އަރާކިސް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޢަލީ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 229/VTR/2022
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން އިޖުރާއީ ނިންމުމުގައި ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާއާ ޚިލާފުކަމުގެ ޝަކުވާގެ ފުރުޞަތު ނެތްނަމަވެސް، ފަސްކުރި އުޖޫރަ ހޯދުމުގެ ބައި މައުޟޫޢީ ގޮތުން ބަލަންޖެހޭކަމަށް ނިންމިއެވެ. މައުޟޫޢީ ނިންމުމުގައި އުނިކުރުން އެ ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައި 44,075ރ. ދިނުމަށް އަމުރުކުރުމާއެކު ނުނަގާހުރި ޗުއްޓީގެ ފައިސާ ޙައްޤުވާކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ކުންފުނީގެ ވަޒީފާއިން އަމިއްލަ އިޚްތިޔާރުގައި ވަކިވިއެވެ. ކޮވިޑް-19 އާ ގުޅިގެން އެޕްރީލް 2020 އިން މޭ 2021 އަށް އޭނާގެ ރުހުމަކާނުލައި މުސާރައިން އުނިކުރި ފައިސާއާއި ނުނަގާހުރި އަހަރީ ޗުއްޓީގެ ފައިސާ ހޯދުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮވިޑް-19 އާ ގުޅިގެން މުސާރައިން އުނިކުރި ފައިސާއާ ބެހޭ ޝަކުވާގެ މުއްދަތު ހަމަވެފައިވާކަމަށް އިޖުރާއީ ގޮތުން ނިންމުމަށްފަހު، އެ އުނިކުރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނާ ޚިލާފުތޯ މައުޟޫޢީ ނިންމުމުގައި ކަނޑައެޅުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވޭތޯ؛ އަދި އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފަކަށް ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ނުނަގާހުރި އަހަރީ ޗުއްޓީގެ ފައިސާ ޙައްޤުވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރާ ފަރާތުން ބުނީ ޓްރައިބިއުނަލުން ހުޞޫމާތުގެ ބޭރުން ގޮތް ނިންމި، ހެކިތަކަށް ރިޢާޔަތް ނުކުރި، ޟިމްނީ ރުހުމަށް ރިޢާޔަތް ނުކުރި، އިޖުރާއީ ނިންމުމާ ޚިލާފަށް ނިންމި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ޗުއްޓީގެ ފައިސާ ދޭންޖެހެނީ ވަކިކުރާ ޙާލަތުގައި އެކަނިކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ ރުހުމެއް ނެތި ޤާނޫނީ އަސާސެއް ނެތި އުނިކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެއްކަމާއި 2010/HC-A/122 ގެ އުޞޫލުން ޗުއްޓީގެ ފައިސާ ޙައްޤުވާކަމެވެ.
- ކޯޓުގެ ސަބަބުތައް
- އަލުން ދޭން ނުޖެހޭގޮތަށް އުނިކުރި ނަމަ ޝަކުވާގެ މުއްދަތު ހަމަވެފައިވާކަން އިޖުރާއީ ނިންމުމުގައި ކަނޑައަޅާފައިވާތީ، އުނިކުރި ފައިސާއަކީ އަލުން ދޭންޖެހޭ ފައިސާއެއް ނޫންކަން ކަނޑައެޅުމަށްފަހު އެ އުނިކުރުން ޤާނޫނު ނަންބަރު 20/2020 ގެ ދަށުން ޞައްޙަތޯ ބެލުމުގެ އިޚްތިޞާޞް ޓްރައިބިއުނަލަށް ނެތެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާއިން ވަކިވާ މުވައްޒަފަށް ނުނަގާ ޗުއްޓީގެ ފައިސާ ދިނުން މަނާނުކުރާތީ، އެ ފައިސާ ދޭންޖެހޭކަމަށް ނިންމުމުގައި ގޯހެއް ނެތެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި (44,075ރ. ދިނުމަށް އެންގި އެންގުން ބާޠިލު، ޗުއްޓީގެ ފައިސާއާ ބެހޭ ނިންމުން ދެމެހެއްޓި)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާކަން އިޖުރާއީ ނިންމުމުގައި ކަނޑައަޅާފައިވާނަމަ، މުސާރައިން އުނިކޮށްފައިވަނީ އަލުން އެ ފައިސާ ދޭންޖެހޭގޮތަށް ނޫންކަން ޓްރައިބިއުނަލުން ކަނޑައެޅުމަށްފަހު، އެ ފައިސާ އުނިކޮށްފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގައިވާ ގޮތުގެމަތިންތޯ ނޫންތޯ ދެން އެ ޓްރައިބިއުނަލަށް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިފައެއް ނުވެއެވެ. އަދި އެއީ، އެ ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމާ ވެސް ފުށުއަރާ ކަމެކެވެ.
HN2 އިޖުރާއީ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވާ އުޞޫލާ ފުށުއަރާގޮތަށް، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިޢާޔަތްކޮށް ވަޒީފާދޭ ފަރާތުން ޢަމަލުކޮށްފައިވާ ގޮތް ބަލައި ޓްރައިބިއުނަލުން ނިންމި ނިންމުންތަކަކީ ބާޠިލު ނިންމުންތަކެކެވެ.
HN3 ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ މައިގަނޑު މަޤްޞަދަކީ ޗުއްޓީ ނެގުމުގެ އަޞްލު ބޭނުން ޙާޞިލު ކުރުމެވެ. މުވައްޒަފުންނަށް ޗުއްޓީ ޙައްޤުވާކަމަށް ކަނޑައަޅާފައިވަނީ އެ މީހުންގެ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކަމަށްވާއިރު، މި އުޞޫލުގެ ބޭނުމަކީ ޗުއްޓީއަށް ނުގޮސް މަސައްކަތުގައި ދެމިހުރެ ފައިސާ ހޯދުން ހުއްޓުވުމެވެ.
HN4 ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ ސަބަބުން ވަޒީފާއިން ވަކިވާ މުވައްޒަފަށް އޭނާއަށް ޙައްޤުވެ ނަގާފައި ނުވާ ޗުއްޓީއަށްވާ ފައިސާ ދިނުން މަނާކޮށްފައި ނުވެއެވެ.
HN5 މުވައްޒަފަކަށް ޙައްޤުވެފައިވާ އަހަރީ ޗުއްޓީގެ ދުވަސްތަކުން ބޭނުން ނުކޮށްވާ ދުވަސްތަކުގެ ފައިސާ ދިނުމުގައި، ވަޒީފާދިން ފަރާތުން މުވައްޒަފު ވަކިކުރާ ޙާލަތުގެ އިތުރުން މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ޙާލަތުގައި ވެސް، އެ މުވައްޒަފަކަށް ލިބެންވާ އަހަރީ ޗުއްޓީއަކުން ބޭނުން ނުކޮށްވާ ދުވަސްތަކުގެ ފައިސާ ވަޒީފާއިން ވަކިކުރާއިރު ދޭންވާނެކަން ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ އިތުރުން، އެ މާއްދާގެ (ރ) އާއި (ބ) އަށް ބެލުމުން އެނގެން އޮވެއެވެ؛ މި އުޞޫލަށް ބަރޯސާވެ ނުނަގާހުރި ޗުއްޓީއަށްވާ ފައިސާ ދޭންޖެހޭކަމަށް ނިންމުމުގައި ގޯހެއް ނެތެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މިޒްނާ އަޙްމަދު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙަމްޒާ ލަޠިފް، ސީ.އެލް.އޭ ޕާރޓްނަރސް އެލް.އެލް.ޕީ
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ޙަސަން ޝަފީޢު (ރިޔާސަތު)، ޙުސައިން މަޒީދު
- ރިޔާސަތު
- ޙަސަން ޝަފީޢު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު (ރިޔާސަތު) · ތާއީދުކުރެއްވީ: ޢަބްދުﷲ ޖަމީލް މޫސާ، ޙުސައިން މަޒީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
ތަޢާރުފު
1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލަ އިސްތިއުނާފުކުރުމަށް އެދި އަރާކިސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން 'އަރާކިސް' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް')ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] އިބްރާހީމް ޢަލީ (މީގެ ފަހުން 'އިސްތިއުނާފު ރައްދުވާ ފަރާތް' ނުވަތަ 'އިބްރާހީމް ޢަލީ') އެވެ.
ކަންހިނގާފައިވާ ގޮތް
2އިބްރާހީމް ޢަލީ 26 ޑިސެންބަރު 2016 އިން ފެށިގެން 01 އޯގަސްޓް 2022ގެ ނިޔަލަށް އަރާކިސް ޕްރައިވެޓް ލިމިޓެޑުން ހިންގާ "މިހާރު" ނޫހުގައި މާރކެޓިންގ އެގްޒެކެޓިވްގެ މަޤާމު އަދާކޮށްފައިވެއެވެ. އެ ވަޒީފާއިން އޭނާ ވަކިވެފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ.
