މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` މުޙައްމަދު ސަލީމް ވ. މޫސާ ޢުމަރު އަދި އިތުރު 4 ފަރާތެއް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާ އިސްތިއުނާފުކުރުމަށް މ.ޔޯރެންސް، މުޙައްމަދު ސަލީމު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ: (1) ހދ. ކުޅުދުއްފުށި، މޫސާ ޢުމަރު؛ އާއި (2) މަރްޔަމް ޢުމަރު؛ އާއި، (3) ހދ. ކުޅުދުއްފުށި، ޢަލީ ޔޫސުފް، އާއި، (4) މ. ރިޔާ، މާލެ، ސަމީރާ ހާރޫން، އާއި (5) ފަރިޔާލް އަޙްމަދު ރިޟާ ގެ މައްޗަށެވެ.
މައްސަލައިގެ ފަސްފަހަތް
ކ. މާލެ، މ.ޖޫލިއެޓްހައުސް ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ކ. މާލެ، މ.ޖޫލިއެޓްހައުސް އެވެކިޔާ ގޯއްޗާއި (ރަޖިސްޓްރީ ނަންބަރު އ.5124 އަދި ބިމުގެ ބޮޑުމިން 1067.69 އަކަފޫޓު) އެގޯތީގައިވާ އެންމެހައި އިމާރާތްތައް5,000,000/- (ފަސްމިލިއަން ރުފިޔާ) ރުފިޔާ ގެ އަގަށް މ.ޔޯރެންސް، މުޙައްމަދު ސަލީމުއަށް ވިއްކުމަށް އެދި 18 އޮގަސްޓް 2016 ގައި ސިވިލް ކޯޓަށް ފޯމް ހުށަހެޅިއެވެ.
04 އޮގަސްޓް 2016 ގައި ސިވިލް ކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުން، އެ މައްސަލައިގައި ޙަސަން އާދަމްގެ ފަރާތުން، ކޯޓަށް ހާޒިރުވުމަށް ޢައްޔަން ކޮށްފައިވަނީ، ހއ.އިހަވަންދޫ ރަތްއަސުރުމާގެ، މުޙައްމަދު ޝިމްޙާޒް އެވެ.
ވިއްކުމުގެ މައްސަލަ ކޯޓަށް 18 އޮގަސްޓް 2016 ގައި ހުށަހެޅިފައިވަނިކޮށް، 20 އޮގަސްޓް 2016 ގައި ޙަސަން އާދަމް ނިޔާވެފައިވެއެވެ.
ޙަސަން އާދަމް ނިޔާވިފަހުން، މިމައްސަލަ 23 އޮގަސްޓް 2016 ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށް، އެކޯޓުގެ ނަންބަރު 1765/Cv-C/2016 ގަޒިއްޔާއިން މ.ޖޫލިއެޓްހައުސް ވިއްކުމުގެ މައްސަލަ ހިންގަން ފެށިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1765/Cv-C/2016 ގަޒިއްޔާ ހިނގަމުންދަނިކޮށް މައްސަލަ ހުށަހެޅި ޙަސަން އާދަމް ނިޔާވެފައިވާކަން ޚަސްމުންގެ ފަރާތުން ސިވިލް ކޯޓަށް އެންގުމުން، ވިއްކުމުގެ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތް ނިޔާވެފައިވާތީ، މ. ޖޫލިއަޓްހައުސް ވިއްކުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ގަޒިއްޔާ
މ. ޖޫލިއަޓްހައުސް ވިއްކުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް، ސިވިލް ކޯޓުގެ ނަންބަރު1765/Cv-C/2016 ގަޒިއްޔާގައި ހުކުމްކުރުމުން، މުޙައްމަދު ސަލީމު އައު މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިއެވެ. އައު މައްސަލައިގައި އޭނާ ދައުވާކޮށްފައިވަނީ މ. ޖޫލިއަޓްހައުސް ގަތުމުގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް ދީފައިވާ 5,000,000/- ރުފިޔާ (ފަސްމިލިޔަން ރުފިޔާ) އާއި، އެގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ މުދަލުގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ގަޒިއްޔާގައެވެ.
މުޙައްމަދު ސަލީމް، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ރައްދުވަނީ އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުންގެ މައްޗަށެވެ.
ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ގަޒިއްޔާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ބަލާއިރު، އަލްމަރްހޫމް ޙަސަން އާދަމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މ.ޖޫލިއަޓްހައުސް އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހާ އިމާރާތްތައް މުޙައްމަދު ސަލީމް ގަތުމަށްޓަކައި އެގޯތީގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއަށް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދީފައިވާކަމަށް ބުނެފައިވާ ބުނުމަށް އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުންގެ ފަރާތުން އިންކާރުކޮށް، މުޙައްމަދު ސަލީމް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ޝައްކު އުފެއްދުމުން، އެފައިސާ ހަވާލުކުރިކަން ސާބިތުކޮށްދިނުމަށްޓަކައި މުޙައްމަދު ސަލީމް ހުށަހަޅާފައިވާ ދެ ލިޔުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ކަމަށްބުނާ ފަރާތްތަކުގެ ތެރެއިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހެކިބަސް ދީފައިވާ ފަރާތުން އެލިޔުންތަކަށް އިންކާރުކޮށް، އެ ހެކިވެރިޔާއަށް އެފައިސާ ދިންކަން ނޭނގޭކަމަށް ބުނެ ހެކިބަސް ދީފައިވުމާއެކު އެފައިސާ އާއި، ގޯތީގެ ބިން އަމިއްލަކުރުމަށްޓަކައި ބިމުގެ އަގުގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ 164,424/26 ރުފިޔާ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރު ސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއާ ހަވާލުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ދައުވާކުރާ މުޙައްމަދު ސަލީމަށް ދެއްކިފައިނުވާތީ ދައުވާގައި މުޙައްމަދު ސަލީމު ހޯދުމަށް އެދިފައިވާ ފައިސާއަކީ އަލްމަރްހޫމް ޙަސަން އާދަމްގެ ތަރިކަ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ޝަރީއަތުން ކަނޑައެޅެން ނެތްކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާ
ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ގަޒިއްޔާ ސިވިލް ކޯޓުން ނިންމިގޮތާމެދު ހިތްހަމަނުޖެހިގެން މުޙައްމަދު ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާގެ ހުކުމުގައި އެކޯޓުން ކަނޑައަޅާފައިވަނީ މުޙައްމަދު ސަލީމު ހޯދަން އެދިފައިވާ ފައިސާއަކީ އަލްމަރްހޫމް ޙަސަން އާދަމްގެ ތަރިކައިގެ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ސާބިތުނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2920/Cv-C/2018 ގަޒިއްޔާއަކީ ގާނޫނާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.
