެ 02 (ދޭއް) މައްސަލަ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން އެ 02 (ދޭއް) މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރިއެވެ. މި 02 (ދޭއް) މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ނުކުތާތައް ބަޔާންކުރެވިފައި އެ ވަނީއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތައް

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރ ޕްރައިސަސްގެ ފަރާތުން ތިރީގައިވާ 60 (ހައެއް) ނުކުތާ ހުށަހެޅިއެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ސިވިލް ކޯޓުގެ ނަންބަރު 1899/CV-C/2014 ޤަޟިއްޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ އެއްގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.

ސިވިލް ކޯޓުގެ ނަންބަރު 1899/CV-C/2014 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އެމް.ޕީ.އެލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކިގެން ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާގެ އިސްތިއުނާފީ ނުކުތާތައް

ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ތިރީގައިވާ 04 (ހަތަރެއް) ނުކުތާ ހުށަހެޅިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައިވުން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައިވުން.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަން ލިބޭ ގޮތަށް މައްސަލަ ނިންމާފައިވުން.

ނިހާއީ ޙުކުމެއް އައިސްފައިނުވާ މައްސަލައެއްގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު މި ކުރެވޭ މައްސަލައިގައި ގޮތް ނިންމާފައިވުން.

އިސްތިއުނާފުގެ ތަފްސީލު

މި 02 (ދޭއް) މައްސަލައިގެ ތަފްސީލަށް ނަޒަރުކުރުމުން އިސްތިއުނާފު ކުރާ ސެންޓަރ އެންޓަރޕްރައިސަސްއިން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައި ވަނީ ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް ފޮނުވި އިންވޮއިސްގައިވާ ޖޫރިމަނާގެ ފައިސާއަކީ ސިވިލް ކޯޓުގެ ޙުކުމުގައިވާ ގޮތުގެމަތިން ނަގައިދޭންޖެހޭނެ ފައިސާއެއް ކަމަށާއި، އެ ޖޫރިމަނާ ފައިސާ ނަގައިނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި އެ ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރެވުނު ހިނދު، ޝަރީޢަތްކުރުމުގެ އުޞޫލުތަކާއި ހަމަތަކާ ދިވެހިރާއްޖޭގެ ހައިކޯޓުން ޚިލާފުވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބުތަކެވެ.

މިގޮތުން މި 02 (ދޭއް) މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ނުކުތާތައް ބެހިފައިވަނީ މައިގަނޑު 02 (ދޭއް) ބަޔަކަށެވެ. އެއީ، (1) ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ދެކި ފާހަގަކުރާ ސަބަބުތަކަކާއި އަދި (2) އިސްތިއުނާފީ ޙައްޤަށް އުނިކަން ލިބޭގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވާ ކަންތައް ތަކެކެވެ.

ޝަރީޢަތްކުރުމުގެ އުޞޫލުތަކާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ދެކި ފާހަގަކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނާ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ބެލުމުގެ އަސާސަކީ ދަށު ކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތައް ކަމަށް ވިޔަސް މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޢަމަލުކޮށްފައި ނުވުމުގެ އިތުރުން އެ ކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އެ މާއްދާގައި ބުނާ އިސްތިއުނާފު ކުރިއިރު ހުށަހަޅާފައިވާ ނުކުތާތައް ފިޔަވައި، އާ ހުށަހެޅުން ތަކެއް ހުށަހަޅައިފިނަމަ އެކަން ބަލައިނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްނެގުމަށް ކަނޑައަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވާހިނދު އެކަން އެގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން ބުނި ކަމުގައިވިޔަސް އެކަން ސާބިތު ކުރުމަށްޓަކައި ތަފްސީލު ހުށަހަޅައި ހުއްޖަތް ދައްކާފައި ނުވާކަން ފާހަގަކުރަމެވެ.

