ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 10 · 2022/SC-A/66

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 މާރިޗު 2024ދަށު ކޯޓު: ހައިކޯޓު 2021/HC-N-A/25,26,27,28,29,30,31ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-N-A/25، 2021/HC-N-A/26، 2021/HC-N-A/27، 2021/HC-N-A/28، 2021/HC-N-A/29، 2021/HC-N-A/30، 2021/HC-N-A/31، 16/E7C/2020، 18/E7C/2020، 37/E7C/2020، 39/E7C/2020، 40/E7C/2020، 41/E7C/2020، 2020/E7C/56
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކައުންސިލުގެ 9 ޖަނަވަރީ 2020 ގެ ނޯޓިސް އެއްބަސްވުމާ ޚިލާފެއް ނޫން ކަމަށާއި، ބޭސްފިހާރަ ޢިމާރާތުގެ ކުލި ނަގައިނުދެވޭނެ ކަމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ. ހައިކޯޓުން ނިންމީ ޟިމްނީ ގޮތުން އައު އެއްބަސްވުމެއް ވުޖޫދުވެ ނޯޓިސް ބާޠިލު ކަމަށާއި، މުދާ ނެގުން ބާޠިލު ކަމަށެވެ.
ވާޤިޢާ
އުނގޫފާރު ކައުންސިލުން 30 ސެޕްޓެންބަރު 2013 އިން ފެށިގެން 5 އަހަރަށް 7 ފަރާތަކަށް ބިން ކުއްޔަށް ދިނެވެ. މުއްދަތު ހަމަވުމަށްފަހުވެސް ބިން ބޭނުންކުރަމުން ދިޔައިރު ކުލި ބަލައިގަނެ 2019 ގައި ކުލި ބޮޑުކުރިއެވެ. 9 ޖަނަވަރީ 2020 ގައި ބިންތައް ބީލަމަށް ހުޅުވާލާނެ ކަމަށް ކައުންސިލުން ނޯޓިސް ދިނެވެ. އެއް ފަރާތެއްގެ ޢިމާރާތް ބޭސްފިހާރައަކަށް ކައުންސިލަށް ކުއްޔަށް ދީފައި ހުއްޓައި، އޭނާގެ މުދާ ކައުންސިލަށް ނަގައި ބޭނުންކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދައުލަތުގެ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ބިން ބޭނުންކުރަމުން ދިއުމާއި، ކުލި ބަލައިގަނެ ކުލި ބޮޑުކުރުމުން ޟިމްނީ ގޮތުން އައު ކުލީގެ އެއްބަސްވުމެއް އުފެދޭތޯއާއި، ކުއްޔަށް ހިފި ފަރާތުގެ މުދާ ކައުންސިލަށް ނަގައި ބޭނުންކުރުން ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން ޟިމްނީ ކޮންޓްރެކްޓެއް ކަނޑައެޅީ ކޮންޓްރެކްޓެއްގެ އުންޞުރުތައް ފުރިހަމަނުވެ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ލިޔުމުން ކުރަންޖެހޭ އެއްބަސްވުމެއް ނެތި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ކައުންސިލުން ބުނެއެވެ. އަދި މުދަލާ ބެހޭ ގޮތުން ޙަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ޙަވާލު ނުވުމުން ޢަމަލުކުރެވޭނެގޮތުގެ ޤާނޫނު ތަޠުބީޤުކުރީ ގޯހަށް ކަމަށާއި، ޚަޞްމުންގެ ބަސް ނުހޯދައި ނުކުތާއެއް ނިންމި ކަމަށް ބުނެއެވެ.
ކޯޓުގެ ސަބަބުތައް
ކޮންޓްރެކްޓެއް ލިޔުމުން ވިޔަސް ޟިމްނީ ވިޔަސް ހުށަހެޅުމާއި ޤަބޫލުކުރުމާއި މުޤާބިލާއި ނިޔަތާއި ޤާބިލިއްޔަތާއި ރުހުން ފުރިހަމަވާންޖެހެއެވެ. ބީލަމުން ބިން ޙަވާލުކުރެވެންދެން ދިން ވަގުތީ ފުރުޞަތަކީ ޚާއްޞަ ހުއްދައެކެވެ. ދައުލަތުގެ މުދާ ކުއްޔަށް ދެވޭނީ ލިޔުމުން ވާ އެއްބަސްވުމަކުން ކަމަށާއި، ކުލީގެ މުއްދަތު ފެށޭ އަދި ނިމޭ ދުވަސް ސާފުނުވާނަމަ ޣަރަރު އޮންނާނެ ކަމަށް ކޯޓުން ބުންޏެވެ. އެއްބަސްވުމުގެ (ސ) ގެ ދަށުން މުދާ ގެންދިއުމުގެ ޙައްޤު އޮތުމާއެކު، ބަދަލު ނުދީ މުދާ ނެގުމުގެ ޤާނޫނީ އަސާސެއް ނެތެވެ.

ނިންމުން

ބައެއް ބަދަލުކުރި

ހައިކޯޓުގެ ޙުކުމް ބައެއް ބާޠިލު: 30 ސެޕްޓެންބަރު 2018 ގެ ފަހުން ޟިމްނީ ގޮތުން 5 އަހަރުގެ އައު އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށާއި 9 ޖަނަވަރީ 2020 ގެ ނޯޓިސް ބާޠިލު ކަމަށް ކަނޑައެޅި ބައިތައް ބާޠިލުކުރި؛ މުއްދަތު ހަމަވުމަށްފަހު ބިން ބޭނުންކުރީ ކައުންސިލުން ދިން ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށް ކަނޑައެޅި. ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ކައުންސިލަށް ނެގުން ބާޠިލު ކަމަށް ހައިކޯޓުން ނިންމި ބަޔަށް ތާއީދުކޮށް، އެ މުދަލުގެ އަގާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައެޅި. (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނު ބެލުމުން އެނގެއެވެ. އަދި ކޮންޓްރެކްޓް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމެވެ.

HN2 ކޮންމެ ކޮންޓްރެކްޓަކީ ޤާނޫނުގައިވާ ފަދައިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ އެއްބަސްވުމަކަށް ވާހިނދު، ކޮންޓްރެކްޓެއްގައި ލާޒިމުކުރާ އުންޞުރުތައް ފުރިހަމަ ވާންޖެހޭނެއެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ.

HN3 ކޮންޓްރެކްޓެއް ވުމަށްފަހު އެ ކޮންޓްރެކްޓަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އެއްބަސްވެފައިވާ ގޮތަށް ދެފަރާތުން ރުހިގެން ގެނެވޭ ބަދަލަކަށް ވާންވާނެއެވެ. ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް އެހެން ގޮތަކަށް ބަދަލެއް އައިސްފައިވާ ކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެގޮތަށް ބުނާ ފަރާތެއްގެ ޒިންމާ އެކެވެ.

HN4 ކޮންޓްރެކްޓެއްގެ އުންޞުރުތަކަކީ، ކޮންޓްރެކްޓެއް އުފަންވުމަށް ލާޒިމު ކަންކަމެވެ. އެއީ ސާފުކޮށް ލިޔެވިފައިވާ އޮންނަ ކޮންޓްރެކްޓެއް ކަމުގައިވިޔަސް އަދި ނުލިޔެވި އޮންނަ ޟިމްނީ ކޮންޓްރެކްޓެއް ކަމުގައި ވިޔަސް ތަފާތުވާ ކަމެއް ނޫނެވެ. މީގެ އިތުރުން ކޮންޓްރެކްޓެއްގައި ވަކި ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ކަނޑަޅާފައިވާނަމަ އެ ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ފުރިހަމަވެފައި އޮތުމަކީ ކޮންޓްރެކްޓެއް ސައްޙަކަން މަތީ ތަންފީޒުވުމަށް ލާޒިމު ކަމެކެވެ.