މުޙައްމަދު ސަލީމް ހޯދަން އެދިފައިވާ ފައިސާއަކީ އަލްމަރްހޫމް ޙަސަން އާދަމްގެ ތަރިކައިގެ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްކަމަށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާގައި ނިންމި ނިންމުން ބިނާކޮށްފައިވަނީ ތިރީގައި މި ބަޔާންކުރާ ސަބަބުތަކުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މ.ޖޫލިއެޓްހައުސް އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެއްމެހައި އިމާރާތްތައް ގަތުމަށްޓަކައި އަގުގެ ގޮތުގައި 5,000,000/- ރ (ފަސްމިލިޔަން ރުފިޔާ)، ނަގުދު ފައިސާއިން ގުނައި މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމަށް އަދާކޮށްފައިވާ ކަމަށް މުޙައްމަދު ސަލީމް ކޯޓުގައި ބުނުމުން އެކަމަށް އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުން އިންކާރުކުރުމުން، މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް 5,000,000/-ރ (ފަސްމިލިޔަން ރުފިޔާ) ދިންކަމަށް ސާބިތުކުރުމަށް މުޙައްމަދު ސަލީމު ހުށަހެޅި ލިޔުމުގެ ސައްހަކަމާމެދު ޝައްކުއުފެދޭތީވެ، އެފައިސާ މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް ދިންކަން އެ ލިޔުމުން ސާބިތުނުވާ ކަމަށެވެ. މުޙައްމަދު ސަލީމް ހުށަހެޅި މި ލިޔުމުގެ ސައްހަކަމާމެދު ޝައްކުއުފެދޭ ސަބަބުތައް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރިއެވެ. އެއީ:
(ހ) ވިއްކުމުގެ އަގުގެ ގޮތުގައި 5,000,000/- ރ (ފަސްމިލިޔަން ރުފިޔާ) ދިންކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި ޖަހާފައިވަނީ 19 ޖޫން 2015 އެވެ. ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، 07 އޭޕްރީލް 2015 ގައި ޙަސަން އާދަމް އާއި މުޙައްމަދު ސަލީމްއާ ދެމީހުން ސޮއިކޮށް، އިނގިލީގެ ނިޝާންޖަހައި، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ މ. ޖޫލިއަޓްހައުސް ޙަސަން އާދަމްގެ ފަރާތުން މުޙައްމަދު ސަލީމަށް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމެއް ހުށަހަޅާފައިވެއެވެ. މި ކުލީގެ އެގްރީމަންޓުގެ ނަމުގައި އޮތް ލިޔުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ގެ ގޮތުގައި 8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް އާދަކޮށްފައިވާ ކަމަށް އެ ލިޔުމުގައި ލިޔެފައިވެއެވެ. އެހެންކަމުން، މ.ޖޫލިއަޓްހައުސް ގަތުމަށް މުޙައްމަދު ސަލީމް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ގެ ނަގުދު ފައިސާ އިން ގުނައި ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް މިބުނަނީ، މުޙައްމަދު ސަލީމްގެ ފަރާތުން، ބަޔާންވެދިޔަ ކުލީގެ އެއްބަސްވުމުގެ ދަށުން،8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) ހަވާލުކުރިތާ، 2 މަހާއި 12 ދުވަސް ފަހުންނެވެ. އެހެންކަމުން އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި އިތުރު 5 މިލިއަން ވިއްކުމުގެ އަގުގެ ގޮތުގައި ދިނުމަކީ ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
(ށ) ޙަސަން އާދަމްއަށް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދެއްކިކަން ސާބިތު ކުރުމަށް މުޙައްމަދު ސަލީމްގެ ފަރާތުން ހުށަހެޅި، އަދި އިސްވެ (ހ) ގައި ހަވާލާދިން ލިޔުމުގައި ސޮއިކުރި ކަމަށް ބަޔާން ކުރާ ދެ ހެކިންގެ ތެރެއިން، ސ. މީދޫ، އިރާސްމިކްގޭ، އަޙްމަދު ދީދީ ދީފައިވާ ހެކިބަހުގައި މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމް އަށް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދިންކަމަށް ކަނޑައެޅިގެން އިންކާރުކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
(ނ) 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދިންކަން ސާބިތުކުރުމަށް މުޙައްމަދު ސަލީމުގެ ފަރާތުން ހެކިބަސް ދިން ގދ.ފިޔޯރީ، ނޫރަންމާގެ މުޙައްމަދު އަޙްމަދުގެ ހެކިބަހާއި ހއ.އިހަވަންދޫ، ރަތްއަސުރުމާގެ މުޙައްމަދު ޝިމްހާޒްގެ ހެކިބަހާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް ދިނީ 5,000,000/- (ފަސްމިލިޔަން ރުފިޔާ) ކަން އެ މީހުންނަކަށް ނޭނގޭ ކަމަށާއި، އެނގެނީ، އެއީ ފަސް މިލިޔަނޭ ބުނި އަޑު ކަމަށާއި، މިއިން އެއްވެސް މީހަކު އެފައިސާ ގުނައި އަދަދު ބަލާފައި ނެތް ކަމަށެވެ.
(ރ) މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، 'މ.ޖޫލިއަޓްހައުސް، ޙަސަން އާދަމް ކުރާ ވަސިއްޔަތް' މިސުރުޚީ އޮތް ލިޔުމެއް މުޙައްމަދު ސަލީމުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، މި ލިޔުމުގައި، "މި ވިޔަފާރީގެ މައްސަލަ އަޅުގަނޑުވާނީ ޝަރުޢީ ކޯޓަށް ހުށަހަޅާފައެވެ." މިހެން ލިޔެފައި މިއޮތީ، 29 ޖުލައި 2016 ގައިކަން އެލިޔުމުގެ ތާރީޚުން އެނގޭ ކަމަށާއި، އެހެންކަމުން، ވިއްކުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ސިވިލް ކޯޓަށް ފޯމު ހުށަހެޅީ 18 އޮގަސްޓް 2016 ގައި ކަން އެނގެން އޮތުމުން، ވަސިއްޔަތެއްކަމަށް ބުނާ ލިޔުމުގައި އޮތް ވާހަކައަކާއި ސިވިލް ކޯޓަށް ޙަސަން އާދަމް ހުށަހެޅި ކަމަށްބުނާ ފޯމް ހުށަހެޅި ތާރީޚާ ދިމާނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ޙަސަން އާދަމް ކުރި ކަންތައްތަކެއް ކަމަށްވުރެ، ޙަސަން އާދަމްގެ ނަމުގައި ކޮންމެވެސް އެހެން މީހަކު ކުރި ކަންތައްތަކެއް ކަމަށް އޭނާގެ ވާރިސުން ބުނާ ބަސް ގަދަކަމަށް، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
(ބ) ގޯތި ގަތުމަށްޓަކައި، ބިން އަމިއްލަކުރުމަށް މުޙައްމަދު ސަލީމް ދެއްކި ކަމަށް މުޙައްމަދު ސަލީމު ބުނާ 164,424.26ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ދެއްކިކަން ސާބިތުކުރަން މުޙައްމަދު ސަލީމު ހުށަހެޅި ލިޔުމުން އެފައިސާއަކީ ކާކުގެ ފައިސާއެއްކަމާއި ކޮން އުސޫލަކުން ދިން ފައިސާއެއްކަން ސާބިތުނުވާ ކަމަށެވެ.