3އޭނާ ވަޒީފާގައި އުޅުނުއިރު އޭނާގެ ރުހުމަކާނުލައި މުސާރައިން އެކި އަދަދުން ފައިސާ އުނިކޮށްފައިވާކަމަށް ބުނެ، ވަޒީފާއިން ވަކިވަމުން، އެ ފައިސާ އަނބުރާ ދިނުމަށް އެދުމުން، އަރާކިސް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ދީފައިނުވާތީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
4ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިބްރާހީމް ޢަލީ ހުށަހެޅި މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ގޮތުގައެވެ. މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާއި އެ ޓްރައިބިއުނަލްގެ ނިންމުން
5އިބްރާހީމް ޢަލީ، އަރާކިސް ޕްރައިވެޓް ލިމިޓެޑުގެ "މިހާރު" ނޫހުގައި ސޭލްސް އެންޑް މާރކެޓިންގ އެގްޒެކެޓިވްގެ މަޤާމު އަދާކުރި މުއްދަތުގައި އެޕްރީލް 2020 އިން މޭ 2021ގެ ނިޔަލަށް އިބްރާހީމް ޢަލީގެ ރުހުމެއްނެތި އެފަރާތުގެ މުސާރައިން އެކި މަސްތަކުގައި އެކި މިންވަރަށް ފައިސާ އުނިކޮށް، އެފަރާތް ވަޒީފާއިން ވަކިވަމުން އުނިކުރި ފައިސާ އަނބުރާ ދިނުމަށް އެދުމުން ވެސް އެފައިސާ ލިބިފައިނުވާއިރު، އިބްރާހީމް ޢަލީ ވަޒީފާ އަދާކުރި މުއްދަތުގައި ނުނަގާވާ ޗުއްޓީގެ ދުވަސްތައް ވަޒީފާއިން ވަކިވިއިރު ހުރިނަމަވެސް އެ ދުވަސްތަކަށްވާ ފައިސާ ދީފައިނުވާތީއާއި، ދެފަރާތުގެ މެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް އިބްރާހީމް ޢަލީއަށް ލިބިފައިނުވާތީ، އެފަރާތަށް އެޕްރީލް 2020 އިން މޭ 2021ގެ ނިޔަލަށް ޙައްޤުވާ ފައިސާގެ ތެރެއިން ނުލިބިވާ 44,075ރ. (ސާޅީސް ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ) ދިނުމަށް މައްސަލަ ރައްދުވި ފަރާތަށް އަމުރު ކޮށްދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި އުޅުނު ދުވަސްވަރު ނުނަގާ ހުރި އަހަރީ ޗުއްޓީއަށްވާ ފައިސާއާއި، ޤާނޫނާއި ޤަވާޢިދުން މައްސަލަ ހުށަހެޅި ފަރާތަށް ލިބެންޖެހޭ އެންމެހައި ފައިސާއާއި ޙައްޤުތައް ލިބުމަށް އަމުރުކޮށްދިނުމަށް އެދި އަރާކިސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހެޅިއެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމާފައިވަނީ؛ "...ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން މައްސަލަ ރައްދުވި ފަރާތުގެ ވިޔަފާރިއަށް ކުރިމަތިވި ނޭދެވޭ އަސަރުތަކުން ރައްކައުތެރިވެ ގެއްލުންތައް ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކަކާމެދު މަޝްވަރާ ކުރުމަށްފަހު، އެކަން މައްސަލަ ހުށަހެޅި ފަރާތް ހިމެނޭހެން މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފުންނަށް 18 މާރިޗު 2020 ގައި އަންގައި، ގާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ (ނ) އަށް އަމަލުކުރުމުގެ ގޮތުން މުވައްޒަފުންގެ މެދުގައި ސަރވޭއެއް ނަގައި، މި ސަރވޭގެ ނަތީޖާއަށް ރިއާޔަތްކޮށް އެޕްރީލް 2020 އިން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރައިންވެސް އެއްހަމައަކުން ފައިސާ އުނިކުރުމަށް ނިންމާ އެކަން މުވައްޒަފުންނަށް 30 އެޕްރީލް 2020 ގައި އަންގާފައިވާނެކަމަށާއި، މި ސަރވޭގައި މައްސަލަ ހުށަހެޅި ފަރާތްވެސް މުވައްޒަފުންގެ މުސާރައިން އެއް އިންސައްތައަކުން ފައިސާ އުނިކުރުމަށް އެއްބަސްވެފައިވާކަމަށާއި، މުސާރައިން އުނިކުރާ މިންވަރު ވިޔަފާރި ރަނގަޅުވަމުންދާ މިންވަރަކުން މުރާޖައާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެއްވެސް ހާލެއްގައި އެ ފައިސާ އަލުން މުވައްޒަފުންނަށް ދޭނެކަމަށް ބަޔާންކޮށްފައިނުވާނެކަމަށާއި، މައްސަލަ ރައްދުވި ފަރާތުގެ މުވައްޒަފުންގެ މުސާރައިން ފައިސާ އުނިކުރުމަށްފަހު 2 އަހަރު ވެގެންދިޔައިރުވެސް އަދި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިވެގެން ދިޔައިރުވެސް މުސާރައިން އުނިކޮށްފައިވާ ފައިސާއާމެދު މައްސަލަ ހުށަހެޅި ފަރާތް އެއްވެސް ޝަކުވާއެއް މައްސަލަ ރައްދުވި ފަރާތަށް ހުށަހަޅާފައިނުވާކަމަށާއި، މައްސަލަ ރައްދުވި ފަރާތުގެ ވިޔަފާރިއަށް ދިމާވި ދަތިތައް ރަނގަޅުވުމާ ގުޅިގެން 2021 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން މައްސަލަ ރައްދުވި ފަރާތުގެ އެންމެހައި މުވައްޒަފުންނަށް އެފަރާތްތަކަށް ހައްގުވާ ފުރިހަމަ މުސާރަ ދޭން ފަށާފައިވާނެކަމަށާއި، ވަޒީފާއާބެހޭ ގާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން މުވައްޒަފަކު ނުނަގާވާ އަހަރީ ޗުއްޓީގެ ފައިސާ ދޭންޖެހެނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަކަމަށާއި، އަމިއްލަ އިހްތިޔާރުގައި މުވައްޒަފު ވަޒީފާއިން ވަކިވާނަމަ އެ ފައިސާ ދިނުން ލާޒިމު ނޫންކަމަށް ބަޔާންކޮށް މައްސަލަ ރައްދުވި ފަރާތް ޖަވާބުދާރީވެފައިވާއިރު، މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން އުނިކޮށްފައިވާ ފައިސާގެ ތެރެއިން 44,075ރ (ސާޅީސް ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ) އަކީ މައްސަލަ ރައްދުވި ފަރާތުން އެފަރާތަށް ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު ފައިސާ މިއަދު (26 އޮކްޓޫބަރު 2023) އިން ފެށިގެން ރަސްމީ ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މި މައްސަލަ ރައްދުވި އަރާކިސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މި މައްސަލަ ނިންމައިފީމެވެ." އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
7އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
7.1 ކޮވިޑް-19ގެ ޕެންޑެމިކްއާއި ގުޅިގެން، އަރާކިސްގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައިވާކަން ހުށަހެޅިފައިވާ ހެކިތަކުން ފެންނަން ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އިބްރާހީމް ޢަލީ ދަޢުވާގެ ތަރަހައިގެ ތެރޭގައި ނުހިމެނޭ އަދި ދެފަރާތުގެ ދެމެދުގައި ހުސޫމާތެއް އުފެދިފައިނުވާ ވާގިއާއެއްގެ މައްޗަށްކަމުގައިވާތީ، މިއީ ސުޕްރީމް ކޯޓުގެ ނަންބަރު [2023] SC 15 ޤަޟިއްޔާ (މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް) އަދި ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 98 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ) ގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި،
7.2 އިބްރާހީމް ޢަލީގެ މުސާރައިން އެކި ފަހަރުމަތިން ފައިސާ އުނިކޮށްފައިވަނީ އެފަރާތުގެ ރުހުމާއި ނުލައިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އަރާކިސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވާ ނުކުތާތަކަށާއި އެ ނުކުތާތަކާއި ގުޅިގެން ހަވާލާދީފައިވާ ހެކިތަކަށް ރިއާޔަތްކުރުމެއްނެތިކަމަށްވާތީ، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 106 ވަނަ ނަންބަރާއި އަދި ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި،
7.3 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ނިންމުމުގައި، ކޮވިޑް-19އާ ގުޅިގެން، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވަނީ، އެފަރާތުހެ ރުހުން ނެތިކަމަށް ކަނޑައަޅާފައިވަނީ، އިބްރާހީމް ޢަލީ ޟިމްނީކޮށް ރުހުން ދީފައިވާ (implied consent) އޮތް އޮތުމަށް ރިއާޔަތްކުރުމެއްނެތިކަމަށްވާތީ، މި ނިންމުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/30 ޤަޟިއްޔާ (ޙަސަން ޙަލީމް ވ.ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް) ގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި؛
7.4 މި މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީގޮތުން ނިންމި ގޮތުގެ ނަންބަރު 200-VTR/IJ/2022/63 ގައި އިބްރާހީމް ޢަލީގެ މުސާރައިން ރުހުމަކާއި ނުލާ އުނިކޮށް މުސާރަ ދިނުން ފަސްކުރެވިފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނާއި ޚިލާފަށްކަމަށް މި މައްސަލައިގެ ތެރެއިން ބެލުމުގެ އިހުތިސާސްނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނިކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި، ކޮވިޑް-19 އާއި ގުޅިގެން އިބްރާހީމް ޢަލީގެ މުސާރައިން އެކި ފަހަރުމަތުން ފައިސާ އުނިކޮށްފައިވަނީ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅާފައިވަނީ އިޖުރާއީގޮތުން ނިންމި ގޮތުގެ ނަންބަރު 200-VTR/IJ/2022/63 އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
7.5 ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ މާއްދާ މާނަކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/122 ޤަޟިއްޔާގައި އަމިއްލައަށް ވަޒީފާއިން ވަކިވާ ފަރާތްތަކަށްވެސް ނުނަގާހުރި ޗުއްޓީތަކަށްވާ ފައިސާދޭންޖެހޭނެކަމަށް ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ނިންމުމުގައި އިބްރާހީމް ޢަލީއަށް ނުނަގާވާ ޗުއްޓީއަށްވާ ފައިސާއަކީ އެފަރާތަށް ހައްޤުވާ ފައިސާއެއްކަމަށް ކަނޑާއަޅާފައިވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި 27 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
10އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
10.1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 އިޖުރާއީގޮތުން ނިންމި ގޮތުގައި، އިބްރާހީމް ޢަލީ ހުށަހެޅި ދަޢުވާގައި ހިމެނޭ، އޭނާގެ ރުހުމަކާ ނުލައި މުސާރައިން އުނިކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ދަޢުވާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅާފައިވަނިކޮށް، މައުޟޫއީ ގޮތުން މައްސަލަ ނިންމުމުގައި، މުސާރައިން އުނިކުރުމުގެ ފިޔަވަޅު އެޅުމާއި ގުޅޭ މައްސަލައެއް ކަމަށް އަމިއްލަ އިސްނެގުމުގެ މަތިން ކަނޑައަޅައި، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޝަރުތުތައް އިބްރާހީމް ޢަލީގެ މުސާރައިން އުނިކުރުމުގެ ފިޔަވަޅު އެޅުމުގައި ފުރިހަމަވޭތޯ ބަލައި ގޮތް ނިންމާފައިވާކަން.