HN5 ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިފައި ވަނިކޮށް، ވަގުތީ އިންތިޒާމެއްގެ ތެރެއިން ބިން އެހެން ފަރާތަކާ ޙަވާލު ކުރެވެންދެން ބިން ބޭނުންކުރުމަށް ފުރުޞަތު ދިނުމުގެ ނަތީޖާއަކީ އައު ކޮންޓްރެކްޓެއް ޟިމްނީ ގޮތުން އުފަންވުމެއް ނޫނެވެ. އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިފައި ވަނިކޮށް ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން ވަގުތީ ގޮތުން ބިން ބޭނުންކުރުމަށް ފުރުޞަތު ދީފައި އޮތް އޮތުމެކެވެ.

HN6 ދައުލަތުގެ ބިމެއް ކުއްޔަށްދެވޭއިރު ނުވަތަ އެއްބަސްވުމެއް އައުކުރެވޭއިރު، ތަބާވާންޖެހޭ ޚާއްސަ އުޞޫލުތަކެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައި ވާތީވެ ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. ނަތީޖާއެއްގެ ގޮތުން، ޟިމްނީ ގޮތުން ދައުލަތުގެ މުދަލެއް ކުއްޔަށްދިނުމާބެހޭ އެއްބަސްވުމެއް އުފަންވުމަކީ އެހެން ގޮތަކަށް ކަނޑައެޅި ބަޔާންކޮށްފައި ނުވާނަމަ ވަރަށް ނާދިރު ކަމެކެވެ.

HN7 ކުލީގެ އެއްބަސްވުމެއް އައުކޮށްފިނަމަ، އެއްބަސްވުމުގެ މުއްދަތު ފެށޭ ދުވަހާއި އަދި ނިމޭ ދުވަސް އެންމެ ކުޑަމިނުން ސާފުވާންޖެހެއެވެ. ޝަރުޢީ ހަމަތަކުގެ މަތިން ކުލީގެ މުޢާމަލާތެއްނަމަ، ކުލި ކަނޑައެޅިފައި އޮންނަ މުއްދަތު އެއްބަސްވެވި ޔަޤީންކުރެވި ކުލި ފަށާ ދުވަހަކާއި އަދި ނިމޭނެ ދުވަހެއް ސާފުވާން ވާނެއެވެ. އެހެން ނޫންނަމަ، މިފަދަ މުޢާމަލާތުތަކުގައި ޔަޤީންކަމެއްނެތި ޣަރަރު އޮތުމުގެ ފުރުސަތު އޮންނާނެ ކަމާއި، ޣަރަރު ހިމެނިފައިވާ ކޮންޓްރެކްޓެއް ތަންފީޒު ކުރެވިދާނެކަމަށް ނުދެކެމެވެ.

HN8 ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެ، އެ އެއްބަސްވުމުގައި ކުއްޔަށް ހިފި ފަރާތުގެ މުދާ ގެންދިއުމުގެ ފުރުޞަތުދީފައި ވަނިކޮށް، ދިން މުއްދަތުގައި އެ ތަކެތި ގެންގޮސްފައި ނުވާނަމަ، ދެން ޙައްލު ހޯދުމަށް ރުޖޫޢަވާންޖެހޭނީ އެއްބަސްވުމަށެވެ. އެއަށްފަހު ޝަރީޢަތަށެވެ.

HN9 ކުއްޔަށް ހިފި ފަރާތުގެ މުދާ ދިން މުއްދަތުގައި ނުގެންދިޔަ ކަމުގައިވިޔަސް، ކުއްޔަށް ދިން ފަރާތަށް އެ މުދާ ނަގައި ބޭނުންކުރަން ހުއްދަކުރާ ޤާނޫނީ އަސާސެއް ނެތެވެ. މީސްމީހުންގެ މުދާ ނުވަތަ އެއްޗެއް ދައުލަތަށް ބޭނުން ވެއްޖެނަމަ، ނަގަންޖެހޭނީ އެ މުދަލަކަށް އަގުމަގު ކުރެވި ބަދަލު ދިނުމަށް ފަހުގައެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ނިޠާމް، ނަދީމް އިބްރާހީމް، ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ސަޢީދު، ޢަލީ މުރުތަޟާ، ޢަބްދުﷲ އަޙްމަދު، އޭ، އަޙްމަދު ލީގަލް ޗެމްބަރސް
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 10 2022/SC-A/66 ޝަރީޢަތް ނިމުނުގޮތް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ވ. ޢަބްދުއްސައްތާރު ޢަބްދުﷲ އާއި އިތުރު 6 ފަރާތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޙުސްނުއްސުޢޫދު

ނިމުނު ތާރީޚު 06 މާރިޗު 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-N-A/25,26,27,28,29,30,31 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ޢަބްދުއްސައްތާރު ޢަބްދުﷲ، ރިހަމައިދިގެ

ގދ. ތިނަދޫ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ ޤާނޫނީ ވަކީލު:

މުޙައްމަދު ސަޢީދު، މީނާޒް، ގދ. ތިނަދޫ

ޤާނޫނީ ވަކީލު:

މުޙައްމަދު ނިޠާމް،

ނަދީމް އިބްރާހީމް،

ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ 2. އާދަމް އިބްރާހީމް، ސަތަހަ، ރ. އުނގޫފާރު ޤާނޫނީ ވަކީލު:

ޢަލީ މުރުތަޟާ، ޕާކީޒާ، ގދ. ކަނޑުހުޅުދޫ

3މުޙައްމަދު ލަޠީފް، ކުޑަފަޅު، ރ. އުނގޫފާރު 4. އަޙްމަދު ޢަބްދުއްރަޙީމް، އަލްފާ، ރ. އުނގޫފާރު 5. ޔަހްޔާ އިބްރާހީމް، ފަރިސްތާން، ރ. އުނގޫފާރު 6. ޙަސަން މޫސާ، ޑިއަރފްރެންޑް، ރ. އުނގޫފާރު 7. މޫސާ އިބްރާހީމްކަލޭފާނު، މިނާޒް، ރ. އުނގޫފާރު ޤާނޫނީ ވަކީލު:

ޢަބްދުﷲ އަޙްމަދު

އޭ، އަޙްމަދު ލީގަލް ޗެމްބަރސް

މަދަނީ – ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން - އެއްބަސްވުމާ ޚިލާފުވުން – ޟިމްނީ ކޮންޓްރެކްޓް – ކޮންޓްރެކްޓެއް ދެމިއޮތުން – މުދާ އަގުކުރުން

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/25 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/26 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/27 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/28 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/29 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A-/30 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/31 ޤަޟިއްޔާ (މީގެފަހުން އެ ހުރިހާ ޤަޟިއްޔާތައް "އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތައް" މިހެން އިޝާރާތްކޮށްފައިވާ) ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާތައް އިސްތިއުނާފު ކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ (މީގެ ފަހުން "އުނގޫފާރު ކައުންސިލް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން، ގދ. ތިނަދޫ، ހިރިހަމައިދިގެ، ޢަބްދުއްސައްތާރު ޢަބްދުﷲ1 އާއި

ރ. އުނގޫފާރު، ފަރިސްތާން، ޔަހްޔާ އިބްރާހީމް2 އާއި ރ. އުނގޫފާރު، މީނާޒް، މުސާ އިބްރާހީމްކަލޭފާނު3 އާއި ރ. އުނގޫފާރު، ޑިއަރފްރެންޑް، ޙަސަން މޫސާ4 އާއި ރ. އުނގޫފާރު، ކުޑަފަޅު، މުޙައްމަދު ލަޠީފް5 އާއި ރ. އުނގޫފާރު، އަލްފާ، އަޙްމަދު ޢަބްދުއްރަޙީމް6 އާއި ރ. އުނގޫފާރު، ސަތަހަ، އާދަމް އިބްރާހީމް7 (މީގެ ފަހުން ”އިސްތިއުނާފު ރައްދުވާ ފަރާތްތައް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާތައް އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/66 ޤަޟިއްޔާ އިންނެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

2މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާއިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް 30 ސެޕްޓެންބަރު 2013 އިން ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރިއެވެ.