އިސްތިއުނާފީ ޙައްޤަށް އުނިކަން ލިބޭގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ޖުމްލަ ގޮތެއްގައި ސެންޓަރ އެންޓަރޕްރައިސަސްއިން ފާހަގަކޮށްފައިވާ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ ބިނާކޮށްފައި ވަނީ އެ ކޯޓުގެ ކުރީގެ ޤަޟިއްޔާއެއްގެ މައްޗަށް ބިނާކޮށް ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ޤަޟިއްޔާ ކުރިއަށް ދިޔައިރު އެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައި ކަމާއި އެ މައްސަލައަކީ މަތީގައި އިޝާރަތްކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ ކަމުގައެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ މިހާރު ހިނގަމުންމިދާ އިސްތިއުނާފުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 ޤަޟިއްޔާގައި ކަމާއި، އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ސެންޓަރ އެންޓަރޕްރައިސަސްގެ އިސްތިއުނާފީ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/13 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ މައިގަނޑު ސަބަބުތަކުގެ މައްޗަށް ގޮތެއް ކަނޑައެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސެންޓަރ އެންޓަރޕްރައިސަސްއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/52 ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ގޮތެއް ކަނޑައެޅުނީ ކަމަށް އަހުރެން ދެކެމެވެ.

އިސްތިއުނާފު ރައްދުވާ އެމް.ޕީ.އެލްގެ ޖަވާބު ބިނާކޮށްފައިވާ އަސާސަކީ މި 02 (ދޭއް) މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ ދޫކޮށްފައި ނުވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމެއް އޮތުމާއި އަދި އެ ޖޫރިމަނާ ފައިސާއަކީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ގަބޫލުކުރާ އެއްޗަކަށް ނުވާތީ ކަމަށް ބުނާ ބުނުމެވެ.

ސެންޓަރ އެންޓަރޕްރައިސަސް އާއި އެމް.ޕީ.އެލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި އައު ހެކި ހުށަހެޅުމަށް ފުރުސަތަކަށް އެދުނެވެ. ނަމަވެސް އެމް.ޕީ.އެލްގެ ފަރާތުން އައު ހެކި ހުށަހަޅަން ބޭނުންވާކަން ބުނުން ފިޔަވައި އެކަމުގެ އިތުރު ތަފްސީލެއް ދީފައި ނުވާތީވެ، އެމް.ޕީ.އެލްގެ އެ ހުށަހެޅުމަށް ގޮތެއް ނިންމަން ޖެހޭކަމަށް އަހުރެން ނުދެކެމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި، އާންމު އުސޫލަކީ ސުޕްރީމް ކޯޓުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި، މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި، އެ ހުށަހެޅުމުގެ ޞައްޙަކަމާއި، އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަން ކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ.

އިސްތިއުނާފު ކުރާ ސެންޓަރ އެންޓަރޕްރައިސަސްއިން އެދިފައި ވަނީ އެމް.ޕީ.އެލްގެ އެތެރޭގެ ލިޔުމެއް ޝަރީޢަތަށް ހުށަހެޅުމަށެވެ. މި ލިޔުމަކީ ޓަގު ބޯޓު ބަނުމުގެ މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ ޤާނޫނީ ވަކީލު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މުޙައްމަދު އިބްރާހީމް ދީދީ ވ. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިތުރު ދެ ފަރާތެއް މި ޤަޟިއްޔާގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން ވަކީލާ މުވައްކިލާ ދެމެދު ކުރެވޭ މުއާމަލާތަކީ ވަކީލާއި މުވައްކިލާ ދެމެދު ޚިދުމަތް ދިނުމުގައި ތަބާވާ ލީގަލް ޕްރޮފެޝަނަލް ޕްރިވިލެޖުގެ އުޞޫލުގެ ދަށުން ސިއްރު ކުރެވި އިމްތިޔާޒު ލިބި ރައްކާތެރި ކުރެވިފައިވާ ކަންކަމުގައި ވާތީވެ، ސެންޓަރ އެންޓަރޕްރައިސަސްއަށް އެމް.ޕީ.އެލްގެ ޤާނޫނީ ވަކީލު ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ވުމުގެ އިތުރަށް އެ ކުންފުނީގެ އެތެރޭގެ ލިޔުމެއް ހުށަހެޅުމަށް ފުރުސަތު ދެވިދާނެ ކަމަށް ހުއްދަކުރާ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ

އިސްތިއުނާފު ކުރާ ސެންޓަރ އެންޓަރޕްރައިސަސްގެ ބަހުންނާއި އިސްތިއުނާފު ރައްދުވާ އެމް.ޕީ.އެލްގެ ބަހުން އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓްއާ މެދު އެ ދެފަރާތުގެ ދެމެދުގައި ޚުސޫމަތެއް ނެތްކަން އެނގެއެވެ. އަދި ހަމަ އެހެންމެ އެ ޕްރިންސިޕަލް އެމައުންޓް ދައްކައި ޚަލާސްކޮށްފައި ވާކަންވެސް އެނގެއެވެ. ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތަކީ، އިންވޮއިސްގައިވާ ޕްރިންސިޕަލް އެމައުންޓް އިންވޮއިސްގައިވާ މުއްދަތުގައި އެމް.ޕީ.އެލްގެ ފަރާތުން ނުދެއްކުމުގެ ސަބަބުން އަރާފައިވާ ކަމަށް ބުނާ ޖޫރިމަނާ ފައިސާއަކީ އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ދައްކަންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ ކުރިމަތީގައިވާ މި އިސްތިއުނާފީ މައްސަލައިގައި ޖަވާބުދޭންޖެހޭ ނުކުތާއަކީ ބަޔާންކުރެވުނު ޖޫރިމަނާ ފައިސާއަކީ އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯއެވެ.

މިގޮތުން ޖޫރިމަނާ ފައިސާ ހޯދުމަށް 02 (ދޭއް) ދަޢުވާއެއް ކޮށްފައިވާ ކަމާއި މިގޮތުން ފުރަތަމަ ދަޢުވާގައި ވަނީ 83 (އަށްޑިހަ ތިނެއް) ދުވަސް ކަމާއި އަދި ދެވަނަ ދަޢުވާގައި ވަނީ 1009 (އެއްހާސް ނުވައެއް) ދުވަސް ކަމުގައި ވާތީވެ ޖޫރިމަނާ ފައިސާ ހޯދުމަށް އެދިފައިވާ އިންވޮއިސްގައި ވަނީ ފައިސާ ނުދައްކައިގެން ކަމަށް ބުނެ ޖުމްލަ 1092 (އެއްހާސް ނުވަދިހަ ދޭއް) ދުވަހެވެ.

އިންވޮއިސްގައިވާ ފައިސާ

ސެންޓަރ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓުގައި އުފުލި 02 (ދޭއް) ދަޢުވާ ބިނާކޮށްފައި ވަނީ އިންވޮއިސްގައިވާ ފައިސާ، އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައްކާފައި ނުވާތީވެ، އިންވޮއިސްގައިވާ ގޮތުގެމަތިން ޖޫރިމަނާ ފައިސާ ހޯދުމަށެވެ.

އިންވޮއިސްގެ ތަފްސީލުގައި ބަޔާންކޮށްފައި ވަނީ، އިންވޮއިސް ފޮނުވާފައި ވަނީ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ 60% ފުރިހަމަކުރެވިފައިވާ ކަމަށް ބުނެ، ޖީ.އެސް.ޓީ އާއެކު -/13,771,266.74ރ. (ތޭރަ މިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް ހަރުފިޔާ ހަތްދިހަ ހަތަރުލާރި) ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައެވެ.

ނަމަވެސް ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 20 ވަނަ މާއްދާގެ (a) ގައި ބަޔާންކުރާ ފައިސާއަކީ ހަތަރުވަނަ އެމެންޑްމަންޓުގައި ސޮއިކުރުމާއެކު އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދޭންޖެހޭ އިނިޝިއަލް ޕޭމަންޓެއްކަން އެ މާއްދާއަށް ބެލުމުން އެގޭހިނދު، އިންވޮއިސްގައި ހޯދުމަށް އެދުނު ފައިސާގައިވާ ޕްރިންސިޕަލް އެމައުންޓަކީ އިނިޝިއަލް ޕޭމަންޓް އާއި ޖީ.އެސް.ޓީ ފައިސާ ކަމާއި މި ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚުސޫމަތެއް ނެތްކަން ފާހަގަކުރަމެވެ.

