ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 09 · 2022/SC-A/58ސުޕްރީމް ކޯޓު · 3 މާރިޗު 2024

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން

ސުޕްރީމް ކޯޓު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 މާރިޗު 2024ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 09 2022/SC-A/58 ޝަރީޢަތް ނިމުނުގޮތް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު 03 މާރޗް 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2015/HC-A/08

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. އިބްރާހީމް ރަޝީދު މޫސާ، ހ. މީރުބަހުރުގެއާގެ، ކ. މާލެ 2. ޢަބްދުﷲ ފާރޫޤު ޙަސަން، ގ. ކޮއްކިރި، ކ. މާލެ މުޙައްމަދު ޒާހިރު ޙުސައިން، ނީލްވިލާ، ކ. މާލެ ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު،

ކްރިސްޓަލް ޗެމްބަރސް

ޤާނޫނީ ވަކީލު: އަޙްމަދު މުޢިއްޒު،

މުޢިއްޒު އެންޑް ކޯ އެލްއެލްޕީ

ތަދައްޚުލުވި ފަރާތް

ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ބަދަލުގައި: ޙުސައިން ސިރާޖް،

އެސް އެންޑް އޭ ލޯޔަރސް އެލްއެލްޕީ

މަދަނީ - ކޮންޓްރެކްޓެއްގައި ހިމެނޭ އުންސުރުތައް - މުޤާބިލް - ތަންފީޛުކުރެވޭ އެއްބަސްވުން - މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުން - ދަޢުވާ ކުރުމުގެ މުއްދަތު - ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ.

ފިހުރިސްތު

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 2

ތަޢާރުފު 2

ޚުޞޫމާތުގެ އަސްލު 3

ސިވިލް ކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާ 4

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް 7

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު 9

މައްސަލައަށް 'ހަވީރު މީޑިއާ ގްރޫޕް'ގެ ފަރާތުން ތަދައްޚުލުވުން 11

އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދީފައިވާ ރައްދު 12

ފައުންޑަރުންގެ އެއްބަސްވުން 13

ނޫސް އެޖެންސީގެ މަސައްކަތް 14

ފައުންޑަރ މެންބަރުންގެ ބޯޑު 14

ފައުންޑަރ މެންބަރުންގެ ބޯޑުގެ ޖަލްސާ ބޭއްވުން 15

މާލީ ކަންކަން 16

މެންބަރަކު ފައުންޑަރ މެންބަރުންގެ ބޯޑުން ވަކިވުން 17

އެޖެންސީ އުވާލުން ނުވަތަ މެންބަރަކު މަރުވުން 17

މައްސަލަ ހައްލުކުރުން 17

އެހެނިހެން ކަންކަން 18

މިލްކުރެވިކަން ބަދަލުވެފައިވާކަން ނުވަތަ ނޫންކަން 18

މަސްއޫލުވެރިކަމަކީ މިލްކުވެރިކަންތަ؟ 22

މިލްކުރެވިކަން އަދި މިލްކުވެރިކަން ބަދަލުކުރުން 23

އެހެނިހެން ނުކުތާތައް 29

ދައުވާއެއް ނުކޮށް ގިނަދުވަސްވުމުން ދައުވާކުރުމުގެ ޙައްޤު ދޫކޮށްލީކަމުގައި ބަލަންޖެހޭތަ؟ 29

ނިންމަން ފެންނަ ގޮތް 34

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 35

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 35

ޙުކުމް 35

` ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވ. އިބްރާހީމް ރަޝީދު މޫސާ އަދި ޢަބްދުﷲ ފާރޫޤު ޙަސަން [2024] SC 09 ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ނީލްވިލާ، މާލެ، ޑރ. މުޙައްމަދު ޒާހިރު ޙުސައިން1 (މީގެ ފަހުން 'އިސްތިއުނާފުކުރާ ފަރާތް' ނުވަތަ 'ޑރ. މުޙައްމަދު ޒާހިރު ޙުސައިން') ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން،

މި ކޯޓުގެ ނަންބަރު 2022/SC-A/58 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ.

މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އިބްރާހީމް ރަޝީދު މޫސާ2 (މީގެ ފަހުން 'އިބްރާހީމް ރަޝީދު މޫސާ') އާއި ގ. ކޮއްކިރި، މާލެ، ޢަބްދުﷲ ފާރޫޤު ޙަސަން3 (މީގެ ފަހުން 'ޢަބްދުﷲ ފާރޫޤު ޙަސަން') ގެ މައްޗަށެވެ.

2. މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ހަވީރު މީޑީއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް4 (މީގެ ފަހުން 'ހަވީރު މީޑީއާ ގްރޫޕް') އިން ހުށަހަޅާފައިވެއެވެ. މި ހުށަހެޅުމަށް ބަލާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ 'ހަވީރު' ނޫހާއި، 'ލޯމާފާނު ޕްރިންޓް' ގައި އެ ކުންފުނީގެ މަސްލަހަތެއް އޮތްކަމުގައި ފެންނާތީ، ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 61 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ކުންފުންޏަށް މި މައްސަލައިގައި ތަދައްޚުލުވުމުގެ ފުރުސަތު ދީފައިވެއެވެ.

ޚުޞޫމާތުގެ އަސްލު

3. މި މައްސަލައިގައި އުފެދިފައިވާ ޚުޞޫމާތުގެ އަސްލަކީ ދުވަހު ނޫސް "ހަވީރު" ނެރުމަށާއި، "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީ ކުރެވިފައިވާ ޗާޕްޚާނާ ވިޔަފާރީގެ އުސޫލުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން (މީގެ ފަހުން މި ދެފަރާތް އެކުގައި 'އިސްތިއުނާފު ރައްދުވާ ފަރާތްތައް') އާއި ޑރ. މުޙައްމަދު ޒާހިރު ޙުސައިން އަދި މުޙައްމަދު ނަޢީމް އާދެމެދު

31 މާރޗް 1983 ދުވަހު ވެފައިވާ "ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުން" (މީގެ ފަހުން 'އެއްބަސްވުން' ނުވަތަ 'ފައުންޑަރުންގެ އެއްބަސްވުން') ގެ ނަމުގައި ވެފައިވާ އެއްބަސްވުމެކެވެ.

4. ފައުންޑަރުންގެ އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުމުގެ މަޤުޞަދަކީ ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށާއި، ލިޔުންތެރިކަން ތަރައްޤީކޮށް ޢާންމު ކުރުމަށްޓަކައި ޤައުމީ އަދި އިޖުތިމާއީ ޚިދުމަތެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ހަވީރު ނޫސް އެޖެންސީ (މީގެ ފަހުން 'އެޖެންސީ') ގެ ނަމުގައި އެޖެންސީއެއް އުފެއްދުމެވެ.5 އެ އެއްބަސްވުމުގައި ހަވީރު ނޫސް އެޖެންސީން ކުރާނެ މަސައްކަތް ބަޔާންކުރުމުގެ އިތުރުން، ހަވީރު ނޫސް އެޖެންސީއާބެހޭ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކީ އެ އެޖެންސީގެ ހަތަރު ފައުންޑަރ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑު ކަމަށާއި،6 ނޫސް އެޖެންސީގެ ފަރާތުން ނެރޭ ނޫހާއި މަޖައްލާދަފަ ތަކެތީގެ މަސްއޫލުވެރިންނާއި، އެޑިޓަރުން ލައްވައި، ވަކިކުރާނީ ފައުންޑަރ މެންބަރުންގެ ބޯޑުން ކަމުގައި ބަޔާންކޮށްފައިވެއެވެ.7

ސިވިލް ކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާ

5. ބަޔާންވެދިޔަ ފައުންޑަރުންގެ އެއްބަސްވުމާ ޚިލާފަށް އެއްބަސްވުމުގެ އެއް ފައުންޑަރު ކަމުގައިވާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޢަމަލުކޮށްފައިވާތީ:

(ހ) 31 މާރޗް 1983 ދުވަހުން ފެށިގެން މި މައްސަލައިގައި ކޯޓުން ޙުކުމެއް ކުރުމާއި ހަމައަށް، 'ހަވީރު ނޫސް އެޖެންސީ' އަށާއި އެ އެޖެންސީން ނެރެމުން އައި 'ހަވީރު' ދުވަހު ނޫހަށާއި، އެ އެޖެންސީގެ ފަރާތުން ހިންގަމުންއައި ޗާޕްޚާނާ އަށް ލިބިފައިވާ ޖުމްލަ އާމްދަނީން، ޚަރަދު ކަނޑައި ލިބިފައިވާ ފައިދާގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި

(25 އިންސައްތަ) އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން ކުރެ ކޮންމެ މީހަކަށް ނަގައިދިނުމަށާއި؛

(ށ) 31 މާރޗް 1983 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 'ހަވީރު ނޫސް އެޖެންސީ' އާއި އެ އެޖެންސީން ނެރުނު 'ހަވީރު' ނޫސް އާއި މިހާރު އެހެން ނަމެއްގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއް / ތަނެއްގެ ދަށަށް ބަދަލުކުރެވިފައިވާ މުދާ / ތަކެތި ވިޔަސް، ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން ކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 (ފަންސަވީސް) އިންސައްތައިގެ މިލްކުވެރިކަމުގެ ޙައްޤު ރައްކާތެރިކޮށްދިނުމަށާއި؛

(ނ) އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއަށް ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤު ނިގުޅައިގަނެވިފައިވާތީ، މި ދެމީހުންގެ ޙައްޤު ލިބިދިނުން އެދި؛

އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

6. މި މައްސަލަ ބެލި ސިވިލް ކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކޮށްފައިވަނީ، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން ބަޔާންކުރާ ފަދައިން ދުވަހު ނޫސް 'ހަވީރު' އާއި ޗާޕްހާނާއަކީ އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އާއެކު 1983 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދުނު އަދި ހިންގަމުން އައިސްފައިވާ ނޫހެއް އަދި ޗާޕްޚާނާއެއް ނޫންކަން ސާފުކޮށް ޝަރީޢަތަށް ސާބިތުވާން އޮތުމުން، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އެދިފައިވާ ފަދައިން އެ ނޫހާއި ޗާޕްޚާނާގައި އެ ފަރާތްތަކުގެ ހިއްސާއެއްވާކަމުގައި ބެލޭނޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށާއި، ދުވަހު ނޫސް 'ހަވީރު' އަދި ޗާޕްޚާނާ ހިންގައިގެން މިހާތަނަށް ލިބިފައިވާ ނަފާއިން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އަށް އެއްވެސް މިންވަރެއް ދިނުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައެވެ.

7. ސިވިލް ކޯޓުން އިސްވެ ބަޔާންކުރި ފަދައިން މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

(ހ) ފައުންޑަރުންގެ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިންނަށް އިލްތިޒާމެއް އަދި ބައިވެރިންގެ ފަރާތުން އެ މުޢާމަލާތަށް ދޭ ހިއްސާއެއް ވެސް ބަޔާންކޮށްފައި ނުވާއިރު، އެ އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ މުޤާބިލެއް ނެތްކަން އެނގެން އޮންނާތީ، އެ އެއްބަސްވުމަކީ އޭގެ ޒާތުން އެ މައްޗަށް ޢަމަލުކުރެވޭ ފަދައަކުން އަދި ޤާނޫނީ ގޮތުން ބަނދެވޭ ފަދައަކުން އޮތް އެއްބަސްވުމެއް ނޫންކަން.

(ށ) ފައުޑަރުންގެ އެއްބަސްވުން ވެފައިވާ ތާރީޚް ކަމުގައިވާ 31 މާރިޗު 1983 ގެ ކުރިންވެސް އަދި ފަހުންވެސް ދުވަހުނޫސް 'ހަވީރު' ނެރެފައިވާކަމާއި، އަދި އެ ތާރީޚްގެ ފަހުންވެސް ކުރިންވެސް ދުވަހުނޫސް 'ހަވީރު' ރަޖިސްޓްރީ ކުރެވިގެން ހިންގާފައިވަނީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައިކަން އެ ނޫހުގެ އެކި އަހަރުތަކުގެ ރަޖިސްޓްރީތަކަށް ބެލުމުން އެނގެން އޮންނަކަން.

(ނ) ދުވަހު ނޫސް 'ހަވީރު' އާއި ޗާޕްޚާނާ ހިންގުމަށްޓަކައި ދިވެހި ސަރުކާރުންނާއި އަދި މާލީ އިދާރާތަކުން އެކި ދުވަސްވަރުގައި އެކި މިންވަރުގެ ލޯނު ނަގާފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި، އެ ލޯނުތައް މުޅިންވެސް ނަގާފައިހުރީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ޒިންމާވާގޮތަށް އެ ފަރާތުގެ އަމިއްލަ ނަމުގައިކަމާއި، މިއިން އެއްވެސް މާލީ މުޢާމަލާތެއްގައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ އެއްވެސް ދައުރެއް އަދި ހިއްސާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން.