10.2 އިބްރާހީމް ޢަލީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ބަޔާންތަކުގައި، ހުސޫމާތް އުފައްދާފައިވަނީ، އެފަރާތުގެ މުސާރައިން އުނިކޮށްފައިވަނީ އެފަރާތުގެ ރުހުން ނެތިކަމަށް ބުނެކަމާއި، އެއްވެސް އިރެއްގައި އަރާކިސްގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްފައިވާކަމާމެދު އިއުތިރާޒުކޮށްފައިނުވާކަމާއި، އަދި، 5 ޖުލައި 2020 ގައި ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރ ބޯޑަށް ފޮނުވާފައިވާ ސިޓީއަކީ އެހެން ކުންފުންޏަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއްކަމަށް ބުނެ ނުވަތަ އެ ސިޓީގައިވާ ކަންކަމަކީ ރަނގަޅު މައުލޫމާތެއް ނޫންކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން އިއުތިރާޒުކޮށްފައި ނުވާކަން؛
10.3 ސުޕްރީމް ކޯޓުގެ ނަންބަރު [2023] SC 15 ޤަޟިއްޔާގެ 24 ވަނަ ޕެރެގްރާފުގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ވާގިއާ ނުވަތަ ވާގިއާތަކަކީ ހުށަހެޅިފައިވާ ދަޢުވާ ނުވަތަ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ އަދި އެ ޚިލާފުގެ މައްޗަށް ކޯޓުގެ ޙުކުމަކަށް އެދިގެން ޚަސްމުން ކޯޓަށް ހުށަހެޅި މައިގަނޑު ވާޤިއާއަށް ކަމަށް ބަޔާންކޮށްފައިވާކަން؛
10.4 ސުޕްރީމް ކޯޓުގެ އިސްމާޢިލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި، މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ހަސްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމާމެދު މައްސަލައިގެ ހަސްމުން ދެކޭގޮތް ހޯދަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، ހަސްމުން އެދޭނަމަ އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް ތައުނުކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ޓްރައިބިއުނަލަށް މައްސަލައިގެ ދެ ހަސްމުން ވެސް އިއުތިރާޒުނުކުރާ ނުކުތާއެއް ފާހަގަވެފައިވާއިރު، އެކަމާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމާމެދު އިބްރާހީމް ޢަލީ އަދި އަރާކިސް ދެކޭގޮތް ހޯދައި އަދި ހަސްމުން އެދޭނަމަ އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް، ތައުނުކުރުމުގެ ފުރުސަތު ދީފައި ނުވާކަން؛
10.5 އަރާކިސްގެ ދަށުން އެކި ނޫސްވެރިކަމުގެ ވިޔަފާރި ހިންގާއިރު "މިހާރު" ނޫހާއި "ދި އެޑިޝަން" ނޫހާއި އަދި "ދ" ނޫހަކީ އަރާކިސް މެނޭޖުކުރާ ނޫސްތަކެއްކަމާއި، 5 ޖުލައި 2020 ގައި ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލަރ، ބޯޑަށް ފޮނުވާފައިވާ ސިޓީއަކީ ކުންފުނިން ހިންގާ އެކިއެކި ވިޔަފާރިތަކަށް ޖުމްލަކޮށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ތަފްސީލު ހިއްސާކުރުމަށް ފޮނުވާފައިވާ ސިޓީއެއްކަމާއި، ހުސޫމާތުގައި ނުހިމެނޭ އަދި އަރާކިސް ނޫން އެހެން ކުންފުންޏެއްގެ ލިޔުމެއް އަރާކިސް އިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމުގެ އިހުތިމާލު އޮތްކަމަށް ޤަބޫލުކުރުމަކީ ހަމަޖެހޭ ވާހަކައެއް ނޫންކަން؛
10.6 19 ޖުލައި 2020 ގައި އަރާކިސް އިން ނެރެފައިވާ މެމޯގައި ވެސް ފައިނޭންޝަލް ކޮންޓްރޯލަރގެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ހިމަނާ، ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާކަމަށް ބޯޑު މެންބަރުން ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާކަން؛
10.7 އެހެންކަމުން، އަރާކިސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ފޮނުވާފައިވާ ސިޓީއާ ގުޅިގެން އަރާކިސް އިން ދެކޭގޮތް ފާހަގަކުރުމުގެ ފުރުސަތު ދީފައި ނުވާއިރު އަދި އެކަމާ ގުޅިގެން ހުށަހަޅަންޖެހޭ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުމަކީ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.
ދެވަނަ ނުކުތާއާ ގުޅޭ
11އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
11.1 އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާނީ އެ ފައިސާ އަނބުރާ ދިނުމުގެ ނިޔަތުގައި ނޫންކަމަށް ފާހަގަކޮށްފައިވާނެކަމަށާއި، އެފަދައިން އިބްރާހީމް ޢަލީއަށް އަންގާފައި ވެސް ނުވާނެކަމަށާއި، އަދި، މުސާރައިން އުނިކުރުމަށް އިބްރާހީމް ޢަލީ ޟިމްނީގޮތުން ރުހުންދީފައިވާއިރު، އަރާކިސް އިން ޢަމަލުކޮށް ފައިވަނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އާ އެއްގޮތަށްކަން؛
11.2 އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ، ފަސްކުރެވިފައިވާ ފައިސާއެއް (deferred payment) އެއް ނޫންކަމާއި އެއީ އުނިކުރެވިފައިވާ ފައިސާއެއް (pay cut) ކަމާއި އަދި މުސާރައިން އުނިކުރުމަށް (pay cut) އިބްރާހީމް ޢަލީ ރުހުން ދީފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހެޅިކަމާއި، އެހެންނަމަވެސް، މުސާރައިން އުނިކޮށްފައިވަނީ އެފަރާތުގެ ރުހުމަކާ ނުލައިކަން ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިއާޔަތްކޮށްފައިވަނީ އިބްރާހީމް ޢަލީ ފުރިހަމަކުރި ޑިޖިޓަލް ސަރވޭއަށް އެކަނިކަން؛
11.3 އިބްރާހީމް ޢަލީގެ މުސާރައިން އުނިކުރުމަށް އެއްބަސްވެފައިވަނީ ޟިމްނީކޮށްކަމާއި މިއީ ސައްހަ އެއްބަސްވުމެއްކަމަށް ބުނެ އަރާކިސްގެ ފަރާތުން ދަފްޢު ހުށަހަޅާފައިވާއިރު، މިދަފްޢާ ގުޅިގެން އެއްވެސް ގޮތެއް ނިންމާފައި ނުވާކަން؛
11.4 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައި ގޮތެއް ނިންމުމުގައި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބަލާ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން؛
11.5 ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގެ 35 ވަނަ ޕެރެގްރާފުގައި މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދަޢުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާ ބެހޭގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެހެކިތަކަށް ބުރަދަން ދެވުނުގޮތް އަދި މައްސަލަ ސާބިތުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާގޮތަށް ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެކަމަށް ކަނޑައަޅާފައިވާކަން؛
11.6 އެހެންކަމުން، އިސްތިއުނާފުކޮށްފައި މިވާ މައްސަލައިގައި، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައި ވަނީ އެފަރާތުގެ ރުހުން ނެތިކަމަށް ކަނޑައަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 106 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަން.
ތިންވަނަ ނުކުތާއާ ގުޅޭ
12އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
12.1 ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާއި ދެމެދު އެއްބަސްވާ ހާލަތެއްގައި ވަޒީފާގެ އެއްބަސްވުމަށް ބަދަލު ގެނެވިދާނެކަމަށާއި، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވާ ފަދައިން ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ޤާނޫނުގައިވާ ގޮތުގެ މަތިން މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އުނިކުރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި މުސާރައިން އުނިކުރުމުގެ ނުވަތަ މުސާރަ ދިނުން ފަސްކުރުމުގެ ފިޔަވަޅުއެޅޭނީ، މުވައްޒަފާ އެކަން މަޝްވަރާކޮށް އަދި އެ ބަދަލުގެނައުމަށް މުވައްޒަފު އެއްބަސްވާނަމަ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގައި ސަރީހަކޮށް އެފަދަ އެއްބަސްވުމެއް ލިޔުމުން އޮތުން ލާޒިމުކޮށްފައި ނުވާކަން ސާފުކަން؛
12.2 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ޤާނޫނެއްގައި އެހެން ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި، ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޤާނޫނުގައި ވަކި ހާއްސަ ގޮތަކަށް އެކުލަވާލަން ލާޒިމް ނުކުރާ ނުވަތަ ވަކި ހާއްސަ ރަސްމީ ސިފައެއްގައި އޮތުން ލާޒިމް ނުކުރާ ކޮންމެ ކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓެއްގައި ހިމެނޭ އެއްފަރާތުން އަނެއްފަރާތަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ޤަބޫލުކުރުމުން ވުޖޫދަށް އަންނަ "ރިޟާއީ" (consensual) ކޮންޓްރެކްޓެއްކަމާއި އެފަދަ ކޮންޓްރެކްޓަކީ، އޭގެ ޒާތުގައި ކޮންޓްރެކްޓަކަށްވާން ނުޖެހޭކަމާއި، ސާބިތުކުރުމަށްޓަކައި ލިޔެފައި އޮތުން ޝަރުތުކުރެވުމަކީ، އޭގެޒާތުގައި ކޮންޓްރެކްޓްގެ ވުޖޫދުވުން ނަފީކުރެވޭނެ ކަމެއް ނޫންކަމާއި ކޮންޓްރެކްޓް ވުޖޫދަކީ ތަފާތު ވަސީލަތްތަކުން ސާބިތުކުރެވިދާނެ އެއްޗެއްކަން؛
12.3 ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ އެއްބަސްވުން ވަކި ސިފައެއްގައި އޮތުން ލާޒިމުކޮށްފައިނެތަތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ސުޕްރީމް ކޯޓުގެ ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، އިބްރާހީމް ޢަލީ ޟިމްނީގޮތުން ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭކަން؛
12.4 ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ވަޒީފާގެ އެއްބަސްވުން އޮންނަންޖެހޭނީ ލިޔުމުންކަމަށް ބަޔާންކޮށްފައިވާތީ، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ވެސް އެއީ ވަޒީފާއާގުޅޭ އެއްބަސްވުމެއްކަމަށްވާތީ، މި އެއްބަސްވުން ވެސް އޮންނަންޖެހޭނީ ލިޔުމުންކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގައި ވެސް މިފަދަ އެއްބަސްވުން ލިޔުމުން އޮތުން ޝަރުތުކޮށްފައިވަނީ، ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ޝަކުލިއްޔާތެއްގެ (formality) ގޮތުގައިކަން؛
12.5 ބަހުސްގެ ބޭނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ލިޔުމުން އޮންނަންޖެހޭ އެއްބަސްވުމެއް އެކުލަވާލާފައި ނެތްކަމަށް ބެލި ނަމަވެސް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮންނަ ގުޅުމާއި (employment relationship) އަދި ދެފަރާތުގެ ދެމެދު އެއްބަސްވެފައިވާ ކަންކަން ނަފީކުރުމެއްނެތި، މިފަދަ ޝަކްލިއްޔާތެއް (formality) ފުރިހަމަ ނުކުރުމުގެ އަދަބެއްގެ ގޮތުގައި 2000ރ. އާއި 20,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަނޑައަޅާފައިވާކަން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ފ) އަށް ބެލުމުން އެނގޭކަން؛
12.6 އަރާކިސް އާއި އިބްރާހީމް ޢަލީއާ ދެމެދު ކޮވިޑް-19 އާއި ގުޅިގެން މުސާރައަށް ބަދަލުތައް ގެނެވިފައިވާކަން ލިޔުމުން ފެންނަން ހުރިކަން ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔެކިއުމުން ދޭހަވާކަމަށާއި، އެހެންކަމުން، ބަހުސްގެ ބޭނުމަށް މި މައްސަލައިގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ލިޔުމުން އޮންނަންޖެހޭ އެއްބަސްވުމެއްކަމަށް ބަލައި، މި މައްސަލައިގައި ހުށަހެޅި ލިޔުންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިޔުން ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި އެ ބަޔާންކުރާ އެއްބަސްވުންކަމަށް ބަލާނެ ޝަރުތު ހަމަނުވިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރެއިން އެފަދަ ލިޔުމުން ދައްކުވައިދޭ އެއްބަސްވުމެއް އޮތުމަކީ ފުރިހަމަކުރަންޖެހޭ ޝަކުލިއްޔާތާއި (formality) ގުޅޭ ކަމަކަށްވެފައި އެ ސަބަބަށްޓަކައި މިފަދަ އެއްބަސްވުމުގެ ސައްހަކަން ނަފީނުކުރެވޭތީ އިބްރާހީމް ޢަލީ ޟިމްނީކޮށް ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްކަމަށް ބަލައި ގަންނަންޖެހޭކަން.