ދެފަރާތުގެ ދެމެދުގައިވާ ޚުސޫމަތު ބިނާ ވަނީ އިންވޮއިސްގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ މައްޗަށް ބަލައި، އިންވޮއިސްގައިވާ ތާރީޚުން ފެށިގެން 70 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށްވާ ފައިސާގެ 2% ޖޫރިމަނާގެ ގޮތުގައި ފައިސާ ނުދައްކައި އޮތް ކޮންމެ ދުވަހަކަށް ނެގޭނެ ކަމަށް ބަޔާންކޮށްފައި ވާތީވެ ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް ފޮނުވާފައިވާ އިންވޮއިސްގައިވާ ޝަރުޠުތަކުގެ މައްޗަށް ބަލައި ފައިސާ ނުދައްކައިގެން ޖުމްލަ 1092 (އެއްހާސް ނުވަ ދިހަ ދޭއް) ދުވަސް ލަސްވެފައިވާތީވެ ޖޫރިމަނާ ފައިސާ ހޯދުމަށެވެ. މިގޮތުން ކުރިން ބުނެފައިވާ ފަދައިން އިންވޮއިސްއާ ގުޅިގެން 02 (ދޭއް) ދައުވާއެއް ކުރެވި ސިވިލް ކޯޓުން ސާބިތުވެފައިވަނީ:

(ހ) 83 (އަށްޑިހަ ތިނެއް) ދުވަހަށް ޖޫރިމަނާ ފައިސާގެ ގޮތުގައި -/21,566,260.18ރ. (އެކާވީސް މިލިޔަން ފަސްލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ރުފިޔާ އަށާރަލާރި) އާއި؛

(ށ) 30 އޮކްޓޫބަރު 2012 އިން ފެށިގެން 04 އޮކްޓޫބަރު 2015 ގެ ނިޔަލަށް 1009 (އެއްހާސް ނުވައެއް) ދުވަހުގެ ޖޫރިމަނާގެ ގޮތުގައި 277,904,162.81/-ރ. (ދުއިސައްތަ ހަތްދިހަ ހަތްމިލިއަން ނުވަލައްކަ ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ އަށްޑިހަ އެއްލާރި) މި ޢަދަދުގެ 1/2 (ދެބައިކުޅަ އެއްބައި) އަށް ކުޑަކުރުމުން ޖެހޭ 138,952,081.40/-ރ. (ސަތޭކަ ތިރީސް އަށްމިލިއަން ނުވަލައްކަ ފަންސާސްދެހާސް އަށްޑިހަ އެއްރުފިޔާ ސާޅީސްލާރި) އަދި؛

(ނ) ޖުމްލަ 1092 (އެއްހާސް ނުވަދިހަ ދޭއް) ދުވަހުގެ ޖޫރިމަނާ އަކީ 160,518,341.58/-ރ. (ސަތޭކަ ފަސްދޮޅަސް މިލިޔަން ފަސްލައްކަ އަށާރަހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ ފަންސާސް އަށްލާރި) އެވެ.

ފައިސާ ދެއްކުމާގުޅޭ މާއްދާ

އިންވޮއިސްގައިވާ ފައިސާއަކީ ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާގެ (a) ގެ ދަށުން ހޯދުމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެދިފައިވާ ފައިސާއެއް ކަމުގައި ވާތީވެ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާއަށް ބަލާލަމެވެ.

ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާގެ (a) ގެ ނައްސައް ބަލާއިރު، މި އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން ބަންނަ އުޅަނދުގެ 60 އިންސައްތަ މަސައްކަތް ފުރިހަމަކޮށް ޖީ.އެލް ސަރޓިފިކޭޓް އާއި، އެމް.ޕީ.އެލް ރިޕްރެޒެންޓޭޓިވް ރިޕޯޓްއާއި، ވޯކް ޝެޑިއުލް އަދި މެޝިންތަކާއި އިކުއިޕްމެންޓްތަކުގެ އަގު ލިސްޓް ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހެޅުމުން، އެއްބަސްވުމުގެ ހަތަރުވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާއިރު ދޭ ފުރަތަމަ އަދަދުގެ ގޮތުގައި -/12,991,723.34ރ. (ބާރަ މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރުލާރި) ސެންޓަރ އެންޓަރޕްރައިސަސްއަށް ދިނުމަށް އެމް.ޕީ.އެލްއިން އެއްބަސްވެފައިވާކަން އެނގެއެވެ.