3ބިން ކުއްޔަށް ދޫކުރެވިފައިވަނީ ކުއްޔަށްދޫކުރުމާ ބެހޭ އެއްބަސްވުމެއްގައި ("ބިން ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުން") އިސްތިއުނާފު ރައްދުވާ ފަރާތްތަކާއެކު އެ ފަރާތަކަށް ދޫކުރެވޭ ބިމާ ގުޅިގެން

ވަކިވަކިން8 ސޮއިކުރުމަށް ފަހުގައެވެ. ބިން ކުއްޔަށް ދޫކުރުމާބެހޭ އެއްބަސްވުމުގެ މުއްދަތަކީ

30 ސެޕްޓެންބަރު 2013 އިން ފެށިގެން 30 ސެޕްޓެންބަރު 2018 ގެ ނިޔަލަށް ޖުމްލަ 50 (ފަހެއް) އަހަރުގެ މުއްދަތެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބިން ބޭނުން ކުރަމުން ގޮސްފައިވެއެވެ.

4ބިން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ބިން ބޭނުންކުރަމުންދާތާ 16 (ސޯޅަ) މަސްދުވަސް ފަހުން 09 ޖަނަވަރީ 2020 ގައި ކައުންސިލުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ، ބިންތައް އާންމުކޮށް ހުޅުވާލައިގެން ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަން އަންގައި، މިގޮތުން ކަނޑައެޅޭ ފަރާތަކާ ބިން ޙަވާލުކޮށް ނިމެންދެން ބިން ބޭނުން ކުރެވޭނެކަން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް

("9 ޖަނަވަރީ 2020 ގެ ނޯޓިސް") އެންގިއެވެ. އަދި ބިން އަލަށް އައްޔަންކުރެވޭ ފަރާތެއް ހަމަޖެހުމުން ތަން ހުސްކުރުމަށް 03 (ތިން) މަސް ދުވަހުގެ ފުރުޞަތެއް ދެވޭނެކަމަށް މި ނޯޓިސްގައި ބަޔާންކޮށްފައި ވެއެވެ.9

5. މި މައްސަލައިގައި އޮތް ޤާނޫނީ ސުވާލު އުފަންވަނީ މި ހިސާބުންނެވެ. މި ދެންނެވި

59 ޖަނަވަރީ 2020 ގެ ނޯޓިސް ފޮނުވީ އެއްބަސްވުމާ ޚިލާފަށްކަމަށް ދެކި، ޢަބްދުއްސައްތާރު ޢަބްދުﷲ10 ފިޔަވައި ދެންތިބި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ކައުންސިލުން ދީފައިވާ ނޯޓިސްއަކީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިހެއް ނޫންކަމަށެވެ. އޭގެ ފަހުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްކޮޅަށެވެ. މިހާރު ކުރިމަތީގައި މި އޮތީ ކައުންސިލުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެމުންދާ މައްސަލައެވެ.

މެޖިސްޓްރޭޓް ކޯޓުގެ ނިންމުން

6އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކީ 09 ޖަނަވަރީ 2020 ގައި ކައުންސިލުން ދީފައިވާ ނޯޓިހަކީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިހެއް ކަމަށް ކަނޑައަޅައި، އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުނު މައްސަލައެކެވެ.11

7މި މައްސަލައިގައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައި ވަނީ، 09 ޖަނަވަރީ 2020 ގައި ކައުންސިލުން ދީފައިވާ ނޯޓިސް ތަކަކީ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމައެވެ.

8ކުރިމަތީގައި މިއޮތް މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ޢަބްދުއްސައްތާރު ޢަބްދުﷲ އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާ ތަފާތެވެ.12 ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ކުއްޔަށްދީފައިވާ ބިމުގައި އޭނާ ހަދާފައިވާ ޢިމާރާތެއް ކައުންސިލަށް އަނބުރާ ކުއްޔަށްދީފައި ވެއެވެ. މިތަން ބޭނުންކުރަމުންދަނީ ރައްޔިތުންގެ ބޭސްފިހާރަ އަކަށެވެ. މިތަނުގެ ކުއްޔަކީ މަހަކު 3000/-ރ. (ތިން ހާސް ރުފިޔާ) ކަން އެނގެއެވެ.

9ކައުންސިލުން ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ފޮނުވާފައިވާ 09 ޖަނަވަރީ 2020 ގެ ނޯޓިސް އާއެކު އޭގެ ރައްދުގައި، އޭނާ ކައުންސިލަށް 14 ޖަނަވަރީ 2020 ގައި ނޯޓިހެއް ފޮނުވިއެވެ. މި ނޯޓިސްގައި ބުނެފައިވަނީ ކުއްޔަށް ދޫކޮށްފައިވާ ޢިމާރާތް 14 ޖަނަވަރީ 2020 އިން ފެށިގެން

21 ޖަނަވަރީ 2020 ގެ ނިޔަލަށް ތަން ހުސްކުރުމަށްފަހު އެ ޢިމާރާތުގެ ތަޅުދަނޑި ރ. އުނގޫފާރު، ޒެފިރު، މުޢާޛު ނަސީމާ ޙަވާލު ކުރުމަށް ޢަބްދުއްސައްތާރު ޢަބްދުﷲ ކައުންސިލަށް އަންގައެވެ. އަދި އިތުރަށް ޢަބްދުއްސައްތާރު ޢަބްދުﷲ ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި ތަން ހުސްނުކޮށްފިނަމަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 25,000/-ރ. (ފަންސަވީސްހާސް ރުފިޔާ) ޢިމާރާތާއި އަދި ފަރުނީޗަރުގެ ކުލީގެ ގޮތުގައި ހިނގަމުން ދާނެ ކަމަށެވެ.

10ޢަބްދުއްސައްތާރު ޢަބްދުﷲގެ މި އެންގުމާ ގުޅިގެން ކައުންސިލުން 14 ޖަނަވަރީ 2020 ގައި އިތުރު އެންގުމެއް އޭނާއަށް އެންގިއެވެ.13 މި އެންގުމުގައި ބަޔާންކޮށްފައިވަނީ 09 ޖަނަވަރީ 2020 ގައި ކައުންސިލުން ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ތަން ބޭނުންކުރުމަށް ދިން ފުރުޞަތު ނަހަމަގޮތުގައި ބޭނުންކުރަމުންދާތީވެ، ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިން 20 ޖަނަވަރީ 2020 ގައި ޙަވާލު ކުރުމަށެވެ. އަދި 14 ޖަނަވަރީ 2020 ފެށިގެން 20 ޖަނަވަރީ 2020 ގެ ނިޔަލަށް ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ނެރެ ތަން ހުސް ކުރުމަށެވެ.14 ޢަބްދުއްސައްތާރު ޢަބްދުﷲ ދަށުކޯޓަށް ހުށަހެޅި ދައުވާ ބިނާ ކޮށްފައި އޮތީ މި ދެންނެވި 14 ޖަނަވަރީ 2020 ގެ ކައުންސިލްގެ ނޯޓިހުގެ މައްޗަށެވެ. އެއީ، 14 ޖަނަވަރީ 2020 ގެ ކައުންސިލްގެ އެންގުމަކީ ޤާނޫނާ ޚިލާފު އެންގުމެއް ކަމަށް ކަނޑައަޅައި، ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ކައުންސިލްގެ ކިބައިން ލިބެންޖެހޭ ކުލި ހޯދުމަށް ޢަބްދުއްސައްތާރު ޢަބްދުﷲ ކުރި ދައުވާ އެކެވެ.

11މިގޮތުން، ޢަބްދުއްސައްތާރު ޢަބްދުﷲ ދަޢުވާކޮށްފައި ވަނީ 21 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ތަން ޙަވާލުނުކޮށް ހިނގާ ކޮންމެ 24 (ސައުވީސް) ގަޑީގެ ނިސްބަތުން 25,000/ރ. (ފަންސަވީސްހާސް ރުފިޔާ) ދަށު ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ހިނގާފައިވާ 300 ދުވަހަށްވާ 7,500,000/-ރ. (ހަތްމިލިޔަން ފަސްލައްކަ ރުފިޔާ) ކުލީގެ ގޮތުގައި ހޯދުމަށެވެ.