(ޅ) މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މ.ޖޫލިއެޓްހައުސް އެވެކިޔާ ގޯތި ވިއްކުމަށް އެދި ޙަސަން އާދަމުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 18 އޮގަސްޓް 2016 ގައި ކަމަށާއި، އެ ތާރީޚުން ފެށިގެން ދެތިން ދުވަސް ނުވަނީސް ޙަސަން އާދަމް ނިޔާވެއްޖެ ކަމަށާއި، މި މައްސަލައިގައި ވާހަކަދެކެވޭ ހުރިހާ މުއާމަލާތެއް ހިންގާފައިވާ ގޮތައިމެދު ޙަސަން އާދަމްގެ ވާރިސުން އުފައްދާ ސުވާލު، 'އެކަން ކުރީ ޙަސަން އާދަމްތޯ' މިއީ ޖާއިޒު ސުވާލެއްކަމަށް ބުރަވޭ ކަމަށެވެ. ސަބަބަބެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ، ހުށަހެޅިފައިވާ ލިޔުންތަކުންނާއި މައްސަލައިގައި ދައްކާފައިވާ ވާހަކަތަކުން މ.ޖޫލިއެޓްހައުސް ވިއްކުމުގެ ހުރިހާ މުޢާމަލާތެއް ކޮށްފައިމިވަނީ ޙަސަން އާދަމް ބަލި އެނދުގައި މުޙައްމަދު ސަލީމުގެ ބެލުމުގެ ދަށުގައި އޮތް އިރު ކަމަށާއި، ޙަސަން އާދަމްއަކީ ޢުމުރުން ދުވަސްވެ މުސްކުޅިވެ، ބަލި ހާލަތު ހުރި ގޮތުން އެކަނި ހާލަށް ނޫޅެވޭ ވަރު މީހެއް ކަމަށްވެފައި މުޙައްމަދު ސަލީމުގެ މައްޗަށް ދިރިއުޅުމުގެ ހުރިހާ ކަންކަމަކަށް ބަރޯސާވެފައިވާ މީހެއް ކަމަށެވެ. މިކަންކަން މިހެން ހުރުމުން މ.ޖޫލިއެޓްހައުސްއެވެ ކިޔުނު ބަންޑާރަ ގޯތި އަމިއްލަކޮށް ވިއްކުމަށްޓަކައި ހިންގާފައިވާ މުޢާމަލާތުކަމަށް ބުނާ މުއާމަލާތަކީ ހަމަ ހަގީގަތުގައިވެސް ޙަސަން އާދަމު ކޮށްފައިވާ މުއާމަލާތެއްކަމަށް ބުރަވެވޭނެ ހަމައެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާ އިސްތިއުނާފުކުރުމަށްޓަކައި މުޙައްމަދު ސަލީމުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ށ) ހެއްކާބެހޭ ގާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ނ) ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ރ) ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުން.
(ބ) އުފެދުމުގައި ބާތިލު ކަންކަމުގެ ނަތީޖާއާމެދު ރިއާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވުން.
މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ އިސްތިއުނާފުކުރަން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ އަލީގައި، މ.ޖޫލިއަޓްހައުސް އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހާ އިމާރާތްތައް މުޙައްމަދު ސަލީމު ގަތުމަށްޓަކައި އެގޯތީގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމުގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއަށް ދީފައިވާ ކަމަށް މުޙައްމަދު ސަލީމު ބުނާ 5,000,000/- (ފަސްމިލިޔަން ރުފިޔާ) އާއި އެގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ މުދަލުގެ މައްޗަށް އޮތް ދަރަންޏެއްތޯ ނުވަތަ ނޫންތޯއެވެ.
އިސްތިއުނާފުކުރާ މުޙައްމަދު ސަލީމުގެ ފަރާތުން ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1765/Cv-C/2016 (ވިއްކުމުގެ މައްސަލަ 18 އޮގަސްޓް 2016 ގައި ހުށަހެޅުނު ގަޒިއްޔާ) އެ ކޯޓަށް ހުށަހެޅީ އަލްމަރްހޫމް ޙަސަން އާދަމް ކަމާމެދު ޝައްކުއުފެދޭ ކަމަށް ޙަސަން އާދަމްގެ ވާރިސުން ބުނާ ބުނުން ވަރުގަދަ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނި ނަމަވެސް، ވާރިސުންގެ ފަރާތުން ހަވާލާދީފައިވާ ޙަސަން އާދަމްގެ ޑިސްޗާޖް ސަމަރީއަށް ބަލާއިރު، 5 އޮގަސްޓު 2016 ގައި ޙަސަން އާދަމް ހޮސްޕިޓަލުން ދޫކޮށްލި ކަމަށާއި، މައްސަލަ ހުށަހަޅައި ހިންގުމަށްޓަކައި ދިން ޕަވަރ އޮފް އެޓާރނީ ދީފައިވަނީ 4 އޮގަސްޓް 2016 ގައި ކަމަށާއި އެ ޕަވަރ އޮފް އެޓާރނީ ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، މައްސަލަ ހުށަހެޅީ ކޮންފަރާތަކުންކަން އެކަމުން ސާބިތުވާ ކަމަށާއި، އަދި މައްސަލަ ހުށަހެޅި ފޯމުގައި ޙަސަން އާދަމް ސޮއިކޮށްފައިވާ ކަމަށާއި، އެ ފޯމުގައި ސޮއިކުރީ ޕަވަރ އޮފް އެޓާރނީ ދީފައިވާ މުޙައްމަދު ޝިމްޙާޒް ނޫންކަން ސާބިތުވާތީވެ، މައްސަލަ ހުށަހެޅީ ޙަސަން އާދަމްކަން ކިތާބީ ހެކިތަކުން ސާބިތުވާ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ހުކުމުގައި ހަވާލާދީފައިވާ 'ވަސިއްޔަތުގެ ލިޔުމުގައި' 19 ޖުލައި 2016 ގައި މައްސަލަ ހުށަހެޅިފައިވާ ކަމަށް ލިޔެފައިވަނީ، މި މުއާމަލާތަކީ އޭރުވެސް އުފަންވެފައިވާ އަދި އޭރުވެސް ކުރިއަށްދާ މުއާލާތަކަށްވާތީ ކަމަށާއި، އެކަމަށް ބާރުލިބެނީ މި މުއާމަލާތުގައި ހިމެނޭ ބިން ވިއްކުމަށްޓަކައި ބިން އަމިއްލަ ކުރެވިފައިވާތީ ކަމަށާއި ޕަވަރ އޮފް އެޓާރނީ އެފަހުން އައްޔަންކުރެވިފައިވާތީ ކަމަށެވެ. އެހެންކަމުން ޙަސަން އާދަމްގެ ވަސިއްޔަތުގެ ލިޔުމުގައި ބުނެފައިވާ ތާރީޚުގައި މައްސަލަ ކޯޓަށް ވައްދާފައި ނެތުމަކީ ފުށުއަރަންޖެހޭ ބޮޑު މައްސަލައެއް ނޫންކަމަށެވެ. ވީމާ، މި ވަސިއްޔަތުގެ ލިޔުމަކީ މި މުއާމަލާތާބެހޭ މުހިންމު ކިތާބީ ހެއްކެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
ބިންގަތުމަށް މުޙައްމަދު ސަލީމު 5 މިލިއަން ރުފިޔާ ދިންކަމަށް ބުނާ ބުނުމާބެހޭމ. ޖޫލިއަޓްހައުސް ގޯއްޗާއި އެ ގޯތީގައިވާ އިމާރާތް ގަތުމަށް މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމް އަށް 5 މިލިއަން ރުފިޔާ ދިންކަން ސާބިތުވޭ ހެއްޔެވެ؟ މި ސުވާލަށް ދަށު ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ޖަވާބުދީފައިވަނީ މ. ޖޫލިއަޓްހައުސް ގޯއްޗާއި އެ ގޯތީގައިވާ އިމާރާތް ގަތުމަށް މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމް އަށް 5 މިލިއަން ރުފިޔާ ދިންކަން ޝަރިއަތަށް ސާބިތުނުވާ ކަމަށެވެ. މި މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ސަލީމުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ދަށު ކޯޓުންނާއި ހައިކޯޓުން ހެކިވަޒަންކުރީ އަދި ހެކިތަކުން ދޭހަވާ ކަންކަން މާނަކުރީ ގާނޫނާ އެއްގޮތަށް ނޫންކަމަށެވެ. ހެކިތައް އަލުން ވަޒަންކުރުމަކީ އަދި ހެކިތަކުން ދޭހަވާ ކަންކަން ކަނޑައެޅުމަކީ އަދި ހެކިތަކަށް ދޭނޭ ބުރަދަން ކަނޑައެޅުމަކީ އާއްމު އުސޫލެއްގެ ގޮތުން ފުރަތަމަ މަރުހަލާގައި ޝަރިއަތްކުރާ ފަނޑިޔާރުން ކުރަންޖެހޭ ކަމެއްކަން ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުން އެނގެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ގަޒިއްޔާގެ ހުކުމުގައި ބުނެފައިވާ އިސްތިސްނާ ހާލަތްތަކުގައި އިސްތިއުނާފީ ކޯޓުން އަލުން ހެކި ވަޒަންކޮށް އެއިން ނެރެވޭ ދޭހަތައް ކަނޑައެޅުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށް ލިބިގެން ވެއެވެ.
އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ގަޒިއްޔާގެ ހުކުމުގެ 26 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ:
"ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުން އިސްތިއުނާފީ ކޯޓުތަކުގެ ބާރުގެ ތެރޭގައި ހިމެނޭތީވެ، ޝަރީއަތްކުރާ ކޯޓަށް ހުށަހެޅުނު ހެކިތައް އަލުން ވަޒަންކުރުމުގެ ބާރު އަންނަނިވި ހާލަތްތަކުގައި އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވެއެވެ.
(ހ) މައްސަލައިގައި ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުން.
(ށ) ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
(ނ) ޝަރީއަތްކުރާ ކޯޓުގެ ނުވަތަ ޓްރަބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ފެނުން.
(ރ) އެ މައްސަލައިގައި ސާބިތުވެފައިވާ ވާގިއާތަކުގެ މައްޗަށް ތަތުބީގުކޮށްފައިވަނީ ނުބައި ގާނޫނީ އުސޫލުތަކެއް ކަމުގައިވުން."
އިސްތިއުނާފުކުރާ ފަރާތުން ދައުވާކުރާ 5 މިލިއަން ރުފިޔާ މުޙައްމަދު ސަލީމުގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއަށް ދީފައިވާ ކަމަށް ބުނެ އެކަން ސާބިތުކުރަން މުޙައްމަދު ސަލީމު ހުށަހެޅި ހެކިތަކަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ވިއްކުމުގެ އަގުގެ ގޮތުގައި 5,000,000/- ރ (ފަސްމިލިޔަން ރުފިޔާ) ދިންކަން ސާބިތުކުރަން މުޙައްމަދު ސަލީމުގެ ފަރާތުން 19 ޖޫން 2015 ގެ ތާރީޚު ޖަހާފައިވާ ލިޔުމެއް ހުށަހެޅިއެވެ. އެ ލިޔުމުގައި ލިޔެފައި އޮތީ:
"އަޅުގަޑު ޙަސަން އާދަމް ޖޫލިއަޓްހައުސް ) އައި.ޑީ. ކާރޑް ނަންބަރުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ 1069.69 އަކަފޫޓް ގޯތި މ.ޖޫލިއަޓްހައުސް (ރަޖިސްޓްރީ ނަންބަރު ބ.12739) ގޯއްޗާއި، ގޯތީގައިކޮށްފައިވާ ޢިމާރާތްތަކާއި، ތަންތަން އަޅުގަނޑު މ.ޔޯރެންސް، މުޙައްމަދު ސަލީމްއަށް ވިއްކާފައިވާ 5,000,000/- ރ (ފަސްމިލިޔަން ރުފިޔާ) ވަނީ އަޅުގަނޑު ޙަސަން އާދަމްއަށް ތިރީގައިވާ ދެހެކިން ކަމަށްވާ ޔޫސުފް ނަޢީމް އާ، އަޙްމަދު ދީދީގެ ޙާޟިރުގައި މުޙައްމަދު ސަލީމް އަތުން އަޅުގަނޑަށް ލިބިފައެވެ."
މަތީގައި މި ނަކަލުކުރި ލިޔުމުގައި ޙަސަން އާދަމްގެ ނަމާ ދިމާލުގައި ފިންގަރޕްރިންޓެއް އޮތެވެ. ނަމަވެސް ޙަސަން އާދަމް ސޮއިކޮށްފައި ނެތެވެ. ޙަސަން އާދަމްގެ ވާރިސުން (އިސްތިއުނާފުރައްދުވާ ފަރާތްތަކުން) އެ ލިޔުމަށް އިންކާރުކުރެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ ލޓޑ ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ، ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާ ޑޮކިއުމަންޓެއްގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހައި ހިނދަކު އެ ޑޮކިއުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ސޮއިކޮށްފައިވާ ސައްހަ ޑޮކިއުމަންޓެއް ކަމަށް ބެލެވޭނެ ކަމަށެވެ. ނަމަވެސް އަމިއްލަ ޑޮކިއުމަންޓެއްގެ ސޮޔާމެދު ނުވަތަ އެ ޑޮކިއުމަންޓުގެ ސައްހަކަމާމެދު މައްސަލައިގެ އަނެއް ޚަސްމު އިންކާރުކޮށްފިނަމަ، އެ ކަންކަން ދެން ސާބިތުކުރެވޭނީ އެ ކަންކަން ސާބިތުކުރުމަށް އާއްމު އުސޫލުން ހެކި ހުށަހަޅައިގެން ކަމަށް އެ ހުކުމުގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ޑޮކިއުމަންޓެއްގެ ސައްހަކަމާމެދު ޑޮކިއުމަންޓު ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތުން އިންކާރުކޮށްފިނަމަ އެ ޑޮކިއުމަންޓުގެ ސައްހަކަން ސާބިތުކޮށް ދިނުމަކީ އެ ޑޮކިއުމަންޓު ހުށަހެޅި ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ޑޮކިއުމަންޓަކާމެދު ޚަސްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ، އެ ޑޮކިއުމަންޓުގެ އަސްލު (އަސާސީ ހެކި) ހުށަހެޅުމަށާއި އެ ލިޔުމުގައި ސޮއިކުރި ފަރާތް ދުނިޔޭގައި ހުރިނަމަ އެ ފަރާތާއި، އެ ލިޔުން ތައްޔާރުކުރި މީހުންނާއި، އެ ލިޔުމުގައި ސޮއިކުރިއިރު ބަޔަކު ހެކިންގެ ގޮތުގައި ތިބިނަމަ އެ ބަޔަކާއި، އަދި އެނޫންވެސް އެހެން ސާނަވީ ހެކި ހުރިނަމަ އެ ހެއްކެއް ހުށަހެޅުމަށް ޑޮކިއުމަންޓު ހުށަހެޅި ފަރާތަށް އަންގަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
މަތީގައި، އިސްވެދިޔަ 19 ވަނަ ޕެރެގްރާފުގައި ނަކަލުކޮށްފައިވާ ލިޔުމުގެ ސައްހަކަމަށް ޙަސަން އާދަމްގެ ވާރިސުން އިންކާރުކުރުމުން، އެ ލިޔުން ހުށަހެޅިފަރާތް ކަމަށްވާ މުޙައްމަދު ސަލީމުގެ ފަރާތުން އެ ލިޔުމުގެ ސައްހަކަން ސާބިތުކުރުމަށް ތިން ހެއްކަކު ހުށަހެޅިއެވެ.