އަދި ފުރަތަމަ ޕޭމަންޓް ދެއްކި ކަމުގެ ރަސީދު ސެންޓަރ އެންޓަރޕްރައިސަސްއަށް ލިބުމާއެކު ސެންޓަރ އެންޓަރޕްރައިސަސްއިން ހުށަހަޅާފައިވާ ވޯކް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމާއި، އަދި މީގެ އިތުރުން އެއްވެސް ސަބަބަކާ ހުރެ މި އެއްބަސްވުމުގެ ކުރިން ދެފަރާތް ދެމެދު ޙައްލުކުރެވިފައިނުވާ އެއްވެސް މައްސަލައަކާ ހުރެ މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލުން ނުވަތަ ހުއްޓާނުލުން ނުވަތަ ލަސްނުކުރާނެ ކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެއްބަސްވެފައި ވާކަން އެނގެއެވެ.

ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާގެ b)) އަށް ބަލާއިރު، ބާކި ފައިސާއަކީ -/15,686,465.56ރ. (ފަނަރަ މިލިޔަން ހަލައްކަ އަށްޑިހަ ހަހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ. އެންމެ ފަހުން ދައްކަންޖެހޭ ފައިސާ ފިޔަވައި މަސައްކަތް ކުރިއަށް ދާވަރަކުން ހަތަރުވަނަ އެމެންޑްމަންޓުގެ ޖަދުވަލު 1 ގައިވާ ގޮތަށް އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

މިގޮތުން ޖަދުވަލު 1 އަށް ބަލާއިރު، ފުރަތަމަ ޕޭމަންޓަކީ ބޯޓުގެ ފަށަން ދަމާލައި، އޮނިގަނޑު ތައްޔާރުވުމުން -/2,820,000.00ރ. (ދެމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އަދި ބޯޓުގައި އިންޖީނު އެޅުމާއެކު ދެވަނަ ޕޭމަންޓުގެ ގޮތުގައި -/3,820,000.00ރ. (ތިންމިލިޔަން އަށްލައްކަ ވިހިހާސް ރުފިޔާ) އެއަށްފަހު އެންމެ ފަހުގެ ޕޭމަންޓް އެއްބަސްވުމުގައިވާ ގޮތުގެމަތިން ބޯޓާ ޙަވާލުވުމަށްފަހު 9,044,465.56/-ރ. (ނުވަމިލިޔަން ސާޅީސް ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ފަންސާސް ހަލާރި) އެވެ.

ބަޔާންވެދިޔަ ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާއެއް ނުދައްކައިފި ހިނދަކު ނުވަތަ ލަސްކޮށްފި ހިނދަކު ޖޫރިމަނާއެއް ކުރެވިދާނެ ކަމަށް ބަޔާންކުރާ ޖަޒާއީ ޝަރުޠެއް އެއްބަސްވުމުގައި އެކަށައަޅާފައި ނުވާކަން އެއްބަސްވުމަށް ބެލުމުން އެނގެއެވެ.

ޖޫރިމަނާ ފައިސާ ނަގައިދިނުމާގުޅޭ އުޞޫލު

ސިވިލް ކޯޓުން މި 02 (ދޭއް) މައްސަލައިގައި ޖޫރިމަނާ ފައިސާ ނަގައިދިނުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ނަގައިދިނުމާގުޅޭ އުސޫލުތަކަށް ރިޢާޔަތްކޮށްގެން ކަން އެނގެއެވެ. މީގެ އިތުރުން އެ ކޯޓުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް މައްސަލައަށްވެސް ބަރޯސާވެފައިވާކަން ދޭހަވެއެވެ. ނަމަވެސް މި ބަޔާންކުރި ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ ކޯޓުން ނަގައިދިނުމާބެހޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލުކޮށް، އެ މައްޗަށް ޢަމަލުނުކުރެވޭނެ ކަމަށް ކަނޑައަޅާފައި ވެއެވެ.