(ރ) ދުވަހު ނޫސް 'ހަވީރު' ހިންގުމާގުޅޭ ގޮތުން އަދި އެ ނޫސް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު މުޢާމަލާތްކުރެވިގެން ގޮސްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނައިރު، މިއިން އެއްވެސް ކަމެއްގައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ އެއްވެސް ދައުރެއް އަދި ހިއްސާއެއް ވިޔަސް އެއްވެސް މިންވަރަކަށް ނެތްކަން.

(ބ) އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން އުފުލާފައިވާ ދަޢުވާއަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ފައުންޑަރުންގެ އެއްބަސްވުމާ ޚިލާފުވެފައިވާކަމުގެ މައްޗަށް ކުރާ ދަޢުވާއެއް ކަމަށްވާއިރު، 1983 އިން ފެށިގެން މިހާތަނަށް އައިއިރު، އެ އެއްބަސްވުމުގެ ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއަށް ލިބި އޮތްކަމަށް ބުނާ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅެއް އަޅައި، ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަން.

(ޅ) މީސްމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަކެތީގެ ރަޖިސްޓްރީއާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު8 މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ހުށަހަޅާފައިވާ ދަޢުވާއަކީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ބުނެފައިވާ ފަދައިން މައްސަލައިގައި ހުށަހަޅާފައިވާ ރަޖިސްޓްރީތައް ޠައުނުކޮށް ހުށަހަޅާފައިވާ ދަޢުވާއަކަށް ނުވާތީ، އަދި މި ދަޢުވާއަކީ ރަޖިސްޓްރީ އެ މައްޗަށް ދޫކުރެވިފައިވާ ތަކެތީގެ މިލްކުވެރިކަމާމެދު އޮތް ދަޢުވާއެއް ކަމުގައިވުމުން، އެ ތަކެތީގެ މިލްކުވެރިކަން ޝަރީޢަތުން ކަށަވަރުކުރުމުގައި އެ ތަކެތީގެ ރަޖިސްޓްރީއަކީ އެ ކަމަށް އެކަށޭނަ ހެއްކެއްކަން ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބެލުމުން އެނގޭކަން.

އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

8. ސިވިލް ކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާގެ ނިންމުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ޙުކުމް ބާޠިލްކޮށް، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއާއި ދެމީހުން ކުރެ ކޮންމެ މީހަކަށް 'ހަވީރު' ނޫސް އެޖެންސީއާއި، އެތާނގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި، މުދަލުގެ 4/1 (%25) ހިއްސާ، ލިބިގެންވާކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާތީ، ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ހިންގަމުންދިޔަ ހަވީރުނޫސް އެޖެންސީއާއި އެތަނުގެ ފައިސާއާއި މިލްކުގައިވާ ތަންތަނާއި ތަކެތިން ލިބިފައިވާ ޖުމްލަ އާމްދަނީން ޚަރަދު ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލިބެންވާ މިންވަރާއި ޢަދަދު ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ފަރާތްތަކަށް ލިބިގެންވާކަމަށް ކަނޑައަޅައެވެ.

9. ދިވެހިރާއްޖޭގެ ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

(ހ) ދުވަހު ނޫސް "ހަވީރު" އަކީ 1978 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، މުޙައްމަދު ޒާހިރު ޙުސައިންގެ މަސްއޫލުވެރިކަމުގެ ދަށުން ރަޖިސްޓްރީ ކުރެވި، 01 ޖަނަވަރީ 1979 ގައި ނެރެން ފެށި ނޫހެއް ކަމުގައިވީ ނަމަވެސް، އެ ނޫހުގެ މަސައްކަތް ފަށައިގަތީ މަސްއޫލުވެރިޔާ މުޙައްމަދު ޒާހިރު ޙުސައިން އެއްވެސް އިންވެސްޓްމަންޓެއްކޮށް، މާލީ އެއްވެސް ރިސްކެއް ނަގައިގެން ނޫންކަން.

(ށ) ފައުންޑަރުންގެ އެއްބަސްވުމުގައި ބަޔާންކުރާ އެންމެހައި މާއްދާތަކަށް ބެލުމުން، "ހަވީރު" ނޫހާ ބެހޭގޮތުން ކަންކަން ނިންމުމުގެ އެންމެ އިސް ފަރާތަކީ "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑު ކަމާއި، އެ އެޖެންސީން ނެރޭ ނޫސް މަޖައްލާ ނެރެ ހިންގާނީ ފައުންޑަރ މެންބަރުންގެ ބޯޑުން އެއްބަސްވާ ގޮތެއްގެ މަތިން މަސްއޫލުވެރިންނާއި އެޑިޓަރުންކަން.

(ނ) ފައުންޑަރުންގެ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އަދި އެއަށްފަހުވެސް "ހަވީރު" ނޫހުގެ މަސްއޫލުވެރިއެއްގެ ގޮތުގައި އިބްރާހީމް ރަޝީދު މޫސާ އަދި އެ ނޫހުގެ އެޑިޓަރެއްގެ ގޮތުގައި، ޢަބްދުﷲ ފާރޫޤު ޙަސަން ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑުން ހަމަޖައްސާފައިވާކަމާއި، އަދި އެއްބަސްވުމުގެ ދަށުން "ހަވީރު" ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑަށް ލިބިދީފައިވާ ބާރާއި ޙައްޤުތައް "ހަވީރު" ނޫހުގެ މަސްއޫލުވެރިންނާއި އެޑިޓަރުންނަށް ލިބޭ ބާރުތަކާއި ޙައްޤުތަކުގެ މައްޗަށް އިސްކުރެވިފައިވާކަން އެނގޭކަމާއި، މި ބާރާއި ޙައްޤުތައް އެހެން ގޮތަކަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ދޫކޮށްލާފައިވާކަން އެނގެން ނެތްކަން.

(ރ) "ހަވީރު" ނޫސް އެޖެންސީއާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލަކީ، ފައުންޑަރުންގެ ހަތަރު މީހުންގެ ހަމަހަމަ މިލްކުކަމަށާއި، ކޮންމެ އަހަރެއްގެ ފައިދާ ބަހަންވާނީ އަދި އެޖެންސީ އުވާލެވިއްޖެނަމަ އެޖެންސީގެ މިލްކިއްޔާތު ބަހަންވާނީ ފައުންޑަރުންގެ ހަތަރު މީހުންގެ މެދުގައި ހަމަހަމަވާ ގޮތަށްކަމަށާއި، އެއްބަސްވުމަށް ބަލާއިރު އެ ނޫހަށް ކަނޑައަޅާ މަސްއޫލުވެރިއަކަށް އެ ނޫހުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ފައުންޑަރ މެންބަރުންގެ ބޯޑުގެ މެންބަރަކު މަސައްކަތުން ވަކިކޮށް ދުރުކުރުން ނުވަތަ އެއްފަރާތްކުރުމުގެ ބާރު ލިބިފައި ނުވާކަން.

(ބ) ހަވީރު ނޫސް އެޖެންސީއަކީ، ހަވީރު ނޫހާއި އެ ނޫހުގެ ޗާޕްޚާނާއާއި، "އަމާޒު" މަޖައްލާ ނެރުމުގެ މަސައްކަތްކުރުމަށް އުފައްދާފައިވާ އެޖެންސީއެއް ކަމާއި، އެ އެޖެންސީގެ ފައިދާއާއި ގެއްލުމުގައި ފައުންޑަރ މެންބަރުން ހިއްސާވަނީ ހަމަހަމައަށްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ހައިކޯޓުގެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އެ ޤަޟިއްޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތުމުންނާއި، ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ޙުކުމަކަށްވާތީ، އަދި އެ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތަތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 42 ވަނަ މާއްދާއަށް ހަވާލާދީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމިއެވެ.9

11. އެއަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އެ ނިންމުން އަލުން ބައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން،10 އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރިއާޔަތްކޮށް، މައްސަލަ ބަލައިގަތުމަށް ފެންނަކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާންމު މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމިއެވެ.11 އަދި 04 މާރިޗު 2021 ގެ 12:00 ގެ ކުރިން މައްސަލަ ހުށަހެޅުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިންއަށް ސުޕްރީމް ކޯޓުން އެންގިއެވެ.12 މިއީ، ބުނެވުނު މަރުހަލާތަކަށްފަހު ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2015/HC-A/08 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލުނު މައްސަލައެވެ.13

12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން 06 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

(ހ) ފުރަތަމަ ސަބަބަކީ، އެއްބަސްވުމަކީ ޢަމަލުކުރަން ފެށިފައިވާ އެއްބަސްވުމެއް ނޫންކަމަށާއި، އެއްބަސްވުން ވުޖޫދުކުރެވިފައިވީ ނަމަވެސް އެއީ، މިހާރު ދިރިދެމި އޮތް އެއްބަސްވުމެއް ނޫންކަމަށާއި، އެއްބަސްވުންވަނީ އެއްބަސްވުމުގެ ހުރިހާ ބައިވެރިންގެ ޢަމަލުން އުވާލެވިފައިކަމުގައި ބުނެ، އަދި އެއްބަސްވުމުގެ ދަށުން އުފައްދަން އެއްބަސްވެފައިވާ ނުވަތަ އުފެދިފައިވާ ނޫސް އެޖެންސީއެއް ޤާނޫނީ ގޮތުން ވުޖޫދުވެފައި ނުވަތަ މިހާރު ވުޖޫދުގައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބު.

(ށ) ދެވަނަ ސަބަބަކީ، އެއްބަސްވުމަކީ މިހާރު ދިރިދެމި އޮތް އެއްޗެއް ކަމުގައި ބަލައި، އެއްބަސްވުމަކީ އެ މައްޗަށް ޢަމަލުކުރަން ލާޒިމު އެއްބަސްވުމެއްކަމުގައި ބެލި ކަމުގައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން އެއްވެސް ޙާލެއްގައި ހަވީރު ނޫހާއި ހަވީރުގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ޗާޕްޚާނާގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ބަދަލުކުރަން އެއްބަސްވެފައި ނުވަތަ ބަދަލުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބު.

(ނ) ތިންވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ހަވީރުން ބޭރުކުރުމަށްފަހު، 1985 ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ޑިފެކްޓޯކޮށް ހަވީރުގެ ކޮންޓްރޯލް ނަގާފައިވާކަމަށް ބުނާއިރު، 30 (ތިރީސް) އަހަރުވަންދެން އެކަމުގެ ފަރުވާއެއް ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އުޅެފައި ނުވުމުން، އެ ފަރާތްތަކުގެ ޢަމަލުން ޙައްޤު ދޫކޮށްލައްވާފައިވާ ކަމަށް ބަލަންޖެހޭކަމުގައި ބުނެ ހުށަހެޅި ސަބަބު.

(ރ) ހަތަރުވަނަ ސަބަބަކީ، އެއްބަސްވުމުގައި ފައުންޑަރ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން ވަކި ގޮތަކަށް ޢަމަލުކުރަން އޮންނައިރު އެ ގޮތަށް ކަންކުރުމަކާއި ނުލައި ކޯޓު މެދުވެރިކޮށް އެކަންކަން ހައްލުކުރުމުގެ ފުރުޞަތު ނެތްކަމަށާއި، އެއްބަސްވުމުގައި ވާގޮތަށް ވާހަކަދެއްކުމަށް ދެވުނު ދައުވަތު ޤަބޫލުނުކޮށް ސިޓީއެއް ފޮނުވުމަކީ ކޯޓަށް އައުމުގެ ޙައްޤު ލިބިދޭ ހާލަތެއް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބު.

(ބ) ފަސްވަނަ ސަބަބަކީ، ހަވީރު އަދި ހަވީރުގެ ޗާޕްޚާނާގެ މިލްކުވެރި ފަރާތުގެ ނުޤަބޫލުގައި ޤާނޫނީގޮތުން އުފެދިފައިވާ މުދަލެއް އެހެން ފަރާތަކަށް މިލްކުކޮށް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ އަދި ޢާންމު ޤާނޫނީ ޙުކުމްތަކާ ޚިލާފުކަމެއް ކަމަށް ބުނެ ހުށަހެޅި ސަބަބު.

(ޅ) ހަވަނަ ސަބަބަކީ، ހަވީރު ނޫހަށް 36 (ތިރީސް ހައެއް) އަހަރުވީއިރު، ހަވީރު ތަރައްޤީކުރަން މަސައްކަތްކޮށް، މާލީ އަދި ޤާނޫނީ ރިސްކު ނަގައި، މަސައްކަތްކޮށް، މިއަދުގެ ތަރައްޤީއަށް ބަދަލުކުރި ފަރާތެއްގެ އަތުން، ހަވީރު އަދި ޗާޕްޚާނާގެ މާލީ، ތަބީޢީ އަދި ފިކުރީ މުދާ ނިގުޅައިގަތުމަކީ ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތް ކަމެއް ނޫންކަމަށް ބުނެ ހުށަހެޅި ސަބަބު.