(ހ) ލިޔުމުގައި ސޮއިކުރި ކަމަށް ބަޔާން ކުރާ ދެ ހެކިންގެ ތެރެއިން، ސ. މީދޫ އިރާސްމިކްގޭ އަޙްމަދު ދީދީ ކޯޓަށް ހާޒިރުކުރުމުން އޭނާ ދީފައިވާ ހެކިބަހުގައި މުޙައްމަދު ސަލީމްގެ ފަރާތުން ޙަސަން އާދަމް އަށް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދިންކަމަށް ކަނޑައެޅިގެން އިންކާރުކޮށްފައިވެއެވެ.
(ށ) ލިޔުމުގައި ސޮއިކުރި ކަމަށް ބަޔާން ކުރާ ދެ ހެކިންގެ ތެރެއިން، ޔޫސުފް ނައީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނުނެގިޔަސް އެންމެ ރަނގަޅުކަމަށް މުޙައްމަދު ސަލީމު ސިވިލް ކޯޓުގައި ބުނެފައިވެއެވެ.
(ނ) މުޙައްމަދު ސަލީމުގެ ފަރާތުން ހެކިބަސް ދިން ގދ.ފިޔޯރީ، ނޫރަންމާގެ މުޙައްމަދު އަޙްމަދުގެ ހެކިބަހާއި ހއ.އިހަވަންދޫ، ރަތްއަސުރުމާގެ މުޙައްމަދު ޝިމްހާޒްގެ ހެކިބަހާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ މުޙައްމަދު ސަލީމް ޙަސަން އާދަމްއަށް ދިނީ 5,000,000/- (ފަސްމިލިޔަން ރުފިޔާ) ކަން އެމީހުންނަށް ނޭނގޭ ކަމަށާއި، އެނގެނީ، އެއީ ފަސް މިލިޔަނޭ ބުނި އަޑު ކަމަށާއި، މިއިން އެއްވެސް މީހަކު އެފައިސާ ގުނައި އަދަދު ބަލާފައި ނެތް ކަމަށެވެ.
ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާގިއާ ސާބިތުކުރުމަށް ގުޅުންހުރި އެހެން ވާގިއާތަކުގެ އެހީ ހޯދުންކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ވާގިއާ ނުވަތަ ވާގިއާތަކަކީ ހުށަހެޅިފައިވާ ދައުވާ ނުވަތަ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވާ، އަދި އެ ޚިލާފުގެ މައްޗަށް ކޯޓުގެ ހުކުމަކަށް އެދިގެން ޚަސްމުން ކޯޓަށް ހުށަހެޅި މައިގަނޑު ވާގިއާތަކެވެ. ގަޒިއްޔާގައި ހިމެނޭ މި ބަޔާންކުރި މައިގަނޑު ވާގިއާ ނުވަތަ ވާގިއާތަކަކީ އެ ދައުވާއެއް ކާމިޔާބު ކުރުމަށް ދައުވާކުރާފަރާތުން ސާބިތުކޮށްދޭންޖެހޭ އަދި ދައުވާލިބޭ ފަރާތުން އެ މައްސަލަ ކާމިޔާބު ކުރުމަށްޓަކައި ވެސް ސާބިތުކުރަންޖެހޭ ވާގިއާތަކެވެ. މި މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު އެއް ވާގިއާއަކީ މ.ޖޫލިއަޓްހައުސް އެވެ ކިޔުނު ގޯއްޗާއި އެގޯތީގައިވާ އެންމެހާ އިމާރާތްތައް މުޙައްމަދު ސަލީމު ގަތުމަށްޓަކައި އެގޯތީގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމުގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއަށް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ދީފައިވޭތޯ ނުވަތަ ނޫންތޯއެވެ.
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މުޙައްމަދު ނިޔާޒް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ބުނެފައިވާ ފަދައިން މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ވާގިއާއަށް ތާއީދުލިބޭ ނުވަތަ ނަފީކުރާ ކޮންމެ ވާގިއާ އަކީ ވެސް ގުޅުންހުރި ވާގިއާއެކެވެ. ދެ ވާގިއާއެއް ގުޅުން ހުރިކަމަށް ބެލެވޭނީ، ދެ ވާގިއާ އެކުގައި ނުވަތަ ވަކިވަކީން ތަތުބީގު ކުރުމުން އެ ދެވާގިއާ، އެއްވާގިއާ އަނެއް ވާގިއާއާ ގުޅިފައި ހުރިވަރު ބޮޑުކަމުން އާންމުކޮށް ކަންކަން ހިނގާ އުސޫލުން ބަލާއިރު އެއް ވާގިއާއިން މާޒީގައި ނުވަތަ ހާލުގައި ނުވަތަ މުސްތަގުބަލުގައި އަނެއް ވާގިއާ ވުޖޫދުވިކަން ނުވަތަ ނޫންކަން ސާބިތުވުން ނުވަތަ ވަރަށް ބޮޑަށް އެކަން ވުޖޫދުވިކަން ނުވަތަ ވުޖޫދުވެފައިވާކަން ނުވަތަ ވުޖޫދުވާނެ ކަމަށް އެކަށީގެން ވުމެވެ. މިގޮތުން، ފައިސާ ދިންކަމަށް ބުނާ ވާގިއާ ވުޖޫދުވިކަން ނުވަތަ ނޫންކަން ސާބިތުކުރުމަށްޓަކައި، އެ މުއާމަލާތު ކޮށްފައިވާ ފަރާތްތަކުގެ ގުޅުން އަންގައިދޭ ވާގިއާ ތަކަކީވެސް އެ މަގްސަދަށްޓަކައި ގުޅުންހުރި ވާގިއާތަކެކެވެ. މީގެ އިތުރުން ކޯޓުން ނިންމަންޖެހޭ މައިގަނޑު ވާގިއާ ވުޖޫދުގައިވުމާ ތައާރަޒުވާ ކޮންމެ ވާގިއާއެއް އެއީވެސް ގުޅުންހުރި ވާގިއާއެކެވެ. މި ބޭނުމަށްޓަކައި ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ މުޙައްމަދު ސަލީމުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ޝަރިއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ފާހަގަކުރެވުނު ބައެއް ކަންކަން ތިރީގައި މި ނަކަލުކުރަނީއެވެ.
(ހ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، އަލްމަރުޙޫމް ޙަސަން އާދަމްއާއި މުޙައްމަދު ސަލީމަކީ ފެށުނީއްސުރެންވެސް އެކީގައި އުޅެމުންދާ ދެމީހުންނެވެ. ވަޒީފާގައި އެކުގައި، އަދި ދިރިއުޅެމުން ދިޔައީ އެއްގެއެއްގައެވެ. މުޢާމަލާތުގައި ހިމެނޭ މި ގޯތީގެ އަޞްލު ވެރިފަރާތް އާމިނަތު ޤާސިމް (އާމިނަތު ޤާސިމްއަކީ އަލްމަރްޙޫމް ޙަސަން އާދަމްއާއި މުޙައްމަދު ސަލީމްއާއި އެއް އޮފީހެއްގައި ވަޒީފާ އަދާކުރި ފަރާތެއް) ނިޔާވަންދެން ބެލުމުގެ ޒިންމާއާއި ހަވާލުވީ އަލްމަރުހޫމް ޙަސަން އާދަމްއެވެ. އަލްމަރްޙޫމް ޙަސަން އާދަމް ރާއްޖެއިން ބޭރުގައި ހުންނަ ދުވަސްތަކުގައި އާމިނަތު ޤާސިމްގެ ހުރިހާ ކަމެއްގައި އެހީތެރިވެދީ ބަލަމުން އައީ މުޙައްމަދު ސަލީމްއެވެ.