12މި މައްސަލައިގައި އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ އުނގޫފާރު ކައުންސިލާ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ދެމެދުވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ނިމުމަކަށް އަންނައިރު އެއްބަސްވުމާއި ގުޅިފައިވާ އެހެނިހެން އެއްބަސްވުންތައް ނިމުމަކަށް އަންނާނެ ކަމާއި، މިގޮތުން އަސްލު ނެތް ޙާލަތުގައި ފަރުޢެއް ނޯންނާނެ ކަމާއި، އެހެންކަމުން ޢަބްދުއްސައްތާރު ޢަބްދުﷲ އުނގޫފާރު ކައުންސިލަށް ބޭސްފިހާރަ ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ޢިމާރާތުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމާ އަދި އެދިފައިވާ ކުލި ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

13އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއި ޔަހްޔާ އިބްރާހީމް އާއި މޫސާ އިބްރާހީމްކަލޭފާނު އާއި ޙަސަން މޫސާ އާއި މުޙައްމަދު ލަޠީފު އާއި އަޙްމަދު ޢަބްދުއްރަޙީމް އާއި އާދަމް އިބްރާހީމްގެ ފަރާތުންނެވެ. އެ ފަރާތްތަކުން ހުށަހެޅި މައްސަލަތައް އެކުގައި ހިންގައި15، ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައި ވަނީ 30 ސެޕްޓެންބަރު 2013 ގައި ވެފައިވާ ބިންކުއްޔަށް ދިނުމުގެ އެއްބަސްވުން

30 ސެޕްޓެންބަރު 2018 ގައި ހަމަވެފައިވަނިކޮށް، އުނގޫފާރު ކައުންސިލާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާއި ދެމެދު ޢަމަލުކުރަމުން ދިޔަގޮތުން ކުރިން ޢަމަލުކޮށް ނިމިފައިވާ އެއްބަސްވުމުގެ ޝަރުޠުތަކުގެ މައްޗަށް އައު އެއްބަސްވުމެއް ވުޖޫދުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީވެ، ތަން ހުސްކުރުމަށް ފޮނުވާފައިވާ 9 ޖަނަވަރީ 2020 ގެ ނޯޓިހަކީ ބާޠިލު އެއްޗެއް ކަމަށް ކަނޑައަޅައެވެ.

14އަދި 30 ސެޕްޓެންބަރު 2018 އިން ފެށިގެން 05 (ފަހެއް) އަހަރު ވުމުގެ ކުރިން ކައުންސިލުން ބިންތައް ބޭނުންވާނަމަ ޢަމަލުކުރަން ޖެހޭނީ ކުރީގެ އެއްބަސްވުމުގެ ޝަރުޠުތަކުގެ މައްޗަށް ބަލައި މަދުވެގެން 06 (ހައެއް) މަސް ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު ގައެވެ. މީގެ އިތުރުން ކުރިއަށް ކުލި ދައްކާފައި ވާނަމަ، ބާކީ ދުވަސްތަކުގެ ކުލި ލިބިދިނުމާއެކު ދާއިމީ ގޮތެއްގައި ހަދާފައިވާ ބިނާތަކަށް ބަދަލު ދިނުމަށްފަހު ގައެވެ. އަދި ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ކައުންސިލަށް ނެގިނެގުން ބާޠިލުކަމަށް ކަނޑައަޅައެވެ.

15ބަޔާންވެދިޔަ ނަތީޖާއަށް ވާސިލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން ނިމުމަކަށް އައުމަށްފަހު ދެފަރާތުގެ ޢަމަލުތައް ބަހައްޓަމުން ގޮސްފައިވާ ގޮތުގެ މައްޗަށް ބަލައި އައު އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށް ދެކޭކަން.

(ށ) ދެވަނަ ކަމަކީ، 30 ސެޕްޓެންބަރު 2018 ގައި ބިން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުން ނިމުމަކަށް އައުމަކީ ބިން އޮޓަމެޓިކުން ވަކިވާންޖެހޭ ސަބަބެއް ނޫންކަން އެއްބަސްވުމުގެ (ސ) އަށް ބެލުމުން އެނގޭ ކަމާއި އަދި އެ މާއްދާގައި ބުނެފައިވަނީ "... މި އެއްބަސްވުމުގެ މުއްދަތު ހަމަވެގެން... ކުއްޔަށް ހިފިފަރާތުން ބިން ވަކިކުރެވޭނަމަ..." ކަމަށްވެފައި

30 ސެޕްޓެންބަރު 2018 ގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު ބިން ވަކިކުރަންޖެހޭނެ ކަމާއި ނަމަވެސް މިގޮތަށް ކައުންސިލުން ޢަމަލުކޮށްފައި ވާކަން އެނގެން ނެތްކަން.

(ނ) ތިންވަނަ ކަމަކީ، ބިން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ކުލި ބަލައި ގަންނަމުން ގޮސްފައި ވުމާއި އަދި އެއްބަސްވުމުގެ މުއްދަތު ހަމަވިތާ 01 އަހަރާއި 21 ދުވަސް ފަހުން 21 އޮކްޓޫބަރު 2019 ގައި، 01 ނޮވެންބަރު 2019 ފެށިގެން ކުލި ބޮޑުކޮށްފައިވާކަން އެނގޭތީ، ދެފަރާތުގެ ދެމެދުގައި ޟިމްނީގޮތުން އެއްބަސްވުމެއް އުފަންވެފައިވާކަން.

16ބަޔާންވެދިޔަ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައިގެ ޙުކުމް ކުރުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އުނގޫފާރު ކައުންސިލުން އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ނުކުތާތައް އިސްތިއުނާފު ކުރުމަށްޓަކައި އުނގޫފާރު ކައުންސިލުން ހުށަހެޅިއެވެ.

17.1. ފުރަތަމަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ބެލުނު މައްސަލައިގައި، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ އާއި އިސްތިއުނާފު ކުރާ ފަރާތްތަކާ ދެމެދުވެފައިވާ ކުރީގެ އެއްބަސްވުންތަކުގެ ޝަރުޠުތަކުގެ މައްޗަށް މިހާރު މުޅީން އައު އެއްބަސްވުމެއް ޟިމްނީގޮތުން އުފެދިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)16 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުންޞުރުތައް ފުރިހަމަވެފައި ނެތީސް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްވުން.

17.2. ދެވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ބެލުނު މައްސަލައިގައި ރ. އުނގޫފާރު ކައުންސިލްގެ އިދާރާ އާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު ޟިމްނީގޮތުން އެއްބަސްވުމެއް އުފެދިފައިވާ ކަމާއި މިހާރު އުފެދިފައިވާ އައު އެއްބަސްވުން ތަކަކީ، ކުރިން މުއްދަތު ހަމަވެގެން ދިޔަ އެއްބަސްވުންތަކުގެ ޝަރުޠުތަކުގެ މައްޗަށް އަލުން ވުޖޫދުވި އެއްބަސްވުންތަކެއް ކަމަށްވާތީ، އެއީ ކުރިން ލިޔެފައިވާ އެއްބަސްވުންތައް އުވުމަށްފަހު އެ އުވުނު އެއްބަސްވުމުގެ މައްޗަށް ބިނާވާ އައު އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުން ލިޔުމުން އޮތުން ލާޒިމުކުރާ ކަމަށް ބަޔާންކުރާ ކުރުން މި އެއްބަސްވުންތަކުގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅާފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.3017 ގައި ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ވެވިފައިވާ އެއްބަސްވުމެއް ނެތީސް، އަދި ވަކި ޚާއްޞަ ގޮތަކަށް ނުވަތަ ވަކި މަޢުލޫމާތު ހިމަނަންޖެހޭ ކަމަށް ޤާނޫނު ލާޒިމުކުރާ ޒާތުގެ އެއްބަސްވުމެއް ޞައްޙަ ވާނީ އެ ގޮތަށް އޮތުމުން ނުވަތަ އެ މަޢުލޫމާތު ހިމެނިފައި ވުމުން ކަމަށް ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) 18ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށްވުން.