ސެންޓަރ އެންޓަރޕްރައިސަސްއިން ޖޫރިމަނާ އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި އިސްތިއުނާފުގައި ޙަވާލާދީފައި ވަނީ މަތީގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 02 (ދޭއް) މައްސަލައަށެވެ. މި 02 (ދޭއް) ގަޟިއްޔާގައި ޝަރުޠު ޖަޒާއީގެ ޝަރުތާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ހިޖުރަކޮށްފައެވެ.

ދެފަރާތުގެ ދެމެދުގައިވާ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމަށް ހަތަރު ފަހަރެއްގެ މަތިން އިސްލާޙު ގެނެވިފައިވާއިރުވެސް އެއްބަސްވުމުގައި އެމް.ޕީ.އެލް ޖޫރިމަނާއެއް ކުރެވިދާނެ ޖަޒާއީ ޝަރުޠެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރަމެވެ. ދެން އުދެފޭ ސުވާލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ގައި ފާހަގަކޮށްފައިވާ ފަދައިން ކޮންޓްރެކްޓެއްގައި ޖަޒާއީ ޝަރުޠެއް ނުހިމެނުނު ކަމުގައިވިޔަސް އެ ކޮންޓްރެކްޓުގެ ބައިވެރިޔަކު އަނެއް ބައިވެރިޔަކަށް އަންގާ އެންގުމަކާ ގުޅިގެން ރައްދުވާ ފަރާތުން އިންކާރުކޮށް އޭނާގެ ޙައްޤު ހިމާޔަތްކުރުމަށް ފިޔަވަޅު ނާޅައި ހުރުމަކީ އެ ޝަރުތާ މެދު ޟިމްނީގޮތުން ރުހުނީ ކަމަށް ބެލޭނެކަމާއި، އަދި ޖަޒާއީ ޝަރުތަކީ އުރުފީގޮތުން އިސްތިޤުރާރުވެފައިވާ ޝަރުޠެއްކަމަށް ކަނޑައަޅާފައި ވަނީ ހަރުދަނާ ޤާނޫނީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަން އަންނަނިވި ސަބަބުތަކަށްޓަކައި އަހުރެންނަށް ފެނެއެވެ.

މިގޮތުން ކޮންޓްރެކްޓަކީ ދެފަރާތުގެ ރުހުން އޮވެގެން ވެވޭ އެއްބަސްވުމެއް ކަމަށްވާއިރު އެ އެއްބަސްވުމަށް ބަދަލު ގެނެވޭނީވެސް ހަމަ އެ ދެފަރާތަށެވެ. ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް ބަދަލެއް ގެނެވޭ ހިނދު އެ ބަދަލަށް ދެފަރާތުން ރުހޭކަން ސާބިތުވާން ވާނެއެވެ. ކޮންޓްރެކްޓެއްގައި އެއްބަސްވެފައި ނުވާ ފައިސާއެއް ހޯދުމަށްޓަކައި ކޮންޓްރެކްޓެއްގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް އިންވޮއިސްއެއް ފޮނުވައި އެ އިންވޮއިސް ލިބި ރައްދުވާ ފަރާތުން ހަނުހުރުމަކީ އެ އިންވޮއިސްގައިވާ ފައިސާއާއި އެ އިންވޮއިސްގައިވާ ޖޫރިމަނާ ފައިސާ އެ ފަރާތުން ދައްކަން ޟިމްނީ ގޮތުން ރުހި އެއްބަސްވީ ކަމަށް ބަލާނެ ޤާނޫނީއަސާސެއް ނެތެވެ.

ކޮންމެ ކޮންޓްރެކްޓަކީ ޤާނޫނުގައިވާ ފަދައިން ދެފަރާތެއްގެ ދެމެދުގައި ބަދެވޭ އެއްބަސްވުމަކަށް ވާހިނދު، ކޮންޓްރެކްޓެއްގައި ލާޒިމްކުރާ ރުކުންތައް ފުރިހަމަ ވާންޖެހޭނެއެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ: (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން،(5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. އަދި ހަމަ މިއާއެކު ކޮންޓްރެކްޓެއް ވުމަށްފަހު އެ ކޮންޓްރެކްޓަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އެއްބަސްވެފައިވާ ގޮތަށް ދެފަރާތުން ރުހިގެން ގެނެވޭ ބަދަލަކަށް ވާންވާނެއެވެ. ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް އެހެން ގޮތަކަށް ބަދަލެއް އައިސްފައިވާ ކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެގޮތަށް ބުނާ ފަރާތެއްގެ ޒިންމާ އެކެވެ.