ހަތަރުވަނަ ނުކުތާއާ ގުޅޭ
13އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
13.1 މި މައްސަލައިގައި ހިމެނޭ ހުސޫމާތަކީ، ފަސްކުރެވިފައިވާކަމަށް ބުނާ މުސާރަ (deferred payment) އަކީ، އަނބުރާ އިބްރާހީމް ޢަލީއަށް ދޭންޖެހޭ ފައިސާއެއްކަމާ މެދުގައިކަމާއި، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން، އިބްރާހީމް ޢަލީގެ އުޖޫރައިން ބައެއް ދިނުން ފަސްކުރިކުރުމުގެ މައްސަލަ، އެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފުކަމަށް ބެލުމުގެ އިހުތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންނުވާކަން ސާފުކަމާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ގޮތުން ނިންމާފައިވާ ނިންމުން މިހާރު ހައިކޯޓުގައި ނިހާއީ ވެފައިވާކަން؛
13.2 ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ގޮތުން ނިންމި ގޮތުގެ ނަންބަރު 200-VTR/IJ/2022/63 އަށް ބިނާކޮށް، ގޮތް ކަނޑައަޅަންޖެހެނީ، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ، ފަސްކުރެވިފައިވާ ފައިސާއެއްކަމާ މެދުގައިކަން.
13.3 ފަސްކުރެވިފައިވާ ފައިސާއެއްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން އެފަދަ ފަސްކުރެވިފައިވާ ފައިސާއެއް އެންމެ ލަސްވެގެން ވަޒީފާގެ އެއްބަސްވުން ނިމުމަކަށް އަންނަތާ 7 ދުވަހު ތެރޭގައި ވަޒީފާއަދާކުރާ ފަރާތަށް ދޭން ލާޒިމުކޮށްފައިވާކަމާއި، އުނިކުރެވިފައިވާ ފައިސާއަކީ ފަސްކުރެވިފައިވާ ފައިސާއެއްނަމަ، އެފައިސާއެއް ނުދިނުމުން ދަޢުވާކުރުމުގެ ސްޓެޓިއުޓަރީ ލިމިޓޭޝަން އަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19 ވަނަ މާއްދާގައިވާ މުއްދަތުގައިކަމާއި، ނަމަވެސް، ޓްރައިބިއުނަލް ޤަވާޢިދުގައި އެވާ މުއްދަތު ތަތުބީގުކުރެވޭނީ މި މައްސަލައިގައި އުނިކޮށްފައިވާ ފައިސާއަކީ ފަހުން ދިނުމަށް އުނިކޮށްފައިވާ ފައިސާއަކަށްވާ ނަމަކަން؛
13.4 އިޖުރާއީ ނިންމުމާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ، މި ދަޢުވާއަކީ އިބްރާހީމް ޢަލީގެ އުޖޫރައިން އެފަރާތުގެ ރުހުމަކާ ނުލައި އުނިކޮށްފައިވާ ފައިސާ ހޯދުމާއި ގުޅޭ ފައިސާއެއް ކަމަށް އަމިއްލަ އިސްނެގުމުގެ މަތިން ކަނޑައަޅައި، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވަނީ، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފަށްކަން؛
13.5 އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި، ކޮވިޑް-19 އާ ގުޅިގެން، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ދަޢުވާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީގޮތުން ނިންމިގޮތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާފުވާކަން.
ފަސްވަނަ ނުކުތާއާ ގުޅޭ
14އިސްތިއުނާފީ ފަސްވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
14.1 ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މާއްދާގެ އިބާރާތުން ސާފުވަނީ، ޗުއްޓީއަށް ލިބެންވާ ފައިސާ ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ނުދީ އޮތްނަމަ، އެފައިސާ އެ މުވައްޒަފަށް ދިނުން ލާޒިމުވަނީ، ވަޒީފާއިން ވަކިކުރާ (termination/dismissal) ހާލަތުގައި އެކަނިކަމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވަޒީފާއިން ވަކިކުރާނަމަ" އަދި "ވަޒީފައިން ވަކިކުރާއިރު" މިއިބާރާތްތަކަކީ އިތުރު މާނައެއް ދޭހަވާ އިބާރާތްތަކެއް ނޫންކަން؛
14.2 ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގެ މަސައްކަތުގެ އަޚްލާޤު އަދި ވަޒީފާއިން ވަކިކުރުމުގެ ބައިގައި ވަޒީފާއިން ވަކިކުރުމުގެ (termination/dismissal) އިބާރާތުގައި ވަކި ހާއްސަ ހާލަތްތައް ސަރީހަކޮށް ބަޔާންކޮށްފައިވާކަމާއި، އަދި، މިބައިގައި ވަޒީފާދޭ ފަރާތުގެ އެއްވެސް ޚިލާފުވުމަކާއި ނުލައި، މުވައްޒަފަކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ (resignation) ހާލަތް ހިމެނިފައި ނުވާކަމުން، މިޤާނޫނު އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ނިޔަތަކީ ވެސް، ވަޒީފާއިން ވަކިކުރުމުގެ (termination/dismissal) އިބާރާތުގެ ތެރޭގައި އަމިއްލައަށް ވަޒީފައިން ވަކިވެގެންދާ މުވައްޒަފުގެ ހާލަތް ހިމެނިގެން ދިއުންކަމުގައި ނުދެކޭކަން؛
14.3 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ އިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ އާންމު މާނަ އެގޮތުގައި ދެމެހެއްޓުން އިސްކަންދޭންވާނެކަމަށާއި، އަދި މިޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގައި ގާނޫނެއް އެކުލަވާލުމުގައި، ވަކި ބަހެއް ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް، ގާނޫނުގައި ބޭނުންކޮށްގެން، އެބަހުން ނުވަތަ އިބާރާތުން ނުވަތަ ޖުމްލައިން ދޭން ބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި ބަލަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން؛
14.4 ހަމަ އެހެންމެ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި އެ ބަހަކުން ނުވަތަ އިބާރާތަކުން ނުވަތަ ޖުމްލައިން ވަކި މާނައެއް ދޭހަވަނާމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކޮށް އޭގައި ނުހިމެނޭ ކަންކަން ހިމެނުން މަނާކޮށްފައިވާކަން؛
14.5 މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު 37 ވަނަ މާއްދާގެ (ށ) ގައި ވަކި ޤާނޫނެއްގައި ވަކި ބަހެއް މާނަކޮށްފައިވާނަމަ، އެހެންގޮތަކަށް އެ ޤާނޫނުގައި ދޭހަނުވާހާ ހިނދަކު، އެ ބަހެއް ބޭނުން ކުރަންވާނީ އެ ޤާނޫނުގައި ބޭނުންކޮށްފައިވާ ގޮތަށްކަން ބަޔާންކޮށްފައިވާކަން؛
14.6 ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ވަޒީފާއިން ވަކިކުރުމުގެ (termination/dismissal) އިބާރާތް ތެރޭގައި ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ (Resignation) ހާލަތް ހިމެނިފައި ނުވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ވަޒީފާއިން ވަކިކުރާނަމަ" އަދި "ވަޒީފާއިން ވަކިކުރާއިރު" އިބާރާތްތަކުގެ ތެރެއަށް ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ހާލަތް ހިމެނުމަކީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި އެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.
އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް
15އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ؛ " ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ނިންމުމުގައި އިބްރާހިމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ ފަސްކުރެވިފައިވާ ފައިސާއެއްނޫންކަމަށް ކަނޑައަޅާފައިވާ ނިންމުން ދަމަހައްޓައިދިނުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް؛ އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާގޮތުގެ މަތިން، ކޮވިޑް-19 އާއި ގުޅިގެން، އިބްރާހިމް ޢަލީގެ މުސާރައިން އުނިކޮށްފައިވަނީ، މުސާރައިން އުނިކުރުމަށް އިބްރާހިމް ޢަލީ ޟިމްނީކޮށް އެއްބަސްވެގެންކަމަށް ސާބިތުވާކަމާއި މިފަދަ އެއްބަސްވުމަކީވެސް ސައްހަ އެއްބަސްވުމެއްކަމަށް ކަނޑައަޅައިދެއްވުމަށާއި، އެހެންކަމުން މިފައިސާއަކީ އިބްރާހިމް ޢަލީއަށް ދޭންޖެހޭ ފައިސާއެއްނޫންކަމަށް ކަނޑައަޅައިދެއްވާ؛ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގައި ނުނަގާހުރި ޗުއްޓީއަށްވާ ފައިސާއަކީ އިބްރާހިމް ޢަލީ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްގެ ހައިސިއްޔަތުންވެސް، އެފަރާތަށް ހައްޤުވާ މުސާރައެއްކަމުގައި ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) އާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު 3 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އާއި އެޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ކަމުގައިވާތީ، މިނިންމުން ހައިކޯޓުން އަލުން ބަލައި ގޮތެއް ނިންމަވާދެއްވުމަށެވެ." އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން ފުރަތަމަ ނުކުތާއާ ގުޅޭ
16އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
16.1 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވެސް އަދި ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގައި ވެސް ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެ ކަމުގައިކަން، އަދި މިވަގުތު ވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭ ގޮތަކީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެ ކަމުގައިކަން؛
16.2 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ ރުހުމަކާ ނުލާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އިސްތިއުނާފުކުރާ ފަރާތުން ފައިސާ އުނިކޮށްފައިވާތީ، މި ފައިސާ ހޯދުމަށްކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި މައްސަލައަށް ޖަވާބުދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވަނީ، އެފަރާތުން ފައިސާ އުނިކޮށްފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމުގައިކަން؛
16.3 އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވާކަމާއި، އަދި އެ ހުށަހެޅުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައި ކަނޑައަޅުއްވާފައިވާކަން؛ ސަބަބަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެހެން ޤާނޫނެއްގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްޗެއް އުނިކުރެވިދާނެ ކަމުގައި ބަޔާންކޮށްފައިވާތީކަމާއި، އެހެންކަމުން، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ތަތުބީޤު ކުރުމަށް އެދިފައިވަނީ ހުދު އިސްތިއުނާފުކުރާ ފަރާތުންކަން؛
16.4 އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލްގައި ހުށަހަޅާފައިވާ އެންމެހާ ހުށަހެޅުމެއް ބިނާވެގެންވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ މައްޗަށް ބުރަވެކަމަށްވީ ނަމަވެސް، ހައިކޯޓުގައި އެފަރާތުން ވަކާލާތު ކުރަނީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އަކީ މި މައްސަލައަށް ތަތުބީޤު ކުރެވިގެން ނުވާނެ ޤާނޫނެއް ކަމުގައިކަމާއި، އެހެން ކަމުގައިވަނީނަމަ، މިއީ ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުން އަމިއްލައަށް ނަފީކުރުންކަމާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަކީ އޭގެ ޒާތުގައި ފުށުއެރުންތަކެއް ހުރި، އަދި ދެކޮޅުނުޖެހޭ ހުށަހެޅުމެއްކަން؛ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އަމަލު ނުކުރެވޭނެނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކުރި ކުރުމަށް އެއްވެސް ޤާނޫނީ އަސާސެއް ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ވަނީ ނުކުޅެދިފައިކަން؛
16.5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށާއި، މި މާނައިގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢު" ކުރާ ފަރާތްކަމަށް ބަޔާން ކޮށްފައިވާކަން؛
16.6 އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކޮށްފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ ދަށުން ޝަރުޢީ ހަމަތަކާ އެއްގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ވަނީ ޓްރައިބިއުނަލްގައި ބުނެފައިކަމާއި، މިހާރު އިސްތިއުނާފު ރައްދުވާ ފަރާތުން ވަކާލާތުކުރާ ފަދައިން އެ ޤާނޫނު މިކަމަށް ނުހިނގާނަމަ، އެފަރާތުގެ ދިފާޢު ބާތިލުވެގެންދާކަން؛ މުސާރައިން އުނިކުރުމަށް ހުއްދަދޭ ޤާނޫނީ އަސާސެއް ސާބިތުކޮށްދެވިފައި ނުވާތީ، އެ އުނިކުރުންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެއްވެސް އުސޫލެއް ނެތި ކުރެވިފައިވާ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ޝައްކެއް ނެތްކަން؛
16.7 ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ގޯސްކޮށް ނޫންކަމާއި، ޓްރައިބިއުނަލުން ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ބޭނުންކޮށްފައިވަނީ މައްސަލަ ނިންމުމަށް އަމަލުކުރަންޖެހޭ މައިގަނޑު ޤާނޫނުގެ ގޮތުގައިކަމާއި، ނަމަވެސް، އެ ޤާނޫނު ބަލާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ދިފާޢު ވަޒަންކުރުމުގެ ހަނި މަޤްޞަދުގައިކަމާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުގެ މި އިސްތިއުނާފީ ނުކުތާއަކީ އެއްވެސް ބުރަދަނެއް ހުރި ނުކުތާއެއް ނެތް ބާޠިލު ނުކުތާއެއް ކަން.
ދެވަނަ ނުކުތާއާގުޅޭ
17އިސްތިއުނާފީ ދެވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17.1 އިސްތިއުނާފު ފޯމުގެ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާޒުކުރާ ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާކަމަށާއި، މިގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 16.1.9 ވަނަ ނުކުތާއަށް ރިއާޔަތް ކުރުމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށްފައިވާކަން އެނގޭކަން؛ އަދި މީގެ އިތުރުން 18 މާރޗް 2020 ގައި ނެރިފައިވާ ނޯޓިހަށް ވެސް ރިއާޔަތްކޮށްފައިވާކަމާއި، އަދި ހަމަ އެހެންމެ، 16.1.6 ވަނަ ނުކުތާއާއި 16.1.7 ވަނަ ނުކުތާއަށް ބެލުމުން 28 ޖެނުވަރީ 2021 ގައި ފޮނުވި ލިޔުމަށް ވެސް ރިއާޔަތްކޮށްފައިވާކަން؛
17.2 އިސްތިއުނާފު ރައްދުވާ ފަރާތުން ފުރިހަމަކޮށްފައިވާ ޑިޖިޓަލް ފޯމަކީ އިސްތިއުނާފު ހުށަހެޅި ފަރާތުގެ މާލީ ދަތިކަމުގެ ހާލަތާއި ގުޅިގެން މުވައްޒަފުންގެ ހިޔާލާއެކު، މުވައްޒަފުންނާ މަޝްވަރާކޮށް އަޅަން ފެންނަ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި މުވައްޒަފުންނަށް ފުރުމަށް ފޮނުވާފައިވާ ފޯމެއްކަމާއި، މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން އުޖޫރައިން އުނިކުރުމަށް ޟިމްނީ ގޮތުން ރުހުން ދިނުމަށް ފުރާފައިވާ ފޯމެއް ނޫންކަން؛ ބަހުސްގެ ބޭނުމަށް މިގޮތަށް ޟިމްނީ ގޮތުން ރުހުން ދިންކަމުގައި ބަލާ ހާލަތުގައި ވެސް، އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައިން އުނިކުރުމަށް ފެންނަނީ އެންމެ -/1,000ރ. (އެއްހާސް ރުފިޔާ) ކަމަށް ބަޔާންކޮށްފައިވާކަން؛ އެހެންކަމުން، ޓްރައިބިއުނަލުން ވަނީ ޟިމްނީކޮށް އަދި އެކްސްޕްރެސްކޮށް ވެސް ރުހުން ދީފައިނުވާކަމަށް ކަނޑައަޅާފައިކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މިކަމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 106 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ ލަތީފް އަލީ ޙަސަން ޤަޞިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށްކަން.
ތިންވަނަ ނުކުތާއާގުޅޭ
18އިސްތިއުނާފީ ތިންވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
18.1 އިސްތިއުނާފު ރައްދުވާ ފަރާތުން ފުރިހަމަކޮށްފައިވާ ޑިޖިޓަލް ފޯމަކީ އިސްތިއުނާފު ހުށަހެޅި ފަރާތުގެ މާލީ ދަތިކަމުގެ ހާލަތާއި ގުޅިގެން މުވައްޒަފުންގެ ހިޔާލާއެކު، މުވައްޒަފުންނާ މަޝްވަރާކޮށް އަޅަން ފެންނަ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި މުވައްޒަފުންނަށް ފުރުމަށް ފޮނުވާފައިވާ ފޯމެއްކަމުން، އިސްތިއުނާފުކުރާ ފަރާތުން ހަވާލާދޭ ޑިޖިޓަލް ފޯމަކީ، މާލީ ދަތިތަކާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަރުޙަލާގެ ތެރެއިން ފޮނުވުނު ފޯމެއްކަމާއި، އެއީ މުވައްޒަފުންގެ މުސާރައިން އުނިކުރުމަށް ރުހުން ހޯދުމަށް ބޭނުންކުރި ލިޔުމެއް ނޫންކަމަށާއި، އަދި އެ ފޯމުގައި އުނިކުރަން ނިންމާފައިވާ މިންވަރާއި، މުއްދަތާއި، ނުވަތަ އުނިކުރާނެ ގޮތުގެ ސާފު ތަފްޞީލެއް ހިމަނާފައެއް ނުވާކަން؛
18.2 މުސާރައިން އުނިކުރުމަށް ދެވޭ ސާފު އެއްބަސްވުމެއް ނެތް ހާލަތެއްގައި، މުސާރައިން އެއްވެސް މިންވަރެއް އުނިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ ކަމެއްކަމާއި، ހަމައެކަނި މަޝްވަރާގެ މަރުޙަލާ އެއްގައި ބައިވެރިވުމަކުން ނުވަތަ ޚަރަދުކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މުވައްޒަފަކު ޚިޔާލު ފާޅުކުރުމަކުން، އެއީ މުސާރައިން އުނިކުރުމަށް ދެވުނު ރުހުމެއް ކަމުގައި މާނައެއް ނުކުރެވޭނެކަން؛
18.3 މިއީ އިސްތިއުނާފު ރައްދުވާ ފަރާތުން އުޖޫރައިން އުނިކުރުމަށް ޟިމްނީ ގޮތުން ވިޔަސް އެހެން ގޮތަކުން ވިޔަސް ރުހުން ދިނުމަށް ފުރާފައިވާ ފޯމެއް ނޫންކަން؛
18.4 ބަހުސްގެ ބޭނުމަށް މިގޮތަށް ޟިމްނީ ގޮތުން ރުހުން ދިންކަމުގައި ބަލާ ހާލަތުގައި ވެސް، އެ ރުހުމަކީ ހަމައެކަނި -/1,000ރ. (އެއްހާސް ރުފިޔާ) އުނިކުރުމަށް ދީފައިވާ ރުހުމެއްކަމަށާއި، އެ މިންވަރަށް ވުރެ އިތުރަށް އުނިކުރެވޭ ކޮންމެ މިންވަރަކީ ދެވުނު ކަމަށް ބުނާ ރުހުމުގެ ދާއިރާއިން ބޭރުން އުނިކުރެވިފައިވާ، ޣައިރު ޤާނޫނީ އުނިކުރުމެއް، ނަމަވެސް، އިސްތިއުނާފު ކުރާ ފަރާތުން ވަނީ އެއްވެސް ޤާނޫނީ ނުވަތަ އެއްބަސްވުމެއްގެ ބާރެއް ނެތި، އެ މިންވަރަށް ވުރެ އިތުރަށް މުސާރައިން އުނިކޮށްފައިކަން؛
18.5 އެހެންކަމުން، މި މައްސަލައިގައި އެއްވެސް މިންވަރަކަށް ރުހުން ދީފައި ނުވާ ކަމުގައި ބެލިޔަސް، ނުވަތަ ހަމައެކަނި -/1,000ރ. (އެއްހާސް ރުފިޔާ) އުނިކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޟިމްނީ ރުހުން ދީފައިވާ ކަމުގައި ބެލިކަމުގައިވިޔަސް، އިސްތިއުނާފު ރައްދުވާ ފަރާތުން މުސާރައިން އުނިކޮށްފައިވާ މިންވަރަކީ އެއްވެސް އުޞޫލެއް ނެތް، އަދި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު އުނިކުރުމެއްކަން.