17.3. ތިންވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ބެލުނު މައްސަލައިގެ ޙުކުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކާއި އުނގޫފާރު ކައުންސިލް އިދާރާ އާ ދެމެދު 30 ސެޕްޓެންބަރު 2013 ގައި ވެފައިވާ އެއްބަސްވުން 30 ސެޕްޓެންބަރު 2018 ގައި ހަމަވެފައި ވަނިކޮށް، އުނގޫފާރު ކައުންސިލާއި އިސްތިއުނާފު ކުރާ ފަރާތްތަކާއި ދެމެދު ޢަމަލުކުރި ގޮތުން، ކުރިން ޢަމަލުކުރަމުންދިޔަ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތަށް އައު އެއްބަސްވުންތަކެއް ވުޖޫދުވެފައި ވާކަން ޝަރީޢަތަށް ސާބިތުވާ ކަމަށާއި، 30 ސެޕްޓެންބަރު 2018 އިން ފެށިގެން 05 (ފަހެއް) އަހަރު ވުމުގެ ކުރިން، ކުއްޔަށް ދިން ބިންތައް އުނގޫފާރު ކައުންސިލަށް ބޭނުންވެގެން އެ ބިންތައް ނެގުމަށް ބޭނުންވާނަމަ، ޢަމަލުކުރަން ޖެހޭނީ ކުރީގެ އެއްބަސްވުމުގެ ޝަރުޠުތަކުގެ މައްޗަށް ބަލައި މަދުވެގެން 60 (ހައެއް) މަސްދުވަހުގެ ނޯޓިސް ދިނުމަށްފަހު ކަމަށް ކަނޑައަޅާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ19 19 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ޢަމަލުކޮށް ނިމިފައިވާ ވަނިކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށްވުން.

17.4. ހަތަރުވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ބެލުނު މައްސަލަތަކުގައި، ޢަބްދުއްސައްތާރު ޢަބްދުﷲގެ އުފުލޭ މުދައު ކައުންސިލަށް ނެގުމުގެ ބަދަލުގައި ޢަމަލުކުރަންޖެހޭނީ ޙަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ޙަވާލު ނުވުމުން ޢަމަލުކުރެވޭނެގޮތުގެ ޤާނޫނުގެ20 3 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައަޅާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ21 3 ވަނަ މާއްދާގެ (ނ) ގައި ޢާންމު މާނައަށް ބެލުމުގައި ޢަމަލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށްވުން.

17.5. ފަސްވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުން ނިންމާފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ22 ޤަޟިއްޔާގައި، މައްސަލައިގެ ޙަސްމުން ފާހަގަނުކުރާ، އެހެންނަމަވެސް، ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ ޙަސްމުން ދެކޭގޮތެއް ހޯދަންވާނެ ކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށްވުން.

17.6. ހަވަނަ ނުކުތާ އަކީ، އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާގެ 29 ވަނަ ނަންބަރުގައި، މި އެއްބަސްވުންތަކުގެ (ސ) އަށް ބަލާއިރު، 30 ސެޕްޓެންބަރު 2018 އަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކުއްޔަށް ދިން ފަރާތުން ބިން ވަކިކުރަންޖެހޭ ކަމަށް ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވުން.

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ

18މަތީގައި ބަޔާންކުރެވިފައިވާ އިސްތިއުނާފީ ނުކުތާ ތަކާއި އަދި އެ ނުކުތާ ތަކުގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަ ތަކަށް ބަލައި، މި އިސްތިއުނާފު ބިނާ ކުރެވިފައިވަނީ ޟިމްނީ ކޮންޓްރެކްޓެއް ކުރެވިފައިވޭތޯ ކުރެވޭ ބަހުސްގެ23 މައްޗަށާއި އަދި ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދައު ނަގާފައިވާ ގޮތުގެ މައްޗަށެވެ.24 އެހެންކަމުން މި އިސްތިއުނާފުގައި ފުރަތަމަ ގޮތެއް ކަނޑައަޅަންޖެހެނީ ކައުންސިލާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދު ޟިމްނީ ގޮތުން އައު ކޮންޓްރެކްޓެއް އުފެދިފައި ވޭތޯއެވެ. އެއަށްފަހު ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ25 ކައުންސިލަށް ނަގާފައިވާ ގޮތުގެ މައްޗަށް ބަލާލާނަމެވެ.

ޟިމްނީ ކޮންޓްރެކްޓް

19ދިވެހިރާއްޖޭގެ ހައިކޯޓުން އުނގޫފާރު ކައުންސިލާއެކު ވެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި، ޟިމްނީ ގޮތުން އައު ކޮންޓްރެކްޓެއް ވުޖޫދުވެފައި ވާކަމަށް ކަނޑައަޅާފައި ވެއެވެ. މިގޮތުން 30 ސެޕްޓެންބަރު 2018 ގައި، ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، އެ އެއްބަސްވުމުގެ ޝަރުޠުތަކުގެ މައްޗަށް އައު އެއްބަސްވުމަކަށް ދެފަރާތުން ޢަމަލުކުރަން ފަށާފައިވާ ކަމަށް ބަޔާންކޮށްފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޟިމްނީ ކޮންޓްރެކްޓެއް ވުޖޫދުވެފައިވާ ކަމަށް ބުރަވާ ސަބަބަކީ، (1) އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ކުލި ދައްކަމުން ދިއުމާއި (2) މި މުއްދަތުގެ ތެރޭގައި ކުލިއަށް ބަދަލު ގެނެސްފައި އޮތުމާއެކު، (3) އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ބިން ބޭނުންކުރުމަށް ކައުންސިލުން ފުރުޞަތު ދީފައި ވާތީ އެވެ. ސުވާލަކީ، މި ޢަމަލުތަކުގެ ނަތީޖާއަކީ ޟިމްނީ ގޮތުން އައު އެއްބަސްވުމެއް އުފަންވުން ތޯއެވެ. ޟިމްނީ ގޮތުން ކޮންޓްރެކްޓެއް އުފަންވެފައިވާ ކަމަށް ކައުންސިލުން އިންކާރު ކުރެއެވެ.

20HN1ކޮންޓްރެކްޓަކީ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަން ކޮންޓްރެކްޓާބެހޭ ޤާނޫނު ބެލުމުން އެނގެއެވެ. އަދި ކޮންޓްރެކްޓް ކުރެވޭ ގޮތަކީ އެކަކު އަނެކަކުގެ މައްޗަށް ހުށަހަޅާ ހުށަހެޅުމެއް އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލު ކުރުމެވެ.26

21HN2HN3ނަމަވެސް ކޮންމެ ކޮންޓްރެކްޓަކީ ޤާނޫނުގައިވާ ފަދައިން ދެފަރާތެއްގެ ދެމެދުގައި ބަނދެވޭ އެއްބަސްވުމަކަށް ވާހިނދު، ކޮންޓްރެކްޓެއްގައި ލާޒިމުކުރާ އުންޞުރުތައް ފުރިހަމަ ވާންޖެހޭނެއެވެ. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން، މިއެވެ. އަދި ހަމަމިއާއެކު ކޮންޓްރެކްޓެއް ވުމަށްފަހު އެ ކޮންޓްރެކްޓަށް ގެނެވޭ ކޮންމެ ބަދަލަކީވެސް އެއްބަސްވެފައިވާ ގޮތަށް ދެފަރާތުން ރުހިގެން ގެނެވޭ ބަދަލަކަށް ވާންވާނެއެވެ. ލިޔުމުން ވެފައިވާ ކޮންޓްރެކްޓަކަށް އެހެން ގޮތަކަށް ބަދަލެއް އައިސްފައިވާ ކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަކީ އެގޮތަށް ބުނާ ފަރާތެއްގެ ޒިންމާ އެކެވެ.27