(ށ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، އާމިނަތު ޤާސިމްއަކީ ފިރިއެއް ދަރިއެއް ނެތް މީހެއްކަމުން އަދި ޢާއިލާގެވެސް އެއްވެސް ބަޔަކު އޭނާއާއި އަޅާނުލުމުގެ ސަބަބުން އޭނާގެ ބަލަދުވެރިއެއްވެސް ނެތުމާއެކު އޭނަ ބެލުމާއި ޙަވާލުވީ އަލްމަރްޙޫމް ޙަސަން އާދަމްއެވެ. އާމިނަތު ޤާސިމްގެ ގޯތި އަލްމަރްޙޫމް ޙަސަން އާދަމް އަށް ދިނުމަށް ނިންމާފައިވާތީ، އާމިނަތު ޤާސިމް ނިޔާވުމުން އާމިނަތު ޤާސިމްގެ ވާރިސުންނަށް ދޭންވާ ފައިސާ ޙަސަން އާދަމްގެ ފަރާތުން އޭރު އަދާކޮށްފައިވަނީ މުޙައްމަދު ސަލީމްއެވެ. އޭގެ ފަހުން، މ. ޖޫލިއަޓްހައުސް ގޯތީގެ ރަޖިސްޓްރީ ޙަސަން އާދަމުގެ ނަމަށް ބަދަލުކުރިއެވެ.
(ނ) އާމިނަތު ޤާސިމްގެ ގޯތި އަލްމަރްޙޫމް ޙަސަން އާދަމް އަށް ލިބުމުން އެ ގޯތީގެ ބައެއް ޙަސަން އާދަމްގެ ފަރާތުން މުޙައްމަދު ސަލީމަށް ހިބަކޮށް އެބައި 2000 ވަނަ އަހަރު މ. ޔޯރެންސް ގެ ނަމުގައި ވަކި ގޯއްޗެއްގެ ގޮތުގައި މުޙައްމަދު ސަލީމުގެ ނަމުގައި ރަޖިސްޓަރީކޮށްފައި ވެއެވެ.
(ރ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، އަންބަކު ދަރިއަކުވެސް ނެތް އެކަނިވެރި މީހެއްގެ ގޮތުގައި އަލްމަރްޙޫމް ޙަސަން އާދަމް އުޅެމުންދިޔައިރު މުޙައްމަދު ސަލީމަކީ އުމުރުން 13 އަހަރުން ފެށިގެން އަލްމަރްޙޫމް ޙަސަން އާދަމް ގެންގުޅެމުން އައިސް އޭނާގެ ދަރިއެއް ފަދައިން އޭނާއަށް އަޅާލާ އޯގާތެރިވެ، ބަލިވެއްޖެނަމަ ބަލައިދީ، އޭނާގެ ބަލަދުވެރިއެއްގެ ޒިންމާ އަދާކުރަމުން އައި ހަމައެކަނި ފަރާތެވެ.
(ބ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، ޙަސަން އާދަމްގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން ބޭރަށް ގޮސް ބޭސް ފަރުވާ ކުރަން ޖެހުނަސް އަދި ވަރަށް ބޮޑަށް ބަލިވެގެން ރާއްޖެއިން ބޭރަށް ގޮސް ބައިޕާސް ހަދާދީފައިވާކަމާއި އެގޮތުން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ދަރިއެއް ފަދައިން ކުރަމުން އަންނަ މީހަކީ މުޙައްމަދު ސަލީމް އެވެ.
(ޅ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، ޙަސަން އާދަމްގެ އެއްބަފާ ޢަލީ އާދަމް 1988 ގައި ކުޅުދުއްފުށީގައި ހުއްޓާ ވަރަށް ބޮޑަށް ބަލިވެގެން އަޅާލާނެ އެއްވެސް އެހީތެރިއަކު ނެތި ހުއްޓާ ޢަލީ އާދަމް މާލެ ގެނެސް ނިޔާވުމާއި ހަމައަށް ޢަލީ އާދަމްގެ އެންމެހައި ކަންތައްތައް ބެލެހެއްޓީވެސް މުޙައްމަދު ސަލީމް އެވެ.
(ކ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، އަލްމަރްޙޫމް ޙަސަން އާދަމް ފުރިހަމަ ކުރި 2 ޙައްޖު ދަތުރާއި ޢުމްރާ ދަތުރު ކުރުމުގައި ވެސް މުޙައްމަދު ސަލީމް ފިޔަވައި ޢައިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް ލިބިފައި ނުވެއެވެ.
(އ) ސުޕްރީމް ކޯޓުގައި މުޙައްމަދު ސަލީމް ބުނެފައިވާ ގޮތުން، ބަޔާންކުރެވުނު ކަންތައްތަކުގެ ބަދަލުގައި ޙަސަން އާދަމްގެ ފަރާތުން މުޙައްމަދު ސަލީމަށް މ. ޖޫލިއަޓްހައުސް އެވެކިޔާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްފަހު 5,000,000/-ރ (ފަސްމިލިޔަން) ރުފިޔާއަށް ވިއްކުމަށް ނިންމިއެވެ. އަދި މި އަގަކީ އެއްވެސް ޙާލެއްގައި އެކީ އެއްފަހަރާ މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްޙޫމް ޙަސަން އާދަމްއަށް ދޭންޖެހޭ ފައިސާއެއް ނޫންކަމާއި މި ފައިސާއަކީ މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްޙޫމް ޙަސަން އާދަމްއަށް ކޮށްފައިވާ ކަންތައްތަކާއި ޚަރަދުތައްވެސް އަޅާކެނޑޭގޮތަށް ކިޔާފައިވާ އަގެކެވެ.