މައްސަލައަށް 'ހަވީރު މީޑިއާ ގްރޫޕް'ގެ ފަރާތުން ތަދައްޚުލުވުން

13. ހަވީރު ނޫހާއި ހަވީރުގެ ޗާޕްޚާނާގެ ގޮތުގައި ހަވާލާދީފައިވާ ލޯމާފާނު ޕްރިންޓްގެ މިލްކުވެރިކަމުގެ ހިއްސާއެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ނަގުލުވެފައިވާ ކަމަށާއި، އެ ތަކެއްޗާ ގުޅޭގޮތުން ވަކިގޮތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއިން އަންގާފައިވާކަން ދޭހަވާހިނދު، ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްއަކީ ހަވީރު މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް14 (މީގެ ފަހުން 'ހަވީރު މީޑިއާ ގްރޫޕް') ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މުދަލެއް ކަމުގައިބުނެ، އެ ފަރާތުން މި މައްސަލައަށް ތަދައްޚުލުވުމަށް އެދުމުން،15 މި މައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތު ހަވީރު މީޑިއާ ގްރޫޕަށް ވަނީ ލިބިދީފައެވެ.

14. ހަވީރު މީޑިއާ ގްރޫޕުން ހުށަހަޅާފައިވާ ގޮތުގައި، ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްއަކީ ހަވީރު މީޑިއާ ގްރޫޕްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، އަދި އެ ފަރާތުން ހިންގަމުންދާ ވިޔަފާރިއެއް ކަމުގައި ވާއިރު، ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްގެ މިލްކުވެރިކަމުގެ ހިއްސާއެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ނަގުލުވެފައިވާ ކަމަށާއި، އެ ތަކެއްޗާ ގުޅޭގޮތުން ވަކިގޮތަކަށް އަމަލުކުރުމަށް އަންގާކަން ދޭހަވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުން ބެލި މައްސަލަ ނިންމާފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 76/28 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ މީސްމީހުންގެ އަމިއްލަ ތަކެތި ދީ ވިއްކުމާބެހޭ ޤާނޫނު) އާ ޚިލާފަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދީފައިވާ ރައްދު

15. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ:

(ހ) ފައުންޑަރުންގެ އެއްބަސްވުމަކީ އެ އެޖެންސީގެ ހަތަރު ފައުންޑަރ މެންބަރުންގެ ރުހުމާއި ޤަބޫލުވުމާއެކު އެ މައްޗަށް ޢަމަލުކުރުމަށް އެއްބަސްވެ ވެފައިވާ އެއްބަސްވުމެއްކަމުން، އެ އެއްބަސްވުމުގެ ދަށުން ބައިވެރިންނަށް ލިބިދީފައިވާ ޙައްޤުތަކާއި ބާރުތައް އެހެން ގޮތަކަށް ބަދަލުކޮށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރުމަށް އެ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައި ނެތް ހާލު، އެ އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައިވާ އެއްބަސްވުމެއްކަން؛

(ށ) ހަވީރު ޗާޕުޚާނާ މިހާރު އެހެން ނަމެއްގައި ހިންގި ކަމުގައި ވީނަމަވެސް "ހަވީރު ނޫސް އެޖެންސީ" އުފެއްދުމަށް ވެފައިވާ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އެ މެންބަރުންނަށް ލިބިދޭ ޙައްޤުތަކާއި، ބާރުތައް އެ ތަނުގެ މައްޗަށް ހިނގާނެކަން؛

(ނ) "ހަވީރު ނޫސް އެޖެންސީ" ގެ ފަރާތުން ދުވަހު ނޫސް "ހަވީރު" ނެރެމުން އައުމާއި ނޫހުގެ ކަންކަން މެނޭޖްކުރަމުން އައި އައުން ހުއްޓާލައި، އެހެން ފަރާތެއްގެ ނަމަށް ނުވަތަ އެހެން އެޖެންސީއެއް ނުވަތަ ކުންފުންޏެއްގެ ދަށަށް އެކަންކަން ގެންދިއުމަކީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ރުހުމާއި އެއްބަސްވުމާ ނުލައި ވަކި ފައުންޑަރ މެންބަރަކަށް އަމިއްލައަށް ކުރެވޭނެ ކަމެއް ނޫންކަން؛

(ރ) ހަތަރު މީހެއްގެ މިލްކުގައިވާ ވިޔަފާރިއެއް ތަރައްޤީ ކުރުމަށްޓަކައި، އެތަނުން އެކެއްގެ ނަމުގައި ނުވަތަ ގެރެންޓަރެއްގެ ގޮތުގައި ލޯނު ނެގުމުން، އެ ހިސާބުން ދެންތިބި ތިން މީހުންގެ ޙައްޤު ނެތިދާނެ ކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ އުސޫލެއް ނެތްކަން؛

އަދި ބުނެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި ދެކޭ ކަމަށެވެ.

ފައުންޑަރުންގެ އެއްބަސްވުން

16. މި މައްސަލައިގައި ހިމެނޭ ޚުޞޫމާތުގެ ބިނާއަކީ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އަދި މުޙައްމަދު ނަޢީމް އާދެމެދު 31 މާރިޗު 1983 ދުވަހު ވެފައިވާ ފައުންޑަރުންގެ އެއްބަސްވުން ކަމުގައިވާތީ، އެ އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމަށް ބަލާލުން މުހިންމުވެއެވެ.

16.1. ފައުންޑަރުންގެ އެއްބަސްވުމުގެ 1 ވަނަ މާއްދާ ބުނާގޮތުން "ހަވީރު ނޫސް އެޖެންސީއަކީ، ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށާއި ލިޔުންތެރިކަން ތަރައްޤީކޮށް އާންމު ކުރުމަށްޓަކައި ޤައުމީ އަދި އިޖްތިމާޢީ ޚިދުމަތެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި..." އެ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އަދި މުޙައްމަދު ނަޢީމްގެ ފަރާތުން އުފައްދާފައިވާ އެޖެންސީއެކެވެ.

ނޫސް އެޖެންސީގެ މަސައްކަތް

16.2. ފައުންޑަރުންގެ އެއްބަސްވުމުގެ 3 ވަނަ މާއްދާ ބުނާގޮތުން ހަވީރު ނޫސް އެޖެންސީއިން މިވަގުތުކުރާ މަސައްކަތްތަކަކީ (ހ) ދުވަހު ނޫސް "ހަވީރު" ނެރުން، (ށ) މަހަކު އެއްފަހަރު ނިކުންނަ "އަމާޒު" މަޖައްލާ ނެރުން، އަދި (ނ) "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ޗާޕުޚާނާ ވިޔަފާރީގެ ގޮތުން ހިންގުން، މިއެވެ.

ފައުންޑަރ މެންބަރުންގެ ބޯޑު

16.3. އެ އެއްބަސްވުމުގައި ބުނާގޮތުން، ހަވީރު ނޫސް އެޖެންސީއާބެހޭ ހުރިހާ ކަމެއްގެ އެންމެ އިސް ފަރާތަކީ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ފައުންޑަރ މެންބަރުންގެ ބޯޑެވެ.16 އެހެންނަމަވެސް، ފައުންޑަރ މެންބަރުންގެ ފަރާތުން ނޫސް އެޖެންސީއަށް ލިބޭ މާއްދީ އަދި މައުނަވީ މަސްއޫލިއްޔަތު އެ މީހަކު އުފުލަންވާނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކުރެއެވެ.17

16.4. ފައުންޑަރ މެންބަރުންގެ ބޯޑުގެ ވާޖިބުތަކަކީ (ހ) ނޫސް އެޖެންސީއަށް ބޭނުންވާ މުވައްޒަފުން ލެއްވުމާއި ވަކިކުރުމާއި؛ (ށ) ނޫސް އެޖެންސީގެ ފެންވަރު ރަނގަޅުކުރުމާއި ތަރައްޤީ ކުރުމާއި؛ (ނ) ނޫސް އެޖެންސީގެ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި؛ (ރ) ނޫސް އެޖެންސީއަށް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރުމާއި؛ (ބ) ނޫސް އެޖެންސީގެ މަސައްކަތްތައް ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ތައާރުފުކޮށްދިނުމެވެ.18

16.5. މީގެ އިތުރުން، ހަވީރު ނޫސް އެޖެންސީއިން ނެރޭ ނޫސްމަޖައްލާފަދަ ތަކެތީގެ މަސްއޫލުވެރިންނާއި އެޑިޓަރުން ލައްވައި ވަކިކުރާނީ ފައުންޑަރ މެންބަރުންގެ ބޯޑުން ކަމަށާއި؛19 ނޫސް އެޖެންސީއިން ނެރޭ ނޫސްމަޖައްލާފަދަ ތަކެތި ނެރުމުގެ ކަންކަން ހިންގާނީ ފައުންޑަރ މެންބަރުންގެ ބޯޑުން އެއްބަސްވާ ގޮތެއްގެ މަތިން މަސްއޫލުވެރިންނާއި އެޑިޓަރުންކަމުގައާއި؛20 މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ފައުންޑަރ މެންބަރުންގެ ބޯޑުގެ ބައްދަލުވުމެއް ނުބޭއްވޭ ހާލަތެއްގައި، ނޫސްމަޖައްލާ ހިންގުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މަސްއޫލުވެރިންނަށާއި އެޑިޓަރުންނަށް ލިބިގެންވާ ހިނދު، އެފަރާތްތަކުން ފިޔަވަޅު އެޅުމުގެ ކުރިން އެވަގުތަކު ރަށުގައި ތިބި ފައުންޑަރ މެންބަރުންގެ ލަފާ ހޯދަންވާނެ ކަމަށާއި، އެފަދަ ފިޔަވަޅެއް ދެން އޮންނަ ބޯޑުގެ ޖަލްސާއެއްގައި ހުށަހަޅާ ފާސްކުރަންވާނެ ކަމުގައާއި؛21 ހަވީރު ނޫސް އެޖެންސީ ނުވަތަ އެތަނުން ނެރޭ ނޫހެއް ނުވަތަ މަޖައްލާއެއް އުވާލުމަށް ނުވަތަ ކުރަމުންދާކަމެއް ހުއްޓާލުމަށް ކަނޑައަޅާނީ ފައުންޑަރ މެންބަރުންގެ ބޯޑުގެ އިއްތިފާގުން ކަމުގައި22 އެއްބަސްވުމުގައި އޮވެއެވެ.

ފައުންޑަރ މެންބަރުންގެ ބޯޑުގެ ޖަލްސާ ބޭއްވުން

16.6. ފައުންޑަރ މެންބަރުންގެ ބޯޑުގެ ބައްދަލުވުންތައް އޮންނާނީ އާންމު ގޮތެއްގައި ހަފުތާއަކު އެއްދުވަހު ނަމަވެސް، މެންބަރަކު ސަބަބު ބަޔާންކޮށް ޖަލްސާއެއް ބޭއްވުމަށް އެދިއްޖެނަމަ ހާއްސަ ޖަލްސާއެއްގެ ގޮތުގައި ބޯޑުގެ ޖަލްސާއެއް ބޭއްވިދާނެކަމަށް އެއްބަސްވުމުގައި އޮވެއެވެ.23 އަދި ޖަލްސާ ބޭއްވޭނީ ތިން މެންބަރުން ހާޒިރުވެއްޖެނަމަ ކަމުގައިވެސް އެއްބަސްވުމުގައި އޮވެއެވެ.24

މާލީ ކަންކަން

16.7. އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބުނާގޮތުން، އެޖެންސީގެ ހުރިހާ ފައިސާއެއް ހުންނަންވާނީ އެޖެންސީގެ ނަމުގައި، ޖޮއިންޓް އެކައުންޓެއްގައި، އެއްބަސްވެވޭ ބޭންކެއްގައި ކަމަށާއި، ބޭންކުން ބޭރުގައި ބެހެއްޓޭނީ ރިކަރަންޓް ހަރަދަށް ބޭނުންވާ ޕެޓީކޭޝް ފައިސާ ކަމަށާއި، އެދުވަސްވަރެއްގެ މަސައްކަތް ހުރި ގޮތުން އެ އަދަދު ކަނޑައަޅާނީ ބޯޑުން ކަމަށާއި، އެޖެންސީގެ މުވައްޒަފުންގެ މުސާރަ ދިނުމާއި ތަންހިންގުމަށް ކޮންމެހެން ބޭނުންވާ ހަރަދު ފިޔަވާ އެހެން އެއްވެސް ކަމަކަށް އެޖެންސީގެ ބޭންކް އެކައުންޓުން ފައިސާ ނަގަންވާނީ ފައުންޑަރުންގެ ބޯޑުން ފާސްކޮށްގެންނެވެ.