ވީމާ ޝަރުޠު ޖަޒާއީ އާ ގުޅޭ މާއްދާއެއް ކޮންޓްރެކްޓެއްގައި ނޯންނަ ޙާލަތުގައި އެއް ބައިވެރިއަކު އަނެއް ބައިވެރިއަކަށް އަންގާ އެންގުމަކުން ނުވަތަ ފައިސާ ހޯދުމަށް ފޮނުވާ އިންވޮއިސްއެއް ގައިވާ ފައިސާ އެއް ނުދައްކައިފިނަމަ، ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައި އޮވެ، އެ އެންގުން ނުވަތަ އެ އިންވޮއިސް ލިބި ހަނު ހުރުމަކުން ދެ ފަރާތެއްގެ ދެމެދުގައިވާ އެއްބަސްވުމަކަށް ބަދަލެއް އައުން ނުވަތަ އައު އެއްބަސްވުމެއް ވުޖޫދުވުން ކަމުގައި ނުވާނެއެވެ.

އިސްވެ ބުނެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސީ.ޕީ.އެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި އެއްބަސްވުމެއްގެ ޖަޒާއީ ޝަރުޠެއް ނެތް ކަމުގައިވިޔަސް އިންވޮއިސް އެއް ފޮނުވައި ރައްދުވާ ފަރާތުން ހަނުހުރުމަކީ އެ އިންވޮއިސްގައިވާ ޝަރުޠުތައް ޟިމްނީގޮތުން ރުހުނީކަމަށް ބަލައިގަނެފައިވާ ހަމަޔާ ދުރަށް ދާންޖެހޭ ކަމެއް ކަމަށް އަހުރެން ދެކެމެވެ.

މިހާރު ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރެވެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ. ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާއަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީއާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާއަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ. އެއްބަސްވުމުގައި ހިމެނޭ މާއްދާއަކީ، ޕެނަލްޓީ ކްލޯޒްއެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި ކޯޓުތަކުން ބަލައިގަނެފައިވާ މިންގަނޑު ތަކެއް ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.

އުޞޫލުތައް ތަޠުބީޤުކުރުން

ބަޔާންވެދިޔަ އުޞޫލުތަކަށް ނަޒަރު ކުރާއިރު، މި މައްސަލައިގެ މައުޟޫޢުގައި ހިމެނޭ އިންވޮއިސްގައިވާ ތާރީޚުން ފެށިގެން 70 (ހަތެއް) ދުވަސް ތެރޭގައި ފައިސާ ނުދައްކައިފިނަމަ އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށްވާ ފައިސާގެ 2%، ފައިސާ ނުދައްކައި އޮންނަ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ނެގޭނެ ކަމަށް ސެންޓަރ އެންޓަރޕްރައިސަސްއިން އެމް.ޕީ.އެލްއަށް 07 އޮގަސްޓު 2012 ގައި ފޮނުވާފައިވާ އިންވޮއިސް ގައި ބަޔާންކޮށްފައިވާއިރު، އިންވޮއިސްގައިވާ ޝަރުޠުތަކުގެ މަތިން ފައިސާ ނުދައްކާ އޮތް ޖުމްލަ 1092 (އެއްހާސް ނުވަދިހަ ދެއެއް) ދުވަހުގެ ޖޫރިމަނާ ގޮތުގައި 02 (ދޭއް) ދަޢުވާ އަކުން ސާބިތުވެފައިވާ 160,518,341.58/-ރ. (ސަތޭކަ ފަސްދޮޅަސް މިލިޔަން ފަސްލައްކަ އަށާރަހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ ފަންސާސް އަށްލާރި) ގެ ޖޫރިމަނާ ފައިސާއަކީ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ފައިސާ އެއްތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ފުރަތަމަ ކަމަކީ، ދެފަރާތުގެ ދެމެދުގައިވާ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގައި ޓަގު ބޯޓު ބަނުމުގެ މުޅި ޖުމްލަ އަގަކީ -/39,986,205.56ރ. (ތިރީސް ނުވަ މިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަސްރުފިޔާ ފަންސާސް ހަލާރި) ކަމާއި، މީގެ ތެރެއިން އިންވޮއިސްގައި ތަފްސީލު ދެވިފައިވާ ފަދައިން މި 02 (ދޭއް) މައްސަލައިގައިވާ ޕްރިންސިޕަލް އެމައުންޓަކީ ހަތަރުވަނަ އެމެންޑްމަންޓުގެ 2 ވަނަ މާއްދާގެ (a) ގައި ބަޔާންކުރާ އެއްބަސްވުމުގެ ހަތަރުވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާއިރު ދޭ ފުރަތަމަ ޢަދަދުގެ ގޮތުގައި -/12,991,723.34ރ. (ބާރަ މިލިޔަން ނުވަލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތޭވީސް ރުފިޔާ ތިރީސް ހަތަރު ލާރި) ކަމާއި މި ފައިސާ ޖީ.އެސް.ޓީ އާއެކު 13,771,266.74ރ. (ތޭރަ މިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް ހަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކާފައިވާކަން އެއީ ދެބަސްނުވާ ޙަޤީގަތެއްކަން.