22HN4އިސްވެ ބަޔާންވެދިޔަ އުންޞުރު ތަކަކީ، ކޮންޓްރެކްޓެއް އުފަންވުމަށް ލާޒިމު ކަންކަމެވެ. އެއީ ސާފުކޮށް ލިޔެވިފައިވާ އޮންނަ ކޮންޓްރެކްޓެއް ކަމުގައިވިޔަސް އަދި ނުލިޔެވި އޮންނަ ޟިމްނީ ކޮންޓްރެކްޓެއް ކަމުގައި ވިޔަސް ތަފާތުވާ ކަމެއް ނޫނެވެ. މީގެ އިތުރުން ކޮންޓްރެކްޓެއްގައި ވަކި ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ހުންނަންޖެހޭ ކަމަށް ޤާނޫނުގައި ކަނޑަޅާފައިވާނަމަ އެ ޝަރުޠުތަކެއް ނުވަތަ ސިފަތަކެއް ފުރިހަމަވެފައި އޮތުމަކީ ކޮންޓްރެކްޓެއް ސައްޙަކަން މަތީ ތަންފީޒުވުމަށް ލާޒިމު ކަމެކެވެ.28

23ކުރިމަތީގައި މި އޮތް މައްސަލައަށް ބަލާނަމަ، 30 ސެޕްޓެންބަރު 2018 ގައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ބިމުގައި ދެމި ތިބުމަށް ފުރުޞަތު ކައުންސިލުން ދިނުމާއި އަދި މި މުއްދަތުގައި ކުލި ދައްކަމުން ދިއުމާއި އަދި ކުލި ބޮޑު ކުރުމުގެ ނަތީޖާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ އީޖާބާއި ޤަބޫލު ފުރިހަމަވެ، އައު އެއްބަސްވުމެއް ވުޖޫދު ވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ.

24ނަމަވެސް، ބަޔާންވެދިޔަ އެ ޢަމަލުތަކުގެ ނަތީޖާއަކީ އެއްބަސްވުމެއް ވުޖޫދު ކުރުން ނޫންކަން ކައުންސިލުން އިސްތިއުނާފު ރައްދުވާ ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތު ތަކުން އެނގެއެވެ. މިގޮތުން ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން އައު ކުރުމާމެދު ވަކި ގޮތެއް އަންގަންދެން މިހާރު ބިންތައް ދޫކޮށްފައިވާ ފަރާތްތަކަށް ބިން ބޭނުން ކުރުމުގެ ފުރުޞަތު ދީފައި އޮތުމާއި، އަދި ކައުންސިލުން ބިންތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލެވޭ ބީލަމެއްގެ ތެރެއިން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގާފައި އޮތުމާއެކު މި ދެންނެވި ބީލަމުގެ ތެރެއިން ބިމެއް ޙަވާލުކުރެވޭ ފަރާތެއް ކަށަވަރު ކުރެވޭ ދުވަހުން ފެށިގެން 03 މަސްދުވަހުގެ މުއްދަތެއް ތަން ހުސްކުރުމަށް ދެވޭނެކަން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އަންގާފައި އޮންނަކަން އެނގެއެވެ. އަދި މި އިޖުރާއާތުތަށް ކުރިއަށް ދާތީވެ، ތަނުގައި ގާއިމުކުރެވިފައިވާ ޢިމާރާތެއް ހުރިނަމަ، އެ ޢިމާރާތެއް އެއްވެސް ބަދަލެއް ނުގެނެސް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ދަންނަވާފައިވާކަން ވެސް އެނގެން އޮވެއެވެ.

25HN5އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ބިން ބޭނުންކުރުމަށް ފުރުޞަތު ދެވިފައިވަނީ، ވަގުތީ އިންތިޒާމެއްގެ ތެރެއިން ބިން އެހެން ފަރާތަކާ ޙަވާލު ކުރެވެންދެން ކަން އެނގެއެވެ. އަދި މި ޢަމަލުތަކުގެ ނަތީޖާއަކީ އައު ކޮންޓްރެކްޓެއް ޟިމްނީ ގޮތުން އުފަންވުމެއް ނޫނެވެ.

26ކުރެވިފައިވާ މުޢާމަލާތްތަކުން ދޭހަވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ކޮންޓްރެކްޓަކަށް ޢަމަލުކޮށް ނިމިފައި ވަނިކޮށް ކައުންސިލުން ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ވަގުތީ ގޮތުން ބިން ބޭނުންކުރުމަށް ފުރުޞަތު ދީފައި އޮތް އޮތުމެކެވެ. މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އިބްރާހީމް ޚަލީލް ވ. (ދައުލަތް) މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ29 ޤަޟިއްޔާގައި ކަނޑައަޅާފައި ވެއެވެ. މިގޮތުން އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދު މާލޭ ހުޅަނގު ބަނދަރު 25 ނަންބަރު ފިހާރަ ކުއްޔަށް ދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުން 23 ޖަނަވަރީ 2003 ގައި ހަމަވެފައި ވަނިކޮށް އިބްރާހީމް ޚަލީލު އެތަން ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތާއި އިބްރާހީމް ޚަލީލާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ނޫން ކަމާއި، އެ ޙާލަތުގައި އިބްރާހީމް ޚަލީލު ބިން ބޭނުންކުރަމުން ދިޔައީ ދައުލަތުން ދިން ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް އިބްރާހީމް ޚަލީލުގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނު ފާހަގަކޮށްފައި ވެއެވެ.30 އަދި ދައުލަތުގެ ބިމެއް އިބްރާހީމް ޚަލީލަށް ކުއްޔަށް ދޫކުރެވޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައިވާ ގޮތުގެމަތިން ނެވެ. މިފަދަ އެއްބަސްވުމެއް އިބްރާހީމް ޚަލީލާއި ދައުލަތާ ދެމެދުގައި ނެތްކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައި ވެއެވެ.

27HN6ކުރިމަތީގައި އޮތް މައްސަލައިގައި ވެސް އޮތީ ދައުލަތުގެ މުދަލެއް ކުއްޔަށް ދިނުމެވެ. ދައުލަތުން މުދަލެއް ކުއްޔަށްދެވޭއިރު ޢަމަލުކުރަން ވީގޮތް މާލިއްޔަތުގެ ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. ދައުލަތުގެ ބިމެއް ކުއްޔަށްދެވޭއިރު ނުވަތަ އެއްބަސްވުމެއް އައުކުރެވޭއިރު، ތަބާވާންޖެހޭ ޚާއްސަ އުޞޫލުތަކެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު31 ގައި ކަނޑައަޅާފައި ވާތީވެ ދައުލަތުގެ ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ދޫކުރަންވާނީ ކުއްޔަށް ހިފާފަރާތާއި ކުއްޔަށް ދޫކުރާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. ދައުލަތުގެ މުދަލެއް މާލިއްޔަތުގެ ގަވާއިދުގައިވާ ހަމަތަކުގެ މަތިން ލިޔުމުން ވޭވޭ އެއްބަސްވުމެއްނެތި ކުއްޔަށް ނުދެވޭނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޢަބްދުލްމަޖީދު ވ. މާލޭ ސިޓީ ކައުންސިލް32 މި ޤަޟިއްޔާގެ ނިންމުމަށް ބެލުމުން އެނގެއެވެ. ނަތީޖާއެއްގެ ގޮތުން، ޟިމްނީ ގޮތުން ދައުލަތުގެ މުދަލެއް ކުއްޔަށްދިނުމާބެހޭ އެއްބަސްވުމެއް އުފަންވުމަކީ އެހެން ގޮތަކަށް ކަނޑައެޅި ބަޔާންކޮށްފައި ނުވާނަމަ ވަރަށް ނާދިރު ކަމެކެވެ.