ހަތަރުވަނަ ނުކުތާއާގުޅޭ
19އިސްތިއުނާފީ ހަތަރުވަނަ ނުކުތާއާ ގުޅިގެން އަންނަނިވި ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
19.1 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވެސް އަދި ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ވެސް ބަޔާންކޮށްފައިވަނީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެ ކަމުގައިކަމާއި، އަދި މިވަގުތު ވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދެކޭގޮތަކީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) މި މައްސަލައަށް ތަތުބީޤު ނުކުރެވޭނެ ކަމުގައިކަން؛
19.2 އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ ރުހުމަކާ ނުލާ އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އިސްތިއުނާފު ކުރާ ފަރާތުން ފައިސާ އުނިކޮށްފައިވާތީ، މި ފައިސާ ހޯދުމަށްކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި މައްސަލައަށް ޖަވާބު ދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވަނީ، އެފަރާތުން ފައިސާ އުނިކޮށްފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމުގައިކަން؛
19.3 އިސްތިއުނާފުކުރާ ފަރާތުގެ ހުށަހެޅުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވާކަމާއި، އަދި އެ ހުށަހެޅުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަމުގައި ކަނޑައަޅުއްވާފައިވާކަމާއި، ސަބަބަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެހެން ޤާނޫނެއްގައިވާ ގޮތުގެމަތިން ވަޒީފާދޭ ފަރާތަކުން އޭނާގެ މުވައްޒަފުންނަށް ދޭ މުސާރައާއި އުޖޫރައިން އެއްޗެއް އުނިކުރެވިދާނެ ކަމުގައި ބަޔާންކޮށްފައިވާތީކަމާއި، އެހެންކަމުން، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ތަތުބީޤު ކުރުމަށް އެދިފައިވަނީ ހުދު އިސްތިއުނާފު ކުރާ ފަރާތުންކަން؛
19.4 އިސްތިއުނާފު ކުރާ ފަރާތުން ޓްރައިބިއުނަލްގައި ހުށަހަޅާފައިވާ އެންމެހާ ހުށަހެޅުމެއް ބިނާވެގެންވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ މައްޗަށް ބުރަވެކަމަށާއި، އެގޮތުން، ތިމަންނާމެން ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމުގައި އާއި، އެފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ކަމުގައި ބުނެ، އެކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން ފައިސާ އުނިކޮށްފައިވާ ކަމުގައި ބުނެ މައްސަލައިގެ ޖަވާބު ހުށަހަޅާފައިވަނީ ހުދު އިސްތިއުނާފު ކުރާ ފަރާތުންކަން؛
19.5 އެހެންނަމަވެސް، މިހިނދު މި ކޯޓުގައި އެފަރާތުން ވަކާލާތު ކުރަނީ، ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) އަކީ މި މައްސަލައަށް ތަތުބީޤު ކުރެވިގެން ނުވާނެ ޤާނޫނެއް ކަމުގައި ކަމަށާއި، އެހެން ކަމުގައި ވަނީނަމަ، މިއީ ޓްރައިބިއުނަލްގައި އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާ ހުށަހެޅުން އަމިއްލައަށް ނަފީކުރުންކަމާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއަކީ އޭގެޒާތުގައި ފުށުއެރުންތަކެއް ހުރި، އަދި ދެކޮޅުނުޖެހޭ ހުށަހެޅުމެއްކަމާއި، ޤާނޫނު ނަންބަރު 20/2020 އަށް އަމަލުނުކުރެވޭނެނަމަ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކުރި ކުރުމަށް އެއްވެސް ޤާނޫނީ އަސާސެއް ދެއްކުމަށް އިސްތިއުނާފުކުރާ ފަރާތުން ވަނީ ނުކުޅެދިފައިކަން؛
19.6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމަށާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢު" ކުރާ ފަރާތްކަމަށް ބަޔާންކޮށްފައިވާކަން؛
19.7 އިސްތިއުނާފު ރައްދުވާ ފަރާތުގެ މުސާރައިން އުނިކޮށްފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020)ގެ ދަށުން ޝަރުޢީ ހަމަތަކާ އެއްގޮތަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލްގައި ބުނެފައިވާއިރު، މިހާރު އިސްތިއުނާފު ރައްދުވާ ފަރާތުން ވަކާލާތުކުރާ ފަދައިން އެ ޤާނޫނު މިކަމަށް ނުހިނގާނަމަ، އެފަރާތުގެ ދިފާޢު ބާތިލުވެގެންދާ ކަމާއި، މުސާރައިން އުނިކުރުމަށް ހުއްދަދޭ ޤާނޫނީ އަސާސެއް ސާބިތުކޮށްދެވިފައި ނުވާތީ، އެ އުނިކުރުންތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އެއްވެސް އުސޫލެއް ނެތި ކުރެވިފައިވާ ޣައިރު ޤާނޫނީ އަމަލެއް ކަމުގައި ޝައްކެއް ނެތްކަން؛
19.8 އެހެންކަމުން، މަތީގައިވެސް ބަޔާންކުރެވިފައިވާ ފަދައިން، ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ގޯސްކޮށް ނޫންކަމާއި، ޓްރައިބިއުނަލުން ޤާނޫނު ނަންބަރު 20/2020 (ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ބޭނުންކޮށްފައިވަނީ މައްސަލަ ނިންމުމަށް އަމަލުކުރަންޖެހޭ މައިގަނޑު ޤާނޫނުގެ ގޮތުގައި ނޫންކަމަށާއި، ނަމަވެސް، އެ ޤާނޫނު ބަލާފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ) ގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދިފާޢު ވަޒަންކުރުމުގެ ހަނި މަޤްޞަދެއްގައިކަމުން، އިސްތިއުނާފުކުރާ ފަރާތުގެ މި އިސްތިއުނާފީ ނުކުތާއަކީ އެއްވެސް ބުރަދަނެއް ހުރި ނުކުތާއެއް ނެތް ބާޠިލު ނުކުތާއެއްކަން.
ފަސްވަނަ ނުކުތާއާގުޅޭ
20އިސްތިއުނާފީ ފަސްވަނަ ނުކުތާއާގުޅިގެން ތިރީގައިވާ ކަންކަން އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20.1 ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2010/HC-A/122 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފަކަށް ޙައްޤުވެފައިވާ އަހަރީ ޗުއްޓީގެ ދުވަސްތަކުން ބޭނުންކޮށްފައިނުވާ ދުވަސްތަކުގެ ފައިސާ ދިނުމުގައި، ވަޒީފާދިން ފަރާތުގެ މުވައްޒަފު ވަކިކުރާ ޙާލަތުގެ އިތުރުން މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ޙާލަތުގައި ވެސް އެ މުވައްޒަފަކަށް ލިބެންވާ އަހަރީ ޗުއްޓީއަކުން ބޭނުންނުކޮށްވާ ދުވަސްތަކުގެ ފައިސާ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ދޭންވާނެކަން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ)ގެ އިތުރުން، އެ މާއްދާގެ (ރ) އާއި (ބ) އަށް ބެލުމުން އެގެން އޮންނަކަން.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް
21އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ؛
21.1 އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ؛
21.2 މުސާރައާއި ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން ޟިމްނީކޮށް އެއްބަސްވުމެއް ވެފައިވާ ކަމުގައި ސާބިތުވާ ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދީ؛
21.3 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގައި ނުނަގާހުރި ޗުއްޓީއަށްވާ ފައިސާއާ ގުޅޭގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އަލުން ބަލައި ގޮތެއް ނިންމަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތަށް ފާހަގަކުރެވޭ ކަންކަން
22މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަމަކީ؛
22.1 ކޮވިޑް-19 އާ ގުޅިގެން އަރާކިސްގެ ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައިވާކަން ހުށަހެޅިފައިވާ ހެކިތަކުން ފެންނަން ނެތްކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން ރަނގަޅުތޯ؟ އާއި؛
22.2 އިބްރާހީމް ޢަލީގެ މުސާރައިން އެކިފަހަރު މަތިން ފައިސާ އުނިކުރީ އޭނާގެ ރުހުމާ ނުލައިކަން ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، އަރާކިސްގެ ފަރާތުން ހުށަހެޅި ހެކިތަކާއި ފާހަގަކުރި ކަންކަމަށް ރިޢާޔަތްނުކޮށްތޯ؟ އާއި؛
22.3 މުސާރައިން އުނިކޮށްފައިވަނީ އިބްރާހީމް ޢަލީގެ ރުހުން ނެތީސްކަމަށް ޓްރައިބިއުނަލުން ކަނޑައެޅީ އޭނާގެ މުސާރައިން އުނިކުރުމަށް ޟިމްނީކޮށް ރުހުން ދީފައިވަނިކޮށްތޯ؟ އާއި؛
22.4 އިބްރާހީމް ޢަލީގެ މުސާރައިން އެކިފަހަރު މަތިން އުނިކޮށްފައިވަނީ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނާ ޚިލާފަށްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ކަނޑައަޅާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 އިޖުރާއީ ގޮތުން ނިންމި ގޮތާ ޚިލާފަށްތޯ؟ އާއި؛
22.5 ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) މާނަކުރުމުގައި ޓްރައިބިއުނަލުން ގޯހެއް ހަދާފައިވޭތޯ؟ އެވެ.