16.8. ނޫސް އެޖެންސީއާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއާ މުދަލަކީ ފައުންޑަރުންގެ ހަތަރު މީހުންގެ ހަމަހަމަ މިލްކެއް ކަމަށާއި، ކޮންމެ އަހަރެއްގެ ފައިދާ ބަހަންވާނީ އަދި އެޖެންސީ އުވާލެވިއްޖެނަމަ އެޖެންސީގެ މިލްކިއްޔާތު ބަހަންވާނީ ހަތަރު ފައުންޑަރުންގެ މެދުގައި ހަމަހަމައަށް ކަމުގައި އެއްބަސްވުމުގައި ބަޔާންކުރެއެވެ.25

16.9. ކޮންމެ މީލާދީ އަހަރެއް ހުސްވުމުން، އެ އަހަރު ނޫސް އެޖެންސީއަށް ޚަރަދުކަނޑާ ލިބުނު ފައިދާއެއްގެ އެއްބަސްވެވޭ ޕަސެންޓެއް ފައުންޑަރުންގެ މެދުގައި ބަހަންވާނެ ކަމަށާއި، ހިނގާ އަހަރުގެ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެކަން ނިންމަންވާނެ ކަމުގައި އެއްބަސްވުމުގެ 15 ވަނަ މާއްދާގައި އޮވެއެވެ.

މެންބަރަކު ފައުންޑަރ މެންބަރުންގެ ބޯޑުން ވަކިވުން

16.10. މެންބަރަކު ފައުންޑަރ މެންބަރުންގެ ބޯޑުން ވަކިވާން އެދޭނަމަ، އެ މެންބަރަކު ވަކިކުރުމުގެ ޙައްޤު ލިބިގެންވަނީ ފައުންޑަރ މެންބަރުންގެ ބޯޑުން ކަމުގައާއި، މިފަދަ ހާލަތެއްގައި ވަކިވާ މެންބަރަކަށް ނޫސް އެޖެންސީއިން ބަދަލުގައި އެއްވެސް އެއްޗެއް ދޭންނުޖެހޭނެ ކަމަށް އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެޖެންސީ އުވާލުން ނުވަތަ މެންބަރަކު މަރުވުން

16.11. ނޫސް އެޖެންސީ އުވާލަން ފާސްވެއްޖެނަމަ، އެޖެންސީގެ މުދަލާއި ފައިސާއާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް އެ ޖަލްސާގައި ކަނޑައަޅަންވާނެ ކަމަށާއި، އެފަދަ މައްސަލަތައް އެޖެންސީ އުވޭތާ އެއް މަސްދުވަހުގެ ތެރޭގައި ނިންމަންވާނެ ކަމުގައި އެއްބަސްވުމުގައި އޮވެއެވެ.26

16.12. އަދި ނޫސް އެޖެންސީގެ ފައުންޑަރަކު މަރުވެއްޖެނަމަ، އެ މީހަކު މަރުވި ތާރީޚާއި ހަމައަށް އެޖެންސީގެ މުދަލާއި ފައިސާ އަގުކޮށް އޭގެ ހަތަރު ބައިކުޅަ އެއްބައި، ނޫސް އެޖެންސީ ހިންގުމަށް ދަތިނުވާނެ ފަދައަކުން، އެމީހެއްގެ ވާރިސުންނާއި ބޯޑާދެމެދު އެއްބަސްވާ ގޮތެއްގެ މަތިން، މަރުވި މީހާގެ ވާރުތަވެރިންނަށް ދޭންވާނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައި އޮވެއެވެ.27

މައްސަލަ ހައްލުކުރުން

16.13. ފައުންޑަރ މެންބަރުންގެ މެދުގައި ޖެހޭ އެންމެހާ މައްސަލަތައް ހައްލުކުރާނީ އެކުވެރިކަމާއެކު ފައުންޑަރ މެންބަރުންގެ ބޯޑުން ކަމުގައާއި، ބޯޑުގެ ނިންމުންތަކަށް ހުރިހާ މެންބަރުން އިހްތިރާމުކުރަންޖެހޭނެ ކަމުގައި އެއްބަސްވުމުގައި ބަޔާންކުރެއެވެ.28

އެހެނިހެން ކަންކަން

16.14. ހަވީރު ނޫސް އެޖެންސީގެ އަސާސީ ގަވާއިދު ނުވަތަ އެއްބަސްވުމުގެ ލިޔެވިފައި އޮންނާނީ ކޮންމެ ފައުންޑަރ މެންބަރަކަށް އަސްލެއްގެ މަގުން، 4 (ހަތަރެއް) އަސްލުކަމަށާއި، މި ލިޔުމުގެ އެހެން ކޮޕީއަކަށް އަމަލު ނުކުރެވޭނެ ކަމުގައި އެ އެއްބަސްވުމުގައި ބަޔާންކުރެއެވެ.29

16.15. ފައުންޑަރ މެންބަރުން އަސާސީ ގަވާއިދު ނުވަތަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި އެއާ އެއްގޮތަށް އަމަލުކުރުމަށް، ހެޔޮހާލުގައި ތިބެކަމަށްވެސް އެއްބަސްވުމުގައި އޮވެއެވެ.30

މިލްކުރެވިކަން ބަދަލުވެފައިވާކަން ނުވަތަ ނޫންކަން

17. ބަލަމުން މިދާ މައްސަލައިގެ ފެށުމަކީ ފައުންޑަރުންގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އެ އެއްބަސްވުމެއްގައި ސޮއިކުރިތާ 30 (ތިރީސް) އަހަރަށްވުރެ ގިނަ ދުވަސް ވީފަހުން، 02 މޭ 2013 ގައި ފައުންޑަރުންގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން، ހަވީރު ނޫހާއި، ޗާޕުޚާނާގެ ހިއްސާ ހޯދުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާކުރުން31 ކަމުގައިވާހިނދު، ފާހަގަކުރެވޭ ކަމަކީ، ފައުންޑަރުން އެއްބަސްވުމުގައި އެ އެއްބަސްވުން ވުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ނޫހެއް ނުވަތަ ވިޔަފާރިއެއްގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ބަދަލު ކުރާ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާކަމެވެ.

18. މި ނުކުތާގައި ސިވިލް ކޯޓާއި ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު، ސިވިލް ކޯޓުން މިލްކުވެރިކަމާގުޅޭ މި ނުކުތާއާމެދު ސީދާކޮށް ގޮތް ކަނޑައަޅާފައި ނުވެއެވެ. ސިވިލް ކޯޓުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވަނީ ފައުންޑަރުންގެ އެއްބަސްވުމަކީ އެއްބަސްވުމުގައި މުޤާބިލެއް ހިމެނިފައި ނުވުމުގެ ސަބަބުން ޤާނޫނީ ގޮތުން އެއްބަސްވުމުގެ ބައިވެރިން ބަނދެވޭނެ ފަދައަކުން އޮތް އެއްބަސްވުމެއް ނޫންކަމުގައާއި، ދުވަހު ނޫސް "ހަވީރު" އާއި ޗާޕުޚާނާއަކީ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އުފެދިފައިވާ އަދި ހިންގަމުން އައި ނޫހެއް އަދި ޗާޕުޚާނާއެއް ނޫންކަން ސާފުގޮތެއްގައި ޝަރީޢަތަށް ސާބިތުވާން އޮތުމުގެ އިތުރަށް "ހަވީރު" ނޫހާއި ޗާޕުޚާނާގައި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ ހިއްސާއެއްވާ ކަމުގައި ބެލޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމުގައެވެ.

19. ހައިކޯޓުން މިލްކުރެވިކަމާގުޅޭ މި ނުކުތާއާމެދު ބުނެފައިވަނީ ފައުންޑަރުންގެ އެއްބަސްވުމަކީ ދެމި އޮތް އެއްބަސްވުމެއް ކަމުގައާއި، އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީގެ ދަށަށް ބަދަލު ކުރެވި އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައުންޑަރ މެންބަރުންކަން ސާބިތުވާތީ، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އާއި ދެމީހުންކުރެ ކޮންމެ މީހަކަށް ހަވީރު ނޫސް އެޖެންސީ އާއި އެ ތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ ހަތަރުބައިކުޅަ އެއްބައި ޙައްޤުވެގެންވާތީ، އެ މިންވަރާއި އަދަދު ކަނޑައެޅުމަށްޓަކައި ކަމާބެހޭ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ދެމީހުންނަށް ލިބިގެންވާ ކަމުގައެވެ.

20. ފައުންޑަރުންގެ އެއްބަސްވުން ވުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ނޫހެއް ނުވަތަ ވިޔަފާރިއެއްގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ބަދަލު ކުރާ އެއްވެސް ވާހަކައެއް އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތީސް، ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީގެ ދަށަށް ބަދަލު ކުރެވިފައިވާ އަދި އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައުންޑަރ މެންބަރުންކަމުގައި ކަނޑައަޅާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ.

21. ހައިކޯޓުން އިސްވެ (މި ރައުޔުގެ 19 ވަނަ ޕެރެގްރާފްގައި) ބަޔާންކުރި ފަދައިން ކަނޑައެޅުމުގައި މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ:

(ހ) ފައުންޑަރުންގެ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ނޫސް އެޖެންސީއިން ކުރަން އެއްބަސްވެފައިވާ މަސައްކަތްތަކުގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އަދި މަހަކު އެއްފަހަރު ނިކުންނަ "އަމާޒު" މަޖައްލާ ނެރުމާއި، "ހަވީރު" ގެ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ޗާޕުޚާނާ ވިޔަފާރީގެ ގޮތުން ހިންގުން ހިމެނިފައިވުމުގެ މައްޗަށާއި؛

(ށ) މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ އެމީހަކަށް އެމުދަލުގެ މިލްކުވެރިކަން އޮތްކަން ސާބިތުކޮށްދޭ ދަލީލެއް ކަމުގައިވާނަމަވެސް، ޝަރުއީ ނުވަތަ ޤާނޫނީގޮތުން އެނޫން ގޮތެއް ސާބިތުވާނަމަ، ރަސްމީ ރަޖިސްޓްރީގެ ހުއްޖިއްޔަތު ނެތިދާނެކަމުގައި ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު32 ޤަޟިއްޔާގައި ބަޔާންކޮށްފައި ވުމުގެ މައްޗަށާއި؛

(ނ) ހަވީރު ނޫސް އެޖެންސީއާއި އެތަނުގެ މިލްކުގައިވާ ހުރިހާ މުދަލާއި ފައިސާއަކީ ފައުންޑަރުންގެ ހަމަހަމަ މިލްކުކަމުގައި ބަޔާންކޮށް، ފައިދާބެހުމާ ގުޅޭގޮތުން ފައުންޑަރުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށާއި؛

(ރ) ހަވީރު ނޫހާއި އެނޫހުގެ ޗާޕުޚާނާގެ މައްޗަށް ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑަށް ލިބިދީފައިވާ ބާރުތަކާއި ޙައްޤުތައް އެހެން ގޮތަކަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ދޫކޮށްލާފައިވާކަން އެނގެން ނެތުމުގެ މައްޗަށެވެ.

22. ހައިކޯޓުގެ ނިންމުމާއި ގުޅިގެން ފާހަގަވާ ބައެއް ކަންކަން ތިރީގައި ހިމަނަމެވެ.