(ވ) "މ. ޖޫލިއަޓްހައުސް / ޙަސަން އާދަމް ކުރާ ވަޞިއްޔަތު" – މި ސުރުޚީ ޖަހާފައިވާ ލިޔުމެއް ހެކީގެ ގޮތުގައި ދަށުކޯޓަށް ހުށަހަޅައި އެމައްޗަށް ޚަސްމުން ޝަރިއަތުގެ ހުރިހާ މަރުހަލާތަކުގައި ވާހަކަދައްކާފައިވެއެވެ. އެ ލިޔުމުގައިވާ ތާރީޚަކީ 29 ޖުލައި 2016 އެވެ. އެ ލިޔުމުގައި ޙަސަން އާދަމްގެ ނަމާ ދިމާލުގައި އިނގިލީގެ ނިޝާނެއް އެބައޮތެވެ. އަދި ސ. މީދޫ އިރާސްމިކް ގޭ އަޙްމަދު ދީދީ އަދި ގދ. ތިނަދޫ ހަވޭލީ އަޙްމަދު މަނިކު ހެކިންގެ ގޮތުގައި ޖަހައި އެމީހުންގެ ނަމާ ދިމާލުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. މި ލިޔުމުގައިވެސް އިސްވެ މިބަޔާންކުރި އަކުރުތަކުގައި ބަޔާންކުރެވުނު ކަންކަން މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް ކޮށްދީފައިވާ ކަމަށް ބަޔާންކުރުމަށްފަހު އިތުރަށް ބުނެފައިވަނީ މުޙައްމަދު ސަލީމު ފިޔަވައި އާއިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް ޙަސަން އާދަމްއަށް ލިބިފައިނުވާތީވެ، އޭނާ ދުނިޔޭގައި ނެތް ދުވަހަކުން އޭނާ ބޭނުންވަނީ އޭނާގެ ގޯތިގެދޮރާ މުދާ އޭނާ ދުނިޔޭގައި ހުރެ ދެވެންހުރި ހުރިހާ ގޮތަކުން މުޙައްމަދު ސަލީމުއަށް ދިނުމަށް ކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ މ. ޖޫލިއަޓްހައުސް ގޯއްޗަކީވެސް ކުޅުދުއްފުށީ އާމިނަތު ޤާސިމް ކިޔާ މީހެއްގެ އަތުން 1989 ވަނަ އަހަރު ކޯޓު މެދުވެރިކޮށް ޙަސަން އާދަމްއަށް ލިބުނު ގޯއްޗެއް ކަމަށް ވީނަމަވެސް ގޯތި ހޯދައި ދިނުމުގައިވެސް މުޙައްމަދު ސަލީމު ޙަސަން އާދަމްއަށް ކޮށްދީފައިވާ މަސައްކަތާއި، އަދި މ. ޖޫލިއަޓްހައިސް ގޯތީގައި މިހާރު ކޮށްފައިވާ އިމާރާތްތަކާއި، ވަޅުފަދަ ތަންތަނަކީ މުޙައްމަދު ސަލީމުގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ތަންތަން ކަމަށްވާތީ އާއި، އޭނާގެ އަންބެއް ނުވަތަ ދަރިއަކުވެސް ނެތުމުން އޭނާގެ ހުރިހާ ޒިއްމާއަކާ ހަވާލުވެހުރި ބަލަދުވެރިޔަކީ މުޙައްމަދު ސަލީމުކަމަށްވާތީވެ، އަދި މުޙައްމަދު ސަލީމު އޭނާއަށް ކޮށްފައިވާ އެންމެހައި ޚަރަދުތަކަށްވެސް ބަލާފައި އެތަންތަން ދެވެންހުރި ކޮންމެ ގޮތަކުންވެސް މުޙައްމަދު ސަލީމުއަށް ދޭން ބޭނުންވާ ކަމަށެވެ.
(މ) ވިއްކުމުގެ އަގުގެ ގޮތުގައި 5,000,000/-ރ (ފަސްމިލިޔަން) ދިންކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި ޖަހާފައިވަނީ 19 ޖޫން 2015 އެވެ. ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، 07 އޭޕްރީލް 2015 ގައި ޙަސަން އާދަމް އާއި މުޙައްމަދު ސަލީމްއާ ދެމީހުން ސޮއިކޮށް، އިނގިލީގެ ނިޝާންޖަހައި، ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ މ. ޖޫލިއަޓްހައުސް ޙަސަން އާދަމްގެ ފަރާތުން މުޙައްމަދު ސަލީމަށް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމެއް ހުށަހަޅާފައިވެއެވެ. މި ކުލީގެ އެގްރީމަންޓުގެ ނަމުގައި އޮތް ލިޔުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ގެ ގޮތުގައި 8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް އާދަކޮށްފައިވާ ކަމަށް އެ ލިޔުމުގައި ލިޔެފައިވެއެވެ. އެހެންކަމުން، މ.ޖޫލިއަޓްހައުސް ގަތުމަށް މުޙައްމަދު ސަލީމް 5,000,000/-ރ (ފަސްމިލިޔަން) ގެ ނަގުދު ފައިސާ އިން ގުނައި ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް މިބުނަނީ، މުޙައްމަދު ސަލީމްގެ ފަރާތުން، ބަޔާންވެދިޔަ ކުލީގެ އެއްބަސްވުމުގެ ދަށުން، 8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) ހަވާލުކުރިތާ، 2 މަހާއި 12 ދުވަސް ފަހުންނެވެ. އެހެންކަމުން، މި ކުލީގެ އެގްރީމަންޓުގެ ނަމުގައި އޮތް ލިޔުމުގެ ދަށުން ސެކިއުރިޓީ ޑިޕޮސިޓް އަދި އެޑްވާންސް ގެ ގޮތުގައި 8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް އަދާކޮށްފައިވާ ކަމަށް ބުނުމަށްފަހު، އޭގެ 2 މަސްދުވަސް ފަހުން މ.ޖޫލިއަޓްހައުސް ގަތުމަށް މުޙައްމަދު ސަލީމް 5,000,000/-ރ (ފަސްމިލިޔަން) ގެ ނަގުދު ފައިސާ އިން ގުނައި ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް ބުނާބުނުމަކީ، ބުއްދީގެ ހަމައިން ބަލާއިރު އެއްވާހަކަ އިން އަނެއްވާހަކަ ނަފީކުރާ ދެ ވާގިއާއެވެ.
މަތީގައި ބަޔާންކުރެވުނު ގޮތަށް ކަންކަން ހުރުމުން، މ.ޖޫލިއަޓްހައުސް ގަތުމަށް މުޙައްމަދު ސަލީމް 5,000,000/- (ފަސްމިލިޔަން ރުފިޔާ) ގެ ނަގުދު ފައިސާ އިން ގުނައި ޙަސަން އާދަމް އަށް ޙަވާލު ކުރިކަމަށް މިބުނަނީ، މުޙައްމަދު ސަލީމްގެ ފަރާތުން، ބަޔާންވެދިޔަ ކުލީގެ އެއްބަސްވުމުގެ ދަށުން،8,500,000/- (އަށް މިލިޔަން ފަސްލައްކަ ރުފިޔާ) ހަވާލުކުރިތާ، 2 މަހާއި 12 ދުވަސް ފަހުން ކަމަށްވާތީވެ، އަލްމަރްޙޫމް ޙަސަން އާދަމް އާއި މުޙައްމަދު ސަލީމްއާ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް ބަލައި، އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި އިތުރު 5 މިލިއަން ރުފިޔާ ވިއްކުމުގެ އަގުގެ ގޮތުގައި ދިނުމަކީ ބުއްދީގެ ހަމަތަކުން ގަބޫލުކުރެވޭ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި އޮތީ، އަދި އެކޯޓުން ހެކި ވަޒަންކޮށްފައިވަނީ ހެކި ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލުކުރެވެއެވެ.
ބިން އަމިއްލަކުރުމަށް ދެއްކި ފައިސާމ. ޖޫލިއަޓްހައުސް ގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ މުޙައްމަދު ސަލީމުގެ ފައިސާ ކަމަށާއި، އެހެންކަމުން އެފައިސާއަކީ އަލްމަރްޙޫމް ޙަސަން އާދަމްގެ ތަރިކައިގެ މައްޗަށް އޮތް ދަރަންޏެއް ކަމަށް ކަނޑައަޅައިދިނުމަށް މުޙައްމަދު ސަލީމު އެދިފައިވެއެވެ.