23ގޮތް ކަނޑައަޅަންޖެހޭކަމަށް އަހުރެންނަށް ފާހަގަވެފައިވާ ކަންކަމުގެ ތެރެއިން، އިސްތިއުނާފީ ފުރަތަމަ ހަތަރު ނުކުތާގައި ފާހަގަކުރި ކަންކަމަކީ، އިޖުރާއީ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމި ނިންމުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ހަތަރު ނުކުތާކަމަށް ބެލެވޭތީ، އިޖުރާއީ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމި ނިންމުމާ މައުޟޫއީ ގޮތުން ނިންމި ނިންމުމުގައި ނިންމާފައިވާ ނިންމުންތަކަށް ބަލައިގެން މެނުވީ އެ ނުކުތާތަކާމެދު ގޮތް ކަނޑައެޅިދާނެކަމަށް ނުދެކެމެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 އިޖުރާއީ ގޮތުން ނިންމި ގޮތް
24އިސްތިއުނާފުކޮށްފައި މިވާ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ޓްރައިބިއުނަލްގައި ބަލަމުންދަނިކޮށް، އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ކަމަށް ބުނާ ފައިސާއަކީ ކޮވިޑް-19 އާ ގުޅިގެން އުނިކުރެވުނު ފައިސާކަމަށާއި، އެ އުނިކުރުން ޤާނޫނާ ޚިލާފުކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ފާއިތުވި ފަހުން ކަމަށާއި، އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ވެސް ފާއިތުވި ފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އެހެންކަމުން އިބްރާހީމް ޢަލީގެ ފަރާތުން އެދިފައިވާ ފަދައިން އެ ފަރާތުގެ މުސާރައިން އުނިކުރެވިފައިވާ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ޝަކުވާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ.
25ޓްރައިބިއުނަލުން އިޖުރާއީ ނުކުތާއާ ގުޅިގެން ނިންމާފައިވަނީ، އިބްރާހީމް ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގެ ތެރެއިން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2021 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށްވާ މުއްދަތުގައި އެ ފަރާތަށް އުޖޫރައިގެ ގޮތުގައި ލިބެންޖެހި ނުލިބިވާކަމަށް އިބްރާހީމް ޢަލީގެ ފަރާތުން ބަޔާންކުރާ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ޝަކުވާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން މައުޟޫޢީގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ބައެއްކަމަށް ކަނޑައަޅައެވެ.
26މިފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެ ނިންމުމުން އެނގެއެވެ.
26.1 ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މުއްދަތަށް އިބްރާހީމް ޢަލީ އިންކާރުކޮށްފައިވާއިރު، އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑޮކިއުމެންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުމުގައި "މުސާރައިން އުނިކުރެވޭ ބައި، ޙާލަތު ރަނގަޅުވަމުންދާ ވަރަކުން އިޢާދަކުރަމުންދާނެ ވާހަކަ ދަންނަވަމެވެ" މިފަދައިން ބަޔާންކޮށްފައިވުމުން، އިބްރާހީމް ޢަލީގެ މުސާރައިން އުނިކޮށްފައިވާ ފައިސާއަކީ އެ ފަރާތަށް ލިބިދެވޭނެ ފައިސާއެއް ކަމުގައި އެ ފަރާތަށް ޤަބޫލުކުރުމުގެ އިހުތިމާލު މި ޢިބާރާތަށް ބެލުމުން ދޭހަކުރެވޭކަން؛
26.2 ބުނެވިދިޔަ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 9 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، (ށ) އާއި (ނ) އަދި (ޅ)އަށް ރިޢާޔަތްކުރާއިރު، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން މުވައްޒަފުންގެ އުޖޫރައިން މިންވަރެއް އުނިކުރުމުގައި ނުވަތަ އުޖޫރަ ދިނުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް އެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެ ފަރާތަށް ލިބެންޖެހޭ އުޖޫރައިން ބައެއްދިނުން ފަސްކުރުމަށްފަހު، ވަޒީފާއިން ވަކިވިއިރުވެސް އެބައި ލިބިފައި ނުވާތީކަން ފާހަގަކުރެވޭކަމާއި، އިބްރާހީމް ޢަލީގެ ފަރާތުން އުޖޫރައިން ބައެއްދިނުން ފަސްކުރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނެ މައްސަލައިގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ނެތްނަމަވެސް، އިބްރާހީމް ޢަލީގެ ފަރާތުން ހޯދުމަށް އެދިފައިވާ އުޖޫރައަކީ އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދޭންޖެހި ނުދީވާ އުޖޫރައަކަށް ވުމުގެ އިހުތިމާލު އޮތްކަން؛
26.3 އިބްރާހީމް ޢަލީގެ ފަރާތުން މައްސަލަ ހުށަހެޅިއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ހ) އޮތް ގޮތަށް ބަލާއިރު، ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެކަމާއި، އެހެނަސް އުޖޫރައާ ގުޅޭ މައްސަލަތައް އެ މާއްދާގައި ބަޔާންކުރާ 6 (ހައެއް) މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު ވެސް ހުށަހެޅިދާނެކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި އެ މާއްދާގެ (ށ) ގައި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ވަކި ބާވަތެއްގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ، އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތެއްކަމުގައި ބަލަންވާނީ އެ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައަޅާފައިވާ މުއްދަތުކަމަށް ބަޔާންކޮށްފައިވާކަމާއި، މި ޙާލަތުގައި، އުޖޫރައިން ދިނުން ފަސްކުރި ބަޔާގުޅޭ މައްސަލަ ހުށަހެޅުމުގެ މުއްދަތަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުކަމަށް ފެންނަކަން.
ހައިކޯޓުގެ ނަންބަރު 2023/HC-A/69 ޤަޟިއްޔާ
27ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 (29 ޑިސެންބަރު 2022) އިޖުރާއީގޮތުން ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއްކަމުގައި ކަނޑައަޅައި ދިނުމަށާއި، އެ އިޖުރާއީ އިޢުތިރާޟު ބަލައި ގޮތެއް ނިންމުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތަޙުވީލުކޮށްދިނުމަށް އެދި، އަރާކިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ.
28ހައިކޯޓުން އެ މައްސަލަ ބަލައި ނިންމާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-VTR/IJ/2022/63 (29 ޑިސެންބަރު 2022) "އިޖުރާއީގޮތުން ނިންމި ގޮތް" ބާޠިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައެވެ. އިޖުރާއީ ގޮތުން ނިންމި ގޮތާއި، މައުޟޫއީ ގޮތުން ނިންމި ގޮތް ފުށުއަރާތޯ ބެލުން
29ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމަށް ބަލާއިރު އަހުރެންނަށް ފާހަގަކުރެވުނީ، އިބްރާހީމް ޢަލީގެ މުސާރައިން އުނިކުރި ފައިސާއަކީ، އޭނާއަށް ފަހުން ދޭ ގޮތަށް އުނިކުރި ފައިސާއެއްނަމަ، އެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ މުއްދަތު ހަމަވެފައިނުވާތީ، މައްސަލަ މައުޟޫއީ ގޮތުން ބަލައި، އޭނާގެ މުސާރައިން އުނިކުރި ފައިސާއަކީ އޭނާއަށް ފަހުން ލިބެންޖެހޭ ފައިސާއެއްތޯ މައުޟޫއީ މައްސަލައިގައި ބަލަންޖެހޭކަމަށް ޓްރައިބިއުނަލަށް ބެލެވުނު ކަމެވެ. ޓްރައިބިއުނަލްގެ އިޖުރާއީ ނިންމުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ އަނެއްކަމަކީ، އިބްރާހީމް ޢަލީގެ ފަރާތުން އުޖޫރައިން ބައެއްދިނުން ފަސްކުރުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފުކަމަށް ބުނެ މައްސަލައިގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ނެތްކަމަށެވެ.
30ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވަނީ؛ "9. (ހ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގައި، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުން އަދާކުރާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައިގެންނުވާނެއެވެ. (1) ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުން؛ (2) ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުން؛ (3) ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ދޫކޮށްލުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ފިޔަވަޅެއް ވަޒީފާދޭ ފަރާތުން އެޅުމަށް ހުއްދަވާނީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި އެކަންޏެވެ. އެގޮތުން، ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮށްފައިވާކަން ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މި ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ކަމާބެހޭ ވުޒާރާއިން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ."
31ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވަނީ؛ "10. (ހ) މި ޤާނޫނުގެ 9 ވަނަ މާއްދާއާ ޚިލާފަށް އެއްވެސް ފަރާތަކުން މުވައްޒަފަކާމެދު ފިޔަވަޅު އަޅާފައިވާނަމަ، އެ މުވައްޒަފަކަށް އެކަމުގެ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ، މުވައްޒަފާމެދު ފިޔަވަޅު އަޅާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚާއި ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެންނަތާ 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚާ، މި ދެ ތާރީޚުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިންނެވެ."
32ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ނިންމުމުގެ 12.2 ވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ؛ "އެހެންކަމުން، މި މައްސަލައިގައި މައްސަލަ ހުށަހެޅި ފަރާތުގެ މުސާރައިން އުނިކުރަން ފަށާފައިވަނީ އިސްވެ ބަޔާންކުރެވުނު ގާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ތަސްދީގުކޮށް އެ ގާނޫނު ގެޒެޓު ކުރެވުމުގެ ކުރިންކަމުގައިވީ ނަމަވެސް، އެ ގާނޫނުގެ 3 ވަނަ މާއްދާގައި؛ "މި ޤާނޫނަށް ޢަމަލުކުރާނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވާ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ޙާލަތެއް ނިމުމަކަށް ގެންނަތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން، 12 މާރިޗު 2020 ގައި ދިވެހިރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް މި މައްސަލައަށް ގާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ތަތުބީގު ކުރެވޭނެކަމަށް ދެކެމެވެ."