(ހ) ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ހަވީރު ނޫހާއި ޗާޕުޚާނާއަށް ހަވާލާދީފައިވާ ނަމަވެސް، ގޮތް ކަނޑައެޅުމުގައި ހަވާލާދީފައިވަނީ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީގެ ދަށަށް ބަދަލު ކުރެވިފައިވާ އަދި އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެއްޗަށްކަން، އަދި ހަވީރު ނޫސް އެޖެންސީ އާއި، އެ އެޖެންސީގެ ދަށަށް ބަދަލު ކުރެވިފައިވާ އަދި އެ އެޖެންސީން ހިންގަމުންދިޔަ ތަންތަނާއި ތަކެއްޗަކީ ކޮބައިކަން ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނުވާކަން؛33

(ށ) ހަވީރު ނޫސް އެޖެންސީއާއި އެތަނުގެ މިލްކުގައިވާ ހުރިހާ މުދަލާއި ފައިސާއަކީ ފައުންޑަރުންގެ ހަމަހަމަ މިލްކު ކަމުގައި ފައުންޑަރުންގެ އެއްބަސްވުމުގައި ބަޔާންކޮށް، ހަވީރު ނޫސް އެޖެންސީގެ ފައިދާބެހުމާ ގުޅޭގޮތުން ފައުންޑަރުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހައިކޯޓުން ހަވާލާދީފައި ވާހިނދު، ހަވީރު ނޫސް އެޖެންސީގެ މިލްކުގައިވާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ހުރިކަމުގެ މައްޗަށް ހައިކޯޓުން އެއްވެސް އިޝާރާތެއް ކޮށްފައިނުވާކަން؛34

(ނ) ފައުންޑަރުންގެ އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ހަވީރު ނޫސް އެޖެންސީއިން ކުރަން އެއްބަސްވެފައިވާ މަސައްކަތްތަކަށް ހައިކޯޓުން ހަވާލާދީފައިވާ ހިނދު، އަދި ހަވީރު ނޫހާއި ޗާޕުޚާނާގެ މައްޗަށް ހަވީރު ނޫސް އެޖެންސީގެ ފައުންޑަރ މެންބަރުންގެ ބޯޑަށް ލިބިދީފައިވާ ބާރުތަކާއި ޙައްޤުތައް އެހެން ގޮތަކަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ދޫކޮށްލާފައިވާކަން އެނގެން ނެތްކަމުގައި ހައިކޯޓުން ބަޔާންކޮށްފައިވާހިނދު، ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ބަދަލުވެފައިވާކަމަށް ހައިކޯޓުން ބަލާފައިވަނީ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު35 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުސޫލަކަށް ހަވާލާދީ، ފައުންޑަރުންގެ އެއްބަސްވުމުގެ ސަބަބުން ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް މުދަލެއް ހަވީރު ނޫސް އެޖެންސީއަށް ނަގުލުވެގެން ގޮސްފައިވާ ކަމުގައި ދެކިގެންކަން؛36

(ރ) ފައުންޑަރުންގެ އެއްބަސްވުމުގެ ސަބަބުން ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް މުދަލެއް ހަވީރު ނޫސް އެޖެންސީއަށް ނަގުލުވެގެން ގޮސްފައިވާކަމަށް ހައިކޯޓުން ބަލާފައިވަނީ، ހަވީރު ނޫހަކީ 1978 ވަނަ އަހަރު ރަޖިސްޓްރީކޮށް 1979 ވަނަ އަހަރު ނެރެންފެށި ނޫހެއް ކަމުގައިވާނަމަވެސް، އަދި އެ ނޫސް ފަށައިގަތް އިރު ނޫހުގެ މަސްއޫލުވެރި ފަރާތުގެ ގޮތުގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުރި ނަމަވެސް، 1980 އިން 1985 އާދެމެދުގެ ދުވަސްތަކެއްގައި އިބްރާހީމް ރަޝީދު މޫސާވެސް އެ ނޫހުގެ މަސްއޫލުވެރިކަން ކޮށްފައިވާތީ އަދި ފައުންޑަރުންގެ އެއްބަސްވުން ވެފައިވާތީކަން.37

23. އެހެންކަމުން، ހައިކޯޓުން ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި ފައުންޑަރުންގެ އެއްބަސްވުން ވެފައިވުމުން، ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ނަގުލުވެފައިވާ ކަމުގައި ބެލިދާނެހެއްޔެވެ؟

މަސްއޫލުވެރިކަމަކީ މިލްކުވެރިކަންތަ؟

24. މަސްއޫލުވެރިކަމަކީ އަރަބި ބަހުގައި އޮންނަ 'މަސްއޫލު' (responsible) މިބަސް އަސާސަކަށް ބަލައިގެން، ވަކި ކަމަކާއި ނުވަތަ ތަނަކާ ގުޅޭގޮތުން ޒިންމާ އުފުލާ ފަރާތަކަށް މުހާތަބުކުރުމުގެ ގޮތުން ދިވެހިބަހުން އެކުލަވާލާފައިވާ ބަހެކެވެ. އެހެންކަމުން، މަސްއޫލުވެރިޔާއަކީ ޒިންމާއުފުލާ ފަރާތެވެ.

25. ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ނޫސް މަޖައްލާތަކުގައި މަސްއޫލުވެރިން ތިބެންޖެހޭ ފަދައިން ޤާނޫނު ފަރުމާކޮށްފައި ހުރިކަން ފާހަގަވެއެވެ.38 އަދި މަސްއޫލުވެރިކަން އޮންނަ ފަރާތްތަކަށް މަސްއޫލު މެންބަރު39 ނުވަތަ މުއައްސިސް40 ނުވަތަ މަސްއޫލުވާ މީހާ41 ނުވަތަ ޒިންމާދާރު އިސްވެރިޔާ42 މިފަދައިންވެސް ބައެއް ޤާނޫނުތަކުގައި މުހާތަބު ކޮށްފައިވެއެވެ.

26. މަސްއޫލުވެރިކަމަކީ ޒިންމާ ނެގުމާ ގުޅުން ހުރިކަމެއް ކަމުގައި ވީނަމަވެސް، އެއީ މިލްކުވެރިކަމާ ގުޅުންހުރި ކަމެއް ނޫނެވެ. އެހެނީ، އިސްވެ ހަވާލާދެވުނު ހާލަތްތަކަށް ބަލާއިރުވެސް، މަސްއޫލުވެރިންނަކީ ކޮންމެ ގޮތަކަށް އެފަރާތްތަކަށް މުހާތަބު ކުރެވުނު ނަމަވެސް، އެ ފަރާތް ނިސްބަތްވާ މުއައްސަސާގެ މިލްކުވެރިއެއް ނުވަތަ މިލްކުރެވިކަމުގެ ހައްޤެއް ނުވަތަ ބާރުތަކާގުޅިގެން އެއްވެސް ހައިސިއްޔަތެއް ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ނުވެއެވެ.

27. ބުނެވުނު ސަބަބަށްޓަކައި، ނޫހެއް ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިއެއްގެ ގޮތުގައި ވަކި ފަރާތެއް ހުރުމަކީ އެ ނޫހެއް ނުވަތަ މަޖައްލާއެއްގެ މިލްކުރެވިކަމުގެ ހައްޤަކާއި ނުވަތަ ބާރަކާއި ގުޅުމެއް އޮތްކަމެއް ކަމުގައިބަލައި، މަސްއޫލުވެރިކަމަކީ މިލްކުވެރިކަމަށް އަސަރުކުރުވާ ކަމެއް ކަމުގައި ބެލެވޭނެ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ. އެއީ، އެ ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓްރީގައި މަސްއޫލުވެރިޔާއަކީ ވަކި ފަރާތެއް ކަމުގައި ލިޔެފައި އޮންނަ ހާލަތުގައިވެސް މެއެވެ.

މިލްކުރެވިކަން އަދި މިލްކުވެރިކަން ބަދަލުކުރުން

28. ސުޕްރީމް ކޯޓުގެ ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލު އަދި ޙުސައިން މުޙައްމަދު [2023] SC 1043 ޤަޟިއްޔާގައި ފަނޑިޔާރު ހުސްނުއްސުއޫދު ތަފްސީލުކޮށްދެއްވާފައިވާ ފަދައިން މުދަލަކީ އެ އެއްޗެއް ލިބިގަނެ، ބޭނުންކޮށް، ބޭނުންވެއްޖެ ނަމަ އެހެން ފަރާތަކަށް ތަސައްރުފް ކުރެވިދާނެ، އަގެއް ހުރި ކޮންމެ އެއްޗެކެވެ. މުދާ ބެހިގެންވަނީ މައިގަނޑު ގޮތެއްގައި މާއްދީ މުދަލާއި ޣައިރު މާއްދީ މުދަލުގެ މައްޗަށް ކަމުގައިވާއިރު، މުދަލަކީ ކޮންމެ ބާވަތެއްގެ މުދަލެއް ކަމުގައިވީ ނަމަވެސް، އެ އެއްޗެއް މުދަލެއްގެ ގޮތުގައި ގިންތިކުރެވޭނީ މުދަލެއްގައި ހުންނަންޖެހޭ ވަކި އަސާސީ ސިފަތަކެއް އެ އެއްޗެއްގައި ހުރުމުންނެވެ. މި ގޮތުން، އެ އެއްޗަކީ ފައިސާއިން އަގުކުރެވޭ އެއްޗަކަށް ވުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އެއެއްޗެއް މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވުން ހިމެނެއެވެ. ހަމަ އެއާއެކު، މާއްދީ ނުވަތަ ޣައިރު މާއްދީ މުދަލަކަށް ވިޔަސް އެ އެއްޗެއްގެ މިލްކުވެރިކަން އެކަކުގެ ކިބައިން އަނެކަކަށް ނަގުލުކުރެވޭނީ، ނަގުލުކުރެވޭ އެއްޗަކީ ކޮބައިކަން ނުވަތަ އެއްޗެއްގެ މިންވަރު ނުވަތަ އެއެއްޗެއްގެ ހިއްސާ ކަނޑައެޅިގެން އެނގޭނެ ގޮތަކަށް ހުރެމެ، އެއެއްޗެއް ވަކިކޮށް އެހެން މީހަކަށް ނަގުލުކުރެވޭނެ ތަބީއަތު އެ އެއްޗެއްގައި ހުރިނަމައެވެ.

29. މީގެ އިތުރުން، މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތަކަށް ތަފާތު ނަންނަމުން މުޚާތަބުކުރެވި، އެ ދަރަޖަތަކުގެ ޙައްޤުތައް އެކަށައެޅި، އެއިން ކޮންމެ ދަރަޖައަކާ ގުޅިފައިވާ ޙައްޤުތަކުގެ އިން ކަނޑައެޅިފައިވާ ކަމުގައިވެސް ޙައްވާ މުޙައްމަދު ވ. ހައްދުންމަތީ ފޮނަދޫ ކައުންސިލު އަދި ޙުސައިން މުޙައްމަދު [2023] SC 1044 ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މިލްކުވެރިކަމުގެ އެކިއެކި ދަރަޖަތަކުގެ ތެރޭގައި ފުރިހަމަ މިލްކުވެރިކަމާއި، އަތުގެވެރިކަމާއި، ކުއްޔަށްލިބިފައި އޮތުމާއި، ލިޔެދީފައި އޮތުމާއި، ހަވާލުކޮށްފައި އޮތުމާއި، ބޭނުންކުރުމުގެ ޙައްޤު އޮތުމާއި، ބޭނުންކޮށް މަންފާ ހޯދުމުގެ ހުއްދައޮތުން ހިމެނޭކަމަށާއި، މުދަލެއްގެ މިލްކިއްޔާތު މީހަކަށް ލިބޭ ގޮތްތަކާއި،45 މުދަލެއްގެ މިލްކިއްޔާތު މީހެއްގެ އަތުން ވަކިވާގޮތްތައް46 ބުނެވުނު ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.

30. ޞައްޙަ މުއާމަލާތަކުން މުދަލެއްގެ މިލްކުވެރިކަން ލިބުމަކީ އަދި އެއްބަސްވުމެއްގެ ތެރެއިން މުދަލެއްގެ މިލްކުރެވިކަން ވަކިވެދާނެކަމުން، މި މައްސަލައިގައި ހިމެނޭ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަން ހަވީރު ނޫސް އެޖެންސީއަށް ލިބިފައިވޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

(ހ) ހަވީރު ނޫސް އެޖެންސީއަކީ ޤާނޫނީ ޝަޚްސެއް ގޮތުގައި އެކުލަވާލުމަށް ތަސައްވުރުކޮށްފައިވާ އެޖެންސީއެއްކަން ފައުންޑަރުންގެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ.47 އަހުރެންނަށް މި މުޢާމަލާތް މިފަދައިން ފެންނަނީ، އެ އެއްބަސްވުމުގައި އެއްބަސްވުމަށް މުހާތަބުކޮށް އަސާސީ ގަވާއިދު މިފަދައިން ހަވާލާދީފައިވުމާއި،48 އެއްބަސްވުމަށް ބަލާއިރު އެ އެއްބަސްވުމުގެ ދަށުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާއިރު އެއީ ކުންފުނިފަދަ މުއައްސަސާތައް ހިންގާ މަސައްކަތްކުރާ ބީދައިން އަމަލުކުރުމަށް އުފައްދަން ގަސްދުކޮށްފައިވާ އެޖެންސީއެއްކަން އެއްބަސްވުމުގެ މާއްދާތަކުން ސާފުކޮށް އެނގެން އޮތުމުންނެވެ.49

ފައުންޑަރުންގެ އެއްބަސްވުން ވުމުން ދައްކުވައިދެނީ އުފައްދަން ގަސްދުކޮށްފައިވާ އެޖެންސީއެއްގެ ސިފަތައް ކަމުގައި އަހުރެން މިތަނުގައި ފާހަގަކޮށްފައި މިވަނީ، ބައެއްގެ މެދުގައި އެއްބަސްވުމެއް ވުމަކުން، އޭގެ ޒާތުން ޤާނޫނީ ޝަޚްސެއް އުފެދިގެން ނާންނާނެ ކަމަށްޓަކައެވެ. ޤާނޫނީ ޝަޙްސެއް ވުޖޫދަށް އަންނާނީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް އެފަދަ މުއައްސަސާއެއް ރަޖިސްޓްރީ ކުރުމުން (incorporation) ނެވެ. މިއީ ފައުންޑަރުންގެ އެއްބަސްވުން ވީއިރު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް އެކަން ތަރުތީބުވެފައި އޮތް ގޮތްކަން ޤާނޫނު ނަންބަރު 82/25 (ކުންފުނިފަދަ ޖަމާޢަތްތައް ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިން އާއި އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަން އަދި މުޙައްމަދު ނަޢީމް އާދެމެދު 31 މާރިޗު 1983 ދުވަހު ފައުންޑަރުންގެ އެއްބަސްވުން ވެފައި ވުމުގެ ސަބަބުން ހަވީރު ނޫސް އެޖެންސީ އުފެދިފައިވާ ކަމަށް ޤާނޫނީ ގޮތުން ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