ދެވަނަ ކަމަކީ، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއެއް ނުދައްކައިފި ހިނދަކު ނުވަތަ ލަސްކޮށްފި ހިނދަކު އެމް.ޕީ.އެލްއިން ޖޫރިމަނާއެއް ދައްކަންޖެހޭ ކަމަށް ލާޒިމުކުރާ މާއްދާއެއް ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގައި ނެތް ކަމާއި، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމަށް ހަތަރު އިސްލާޙެއް ގެނެވުނުއިރުވެސް މި ކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމާއި، އެހެންކަމުން އިންވޮއިސްގައިވާ ޖޫރިމަނާ ޝަރުޠުތަކެއް ސެންޓަރ އެންޓަރޕްރައިސަސް އަމިއްލައަށް ހިމަނާފައި ވަނީ ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމާ ޚިލާފަށް ކަމަށް ދެކޭކަން.

ތިންވަނަ ކަމަކީ، ސެންޓަރ އެންޓަރޕްރައިސަސްއިން ދަޢުވާކުރާ ފައިސާއަކީ ޖޫރިމަނާ ފައިސާ ހޯދުން ކަމަށްވެފައި ޖޫރިމަނާ ފައިސާ ކޯޓުތަކުން ނަގައިދިނުމުގައި މިހާރު ޢަމަލުކުރަމުންދާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށް ބަލައި، ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގައި ޖަޒާއީ ޝަރުޠެއް ނެތްހިނދު، އެއްބަސްވެފައި ނުވާކަމަކަށް އެ ޤަޟިއްޔާގެ މައްޗަށް ރިޢާޔަތްކޮށް ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭކަން.

އެހެންކަމުން އެމް.ޕީ.އެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް ދައްކަންޖެހޭ ކަމަށް ދެ ޤަޟިއްޔާއަކުން ކަނޑައަޅާފައިވާ ޖުމްލަ 160,518,341.58/-ރ. (ސަތޭކަ ފަސްދޮޅަސް މިލިޔަން ފަސްލައްކަ އަށާރަހާސް ތިންސަތޭކަ ސާޅީސް އެއްރުފިޔާ ފަންސާސް އަށްލާރި) ޖޫރިމަނާ ފައިސާއަކީ ޝަރުޢިއްޔަތެއް ނެތް ޓަގު ބޯޓު ބަނުމުގެ އެއްބަސްވުމުގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސްއިން އުފުލަންޖެހޭ އަސްލީ އިލްތިޒާމު ޓަގު ބޯޓު ބަނުމުގެ އަގު ކަމުގައިވާ 39,986,205.56/-.ރ (ތިރީސް ނުވަމިލިޔަން ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަސް ރުފިޔާ ފަންސާސް ހަލާރި) ވުރެ 40 (ހަތަރު) ގުނަ ބޮޑު ޢަދަދެއްކަމަށް ފާހަގަކުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އާއި އަދި އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/366 ޤަޟިއްޔާ އާއި އަދި އެ ކޯޓުގެ ނަންބަރު 2017/HC-A/121 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