33އިޖުރާއީ ނިންމުމުގައި ބަޔާންކޮށްފައިވަނީ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ގެ ދަށުން އިބްރާހީމް ޢަލީއަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް، އިބްރާހީމް ޢަލީގެ މުސާރައިން އުނިކުރި ފައިސާ އަކީ އޭނާއަށް ފަހުން ލިބިދޭންޖެހޭ ފައިސާއެއްތޯ ބަލަންޖެހޭކަމަށް އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅިގެން މައުޟޫއީ ނިންމުމުގައި ބަޔާންކޮށްފައިވަނީ؛ "...މައްސަލަ ރައްދުވި ފަރާތުގެ ގަސްތަކީ ވިޔަފާރިއަށް ކުރިއެރުން ލިބުނުހާ ވެސް އަވަހަކަށް މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ޢަދަދު އިއާދަކުރުންކަން އެނގެއެވެ. އަދި މައްސަލަ ރައްދުވި ފަރާތުން މުސާރަ 'އިއާދަކުރުން' ކަމުގައި ބަޔާންކޮށްފައިވަނީ މުވައްޒަފުންގެ މުސާރައިން އުނިކުރި އިންސައްތަ ދަށްކޮށް މުވައްޒަފުންނަށް ލިބެންވާ ފުރިހަމަ މުސާރައަށް އިއާދަކުރުން ކަމުގައި ބުރަވެވޭހިނދު މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހަށް ބަލާއިރު، އެފަރާތްތަކުގެ ހެކިބަހުން ވެސް މައްސަލަ ރައްދުވި ފަރާތް މުސާރަ އިއާދަކުރުންކަމުގައި ބަޔާންކޮށްފައިވަނީ މުސާރައިން އުނިކުރި އިންސައްތަ ކުޑަކޮށް ފުރިހަމަ މުސާރައަށް ރުޖޫއަވުން ކަމުގައި ކަމަށް ދެކޭކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރަމެވެ."
34HN1HN2އިސްވެ ބުނެވުނު ފަދައިން ކަނޑައެޅުމަށްފަހު، ޓްރައިބިއުނަލުން ދެން ބަލާފައިވަނީ މުސާރައިން ފައިސާ އުނިކޮށްފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިންތޯއެވެ. އަހުރެންނަށް ފާހަގަކުރެވެނީ އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ފަދައިން، އިޖުރާއީ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވާ އުޞޫލާ މައުޟޫއީ މައްސަލައިގެ ނިންމުމުގައި ބެލި ބެލުން ފުށުއަރާ ކަމަށެވެ. ސަބަބަކީ، އަލުން ދޭން ނުޖެހޭގޮތަށް މުސާރައިން އުނިކޮށްފައިވާނަމަ، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާކަން ޓްރައިބިއުނަލުން އިޖުރާއީ ނިންމުމުގައި ކަނޑައަޅާފައިވާތީއެވެ.
35އެހެންކަމުން، އަހުރެން ދެކެނީ، މުސާރައިން އުނިކޮށްފައިވަނީ އަލުން އެ ފައިސާ ދޭންޖެހޭގޮތަށް ނޫންކަން ޓްރައިބިއުނަލުން ކަނޑައެޅުމަށްފަހު، އެ ފައިސާ އުނިކޮށްފައިވަނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގައިވާ ގޮތުގެމަތިންތޯ ނޫންތޯ ދެން އެ ޓްރައިބިއުނަލަށް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިފައިނުވާ ކަމަށެވެ. އަދި އެއީ، އެ ޓްރައިބިއުނަލްގެ ނިންމުމާ ވެސް ފުށުއަރާ ކަމެއްކަން އެނގެން އޮވެއެވެ.
36މިފަދައިން އަހުރެންނަށް ބުރަވެވޭތީ، ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނަށް ރިޢާޔަތްކޮށް، އަރާކިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތް ބަލައި، ޓްރައިބިއުނަލުން ނިންމި ނިންމުންތަކަކީ، ބާޠިލު ނިންމުންތަކެއް ކަމަށް އަހުރެން ދެކެމެވެ.
37އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ހަތަރު ނުކުތާއާމެދު ވަކިވަކިން މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަމަށް އަހުރެން ނުދެކެމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) މާނަކުރުމުގައި ޓްރައިބިއުނަލުން ގޯހެއް ހަދާފައިވޭތޯ؟
38އިސްތިއުނާފީ ފަސްވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) މާނަކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/122 ޤަޟިއްޔާގައި އަމިއްލައަށް ވަޒީފާއިން ވަކިވާ ފަރާތްތަކަށް ނުނަގާހުރި ޗުއްޓީއަށްވާ ފައިސާ ދޭންޖެހޭނެކަމަށް ނިންމާފައިވާ ނިންމުމަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި، އިބްރާހީމް ޢަލީއަށް ނުނަގާވާ ޗުއްޓީއަށްވާ ފައިސާއަކީ އެފަރާތަށް ޙައްޤުވާ ފައިސާއެއްކަމަށް ކަނޑައަޅާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ ޙަވާލާދީފައިވާ މާއްދާތަކާ ޚިލާފަށް ކަމަށެވެ.
39ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ؛ "މުވައްޒަފަކު، ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެ ޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު، އެ ފައިސާ އެ މުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންވާނެއެވެ."
40HN5ޓްރައިބިއުނަލްގެ ނިންމުމަށް ބަލާއިރު، ޓްރައިބިއުނަލުން މި ނުކުތާގައި ގޮތް ނިންމުމުގައި ބަރޯސާވެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/122 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލަށްކަން ފާހަގަކުރެވެއެވެ. އެގޮތުން، އެ ނިންމުމުގައި މުވައްޒަފަކަށް ޙައްޤުވެފައިވާ އަހަރީ ޗުއްޓީގެ ދުވަސްތަކުން ބޭނުން ނުކޮށްވާ ދުވަސްތަކުގެ ފައިސާ ދިނުމުގައި، ވަޒީފާދިން ފަރާތުން މުވައްޒަފު ވަކިކުރާ ޙާލަތުގެ އިތުރުން މުވައްޒަފު އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ޙާލަތުގައި ވެސް އެ މުވައްޒަފަކަށް ލިބެންވާ އަހަރީ ޗުއްޓީ އަކުން ބޭނުން ނުކޮށްވާ ދުވަސްތަކުގެ ފައިސާ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ދޭންވާނެކަން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާގެ (ނ)ގެ އިތުރުން، އެ މާއްދާގެ (ރ) އާއި (ބ)އަށް ބެލުމުން އޮޅުމެއްނެތި އެނގެން އޮންނަކަމަށް ކަނޑައަޅާފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ؛ "މި މާއްދާގެ ދަށުން މުވައްޒަފަކަށް ދޭންޖެހޭ ފައިސާ ކަނޑައަޅާނީ، އޭނާ ޗުއްޓީ ނެގި ދުވަހުގެ ކުރިން ނުވަތަ އޭނާ ވަޒީފާއިން ވަކިވުމުގެ ކުރިން އޭނާއަށް ލިބެމުންދިޔަ މުސާރައިގެ ނިސްބަތަށް ބަލައިގެންނެވެ." މިފަދައިންނެވެ. އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ؛ "މި މާއްދާގެ (ނ) ގައިވާ ޙާލަތުގައި މެނުވީ، މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީގެ ބަދަލުގައި، އެއްވެސް ފައިސާއެއް، ވަޒީފާދޭ ފަރާތަށް ދީގެންނުވާނެއެވެ."
41HN3HN4މި މާއްދާގެ މައިގަނޑު މަޤްޞަދުގެ ގޮތުގައި އަހުރެންނަށް ފާހަގަކުރެވެނީ، ޗުއްޓީ ނެގުމުގެ އަޞްލު ބޭނުން ޙާޞިލުކުރުން ކަމުގައެވެ. އެއީ މުވައްޒަފުންނަށް ޗުއްޓީ ޙައްޤުވާކަމަށް ކަނޑައަޅާފައިވަނީ، އެ މީހުންގެ ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައިކަން އެނގޭއިރު، މި އުޞޫލުގެ ބޭނުމަކީ، ޗުއްޓީއަށް ނުގޮސް މަސައްކަތުގައި ދެމިހުރެ ފައިސާ ހޯދުން ހުއްޓުވުންކަން އަހުރެންނަށް ފާހަގަކުރެވެއެވެ. މި މާއްދާގެ ސަބަބުން ވަޒީފާއިން ވަކިވާ މުވައްޒަފަށް އޭނާއަށް ޙައްޤުވެ ނަގާފައި ނުވާ ޗުއްޓީއަށްވާ ފައިސާ ދިނުން މަނާކޮށްފައި ނުވެއެވެ.
42އިސްތިއުނާފީ ފަސްވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާ އިބްރާހީމް ޢަލީ ވަޒީފާއިން ވަކިވިއިރު އޭނާ ނުނަގާހުރި ޗުއްޓީއަށްވާ ފައިސާ ޓްރައިބިއުނަލުން ދޭންޖެހޭކަމަށް ނިންމުމުގައި ގޯހެއް ހަދާފައިވާ ކަމަށް އަހުރެންނަށް ބެލެވެން ނެތަތީ، އެ ނިންމުން ދަމަހައްޓަން ޖެހޭކަމަށް ދެކެމެވެ.
ނިންމަން ފެންނަގޮތް
43ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގައި، އަރާކިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިބްރާހީމް ޢަލީއަށް 44,075ރ (ސާޅީސް ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ) ދިނުމަށް އެންގި އެންގުން ބާޠިލުކުރަން ފެނެއެވެ.
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު
44އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
45އަހުރެން ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
46މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2022 މައްސަލައިގެ ނިންމުމުގައި، 44,075ރ (ސާޅީސް ހަތަރުހާސް ހަތްދިހަ ފަސް ރުފިޔާ) އަރާކިސް ޕްރައިވެޓް ލިމިޓެޑުން އިބްރާހީމް ޢަލީއަށް ދިނުމަށް އެންގި އެންގުން ބާޠިލުކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)
ފަނޑިޔާރު ޙުސައިން މަޒީދު
ފުޓްނޯޓު
- ރަޖިސްޓްރޭޝަން ނަންބަރު C-0691/2016
- […]
- [2021] SC 30
- ޤާނޫނު ނަންބަރު 32/2021
- ޤާނޫނު ނަންބަރު 20/2020
- ޤާނޫނު ނަންބަރު 20/2020
- ޤަވާޢިދު ނަންބަރު 2022/R-14
- ދިވެހިރާއްޖޭގެ ހައިކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މާހިރު ޤަޟިއްޔާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 3 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 9 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ 10 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 55 ވަނަ މާއްދާގެ (ށ)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު 2022/R-14) ގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
- ހައިކޯޓުގެ ނަންބަރު 2010/HC-A/122 ޤަޟިއްޔާ (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މާހިރު)
- ހައިކޯޓުގެ ނަންބަރު 2023/HC-A/69 ޤަޟިއްޔާ
- [2023] SC 15
- [2021] SC 98
- [2021] SC 30
- 2009/SC-A/30
- 2010/SC-A/02
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.