އަދި ދެންނެވުނު ސަބަބަށްޓަކައި، ފައުންޑަރުންގެ އެއްބަސްވުމުގައި ފައުންޑަރުން ސޮއިކޮށްފައިވުމުން، ފައުންޑަރުންގެ އެއްބަސްވުމުގައި ހަވާލާދޭ ހަވީރު ނޫސް އެޖެންސީއަކީ މުދަލެއްގެ މިލްކުވެރިކަމުގެ ޙައްޤު ތަސައްރުފުކުރެވޭފަދަ ޤާނޫނީ ހައިސިއްޔަތެއް ލިބިފައި އޮތް ތަނެއްކަމުގައި ބެލެވޭނެ އެއްވެސް ޤާނޫނީ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

(ށ) އިސްވެ އިޝާރާތްކުރި ފަދައިން ޤާނޫނީ ޝަޚްސެއް ވުޖޫދަށް އަންނާނީ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް އެފަދަ މުއައްސަސާއެއް ރަޖިސްޓްރީ ކުރުމުންކަމުގައިވާތީ، ފައުންޑަރުންގެ އެއްބަސްވުމުގައި ބުނާ އެޖެންސީ ރަޖިސްޓްރީކޮށްފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ފައުންޑަރުންގެ އެއްބަސްވުން ވުމަށް ފަހު، 11 އޮގަސްޓް 1983 ގައި ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގައި "ހަވީރު ނޫސް އެޖެންސީ" ގެ ނަމުގައި ނޫސް އެޖެންސީއެއް ރަޖިސްޓްރީ ކޮށްފައިވެއެވެ. ކުރުކޮށް "ހަނާ މޯލްޑިވްސް" އެވެ ކިޔާ މި ނޫސް އެޖެންސީގެ މަސްއޫލުވެރިންނަކީ އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަން އާއި، މުޙައްމަދު ނަޢީމްކަން އެ އެޖެންސީގެ ރަޖިސްޓްރީއިން އެނގެއެވެ. މި ރަޖިސްޓްރީގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަމެއް ނެތެވެ.50

ބުނެވުނު އެޖެންސީގެ ނަމަކީ ފައުންޑަރުންގެ އެއްބަސްވުމުގައިވެސް ހަވާލާދޭ ނަމުން އޮތް "ހަވީރު ނޫސް އެޖެންސީ" ކަމުގައިވާއިރު، އޮގަސްޓް 1983 ގައި ރަޖިސްޓްރީ ކުރި މި "ހަވީރު ނޫސް އެޖެންސީ" އަކީ ފައުންޑަރުންގެ އެއްބަސްވުމުގައި ހަވާލާދޭ ހަވީރު ނޫސް އެޖެންސީކަމުގައި ބެލެވެން ނެތެވެ. އެއީ ރަޖިސްޓްރީކުރި "ހަވީރު ނޫސް އެޖެންސީ" ގައި (ކޮންމެ ސަބަބަކާ ހުރެ ނަމަވެސް) ފައުންޑަރުންގެ އެއްބަސްވުމުގައި ހިމެނޭ ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ނަން ހިމަނާފައި ނުވާތީއެވެ.

މީގެ އިތުރުން، ބަހުސްގެ ބޭނުމަށްޓަކައި އޮގަސްޓް 1983 ގައި ރަޖިސްޓްރީ ކުރި މި "ހަވީރު ނޫސް އެޖެންސީ" އަކީ ފައުންޑަރުންގެ އެއްބަސްވުމުގައި ހަވާލާދޭ ހަވީރު ނޫސް އެޖެންސީކަމުގައި ބެލިނަމަވެސް، ބުނެވުނު "ހަވީރު ނޫސް އެޖެންސީ" އަށް ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަމުގެ ހިއްސާއެއް އޮތްކަމާމެދު ޚުޞޫމާތެއް އުފެދިފައިނުވާތީ، އަދި ޚުޞޫމާތް އުފެދިފައިވަނީ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ފައުންޑަރުންނަށް ލިބެންވާ ޙައްޤުތަކެއް ހުރިކަމަށް އޭގެން ބައެއް ފަރާތްތަކުން ދެކިގެން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ކަމުގައިވާތީ، އެ ނުކުތާއަށް މިމައްސަލައިގެ ތެރެއިން އިތުރަށް ބެލުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.

(ނ) ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) [2021] SC 5151 މައްސަލައިގައި ކޮންޓްރެކްޓެއް ވުޖޫދުވާނީ ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތައް ފުރިހަމަވެގެން ކަމުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ބަޔާންކުރައްވާފައިވެއެވެ. މިގޮތުން، ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ އުންޞުރުތަކަކީ (1) ހުށަހެޅުން، (2) ޤަބޫލު ކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން ކަމުގައި މި ނުކުތާ ތަފްސީލު ކޮށްދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

މި ކަންކަން ފައުންޑަރުންގެ އެއްބަސްވުމަށް ތަޠުބީޤުކުރާއިރު، ފައުންޑަރުންގެ ފަރާތުން ހުށަހަޅައި ޤަބޫލުކޮށް އެ ހުރިހާ ފަރާތްތަކަކުން އެއްބަސްވެފައިވަނީ ހަވީރު ނޫސް އެޖެންސީ އުފައްދާ، ވަކި އުސޫލުތަކެއްގެ ދަށުން އެ އެޖެންސީއިން ވަކި މަސައްކަތްތަކެއް ކުރުމަށްކަން އެއްބަސްވުމުން އެނގެން އޮވެއެވެ. އެހެންނަމަވެސް، އެފަދައިން އެއްބަސްވެ އެއްބަސްވުމުން މަންފާ ލިބިގަތުމަށްޓަކައި ފައުންޑަރުންގެ ފަރާތުން ބަދަލުކުރި ނުވަތަ ބަދަލުކުރުމަށް އެއްބަސްވި މުޤާބިލެއް52 އޮތްކަން ފައުންޑަރުންގެ އެއްބަސްވުމުން އެނގެން ނެތެވެ. އެހެނީ، ފައުންޑަރުންގެ ފަރާތުން ހަވީރު ނޫސް އެޖެންސީ ހިންގުމަށް ނުވަތަ އެފަރާތަށް ލިބެން އޮތް ހިއްސާގެ ބަދަލުގައި އެއްވެސް ރައުސްމާލެއް ބެހެއްޓުމަށް އެއްބަސްވާކަން ނުވަތަ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ކުރަން އެއްބަސްވެފައިވާ މަސައްކަތްތައް ކުރުމަށް އެއްވެސް ޚަރަދެއް ނުވަތަ މާލީ ކޮންޓްރިބިއުޝަން އެއް ދިނުމަށް ނުވަތަ އެހެންވެސް ކަމެއް ކުރުމަށް (ނުވަތަ ނުކޮށް ދޫކޮށްލުމަށް) އެއްބަސްވެފައިވާކަން އެނގެން ނެތެވެ.

އެ އެއްބަސްވުމަކީ މުޤާބިލު ހިމެނިފައިވާ އެއްބަސްވުމެއް ކަމުގައި ނުވުމުން، އެއީ އެއްބަސްވުމުގެ އުންސުރުތައް ފުރިހަމަވާ އެއްބަސްވުމެއްގެ ކަމުގައި ބެލެވެން ނެތަތީ، ފައުންޑަރުންގެ އެއްބަސްވުމަކީ (މި ރައުޔުގެ 30 ވަނަ ޕެރެގްރާފްގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން) ހަވީރު ނޫސް އެޖެންސީގެ ނަމުގައި ޤާނޫނީ ޝަޚްސެއް އެކުލަވާލުމަށް ތަސައްވުރުކޮށް ފައުންޑަރުންގެ މެދުގައި ވެފައިވާ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް (ނުވަތަ ފަހުމުނާމާ) އެއްކަން އެ އެއްބަސްވުމަށް ބެލުމުން އެނގެއެވެ. އަދި އެހެންކަމުން، އެ އެއްބަސްވުމަކީ އޭގެ ދަށުން ފައުންޑަރ މެންބަރުންގެ ޙައްޤުތަކެއް އުފަންކުރުވާ، ޤާނޫނީގޮތުން ބަނދެވޭ އަދި ޤާނޫނީގޮތުން ތަންފީޒުކުރެވިދާނެ އެއްބަސްވުމެއް ކަމުގައި،53 އަދި މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުވާފަދަ ޞައްޙަ މުއާމަލާތެއް54 ކަމުގައި އަހުރެން ނުދެކެމެވެ.

އެހެނިހެން ނުކުތާތައް

31. އިސްތިއުނާފުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ނުކުތާތަކުގެ އިތުރުން އެފަރާތުން ހުށަހަޅާފައިވާ އެހެނިހެން ކަންކަމާމެދު އަހުރެން ދެކޭގޮތް ވަކިވަކިން ތިރީގައި ހިމަނަމެވެ.

ދައުވާއެއް ނުކޮށް ގިނަދުވަސްވުމުން ދައުވާކުރުމުގެ ޙައްޤު ދޫކޮށްލީކަމުގައި ބަލަންޖެހޭތަ؟

32. ދައުވާއެއް ނުކޮށް ގިނަދުވަސްވުމަކީ އެއްބަސްވުމެއްގެ ބައިވެރިއަކަށް އެ އެއްބަސްވުމެއްގެ ދަށުން ޙައްޤެއް ލިބިގެންވާނަމަ، އެފަދަ ޙައްޤެއް ދިގު މުއްދަތެއްގެ ފަހުން ހޯދުމަށް ހުރަސްއަޅާ މާއްދާއެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް އެއްޗެއް ބުނުމުގައި، ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 11155 ގައި މި ނުކުތާގެ މައްޗަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު:

(ހ) މި ހިނގާ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، އެފަރާތްތަކަށް ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ލިބިގެންވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާ ޙައްޤުތައް ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ ޚުޞޫމާތް އުފެދިފައިވާ މުޢާމަލާތް ކުރެވުނުތާ 30 (ތިރީސް) އަހަރަށް ވުރެ ގިނަ ދުވަސްވި ފަހުން ކަމުގައިވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި ދަޢުވާ އުފުލިއިރުގައި މިފަދަ މަދަނީ މުއާމަލާތްތަކުގެ މައްޗަށް ހިނގާ ތަޤާދުމުގެ ޤާނޫނެއް ނެތެވެ. އެހެންކަމުން، އެހެން ޤާނޫނީ ހުރަހެއް ނެތްނަމަ، އޭގެން އިފްތިރާޟުކުރެވޭނީ ދައުވާކުރުމުގެ ފުރުސަތު އޮންނާނެކަމެވެ.

(ށ) ކަން މިހެން އޮތްއިރު، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައި، އެ ނޫންގޮތަކަށް އެއްބަސްވުމުގައި ބުނެފައި ނުވާނަމަ، އެއްބަސްވުމެއްގެ ބައިވެރިން އެ އެއްބަސްވުމެއްގެ ދަށުން އުފުލަންޖެހޭ ޒިންމާތަކާއި އިލްތިޒާމުތަކަށް ޢަމަލުކުރަންވާނީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަމަށް، ބަޔާންކުރެއެވެ.56 މީގެ މާނައަކީ، ހުށަހެޅިފައިވާ މައްސަލައިގައި، ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ޙައްޤުތަކެއް ލިބިގެންވާނަމަ، ފައުންޑަރުންގެ އެއްބަސްވުމާ ހަވާލާދީ އެ ފަރާތްތަކުން ދަޢުވާ އުފުލަންވާނީވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަމެވެ.

އެހެންނަމަވެސް، ބަލަމުން މިދާ މައްސަލައިގައި އުފެދިފައިވާ ޚުޞޫމާތަކީ 1983 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަކާގުޅޭ ޚުޞޫމާތަކަށްވެފައި، އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނު (އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) އެކުލަވާލެވި އެއަށް އަމަލުކުރަން ފެށުމުގެ ކުރީގެ މުޢާމަލާތެއް ކަމުގައިވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ އެ އުސޫލު މި މުޢާމަލާތަށް ތަޠުބީޤުކުރެވިދާނެ ކަމުގެ މައްޗަށް ބަލާއިރު، 1991 ވަނަ އަހަރު ކޮންޓްރެކްޓާބެހޭ ޤާނޫނަށް އަމަލުކުރަން ފެށުނު އިރުވެސް ކޮންޓްރެކްޓާބެހޭ އަދި ޤާނޫނީ އާންމު އުސޫލުތަކަށް ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި އަމަލުކުރަމުން ދިޔަކަމުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފިޔަވަޅު އެޅުމުގެ މި ޤާނޫނީ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރުމުން، ފައުންޑަރުންގެ އެއްބަސްވުމުގައި ސޮއިކުރުމާ މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ސިވިލް ކޯޓުގައި ދަޢުވާ އުފުލުމާމެދު 30 (ތިރީސް) އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ، އެ ފަރާތްތަކަށް ލިބިގެންވާކަމަށް އެފަރާތްތަކުން ދެކޭ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަމާމެދު ސުވާލު އުފެދެއެވެ.