މ. ޖޫލިއަޓްހައުސް ގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ މުޙައްމަދު ސަލީމު ދެއްކި ފައިސާކަން ބޭންކް އޮފް މޯލްޑިވްސްގައިވާ މުޙައްމަދު ސަލީމުގެ 7703227126001 ނަންބަރު އެކައުންޓުގެ ސްޓޭޓްމަންޓުން ސާފުކޮށް ފެންނަން އޮންނައިރު، ބިން އަމިއްލަ ކުރުމަށް ފައިސާ ދައްކާފައި އޮންނަ އޮތުމަކީ ސާފުކޮށް ސާބިތުވާން އޮންނަ ކަމަކަށްވާއިރު، ސިވިލް ކޯޓުންނާއި ހައިކޯޓުން އެކަމަށް ރިއާޔަތްކުރިނަމަ، މުޙައްމަދު ސަލީމު ދެއްކި ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ދިން ފައިސާއެއް ކަމުގައި ބެލުމުގެ ޖާގައެއް ނޯންނާނެ ކަމަށް މުޙައްމަދު ސަލީމުގެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލައިގައި މ. ޖޫލިއަޓްހައުސް ގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) މުޙައްމަދު ސަލީމުގެ އެކައުންޓުން ތަހުވީލުކުރިކަން ޝަރިއަތަށް ސާބިތުކުރުމަށް މުޙައްމަދު ސަލީމުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅާފައިވެއެވެ.
އެހެން މީހެއްގެ މުދަލެއް ލިބުމަށްފަހު، އެ މުދަލެއް ލިބިފައިވަނީ މުދަލުގެ ބަދަލުގައި އެއިގެ ވެރިފަރާތަށް އެއްޗެއް ދިނުމެއްނެތި، ހަދިޔާއެއްގެ ގޮތުގައި ކަމަށް، އެ މުދާ ލިބުނު ފަރާތުން ބުނާނަމަ، އެކަން އެމީހަކު ސާބިތު ކޮށްދޭން ޖެހޭނެއެވެ. މިއީ ސުޕްރީމް ކޯޓުގެ ޢަލީ ޝަރީފް ވ. އުއްމުސަލްމާ މައްސަލައިގައި ބަޔާންވެފައިވާ އުސޫލެކެވެ.
މި އުސޫލު މި މައްސަލައަށް ތަތުބީގު ކުރާއިރު، މ. ޖޫލިއަޓް ހައުސްގެ ބިން އަމިއްލަ ކުރުމަށް މުޙައްމަދު ސަލީމް މީރާއަށް ދެއްކި ފައިސާ މީރާއަށް ދައްކާފައިވަނީ މުޙައްމަދު ސަލީމުކަން ކިތާބީ ހެކިތަކުން ސާބިތުވާން އޮތުމުން، އެފައިސާއަކީ މުޙައްމަދު ސަލީމުގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއަށް ކުޅަ ހިބައެއްކަން ސާބިތުކޮށްދިނުމަކީ އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުންގެ މަސްއޫލިއްޔަތެކެވެ. އެފައިސާއަކީ މުޙައްމަދު ސަލީމު ކުޅަ ހިބައެއްކަން އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުންނަށް ޝަރިއަތުގައި ސާބިތުކޮށްދެވިފައި ނުވާތީވެ، 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ ޙަސަން އާދަމްގެ ވާރުތަ މުދަލުގެ ތެރެއިން ނަގައި އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުން މުޙައްމަދު ސަލީމަށް ރައްދުކުރަންޖެހޭ ފައިސާއެއް ކަމަށް ދެކެމެވެ.
މ. ޖޫލިއަޓްހައުސް ގޯތި ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ ޙަސަން އާދަމްގެ ވާރުތަ މުދަލުގެ ތެރެއިން ނަގައި އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުން މުޙައްމަދު ސަލީމަށް އަދާކުރަން ލާޒިމުވާ ފައިސާއެއް ކަމަށް މި ކަނޑައަޅާ ސަބަބަކީ، މީރާއަށް މުޙައްމަދު ސަލީމުގެ ފަރާތުން އެ ފައިސާ ދެއްކުމުމުގެ ނަތީޖާއެއްގެ ގޮތުން، މ. ޖޫލިއަޓް ގޯތީގެ ބަންޑާރަބިން، އަމިއްލަ ބިމަކަށް ބަދަލުވެ، މ. ޖޫލިއަޓް ހައުސްގެ ބިމުގެ އަގު އެ ނިސްބަތުން އިތުރުވެފައި ވާތީއާއި، އެ ބިން ތަރިކައިން ލިބޭފަރާތަކަށް އެކަމުގެ ސަބަބުން އިތުރު ވެލިއުއެއް (އަގެއް) ލިބި މަންފާ ވެފައިވާތީއެވެ.
ނިންމަން ފެންނަ ގޮތްމަތީގައި ބަޔާންކުރި ސަބަބުތައް އެހެންހުރުމުން:
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު2920//Cv-C/2018 ގަޒިއްޔާގެ ހުކުމްކުރުމުގައި، މ. ޖޫލިއަޓްހައުސް ގަތުމުގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް ދީފައިވާ ކަމަށް މުޙައްމަދު ސަލީމު ދައުވާކުރާ 5,000,000/- ރުފިޔާ (ފަސްމިލިޔަން ރުފިޔާ) މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއާ ހަވާލުކޮށްފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ނިންމަން ފެނެއެވެ.
(ށ) މ. ޖޫލިއަޓްހައުސް ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ ވާރިސުންގެ މައްޗަށް އޮތް ދަރަންޏެއް ނޫންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 2920//Cv-C/2018 ގަޒިއްޔާގެ ހުކުމްކުރުމުގައި ބަޔާންކޮށްފައިވާ ބައި ބާތިލުކުރަން ފެނެއެވެ.
(ނ) މ. ޖޫލިއަޓްހައުސް ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުޙައްމަދު ސަލީމު ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ ވާރުތަ މުދަލުގެ ތެރެއިން ނަގައި އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުން މުޙައްމަދު ސަލީމުއަށް ރައްދުކުރަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން:
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު2920//Cv-C/2018 ގަޒިއްޔާގެ ހުކުމްކުރުމުގައި، މ. ޖޫލިއަޓްހައުސް ގަތުމުގެ އަގުގެ ގޮތުގައި މުޙައްމަދު ސަލީމުގެ ފަރާތުން ޙަސަން އާދަމްއަށް ދީފައިވާ ކަމަށް މުޙައްމަދު ސަލީމު ދައުވާކުރާ 5,000,000/- ރުފިޔާ (ފަސްމިލިޔަން ރުފިޔާ) މުޙައްމަދު ސަލީމްގެ ފަރާތުން އަލްމަރްހޫމް ޙަސަން އާދަމްއާ ހަވާލުކޮށްފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
(ށ) މ. ޖޫލިއަޓްހައުސް ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ ވާރިސުންގެ މައްޗަށް އޮތް ދަރަންޏެއް ނޫންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/233 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 2920//Cv-C/2018 ގަޒިއްޔާގެ ހުކުމްގައި ބަޔާންކޮށްފައިވާ ބައި ބާތިލުކުރަން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
(ނ) މ. ޖޫލިއަޓްހައުސް ގަތުމަށްޓަކައި އެގޯތީގެ ބިން އަމިއްލަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މުޙައްމަދު ސަލީމު ދެއްކި 164,424.26 ރ (އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ހަތަރުސަތޭކަ ސައުވީސް ރުފިޔާ ސައްބީސް ލާރި) އަކީ އަލްމަރްހޫމް ޙަސަން އާދަމުގެ ވާރުތަ މުދަލުގެ ތެރެއިން ނަގައި އަލްމަރްހޫމް ޙަސަން އާދަމްގެ ވާރިސުން މުޙައްމަދު ސަލީމުއަށް ރައްދުކުރަންޖެހޭ ފައިސާއެއްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިން)ރިޔާސަތު(
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.