28HN7ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން 5 އަހަރު ދުވަހުގެ މުއްދަތަށް އައުކޮށްފިކަމަށް ކަނޑައަޅާފައިވަނީ ހަރުދަނާ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ނޫންކަން އެނގެއެވެ. ކުލީގެ އެއްބަސްވުމެއް އައުކޮށްފިނަމަ، އެއްބަސްވުމުގެ މުއްދަތު ފެށޭ ދުވަހާއި އަދި ނިމޭ ދުވަސް އެންމެ ކުޑަމިނުން ސާފުވާންޖެހޭ ހިނދު، 5 އަހަރަށް އެއްބަސްވުން އައުކުރި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ހިނދު މިއިން އެއްވެސް ކަމެއް ސާފު ނުވެއެވެ. ޝަރުޢީ ހަމަތަކުގެ މަތިން ކުލީގެ މުޢާމަލާތެއްނަމަ، ކުލި ކަނޑައެޅިފައި އޮންނަ މުއްދަތު އެއްބަސްވެވި ޔަޤީންކުރެވި ކުލި ފަށާ ދުވަހަކާއި އަދި ނިމޭނެ ދުވަހެއް ސާފުވާން ވާނެއެވެ.33 އެހެން ނޫންނަމަ، މިފަދަ މުޢާމަލާތުތަކުގައި، ޔަޤީންކަމެއްނެތި ޣަރަރު34 އޮތުމުގެ ފުރުސަތު އޮންނާނެ ކަމާއި، ޣަރަރު ހިމެނިފައިވާ ކޮންޓްރެކްޓެއް ތަންފީޒު ކުރެވިދާނެކަމަށް ނުދެކެމެވެ.

29ކަން މިހެން އޮތުމުން، 30 ސެޕްޓެންބަރު 2018 ގެ ފަހުން އުނގޫފާރު ކައުންސިލާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެމެދުވެފައިވާ އެއްބަސްވުމެއް ނެތްކަން ފާހަގަ ކުރަމެވެ. އަދި މި މުއްދަތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބިން ބޭނުން ކުރަމުން ދިޔައީ ކައުންސިލުން ދީފައިވާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ދެކެމެވެ.

ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ

30ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ކުއްޔަށް ދީފައިވާ ބިމުގައި އޭނާ ގާއިމުކޮށްފައިވާ ޢިމާރާތް ވަނީ ރައްޔިތުންގެ ބޭސްފިހާރަ އެއް ހިންގުމަށްޓަކައި ކައުންސިލަށް ކުއްޔަށް ދޫކޮށްފައެވެ.

31ކައުންސިލާއި ޢަބްދުއްސައްތާރު ޢަބްދުﷲ އާއެކު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުން

30 ސެޕްޓެންބަރު 2018 ގައި މުއްދަތު ހަމަވެފައި ވާތީވެ، 09 ޖަނަވަރީ 2020 ގެ ނޯޓިސް އާއެކު 14 ޖަނަވަރީ 2020 ގައި އޭނާ ކައުންސިލުގައި އެދުނީ އޭނާގެ ޚަރަދުގައި ހަދާފައިވާ ބޭސް ފިހާރަ ހިންގާ ޢިމާރާތް 21 ޖަނަވަރީ 2020 ގެ ނިޔަލަށް ޙަވާލު ކުރުމަށާއި އަދި އެ މުއްދަތަށްފަހު ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 25,000/-ރ. (ފަންސަވީސް ހާސް) މަގުން ކުލި ދެއްކުމަށެވެ. މި އެންގުން ޢަބްދުއްސައްތާރު ޢަބްދުﷲ ކައުންސިލަށް އެންގި ތާރިޚުގައި ކަމުގައިވާ 14 ޖަނަވަރީ 2020 ގައި ކައުންސިލްގެ 14 ޖަނަވަރީ 2020 ގެ ނޯޓިސް ޢަބްދުއްސައްތާރު ޢަބްދުﷲ އަށްދީ،

14 ޖަނަވަރީ 2020 އިން ފެށިގެން 20 ޖަނަވަރީ 2020 ގެ ނިޔަލަށް ޢަބްދުއްސައްތާރު ޢަބްދުﷲގެ ތަކެތި ގެންދިއުމަށް އެންގިއެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން ޢަބްދުއްސައްތާރު ޢަބްދުﷲ ދަށުކޯޓަށް ހުށަހެޅި ދައުވާ ބިނާކޮށްފައި އޮތީ މި ދެންނެވި ކައުންސިލްގެ 14 ޖަނަވަރީ 2020 ގެ ނޯޓިހުގެ މައްޗަށެވެ. އެއީ، 14 ޖަނަވަރީ 2020 ގެ ކައުންސިލްގެ އެންގުމަކީ ޤާނޫނާ ޚިލާފު އެންގުމެއް ކަމަށް ކަނޑައަޅައި، ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ކައުންސިލްގެ ކިބައިން ލިބެންޖެހޭ ކަމަށް އޭނާ ދެކޭ ކުލި ހޯދުމަށެވެ.

32ނަމަވެސް މި ދައުވާގައި ދަށުކޯޓުން ޙުކުމްކުރިއިރު، 14 ޖަނަވަރީ 2020 ގެ ކައުންސިލްގެ ނޯޓިސްގައި ހިމެނޭ ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދަލާއި ތަކެއްޗާ މެދު ޢަމަލުކުރަންވީ ގޮތެއް ބަޔާންކޮށްފައި ނުވެއެވެ. ދަށު ކޯޓުން މި ނުކުތާގައި އިޝާރާތްކޮށްފައިވަނީ ކައުންސިލްގެ

14 ޖަނަވަރީ 2020 ގެ ނޯޓިސް އިން ދީފައިވާ މުއްދަތަކީ އެފަދަ މުދަލެއް ގެންދިއުމަށް ގަބޫލު ކުރެވޭ މުއްދަތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ދަށު ކޯޓަށް ހުށަހެޅުނު މައްސަލައިގެ މައުޟޫގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.35

33ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ (ސ) ގައިވާ ފަދައިން ޢަބްދުއްސައްތާރު ޢަބްދުﷲގެ އުފުލޭ މުދާ ގެންދިއުމަކީ އޭނާއަށް ލިބިފައިވާ ޙައްޤެކެވެ. އެއްބަސްވުމުގެ (ސ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.

"މި އެއްބަސްވުމުގެ މުއްދަތު ހަމަވެގެން... ކުއްޔަށްހިފިފަރާތުން ބިން ވަކިކުރެވޭނަމަ،.. އެއްތަނުން އަނެއް ތަނަށް ގެންދެވޭ ކުއްޔަށް ހިފިފަރާތުގެ އަމިއްލަތަކެތި އެފަރާތަށް ގެންދެވިދާނެއެވެ."

34HN8ކަންމިހެން އޮތްކަމުގައި ވިޔަސް ކައުންސިލަށް އޭނާގެ މުދާ ނަގައި ބޭނުން ކުރަމުންދާ ކަމަށް ކައުންސިލުންވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރު ވެފައެވެ.36 ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދަލަކީ ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ގެންދިއުމުގެ ފުރުޞަތު ލިބިފައިވާ ތަކެތި ކަމަށްވާ ހިނދު، އެ ޙައްޤު އޭނާ ދޫކޮށްލާފައިވާކަން

ދޭހަ ނުވެއެވެ. ކައުންސިލުން ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ގެންދިއުމަށް 20 ޖަނަވަރީ 2020 ގެ ނިޔަލަށް މުއްދަތެއް ދިނުން ފިޔަވައި އެ ތަކެތި އޭނާއާ ޙަވާލު ކުރުމަށް ކުރެވުނު މަސައްކަތެއްގެ ތަފުޞީލު އެނގެން ނެތްކަން ފާހަގަ ކުރަމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން 20 ޖަނަވަރީ 2020 އަށްފަހު، ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ޙަވާލު ކުރުމާގުޅޭ ގޮތުން ތަބާވާންޖެހޭނީ "ޙަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ޙަވާލު ނުވުމުން ޢަމަލުކުރެވޭނެގޮތުގެ ޤާނޫނު"ގެ37 3 ވަނަ މާއްދާ ގައިވާ އުޞޫލުން ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މި މައްސަލައަކީ އެފަދަ ޤާނޫނަކާ ޙަވާލާދެވެންޖެހޭ ޚުސޫމަތެއް އޮތް މައްސަލައެއް ކަމަށް ތަސައްވަރު ނުކުރެވެއެވެ. ސަބަބަކީ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެ، އެ އެއްބަސްވުމުގެ (ސ) ގައި ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ގެންދިއުމުގެ ފުރުޞަތުދީފައި ވަނިކޮށް، ކައުންސިލުން ދިން މުއްދަތުގައި އޭނާ އެ ތަކެތި ގެންގޮސްފައި ނުވާނަމަ، ދެން ޙައްލު ހޯދުމަށް ރުޖޫޢަވާންޖެހޭނީ އެއްބަސްވުމަށެވެ. އެއަށްފަހު ޝަރީޢަތަށެވެ.