(ނ) އުސޫލެއްގެ ގޮތުން، ކުރެވޭ މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި، ދުވަސްވުމުން ނުވަތަ އެ ޙައްޤު ބޭނުންނުކޮށް އޮތުމުގެ ސަބަބުން ބައުވެ ފަނާވެގެންދާ އެއްޗެއް ނޫންކަމުން،57 މުޢާމަލާތާ ގުޅިގެން ކަންހިނގާފައިވާ ގޮތަށް ބަލައި، 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަކީ، އެއްބަސްވުމެއްގެ ތެރެއިން ދަޢުވާކުރުމަށް އެކަށީގެންވާ މުއްދަތެއްކަން ނުވަތަ ނޫންކަމުގެ ބަލާއިރު، އަދި މިގޮތަށް ބެލުމުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނު މާނަކޮށް ތަޠުބީޤު ކުރުމުގައި ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ޤާނޫނީ އުސޫލުތަކަކީ ކޮބައިކަމުގެ މައްޗަށާއި، ދެފަރާތުގެ އަމަލުތައް ހުރި ގޮތުން މިއީ އަދާލާތުގެ އުސޫލުތަކަށް ރިޢާޔަތްކުރެވިދާނެ ޙާލަތެއް އުފަންކުރުވާ މައްސަލައެއްތޯ ބެލިދާނެއެވެ.

މިގޮތުން މިފަދަ ހާލަތްތަކުގައި އަދާލާތުގެ އުސޫލެއްކަމުގައިވާ ޑޮކްޓްރިން އޮފް ލަޗުޒް (doctrine of laches)58 ތަޠުބީޤުކުރެވިދާނެކަން ނުވަތަ ނޫންކަން ބެލުމުގެ ފުރުސަތު އޮތްހިނދު، މި މައްސަލައިގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ޙައްޤުތަކެއް ލިބިފައިވާކަމުގައި ބެލެން ނެތަތީ،59 ބުނެވުނު އުސޫލު ތަޠުބީޤުކުރެވޭ ހާލަތްތަކާއި އޭގެ އުންސުރުތަކާއި ބޭނުމާ ގުޅޭގޮތުން މިހިނދުގައި އިތުރު ކަންތައްތަކެއް ފާހަގަކުރުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.

މިލްކުވެރި ފަރާތުގެ ނުޤަބޫލުގައި މިލްކު މުދަލެއް އެހެން ފަރާތަކަށް މިލްކުކޮށް ދިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ޚިލާފުކަމެއްތޯ؟

33. ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއާއި އާންމު ޤާނޫނީ ޙުކުމްތަކުގެ60 އަލީގައި މިލްކުވެރި ފަރާތުގެ ނުޤަބޫލުގައި އެފަރާތުގެ މުދަލެއް އެހެން ފަރާތަކަށް މިލްކުކޮށްދިނުމާބެހޭ ގޮތުން ސުވާލު އުފައްދާފައިވެއެވެ.61

34. ޤާނޫނުއަސާސީގެ 40 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

(ށ)  މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެމަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.

(ނ)  ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ޙުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ޤާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅައެވެ.

(ރ)  މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެއެވެ.

35. މި މައްސަލައިގައި ހިނގާފައިވާ ކަންކަމަށް މި މާއްދާ ތަޠުބީޤުކުރާއިރު، މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫންކަމުގައި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނެގުމުން ރައްކާތެރިކުރުމުގެ ބޭނުމުގައިކަމަށް ފެނެއެވެ. އަދި މި މައްސަލައިގައި ހިމެނޭ މުދަލަކީ ޤާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލެއް، ނުވަތަ ދުޝްމަނެއްގެ މުދަލެއް، ނުވަތަ މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މުދާ ދައުލަތަށް ނަގާ ހާލަތެއްކަމުގައި ނުވާތީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ނ) އަދި (ރ) މި މައްސަލައަށް ތަޠުބީޤުކުރަންޖެހޭ ހާލަތެއް އޮތްކަމުގައި ނުދެކެމެވެ. އެހެންކަމުން، މި މައްސަލައިގައި ތަޠުބީޤުކުރެވެން އޮތީ، އެ މާއްދާގެ (ހ) އެކަނިކަމުގައި އަހުރެން ދެކެމެވެ.

36. އެހެންނަމަވެސް، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވުމުގެ މާނައިގެ ތެރޭގައި އެ ރައްޔިތަކަށް ލިބިގެންވާ މުދަލެއް އެފަރާތަކުން އެދޭ ފަދައަކުން ތަސައްރުފުކުރުން، އަދި އެ މުދަލެއް އެ ފަރާތަކުން އެދޭ ފަރާތަކަށް ދިނުމާއި ވިއްކުން ހިމެނޭކަމުން، އެ މީހަކު އެ މުދަލުން ކުރާ ޞައްޙަ މުޢާމަލާތެއްގެ ބޭރުން، އެ މީހެއް ދިރި ދުނިޔޭގައި ހުރެ، އޭނާގެ މިލްކު މުދަލެއް އޭނާގެ ނުރުހުމުގައި އެހެން ތިންވަނަ ފަރާތެއްގެ މިލްކުވެރިކަމަށް ބަދަލު ނުކުރެވޭނެ ކަމުގައިވެސް އަހުރެން ދެކެމެވެ.

37. މި މައްސަލައަށް މިކަން ތަޠުބީޤުކުރާއިރު، ޞައްޙަ މުޢާމަލާތެއްގެ ތެރެއިން ނުވަތަ އެނޫންވެސް ގޮތަކަށް ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަން ނުވަތަ އެ މުދާތަކުގެ މައްޗަށް އޮންނަ އެއްވެސް ހައްޤެއް އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންގެ މައްޗަށް ބަދަލުކޮށްފައިވާކަން ނުވަތަ އެނޫންވެސް ގޮތަކަށް ނަގުލުވެފައިވާކަން އެނގެން ނެތްކަން ފާހަގަވާތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން އިފްރިއާޟުކުރެވޭ ފަދައިން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއަށް ހަވީރު ނޫހާއި ޗާޕުޚާނާގެ މިލްކުވެރިކަމުގެ އެއްވެސް ހައްޤެއް އޮތްކަމުގައި ކަނޑައެޅިދާނެ ކަމުގައި ނުވަތަ އެފަދައިން ބެލިދާ ފަދައަކުން އަމަލު ކުރެވިދާނެކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

38. އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން 'ހަވީރު' ނޫސް އެޖެންސީއާއި، އެތާނގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި، މުދަލުގެ 4/1 (%25) ހިއްސާ، އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއާއި ދެމީހުން ކުރެ ކޮންމެ މީހަކަށް ލިބިގެންވާ ކަމުގައާއި؛ ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން ހަވީރު ނޫސް އެޖެންސީ ހިނގަމުން ދިޔަ ކަމުގައާއި؛ ބުނެވުނު ހަވީރުނޫސް އެޖެންސީއާއި އެތަނުގެ ފައިސާއާއި މިލްކުގައިވާ ތަންތަނާއި ތަކެތިން ލިބިފައިވާ ޖުމްލަ އާމްދަނީން ޚަރަދު ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި ޢަބްދުﷲ ފާރޫޤު ޙަސަންއަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ލިބެންވާ މިންވަރާއި ޢަދަދު ކަނޑައެޅުމަށްޓަކައި، ކަމާބެހޭ ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ ފަރާތްތަކަށް ލިބިގެންވާކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ބެލެވޭނެ ގޮތެއް ނެތަތީ، ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

39. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

40. މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ އެއްގޮތަށްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 015/HC-A/08 2 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1

2

3

4 ރަޖިސްޓްރީ ނަންބަރު C-0211/2013

5 ހަވީރު ނޫސް އެޖެންސީ އުފެއްދުމަށް ފައުންޑަރުން އެއްބަސްވި އެއްބަސްވުމުގެ 01 ވަނަ މާއްދާ

6 އބމ ގެ 04 ވަނަ މާއްދާ

7 އބމ ގެ 11 ވަނަ މާއްދާ

8 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާ

9 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-L-J/23 'އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް' (04 އެޕްރީމް 2016)

10 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-DR/03 'ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު' (28 ޖަނަވަރީ 2021)

11 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/INDIV/2021/80 'ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމުގެ ޖަވާބު' (23 ފެބްރުވަރީ 2021)

12 'ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/INDIV/2021/80 (23 ފެބްރުއަރީ 2021) "ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމުގެ ޖަވާބު" އާ ގުޅިގެން މާލް، ހ. ނީލްވިލާ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންއަށް އަންގާ އެންގުން' (23 ފެބްރުވަރީ 2021)

13 މި ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގެ އިސްތިއުނާފު ފޯމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އެދި ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތުން 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމަ ކޯޓަށް ހުށަހެޅި ފޯމުކަން ފާހަގަކުރަމެވެ.

14 ކުންފުނީގެ ރަޖިސްޓްރީ ނަންބަރު C-0211/2013

15 1 ޑިސެންބަރު 2022 ގައި ހަވީރު މީޑިއާ ގްރޫޕްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި 'ތަދައްޚުލުވުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު'

16 އބމ 5 ގެ 04 ވަނަ މާއްދާ

17 އބމ 5 ގެ 18 ވަނަ މާއްދާ

18 އބމ 5 ގެ 05 ވަނަ މާއްދާ

19 އބމ 5 ގެ 11 ވަނަ މާއްދާ

20 އބމ 5 ގެ 09 ވަނަ މާއްދާ

21 އބމ 5 ގެ 10 ވަނަ މާއްދާ

22 އބމ 5 ގެ 12 ވަނަ މާއްދާ

23 އބމ 5 ގެ 07 ވަނަ މާއްދާ

24 އބމ

25 އބމ 5 ގެ 16 ވަނަ މާއްދާ

26 އބމ 5 ގެ 13 ވަނަ މާއްދާ

27 އބމ 5 ގެ 14 ވަނަ މާއްދާ

28 އބމ 5 ގެ 06 ވަނަ މާއްދާ

29 އބމ 5 ގެ 19 ވަނަ މާއްދާ

30 އބމ 5 ގެ 20 ވަނަ މާއްދާ

31 މި ދަޢުވާގައި އެދިފައިވަނީ ދެކަމަކަށެވެ. އެއީ:

(1) 31 މާރޗް 1983 އިން ފެށިގެން ސިވިލް ކޯޓުން އެ މައްސަލަ ނިންމުމާ ހަމައަށް ހަވީރު ނޫސް އެޖެންސީއަށާއި، އެ އެޖެންސީން ނެރެމުންއައި ހަވީރު ދުވަހު ނޫހަށާއި، އެ އެޖެންސީގެ ފަރާތުން ހިންގަމުން އައި ޗާޕުޚާނާއަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ ތެރެއިން ކޮށްފައިވާ ޚަރަދަށް ކަނޑައި، ލިބިފައިވާ ފައިދާގެ ތެރެއިން ދަޢުވާކުރި ދެ މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި ނަގައި ދިނުން؛ އަދި

(2) 31 މާރޗް 1983 އިން ފެށިގެން ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުމާ ހަމައަށް ހަވީރު ނޫސް އެޖެންސީން ކުރަމުން އައި ވިޔަފާރިން ނެރެވި އެއްކުރެވިފައިވާ ހުރިހާ މުދަލާއި ތަކެއްޗެއްގެ މައްޗަށް "ފައުންޑަރުންގެ އެއްބަސްވުމުގެ" ދަށުން އިބްރާހީމް ރަޝީދު މޫސާ އާއި، ޢަބްދުﷲ ފާރޫޤު ޙަސަންއާ ދެ މީހުން ކުރެ ކޮންމެ މީހަކަށް ލިބިގެންވާ 25 (ފަންސަވީސް) އިންސައްތައިގެ މިލްކުވެރިކަމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމާއި، އެ ޙައްޤު އެ ދެ މީހުންނަށް އަނބުރައި ލިބިދިނުން.

32 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/17 ޤަޟިއްޔާގެ 5 ވަނަ ނުކުތާގެ (ކ)

33 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ ޙުކުމް

34 އބމ

35 އބމ 34

36 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ 3 ވަނަ ނުކުތާގެ (އ) އަދި (ވ)

37 އބމ

38 ޤާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު)

39 ޤާނޫނު ނަންބަރު 82/25 (ކުންފުނިފަދަ ޖަމާޢަތްތައް ރަޖިސްޓްރީކުރުމުގެ ޤާނޫނު) ]މިޤާނޫނުވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އަމަލުކުރަންފެށުމާއެކު އުވާލެވިފައެވެ[

40 ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ]މިޤާނޫނުވަނީ ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަށް އަމަލުކުރަންފެށުމާއެކު އުވާލެވިފައެވެ[، އަދި ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު)

41 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)

42 ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)

43 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓޫގެ ނަންބަރު 2022/SC-A/06 ޤަޟިއްޔާގެ ޕެރެގްރާފް 30 އިން ފެށިގެން

44 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/06 ޤަޟިއްޔާގެ 30 އިން ފެށިގެން 45 ވަނަ ޕްރެގްރާފްގެ ނިޔަލަށް.

45 އބމ ގެ ޕްރެގްރާފް 33. އެ ޕެރްގްރާފްގައި ބަޔާންކޮށްފައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

"މުދަލެއް މީހަކަށް ލިބޭނީ އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށެވެ.

(ހ) އަމިއްލަ މަސައްކަތަކުން މުދަލެއް ހޯދައި ލިބިގަތުން.

(ށ) އަމިއްލަ މަސައްކަތުން ނުވަތަ ހުނަރުން ނުވަތަ އިލްމުން އެއެއްޗެއް އުފެއްދުން.

(ނ) ސައްހަ މުއާމަލާތަކުން މުދަލެއް ގަތުން ނުވަތަ ލިބުން.

(ރ) ތަރިކައިން ލިބުން."

46 އބމ ގެ ޕްރެގްރާފް 34. އެ ޕެރްގްރާފްގައި ބަޔާންކޮށްފައި އޮންނަނީ އަންނަނިވި ފަދައިންނެވެ.

"މީހަކަށް މިލްކުވެފައިވާ މުދަލެއް އެ މީހެއްގެ ކިބައިން ވަކިވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.

(ހ) ވިއްކުމަކުން ހިބައަކުން ނުވަތަ ވަސިއްޔަތަކުން އެހެން މީހަކަށް ދިނުން.

(ށ) ތަރިކައިން ދޫކޮށްފައިދާ މުދަލެއް އޭގެ ޙައްޤުވެރިންނަށް ހަމަޖެހިފައިވާ ރަސްމީ ގަވާއިދުތަކުގެ ތެރެއިން ތަރިކައިގެ ނިސްބަތުން ނުވަތަ ވާރިސުން އެއްބަސްވާ ގޮތަކަށް ވާރިސުންނަށް ބަދަލުވެގެން ދިއުން.

(ނ) އެ މުދަލެއް ނެތި ފަނާވެގެން ދިއުން.

(ރ) ގާނޫނެއްގައިވާ އިޖުރާއަތެއް ހިނގުމުގެ ސަބަބުން.

(ބ) އެއްބަސްވުމެއްގެ ތެރެއިން."

47 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/08 ޤަޟިއްޔާގެ 3 ވަނަ ނުކުތާގެ (ކ) ގައި ފައުންޑަރުންގެ އެއްބަސްވުމަކީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއް ނޫންކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ޤާނޫނީ ޝަޚްސެއް ވުޖޫދުވެ، އޭގެ ދަށުން މެންބަރުންނަށް ޙައްޤުތައް ލިބޭ ގޮތެއް ބަޔާންކޮށްދީފައި ނުވާކަން ފާހަގަވެއެވެ.

48 އބމ 5 ގެ 19 އަދި 20 ވަނަ މާއްދާ

49 މި ނުކުތާގައި ހަވީރު ނޫސް އެޖެންސީއިން އެކުލަވާލަން ހުށަހަޅާފައިވާ ޝަޚްސަކީ ޖަމްއިއްޔާ ޖަމާއަތެއްފަދަ މުއައްސަސާއެކޭ ބުނުމުގެ ބަދަލުގައި އެއީ ކުންފުނިފަދަ މުއައްސަސާތަކާ އެއްގޮތް މުއައްސަސާއެއްކަމަށް ބުނެފައި އެވަނީ، އެ އެޖެންސީއަކީ ރާއްޖޭގައި ނޫސްވެރިކަން ކުރިއެރުވުމަށާއި ލިޔުންތެރިކަން ތަރައްޤީކޮށް އާންމު ކުރުމަށްޓަކައި ޤައުމީ އަދި އިޖްތިމާއީ މަސައްކަތެއްގެ ގޮތުގައި އެކުލަވާލާ އެޖެންސީއެއް ކަމުގައި ފައުންޑަރުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަވެސް، އާންމު އުސޫލުން ޖަމްއިއްޔާ ޖަމާއަތްތަކަކީ އެތަނެއްގެ މެންބަރުންގެ މެދުގައި ފައިދާ ބަހާ ބާވަތުގެ މުވައްސަސާއަކަށް ނުވެފައި، ފައުންޑަރުންގެ އެއްބަސްވުމުގެ ދަށުން އެޖެންސީގެ ފައިދާ ބެހުމުގެ ކަންކަން ސާފުކޮށް ބަޔާންކޮށްފައިވާތީ، އެ އެޖެންސީއަކީ ޖަމްއިއްޔާއަކަށްވުރެ ބޮޑަށް ކުންފުންޏެއް ފަދައިން މަސައްކަތްކުރާނެ މުއައްސަސާއަކަށް ވާތީއެވެ.

މިކަން އބމ 5 ގެ 3، 4، 5، 6، 7، 8، 9، 10، 11، 12، 13 އަދި 17 ވަނަ މާއްދާ އިން އެނގެއެވެ.

50 މި ނޫސް އެޖެންސީގެ ރަޖިސްޓްރީއަށް ބަލާއިރު، މި އެޖެންސީ ރަޖިސްޓްރީވެފައިވާ އެޑްރެހަކީ ހ. މީރުބަހުރުގޭއާގެ އެވެ.

51 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/16 ޤަޟިއްޔާ، 16 ވަނަ ޕެރެގްރާފް. މީގެ އިތުރުން، ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް [2021] SC 85 (ނަންބަރު 2019/SC-A/56 ޤަޟިއްޔާ) އާއި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް [2021] SC 99 (ނަންބަރު 2019/SC-A/52 އަދި 2021/SC-A/13 ޤަޟިއްޔާ) އާއި އިބްރާހީމް ޝަރީފް ވ. ޢަލީ މަނިކު [2023] SC 48 (ނަންބަރު 2022/SC-A/33 ޤަޟިއްޔާ) އަދި އެހެނިހެން ބައެއް ޤަޟިއްޔާ ތަކުގައިވެސް ޤާނޫނު ޤަބޫލުކުރާ އަދި ޤާނޫނު ބާރުދޭ ކޮންޓްރެކްޓަކަށް ވުމަށް ލާޒިމްވާ އުންޞުރުތަކަށް ސުޕްރީމް ކޯޓުން ހަވާލާދީފައިވެއެވެ.

52 ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ވ. ޖައުސާ ކޮންސްޓްރަކްޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2021] SC 53 (ނަންބަރު 2015/SC-A/24 ޤަޟިއްޔާ) ގައި މުޤާބިލުގެ ތައުރީފެއް ދެއްވަމުން އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން އަންނަނިވި ފަދައިން ބަޔާންކުރައްވާފައިވެއެވެ.

"ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ބޭނުމަށް މުޤާބިލަކީ ކޮންޓްރެކްޓެއްގައި ހިމެނޭ އެއް ފަރާތުން އަނެއް ފަރަތަށް ވާ ވައުދެއްގެ ރައްދުގައި ވައުދު ރައްދުވާ ފަރާތުން ވައުދުވީ ފަރަތަށް ދޭ އަގު  ނުވަތަ ކޮށްދޭ ކަމެއް  ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއް ނުވަތަ ދޫކޮށްލާ ހައްގެވެ. ކޮންޓްރެކްޓެއްގައި މުޤާބިލް އެކުލެވިފައިވޭތޯ ދެނެގަތުމުގައި ކޮންޓްރެކްޓް ކުރި ފަރާތްތަކުން ކޮންޓްރެކްޓް ކުރުމުގެ މަޤްޞަދަށް ބަލަންޖެހޭނެއެވެ. މުޤާބިލުގައި ދޭވޭ ނުވަތަ ބަދަލުކުރެވޭ އެއްޗަކީ އަގު ކުރެވޭ އެއްޗަކަށް ވުން ލާޒިމްވާނެއެވެ."

53 ސިވިލް ކޯޓުގެ ނަންބަރު 899/Cv-C/2013 ޤަޟިއްޔާގެ 4.3 ވަނަ ޕެރެގްރާފްގެ (i) ގައި ވެސް މިފަދައިން ފާހަގަކޮށްފައިވެއެވެ.

54 އބމ 46

55 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/112 ޤަޟިއްޔާ.

56 ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) ގައިވެސް ބަޔާންކޮށްފައި އޮންނަނީ މިފަދައިންނެވެ.

57 މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން) )ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/34 ޤަޟިއްޔާ)، ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު، ޕެރެގްރާޕް 49.

58 މިއީ މަދަނީ ޙައްޤެއް ހޯދަން ދަޢުވާކޮށްފައިވަނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިކަން ނުވަތަ ނޫންކަން ބެލުމުގެ ގޮތުން ތަޠުބީޤުކުރެވޭ ޤާއިދާއެކެވެ. މި ޤާއިދާއަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުންކުރެވޭ ޤާއިދާއެއްކަން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ Eastlake Lofts Condo. Ass'n v. Hoover, No. 78266-5-I (Wash. Ct. App. Jul. 29, 2019) އާއި، Davidson v. State, 802 P.2d 1374 (Wash. 1991) އާއި، Stone v. Williams, 873 F.2d 620 (2d Cir. 1989) މައްސަލައިންނާއި، އިންޑިޔާގެ State Of Maharashtra vs Digambar 1995 SCC (4) 683 އާއި، Smt. Sudama Devi vs Commissioner And Ors. 1983 (2) SCC 1 މައްސަލައިންނާއި، އޮސްޓްރޭލިޔާގެ Twigg v Twigg [2022] NSWCA 68; (2022) 402 ALR 119 އާއި، Macquarie Units Pty Ltd v Sunchen Pty Ltd [2023] NSWCA 116 މައްސަލައިންނާއި، އިނގިރޭސިވިލާތުގެ Lindsay Petroleum Co. v Hurd (1874) LR 5 PC 221 އާއި، Bourne v Swan & Edgar Ltd [1903] 1 Ch 211 އާއި، Fisher v Brooker [2009] 1 WLR 1764 ފަދަ، އަދިވެސް މިނޫންވެސް އެހެން ޤައުމުތަކުގައި ބަލައި ނިންމާފައިވާ މައްސަލަތަކުން އެނގެން އޮވެއެވެ.

59 މިރައުޔުގެ 30 ވަނަ ޕެރެގްރާފްގެ (ނ)

60 އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާއާ ގުޅިގެން އާންމު ޤާނޫނީ ޙުކުމްތަކަށް ހަވާލާދީފައިވާނަމަވެސް، އިސްތިއުނާފުކޮށް ހުށަހެޅި ހުށަހެޅުމުގައި އެއީ ކޮން ޙުކުމްތަކެއްކަން އަދި އެ ޙުކުމްތައް މި މައްސަލައާ ގުޅޭގޮތާއި، މި މައްސަލައަށް ތަޠުބީޤުކުރެވޭ ގޮތް ބަޔާންކޮށްފައިނުވާކަން ފާހަގަވެއެވެ. އަހުރެންގެ ރައުޔު ލިޔުމުގައި މި ނުކުތާއާގުޅޭ ޤާނޫނީ ޙުކުމްތަކާ ގުޅޭގޮތުން އެއްޗެއް ބުނެފައިނުވަނީ މިސަބަބަށްޓަކައެވެ.

61 އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާއެއްގައި، 36 (ތިރީސް ހައެއް) އަހަރު ދުވަސްވަންދެން ހަވީރު ތަރައްޤީކުރަން މަސައްކަތްކޮށް، މާލީ އަދި ޤާނޫނީ ރިސްކު ނަގައި، މަސައްކަތްކޮށް، ހަވީރު އަދި ޗާޕްޚާނާގެ މާލީ، ތަބީޢީ އަދި ފިކުރީ މުދާ ނިގުޅައިގަތުމަކީ ޢަދުލު އިންޞާފު ހަމަތަކާ އެއްގޮތް ކަމެއް ކަމެއްތޯ ސުވަލު އުފައްދާފައިވާހިނދު، އެ ނުކުތާއަކީ މުދަލުގެ މިލްކުވެރިކަމާގުޅޭ ނުކުތާއެއްކަމުން، މި ބައިގައި ބަޔާންކޮށްފައިވާ މިލްކުވެރިކަމާގުޅޭ ކަންކަމުން އެ ނުކުތާއަށް ޖަވާބު ލިބޭނެކަމަށްޓަކައި، ވަކިން އެ ނުކުތާއާމެދު އަހުރެން އެއްޗެއް ބުނެފައި ނުވާނެކަން ފާހަގަކުރަމެވެ.

2022/SC-A/58 [2024] SC 09

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