35HN920 ޖަނަވަރީ 2020 ގައި ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ނުގެންދިޔަ ކަމުގައިވިޔަސް ކައުންސިލަށް އޭނާގެ އެ މުދާ ނަގައި ބޭނުންކުރަން ހުއްދަކުރާ ޤާނޫނީ އަސާސެއް ނެތެވެ. މީސްމީހުންގެ މުދާ ނުވަތަ އެއްޗެއް ދައުލަތަށް ބޭނުން ވެއްޖެނަމަ، ނަގަންޖެހޭނީ އެ މުދަލަކަށް އަގުމަގު ކުރެވި ބަދަލު ދިނުމަށް ފަހުގައެވެ.38 ވުމާއެކު، ކައުންސިލުން ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ކަނޑައެޅިފައިވާ ހަމަތަކާ ޚިލާފަށް ނަގާފައިވާ މުދަލަކީ ކޮބައިތޯ ބެލި، އެ ތަކެތީގެ އަގުމަގު ކުރެވި ކައުންސިލްގެ މި ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ގެއްލުމެއް ލިބިފައިވާނަމަ، އޭނާއަށް ބަދަލު ޙައްޤުވާކަމަށް ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

36ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު މި މައްސަލައިގައި:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުން އައު އެއްބަސްވުމެއް ވުޖޫދުވެފައިވާ ކަމަށް ދެކި ފާހަގަކޮށްފައިވާ ކަންކަމަކީ ހަރުދަނާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ބާޠިލުކުރުމާއެކު،

(ށ) ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ކައުންސިލަށް ނެގިނެގުން ބާޠިލުކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި ނިންމުމަށް ތާއީދުކޮށް، ކައުންސިލްގެ މި ޢަމަލުގެ ސަބަބުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ، އެ ކަމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

37މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

38މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-N-A/25 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/26 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/27 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/28 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A/29 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A-/30 ޤަޟިއްޔާ އާއި ނަންބަރު 2021/HC-N-A-31 ޤަޟިއްޔާގެ ޙުކުމުގައި،

(ހ) ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދާ ކައުންސިލަށް ނެގިނެގުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، ދެން އެ ޤަޟިއްޔާތަކުގައި ހުރި ބައިތައް ބާޠިލުކަމަށް ކަނޑައަޅައި،

(ށ) ޢަބްދުއްސައްތާރު ޢަބްދުﷲގެ މުދަލުގެ އަގާއި، ކައުންސިލްގެ މި ޢަމަލުގެ ސަބަބުން އޭނާއަށް ގެއްލުމެއް ލިބިފައިވާނަމަ، ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ޙައްޤު ޢަބްދުއްސައްތާރު ޢަބްދުﷲ އަށް ލިބިގެންވާ ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޑރ. އަޒްމިރާލްދާ ޒާހިރު

ޙުސްނުއްސުޢޫދު

ފުޓްނޯޓު

  1. މި އެއްބަސްވުންތަކަކީ ޢަބްދުއްސައްތާރު ޢަބްދުﷲ އާއެކު ވެފައިވާ ނަންބަރު (AGR)303-AS/INDIV/2013/27 އެއްބަސްވުމާއި ޔަޙްޔާ އިބްރާހީޢަމް އާއެކު ވެފައިވާ (AGR)303-AS/INDIV/2013/29 ނަންބަރު އެއްބަސްވުމާއި މޫސާ އިބްރާހީމް ކަލޭފާނު އާއެކު ވެފައިވާ ނަންބަރު (AGR)303-AS/INDIV/2013/26 އެއްބަސްވުމާއި ޙަސަން މޫސާ އާއެކު ވެފައިވާ ނަންބަރު (AGR)303-AS/INDIV/2013/18 އެއްބަސްވުމާއި މުޙައްމަދު ލަޠީފް އާއެކު ވެފައިވާ (AGR)303-AS/INDIV/2013/25 ނަންބަރު އެއްބަސްވުމާއި އަޙްމަދު ޢަބްދުއްރަޙީމް އާއެކު ވެފައިވާ ނަންބަރު (AGR)303-AS/INDIV/2013/19 އެއްބަސްވުމާއި އަދި އާދަމް އިބްރާހީމް އާއެކު ވެފައިވާ ނަންބަރު (AGR)303-AS/INDIV/2013/22 އެއްބަސްވުމެވެ.
  2. 09 ޖަނަވަރީ 2020 ގައި ކައުންސިލުން ޙަސަން މޫސާ އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/11 ނޯޓިސް އާއި އާދަމް އިބްރާހީމް އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/13 ނޯޓިސް އާއި މުޙައްމަދު ނަސީމް އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/09 ނޯޓިސް އާއި އަޙްމަދު ޢަބްދުއްރަޙީމް އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/10 ނޯޓިސް އާއި ޒުލްފާ ވަޖުދީ އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/06 ނޯޓިސް އާއި ޔަޙްޔާ އިބްރާހީމް އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/04 ނޯޓިސް އާއި މުޙައްމަދު ލަޠީފް އަށް ފޮނުވި ނަންބަރު 303-AS/INDIV/2020/16 ނޯޓިސް އާއި މޫސާ އިބްރާހީމްކަލޭފާނު އަށް ފޮނުވި ނަންބަރު
  3. -AS/INDIV/2020/15 ނޯޓިސް 10 ޢަބްދުއްސައްތާރު ޢަބްދުﷲ ހުށަހެޅި ދަޢުވާގެ ޚުލާސާއެއް މި ރައުޔުގެ 8 ވަނަ ޕެރެގްރާފު އިން 12 ވަނަ ޕެރެގްރާފަށް ބަޔާންކޮށްފައި އެ ވަނީއެވެ. 11 މި މައްސަލަތައް ބަލާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16,18,37,39,40,41/E7C/2020 ޤަޟިއްޔާ އިންނެވެ. 12 ޢަބްދުއްސައްތާރު ޢަބްދުﷲގެ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2020/E7C/56 ޤަޟިއްޔާ އިންނެވެ. 13 މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ ނަންބަރު 303-AS/INDIV/2020/20 ސިޓީ 14 އުނގޫފާރު ކައުންސިލްގެ 14 ޖަނަވަރީ 2020 ގެ ނޯޓިސް 15ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުއްސައްތާރު ޢަބްދުﷲގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/25 ޤަޟިއްޔާ އާއި ޔަހްޔާ އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/26 ޤަޟިއްޔާ އާއި މޫސާ އިބްރާހީމް ކަލޭފާނުގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/27 ޤަޟިއްޔާ އާއި ޙަސަން މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/28 ޤަޟިއްޔާ އާއި މުޙައްމަދު ލަޠީފުގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/29 ޤަޟިއްޔާ އާއި އަޙްމަދު ޢަބްދުއްރަޙީމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/30 ޤަޟިއްޔާ އާއި އާދަމް އިބްރާހީމްގެ ފަރާތުން އިސްތިއުނާފު ކުރުމުން ބެލުނު ނަންބަރު 2021/HC-N-A/31 ޤަޟިއްޔާ 26 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ 27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތެރޭ ހެންގް ޕްރައިވެޓް ލިމިޓެޑް) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/38 (ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް) 28 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 (ޙަސަން ޙަލީމް ވ. ހަރންގް ތެރޭ ހެންގް ޕްރައިވެޓް ލިމިޓެޑް)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